-

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިޖުރާތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-44)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 މޭ 2026 ގައި)

(މި އުސޫލުގެ 57 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2023-03 އުވާލެވިފައި)

 

1 ވަނަ ބާބު

އާންމު މާއްދާ

 

1 ވަނަ މާއްދާ - ތަޢާރުފާއި ނަން 

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 62 ވަނަ މާއްދާއާއި، އެ ގާނޫނުގެ 70 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާ ގުޅޭ އުސޫލުތަކާއި، މަރުހަލާތަކާއި، މިންގަނޑުތަކާއި އަދި މި ކަންކަން ތަންފީޒުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިޖުރާތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދު އެކުލަވައިލައި ޢަމަލުކުރެވެމުންދާނީ، ތިރީގައިވާ މަގުސަދުތައް ހާސިލުކުރުމަށެވެ.

(ހ) ފަނޑިޔާރުންގެ ތަޢުލީމާއި ތަމްރީނާ ގުޅޭ ބޭނުންތައް ދެނެގަތުން.

(ށ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުން،

(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ދެނެގަތުން.

(ރ) ޢަދުލުއިންސާފު ގާއިމުކުރުމުގެ މަސައްކަތަށް އާންމުންގެ އިތުބާރު އިތުރުކުރުން.

 

3 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުން

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުން އައްޔަނުކުރާ ކޮމިޓީއަކުންނެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑުގައި ހިމެނެނީ، ގާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، ނަޒާހަތްތެރިކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، ޕްރޮފެށަނަލިޒަމާއި، މުޢާމަލާތުކުރުމުގެ ހުނަރާއި އަދި އިދާރީ ހިންގުންތެރިކަމުގެ ހުނަރެވެ.

 

4 ވަނަ މާޢްދާ - މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މުއްދަތު 

(ހ) މަދުވެގެން ކޮންމެ 2 (ދޭއް) އަހަރުން އެއްފަހަރު، ހުރިހާ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނީ، މީލާދީ ކޮންމެ އަހަރެއްގެ ޖަނަވަރީމަހުން ފެށިގެން ޑިސެންބަރުމަހުގެ ނިޔަލަށެވެ. އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ކޮންމެ ބުރެއްގައި، މަދުވެގެން އެންމެ ފަހުގެ 2 (ދޭއް) އަހަރުގެ މަސައްކަތަށް ބަލަންވާނެއެވެ. އަލަށް އައްޔަނުކުރެވޭ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނީ، ކޯޓަށް އައްޔަނުކުރެވުނު ތާރީހުން (އިންޑަކްށަން ޕުރޮގުރާމު ފުރިހަމަކުރުމަށްފަހު) ފެށިގެން ޑިސެންބަރުމަހުގެ ނިޔަލަށެވެ.

(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް، ތަފާތު ފިޔަވަހިތަކަށް ބަހައި ލައިގެން ކުރިޔަށްގެންދިޔުމުގެ އިހުތިޔާރު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

 

2 ވަނަ ބާބު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީ 

 

5 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުން 

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީ އެކުލެވިގެންވާންވާނީ މަދުވެގެން 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ. އެއީ:

(ހ) ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރައީސް.

(ށ) ފަނޑިޔާރުން ފިޔަވައި، ޖުޑީށަލް ސަރވިސް ކޮމިށަނުގައި ހިމެނޭ 3 (ތިނެއް) މެންބަރުން.

(ނ) ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް.

 

6 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންގެ ދައުރު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީއަށް އެންމެ ފުރަތަމަ މެންބަރުން ހޮވުމަށްފަހު، ކޮމިޓީގެ މެންބަރުން މުޅީން އެއްކޮށް ބަދަލުނުވާނެ ގޮތަކަށް މެންބަރުންގެ ދައުރު ބަހައިލަންވާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިޓީގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމާއި ވަކިކުރުމާއި، މަސްއޫލިއްޔަތާއި ޒިންމާ

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގައި، ރައީސަކާއި ނާއިބު ރައީސަކު ހުންނަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ ރައީސަކަށް ވާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ރައީސެވެ.

(ނ) ކޮމިޓީއަށް ނާއިބު ރައީސަކު އައްޔަނުކުރާނީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގައި ނެގޭ ވޯޓަކުންނެވެ. މިކަން ކުރަންވާނީ، ކޮމިޓީގެ އެ ދައުރެއްގެ އެންމެ ފުރަތަމަ ބައްދަލުވުމުގައެވެ.

(ރ) ދައުރު ހަމަވުމުގެ ކުރިން ކޮމިޓީގެ ނާއިބު ރައީސްގެ މަގާމުގައި ހުރި މީހަކު ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ، އެ މަގާމަށް އަލުން މީހަކު އައްޔަނު ކުރަންވާނެވެ.

(ބ) ކޮޮމިޓީގެ ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ނައިބު ރައީސާ ހަވާލުކުރެވިދާނެއެވެ. އަދި ރައީސް ނެތް ހާލަތެއްގައި ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވާނީ ނައިބު ރައީސެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ނައިބު ރައީސަކު ނެތް ހާލަތެއްގައި ރައީސްގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެ ކޮމިޓީގެ އެހެން މެންބަރަކާ ހަވާލުކުރެވިދާނެއެވެ.

(ކ) ކޮމިޓީގެ ރައީސްގެ ޒިންމާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.

  1. ކޮމިޓީގެ އެޖެންޑާ ކަނޑައަޅައި މެންބަރުންނަށް އެ ކަންކަން އެންގުން؛
  2. ފަސްފަހަތް އަންގައިދޭ ކަރުދާސްތައް ފޯރުކޮށްދީފައިވާކަން ކަށަވަރުކުރުން؛
  3. މެންބަރުންގެ މަސްލަހަތު ފުށުއަރާކަމަށް ބުނެ، ތަނާޒުލްވާ މައްސަލަތަކާ މެދު ގޮތެއް ނިންމުން؛
  4. ކޯރަމް ހަމަވާކަން ކަށަވަރުކުރުން؛
  5. ބައްދަލުވުންތަކުގެ ޔައުމިއްޔާ ތަފުސީލުކޮށް ލިޔެ ބަލަހައްޓާކަން ކަށަވަރުކުރުން؛
  6. އެހެން މުއައްސަސާތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީ ތަމްސީލުކުރުން؛
  7. ވޯޓުދިން ގޮތް އެނގޭނޭހެން ރިކޯޑު ބެލެހެއްޓުން؛
  8. މިނޫނަސް ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ކަންކަމުގައި ގޮތެއް ނިންމަން ޖެހިއްޖެ ހާލަތެއްގައި ކޮމިޓީގެ މަށްވަރާގެ މަތީން އެ ކަންކަން ކުރުން.

 

8 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތާއި ޒިންމާ

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ ބޭނުމަކީ، ފަނޑިޔާރުންގެ ފަންނީ މަސައްކަތްތައް، ވަކި ފަރާތަކަށް ނުޖެހި ނަޒާހަތްތެރިކަމާއެކު ވަޒަންކުރުމުގެ އެންމެހައި ކަންކަން ވިލަރެސްކޮށް ކުރިޔަށް ގެންދިޔުމެވެ. އެގޮތުން؛

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް މި ގަވާއިދުގައިވާ ގޮތުގެ މަތީން ހޯދުން.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އިވެލުއޭޓަރުން ހުށަހަޅާ ރިޕޯޓުތައް ކޮމިޓީން ބެލުމަށްފަހު ފާސްކުރުން.

(ނ) އިވެލުއޭޓަރު ތައްޔާރުކޮށްފައިވާ ރިޕޯޓު މި ގަވާއިދާ އެއްގޮތް ނޫންކަމަށް ކޮމިޓީއަށް ފާހަގަކުރެވިއްޖެ ނަމަ، އެ ފަނޑިޔާރެއް ރީއިވެލުއޭޓުކުރުމާމެދު ގޮތެއް ނިންމުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފޮނުވުން.

(ރ) ގާބިލުކަން މެދުމިނަށް ވުރެ ދަށް ނަމަ، ފަނޑިޔާރުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕުރޮގުރާމެއް ނުވަތަ ޕުރޮގުރާމުތަކެއް ފުރިހަމަކުރުމަށް ނިންމައި އެ ކަމުގެ އިރުށާދު ދިނުން.

(ބ) ގަބޫލުކުރެވޭވަރަށް ވުރެ ދަށް ފެންވަރުގައި މަސައްކަތް ހުރުމުގެ ސަބަބުން "ގާބިލު ނުވުން" މިންގަނޑުން ދަރަޖަކުރެވޭ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ލަފާދިނުން.

