-

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2018-01)

 

ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް އަންނަނިވ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

15 (ށ) (5) ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް ދެ މާއްދާ އިތުރުކުރުން.

24 – ޖިނާއީ ތަހްގީގަކާ ގުޅިގެން ސަސްޕެންޑްކުރުން

(ހ) ޖިނާއީ ކުށެއްގެ ތަހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ މުސާރަ ލިބޭ ގޮތަށް ޖުޝީށަލް ސަރވިސް ކޮމިށަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ހުކުމެއް ކަނޑައެޅެންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީށަލް ސަރވިސް ކޮމިށަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެއެވެ.

25 – ޖިނާއީ ކުށެއް ސާތިބުވުން

(ހ) ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓަކުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ކުރެވިފައިވާ ހުކުމެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެއެވެ.

(ނ) ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ކުރެވިފައިވާ ހުކުމެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެއެވެ.

(ބ) ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާތިބުވެއްޖެކަމަށް ށަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

27 (ފ) ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ށަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައީއެވެ. އަދި އެގޮތުން އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައުމަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ތައުދީބީ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުން ކަމުގައި ނުވާތީ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާއަތެއް މި ހާލަތުގައި ނުހިނގާނެއެވެ.

 

4 ވަނަ މާއްދާ – މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާއާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު