-

ވަޒީފާއާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 2008-02)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް، ލޭބަރ ރިލޭށަންސް އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ގާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ވަޒީފާއާބެހޭ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ހިންގޭނެ ދާއިރާ

(ހ) އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މި ގާނޫނު ހިންގޭނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ލިބިދޭ ހައްގުތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ލިބޭގޮތަށް ކުރެވޭ އެއްބަސްވުމެއްގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާފަރާތް އެއްބަސްވުމަކީ، މި ގާނޫނު މަނާކުރާ ކަމެއްނޫނެވެ.

(ނ) ވަޒީފާ އަދާކުރާފަރާތަށް މި ގާނޫނުގެ ދަށުން ލިބިދޭ ހައްގެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއް ވާނީ، ބާތިލު މާއްދާއަކަށެވެ.

 

2 ވަނަ ބާބު

އަސާސީ އުސޫލުތައް

3 ވަނަ މާއްދާ - މަޖުބޫރުން މަސައްކަތްކުރުވުން މަނާކުރުން

(ހ) އެއްވެސް މީހަކު ލައްވައި، މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

(ށ) "މަޖުބޫރުން މަސައްކަތް ކުރުވުން" މާނަކޮށްދެނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި ދޭ ހިދްމަތެއް ހޯދުން ފިޔަވައި، އަދަބެއް ދޭނެކަމުގެ އިންޒާރުދީގެން ނުވަތަ ނުފޫޒުގެ ބާރު ބޭނުންކޮށް ބިރުދައްކައިގެން މީހެއްގެ ފަރާތުން ހިދްމަތެއް ހޯދުމަށެވެ. ނުވަތަ މަސައްކަތެއް ކުރުވުމަށެވެ. ނަމަވެސް މި މާނަކުރުމުގައި، އަންނަނިވި ކަންތައްތަކެއް ނުހިމެނެއެވެ.

  1. ށަރީއަތުން ކުރާ ހުކުމެއްގެ ދަށުން މީހަކު ލައްވާ ސަރުކާރުގެ ކަމާބެހޭ ފަރާތުގެ ކޮންޓްރޯލާއި ބެލުމުގެ ދަށުން ކުރުވާ މަސައްކަތް ނުވަތަ ހޯދާ ހިދްމަތް؛
  2. މުޅި އާބާދީގެ ނުވަތަ އާބާދީގެ ބައެއްގެ މީހުންގެ ފުރާނަޔަށް ނުވަތަ ދުޅަހެޔޮކަމަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ކުއްލި ހާލަތުތަކުގައި، އެފަދަ ހާލަތުތަކުގައި ކުރުވަން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭ ނިސްބަތަށް ކުރުވާ މަސައްކަތް ނުވަތަ ހޯދާ ހިދްމަތް.

 

4 ވަނަ މާއްދާ - ތަފާތު ނުކުރުން

(ހ) ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑަ އެޅުމުގަޔާއި، އުޖޫރަ އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ށަރްތުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާއީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ހިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ގާނޫނާއި ހިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރެ ނިކަމެތިވެފައިވާ ފަރާތްތަކާއި، އިޖްތިމާއީގޮތުން ނިކަމެތިކަން ފޯރާފައިވާ ފަރާތްތަކުގެ ހާލަތަށް ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ މަގްސަދުގައި، ވަކިއުސޫލެއް ހަމަޖައްސައިދިނުން، ނުވަތަ ވަކި ޕްރޮގްރާމެއް ނުވަތަ ވަކި ހަރަކާތެއް ހިންގުމަކީ ހަމަހަމަ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ތައްލީމީ ފެންވަރާއި، ހުނަރާއި، ތަޖުރިބާއާ އަދި މިނޫންވެސް މަސައްކަތާ ސީދާގުޅުންހުރި ކަންތައްތަކުގެ މައްޗަށްބެލުން މި މާއްދާގެ (ހ) އިން ހުރަހެއްނާޅައެވެ.

(ރ) ވަޒީފާދޭ ފަރާތުން މި މާއްދާގެ (ހ) އާ ހިލާފުވެއްޖެ ކަމުގެ ށަކުވާއެއް ހުށަހެޅިއްޖެނަމަ، ތަފާތެއް ނުކުރެވޭ ކަމަށް ނުވަތަ ތަފާތު ގެނައީ، މި މާއްދާގެ (ހ) އާ ހިލާފުނުވާ ގޮތުގެމަތިން އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

(ބ) ވަޒީފާދޭ ފަރާތުން، ވަޒީފާއަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަން ދިނުމަކީ، މި މާއްދާގައި ބުނެފައިވާ ތަފާތުކުރުން ކަމުގައެއް ނުބެލެވޭނެއެވެ.

 

5 ވަނަ މާއްދާ - އަސާސީ އުސޫލުތަކާ ހިލާފުވުން

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން މީހަކަށް ލިބިދޭ ހައްގަކަށް އުނިކަމެއް ލިބޭ އަމަލެއް ހިންގައިފިނަމަ އެ އުނިކަން
ލިބޭކަމަށް ދެކޭ ފަރާތުން އެކަމުގެ ށަކުވާ، މި ގާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ހައްގަކާގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހެޅޭ ށަކުވާތައް، ޓްރައިބިއުނަލުން އަވަސް ގޮތެއްގައި ބަލަންވާނެއެވެ. މިގޮތުން ށަކުވާކުރާ ފަރާތާއި ށަކުވާ ރައްދުވާ ފަރާތުގެ ވާހަކަތައް ހުށަހެޅުމަށާއި އެއަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.

(ނ) ޓްރައިބިއުނަލަށް ހުށަހެޅޭ ށަކުވާއަކީ، ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ސައްހަ ށަކުވާއެއްކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތަކުގެތެރެއިން އަމުރެއް ނެރުމުގެ ބާރު ހިމެނޭގޮތުން، މިބައިގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ނެރެންޖެހޭ އަމުރެއް ނެރުމުގެ ބާރު، ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

  1. ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
  2. ވަޒީފާއިން ވަކިކޮށްފައިވާ މީހާއަށް އަނބުރާ އެވަޒީފާ ދިނުމަށް ކުރާ އަމުރު؛
  3. މީހަކަށް ގެއްލިފައިވާ މަންފާއެއް ނުވަތަ ފަސޭހައެއް، އަނބުރާ އެމީހަކަށް ލިބޭނެގޮތް ހެދުމަށް ކުރާ އަމުރު؛
  4. ބަދަލުދިނުމަށް ކުރާ އަމުރު.

  

3 ވަނަ ބާބު

ކުޑަކުދިން ވަޒީފާގައި ގެންގުޅުން

6 ވަނަ މާއްދާ - އެންމެ ހަގު އުމުރު

އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެކުއްޖެއްގެ ތައްލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާ ކަމެކެވެ. އުމުރުން 16 އަހަރުނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ރުހުމާއެކު، އާއިލާގެ ފަރާތުންކުރާ މަސައްކަތެއްގައި ބައިވެރިވުން މި އުސޫލުން އިސްތިސްނާވާނެއެވެ.

 

7 ވަނަ މާއްދާ - ކުޑަކުދިންލައްވާ މަސައްކަތް ނުކުރުވުން

(ހ) ކުރާ މަސައްކަތް ނުވަތަ އަދާކުރާ ވަޒީފާގެ ސަބަބުން، ނުވަތަ އެމަސައްކަތް ނުވަތަ ވަޒީފާ އަދާކުރަންޖެހޭ ހާލަތުތަކުގެ ސަބަބުން، މުވައްޒަފުގެ ސިއްހަތަށް، ނުވަތަ ތައްލީމަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ އަހްލާގަށް ނުރަނގަޅު އަސަރެއް ފޯރުވައިދޭ ޒާތުގެ މަސައްކަތެއް ކުރުމަށް ނުވަތަ ވަޒީފާއެއް އަދާކުރުމަށް ކުޑަކުއްޖަކު ގެންގުޅެގެން ނުވާނެއެވެ.

(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ހުރިހާ އުމުރެއްވެސް ބަލާނީ މީލާދީ ކަލަންޑަރުންނެވެ. އަދި 18 އަހަރު ނުފުރޭ ކުއްޖަކު ކަމުގައި ބަލާނީ، ގާނޫނު ނަންބަރު 1991-09 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނު)  ގައިވާ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ބަލަދުވެރިޔާގެ ހުއްދަ ހޯދުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާ ތައާރުޒު ނުވާގޮތުގެ މަތިން، ކުޑަކުއްޖަކު ވަޒީފާގައި ނުވަތަ މަސައްކަތްކުރުމަށް ގެންގުޅެވޭނީ އެކުއްޖެއްގެ ށަރްއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ށަރްއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާ ކަމަށް ބުނެފައިއެވަނީ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު)  ގައި  އެ ލަފުޒުތަކަށް ދީފައިވާ މާނައިގައެވެ.

 

9 ވަނަ މާއްދާ - މަސައްކަތްކުރާ ގަޑި

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާ ތައާރުޒު ނުވާގޮތުގެ މަތިން އެކުއްޖަކަށް ސްކޫލުގެ ކިޔެވުން އޮންނަ ދުވަހެއްގެ ކިޔެވުން އޮންނަ ގަޑީގައި، ކުޑަކުއްޖަކު ވަޒީފާގައި ގެންގުޅެގެން ނުވާނެއެވެ.

(ށ) ރޭގަނޑު 11:00 ގެ ފަހުގެ ވަގުތެއްގައި، ވަޒީފާގައި ކުޑަކުއްޖަކު ގެންގުޅެގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ވަޒީފާއާ ގުޅޭ ކުދިންގެ ދަފުތަރު

މި ގާނޫނުގައިވާ ގޮތުގެމަތިން ކުޑަކުއްޖަކު ވަޒީފާގައި ގެންގުޅޭ ކޮންމެ ފަރާތަކުންވެސް، އެކުއްޖެއްގެ ނަމާއި އެޑްރެހާއި އުފަން ތާރީހު އެނގޭނެ ދަފުތަރެއް ލިޔެ ބަލަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ސިއްހީ މަސައްކަތްތެރިއަކަށް ދެއްކުން

(ހ) މި ގާނޫނުގެ 6 ވަނަ މާއްދާއާ ތައާރުޒުނުވާ ގޮތުގެމަތިން، އުޅަނދެއްގައި އަދާކުރަންޖެހޭ އެއްވެސް ވަޒީފާއެއްގައި ކުޑަކުއްޖަކު ގެންގުޅެވޭނީ، ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު، އެކުއްޖާގެ ކިބައިގައި އެފަދަ ވަޒީފާއެއް އަދާކުރުމުގެ ގާބިލުކަން ސިއްހީގޮތުން ލިބިފައިވާކަން ކަށަވަރުކޮށްދީ ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ހުށަހެޅުމުންނެވެ.

(ށ) އެއްވެސް އުޅަނދެއްގައި ކުޑަކުއްޖަކު އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރާނަމަ، ވަޒީފާދޭ ފަރާތުގެ ހަރަދުގައި މަދުވެގެން އަހަރަކު އެއްފަހަރު އެކުއްޖަކު، ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކަށް ދައްކައި، އެފަދަ މަސައްކަތެއްގައި، އުޅުމުގެ ސިއްހީ ގާބިލުކަން އެ ކުއްޖަކަށް ލިބިފައިވާކަން ކަށަވަރުކޮށްދޭ މެޑިކަލް ސެޓުފިކެޓެއް، ހޯދަންވާނެއެވެ.

 

12 ވަނަ މާއްދާ – އަދަބު

މި ބާބުގައިވާ މާއްދާއަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، 1,000 ރުފިޔާއާއި، 5,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

4 ވަނަ ބާބު

ވަޒީފާގެ އެއްބަސްވުން

13 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުމުގެ ބާވަތްތައް

(ހ) އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ބާބުގައި ބަޔާންކޮށްފައިވާ މާއްދާތައް، ހުރިހާ ބާވަތެއްގެ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށް ހިންގޭނެއެވެ.

(ށ) ވަޒީފާދޭ ފަރާތާއި، ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސްވުމެއް އޮންނާންވާނެއެވެ. މިފަދަ އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު އަދި އުފަން ތާރީހާއި، ގައުމީ ނިސްބަތް އަދި އިމަޖެންސީކޮށް ގުޅާނެ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު؛
  2. ދާއިމީ ވަޒީފާއެއްކަން ނުވަތަ ވަގުތީ ވަޒީފާއެއްކަން؛
  3. ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހު؛
  4. ލިބޭ އުޖޫރައާ އެހެނިހެން އިނާޔަތްތައް؛
  5. އުޖޫރަދެވޭ މިންގަނޑާއި އުޖޫރަ
  6. އުޖޫރަދިނުމަށް ކަނޑައަޅާ ދުވަސް؛
  7. ޗުއްޓީ ދެވޭ ދުވަސް؛
  8. މުވައްޒަފުގެ އަހްލާގާ ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް؛
  9. މުވައްޒަފުންގެ މަސައްކަތް ބެލޭ އުސޫލު ( ސްޓާފް އެޕްރައިޒަލް) ؛
  10. ވަޒީފާއިން ވަކިކުރެވިދާނެ އުސޫލުތައް ކަނޑައެޅި ބަޔާންކުރެވިފައި އޮތުން.

(ނ) ތިރީގައި ބަޔާންކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް އޮތުމަކީ ހުއްދަ ކަމެކެވެ.

  1. ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުން؛
  2. ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ
  3. ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުން.

(ރ) ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސް ދިނުމާ ގުޅޭގޮތުން، މި ބާބުގެ މާއްދާތަކުގައިވާ ގޮތުގެމަތިން، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް، ބާތިލު ކުރެވިދާނެއެވެ.

(ބ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، މި މާއްދާގެ (ކ) ގައިވާ ހާލަތުގައި މެނުވީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވާ ތާރީހުގައި އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

(ޅ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު   ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ކ) ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމުލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ  އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ އަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްކަމުގައި ބަލަންޖެހޭނެއެވެ.

(އ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކިމަސައްކަތަކަށް ހާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަގްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާކުރާ ތާނގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ  އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.

(ވ) ވަކިމަސައްކަތަކަށް ހާއްސަކޮށްފައިވާ ވަޒީފާގެ އެއްބަސްވުން، އެމަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް އަންނާނެއެވެ.

 

14 ވަނަ މާއްދާ - ވަގުތީ މުއްދަތު (ޕްރޮބޭށަން)

ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލުކުރެވިދާނެއެވެ.

 

15 ވަނަ މާއްދާ - ވަޒީފާ ބަޔާން

(ހ) މި މާއްދާގެ (ރ)  ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، އެ ވަޒީފާގައި އަދާކުރަންޖެހޭ ކަންތައްތައް ހިމެނޭ ވަޒީފާ ބަޔާނެއް، ކޮންމެ މުވައްޒަފަކަށް، ލިޔުމަކުން ދޭންވާނެއެވެ.

(ށ) މި ގާނޫނު ހިންގަން ފަށާއިރު، ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އެމީހުންގެ ވަޒީފާގެ ބަޔާން މި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް ދޭންވާނެއެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ވަޒީފާދޭ ފަރާތަކުން އެއްވެސް މީހަކަށް ވަޒީފާއެއް ދޭނަމަ، އެ ވަޒީފާއެއް ދޭ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ވަޒީފާގެ ބަޔާން ހަވާލުކުރަންވާނެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ބަދަލުވެއްޖެނަމަ ނުވަތަ މަގާމުގެ ކުރިއެރުމެއް ލިބިއްޖެނަމަ އެއައި ބަދަލާގުޅޭ ގޮތުން ވަޒީފާ ބަޔާން އާކުރަންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ، ވަޒީފާގެ ބަޔާން ހިމެނޭ ލިޔުމުގައި، އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި، އެޑްރެހާއި، ގައުމީ ނިސްބަތާއި  ކުރާ މަސައްކަތުގެ ބާވަތް؛
  2. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރު އުޅޭ އެޑްރެހާއި އައިޑެންޓިޓީކާޑު ނަންބަރާއި، އުފަންތާރީހާއި، ގައުމީ ނިސްބަތް؛
  3. ވަޒީފާގެ އެއްބަސްވުން ފެށޭ
  4. އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭނެގޮތް؛
  5. އުޖޫރަ ދިނުމަށް ކަނޑަޅާ މުއްދަތުތައް؛
  6. ވަޒީފާގެ ނަމާއި ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ
  7. ވަޒީފާ އަދާ ކުރަންޖެހޭތަން؛
  8. އާދައިގެމަތިން މަސައްކަތް ކުރަންޖެހޭ ގަޑިތައް؛
  9. ޗުއްޓީ ލިބޭގޮތް؛
  10. މުވައްޒަފުގެ އަހްލާގާ ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅުއެޅިދާނެ އުސޫލުތައް.

(ރ) އަންނަނިވި ހާލަތުތަކުގައި، ވަޒީފާއަދާކުރާ މީހުން މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

  1. ހަފުތާއެއްގެ ތެރޭގައި އާދައިގެ މަތިން މަސައްކަތް ކުރަންޖެހޭ މިންވަރު ޖުމުލަ 16 ގަޑިއިރަށްވުރެ މަދުވާ މީހުން؛
  2. ކަނޑައެޅިގެން ހަ ހަފުތާއަށްވުރެ ކުރު މުއްދަތަކަށް، ނުވަތަ  ހަ ހަފުތާގެ ތެރޭގައި ކަނޑައެޅިގެން ނިމޭނެ މަސައްކަތެއް ކުރުމަށް ވަޒީފާ އަދާކުރާ މީހުން.

(ބ) ވަޒީފާގެ ބަޔާން، ވަޒީފާދޭ ފަރާތުން މުވައްޒަފާ ހަވާލުކޮށްފައި ނުވާނަމަ، ދެފަރާތުގެ ދެމެދުގައި އަނގަބަހުން އެއްބަސްވެވިފައިވާ ނުވަތަ މި ގާނޫނުގެ ދަށުން އެ އެއްބަސްވުމެއްގައި ހިމެނެންޖެހޭނެ މާއްދާތަކާއި ށަރްތުތަކުގެ ދަށުން އެމުވައްޒަފަކަށް ލިބެންޖެހޭ މަންފާއެއް ލިބިގަތުމަށްޓަކައި، އެ އެއްބަސްވުމެއް ތަންފީޒުކުރުމުގެ ހައްގު އެމުވައްޒަފަކަށް ލިބިގެންވެއެވެ. އަދި އެފަދަ އެއްބަސްވުމެއްގެ ސަބަބުން މުވައްޒަފަކަށް ގެއްލުމެއް ލިބޭގޮތަށް ތަންފީޒުކުރުމުގެ ހައްގެއް ވަޒީފާދޭ ފަރާތަށް ލިބިގެނެއް ނުވެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަޒީފާ ބަޔާނެއް، މުވައްޒަފާ ހަވާލުކޮށްފައި ނުވާނަމަ، 1,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން، ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - ދާއިމީ ވަޒީފާ

(ހ) ދާއިމީ ވަޒީފާއެއް ދެމިއޮންނަ މުއްދަތު ގުނަން ފެށޭނީ، ވަޒީފާގެ މަސައްކަތް އަދާކުރަން މުވައްޒަފަކު ފަށާ ދުވަސް ހިމަނައިގެންނެވެ. އަދި އެވަޒީފާއިން ވަކިވާ، ނުވަތަ ވަކިކުރެވޭ ދުވަސް ހިމެނޭގޮތަށް، އެވަޒީފާގެ މުއްދަތު  ދެމި އޮންނާނެއެވެ.

(ށ) އަންނަނިވި ކަންތައްތަކުން ކަމެއް ދިމާވެގެން، މުވައްޒަފަކު މަސައްކަތަށް ނުނިކުތުމުން، އޭނާ ވަޒީފާއަދާކުރާ މުއްދަތު މެދުކެނޑުނީ ކަމުގައި ބަލައިގެން ނުވާނެއެވެ.

  1. މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ ދަށުން، ޗުއްޓީއެއް ހޯދައިގެން މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން؛
  2. މަހު އުޖޫރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށްނަމަވެސް މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ ދަށުން، މުވައްޒަފަކު މަސައްކަތަށް ނުކުތުން ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ ސަބަބުން، މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން؛
  3. ވަޒީފާއިން ވަކިކޮށްފައިވަނީ ނަހަމަގޮތުގައި ކަމަށްބަލައި، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން، ނުވަތަ އެހެން އެއްބަސްވުމެއްގެ ދަށުން، އަލުން އެވަޒީފާ ހަވާލުކުރަންދެން މަސައްކަތަށް ނުނިކުމެ ހުރުން؛
  4. މުވައްޒަފުން މަދުކުރުމުގެގޮތުން، ވަޒީފާދޭ ފަރާތުން ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްގެން މަސައްކަތަށް ނުނިކުމެ ހުރުމަށްފަހު ވަޒީފާދޭ ފަރާތުގެ މުވައްޒަފެއްގެ ގޮތުގައި އަލުން ވަޒީފާއަށް ނުކުމެފައިވާނަމަ، އެމުއްދަތުގައި މަސައްކަތަށް ނުނިކުމެހުރި ހުރުން؛
  5. ވަޒީފާދޭ ފަރާތުން އެއްބަސްވެގެން މަސައްކަތަށް ނުނިކުމެ ހުންނަ ހުރުން.

 

17 ވަނަ މާއްދާ - ވަޒީފާގެ އެއްބަސްވުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުން

(ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ވަޒީފާގެ އެއްވެސް އެއްބަސްވުމެއް، މުވައްޒަފެއްގެ ރުހުމާ ނުލައި، ވަޒީފާދޭ ފަރާތުން ވަޒީފާ ލިބިދޭ ފަރާތަށް ފިޔަވައި އެހެން ފަރާތަކަށް ބަދަލުކޮށްގެން ނުވާނެއެވެ.

(ށ) ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ މަސައްކަތެއް، ނުވަތަ އެވިޔަފާރީގެ ނުވަތަ އެމަސައްކަތެއްގެ ބައެއް، ވިއްކާލުމުން، ނުވަތަ ކުއްޔަށް ދޫކުރުމުން ނުވަތަ ނަގުލުކުރުމުން، ނުވަތަ އެހެންވެސް ގޮތަކުން ދޫކޮށްލުމުން، އެވިޔަފާރިއަކާ ނުވަތަ އެމަސައްކަތަކާ ގުޅޭގޮތުން، އެވަގުތު މުވައްޒަފުންގެ ގޮތުގައިތިބި މީހުންގެ ވަޒީފާގެ އެއްބަސްވުންތައް، އެވިޔަފާރިއެއް ނުވަތަ އެމަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތަށް، ނަގުލުވާނެއެވެ. މިގޮތުން، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކާ ދެމެދު އުފެދިގެންވާ ހައްގުތަކާއި ވާޖިބުތައް، އެވިޔަފާރިއެއް ނުވަތަ މަސައްކަތެއް ބަދަލުވެގެންދިޔަ ފަރާތާއި ވަޒީފާގައި ތިބި ފަރާތްތަކަށް ބަދަލުވެގެން ދާނެއެވެ. އަދި ބަދަލުވުމުގެ ކުރިން، ވަޒީފާއަދާކުރާ ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުކުރި ފަރާތާދެމެދު ހިނގާފައިވާ ކޮންމެ މުއާމަލާތެއްވެސް، ބެލެވޭނީ ވަޒީފާގައި ތިބި ފަރާތްތަކާއި ވިޔަފާރި ނުވަތަ މަސައްކަތް ބަދަލުވެގެންދިޔަ ފަރާތާ ދެމެދު ހިނގާފައިވާ ކަމެއް ކަމަށެވެ.

(ނ) ވިޔަފާރިއެއް ނުވަތަ އެއިން ބައެއް، ނުވަތަ މަސައްކަތެއް ނުވަތަ އެއިން ބައެއް ވިއްކާލުމުން، ނުވަތަ ކުއްޔަށް ދިނުމުން، ނުވަތަ ނަގުލުކުރުމުން، ކުރިން ވަޒީފާދިން ފަރާތަށާއި، ވިޔަފާރި ނުވަތަ މަސައްކަތް ނަގުލުވުމުން ވަޒީފާދޭ ފަރާތް ކަމުގައި ބެލޭ ފަރާތަށް، މުވައްޒަފުން މަސައްކަތްކޮށްދިން މުއްދަތު، އެމީހުންގެ ބޭނުމަށްޓަކައި ގުނޭނީ އެއްމުއްދަތެއްގެ ގޮތުގައެވެ. އަދި އެއްވެސް މެދުކެނޑުމެއް އެމީހުންގެ ވަޒީފާގެ މުއްދަތަށް އައިކަމަކަށް ނުބެލެވޭނެއެވެ.

(ރ) އެއްވެސް ކުށަކާގުޅިގެން، ދައުވާ ކުރެވެމުންދާ ނުވަތަ ދައުވާއެއް ސާބިތުވެފައިވާ، ނުވަތަ ހުކުމެއް އައިސްފައިވާ ފަރާތެއްގެ ޒިންމާއެއް، މި މާއްދާގެ (ށ) ގައިވާ ހާލަތުގައި، އެހެން ފަރާތަކަށް ބަދަލުވެގެނެއް ނުދާނެއެވެ. އަދި އެފަދަ މީހަކު އުފުލަންޖެހޭ ޒިންމާއަށްވެސް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

 

18 ވަނަ މާއްދާ - ކަނޑައެޅޭ ވަކި ދުވަސްވަރެއްގައި އަދާކުރަންޖެހޭ ވަޒީފާ

އަހަރުގެ ވަކިދުވަސްވަރެއްގައި އެކަނި ކުރަންޖެހޭ މަސައްކަތެއްގައި، ވަޒީފާއަދާކުރާ މުވައްޒަފެއްނަމަ، މެދުނުކެނޑި އެއްއަހަރަށްވުރެ ގިނަ އަހަރު ކޮންމެ އަހަރެއްގެވެސް އެއްދުވަސްވަރަކު ވަޒީފާދޭ ވަކި ފަރާތަކަށް އެމުވައްޒަފަކު ހިދްމަތް ކޮށްފައިވާނަމަ، އޭނާ، އެކި އަހަރުމަތިން އެހިދްމަތްކުރި ދުވަސްތަކުގެ ޖުމުލަ އަދަދަށް، އެވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި ދެމިހުރި މީހެއް ކަމުގައި ބެލެވޭނެއެވެ.

  

މަސައްކަތުގެ އަހްލާގު އަދި ވަޒީފާއިން ވަކިކުރުން

19 ވަނަ މާއްދާ - މުވައްޒަފާމެދު އިސްލާހީ ފިޔަވަޅުއެޅުން

(ހ) މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަހްލާގީ މިންގަނޑުތަކަށް ތަބާނުވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި "އިސްލާހީ ފިޔަވަޅު" ގެ މާނައިގައި އަންނަނިވި ކަންތައްތައް ހިމެނޭނެއެވެ.

  1. ނަސޭހަތްދިނުން؛
  2. ލިޔުމުން އިންޒާރު
  3. ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން؛
  4. ހުރި މަގާމަށްވުރެ ދަށްމަގާމަކަށް ބަދަލުކުރުން.

(ނ) ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަހްލާގީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަހްލާގީ މިންގަނޑަށް އެމުވައްޒަފަކު ތަބާނުވި މިންވަރާއި، އެމުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅިފިޔަވަޅާއި، އެފިޔަވަޅު އެޅުމުގައި އަމަލުކުރިގޮތާއި، އެ މުވައްޒަފަކު އަހްލާގީ މިންގަނޑާ ހިލާފުވުމުން ލިބުނު ގެއްލުމާއި، އެމުވައްޒަފަކު މަސައްކަތުގެ އަހްލާގު ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) މަސައްކަތުގެ އަހްލާގީ މިންގަނޑަށް ތަބާނުވުމުން އެޅިފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއް ކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފަކަށް ފެނިއްޖެނަމަ، އެކަމުގެ ށަކުވާ، ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

20 ވަނަ މާއްދާ - މުސާރައިން ކެނޑުން ހުއްދަވާ މިންވަރު

(ހ) މުވައްޒަފަކު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރައިން ކެނޑުން ފިޔަވައި، ވަޒީފާދޭ ފަރާތުން، މުވައްޒަފަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން އިތުރު ޖޫރިމަނާކޮށްގެން ނުވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތުގެ މުދަލަށް ނުވަތަ ވިޔަފާރިއަށް ގެއްލުމެއް ލިބޭނޭކަން އެނގިހުރެ މުވައްޒަފަކު ކުރާ އަމަލަކުން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން، ވަޒީފާދޭ ފަރާތަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ބަދަލު ދިނުމަށް ކަނޑައެޅުން މި މާއްދާ ހުރަހެއްނާޅައެވެ.

 

21 ވަނަ މާއްދާ - އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން މަނާކުރުން

(ހ) މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަހްލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަހްލާގާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ.

(ށ) މަސައްކަތުގެ އަހްލާގީ މިންގަނޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި، ނުވަތަ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކި ކުރުމުގައި، ތިރީގައި އެވާ ކަންތައްތައް، އެއީ، އެކަށީގެންވާ ސަބަބުތަކެއް ކަމުގައެއް ނުބެލެވޭނެއެވެ.