(ޅ) ވަކިވަކި ފަނޑިޔާރުންގެ މަސައްކަތް ވަޒަންކުރުމަށް ޓަކައި އިވެލުއޭޓަރުން ބަރޯސާވި ލިޔެކިޔުންތަކާއި، ކަމާ ގުޅޭ މައުލޫމާތުތައް، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ފައިލުގައި ހުރިކަން ކަށަވަރުކުރުން.

(ކ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

 

 

3 ވަނަ ބާބު

ފަނޑިޔާރުންގެ މަސައްކަތު ގެ ފެންވަރު ވަޒަންކުރާ އިވެލުއޭޓަރުން

 

9 ވަނަ މާއްދާ - އިވެލުއޭޓަރުން ކަނޑައެޅުން

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ކަނޑައަޅާ އިވެލުއޭޓަރުންގެ ބޭނުމަކީ، ފަނޑިޔާރުންގެ ފަންނީ މަސައްކަތްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ވަޒަންކުރުމުގެ މަސައްކަތް ކުރުމެވެ.

(ށ) އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން ހުށަހަޅާ ނަންތަކަށް ބެލުމަށްފަހު ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.

 

10 ވަނަ މާއްދާ - އިވެލުއޭޓަރުންގެ ގޮތުގައި އައްޔަނުކުރާނެ ފަރާތްތައް

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އިވެލުއޭޓަރުންގެ ގޮތުގައި އައްޔަނުކުރާނީ، ށަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ށަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ ފަނޑިޔާރުންނެވެ.

 

11 ވަނަ މާއްދާ - އިވެލުއޭޓަރުންގެ ށަރުތުތައް

އިވެލުއޭޓަރުންގެ ގޮތުގައި އައްޔަނުކުރާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ށަރުޢީ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުން ނުވަތަ

(ށ) ށަރަފުވެރިކަމާއެކު ރިޓަޔަރކޮށް ފައިވާ ފަނޑިޔާރުންގެ ތެރެއިން، ވޭތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިނުވާ ފަރާތަކަށްވުމާއި، ފަންނީގޮތުންނާއި ޒާތީ ދިރިއުޅުމުގައި ވެސް ނަޒާހާތްތެރި ފަރާތަކަށްވުން.

 

12 ވަނަ މާއްދާ - އިވެލުއޭޓަރުންގެ ސުލޫކު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި އުޅޭ އިވެލުއޭޓަރުން، އިވެލުއޭށަނުގެ މުއްދަތުގައި، އިވެލުއޭށަނުގެ މަސައްކަތްތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޢަދުލުވެރިކަމާއެކު ކުރުމަށް ހުރަސްއެޅިދާނެ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވާންވާނެއެވެ.

 

13 ވަނަ މާއްދާ - ދަޢުވަތު ދިނުން

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ށަރުޢީ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ދަޢުވަތު ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - އިވެލުއޭޓަރުން ހޯދުމަށް އިޢުލާނުކުރުން

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތްކުރާނެ ރިޓަޔަރޑް ފަނޑިޔާރުން ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓުގައްޔާއި ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވެބްސައިޓުގައި އިޢުލާނު ކުރަންވާނެއެވެ. އިވެލުއޭޓަރުން ހޯދުމަށް ކުރާ އިޢުލާނުގައި، އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހެޅުމަށް 7 (ހަތެއް) ދުވަހަށް ވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ.

(ށ) އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެދި ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އެ ކަމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުންތައް، ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން ދިރާސާ ކުރަންވާނެއެވެ.

(ނ) ށަރުތު ފުރިހަމަނުވާ ނުވަތަ ފުރިހަމަނުވާ އެޕްލިކޭށަންތައް، ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން ބާތިލުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - އިވެލުއޭޓަރުންގެ ގޮތުގައި ކުރިމަތިލައިފައިވާ ފަރާތްތައް ށޯރޓްލިސްޓް ކުރުން

(ހ) އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުން ށޯޓްލިސްޓު ކުރަން ޖެހިއްޖެ ނަމަ، ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން އެކަން ކުރިޔަށް ގެންދަންވާނެއެވެ.

(ށ) ކެންޑިޑޭޓުން ށޯޓްލިސްޓުކުރުމުގެ މިންގަނޑާ އެއްގޮތަށް ށޯޓްލިސްޓުވާ ކެންޑިޑޭޓުން އެނގޭނެ ލިސްޓެއް، ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން ތައްޔާރުކުރަންވާނެއެވެ.

 

16 ވަނަ މާޢްދާ - އިވެލުއޭޓަރުންގެ ގޮތުގައި އައްޔަނުކުރާ ފަރާތްތަކުގެ އިންޓަވިއު

(ހ) ށޯޓްލިސްޓު ކުރެވޭ ކެންޑިޑޭޓުންނާ އިންޓަވިއު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓަވިއުއަށް ހާޒިރުވެގެން ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އިންޓަވިއު ކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - އިވެލުއޭޓަރުން އައްޔަނުކުރުން

(ހ) އިވެލުއޭޓަރުން އައްޔަނުކުރުމަށް ޓަކައި ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން، ކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ވަޒަންކޮށް، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.

(ށ) ކެންޑިޑޭޓުން ހޮވުމުގެ މަރުހަލާގައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

 

18 ވަނަ މާއްދާ - އިވެލުއޭޓަރުންގެ މުއްދަތު 

(ހ) އިވެލުއޭޓަރުންގެ ގޮތުގައި ފަނޑިޔާރުން އައްޔަނުކުރާނީ، އެ އިވެލުއޭޓަރަކާ ހަވާލުކުރެވޭ މަސައްކަތުގެ މުއްދަތު ނިމެންދެނެވެ.

(ށ) އިވެލުއޭޓަރުންގެ ގޮތުގައި ރިޓަޔަރޑް ފަނޑިޔާރުން އައްޔަނުކުރާނީ، 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ ދައުރަކަށެވެ. އަދި ދައުރު ހަމަވުމުން އަލުން އައްޔަނުކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - އިވެލުއޭޓަރުން މަސައްކަތަށް ވީއްލުން

އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުން، އިވެލުއޭޓުކުރާ މުއްދަތުގައި އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއްގެ ރަސްމީ މަސައްކަތުން ވީއްލުމުގެ އިހުތިޔާރު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - އިވެލުއޭޓަރުން ގިންތިކުރުން

އިވެލުއޭޓަރުން ގިންތިކުރާނީ އަންނަނިވި ފަދައިންނެވެ.

(ހ) ހައިކޯޓުގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އައްޔަނުކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، އެ ކޯޓުން ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފަނޑިޔާރުންނެވެ.

(ށ) ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އައްޔަނުކުރާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، އެ ކޯޓުތަކުން ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފަނޑިޔާރުންނެވެ.

(ނ) މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އައްޔަނުކުރާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުގެ ފަނޑިޔާރުންނާއި، އެ ކޯޓުތަކުން ށަރަފުވެރިކަމާއެކު ރިޓަޔަރކޮށްފައިވާ ފަނޑިޔާރުންނެވެ.

 

 

4 ވަނަ ބާބު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ މެންބަރުންނާއި އިވެލުއޭޓަރުންނާ ގުޅޭ އެހެނިހެން ކަންކަން 

 

21 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

(ހ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާ ގުޅޭގޮތުން، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އަސަރުކުރާނެ ފަދަ ފަންނީ ގުޅުމެއް ނުވަތަ ޒާތީ ގުޅުމެއް ނުވަތަ މަސްލަހަތެއް އޮތް ނަމަ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ އިވެލުއޭޓަރު، އެކަން، ކޮމިޓީގެ ސަމާލުކަމަށް ގެންނަންވާނެއެވެ. މިފަދަ ގުޅުންތަކާއި މަސްލަހަތުތަކުގެ ތެރޭގައި އެ ފަނޑިޔާރާއި އިވެލުއޭޓަރު ނުވަތަ އޭނާގެ އާއިލާގެ މީހަކު ހިމެނޭ މައްސަލައެއް ކޯޓުގައި ހިނގަމުން ދިޔުން ނުވަތަ އިވެލުއޭޓަރުގެ މާލީ މަސްލަހަތުތައް ހިމެނެއެވެ.

(ށ) އިވެލުއޭޓަރުން މިފަދަ މައުލޫމާތުތައް ހާމަނުކުރުމަކީ، އެ މީހަކު އިވެލުއޭޓަރުކަމުން ވަކިކުރުމަށް އެކަށީގެންވާ ސަބަބެކެވެ.

 

22 ވަނަ މާއްދާ - ތަނާޒުލުވުން

(ހ) އިވެލުއޭޓަރު ވަކި ފަރާތަކަށް ނުޖެހި އޭނާގެ މަސްއޫލިއްޔަތުތައް އަދާނުކުރެވިދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތް ނަމަ، އެފަދަ ސަބަބެއް އޮތްކަން އޭނާއަށް އެނގޭ ވަގުތުން ފެށިގެން، އޭނާ އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށްގެން ނުވާނެކަމަށް އޭނާއަށް ގަބޫލުކުރެވޭ ސަބަބުތައް ކޮމިޓީއަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ތަނާޒުލުވުމަށް އެދި ހުށަހެޅި ލިޔުމުގެ ކޮޕީއެއް، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް ދޭންވާނެއެވެ. އަދި އެ ކަމާ ގުޅިގެން އެ ފަނޑިޔާރު ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް އޮތް ނަމަ، މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) ކޮމިޓީގެ މެންބަރަކު ނުވަތަ އިވެލުއޭޓަރަކު ތަނާޒުލުވުމުގެ ހުއްދަ ދިނުމަށް ނިންމާނީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީންނެވެ. (ރ) ތަނާޒުލުވުމުގެ ހުއްދައަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ ނިންމުން، މަސައްކަތު 3 (ތިނެއް) ދުވަހުގެ ތެރޭގައި، ތަނާޒުލުވުމަށް އެދި ހުށަހެޅި މެންބަރަށް ނުވަތަ އިވެލުއޭޓަރަށާއި މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް ދޭންވާނެއެވެ.

(ބ) ތަނާޒުލުވުމުގެ ހުއްދައަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމަކާ ގުޅިގެން، ކޮމިޓީގެ ނިންމުން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ ފައިލުގައި ހިމަނަންވާނެއެވެ.

(ޅ) ތަނާޒުލުވުމަށްފަހު، އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް، އެއްވެސް ހައިސިއްޔަތަކުން ތަނާޒުލުވި ފަރާތް ބައިވެރިވެގެން ނުވާނެއެވެ.

 

23 ވަނަ މާއްދާ - ތަނާޒުލުވާންޖެހޭ ސަބަބުތައް 

(ހ) ކޮމިޓީގެ މެންބަރުންނާއި އިވެލުއޭޓަރުންނާ އާއިލީ ގުޅުމެއް އޮންނަ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި އެފަދަ ފަރާތަކުން ބައިވެރިވެގެން ނުވާނެއެވެ.

(ށ) ސިދާގޮތުން ނުވަތަ ނުސީދާގޮތުން މީހަކާއެކު އޮންނަ ފަންނީ ގުޅުމެއްގެ ސަބަބުން ނުވަތަ އިޖުތިމާޢީ ގުޅުމެއްގެ ސަބަބުން ނުވަތަ ޒާތީ ގުޅުމެއްގެ ސަބަބުން ނުވަތަ އެނޫންވެސް އެހެން ސަބަބަކާހުރެ ކޮމިޓީގެ މެންބަރެއްގެ ނުވަތަ އިވެލުއޭޓަރެއްގެ ނިންމުމަށް އަސަރުކޮށްފާނެކަމަށް އޭނާއަށް ގަބޫލުކުރެވިއްޖެ ނަމަ، އޭނާގެ މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއް އޮތްކަން ކޮމިޓީއަށް ވަގުތުން އަންގަންވާނެއެވެ.

(ނ) މަސްލަހަތު ފުށުއަރާކަން ހާމަކުރާ ކުރުމާމެދު، އަދި/ނުވަތަ ތަނާޒުލުވުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު، ކޮމިޓީގެ މެންބަރަކު ނުވަތަ އިވެލުއޭޓަރަކު ތަނާޒުލުކުރުމަށް ކޮމިޓީން ނިންމައިފި ނަމަ، އޭނާގެ ބަދަލުގައި އެ މަގާމު ފުރާނެ އެހެން މީހަކު ކޮމިޓީން އައްޔަނުކުރަންވާނެއެވެ.

(ރ) އެއްވެސް މީހަކު ނުވަތަ އެއްވެސް ޖަމާޢަތަކުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ މެންބަރުންނަށް ނުވަތަ އިވެލުއޭޓަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފި ނަމަ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީއަށް އެކަން އަންގަންވާނެއެވެ.

 

24 ވަނަ މާއްދާ - މަސައްކަތުން އެކަހެރިކުރުން

(ހ) އިވެލުއޭޓަރުންގެ ތެރެއިން އިވެލުއޭޓަރަކު، ތިރީގައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފި ނަމަ، އެ އިވެލުއޭޓަރަކު މަސައްކަތުން އެކަހެރި ކުރެވިދާނެއެވެ.

  1. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ މެންބަރުންގެ އަބުރަށް ހުތުރުވާ ފަދަ ޢަމަލެއް ކުރުން؛
  2. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ފަރުވާތެރިކަމާއެކު ކޮށްފައިނުވުން ހިމެނޭގޮތުން، އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގޯސްކޮށް ކަމެއް ކޮށްފައިވުން؛
  3. އުސޫލާ ހިލާފަށް ސިއްރު މައުލޫމާތު ހާމަކުރުން؛
  4. ތަނާޒުލުވުމުގައި ސަބަބު ބަޔާންކޮށްފައި ނުވުމާއި، ކަނޑައެޅިގެން ތަނާޒުލުވާންޖެހޭ ހާލަތެއްގައި ތަނާޒުލުނުވުން؛
  5. ކޮމިޓީއަށް އޮޅުވައިލުން ނުވަތަ އޮޅުވައިލަން މަސައްކަތް ކުރުން؛
  6. ކަމާބެހޭ މައުލޫމާތު ކޮމިޓީން ހާމަނުކުރާކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް އެނގުން.

(ށ) އެއްވެސް ސަބަބެއް މެދުވެރިވެގެން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ އިވެލުއޭޓަރަކު މަގާމުން ވަކިކުރަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ނަމަ، އެކަމާ ގުޅޭ ތަހުގީގު ނިމެންދެން އެ އިވެލުއޭޓަރަކު ހަވާލުކުރެވިފައިވާ މަސައްކަތުން އެކަހެރި ކުރެވިދާނެއެވެ.

(ނ) އިވެލުއޭޓަރަކު އެކަހެރިކުރުމަށް ނިންމާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ. ކޮމިޓީގެ މެންބަރަކު ނުވަތަ އިވެލުއޭޓަރަކު މަގާމުން އިސްތިއުފާދޭން އެދޭ ނަމަ، އެކަން

 

25 ވަނަ މާއްދާ - އިސްތިއުފާދިނުން

ކޮމިޓީއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ ލިޔުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބުމުން އެ މެންބަރަކު ނުވަތަ އިވެލުއޭޓަރަކު މަގާމުން ވަކިވީއެވެ.

 

26 ވަނަ މާޢްދާ - މަގާމުން ވަކިކުރުން

(ހ) ކޮމިޓީގެ މެންބަރަކު ނުވަތަ އިވެލުއޭޓަރަކު މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުން ވަކިކުރެވޭނީ ސަބަބަކާ ލައިގެން، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

(ށ) "ސަބަބު" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ ނުވަތަ ކޮމިޓީގެ މެންބަރުންގެ އަބުރަށް ހުތުރުވާ ފަދަ ޢަމަލުތަކާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ފަރުވާތެރިކަމާއެކު ކޮށްފައި ނުވުމާއި، އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގޯސްކޮށް ކަމެއް ކޮށްފައިވުމާއި، އުސޫލާ ހިލާފަށް ސިއްރު މައު ލޫމާތު ހާމަކުރުމާއި، ތަނާޒުލުވުމުގައި ސަބަބު ބަޔާންކޮށްފައި ނުވުމާއި، ކޮމިޓީއަށް އޮޅުވައިލުން ނުވަތަ އޮޅުވައިލަން މަސައްކަތް ކުރުމާއި، ކަމާބެހޭ މައުލޫމާތު ހާމަނުކުރުން ފަދަ ކަންކަން ހިމެނޭގޮތަށެވެ. 

 

 

5 ވަނަ ބާބު

ކޯރަމް އަދި ވޯޓުލުން

 

27 ވަނަ މާއްދާ - ކޯރަމް

 ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީގެ މެންބަރުންގެ ކޯރަމަކީ، 3 (ތިނެއް) އެވެ.

