-

 އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2009-05)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ – ތައާރަފު

މި ގާނޫނަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި، ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރު ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ތަންތަން ރަޖިސްޓަރީ ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި، މި ނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހައި ކަންތައްތަކާބެހޭ ގާނޫނެވެ.

 

2 ވަނަ މާއްދާ – ނަން

މި ގާނޫނަށް ކިޔާނީ، "އެއްގަމު ދަތުރުފަތުރުގެ ގާނޫނު" އެވެ.

 

3 ވަނަ މާއްދާ - ގާނޫނު ހިންގުމާއި ގަވާއިދު ހެދުން (އިސްލާހު ކުރެވިފައި)

(ހ) މި ޤާނޫނު ހިންގާނީ، އަދި މި ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކުންނެވެ.

(ށ) މީގެފަހުން މި ޤާނޫނުގައި "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިނިސްޓްރީއަށެވެ.

(ނ) ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ތަރައްޤީކުރެވޭނ ގޮތްތައް ހޯދައި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ރާވައި އަދި މިނޫންވެސް އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އެކަމަކަށް ޢައްޔަންކުރާ ފަރާތަކުންނެވެ.

(ރ) މި ޤާނޫނުގައި މިނިސްޓްރީއަށް ލިބިދީފައިވާ ބާރެއް ނުވަތަ އިޚްތިޔާރެއް، އެހެން ފަރާތަކާ ޙަވާލުކުރާނަމަ، އެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަންވާނެއެވެ.

 

3-1 ވަނަ މާއްދާ - ރޯޑް ސޭފްޓީ ކައުންސިލު (އިތުރު ކުރެވިފައި)

(ހ) މި ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަށްޓަކައި، އަންނަނިވި އިދާރާތަކުގެ ތެރެއިން ކޮންމެ އިދާރާއަކުން 1 (އެކެއް) މެންބަރު ހިމެނޭގޮތަށް "ރޯޑް ސޭފްޓީ ކައުންސިލު" ގެ ނަމުގައި ކައުންސިލެއް އެކުލަވާލަންވާނެއެވެ.

  1. އެއްގަމު ދަތުރުފަތުރާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
  2. މަގުހެދުމާއި އިމާރާތްކުރުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ؛
  3. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ؛ 
  4. މޯލްޑިވްސް ޕޮލިސް ސަރވިސް؛ 
  5. އެޓަރނީ ޖެނެރަލްގެ އޮފީސް؛ 
  6. ލޯކަލް ގަވަރމަންޓް އޮތޯރިޓީ؛ އަދި 
  7. ތިމާވެއްޓާގުޅޭ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓްރީ.

(ށ) އެއްގަމު ދަތުރުފަތުރާ ގުޅޭގޮތުން މިނިސްޓްރީން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި، ރޯޑް ސޭފްޓީ ކައުންސިލުގެ ލަފަޔާއި މަށްވަރާ މިނިސްޓްރީން ހޯދަންވާނެއެވެ.

(ނ) ރޯޑް ސޭފްޓީ ކައުންސިލުން މަށްވަރާކުރަމުންދާ ކަމެއްގައި އެ ކަމެއްގެ މާހިރުންގެ ލަފަޔާއި އިރުށާދު ހޯދުމުގެ އިހްތިޔާރު އެ ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ރަށެއްގެ ނުވަތަ ސިޓީއެއްގެ ނުވަތަ އެނޫންވެސް ސަރަހައްދެއްގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ރޯޑް ސޭފްޓީ ކައުންސިލުން ނިންމާ ނިންމުންތައް ނިންމުމުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ނުވަތަ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދޭ އިދާރާއަކާ މަށްވަރާކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދޭ އިދާރާކަމަށް ބުނެފައިއެވަނީ، ރަށެއް ނުވަތަ ސިޓީއަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަށެވެ. އަދި އެއިން އެއްވެސް ތަނެއްގެ އިހްތިސާސް ނުހިނގާ ސަރަހައްދަކާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ސަރަހައްދެއްގެ އިދާރީ އަދި މުނިސިޕަލް ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތަށެވެ.

 

4 ވަނަ މާއްދާ - ފައިސާ ޖަމާކުރުން

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާތަކާއި، ނެގޭ ފީތަކާއި އަދި މިނޫންވެސް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހައި ފައިސާއެއް ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގައިވާ ގޮތުގެމަތީން ކޮންސޮލިޑޭޓަޑް ރެވެނިޔު އެކައުންޓަށް ލަސްނުކޮށް ޖަމާކުރާންވާނެއެވެ.

(ށ) މި ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާތަކާއި ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމާގުޅޭ އެންމެހައި ކަންތައްތައް ކުރާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނުވަތަ ޤާނޫނަކުން ކަނޑައަޅާ ފަރާތަކުންނެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ބަންޑާރަ މަގުތަކުގައި އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމާބެހޭ އުސޫލުތަކާއި ޓްރެފިކް ނިށާންތައް ކަނޑައެޅުމުގެ ބާރު

(ހ) ބަންޑާރަ މަގުތަކުގައި ޓްރެފިކް ބައްތި ބެހެއްޓުމާއި ނެގުމާއި އަދި ބަދަލު ކުރުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ.

(ށ) ބަންޑާރަ މަގުތަކުގައި، އުޅަނދުފަހަރު ދުއްވުމުގެ ސްޕީޑް ކަނޑައަޅައި އަދި ދުއްވުމުގެ ސްޕީޑް އަންގައިދޭ ނިށާންތައް ބެހެއްޓުމާއި ބަދަލުކުރުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) އެއްކޮޅަށް ދުއްވާ ބަންޑާރަ މަގުތައް ކަނޑައެޅުމާއި އުވާލުމާއި، ވަށްބުރު ހެދުމާއި، އަދި ސްޕީޑް ބްރޭކަރު ބެހެއްޓުމާއި، ނެގުމާއި އަދި މިފަދަ ކަންތައްތައް ކުރުމުގެ ބާރާއި ބަދަލު ގެނައުމުގެ ބާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ރ) ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ޕާކު ކުރުމާއި، މަޑުކުރުމާއި، މަޑުކުރަންޖެހޭ ތަންތަނާއި މަޑުކުރުން މަނާ ތަންތަނާއި، މަޑުކުރުން ނުވަތަ ޕާކު ކުރުން މަނާ ވަގުތު ކަނޑައެޅުމާއި، ވަކިބާވަތެއްގެ އުޅަނދު ވަނުން ނުވަތަ ޕާކު ކުރުން މަނާ ތަންތަނާއި ސަރަހައްދާއި ވަގުތު ކަނޑައެޅުމާއި، އެއްގަމު އުޅަނދު ވަނުން މަނާ މަގުތަކާއި ސަރަހައްދުތައް ކަނޑައެޅުމާއި، މަގުތަކާއި މަގުތަކުގެ ހާލަތު އަންގައިދޭ ޓްރެފިކް ނިށާންތައް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރަށް މުދާ އަރުވާ ބާލާ ސަރަހައްދުތަކާއި ގަޑިތައް ކަނޑައެޅުމާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންތައްތައް ކަނޑައަޅައި ހިންގައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

6 ވަނަ މާއްދާ - ޓްރެފިކް ނިށާންތަކަށް އަމަލުކުރުން

(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ގެންދިއުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)

(ށ) އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގެއްގައި، އެއާ ހިލާފަށް ދުއްވުމާއި، ޓްރެފިކް 6 ބައްތިއާ ހިލާފަށް ދުއްވުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 500,1 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ޓްރެފިކް ނިށާންތަކާއި ހިލާފަށް އަމަލުކުރާމީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ޕާކު ކުރުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ގާއިމުކޮށްފައި ހުންނަ ޓްރެފިކް ނިށާންތަކާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކުރުމަކީ މަނާކަމެކެވެ.

(ށ) ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއްގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖެހުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މި މާއްދާގެ ދަށުން އުޅަނދެއްގައި ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް  250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ނ) އެއްގަމު އުޅަނދެއް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން، މި މާއްދާގެ (ށ) ގެ ދަށުން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރި ފަރާތެއްގެ ލައިސަންސުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި މި ގާނޫނުގެ 8 ވަނަ މާއްދާގެ (ބ) ގައިބަޔާންކޮށްފައިވާ ފަރާތްތަކުގެ ހާއްސަ އުޅަނދުފަހަރު ފިޔަވައި އެނޫން އުޅަނދުފަހަރު، އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިޔުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އެފަދައިން ގެންދެވޭ އުޅަނދުފަހަރާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

8 ވަނަ މާއްދާ - ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކު ކޮށްފައި ހުންނަ އުޅަނދު (އިތުރު ކުރެވިފައި)

(ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޕާކު ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައިވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދުކެނޑުމެއްނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން އެފަދަ އުޅަނދެއް އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނެގޭ އުޅަނދުފަހަރާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)

(ރ) (އުނި ކުރެވިފައި)

 

9 ވަނަ މާއްދާ - ޖޫރިމަނާއާ ގުޅިގެން ހުށަހެޅޭ ށަކުވާއާއި، ޖޫރިމަނާ ފައިސާ ހޯދުމަށް ދައުވާ އުފުލުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ށަކުވާ ހުށަހެޅޭނެ ނިޒާމެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގާއިމުކުރާ ށަކުވާ ހުށަހެޅުމުގެ ނިޒާމުގެ ދަށުން ހުށަހެޅޭ ށަކުވާތައް ބަލައި، ޖޫރިމަނާކުރި ކުރުން މުރާޖައާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖޫރިމަނާކުރި ކުރުން މުރާޖައާކުރުމަށްފަހު، އެ ޖޫރިމަނާ ބާތިލުކުރަންޖެހޭނަމަ، އެ ޖޫރިމަނާ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ށަކުވާ ހުށަހެޅޭނެ ނިޒާމާއި، އެ ނިޒާމުގެ ތެރެއިން ހުށަހަޅާ ށަކުވާތައް ބަލައި، ޖޫރިމަނާކުރި ކުރުން މުރާޖައާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ބ) މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް، އެއްވެސް ފަރާތަކުން ނުދައްކާ އޮވެއްޖެނަމަ، އެ ފައިސާއެއް ވާނީ އެ މީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްކަމުގައެވެ. އަދި ށަރީއަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރެވޭ ފަރާތްތަކުގެ ތެރެއިން، ޖޫރިމަނާގެ އަދަދު 10،000 (ދިހަހާސް) ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ށަރީއަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ނެރޭ އަމުރު ތަންފީޒުކުރުމާގުޅޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ރައްކާތެރިކަމާއި ދުވެލީގެ މިންވަރު

(ހ) ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކާއި އެކި މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރާ ދުވެލީގެ ބާރުމިން ކަނޑައެޅުމާއި ބަދަލުކުރުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މިގޮތުން އެކި މަގުތަކާއި އެކި ސަރަހައްދުތަކަށް ހުއްދަކުރެވިފައިވާ ދުވެލީގެ ބާރުމިން އަންގައިދޭ ނިށާން ފަސޭހައިން ފެންނާނޭހެން އެމަގެއްގައި ނުވަތަ  އެ ސަރަހައްދެއްގައި ބަހައްޓާފައި ހުންނަންވާނެއެވެ.

(ށ) މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ވަކި  މިންގަނޑަކަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ

ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ސީޓް ބެލްޓް އަޅައިގެންނެވެ.

(ނ) މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގައިވާ ގޮތުގެމަތީން ވަކި މިންގަނޑަކަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ނުވަތަ މަގުތަކުގައި، ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ހެލްމެޓް އަޅައިގެންނެވެ.

(ރ) މި ގާނޫނު ތަސްދީގުކުރާ  ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ށ) އަދި (ނ) އަށް އަމަލުކުރަން ފަށަންވާނެއެވެ.

(ބ) އެއްގަމު އުޅަނދު ދުއްވުމަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ދުވެލީގެ މިންގަނޑާ ހިލާފަށް އެއްވެސް ފަރާތަކުން އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) އާ ހިލާފުވާ ފަރާތެއްގެ އަދަބަކީ: (އިތުރު ކުރެވިފައި)

  1. ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމެވެ.
  2. ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 (ސާޅީސް އަށެއް) ގަޑިއިރަށް ހިފެހެއްޓުމެވެ. އަދި 48 (ސާޅީސް އަށެއް) ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓުމެވެ.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެ ފަރާތެއް ދުއްވި އުޅަނދު، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިއުމެވެ.

 

11 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވުމުގައި މަގު ބޭނުންކުރުމުގެ ހަމަތައް (އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، މަގުގެ ވާތް ފަރާތުންނެވެ.(ށ) އެއް މަގެއްގައި ނުވަތަ މަގެއްގެ އެއް ލޭނުގައި، އެއް ހަމައެއްގައި ތިބެގެން އެކުއެކީގައި އެއް އުޅަނދަށްވުރެ ގިނަ އުޅަނދު ދުއްވާއިރު، މަގުގެ ފަހަތުން ދަތުރުކުރާ އުޅަނދުތަކަށް ދަތިވާގޮތަށް ދުއްވައިގެންނުވާނެއެވެ. އަދި އެއްވެސް ހާލެއްގައި، މަގުގައި ދަތުރުކުރާ އުޅަނދުތަކާއި މީހުންގެ ސަލާމަތަށް ނުރައްކާވާފަދަ ގޮތަކަށް ދުއްވައިގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މަގުގައި ނުވަތަ ލޭނުގައި އުޅަނދު ދުއްވުމުގައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އެއް އުޅަނދަށްވުރެ އަނެއް އުޅަނދު ކުރިއަށް އަރާ ހާލަތުގައި، ކުރިއަށް އަރާނެ 
ޖާގަނެތިގެން ދެ އުޅަނދު އެއްހަމަވާ އެއްހަމަވުން މި މާއްދާއިން އިސްތިސްނާވެގެންވެއެވެ.

(ރ) ވަކި ބާވަތެއްގެ އުޅަނދު ދުއްވުމަށް ވަކި ލޭނެއް ކަނޑައެޅިފައިވާ މަގުތަކުގައި، އެ އުޅަނދަކަށް ކަނޑައެޅިފައިވާ ލޭން ފިޔަވައި އެހެން ލޭނެއްގައި ދުއްވުމަކީ މަނާކަމެކެވެ. އަދި ކަނޑައެޅިފައިވާ ލޭނުގައި ދުއްވުމުގައިވެސް ބޭނުންކުރަންވާނީ ލޭނުގެ ވާތް ފަރާތެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ދުއްވަމުންދާ ލޭނުގައި އެކަށީގެންވާ ޖާގަ ނެތް ހާލަތުގައި، ކުރިމަތިން ދަތުރުކުރާ އުޅަނދެއްގެ ކުރިއަރައި ދިޔުމަށްޓަކައި، ޖެހިގެން އޮންނަ ލޭނުން ދަތުރުކުރަމުންދާ އުޅަނދުތަކަށް ޖާގަދީގެން ރައްކާތެރިކަމާއެކު ކުރިއެރުމަށް ފުރުސަތު ލިބޭ ހާލަތުގައި، ޖެހިގެން އޮންނަ ލޭން ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

12 ވަނަ މާއްދާ – ރޯޑްވާދިނަސް

(ހ) އަލަށް ރަޖިސްޓަރީކުރާ، ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް، މިނިސްޓްރީން ކަނޑައަޅާ މުއްދަތުތަކެއްގެ ތެރޭގައި ހަދަންވާނެއެވެ.

(ށ) މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް، އެއްގަމު އުޅަނދެއްގެ ރޯޑްވާދިނަސް ފުރިހަމަ ނުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެފަދަ އުޅަނދުގެ ރޯޑްވާދިނަސް ބާތިލުކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) ރޯޑްވާދިނަސް ހެދުމާއި، ސަރޓިފައިކޮށްދިނުމާއި، އެ މަސައްކަތަށް މީހުން އައްޔަންކުރުމާއި، އެފަދަ ފަރާތްތަކުގެ ފެންވަރު ކަނޑައެޅުމާއި، ރޯޑްވާދިނަސް ހެދުމަށް ނަގާ އަގު ކަނޑައަޅާނީ، މިނިސްޓްރީންނެވެ. މިގޮތުން ރޯޑްވާދިނަސް ހެދުމަށް މިނިސްޓްރީން ކަނޑައަޅާ އަގު،  އެ އުޅަނދެއްގެ އަހަރީ ފީގެ  %10 އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރޯޑްވާދިނަސްއަށް ދެވިފައިވާ މުއްދަތު ހަމަވެ އާނުކުރާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލުވާނެއެވެ. އަދި އެފަދަ އުޅަނދު ރޯޑްވާދިނަސް އާނުކޮށް ދުއްވުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި ރޯޑްވާދިނަސް ބާޠިލުކޮށްފައިވާ އުޅަނދެއް އެއް ތަނުން އަނެއް ތަނަށް ގެންދަންވާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ. (އިސްލާހު ކުރެވިފައި)

 

13 ވަނަ މާއްދާ - ދުއްވުމާއި ބޭނުންކުރުން

(ހ) ދިވެހިރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެންނެވެ.

(ށ) ރަޖިސްޓަރީކުރަން ނުޖެހޭ އުޅަނދެއް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، ރަޖިސްޓަރީކުރަން ނުޖެހޭ ބާވަތްތަކުގެ އުޅަނދު، އެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތެއްގެ މަތިންނެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރާ އުޅަނދުތަކުގެ ތެރެއިން ހަކަތައިގެ ގޮތުގައި ތެޔޮ ބޭނުންކުރަން ނުޖެހޭ އެއްގަމު އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ފީ ނެގުމުން އިސްތިސްނާވެގެންވެއެވެ. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ

މި ގާނޫނުގައި ބުނާ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓަރީ ބަލަހައްޓައި، އުނި އިތުރު ގެނެސް، ރަހުނުގެ ބައި ބަލަހައްޓައި ހެދުމަށްޓަކައި އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރެއް އައްޔަނުކޮށް، މިކަމާބެހޭ މަސައްކަތް ހިންގޭނެ ގޮތް މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

 

15 ވަނަ މާއްދާ - އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ދަފްތަރު (އިސްލާހު ކުރެވިފައި)

(ހ) އެއްގަމުގައި ދުއްވާ އިންޖީނުލީ ހުރިހާ ބާވަތެއްގެ އުޅަނދުތަކާބެހޭ ދަފްތަރެއް އުފައްދައި އެ އުޅަނދުފަހަރާބެހޭ މަޢުލޫމާތު އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ. މިގޮތުން ރަހުނުކޮށްފައިވާ އުޅަނދުތައް މި ދަފްތަރުގައި ފާހަގަކުރަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ކޮންމެ ރަށަކުން ނުވަތަ ސިޓީއަކުން ނުވަތަ ސަރަޙައްދަކުން، އެ ރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުގެ ރަޖިސްޓަރީގެ ދަފްތަރެއް ޤާއިމުކޮށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދަންވާނެއެވެ. މި ދަފްތަރުގައި ދާއިމީކޮށް އެ ރަށަކަށް ނުވަތަ އެ ސިޓީއަކަށް ނުވަތަ އެ ސަރަޙައްދަކަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ މަޢުލޫމާތާއި، ރަޖިސްޓަރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ދުއްވުމަށް ވަގުތީ ހުއްދަ ލިބިގެން އެ ރަށެއް ނުވަތަ އެ ސިޓީއެއް ނުވަތަ އެ ސަރަޙައްދެއްގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުގެ މަޢުލޫމާތު ސާފުކޮށް އެނގޭނެހެން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަފްތަރުގައި ހިމެނޭ މަޢުލޫމާތަކަށް އުނިއިތުރެއް ގެންނަންވާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. މި މާއްދާގައި ބަޔާންކުރާ ދަފްތަރު މި އިޞްލާޙު ގެޒެޓުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޤާއިމުކޮށް ނިންމަންވާނެއެވެ.

(ރ) ރަހުނުކޮށްފައިވާކަމަށް މި ދަފްތަރުގައި ބަޔާންކުރެވިފައިވާ އުޅަނދެއް ދީ ނުވަތަ ވިއްކާނަމަ، އެކަން ލިޔުމަކުން ރަޖިސްޓްރާރަށް އަންގަންވާނެއެވެ.

(ބ) އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ރަހުނުކުރެވޭނަމަ، އެ އުޅަނދެއް ރަހުނުކޮށްދޭ ފަރާތުން ރަޖިސްޓްރާރަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށް އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުން 

އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނީ އެކަމަށް އެދި ރަޖިސްޓްރާރަށް ނުވަތަ ރަޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، އެ އުޅަނދަކާ ގުޅޭގޮތުން ބަލަންޖެހޭ އެންމެހައި ކަންތައްތައް ބެލުމާއެކު، އަހަރީ ފީ ދައްކަންޖެހޭ އުޅަނދެއްނަމަ، މި ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އަހަރީ  ފީ އާއި ކަނޑައަޅާފައިވާ އިދާރީ ހިދުމަތުގެ އަގު ދެއްކުމުންނެވެ.

 

17 ވަނަ މާއްދާ - ތަންތަނާއި މީހުން ރަޖިސްޓަރީ ކުރުން

(ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ނިޒާމުގެ ތެރޭގައި މީހުން އުފުލުމަށާއި މުދާ އުފުލުމުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދަކުން އެ ހިދްމަތެއް ދޭންވާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން އެއުޅަނދެއް ރަޖިސްޓަރީ ކޮށްގެންނެވެ.

(ށ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހިދްމަތެއް ދިނުމަށްޓަކައި އެއްވެސްތަނެއް ހިންގަންވާނީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން އެތަނެއް ރަޖިސްޓަރީ ކޮށްގެންނެވެ.

(ނ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާންވާނީ، މިނިސްޓްރީން ހަދާ ގަވާއިދުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގައި ރަޖިސްޓަރީ ކޮށްގެންނެވެ.

(ރ) ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ހިދުމަތްދޭ ތަނަކުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ ހިލާފުވެއްޖެނަމަ އެކަމުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން، އެއަށްފަހު  މި ގާނޫނާ ހިލާފުވެއްޖެނަމަ، އެތަނެއްގެ ރަޖިސްޓަރީ ބާތިލުކޮށް އުވާލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ - ވަގުތީގޮތުން ރަޖިސްޓަރީކުރުން

(ހ) ވަކި ހާއްސަ މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށް، ރާއްޖޭން އަނބުރާ ގެންދާގޮތަށް، އެތެރެކުރާ އެއްގަމު އުޅަނދު، ބޭނުންކުރަން ވާނީ، އެ މަސައްކަތެއް ނުވަތަ މަސައްކަތްތަކެއް ކުރުމަށްޓަކައި މިނިސްޓްރީގައި ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގައި ވަގުތީގޮތުން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

(ށ) ވަގުތީގޮތުން ރަޖިސްޓަރީކޮށްފައި ހުންނަ އެއްގަމު އުޅަނދު ބޭނުންކުރަން ވާނީ، ހަމައެކަނި އެ އުޅަނދު ރަޖިސްޓަރީކޮށްދިން މަސައްކަތަކަށް،  އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށެވެ.

(ނ) ވަގުތީގޮތުން ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއްގެ ރަޖިސްޓަރީ، އެމަސައްކަތަކަށް އެއުޅަނދު ރަޖިސްޓަރީކޮށްދިން މަސައްކަތެއް ނިމުމުން، ބާތިލުކުރަންވާނެއެވެ.

(ރ) ވަގުތީގޮތުން ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދެއް ރާއްޖެއިން އަނބުރާ ގެންދަންވާނީ، ރަޖިސްޓަރީ ބާތިލުކުރުމަށް ފަހުގައެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިހާރު ރާއްޖޭގައި ރަޖިސްޓަރީނުކޮށް ބޭނުންކުރެވެމުންދާ އެންމެހައި އުޅަނދުފަހަރު މި މާއްދާގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ. އަދި ރަޖިސްޓަރީ ކުރެވިފައިވާ މިފަދަ އުޅަނދުފަހަރު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން ވަގުތީ ރަޖިސްޓަރީއަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލަންވާނެވެ.

 

19 ވަނަ މާއްދާ - 18 އަހަރު ނުފުރޭ ކުދިންނާއި ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުން

(ހ) މީލާދީގޮތުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ނަމުގައި އެއްގަމު އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނީ، މި ގާނޫނުގެ ދަށުން އުފުލަންޖެހޭ އެންމެހާ ޒިންމާތައް އުފުލާނެ ކަމަށް އެއްބަސްވެ އެކުއްޖެއްގެ ށަރުއީ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިއަކު ހުށަހަޅާ ލިޔުމެއް މިނިސްޓްރީއަށް ލިބުމަށްފަހުގައެވެ.

(ށ) ބިދޭސީއެއްގެ ނަމުގައި އެއްގަމު އުޅަނދެއް ރަޖިސްޓަރީކޮށްދެވޭނީ، އެބިދޭސީއެއްގެ ބަދަލުގައި މި ގާނޫނުގެ ދަށުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އުފުލާނެކަމަށް، މީލާދީގޮތުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހި ރައްޔިތަކު އެއްބަސްވެފައިވާ ލިޔުމެއް މިނިސްޓްރީއަށް ލިބުމަށްފަހުގައެވެ.

 

20 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ދުއްވާފައި ގެންދިޔުން (އިސްލާހު ކުރެވިފައި)

ރަޖިސްޓަރީކުރަންޖެހޭ އެއްގަމު އުޅަނދެއް ރަޖިސްޓަރީނުކޮށް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ، ހަމައެކަނި އެއްތަނުން އަނެއްތަނަށް ގެންދިއުމަށްޓަކައި، މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދުގެ ދަށުން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ހޯދުމަށް ފަހުގައެވެ. މިގޮތަށް ބޭނުންކުރާ އުޅަނދުގައި އެކަމަށް މިނސްޓްރީން ކަނޑައަޅާ ނިޝާނެއް ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މިގޮތުން ގެންދެވޭ އުޅަނދެއް ގެންދިއުމަށްފަހު ރަޖިސްޓަރީނުކޮށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވުމާއި ބޭނުންކުރުމާއި ޕާކުކުރުމަކީ މަނާކަމެކެވެ.

 

21 ވަނަ މާއްދާ - އިސްތިސްނާކުރާ އެއްގަމު އުޅަނދު

(ހ) މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްގެ އަސްކަރީ އުޅަނދު  މި ގާނޫނުން އިސްތިސްނާ ވާނެއެވެ. އަދި އަސްކަރީ ބޭނުމާއި އެހެން ބޭނުން ވެސް ކުރެވޭގޮތަށް ހަދާފައި ހުންނަ އުޅަނދު، އަސްކަރީ ބޭނުމަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެތެރޭގައި ދުއްވާ ދުއްވުން ވެސް  މި ގާނޫނުން އިސްތިސްނާ ކުރެވިދާނެއެވެ.

(ށ) ވަކި ކަންކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައި، އެކަންކަމާ ގުޅޭގޮތުން ބޭނުންކުރުމަށާއި، ދުއްވުމަށް ހާއްސަކުރެވިފައި ހުންނަ އުޅަނދު މި ގާނޫނުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އާންމުކޮށް މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދު އެފަދަ ސަރަހައްދެއްގައި ބޭނުންކުރާކަމުގައި ވިޔަސް،  މި ގާނޫނުން އިސްތިސްނާއެއް ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރި، ވަކިކަމަކަށް ހާއްސަ އުޅަނދެއްވިޔަސް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ނިޒާމުގެ ތެރޭގައި އެ އުޅަނދެއް ބޭނުންކުރަންވާނީ، މި ގާނޫނާ އެއްގޮތްވާ ގޮތަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުތައް ފިޔަވައި، އެއްގަމު އުޅަނދުގެ ތެރެއިން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ، އަދި އެކަމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދު، އެފަދަ ބޭނުމެއްގައި ދުއްވާ ދުއްވުން މި ގާނޫނުން އިސްތިސްނާވާނެއެވެ. މިގޮތުން އިސްތިސްނާކުރެވޭ އުޅަނދެއް، އެ ބޭނުމުގައި ދުއްވަންވާނީ، އެކަމަށް މިނިސްޓްރީން ކަނޑައަޅާ ނިށާނެއް ހަރުކޮށްގެންނެވެ. (އިސްލާހު ކުރެވިފައި)

 

22 ވަނަ މާއްދާ - އިމަރޖެންސީ ބަރުގޮނު އަޅާފައި ދިޔުމަށް ހާއްސަކުރެވިފައިވާ އުޅަނދު (އިސްލާހު ކުރެވިފައި)

(ހ) އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ، އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދު، އިމަރޖެންސީ ބަރުގޮނު އަޅާފައި ދުއްވަންޖެހޭ ހާލަތުގައި، އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި މަގުގެ އިދިކޮޅަށް، އަދި ޓްރެފިކް ބައްތިއަށް މަޑުކުރުމަކާ ނުލައި ދުއްވިދާނެއެވެ. އަދި ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށްވެސް ދުއްވިދާނެއެވެ.

(ށ) އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ، އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދުތަކަށް ފަސޭހަކަމާއެކު ދެވޭނެގޮތަށް މަގުގައި ދުއްވާ އެހެން އުޅަނދުތަކާއި، މަގު ބޭނުންކުރާ މީހުން ޖާގަދޭންވާނެއެވެ. އަދި އިމަރޖެންސީ ބަރުގޮނު އަޅާފައި ދާ، އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދަށް ހުރަސްއެޅުމަކީ މަނާކަމެކެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދުތަކުގައި ބޭނުންކުރާ އިމަރޖެންސީ އަލިތަކާއި އަޑުތައް، އެހެން އުޅަނދުތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، "އިމަރޖެންސީ ބަރުގޮނު އަޅާފައި ދިޔުމަށް ހާއްސަކުރެވިފައިވާ އުޅަނދު" ކަމަށް ބުނެފައިއެވަނީ، ސިއްހީ ނުވަތަ ސަލާމަތީ ނުވަތަ އެނޫންވެސް ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާއެންބިއުލާންސާއި، ސަލާމަތީ ބާރުތަކުގެ އެއްގަމު އުޅަނދުތަކާއި، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އެނޫންވެސް އެފަދަ އުޅަނދުތަކަށެވެ.

 

23 ވަނަ މާއްދާ - ނަންބަރާއި ނިށާންޖެހުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ އުޅަނދެއްގައި، މިނިސްޓްރީން ކަނޑައަޅާ ނަންބަރެއް، ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ.

(ށ) ދައުލަތުގެ އިސްވެރިން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ ރަސްމީ އުޅަނދުފަހަރުގައި ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި ބޭނުންކުރާނީ ދައުލަތުގެ ނިށާނެވެ. ރާއްޖެއަށް ޒިޔާރާތްކުރާ ބޭރުގެ އިއްޒަތްތެރިންގެ ތެރެއިން ގައުމުތަކުގެ އިސް ވެރިންނާއި، އެފެންވަރުގެ އިއްޒަތްތެރިންނަށް ހާއްސަކުރެވޭ އުޅަނދުގައިވެސް ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި  ބޭނުންކުރާނީ ދިވެހި ދައުލަތުގެ ނިށާނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއްޖަހަން ބޭނުންވާ ފަރާތްތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އެނަންބަރެއް ޖެހިދާނެއެވެ. އެނަންބަރު ބޭނުންކުރާއިރު، އެކަން އެނގޭނެ ލިޔުމެއް އުޅަނދުގައި ނުވަތަ  އެ އުޅަނދެއް ދުއްވާމީހާގެ އަތުގައި އޮންނަންވާނެއެވެ. މިގޮތުން ބޭނުންކުރާ ނަންބަރުގެ އަގު ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނަންބަރު ފަރުމާކޮށްފައި ހުންނަންވާނެ ގޮތުގެ ނަމޫނާއެއް، މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އެގޮތުން ފަރުމާކޮށް އާންމުކުރާ ނަމޫނާގައި، ބޯޑަރާއި އަކުރުތަކާއި ނަންބަރުތަކުގެ މިންތައް ސާފުކޮށް އެނގެން ހުންނަންވާނެއެވެ. އަދި ނަންބަރު އެކުލެވިގެންވާ ބޯޑު ތައްޔާރުކުރާނެ މައުދަނާއި، ޑިޖިޓަލްކޮށް މައުލޫމާތު ހިމަނާނަމަ ހިމަނާނެ ގޮތަކާއި، އެކަމާގުޅޭ އެންމެހައި ކަންކަން މި ގާނޫނުގެ ދަށުން ހަދާ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.  (އިތުރު ކުރެވިފައި)

 

24 ވަނަ މާއްދާ - ބޭނުންކުރެވޭނެ އުޅަނދުގެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން (އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންވާނެއެވެ. އެފަދައިން އުޅަނދުގެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅަންވާނީ، އެއިން ކޮންމެ ތަނަކަށް ވަކިންނެވެ.

(ށ) ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ނުވަތަ ރަށެއްގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދާއި އެ ސަރަހައްދުތަކުގައި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ނ) ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ނުވަތަ ސިޓީއެއްގައި، މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރިއެއްގެ ނަމުގައި ނުވަތަ ކުންފުންޏެއްގެ ނަމުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދޭނެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން ބޭނުންކުރެވޭނެ އުޅަނދުގެ އަދަދު ނުވަތަ މުއްދަތު ކަނޑައެޅުމާއި، ވަކި މީހެއް ނުވަތަ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމުގައި، އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް އަމަލުކުރަން ލާޒިމުކުރުމުގެ މަދުވެގެން 6 (ހައެއް) މަސްދުވަސް ކުރިން އެކަން އާންމުކޮށް އަންގައި އިއުލާނުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ވެރިފަރާތް ބަދަލުކުރުން

(ހ) އެއްގަމު އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދިނުމަށް އެދި ރަޖިސްޓަރީ ބަދަލުކުރުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅާތާ ލަސްވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދޭންވާނެއެވެ. މިގޮތުން ވެރިފަރާތް ބަދަލުކުރާ ދުވަހާ ހަމައަށް، އެ އުޅަނދަކާ ގުޅިގެން ސަރުކާރަށާއި، އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކުރުމުން ނޫނީ އުޅަނދުގެ ރަޖިސްޓަރީ ބަދަލުކޮށްދީގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) އެއްވެސް އެއްގަމު އުޅަނދެއް ވިއްކައިފިނަމަ ނުވަތަ ދީފިނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ވެރިފަރާތް ބަދަލުނުކޮށް ދުއްވުން ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ. ވެރިފަރާތް ބަދަލުނުކޮށް އެއްގަމު އުޅަނދު ގަވާއިދާ ޚިލާފުވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ރަޖިސްޓަރީކޮށްފައިވާ ފަރާތުންނެވެ. (އިތުރު ކުރެވިފައި)

(ނ) ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް އެހެންފަރާތަކަށް ދީ ނުވަތަ ވިއްކަން ބޭނުންވެއްޖެނަމަ، އެކަން ކުރާނީ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް އެކަން ހުށަހަޅައި، އެކަމަށް ހަމަޖެހިފައިވާ ގަވާއިދެއްގެ ދަށުންނެވެ.

(ރ) ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއްގެ ވެރިފަރާތް ނިޔާވެއްޖެނަމަ،  އެ އުޅަނދެއްގެ ވެރިފަރާތް ބަދަލުކޮށްދޭނީ، ށަރީއަތުން ނިންމާގޮތެއްގެ މައްޗަށް، ނުވަތަ އެފަރާތުގެ ވާރިސުން އެއްބަސްވެ ހުށަހަޅާ ގޮތެއްގެމަތިންނެވެ. އެ އުޅަނދެއްގެ ވެރިފަރާތްކަމުގައި ވަކިފަރާތެއް ށަރީއަތުން ކަނޑަނާޅާހާ ހިނދަކު، އެ އުޅަނދެއްގެ ވެރިފަރާތްކަމުގައި ބެލެވޭނީ އެފަރާތުގެ ވާރިސުންނެވެ.

(ބ) އުޅަނދަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި ޒިންމާ އުފުލާނީ، އެއިރަކު އެ އުޅަނދެއްގެ ވެރިފަރާތް ކަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން، ނުވަތަ މި ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ އުޅަނދަކާ ގުޅޭގޮތުން އުފުލަންޖެހޭ އެންމެހައި ޒިންމާތައް އުފުލުމަށް އެއްބަސްވެފައިވާ މީހާއެވެ.

 

26 ވަނަ މާއްދާ - ރަޖިސްޓަރީ އާކުރުން

ރަޖިސްޓަރީ ގެއްލިގެން ނުވަތަ ހަލާކުވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އާ ރަޖިސްޓަރީއެއް ހަދައިދޭނީ، އެ އުޅަނދެއްގެ ވެރިފަރާތުން، މިނިސްޓްރީއަށް ހުށަހެޅުމުން އެއުޅަނދަކާ ގުޅިގެން ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށް އަދާކުރަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް އަދާކުރާނެ ގޮތްތަކެއް ހަމަޖެއްސުމަށްފަހު އެކަމަށް ހަދާފައިވާ ގަވާއިދެއްގެ ދަށުންނެވެ.

 

27 ވަނަ މާއްދާ - ރަޖިސްޓަރީ ބާތިލުކުރުން (އިސްލާހު ކުރެވިފައި)

(ހ) އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް އެދިއްޖެ ހިނދެއްގައި، ރަޖިސްޓަރީ ބާޠިލުކޮށްދޭންވާނެއެވެ. ރަޖިސްޓަރީ ބާޠިލުކޮށްދޭނީ އެދުވަހާ ހަމައަށް އެ އުޅަނދަކާ ގުޅިގެން ދައްކަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ދެއްކުމުންނެވެ.

(ށ) ރަޖިސްޓަރީ ބާޠިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީކުރާނަމަ އެ އުޅަނދެއްގެ އަހަރީ ފީ ދައްކާނީ އެ އުޅަނދު އަލުން ރަޖިސްޓަރީކުރި މަހުން ފެށިގެން އަހަރު ހަމަވާގޮތަށެވެ.

(ނ) އަހަރީ ފީ ދައްކާފައިވަނިކޮށް، ރަޖިސްޓަރީ ބާޠިލުކޮށްފިނަމަ، އެ އަހަރަށް ދައްކާފައިވާ އަހަރީ ފީގެ ތެރެއިން، ހިނގާ މަސް ފިޔަވައި، އަހަރުގެ ބާކީ އޮތްބަޔަށްވާ ޖުމްލަ ފައިސާ، އެ އުޅަނދުގެ ވެރިފަރާތަށް އަނބުރާ ދޭންވާނެއެވެ.

(ރ) ރަޖިސްޓަރީ ބާޠިލުކޮށްފައިވާ އުޅަނދަކަށް އާ ރަޖިސްޓަރީއެއް ހަދައިދޭނީ، އަހަރީ ފީ ދެއްކުމަށްފަހު، މި ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

(ބ) ރަޖިސްޓަރީ ބާޠިލުކޮށްފައިވާ، އުޅަނދެއް، ރަޖިސްޓަރީ އާނުކޮށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ. އެއްވެސް ސަބަބަކާހުރެ ރަޖިސްޓަރީ ބާޠިލުކޮށްފައިވާ އުޅަނދެއް އަލުން ރަޖިސްޓަރީނުކޮށް، ނުވަތަ އެކަމަށް ބޭނުންވާ ހުއްދަ ނުހޯދައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށްފިނަމަ، އެކަމުގެ އަދަބަކީ އުޅަނދު ބޭނުންކުރި މީހާ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އުޅަނދުގެ ވެރިފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

28 ވަނަ މާއްދާ - އަހަރީ ފީ

(ހ) ރަޖިސްޓަރީ ކޮށްގެން ދުއްވާ، މި ގާނޫނުގެ ދަށުން އިސްތިސްނާ ނުވާ އެއްގަމު އުޅަނދު، މި ގާނޫނުގެ ޖަދުވަލުގައިވާ ގޮތުގެމަތިން މަދުވެގެން ކޮންމެ 12 (ބާރަ) މަސްދުވަހަކަށް އެއްފަހަރާ އަހަރީ ފީ ދައްކަންވާނެއެވެ.

(ށ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ ހާއްސަ އެއްގަމު އުޅަނދުތައް މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަހަރީ ފީ ދެއްކުމުން އިސްތިސްނާވެގެންވެއެވެ. (އިތުރު ކުރެވިފައި)

(ނ) އެއްގަމު އުޅަނދުތަކުގެ ތެރެއިން، އަހަރީ ފީދެއްކުމަށް މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އުޅަނދުތަކުގެ އަހަރީ ފީ، ކޮންމެ  މީލާދީ އަހަރަކު އެ އުޅަނދެއް ރަޖިސްޓަރީކުރި މަސް ހުސްވުމުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކަނޑައަޅާ ފަރާތަކަށް އަދާކުރަންވާނެއެވެ. އަދި އެ އުޅަނދެއް ރަޖިސްޓަރީ ކުރާއިރު، ރަޖިސްޓަރީކުރާ މަހުންފެށިގެން 12 (ބާރަ) މަސްދުވަސް ކުރިޔަށް، އެއްފަހަރާ ފީ ދައްކަންވާނެއެވެ. ފީ ދައްކާއިރު، މަސްދުވަހުގެ ބައެއް ބަލާނީ، ފުރިހަމަ މަހެއްގެ ގޮތުގައެވެ.

(ރ) އެއްގަމު އުޅަނދުން އަހަރީ ފީ ނެގުމަށްޓަކައި، ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ބަލަހައްޓާނީ، މިނިސްޓްރީންނެވެ.  ދެ މިންގަނޑެއް އެކުލެވޭ އުޅަނދެއްނަމަ، ފީ ކަނޑައަޅާނީ،  ދެ މިންގަނޑުންކުރެ ބޮޑު މިންގަނޑަށެވެ.

(ބ) 1 (އެކެއް) އަހަރަށްވުރެ ގިނައަހަރަށް ފީދައްކަން ބޭނުންވާ ފަރާތްތަކަށް އެކަން ހަމަޖައްސައިދޭންވާނެއެވެ.

(ޅ) އަހަރީ ފީ ދައްކަންޖެހޭ އެއްވެސް އުޅަނދެއް، ފީ ދައްކަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު، ފީ ނުދައްކައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ކ) އަހަރީ ފީ ދައްކަންޖެހޭ އެއްގަމު އުޅަނދަކުން އަހަރީ ފީ ހަމަވެފައިވަނިކޮށް އަހަރީ ފީ ނުދައްކާ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށްފިނަމަ ކަނޑައެޅިފައިވާ އަދަބަކީ އެފަދަ އުޅަނދެއް ދުއްވި ނުވަތަ ބޭނުންކުރި މީހާ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، އަހަރީ ފީ ނުދައްކާތާ 6 (ހައެއް) މަސްދުވަސް ފާއިތުވެފައިވާ އުޅަނދެއް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކޮށްފިނަމަ، ބޭނުންކުރި ފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އުޅަނދުގެ ވެރިފަރާތް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަހަރީ ފީ ބަލައިގަނެވޭނީ އެ އުޅަނދަކާއި އުޅަނދުގެ ވެރިފަރާތް މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާ ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ. (އިތުރު ކުރެވިފައި)

 

29 ވަނަ މާއްދާ - އެއްގަމު އުޅަނދު ރަޖިސްޓަރީނުކޮށް ދުއްވުމާއި ގަވާއިދާ ހިލާފަށް ދުއްވުން (އިސްލާހު ކުރެވިފައި)

(ހ) އެއްގަމު އުޅަނދުގައި ހަރުކުރުމަށް ދޫކުރާ ނަންބަރު ހަރުނުކޮށް، ނުވަތަ ނަންބަރު އޮޅުންނުފިލާވަރަށް ހަލާކުވެފައި ވަނިކޮށް، ނުވަތަ މިނިސްޓްރީން އެކަމަށް ހަދާ ގަވާއިދާ ޚިލާފުވާ މީހާއާއި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އުޅަނދެއްގައި، ނުވަތަ ޚިދުމަތްދޭ ތަނެއްގައި ހަރުކުރުމަށް ދޫކުރާ ނިޝާން ނެތި ޚިދުމަތްދޭ މީހާ ނުވަތަ އުޅަނދު ދުއްވި މީހާގެ އަދަބަކީ؛

  1. އުޅަނދު ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށްވުރ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
  2. ޚިދުމަތްދިން ތަނުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ށ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، އުޅަނދަކަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ފިޔަވައި އެހެން ނަންބަރެއް އުޅަނދުގައި ހަރުކުރުމާއި، ރަޖިސްޓަރީނުކުރާ އެއްގަމު އުޅަނދެއްގައި މި ގާނޫނާ ހިލާފަށް ރަޖިސްޓަރީ ނަންބަރެއް ހަރުކުރުމާއި، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނެތި އެއްގަމު އުޅަނދެއްގެ އިންޖީނު ނަންބަރަށް ނުވަތަ ޗެސިސް ނަންބަރަށް ބަދަލުގެނައުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކުރި ފަރާތެއްގެ އަދަބަކީ؛ (އިސްލާހު ކުރެވިފައި)

  1. އެފަދަ އުޅަނދެއް އެވަގުތު ދުއްވަން ހުރި ފަރާތް 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.
  2. އެފަދަ ކަމެއް ސާބިތުވެއްޖެނަމަ އެކަމެއް ކުރި ފަރާތެއް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން އެކަން ކުރީ ވިޔަފާރިކުރާ ތަނަކުންނަމަ އެ ތަނެއްގެ ވިޔަފާރީގެ ހުއްދަ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންނަ އުޅަނދާ ގުޅިގެން، އުޅަނދުގެ ވެރިފަރާތް ދެނެގަތުމާއި، އުޅަނދުގައި ބަދަލު ގެނެސްފައިވާ ނަންބަރުތައް އިސްލާހުކުރުމާއި، އުޅަނދު އަނބުރާ އުޅަނދުގެ ވެރިފަރާތާ ހަވާލުކުރުމާއި، އުޅަނދު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވޭނެ މުއްދަތާއި އެނޫންވެސް އެފަދަ އުޅަނދުތަކާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

30 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލް އަދި ޑްރައިވިންގ އިންސްޓްރަކްޓަރުން (އިސްލާހު2 / އިސްލާހު2 ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން ޑްރައިވިންގ ސްކޫލް ހިންގުމަށާއި ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ލައިސަންސް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރަންވާނެއެވެ.

(ށ) ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެއެވެ. އެ ގަވާއިދުގައި، ޑްރައިވިންގ ސްކޫލްގެ އިންސްޓްރަކްޓަރުންނާއި އާންމު އިންސްޓްރަކްޓަރުންގެ ފެންވަރާއި، ދުއްވަން ދަސްކޮށްދިނުމަށް ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދުތައް ކަނޑައަޅަންވާނެއެވެ. އަދި އެކިއެކި ގިންތީގެ ވެހިކަލްތަކަށް ޑްރައިވަރުން އިމްތިހާނުކުރެވޭނެ މިންގަނޑުތަކާއި، އިމްތިހާނުކުރެވޭނެ ގޮތްތައްވެސް އެ ގަވާއިދުގައި ހިމަނަންވާނެއެވެ.

(ނ) ޑްރައިވިންގ ސްކޫލް ހިންގުމަށް އަދި ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުށަހެޅުމުން، ޑްރައިވިންގ ސްކޫލް ހިންގުމަށް ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން ފުރިހަމަވެފައިވާނަމަ، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ލައިސަންސް ދޫކުރަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހުއްދަ ދޫކުރެވޭ ޑްރައިވިންގ ސްކޫލްތަކާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ލިސްޓެއް މިނިސްޓްރީން އަދާހަމަކޮށް، ބަލަހައްޓައި، އެ ލިސްޓު އާންމުކޮށް ށާއިއުކުރަމުން ގެންދަންވާނެއެވެ.

 

31 ވަނަ މާއްދާ - ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުން (އުނި ކުރެވިފައި)

 

32 ވަނަ މާއްދާ - ދުއްވަން ދަސްކުރުން

(ހ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށްޓަކައި ދުއްވަންވާނީ، މިނިސްޓްރީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ހަދާފައިވާ ނިށާނެއް، އެ އުޅަނދުގެ ކުރީގަޔާއި ފަހަތުގައި ހަރުކޮށްގެންނެވެ. ދުއްވަން ދަސްކުރާ މީހާއާއެކު، އެ އުޅަނދެއް ދުއްވުމުގެ ލައިސަންސް ލިބިފައިވާ، މިނިސްޓްރީން އިންސްޓްރަކްޓަރުކަމުގެ ހުއްދަ ލިބިފައިވާ މީހަކު އިންނަން ވާނެއެވެ. ދަސްކުރަން ދުއްވާ އުޅަނދެއްގައި، ދެމީހުންނަށްވުރެ އިތުރު މީހަކު އިނދެގެން ނުވާނެއެވެ.

(ށ) ދަސްކުރުމަށް އެއްގަމު އުޅަނދު ދުއްވަންވާނީ، މިނިސްޓްރީން އެކަމަކަށް ކަނޑައަޅާ ސަރަހައްދެއްގައި ކަނޑައަޅާ ވަގުތުތަކެއްގައެވެ. އެއްގަމު އުޅަނދު ދުއްވަން ދަސްކުރާނެ ސަރަހައްދާއި، ވަގުތާއި ދުވެލި ކަނޑައަޅައި، ގަވާއިދުތައް ހަދާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

33 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

(ހ) އެއްގަމު އުޅަނދުގެ ތެރެއިން އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ، ނުވަތަ އޮޕަރޭޓް ކުރަންވާނީ، މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން، ބާއްވާ އިމްތިހާނަކުން ފާސްވެ، އެފަދަ އުޅަނދެއް ދުއްވުމަށް ނުވަތަ އޮޕަރޭޓްކުރުމަށް ލައިސަންސް ލިބިގެންނެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމަށް ނުވަތަ އޮޕަރޭޓް ކުރުމަށް ލައިސަންސް ދޫކުރާނީ، މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ މީހުންނަށެވެ.

(ނ) މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ގާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި، އެ ގައުމެއްގެ ލައިސަންސް މިނިސްޓްރީން ގަބޫލުކުރާނެ ގައުމުތަކުގެ ލިސްޓެއް، މިނިސްޓްރީން އާންމުކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީން އާންމުކުރާ ލިސްޓުގައި ހިމެނޭ ގައުމަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގެ ދަށުން ހަދަންޖެހޭ އިމްތިހާން ހެދުމަކާ ނުލައި، ދާއިމީ ލައިސަންސެއް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ރ) އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސަންސްގެ ބާވަތްތަކާއި، މުއްދަތާއި އަދި ދުއްވޭނެ ސަރަހައްދާއި އަދި ލައިސަންސް ފީ ކަނޑައަޅާނީ މިނިސްޓްރީންނެވެ.

 

34 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރުން

(ހ) ރާއްޖޭގައި އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެގޮތުން ބަސް، ވޭން ފަދަ އުޅަނދުތައް ދުއްވޭނީ މިނިސްޓްރީން އެކަމަށް ލައިސަންސް ދޫކުރާ ފަރާތްތަކަށެވެ.

(ށ) އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް މިނިސްޓްރީން އިއުލާނުކުރުމުން، މިކަމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) އާންމު ދަތުރުފަތުރުގެ ތެރޭގައި ދުއްވޭނެ އުޅަނދުތަކާއި، އެއުޅަނދުތަކުގައި ހުންނަންޖެހޭ ށަރުތުތަކާއި، އެހިދުމަތުގެ ލައިސަންސް ދޫކުރުމުގައި މިނިސްޓްރީން ބަލާނެ މިންގަނޑުތަކާއި އެހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ޕްރޮޕޯސަލްގައި ހުންނަންވީ ކަންކަން ކަނޑައަޅާނީ އެކަމަށް މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުންނެވެ.

 

35 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދެވޭނެ ސަރަހައްދު ކަނޑައެޅުން

(ހ) ދިވެހިރާއްޖޭގައި، އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދެވޭނީ، މިނިސްޓްރީން، ލިޔުމަކުން ހުއްދަ ދީފައިވާ ސަރަހައްދުތަކަށެވެ. މިފަދަ ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ދިނުމަށް، ހިދުމަތްދޭ ފަރާތަށް އެކަމުގެ ލައިސަންސް ދޭނީ، އެސަރަހައްދެއްގައި ބަހުގެ ހިދުމަތް ދިނުމާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސްއޫލިއްޔަތު މިނިސްޓްރީން ހަވާލުކޮށްފައިވާ، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

(ށ) ދިވެހިރާއްޖޭގެ ސަރަހައްދެއް، އާންމުދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތްދޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސަން ބޭނުންވެއްޖެނަމަ، އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެސަރަހައްދެއްގެ އިދާރީ ހިންގުމާބެހޭ މަސްއޫލު އޮފީހުންނެވެ.

 

36 ވަނަ މާއްދާ - ބަސް ދަތުރުކުރާނޭ މަގުތައް ކަނޑައެޅުން

(ހ) އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތްދޭ ސަރަހައްދުގައި، ބަސް ދަތުރު ކުރާނޭ މަގުތައް ކަނޑައަޅާނީ އެސަރަހައްދެއްގެ ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތާއި ހިދުމަތްދޭ ފަރާތާއި މަށްވަރާކުރުމަށްފަހު، ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ކަނޑައަޅާ މަގުތަކާއި އެމަގުތަކަށް ގެނެވޭ ބަދަލުތައް، ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން ހިދުމަތްދޭ ފަރާތަށާއި ހިދުމަތް ލިބިގަންނަ ފަރާތަށް، އެގޮތަށް އަމަލުކުރާން ފެށުމުގެ 1 (އެކެއް) މަސް ދުވަހުގެ ކުރީން އަންގަންވާނެއެވެ. ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތުން މިކަން ހިދުމަތްދޭ ފަރާތަށް އަންގާނީ ލިޔުމަކުންނެވެ. ހިދުމަތް ލިބިގަންނަ ފަރާތަށް އަންގާނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ.

(ނ) ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ބަސް ދަތުރުކުރާގޮތުގެ ތާވަލާއި، ބަސް ދަތުރަށް ނަގާ އަގުގެ މިންވަރާއި، އެ ބޭނުންކުރާ ބަސްތަކަށް އެރޭ ފަސިންޖަރުންގެ އަދަދާއި ބަސް ދަތުރުކުރާމަގުތައް އަދި ބަސްހުއްޓިތައް ހުންނަ ތަންތަން ފަސޭހައިން ކިޔަން އެގޭނޭ ގޮތަށް އެއުޅަނދެއްގައި ލިޔެވި ހަރުކުރެވިފައި ހުންނަންވާނެއެވެ.

 

37 ވަނަ މާއްދާ - ބަސްހުއްޓާނޭ ބަސްހުއްޓިތައް ކަނޑައެޅުން

އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ބަސްހުއްޓިތައް މަގުމަތީގައި ހަދާނީ އެސަރަހައްދެއްގެ އިދާރީ ހިންގުމާބެހޭ މަސްއޫލު އޮފީހުންނެވެ. މިފަދަ ތަންތަން ވާރެއާއި އަވިން ފަސިންޖަރުން ނިވާވާނެ ގޮތަށް އެކަށީގެންވާ މިންގަނޑެއްގައި ހަދާ އަދި ރޭގަނޑު އަލިކޮށްފައި ހުންނަންވާނެއެވެ.

 

38 ވަނަ މާއްދާ - ބަހުގެ ސަލާމަތީ މިންގަނޑު

ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތަކަކީ މިނިސްޓްރީން ކަނޑައަޅާ ސަލާމަތީ މިންގަނޑުތަކަށް ފެތޭ އުޅަނދުތަކަކަށް ވާންވާނެއެވެ.

 

39 ވަނަ މާއްދާ - ބަހުގެ ހިދުމަތް ހުއްޓާލުން

ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މިކަން ހުއްޓާލަން ބޭނުންވެއްޖެނަމަ، ހިދުމަތް ހުއްޓާލުމުގެ 90 (ނުވަދިހަ) ދުވަހުގެ ކުރިން މިނިސްޓްރީއަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

 

40 ވަނަ މާއްދާ - ބަހަށް ސްކޫލު ކުދިން އެރުވުން

އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ބަސްތަކަށް ސްކޫލު ކުދިންނަށް އެރިދާނެއެވެ. މިފަދަ ބަސްތަކަށް ސްކޫލު ކުދިން އަރުވަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދެއްގެ މަތީންނެވެ.

 

41 ވަނަ މާއްދާ - ބަހުގެ ހިދުމަތް ލިބިގަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން

ބަހުގެ ހިދުމަތް ލިބިގަންނަ ހާއްސަ އެހީއަށް ބޭނުންވާ  މީހުންނަށް ބަހަށް އަރާފޭބުމަށާއި ބަހުގައި އިށީނދެ ތިބުމަށް އެހީތެރި ވެދޭންވާނެއެވެ.

 

42 ވަނަ މާއްދާ - ބަހުގެ ހިދުމަތަށް ނަގާ އަގު

ބަހުގެ ހިދުމަތް ދިނުމުގައި ހިދުމަތަށް ނަގާ އަގު ކަނޑައަޅާނީ ހިދުމަތް ދިނުމަށް ލައިސަންސްދޭ ފަރާތާއި ހިދުމަތްދޭ ފަރާތާދެމެދު މަށްވަރާ ކުރުމަށްފަހު ހިދުމަތް ދިނުމަށް ލައިސަންސް ދޭފަރާތުންނެވެ.

 

43 ވަނަ މާއްދާ – ބަސް ދުއްވާ ޑްރައިވަރާއި އެހީތެރިން އަމަލުކުރަންވީގޮތް

އާންމު ދަތުރުފަތުރުގެ ގޮތުގައި ބަސް ދުއްވާ ޑްރައިވަރާއި އެހީތެރިން އަމަލުކުރަންވީ ގޮތާއި، ށަރުތުތައް ކަނޑައަޅާނީ މިނިސްޓްރީން ހަދާ ގަވާއިދެއްގެ ދަށުންނެވެ.

 

44 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ އުޅަނދުފަހަރުގެ ވެރިފަރާތުގެ މަސްއޫލިއްޔަތު

(ހ) މި ގާނޫނުގެ ދަށުން ލައިސަންސް ދޭ އުޅަނދުފަހަރުގެ ވެރިފަރާތާއި، ޑްރައިވަރު އަދި އެހީތެރިން ހުރިހާ ހާލަތެއްގައިވެސް ފަސިންޖަރުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް އިސްކަންދޭންވާނެއެވެ.

(ށ) އާންމު ދަތުރުފަތުރުގެ ހިދުމަތް ދޭ އުޅަނދުފަހަރުގައި ތިބޭ މުވައްޒަފުންނަކީ މިނިސްޓްރީން ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާ މީހުންނަށް ވާންވާނެއެވެ.

 

45 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުގެ ވެރިފަރާތް އެނގެން އޮތުން

އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ކޮންމެ އުޅަނދެއްގައި އެއުޅަނދެއްގެ ވެރިފަރާތުގެ ނަމާއި އެޑްރެސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެމަތިން ކިޔަން އެނގޭނޭހެން ފަސިންޖަރުންނަށް ފެންނަ ގޮތަށް ލިޔެފައި ހުންނަންވާނެއެވެ.

 

46 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރު

(ހ) މި ގާނޫނުގެ ދަށުން އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ރާއްޖޭގައި ހުއްދަ ކުރެވިފައިވާ ފަރާތްތައް އާންމުކޮށް އެނގޭނެގޮތަށް މިނިސްޓްރީން އިއުލާނުކުރަންވާނެއެވެ.

(ށ) އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބޭނުންކުރަންވާނީ މި ގާނޫނުގައި ބުނާ ގޮތުގެމަތީން މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ.

(ނ) މިފަދަ ހުރިހާ އުޅަނދެއް ދުއްވުމުގެ ލައިސަންސްގެ ށަރުތުތަކާއި ހަމަތައް އެކަށައަޅާ އެކަން އާންމުކޮށް މިނިސްޓްރީން އިއުލާނުކުރަންވާނެއެވެ.

(ރ) އާންމުން އުފުލުމަށް ކަމާބެހޭ ފަރާތުން ދޫކުރާ ލައިސަންސް އަކީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ އިތުރުން ދޫކުރާ ލައިސަންސް އަކަށް ވާންވާނެއެވެ.

(ބ) އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ބޭނުމަށް ދޫކޮށްފައިވާ ލައިސަންސެއް ބަދަލުކުރެވޭނީ ރަޖިސްޓްރާރަށް ލިޔުމަކުން ހުށަހަޅައި އަދި އެކަމަށް ހަމަޖެހިފައިވާ ފީއެއް ދެއްކުމަށްފަހުގައެވެ.

(ޅ) ޢާންމު ދަތުރުފަތުރުގެ ޚިދުމަތަށް ގިންތި ކަނޑައެޅުމާއި، ލައިސަންސް ދޫކުރުމާއި ލައިސަންސް ދޫކުރާނެ އުޅަނދުގެ ޢަދަދު ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. މިގޮތުން ކަނޑައަޅާ ކަންތައްތައް ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

47 ވަނަ މާއްދާ - މި ގާނޫނާ ހިލާފަށް ބަހުގެ ހިދުމަތް ދޭ ފަރަތްތަކާމެދު އަޅާނެ ފިޔަވަޅު (އިސްލާހު ކުރެވިފައި)

(ހ) މި ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ނެތި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. މިފަދަ ކުށެއްކުރި ފަރާތެއްގެ އަދަބަކީ 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ށ) މި ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) އާ ޚިލާފުވުން ފިޔަވައި، ބަހުގެ ޚިދުމަތް ދިނުމަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ބަހުގެ ޚިދުމަތްދޭ ފަރާތްތަކުގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ 500  (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 1,000  (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 1,500  (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ތިން ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެފަރާތެއްގެ ބަހުގެ ޚިދުމަތް  ދިނުމުގެ ލައިސަންސް ބާޠިލުވާނެއެވެ.

 

48 ވަނަ މާއްދާ - ޓެކްސީގެ ހިދުމަތް ދިނުން (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، ލައިސަންސް ހޯދާފައިވާ ޓެކްސީ ސެންޓަރުތަކަށް ނުވަތަ އާންމު ފަރާތްތަކަށެވެ. (އިސްލާހު ކުރެވިފައި)

(ށ) (އުނި ކުރެވިފައި)

(ނ) ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުގެ ފެންވަރާއި އޭގެ ސަލާމަތީ ފިޔަވަޅުތަކާއި، އެފަދަ ހިދުމަތް ދޭ ފަރާތްތަކުގައި ހުންނަންޖެހޭ ށަރުތުތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލައިސަންސް ދެވޭނީ އެކަމަށް އެދި މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، އެ ހިދުމަތް ދިނުމަށް އެދޭ ފަރާތާބެހޭގޮތުންް ބަލަންޖެހޭ އެންމެހައި ކަންތައްތައް ބެލުމަށްފަހުގައެވެ. މިގޮތުން ދޫކުރެވޭ ލައިސަންސްގައި 100 (ސަތޭކަ) ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ޖަހަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޓެކްސީގެ ހިދުމަތުގެ ލައިސަންސަށް އެދުމުން، މިނިސްޓްރީން ކަނޑައަޅާފައިވާ ށަރުތުތައް ފުރިހަމަވާނަމަ، ލަސްވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޓެކްސީގެ ހިދުމަތް ދިނުމުގެ ލައިސަންސް މިނިސްޓްރީން ދޫކުރަންވާނެއެވެ. ނުވަތަ ށަރުތުތައް ފުރިހަމަނުވާނަމަ، ސަބަބު ބަޔާންކޮށް އެކަން ލިޔުމަކުން އެފަރާތަކަށް އެމުއްދަތުގެ ތެރޭގައި އަންގަންވާނެއެވެ.

(ޅ) ޓެކްސީގެ ގޮތުގައި ދުއްވޭ އުޅަނދުތަކުގައި، މި މާއްދާގެ (ބ) ގެ ދަށުން ދޫކުރެވޭ ލައިސަންސް އެޓެކްސީތަކަށް އަރާމީހުންނަށް ފަސޭހައިން ފެންނާނެހެން ބަހައްޓަންވާނެއެވެ.

(ކ) މި ޤާނޫނާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއްކުރާ ފަރާތެއްގެ އަދަބަކީ ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ތިންވަނަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ތިން ފަހަރަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، ކުށުގެ ބާވަތަށް ބަލައި، އެފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)

(އ) ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް އާންމު ފަރާތްތަކަށް ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތް ފޯރުކޮށްދެވޭނެ އުސޫލުތަކާއި، ށަރުތުތަކާއި، މިންގަނޑުތަކުގެ ތަފްސީލު،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

48-1 ވަނަ މާއްދާ - ޕްރައިވެޓް ހަޔަރގެ ހިދުމަތް (އިތުރު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި ޕްރައިވެޓް ހަޔަރގެ ހިދުމަތް ފޯރުކޮށްދެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، ލައިސަންސް ހޯދާފައިވާ ފަރާތްތަކަށެވެ.

(ށ) ޕްރައިވެޓް ހަޔަރގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްދިނުމާއި، ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި، ހިދުމަތް ފޯރުކޮށްދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

49 ވަނަ މާއްދާ - ޓެކްސީގެ ހިދުމަތުގެ ލައިސަންސް އާ ކުރުން

ޓެކްސީގެ ހިދުމަތް ދިނުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން ލައިސަންސް އާ ކުރުމަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

49-1 ވަނަ މާއްދާ - ކައުންސިލުތަކުން ހިދުމަތް ފޯރުކޮށްދިނުން (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެއެވެ. އަދި، ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީ ލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެގޮތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - އާންމު ދަތުރުފަތުރުގެ ގޮތުގައި ހިދުމަތްދޭ އުޅަނދާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން

އާންމު ދަތުރުފަތުރުގެ ގޮތުގައި ހިދުމަތްދޭ އުޅަނދާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދު ދުއްވާއިރު އެއިން އެއްވެސް އުޅަނދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.

 

51 ވަނަ މާއްދާ - ޓްރެފިކް ފުލުހުން ލައިސަންސް އާއި އުޅަނދާބެހޭ ލިޔުންތައް ބެލުންޓް (އިސްލާހު ކުރެވިފައި)

(ހ) ފުލުހަކު ފުލުހުންގެ ރަސްމީ ޑިއުޓީގެ ވަގުތުގައި، އެމީހަކަށް ފެންނަ އުޅަނދެއް ހުއްޓުވައި، އުޅަނދާއި، ޑްރައިވިންގ ލައިސަންސް ބަލައި ޗެކުކޮށް، އުޅަނދުގެ ރަޖިސްޓަރީއާގުޅޭ ލިޔުންތަކާއި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭނެކަމަށް މި ޤާނޫނާއި ޤާނޫނުން ބާރުލިބިގެން ހަދާ ގަވާއިދުތަކުން ލާޒިމުކުރާ ކަންތައްތައް ފުރިހަމަވެފައިވާކަމުގެ ސްޓިކަރ ނުވަތަ ލިޔުން ހަމައަށް ހުރިތޯ ބެލުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. ފުލުހުން ބަލައި ޗެކުކުރާއިރު ޤާނޫނާއި ގަވާއިދުތަކުން ލާޒިމުކުރާ ކަންކަން ފުރިހަމަކޮށްފައިވާކަމުގެ ސްޓިކަރ ނުވަތަ ލިޔުން ފުލުހުން ބަލައި ޗެކުކުރާ ގަޑީގައި ދެއްކޭގޮތަށް އުޅަނދުގައި ހަރުކޮށްފައި ނުވަތަ ދެއްކޭގޮތަށް ހުންނަންވާނެއެވެ. 

(ށ) މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) ފުލުހަކު ފުލުހެއްގެ ރަސްމީ ޑިއުޓީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައި އުޅޭއިރު މި ޤާނޫނާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކުރާތަން ފެނިއްޖެނަމަ އެފަރާތެއް ހުއްޓުވައި ފުލުހެއްކަން އަންގައިދޭ ކާޑުދައްކައި، އުޅަނދާއި، ޑްރައިވިންގ ލައިސަންސް ބަލައި ޗެކުކޮށް، އުޅަނދުގެ ރަޖިސްޓަރީއާ ގުޅޭ ލިޔުންތަކާއި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭނެކަމަށް މި ޤާނޫނާއި މި ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުން ލާޒިމުކުރާ ކަންތައްތައް ފުރިހަމަވެފައިވާކަމުގެ ސްޓިކަރ ނުވަތަ ލިޔުންތައް ހަމައަށް ހުރިތޯ ބަލައި ފިޔަވަޅުއެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

49 ވަނަ މާއްދާ - ޕާކު ކުރުން (އުނި ކުރެވިފައި)

 

52 ވަނަ މާއްދާ - ގިންތި ކަނޑައެޅުން (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

އެއްގަމު އުޅަނދުފަހަރުގެ ގިންތިތައް ތިރީގައިވާ ގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ހ) ބަރު އުޅަނދުފަހަރު؛

(ށ) ލުއި އުޅަނދުފަހަރު؛

(ނ) ތެޔޮ އުފުލާ އުޅަނދުފަހަރު؛

(ރ) ގޭސް އުފުލާ އުޅަނދުފަހަރު؛

(ބ) ތަފާތު ކެމިކަލްއާއި ނުރައްކާތެރި މުދާ އުފުލާ އުޅަނދުފަހަރު؛

(ޅ) ކުނިއުކާލުމަށް ބޭނުންކުރާ އުޅަނދުފަހަރު؛

(ކ) ބަރުމުދާ އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛

(އ) ބަރުމުދާ އުފުލުމަށް ހާއްސަކޮށްފައި ހުންނަ ދެބުރިވަކިކުރެވޭ އުޅަނދުފަހަރު؛

(ވ) ކޮންޓޭނާ އުފުލުމަށް ހާއްސަކޮށްފައި ހުންނަ އުޅަނދުފަހަރު؛

(މ) ފެން އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛

(ފ) ކާބޯތަކެއްޗާއި ފިނިކޮށް ތަކެތި އުފުލުމަށް ތައްޔާރުކޮށްފައި ހުންނަ އުޅަނދުފަހަރު؛

(ދ) ކޮންސްޓްރަކްށަން މަސައްކަތްތަކަށް ހާއްސަކޮށްފައި ހުންނަ އުޅަނދު ފަހަރު:

  1. ކޮންނަން ބޭނުންކުރާ އުޅަނދުފަހަރު؛ 
  2. ތާރުއެޅުމާ މަގުހެދުމަށް ބޭނުންކުރާ އުޅަނދުފަހަރު؛ 
  3. ކްރޭން، ފޯކްލިފްޓްފަދަ މުދާ އުފުލައި ބާލާ އުޅަނދުފަހަރު؛ 
  4. ތަފާތު އެކި މަސައްކަތްތަކަށް އުފައްދާފައި ހުންނަ އަދި އުފައްދާ އުޅަނދުފަހަރު؛
  5. އުސް އިމާރާތްތަކަށް އަރާ އެކި މަސައްކަތްކުރުމަށް އުފައްދާފައި ހުންނަ އަމިއްލަ ޒާތުގައި ދުއްވާ ލިފްޓްފަދަ އުޅަނދުފަހަރު؛

(ތ) ޓީވީ ރޭޑިއޯފަދަ މުއާސަލާތީ ހިދުމަތްތައް ވަގުތުން ވަގުތަށް ބްރޯޑްކާސްޓްކުރުމަށް އުފައްދާފައި ހުންނަ އުޅަނދުފަހަރު؛

(ލ) ތަފާތު ފަންނީ ދިރާސާކުރުމަށް އުފައްދާފައި ހުންނަ އެއްގަމު އުޅަނދުފަހަރު.

 

53 ވަނަ މާއްދާ - ގިންތިކުރުމާއި ދަރަޖަ ކަނޑައަޅުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުން (އިތުރު ކުރެވިފައި)

މި ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާފަދަ އެންމެހައި އުޅަނދުފަހަރު ގިންތިކުރުމާއި އެކަމަށް ޚާއްޞަކޮށް ދުނިޔޭގައި އުފައްދާފައި ހުންނަ އަދި ރާއްޖޭގައި އުފައްދާ އުޅަނދުފަހަރު ގިންތިކުރުމާއި ވަކި މުއްދަތަކަށް އެތަކެތީގެ ރޯޑްވަރދިނަސް ހެދުމާއި، ތެލާއި ގޭސްފަދަ ނުރައްކާތެރި މުދާ އުފުލާ އުޅަނދުފަހަރު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ދަރަޖަ ކަނޑައެޅުމާއި، ކާބޯތަކެތި އުފުލާ އުޅަނދުފަހަރު ޞިއްޙީ މިންގަނޑުތަކަށް ފެތޭގޮތަށް ދަރަޖަ ކަނޑައެޅުމާއި ކުނިއުފުލާ އުޅަނދުފަހަރު އެކަމަށް ޚާއްޞަކޮށްފައިވާ އުޅަނދުފަހަރުގައި އުފުލުމަށް ދަރަޖަ ކަނޑައަޅައި އިންސްޕެކްޓްކުރުމާއި، މިކަންކަމާބެހޭ އެންމެހައި ގަވާއިދުތައް ހެދުމާއި ރަޖިސްޓަރީކުރާނެ އުޞޫލުތައް ކަނޑައެޅުމާއި، ކަމާބެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މި ޤާނޫނުގެ ދަށުން މިނިސްޓްރީންނެވެ.

 

54 ވަނަ މާއްދާ - ކުނި އުކާލުމަށް ބޭނުންކުރާ އުޅަނދުފަހަރު

(ހ) ރާއްޖޭގައި ކުނިއުކާލުމަށް، ބޭނުންކުރާ އުޅަނދުފަހަރުގެ ފެންވަރާއި ބާވަތް ކަނޑައެޅުމުގެ ބާރު މި ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މިފަދަ އުޅަނދުތައް ބޭނުން ކުރުމުގައި އާންމުންނަށާއި މަގުމަތީގައި ދުއްވާ އެހެނިހެން އުޅަނދު ފަހަރަށް އުނދަގޫ ވާގޮތަށް ނުވަތަ މަގުމައްޗަށް ކުނި އެޅޭ ގޮތަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

55 ވަނަ މާއްދާ - ހިނގާ މީހުންނަށް އުނދަގޫވާގޮތަށް ދުއްވުމާއި ޕާކުކުރުމާއި މަގުމަތީގައި މުދާ ބެހެއްޓުން (އިސްލާހު ކުރެވިފައި)

(ހ) ދުވާރުމަތީގައި ނުވަތަ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަޙައްދެއްގައި، ކުޑަކުދިން އުފުލުމަށް ޚާއްޞަކޮށްފައި ހުންނަ ޕްރޭމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހުންނަ ހަމައެކަނި އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑިފަދަ ތަކެތި ފިޔަވައި، އެއްވެސް ބާވަތެއްގެ އެއްގަމު އުޅަނދެއް ދުއްވުމަކީ، ނުވަތަ ޕާކުކުރުމަކީ މަނާކަމެކެވެ. އަދި ހިނގާ މީހުންނަށް ދަތިވާގޮތަށް ދުވާރުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމާއި، ދުއްވާ އެއްޗެއްސަށް ދަތިވާގޮތަށް މަގުމަތީގައި މުދަލާއި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދައިގެން ވަގުތީ ބޭނުމަކަށް މަގުމަތީގައި މުދާ ނުވަތަ ތަކެތި ބަހައްޓާ ބެހެއްޓުން އިސްތިސްނާކުރެވޭނެއެވެ.

(ށ) މަގު ހުރަސްކުރުމަށް ފާހަގަކުރެވިފައިވާ ކަފިހިހުރަހަކުން މީހަކު ނުވަތަ ބަޔަކު މަގު ހުރަސްކުރާނަމަ، ނުވަތަ މަގު ހުރަސްކުރަން އުޅޭނަމަ، މަގު ހުރަސްކުރާ މީހުންނަށް ތަންދިނުމުގެ ގޮތުން އެއްގަމު އުޅަނދު ހުއްޓަންވާނެއެވެ. އަދި ކަފިހިހުރަހުން މަގު ހުރަސްކުރާ ފަރާތްތަކަށް ޖާގަނުދީ ދުއްވުމަކީ މަނާކަމެކެވެ.

 

56 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވާއިރު މުވާސަލާތީ ވަސީލަތެއް ބޭނުންކުރުން (އިސްލާހު ކުރެވިފައި)

(ހ) އެއްގަމު އުޅަނދު ދުއްވާއިރު ދުއްވަން އިންނަ މީހާ މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުއާޞަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމަކީ މަނާކަމެކެވެ.

(ށ) ހެޑްސެޓް އަޅައިގެން ދުއްވުމާއި، ޓީވީ ބަލަމުން ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވީޑިއޯ ނުވަތަ އެނޫން އެފަދަ އެއްޗެއް ބަލަމުން ދުއްވުމާއި އެހެން ފަރާތްތަކަށް އަޑުއިވޭވަރަށް ބާރަށް ލަވަޖެހުމާއި އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވުމަކީ މަނާކަމެކެވެ. މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދައިގެން ޚާއްޞަ އިވެންޓަކާ ގުޅިގެން ލަވަޖެހުމާއި އަޑުގަދަކުރާ ބޭނުންކުރަމުން ދުއްވުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ނ) ޓެކްސީގެ ޚިދުމަތްދޭ އުޅަނދުފަހަރުގައި ބޭނުންކުރާ ރޭޑިއޯސެޓްފަދަ މުއާޞަލާތީ ވަސީލަތްތަކާއި، އިމަރޖެންސީ ބަރުގޮނު އަޅާފައިދާ ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ އުޅަނދާއި އަސްކަރީ އުޅަނދުތަކުގައި މިނިސްޓްރީން ހަމަޖައްސާ ގޮތެއްގެ މަތިން މިނިސްޓްރީން ހުއްދަދޭ މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ.

 

57 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރުން

އެއްގަމު އުޅަނދު  ދުއްވާއިރު، އުޅަނދު ދުއްވާމީހާއާއި އުޅަނދުގައި އިންނަ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

 

58 ވަނަ މާއްދާ - ކުޑަކުދިން ބައިސްކަލުގައި އުފުލުމާއި އެކަކަށްވުރެ ގިނަ މީހުން އަރައިގެން ބައިސްކަލް ދުއްވުން (އިސްލާހު ކުރެވިފައި)

ކުޑަކުދިން އެރުވުމަށް ބައިސްކަލުގައި ހަރުކޮށްފައި ހުންނަ ގޮނޑީގައި ކުޑަކުއްޖަކު ބައިންދައިގެން ދުއްވާ ދުއްވުން ފިޔަވައި، އުމުރުން 6 (ހައެއް) އަހަރު ނުފުރޭ ކުޑަކުދިން ބައިސްކަލުގައި އުފުލުމާއި، އެކަކަށްވުރެ ގިނަ މީހުން އަރައިގެން ދުއްވުމަށް އުފައްދާފައިވާ ބައިސްކަލު ފިޔަވައި އެނޫން ބައިސްކަލުގައި އެކަކަށްވުރެ ގިނަ މީހުން ނުވަތަ ކުދިން އަރުވައިގެން ދުއްވުމަކީ މަނާކަމެކެވެ.

 

59 ވަނަ މާއްދާ - އުޅަނދުގައި މީހުން އުފުލުން

(ހ) އެއްގަމު އުޅަނދުގެ ތެރެއިން ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ދެފުރޮޅުލީ އުޅަނދު ފިޔަވައި، އެހެން އުޅަނދުގައި ގިނަވެގެން އުފުލޭނެ މީހުންގެ އަދަދު ކަނޑައަޅާނީ، މިނިސްޓްރީންނެވެ. ދެމީހުންނަށް އެރޭގޮތަށް އުފައްދާފައި ހުންނަ އުޅަނދުގައި  އެއަށްވުރެ އިތުރަށް މީހުން އުފުލުމާއި އެނޫން އުޅަނދުތަކުގައި މީހުން އުފުލުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލުމަކީ މަނާކަމެކެވެ.

(ށ) މީހެއްގެ އެހީއަކާ ނުލައި އިށީނދެ ނުއިނދެވޭވަރުގެ ކުޑަކުދިން، ދެމީހުންނަށް އެރޭގޮތަށް ހަދާފައި ހުންނަ ދެފުރޮޅުލީ އުޅަނދެއްގައި ގެންދަންވާނީ، ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެއަތާއި ދެފައި މިނިވަންކަމާއެކު ގެންގުޅެވޭ ގޮތަށެވެ. މިފަދަ އުޅަނދުތަކުގައި މިނޫންގޮތަކަށް ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެކެވެ.

(ނ) މީހުން އުފުލުމަށް ހުއްދަކޮށްފައިވާ އުޅަނދެއްގައި ކުޑަކުދިން އުފުލަންވާނީ، އެފަދަ އުޅަނދުތަކުގައި ކުޑަކުދިން އުފުލުމަށް ހަދާ ގަވާއިދުގެ ދަށުންނެވެ.

(ރ) އެއްގަމު އުޅަނދެއްގައި މީހުން އުފުލުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލައިފިނަމަ، އުޅަނދު ދުއްވި މީހާ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ބ) އެއްގަމު އުޅަނދުގެ ތެރެއިން ފަސިންޖަރުން އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އެއްވެސް އުޅަނދެއް މުދާ އުފުލުމަށް ބޭނުންކުރަންވާނީ، ނުވަތަ މުދާ އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ފަސިންޖަރުން އުފުލުމަށް ބޭނުންކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ އުޅަނދެއްގެ ރަޖިސްޓަރީ ބަދަލުކުރުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

(ޅ) މި ގާނޫނާ ހިލާފަށް މީހުން އުފުލާ އެއްގަމު އުޅަނދުގައި މުދާ އުފުލުމާއި، މުދާ އުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގައި މީހުން އުފުލުމަކީ މަނާކަމެކެވެ.(އިތުރު ކުރެވިފައި)

 

60 ވަނަ މާއްދާ - މުދަލާއި ތަކެތި އުފުލުން

(ހ) ބައިސްކަލުގައާއި، ހަމައެކަނި ދެމީހުންނަށް އެރޭގޮތަށް ފަރުމާކޮށްފައި ހުންނަ އޮޓޯ ސައިކަލާއި މޮޓޯ ސައިކަލުގައި މުދަލާއި ތަކެތި އުފުލަންވާނީ، އެ އުޅަނދެއްގައި ހަރުކޮށްފައިވާ ވަށިގަނޑަށް ނުވަތަ އެ އުޅަނދެއްގެ މަޑިދަށަށް އަޅައިގެންނެވެ. އަދި ވަށިގަނޑަށް އަޅައިގެން ނުވަތަ މަޑިދަށަށް އަޅައިގެން ނޫންގޮތަކަށް އެއްވެސް އެއްޗެއް އުފުލަންވާނީ، އުޅަނދު ދުއްވާ ފަރާތަށް އުޅަނދުގެ ކޮންޓްރޯލް ނުގެއްލޭނެފަދަ ގޮތަކަށް، އަދި އެހެން އުޅަނދުތަކާއި މީހުންނާއި ތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުވާނެފަދަ ގޮތެއްގެމަތިންނެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) އާ ހިލާފަށް މުދަލާއި ތަކެތި އުފުލުމަކީ މަނާކަމެކެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްގަމު އުޅަނދެއްގައި މުދަލާއި ތަކެތި އުފުލުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ރ) މުދާ އުފުލާ ހުރިހާ އުޅަނދުތަކެއްގައި، އެއުޅަނދަކަށް އެންމެ ގިނަވެގެން އެރުވޭނެ ބަރުދަން ފެންނަ ގޮތަށް ލިޔެވިފައި ހުންނަންވާނެއެވެ.

(ބ) އަލިފާން ހިފާފާނެ، ނުވަތަ ގޮވާފާނެ ނުވަތަ އެ އެއްޗެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ ތަނަކަށް ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް އުފުލަންވާނީ، އެ އެއްޗެއް އުފުލުމަށް މިނިސްޓްރީން ހުއްދަކޮށްފައިވާ އުޅަނދެއްގައި، އެކަމަށް ކަނޑައަޅާ ގަވާއިދާ އެއްގޮތަށް، ކަނޑައަޅާފައިވާ ނިށާނެއް ހަރުކޮށްގެންނެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، އުފުލަންޖެހޭ ތަކެތި އުފުލަންވާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅާ ގަވާއިދެއްގެ ދަށުންނެވެ.

 

61 ވަނަ މާއްދާ – މަސައްކަތްކުރުން (އިސްލާހު ކުރެވިފައި)

(ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ހިނގާ މީހުންނަށާއި، ދުއްވާ އުޅަނދުފަހަރަށް ހުރަސްއެޅޭގޮތަށް އެއްވެސް މަސައްކަތެއް ކުރަންވާނީ، އެކަމަށް ކަނޑައަޅާ ގަވާއިދެއްގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ބަހައްޓަންޖެހޭ ނިޝާންތައް ބަހައްޓައިގެންނެވެ. މިގޮތަށް ހުއްދަ ހޯދައިގެން ނިޝާންތައް ބަހައްޓައިގެން ނޫން ގޮތަކަށް މަގުމަތީގައި ނުވަތަ ދުވާރު މަތީގައި އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިޝާންތައް ބަހައްޓައިގެން މަސައްކަތްކުރަމުންދާ ސަރަޙައްދުތަކުގައި އެ ނިޝާންތަކާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރަންޖެހޭ ހުއްދަތަކާއި ނިޝާންތައް ދޫކޮށް، އެ މަސައްކަތްކުރުމަށް ބަންދުކުރަންޖެހޭ ސަރަޙައްދުތައް ކަނޑައަޅައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. މަގުމަތީގައި މަސައްކަތްކުރަން ހުއްދަދޭއިރު މަގު ބަންދުކުރުމުން އެންމެ ދަތިނުވާނެ ގަޑިތަކަށް ސަމާލުކަންދީގެން މަގު ބަންދުކުރުމަށް ހުއްދަދިނުމާއި، ޓްރެފިކް ފްލޯއަށް ބުރޫއަރާގޮތަށް އެއްފަހަރާ ގިނަ މަގުތަކެއް ނުވަތަ އެއް ދިމާލަކަށް ދިއުމަށް ދަތުރުކުރެވޭ މުހިންމު ދެމަގެއް އެއްފަހަރާ ބަންދުނުވާނެ ގޮތަކަށް މަގު ބަންދުކުރުމުގެ މަސައްކަތް ބަލަހައްޓަންވާނެއެވެ. މުހިންމު ބޮޑެތި މަގުތައް ބަންދުކުރަންޖެހޭ ޙާލަތްތަކުގައި ދަންވަރު ގަޑީގައި މަގު ބަންދުކުރުމަށް ސަމާލުކަންދޭންވާނެއެވެ.

 

62 ވަނަ މާއްދާ – އެކްސިޑެންޓް

(ހ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި އެކްސިޑެންޓެއްވެގެން، އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތްނަމަ، އެކްސިޑެންޓުވި އުޅަނދު އޮތްގޮތަށް، އޮތްތާކު ބޭއްވުމަށްފަހު، އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންވާނެއެވެ.

(ށ) އެކްސިޑެންޓެއްވެފައި، އެއްވެސްފަރާތެއްގެ މައްސަލައެއް ނެތްނަމަ، އެކްސިޑެންޓުވިކަން، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެކްސިޑެންޓުވި ފަރާތްތަކުން ޓްރެފިކް ފުލުހުންނަށް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް އަންގަންވާނެއެވެ. 

(ނ) އެކްސިޑެންޓް މައްސަލަތަކުގެ ތަހްގީގުގެ ބޭނުމަށް އެކްސިޑެންޓްގައި އިހުމާލުވާ ފަރާތުގެ ލައިސަންސް، ގިނަވެގެން 7 (ހަތެއް) ދުވަހަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށްލިބިގެންވެއެވެ. މިގޮތަށް ލައިސަންސް ހިފަހައްޓައިފިނަމަ ލައިސަންސް ހިފަހައްޓާ ވަގުތުން ފެށިގެން، އޭނާގެ ލައިސަންސް ހިފެހެއްޓިފައިވާ މުއްދަތުގެ ނިޔަލަށް، އޭނާއަށް ވަގުތީ ލައިސަންސެއް ނުވަތަ ހުއްދައެއް ދޫކުރަންވާނެއެވެ. އެކްސިޑެންޓުގެ ބާވަތުން، 7 (ހަތެއް) ދުވަހަށްވުރެ އިތުރު މުއްދަތަކަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ދިމާވި އެކްސިޑެންޓްގެ ނުރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެކްސިޑެންޓްގައި އިހުމާލުވާ ފަރާތަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫނުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

(ބ) އެކްސިޑެންޓެއް ހިނގާ ހާލަތުގައި، އެކްސިޑެންޓުވި އުޅަނދު ދުއްވާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، އެކްސިޑެންޓް މައްސަލަތައް ތަހްގީގުކުރާ ފުލުހުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި، ދިމާވި އެކްސިޑެންޓްގެ ނުރައްކާތެރިކަމުގެ މިންވަރާއި އެކްސިޑެންޓުގައި އިހުމާލުވީ ފަރާތް ކަނޑައެޅުމުގެ މިންގަނޑުތައް އަދި އެ ނޫންވެސް އެކްސިޑެންޓް މައްސަލަތަކުގައި އާންމުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

63 ވަނަ މާއްދާ - ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން (އިސްލާހު ކުރެވިފައި)

(ހ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

(ށ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، އޭނާގެ ލައިސަންސް 10 (ދިހައެއް) އަހަރު ދުވަހާއި 25 (ފަންސަވީސް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ.

(ނ) ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ޖިނާއީ ދައުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވި މީހާގެ ލައިސަންސް 6 (ހައެއް) މަސްދުވަހާއި، 5 (ފަހެއް) އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެއެވެ.

(ރ) މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހާގެ އަދަބަކީ:

  1. ފުރަތަމަ ފަހަރަށްނަމަ 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. 
  2. ދެވަނަ ފަހަރަށްނަމަ 4،000 (ހަތަރުހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި؛ 
  3. ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 6،000 (ހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެފަރާތަކަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހިފެހެއްޓުމެވެ.

(ބ) މި މާއްދާގައި ބަޔާންކުރާފަދަ ގޮތަކަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް މި މާއްދާގައި ބަޔާންކުރާ އަދަބު ކަނޑައެޅުމުގެ އިތުރުން، އެފަރާތަކުން ދުއްވި އުޅަނދު ހުއްޓުވައި، އެ އުޅަނދެއް ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހިފަހައްޓާ އުޅަނދާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

 

63-1 ވަނަ މާއްދާ - އުޅަނދުގެ އަސްލަށް ބަދަލުގެނައުން (އިތުރު ކުރެވިފައި)

(ހ) އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށްފަހު، އުޅަނދަށް އެއްވެސް ބަދަލެއް ގެނެވޭނީ، އުޅަނދުގެ އަސްލު ނުގެއްލޭ ގޮތަށެވެ.

(ށ) އެއްގަމު އުޅަނދަށް ގެންނަ ބަދަލަކީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް ގެނެސްފައިވާ ބަދަލެއްނަމަ، އުޅަނދަށް ގެނެސްފައިވާ ބަދަލު ރަނގަޅުކުރުމަށް އުޅަނދުގެ ވެރިފަރާތަށް އެންގުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާ އެންގުމަށް އުޅަނދުގެ ވެރިފަރާތުން އަމަލުނުކޮށްފިނަމަ، އެފަދަ އުޅަނދެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ އުޅަނދަކާމެދު އަމަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. 

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އުޅަނދަކަށް ބަދަލުގެނައުމުގެ މާނައިގެ ތެރޭގައި، އެ އުޅަނދެއް ބަލަހައްޓައި، ސަރވިސްކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ނުހިމެނެއެވެ.

 

64 ވަނަ މާއްދާ - ބަރުގޮނު އެޅުން

(ހ) އެއްގަމު އުޅަނދުގެ ބަރުގޮނު އަޅަންވާނީ، އަދި އޭގެ އަޑު ބަހައްޓަންވާނީ މިނިސްޓްރީން އެކަމަށް ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތަށެވެ.

 

(ށ) އާންމު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ކުރެވިފައިވާ އުޅަނދުފަހަރުގައި ބޭނުންކުރުމަށް ހުއްދަކޮށްފައި ހުންނަ ބަރުގޮނު، އެހެނިހެން އުޅަނދުފަހަރުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

 

65 ވަނަ މާއްދާ - ބައްތި ދިއްލުން

އެއްގަމު އުޅަނދު ހަވީރު 6:00 ން ފެށިގެން ހެނދުނު 6:00 އާ ދޭތެރޭ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ދުއްވަންވާނީ ތިރީގައިމިވާ ގޮތުގެމަތިން، ބައްތި ނުވަތަ ރިފްލެކްޓަރ ހަރުކޮށްގެންނެވެ.

(ހ) އިންޖީނު ނުލާ އުޅަނދުނަމަ، މިނިސްޓްރީން ކަނޑައަޅާވަރެއްގެ އައްޔެއް ނުވަތަ ކުރިއަށް ފެންނަގޮތަށް ބައްތިއެއް ހަރުކޮށްފައި ހުންނަންވާނެއެވެ. މިފަދަ އުޅަނދުގެ ފަހަތުގައި ރަތްކުލައިގެ ރިފްލެކްޓަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ. މަގުތައް އަލިވާވަރަށް ދިއްލާފައި ހުންނަ ތަންތަނުގައި ދުއްވާ މިފަދަ އުޅަނދުތަކުގައި ބައްތީގެ ބަދަލުގައި ރިފްލެކްޓަރ ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) އިންޖީނުލީ އުޅަނދުގެ ތެރެއިން، ދެފުރޮޅުލީ އުޅަނދުނަމަ، އޭގެ ހެޑްލައިޓާއި ފަހަތު ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ.

(ނ) އިންޖީނުލީ އުޅަނދުގެ ތެރެއިން، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުނަމަ އޭގެ ކުރީ ދެފަރާތުގައި ދެ ހެޑްލައިޓާއި ފަހަތު ދެ ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ.

(ރ) ކަފުޖަހައިގެން އުޅަނދެއް ގެންދާއިރު، އުޅަނދުގައި އެކަމަށް ކަނޑައަޅާފައިވާ ބައްތި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ކަފުގައި އޮންނަ އުޅަނދުގެ ފަހަތުގެ ދެ ޓެއިލްލައިޓް ދިއްލާފައި ހުންނަންވާނެއެވެ. ޓެއިލްލައިޓް ނުދިއްލޭނަމަ، އެކަން އެނގޭނެ ނިށާނެއް، ނުވަތަ ރިފްލެކްޓަރެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ބ) އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ކުރިޔާއި ފަހަތުގައި، ސިގްނަލް ބައްތި ހުންނަންވާނެއެވެ. އަދި ބުރެކި ޖެއްސުމުން، އުޅަނދުގެ ފަހަތުން އަންނަ މީހުންނަށް ބުރެކި ބައްތި ފެންނާނެހެން، އަދި އުޅަނދު ހުއްޓިކަން، ނުވަތަ މަޑުކުރިކަން އެނގޭނެހެން، އަދި ފަހަތަށް ދުއްވާއިރު، ފަހަތުގައި ތިބޭ މީހުންނަށް އެނގޭނެހެން ހުދު އައްޔެއް ފެންނަން ހުންނަންވާނެއެވެ. އަދި ކޮންމެ އުޅަނދެއްގެވެސް ފަހަތު ނަންބަރު ޕްލޭޓަށް އަލިވާގޮތަށް ހުދު އަލި ފެންނަ ބައްތިއެއް ހަރުކޮށްފައި ހުންނަންވާނެއެވެ.

(ޅ) އެއްގަމު އުޅަނދުގައި ހަރުކޮށްފައި ހުންނަ ބައްތިތަކުގެ އަލި ހުންނަންވާ މިންވަރާއި ކުލައާއި އެނޫންވެސް ކަމާގުޅޭ އެހެނިހެން މިންގަނޑުތަކާއި އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ކ) އެއްގަމު އުޅަނދުގައި ހަރުކޮށްފައިވާ ބައްތިތަކުގެ އަސްލަށް ބަދަލު ގެނައުމާއި، އިތުރު ބައްތިތަކާއި އަލިތައް ހަރުކޮށްގެން ނުވަތަ އޭގެ ކުލައަށް ބަދަލުގެނެސްގެން ދުއްވުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި)

 

66 ވަނަ މާއްދާ - ލައިސަންސް ގެންގުޅުން

(ހ) އެއްގަމު އުޅަނދުތަކުގެ ތެރެއިން، ލައިސަންސް އޮވެގެން ދުއްވުމަށް، ނުވަތަ އޮޕަރޭޓްކުރުމަށް ކަނޑައަޅާފައިވާ އުޅަނދެއް ދުއްވާއިރު، ނުވަތަ އޮޕަރޭޓްކުރާއިރު، އެ އުޅަނދު ދުއްވާމީހާއަށް، ނުވަތަ އޮޕަރޭޓްކުރާ މީހާއަށް ދޫކޮށްފައިވާ އެ ގިންތީގެ އުޅަނދެއް ދުއްވުމުގެ ލައިސަންސް، އެމީހެއްގެ އަތުގައި، ނުވަތަ ފަސޭހައިން ފެންނާނެހެން އެ އުޅަނދެއްގައި އޮންނަންވާނެއެވެ.

(ށ) ޓްރެފިކް ބަލަހައްޓާ ފުލުހުން ލައިސަންސް ދެއްކުމަށް އެދިއްޖެ ހިނދެއްގައި، އެފަރާތަކަށް ލައިސަންސް ބެލުމަށްޓަކައި ދޭންވާނެއެވެ.

(ނ) އެގްޒަމިނަރެއްގެ ބެލުމުގެ ދަށުން އިމްތިހާނުގައި ދުއްވާއިރު، ލައިސަންސް ގެންގުޅޭކަށް ނުޖެހޭނެއެވެ. ނަމަވެސް، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މިފަދަ އިމްތިހާނަކަށް ދުއްވާއިރު، ދުއްވާ މީހާއާއެކު އެގްޒަމިނަރ އިންނަންވާނެއެވެ.

 

67 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުމާއި ބާތިލު ކުރުން

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި ގާނޫނާ ހިލާފު އަމަލުތައް ކުރާ ފަރާތްތަކުގެ ލައިސަންސް،  މި ގާނޫނުގައިވާ ގޮތުގެމަތިން ހިފެހެއްޓުމުގެ އިހްތިޔާރު، ޓްރެފިކް ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށް ށަރްއީ ކޯޓަކުން ކުރާ އަމުރެއްގެ ދަށުން، އަމުރުކުރާ މުއްދަތަކަށް ލައިސަންސް ހިފެހެއްޓޭނެވެ.

(ނ) އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް، ޓްރެފިކް ފުލުހުންނަށް ނުވަތަ ޓްރެފިކް ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން ލައިސަންސް ހިފެހެއްޓުމުގެ ހުއްދަ މިނިސްޓްރީން ދީފައިވާ ބަޔަކަށް ހިފެހެއްޓިދާނެއެވެ. މިގޮތުން ލައިސަންސް ހިފަހައްޓައިފިނަމަ، ލައިސަންސްގެ ބަދަލުގައި 48 (ސާޅީސް އަށެއް) ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫކުރަންވާނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ޖޫރިމަނާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައި ނުވާނަމަ، މި 48 (ސާޅީސް އަށެއް) ގަޑިއިރު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އަދި މިގޮތުން ހިފަހައްޓާ ލައިސަންސް އަނބުރާ ޙަވާލުކުރެވޭނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ ޚިލާފުވެގެން ކުރެވިފައިވާ އެންމެހައި ޖޫރިމަނާ ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. ޖޫރިމަނާ ދައްކައި މައްސަލަ ނިންމުމުން ލައިސަންސް އަނބުރާ ޙަވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ލޮލުގެ ފެނުމާއި ބަލި ޙާލަތު ނިޔާކުރާގޮތުން ނުވަތަ އެ އުޅަނދެއް ދުއްވުމުގެ ޤާބިލުކަން ނެތް މީހެއް، އެއްގަމު އުޅަނދު ދުއްވުމަށް އެކަށީގެންނުވާ މީހެއްކަމަށް ޓްރެފިކް ފުލުހުންނަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ސާބިތުވެއްޖެ ހިނދެއްގައި، އެމީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު، ޓްރެފިކް ފުލުހުންނަށް ލިބިގެންވެއެވެ. އެފަރާތެއްގެ އިހުމާލުން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި 5 (ފަހެއް) އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގައިފިނަމަ އެފަރާތެއްގެ ލައިސަންސް 6 (ހައެއް) މަސްދުވަހަށް ހިފެހެއްޓޭނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) އެއްވެސް ސަބަބަކާހުރެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، ނުވަތަ ވަގުތީ ލައިސަންސެއް ނެތި، އެއްގަމު އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ޅ) ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވުމަކީ މަނާކަމެކެވެ. އެފަދަ އަމަލެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1،000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ 500,1 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ކ) ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތުން ދުއްވި އުޅަނދު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2،000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. (އިތުރު ކުރެވިފައި)

(އ) މި މާއްދާގެ (ކ) ގެ ދަށުން ހިފަހައްޓާ އުޅަނދާމެދު އަމަލުކުރެވޭނީ، މި ގާނޫނުގެ 1-68 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)

(ވ) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވާ ފަރާތްތަކުގެ ޑްރައިވިންގ ލައިސަންސުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިން ޕޮއިންޓް އުނިކޮށް، ލައިސަންސް ހިފަހައްޓައި، ޑްރައިވިންގ ލައިސަންސް ބާޠިލުކުރުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބާޠިލުކުރެވޭ ލައިސަންސް އަލުން ހެއްދޭނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ލައިސަންސް ބާޠިލުކުރިތާ 180 (ސަތޭކަ އައްޑިހަ) ދުވަސް ފަހުންނެވެ. (އިސްލާހު ކުރެވިފައި)

 

68 ވަނަ މާއްދާ – ޖޫރިމަނާކުރުން

މި ގާނޫނުގައި ކުށަކަށް ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކޮންމެ ކުށެއްގެ އަދަބަކީ 750 (ހަތް ސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

 

68-1 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުފަހަރާމެދު އަމަލުކުރެވޭ އިޖުރާއަތު (އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ ދަށުން އުޅަނދެއް ހިފެހެއްޓިއްޖެނަމަ، އެކަމުގެ ނޯޓިސް، އެ އުޅަނދުގެ ވެރިފަރާތަށް، ނުވަތަ އެ އުޅަނދު ދުއްވަން އިނީ ވެރިފަރާތް ކަމުގައިނުވާނަމަ، އެ އުޅަނދު ދުއްވަން އިން ފަރާތަށް، ލަސްވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ދޭންވާނެއެވެ. އަދި، މިފަދައިން ދޭ ނޯޓިހުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އުޅަނދު ހިފެހެއްޓުނު ސަބަބު؛ 
  2. އުޅަނދު ހިފެހެއްޓުނު ވަގުތު؛ 
  3. އުޅަނދު ހުރި ތަން؛ 
  4. އުޅަނދު ހިފެހެއްޓިފައިވާ މުއްދަތު؛ 
  5. އުޅަނދު އަނބުރާ ހަވާލުކުރެވޭނީ ކޮން ފަރާތަކާކަން؛ 
  6. އުޅަނދާ ހަވާލުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު.

(ށ) މި ގާނޫނުގެ ދަށުން އުޅަނދެއް ހިފެހެއްޓުމަށްފަހު، އުޅަނދު ހިފެހެއްޓި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް، އުޅަނދު ހިފެހެއްޓި ވަގުތުން ފެށިގެން ގިނަވެގެން 12 (ބާރަ) ގަޑިއިރު ގެ ތެރޭގައި އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުން، އެ އެންގުން އެންގި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރަށް ރައްދުވުމާއެކު، ގިނަވެގެން 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، އުޅަނދު ހިފަހައްޓާފައިވަނީ މި ގާނޫނުގެ ދަށުން އުޅަނދު ހިފަހައްޓަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ، އެ އޮފިސަރު ނިންމަންވާނެއެވެ. އަދި، އުޅަނދު ހިފަހައްޓާފައިވަނީ މި ގާނޫނުގެ ދަށުން އުޅަނދު ހިފަހައްޓަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫންކަމުގައި އެ އޮފިސަރަށް ފެނިއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން އެ އުޅަނދެއް އަނބުރާ ހަވާލުކުރުމުގެ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށް ގެންދަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހިފަހައްޓާ އުޅަނދުގެ ތެރެއިން، އުޅަނދުގެ ވެރިފަރާތުން އުޅަނދާ ހަވާލުނުވުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުޅަނދުގެ މައުލޫމާތު ފަސޭހައިން ފެންނަގޮތަށް ފުލުހުން އާންމުކުރަންވާނެއެވެ. އަދި، އެފަދައިން މައުލޫމާތު އާންމުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުހުލަތެއް، އެ އުޅަނދާ ހަވާލުވުމަށް، އުޅަނދުގެ ވެރިފަރާތަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައިވެސް އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނުގެންގޮސްފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

  1. އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އެ އުޅަނދެއް ވިއްކާލުން؛ ނުވަތަ 
  2. އެ އުޅަނދެއް ނައްތާލުން.

(ޅ) މި ގާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ހިފެހެއްޓޭ އުޅަނދެއް ދޫކުރެވޭނީ، އެ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުންނެވެ.

(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދަކީ، ޖިނާއީ ކުށެއް ހިންގުމުގައި ބޭނުންކޮށްފައިވާ އުޅަނދެއްކަމަށް، ފުލުހުންނަށް ތުހުމަތުކުރެވޭ ހާލަތެއްގައި، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުންކުރެ ހާލަތެއްގައި، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރުމުގެ ބަދަލުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން އެ އުޅަނދަކާމެދު އަމަލުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(އ) މި ގާނޫނުގެ ދަށުން ހިފެހެއްޓޭ އުޅަނދެއް އަނބުރާ ހަވާލުކުރަންވާނީ އުޅަނދުގެ ވެރިފަރާތާއެވެ. އުޅަނދުގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތަކާ އުޅަނދު ހަވާލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ވ) މި ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އުޅަނދަކީ، ވަގަށް ނަގާފައިވާ އުޅަނދެއްނަމަ، އެ އުޅަނދެއް ހިފެހެއްޓޭ މުއްދަތުގެ ކުރިންވެސް އެ އުޅަނދެއް އަނބުރާ ހޯދުމަށް އެދި ހުށަހެޅުމުގެ ހައްގު، އުޅަނދުގެ ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ކަމާގުޅޭ އިޖުރާއަތުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

69 ވަނަ މާއްދާ – އިންށުއަރެންސް (އިސްލާހު ކުރެވިފައި)

(ހ) ދިވެހިރާއްޖޭގައި، އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓެއްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެގޮތުން ކުރާ ތާރޑް ޕާޓީ އިންށުއަރެންސް ކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރަން ފަށާނީ، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަސް ފުރިހަމަވުމަށްފަހުގައެވެ.

(ނ) މި ގާނޫނުގެ 3 ވަނަ މާއްދާ އެހެން އޮތްކަމުގައިވީނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސްދުވަސް ކުރިން، މި ގާނޫނު ހިންގުމަށް ހަވާލުކުރެވޭ ފަރާތުން، އަންނަނިވި ކަންކަން ކޮށް ނިންމަންވާނެއެވެ.

  1. އެއްގަމު އުޅަނދެއް އެކްސިޑެންޓުވުމުން، އެ އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބޭ އެއްޗަކަށް ނުވަތަ މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެގޮތުން ކުރާ ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ އާންމު އުސޫލުތައް ހިމެނޭ ގަވާއިދެއް އިއުލާނުކުރުން.
  2. އެއްގަމުގައި ދުއްވާ އެއްޗެއް އެކްސިޑެންޓުވުމުން، އެ އެކްސިޑެންޓުގެ ތަހުގީގު ހިނގާނެ އުސޫލުތަކާއި، ގެއްލުމުގެ ނިސްބަތް ދެނެގަންނާނެގޮތުގެ އާންމު އުސޫލުތަކާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އާންމު އުސޫލުތައް ހިމެނޭ ގަވާއިދެއް އިއުލާނުކުރުން.

(ރ) މި މާއްދާގެ (ށ) އެހެންއޮތްކަމުގައި ވީނަމަވެސް، މީހެއްގެ އަމިއްލަ އިހްތިޔާރުގައި ތާރޑް ޕާޓީ އިންށުއަރެންސް ކޮށްގެން އެއްގަމު އުޅަނދެއް ދުއްވުމަކަށް ހުރަހެއް ނެތެވެ. މި މާއްދާގެ (ށ) އިން ކަނޑައަޅާ ހަމައެކަނި އުސޫލަކީ، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރަންޖެހޭ އިންށުއަރެންސް ކުރުން ލާޒިމުވުމުގެ އުސޫލު ހިނގާ ތާރީހު، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް)  އަހަރުދުވަހުގެ ނިޔަލަށް ފަސްކުރުމެވެ.

 

70 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި، އެ އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ:

(ހ) "އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ މީހުން އުޅޭ ރަށްރަށާއި، އަދި ޢާންމު ޚިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންބިމާއި ވަކިކަމަކަށް ދޫކުރެވިފައިވާ ރަށްރަށުގައި ޢާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދާފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަޙައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ. (އިސްލާހު ކުރެވިފައި)

(ށ) "އާންމު ދަތުރުފަތުރު" ކަމަށް ބުނެފައި އެވަނީ އަގުދީގެން އާންމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅާ ހުއްދަދީފައިވާ އުޅަނދުފަހަރުންކުރާ ދަތުރުތަކަށެވެ.

(ނ) "ޓެކްސީ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ކަނޑައެޅިފައިވާ އަގެއް ދިނުމާއެކު އެއް ތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި ލުއި ދާގީނާ އުފުލުމަށް ދުއްވާ އުޅަނދުފަހަރަށެވެ.

(ރ) "ރޯޑްވާދިނަސް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން އެއްގަމު އުޅަނދުފަހަރު ރަޖިސްޓަރީކޮށް ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ގަވާއިދާއި ށަރުތުތަކެއްގެ މަތިން އެފަދަ އުޅަނދެއް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް ކަނޑައެޅޭ ސަލާމަތީ މިންގަނޑަކަށް ފެތޭތޯ ބެލުމަށް އޮންނަ އުސޫލުތަކަށެވެ.

(ބ) "ޓެކްސީ ސެންޓަރު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގައި ބުނެފައިވާ ލައިސަންސް ލިބިގެން ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކަށެވެ.

(ޅ) "ބަރުގޮނު" ކަމަށް ބުނެފައި އެވަނީ އަޑުނެރުމަށް އުޅަނދުގައި ހަރުކޮށްފައި ހުންނަ ކޮންމެ ވަސީލަތަކަށެވެ.

(ކ) "ޕާކު ކުރުން" ކަމަށް ބުނެފައި އެވަނީ ތަނެއްގައި، ނުވަތަ ސަރަހައްދެއްގައި އިންޖީނު ނިއްވާފައި ޑްރައިވަރެއް ނެތި އުޅަނދު ބާއްވާފައި އޮންނަ އޮތުމަށެވެ.

(އ) "ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ ތިމާގެ  އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.

(ވ) "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު ޢާންމު ޚިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިއުމަށް ނުވަތަ ދިއުމަށް އުފައްދާފައި ހުންނަ އުޅަނދަށެވެ. ދަމާ ގާޑިޔަލާއި، ވީލްބަރޯފަދަ ތަކެތިވެސް މި ޤާނޫނުގެ ބޭނުމަށް އެއްގަމު އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(މ) "އިންޖީނުލީ އުޅަނދު" ކަމަށް ބުނެފައި އެވަނީ ތެޔޮ ބޭނުންކޮށްގެންނާއި، ކަރަންޓު ބޭނުންކޮށްގެންނާއި، އިރުގެ ހަކަތަ ނުވަތަ ބެޓެރީ ހަކަތަ ބޭނުންކޮށްގެންނާއި، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއް ބޭނުންކޮށްގެން، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއްގެ އެހީގައި ބޭނުންކުރެވިދާނެ، ނުވަތަ ދުއްވިދާނެ ކޮންމެ އެއްގަމު އުޅަނދަކަށެވެ.

(ފ) "ޑްރައިވިންގ އިންސްޓްރަކްޓަރ" ކަމަށް ބުނެފައި އެވަނީ އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ މީހާއަށެވެ.

(ދ) "އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ ކަނޑައަޅާފައިވާ ގަޑިތަކަކާއި އެއްގޮތަށް ފަސިންޖަރުން އަތުން ފީނަގާ އަދި ކަނޑައަޅާ ގަޑިތަކަކާއި އެއްގޮތަށް މިނިސްޓްރީން ދޫކުރާ ލައިސަންސްއަކާއި އެއްގޮތްވާ ގޮތުގެމަތީން ދަތުރުކުރާ އުޅަނދުފަހަރަށެވެ.

(ތ) "ބަސްހުއްޓި" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގައިވާ ގޮތުގެމަތިން ބަސް ދުއްވުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް ބަސް ދުއްވާ މަގުތަކުގައި ނުވަތަ ތަންތަނުގައި ހުއްދަ ދެވިފައިވާ އުޅަނދުފަހަރަށް ފަސިންޖަރުން އަރައި ފޭބުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށެވެ.

(ލ) "ޓްރެފިކް ފުލުހުން" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޓްރެފިކް ބަލަހައްޓަން ކޮމިށަނަރ އޮފް ޕޮލިސް އެކަށައަޅާ ފަރާތަކަށެވެ.

(ގ) "ދުވާރު" ކަމަށް ބުނެފައި އެވަނީ މަގުގެ އަރިމަތީގައި  ހިނގުމަށް ހާއްސަކޮށްފައިވާ ތަނަށެވެ.

(ޏ) "ބަންޑާރަ މަގު" ކަމަށް ބުނެފައި އެވަނީ އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން އަމިއްލަ ބޭނުމަށް ކަނޑައަޅައި ހެދިފައިވާ އެންމެހައި މަގުތަކާއި ގޯޅިތައް ފިޔަވައި ދައުލަތުން ކަނޑައަޅާ ގޮތްތަކަކަށް ބޭނުންކުރެވޭ އެންމެހައި މަގުތަކާއި ގޯޅިތަކަށެވެ. އަމިއްލަ ބިންބިމާއި ވަކިކަމަކަށް ބޭނުންކުރުމަށް ދޫކޮށްފައިވާ ސަރަޙައްދުތަކާއި ސިނާއީ މަސައްކަތްކުރުމަށް ދޫކުރެވިފައިވާ ރަށްރަށްރަށުގައި ޢާންމުކޮށް ބޭނުންކުރުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކަކީވެސް މި ޤާނޫނުގެ ބޭނުމަށް ބަންޑާރަ މަގުގެ ގޮތުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)

(ސ) ''ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން" ކަމަށް ބުނެފައ އެވަނީ ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށެވެ. (އިތުރު ކުރެވިފައި)

  1. މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސްވާގޮތަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދު ދުއްވުން؛
  2. ސައިލެންސަރުން އަޑުގަދަކޮށްގެން ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަދަލުގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުން؛
  3. ހަރު ގާނަމުން އެއްގަމު އުޅަނދު ދުއްވުން؛
  4. ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނައިރު ނުވަތަ މަގުތަކުގައި ދުއްވާއިރު ދުވެލިމަތަ (ބަންޕަރު) އަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވުން؛
  5. ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން، ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި
  6. މަގުތަކުގައި ދުއްވާ އެހެން ވެހިކަލްތަކަށް ޖާގަނުދީ، ރައްކާތެރިކަމާއެކު ކުރިއަރައިގެންދާނެ ޖާގަނެތި ނުރައްކާތެރިކޮށް އޯވަރޓޭކްކުރަމުން ދުއްވުން؛
  7. މަސްތުގެ ޙާލަތުގައި ހުރެގެން އެއްގަމު އުޅަނދު ދުއްވުން.

(ޑ) "އަސްކަރީ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ. (އިތުރު ކުރެވިފައި)

(ޒ) "ދުންފަތުގެ އިސްތިއުމާލުކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތް ހިމެނޭ ނުވަތަ ނުހިމެނޭ އެއްޗަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ އެފަދަ އެއްޗަކުން ވަސްދެމުމަށެވެ. (އިތުރު ކުރެވިފައި)

(ޓ) "ރަށު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށެވެ. (އިތުރު ކުރެވިފައި)
 
(ޔ) "ސިޓީ ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލަށެވެ. (އިތުރު ކުރެވިފައި)

(ޕ) "އަތޮޅު ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަށެވެ. (އިތުރު ކުރެވިފައި)

 

71 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 7/1995 (އެއްގަމުގައި ދުއްވާ އެއްޗެއްސާބެހޭ ގާނޫނު) އުވުނީއެވެ.

 


 ______________

ޖަދުވަލު

އެއްގަމު އުޅަނދުން ފީ ނެގުމުގެ ތާވަލު

 

1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުން، ތިރީގައިމިވާ ގޮތުގެމަތިން ފީ ނެގޭނެއެވެ.

(ހ) މޮޓޯ ސައިކަލް، އިންޖީނުލީ ބައިސްކަލް، ސްކޫޓަރުފަދަ ތަކެތި:-

  1. އިންޖީނު ކެޕޭސިޓީގައި 50 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 180 (ސަތޭކަ އަށްޑިހަ) ރުފިޔާ
  2. އިންޖީނު ކެޕޭސިޓީގައި 50 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 100 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 360 (ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ
  3. އިންޖީނު ކެޕޭސިޓީގައި 100 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 150 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 648 (ހަސަތޭކަ ސާޅީސް އަށެއް) ރުފިޔާ
  4. އިންޖީނު ކެޕޭސިޓީގައި 150 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 200 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 1,152 (އެއްހާސް އެއްސަތޭކަ ފަންސާސް ދޭއް) ރުފިޔާ
  5. އިންޖީނު ކެޕޭސިޓީގައި 200 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 400 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 3,240(ތިންހާސް ދުއިސައްތަ ސާޅީސް) ރުފިޔާ
  6. އިންޖީނު ކެޕޭސިޓީގައި 400 ކޮޑި ސެންޓިމީޓަރުންފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 4,320 ( ހަތަރުހާސް ތިންސަތޭކަ ވިހި) ރުފިޔާ

(ށ) ކާރު، ޖީޕު، ވޭން، ފަދަ ތަކެތި:-

  1. އިންޖީނު ކެޕޭސިޓީގައި 1000 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު  2,160 (ދެހާސް އެއްސަތޭކަ ފަސްދޮޅަސް) ރުފިޔާ
  2. އިންޖީނު ކެޕޭސިޓީގައި 1000 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 1500 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 2,808 (ދެހާސް އަށްސަތޭކަ އަށެއް) ރުފިޔާ
  3. އިންޖީނު ކެޕޭސިޓީގައި 1500 ކޮޑި ސެންޓިމީޓަރު ހަމަވެފައި، 2000 ކޮޑި ސެންޓިމީޓަރު ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 3,672 (ތިންހާސް ހަސަތޭކަ ހަތްދިހަ ދޭއް) ރުފިޔާ
  4. އިންޖީނު ކެޕޭސިޓީގައި 2000 ކޮޑި ސެންޓިމީޓަރުން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 5,670 (ފަސްހާސް ހަސަތޭކަ ހަތްދިހަ) ރުފިޔާ

(ނ) މި ޖަދުވަލުގެ 1 ވަނަ ނަންބަރުގެ (ހ) އާއި، (ށ) ގައި ބަޔާންކޮށްފައިވާ އެއްޗެތީގެ ތެރެއިން، ތެޔޮ އަންދައިގެން ނޫންގޮތަކަށް ދުއްވާ އެއްޗެތީގެ ފީ ކަނޑައަޅާނީ، އެއްބޭނުމެއްކުރާ، ޖާގައިގެ ގޮތުން އެއްވަރު، ތެޔޮ އަންދައިގެން ދުއްވާ އެއްޗެތީގެ ފީގެ ތިންބައިކުޅަ ދެބަޔަށް ވާވަރެވެ. އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީއަށް މި ޖަދުވަލުގެ 1 ވަނަ ނަންބަރުގެ (ހ) އާއި، (ށ) އަށް ނުފެތޭ ތަކެތިން ފީ ނެގުމަށް ބަލާނީ ކިލޯވޯޓުންނެވެ.

(ރ) ލޮރީ، ޓްރެކްޓަރ، ޕިކަޕް، ފޯކްލިފްޓް، ސޭލާ ފަދަ ތަކެތި:-

  1. އުފުލޭ ބަރުދަން 2000 ކިލޯ ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު  1,800 (އެއްހާސް އަށްސަތޭކަ) ރުފިޔާ
  2. އުފުލޭ ބަރުދަން 2000 ކިލޯ ހަމަވެފައި 5000 ކިލޯ ހަމަނުވާ ކޮންމެ އެއްޗަކުން އަހަރަކު 5,000 (ފަސްހާސް) ރުފިޔާ
  3. އުފުލޭ ބަރުދަން 5000 ކިލޯއިން ފެށިގެން މަތީގެ ކޮންމެ އެއްޗަކުން އަހަރަކު 7,500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ

 

2.  އަލަށް ރަޖިސްޓަރީކުރާ ކޮންމެ އެއްގަމު އުޅަނދަކުން 100 (ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭށަން ފީއެއް ނެގޭނެއެވެ.

 

3. ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއްގެ ރަޖިސްޓަރީ ގެއްލިގެން، ނުވަތަ ހަލާކުވެގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ، އަލުން ރަޖިސްޓަރީއެއް ހަދައިދޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.

 

4. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމަށް ބާއްވާ އިމްތިހާނުގައި ބައިވެރިވުމުގެ ފީއާއި، ލައިސަންސް ކާޑާއި އޮޕަރޭޓްކުރުމުގެ ހުއްދައާއި، ލައިސަންސް ފޮތުގެ އަގު، ތިރީގައިމިވާ ގޮތުގެމަތިން ނެގޭނެއެވެ.

(ހ) އިމްތިހާނުގައި އިށީންނަ ކޮންމެ ފަހަރަކަށް 100 (ސަތޭކަ) ރުފިޔާ

(ށ) ލައިސަންސް ކާޑާއި އޮޕަރޭޓިންގ ޕާރމިޓާއި ލައިސަންސް ފޮތުގެ އަގަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ މުއްދަތު ހަމަވެގެން އަލުން ހައްދާ ލައިސަންސް ކާޑާއި އޮޕަރޭޓިންގ ޕާރމިޓާއި ލައިސަންސް ފޮތުގެ އަގަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ލައިސަންސް ކާޑު، އޮޕަރޭޓިންގ ޕާރމިޓް ނުވަތަ ލައިސަންސް ފޮތް ގެއްލިގެން ނުވަތަ ހަލާކުވެގެން ހައްދާނަމަ، ހައްދާ ކޮންމެ އެއްޗަކަށް  250  (ދުއިސައްތަ ފަންސާސް) ރުފިޔާ

 

5. އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބާތިލުކޮށްދޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ. (އިތުރު ކުރެވިފައި)

 

6 .ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ އެއްގަމު އުޅަނދު، ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ. (އިތުރު ކުރެވިފައި)

 

7 .އެއްގަމު އުޅަނދުގެ ރޯޑްވާދިނަސް ހަދައިދޭ ފަރާތްތަކަށް ދޫކުރާ ސްޓިކަރ ދޫކުރުމާއި، އައުކޮށްދިނުމުގެ ހިދުމަތް ދެވޭނީ،  ހިދުމަތުގެ އަގުގެ ގޮތުގައި 25 (ފަންސަވީސް) ރުފިޔާ ނެގުމަށް ފަހުގައެވެ. (އިތުރު ކުރެވިފައި)

 

8 .އެއްގަމު އުޅަނދު އެއް ޒޯނުން އަނެއް ޒޯނުގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ، ނުވަތަ އެ ހުއްދަ އައުކޮށްދެވޭނީ،  ހިދުމަތުގެ އަގުގެ ގޮތުގައި 200 (ދުއިސައްތަ) ރުފިޔާ ނެގުމަށް ފަހުގައެވެ. (އިތުރު ކުރެވިފައި)

 

9 .އަލަށް ޑޮމެއިން ރަޖިސްޓަރީކުރުމާއި، ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމާއި، ޑޮމެއިންގެ ވެހިކަލް ބަދަލުކުރުމުގެ އަގު، ތިރީގައި މިވާ ގޮތުގެމަތިން ނެގޭނެއެވެ. (އިތުރު ކުރެވިފައި)

(ހ) އަލަށް ޑޮމެއިން ނަންބަރެއް ރަޖިސްޓަރީކޮށްދެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ  ނެގުމަށް ފަހުގައެވެ.

(ށ) ޑޮމެއިނެއްގެ ވެރިފަރާތް ބަދަލުކުރަން ބޭނުންވާނަމަ، ނުވަތަ ޑޮމެއިން ރަޖިސްޓަރީކޮށްފައިވާ ވެހިކަލް ބަދަލުކުރަން ބޭނުންވާނަމަ، ބަދަލުކުރެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ. 

 

10 .ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރުމާއި، ހުއްދަ އައުކުރުމާއި، ބާތިލްކުރުމާއި ތިނެސްކަން ސްޓިކަރ ދޫކުރުމުގެ އަގު، ތިރީގައިމިވާ ގޮތުގެމަތިން ނެގޭނެއެވެ. (އިތުރު ކުރެވިފައި)

(ހ) ޓެކްސީ ދުއްވުމުގެ ހުއްދަ އަލަށް ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.

(ށ) ޓެކްސީ ދުއްވުމުގެ ހުއްދަ އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) 
ރުފިޔާ ނެގުމަށް ފަހުގައެވެ.

(ނ) ޓެކްސީ ދުއްވުމުގެ ހުއްދަ ބާތިލްކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 100 (ސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ.

(ރ) ޓެކްސީ ދުއްވުމުގެ ހުއްދަ ދިނުމަށް ދޫކުރެވޭ ތިނެސްކަން ސްޓިކަރ ދޫކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.

 

11 .ޑްރައިވިންގ އިންސްޓްރަކްޓަރ ލައިސަންސް ދޫކުރެވޭނީ، އަދި އެ ލައިސަންސް އައުކުރެވޭނީ، ހިދުމަތުގެ އަގުގެ ގޮތުގައި 250 (ދުއިސައްތަ ފަންސާސް) ރުފިޔާ ނެގުމަށް ފަހުގައެވެ. (އިތުރު ކުރެވިފައި)

 

12 .ޑްރައިވިންގ ސްކޫލް ރަޖިސްޓަރީކޮށްދެވޭނީ ހިދުމަތުގެ އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ނެގުމަށް ފަހުގައެވެ. (އިތުރު ކުރެވިފައި)

 

13 .އަލަށް ތައާރަފުކުރާ ހިދުމަތެއްނަމަ، އެ ހިދުމަތެއް ދެވޭނީ، އަގުގެ ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއް ނެގުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 05/2009)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

އުވާލެވުނު ގާނޫނު

އެއްގަމުގައި ދުއްވާ އެއްޗެއްސާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 7/1995)

 

މި ގާނުގެދަށުން ހެދިފައިވާ ގަވާއިދު

  1. އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021/170)
  2. އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021/150)
  3. އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހެޅުމާބެހޭ ގަވާއިދު (އުސޫލު ނަންބަރު 2021/146)
  4. އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) ގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 145/2021)
  5. އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 144/2021)
  6. އެއްގަމު އުޅަނދު ދުއްވުމުގެ ޢާންމު ގަވާއިދު (ގަވާއިދު ނަންބަރު 131/2021)
  7. އިސްތިސްނާކުރެވޭ އެއްގަމު އުޅަނދުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 124/2021)
  8. އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންށުއަރެންސް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 123/2021)
  9. އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 102/2021)
  10. އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 76/2021)
  11. އިއެއްގަމު ދަތުރުފަތުރުގެ ނިށާންތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 13/2021)
  12. އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 8/2017)
  13. ސައިކަލް ޓެކްސީ ގެ ގަވާއިދު (ގަވާއިދު ނަންބަރު 93/2016)
  14. އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2016)
  15. ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 1475/2013)
  16. ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 1322/2013)
  17. އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 16/2013)
  18. އިންޖީނުލީ އެއްގަމު އުޅަނދު ތާރޑްޕާޓީ އިންށޯރެންސް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 21/2012)
  19. އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2012)
  20. އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު - 2009
  21. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު 4/2009
  22. އެއްގަމު އުޅަނދު ރޯޑްވާރދިނަންސް ހެދުމުގެ ގަވާއިދު - 2009
  23. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު - 2009
  24. އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު - 2009

ކިޔުންތެރިންގެ ހިޔާލު