ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-63)
(މި އުސޫލަށް އަމަލުކުރަން ފެށީ 14 ޖުލައި 2026 ގައި)
(މި ގަވާއިދުގެ 11 ވަނަ މާޢްދާއިން ވަނީ ގަވާއިދު ނަންބަރު 2020-84 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 159 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި، އެ ގާނޫނުގެ 21 ވަނަ މާއްދާގެ (ވ) އާއި، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އާއި، އެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ) އާއި، އެ ގާނޫނުގެ 68 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރީއަރ ކޯޓުތަކާއި، ޖުޑީށަލް ދާއިރާތަކުގެ އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔަނީ، "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމަށް އައްޔަނުކުރުން
އިސް ފަނޑިޔާރުކަމަށް ފަނޑިޔާރަކު އައްޔަނުކުރަންވާނީ، އެ ފަރާތެއްގެ ތައުލީމާއި، ތަޖުރިބާއާއި، އަހުލާގާއި، ގާބިލުކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
3 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުން
(ހ) ދިވެހިރާއްޖޭގެ ހައި ކޯޓަށް ނުވަތަ ސުޕީރީއަރ ކޯޓުތަކަށް ނުވަތަ ޖުޑީށަލް ދާއިރާއަކަށް އިސް ފަނޑިޔާރަކު އައްޔަނުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅައިފި ހިނދެއްގައި، އެ މަގާމު އަދާކުރުމަށް ށައުގުވެރިކަން ހުރި ފަރާތްތަކަށް އެ ކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމިށަނުން ހުޅުވައިލަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނުވަތަ ސުޕީރިއަރ ކޯޓެއްގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ، އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންނަށެވެ. އަދި ޖުޑީށަލް ދާއިރާގެ އިސް މެޖިސްޓްރޭޓުކަމަށް ކުރިމަތިލެވޭނީ، އެ ޖުޑީށަލް ދާއިރާއެއްގައި މަސައްކަތްކުރާ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށެވެ.
4 ވަނަ މާއްދާ - އިންޓަވިއުކުރުން
(ހ) ޖުޑީށަލް ސަރވިސް ކޮމިށަނުން ކުރާ އިއުލާނާ ގުޅިގެން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ހުރިހާ ފަނޑިޔާރުންނާ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ފަރާތުން އިންޓަވިއު ކުރަންވާނެއެވެ.
(ށ) އިސްފަނޑިޔާރުކަމަށް ފަނޑިޔާރުން ހޮވަން ޖުޑީށަލް ސަރވިސް ކޮމިށަނުގެ ފަރާތުން ކުރާ އިންޓަވިއު ކުރި ޔަށްގެންދާނެ ޕެނަލަކީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ "ފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިށަނަށް ލަފާދޭ ކޮމިޓީ" އެވެ. (ނ) އިންޓަވިއު ބާއްވާނެ ތާރީހާއި ގަޑި ކޮމިޓީން ކަނޑައެޅުމަށްފަހު، ފަނޑިޔާރުންނަށް އެކަން އަންގަންވާނެއެވެ.
5 ވަނަ މާއްދާ - އިންޓަވިއު ގްރޭޑްކުރާނޭ ގޮތް
(ހ) އިންޓަވިއު ޕެނަލުން އިންޓަވިއު ކުރުމަށްފަހު، "ހައިލީ ރެކޮމެންޑަޑް" ނުވަތަ "ރިކޮމެންޑަޑް" ނުވަތަ "ނޮޓް ރެކޮމެންޑަޑް"، މި ތިން ކެޓަގަރީގެ ތެރެއިން ކެޓަގަރީއަކަށް، ކޮންމެ ކެންޑިޑޭޓަކު ވެސް ގްރޭޑް ކުރަންވާނެއެވެ.
(ށ) އިންޓަވިއު ޕެނަލުން ގްރޭޑް ދިނުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) ގައިވާ ގްރޭޑްތައް ދީ، ގްރޭޑް ށީޓެއް ފުރިހަމަކުރަންވާނެއެވެ. އަދި އިންޓަވިއު ނިމުމުން، އިންޓަވިއު ޕެނަލުގައި ހިމެނޭ ފަރާތްތަކުން ގްރޭޑް ށީޓްތަކުގައި ވަގުތުން ސޮއިކުރަންވާނެއެވެ.
(ނ) އިންޓަވިއުކޮށް ނިމުމުން، އިންޓަވިއު ޕެނަލުގެ މެންބަރުން، ހުރިހާ ފަނޑިޔާރުންނަށް ދިން ގްރޭޑް އެނގޭނޭ ލިސްޓެއް ހަދަންވާނެއެވެ. އަދި އެ ލިސްޓު ތަރުތީބުކުރަންވާނީ، އެންމެ މަތިން އެވްރެޖް ގްރޭޑް ލިބިފައިވާ ފަނޑިޔާރުންގެ ތަރުތީބުންނެވެ.
(ރ) އިންޓަވިއުކޮށް ނިމުމަށްފަހު، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިސްޓު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ. މިގޮތަށް ލިސްޓު ހުށަހަޅާއިރު، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުންގެ މައުލޫމާތަށް ޓަކައި ޕެނަލުގެ މެންބަރުން ވަކިވަކި ފަނޑިޔާރުންނަށް ގްރޭޑް ދިން ގޮތް އެނގޭނޭ ށީޓް ވެސް، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
6 ވަނަ މާއްދާ - އިސް ފަނޑިޔާރު އައްޔަނުކުރާނެ މިންގަނޑު
އިންޓަވިއު ޕެނަލުން، އިންޓަވިއުގައި ފަނޑިޔާރުންނަށް ގްރޭޑް ދޭންވާނީ، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށެވެ.
(ހ) ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
(ށ) މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތު.
(ނ) މުއާމަލާތުކުރުމުގެ ހުނަރު.
(ރ) އަމިއްލަ ނަފުސަށް އިތުބާރުކުރާ މިންވަރު.
(ބ) މަސަތްކަތުގެ އަހުލާގު.
(ޅ) ހިންގުމުގެ ހުނަރު.
(ކ) ކުރިމަތިލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރު.
7 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމަށް އައްޔަނުކުރާނެ ފަނޑިޔާރު ކަނޑައެޅުން
(ހ) އިންޓަވިއު ޕެނަލުގެ ގްރޭޑިންގ ލިސްޓަށް ބެލުމަށްފަހު، އިސް ފަނޑިޔާރުކަމަށް އައްޔަނުކުރާނެ ފަރާތެއް ކަނޑައަޅާނީ ކޮމިށަނުންނެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގްރޭޑް ލިސްޓަށް ބެލުމަށްފަހު، ލިސްޓުގައިވާ ތަރުތީބުން އެންމެ މަތިން ގްރޭޑްކޮށްފައިވާ ފަނޑިޔާރަށް އެންމެ ފުރަތަމަ ވޯޓަށް އަހައި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ އަގުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރަކު އެ ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރަންވާނެއެވެ.
(ނ) ދެ ފަނޑިޔާރުންނަށް ނުވަތަ އެޔަށް ވުރެ ގިނަ ފަނޑިޔާރުންނަށް ލިބިފައިވާ ޖުމުލަ މާކުސް އެއްވަރުވެއްޖެ ނަމަ، އިސް ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ފުރަތަމަ ވޯޓަށް އަހާނެ ފަނޑިޔާރުން ކަނޑައަޅާނީ، ފަނޑިޔާރުކަމުގެ ހިދުމަތުގައި ވީ މުއްދަތަށް ބެލުމަށްފަހުގައެވެ.
(ރ) އިންޓަވިއުކުރެވުނު ފަރާތްތަކުގެ ތެރެއިން އިސް ފަނޑިޔާރުކަމަށް ހޮވުނު ފަރާތަށް، އިސް ފަނޑިޔާރުކަމަށް ހޮވުނުކަން، ޖުޑީށަލް ސަރވިސް ކޮމިށަނުން އަންގަންވާނެއެވެ. އަދި އިސް ފަނޑިޔާރުކަމަށް ނުހޮވޭ ފަރާތަށް ނުވަތަ ނުހޮވޭ ފަރާތްތަކަށް ނުހޮވުނުކަން ވެސް، ޖުޑީށަލް ސަރވިސް ކޮމިށަނުން އަންގަންވާނެއެވެ.
(ބ) އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފައިވާ ފަރާތްތައް އިސް ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލެވެ.
8 ވަނަ މާއްދާ - އިސް ފަނޑިޔާރުކަމުން ދުރުކުރުމުގައި އަމަލުކުރާނެ ގޮތް
ކޯޓުތަކަށް އައްޔަނުކުރާ އިސް ފަނޑިޔާރުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އެ މަގާމުން ދުރުކުރަންޖެހޭކަމަށް، ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެ ނަމަ، އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި "އިސް ފަނޑިޔާރު" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓަށް އައްޔަނުކުރާ އެ ކޯޓުގެ އިސް ފަނޑިޔާރަށާއި، ސުޕީރިއާ ކޯޓުތަކަށް އައްޔަނުކުރާ އެ ކޯޓުތަކުގެ އިސް ގާޒީންނަށާއި، ޖުޑީށަލް ދާއިރާތަކަށް އައްޔަނުކުރާ އެ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނަށެވެ.
10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
11 ވަނަ މާއްދާ - ކުރިން އަމަލުކުރަމުންއައި ގަވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކުރިން އަމަލުކުރަމުން އައި، ގަވާއިދު ނަންބަރު 2020-84 (ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އުވުނީއެވެ.
މައި ގާނޫނު
- ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2008-10)
- ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-22)
- ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
ކިޔުންތެރިންގެ ހިޔާލު