-

ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-33)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 މޭ 2026 ގައި)
(މި ގަވާއިދުގެ 14 ވަނަ މާއްދާއިން ވަނީ  ގަވާއިދު ނަންބަރު 2020-117 އާއި ގަވާއިދު ނަންބަރު 2021-06 އާއި ގަވާއިދު ނަންބަރު 2021-52 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ހ) އިންނާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ނ) ގެ 6 ވަނަ ނަންބަރާއި، އެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 50 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މި ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން، ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓުން އެ މަރުހަލާގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 50 ވަނަ މާއްދާއާ ތައާރުޒުނުވާ ގޮތުގެ މަތީން، ކޮމިށަނުން ނިންމާ ނިންމުމަކުން ނުވަތަ ފަނޑިޔާރު މަސައްކަތްކުރަމުންދިޔަ ކޯޓު އުވައިލެވޭ ހާލަތުގައި އެހެން ކޯޓެއްގައި މަސައްކަތްކުރުމަށް ދެވޭ ފުރުސަތެއްގެ ގޮތުންނެވެ. މިގޮތުން ބަދަލުކުރާ ނަމަ ބަދަލުކުރަންވާނީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އެ ފަނޑިޔާރަކު މަސައްކަތްކުރަމުންދާ ކޯޓަކާ އެއް މަރުހަލާއެއްގެ ކޯޓަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމިށަނުން ނިންމާ ނިންމުމަކީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި، މި ގަވާއިދުގެ 3 ވަނަ މާއްދާއިން ފެށިގެން 5 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ކޮމިށަނުން އެކުލަވައިލާ ރިޕޯޓުގައިވާ ކަންކަމަށް ރިއާޔަތްކޮށް، ކޮމިށަނުގެ ރަސްމީ ޖަލްސާއަކުން ފާސްވެފައިވާ ނިންމުމެއް ކަމުގައި ވާންވާނެއެވެ.

 

3 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނެ ހާލަތުތައް

މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ، އަންނަނިވި ހާލަތުތަކުން ކުރެ ހާލަތެއްގައެވެ.

(ހ) ފަނޑިޔާރަކު އަމިއްލައަށް ބޭނުންވެގެން އެހެން ކޯޓަކަށް ބަދަލުވާން އެދުން.

(ށ) ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 50 ވަނަ މާއްދާގެ (ހ) ގައިވާ ކަންކަމަށް ރިއާޔަތްކޮށް، ކޮމިށަނުން އިސްނަގައިގެން އެހެން ކޯޓަކަށް ފަނޑިޔާރު ބަދަލުކުރުން.

(ނ) ވަކި ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅުމަށް ކޮމިށަނުން އާންމުކޮށް ފުރުސަތު ހުޅުވައިލުން.

(ރ) ފަނޑިޔާރަކު ނުވަތަ އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުން މަސައްކަތްކުރާ ކޯޓެއް އުވުން.

 

4 ވަނަ މާއްދާ - ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ފުރިހަމަވާންޖެހޭ ށަރުތުތައް

މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު، އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ބަދަލުވާންއެދޭ ފަނޑިޔާރު ހުރި ކޯޓަށް އައްޔަނުކުރިތާ 2 (ދޭއް) އަހަރުދުވަސް ހަމަވެފައިވުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ހަމަނުވިކަމުގައިވިޔަސް، އެ ފަނޑިޔާރު ބަދަލުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓަކީ އެ ފަނޑިޔާރަކު ހުރި ކޯޓާ އެއް މަރުހަލާއެއްގެ ކޯޓެއް ކަމުގައިވުން.

(ރ) ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓުގައި ހުސް މަގާމެއް އޮތުން ނުވަތައެ ފަނޑިޔާރަކު ބަދަލުވާން އެދޭ ކޯޓުގައި ހުރި ފަނޑިޔާރު، އެ ބަދަލުވާ ފަނޑިޔާރު ހުރި ކޯޓަށް ނުވަތަ މަގާމު ހުސްކޮށް އޮތް އެ މަރުހަލާގެ އެހެން ކޯޓަކަށް ބަދަލުވާން
އެދުން.

(ބ) ބަދަލުވާން އެދިފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި، އެ ފަނޑިޔާރަކާ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން.

  1. ނަސަބުގެ ގޮތުން (މަންމަ ނުވަތަ ބައްޕަ ނުވަތަ ކާފަ ނުވަތަ މާމަ ނުވަތަ ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ ބޮޑުބޭބެއިން ނުވަތަ ބޮޑުދައިތައިން ނުވަތަ މިއިން މީހެއްގެ ދަރިން)؛
  2. ކައިވެނީގެ ގޮތުން (އަނބިން ނުވަތަ ފިރިން ނުވަތަ ފުރަތަމަ ދަރަޖައިގެ ޅިޔަންފަހަރިން ނުވަތަ ބަފާ ބޭ ނުވަތަ މައިދައިތަ).

(ޅ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު އުވިއްޖެ ހިނދެއްގައި، އެ މަރުހަލާގެ އެހެން ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމަށް ދެވޭ ފުރުސަތު ގަބޫ ލުކުރުން.

(ކ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު އުވިއްޖެ ހިނދެއްގައި، އަދި އެ ކޯޓަކީ، އެ މަރުހަލާގެ ހަމައެކަނި ކޯޓު ކަމުގައި ވާ ނަމަ، އެ ފަނޑިޔާރަކު، އެ އުވުނު މަރުހަލާއާ ވިދިގެން ދަށު މަރުހަލާގައިވާ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުވުމަށް އެއްބަސްވާ ނަމަ، އެފަދަ މަގާމަކަށް ބަދަލުކުރުމަށް ކޮމިށަނުން ދޭ ފުރުސަތު ގަބޫލުކުރުން.

 

5 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމާ ގުޅޭގޮތުން ކޮމިށަނުން ތައްޔާރުކުރާ ރިޕޯޓު

ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ބަދަލުކޮށްދިނުމަށް އެދި ހުށަހެޅުމުން ނުވަތަ ކޮމިށަނުން އިސްނަގައިގެން ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓާ އެއް މަރުހަލާގެ ކޯޓަކަށް ބަދަލުކުރާ ހާލަތުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަ ތްކޮށް، އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު މަސްލަހަތު އިސްވާނެ ގޮތަށް، އަދި ކޯޓުތަކުގެ މަސައްކަތަށް ދަތިނުވާނެ ގޮތެއްގެ މަތީން، އެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމަކީ ކޮމިށަނަށް ލިބިގެންވާ އިހުތިޔާރެކެވެ.

(ހ) މިގޮތަށް ބަދަލުކުރެވެނީ ކޮމިށަނުން އެކަމަށް އެކުލަވައިލާ ރިޕޯޓަށް ރިއާޔަތްކޮށެވެ. އެ ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެ ފަނޑިޔާރަކާ ގުޅޭގޮތުން ކޮމިށަނަށް ހުށަހަޅައި ފައިވާ މައްސަލަތަކ/ާށަކުވާތަކާއި އަދި އެ މައްސަލައެއް ނުވަތަ ށަކުވާއެއް ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ނުވަތަ ތަހުގީގުކޮށް ނިމި ސާބިތުވެފައިވާ މައްސަލަތައް؛
  2. ތަހުގީގުކުރަމުންދާ ނުވަތަ ތަހުގީގުކޮށްފައިވާ މައްސަލައެއް ނަމަ، އެ މައްސަލައެއްގެ ސީރިއަސްކަމާއި، އެ މައްސަލައަކާ ގުޅިގެން ފަނޑިޔާރަށް ފިޔަވަޅެއް އަޅައިފައިވާ ނަމަ، އަޅައިފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް؛
  3. ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުވާން އެދޭ ސަބަބު ނުވަތަ ކޮމިށަނުން ފަނޑިޔާރު އެހެން ކޯޓަކަށް ބަދަލުކުރާ ސަބަބު؛
  4. އެ ފަނޑިޔާރު ހުރި ކޯޓަށް އައްޔަނުކުރިފަހުން ނުވަތަ އަމިއްލައަށް އެދިގެން އެހެން ކޯޓަކަށް ބަދަލުވިފަހުން ހިނގައިފައިވާ މުއްދަތު؛
  5. އެ ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓާއި ފަނޑިޔާރު ބަދަލުވާން އެދޭ ކޯޓަށް ވޭތުވެދިޔަ 2 (ދޭއް) އަހަރުދުވަހު ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދާއި ބާވަތް؛
  6. އެ ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ބަދަލުކޮށްދިނުން އެދި ހުށަހެޅި ތާރީހާ ހަމަޔަށް ފާއިތުވި 2 (ދޭއް) އަހަރުދުވަހު ހަވާލުކޮށްފައިވާ މައްސަލަތަކުގެ ބާވަތާއި އަދަދާއި، އެ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ނިންމައިފައިވާ މައްސަލަތަކުގެ ބާވަތާއި، އަދަދާއި، ކޯޓު ބަދަލުކޮށްދިނުން އެދި ހުށަހެޅި ތާރީހާ ހަމަޔަށް ނުނިމިހުރި ހުރިހާ މައްސަލަތަކުގެ ބާވަތާއި، އަދަދާއި، އެ މައްސަލަތައް ނުނިމިހުރި ސަބަބުތައް؛
  7. އެ ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓާއި، އެ ފަނޑިޔާރު ބަދަލުވާން އެދި ހުށަހަޅައިފައިވާ ކޯޓުގެ އިހުތިސާސް ތަފާތުކަމުގައި ވާ ނަމަ، ފަނޑިޔާރުގެ ގާބިލުކަމަށް ބަލާއިރު، އެ ފަނޑިޔާރަކު މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ކޯޓަކީ ކޮން ކޯޓެއްކަން؛
  8. އެ ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ހިމެނޭ ޖުޑީށަލް ދާއިރާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދާއި، އެ ޖުޑީށަލް ދާއިރާގެ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލައިގެ ނިސްބަތާއި، ބަދަލުވުމަށް އެދި ހުށަހަޅައިފައިވާ ޖުޑީށަލް ދާއިރާގައި ހުރި ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދާއި، އެ ޖުޑީށަލް ދާއިރާގެ ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލައިގެ ނިސްބަތް؛
  9. ބަދަލުވާން އެދޭ ފަނޑިޔާރާއެކު ކުރިޔަށްގެންދެވޭ ބަސްދީގަތުމުގެ ނަތީޖާ؛
  10. ބަަދަލުކުރެވޭ ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓުގެ އިސްފަނޑިޔާރާއެކު ކުރެވޭ މަށްވަރާއިން ފާހަގަކުރެވޭ ކަންކަން އަދި ބަދަލުކުރަން އެދޭ ފަނޑިޔާރަކީ އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގައި ވާ ނަމަ، އެ ކޯޓު ނުވަތަ ދާއިރާގައި މަސައްކަތްކުރާ އެހެން ފަނޑިޔާރުންނާ ކުރެވޭ މަޝްވަރާއިން ފާހަގަކުރެވޭ ކަންކަން؛
  11. ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގެ އިސް ފަނޑިޔާރާއެކު ކަމާބެހޭ މަށްވަރާކޮށް ފާހަގަކުރެވުނު ކަންކަން؛
  12. ފަނޑިޔާރު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުގެ ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ނުވަތަ ށަރުއީ ދާއިރާގެ އަދުލުއިންސާފު ގާއިމުކުރުމަށް އަންނާނެކަމަށް ލަފާކުރެވޭ އެދެވޭ ބަދަލުތަކުގެ އެސެސްމަންޓު.

(ށ) ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރަން ފެންނަކަމުގައި ބަޔާންކޮށް މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ރިޕޯޓުގައި ހިމެނޭ ކަންކަން ފުރިހަމައަށް ދިރާސާކޮށްފައި، ކޮމިށަނުގެ ރަސްމީ ޖަލްސާއަކުން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.

 