 

28 ވަނަ މާއްދާ - ވޯޓުލުން

(ހ) ކޮމިޓީން ކަމެއް ފާސްކުރެވޭނީ، ހާޒިރުވެ ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

(ށ) އެއްވެސް ވޯޓެއް ދެފަރާތަށް ހަމަހަމަވެއްޖެ ނަމަ، ކޮމިޓީގެ ރިޔާސަތުން ވޯޓުލައިގެން ގޮތެއް ނިންމަންވާނެއެވެ.

(ނ) ކޮމިޓީގެ މެންބަރަކު މަސައްކަތުން ތަނާޒުލުވެއްޖެ ނަމަ، އެ ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް އެއްވެސް ހައިސިއްޔަތަކުން އޭނާ ބައިވެރިވެގެން ނުވާނެއެވެ. އަދި އެ ކަމާ ގުޅޭ ނިންމުމެއްގައި އޭނާ ވޯޓު ދީގެން ވެސް ނުވާނެއެވެ.

 

 

6 ވަނަ ބާބު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިދާރީ ކަންކަން 

 

29 ވަނަ މާޢްދާ - އިދާރީ ކަންކަން ބެލެހެއްޓުން

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާ ގުޅޭ ހުރިހާ ކަމެއްގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ހުރިހާ މަރުހަލާއެއްގައި މަސައްކަތް ކުރިޔަށްދާގޮތް، ޖުޑީށަލް ސަރވިސް ކޮމިށަނުން ބަލައި އޮބްޒާރވް ކުރަންވާނެއެވެ.

(ށ) ފަނޑިޔާރުންނާ ހަވާލުކުރެވޭ މަސައްކަތްތަކާއި، ނިންމާ މައްސަލަ (ކްލިއަރެންސް ރޭޓު) ތަކާއި، އަޑުއެހުންތައް ބޭއްވި ތާރީހުތަކާއި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އެހެނިހެން ތަފާސްހިސާބުގެ މައުލޫމާތުތައް، ކޯޓުތައް މެދުވެރިކޮށް ފޯރުކޮށްދޭން ވާނެއެވެ.

(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، އައްޔަނުކުރެވޭ އިވެލުއޭޓަރާއި، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުންގެ މަސްލަހަތުގެ ފުށުއެރުމެއް ނެތްކަން، ފަނޑިޔާރުންގެ ކޮމިޓީގެ ސެކްރެޓޭރިއެޓް ކަށަވަރުކުރަންވާނެއެވެ.

(ރ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގެ އެންމެހައި އިދާރީ ކަންކަން ބަލަހައްޓާނީ، ކޮމިޓީގެ ސެކްރެޓޭރިއެޓުންނެވެ.

 

30 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުންނާއި އިވެލުއޭޓަރުން ތަމްރީނުކުރުން

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަގުސަދާއި، އެ މަސައްކަތް އެކުލެވިގެންވާ ގޮތާއި، އެ ކަމުގައި އެ ފަރާތްތަކުގެ މައިގަނޑު ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކޮމިޓީގެ މެންބަރުންނާއި އިވެލުއޭޓަރުންނަށް ފަހުމުވުމަށް ޓަކައި ބޭނުންވާނެ ތަމްރީނުތައް ދޭންވާނެއެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި، ކޮމިޓީގެ ކޮންމެ މެންބަރަކާއި ކޮންމެ އިވެލުއޭޓަރަކު ހޭދަކުރާ ކޮންމެ ދައުރެއްގައި މަދުވެގެން 1 (އެކެއް) ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވާންވާނެއެވެ. މި ތަމްރީނ،ު ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ވެސް ތަމްރީނުތައް ކުރިޔަށް ގެންދެވިދާނެއެވެ.

 

 

7 ވަނަ ބާބު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ ގޮތްތަކާއި އޭގެ ބައިތައް 

 

31 ވަނަ މާއްދާ - ފެންވަރު ވަޒަންކުރާނެ ފަރާތް

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި ކޮންމެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތަކުގެ ތެރެއިން ވަކިވަކީން ވަޒަންކުރެވޭނެއެވެ. މިފަދައިން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި މަސައްކަތްކުރާނެ އިވެލުއޭޓަރުންގެ އަދަދު ކަނޑައަޅާނީ ކޮމިޓީންނެވެ. އަދި މި މަސައްކަތުގައި އިދާރީ އެހެނިހެން ކަންކަމުގައި އެހީތެރިވުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުގެ މުވައްޒަފުން ބައިވެރިވާނެއެވެ.

 

32 ވަނަ މާއްދާ - ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުންގެ މިނިވަންކަން

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގެ ތެރޭގައި، ކޮމިޓީގެ މެންބަރުންނާއި އިވެލުއޭޓަރުން ނާއި މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުންގެ މިނިވަންކަމަށް އިހުތިރާމު ކުރާންވާނެއެވެ.

 

33 ވަނަ މާއްދާ - ފެންވަރު ވަޒަންކުރާނެ ގޮތްތައް

(ހ) ފަނޑިޔާރެއްގެ ފަންނީ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ބިނާކުރާނީ، އެ ފަނޑިޔާރެއްގެ އެޕްރެއިޒަލްގެ 2 (ދޭއް) އަހަރު ކުރިން އޭނާ މަސައްކަތް ކުރިގޮތަށް ބަލައިގެންނެވެ.

(ށ) މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި، އިވެލުއޭޓަރުން، އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ ށަރުޢީ ނިންމުންތައް ދިރާސާކުރުން (އޭގެ އޮނިގަނޑުގެ ފެންވަރު ގާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށްފައި ހުރިތޯއާއި، ސާފުކޮށް ރަނގަޅަށް ބަޔާންކޮށްފައި ހުރިތޯ ބެލުމަށް ޓަކައި)؛
  2. މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ހިންގާ އަޑުއެހުންތައް ބެލުން؛
  3. މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ މައްޗަށް މީގެ ކުރިން ހިންގައިފައިވާ ސުލޫކީ މައްސަލަތަކުގެ ނިންމުންތަކާއި، މަގުބޫލު ސަބަބެއްގެ މައްޗަށް ހުޅަހެޅިފައިވާ ށަކުވާތައް ދިރާސާކުރުން؛
  4. ފަަނޑިޔާރުން ށަރީޢަތްކުރުމުގައި ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނުވަތަ ރިއާޔަތްކުރުމަށް ބުނާ ކަންކަމާއި، މަސައްކަތުގެ ފެންވަރު ބެލޭ ފަނޑިޔާރާ ހަވާލުކުރެވޭ މައްސަލަތަކުގެ އަދަދާއި، އޭގެ ތެރެއިން ނިންމި މައްސަލަތަކުގެ އަދަދު )ކްލިއަރެންސް ރޭޓު( ބެލުން؛
  5. މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ، ކޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓުގެ އޮފިސަރުން )މިސާލަކަށ:ް ގާނޫނީ ވަކީލުން ނުވަތަ ފަނޑިޔާރުން ނުވަތަ ށަރުޢީ މަސައްކަތްތައް ނޫން މަސައްކަތްކުރާ ކޯޓުގެ މުވައްޒަފުން( ކާކުކަން ނޭނގޭ ގޮތަށް ދީފައިވާ ސަރވޭތައް ނެގުން؛
  6. މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ފަރާތްތައް )މިސާލަކަށ:ް އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުން( ދީފައިވާ ސިއްރު އިންޓަވިއުތަކަށް ރިއާޔަތްކުރުމާއި، އެ އިންޓަވިއުތަކުގެ ނަތީޖ،ާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި ބޭނުންކުރުން؛
  7. މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އިންޓަވިއ.ު

 

34 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން (ރިކޯޑުތައް)

(ހ) ހުރިހާ ފަނޑިޔާރުންނަށް ވެސް ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާއާބެހޭ ފައިލެއް، ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތަށް ތައްޔާރުކުރެވޭ ފައިލު، އިލެކްޓްރޯނިކްކޮށް ނުވަތަ ހާޑް ކޮޕީގެ ގޮތުގައި ގެންގުޅެވިދާނެއެވެ.

(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ފައިލުގައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ޓަކައި އިވެލުއޭޓަރުން ބަރޯސާވި ހުރިހާ ލިޔުންތަކެއް ހުންނަންވާނެއެވެ.

(ރ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ފައިލުގައި، ކަމާބެހޭ ހުރިހާ ލިޔުންތަކެއް ހުރިކަން ކަށަވަރުކުރުމަކީ އިވެލުއޭޓަރުގެ ޒިންމާއެކެވެ.

 

 

8 ވަނަ ބާބު

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާތައް 

 

35 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނޯޓިސް ދިނުން

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާ ފެށުމުގެ މަދުވެގެން ރަސްމީ 14 (ސާދަ) ދުވަހުގެ ކުރިން، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްކުރާ އިވެލުއޭޓަރުގެ ނަން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް އަންގަންވާނެއެވެ.

 

36 ވަނަ މާޢްދާ - އިސްވެ ތައުނުކުރުން 

(ހ) ކޮމިޓީގެ މެންބަރެއްގެ ނުވަތަ އައްޔަނުކުރެވުނު އިވެލުއޭޓަރުގެ ހަގީގީ މަސްލަހަތު ފުށުއެރުމެއް ނުވަތަ ވަކި ފަރާތަކަށް ޖެހޭކަން ނުވަތަ ވަކި ފަރާތެއްގެ މަސްލަހަތަށް އިސްކަންދޭކަން ފާހަގަކުރެވިއްޖެ ނަމަ ނުވަތަ އެފަދައިން ބެލެވިދާނެ ފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެ ފަރާތެއް އައްޔަނުކުރި ކުރުމާމެދު މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް ތައުނުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތައުނުކުރާ ނަމަ، ވީ އެންމެ އަވަހަކަށް، ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމުން އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތައުނުކޮށް ހުށަހަޅާ ހުށަހެޅުމާމެދު، ވީ އެންމެ އަވަހަކަށް ކޮމިޓީން ގޮތެއް ނިންމަންވާނެއެވެ.

 

37 ވަނަ މާއްދާ - ށަރުޢީ ނިންމުންތައް ދިރާސާކުރުން

(ހ) ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން، ފާއިތުވި 2 (ދޭއް) އަހަރުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ނިންމައިފައިވާ މައްސަލަތަކުގެ ގަޒިއްޔާ ރިޕޯޓުތަކުގެ ތެރެއިން 3 (ތިނެއް) އާއި 5 (ފަހެއް) އާ ދެމެދުގެ އަދަދެއްގެ ގަޒިއްޔާ ރިޕޯޓުތައް ހޮވަންވާނެއެވެ.

(ށ) ށަރުޢީ ނިންމުންތައް ދިރާސާކުރުމަށްފަހު، އެ ކަމާގުޅޭ ރިޕޯޓެއް އިވެލުއޭޓަރު ތައްޔާރުކުރަންވާނެއެވެ. އެ ރިޕޯޓު ވާނީ އިވެލުއޭށަން ފައިލުގެ ބަޔަކަށެވެ.

(ނ) މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުގައި، ދިރާސާކުރެވުނު ކޮންމެ ގަޒިއްޔާ ރިޕޯޓެއްގެ ކޮޕީ، އިވެލުއޭށަން ފައިލުގައި ބަލަހައްޓަންވާނެއެވެ.

(ރ) ަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ތެރެއިން އިތުރު ގަޒިއްޔާ ރިޕޯޓު ބޭނުންވާކަމަށް ފާހަގަކުރެވިއްޖެ ނަމަ، އިތުރު ރިޕޯޓު އިވެލުއޭޓަރަށް ހޯދިދާނެއެވެ. އަދި އިތުރު ރިޕޯޓު ހިމެނުމަށް ފަނޑިޔާރު އެދޭ ނަމަ، އިތުރު ރިޕޯޓު ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ.

 

38 ވަނަ މާޢްދާ - ށަރީޢަތުގެ އަޑުއެހުންތައް ބެލުން

(ހ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ކުރިޔަށްގެންދާ ނުވަތަ ކުރިޔަށް ގެންގޮސްފައިވާ ށަރީޢަތުގެ އަޑުއެހުންތަކުގެ ތެރެއިން މަދުވެގެން 2 (ދޭއް) އަޑުއެހުން އިވެލުއޭޓަރު ބަލަންވާނެއެވެ.

(ށ) ސީދާ ކޯޓު ރޫމަށް ހާޒިރުވެގެން ށަރީޢަތުގެ އަޑުއެހުންތައް ބެލުމުގެ ބަދަލުގައި، ކޯޓު އަޑުއެހުމުގެ އޯޑިއޯ ރިކޯޑިންގ ނުވަތަ ވީޑިއޯ ރިކޯޑިންގ ބޭނުންކުރެވިދާނެއެވެ.

(ނ) ށަރީޢަތުގެ އަޑުއެހުންތައް ދިރާސާކުރުމަށްފަހު، އެ ކަމާ ގުޅިގެން ފާހަގަކުރެވުނު ކަންކަމުގެ ރިޕޯޓެއް، އިވެލުއޭޓަރު ތައްޔާރުކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ސުލޫކީ ރިކޯޑުތަކާއި ށަކުވާތައް ދިރާސާކުރުން

(ހ) މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުގައި، އެ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ ރިކޯޑުތަކުގެ ކޮޕީ، އިވެލުއޭށަން ފައިލުގައި ބަލަހައްޓަންވާނެއެވެ.

(ށ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާ ގުޅޭގޮތުން ސާބިތުވެފައިވާ ސުލޫކީ ރިކޯޑުތައް، މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ބައެއްގެ ގޮތުން އިވެލުއޭޓަރު ބަލަންވާނެއެވެ.

 

40 ވަނަ މާޢްދާ - ކްލިއަރެންސް ރޭޓު

(ހ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ މުއްދަތުގައި އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލަތަކާއި، ތަނާޒުލުވެފައިވާ މައްސަލަތަކާއި، އެ ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލަތަކާއި، ނިންމައިފައިވާ މައްސަލަތަކުގެ އަދަދު ހިމެނޭ ތަފާސްހިސާބުތައް އިވެލުއޭޓަރު ބަލަންވާނެއެވެ.

(ށ) އިވެލުއޭޓަރު ބަރޯސާވި ތަފާސްހިސާބުގެ އެކްސްޓްރެކްޓްގެ ކޮޕީ، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ރައްކާކުރާ ނަމަ، އޭގެ ލިންކް، އިވެލުއޭށަން ފައިލުގައި ބަލަހައްޓަންވާނެއެވެ.

 

41 ވަނަ މާއްދާ - ކޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓު މުވައްޒަފުންނާ ކުރެވޭ ސިއްރު ސަރވޭ

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ މުއްދަތުގައި، އެ ފަނޑިޔާރާ ގުޅޭ މައުލޫމާތު ހޯދުމުގެ ގޮތުން، އެ ފަރާތްތަކަކީ ކޮންބައެއްކަން ނޭނގޭގޮތަށް ސިއްރު ސަރވޭއެއް ކުރުމަށް ޓަކައި ފަނޑިޔާރުގެ މަސައްކަތާބެހޭ މައުލޫމާތު އެނގޭނޭ ގާނޫނީ ވަކީލުންނާއި ކޯޓުގެ މުވައްޒަފުންނަށް ދަޢުވަތު ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރިޔަށްގެންދާ ސަރވޭއަކީ، އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ޖަވާބުދެވޭނެ ސުވާލު ކަރުދާހެއްގެ ގޮތުގައި އޮތުން، މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ ދަށުން ކުރިޔަށްގެންދާ ސަރވޭގައި ކޮންމެ ވަގުތެއްގައި ވެސް ބައިވެރިވެވޭނެ ފަދައިން ހުޅުވައިލެވިފައި ބެހެއްޓިދާނެއެވެ. އެ ގޮތުން ސިއްރު ސަރވޭއެއް ކުރުމަށް ޓަކައި ސުވާލުތަކެއްކޮށް ޖަވާބު ލިބިގަތުމަށް ޓަކައި އެކުލަވައިލެވޭ ފޯމު، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވެބްސައިޓުގައި ށާއިޢުކުރެވިދާނެއެވެ.

(ރ) ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ މަރުހަލާ ފިޔަވައި އެހެން ފަނޑިޔާރެއްގެ މަސައްކަތާ ގުޅޭގޮތުން ސަރވޭ ފޯމެއް ފުރިހަމަކޮށްފައިވާ ނަމަ، އެ ފޯމެއްގެ ނަތީޖާ ބޭނުންކުރާނީ، އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ މަރުހަލާގައެވެ.

(ބ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އިންޓަވިއު ކުރިޔަށް ގެންދެވޭ ދުވަހު، ބުނެވިދިޔަ ސުވާލު ކަރުދާހަށް ދީފައިވާ އިޖާބަތަކުގެ ހުލާސާއެއް، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާ، އިވެލުއޭޓަރު ހިއްސާކުރަންވާނެއެވެ.

(ޅ) މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް، ކާކުކަން ނޭނގޭގޮތަށް ދީފައިވާ ޖަވާބުތަކަށް ކޮމެންޓުކުރުމުގެ ފުރުސަތު އިންޓަވިއުގައި ދޭންވާނެއެވެ.

(ކ) ކާކުކަން ނޭނގޭގޮތަށް ކުރިޔަށްގެންދާ ސަރވޭއަށް ލިބޭ އިޖާބަތަކުގެ ކޮޕީއާއި، އެއަށް ފަނޑިޔާރު ކޮށްފައިވާ ކޮމެންޓުތަކާއި، އެޔާ ގުޅިގެން އިވެލުއޭޓަރު އިތުރަށް ހޯދަން އެދިފައިވާ މައުލޫމާތެއް ވާ ނަމަ، އެ މައުލޫމާތެއް، އިވެލުއޭށަން ފައިލުގެ ބައެއްގެ ގޮތުގައި ބަލަހައްޓަންވާނެއެވެ.

 

42 ވަނަ މާޢްދާ - ފަނޑިޔާރުގެ މަސައްކަތް ތަޖުރިބާކޮށްފައިވާ ފަރާތްތަކާއެކު ކުރާ ސިއްރު އިންޓަވިއުތައް

(ހ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ މުއްދަތުގައި، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާބެހޭ މައުލޫމާތު އެނގޭނޭ އެހެން ފަނޑިޔާރުންނާއި، ކޯޓުގެ މުވައްޒަފުންނ،ާ އިވެލުއޭޓަރަށް އިންޓަވިއު ކުރެވިދާނެއެވެ. ފަނޑިޔާރާބެހޭގޮތުން މިގޮތަށް އިންޓަވިއު ކުރެވޭ ފަރާތާއި ފަނޑިޔާރާ ދެމެދު އެއްވެސް ޒާތެއްގެ ދެކޮޅުވެރިކަމެއް ނުވަތަ އަދާވާތްތެރިކަމެއް ނުވަތަ ގާތްކަމެއް އުފެދިފައިވާކަން ނުވަތަ ނޫންކަން އިވެލުއޭޓަރު ކަށަވަރު ކުރަންވާނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާ ފެށުމާއެކު އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލަންވާނެއެވެ.

(ނ) އިވެލުއޭޓަރު ބޭނުންވެއްޖެ ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ އިންޓަވިއުތައް، އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ނުވަތަ މުވާސަލާތީ އެހެން ވަސީލަތެއްގެ ޒަރީއާއިން ވެސް ކުރިޔަށް ގެންދެވިދާނެއެވެ.

(ރ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އިންޓަވިއު ކުރިޔަށް ގެންދެވޭ ދުވަހު، މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް އިންޓަވިއުއެއް ކުރިޔަށް ގެންގޮސްފައިވާ ނަމަ، އެ އިންޓަވިއުއެއްގެ ހުލާސ،ާ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާ، އިވެލުއޭޓަރު ހިއްސާކުރަންވާނެއެވެ.

(ބ) ފަނޑިޔާރަށް ފޯރުކޮށްދެވެނީ ލިޔުމުން އޮންނަ ހުލާސާއެއްކަމަށްވާ ނަމަ، އިންޓަވިއު ކުރެވުނު ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރަންވާނެއެވެ.

(ޅ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް، އިވެލުއޭޓަރު ހިއްސާކުރާ އިންޓަވިއުގެ ހުލާސާއަށް ކޮމެންޓުކުރުމަށް މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރާއެކު ކުރިޔަށްގެންދާ އިންޓަވިއުގައި ފުރުސަތު ދޭންވާނެއެވެ.

 

43 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އިންޓަވިއު

(ހ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ކޮންމެ ފަނޑިޔާރެއްގެ އިންޓަވިއުއެއް އިވެލުއޭޓަރު ކުރިޔަށް ގެންދަންވާނެއެވެ.

(ށ) އިންޓަވިއު އޮންނާނެ ދުވަހުގެ މަދުވެގެން 5 (ފަހެއް) ދުވަހުގެ ކުރިން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ.

(ނ) އިންޓަވިއުގެ ތެރޭގައި، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް، އިވެލުއޭޓަރު، މުޅި އިވެލުއޭށަނުގެ ހުލާސާއެއް ދޭންވާނެއެވެ.

(ރ) މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ބައެއްގެ ގޮތުން އިވެލުއޭޓަރު އެއްކޮށްފައިވާ ލިޔުން/ލިޔުންތައް ބެލުމުގެ ހައްގު، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް ލިބިގެންވެއެވެ. އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ކޮންމެ ކަމަކަށް ވެސް ކޮމެންޓު ކުރުމުގެ ފުރުސަތު، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް އިންޓަވިއުގައި ދޭންވާނެއެވެ.

(ބ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ އަމިއްލަ މަސައްކަތުގެ ފެންވަރާމެދު އަދި ފަންނީ ކުރިއެރުމާމެދު ކޮމެންޓުކުރުމުގެ ފުރުސަތު، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް ދޭންވާނެއެވެ.

(ޅ) އިންޓަވިއު ނިންމުމުން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ ހާޒިރުގައި، އެ ފަނޑިޔާރުގެ ކޮމެންޓުތައް ހިމެނޭގޮތުން، މަށްވަރާކުރެވުނު މައުޒޫޢީ މައްސަލަތަކާއި މުހިންމު ޕޮއިންޓްތައް ހިމެނޭ ހުލާސާ ދެލިކޮޕީއެއް އިވެލުއޭޓަރު ތައްޔާރުކުރަންވާނެއެވެ. އަދި އޭގައި މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ސޮއިކުރަންވާނެއެވެ.

(ކ) ލިޔުމުން އޮތް ހުލާސާގައި ސޮއިކުރަން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު ދެކޮޅުހެދިނަމަވެސް، އޭގެ ސަބަބުން އެ ލިޔުން ނުވަތަ މުޅި މަރުހަލާ ބާތިލެއް ނުވާނެއެވެ.

(އ) އިންޓަވިއުއަށްފަހު ޕަރފޯމަންސް ޕްލޭނެއް، އިވެލުއޭޓަރު ތައްޔާރުކުރަންވާނެއެވެ. އަދި އެ ޕްލޭން ލިޔެ ތައްޔާރުކުރުމަށް، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރު، އިވެލުއޭޓަރަށް އެއްބާރުލުން ދޭންވާނެއެވެ.

(ވ) މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ކޮންމެ ފަނޑިޔާރަކާއެކު ކުރިޔަށްގެންދެވޭ އިންޓަވިއުތަކަކީ އިވެލުއޭށަން ފައިލުގެ ބައެއްގެ ގޮތުގައި ވީޑިއޯ ރިކޯޑުކޮށް ރައްކައުތެރިކުރެވޭނެ މައުލޫމާތެކެވެ.

 

44 ވަނަ މާއްދާ - އިވެލުއޭށަން ރިޕޯޓު 

(ހ) އިންޓަވިއު ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިވެލުއޭށަން ރިޕޯޓު، އިވެލުއޭޓަރު ތައްޔާރުކޮށް، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރެވުނު ފަނޑިޔާރަށް ކޮމިޓީން އެ ރިޕޯޓު ފޯރުކޮށްދޭންވާނެއެވެ.

(ށ) އިވެލުއޭށަން ރިޕޯޓުގައި، އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.

  1. ގާނޫނީ ދާއިރާއިން ކިޔެވި ތަޢުލީމީ މަރުކަޒާއި، މީގެ ކުރިން ށަރުޢީ ދާއިރާގައި އަދާކުރި ވަޒީފާ ހިމެނޭގޮތަށް، ކަމާ ގުޅޭ ވަނަވަރު.
  2. ފާއިތުވެދިޔަ ދައުރުގައި ފަނޑިޔާރުގެ މަސައްކަތް ހުރިގޮތް. މީގެ ތެރޭގައި ފަނޑިޔާރުގެ ގާބިލުކަން ބަލާ މިންގަނޑު (ގާނޫނީ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، ނަޒާހަތްތެރިކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ޕްރޮފެށަނަލިޒަމާއި، މުޢާމަލާތުކުރުމުގެ ހުނަރާއި، ހިންގުމުގެ ހުނަރު) ގެ ތެރެއިން އާދަޔާ ހިލާފަށް ރަނގަޅަށް ނުވަތަ ވަރަށް ދަށްކޮށް މަސައްކަތުގެ ފެންނަންހުރި ދާއިރާތައް ފާހަގަކުރުން؛
  3. ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުން ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ޖުމުލަ ގޮތެއްގައި ވަޒަންކުރުން؛
    3.1 ގާބިލު
    3.2 ގާބިލުކަން މެދުމިން
    3.3 ގާބިލުކަން މެދުމިނަށްވުރެ ދަށް
    3.4 ގާބިލު ނުވުން
  4. ރިޕޯޓުގައިވާ ލަފަޔާ ގުޅޭގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނުން އެންމެ ފަހުގެ ނިންމުމެއް ނިންމުމަށް އެހީތެރިކަމަކަށް ވެދާނެކަމަށް އިވެލުއޭޓަރަށް ގަބޫލުކުރެވޭ އިތުރު މައުލޫމާތ.ު

(ނ) އިވެލުއޭށަން ރިޕޯޓު ވާންވާނީ، ފުރިހަމަޔަށް ސަބަބު ބަޔާންކޮށް، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި އިވެލުއޭޓަރު ބަރޯސާވާ ހެކިތަކަށް ރިއާޔަތްކޮށްގެން އެކުލަވައިލާ ރިޕޯޓަކަށެވެ.

(ރ) ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނަތީޖާއަށް ބަލައި، އަންނަނިވި ގޮތްތަކުގެ މަތީން ފަނޑިޔާރާމެދު ޢަމަލުކުރުރާނެ ގޮތެއްގެ ލަފާ، އިވެލުއޭށަން ރިޕޯޓުގައި ހިމަނަންވާނެއެވެ.

  1. "ގާބިލުކަން މެދުމިނަށް ވުރެ ދަށް" މިންގަނޑުން ދަރަޖަކުރެވޭ ފަނޑިޔާރުންގެ ރިޕޯޓުގައި، ފެންވަރު ރަނގަޅުކުރާނެ ގޮތުގެ ޕްލޭނެއް ހިމަނައި، އިތުރު ތަމްރީނު ހަދަން ލަފާދޭ ނަމަ، އެކަން ފާހަގަކުރުން؛
  2. "ގާބިލުނުވުން" މިންގަނޑުން ދަރަޖަކުރެވޭ ފަނޑިޔާރުން މަގާމަށް ގާބިލުނޫން ކަމުގައި ކަނޑައަޅައި، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ފެންނަކަމުގައި ހިމެނުން.

 

45 ވަނަ މާއްދާ - އިވެލުއޭށަން ރިޕޯޓަށް ކޮމެންޓްކުރުން

އިވެލުއޭށަން ރިޕޯޓު ލިބޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ ރިޕޯޓަށް ފަނޑިޔާރު ލިޔުމުން ހުށަހަޅަން ބޭނުންވާ ކޮމެންޓުތަކާއި ކިތާބީ ހެކިތައް، އިވެލުއޭޓަރަށް ހުށަހަޅަންވާނެއެވެ.

 

46 ވަނަ މާއްދާ - އިވެލުއޭށަން ރިޕޯޓު އިސްލާހުކޮށް ފައިނަލްކުރުން

(ހ) އިވެލުއޭށަން ރިޕޯޓަށް ފަނޑިޔާރު ލިޔުމުން ކޮމެންޓުކޮށްފައިވާ ނަމަ، އިވެލުއޭށަން ރިޕޯޓު ފައިނަލްކުރުމުގެ ކުރިން، އެ ކޮމެންޓުތަކާއި ކިތާބީ ހެއްކަށް އިވެލުއޭޓަރު ރިއާޔަތް ކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިވެލުއޭޓަރު އިވެލުއޭށަން ރިޕޯޓް ފައިނަލްކޮށް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

47 ވަނަ މާއްދާ - ކޮމިޓީއަށް އިވެލުއޭށަން ރިޕޯޓު ހުށަހަޅަ އި ފާސްކުރުން

(ހ) އިވެލުއޭށަނުގެ ފައިނަލް ރިޕޯޓުގެ ހުރިހާ މަސައްކަތެއް ނިމުމާއެކު، ރިޕޯޓާމެދު ގޮތެއް ނިންމުމަށް ޓަކައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީއަށް އެ ރިޕޯޓު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި، އަންނަނިވި ލިޔުންތައް ހިމަނަންވާނެއެވެ.

  1. ށަރުޢީ ނިންމުންތައް ދިރާސާކުރާ ރިޕޯޓު؛
  2. ސާބިތުވެފައިވާ ސުލޫކީ މައްސަލަތަކުގެ ދިރާސާ ރިޕޯޓު؛
  3. ށަރީޢަތުގެ އަޑުއެހުންތައް ދިރާސާކުރުމަށްފަހު ތައްޔާރުކުރާ ރިޕޯޓު؛
  4. ތަފާސްހިސާބު؛
  5. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިންޓަވިއުގެ ހުލާސާ؛
  6. ފަނޑިޔާރު ލިޔުމުން އެއްވެސް ކޮމެންޓެއް ހުށަހެޅި ނަމަ، އެ ކޮމެންޓުތައް؛
  7. އަމިއްލައަށް ރަނގަޅުކުރަންޖެހޭ ކަންކަމުގެ ޕްލޭން؛
  8. މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގެ ބައެއްގެ ގޮތުން ހޯދައިފައިވާ، ގުޅުންހުރި އެހެނިހެން މައުލޫމާތުތަކާއި ލިޔުންތައް.

(ނ) އިވެލުއޭށަން ރިޕޯޓު ކޮމިޓީއަށް ލިބޭތާ ގިނަވެގެން ރަސްމީ 20 (ވިހި) ދުވަހުގެ ތެރޭގައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން ރިޕޯޓު ފާސްކުރަންވާނެއެވެ.

(ރ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އިވެލުއޭޓަރު ކޮމިޓީއަށް ހުށަހަޅާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާ ކޮމިޓީން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވުނު ކޮންމެ ފަނޑިޔާރަކަށް ކޮމިޓީގެ ރިކޮމެންޑޭށަން ރިޕޯޓެއް އެކު ލަވައިލައި، ޖުޑީށަލް ސަރވިސް ކޮމިށަނަށް އެ ރިޕޯޓު ހުށަހަޅައި، ޖުޑީށަލް ސަރވިސް ކޮމިށަނުން އެ ރިޕޯޓު ފާސްކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ކޮމިޓީގެ ރިކޮމެންޑޭށަން 

ފަނޑިޔާރުންގެ ގާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ނަތީޖާއަށް ބަލައި، އަންނަނިވި ގޮތްތަކުގެ މަތީން ފަނޑިޔާރުންނާމެދު ޢަމަލުކުރާނެ ގޮތުގެ ލަފާ، ކޮމިޓީން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ދޭންވާނެއެވެ.

(ހ) "ގާބިލުކަން މެދުމިނަށްވުރެ ދަށް" މިންގަނޑުން ދަރަޖަކުރެވޭ ފަނޑިޔާރުންނަށް، އެ ފަނޑިޔާރެއްގެ ގާބިލުކަން ރަނގަޅުކުރުމަށް ފަނޑިޔާރު އިސްލާހުކުރަންވީ ކަންކަމުގެ އިރުށާދު، ޖުޑީށަލް ސަރވިސް ކޮމިށަނުން ދޭންވާނެއެވެ. އަދި ފަނޑިޔާރުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕުރޮގުރާމެއް ނުވަތަ ޕުރޮގުރާމުތަކެއް ފުރިހަމަކުރުމަށް ފެންނަ ނަމަ، އެފަދައިން ފަނޑިޔާރު ފުރިހަމަކުރަންޖެހޭކަމަށް ފެންނަ ޕުރޮގުރާމުތަކުގެ އިރުށާދު ދޭންވާނެއެވެ.

(ށ) "ގާބިލުނުވުން" މިންގަނޑުން ދަރަޖަކުރެވޭ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫން ކަމުގައި ކަނޑައަޅައި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން، ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމަންވާނެއެވެ.

(ނ) "ގާބިލުނުވުން" މިންގަނޑުން ދަރަޖަކުރެވޭ ފަނޑިޔާރުން ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫން ކަމުގައި ކަނޑައެޅުމުގެ ކުރިން، ޖުޑީށަލް ސާރވިސް ކޮމިށަނަށް ހާޒިރުވެގެން ނުވަތަ ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ބަންދު ދުވަސް ހިމެނޭހެން ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) ފަނޑިޔާރަކު ފާހަގަކުރާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު އިވެލުއޭޓަރު ތައްޔާރުކޮށްފައިވާ ރިޕޯޓާއި، ކޮމިޓީގެ ރިކޮމެންޑޭށަން ރިޕޯޓު އަލުން ދިރާސާކުރުމަށް، ޖުޑީށަލް ސަރވިސް ކޮމިށަނުން ކޮމިޓީއަށް ފޮނުވުމަށް ނިންމިދާނެއެވެ.

(ބ) ރިޕޯޓުތައް ދިރާސާކުރުމަށްފަހު ކޮމިޓީން ހުށަހަޅާ ހުށަހެޅުމާމެދު، ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ.

(ޅ) "ގާބިލު" މިންގަނޑުން ވިދިވިދިގެން 2 (ދޭއް) އަހަރު ދަރަޖަކުރެވޭ ފަނޑިޔާރުންނަށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކުރިއެރުން ދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ނިންމިދާނެއެވެ.

  1. މުސާރައިގެ އިންކްރިމެންޓެއް ދިނުން؛
  2. އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުވާން ހުޅުވައިލާ ފުރުސަތުތަކުގައި އިސްކަންދިނުން؛
  3. ދަށު މަރުހަލާއެއްގެ ކޯޓަކުން މަތީ މަރުހަލާއެއްގެ ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ހާލަތުގައި، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަކަށް ލިބުނު ނަތީޖާއަށް ރިއާޔަތްކުރުން؛
  4. އިސް ފަނޑިޔާރު ނުވަތަ އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ އިސް މެޖިސްޓްރޭޓުގެ މަގާމަށް އައްޔަނުކުރުމުގައި އިސްކަންދިނުން.

 

49 ވަނަ މާޢްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައަޅާ ރިޕޯޓާބެހޭ ގޮތުން ށަކުވާ ހުށަހެޅުން

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމި ގޮތުގެ ރިޕޯޓުގެ ކޮޕީއެއް، އެ ނިންމުން ނިންމިތާ ގިނަވެގެން ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ނިންމުން ރައްދުވާ ފަނޑިޔާރަކަށް ދޭންވާނެއެވެ.

(ށ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމާމެދު ށަކުވާއެއް އޮވެއްޖެ ނަމަ، އެ ނިންމުން ފަނޑިޔާރަށް ލިބޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެކަން ބަލައިދިނުމަށް އެދި އެ ނިންމުން ރައްދުވާ ފަނޑިޔާރު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި ށަކުވާއެއް ހުށަހަޅައިފައި ނުވާ ނަމަ ބެލެވޭނީ ށަކުވާއެއް ނެތްކަމަށެވެ. އަދި އެ ރިޕޯޓުތަކާމެދު ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފައިވާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައެޅުމުގައި އެންމެ ފަހުގެ ނިންމުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާތައް ކޮމިށަނުން ބެލުމަށްފަހު، ގިނަވެގެން 60 (ފަސްދޮޅަށް) ދުވަހުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ނިންމަންވާނެއެވެ. އަދި ކޮމިށަނުގެ ނިންމުން، މަސައްކަތުގެ ފެންވަރު ވަޒަންކުރެވުނު ފަނޑިޔާރަށް، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމަކީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ކަނޑައެޅުމުގައި ނިންމާ އެންމެފަހުގެ ނިންމުމެވެ.

 

 

9 ވަނަ ބާބު

އެހެނިހެން ކަންކަން

 

50 ވަނަ މާއްދާ - ށަކުވާ

(ހ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ މުއްދަތުގެ ތެރޭގައި، މި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ހިނގާކަމަށް ތުހުމަތުކުރެވޭ ނަމަ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިޔުމުން އެ ކަމެއްގެ ށަކުވާ، މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރަށް ހުށަހެޅިދާނެއެވެ.

(ށ) ޖުޑީށަލް ސަރވިސް ކޮމިށަނުން ށަކުވާ ބަލައިގަނެ، ސަބަބުތަކުގެ މައްޗަށް ބިނާކޮށް ނިންމުމެއް ނިންމުމުގެ ކުރިން، ފަނޑިޔާރު ހުށަހަޅައިފައިވާ އެ ކަމާ ގުޅުންހުރި ހެއްކާއި، ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށާއި، ކޮމިޓީގެ ހުށަހެޅުންތަކަށް ވެސް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަރުހަލާގައި ކުށްތަކެއް ހެދިފައި ހުރިކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ ކަންކަން އިސްލާހުކުރާނެ ގޮތުގެ އިރުށާދުތައް ކޮމިޓީއަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއަކާމެދު ޖުޑީށަލް ސަރިވސް ކޮމިށަނުން ނިންމުމެއް ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ނިންމުން ލިޔުމުން ފަނޑިޔާރަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހުށަހަޅާ ށަކުވާއާއި، އެއާ ގުޅިގެން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފައިވާ ނިންމުންތައް އިވެލުއޭށަން ފައިލުގައި ހިމަނަންވާނެއެވެ.

 

51 ވަނަ މާޢްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާ ގުޅޭ ކޮމިށަނުގެ ނިންމުންތައް އިސްތިއުނާފު ނުކުރެވުމާއި ދަޢުވާ ނުކުރެވުން

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާ ގުޅޭގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ އެއްވެސް ނިންމުމެއް އިސްތިއުނާފު ކުރުމަށް ޓަކައި ޖުޑީށަލް ސަރވިސް ކޮމިށަނަށް ނުވަތަ ދިވެހިރާއްޖޭގެ އެއްވެސް ށަރުޢީ ކޯޓަކަށް ހުށައެއް ނޭޅޭނެއެވެ.

 

52 ވަނަ މާޢްދާ - ސިއްރު ހިފެހެއްޓުން

ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ހޯދޭ އެންމެހައި މައުލޫމާތާއި، އެކުލަވައިލެވިފައިވާ އެންމެހައި ރިޕޯޓުތަކުގެ ސިއްރު، އެ މަސައްކަތުގައި ށާމިލުވީ އެންމެހައި ފަރާތްތަކުން ހިފަހައްޓަންވާނެއެވެ.

 

53 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަންތައްތައް

މި ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމެއްގައި ޢަމަލުކުރާނެ ގޮތް ކަނޑައަޅާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.

 

54 ވަނަ މާއްދާ - މުއްދަތު ގުނާނެ ގޮތް

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، މި ގަވާއިދުގައިވާ މުއްދަތުތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

 

55 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒެއް، މި މާއްދާގެ (ށ) ގެ ދަށުން މާނަކުރެވިފައި ނުވާ ނަމަ، އެ ލަފުޒެއް މާނަކުރާނީ، ކަމާ ގުޅޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

  1. "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތަށް ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވައިލާ ކޮމިޓީއަށެވެ.
  2. "މެންބަރުން" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތަށް ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވައިލާ ކޮމިޓީގެ މެންބަރުންނަށެވެ.
  3. "އިވެލުއޭޓަރުން" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ޢަމަލީ މަރުހަލާގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަކިވަކި ފަރާތްތަކަށެވެ.
  4. "ސުޕީރިއަރ ކޯޓު" ކަމަށް ބުނެފައި އެވަނީ، ފުރަތަމަ މަރުހަލާގެ މައްސަލަ ބެލުމަށް ގާނޫނު ނަންބަރު 2010-10 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓުތަކަށެވެ.
  5. "މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ފަނޑިޔާރުން" ކަމަށް މި ގަވާއިދުގެ ބޭނުމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންނަށެވެ.
  6. "އާޢިލީ ގުޅުން" ކަމަށް ބުނެފައި އެވަނީ، މަންމަ ނުވަތަ ބައްފަ ނުވަތަ މާމަ ނުވަތަ ކާފަ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން އަދި ފޮސްޓަރ ކުދީންނަށް ނުވަތަ ށަރުޢީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ނުވަތަ ގާނޫނީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބަލާ ކުދީންނަށެވެ.

 

56 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

57 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވެބްސައިޓުގައި 6 މާރިޗު 2023 ގައި ށާއިޢުކޮށްފައިވާ، "ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ އިޖުރާއަތު ގަވާއިދު" އުވުނީއެވެ.

 

މައި ގާނޫނު

  1. ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
  2. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
  3. ގާނޫނުއަސާސީ - 2008 ގެ 159 ވަނަ މާްދާ

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު