ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-40)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 މޭ 2026 ގައި)
(މި ގަވާއިދުގެ 13 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2019-1069 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 15 ވަނަ މާއްދާގައިވާ ށަރުތުތަކަށް ބަލައި، އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި، އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަނުކުރާ ކޮމެޓީ
ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމެޓީ" އިންނެވެ. މިއީ، ކޮމިށަނުގެ ހުރިހާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމެޓީއެކެވެ.
2 ވަނަ މާއްދާ - އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަޑިޔާރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާ ދިނުން
(ހ) ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާދިނުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާދިނުމަށް އެކުލަވައިލާ ލިސްޓު އެކުލަވައިލުމުގައި އަމަލުކުރާނީ މި ގަވާއިދުގައިވާ ގޮތުގެ
މަތީންނެވެ.
4 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ސިފަތައް
ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހާގެ ކިބައިގައި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިހަމަވާންވާނެއެވެ.
5 ވަނަ މާއްދާ - ގާބިލު ފަރާތް ދެނެގަތުމަށް ބަލާނެ ބައިތައް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް ގާބިލު ފަރާތެއް ހޮވުމަށް މާކުސް ދޭނީ އަންނަނިވި ބައިތަކަށެވެ.
(ހ) ތައުލީމު.
(ށ) ތަޖުރިބާ.
(ނ) އިންޓެގްރިޓީ.
(ރ) އިންޓަވިއު.
6 ވަނަ މާއްދާ - މާކުސް ދިނުމަށް ކަނޑައަޅައިފައިވާ ގޮތް
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ށަރުތު ހަމަވެ މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް މާކުސް ދޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ހ) ހުށަހަޅާ ލިޔެކިޔުންތަކަށް ބަލާއިރު އަސާސީ ށަރުތު ހަމަވެ އިތުރަށް ތައުލީމު ހާސިލުކޮށް ނުވަތަ އިތުރު ތަޖުރިބާ ހުރިކަން އެނގޭ ނަމަ، އެ ކަންކަމަށް މާކުސް ދެވޭނެއެވެ.
(ށ) ހުނަރު ވަޒަންކޮށް އިންޓަވިއުއަށް ށޯޓްލިސްޓްކުރުމަށް މާކުސް ދިނުމަށް ކަނޑައެޅިފައިވަނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ތައުލީމު: 10 (ދިހައެއް) މާކުސް؛
- ތަޖުރިބާ: 20 (ވިހި) މާކުސް؛
- އިންޓެގްރިޓީ: 10 (ދިހައެއް) މާކުސް.
(ނ) އިންޓަވިއު: އިންޓަވިއުގައި ދަރަޖަކުރެވޭނީ، ކެންޑިޑޭޓުން ޕާރފޯމްކުރާ މިންވަރަށް ބަލައިގެން، ތިރީގައިވާ ގޮތުގެ މަތީންނެވެ.
- ހައިލީ ރިކޮމަންޑެޑް؛
- ރިކޮމަންޑެޑް؛ R
- ނޮޓް ރިކޮމަންޑެޑް. NR
7 ވަނަ މާއްދާ - ފަނޑިޔާރުން ހޯދުމަށް އިއުލާނުކުރުން
(ހ) ފަނޑިޔާރުކަމުގެ މަގާމަށް މީހުން ހޯދުމަށް އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. އެގޮތުން ކުރެވޭ އިއުލާނުގައި، ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
- މަގާމުގެ ނަން؛
- ބޭނުންވާ އަދަދު؛
- އަސާސީ މުސާރައާއި އިނާޔަތް؛
- ވަޒީފާ އަދާކުރަންޖެހޭ ތަން؛
- މަގާމުގެ އަސާސީ ށަރުތުތައް؛
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރެއިން ތައުލީމާއި ތަޖުރިބާގެ ލިޔުންތައް؛
- މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް؛
- މަގާމަށް އެދެންވީ ގޮތާއި ސުންގަޑި.
(ށ) ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް މަދުވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ މުއްދަތު ދޭންވާނެއެވެ.
8 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހެޅުން
(ހ) ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން އެކަމަށް ހާއްޞަކުރާ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެކަމަށް ހާއް ޞަކޮށްފައިވާ ފޯމު ފުރިހަމަކޮށް، ފޯމުގައިވާ ލިޔެކިޔުންތަކާއެކު، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
(ށ) ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހަޅާއިރު ޖުޑީށަލް ސަރވިސް ކޮމިށަނުން ފަނޑިޔާރުން ހޯދުމަށް އެދި ކުރާ އިއުލާނުގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
(ނ) ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފަރާތަކީ ކުރިން އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއް ނަމަ، ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.
(ރ) ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި، ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހެޅި ފަރާތްތަކުގެ ލިސްޓު އާންމު ކުރަންވާނެއެވެ. މި ލިސްޓުގައި، ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެސް ހިމަނަންވާނެއެވެ.
9 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހާގެ ބޮންޑެއް އޮތުން
ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހަކީ އެއްވެސް ފަރާތެއްގެ ބޮންޑެއް އޮތް މީހެއް ނަމަ، އެ ބޮންޑެއް އޮތް ފަރާތުން އެ މީހަކު ދޫކުރާނެކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ޕެންށަން
ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ މީހަކީ އެއްވެސް މުއައްސަސާއަކުން ދިގު މުއްދަތުގެ ޕެންށަން ނުވަތަ އަސާސީ ޕެންށަން ނުވަތަ ރިޓަޔަރމަންޓް ޕެންށަން ލިބޭ މީހެއް ނަމަ، އެ ޕެންށަން ލިބޭ ތަނަކާއި އަދަދު ހާމަކުރަންވާނެއެވެ.
11 ވަނަ މާޢްދާ - ހުށަހަޅައިފައިވާ ލިޔެކިޔުންތައް ޗެކްކުރުން
ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މީހުން ހޮވުމުގައި ތިރީގައިމިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ފަނޑިޔާރުކަމުގެ މަގާމަށް އެދޭ ފޯމުގައިވާ މައުލޫމާތުގެ ފުރިހަމަކަމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައިވާކަން ކަށަވަރުކުރުން.
(ށ) ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ރިފަރެންސް ނަންބަރެއް ދިނުން.
(ނ) ސަނަދެއް ނުވަތަ ފެންވަރު ހުރިކަން އަންގައިދޭ ރަސްމީ ލިޔުމެއް އޮތްކަން ކަށަވަރުކުރުމާއި އަދި ހުށަހަޅައިފައިވާ ސަނަދު ނުވަތަ ފެންވަރު ހުރިކަން އަންގައިދޭ ލިޔުމަކީ ޞައްހަ ލިޔުމެއްތޯ ބެލުން.
(ރ) ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން، މަގާމުގެ އަސާސީ ށަރުތުތަކާއި، އިއުލާނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅައިފައިވާކަން ކަށަވަރުކުރުން.
12 ވަނަ މާއްދާ - ސްކްރީން ކުރުން
(ހ) ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގައި ބަޔާންކޮށްފައިވ،ާ މަގާމުގެ
އަސާސީ ށަރުތުތައް ފުރިހަމަވެފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނަކުން، ބަޔާންކޮށްފައިވާ ކުށްތައް ބަލައި ތަހުގީގުކުރުމަށް ހެދިފައިވާ އިދާރާތަކުންނާއި ށަރީއަތް ކުރުމަށް ހެދިފައިވާ އިދާރާތަކުން، ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ މީހުންގެ ކުށުގެ
ރިކޯޑުގެ މައުލޫމާތު ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ.
(ނ) ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކަކީ އަހުލާގު ރަނގަޅު މީހެއްކަން ކަނޑައަޅާނީ، އެ މީހަކު ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނުން ހޯދާ ލިޔެކިޔުންތަކަށް ބަލައިގެންނެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މަގާމުގެ އަސާސީ ށަރުތުތައް ފުރިހަމަނުވާ ފަރާތްތަކާއި، ކުށުގެ ރިކޯޑު ހުރި ފަރާތްތަކާއި، އިންޓެގްރިޓީ ދަށްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ށަރުތު ފުރިހަމަނުވި ސަބަބު ލިޔުމުން އަންގަންވާނެއެވެ.
(ބ) ފަނޑިޔާރުކަމުގެ މަގާމަށް ށަރުތު ހަމަވާ ފަރާތާއި، އެ ކޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކާ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކުން ގުޅުމެއް އޮވެގެން ނުވާނެއެވެ.
- ނަސަބުގެ ގޮތުން (މަންމަ ނުވަތަ ބައްޕަ ނުވަތަ ކާފަ ނުވަތަ މާމަ ނުވަތަ ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ ބޮޑުބޭބެއިން ނުވަތަ ބޮޑުދައިތައިން ނުވަތަ މިއިން މީހެއްގެ ދަރިން)؛
- ކައިވެނީގެ ގޮތުން (އަނބިން ނުވަތަ ފިރިން ނުވަތަ ފުރަތަމަ ދަރަޖައިގެ ޅިޔަންފަހަރިން ނުވަތަ ބަފާބެ ނުވަތަ މައިދައިތަ)
13 ވަނަ މާއްދާ - ތައުލީމަށް މާކުސް ދިނުން
މި ބަޔަށް މާކުސް ދިނުމަށް ކަނޑައަޅައިފައިވާ ކްރައިޓީރިއާގައިވާ ގޮތަށް މާކުސް ދޭންވާނެއެވެ. ތައުލީމުގެ ބަޔަށް މާކުސް ދިނުމުގައި، ތިރީގައިވާ ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ތައުލީމީ ފެންވަރު ބެލުމަށް ހުށަހަޅާ ސެޓުފިކެޓުތަކަކީ ދައުލަތުގެ ކަމާގުޅޭ އިދާރާއަކުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ފެންވަރު ބަލައިފައިވާ ލިޔުމެއްތޯ ބަލައި ކަށަވަރު ކުރަންވާނެއެވެ. ތައުލީމީ ފެންވަރު ބެލުމަށް ހުށަހަޅާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކަކީ އެކްރެޑިޓް ކުރަންޖެހޭ ސެޓުފިކެޓެއް ނަމަ، އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ.
(ށ) ތައުލީމީ ސެޓުފިކެޓުތަކުގެ ތެރެއިން މާކުސް ދޭނީ، އެ މީހަކު ހުށަހަޅައިފައިވާ ސެޓުފިކެޓުތަކަށް ބަލައި ކްރައިޓީރިއާގައިވާ ގޮތުގެ މަތީންނެވެ.
(ނ) އެއް ލެވެލެއްގެ ތައުލީމީ ދެ ސެޓުފިކެޓު ހުށަހަޅައިފައިވާ ނަމަ، ޕޮއިންޓު ދެވޭނީ، އެއް ސެޓުފިކެޓަށެވެ.
(ރ) މަގާމުގެ ށަރުތު ހަމަކުރަން ބޭނުންކުރި ތައުލީމީ ސެޓުފިކެޓުތައް ފިޔަވައި އެޔަށް ވުރެ މަތީ ސެޓުފިކެޓުތަކުގެ ތެރެއިން މަގާމުގެ ތައުލީމީ ރޮނގާ ގުޅޭ ސެޓުފިކެޓުތަކަށް ޕޮއިންޓު ދޭންވާނެއެވެ.
14 ވަނަ މާއްދާ - ތަޖުރިބާއަށް މާކުސް ދިނުން
ތަޖުރިބާއަށް މާކުސް ދެވޭނީ، ފޯމާއެކު ހުށަހަޅައިފައިވާ ވަޒީފާ އަދާކުރި ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކަށް ބެލުމަށްފަހު، ކްރައިޓީރިއާގައިވާ ގޮތުގެ މަތީންނެވެ. ލިޔުމުގައި ތަޖުރިބާގެ މުއްދަތު ބަޔާންކޮށްފައި ނެތް ނަމަ، އެ ލިޔުމަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.
15 ވަނަ މާއްދާ - އިންޓެގްރިޓީއަށް މާކުސް ދިނުން
އިންޓެގްރިޓީއަށް މާކުސް ދެވޭނީ، ކުށުގެ ރިކޯޑު ސާފުކުރަން ކަނޑައެޅިފައިވާ އިދާރާތަކުންނާއި ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ރިކޯޑު ސާފުކުރުމަށްފަހު، ކްރައިޓީރިއާގައިވާ ގޮތުގެ މަތީންނެވެ. އަދި ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުން އެއްވެސް ދުވަސްވަރެއްގައި ކުށުގެ ރިކޯޑެއް އޮތް ނަމަ، އެ ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، މާކުސްދިނުމުގައި "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމެޓީ" އިން ގޮތެއް ނިންމަންވާނެއެވެ.
16 ވަނަ މާއްދާ - ށޯޓްލިސްޓް ކުރުން
ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓެއް، ތިރީގައިވާ އުސޫލުތަކުގެ މަތީން އެކުލަވައިލަންވާނެއެވެ.
(ހ) ތައުލީމާއި ތަޖުރިބާއާއި އިންޓެގްރިޓީން އެންމެ މަތީން މާކުސް ލިބޭ ފަރާތްތަކުގެ ތަރުތީބަށް ބަލައި، ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހެޅި ފަރާތްތައް ށޯޓްލިސްޓް ކުރެވިދާނެއެވެ. އަދި އިންޓެގްރިޓީއަށް ކަނޑައެޅިފައިވާ މާކުހުގެ%80 (އަށްޑިހަ އިންސައްތަ) ނުލިބޭ ކެންޑިޑޭޓުން ޑިސްކޮލިފައިވާނެއެވެ.
(ށ) ފަނޑިޔާރުކަމުގެ މަގާމަށް އެދި ހުށަހެޅި ފަރާތްތަކުގެ ނިސްބަތަށް ބަލައި ށޯޓްލިސްޓް ކުރާނެ އަދަދު ކަނޑައަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމެޓީ" އިންނެވެ.
(ނ) ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން ށޯޓްލިސްޓް ނުވާ ފަރާތްތަކަށް އެކަން އަންގަންވާނެއެވެ.
17 ވަނަ މާއްދާ - އިންޓަވިއު
(ހ) ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކާ ކުރާ އިންޓަވިއުގައި ދަރަޖަކުރެވޭނީ، ތިރީގައިވާ ދާއިރާތަކުން ކުރެވޭ ސުވާލުތަކުގެ މައްޗަށެވެ.
- ދުސްތޫރީ އިލްމާއި ގާނޫނީ އިލްމުގެ ހުނަރުވެރިކަން ހުރި މިންވަރު؛
- އިސްލާމީ ށަރީއާގެ އިލްމުގެ ހުނަރުވެރިކަން ހުރި މިންވަރު؛
- މިނިވަންކަމާއި، މުސްތަގިއްލުކަމާއި، ހަމަހަމަކަމާއި، އިންސާފުވެރިކަމުގެ ސިފަ ހުރި މިންވަރު؛
- ދިވެހިރާއްޖޭގެ ށަރުއީ ނިޒާމަށް ފަރިތަވެފައިވާ މިންވަރު؛
- ވާހަކަދެއްކުންތެރިކަމާއި، ރޭވުންތެރިކަމާއި، އިސްނެގުމުގެ ކުޅަދާނަކަން ހުރި މިންވަރު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ކުރެވޭނެ ސުވާލުތައް، "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމެޓީ"އިން ކަނޑައަޅަންވާނެއެވެ.
(ނ) އިންޓަވިއުއަށް ށޯޓްލިސްޓްވާ ކެންޑިޑޭޓުން އިންޓަވިއުގައި ދަރަޖަކުރެވޭނީ، އިންޓަވިއުގައި ޕަރފޯމްކުރާ މިންވަރަށް ބަލައިގެން، ކްރައިޓީރިއާގައިވާ ގޮތުގެ މަތީން "ހައިލީ ރިކޮމަންޑެޑް" އާއި، "ރިކޮމަންޑެޑް" އާއި، "ނޮޓް ރިކޮމަންޑެޑް" މި 3 (ތިނެއް) ދަރަޖައިންނެވެ.
(ރ) އިންޓަވިއު ދަރަޖަކުރުމުގައި "ހައިލީ ރިކޮމަންޑެޑް" އާއި، "ރިކޮމަންޑެޑް" އާއި، "ނޮޓް ރިކޮމަންޑެޑް" ގެ ތެރެއިން، އެ ކެންޑިޑޭޓަކަށް ދޭން ފެންނަ ދަރަޖައަކާ ދިމާގައި، އިންޓަވިއު ޕެނަލުގައި ބައިވެރިވި ހުރިހާ މެންބަރުން ފާހަގަ ލާންވާނެއެވެ.
18 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަންތައް ދަރަޖަކޮށް ތަރުތީބުކުރުން
(ހ) ކެންޑިޑޭޓުންގެ ނަންތައް ދަރަޖަކޮށް ތަރުތީބުކުރާނީ، އިންޓަވިއު ޕެނަލުގެ މެންބަރުން އިންޓަވިއުގައި ވަކިވަކި ކެންޑިޑޭޓުންނަށް ދީފައިވާ ދަރަޖަތަކަށް ކަނޑައަޅައިފައިވާ ޕޮއިންޓުގެ އެވްރެޖުންނެވެ.
(ށ) މިގޮތަށް ދަރަޖަކުރުމުގައި އެއްވަރުވާ ކެންޑިޑޭޓުން ތަރުތީބުކުރާނީ، މި ގަވާއިދުގެ
6 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބައިތަކުން، ކެންޑިޑޭޓުންނަށް ލިބިފައިވާ
މާކުހަށް ބަލައިގެން، އެންމެ މަތިން މާކުސް ލިބިފައިވާ ކެންޑިޑޭޓުންގެ ތަރުތީބުންނެވެ.
(ނ) "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމެޓީ" އިން ކެންޑިޑޭޓުންގެ ލިސްޓު ތަރުތީބުކޮށް އެކުލަވައިލާ ފައިނަލް ލިސްޓެއް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
19 ވަނަ މާއްދާ - އައްޔަނުކުރާނެ ފަނޑިޔާރުން ކަނޑައެޅުން
(ހ) "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމެޓީން"، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތައްޔާރުކޮށް ކޮމިށަނަށް ހުށަހަޅާ ލިސްޓަށް ބެލުމަށްފަހު، ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރާނެ ފަރާތްތައް ކަނޑައަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން ނަގާ ސިއްރުނޫން ވޯޓަކުންނެވެ.
(ށ) އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމުގެ މަގާމަށް ހޮވުނު ފަރާތްތަކަށް، އެ މަގާމަށް ހޮވުނުކަމާއި ނުހޮވުނު ފަރާތްތަކަށް ނުހޮވުނުކަން، ޖުޑީށަލް ސަރވިސް ކޮމިށަނުން އަންގަންވާނެއެވެ.
(ނ) ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ހޮވުނު ފަރާތްތަކުގެ ނަން ނުވަތަ ނަންތައް އާންމުކޮށް ހާމަކުރަންވާނެއެވެ.
20 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމުގެ ހުވާކުރުމާއި އައްޔަނުކުރުން
ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފައިވާ ފަރާތްތައް މަގާމުގެ ހުވާކުރުމާއި އައްޔަނުކުރުމުގެ އެންމެހައި ކަންކަން ކުރިޔަށްގެންދާނީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރައީސްގެ މަށްވަރާގެ މަތީން، ޖުޑީށަލް ސަރވިސް ކޮމިށަނުގެ އިދާރާއިންނެވެ.
21 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، "އާންމުކޮށް އިއުލާނުކުރުން" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރުން ހޯދަން ކޮމިށަނަށް ބޭނުންވެއްޖެ ހިނދެއްގައި، ގިނަބަޔަކަށް ފެންނާނެ ފަދަ ގޮތަކަށް، ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރުމަށެވެ.
22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
23 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2019-1069 (ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އުވުނީއެވެ.
މައި ގާނޫނު
- ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
- ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
ކިޔުންތެރިންގެ ހިޔާލު