  1. މުވައްޒަފުގެ ނަސްލު، ކުލަ، ގައުމީ ނިސްބަތް، އިޖްތިމާއީ ނިސްބަތް، ދީން، ސިޔާސީގޮތުން ވިސްނުން ގެންގުޅޭ ހިޔާލު، ނިސްބަތްވާ ސިޔާސީ ޕާޓީ، ޖިންސު، ކައިވެނީގެ ނިސްބަތް، އާއިލީ ގޮތުން އުފުލަންޖެހޭ ޒިންމާތައް، ނުވަތަ އޭނާގައި ހުރި ނުކުޅެދޭ ސިފައެއް؛
  2. ބަލިވެއިނުން ނުވަތަ ބަލިވެއިނުމާ ގުޅިފައިވާ
  3. މި ގާނޫނުގެ ދަށުން މުވައްޒަފަކަށް ލިބިދޭ ހައްގެއްގެ ބޭނުން އޭނާ ކުރުން؛
  4. ބަލިވުމުން ނުވަތަ ލިބުނު ހާނިއްކައެއްގެ ސަބަބުން، ވަގުތީގޮތުން، ވަކި ދުވަސްތަކަކު މަސައްކަތަށް ނުނުކުމެ ހުރުން؛
  5. މަސައްކަތް ކުރަން ތިމާ އުޅެންޖެހޭ މާހައުލަކީ ސީދާގޮތުންނާއި ނުސީދާގޮތުން ނުރައްކާތެރި ގެއްލުމެއް ތިމާގެ ސިއްހަތަށް، ނުވަތަ ފުރާނައަށް ލިބިދާނެ މާހައުލެއް ކަމަށް، އެކަށީގެންވާ ގޮތުގައި ގަބޫލު ކުރެވިގެން، އެމާހައުލުން ދުރުވުމަށް އެމުވައްޒަފަކަށް ލިބިދޭ ހައްގެއްގެ ބޭނުން އޭނާ ކުރުން ނުވަތަ ކުރަން އުޅުން؛
  6. މަސައްކަތްކުރާ މީހުންގެ ޖަމްއިއްޔާއެއްގެ މެންބަރަކަށް މުވައްޒަފަކުވުން، ނުވަތަ އެފަދަ ޖަމްއިއްޔާއަކުން ކުރާ ގާނޫނު ހުއްދަކުރާ ހަރަކާތެއްގައި އޭނާ ބައިވެރިވުން؛
  7. ވަޒީފާދޭ ފަރާތުން ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފުވެއްޖެ ކަމަށް ތުހުމަތުކޮށް، މުވައްޒަފަކު ށަކުވާއެއް ހުށަހެޅުން، ނުވަތަ އެފަދަ ށަކުވާއެއް ހިމެނިފައިވާ މައްސަލައެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުން.

 

22 ވަނަ މާއްދާ - ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުން

(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގައިވާ ހާލަތުތަކުގައި މެނުވީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާތިލުކުރެވޭނީ އެންމެ މަދުވެގެން ނޯޓިސް ދޭންޖެހޭނެކަމަށް ތިރީގައި ބަޔާންކޮށްފައި އެވާ ނޯޓިސް ދިނުމަށްފަހުގައެވެ.

  1. ތިންމަސް ދުވަހަށްވުރެ ކުރުނޫން އަދި އެއްއަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެހަފުތާގެ ނޯޓިސް؛
  2. އެއްއަހަރަށްވުރެ ކުރުނޫން އަދި ފަސް އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް އެއްމަސް ދުވަހުގެ
  3. ފަސްއަހަރަށްވުރެ ގިނަ ދުވަހު ވަޒީފާގައި ބަހައްޓާފައިވާ މުވައްޒަފަކަށް ދެމަސް ދުވަހުގެ ނޯޓިސް.

(ށ) މި ބާބުގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއްގެ ބޭނުން، މުވައްޒަފަކު ކުރަމުންދާ ދަނޑިވަޅެއްގައި، އެ ޗުއްޓީގެ މުއްދަތާއެކު ނޯޓިސްގެ މުއްދަތު ގުނޭގޮތަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިހެއް ދީގެން ނުވާނެއެވެ.

(ނ) މި މާއްދާގައި ނޯޓިސް ދިނުމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރު މުއްދަތަކަށް ނޯޓިސް ދިނުމުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމަކަށް، ނުވަތަ ވަކިމުއްދަތެއްގެ ކުރިން ނޯޓިސް ދޭންޖެހޭ ދިނުމާ ގުޅޭގޮތުން މުވައްޒަފަކަށް ލިބިގެންވާ ހައްގެއް އެއިރަކު އޭނާ ދޫކޮށްލުމަކަށް، މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ ދަށުން ދެވޭ ނޯޓިސް ދޭންވާނީ ލިޔުމުންނެވެ.

 

23 ވަނަ މާއްދާ - ނޯޓިހެއް ދިނުމަކާނުލައި ވަކިކުރުން

(ހ) ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތުތަކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެމަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަހްލާގު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛
  2. ހިޔާނާތެއް ވެފައިވުން.

(ނ) "ނޯޓިހެއް ދިނުމަކާނުލައި ވަކިކުރުން" މާނަކޮށްދެނީ، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނުވަތަ އެ ނޯޓިސް ދޭންޖެހޭ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން، ވަޒީފާދޭ ފަރާތުން ބާތިލުކުރުމެވެ.

 

24 ވަނަ މާއްދާ - ވަޒީފާ އަދާކުރިކަމުގެ ލިޔުން

(ހ) ވަޒީފާގެ އެއްބަސްވުމެއް ނިމުމަކަށް ގެނައުމަށްފަހު، އެކަން މުވައްޒަފަށް އަންގާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފަކު އެދިއްޖެ ނަމަ، އަންނަނިވި ކަންތައްތަކަށް އިށާރާތްކޮށް ވަޒީފާ އަދާކުރިގޮތުގެ ލިޔުމެއް، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރި ފަރާތަށް ދޫކުރަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. ވަޒީފާދޭ ފަރާތުން ކުރާ މަސައްކަތުގެ ބާވަތް؛
  3. މެދުކެނޑުމެއްނެތި ވަޒީފާގައި އެމުވައްޒަފަކު ދެމިހުރި މުއްދަތު؛
  4. ވަޒީފާ އަދާކުރި ތަން؛
  5. ވަޒީފާއިން ވަކިވުމުގެ ކުރިން އެމުވައްޒަފަކު އަދާކުރަމުން އައި ވަޒީފާ؛
  6. ވަޒީފާއިން ވަކިވި ތާރީހާ ހަމަޔަށް، އެ މުވައްޒަފަކަށް ލިބެމުންދިޔަ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް.

(ށ) މުވައްޒަފަކު އެދިއްޖެ ހިނދެއްގައި މެނުވީ، އެމުވައްޒަފަކު ވަޒީފާއިން ވަކިވާން ދިމާވި ސަބަބު، ނުވަތަ އޭނާ ވަޒީފާ އަދާކުރި ގޮތާމެދު ވަޒީފާދޭ ފަރާތުން ދެކޭގޮތް، ވަޒީފާ އަދާކުރި ގޮތުގެ ލިޔުމުގައި، ހިމަނައިގެން ނުވާނެއެވެ.

 

25 ވަނަ މާއްދާ - ނޯޓިސްދިނުމުގެ ބަދަލުގައި ފައިސާ ދިނުން

ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން އެނޯޓިސްގެ މުއްދަތު ނިމޭދުވަހާ ހަމައަށް، އެމުވައްޒަފަކަށް ލިބިދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް، ހަމައަށް އޭނާއަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް، އޭނާ ވަޒީފާއިން ވަކިކުރެވިދާނެއެވެ.

 

26 ވަނަ މާއްދާ - ވަޒީފާ ދޫކޮށްލުން

(ހ) ވަޒީފާދޭ ފަރާތުން މިގާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް އަމަލުކުރާނަމަ ވަޒީފާއަދާކުރާ ފަރާތުން ވަޒީފާދިން ފަރާތަށް އެކަން ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން ދޭ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމުން ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ފުރުސަތު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން، މުވައްޒަފަކު ވަޒީފާގެ އެއްބަސްވުން ބާތިލުކޮށްފިނަމަ، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާދޭ ފަރާތުން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރީ ކަމުގައި ބެލެވޭނެއެވެ.

 

27 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުން

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ ށަކުވާއެއް ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތު ފިޔަވައި، އެހެނިހެން ހާލަތުތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ.

 

28 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުމާ ވިދިގެން ށަކުވާ އުފުލުން

(ހ) ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެވަޒީފާއިން އޭނާ ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާ އަދާކުރި މީހާއަށް ގަބޫލުކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އެކަމުގެ ށަކުވާ، ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. ވަޒީފާ އަދާކުރި މީހާއަށް ނޯޓިސް ލިބުނު ތާރީހުން ފެށިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(ށ) ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، ނުވަތަ އެ ވަޒީފާއެއް އަދާކުރާ މީހާ، އެވަޒީފާގެ ގޮތުން އިސްތިއުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސްއައުމުން، ވަޒީފާއިން ވަކިކޮށްފިނަމަ، އެކަމުގެ ށަކުވާ، މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ކުރުމުގެ ހައްގެއް އެމުވައްޒަފަކަށް ލިބިގެނެއް ނުވެއެވެ.

 

29 ވަނަ މާއްދާ - އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުން މުވައްޒަފަށް ލިބިދޭ ގާނޫނީ ހައްލު

(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު ނެރެންވާނެއެވެ.

  1. އެމުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛
  2. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ށަރްތުތަކަކާއި މާއްދާތަކަކާ އެއްގޮތަށް އަމަލު ކުރުމަށާއި، ވަކި ތާރީހަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛
  3. މި މާއްދާގެ (ރ)  ގައިވާ ގޮތުގެމަތިން، ބަދަލުދިނުމަށް އަމުރުކުރުން.

(ށ) ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި، ފުރަތަމަ ބަލަންވާނީ އެމުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށެވެ. ނުވަތަ އެވަޒީފާއާގުޅޭ، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ. މިފަދައިން ބެލުމުގައި، ވަޒީފާއިން ވަކިކުރެވުނު ހާލަތުތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި އަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.

(ނ) މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހުނީ، އޭނާގެވެސް ކޮންމެވެސް މިންވަރެއްގެ ހިއްސާއެއްއޮތްކަމަށް ނުވަތަ ކޮންމެވެސް ވަރަކަށް އޭނާ ފަހިކޮށްދިން ކަމެއްގެ ސަބަބުންކަމަށް، ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އެމުވައްޒަފަކަށް ވަޒީފާ އަނބުރާ ދިނުމަށްކުރާ އަމުރުގެ ތެރޭގައި، އެމުވައްޒަފަކު އުފުލަންޖެހޭ ކޮންމެވެސް މިންވަރެއްގެ އުގޫބާތެއްވެސް ހިމެނިދާނެއެވެ.

(ރ) ބަދަލުދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި އަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށެވެ. މިފަދައިން އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން އަމަލުކުރިގޮތުން އެމުވައްޒަފަކަށް ސީދާގޮތުން ލިބުނު ގެއްލުމަށާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފަކުކުރި އަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނަ ބައިވެރިވާ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ. މުވައްޒަފަށް ބަދަލު ދިނުމުގައި، އޭނާ ވަޒީފާއިން ވަކިކުރީ މި ގާނޫނުގެ  23 ވަނަ މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެމުވައްޒަފަކަށް އިތުރު އަދަދެއްގެ ފައިސާ ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރެވިދާނެއެވެ.

 

30 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް މަރުވުން

ވަޒީފާގެ އެއްބަސްވުން ބިނާވެފައިއޮތީ، ވަޒީފާދޭ ފަރާތުގެ ފަރުދީ ހައިސިއްޔަތުގެ މައްޗަށް ކަމުގައިވާނަމަ، އޭނާ ނިޔާވި ދުވަހުންފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ހ)  ގެ ދަށުން އެއްބަސްވުން ނިމުމަކަށް ގެނެސްފައި ނުވާނަމަ، އެ އެއްމަސް ދުވަސް ހަމަވުމުން، އެ އެއްބަސްވުން ބާތިލުވާނެއެވެ.

 

31 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ބަނގުރޫޓުވުން

(ހ) ވަޒީފާދޭ ފަރާތް ބަނގުރޫޓު ވެއްޖެނަމަ ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތް ހުއްޓާލައިފިނަމަ، އެދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 22 ވަނަމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިނުވާނަމަ، އެ އެއްމަސްދުވަސް ހަމަވުމުން، އެވަޒީފާގެ އެއްބަސްވުން ބާތިލުވާނެއެވެ.

(ށ) ވަޒީފާދޭ ފަރާތް ބަނގުރޫޓުވިޔަސް، އެފަރާތުގެ މަސައްކަތް ހުއްޓުމަކަށް ނުގެންނަނަމަ، ނުވަތަ އެމަސައްކަތް އެހެން ފަރާތަކަށް ބަދަލުކޮށްފައިވާނަމަ، މި މާއްދާގެ ދަށުން ވަޒީފާގެ އެއްބަސްވުން ބާތިލެއް ނުވާނެއެވެ.

(ނ) ވަޒީފާދޭ ފަރާތް، ބަނގުރޫޓުވުމުން، ނުވަތަ އެފަރާތުގެ މަސައްކަތް ހުއްޓާލުމުން، މުވައްޒަފުން ނުވަތަ އެމީހުން ތަމްސީލުކުރާ ފަރާތަކުން، އެމުވައްޒަފުންނަށް ލިބެންވާ މުސާރައާއި އެހެނިހެން ފައިސާއަށް އެދި ދައުވާ ކޮށްފިނަމަ، ވަޒީފާދޭ ފަރާތް ދަރަނި އަދާކުރަންޖެހޭ ސަރުކާރުގެ ދާއިރާއެއް ވާނަމަ، އެދާއިރާއަކަށާއި އެހެން ހުރިހާ ފަރާތްތަކަށް ލިބެންވާ ފައިސާ ހޯދައިދިނުމަށްވުރެ ބޮޑަށް އިސްކަން ދޭންވާނީ، ތިރީގައިއެވާ ނިސްބަތަށް މުވައްޒަފުންނަށް ފައިސާ ހޯދައިދިނުމަށެވެ.

  1. ބަނގުރޫޓުވުމުން ނުވަތަ ވިޔަފާރި ހުއްޓާލުމުގެ ކުރިން ހިނގައިދިޔަ 27 ހަފުތާގެ ތެރޭގައި މުވައްޒަފުންނަށް ލިބެންވާ، މުސާރަ، އިތުރުގަޑީގެ ފައިސާ، ކޮމިށަން، ސަރވިސްޗާޖް، އަދި އެހެނިހެން މާލީ ފައިދާތައް؛
  2. ބަނގުރޫޓުވުމުގެ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ކުރިން ހިނގައިދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި، ޗުއްޓީ ލިބެންވާ ދުވަސްތަކުގައި މަސައްކަތް ކޮށްފައިވާނަމަ، ޗުއްޓީނުނަގާ މަސައްކަތް ކުރުމުން އޭގެ ބަދަލުގައި ލިބެންވާ ފައިސާ؛
  3. ބަނގުރޫޓުވުމުގެ ނުވަތަ މަސައްކަތް ހުއްޓާލުމުގެ ކުރިން ހިނގައިދިޔަ 12 މަސްދުވަހުގެ ތެރޭގައި، މުސާރައިން ނުކެނޑޭގޮތަށް މަސައްކަތަށް ނުނިކުމެ ހުރިނަމަ، އެދުވަސްތަކަށް ލިބެންވާ
  4. އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ބަދަލުދޭން ޖެހިފައިވާނަމަ، އެބަދަލުގެ ފައިސާއާއި ވަޒީފާއިން ވަކިކުރާއިރު، އެއްވެސް ފައިސާއެއް ދޭން އޮތްނަމަ އެފައިސާ. 

 

މަސައްކަތްކުރާ ގަޑި 

32 ވަނަ މާއްދާ - ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް

(ހ) މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ މުވައްޒަފުން ފިޔަވައި، އިތުރުގަޑި ނުހިމެނޭގޮތުން، ހަފުތާއެއްގެ ތެރޭގައި އެންމެގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކުލައްވާ މަސައްކަތްކުރުވައިގެން ނުވާނެއެވެ.

(ށ) މުވައްޒަފަކު އަރާމުކުރުމަށް އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި، އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއްނުދީ، އެއްވެސް މުވައްޒަފަކުލައްވާ ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުވައިގެން ނުވާނެއެވެ.

 

33 ވަނަ މާއްދާ - ދުވާލަކު އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް ކަނޑައެޅުން

އާންމުކޮށް ދުވާލަކު އެންމެ ގިނައިން މަސައްކަތްކުރެވޭނެ ގަޑިތައް ކަނޑައަޅާ ގަވާއިދެއް ހެދުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

34 ވަނަ މާއްދާ - އިސްތިސްނާވާ މުވައްޒަފުން

(ހ) ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް މި ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ވާނެއެވެ.

  1. ކުއްލި ހާލަތުތަކުގައި މަސައްކަތް ކުރާ މީހުން؛
  2. ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތް ކުރާ މީހުން؛
  3. ކަނޑުދަތުރުކުރާ އުޅަނދެއް ނުވަތަ މަތިންދާ ބޯޓެއް އައުމާއި ފުރުމާއި އެފަދަ އުޅަނދުފަހަރަށް މުދާ އެރުވުމާއި ބޭލުމާ އަދި އެފަދަ އުޅަނދުތަކަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރާ
  4. ޓޫރިސްޓް ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުން؛
  5. މީހުން ދިރިނޫޅޭ ސިނާއީ މަސައްކަތްތައްކުރާ ރަށްރަށުގައި މަސައްކަތްކުރާ
  6. ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، އެ ހާލަތެއްގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް މި ބާބުގައިވާ މާއްދާތައް ވަގުތީގޮތުން ނުހިނގާގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ހަމަޖެއްސިދާނެއެވެ.

  1. އެކްސިޑެންޓެއް ދިމާވުމުން، ނުވަތަ ވަޒީފާ ދޭފަރާތުގެ ބާރު ނުހިނގާ ކަމެއް ދިމާވުމުން، ނުވަތަ އެފަދަ ކަމެއް ދިމާވެދާނެކަންކަން ޔަގީންވުމުން، ނުވަތަ މަސައްކަތްކުރާ ތަނުގެ އިމާރާތާ ނުގުޅޭގޮތުން، ނުވަތަ މަސައްކަތުގައި ބޭނުންކުރާ ސާމާނާ ގުޅޭގޮތުން، ކޮންމެހެން އަވަހަށް ކޮށްނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހުމުން، އެކަންކަމަށްޓަކައި އިތުރުގަޑީގައި އެއްވެސް މަސައްކަތެއް ނުކޮށްފިނަމަ، ވަޒީފާދޭ ފަރާތުގެ މަސައްކަތް އާދައިގެމަތިން ހިނގަމުންދާގޮތަށް، ނުރަނގަޅު އަދި ބޮޑު އަސަރެއް ކޮށްފާނެފަދަ ހާލަތެއް ދިމާވުން؛
  2. ހާއްސަ ހާލަތުތަކެއްގެ ސަބަބުން، އާދައިގެމަތިން ކުރާ މަސައްކަތަށްވުރެ އިތުރަށް ވަޒީފާދޭ ފަރާތުން ކޮށް ނިންމަންޖެހޭ މަސައްކަތްތަކެއް ދިމާވުން؛
  3. އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި، ހަލާކުވިޔަ ނުދިނުމަށް ކޮންމެހެން މަސައްކަތްކުރަން ޖެހޭފަދަ ހާލަތެއް ދިމާވުން.

(ނ) މި މާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން ވަގުތީގޮތުން އިސްތިސްނާވާ ފަރާތްތަކުން ކުރަންޖެހުނު މަސައްކަތެއްކޮށް ނިމުމުން،
މި ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތާ އެއްވަރުގެ މުއްދަތެއް އެމީހުން އަރާމުކުރުމަށް ވަޒީފާދޭ ފަރާތުން އެމީހުންނަށް ދޭންވާނެއެވެ. އަދި ދުވާލަކު އާންމުކޮށް އެންމެގިނަވެގެން މަސައްކަތް ކުރެވޭ ގަޑީގެ އިތުރަށް މަސައްކަތް ކޮށްފިނަމަ، އެގަޑިތަކަށް މި ގާނޫނުގެ 37 ވަނަ މާއްދާގެ (ށ)  ގައިވާ ގޮތުގެ މަތީން، އިތުރުގަޑީގެ ފައިސާވެސް، ވަޒީފާދޭ ފަރާތުން އެމީހުންނަށް ދޭންވާނެއެވެ.

 

35 ވަނަ މާއްދާ - ކެއުމުގެ ގަޑި

ވަޒީފާދޭ ފަރާތުން، މުވައްޒަފަކުލައްވާ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުވައިގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ކުރަން ހުއްދަ ދީގެންވެސް ނުވާނެއެވެ.

  1.  މަދުވެގެން 30 މިނެޓުގެ ވަގުތުކޮޅެއް ކެއުމަށް ނުދީ، މެދުކެނޑުމެއްނެތި ގިނަވެގެން ފަސްގަޑިއިރަށްވުރެ އިތުރަށް މަސައްކަތް
  2. ކެއުމަށް، މުވައްޒަފަކަށް ލިބޭ ވަގުތުގައި، އޭނާ ލައްވާ އެއްވެސް މަސައްކަތެއް ކުރުވުން.

 

36 ވަނަ މާއްދާ - ނަމާދު ކުރުމުގެ ވަގުތާއި، ހުސްވަގުތު

(ހ) ވަޒީފާއަދާކުރާ ކޮންމެ މީހަކަށްވެސް، ނަމާދުކުރުމަށް، އެނަމާދެއްގެ ވަގުތު ފާއިތުނުވަނީސް، މަސައްކަތަށް ދަތިނުވާނޭ ގޮތުގެމަތިން 15 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ.

(ށ) މިމާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ހުސްވަގުތުކޮޅެއް ނުލިބި މަސައްކަތުގައި ހޭދަވާ ކޮންމެ ހަތަރު ގަޑިއަކުން އެއްފަހަރު 15 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭން ވާނެއެވެ.

 

37 ވަނަ މާއްދާ - އިތުރުގަޑި

(ހ) ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މެނުވީ، އިތުރުގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެއެވެ. މިފަދައިން މަސައްކަތްކުރުވާނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތަށާއި، މި ގާނޫނުގެ 38 ވަނަ މާއްދާގައި ބުނާގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) މުވައްޒަފަކުލައްވާ އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، އޭނާގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ¼1 ބަޔަށްވާ ފައިސާ، އަދި އެފަދައިން މަސައްކަތްކުރުވީ، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްގައިނަމަ، އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން ½1 ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެމުވައްޒަފަކަށް، ވަޒީފާދޭފަރާތުން ދޭންވާނެއެވެ.

 

38 ވަނަ މާއްދާ - ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުން

އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހެއްގެ ގޮތުގައި، ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކުލައްވާ މަސައްކަތް ކުރުވާނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އޯވަރޓައިމްގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެމުވައްޒަފުގެ މުސާރައިގައި ހިމަނައިގެން ވަޒީފާދޭ ފަރާތުން، އެމުވައްޒަފަކަށް ދޭންވާނެއެވެ.

 

ހައްގުވާ އެކިއެކި ޗުއްޓީ

39 ވަނަ މާއްދާ - އަހަރީ ޗުއްޓީ

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާ އަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.

 

40 ވަނަ މާއްދާ - ޗުއްޓީގައި ހުންނައިރު މަސައްކަތް ނުކުރުން

މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ، ވަޒީފާދޭ ފަރާތުން، އެފަރާތުގެ އެއްވެސް މަސައްކަތެއް އެމުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ. ނުވަތަ އެފަދައިން މަސައްކަތް ކުރުވުމަށް ހުއްދަކޮށްގެން ނުވާނެއެވެ.

 

41 ވަނަ މާއްދާ - ޗުއްޓީދޭ ތާރީހު

(ހ) މި ގާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަހަރީ ޗުއްޓީ ދެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. ޗުއްޓީފެށޭ ތާރީހު ކަނޑައަޅާނީ، އެޗުއްޓީ ހައްގުވާ މުވައްޒަފަކާ މަށްވަރާކުރުމަށްފަހު، ވަޒީފާދޭ ފަރާތުންނެވެ. މިގޮތުން، ޗުއްޓީފެށޭ ތާރީހަކީ، ޗުއްޓީ ހައްގުވާ އަހަރު ނިމުނު ތާރީހުން ފެށިގެން 12 މަސްދުވަހަށްވުރެ ފަހުގެ ތާރީހަކަށް ވެގެން ނުވާނެއެވެ.
  2. މި ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދެވޭ ސަލާމުގެ ޗުއްޓީ ނުވަތަ މި ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެމަތީން ދެވޭ ވިހެއުމުގެ ޗުއްޓީ ނުވަތަ ވަޒީފާއިން ވަކިކުރުމަށްދޭ ނޯޓިސް ދީފައިވާ މުއްދަތު އަހަރީ ޗުއްޓީން އުނިވާގޮތަކަށް ޗުއްޓީ ނުދެވޭނެއެވެ.
  3. މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެމުވައްޒަފަކު އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެފަދަ ކޮންމެ ބަންދު ދުވަހަކަށް، ދުވަހެއް، އެމުވައްޒަފެއްގެ ޗުއްޓީއަށް އިތުރު ކުރެވޭނެއެވެ.

(ށ) މުވައްޒަފަކު އޭނާއަށްލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށްވުރެ ލަސްނުވާނޭ ގޮތުގެމަތިން، އޭނާ   އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިންޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭން ވާނެއެވެ.

(ނ) މުވައްޒަފަކު، ވަޒީފާއިން ވަކި ކުރާނަމަ، އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން އެ ޗުއްޓީއަށް ލިބެންވާ ފައިސާ، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން ވަކިކުރާއިރު، އެ ފައިސާ އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން މުވައްޒަފަކަށް ދޭންޖެހޭ ފައިސާ ކަނޑައަޅާނީ، އޭނާ ޗުއްޓީ ނެގި ދުވަހުގެ ކުރިން ނުވަތަ އޭނާ ވަޒީފާއިން ވަކިވުމުގެ ކުރިން އޭނާއަށް ލިބެމުންއައި މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ.

(ބ) މި މާއްދާގެ (ނ) ގައިވާ ހާލަތުގައި މެނުވީ، މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބަދަލުގައި، އެއްވެސް ފައިސާއެއް، ވަޒީފާދޭ ފަރާތުން ދީގެން ނުވާނެއެވެ.

(ޅ) މި ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއް ދޫކޮށްލުމަށް، ނުވަތަ ބޭނުން ނުކުރުމަށް އެއްވެސް އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެކެވެ.

 

42 ވަނަ މާއްދާ - ބަލިވެގެން ސަލާމްބުނުން

(ހ) މުވައްޒަފަކު ހިދްމަތްކުރާ ކޮންމެ އަހަރަކު، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް، ދިނުމަށް ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވަނީ ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެވެ.

(ށ) ބަލީގެ ބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުންނޫނީ، އެމުވައްޒަފަކަށް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

 

43 ވަނަ މާއްދާ - ވިހެއުމާ ގުޅިގެންދޭ ޗުއްޓީ

(ހ) އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ. ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެކަމަށް ލަފާކުރާ ދުވަހުގެކުރިން ހިނގާގޮތަށް ގިނަވެގެން ދެވޭނީ  30 ދުވަހުގެ ޗުއްޓީއެވެ. މިމާއްދާ މިހެން އޮތުމަކުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ފުރިހަމަނުކޮށް ވަޒީފާއަށް ނުކުތުން އެމުވައްޒަފަކަށް މަނައެއް ނުކުރެއެވެ.

(ށ) ވިހެއުމާގުޅިގެންދޭ ޗުއްޓީއަކީ، މި ގާނޫނުގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީތަކުގެ އިތުރަށް އަންހެން މުވައްޒަފުންނަށް ދެވޭ ޗުއްޓީއެކެވެ.

(ނ) އަންހެން މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި އިންނަ މުއްދަތުގައި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި، މަގާމުގެ ކުރިއެރުން ލިބިދިނުން ފަދަ ހައްގުތައް ފުރިހަމައަށް ލިބެންވާނެއެވެ. މިގޮތުން، ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށް ވަޒީފާގެ މުއްދަތު ގުނޭގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ. އަދި އޭނާ ވަޒީފާ އަދާކުރާ މުއްދަތަށް އެއްވެސް ހުއްޓުމެއް އައީކަމަށް ނުވަތަ މެދުކެނޑުނީ ކަމަށް ނުވަތަ އެމުއްދަތު ކުރުވީކަމަށްވެސް ބަލައިގެން ނުވާނެއެވެ.

(ރ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއެއްގައި ވަޒީފާއަދާކުރާ އަންހެން މުވައްޒަފަކު އިންނައިރު އޭނާގެ މުސާރަ އޭނާއަށް ދޭންވާނެއެވެ. މިގޮތުން އޭނާއަށް ހައްގުވާ މުސާރައިގެ ފައިސާ ދޭނީ، އާންމުކޮށް މުސާރަދޭ ދުވަހުއެވެ.

(ބ) އަންހެން މުވައްޒަފަކު، ބަލިވެއިނުމުގެ ސަބަބުން، ނުވަތަ ވިހެއުމުގެ ސަބަބުން، ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ނުވަތަ އޭނާގެ ދަރިފުޅު ބައްޔެއް ވެއްޖެކަމަށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު މެޑިކަލް ސެޓުފިކެޓެއް ދީފިނަމަ، ވިހެއުމުގެ ކުރިން ގިނަވެގެން 28 ދުވަހުގެ ޗުއްޓީއެއް އަދި ވިހެއުމުގެ ފަހުން ގިނަވެގެން 28 ދުވަހުގެ ޗުއްޓީއެއް މި މާއްދާގެ (ހ) ގައިވާ މުއްދަތުގެ އިތުރަށް ދޭންވާނެއެވެ. މިގޮތުން ދެވޭ ޗުއްޓީގެ ދުވަސްތަކަށް މުސާރަ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވެއެވެ.

 

44 ވަނަ މާއްދާ - އަނބުރާ އައުމުގެ ހައްގު

(ހ) ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަވުމުން، އެ މުވައްޒަފަކު ޗުއްޓީ ނެގުމުގެ ކުރިން ލިބެމުންއައި މަންފާތަކާއި ހައްގުތައް ލިބޭގޮތަށް، އެ ޗުއްޓީ ނެގުމުގެ ކުރިން އޭނާ އަދާކުރަމުން އައި ވަޒީފާއަށް، ތިރީގައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވެއްޖެ ހާލަތެއްގައި މެނުވީ، އަނބުރާ އައުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.

  1. މަސައްކަތްކުރާ ތަނުގެ އިގްތިސާދީ، ނުވަތަ ފަންނީ، ނުވަތަ އިންތިޒާމީ ސަބަބަކާހުރެ، އެތަނުގައި ،އެވަޒީފާ ނެތުން؛
  2. އޭނާ އެވަޒީފާ އަދާކުރުމުގައި ދެމިހުރުމަށް ނުކުޅެދުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެ މުވައްޒަފަށް ގެއްލުނު، ނުވަތަ އަދާކުރުމަށް ނުކުޅެދުނު ވަޒީފާގެ ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް މަސައްކަތްކުރާ ތަނުން ހޯދައިދިނުމަށް ވަޒީފާދޭ ފަރާތުން އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، އޭނާ ކުރިން އަދާކުރަމުންއައި ވަޒީފާގެ ބަދަލުގައި އެ މުވައްޒަފަކަށް އެކަށޭނަ ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ ނުވަތަ އެފަދަ ވަޒީފާއެއް، އަދާކުރުމަށް އެމުވައްޒަފަކު އެކަށީގެންވާ ސަބަބެއްނެތި އިއުތިރާޒް ކޮށްފިނަމަ، މި ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނޯޓިސްދީ ވަޒީފާގެ އެއްބަސްވުން ބާތިލު ކުރެވިދާނެއެވެ.

 

45 ވަނަ މާއްދާ - ކުއްޖާ ބެލުމަށް ވަގުތުދިނުން

މުވައްޒަފަކު، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތުން، ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު 2 ފަހަރު ދޭންވާނެއެވެ. މިގޮތުގެމަތިން ހުސްވަގުތުކޮޅެއް ދިނުން ލާޒިމުވެގެންވަނީ ދަރިފުޅުގެ އުމުރުން 1 އަހަރު ފުރުމާ ހަމައަށެވެ.

 

46 ވަނަ މާއްދާ - މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ ޗުއްޓީ

(ހ) ވިހެއުމާގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް އެއްއަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ.

(ށ) ވަޒީފާދޭ އެއްފަރާތެއްގައި، ދަރިފުޅުގެ މަންމައާއި ބައްޕަ ވަޒީފާ އަދާކުރާނަމަ، އެމީހުންނަށް ފެންނަ ގޮތަކަށް އެ ޗުއްޓީގެ މުއްދަތު ދެމީހުންގެ މައްޗަށް ބަހާލެވިދާނެއެވެ.

 

47 ވަނަ މާއްދާ - އާއިލީ ޒިންމާގެ ޗުއްޓީ

އާއިލާގެ މެންބަރަކު ބަލިވުންފަދަ މުހިންމު ޒިންމާތަކާ ގުޅިގެން، ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް މުސާރަ ލިބޭގޮތަށް 10 ދުވަހުގެ ޗުއްޓީއެއް އަހަރުދުވަހުގެތެރޭގައި ނެގިދާނެއެވެ.

 

48 ވަނަ މާއްދާ - އަނބިމީހާ ވިހެއުމުން ދެވޭ ޗުއްޓީ

ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަލިބޭގޮތަށް 3 ދުވަހުގެ ޗުއްޓީއެއް ހައްގުވާނެއެވެ.

 

49 ވަނަ މާއްދާ - ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ

މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން، އެދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް، 5 ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ހައްގުވާނެއެވެ.

  

އުޖޫރަ

50 ވަނަ މާއްދާ - މުސާރަ ދިނުން

(ހ) ވަގުތީ މުވައްޒަފަކަށް ލިބެންވާ މުސާރަ ފިޔަވައި، އެހެން ހުރިހާ މުވައްޒަފުންނަށްވެސް، މަދުވެގެން މަހަކު އެއްފަހަރު މުސާރަ ދޭންވާނެއެވެ.

(ށ) ވަގުތީ މުވައްޒަފަކަށް އާންމު އުސޫލެއްގެގޮތުން ދޭންވާނީ ދުވަހު މުސާރައެވެ. ނަމަވެސް، ވަޒީފާދޭ ފަރާތާއި އެ ވަގުތީ މުވައްޒަފާ ދެމެދު އެއްބަސްވާގޮތެއްގެ މަތިން، ކޮންމެ ހަފުތާއަކު އެއްފަހަރު ނުވަތަ ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ނުވަތަ މަހަކު އެއްފަހަރު މުސާރަދޭގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

(ނ) މުވައްޒަފަކަށް ލިބޭ މުސާރަ ދޭންވާނީ:

  1. އެ މުވައްޒަފެއްގެ އަތަށް ނުވަތަ އޭނާ ލިޔުމަކުން ކަނޑައަޅާ ފަރާތަކަށެވެ.
  2. ގާނޫނީ ގޮތުން ސައްހަ ފައިސާއަކުން ނަގުދުގެގޮތުގައި، ނުވަތަ ރާއްޖޭގައި ހުންނަ ބޭންކެއްގެ
  3. ނަގުދު ފައިސާއިން މުސާރަދޭނަމަ، ބަންދުނޫން ދުވަހެއްގައި، އެމުވައްޒަފަކު މަސައްކަތް ކުރާތަނުން ނުވަތަ އެތަނާ ކައިރި ތަނަކުންނެވެ.

(ރ) ސިނާއީ މަސައްކަތްތަކުގަޔާއި، މުވައްޒަފަކު އަދާކުރާ މަސައްކަތުގެ އާދަކާދައިގެ މައްޗަށް ބިނާކޮށް، މުސާރައިގެ ގޮތުގައި ނުވަތަ މުސާރައިގެ ބައެއްގެ ގޮތުގައި ފައިސާނޫން އެހެން އެއްޗެއް ދީއުޅޭ ޒާތުގެ މަސައްކަތްތަކުގައި، އެފަދައިން އުޖޫރައިގެ ގޮތުގައި އެއްޗެއް ދެވޭނީ، އެއެއްޗަކީ ތިރީގައި މިވާ ށަރްތުތައް ފުރިހަމަވާ އެއްޗަކަށް ވާނަމައެވެ.

  1. ބަނގުރާ ނުވަތަ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެއްޗަކަށް ނުވުން؛
  2. މުވައްޒަފަށް ނުވަތަ އޭނާގެ އާއިލާގެ މެންބަރުންނަށް އެއިން ބޭނުމެއް ހިފޭ ނުވަތަ ފައިދާއެއް ކުރާ
  3. އެއެއްޗަކަށް ނިސްބަތްކުރެވޭ އަގަކީ، އެކަށީގެންވާ ރަނގަޅު
  4. އެއެއްޗަކީ ގެންގުޅުން ނުވަތަ އަތުގައިބެހެއްޓުން މަނާއެއްޗެއް ކަމުގައި ނުވުން.

 

51 ވަނަ މާއްދާ – ސަރވިސްޗާޖް

(ހ) ވަޒީފާދޭ ފަރާތަށް ހިދްމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސަރވިސްޗާޖެއް ނަގާނަމަ، ފާއިތުވެފައިވާ މަހު ލިބުނު ފައިސާ ނުވަތަ  އެ ފައިސާއިން މިމާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތަށް ނަގާ އިދާރީ ފީ ކެނޑުމަށްފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އޭނާގެ މުވައްޒަފުންނަށް ބަހައި ނިންމަންވާނެއެވެ.

(ށ) ސަރވިސްޗާޖުގެ ގޮތުގައި، ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން %1 އަށްވުރެ ގިނަނޫން އަދަދެއްގެ ފައިސާ، އިދާރީ ފީއެއްގެ ގޮތުގައި، ވަޒީފާ ދޭފަރާތަށް ނެގިދާނެއެވެ.

 

52 ވަނަ މާއްދާ - މުސާރައިގެ ބަޔާން

(ހ) މުވައްޒަފުންނަށް މުސާރަ ދޭއިރު، އެމުސާރަޔާއެކު ތިރީގައިއެވާ ކަންތައްތައް ހިމެނޭ ލިޔުމެއް ވަޒީފާދޭފަރާތުން، މުވައްޒަފުންނަށް ދޭންވާނެއެވެ.

  1. މުސާރަދެވޭ މުއްދަތުގައި އެމުވައްޒަފަކަށް ލިބޭ މުޅި މުސާރައިގެ ޖުމުލަ އަދަދު؛
  2. އެއްވެސް އަދަދެއް އެމުސާރައިގެ ޖުމުލައިން ކަނޑާފައިވާނަމަ، އެގޮތުން ކެނޑި އަދަދާއި އެ އަދަދު ކަނޑަންޖެހުނު
  3. މުސާރަދެވޭ މުއްދަތުގައި، މުވައްޒަފަށް މުސާރައިގެ ގޮތުގައި ދެވޭ އަސްލު އަދަދު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އަމަލުކުރުމުގެ ބަދަލުގައި، މުސާރައިގެ ބަޔާނުގައި ހުންނަންވާނެކަމަށް މި މާއްދާގެ (ހ) ގައި ބުނެފައިވާ މައްލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައި އޮންނަ މުސާރައިގެ ދަފުތަރެއްގައި މުވައްޒަފުންލައްވާ، މުސާރަ ލިބޭ ވަގުތު ސޮއިކުރުވާ ގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ މުސާރައިގެ ދަފުތަރުގައިވާ ކަމާބެހޭ ސަފްހާއެއްގެ ކޮޕީ، އެކަމަށް އެދޭ މުވައްޒަފަކަށް އިތުރު އުޖޫރައެއް ނެގުމަކާނުލައި ދޭންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުސާރައިގެ ބަޔާނެއް، މުވައްޒަފަކަށް މުސާރަ ދޭއިރު، ވަޒީފާދޭފަރާތުން ނުދީފިނަމަ، ނުވަތަ މުސާރައިގެ ދަފުތަރުގެ މައްލޫމާތު އެމުވައްޒަފަކަށް ނުދައްކައިފިނަމަ، އެކަމުގެ ށަކުވާ އެމުވައްޒަފަކަށް، ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

53 ވަނަ މާއްދާ - މުސާރައާ ގުޅޭގޮތުން މަނާ ކަންތައްތައް

(ހ) ވަޒީފާދޭ އެއްވެސް ފަރާތަކުން،

  1. މި ގާނޫނުގެދަށުން، އެއްވެސް މުވައްޒަފަކަށް ދީފައިވާ މުސާރައެއް ނުވަތަ އެމުވައްޒަފަކަށް ދޭންޖެހޭ މުސާރައެއް، ވަޒީފާދޭ ފަރާތަށް ދިނުމަށް، ނުވަތަ އަނބުރާ ދެއްކުމަށް، އަންގައިގެން ނުވާނެއެވެ.
  2. އެއްވެސް މުވައްޒަފަކަށް ލިބިފައިވާ މުސާރައަކުން ނުވަތަ ލިބެންވާ މުސާރައަކުން ނުވަތަ އެފަދަ މުސާރައެއްގެ ބަޔަކުންނަމަވެސް، އެމުވައްޒަފަކަށް ލިބެންވާ ފައިދާއަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ހުރަސްއެޅޭ ޒާތުގެ އެއްވެސް ކަމެއް
  3. އެއްވެސް މުވައްޒަފަކަށް ލިބުނު މުސާރައިގެ އިތުރަށް އެއްވެސް އަދަދެއްގެ ފައިސާއެއް އޭނާއަށް ލިބުނުކަމަށް، ރަސީދެއް ދިނުމަކަށް ނުވަތަ އެގޮތަށް ހާމަކުރުމަށް އެދިގެން ނުވާނެއެވެ. އަދި އެކަން ކުރުމަށް ހުއްދަކޮށްގެންވެސް
  4. އޭނާގެ މުވައްޒަފަކަށް ލިބޭ މުސާރައާމެދު އަމަލުކުރުމަށް އެމުވައްޒަފަކަށް އޮތް މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.

  1. ގާނޫނުގައިވާ ގޮތުގެމަތިން ނުވަތަ ކޯޓުގެ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ އެއްޗެއް އުނިކުރުން؛
  2. ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ހޯދައިދީފައިވާ ގެއެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހޯދުމަށް، ނުވަތަ ކުއްޔަށް ހިފުމަށް ދީފައިވާ، ނުވަތަ އޭނާ އެމުވައްޒަފަކަށް ވިއްކާ މުދަލަކަށް ލިބެންވާ ފައިސާއާ ގުޅޭގޮތުން ނުވަތަ އޭނާ އެމުވައްޒަފަކަށް ދޫކުރާ ލޯނަކާ ނުވަތަ އޭނާ ގެރެންޓީކޮށްދީގެން ހޯދައިދޭ ލޯނަކާ ނުވަތަ މުސާރައިގެ އެޑްވާންސްގެ ގޮތުގައި ދީފައިވާ އަދަދަކާ ގުޅޭގޮތުން މުވައްޒަފެއްގެ ހުއްދަ، ލިޔުމަކުން ލިބިގެން، އެ ހުއްދަދޭ އަދަދަކަށް، ނުވަތަ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ނުވާނޭހެން އުނިކުރާ އުނިކުރުން؛
  3. އެމުވައްޒަފެއްގެ ޗުއްޓީއާގުޅޭ ނުވަތަ ބޭސްފަރުވާއާގުޅޭ ނުވަތަ އިންށުއަރެންސާގުޅޭ ފަންޑަކަށް، ނުވަތަ ޕްރޮވިޑެންޓް ފަންޑަކަށް ދެއްކުމަށް ލިބެންޖެހޭ ފައިސާއާގުޅޭގޮތުން އުނިކުރާ އުނިކުރުން.

 

54 ވަނަ މާއްދާ - މުވައްޒަފުންނަށް ފިހާރައެއްގެ ހިދްމަތް ދިނުން

(ހ) ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ ބޭނުންތަކަށް ވަޒީފާދޭ ފަރާތުން ހުޅުވާ ފިހާރައަކުން، ނުވަތަ ވަޒީފާދޭ ފަރާތުން ވިޔާފާރީގެ އުސޫލުން ދޭ ހިދްމަތް، އޭނާގެ މުވައްޒަފުންނަށްވެސް ލިބޭގޮތަށް ހަދައިފިނަމަ، އެފަދަ ފިހާރައަކުން ތަކެތި ވިއްކަންވާނީ ނުވަތަ އެހިދްމަތެއް ދޭންވާނީ، އެކަށީގެންވާ ރަނގަޅު އަގަކަށެވެ.

(ށ) ވަޒީފާދޭ ފަރާތުން ހުޅުވާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ފިހާރައަކުން ނުވަތަ ދޭ ހިދްމަތަކުން، އެއްޗެތި ގަތުމަކަށް ނުވަތަ ހިދްމަތުގެ ބޭނުން ކުރުމަކަށް، ވަޒީފާދޭ ފަރާތުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ނުވާނެއެވެ.

 

55 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރާއިރު އުޖޫރަ ދިނުން

މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ނުވަތަ އޭނާގެ ވަޒީފާގެ މުއްދަތު ހަމަވާއިރު ދޭންޖެހޭ ފައިސާއެއްވާނަމަ، ވަޒީފާއިން ވަކިކުރާތާ ނުވަތަ ވަޒީފާގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް ދޭންޖެހޭ އެންމެހައި ފައިސާ، ދީ ނިންމަންވާނެއެވެ.

 

56 ވަނަ މާއްދާ - އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު

(ހ) އެކިއެކި ވިޔަފާރިކުރާ ތަންތަނުގަޔާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންނަންވާނެއެވެ.

(ށ) މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ކުރާ އަމުރު، މަދުވެގެން  ދެ އަހަރުން އެއްފަހަރު ބޯޑުން މުރާޖައާ ކުރަންވާނެއެވެ.

(ނ) މި ބޯޑު ހިންގާނެ ގޮތާއި ބޯޑަށް ލިބިގެންވާ ބާރުތަކާއި، ބޯޑުގެ ވާޖިބުތައް، މި ގާނޫނުގެދަށުން މިނިސްޓަރު ހަދާ ގަވާއިދަކުން ކަނޑައަޅަންވާނެއެވެ.

 

57 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތް

(ހ) ބޯޑު އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 5 މެންބަރުންގެ މައްޗަށެވެ.

(ށ) ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރަންވާނީ، ބޯޑުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންނެވެ.

(ނ) ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ މެންބަރެކެވެ.

 

58 ވަނަ މާއްދާ - ޖަލްސާ ބޭއްވުން

(ހ) ބޯޑުން ބަލަމުން ގެންދާ ކަމަކާގުޅޭގޮތުން، ވަކިމީހަކު ހާޒިރުކޮށް، އެމީހެއްގެ ވާހަކަ އަޑުއަހަން ބޯޑުން ބޭނުންވެއްޖެ ހިނދެއްގައި، ބޯޑުގެ ރިޔާސަތު ބަލަހައްޓާ މެންބަރު، އެފަރާތަކަށް އެކަން އަންގައި، ބޯޑުގެ ޖަލްސާގައި ބައިވެރިވުމަށް، އޭނާގެ ގާތުން އެދެވިދާނެއެވެ.

(ށ) އެމީހަކަށް ލިބޭ އުޖޫރައާ ބެހޭގޮތުން ކަމެއް، ބޯޑަށް ހުށަހެޅުމުގެ ފުރުސަތަކަށް ކޮންމެމީހަކަށްވެސް އެދެވިދާނެއެވެ. އެފަރާތަކީ، ބޯޑުން ބަލަމުން ގެންދާ ނުވަތަ ބެލިދާނެ ކަމަކާގުޅޭ ފަރާތެއްކަމަށް ބޯޑުގެ ރިޔާސަތު ބަލަހައްޓާ މެންބަރަށް ފެނިއްޖެނަމަ، ބޯޑުގެ ޖަލްސާގައި ބައިވެރިވުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައިވާފަދައިން ބޯޑުން އެމީހެއްގެ ވާހަކަ އަހައިދިނުމަށް އެދޭ ފަރާތަކަށް، ބޯޑުގެ ރިޔާސަތުން އެ ފުރުސަތު ނުދީފިނަމަ، އެކަން، ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

 

59 ވަނަ މާއްދާ - އެންމެކުޑަމިނުން ދޭންވާނެ އުޖޫރަ ކަނޑައަޅާ އަމުރު

(ހ) ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާ ކުރުމަށްފަހު، ވަކި މަސައްކަތަކާ ގުޅޭގޮތުން ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ގޮތުން، ނުވަތަ ބަދަލު ކުރުމުގެގޮތުން ނުވަތަ ބާތިލު ކުރުމުގެގޮތުން، މިނިސްޓަރަށް އަމުރެއް ނެރެވިދާނެއެވެ.

 (ށ) އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެއެވެ.

 

60 ވަނަ މާއްދާ - ނޯޓިސް ފެންނާނެހެން ބެހެއްޓުން

(ހ) ވަޒީފާދޭ ފަރާތަކުން، އޭނާގެ މުވައްޒަފުންނަށް އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ކަނޑައަޅާ، މިނިސްޓަރު ކުރާ އަމުރެއް ލިބިއްޖެނަމަ، އެ އަމުރެއްގައި ހިމެނިގެންވާ މައްލޫމާތު މުވައްޒަފުންނަށް ފެންނާނެގޮތަށް މަސައްކަތްކުރާ ތަނުގައި ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާއާ ހިލާފުވާ ގޮތަށް ވަޒީފާދޭ ފަރާތްތަކުން ވަޒީފާގެ ކަމެއް ކުރަނީނަމަ، އެކުރަނީ ކުށެކެވެ. އެކުށް ސާބިތުވެއްޖެނަމަ 1,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

61 ވަނަ މާއްދާ - އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުދިނުން

(ހ) ވަޒީފާދޭ ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ނުދީ އެއަށްވުރެ ކުޑަ އުޖޫރައެއް ދީފިނަމަ، އެކުރަނީ ކުށެކެވެ. އަދި އެކުށް ކުރާ ފުރަތަމަފަހަރު 1,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ވަޒީފާދޭފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. ދެވަނަ ފަހަރަށް، އެކުށް ކޮށްފިނަމަ، 1,000 ރުފިޔާ އަށްވުރެ ކުޑަނޫން އަދި 3,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން އޭނާ ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އަދަދެއް ވަޒީފާދޭފަރާތުން މުވައްޒަފަކަށް ދީފިނަމަ، އެމަދުވާ އަދަދަށްވާ ފައިސާ، އެމުވައްޒަފަކަށް ދިނުމަށް ޓްރައިބިއުނަލުން ވަޒީފާ ދޭފަރާތަށް އަމުރު ކުރަންވާނެއެވެ.

(ނ) އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށްވުރެ ކުޑަ އަދަދެއް ވަޒީފާދޭފަރާތުން މުވައްޒަފަކަށް ދީގެން، އެކަމުގެ ށަކުވާ އުފުލިއްޖެނަމަ، އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ، މިނިސްޓަރު ކޮށްފައިވާ އަމުރާ ހިލާފު ނުވާކަން ސާބިތު ކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

 

5 ވަނަ ބާބު

ބިދޭސީން ވަޒީފާ އަދާކުރުން

62 ވަނަ މާއްދާ - ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު ހެދުން

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދެވޭނެ ގޮތާއި، ބިދޭސީން ވަޒީފާ އަދާކުރުމާއި، ވަޒީފާގައި ގެންގުޅުމާއި، ވަޒީފާއިން ވަކިކުރުމާ އަދި މިނޫންވެސް މިކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތުގެ ގަވާއިދެއް، މިގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި ހެދުމަށްފަހު އާންމުކޮށް އިއުލާންކުރުމަކީ މިނިސްޓަރު ކުރަންވާނެ ކަމެކެވެ.

 

63 ވަނަ މާއްދާ – ށަކުވާ

ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފެއްގެ ފަރާތުން، ނުވަތަ އޭނާއާ ގުޅޭގޮތުން، އޭނާގެ ވަޒީފާގެ އެއްބަސްވުމާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަމުގެ ތުހުމަތެއް ކުރެވިއްޖެނަމަ، އެކަމުގެ ށަކުވާ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

  

6 ވަނަ ބާބު

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް

64 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ  އޭޖެންސީ

"ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ" މާނަކޮށްދެނީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާދޭ އެކިއެކި ފަރާތްތަކަށް އެމީހުންގެ ވަޒީފާގައި އުޅެދޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރީގެ އުސޫލުން ހިދްމަތްދޭ ކޮންމެ ފަރާތެކެވެ. ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދްމަތްދޭ ސަރުކާރުގެ ދާއިރާތައް މީގެތެރެއިން އިސްތިސްނާވާނެއެވެ.

 

65 ވަނަ މާއްދާ - ރަޖިސްޓަރީކުރުމާއި ހިންގުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގަންވާނީ، މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ރަޖިސްޓަރީކުރުމާއި އެފަދަ އޭޖެންސީން ދެވޭ ހިދްމަތާބެހޭގޮތުން، ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

66 ވަނަ މާއްދާ – ސިއްރު

(ހ) ވަޒީފާއަކަށް އެދޭ މީހަކަށް، އޭނާ އެދޭ ވަޒީފާ އަދާކުރުމުގެ ގާބިލުކަން ލިބިގެންވޭތޯ ބެލުމަށް ކޮންމެހެން ހޯދަންޖެހޭ މައްލޫމާތެއް ހޯދުން ފިޔަވައި، އެމީހެއްގެ އެހެން އެއްވެސް ޒާތީ މައްލޫމާތެއް ހޯދުމަށް އެދުމަކީ ނުވަތަ އެފަދަ މައްލޫމާތެއް ރިކޯޑު ކުރުމަކީ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްކުރެވޭ ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އަމިއްލަ މައްލޫމާތު ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކުން ހާމަކުރަންވާނީ، ވަޒީފާ އަދާކުރުމަށް ވަކިކަހަލަ ސިފަތަކެއް ހުރި މީހަކު ހޯދުމަށް ށައުގުވެރިވާ ވަޒީފާދޭ ފަރާތްތަކަށް އެކަންޏެވެ.

 

67 ވަނަ މާއްދާ – ފީ

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް، އެ އޭޖެންސީއަކާއި ވަޒީފާދޭ ފަރާތާދެމެދު އެއްބަސްވާ ގޮތެއްގެމަތިން، ވަޒީފާދޭ ފަރާތުން ފީއެއް ނެގިދާނެއެވެ. ނަމަވެސް ވަޒީފާއަކަށް އެދޭ މީހެއްގެ އަތުން ސީދާކޮށް ވިޔަސް ނުސީދާކޮށް ވިޔަސް އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.

 

68 ވަނަ މާއްދާ – ށަކުވާ

(ހ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާބެހޭ އެއްވެސް ށަކުވާއެއް ވާނަމަ، އެ ށަކުވާއެއް މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ގުޅޭގޮތުން މިނިސްޓަރަށް ހުށަހަޅާ ށަކުވާއެއް، އޭނާ ބަލާއިރު، އެއީ ރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ށަކުވާއެއްކަން ސާބިތުވެއްޖެނަމަ، އެކަށީގެންވާކަމަށް އޭނާއަށް ފެންނަ މުއްދަތަކަށް އެ އޭޖެންސީއެއް ހިންގުމަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓިދާނެއެވެ. އަދި 5,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން އެ އޭޖެންސީއެއް ޖޫރިމަނާ ކުރެވިދާނެއެވެ.

(ނ) މިނިސްޓަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެނިންމުން ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާބެހޭ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމަކަށް މި މާއްދާގެ (ހ) ހުރަހެއްނާޅައެވެ.

  

7 ވަނަ ބާބު

ތަމްރީނުދިނުން އަދި ތަމްރީނުދިނުމަށް ވަޒީފާގައި ގެންގުޅުން

69 ވަނަ މާއްދާ - ތަމްރީނުކުރުމާބެހޭ އެއްބަސްވުން

(ހ) މުވައްޒަފަކު އަދާކުރާ ވަޒީފާ ނުވަތަ މަސައްކަތަކާ ގުޅޭގޮތުން ރަސްމީ އެއްވެސް ސިފައެއްގައި، ނުވަތަ ޕްރޮގްރާމެއްގައި ބައިވެރިކޮށްގެން، ނުވަތަ ކޯހެއްގައި ބައިވެރިކޮށްގެން އެމުވައްޒަފަކަށް ތަމްރީނެއް ދޭނަމަ، އެތަމްރީނު ދޭންފެށުމުގެ ކުރިން، ތަމްރީނާގުޅޭގޮތުން ވަޒީފާދޭ ފަރާތާއި، އެމުވައްޒަފަކާ ދެމެދު އެއްބަސްވުމެއް އެއްބަސްވާންވާނެއެވެ.

(ށ) ތަމްރީނާބެހޭ އެއްބަސްވުމުގައި ތިރީގައިވާ މައްލޫމާތުތައް ބަޔާންކޮށްފައި ހުންނަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީކާޑު
  3. މުވައްޒަފަށް ދެވޭ ތަމްރީނާބެހޭ
  4. ތަމްރީނުގެ މުއްދަތު؛
  5. ވަޒީފާދޭ ފަރާތުން އެ ތަމްރީނަށް ކުރަންޖެހޭ ހަރަދު؛
  6. ތަމްރީނު ފުރިހަމަ ނުކުރެވިއްޖެނަމަ، ދެފަރާތަށްމެ ލިބިގެންވާ ހައްގުތަކާއި ދެފަރާތުންމެ އަދާކުރަންޖެހޭ ޒިންމާތައް.

(ނ) ތަމްރީނުދެވޭ މުވައްޒަފެއްގެ އަތުން، އެ ތަމްރީނުގައި އޭނާ ބައިވެރިވާކަމަށްޓަކައި، ވަޒީފާދޭ ފަރާތުން ސީދާގޮތުން، ނުވަތަ ނުސީދާ ގޮތުންނަމަވެސް އެއްވެސް އަގެއް އަތުލައިގެން ނުވާނެއެވެ.

 

70 ވަނަ މާއްދާ - ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުން

(ހ) ވަކިކަހަލަ ތަމްރީނެއް ދިނުމަށްޓަކައި، ވަޒީފާއެއްގައި ބަހައްޓައިގެން ތަމްރީނުކުރުމާ އެކުއެކީގައި، ކަމާގުޅޭ ހުނަރުތައް ވަކިން ދަސްކޮށްދީގެން، މުވައްޒަފަކަށް ތަމްރީނުދޭނަމަ، އެ ތަމްރީނެއްދޭން ފެށުމުގެ ކުރިން، ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމެއް، ވަޒީފާދޭ ފަރާތާއި އެމުވައްޒަފަކާދެމެދު، އެއްބަސް ވާންވާނެއެވެ. ނުވަތަ މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

(ށ) ތަމްރީނު ދިނުމަށްޓަކައި ވަޒީފާގައި ގެންގުޅުމަށް އެއްބަސްވާ އެއްބަސްވުމުގައި، ތިރީގައިވާ މައްލޫމާތުތައް ހިމަނާފައި ހުންނަންވާނެއެވެ.

  1. ވަޒީފާދޭ ފަރާތުގެ ނަމާއި އެޑްރެސް؛
  2. ވަޒީފާ އަދާކުރާ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީކާޑު
  3. މުވައްޒަފަށް ދެވޭ ތަމްރީނާބެހޭ ތަފްސީލު؛
  4. ތަމްރީނުގެ މުއްދަތު؛
  5. ވަޒީފާގެ ށަރްތުތަކާއި، އެ ވަޒީފާގައި މުވައްޒަފަކަށް ލިބޭނެ ފައިދާތަކާއި، އޭނާއަށް ލިބޭނެ އުޖޫރަ.

(ނ) ތަމްރީނު ދިނުމުގެގޮތުން ވަޒީފާގައި ބަހައްޓާ މުވައްޒަފަކަށް އެންމެ މަދުވެގެން ދޭންވާނެ އުޖޫރަ މި ގާނޫނުގެ ދަށުންހަދާ ގަވާއިދެއްގައި ކަނޑައެޅިދާނެއެވެ.

(ރ) ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ތަމްރީނު ދިނުމުގެ ގޮތުން ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭނީ،
މި ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ނެރެފައިވާ އަމުރެއް ނިސްބަތްވާ ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް އެ އަމުރުގައި ބަޔާންކޮށްފައިވާ މުސާރައިގެ %70 އެވެ.

(ބ) ތަމްރީނު ދިނުމަށް ވަޒީފާގައި މުވައްޒަފަކު ގެންގުޅޭ މުއްދަތު، ހަމަސް ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ޅ) ތަމްރީނު ދިނުމުގެ ގޮތުން ވަކި މުވައްޒަފަކަށް ވަޒީފާ ހަމަޖެއްސުމާ ގުޅިގެން، އެ މުވައްޒަފަކަށް އެ ފުރުސަތު ތަނަވަސް ވެގެން ދިޔަކަމަށްޓަކައި، އޭނާގެ އަތުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެއްވެސް އަގެއް، ވަޒީފާދޭ ފަރާތުން އަތުލައިގެން ނުވާނެއެވެ.

(ކ) ވަޒީފާގެ ބައެއް ދާއިރާތަކަކީ، ތަމްރީނު ދިނުމަށް މުވައްޒަފުން އެ ވަޒީފާތަކުގައި، ނުގެންގުޅެވޭނެ ދާއިރާތަކެއްކަމަށް، މި ގާނޫނުގެ ދަށުންހަދާ ގަވާއިދަކުން ހަމަޖެއްސިދާނެއެވެ.

 

71 ވަނަ މާއްދާ - އެއްބަސްވުމާ ހިލާފުވުން

ތަމްރީނުދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމަކާ، ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމަކާ ހިލާފުވެއްޖެކަމަށް ތުހުމަތު ކުރެވޭނަމަ، އެކަމެއްގެ ށަކުވާ، ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.

 

8 ވަނަ ބާބު

މަސައްކަތްކުރާ ތަނުގެ ރައްކާތެރިކަމާއި މުވައްޒަފުންގެ ސިއްހަތު

72 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުގެ ވާޖިބުތައް

މުވައްޒަފުންގެ އަތުން، އެއްވެސް އުޖޫރައެއް އެކަމަށް ނުނަގައި، ވަޒީފާ އަދާކުރާ ތަނުގައި، މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހަތަށާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް، ވަޒީފާދޭ ފަރާތުން އަޅަންވާނެއެވެ. މީގެތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

  1. ރައްކާތެރިގޮތުގައި މަސައްކަތް ކުރެވޭނެ ތަނަކާއި ގޮތެއް މުވައްޒަފުންނަށް ހަމަޖައްސައިދިނުމާއެކު، ރައްކާތެރި ތަކެއްޗާއި ސާމާނާއި މެށިނަރީ، މަސައްކަތް ކުރުމަށް ހޯދައިދީ، އެތަކެތީގެ ރައްކާތެރިކަން
  2. ރައްކާތެރިގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް
  3. ކުރާ މަސައްކަތުގެ ބާވަތުން، ސިއްހަތަށް ގެއްލުންހުރި ކަންތައްތައް މަސައްކަތްކުރާ ތަނުން ނައްތާނުލެވޭނަމަ ނުވަތަ ކޮންޓްރޯލު ނުކުރެވޭނަމަ، އެފަދަ ނުރައްކަލުން ސަލާމަތްވުމަށް ބޭނުންކުރާނެ ރައްކާތެރި ހެދުމާއި ތަކެތި
  4. ރައްކާތެރިވާން ބޭނުންކުރާ ހެދުމާއި ތަކެތި ބޭނުންކުރާނެ ގޮތްތައް ހިމެނޭގޮތުން، މުވައްޒަފުންގެ ސިއްހަތަށާއި ރައްކާތެރިކަމާ ގުޅޭގޮތުން އެމީހުންނަށް ތަމްރީނާއި މައްލޫމާތު ދިނުމާއި، އެނގެން ބޭނުންވާނެ އެހެނިހެން ކަންތައްތައް
  5. ކެމިކަލެއް ނުވަތަ ބަޔޮލޮޖިކަލް މާއްދާއަކުން، ނުވަތަ ޖިސްމާނީގޮތުން ސިއްހަތަށް އެއްވެސް ނުރައްކަލެއް ދިމާވެދާފަދަ މަސައްކަތްކުރާ މުވައްޒަފުން، ގަވާއިދުން ސިއްހީގޮތުން ކުރަންޖެހޭ ޓެސްޓުތައް ހަދަމުން
  6. ވަޒީފާ އަދާކުރަނިކޮށް މުވައްޒަފަކަށް ހާނިއްކައެއް ވެއްޖެނަމަ، އޭނާއަށް ބޭނުންވާނެ އެކަށީގެންވާ ސިއްހީ ފަރުވާ ދިނުން، ނުވަތަ އެފަދަ ފަރުވާ ލިބޭނޭގޮތް
  7. ކުއްލި ނުރައްކަލުގެ ހާލަތުތަކާއި އެކްސިޑެންޓުތަކުގައި ބޭނުންކުރާނެ ފުރަތަމައެހީގެ ހިދްމަތްތައް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު، ހަމަޖައްސައިދިނުން.

 

73 ވަނަ މާއްދާ - މުވައްޒަފުންގެ ވާޖިބުތައް

ތިރީގައިވާ ކަންތައްތަކަކީ، ކޮންމެ މުވައްޒަފެއްގެ މައްޗަށް ލާޒިމުވާ ކަންކަމެވެ.

(ހ) މަސައްކަތްކުރުމުގައި ސަމާލުވާންވީ ކަމަކަށް ސަމާލު ނުވުމުގެ ސަބަބުން، ތިމާއަށާއި ތިމާއާ އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ސަލާމަތާއި ސިއްހަތަށް ގެއްލުމެއް ވިޔަނުދިނުމަށްޓަކައި އެފަދަ ކަންކަމަށް ދޭންވާ ސަމާލުކަންދީ، ރައްކާތެރިކަމަށް ބެލުން؛

(ށ) ރައްކާތެރި ވުމަށާއި ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވަޒީފާދޭ ފަރާތަށާއި ތިމާއާއެކު މަސައްކަތްކުރާ އެހެން މީހުންނަށް އެހީތެރިވެދިނުން؛

(ނ) ރައްކާތެރިވުމަށް ބޭނުންކުރާ ހެދުމާއި ސާމާނު، އެ ތަކެތި ބޭނުންކުރުމަށް ލިބިފައިވާ ތަމްރީނާއި އިރުށާދާ އެއްގޮތަށް ބޭނުންކުރުން؛

(ރ) ރައްކާތެރިވުމަށް ބޭނުންކުރާ ހެދުމަށާއި ސާމާނަށް އެއްވެސް ކަހަލަ ގެއްލުމެއް ވެއްޖެނަމަ، ނުވަތަ އެއިން އެއްޗެއް ގެއްލިއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ އެކަން ވަޒީފާދޭ ފަރާތަށް އެންގުން؛

(ބ) ނުރައްކަލެއް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ހިނގައިފިނަމަ، އަދި އެކަމަކީ، އެމީހަކަށް އަމިއްލަޔަށް ރަނގަޅު ނުކުރެވޭނެ ކަމަކަށްވާނަމަ، އެކަމެއްގެ ވާހަކަ ވަގުތުން ވަޒީފާދޭ ފަރާތަށް ނުވަތަ އެ ފަރާތަކުން ކަނޑައަޅާފައި ހުންނަ ސުޕަވައިޒަރަކަށް އެންގުން؛

(ޅ) މަސައްކަތް ކުރުމުގެ ތެރޭގައި، ނުވަތަ މަސައްކަތާ ގުޅިގެން ދިމާވާ އެކްސިޑެންޓެއް، ނުވަތަ ގެއްލުމެއް ވަޒީފާދޭ ފަރާތަށް ނުވަތަ  އެ ފަރާތަކުން ކަނޑައަޅާފައި ހުންނަ ސުޕަވައިޒަރަކަށް އެންގުން.

 

74 ވަނަ މާއްދާ - މަސައްކަތުން ދުރުހެލި ވުމުގެ ހައްގު

ތިމާގެ ސިއްހަތަށް ނުވަތަ ފުރާނަޔަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ވަޒީފާ އަދާކުރާ ފަރާތަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެފަދަ މަސައްކަތެއް ކުރުމުން ދުރުހެލިވުމުގެ ހައްގު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވެއެވެ.

 

75 ވަނަ މާއްދާ – އެންގުން

ވަޒީފާ އަދާކުރުމުގެ ތެރޭގައި މީހަކު މަރުވެއްޖެނަމަ، ނުވަތަ ފުރަތަމަސިއްހީ އެހީ ދިނުމަށްވުރެ ބޮޑަށް ފަރުވާދޭން ޖެހޭފަދަ ހާނިއްކައެއް، ވަޒީފާ އަދާކުރާ ފަރާތަށް ލިބިއްޖެނަމަ، އެމީހަކު މަރުވި ދުވަހުން ފެށިގެން، ނުވަތަ އެ ހާނިއްކައެއް ލިބުނު ދުވަހުން ފެށިގެން ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މައްލޫމާތު ވަޒީފާދޭ ފަރާތުން މިނިސްޓަރަށް އަންގަންވާނެއެވެ.

  

9 ވަނަ ބާބު

ލޭބަރ ރިލޭށަންސް އޮތޯރިޓީ

76 ވަނަ މާއްދާ - ލޭބަރ ރިލޭށަންސް އޮތޯރިޓީ

(ހ) ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ލޭބަރ ރިލޭށަންސް އޮތޯރިޓީއެއް މިނިސްޓްރީގައި ގާއިމުކުރަން ވާނެއެވެ.

  1. މި ގާނޫނާއި، މި ގާނޫނުގެދަށުން ހެދޭ ގަވާއިދުތަކަށް އަމަލުކުރޭތޯ ބަލައި، ތަންފީޒު ކުރުމަށްޓަކައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
  2. މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކަށް އެންމެ އެކަށީގެންވާ ގޮތުގައި އަމަލުކުރުމަށް، ހޭލުންތެރިކަން އިތުރުކުރުމާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މައްލޫމާތާއި ލަފާ
  3. މި ގާނޫނާއި މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކުގައި ހިމެނިގެންނުވާ ކަންތައްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި މައްސަލަތަކާއި، އެފަދަ ކަންކަމުން ނަހަމަގޮތުގައި ފައިދާ ނަގާނަމަ، އެކަންކަން، މިނިސްޓަރަށް އެންގުން؛
  4. ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކާ ދެމެދު މުއާމަލާތު ކުރުމުގައި އަމަލުކުރާނެ ގަވާއިދުތައް ހެދުން.

 

77 ވަނަ މާއްދާ - ބަލައި ޗެކުކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން، ލޭބަރ ރިލޭށަންސް އޮތޯރިޓީގެ އޮފިސަރުން ދޭތެރެ ދޭތެރެއިން މަސައްކަތްކުރާ ތަންތަން ބަލައި ޗެކު ކުރަންވާނެއެވެ.

 

78 ވަނަ މާއްދާ - ވަޒީފާއާބެހޭ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް

(ހ) އަންނަނިވި ކަންތައްކުރުމުގެ ބާރު، ވަޒީފާއާބެހޭ އޮފިސަރުންނަށް ލިބިގެންވެއެވެ.

  1. މި މާއްދާގެ (3) ގައި ބަޔާކޮށްފައިވާ ހާލަތުގައި މެނުވީ، ކުރިން އެންގުމަކާނުލައި، ކޮންމެ ވަގުތެއްގައިވެސް، މަސައްކަތްކުރާ ތަނަކަށް ވަދެ އެތަނެއް ބަލައި ފާސްކުރުން؛
  2. މި މާއްދާގެ (3) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މަސައްކަތްކުރާ ތަނެއް ކަމަށް، އޭނާއަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކޮންމެ ތަނަކަށްވެސް، ދުވާލުގެ ވަގުތުގައި ވަދެ އެތަނެއް ބަލައި ފާސް ކުރުން؛
  3. މަސައްކަތްކުރާ ތަނަކީ ވަޒީފާދޭ ފަރާތް ދިރިއުޅޭ ގެ ކަމަށް ވާނަމަ، ވަޒީފާދޭ ފަރާތުގެ ހުއްދަ ލިބިގެން، ނުވަތަ މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބިގެން އެތަނަކަށް
  4. މި ގާނޫނާއި މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވިފައިވޭތޯ ޔަގީންކުރުމުގެ ގޮތުން، މަސައްކަތްކުރާތަން ބެލުމާއި، އެތަނުގެ މީހުންނާ ސުވާލުކުރުމާއި އަދި ވަކިން ހާއްސަކޮށް އަންނަނިވި ކަންތައްތައް ކުރުން.

(ހ) ވަޒީފާ އަދާކުރުމާއި މަސައްކަތްކުރުމާ ގުޅޭގޮތުން ގާނޫނީގޮތުން ބަލަހައްޓަންޖެހޭ ރިކޯޑެއް، ފޮތެއް، ދަފުތަރެއް ނުވަތަ ލިޔުމެއް، އެގޮތުގައި ބަލަހައްޓާތޯ ކަށަވަރުކުރުމަށްޓަކައި އެފަދަ ތަކެތި ހުށަހެޅުމަށް އަންގައި، އެފަދަ އެއްޗެއް ހުށަހެޅުމުން، އެފަދަ ތަކެތީގެ ކޮޕީ ހެދުން، ނުވަތަ އެތަކެތިން މައްލޫމާތު ނެގުން؛

(ށ) ގާނޫނީ ގޮތުން ބަހައްޓަންޖެހޭ އެންގުމެއް ބަހައްޓާފައި ނުވާނަމަ އެފަދަ އެންގުމެއް ބެހެއްޓުމަށް އެންގުން؛

(ނ) ވަޒީފާދޭފަރާތް ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކަށް އެންގުމާއެކު، ތަހްލީލު ކުރުމަށްޓަކައި، މަސައްކަތްކުރާ ތަނުގައިހުރި އެކިއެކި އެއްޗެހީގެ ސާމްޕަލް އެތަނުން ގެންދިއުން؛

(ރ) މުވައްޒަފުން މަސައްކަތްކުރަމުންދާ ހާލަތާ ގުޅޭގޮތުންނާއި، އެމީހުންގެ އުޖޫރައާއި މަސައްކަތްކުރާ ގަޑިތަކާ ބެހޭގޮތުން، މައްލޫމާތު ހޯދުން؛

(ބ) ގާނޫނު ނުވަތަ ގަވާއިދެއްގެ ދަށުން، ބަލަހައްޓަންޖެހޭ، މަސައްކަތާ ގުޅިފައިވާ އެކްސިޑެންޓުތަކާއި، ބަލިތަކާގުޅޭ ރެކޯޑު ބެލުން. އަދި އެފަދަ އެކްސިޑެންޓެއް ނުވަތަ ބައްޔެއް، ވަޒީފާ އަދާކުރުމުގައި ދިމާވި ސަބަބު ނުވަތަ ހާލަތާ ގުޅޭގޮތުން މައްލޫމާތު ހޯދުން؛

(ޅ) މަސައްކަތްކުރާ ތަނުގެ ސާމާނު ބޭނުންކުރެވޭ ގޮތުން، ނުވަތަ ތަނުގައި މަސައްކަތްކުރަން ޖެހިފައިވާ ގޮތުން، މަސައްކަތްކުރާ މީހުންގެ ސިއްހަތަށް، ނުވަތަ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ގަބޫލު ކުރެވޭނަމަ، އެކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

(ށ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ (ޅ) ގައިވާ ކަންތައްތައް، ވަޒީފާއާބެހޭ އޮފިސަރުންނަށް އަދާކުރެވޭނެގޮތް ހަދައިދިނުމުގައި، އަންނަނިވި ކަންތައްތަކާގުޅޭ އަމުރުތައް ކުރުމުގެ ބާރު އެމީހުންނަށް ލިބިގެންވެއެވެ. ނަމަވެސް މިއަމުރުތަކާމެދު ހިތްހަމަނުޖެހޭ، ވަޒީފާދޭ ފަރާތްތަކުން ޓްރައިބިއުނަލަށް އެމައްސަލައެއް ހުށަހެޅުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންވެއެވެ.

  1. މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް، ނުވަތަ ސިއްހަތާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކުގައިވާ މާއްދާތަކަށް ފުރިހަމައަށް އިހްތިރާމު ކުރުވުމަށްޓަކައި، ތަނުގައި ބޭނުންކުރާ މެށިނަރީއަށް، ނުވަތަ މެށިނަރީ އަތުރާފައިވާ ގޮތަށް، ކަނޑައެޅޭ ވަކިމުއްދަތެއްގެ ތެރޭގައި، ބަދަލުގެނައުމަށް ކުރާ އަމުރު؛
  2. މަސައްކަތްކުރާ މީހުންގެ ސިއްހަތަށް ނުވަތަ ފުރާނައަށް ޔަގީނުންވެސް ނުރައްކަލެއް ދިމާވެދާނެ ކަމަށް، ގަބޫލު ކުރެވޭ ދަނޑިވަޅުތަކުގައި، ވަކިކަހަލަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ކުރާ އަމުރު.

 

79 ވަނަ މާއްދާ – އެންގުން

ވަޒީފާއާބެހޭ އޮފިސަރުން، މަސައްކަތްކުރާ ތަނެއްގައި ކަންތައް ހިނގާގޮތް ބެލުމަށް އެތަނަށް ދިޔުމަށްފަހު، އޮފިސަރުންގެ މަސައްކަތަށް ހުރަސްއެޅިދާނެ ކަމަށް ނުފެންނަނަމަ، އެތަނެއްގައި އެމީހުން ތިބިކަން ވަޒީފާދޭ ފަރާތަށް، ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަކަށް އަންގަންވާނެއެވެ.

 

80 ވަނަ މާއްދާ - މުއާމަލާތުކުރެވޭނެ ފުރުސަތު ދިނުން

(ހ) ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، އޭނާގެ ވަޒީފާގައި ގެންގުޅޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ އޮފިސަރުންނާ، މިނިވަންކަމާއެކު އެއްވެސް ހުރަހެއްނެތި ވާހަކަ ދެއްކޭނެ ފުރުސަތު ތަނަވަސްކޮށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބަޔާން ކޮށްފައިވާ ކަމަކާގުޅޭގޮތުން، މުވައްޒަފަކު އަމަލުކުރާ ގޮތަކުން، އޭނާއާމެދު އެއްވެސް ނުރަނގަޅު ފިޔަވަޅެއް، ވަޒީފާދޭ ފަރާތުން އަޅައިގެން ނުވާނެއެވެ.

 

81 ވަނަ މާއްދާ - މައްލޫމާތު ފާޅުކުރުން މަނާކުރުން

(ހ) މި މާއްދާގެ (ށ)  ގައިވާ ހާލަތުގައި މެނުވީ، ވަޒީފާއާބެހޭ އޮފިސަރުންނަށް، އެމީހުން އަދާކުރާ ވަޒީފާގެ ގޮތުން މައްލޫމާތު ލިބޭ އެކިއެކި މަސައްކަތްތަކުގެ ވިޔަފާރިއާ ގުޅުންހުރި ސިއްރު މައްލޫމާތާއި އުފެއްދުންތެރިކަމާ ގުޅިފައިވާ މައްލޫމާތު، އެމީހުން ވަޒީފާގައި ތިބޭ ދުވަސްތަކުގައިވެސް އަދި ވަޒީފާއިން ވަކިވުމަށްފަހުގައިވެސް، ސިއްރުގެ ގޮތުގައި ހިފަހައްޓަން ވާނެއެވެ.

(ށ) މުވައްޒަފުންގެ ފުރާނައަށް ނުވަތަ ސިއްހަތަށް ގެއްލުމެއް ލިބިދާނެ ޒާތުގެ އެއްޗެއް، ވަޒީފާދޭ ފަރާތުގެ މަސައްކަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުންކުރެވޭނަމަ އެކަން، ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.

(ނ) މަސައްކަތްކުރާ ތަނެއްގައި، ގާނޫނާއި ގަވާއިދަށް ތަބާނުވާ ކަންތައްތަކެއް ހުރިކަމަށް ބަޔާންކޮށް، މިނިސްޓަރަށް ނުވަތަ ލޭބަރ ރިލޭށަންސް އޮތޯރިޓީއަށް އެކިއެކި މުވައްޒަފުން ފޮނުވާ ށަކުވާއާބެހޭ އެއްވެސް މައްލޫމާތެއް ދިން މުވައްޒަފެއް، ވަޒީފާދޭ ފަރާތަށް ހާމަކޮށްގެންނުވާނެއެވެ. އަދި އެތަނެއް ބެލުމަށްދާ ވަޒީފާއާބެހޭ އޮފިސަރުން، އެތަނަށް ދިޔައީ، ވަކި މުވައްޒަފެއްގެ ށަކުވާއެއް ލިބިގެން ކަމުގައިވެސް ބަޔާންކޮށްގެން ނުވާނެއެވެ.

(ރ) ވަޒީފާއާބެހޭ އޮފިސަރުން، އެމީހުން ބެލުމަށް ކަނޑައަޅާފައިވާ ތަންތަނުން، ސީދާ ނުވަތަ ނުސީދާ ފައިދާއެއް ލިބޭނެ ގުޅުމެއް، އެއްވެސް ފަރާތަކާއެކު ބާއްވައިގެން ނުވާނެއެވެ.

  

82 ވަނަ މާއްދާ – ރިޕޯޓު

ވަޒީފާއާބެހޭ އޮފިސަރުން، އެކިތަންތާނގައި މަސައްކަތް ހިނގާނުހިނގާގޮތް ބަލައި ތައްޔާރުކުރާ ރިޕޯޓުތައް، މިނިސްޓަރު ކަނޑައަޅާ އުސޫލެއްގެ މަތިން މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 

83 ވަނަ މާއްދާ - ކުށާއި އަދަބު

އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް، މީހަކު ކޮށްފިނަމަ، އެކުރަނީ ކުށެކެވެ. އެފަދަ ކުށެށް ކޮށްފި މީހެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 500 ރުފިޔާއާއި، 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ އެއްއަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

  1. މި ގާނޫނުގެ 80 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާ ހިލާފުވުން؛
  2. ވަޒީފާއާބެހޭ އޮފިސަރަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް، ނުވަތަ އޭނާ ކުރަންޖެހޭ ކަމެއް ކުރުމަށް
  3. ވަޒީފާއާބެހޭ އޮފިސަރުންނަށް، ގާނޫނީގޮތުން ލިބިދޭ ބާރުގެ ދަށުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، ނުވަތަ ކުރަންޖެހޭ ކަމަކާ ގުޅޭގޮތުން، ކަމެއް ކުރުމަށް މީހަކަށް އެންގުމުން، އެކަމެއް ނުކުރުން؛
  4. ވަޒީފާއާބެހޭ އޮފިސަރަށް، ދޮގު މައްލޫމާތު ނުވަތަ ހަގީގަތް އޮޅޭފަދަ މައްލޫމާތު ގަސްތުގައި ދިނުން؛
  5. ވަޒީފާއާބެހޭ އޮފިސަރެއްގެ ކުރިމައްޗަށް މީހަކު ހާޒިރުވުމަށް ހުރަސްއެޅުން، ނުވަތަ އެފަދަ މީހަކާ ސުވާލުކުރުމަށް ހުރަސްއެޅުން، ނުވަތަ އެފަދަ ކަމެއް ކުރަން އުޅުން، ނުވަތަ އެފަދަކަމެއް ވިޔަނުދިނުން؛
  6. ވަޒީފާއާބެހޭ އޮފިސަރަކަށް ނުވާހިނދު، އެފަދަ އޮފިސަރެއް ކަމަށް މީހެއްގެގާތު ބުނުން ނުވަތަ އެގޮތަށް ތިމާ ތަމްސީލުވުން.

  

10 ވަނަ ބާބު

ވަޒީފާއާބެހޭ ޓްރައިބިއުނަލް

84 ވަނަ މާއްދާ - ޓްރައިބިއުނަލެއް ގާއިމުކުރުން

(ހ) މި ގާނޫނުގެ ދަށުން އުފައްދާ އަދި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހިންގާ ވަޒީފާއާބެހޭ ޓްރައިބިއުނަލެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ޓްރައިބިއުނަލުން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު، ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

(ނ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ގަރީނާ ހޯދުމާއި، އަދި މިނޫންގޮތަކުންވެސް މައްސަލައިގެ ހަގީގަތް ހޯދާ ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

 

85 ވަނަ މާއްދާ – އިސްތިއުނާފު

(ހ) މި މާއްދާގެ (ށ) ގައިވާ ހާލަތުގައި މެނުވީ، ޓްރައިބިއުނަލުގެ ނިންމުންތަކަކީ، އެމައްޗަށް އަމަލުކުރަންޖެހޭ އެންމެ ފަހުގެ ނިންމުންތަކެވެ.

(ށ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ށަރްއީ އުސޫލުތަކާއި، ނުވަތަ ގާނޫނާއި ގަވާއިދާހިލާފުވާ ގޮތަކަށްނަމަ، ނުވަތަ އެ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންނަމަ، އެމައްސަލައެއް ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) ޓްރައިބިއުނަލުގެ ނިންމުން ތަންފީޒު ނުކުރުމަށް ކޯޓުން ކަނޑައެޅިގެން އަމުރެއް ނުކުރާނަމަ، ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާ ގޮތަށް އަމަލުކުރުން ހުއްޓާލައިގެން ނުވާނެއެވެ.

 

86 ވަނަ މާއްދާ – އެކުލެވިގެންވާގޮތް

(ހ) ޓްރައިބިއުނަލް އެކުލެވިގެންވަނީ، 7 މެންބަރުންގެ މައްޗަށެވެ. އަދި  އެ މެންބަރުންގެ ތެރެއިން ރައީސަކާއި ނާއިބުރައީސެއް، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަންވާނެއެވެ.

(ށ) ޓްރައިބިއުނަލުގެ މެންބަރުންނަކީ، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ލިބިފައިވާ އަދި ވަޒީފާގެ ކަންތައްތަކުގެ މައްލޫމާތާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންވާނެއެވެ.

 

87 ވަނަ މާއްދާ - ޓްރައިބިއުނަލުގެ ގަވާއިދު

ޓްރައިބިއުނަލުގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓްރައިބިއުނަލާބެހޭ އެހެނިހެން ކަންތައްތައް ހިމެނޭ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާން ކުރަންވާނެއެވެ.

 

11 ވަނަ ބާބު

އެހެނިހެން ކަންތައްތައް

88 ވަނަ މާއްދާ - ގަވާއިދުތައް ހެދުން

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތެއްގައި، މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓަރެވެ.

 

89 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި:

"ރަސްމީ ބަންދު ދުވަސް" ކަމަށް ބުނެފައިއެވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޒުހާ އީދު ދުވަހަށެވެ.

"ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔާ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓިފިކެޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތް ތަކަށެވެ.

"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން   އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.

"ވަގުތީ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދާއިމީ ގޮތެއްގައި މަސައްކަތުގައި ދެމިހުންނާނެކަމުގެ އުންމީދެއް ނެތްގޮތުން، ދުވަހު މަސައްކަތްކުރާ އުސޫލުން، މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށެވެ.

"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދްމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.

"މަސައްކަތްކުރާ މީހާ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފެއް ނުވަތަ ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ މީހަކަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ވަޒީފާއާ ބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލުކުރެވިފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށެވެ. ނުވަތަ އޭނާ ތަމްސީލު ކުރުމުގެ ބާރުލިބިގެންވާ ފަރާތަކަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެވަގުތަކަށް ހަވާލު ކުރެވިފައިވާ މިނިސްޓްރީއަކަށެވެ.

"މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދްމަތްދޭ މީހާއަށެވެ. އަދި މިބަހުގެ މާނައިގައި، މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް، ކުރިން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭގޮތަށެވެ.

"ދާއިމީ ވަޒީފާ" އަދި "ވަޒީފާގެ ދާއިމީކަން" މިހެން ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކާއެކު، އެފަރާތުގެ ވަޒީފާގައި، މެދުކެނޑުމެއްނެތް ގޮތުގައި މުވައްޒަފަކު މަސައްކަތްކުރާ ކުރުމަށެވެ.

"ސަރވިސްޗާޖް" ކަމަށް ބުނެފައި އެވަނީ، ދެވޭ ހިދްމަތަކަށް ނަގާ އަގުގެ އިތުރަށް ސަރވިސްޗާޖުގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ނަގާނަމަ، އެގޮތަށް ނަގާ ފައިސާއަށެވެ.

"ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 10 ވަނަ ބާބުގެ ދަށުން އުފައްދާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބަލާ، ޓްރައިބިއުނަލަށެވެ.

"ޓޫރިސްޓް ރިޒޯޓުތައް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓުތަކަށާއި، ޕިކްނިކް އައިލެންޑްތަކަށެވެ.

 

90 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަންފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރައްވާ ދުވަހުން ފެށިގެން 45 ދުވަސް ހަމަވާ ތާރީހުގައެވެ. މި ގާނޫނާ ގުޅޭގޮތުން ބަދަލު ނުވަތަ ހަރުދަނާ ކުރަންޖެހޭ ސަރުކާރުގެ ނިޒާމެއްވާނަމަ އެފަދަ ކަންތައްތައް މި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހަމަޖައްސާ ނިންމާން ވާނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-163)
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-14)
  3. އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާ އަމުރު (އަމުރު - 8 ނޮވެމްބަރު 2021)
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ އާ ންމު މަޖިލީ ހުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-112)
  5. ވަޒީފާއާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-63)
  6. ސަރވިސްޗާޖާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-43)
  7. ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-16)
  8. ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ އާންމު މިންގަނޑުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު ނަންބަރު 2021-15)
  9. ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު (ގަވާޢިދު ނަންބަރު 2020-62)
  10. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-21)
  11. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-20)
  12. އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-211)
  13. ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-22)
  14. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު - 2010
  15. ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-12)
  16. ށަރުއީދާއިރާތަކުގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 2011-18)
  17. މިސްކުތުގެ އިމާމުންނާއި މުދިމުން އަދި މިސްކިތު މަސައްކަތު މީހުންގެ ވަގުތާއި ހާޒިރީ ބެލެހެއްޓުމާއި ގަޑީލާރި ކެނޑުމާއި ބަދަލުގައި މީހުން ހަމަޖެއްސުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-13)
  18. ރެމިޓެންސް ޓެކްސްގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-186)
  19. މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-98)

 

 ގުޅުންހުރި ގަވާއިދު

މީޓިރޮލޮޖިކަލް ސަރވިސްގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-379)

ރިފަރެންސް

2008 އޭޕްރިލް 23 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2008 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ސަތާރަވަނަ ޖަލްސާއިން ފާސްކުރެއްވި މި ޤާނޫނު ތަޞްދީޤު ކުރެއްވީ 26 މެއި 2008 (20 ޖުމާދަލްއޫލާ 1429) ގައެވެ.

ކިޔުންތެރިންގެ ހިޔާލު