6 ވަނަ މާއްދާ - ކޮމިށަނުން ގޮތެއް ނިންމުމުގައި ރިއާޔަތްކުރާނެ ކަންކަން

(ހ) ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރަން ފެންނަކަމުގައި ބަޔާންކޮށް މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ރިޕޯޓުގައި ހިމެނޭ ކަންކަން ފުރިހަމައަށް ދިރާސާކޮށްފައި ކޮމިށަނުން އެކަމާމެދު ގޮތެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ފަނޑިޔާރު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުގެ ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ނުވަތަ ށަރުއީ ދާއިރާގެ އަދުލުއިންސާފު ގާއިމުކުރުމަށް އެދެވޭ ބަދަލެއް ނުވަތަ ބަދަލުތަކެއް އައުމުގެ ފުރުސަތު އޮތް މިންވަރު؛
  2. ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ފަނޑިޔާރުގެ ކިބައިގައި ހުރި މިންވަރު؛
  3. ފަނޑިޔާރު ބަދަލުކުރުމުގެ ސަބަބުން، ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓުގެ މަސައްކަތްތަކަށް ބުރޫއަރާނެ މިންވަރު؛
  4. މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެނޫންވެސް އެހެން ކަންކަން.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ހާލަތުގައި ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު އުވިއްޖެ ހިނދެއްގައި، އެ ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމުގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އަމަލު ކުރާކަށް ނުޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުން އަމަލުކުރަންވާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި، އަންނަނިވި ކަންކަން ކޮމިށަނުން ކަށަވަރު ކުރަންވާނެއެވެ.

  1. ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތުން؛
  2. ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ ސަބަބުން ފަނޑިޔާރުގެ މިނިވަންކަމަށާއި ށަރުއީ ދާއިރާގެ މިނިވަންކަމަށް ނޭދެވޭ އަސަރެއް ނުކުރުން؛
  3. ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ މަރުހަލާތައ،ް ދެފުށް ފެންނަ ގޮތަކަށް އަދި ވީހައިވެސް ހާމަކަމާއެކު ހިންގުން؛
  4. ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ މަރުހަލާތައް ހިންގައި ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދިނުން.

(ށ) ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމަށް ކޮމިށަނުން ނިންމައިފި ނަމަ، އެފަދައިން ނިންމިކަން، ވީ އެންމެ އަވަހަކަށް އެ ފަނޑިޔާރަށް އަންގައި،އެ ނިންމުމާމެދު ފަނޑިޔާރު ދެކޭ ގޮތް ހުށަހެޅުމަށް އެ ފަނޑިޔާރަށް ފުރުސަތު ދޭންވާނެއެވެ. އަދި ފަނޑިޔާރު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބަލައި، ކޮމިށަނުގެ ނިންމުން ބަދަލުކުރުމުގެ ނުވަތަ ދެމެހެއްޓުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ފަނޑިޔާރަކު އައްޔަނުކޮށްފައިވާ ކޯޓު ބަދަލުކުރަން ނިންމުމުން، އެ ފަނޑިޔާރަކު ބަދަލުކުރުމަށް ކޮމިށަނުން ނިންމާ ތާރީހުން ފެށިގެން ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަސް ހަމަވެ، ޖެހިގެން އަންނަ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހު، އެ ފަނޑިޔާރަކު ބަދަލުވުމަށް އެދުނު ކޯޓުގައި އެ ފަނޑިޔާރެއްގެ މަސައްކަތް ފަށަންވާނެއެވެ. އަދި ބަދަލުކުރުމުގައި އަންނަވި ކަންކަމަށް ފުރުސަތު ދޭންވާނެއެވެ.

  1. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރު އައްޔަނުކޮށްފައިވާ ކޯޓުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމަން ފުރުސަތު ދޭންވާނެއެވެ.
  2. ބުނެވުނު މުއްދަތުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމައިފައި ނުވާ ނަމަ، އިތުރު މުއްދަތެއް ދިނުމަށް އެދ،ި ސަބަބާއެކު ކޮމިށަނުގައި އެދުމުގެ އިހުތިޔާރު، އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
  3. ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމުމަށް ޓަކައި އިތުރު މުއްދަތަކަށް އެދޭ ހާލަތުގައި، އެ ފަނޑިޔާރަކު ހުށަހަޅާ ސަބަބަށް ރިއާޔަތްކޮށް، ރަސްމީ މަސައްކަތު 15 (ފަނަރަ) ދުވަހަށް ވުރެ އިތުރުނުވާ ގޮތެއްގެ މަތީން، މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު، ކޮމިށަނަށް ލިބިގެންވެއެވެ.
  4. އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރު ބަދަލުކުރުމަށް ކޮމިށަނުން ނިންމުމަށްފަހު، ބަދަލުކުރަން ނިންމިކަމާއި، ބަދަލުކުރަން ނިންމި ތާރީހު، ކޯޓުގެ އިސްފަނޑިޔާރަށް ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓަށް އަންގަންވާނެއެވެ.
  5. އެއް ކޯޓުން އަނެއް ކޯޓަށް ފަނޑިޔާރު ބަދަލުކުރުމަށް ކޮމިށަނުން ނިންމުމަށްފަހު، އެކަމުގެ މައުލޫމާތު، ކޮމިށަނުން އާންމުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބަދަލުވާ ފަނޑިޔާރު އަމަލުކުރަންވާނެ ގޮތް

އެހެން ކޯޓަކަށް ބަދަލުކުރުމަށް ކޮމިށަނުން ނިންމާ ފަނޑިޔާރުން، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ތިރީގައިވާ މަސައްކަތްތައް ނިންމަންވާނެއެވެ.

(ހ) އެ ފަނޑިޔާރު ހުކުންކޮށްފައިވާ ގަޒިއްޔާތަކުގެ ރިޕޯޓުތައް ނިންމައި ސޮއިކުރުން.

(ށ) އެ ފަނޑިޔާރަކު އަގުދުކޮށްދީފައިވާ ކައިވެނިތަކުގެ ސެޓުފިކެޓުތަކުގައި ސޮއިކުރުން.

(ނ) ފަނޑިޔާރާ ހަވާލުކުރެވިފައި ހުރި މައްސަލަތަކާ ގުޅޭގޮތުން އިދާރީގޮތުން ނިންމަންޖެހޭ އެންމެހައި ކަންކަން ނިންމުން.

(ރ) އެއް ފަނޑިޔާރަކު ހުންނަ ކޯޓެއް ނަމަ، އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ ގަޒިއްޔާތަކުގެ ތެރެއިން އަވަސް ފިޔަވަޅު އަޅަންޖެހޭ ނުވަތަ ކޮންމެހެން ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތައް ނިންމައި، އެ ގަޒިއްޔާތަކުގެ ރިޕޯޓު ލިޔެ ސޮއިކުރުން.

 

9 ވަނަ މާއްދާ - އިތުރަށް މައްސަލަ ހަވާލުނުކުރުން

ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުމަށް ކޮމިށަނުން ނިންމުމުން، އެ ފަނޑިޔާރަކު ހުރި ކޯޓުގެ އިތުރު މައްސަލައެއް އެ ފަނޑިޔާރަކާ ހަވާލުކޮށްގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ކޯޓު ހިންގުން ހަވާލުކުރުން

އެއް ފަނޑިޔާރަކު ހުންނަ ކޯޓެއް ނަމަ، ފަނޑިޔާރު ބަދަލުކުރުމަށް ކޮމިށަނުން ނިންމުމުން، އެ ކޯޓު ހިންގުން ވަގުތީގޮތުން އެހެން ފަނޑިޔާރަކާ ހަވާލުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގައި ނެތް ކަމެއް ދިމާވުން

މި ގަވާއިދުގެ ދަށުން ގޮތެއް ނިންމުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ، އެކަމަށް ގޮތެއް ނިންމާނީ ކޮމިށަނުންނެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ފާއިތުވި 2 (ދޭއް) އަހަރުދުވަހު" ކަމަށް ބަޔާންކޮށްފައި އެވަނީ، ފަނޑިޔާރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުވާން އެދި ކޮމިށަނަށް ހުށަހަޅާ ތާރީހަށް މީލާދީ 2 (ދޭއް) އަހަރުދުވަސް ފުރިހަމަވާ މުއްދަތަށެވެ.

(ށ) "ހަވާލުކޮށްފައިވާ މައްސަލަތަކުގެ އަދަދު" ކަމަށް ބަޔާންކޮށްފައި އެވަނީ، އެ ފަނޑިޔާރަކު ބެލުމަށް ހަވާލުކޮށްފައިވާ މައްސަލަތަކަށެވެ.

(ނ) "ކޮމިށަން" ކަމަށް ބަޔާންކޮށްފައި އެވަނީ، "ޖުޑީށަލް ސަރވިސް ކޮމިށަން" އަށެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދުތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2020-117 (ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2021-06 (ގަވާއިދު ނަންބަރު 2020-117 ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އާއި، ގަވާއިދު ނަންބަރު 2021-52 (ގަވާއިދު ނަންބަރު 2020-117 ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އުވުނީއެވެ.

 

މައި ގާނޫނު

  1. ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
  2. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)

 

އުވުނު ގަވާއިދު

  1. ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-06)
  2. ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-117)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު