-

 އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހެޅުމާބެހޭ ގަވާއިދު 

(އުސޫލު ނަންބަރު 2021-146)

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމާއި އެ ށަކުވާއާމެދު ގޮތް ނިންމުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން، އެ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހެޅުމާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހެޅުމާއި، އެ ށަކުވާތައް ބެލޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، އެފަދަ ށަކުވާ މިނިސްޓްރީއަށް ހުށަހެޅުމުގެ އުސޫލުތަކާއި، ހުށަހެޅޭ ށަކުވާތައް ބެލުމުގެ އިޖުރާއަތުތަކާއި، ޖޫރިމަނާކުރި ކުރުން މުރާޖައާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.  

 

3 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ށަކުވާ ހުށަހެޅުމުގެ ހައްގު ،ޖޫރިމަނާ ކުރެވިފައިވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގަވާއިދުގެ ދަށުން ށަކުވާ ހުށަހެޅޭނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށި ތާރީހަށް ފަހުގައި ކުރެވިފައިވާ ޖޫރިމަނާ އާ ގުޅިގެން އެކަންޏެވެ.

 

4 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ މުއްދަތު

(ހ)  ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޖޫރިމަނާކުރެވުނު ތާރީހުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ށަކުވާ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހުގައި ހުށަހެޅޭ ށަކުވާ ބަލައެއް ނުގަނެވޭނެއެވެ.

 

5 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގު އަސާސް

(ހ) މި ގަވާއިދުގެ ދަށުން، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ށަކުވާ ހުށަހެޅޭނީ، އެ ށަކުވާ ބިނާކޮށްފައިވާ އަސާސަކީ އަންނަނިވި ސަބަބުތަކުން ކުރެ ސަބަބެއް ކަމުގައި ވާނަމައެވެ.

  1. ޖޫރިމަނާ ކޮށްފައިވަނީ ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ޖޫރިމަނާއެއް ކުރެވިދާނެކަމުގައި ބަޔާންކޮށްފައިނުވާ ހާލަތެއްގައި ކަމަށް ވުން؛
  2. ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ހާލަތު ނުވަތަ ސަބަބު ހަގީގަތުގައި މެދުވެރިވެފައި ނެތުން؛
  3. ޖޫރިމަނާ ކޮށްފައިވަނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއް ކަމުގައި ވުން؛
  4. ޖޫރިމަނާގެ އަދަދަކީ ޖޫރިމަނާ ކުރެވުނު ފަރާތް ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފަށް ކުރި އަމަލާ ގުޅިގެން އެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ސައްހަ އަދަދު ކަމަށް ނުވުން. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް ދިމާވެފައި ނެތްނަމަވެސް، ވަކި ށަކުވާއެއް ބިނާކޮށްފައިވާ އަސާސަކީ ،ޖޫރިމަނާކުރަން މެދުވެރިވި ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފު އަމަލު ހިނގައިފައިވަނީ ޖޫރިމަނާކުރެވުނު ފަރާތުގެ އަމިއްލަ ބާރު ނުފޯރާފަދަ މަގްބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާނަމަ، އެފަދަ ށަކުވާތައް ބަލައިގަތުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ށަކުވާ ހުށަހަޅާނެ ގޮތް

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހަޅާނީ މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކޮށް ފައިމިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުމުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އީ-މެއިލަކަށް ފޮނުވުމުން، މި ގަވާއިދުގެ ބޭނުމަށް ށަކުވާ ހުށަހެޅީކަމުގައި ބެލެވޭނެއެވެ.

 

7 ވަނަ މާއްދާ - ށަކުވާ ހުށަހަޅާ ފޯމުގައި ހިމަނަންޖެހޭ މައުލޫމާތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތް

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހަޅާ ފޯމުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ށަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ށަކުވާ ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ ރަޖިސްޓްރޭށަން ނަންބަރު؛
  2. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދަކާ ގުޅިގެން ކަމުގައިވާނަމަ، އެ އުޅަނދުގެ ރަޖިސްޓްރޭށަނާބެހޭ މައުލޫމާތު؛ 
  3. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ގުޅިގެން ކަމުގައިވާނަމަ، އެ ލައިސަންސާބެހޭ މައުލޫމާތު؛
  4. ޖޫރިމަނާ ކޮށްފައިވާ ތާރީހު؛
  5. ޖުރިމަނާ ކޮށްފައިވާ އަދަދު؛
  6. ޖޫރިމަނާ ކޮށްފައިވާ ސަބަބު؛
  7. ށަކުވާ ބިނާކޮށްފައިވާ ސަބަބު.

(ށ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހަޅާ ފޯމާއެކު، އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. ށަކުވާ ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ށަކުވާ ހުށަހަޅާ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ ރަޖިސްޓްރޭށަންގެ ކޮޕީ؛
  2. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދަކާ ގުޅިގެން ކަމުގައިވާނަމަ، އެ އުޅަނދުގެ ރަޖިސްޓްރޭށަންގެ ކޮޕީ؛
  3. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ގުޅިގެން ކަމުގައިވާނަމަ، ލައިސަންސްގެ ކޮޕީ؛
  4. ޖޫރިމަނާ ކުރިކަން އަންގައިފައި، ޖޫރިމަނާކުރި ފަރާތުން ދީފައިވާ ޖޫރިމަނާ ސްލިޕް/ސްޓިކަރގެ ކޮޕީ؛
  5. ށަކުވާ ބިނާކޮށްފައިވާ ސަބަބު އެގޮތުގައި އޮތްކަން ސާބިތުކުރުމަށް ޓަކައި ހުށަހަޅަން ބޭނުންވާ ލިޔެކިޔުމާއި ތަކެތި.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، ވަކި ބާވަތެއްގެ ޖޫރިމަނާއަކާ ގުޅިގެން ނުވަތަ ވަކި ބާވަތެއްގެ ށަކުވާއަކާ ގުޅިގެން، އެހެނިހެން މައުލޫމާތާއި ތަކެތި ހުށަހެޅުމަށް މިނިސްޓްރީއަށް ލާޒިމު ކުރެވިދާނެއެވެ.

(ރ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ށަކުވާ ހުށަހަޅާ ފޯމުގައި ހިމަނަންޖެހޭ މައުލޫމާތާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ސާފުކޮށް އެނގޭނެހެން ށަކުވާ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

8 ވަނަ މާއްދާ - ށަކުވާ ބަލައިގަތުން

(ހ) ށަކުވާ ހުށަހަޅާ ފޯމު މިނިސްޓްރީއަށް ލިބުމާއެކު، އެ ފޯމާއެކު ހުށަހަޅައިފައިވާ ށަކުވާއަކީ، އެ ށަކުވާގެ މައްޗަށް ބިނާކޮށް ޖޫރިމަނާކުރި ކުރުން މުރާޖައާ ކުރުމާމެދު ގޮތެއް ނިންމަންޖެހޭފަދަ ށަކުވާއެއްތޯ ބެލުމަށްޓަކައި، އަންނަނިވި އިޖުރާއަތު މިނިސްޓްރީންފުރިހަމަ ކުރަންވާނެއެވެ. 

  1. މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ށަކުވާ ހުށަހަޅާ ފޯމުގައި ހިމަނަންޖެހޭކަމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިފައިވާކަން ކަށަވަރުކުރުން؛
  2. މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ށަކުވާ ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭކަމުގައި ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅައިފައިވާކަން ކަށަވަރުކުރުން؛
  3. ށަކުވާ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ށަކުވާ ބިނާކޮށްފައިވާ ސަބަބަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއްކަން ކަށަވަރުކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައި، އެ އަކުރުގެ ދަށުން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ހުށަހަޅައިފައިވާ ށަކުވާގައި ފުރިހަމަވެފައިވާނަމަ، އެ ށަކުވާއަކީ، އެ ށަކުވާގެ މައްޗަށް ބިނާކޮށް ޖޫރިމަނާކުރި ކުރުން މުރާޖައާ ކުރުމާމެދު ގޮތެއް ނިންމަންޖެހޭ ފަދަ ށަކުވާއެއް ކަމުގައި ކަނޑައަޅައި، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަ ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައި، އެ އަކުރުގެ ދަށުން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ހުށަހަޅައިފައިވާ ށަކުވާގައި ފުރިހަމަވެފައި ނުވާނަމަ، ހުށަހަޅައިފައިވާ ށަކުވާގައި ފުރިހަމަވެފައިނުވާ ކަންކަން، ށަކުވާ ހުށަހެޅި ފަރާތަށް އެންގުމާއެކު، ށަކުވާ ފޯމު ބާތިލު ކުރަންވާނެއެވެ.

(ރ) ށަކުވާ ހުށަހަޅާ ފޯމު މިނިސްޓްރީއަށް ލިބޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކޮށް ނިންމަންވާނެއެވެ. 

 

9 ވަނަ މާއްދާ - ހާދިސާ ރިޕޯޓު ހޯދުން

(ހ)  މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައި، އެ އަކުރުގެ ދަށުން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ހުށަހަޅައިފައިވާ ށަކުވާގައި ފުރިހަމަވެފައިވާނަމަ، ޖޫރިމަނާކުރި ދައުލަތުގެ އިދާރާގެ ފަރާތުން، ޖޫރިމަނާކުރި ހާދިސާއާ ގުޅޭ ހާދިސާ ރިޕޯޓެއް މިނިސްޓްރީއަށް ފޮނުވައިދިނުމަށް އެ އިދާރާގައި މިނިސްޓްރީން އެދެންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކުރި ހާދިސާއާ ގުޅޭ ހާދިސާ ރިޕޯޓު ފޮނުވައިދިނުމަށް އެދި ޖޫރިމަނާކުރި ދައުލަތުގެ އިދާރާއަށް ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އަންނަނިވި މައުލޫމާތުގެ މައްޗަށް އެކުލެވޭ ހާދިސާ ރިޕޯޓެއް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

  1. ޖޫރިމަނާ ކުރެވުނު ފަރާތުގެ މައުލޫމާތު؛
  2. ޖޫރިމަނާކުރި ތާރީހު؛
  3. ޖޫރިމަނާ ކުރެވުނު ފަރާތް، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ހިލާފަށް ކުރި އަމަލު؛
  4. ޖޫރިމަނާކުރި ދައުލަތުގެ އިދާރާގެ މުވައްޒަފުގެ ނަމާއި މަގާމް؛
  5. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދަކާ ގުޅިގެން ކަމުގައިވާނަމަ އެ އުޅަނދާބެހޭ މައުލޫމާތު؛
  6. ޖޫރިމަނާކޮށްފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ގުޅިގެން ކަމުގައިވާނަމަ، ލައިސަންސާބެހޭ މައުލޫމާތު؛
  7. ޖޫރިމަނާގެ އަދަދު؛
  8. ޖޫރިމަނާކުރެވުނު ފަރާތުން، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފަށް ކޮށްފައިވާ އަމަލުގެ ރިއަލް ޓައިމް ފޮޓޯ/ވީޑިއޯ ހުރިނަމަ އެކަން.

(ނ) ޖޫރިމަނާކުރި ދައުލަތުގެ އިދާރާއިން މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީއަށް ފޮނުވާ ހާދިސާ ރިޕޯޓާއެކު، އަންނަނިވި ތަކެތި ފޮނުވަންވާނެއެވެ.

  1. ޖޫރިމަނާ ކުރިކަން އަންގައި ޖޫރިމަނާކުރެވުނު ފަރާތަށް ދޫކުރެވުނު ސްލިޕް/ސްޓިކަރގެ ކޮޕީ؛
  2. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދަކާ ގުޅިގެން ކަމުގައިވާނަމަ އުޅަނދުގެ ރަޖިސްޓްރޭށަންގެ ކޮޕީ؛
  3. ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ގުޅިގެން ކަމުގައިވާނަމަ، ލައިސަންސްގެ ކޮޕީ؛
  4. ޖޫރިމަނާ ކުރެވުނު ފަރާތުން، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާ ހިލާފަށް ކޮށްފައިވާ އަމަލުގެ ރިއަލް ޓައިމް ފޮޓޯ އަދި/ނުވަތަ ވީޑިއޯ ހުރިނަމަ، އެ ފޮޓޯ އަދި/ނުވަތަ ވީޑިއޯގެ ކޮޕީ.

 

10 ވަނަ މާއްދާ - މުރާޖައާ ކޮމިޓީއަށް ށަކުވާ ފޮނުވުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައިވާ ކަމުގައި ކަނޑައަޅައިފައިވާ ށަކުވާތަކާ ގުޅޭ ހާދިސާ ރިޕޯޓު ޖޫރިމަނާކުރި ދައުލަތުގެ އިދާރާގެ ފަރާތުން މިނިސްޓްރީއަށް ލިބުމާއެކު ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ށަކުވާ ފޯމާއި، ހާދިސާ ރިޕޯޓާއި، އެ ދެ ލިޔުމާއެކު ލިބިފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެތި، ށަކުވާއާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި މުރާޖައާ ކޮމިޓީއަށް ފޮނުވަންވާނެއެވެ.

 

11 ވަނަ މާއްދާ - މުރާޖައާ ކޮމިޓީ

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅޭ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅާނީ އެކަމަށް ޓަކައި މިނިސްޓްރީގައި އެކުލަވައިލާ "މުރާޖައާ ކޮމިޓީ" އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުރާޖައާ ކޮމިޓީ އެކުލެވިގެންވަނީ އަންނަނިވި ދާއިރާތަކުން 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ މިނިސްޓްރީގެ 2 (ދޭއް) މުވައްޒަފުން؛
  2. ލޭންޑް ޓްރާންސްޕޯޓް ޑިޕާޓްމަންޓް ނުވަތަ ސެކްށަ ނު ގެ 1 (އެކެއް) މުވައްޒަފު.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މުރާޖައާ ކޮމިޓީގައި ހިމަނަންވާނީ އެއްގަމު ދަތުރުފަތުރުގެ ދާއިރާގައި މަދުވެގެން 3) ތިނެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މުރާޖައާ ކޮމިޓީގައި ހިމަނާ އެއްވެސް ފަރާތަކީ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެން ނުވާނެއެވެ.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން މުރާޖައާ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރާނީ މިނިސްޓަރެވެ.

 

12 ވަނަ މާއްދާ - މުރާޖައާ ކޮމިޓީގެ ހިންގުން

(ހ) މުރާޖައާ ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

(ށ) މުރާޖައާ ކޮމިޓީން ބަލަމުންދާ ށަކުވާއަކާމެދު ކޮމިޓީގެ ނިންމުންކަމުގައި ވާނީ އެ ކޮމިޓީގެ މެންބަރުންގެ އަޣްލަބިއްޔަތު ނިންމުމެވެ.

(ނ) މުރާޖައާ ކޮމިޓީގެ ސެކްރެޓޭރިއަޓުން ކޮމިޓީގެ ނިންމުންތަކުގެ ރެކޯޑު ގަވާއިދުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ރ) މުރާޖައާ ކޮމިޓީއަށް އައްޔަނު ކޮށްފައިވާ މެންބަރަކު، ޗުއްޓީގައި ހުރުމުން ނުވަތަ މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްލަހަތު ފުށުއެރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އުޒުރުވެރިވެ، ކޮމިޓީ ހިންގުމަށް ދަތިވެއްޖެނަމަ، ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމަށް ޓަކައި ވަގުތީގޮތުން ކޮމިޓީއަށް މެންބަރަކު އައްޔަނު ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ވަގުތީގޮތުން ކޮމިޓީއަށް އައްޔަނުކުރާ މެންބަރަކީ ކޮމިޓީގެ ބައްދަލުވުންތަކުގައި އެ ވަގުތު ބައިވެރިވުމަށް އުޒުވެރިފައިވާ މެންބަރު ނިސްބަތްވާ ދާއިރާގެ މެންބަރަކަށް ވުމުގެ އިތުރުން، ވަގުތީގޮތުން އައްޔަނުކުރާ މެންބަރުންގެ ކިބައިގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ކޮމިޓީގެ މެންބަރުންގެ ކިބައިގައި ހުރުމަށް ލާޒިމުކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

13 ވަނަ މާއްދާ - މުރާޖައާ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ފުށުއެރުން

(ހ) މުރާޖައާ ކޮމިޓީއަށް ހުށަހެޅިފައިވާ ށަކުވާއަކާ ގުޅޭގޮތުން ކޮމިޓީގެ އެއްވެސް މެންބަރެއްގެ މަސްލަހަތެއް އޮތް ކަމުގައި ވާނަމަ، އެފަދަ ށަކުވާއެއް ބަލައި ގޮތެއް ކަނޑައެޅުމުން އެ މެންބަރު ތަނާޒުލު ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމަކީ، މުރާޖައާ ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާއާ ގުޅޭގޮތުން އެ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު އޮތް ހާލަތެއް ކަމުގައި ބެލެވޭނެއެވެ.

  1. ށަކުވާ ހުށަހަޅައިފައިވާ ފަރާތަކީ، ކޮމިޓީގެ މެންބަރަކާ އާއިލީގޮތުން ގުޅުމެއް އޮތް މެންބަރެއް ކަމުގައި ވުން؛
  2. ށަކުވާ ހުށަހަޅާ ފަރާތުގެ ކިބައިގައި ކޮމިޓީގެ މެންބަރެއްގެ ވިޔަފާރީގެ މަސްލަހަތެއް ނުވަތަ މާލީ މަސްލަހަތެއް އޮތުން؛
  3. ހުށަހަޅައިފައިވާ ށަކުވާގައި ހިމެނޭ އެއްގަމު އުޅަނދަކީ ކޮމިޓީގެ މެންބަރެއްގެ ނުވަތަ މެންބަރެއްގެ ހިއްސާ އޮތް އުޅަނދެއް ކަމުގައިވުން.

 

14 ވަނަ މާއްދާ - މުރާޖައާ ކޮމިޓީގެ ބާރުތައް

(ހ) މުރާޖައާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް ބެލުމަށްފަހުގައި އެ ށަކުވާތަކާ މެދުގައި އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ގޮތް ނިންމުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

  1. ޖޫރިމަނާ ކޮށްފައިވަނީ ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅަށް ކަމުގައި ކަނޑައެޅުން؛ ނުވަތަ،
  2. ޖޫރިމަނާ ކޮށްފައިވަނީ ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫންކަމުގައި ކަނޑައެޅުމާއެކު ޖޫރިމަނާކުރި ކުރުން ބާތިލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ އިތުރުން، މުރާޖައާ ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާއެއް ބެލުމަށްފަހުގައި، ޖޫރިމަނާ ކޮށްފައިވާ އަދަދު ބަދަލުކުރުން ނުވަތަ ޖޫރިމަނާ ކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއް ޖޫރިމަނާ ކުރުން ފަދަ، ޖޫރިމަނާއަށް ބަދަލުގެނައުމުގެ ނިންމުމެއް ނިންމަންޖެހޭ ކަމުގައި އެ ކޮމިޓީއަށް ފެންނަނަމަ، އެފަދަ ނިންމުމެއް ނިންމުމުގެ ބާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ) މުރާޖައާ ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާއާމެދު ގޮތެއް ނިންމުމުގައި ކޮމިޓީން ރިއާޔަތް ކުރާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާށަކުވާ ހުށަހެޅުމުގެ އަސާސް ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާގައި ފުރިހަމަވެފައިވާ މިންވަރުގެ މައްޗަށެވެ. 

 

15 ވަނަ މާއްދާ - އެހެނިހެން ފިޔަވަޅުތައް ބާތިލުވުން

މުރާޖައާ ކޮމިޓީއަށް ހުށަހަޅައިފައިވާ ށަކުވާ ބެލުމަށްފަހުގައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޖޫރިމަނާ ކޮށްފައިވަނީ ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫންކަމުގައި ކަނޑައެޅުމާއެކު ޖޫރިމަނާކުރި ކުރުން ބާތިލުކުރުމަށް މުރާޖައާ ކޮމިޓީން ނިންމައިފިނަމަ، ބާތިލުކުރެވުނު ޖޫރިމަނާއާ ގުޅިގެން ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ ދަށުން އަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ބާތިލުވާނެއެވެ.

 

16 ވަނަ މާއްދާ - މުރާޖައާ ކޮމިޓީއަށް ފޮނުވާ ށަކުވާއާމެދު ގޮތެއް ނިންމައި އެ ނިންމުން ހިއްސާކުރުން

މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން މުރާޖައާ ކޮމިޓީއަށް ށަކުވާއެއް ފޮނުވާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއާމެދު އެ ކޮމިޓީން ގޮތެއް ނިންމައި، އެ ނިންމުން އަންނަނިވި ފަރާތްތަކަށް ލިޔުމުން ހިއްސާކުރަންވާނެއެވެ.

(ހ) ށަކުވާ ހުށަހެޅި ފަރާތް؛

(ށ) ޖޫރިމަނާކުރި ދައުލަތުގެ އިދާރާ؛

 (ނ) މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން 

އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް 
\ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސައިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2016 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު