-

ޖަލުތަކާއި ޕެރޯލްގެ ގާނޫނު

(ގާނޫނު ނަންބަރު 2013-14)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ށަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖޭގެ ޖަލުތައް ހިންގުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމާއި، ޖަލުތަކުގައި ހުންނަންވާ ފެންވަރު ކަނޑައަޅައި ހިފެހެއްޓުމާއި، ޖަލުގައި މީހުން ބަންދުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާއި، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ރާއްޖޭގައި އެއްވެސް މީހަކު ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެނަމަ އެފަދަ ފަރާތްތައް ބަންދުގައި ބައިތިއްބާނެ އުސޫލުތަކާއި ތަންތަން ކަނޑައެޅުމާއި، މިފަދަ ތަންތަނާއި، ޖަލުތަކުގައި ކަންތައް ކުރަންވާނެ ގޮތް ކަނޑައެޅުމާއި، ގައިދީން ޖަލުގައި އުޅެންވާނެގޮތާއި، ގައިދީންނަށް ލިބޭ އިނާޔަތްތަކާއި ހައްގުތަކާއި، ޖަލު ބަލަހައްޓާ ފަރާތްތަކަށް ލިބިފައިވާ އިހްތިޔާރުތަކާއި ހައްގުތަކާއި ބާރުތައް ތަފްސީލުކޮށް ބަޔާންކުރުމާއި، ގައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ރިހެބިލިޓޭށަން ޕްރޮގްރާމް ހިންގުމާއި ޕެރޯލްގެ ފުރުސަތު ދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނުގެ ބޭނުމަށް ޖަލުތަކާއި ޕެރޯލްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށްޓަކައި "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" މިނަމުގައި މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ މަދަނީ ހިދުމަތެކެވެ. "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" އަކީ، ޔުނީފޯމް އެޅި އޮފިސަރުން ހިމެނޭ މުއައްސަސާއެކެވެ.

(ނ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުން؛

(ށ) "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" ގެ ނަމުގައި ވަކި ހިދުމަތެއް އުފައްދައި، އެ ސަރވިސް ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުން؛

(ނ) ގައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ގާއިމުކުރުން؛

(ރ) ގައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީނުދީ، އެކިއެކި ހުނަރު ދަސްކޮށްދިނުން؛

(ބ) ގައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް ބާރުއެޅުން؛

(ޅ) ށަރީއަތުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ހުކުމް ތަންފީޒުކުރުމުގެ އުސޫލުތައް ކަނޑައެޅުން؛

(ކ) ގާނޫނަކުން ބާރު ލިބިގެން ތަހްގީގުކުރާ އިދާރާތަކުން ތަހްގީގު މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި މީހުން ބަންދުގައި ބައިތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން.

 

ދެވަނަ ބާބު

ޖަލުތަކާއި ބަންދުގައި މީހުން ބައިތިއްބަންޖެހޭ އެހެނިހެން ތަންތަން ކަނޑައެޅުން

3 ވަނަ މާއްދާ - ޖަލު ކަމުގައި ކަނޑައެޅުން

(ހ) މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭނެ ކަމަށް އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ށަރުތުތައް ފުރިހަމަވާ ތަނެއްނަމަ، އެތަނަކީ ޖަލެއްކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. ހަމަ އެފަދައިން، ޖަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއް އެއީ ޖަލެއް ނޫންކަމަށް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ޖަލުގެ ގޮތުގައި ބޭނުންކުރެވެމުން އަންނަ ތަންތަން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަލެއްގެ ގޮތުގައި ކަނޑައެޅެންދެން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލުގެ ގޮތުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ)  މި މާއްދާގެ (ށ) ގެ ދަށުން ޖަލެއްގެ ގޮތުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ މިނިސްޓަރ ދޭންވާނީ، ޖަލެއްގައި ހުންނަންޖެހޭކަމަށް  އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ށަރުތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި، އެ ތާވަލާ އެއްގޮތަށް އެ ށަރުތުތައް ފުރިހަމަކުރުން ލާޒިމުކުރުމަށްފަހުގައެވެ. މި ބަޔާންކުރެވުނު ތާވަލު އެކުލަވާލަންވާނީ، އިމާރާތަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކާއި، ބަޖެޓުގައި ހިމެނިފައިނުވާ ބޮޑެތި ހަރަދުތައް ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ހުރިހާކަމެއް، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރާގޮތަށެވެ.

(ރ) 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ގިންތިކުރެވިފައިވާ ޖަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއްގައި، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަލެއްގެ ގޮތުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ ލިބިފައިވާ ތަނެއްގައެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ބަންދުކުރެވޭ މީހުންކުރެ، އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަންދުކުރުމަށްޓަކައި ހާއްސަކުރެވޭ މަރުކަޒުތަކެއް އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރ ގާއިމުކުރަންވާނެއެވެ.

 

4   ވަނަ މާއްދާ - ޖަލުގެ ގިންތިތައް

(ހ) ތަފާތު ގިންތިތަކުގެ ގައިދީން ބަންދުކޮށްފައި ބަލަހައްޓާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގައެވެ.

  1. ތަހްގީގަށް ބަންދުކުރެވޭ މީހުން ކަސްޓޯޑިއަލް
  2. ތަހްގީގު ނިމި، ށަރީއަތް ފެށުމުގެ ކުރިން ނުވަތަ ށަރީއަތް ފެށި، ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ރިމާންޑް
  3. ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން އާންމު ޖަލެއްގައި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަލު ކަނޑައަޅާއިރު، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ބަންދުކުރެވޭ މީހުންނާއި ހުކުމުގެ މުއްދަތުގައި ފަރުވާ ދިނުމަށް ބަންދުކުރެވޭ މީހުން ބަންދުކޮށް ބަލަހައްޓާ ހުރިހާ ތަނެއްގައި އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަންދުކުރުމަށް ހާއްސަކުރެވިފައިވާ ވަކި ތަންތަން ހުންނަންވާނެއެވެ.

 

5   ވަނަ މާއްދާ - ބަންދުގައި މީހުން ބައިތިއްބަންޖެހޭ އެހެނިހެން ތަންތަން

(ހ) ހުކުމުގެ މުއްދަތުގައި ފަރުވާދީގެން ރަނގަޅުކުރުމަށް ބޭނުންވާ މީހުން ފަރުވާއަށްޓަކައި ބަންދުގައި ބައިތިއްބަންޖެހޭ މަރުކަޒު ނުވަތަ ރިހެބިލިޓޭށަން ސެންޓަރުގައި؛

(ށ) ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ޑިޓެންށަން ސެންޓަރުގައި؛

(ނ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ބަންދު މީހުންގެ ގޮތުގައި ތިބޭ އެންމެހައި މީހުންނަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަން ކުރުމާއި ތަހްގީގު މަރުހަލާގައާއި ތަހްގީގު ނިމި ށަރީއަތުގެ މަރުހަލާގައި ބަންދު މީހުންނާ ދޭތެރޭ އަމަލުކުރާނެ ގޮތް ކަނޑައަޅާ އެންމެހައި ގަވާއިދުތައް އެކުލަވާލާނީ ތަހްގީގީ އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރެވެ.

 

ތިންވަނަ ބާބު

ޖަލު ހިންގުމާއި އިންސްޕެކްޓް ކުރުން

6   ވަނަ މާއްދާ - ޖަލުތައް ބަލަހައްޓާނެ ފަރާތް

(ހ) އާންމު ޖަލުތަކާއި ރިމާންޑް ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

(ށ) ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބަލަހައްޓާނީ ކޮމިށަނަރ އޮފް ފޮލިސް ކަނޑައަޅާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

7   ވަނަ މާއްދާ - ޖަލުތަކުގެ  ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައެޅުން

(ހ) ކޮންމެ ޖަލެއްގައިވެސް، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް އެ ޖަލެއްގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ލިބިފައިވާ ޑައިރެކްޓަރ އޮފް ޕްރިޒަންއެއް ހުންނަންވާނެއެވެ.

(ށ) ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތުތަކަކީ އެ ޑައިރެކްޓަރ އޮފް ޕްރިޒަންއެއްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކާގުޅޭ އަންނަނިވި ކަންކަން  ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުމެވެ.

  1. ޖަލު ހިންގުމުގެ އެންމެހައި ކަންކަން
  2. ޖަލުގެ ސަލާމަތީ ކަންކަން
  3. ގައިދީންގެ ވެލްފެއަރގެ ކަންތައްތައް ބެލެހެއްޓުން؛ އަދި
  4. ޖަލުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުން.

(ނ) ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މިނިސްޓަރާއި ކޮމިށަނަރުގެ ލަފަޔާއި މަށްވަރާގެ މަތިންނެވެ.

(ރ) އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ. މި މަގާމަށް އައްޔަނުކުރެވޭނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮމިށަންޑް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ.

(ބ) ކޮންމެ ޖަލެއްގައިވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ބޭނުންވާ ޖަލު އަމުރުތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި މިނިސްޓަރާއި ކޮމިށަނަރުގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ނެރުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

 

8   ވަނަ މާއްދާ - ޖަލު އަމުރުތައް

(ހ) ޖަލު އަމުރަކަށް އަމަލުކުރަން ފަށަންވާނީ އެ އަމުރެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކަންކަމާބެހޭ ޖަލު އަމުރުތައް ނެރެ ގެޒެޓުކުރަންވާނެއެވެ.

 

9   ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް

(ހ) މި ގާނޫނުގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ، މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބަލައި، މިނިސްޓަރަށް ރިޕޯޓުކުރުމަށްޓަކައި އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ނަމުގައި މިނިސްޓަރު މީހަކު އައްޔަނުކުރަންވާނެއެވެ.

(ށ) އިންސްޕެކްޓަރ އޭނާގެ ޒިންމާ އަދާކުރުމަށް ބޭނުންވާނެ މުވައްޒަފުންނާއި، ވަސީލަތްތައް މިނިސްޓަރު ފަހިކޮށްދޭންވާނެއެވެ.

 

10   ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތު

އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޖަލުތައް އިމާރާތްކޮށްފައި ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛

(ށ) ގައިދީންނަށް އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިބިދޭތޯ ބެލުން؛

(ނ) ޖަލުތަކުގައި ގައިދީންނާމެދު އަމަލުކުރަނީ އެމީހުންނާމެދު އަމަލުކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ރ) ޖަލުގައި މީހުންނަށް ދެވޭ ކާނާއާއި ސިއްހީ ފަރުވާގެ މިންގަނޑުތައް  ހުންނަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛

(ބ) ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޖަލުތަކަށް ޒިޔާރަތްކޮށް، ޖަލުތައް ބަލައި ފާސްކުރުން؛

(ޅ) ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭ ކަމަށް ކުރާ ށަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހްގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން؛

(ކ) ޖަލެއްގައި މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއް ދީފިނަމަ، އެކަން ބަލައި ތަހްގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން.

 

11   ވަނަ މާއްދާ – ރިޕޯޓުކުރުން

މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، އެއިން ކޮންމެ ކަމަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް މިނިސްޓަރަށް ރިޕޯޓު ހުށަހަޅަންވާނެއެވެ.

 

12   ވަނަ މާއްދާ - މުސްތަގިއްލު ކޮމިށަނަކުން އިންސްޕެކްޓް ކުރުން

ރާއްޖޭގެ ޖަލުތަކުގައި މީހުން ބަންދުކޮށްފައި ތިބޭ ގޮތާއި އެމީހުންނާމެދު އަމަލުކުރެވޭ ގޮތާއި އެމީހުންނަށް ދެވޭ ހިދުމަތްތައް އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭތޯއާއި ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން އެކަންކަން ތަހްގީގުކޮށް ބެލުމަށް ނުވަތަ ޖަލުތައް އިންސްޕެކްޓް ކުރުމުގެ އެންމެހައި ބާރު، ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދިފައިވާ ކަމާބެހޭ ކޮމިށަންތަކަށް ލިބިގެންވެއެވެ. އެފަދަ ކޮމިށަންތަކުން ޖަލުތައް އިންސްޕެކްޓްކޮށް ބެލުމަށްފަހު ކަމާގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުގެ ބާރު އެފަރާތްތަކަށް ލިބިގެންވެއެވެ.

 

13   ވަނަ މާއްދާ - ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން އިންސްޕެކްޓް ކުރުން

ދިވެހިރާއްޖެއިން އެއްބަސްވެ ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގެ ޖަލުތައް އިންސްޕެކްޓް ކުރުމުގެ ހުއްދަ އެ ޖަމްއިއްޔާއަކަށް، ނުވަތަ އެ މުއާހަދާއެއް ތަންފީޒުކުރާ ފަރާތަކަށް ލިބިގެންވެއެވެ. ޖަލު އިންސްޕެކްޓްކުރުމުގައި މިފަދަ ފަރާތްތަކުން އަމަލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

14   ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ޖަލު ބަލައި ފާސްކުރުން

ޖަލަށް ޒިޔާރަތްކޮށް ޖަލުގެ ކަންތައްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި ޖަލުތަކަށް ޒިޔާރަތްކޮށް އެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކުގެ މެންބަރުންނަށް، ޖަލުގެ ހުރިހާ ތަނަކަށް ވަދެ، ބަލައި ފާސްކުރެވޭނެއެވެ. މިގޮތުން ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ލިބިގެންވެއެވެ.

 

15   ވަނަ މާއްދާ - ޖަލު ބަލައި ފާސްކުރާ ފަރާތްތަކަށް ލިބިގެންވާ ގާނޫނީ ބާރު

މި ގާނޫނުގެ ދަށުން ބާރު ލިބިގެން ޖަލު އިންސްޕެކްޓް ކުރުމަށް ޖަލަށް ޒިޔާރަތްކުރާ އިންސްޕެކްޓަރަށާއި، އޭނާގެ ފަރާތުން ދާ މީހުންނަށާއި، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ މުސްތަގިއްލު ކޮމިށަންތަކަށާއި، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން ފޮނުވާ ވަފުދުތަކަށާއި، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ތިރީގައިވާ ކަންކަން ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ނުގެއްލޭ ގޮތުގެމަތިން ކުރުމުގެ ބާރު މި ގާނޫނުން ލިބިދެއެވެ.

(ހ) ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމަށްފަހު ޖަލުގެ ހުރިހާ ތަނަކަށް ވަދެ، ބަލައި ފާސްކުރުން؛

(ށ) ޖަލުގައި ތިބޭ މީހުންނާ އެކަހެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ބައްދަލުކޮށް މައުލޫމާތު ހޯދުން؛

(ނ) ޖަލުގައި ގައިދީންނަށް ކާންދެވޭ ތަކެއްޗާއި ފެނުގެ ފެންވަރު ބެލުމަށްޓަކައި އެތަކެތި ޓެސްޓުކުރުން ނުވަތަ އޭގެ ސާމްޕަލް ނެގުން؛

(ރ) ޖަލުގެ މުވައްޒަފުން ހާޒިރުކޮށް އެމީހުންނާ އެކަހެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ބައްދަލުކޮށް މައުލޫމާތު ހޯދުން؛

(ބ) ޖަލުގެ އެންމެހައި ރެކޯޑްތަކާއި ލިޔުންތައް ބަލައި ކޮޕީ ހެދުން؛

(ޅ) ކަމާބެހޭގޮތުން ހޯދަންޖެހޭ އެހެން މައުލޫމާތުތައް ހޯދުން؛

(ކ) ޖަލުގައި ހަރުކުރެވިފައިވާ ސެކިއުރިޓީ ކެމެރާތަކާއި އަޑު ރެކޯޑްކުރާ އެންމެހައި އާލާތްތަކުގެ ރެކޯޑިންގ ހޯދުން.

 

16  ވަނަ މާއްދާ - އިންސްޕެކްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު

ގާނޫނީ ބާރު ލިބިގެން ޖަލަށް ޒިޔާރަތްކުރާ އެއްވެސް މީހަކު ތިރީގައިމިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

(ހ) އިންސްޕެކްޓް ކުރުމުގެ މަސައްކަތުގައި ޖަލުގެ ގަވާއިދާ ހިލާފު ކަމެއް ކުރުން؛

(ށ) ޖަލުގައި އެމީހެއްގެ ގާތްތިމާގެ މީހަކު، ނުވަތަ އެމީހެއްގެ މަސްލަހަތާ ގުޅިފައިވާ މީހަކު ވާނަމަ އެކަން، އޭނާ ފޮނުވާ ފަރާތަށާއި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނާންގައި ހުރުން؛

(ނ) ޖަލަށް ވެއްދުން މަނާކޮށްފައިވާ އެއްޗެއް ވެއްދުން؛

(ރ) އެއްވެސް ގައިދީއަކަށް އެއްޗެއް ދިނުމާއި ގައިދީއެއްގެ ފަރާތުން އެއްޗެއް ލިބިގަތުން؛

(ބ) ތަހްގީގީ ބޭނުމަކަށް ފިޔަވައި ޖަލުގެ ގައިދީންގެ ފޮޓޯއާއި މަންޒަރާއި އަޑު ރެކޯޑްކޮށް އާންމުކުރުން.

 

ހަތަރުވަނަ ބާބު

މޯލްޑިވްސް ކަރެކްށަނަލް ސަރވިސް

17   ވަނަ މާއްދާ - މޯލްޑިވްސް ކަރެކްށަނަލް ސަރވިސް

(ހ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް އުފުލާނީ ޔުނީފޯމް އެޅި އޮފިސަރުން ހިމެނޭ "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" ގެ ނަމުގައި އުފައްދާ މުއައްސަސާއަކުންނެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ހިނގަމުންދާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

 

18   ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕްރިޒަންސް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ގޮތުން އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ އަދާކުރުމަށްޓަކައި ކޮމިށަނަރ އޮފް ޕްރިޒަންސްއަކާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއެއް ހުންނަންވާނެއެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮމިށަންޑް އޮފިސަރުންގެ ތެރެއިން، ކޮމިށަނަރ އޮފް ޕްރިޒަންސްއަކާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއެއް  އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

19   ވަނަ މާއްދާ - ވަޒީފާގެ އޮނިގަނޑު

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑެއް މިނިސްޓަރުގެ ލަފާގެ މަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ. މި ބަޔާންކުރެވުނު އޮނިގަނޑުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ. މި އޮނިގަނޑު ތައްޔާރުކުރެވިފައި އޮންނަންވާނީ މި ގާނޫނާ ތައާރުޒުނުވާ ގޮތުގެމަތިންނެވެ. މި ގާނޫނު ފާސްވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި އޮނިގަނޑު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅާ އެ ކޮމިޓީން ފާސްކުރަންވާނެއެވެ.

 

20   ވަނަ މާއްދާ - ވަޒީފާ ދިނުމާއި ވަކިކުރުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާ ދީ، ވަޒީފާއިން ވަކިކޮށް، މަގާމު ދަށްކޮށް ހަދާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޕްރޮމޯށަން ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކި ކުރުމުގައާއި މަގާމު ދަށްކުރުމުގައި އަމަލުކުރާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހާއްސަކުރެވިފައިވާ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

21   ވަނަ މާއްދާ - މުސާރައާއި އެހެނިހެން އިނާޔަތްތައް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިންނެވެ. މުސާރައާއި މާލީ އިނާޔަތްތައް ކަނޑައެޅުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާ ހޯދަންވާނެއެވެ. 

 

22   ވަނަ މާއްދާ - ކޮމިށަނަރުގެ މަސްއޫލިއްޔަތު

ކޮމިށަނަރ އޮފް ޕްރިޒަންސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުން؛

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުން؛

(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އެންމެހައި ކަންކަން ބެލެހެއްޓުން؛

(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބޭ މީހުން ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛

(ބ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުން؛

(ޅ) ޖަލު އޮފިސަރުންގެ ސުލޫކީ މިންގަނޑު އެކުލަވާލުން؛

(ކ) ށަރުއީ ކޯޓުތަކުން ކުރާ އެކިއެކި ހުކުމްތައް ތަންފީޒުކުރުވުން.

 

23   ވަނަ މާއްދާ - ކޮމިށަނަރުގެ މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރުން

މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ އޮފް ޕްރިޒަންސްއާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކުން ބައެއް، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއާ ނުވަތަ ކަނޑައެޅޭ ވަކި އޮފިސަރަކާ ނުވަތަ އޮފިސަރުންތަކަކާ ލިޔުމަކުން ހަވާލުކުރެވިދާނެއެވެ.

 

24   ވަނަ މާއްދާ - ކޮމިށަނަރ ޖަވާބުދާރީވުން

ކޮމިށަނަރ އޮފް ޕްރިޒަންސް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

 

25   ވަނަ މާއްދާ - އޮފިސަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ އޮފިސަރަކުމެ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ށ) ކޮމިށަނަރަށާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށާއި، ޑައިރެކްޓަރ އޮފް ޕްރިޒަންއަށާއި، ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެހީތެރިވެ އެއްބާރުލުން ދިނުމާއި އެމީހުންދޭ އިރުށާދާ އެއްގޮތަށް އަމަލުކުރުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ އޮފިސަރަކާއި މުވައްޒަފެއްގެ ވާޖިބެކެވެ.

 

26   ވަނަ މާއްދާ - އޮފިސަރުން އަމަލުކުރަންވީ މައިގަނޑު އަސާސްތައް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންނަނިވި މައިގަނޑު އަސާސްތަކަށް ތަބާވާންވާނެއެވެ.

(ހ) ޖަލުގައި ތިބޭ ގައިދީން، ރައްކާތެރިކަމާއި ސުލްހަވެރިކަމާއި، އޯގާތެރިކަމާއެކު ބެލެހެއްޓުން؛

(ށ) ގައިދީންނާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލު ނުހިންގުން؛

(ނ) ޖަލުގައި ހިނގާ ނުވަތަ ހިންގަން ރޭވޭ ހަމަނުޖެހުމަކާބެހޭ މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ލަސްނުކޮށް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުން؛

(ރ) ގައިދީންގެ ރިހެބިލިޓޭށަންގެ ކަންތައްތަކާއި ވެލްފެއަރގެ ކަންތައްތަކުގައި އެމީހުންނަށް އެހީތެރިވެދިނުން؛

(ބ) ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތެއް ނުވަތަ ގައިދީންނަށް ދޭން ހަމަޖެހިފައިވާ މިނޫންވެސް އެހެން ހިދުމަތެއް ލިބިގަތުމުގައި އެހީތެރިވުން؛

(ޅ) އެއްވެސް ފީއެއް، އިނާމެއް، ރިށްވަތެއް، ހަދިޔާއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ނުވަތަ އެފަދަ އެއްޗެއް ކަމުގައި ބެލެވިދާނެ އެއްޗެއް ހޯދައި، ބަލައިނުގަތުން؛ އަދި

(ކ) ގައިދީންގެ ފަރާތުން ނުވަތަ ގައިދީންނާއެކު އެއްވެސް ވިޔަފާރިއެއް ނުވަތަ އެފަދަ ކަމަކާގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުން.

 

27   ވަނަ މާއްދާ - އޮފިސަރުން ސިއްރު ހިފެހެއްޓުން

ޖަލުގެ މުވައްޒަފުންނަށް އެމީހުންގެ މަގާމުގެ ހައިސިއްޔަތުން އެނގޭ މައުލޫމާތުތައް، ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. މިފަދަ މައުލޫމާތެއް، ގާނޫނީ ގޮތުން ބާރު ލިބިފައިވާ މުއައްސަސާއަކުން ކުރާ ތަހްގީގަކަށް ނުވަތަ ށަރީއަތުގެ ބޭނުމަކަށް ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށްޓަކައި ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެނޫން ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

 

28  ވަނަ މާއްދާ - އޮފިސަރުންގެ ބާރުތައް

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ބާރުތައް ތިރީގައި އެވަނީއެވެ.

(ހ) ހުކުމް ތަންފީޒުކުރަންޖެހޭ މީހުން، ގަވާއިދާ އެއްގޮތަށް ހިފައި ހައްޔަރުކުރުން؛

(ށ) އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ސައްހަ އަމުރަށް ނުކިޔަމަންތެރިވާ ގައިދީން ކިޔަމަންތެރިކުރުމުގެ ގޮތުން ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތެއްގެމަތިން އަދި ގާނޫނާއި ގަވާއިދު ހުއްދަކުރާ މިންވަރަކަށް ބާރުގެ ބޭނުންކުރުން؛

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން ބިޑިއާއި، މުގުރާއި، ޕެޕަރ ސްޕްރޭ، ކަރުނަ ގޭސް، ސްޓަންޓް ގްރެނޭޑް އަދި ރަޔަޓް ގިޔަރއާއި މިނޫންވެސް ގަވާއިދުން ހުއްދަކުރެވިފައިވާ ދިފާއީ އާލާތްތަކާއި މީހުންގެ ފުރާނައަށް ނުރައްކާ ނުވާ ފަދަ ހަތިޔާރު ބޭނުންކުރުން؛

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ ހިލާފުނުވާ ގޮތަށް ގައިދީންގެ ހަށިގަނޑާއި އެމީހުންގެ އެއްޗެހި ބަލައި ފާސްކުރުން؛

(ބ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައިދީންނަށް އަމުރުކުރުން.

 

29   ވަނަ މާއްދާ - އޮފިސަރުންގެ ހައްގުތައް

އޮފިސަރުންނަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

(ހ) އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ލިބުމާއި، ބޭސްފަރުވާ ލިބުން؛

(ށ) އޮފިސަރަކާމެދު ކުރެވޭ ށަކުވާއަކާ ގުޅިގެން، ޖަވާބުދާރީވުމުގެ ފުރުސަތެއް ލިބިދިނުމަކާ ނުލައި އޭނާއާމެދު ޑިސިޕްލިނަރީ ފިޔަވަޅެއް ނޭޅުން؛

(ނ) އޮފިސަރެއްގެ މައްޗަށް އުފުލޭ ށަކުވާއަކާމެދު ގޮތެއް ނިންމުމުގައި ށަކުވާކުރާ މީހާގެ ދައުރެއް ނެތުން؛

(ރ) އޮފިސަރަކު ކުރި ކުށަކަށް އެކަށީގެންނުވާ ވަރުގެ ބޮޑު އަދަބެއް ނުލިބުން؛

(ބ) ގާނޫނާއި ގަވާއިދާ ހިލާފު އަމުރަކަށް ކިޔަމަންތެރިނުވުމުގެ ސަބަބުން ކުށްވެރިނުވުމާއި އެފަދަ ކަމަކާ ގުޅިގެން ޑިސިޕްލިނަރީ ފިޔަވަޅެއް ނޭޅުން.

 

30   ވަނަ މާއްދާ - ސުލޫކީ މިންގަނޑު

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ސުލޫކީ މިންގަނޑެއް ކޮމިށަނަރ އެކުލަވާލައި، އެ މިންގަނޑު އޮފިސަރުންގެ މެދުގައި ދަމަހައްޓަންވާނެއެވެ.

 

31   ވަނަ މާއްދާ - އޮފިސަރުންނާއި އޮފިސަރުންގެ ތަކެތި ބަލައި ފާސްކުރުން

ޖަލުގެ ސަލާމަތީ ބޭނުންތަކަށްޓަކައި ނުވަތަ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމުގައި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ، ގަވާއިދުގައިވާ ގޮތުގެމަތިން ޖަލު އޮފިސަރުން ނުވަތަ އެނޫންވެސް މުވައްޒަފުންނާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރެވިދާނެއެވެ.

 

32   ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތައް

އޮފިސަރަކު ނުވަތަ މުވައްޒަފަކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ ޑިސިޕްލިނަރީ ކުށެއް ކުރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ.

(ހ) ހުއްދަ ނެތި ނުވަތަ މަގުބޫލު އުޒުރަކާ ނުލައި އެމީހަކު ޑިއުޓީގައި ހުރުމަށް ކަނޑައެޅިފައިވާ ވަގުތުގައި ޑިއުޓީ އަދާކުރުމަށް ކަނޑައެޅިފައިވާ ތަނަށް ހާޒިރުނުވުން ނުވަތަ ޑިއުޓީ ވަގުތުގައި އެތަނުގައި ނެތުން؛

(ށ) ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ އަމުރަކަށް ކިޔަމަންނުވުން ނުވަތަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާ ހަވާލުކުރާ ވާޖިބެއް އަދާ ނުކުރުމާއި ބަހުން ނުވަތަ އަމަލުން ނުކިޔަމަންތެރިކަން ހާމަކުރުން؛

(ނ) ގައިދީން ނުވަތަ ހުކުމެއްގައި ހުރި މީހަކު ކުށެއް ކުރާކަން އެނގިހުރެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އަންގަންޖެހޭ ފަރާތަކަށް ނޭންގުން؛

(ރ) ޖަލުގައި ހުންނަ ތަކެތި ނުވަތަ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުން؛

(ބ) ޖަލުގައި ހުންނަ ތަކެތީގެ ތެރެއިން އެމީހަކު ޒިންމާވާންޖެހޭ އެއްޗެއް ބެލެހެއްޓުމުގައި ފަރުވާކުޑަކުރުން؛

(ޅ) އެމީހަކު އަދާކުރާ ވަޒީފާއާ ފުށުއަރާ ކަމެއް ނުވަތަ މަސައްކަތެއް ކުރުން ނުވަތަ އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން ނުވަތަ އެމީހަކު ވަޒީފާގައި ކުރާ މަސައްކަތް ކުރުމަށް ހުރަސްއެޅޭ ބާވަތުގެ ހަރަކާތެއްގައި ބައިވެރިވުން؛

(ކ) ރިށްވަތު ހިފުން ނުވަތަ ރިށްވަތުކަމަށް ބެލެވިދާނެ ހާލަތެއްގައި  ވަޒީފާގެގޮތުން މުއާމަލާތުކުރަންޖެހޭ މީހެއްގެ އަތުން ނުވަތަ ގައިދީއެއްގެ އަތުން ނުވަތަ ގައިދީއަކާ ގުޅުންހުރި މީހެއްގެ އަތުން ހަދިޔާ ނުވަތަ އެފަދަ އެހެނިހެން ތަކެތި ބަލައިގަތުން؛

(އ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް އެއްޗެއް ގައިދީއަކަށް ނުވަތަ ގައިދީއެއްގެ ފަރާތުން އެހެން ގައިދީއަކަށް ރައްދުކޮށްދީ، ޖަލުގެ ތެރެއަށް ގެނެސް ނުވަތަ ޖަލުން ބޭރަށް ނެރެ ނުވަތަ ޖަލުގެ ތެރެއަށް ވައްދަން އުޅެ ނުވަތަ ޖަލުން ބޭރަށް ނެރެން އުޅެ ނުވަތަ ޖަލުގެ ތެރެއަށް ވެއްދުމަށް ނުވަތަ ޖަލުން ބޭރަށް ނެރުމަށް ހުއްދަކޮށް، ނުވަތަ އެފަދަ ކަމަކަށް މަގުފަހިކޮށްދިނުން؛

(ވ) އޮފިސަރަކަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ދޮގު މައުލޫމާތު ދިނުން؛

(މ) ގައިދީއަކު ފިލުމުގައި އެހީތެރިވުން ނުވަތަ އެމީހެއްގެ އިހުމާލުން ގައިދީއަކު ފިލަން މެދުވެރިވުން؛

(ފ) ގައިދީއަކާމެދު މާރާމާރީ ހިންގުމާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޫންގޮތަކަށް އެއްވެސް ގައިދީއެއްގެ ގަޔަށް އަތްލުން؛

(ދ) އެއްވެސް މުވައްޒަފެއް ނުވަތަ ގައިދީއަކާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލެއް ހިންގުން.

 

33   ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތަކުގެ އަދަބު

މި ގާނޫނުގެ އެހެން މާއްދާތަކާ ތައާރުޒުނުވާ ގޮތުގެމަތިން އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ ޑިސިޕްލިނަރީ ކުށްތަކަށް އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ އަދަބުތަކެއް ދެވިދާނެއެވެ.

(ހ) ނަސޭހަތްދިނުން؛

(ށ) އިންޒާރުދިނުން؛

(ނ) 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޑިއުޓީ އިތުރުކުރުން؛

(ރ) އޮފިސަރުގެ މުސާރައިގެ ތެރެއިން ގިނަވެގެން 1 (އެކެއް) މަހުގެ މުސާރައިގެ ދެބައިކުޅަ އެއްބައި ކެނޑުން؛

(ބ) މަގާމު ދަށްކުރުން؛

(ޅ) ސަސްޕެންޑްކުރުން؛

(ކ) ގެއްލުމުގެ ބަދަލުދޭން އެންގުން؛

(އ) ވަޒީފާއިން ވަކިކުރުން.

 

34   ވަނަ މާއްދާ – ޑިސިޕްލިނަރީ ކުށަށް ފިޔަވަޅު އެޅުން

(ހ) އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ކުށެއް ކުރިކަމަށް ބެލެވޭ ހާލަތުގައި، އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިދޭންވާނެއެވެ. އަދި އެފަދަ މައްސަލައެއް ނިންމަންވާނީ އޭނާގެ ފަރާތުން ހުށަހަޅާ ލިޔުންތަކާއި އެ މައްސަލައިގައި ލިބެންހުރި އެންމެހައި މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

(ށ) އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ކުށެއް ކުރިކަމަށް ބެލެވޭ ހާލަތުގައި، އަންނަނިވި މައުލޫމާތުތައް ލިޔުމުން އެ އޮފިސަރަށް ނުވަތަ އެ މުވައްޒަފަށް އަންގަންވާނެއެވެ.

  1. އޮފިސަރު ނުވަތަ މުވައްޒަފު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން؛
  2. ކަމާ ގުޅޭގޮތުން ގަވާއިދުން ދިނުމަށް ހަމަޖެހިފައިވާ މައުލޫމާތު.

(ނ) ޑިސިޕްލިނަރީ ކުށަކާބެހޭ ގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަން ނިންމި ގޮތާމެދު އޮފިސަރު ނުވަތަ މުވައްޒަފު ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ބަލައިދިނުން އެދި 14 (ސާދަ) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެއެވެ.

 

35   ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތަކަށް އަދަބު ދެވޭނެ ގޮތް

(ހ) ޑިސިޕްލިނަރީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވިފައިވާ އޮފިސަރު ނުވަތަ މުވައްޒަފު އޭނާގެ ދިފާއުގައި ހުށަހަޅާ ހުށަހެޅުންތަކާއި އެ މައްސަލައާގުޅޭ އެހެނިހެން މައުލޫމާތުތަކާއި ބަޔާންތަކަށް ރިއާޔަތްކުރުމަށްފަހު، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އެ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ އަދަބު ދިނުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަދަބުތައް ދެވޭނީ ޑިސިޕްލިނަރީ ބޯޑުގެ މަށްވަރާގެ މަތިން މިނިސްޓަރަށެވެ.

(ނ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަދަބުތައް ދިނުމުގައި އެއް އަދަބަށްވުރެ ގިނަ އަދަބު އެއްފަހަރާ ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. ނަމަވެސް، އެފަދައިން އަދަބު ކަނޑައެޅުމުގައިވެސް، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

 

36   ވަނަ މާއްދާ - ތަމްރީނު ދިނުމާއި މީހުން ބިނާ ކުރުން

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނު ލިބިދޭންވާނެއެވެ.

 

37   ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެންމެހައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމަށް ކަނޑައަޅާނީ މިނިސްޓަރެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމުގެ އެންމެހައި ކަންތައް ހިންގައި، ބަލަހައްޓައި އަދި އެކަންކަމާ ބެހޭގޮތުން މިނިސްޓަރަށް ލަފާދޭނެ 7 (ހަތެއް) މެންބަރުންގެ ކޮމިޓީއެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މިނިސްޓަރު އެކުލަވާލަންވާނެއެވެ.

 

38   ވަނަ މާއްދާ - ޔުނީފޯމާއި ށަރަފުގެ ނިށާން ހުއްދަނެތި ބޭނުންކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން މެނުވީ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެމީހަކު ނުވަތަ އެބަޔަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

(ހ) ޖަލު އޮފިސަރުން ބޭނުން ކުރުމަށް ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް އުފެއްދުން، ވިއްކުން، ބޭނުންކުރުން، ނުވަތަ ބޭނުންކުރުމުގެ ހުއްދަނެތް މީހަކަށް ދިނުން.

(ށ) ޖަލު އޮފިސަރުން ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް ނުވަތަ އެފަދަ އެއްޗެއްގެ ނަކަލެއް މީހަކު ނުވަތަ ބަޔަކު އުފެއްދުން ނުވަތަ ބޭނުންކުރުން.

 

39  ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމާއި އިސްތިއުފާ ދިނުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިކުރާ މީހުން ފިޔަވައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ގާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުން ށަރަފުވެރިކަމާއިއެކު ވަޒީފާއިން ވަކިވި މީހެއްކަމަށް ކަނޑައެޅޭނެއެވެ.

(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ރިޓަޔަރ ކުރެވޭނެ، އަންނަނިވި ގޮތްތައް ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެއެވެ.

  1. ރޭންކަށް ކަނޑައެޅިފައިވާ އުމުރު
  2. ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި
  3. ސިއްހީ ހާލަތު
  4. އަމިއްލައަށް އެދުން.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިވާ މީހުންނަށް ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހާއްސަ އިނާޔަތާއި އިމްތިޔާޒް ލިބިދެވޭނެއެވެ.

(ރ)   މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާ އަދާކުރެވޭނެ އެންމެ ދޮށީ އުމުރަކީ 65 (ފަސްދޮޅަސް ފަހެއް) އަހަރެވެ. މި މާއްދާއަށް އަމަލުކުރަން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަސް ވުމުންނެވެ.

(ބ) ކޮމިށަނަރ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް މިނިސްޓަރަށް ލިޔުމެއް ފޮނުވަން ވާނެއެވެ. އެހެނިހެން ރޭންކުތަކުގެ މުވައްޒަފުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ލިޔުމަކުން ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.

(ޅ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވިފައިވަނީ މި ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައިނަމަ މި މާއްދާގެ (ނ) ގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް އެމީހަކަށް ނުލިބޭނެއެވެ.

 

40  ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

ވަޒީފާއަށް ފިލައިގެން ނުވަތަ އަހްލާގީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، އެމީހަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރާއި ބާރު މި ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރަށް ލިބިގެންވެއެވެ.

 

41  ވަނަ މާއްދާ - ވަޒީފާއަށް ފިލުން

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާން އުޅެފިނަމަ، އެމީހަކަށް މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އަދަބު ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ފިލިކަމަށް ބެލެވޭނީ،  މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެމީހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެމީހަކާ ހަވާލުކޮށްފައިވާ ޑިއުޓީ ހުއްދަނެތި ދޫކޮށް ދިއުމުން، ނުވަތަ ހުއްދަ ނުހޯދާ 14 (ސާދަ) ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުމުން، ނުވަތަ ކުއްލި ހާލަތެއްގައި، އެމީހަކުގެ މައްޗަށް ހުރި ވެރިއަކު ކުރާ އަމުރަކާ ހިލާފަށް ވަޒީފާއަށް ނުނިކުމެ ހުރުމުން، ނުވަތަ ނުކުތުމަށް ދެކޮޅު ހެދުމުން، ނުވަތަ ގައިދީން ބެލެހެއްޓުމުގައި ހިންގާ ހާއްސަ އޮޕަރޭށަނަލް ހާލަތެއްގައި އެކަން އެނގި ހުރެ ފިލުމުން ނުވަތަ އަޅާނުލާ ހުރުމުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއަށް ފިލައިގެން ދިއުމަށް ބާރުއަޅައި ނުވަތަ ހިތްވަރުދީ ނުވަތަ އެހީތެރިވެއްޖެ ކޮންމެ މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

 

42  ވަނަ މާއްދާ - ހިދުމަތުގައި އުޅެނިކޮށް ލިބޭ އަނިޔާ

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ހިދުމަތުގައި އުޅެނިކޮށް އަނިޔާ ލިބިއްޖެނަމަ ނުވަތަ ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކަށް ހައްގު ބަދަލު ލިބިދެވޭނެއެވެ.

 

43  ވަނަ މާއްދާ - ވެލްފެއަރ ފަންޑު

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންގެ ވެލްފެއަރގެ ކަންތައް ރަނގަޅުކުރުމަށްޓަކައި ވެލްފެއަރ ފަންޑެއް އުފައްދައި އެ ފަންޑުން މުވައްޒަފުންގެ ވެލްފެއަރ ކަންތަކަށް ހޭދަކުރުމުގެ ހުއްދަ މިނިސްޓަރަށް ދެވިދާނެއެވެ.

(ށ) މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މި މާއްދާގެ (ހ) ގެ ދަށުން ވެލްފެއަރ ފަންޑު އުފައްދައި ހިންގުން ކޮމިށަނަރ އޮފް ޕްރިޒަންސްއާ ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެލްފެއަރ ފަންޑު ކުރިއަރުވައި، އިތުރަށް ތަރައްގީކުރުމަށްޓަކައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށާއި، އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ށަރަފުވެރިކަމާއެކު ވަކިވާ މީހުންނަށް އަމާޒުކޮށްގެން ކޯޕަރޭޓިވް އުސޫލުން ވިޔަފާރިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ ވިޔަފާރިކުރުމަށްޓަކައި އުފައްދަންޖެހޭ ގާނޫނީ ށަހްސު، ޖަމްއިއްޔާ ނުވަތަ ޖަމާއަތްތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އުފެއްދުމަށް، އެކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން، ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

44  ވަނަ މާއްދާ - ޖަލު އޮފިސަރުންގެ ހުވައި

(ހ) މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެދުމާއެކު، ޖަލު އޮފިސަރުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރުގޮތެއްގައި އުފުލުމަށްޓަކައި، މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ހުވައި ހުރިހާ އޮފިސަރުން ކުރަންޖެހޭނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެދި އެސަރވިސްގެ ވަޒީފާ ދެވޭ ކޮންމެ އޮފިސަރަކު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރުންގެ ހުވައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުރަންވާނެއެވެ.

(ނ) އޮފިސަރުންގެ ހުވައިގެ މަތީ ދެމިތިބުމަކީ ކޮންމެ އޮފިސަރަކަށް ވާޖިބު ކަމެކެވެ.

 

45  ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑު

(ހ) ގައިދީންނާއި އޮފިސަރުން ކުރާ ކުށްތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕްލިނަރީ ބޯޑެއް މިނިސްޓަރު އައްޔަނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑުގެ މަސައްކަތަކަށްވާނީ، ޖަލު އޮފިސަރުން ކުރާ ޑިސިޕްލިނަރީ ކުށްތައް ބަލައި ފިޔަވަޅު އެޅުމުގައި ކޮމިށަނަރަށް ލަފާދިނުމާއި، ގައިދީން ކުރާ ޖަލު ކުށްތަކާގުޅޭ މައްސަލަތައް ބެލުމެވެ.

(ނ) ޑިސިޕްލިނަރީ ބޯޑުން މައްސަލައެއް ބެލުމުގައި އެމީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އެއްވެސް ފަރާތެއްގެ އިރުށާދަކަށް ނުވަތަ ނުފޫޒަކަށް ނުލެނބި، މިނިވަންކަމާއެކު އެއްވެސް ފަރާތަކަށް ބުރަނުވާ ހާލަތުގައެވެ.

(ރ) ޑިސިޕްލިނަރީ ބޯޑުން އެ ބޯޑަށް ހުށަހެޅޭ މައްސަލައެއް ބަލަމުންދާ ދިއުމުގައި އެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާއަށް އަނގަބަހުން ކަންކަން ހުށަހެޅުމާއި މައްސަލައާގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

(ބ) ޑިސިޕްލިނަރީ ބޯޑުން އެ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބަލަމުންދާ ދިއުމުގައި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް އޭނާގެ ފަރާތުން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށާއި ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އޭނާ ކަނޑައަޅާ މީހަކު އައްޔަނުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

 

46  ވަނަ މާއްދާ - ކުއްލި ހާލަތުގައި ފުލުހުންނާއި ސިފައިންގެ އެހީ ހޯދުން

(ހ) ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެހީތެރިވުމުގެ ގޮތުން، ކޮމިށަނަރުގެ ހުއްދައާއެކު ޖަލުގައި ތިބޭ އޮފިސަރުންގެ ވާޖިބުތައް އަދާކުރުމަށް ފުލުހުންގެ ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދިދާނެއެވެ. އެގޮތުން ފުލުހުންގެ ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދައިފިނަމަ މި ގާނޫނުގެ ދަށުން އޮފިސަރުންނަށް ލިބިދޭ އެންމެހައި ބާރުތައް އެފަރާތްތަކަށް ލިބިގެންވެއެވެ.

(ށ) ޖަލުގައި ކުއްލި ހާލަތެއް ދިމާވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމާއި އަދި އެހީތެރިކަން ލިބިގަތުމާބެހޭ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ އެކުލަވާލަންވާނެއެވެ. މި ގަވާއިދުގައި ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދޭނެ ހާލަތްތަކާއި ގޮތްތަކާއި އަދި މިފަދަ އެހީތެރިކަން ލިބިގަތުމުގައި ކަންކުރާނެ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

ފަސްވަނަ ބާބު

ޖަލުގައި މީހުން ބަންދުކުރުން

47  ވަނަ މާއްދާ - ޖަލުގައި މީހުން ބަންދުކުރުމުގެ އުސޫލު

(ހ) ޖަލުގައި މީހުން ބަންދުކުރުމުގައި ގެންގުޅެންވާނެ އުސޫލަކީ ބަންދުވުން ފިޔަވައި އިތުރު އަދަބެއް އެމީހުންނަށް ނުދިނުމާއި އެމީހުންނަށް ލިބިދޭންޖެހޭ އެހެން އަސާސީ ހައްގެއް ނިގުޅައިނުގަތުމެވެ.

(ށ) ޖަލުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމާއި ގައިދީން އިސްލާހުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ގައިދީންގެ އަސާސީ ހައްގެއް ނުވަތަ އެއިން ބައެއް ހިފެހެއްޓުމާއި، ޖަލުގައި ގައިދީއަކު ހިންގާ އަމަލަކާ ގުޅިގެން ގަވާއިދުގައި ނުވަތަ ޖަލު އަމުރުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅެއް އެޅުމަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.

 

48  ވަނަ މާއްދާ - ބަންދުކުރުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަން

އެއްވެސް މީހަކު ޖަލުގައި ބަންދުކުރުމުގެ ކުރިން، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) ބަންދުކުރެވޭ މީހަކީ ކާކުކަން؛

(ށ) އެމީހަކީ، އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައިނުވާ މީހެއްނަމަ، އެމީހަކު ބަންދުކުރެވެނީ ކޮން ގާނޫނެއްގެ ދަށުންތޯއާއި އެ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިންތޯ؛

(ނ) އެމީހަކީ، އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައިވާ މީހެއްނަމަ، އެމީހަކު ބަންދުކުރުމަށް ކޯޓުން ހުކުމް ކޮށްފައިވޭތޯ.

 

49  ވަނަ މާއްދާ - ބަންދުކުރުމުގެ އިޖުރާއަތު

ޖަލުގައި ބަންދުކުރުމަށް ގެނެވޭ ކޮންމެ ގައިދީއަކާ ގުޅިގެން ތިރީގައިވާ ކަންކަން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފުރިހަމަކުރަންވާނެއެވެ.

(ހ) އެމީހާ ބަންދުކުރުމާބެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން؛

(ށ) އެމީހަކު ބަލައި ފާސްކޮށް، އެމީހެއްގެ އަތުގައި ޖަލަށް އެތެރެނުކުރެވޭނެ އެއްޗެއް ހުރިތޯ ބެލުމާއި، އެފަދަ އެއްޗެއް ހުރިނަމަ އަތުލުން؛ މިގޮތުން އަތުލެވޭ ތަކެއްޗާމެދު އަމަލުކުރެވޭ ގޮތުގެ ގަވާއިދެއް ހެދިފައި އޮންނަންވާނެއެވެ.

(ނ) އެމީހެއްގެ ސަލާމަތީ ގިންތި ކަނޑައެޅުން؛

(ރ) މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓް ފުރިހަމަކުރުން؛

(ބ) ޖަލުގައި ހުންނަ ދުވަސްތަކުގައި އެމީހަކު ކުރާނެ މަސައްކަތާއި ކުރަންޖެހޭ އެނޫންވެސް ކަންކަން ބަޔާންކުރާ ޕްރޮގްރާމް ކަނޑައެޅުން؛

(ޅ) ޖަލުގައި އުޅެންވާ ގޮތާއި ޖަލުން ލިބޭނެ ހިދުމަތްތަކުގެ މައުލޫމާތު ދީ އަހުލުވެރިކުރުވުން.

 

50  ވަނަ މާއްދާ - ގައިދީންގެ މެޑިކަލް އެސެސްމަންޓް ހެދުން

(ހ) ކޮންމެ ގައިދީއަކުވެސް ޖަލުގައި ބަންދުކުރުމުގެ ކުރިން މެޑިކަލް އޮފިސަރު ނުވަތަ އޭނާ ކަނޑައަޅާ ނަރުހެއް އެ ގައިދީއެއްގެ މެޑިކަލް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމަންޓް ހަދަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމަށްޓަކައެވެ.

  1. ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ
  2. އެމީހަކަށް ބޭނުންވަނީ ކޮންކަހަލަ ފަރުވާއެއްތޯ ދެނެގަތުމަށާއި؛
  3. ގައިން ގަޔަށް އަރާ ބައްޔެއް އެމީހެއްގައި ހުރުމުގެ ސަބަބުން އޭނާ އެކަހެރި ކުރުން މުހިންމުތޯ
  4. ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމުގެ ސަބަބުން ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއް ހުރިތޯ ބެލުމަށާއި؛
  5. އެމީހަކު މަސައްކަތްކުރުމަށް ޖިސްމާނީ ގޮތުން ތަންދޭތޯ ބެލުމަށެވެ.

 

51  ވަނަ މާއްދާ - އަންހެނުންނާއި ފިރިހެނުން ވަކިން ބޭތިއްބުން

ޖަލުގައި ބަންދުކުރެވޭ އަންހެނުންނާއި ފިރިހެނުން ބައިތިއްބަންވާނީ ވަކިންނެވެ.

 

52  ވަނަ މާއްދާ - ތުއްތުކުދިން ބަލަންޖެހޭ މައިން

(ހ) ޖަލުގައި ބަންދުކުރެވޭ އަންހެނެއްގެ 2 (ދޭއް) އަހަރު ނުފުރޭ ކުއްޖަކު ހުރެފައި، އަދި އެކުއްޖާއަށް ގާތުން ކިރުދޭނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކުއްޖާ އޭނާގެ މަންމަގެ ގާތުގައި ބަހައްޓަންވާނެއެވެ. މިގޮތުން ބެހެއްޓޭނީ ކުއްޖާގެ އުމުރުން 2 (ދޭއް) އަހަރު ވަންދެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގާތުގައި ދަރިން ގެންގުޅޭ އަންހެނުން ބައިތިއްބާނެ ތަނަކާއި، އެކުދިންނަށް ލިބެންޖެހޭ ސިއްހީ ފަރުވާއާއި ކެއުން ބުއިމުގެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ނ) މި ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބުނާފަދަ 6 (ހައެއް) މަސް ނުފުރޭ ކުއްޖާއަށް ގާތުން ކިރުދީ އެކުއްޖާއަށް 6 (ހައެއް) މަސް ފުރެންދެން ކުއްޖާގެ ގާތުގައި ޖަލުން ބޭރުގައި ހުރުމަށް މި ގާނޫނުގެ 108 ވަނަ މާއްދާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ގައިދީ ނުވަތަ ބަންދުގައިވާ މީހާ އަމަލުކުރާނީ މި ގާނޫނުގެ 109 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. 

 

53  ވަނަ މާއްދާ - ގައިދީންގެ މައުލޫމާތު ބެލެހެއްޓުން

(ހ) ކޮންމެ ޖަލެއްގައިވެސް އެ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންގެ ރަޖިސްޓަރީއެއް ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓަރީގެ އިތުރުން، އެ ޖަލެއްގައި ބަންދުކޮށްފައިވާ ކޮންމެ ގައިދީއަކާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު އެކުލެވޭ ފައިލެއް ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ.

  1. ބަންދުކުރެވޭ މީހަކީ
  2. ބަންދުކުރެވިފައިވާ ސަބަބާއި، މުއްދަތު އަދި އެކަމަށް އަމުރުކުރި ފަރާތް؛
  3. ބަންދުކުރެވުނު ތާރީހާއި
  4. އެމީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ؛
  5. އެމީހަކު ޖަލުގައި ބަންދުކުރެވުނުއިރު ހުރި ސިއްހީ ހާލަތު؛
  6. އެމީހެއްގެ މެޑިކަލް ހިސްޓްރީ؛
  7. އެމީހެއްގެ ކުރީގެ ކުށުގެ ރެކޯޑު؛
  8. އެމީހަކަށް ކަނޑައެޅިފައިވާ
  9. އެމީހަކީ ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ މީހެއްނަމަ އެކަން އަދި ޕެރޯލަށް ހުށަހަޅަންޖެހޭ
  10. ޖަލުން ދޫކޮށްލެވޭނެ
  11. ކުއްލި ހާލަތެއްގައި ގުޅާނެ ރާއްޖޭގައި ހުރި އެމީހެއްގެ ޒިންމާދާރު ބަލަދުވެރިއަކާބެހޭ މައުލޫމާތު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގައިދީންގެ ފައިލުގެ މާސްޓަރ ކޮޕީ އޮންނަންވާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މައި އިދާރާގައެވެ. ޖަލުގައި އޮންނަންވާނީ ކޮޕީއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގައިދީންގެ ފައިލުގައި ހިމެނުމަށް އެ މާއްދާގައި ބަޔާންކުރާ މައުލޫމާތުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެގޮތުން ގެންނަ ބަދަލުތައް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މައި އިދާރާއަށް ފޮނުވުމަކީ ޑައިރެކްޓަރ އޮފް ޕްރިޒަންގެ ޒިންމާއެކެވެ.

 

54  ވަނަ މާއްދާ - ބަންދުކުރާއިރު ގައިދީންގެ އަތުގައި ހުންނަ މުދާ

(ހ) މީހަކު ޖަލުގައި ބަންދުކުރެވޭ ހިނދު، އޭނާގެ އަތުގައި އޭނާގެ އެއްވެސް އަމިއްލަ މިލްކިއްޔާތެއްވާނަމަ، އެ އެއްޗެއް އޭނާ ކަނޑައަޅާ އޭނާގެ ޒިންމާދާރު ބަލަދުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހަވާލުކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފިނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކު ތަކެއްޗާ ހަވާލުނުވެއްޖެނަމަ، އެމީހަކު ހުކުމް ތަންފީޒުކޮށް ނިމުމުން، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ބެލުމުގެ ދަށުން އެތަކެތި އޭނާއާއި ހަވާލުކުރަންވާނެއެވެ. ގިނަ ދުވަހަށް ނުބެހެއްޓޭ ހަލާކުވެ ނެތިދާފަދަ އެއްޗެއްވާނަމަ، އެކަމާގުޅޭ ގަވާއިދެއްގެ ދަށުން ނައްތާލެވޭނެއެވެ.

(ށ) މީހަކު ޖަލުގައި ބަންދުކުރެވޭ ހިނދު، އޭނާގެ އަތުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއްވާނަމަ، އެ އެއްޗެއް، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ނައްތާލެވޭނެއެވެ.

 

55  ވަނަ މާއްދާ - ގައިދީން ތަންތަނަށް ގެންގޮސް ގެނެސް ހެދުން

(ހ) ގައިދީން އެއް ތަނުން އަނެއް ތަނަށް ގެންގޮސް ގެނެސް ހަދަންވާނީ ގައިދީންނަށް ފިލައިގެން ނުދެވޭނެ ގޮތެއްގެމަތިންނެވެ.

(ށ) ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ނުވަތަ ގެންދާ ފަރާތެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ގައިދީއަކު ފިލައިފިނަމަ، އެކަމާ އިހުމާލުވާ ފަރާތަކާމެދު ޑައިރެކްޓަރ އޮފް ޕްރިޒަން، މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނެއެވެ.

(ނ) ގައިދީން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރާ އުޅަނދު ހުންނަންވާނީ އިންސްޕެކްޓަރ ކަނޑައަޅާ މިންގަނޑަކަށް ވައި ދައުރުވާނެ ފަދައިން ރައްކާތެރިކަމާއެކު ތައްޔާރުކުރެވިފައިކަން ޑައިރެކްޓަރ އޮފް ޕްރިޒަން ކަށަވަރުކުރަންވާނެއެވެ.

 

56  ވަނަ މާއްދާ - ގައިދީންނަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން

(ހ) ޖަލުގައި ބަންދުކުރެވޭ ކޮންމެ މީހަކުވެސް އެމީހަކު ޖަލުގައި ބަންދުކުރާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން އެމީހަކަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅައި، އެގޮތުން ކަނޑައެޅޭ ސަލާމަތީ ގިންތީގެ ދަރަޖައާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކު ޖަލުގައި ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ހަމަޖައްސަންވާނެއެވެ.
(ށ) ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާނީ އެމީހަކު ޖަލުގައި ނުވަތަ ޖަލުގެ ބައެއްގައި ބެހެއްޓުމުގައި އެމީހަކު ބަލަހައްޓާނެ މިންވަރަކާއި އަދި އެމީހަކު ބަންދުގައި ބަހައްޓާނެ ޖަލުގެ ސަރަހައްދެއް ކަނޑައެޅުމަށްޓަކައެވެ.
(ނ) ޖަލުގައި ބަންދުކުރެވޭ މީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުމުގައި، އެމީހެއްގެ ފަރާތުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބިދާނެ ގެއްލުމަކަށާއި، އެމީހެއްގެ ފަރާތުން ޖަލުގައި ބަންދުކޮށްފައި ތިބޭ އެހެން މީހުންނަށް ލިބިދާނެ ގެއްލުމަކަށާއި އަދި ޖަލުގައި ތިބި އެހެން މީހުންގެ ފަރާތުން އެމީހަކަށް ލިބިދާނެ ގެއްލުމުގެ މައްޗަށް ރިއާޔަތްކުރަންވާނެއެވެ. އަދި އެމީހާ އަމިއްލަ ނަފްސަށް ދީފާނެ ގެއްލުމަކަށްވެސް ބެލެންވާނެއެވެ.
ގައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެމީހަކު ކުރި ކުށުގެ ބާވަތާއި ކުށުގެ ކުޑަ ބޮޑުމިން؛
  2. ކުރީގެ ކުށުގެ ރެކޯޑެއްވާނަމަ، އެ ރެކޯޑު؛
  3. އޭނާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތް؛
  4. އޭނާގެ އުމުރު؛
  5. އޭނާގެ މައްޗަށް އެހެން ކުށަކާ ގުޅިގެން ދައުވާއެއް އުފުލިފައިވާނަމަ އެކަން؛
  6. ކުރިން ޖަލުގައި ބަންދުކޮށްފައިވާނަމަ، ޖަލުގައި ހޭދަކުރި މުއްދަތުގައި އޭނާގެ އަމަލުތައް ހުރި ގޮތް؛
  7. ކުރިން ޖަލުން ފިލާފައިވާނަމަ ނުވަތަ ފިލަން މަސައްކަތްކޮށްފައިވާނަމަ އެކަން؛
  8. ކުރިން ސަލާމަތީ ގިންތިއެއް ކަނޑައެޅުމަށްފަހު އެ ގިންތި ބަދަލުކޮށްފައިވާނަމަ އެކަން؛
  9. އޭނާގެ ފަރާތުން އެހެން ގައިދީންނަށް ނުރައްކާވެދާނެ މިންވަރު؛
  10. އޭނާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާއާ ތިމާގެ ނުވަތަ ގުޅުންހުރި މީހަކު އެ ޖަލުގައިވާނަމަ، އެކަން.

(ބ) އެމީހެއްގެ ފަރާތުން ނުރައްކާވެދާނެ މިންވަރަށް ބަލައި، އެމީހަކަށް ކަނޑައަޅަންވާނީ ސަލާމަތީ ގިންތީގެ ގޮތުން ކަނޑައެޅެން އޮތް އެންމެ ދަށު ދަރަޖައެވެ.

 

57   ވަނަ މާއްދާ - ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅިކަން ނުވަތަ މުރާޖައާކުރިކަން އެންގުން

(ހ) އެއްވެސް ގައިދީއަކަށް ސަލާމަތީ ގިންތީގެ ދަރަޖައެއް ކަނޑައަޅައިފިނަމަ ނުވަތަ ކަނޑައަޅާފައިވާ ދަރަޖަ މުރާޖައާކޮށްފިނަމަ، އެފަދައިން ކަނޑައެޅި ނުވަތަ މުރާޖައާކުރި ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް، އެކަން ލިޔުމަކުން އެމީހަކަށް އަންގަންވާނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ މި މާއްދާގެ (ހ) އަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

  1. ގައުމީ
  2. ޖަލުގައި ކުށްކުރުމާއި ހަމަނުޖެހުން
  3. ތިންވަނަ ފަރާތެއް ހިމާޔަތްކުރުމަށް.

 

58  ވަނަ މާއްދާ - ސަލާމަތީ ގިންތީގެ ދަރަޖަތައް މުރާޖައާކުރުން

(ހ) ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީން ފިޔަވައި، އެހެން ގައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ އެންމެ މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު މުރާޖައާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީންގެ ތެރެއިން ވަކި ގައިދީއެއްގެ އަމަލުތައް ހުންނަ ގޮތުން، އޭނާއަށް ކަނޑައަޅާފައިވާ ސަލާމަތީ ގިންތީގެ ދަރަޖަ މުރާޖައާކުރަންޖެހޭ ކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ، އޭނާގެ ސަލާމަތީ ގިންތީގެ ދަރަޖަ މުރާޖައާކުރަންވާނެއެވެ.

(ނ) ގައިދީއެއް ކުރާ ކަމެއްގެ ސަބަބުން ނުވަތަ އޭނާގެ އަހްލާގީ މިންގަނޑު ހުރި ގޮތުގެ ސަބަބުން، އެމީހެއްގެ ސަލާމަތީ ގިންތި މައްޗަށް ޖައްސަންޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ، އެމީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ ލަސްނުކޮށް މުރާޖައާކޮށް، އެމީހެއްގެ ސަލާމަތީ ގިންތިއަށް ގެންނަންޖެހޭ ބަދަލު ގެންނަންވާނެއެވެ.

 

59  ވަނަ މާއްދާ - ހުކުމް ތަންފީޒުކުރާނެ ގޮތުގެ ޕްރޮގްރާމް

ހުކުމް ތަންފީޒުކުރާނެ ގޮތުގެ ޕްރޮގްރާމް (ހ) ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ގެނެވޭ މީހަކަށް ސަލާމަތީ ގިންތި ކަނޑައެޅުމާއެކު އޭނާގެ ހުކުމް ތަންފީޒުކުރުމުގައި ކަންކުރާނެ ގޮތެއް ނުވަތަ ޕްރޮގްރާމެއް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ޕްރޮގްރާމްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެމީހަކަށް ހާއްސަ އެހީއެއް ބޭނުންވާނަމަ އެކަމުގެ
  2. އެމީހަކަށް ބޭސްފަރުވާއެއް ބޭނުންވާނަމަ އެކަމުގެ
  3. އެމީހަކު އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ފުރިހަމަ ކުރާނެ
  4. ޖަލުގައި އެމީހަކު ބައިވެރިވާނެ ޕްރޮގްރާމްތައް އަދި ކުރާނެ މަސައްކަތް.

 

60   ވަނަ މާއްދާ - ބަންދުގެ މުއްދަތު ގުނުން

(ހ) ޖަލުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު ގުނަންވާނީ ބަންދުކުރެވުނު ދުވަސް ނުވަތަ އޭނާގެ މައްޗަށް ހުކުމްކުރެވުނު ދުވަސް ހިމަނައިގެންނެވެ.

(ށ) ބަންދުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ދުވަސް ވާންވާނީ އޭނާ ޖަލުން ދޫކޮށްލެވޭނެ ދުވަސް ކަމުގައެވެ.

(ނ) ކޯޓުން އެހެންގޮތަކަށް އަމުރުކޮށްފައިނުވާނަމަ، އެއް ކުށަށްވުރެ ގިނަ ކުށަށް ހުކުމްކުރެވިފައިވާ މީހުންގެ ބަންދުގެ މުއްދަތު ގުނާނީ އެންމެ ބަރު ހުކުމުން ފަށައިގެން ހުރިހާ ހުކުމްތައް ތަރުތީބުން، މެދުކެނޑުމެއްނެތިއެވެ.

 

ހަވަނަ ބާބު

ޖަލުގައި ކަން ހުންނަންވާނެ ގޮތާއި ގައިދީންނަށް ލިބިދެވޭ ހިދުމަތްތައް

61  ވަނަ މާއްދާ - ގައިދީން ތިބޭ ތަންތަން ހުންނަންވާނެ ގޮތުގެ އަސާސީ މިންގަނޑުތައް

ޖަލުގައި ގައިދީން ތިބޭ ތަންތަނުގައާއި އެމީހުން މަސައްކަތްކުރާ ތަންތަނުގައި ތިރީގައިވާ އަސާސީ މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.

 

(ހ) ގައިދީން ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަނުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށް އަލި ވަދެ، ވައި ދައުރުވާ ގޮތަށް ހުރުން؛

(ށ) ފެންވަރައި ތާހިރުވެވޭނެ ގޮތަކަށް ފެނާއި ފާހާނާގެ އިންތިޒާމް އަދި ބޯކޮށައި ފިރިހެން ގައިދީން ތުނބުޅި ބޭލުމުގެ އިންތިޒާމް ހަމަޖެހިފައިވުން؛

(ނ) ނިދުމާއި ނިދަން ބޭނުންވާނެ ތަކެތީގެ އިންތިޒާމް.

 

62  ވަނަ މާއްދާ - ގައިދީންގެ އަސާސީ ހިދުމަތްތައް

ގައިދީން ޖަލުގައި ތިބޭ މުއްދަތުގައި އެ މީހުންނަށް ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ލިބެން ހުންނަންވާނެއެވެ.

(ހ) ނަމާދުކޮށް، ގުރުއާން ކިޔަވައި، ރޯދަހިފުމުގެ އިންތިޒާމް؛

(ށ) ކެއުމާއި ބުއިމުގެ އިންތިޒާމް؛

(ނ) ބޭސްފަރުވާކުރުމުގެ އިންތިޒާމް؛

(ރ) މަސައްކަތްކޮށް، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް؛

(ބ) މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމް؛

(ޅ) ގައިދީންގެ ޔުނީފޯމް ނުވަތަ އެނޫންވެސް އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމް؛

(ކ) އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ އިންތިޒާމް؛

(އ) މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސިޓީލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ލިބެން ހުރުން.

 

63  ވަނަ މާއްދާ - ޖަލުތަކާއި މީހުން ބަންދުކުރާ އެނޫން ތަންތަން ހުންނަންވީ ގޮތް ކަނޑައެޅުން

(ހ) ޖަލުތަކުގައި ކަންކަން ހުންނަންވާނެ ގޮތާއި އަދި އެތަންތަނުގައި ކަންކުރަންވީ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ 61 ވަނަ މާއްދާއާއި 62 ވަނަ މާއްދާއާ ހިލާފުނުވާނެ ގޮތެއްގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ޖަލުތައް އިމާރާތްކުރެވިފައި ހުންނަންވާނެ ގޮތާއި، އެތަންތަނަށް ގުދުރަތީ އައްޔާއި ސާފުވައި ވަންނަންވާނެ މިންވަރާއި، ކަރަންޓާއި ފެނާއި ފާހާނާގެ ހިދުމަތާބެހޭ މިންގަނޑުތައް؛
  2. ޖަލުތަކުގައި މީހުން ބެލެހެއްޓުމާއި މީހުންނާމެދު ކަންކުރަންވާ ގޮތުގެ އުސޫލުތަކާއި ބަންދުކުރެވޭ ކޮންމެ މީހަކަށްމެ އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އެނޫންވެސް ހިދުމަތުގެ މިންގަނޑުތައް؛
  3. ޖަލުގައި މީހުންނަށް ދެވޭ ކާނާއާއި ސިއްހީ ފަރުވާގެ މިންގަނޑުތައް.

 

64  ވަނަ މާއްދާ – ކާނާ

(ހ) ގައިދީންގެ ކާބޯތަކެއްޗަކީ އޮއްޓަރުގެ ގޮތުންނާއި ސިއްހީގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ތަކެއްޗަށް ވާންޖެހޭނެއެވެ.

(ށ) ވަކި ގައިދީއަކީ ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ކާއެއްޗެއް ދޭންޖެހޭ ކަމަށް ގަވާއިދެއްގެ ދަށުން ޑޮކްޓަރަކު ލަފާދީފައިވާ މީހެއްނަމަ އެކަން އެގޮތަށް ހަމަޖައްސައިދޭންވާނެއެވެ.

(ނ) ކޮންމެ ގައިދީއަކަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަގުތުން ވަގުތަށް ކާންދޭންވާނެއެވެ.

(ރ) ގައިދީންނަށް ދެވޭ ބޯފެނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ މިންގަނޑަކަށް ހުންނަ ފެނަށް ވާންވާނެއެވެ.

 

65  ވަނަ މާއްދާ – ކަސްރަތު

މި ގާނޫނުގެ ދަށުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މަސައްކަތްނުކުރާ ގައިދީން ދުވާލަކު މަދުވެގެން 1 (އެކެއް) ގަޑިއިރަށް މޫސުން ތަންދޭނަމަ ކަސްރަތުކުރުމަށްޓަކައި އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ.

 

66  ވަނަ މާއްދާ - ހެދުމާއި ޔުނީފޯމް

(ހ) ގައިދީން ވަކި ޔުނީފޯމެއް ލާގޮތަށް ހަމަޖައްސާފައިވާ ޖަލުތަކުގައި ގައިދީން ޔުނީފޯމް ލެއްވުމުގައި އަމަލުކުރާނެ އުސޫލަކާއި ގަވާއިދެއް އެކުލަވާލައި، އެގަވާއިދުގައިވާ ގޮތަށް ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސަންވާނެއެވެ.

(ށ) ގަވާއިދުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ގައިދީއަކު ޖަލުން ނެރޭއިރު އޭނާ ބޭނުންވެއްޖެނަމަ އޭނާއަށް އާދައިގެ ހެދުން ލުމުގެ ފުރުސަތު ދޭންވާނެއެވެ.

 

67  ވަނަ މާއްދާ - ގައިދީންނަށް ދެވޭ އިނާޔަތްތައް

ގައިދީންނަށް ލިބެންޖެހޭ ކަމަށް 62 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ހިދުމަތްތަކުގެ އިތުރުން، އެމީހުންގެ ސުލޫކުގެ މައްޗަށް ބިނާކޮށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އެމީހުންނަށް އިތުރު އިނާޔަތްތައް ދެވޭނެ ނިޒާމެއް ޑައިރެކްޓަރ އޮފް ޕްރިޒަން ގާއިމުކުރަންވާނެއެވެ. މީގެ ތެރޭގައި އަންނަނިވި އިނާޔަތްތައްވެސް ހިމެނިދާނެއެވެ.

(ހ) ގައިދީން ބަންދުކޮށްފައި ތިބޭ ތަނުން ނުކުމެ އެހެން ގައިދީންނާއެކު ވަގުތު ހޭދަކުރެވޭ ގޮތަށް ހަމަޖެއްސުން؛

(ށ) މި ގާނޫނުގެ 85 ވަނަ މާއްދާގެ ދަށުން ބައްދަލުކުރުމުގެ ފުރުސަތު އިތުރުކުރުން؛

(ނ) ގައިދީން ކާވެނި ކުރެވޭނެގޮތް ހަމަޖެއްސުން.

 

ހަތްވަނަ ބާބު

ބޭސްފަރުވާއާއި މެޑިކަލް އެސެސްމަންޓްގެ އިންތިޒާމް

68  ވަނަ މާއްދާ – ބޭސްފަރުވާ

ކޮންމެ ޖަލެއްގައިވެސް ގައިދީންނަށް ސިއްހީ ފަރުވާ ދިނުމަށްޓަކައި އެ ޖަލެއްގެ އާބާދީގެ ނިސްބަތުން މެޑިކަލް އޮފިސަރުންނާއި، ސައިކޭޓްރިކް އޮފިސަރުން ތިބެންވާނެއެވެ. މިގޮތުން ތިބޭ މެޑިކަލް އޮފިސަރުންނަކީ ރާއްޖޭގެ މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވާންވާނެއެވެ.

 

69   ވަނަ މާއްދާ - މެޑިކަލް އޮފިސަރުގެ ޒިންމާ

ތިރީގައި ބަޔާންކޮށްފައި އެވަނީ ޖަލުގެ މެޑިކަލް އޮފިސަރުގެ ޒިންމާއެވެ.

(ހ) ޖަލުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް އެދޭ މީހުންނަށް ފަރުވާކުރުމާއި، ވަކި ގައިދީއަކަށް ޖަލުގައި ދެވެން ނެތް ފަރުވާއެއް ދޭންޖެހޭކަމަށް ފެނިއްޖެނަމަ އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ރިޕޯޓުކުރުން.

(ށ) ސިއްހީ މައްސަލައެއްގެ ސަބަބުން ވަކި ކަހަލަ ކެއުމެއް ބޭނުންވާ ގައިދީންނަށް ދޭންޖެހޭ ކާނާ ކަނޑައެޅުން.

(ނ) ޖަލަށް ގެނެވޭ ކޮންމެ ގައިދީއެއްގެ ސަލާމަތީ ގިންތި ކަނޑައެޅުމަށްޓަކައި އޭނާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތް ދެނެގަތުމަށްފަހު އެސެސްމަންޓް ރިޕޯޓެއް ހެދުން.

 

70   ވަނަ މާއްދާ - ޖަލުގައި ފަރުވާނުދެވޭނެ މީހުން

މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަލުގައި ފަރުވާނުދެވޭނެ ކަމަށް ރިޕޯޓުކުރެވޭ މީހުންނަށް ޖަލުން ބޭރުން ފަރުވާ ލިބޭނެ އިންތިޒާމް ކޮމިށަނަރ ހަމަޖައްސައިދޭންވާނެއެވެ. އަދި އެމީހެއްގެ ސިއްހީ އިންށުއަރެންސް ސްކީމްގެ ދަށުން ނުވަތަ އޭނާގެ އާއިލާގެ މާލީ އެހީތެރިކަމާއެކު ގައިދީއަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ރާއްޖެއިން ލިބެން ނެތް ހާލަތްތަކުގައި، މި ގާނޫނުގެ 110 ވަނަ މާއްދާއާ ތައާރުޒުނުވާނެ ގޮތުގެމަތިން ރާއްޖެއިން ބޭރަށް ދިއުމުގެ އިންތިޒާމް ކޮމިށަނަރ ހަމަޖައްސައިދޭންވާނެއެވެ.

 

71   ވަނަ މާއްދާ - އިއުތިރާޒްކުރޭތޯ ބެލުމާއި އިޒުނަ ހޯދުން

މި ގާނޫނުގެ 69 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ، ގައިދީއެއްގެ މެޑިކަލް އެގްޒެމިނޭށަނެއް ހަދާއިރު ނުވަތަ ގައިދީއަކަށް ސިއްހީ ފަރުވާއެއް ދިނުމުގެ ކުރިން، އެމީހަކަށް އެކަން އަންގައި އޭނާގެ އިއުތިރާޒެއް އޮތްތޯ ބަލަންވާނެއެވެ.

 

72  ވަނަ މާއްދާ - ގައިދީންގެ މެޑިކަލް އެގްޒެމިނޭށަން ހެދުމާއި ފަރުވާ ދިނުމަށް ލިބޭ ބާރު

މެޑިކަލް އެގްޒެމިނޭށަނެއް ހެދުމަށް ނުވަތަ ސިއްހީ ފަރުވާއެއް ލިބިގަތުމަށް ގައިދީއަކު އިޒުނަދީފައި ނުވިޔަސް ނުވަތަ އެއިން ކަމަކަށް އިންކާރު ކުރިޔަސް، އަންނަނިވި ހާލަތްތަކުގައި މެޑިކަލް އޮފިސަރަށް ގައިދީގެ ރުހުމާ ނުލައި، އެކަމަށް ބޭނުންވާ އެންމެ މަދު މިންވަރުގެ ބާރު ބޭނުންކޮށްގެން ގައިދީއަކު އެގްޒެމިންކޮށް އޭނާއަށް ފަރުވާ ދެވިދާނެއެވެ.

(ހ) ޖަލުގައި ބަންދުކުރުމުގެ ކުރިން ހަދަންޖެހޭ މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓް ހެދުމަށް އިންކާރުކުރުން؛ ނުވަތަ

(ށ) މި ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން އަންގާ މެޑިކަލް އެގްޒެމިނޭށަން ހެދުމަށް އިންކާރުކުރުން؛ ނުވަތަ

(ނ) މެޑިކަލް އެގްޒެމިނޭށަނެއް ހެދުމަށް ގައިދީއަކު އިންކާރުކުރުމުގެ ސަބަބުން އޭނާގެ ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުވަތަ ސިއްހަތަށް ގެއްލުންވެދާނެކަމަށް މެޑިކަލް އޮފިސަރަށް ގަބޫލުކުރެވުން؛ ނުވަތަ

(ރ) ގައިދީ ހޭނެތުން ނުވަތަ މިނޫންވެސް ގައިދީއަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އިޒުނަދެވޭފަދަ ހާލަތެއްގައި ނުވުން.

 

73  ވަނަ މާއްދާ - ހެކީގެ ބޭނުމަށްޓަކައި މެޑިކަލް އެގްޒެމިނޭށަން ހެދުން

ގައިދީއަކު މި ގާނޫނުގެ 90 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި އެމައްސަލަ ތަހްގީގީ އިދާރާއަކަށް ހުށަހަޅައި ކޯޓު އަމުރެއްގެ ދަށުން އޭނާ ތަހްގީގުކޮށް، އެމީހެއްގެ މެޑިކަލް އެގްޒެމިނޭށަނެއް ހަދައިގެން އޭނާ އެ ކުށެއް ކުރިކަން ސާބިތުކޮށްދެވޭނެކަމަށް އެކަށީގެންވާ ސަބަބާއެކު ގަބޫލުކުރެވޭނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަންގެ އެންގުމުގެ ދަށުން މެޑިކަލް އޮފިސަރަކަށް އެ ގައިދީއެއްގެ މެޑިކަލް އެގްޒެމިނޭށަން ހެދިދާނެއެވެ.

 

74  ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބެލެހެއްޓުން

ކޮންމެ ގައިދީއެއްގެ މެޑިކަލް ރެކޯޑު އެ ޖަލަކުން ބަލަހައްޓަންވާނެއެވެ. އަދި އެ ރެކޯޑުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ގައިދީގެ ނަމާއި އުމުރު؛

(ށ) ދީފައިވާ އަދި ދެވެމުންދާ ފަރުވާ؛

(ނ) ދީފައިވާ އަދި ދިނުމަށް ލަފާދީފައިވާ ބޭސް އަދި ބޭސް ދީފައިވާ ގޮތުގެ ތަފްސީލު؛

(ރ) މިނޫނަސް ގައިދީއަށް ކުރެވިފައިވާ ބޭހާއި އަދި ހުރި ސިއްހީ މައްސަލަތަކާބެހޭ ގޮތުން ލިބެންހުރި މައުލޫމާތު.

 

75  ވަނަ މާއްދާ - ސިއްހީ ނުރައްކަލަކަށްޓަކައި  ގައިދީން ޖަލުން ބަދަލުކުރުން

(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެޑިކަލް އޮފިސަރަށް ފާހަގަކުރެވިއްޖެނަމަ އެކަމެއް ލިޔުމުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

  1. ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް
  2. ރަނގަޅުވާނެކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް
  3. ގައިންގަޔަށް އަރާ ބައްޔެއް ހުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މެޑިކަލް އޮފިސަރ އަންގާ އެންގުންތަކަށް ބަލާފައި، އެ އެންގި މައްސަލައެއް ހައްލުވަންދެން ގައިދީއަކު ޖަލުން އެހެން ތަނަކަށް ބަދަލުކުރުމަށް  ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެމަތިން ކޮމިށަނަރަށް ލިޔުމަކުން ހުއްދަ ދެވިދާނެއެވެ.

(ނ) ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔަކުން ސަލާމަތްކުރުމަށްޓަކައި ގިނަ އަދަދެއްގެ ގައިދީން ޖަލުން އެހެން ތަނަކަށް ބަދަލުކުރަންޖެހިއްޖެނަމަ ބަދަލުކުރަންވާނީ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަށްވަރާގެ މަތިން ކޮމިށަނަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

 

76  ވަނަ މާއްދާ - ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރެވޭ ގައިދީން

(ހ) މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޖަލު ނޫން އެހެން ތަނަކަށް ބަދަލުކުރެވޭ މީހުން ފަރުވާ ނިމިގެން ދޫކޮށްލެވެންދެން ނުވަތަ އެނޫންވެސް ގޮތަކުން އަނބުރާ ޖަލަށް ގެނެވެންދެން ތިބޭނީ ބަންދުގައެވެ.

(ށ) މި މާއްދާގައި ބުނެފައިވާ ފަދަ ތަނެއްގައި މީހަކު ބަންދުކޮށްފައި ހުންނަ ދުވަސްތައް އޭނާގެ ހުކުމުން ކެނޑޭނެއެވެ.

 

77  ވަނަ މާއްދާ - މެޑިކަލް ސެންޓަރާބެހޭ ރިޕޯޓު

މި ގާނޫނުގައިވާ މިންގަނޑަށް ޖަލުގެ މެޑިކަލް ސެންޓަރުގެ ކަންތައްތައް ނެތްނަމަ، ނުވަތަ މެޑިކަލް އޮފިސަރުގެ ވާޖިބަށް ހުރަސް އެޅޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން މެޑިކަލް އޮފިސަރު، ލިޔުމަކުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

 

78  ވަނަ މާއްދާ - މެޑިކަލް އޮފިސަރު ޖަލަށް ވަނުން

ޖަލުގެ މެޑިކަލް އޮފިސަރު، އޭނާގެ ވާޖިބު އަދާކުރުމަށްޓަކައި ކޮންމެ ވަގުތެއްގައިވެސް ޖަލުގެ ކޮންމެ ސަރަހައްދަކަށްވެސް އޭނާއަށް ވަދެވޭނެއެވެ.

 

79  ވަނަ މާއްދާ - ގައިދީން މަރުވުމުން ނުވަތަ އެހެން ތަނަކަށް ބަދަލުކުރުމަށް އެންގުން

(ހ)  ގައިދީއަކު މަރުވެއްޖެނަމަ ނުވަތަ އާދަޔާ ހިލާފަށް ބޮޑަށް ބަލިވެއްޖެނަމަ، ނުވަތަ ބައްޔަކާ ގުޅިގެން އެހެން ތަނަކަށް ބަދަލުކުރެވިއްޖެނަމަ ނުވަތަ އޭނާއަށް ނުރައްކާތެރި އަނިޔާއެއް ވެއްޖެނަމަ އެމީހަކު ކަނޑައަޅާފައިވާ ޒިންމާދާރު ބަލަދުވެރިޔާއަށް ލަސްނުކޮށް އަންގަންވާނެއެވެ.

(ށ)  ޖަލުގައި ބަންދުކޮށްފައިވާ ބިދޭސީއަކު މަރުވެއްޖެނަމަ، އެކަން އޭނާގެ ގައުމުގެ އެމްބަސީއަކަށް ވީއެންމެ އަވަސް ފުރުސަތެއްގައި އަންގަންވާނެއެވެ.

 

80  ވަނަ މާއްދާ - ގައިދީއަކު މަރުވެއްޖެނަމަ ނުވަތަ ބޮޑު އަނިޔާއެއް ވެއްޖެނަމަ ކަންކުރާނެ ގޮތް

ޖަލުގައި މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ނުރައްކާތެރި އަނިޔާއެއް ވެއްޖެނަމަ ވަގުތުން އެމީހަކު ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކައި، ފަރުވާދިނުން؛

(ށ) މަރުވެގެންނަމަ، ވަގުތުން ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކައި، މެޑިކަލް އެގްޒެމިނޭށަނެއް ހެދުމާއިއެކު އަދި މިކަމާބެހޭ މައުލޫމާތު ޖިނާއީ ކުށްތައް ބަލާ ތަހްގީގު ކުރުމަށް ގާނޫނަކުން ކަނޑައަޅާފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމާއެކު އެފަރާތުގެ ލަފަޔާއި އިރުށާދުގެ ދަށުން މެނުވީ މަރުވެފައިވާ މައްޔިތާގެ ހަށިގަނޑު ވަޅުނުލުން؛

(ނ) މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް މީހަކަށް ލިބިއްޖެނަމަ ވަގުތުން އިންސްޕެކްޓަރަށާއި ކޮމިށަނަރަށާއި މިނިސްޓަރަށް ޑައިރެކްޓަރ އޮފް ޕްރިޒަން އެންގުން؛

(ރ) މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއްވެއްޖެނަމަ އެކަން ހިނގިގޮތެއް ބަލައި ކޮމިށަނަރަށާއި މިނިސްޓަރަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ވަގުތީ ރިޕޯޓެއް ހުށަހަޅައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފުރިހަމަ ރިޕޯޓެއް ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހެޅުން؛

(ބ) މީހަކު މަރުވީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ، އެކަން ހިނގި ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ދައުލަތުގެ މިނިވަން މުއައްސަސާއަކަށް އެކަން ހިނގިގޮތުގެ މައުލޫމާތު ދިނުމާއެކު އެކަން  ބެލުމަށް ދައުވަތުދިނުން؛

(ޅ)  މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބުނީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ، ކަމާގުޅޭގޮތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުން؛

(ކ)  މާރާމާރީއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއްވެއްޖެނަމަ، އެކަމާގުޅިގެން ޖަލުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.

 

81  ވަނަ މާއްދާ - ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅާ ރިޕޯޓު

މި ގާނޫނުގެ 80 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅާ ރިޕޯޓުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

(ހ) މަރުވި ނުވަތަ އަނިޔާ ލިބުނު މީހާގެ ކިބައިގައި ބައްޔެއް ހުރިކަމަށް ކުރިން ފާހަގަކުރެވިފައިވާނަމަ، އެކަމުގެ ތަފްސީލާއި ދެވިފައިވާ ފަރުވާއާއި ފަރުވާކުރި ތާރީހުތައް؛

(ށ) މަރުވި ދުވަހު ނުވަތަ އަނިޔާ ލިބުނު ދުވަހު ކަންހިނގައިދިޔަ ގޮތް؛

(ނ) އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނުނަމަ އެކަން ކުރެވުނު ދުވަހާއި ގަޑި؛

(ރ) ބަލީގެ ނިށާންތައް ނުވަތަ ލިބިފައިވާ އަނިޔާގެ ތަފްސީލު؛

(ބ) އޭނާ މަރުވިކަމަށް މެޑިކަލް އޮފިސަރު ބަޔާންކުރާ ސަބަބު؛

(ޅ) މަރުވި ދުވަހާއި ވަގުތު އަދި އޭނާ މަރުވުމަށްފަހު އޮތް ހާލަތާއި އަދި އެނޫންވެސް އެފަދަ ރިޕޯޓެއްގައި ހިމަނަން މެޑިކަލް އޮފިސަރަށް ފެންނަ ކަންތައްތައް؛

(ކ) އޭނާ މަރުވާން ނުވަތަ އޭނާއަށް އަނިޔާވާން ދިމާވި ސަބަބުތައް ކަމަށް  ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެންނަ ކަންތައްތައް.

 

އަށްވަނަ ބާބު

ގައިދީންގެ ށަކުވާ އަޑުއެހުން 

82   ވަނަ މާއްދާ - ގައިދީންގެ  ށަކުވާތަކާއި އެމީހުން އެދޭ ކަންތައްތައް ކޮށްދިނުން

(ހ) ގައިދީންގެ ށަކުވާތަކާއި އެމީހުން ބޭނުންވާ ކަންތައްތައް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރަކަށް ހުށެހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.

(ށ) ގައިދީން ކުރާ ށަކުވާގެ ބާވަތާއި ކުޑަ ބޮޑުމިނަށާއި ކުރިން އެ ގައިދީއަކު ކޮށްފައިވާ އެނޫންވެސް ށަކުވާތަކަށް ބަލައި، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.

  1. ށަކުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ކުރި ށަކުވާއެއް ނޫންކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ގަބޫލުކުރެވޭނަމަ، އެ ށަކުވާއެއް އިތުރަށް ނުބަލައި އެގޮތަށް ނިންމިކަމަށް ޖަވާބުދިނުން؛
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަކުވާ ފިޔަވައި އެހެން ކޮންމެ ށަކުވާއެއް، އިތުރަށް ބަލައި ޖަވާބު ދިނުމާއި، އަޅަންޖެހޭ ފިޔަވަޅުއެޅުން.

(ނ) ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރު އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ގައިދީއަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތަކާއި އެކަމާބެހޭ ގޮތުން އެޅުނު ފިޔަވަޅުތައް ލިޔެ
  2. ގައިދީއަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތައް ބަލައި އެކަމާމެދު ނިންމި ގޮތެއް އޭނާއަށް 5 (ފަހެއް) ދުވަހުގެ ތެރޭގައި އެންގުން؛ އަދި
  3. ގައިދީއަކު ކުރި ށަކުވާއަކީ އޭނާއަށް ޖިސްމާނީ އަނިޔާއެއް ލިބިގެން ކުރި ށަކުވާއެއްކަމަށްވާނަމަ، އެކަމާބެހޭ ގޮތުން އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ވަގުތުން ދިނުމާއި ކޮމިށަނަރަށް ރިޕޯޓުކުރުން.

 

83   ވަނަ މާއްދާ - ޑައިރެކްޓަރ އޮފް ޕްރިޒަން ދިން ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ އިންސްޕެކްޓަރަށް އެކަން ހުށަހެޅުން

(ހ) ގައިދީއަކު ކުރި ށަކުވާއާމެދު ނުވަތަ ބޭނުންވި ކަންތަކާބެހޭ ގޮތުން  ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޖަލު އޮފިސަރަކު އަމަލުކޮށްފައިވާ ގޮތާބެހޭ ގޮތުން ހިތްހަމަނުޖެހޭނަމަ، އޭނާއަށް އެ މައްސަލަ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅިދާނެއެވެ. މިފަދަ ހާލަތްތަކުގައި އެކަން އިންސްޕެކްޓަރަށް އެންގޭނެ މަގު ޑައިރެކްޓަރ އޮފް ޕްރިޒަން ތަނަވަސްކޮށްދޭންވާނެއެވެ.

(ށ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ޖަލު ބަލައި ފާސްކުރަމުން ގެންދާ ވަގުތެއްގައި ގައިދީއަކަށް އޭނާގެ ށަކުވާ ސީދާ އިންސްޕެކްޓަރަށް ހުށަހެޅިދާނެއެވެ.

 

84   ވަނަ މާއްދާ - އިންސްޕެކްޓަރ ށަކުވާ އަޑުއަހައި ގޮތެއް ނިންމުން

(ހ) މި ގާނޫނުގެ 83 ވަނަ މާއްދާގައިވާ ހާލަތުގައި އިންސްޕެކްޓަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ށަކުވާކުރާ ގައިދީއާ ސުވާލުކޮށް، އެކުރާ ށަކުވާ ނުވަތަ ބޭނުންވާ ކަމެއް އޮޅުންފިލުވުން؛
  2. ގައިދީ ކުރި ށަކުވާއާބެހޭ ގޮތުން  ޑައިރެކްޓަރ އޮފް ޕްރިޒަންއާ ވާހަކަދައްކައި އެއީ ސައްހަ ށަކުވާއެއްނަމަ އެކަމަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގެ (2) ގައިވާ ގޮތުގެމަތިން ގައިދީއަކު ކުރާ ށަކުވާއެއް ވާހަކަ ދައްކައިގެން ހައްލު ނުކުރެވިއްޖެނަމަ، އެކަން ކޮމިށަނަރަށް ހުށަހެޅިދާނެއެވެ.

 

ނުވަވަނަ ބާބު

ޖަލަށް ޒިޔާރަތްކުރުމާއި މުއާސަލާތުކުރުން

85   ވަނަ މާއްދާ - ޖަލަށް ޒިޔާރަތްކުރުން އަދި މުއާސަލާތުކުރުން

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ ގަވާއިދުގައި ކަނޑައަޅާ ކަންކަން ހުއްދަކުރެވިދާނެއެވެ. އަދި ތިރީގައިވާ ކަންކަން ކުރެވޭނެ ގޮތް އެ ގަވާއިދުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.

(ހ) ގައިދީންނާ ބައްދަލުކުރުން؛

(ށ) ގައިދީންނަށް ސިޓީ ފަދަ ތަކެތި ފޮނުވުމާއި، އެމީހުންނާ ފޯނުން ގުޅުން.

 

86   ވަނަ މާއްދާ - ސިޓީ ނުވަތަ އެފަދަ ތަކެތި ބަލައި ފާސްކުރުން

ގައިދީންނަށް ލިބޭ ނުވަތަ އެމީހުން ފޮނުވާ ސިޓީ ނުވަތަ އެނޫންވެސް އެފަދަ ތަކެތި ކިޔައި، އަޑުއަހައި، ރެކޯޑްކޮށް ނުވަތަ ބަލައި ފާސްކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި  ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބޭ އިހްތިޔާރުގެ ދަށުން އަންނަނިވި ސަބަބުތަކަށް ރިއާޔަތްކޮށް، އެފަދަ ސިޓީއެއް ނުވަތަ އެއްޗެއް ދިނުން ނުވަތަ ރައްދުކުރުން މަނާވެސް ކުރެވިދާނެއެވެ.

(ހ) އެއްވެސް ފަރާތަކަށް ބިރުދައްކާ ބާވަތެއްގެ އެއްޗަކަށްވުން ނުވަތަ ބޭއަދަބީ ބަހުން އިބާރާތް ކުރެވިފައިވާ ލިޔުމަކަށްވުން؛

(ށ) އެ ސިޓީ ނުވަތަ ލިޔުމަކީ ޖިނާއީ ކުށެއް ކުރުމަށް މަގުފަހިވެދާނެ ނުވަތަ ޖިނާއީ ކުށެއްގެ ތަހްގީގަކަށް ނުވަތަ ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލުމަށް ހުރަހެއް އެޅިދާނެ އެއްޗަކަށްވުން؛

(ނ) ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް އެކުލެވުން؛

(ރ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ހިންގުމަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތެއް އެކުލެވުން؛

(ބ) ތިންވަނަ ފަރާތެއްގެ އަސާސީ ހައްގުތަކަށް އަސަރުކޮށްފާނެ މައުލޫމާތެއް އެކުލެވުން.

 

87   ވަނަ މާއްދާ - ގާނޫނީ ވަކީލުން އައްޔަނުކުރުން

ގައިދީއަކަށް ގާނޫނީ ލަފާ ބޭނުންވާނަމަ، އޭނާގެ އަމިއްލަ ހަރަދުގައި އައްޔަނުކުރާ ގާނޫނީ ވަކީލަކާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން ކުރާ ބައްދަލުކުރުމުގައި އެ ދެމީހުން ފެންނަ ހިސާބުގައި ޖަލު އޮފިސަރަކު ހުންނަންވާނެއެވެ.

 

88   ވަނަ މާއްދާ - ގައިދީއާއި ގާނޫނީ ވަކީލާއި އެކިއެކި ފަރާތްތަކާ މެދުގައި  މުއާމަލާތުކުރުން

(ހ) ގައިދީއާއި އޭނާގެ ގާނޫނީ ވަކީލާއި ކޯޓުތަކާއި ސަރުކާރުގެ އެނޫންވެސް އިދާރާތަކާ ދެމެދު ސިޓީ ފަދަ ތަކެތި ބަދަލުކުރެވިދާނެއެވެ.

(ށ) މިގޮތުން ބަދަލުކުރެވޭ ތަކެތި ހުޅުވައި، ކިޔައި ނުވަތަ އެ ސިޓީ ފޮނުވޭ ފަރާތަށް ރައްދުނުކޮށް ހިފެހެއްޓޭނީ ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ކަމާބެހޭގޮތުން ލިބޭ އިންޓެލިޖެންސަށް ބިނާކޮށް،  ޑައިރެކްޓަރ އޮފް ޕްރިޒަންއަށެވެ.

  1. އެ ސިޓީއެއްގައި ގާނޫނާ ނުވަތަ ގަވާއިދާ ހިލާފު ވާހަކައެއް ލިޔެފައިވާކަމަށް ގަބޫލުކުރެވުން؛
  2. އެ ސިޓީގައި ހިމެނޭ މައުލޫމާތަކީ ޖަލުގެ ސަލާމަތަށް ނުވަތަ ޖަލުގައި ތިބޭ އެހެން މީހުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިޓީ ހިފަހައްޓާނަމަ، އެކަން ގައިދީއަށް އަންގަންވާނެއެވެ.

 

89   ވަނަ މާއްދާ - ޖަލުގައި ބަންދުކޮށްފައިތިބޭ ބިދޭސީންނަށް ޒިޔާރަތްކުރުން

ޖަލުގައި ބަންދުކޮށްފައިތިބޭ ބިދޭސީންނަށް، އެކަށީގެންވާ ކޮންމެ ވަގުތެއްގައިވެސް އެ ބިދޭސީއެއްގެ ސަރުކާރުގެ ފަރާތުން ކަނޑައަޅާ މީހަކާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭންވާނެއެވެ. އަދި އެމީހަކީ ކޮން ގައުމެއްގެ މީހެއްކަން ކަނޑައެޅިގެން ނޭނގޭނަމަ، އޭނާއާ ބައްދަލުކުރުމަށް އޭނާ ކަނޑައަޅާ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

 

ދިހަވަނަ ބާބު

ގައިދީން ޖަލުގައި ކުރާ ކުށް

90   ވަނަ މާއްދާ - ޖަލު ކުށްތައް

ގައިދީއަކު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ އޭނާ އެކުރަނީ ޖަލު ކުށެއް ކަމުގައި ބެލެވޭނެއެވެ.

(ހ) ޖަލުގައި ހަމަނުޖެހުން އުފެއްދުން ނުވަތަ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުން؛

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޖަލު އޮފިސަރު ކުރާ އަމުރަކާ ހިލާފުވުން؛

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޖަލުގައި ގެންގުޅުން މަނާ ތަކެތިކަމަށް ކަނޑައަޅާފައިވާ އެއްވެސް އެއްޗެއް އަތުގައި ބެހެއްޓުމާއި އެފަދަ އެއްޗެއް ލިބިގަތުމާއި އެފަދަ އެއްޗެއް ހޯދުމަށް މަސައްކަތްކުރުން؛

(ރ) ޖަލު ތެރޭގައި އަހްލާގު ބެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ނުވަތަ އެހެން ގައިދީންގެ ސަލާމަތާއި މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން.

 

91   ވަނަ މާއްދާ – ދިފާއު

މި ގާނޫނުގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައިވާ ގައިދީއަށް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ.

 

92   ވަނަ މާއްދާ - ޖަލުގައިކުރާ ކުށްތަކުގެ މައްސަލަ ބެލުމުގެ ނިޒާމު

ގައިދީން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅު ކަނޑައެޅުމަށްޓަކައި އިންޓަރނަލް ޑިސިޕްލިނަރީ ނިޒާމެއް އެކަށައަޅައި، އެ ނިޒާމުގެ ދަށުން ގައިދީންނާމެދު ކަންކުރާނެ ގޮތުގެ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ ހަދަންވާނެއެވެ. މި ނިޒާމު ބިނާވެފައި އޮންނަންވާނީ، މިނިވަންކަމާއެކު މައްސަލަ ބެލޭނެ ގޮތަކަށެވެ.

 

93   ވަނަ މާއްދާ - ޖަލު ކުށްތަކާ ގުޅިގެން ފިޔަވަޅުއެޅުން

(ހ) ގައިދީއަކު ޖަލު ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، ޖަލު އޮފިސަރު އެކަން ވަގުތުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ. އަދި އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމާއެކު އެކަމެއް ވަގުތުން ތަހްގީގުކުރަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގެ ދަށުން ކުރާ ތަހްގީގެއް ނިމުމަށްފަހު، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ ތުހުމަތުކުރެވުނު ކުށުގެ ބާވަތަށާއި ހާލަތްތަކަށް ބަލައި އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. ކުށުގެ ތުހުމަތުގައިވާ މީހާގެ އަމަލުތައް ރަނގަޅުކުރުމަށް އޭނާ އެއްބަސްވެއްޖެނަމަ، އޭނާއާމެދު އިތުރު ފިޔަވަޅެއް ނާޅައި އޭނާގެ އަމަލުތައް ބެލުމަށް 2 (ދޭއް) މަސްދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން
    އެ މައްސަލަ ފަސްކުރުމާއި، އަދި އެ މުއްދަތުގައި އޭނާގެ އަމަލުތައް އިސްލާހުކޮށްފިނަމަ އެ މައްސަލަ ކުރިއަށް ނުގެންދިއުން؛ ނުވަތަ
  2. މައްސަލަ ބެލުމަށް ޑިސިޕްލިނަރީ ބޯޑަށް ފޮނުވުން.

(ނ) ގައިދީއަކު ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، ޖަލުގެ މަސްލަހަތު ހަމަޖެއްސުމަށްޓަކައި، އެމީހެއްގެ މައްސަލަ ނިމެންދެން، އޭނާ ބަންދުކޮށްފައި ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލުކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.

 

94   ވަނަ މާއްދާ - ޑިސިޕްލިނަރީ އަޑުއެހުން

(ހ) މި ގާނޫނުގެ 93 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލާނީ މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑުންނެވެ.

(ށ) ޑިސިޕްލިނަރީ އަޑުއެހުމެއް ބޭއްވުމުގެ ކުރިން ކުށުގެ ތުހުމަތުގައިވާ ގައިދީއަކު، އޭނާ ކުށުން ބަރީއަވުމަށްޓަކައި އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ހުށަހަޅަން ބޭނުންވޭތޯ ބަލައި، ނުވަތަ އޭނާގެ ދިފާއުގައި ވާހަކަދައްކަން ބޭނުންތޯ ބަލައި، އޭނާ އެފަދަ ފުރުސަތަކަށް އެދިއްޖެނަމަ، އެކަމަށް އެކަށީގެންވާ ފުރުސަތެއް ޑިސިޕްލިނަރީ ބޯޑުން ދޭންވާނެއެވެ.

(ނ) ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިނގާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޑިސިޕްލިނަރީ އަޑުއެހުން ބާއްވައި އެ މައްސަލަ ނިންމަންވާނެއެވެ.

 

95   ވަނަ މާއްދާ - އަދަބު ކަނޑައެޅުން

(ހ) ޑިސިޕްލިނަރީ އަޑުއެހުމެއްގައި ސާބިތުވާ ކުށަކަށް ތިރީގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ އަދަބުތަކެއް ޑިސިޕްލިނަރީ ބޯޑަށް ކަނޑައެޅިދާނެއެވެ.

  1. ގައިދީއަށް ޖަލުގައި ކުރާ މަސައްކަތުން ލިބޭ އުޖޫރަ ނުވަތަ އުޖޫރައިން ބައެއް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް
  2. ގައިދީއަށް ދެވޭ އިނާޔަތެއް ނުވަތަ އިނާޔަތެއްގެ ބައެއް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ނުދިނުން؛
  3. ކުށުގެ އަދަބު ކުޑަކުރުމަށް 1 (އެކެއް) މަސްދުވަސް ވަންދެން ހުށަނޭޅޭނެ ކަމަށް
  4. 30 (ތިރީސް) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް އެކަހެރި ކުރުން.

(ށ) ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަބެއް ދިނުމުގެ ބަދަލުގައި ގައިދީއަށް ނަސޭހަތްދީ، އިންޒާރުދިނުމަށް ނިންމިދާނެއެވެ.

 

 

96   ވަނަ މާއްދާ - ގައިދީން އެކަހެރިކުރުން

(ހ) ޑިސިޕްލިނަރީ އަޑުއެހުމެއްގެ ދަށުން ގައިދީއަކު އެކަހެރިކުރުމަށް ކަނޑައަޅައިފިނަމަ، އެކަން ވަގުތުން ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ށ) ޑައިރެކްޓަރ އޮފް ޕްރިޒަން ގައިދީއަކު އެކަހެރި ކުރަންވާނީ ކަމާބެހޭ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތަށެވެ. އެކަހެރި ކޮށްފައި ހުންނަ ގައިދީއަކަށް އެންމެ މަދުވެގެން ލިބެންޖެހޭ އިނާޔަތްތައް ޖަލު އަމުރުގައި ކަނޑައަޅަންވާނެއެވެ.

(ނ) އެކަހެރިކޮށްފައި ހުންނަ ގައިދީގެ ހާލު މަދުވެގެން 6 (ހައެއް) ގަޑިން އެއްފަހަރު ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާ މީހަކު ބަލަންވާނެއެވެ. އެފަދައިން ބަލާއިރު، ގައިދީގެ ހާލު ރަނގަޅު ނޫންކަމަށް ފެނިއްޖެނަމަ، އެ ގައިދީއަކު މެޑިކަލް އޮފިސަރަށް ދައްކަންވާނެއެވެ.

(ރ) ގައިދީގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތަށް ނުރައްކާވާފަދަ ގެއްލުމެއް ކުރިމަތިވެދާނެކަމަށް މެޑިކަލް އޮފިސަރަށް ފެނިއްޖެނަމަ އޭނާ އެކަހެރިކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.

 

97   ވަނަ މާއްދާ - ގައިދީން އެކަހެރިކޮށްފައި ބެހެއްޓޭނެ މުއްދަތު

އެއްވެސް މީހެއްގެ މައްޗަށް އެކަހެރި ކުރުމުގެ ތަފާތު ދެ ނިޔާއެއް މި ގާނޫނުގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ޑިސިޕްލިނަރީ އަޑުއެހުމެއްގެ ދަށުން ކަނޑައެޅިއްޖެނަމަ އެ ދެ ނިޔާގެ ތެރެއިން ދިގު މުއްދަތަށް ކަނޑައެޅުނު ނިޔާ ތަންފީޒުކުރުމުން، އެ ދެ ނިޔާވެސް ތަންފީޒުވީކަމަށް ބެލެވޭނެއެވެ.

 

98   ވަނަ މާއްދާ - އަނިޔާއަކަށް ވާ އަދަބު ނުދިނުން

އެއްވެސް ގައިދީއަކަށް ޖިސްމާނީ އަނިޔާއެއް ލިބޭ ފަދަ އަދަބެއް ދީގެން ނުވާނެއެވެ.

 

99   ވަނަ މާއްދާ - ކެއިން ބުއިމަށްދެވޭ މިންވަރު މަދުކުރުން

އެއްވެސް ގައިދީއަކަށް ކެއިން ބުއިމަށް ދެވޭ މިންވަރު އެމީހަކަށް ދޭ އަދަބެއްގެ ގޮތުން މަދުކޮށްގެން ނުވާނެއެވެ.

 

100   ވަނަ މާއްދާ - އިނާޔަތްތައް އުނިކުރުން

ތަހްގީގުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ބަންދުކުރެވިފައިވާ މީހެއްގެ އިނާޔަތުގެ ތެރެއިން އޭނާ ޖަލުގައި ބަންދުކުރެވުނު ކުށުން ބަރީއަވުމަށްޓަކައި ކުރަންޖެހޭ މުއާމަލާތުކުރުމަށް ބޭނުންވާ އިނާޔަތްތައް އެމީހަކަށް ދޭ އަދަބެއްގެ ގޮތުން އުނިކޮށްގެންނުވާނެއެވެ.

 

101   ވަނަ މާއްދާ - ޖަލު ކުށުގެ ގޮތުގައި ކަނޑައެޅޭ ކަންކަމާއި އަދަބުތައް އާންމުކުރުން

(ހ) މި ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ގައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނެއެވެ.

(ށ) ގައިދީން ކުރާ ޖަލު ކުށާބެހޭ މައުލޫމާތު ރަޖިސްޓަރީއެއްގައި ލިޔެ ޑައިރެކްޓަރ އޮފް ޕްރިޒަން ބަލަހައްޓަންވާނެއެވެ. އަދި އޭގެ ކޮޕީއެއް، އެ ގައިދީއެއްގެ ފައިލުގައި ހިމަނަންވާނެއެވެ.

(ނ) ގައިދީން ކުރާ ކުށްތަކާއި އެކަމާ ގުޅިގެން އެ ގައިދީންނަށް ދެވޭ އަދަބުތަކުގެ މައުލޫމާތު ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.

 

އެގާރަވަނަ ބާބު

ގައިދީންނަށް ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމާއި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން

102   ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމްތައް

ގައިދީން ކުށްކުރުމުން ދުރުހެލިކޮށް އަނބުރާ މުޖުތަމައަށާއި އާއިލާއަށް ބޭނުންތެރި މީހުންގެ ގޮތުގައި އައުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތަފާތު ހަރަކާތްތަކާއި ޕްރޮގްރާމްތައް ކޮމިށަނަރ ކަނޑައަޅައި، ކޮންމެ ޖަލެއްގައިވެސް ހިންގަންވާނެއެވެ. އަދި އެގޮތުން ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނުމަށް އިސްކަންދޭންވާނެއެވެ.

(ހ) ގައިދީންގެ ނަފްސާނީ ހާލަތަށް ބަލައި ކައުންސިލިންގގެ ހިދުމަތް ލިބިދިނުން.

(ށ) ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި، ވަޒީފާ އަދާކުރެވޭފަދަ ހުނަރު ލިބިގަތުމަށާއި އަދި އަނބުރާ މުޖުތަމައަށް ރުޖޫއަވެ، ބޭނުންތެރި މީހެއްގެ ގޮތުގައި އުޅުމަށް ބޭނުންވާނެ ތައުލީމީ އަދި މަސައްކަތުގެ ހުނަރު ލިބިދެވޭނެ ފަދަ ޕްރޮގްރާމްތައް ހިންގުން.

(ނ) ތަފާތު ހަރަކާތްތަކާއި މުނިފޫހިފިލުވުމާއި ކުޅިވަރާއި ވަޒީފާގެ ފުރުސަތު ހޯދައިދިނުން.

 

103  ވަނަ މާއްދާ - ރިހެބިލިޓޭށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން

ރިހެބިލިޓޭށަނާއި ވެލްފެއަރ ޕްރޮގްރާމްތަކާއި ހިދުމަތްތައް ދިނުމުގައި އެހީތެރިވެ މަސައްކަތްތައް ހިންގުމަށް އެކަށީގެންވާ އަދަދަކަށް ކައުންސިލަރުންނާއި އިޖްތިމާއީ ފަންނުތަކުގައި ހިދުމަތްކުރާނެ މީހުން އަދި ރިހެބިލިޓޭށަން އޮފިސަރުން ކޮންމެ ޖަލެއްގައިވެސް ތިބެންވާނެއެވެ.

 

104  ވަނަ މާއްދާ - ރިހެބިލިޓޭށަން ފުރުސަތު ދިނުމުގައި އަމަލުކުރާނެގޮތް

ރިހެބިލިޓޭށަނާއި ވެލްފެއަރ ޕްރޮގްރާމްތަކަށް ފުރުސަތު ދިނުމުގައި  އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) ހިދުމަތްތައް ލިބިގަތުމަށް ގައިދީއަށް މަޖުބޫރުކުރުވައިގެން ނުވާނެއެވެ.

(ށ) ޖަލުގެ އާންމު މަސްލަހަތާއި ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ އެ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ގައިދީންނަށް ލިބެންވާނެއެވެ.

(ނ) ހިދުމަތްތަކުގައި ގައިދީން އަމަލީ ގޮތުން ބައިވެރިވުމަށް ހިތްވަރުދީ އެ ޕްރޮގްރާމްތަކުގައި ގައިދީން ބައިވެރިވުމުގެ މަގުފަހިކޮށްދޭންވާނެއެވެ.

 

105  ވަނަ މާއްދާ - ރިހެބިލިޓޭށަނާއި ވެލްފެއަރ އޮފިސަރުންގެ މަސައްކަތްތައް

ރިހެބިލިޓޭށަނާއި ވެލްފެއަރ އޮފިސަރުންގެ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.

(ހ) ގައިދީންނަށް ޖަލުގައި ދިރިއުޅުން ތަހައްމަލުކުރުމުގައި އެހީތެރިވުމާއި،  އާއިލާއާއި މުޖުތަމައުގެ އަފުރާދުންނާއެކު ގުޅުން ދެމެހެއްޓުމުގައި އެހީތެރިވުމާއި، ޖަލުން މިނިވަންވެ އާންމުންގެ ތެރެއަށް ނުކުމެ އުޅެންޖެހޭނެ ދިރިއުޅުމަށް ތައްޔާރުކޮށްދީ އެކަންކަމުގައި ގައިދީންނަށް އިރުށާދު ދިނުން؛

(ށ) ގައިދީންގެ އަހްލާގާއި ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކޮށް ބައްޓަންކުރުމަށް ޕްރޮގްރާމްތައް ހިންގުން؛

(ނ) އިޖްތިމާއީ ގޮތުން އެހީތެރިވާ ތަފާތު ޖަމާއަތްތަކާ ގުޅިގެން ގައިދީން އަލުން ކުށަކަށް އަރައިގަތުމުގެ ފުރުސަތު ކުޑަކުރުމަށާއި ރަނގަޅު ގޮތުގައި އަލުން މުޖުތަމައަށް އައުމަށް އެހީތެރިވެދިނުމަށްޓަކައި ޕްރޮގްރާމްތައް ހިންގުން.

 

106  ވަނަ މާއްދާ - ޖަލުގައި ގައިދީން ކުރާ މަސައްކަތް

(ހ) ޖަލުގައި ގައިދީންނަށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތަކީ އަނިޔާ ކުރުމުގެ ނުވަތަ ހާނިއްކަ ކުރުމުގެ ނިޔަތުގައި ކުރެވޭ މަސައްކަތަކަށް ވެގެންނުވާނެއެވެ.

(ށ) އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ބެލުމަށްފަހު މެޑިކަލް އޮފިސަރު ކަނޑައަޅާ ގޮތަކަށް ރިއާޔަތްކުރުމާއެކު، ކޮންމެ ގައިދީއަކަށްވެސް ފުރުސަތު އޮތް މިންވަރަކުން ޖަލުގައި ވަޒީފާއަދާކުރަން ހިތްވަރުދޭންވާނެއެވެ.

(ނ)  ޖަލުގައި ލިބެންހުރި ވަޒީފާއަށްވުރެ ބަންދުގައި ތިބި މީހުންގެ އަދަދު އިތުރު ވެއްޖެނަމަ، ފުރުސަތު ލިބުމުގައި އަހްލާގީ މިންގަނޑަށް ބަލައި، އަހްލާގު ރަނގަޅު މީހުންނަށް އިސްކަންދޭންވާނެއެވެ.

(ރ) ގައިދީން ލައްވައި މަސައްކަތް ކުރުވަންވާނީ ޖަލު އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

(ބ) ގައިދީންގެ މަސައްކަތުގެ ވަގުތު ހަމަޖެހިފައި އޮންނަންވާނީ މަދުވެގެން ހަފްތާއަކު 1 (އެކެއް) ދުވަސް އަރާމުކުރުމަށް ލިބޭ ގޮތަށެވެ.

 

107  ވަނަ މާއްދާ - ގައިދީން ކުރާ މަސައްކަތަށް އުޖޫރައެއް ދިނުން

(ހ) ގައިދީން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދެވޭނެ ނިޒާމެއް ގާއިމުވެފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރެވޭ ނިޒާމުގެ ދަށުން ގައިދީންނަށް ލިބޭ އާމްދަނީއިން ބައެއް އެމީހުންގެ ބޭނުމަށް ހުއްދަކުރެވޭ ތަކެތި ގަތުމަށާއި އެމީހުންގެ އާއިލާތަކަށް ފޮނުވުމުގެ ފުރުސަތު ލިބިދީފައި އޮންނަންވާނެއެވެ.

 

ބާރަވަނަ ބާބު

ވަގުތީގޮތުން ޖަލުން ދޫކުރުން

108   ވަނަ މާއްދާ - ވަގުތީގޮތުން ގައިދީން ޖަލުން ނެރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މިނިސްޓަރު ކަނޑައަޅާ ށަރުތުތަކަކާ އެކީގައި، ގައިދީއަކު ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ކޮމިށަނަރަށް ދެވިދާނެއެވެ.

  1. ފަރުޒު ހައްޖުގެ އަޅުކަން
  2. ބަންދުކުރެވޭ އަންހެނާގެ 6 (ހައެއް) މަސް ނުފުރޭ ގާތުން ކިރުދޭ ކުއްޖެއް ހުރުން؛
  3. މަރުބަލީގައިވާ ނުވަތަ އާދަޔާ ހިލާފަށް ބަލި އާއިލީ މެންބަރަކަށް
  4. އާއިލީ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް؛
  5. ރާއްޖެއިން ލިބެންނެތް ސިއްހީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުމަށް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ނެރުމަށް އެދި ގައިދީން ހުށަހަޅާނީ، ޑައިރެކްޓަރ އޮފް ޕްރިޒަންއަށެވެ. މިފަދަ ހުށަހެޅުމެއް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބުމުން، އެކަން ކޮމިށަނަރަށާއި މިނިސްޓަރަށް ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅަންވާނެއެވެ. މިފަދަ ހާލަތްތަކުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކުރާ އަންނަނިވި ނުކުތާތަކުގެ މައްޗަށް ކޮމިށަނަރ އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

  1. ގައިދީ ނުވަތަ ބަންދުގައިވާ މީހާ ހިނދުކޮޅަކަށް ނަމަވެސް ޖަލުން ބޭރަށް ނެރެފިނަމަ އޭނާގެ ސަބަބުން މުޖުތަމައުގެ އެހެން ފަރުދަކަށް ނުވަތަ ފަރުދުންގެ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް ބަލައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އެޅުން.
  2. ގައިދީ ނުވަތަ ބަންދުގައިވާ މީހާ ފިލާފާނެ ކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
  3. ގައިދީ ނުވަތަ ބަންދުގައިވާ މީހާ ޖަލުން ބޭރުގައި އޭނާގެ އަމަލުތައް ބަހައްޓަންޖެހޭނެ އެންމެހައި ކަންކަމުގެ މައްޗަށް އިހްތިރާމް ކުރާނެ ކަމުގެ އިގްރާރުގައި އޭނާ ލައްވައި ސޮއި ކުރުވުން.
  4. އާއިލީ ގޮތުން މިފަދަ ކަންކަމުގައި ޒިންމާވާނެ ފަރާތެއް ވާނަމަ އެފަރާތަކުން ގައިދީ ނުވަތަ ބަންދުގައިވާ މީހާ ޖަލުން ބޭރުގައި އަމަލުކުރުމަށް އިގްރާރު ލިޔުމުން ހޯދުން.
  5. އޭނާގެ އަމިއްލަ ގޮތުން ނުވަތަ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދަތުރުކުރާނަމަ ހަރަދުގެ އެންމެހައި ކަންތައްތައް ހަމަޖައްސަންޖެހޭނެ ގޮތުގެ
  6. ރާއްޖެއިން ބޭރުގައި ހުންނަންޖެހޭނެ މުއްދަތާއި ރާއްޖެ އަންނާނެ މުއްދަތު ކަނޑައެޅިފައި އޮތުމާއި އެ މުއްދަތުގައި އޭނާ ބަލަހައްޓާނެ އުސޫލުތަކާއި އެކަމަށް ހިނގާނެ ހަރަދު ކަނޑައެޅިފައި އޮތުމާއި އެ ހަރަދަށް ޒިންމާވާނެ ފަރާތެއް އޮތުން.
  7. މިފަދަ ހާލަތްތަކުގައި ގައިދީ ޖަލުގައި އޭނާގެ ހުކުމް ތަންފީޒުކުރުމުގައި ޖަލުގެ ގަވާއިދު ތަކަށާއި މި ގާނޫނަށް އިހްތިރާމް ކުރާ މިންވަރަށް ރިއާޔަތްކުރުން.

(ނ) ޖަލެއްގައިވާ ގައިދީއަކު ވަގުތީގޮތުން ނެރެވޭނީ ޖަލު އޮފިސަރަކާ އެކުގައި، އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަގޮތަށެވެ. މިގޮތުން ވަގުތީގޮތުން އޮފިސަރުންގެ ހަވާލުގައި ނެރެވޭނީ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ނެރެ ގައިދީ ހަވާލުކުރެވޭނީ އޭނާގެ ބެލެނިވެރިއެއްގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަ ގޮތަށެވެ.

(ރ) މި މާއްދާގެ ދަށުން ވަގުތީގޮތުން ގައިދީން ދޫކުރާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޑައިރެކްޓަރ އޮފް ޕްރިޒަން އަންގަންވާނެއެވެ. އެގޮތުން، ގައިދީއަކު ދޫކުރެވިފައިވާ މުއްދަތާއި، ވަގުތީގޮތުން ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތުތައް އެނގޭނެ ފުރިހަމަ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވަންވާނެއެވެ.

 

109  ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމާބެހޭ ގަވާއިދު

މި ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ޖަލުން ދޫކުރުމާބެހޭ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ އެކުލަވާލަންވާނެއެވެ. އެ ގަވާއިދުގައި ވަގުތީގޮތުން ދޫކުރުމަށް ށަރުތު ހަމަވާ ގޮތާއި، ދޫކުރެވޭ ގޮތާއި، ދޫކޮށްފައި ތިބޭ މީހުން ކުރުމަށާއި ނުކުރުމަށް ށަރުތު ކުރެވިދާނެ ކަންކަމާއި، ވަގުތީގޮތުން ދޫކޮށްފައިހުރުން ބާތިލުކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ގަވާއިދުގައި މި ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގައިވާ ނުކުތާތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

110   ވަނަ މާއްދާ - ސިއްހީ  ބޭނުމަށްޓަކައި ދޫކުރުން

ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ރާއްޖެއިން ލިބެންނެތް ހާލަތްތަކުގައި، ކަމާބެހޭ ހާއްސަ ޑޮކްޓަރެއް އެގޮތަށް ނިންމައިފިނަމަ، މެޑިކަލް ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު އައްޔަނުކުރާ މެޑިކަލް ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން އޭނާ ސިއްހީ ބޭނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ދޫކުރުމުގެ ހުއްދަ ކޮމިށަނަރަށް ދެވިދާނެއެވެ.

 

111  ވަނަ މާއްދާ - ވަގުތީގޮތުން ދޫނުކުރެވޭނެ މީހުން

އަންނަނިވި ހާލަތްތަކުގައިވާ ގައިދީންނަކީ ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ލިބިދިނުމަށާއި، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ އެހެން އެއްވެސް ބޭނުމަކަށް ވަގުތީގޮތުންވެސް ދޫނުކުރެވޭނެ މީހުންނެވެ.

(ހ) ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭ ގައިދީން؛

(ށ) ޖަލުން ފިލިކަމުގެ ރެކޯޑެއް އޮތް ގައިދީން.

 

112   ވަނަ މާއްދާ - ށަރުތުތައް ހިފަހައްޓާތޯ ބެލުން

މި ގާނޫނުގައިވާ ގޮތުގެމަތިން ވަގުތީގޮތުން ދޫކުރާ ގައިދީން އެމީހުންގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލޭނެ ނިޒާމެއް ކޮމިށަނަރ ގާއިމުކުރަންވާނެއެވެ.

 

113   ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުން ބާތިލުކުރުން

(ހ) ގައިދީއަކު ވަގުތީގޮތުން ދޫކުރާއިރު އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތަކާ އޭނާ ދޫކޮށްފައިވާ މުއްދަތުގައި ހިލާފުވެއްޖެނަމަ ނުވަތަ އޭނާ ވަގުތީގޮތުން ދޫކޮށްފައި ބެހެއްޓުމަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް، އޭނާ ބަލަހައްޓަން ޑައިރެކްޓަރ އޮފް ޕްރިޒަން ހަވާލުކޮށްފައިވާ މުވައްޒަފަކަށް ފެނިއްޖެ ހިނދެއްގައި، އެކަން އެ މުވައްޒަފަކު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.

(ށ) ގައިދީއަކު ބަލަހައްޓަން ޑައިރެކްޓަރ އޮފް ޕްރިޒަން ހަވާލުކޮށްފައިވާ މުވައްޒަފަކު މި މާއްދާގެ (ހ) ގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމެއް އަންގައިފިނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަން އެކަމެއް ބަލައި، އެ ގައިދީއެއް ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އޭނާއަށް ފެނިއްޖެނަމަ، އެ ގައިދީ ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެނެސް، އޭނާ އަލުން ޖަލުގައި ބަންދުކުރުމަށް އަމުރުކުރަންވާނެއެވެ.

 

114   ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމުގެ ށަރުތުތަކާ ހިލާފުވުމުން ދެވޭ އަދަބު

ވަގުތީގޮތުން ދޫކުރުމުގެ ށަރުތުތަކާ ގައިދީއަކު ހިލާފުވެއްޖެނަމަ، ޖަލުގެ އެހެން އަމުރަކާ ހިލާފުވުމުން ދެވޭ އަދަބުތަކުގެ ތެރެއިން އަދަބެއް އޭނާގެ މައްޗަށް ކަނޑައެޅިދާނެއެވެ.

 

115   ވަނަ މާއްދާ - ވަގުތީގޮތުން ދޫކޮށްފައިވާ މީހަކު ޖިނާއީ ކުށެއްކުރުން

ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީއަކު، އޭނާ ދޫކޮށްފައިހުރި މުއްދަތުގެ ތެރޭގައި ޖިނާއީ ކުށެއްކުރިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އޭނާ އިތުރު މުއްދަތަކަށް ވަގުތީގޮތުން ދޫކޮށްފައި ބެހެއްޓުމަށް ހުއްދަ ކޮށްގެންނުވާނެއެވެ.

 

116   ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުން

(ހ) ވަގުތީގޮތުން ދޫކޮށްދިނުން އެދި ގައިދީއަކު ހުށަހަޅާ ހުށަހެޅުން ކޮމިށަނަރ ގަބޫލުނުކުރާނަމަ، އެކަން ސަބަބު ބަޔާންކޮށް ލިޔުމުން އެ ގައިދީއަކަށް އަންގަންވާނެއެވެ.

(ށ) ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުމަށް ކޮމިށަނަރ ނިންމާ ހާލަތުގައި، އެ ނިންމުމާމެދު އެ ގައިދީއަކު ހިތްހަމަނުޖެހޭނަމަ، އެކަން އަލުން ބަލައިދިނުން އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

 

117   ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރެވޭ މީހުންގެ ހުކުމުގެ މުއްދަތު ކެނޑުން

މި ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީން ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތު، އެއީ ހުކުމް ތަންފީޒުވަމުންދާ މުއްދަތު ކަމުގައި ބަލަންވާނެއެވެ.

 

118   ވަނަ މާއްދާ - ވަގުތީގޮތުން ދޫކޮށްފައި ހުންނައިރު ހުންނަނީ ބަންދުގައި ކަމަށް ބެލެވުން

މި ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ވަގުތީގޮތުން ދޫކުރެވޭ ގައިދީއަކު ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތުގައި އޭނާއަކީ ބަންދުގައިވާ މީހެއް ކަމުގައި ބެލޭނެއެވެ.

 

ތޭރަވަނަ ބާބު

ޕެރޯލްގެ ނިޒާމު

119   ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ލިބިދިނުން

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު، މި ގާނޫނުގައި ބަޔާންކުރާ ގައިދީންނަށް ލިބިދޭންވާނެއެވެ.

 

120   ވަނަ މާއްދާ - ޕެރޯލްގައި ތިބޭ މީހުންގެ ގާނޫނީ ހައިސިއްޔަތު

ޕެރޯލްގެ ދަށުން ދޫކުރެވޭ ހުކުމް ތަންފީޒުކުރާ މީހުންނަކީ، އެމީހުންގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނުގެނެސް، އެމީހެއްގެ ހުކުމުގެ މުއްދަތު ފަސްކުރެވޭ ބައެކެވެ. ޕެރޯލްގައި ތިބޭ މުއްދަތުގައި އެމީހުންނަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުކުމް ފަސްކޮށްފައިވާ މީހުން ކަމުގައި ބެލެވޭނެއެވެ.

 

121   ވަނަ މާއްދާ - ޕެރޯލް ބޯޑު  އެކުލަވާލުން

(ހ) ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޒ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޕެރޯލް ބޯޑުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު އަންނަނިވި ފަރާތްތައް އެކުލެވޭ ގޮތަށް ޕެރޯލް ބޯޑު އުފައްދާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕެރޯލް ބޯޑުގެ އެންމެހައި ކަންކަން ހިނގާ ނުހިނގާ ގޮތްބަލައި މި ގާނޫނުގެ ދަށުން ގައިދީން ދޫކުރުމަށްޓަކައި، އަދި ޕެރޯލްގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރެވެ.

(ށ) ޕެރޯލް ބޯޑު އެކުލެވިގެންވާނީ ތިރީގައި މިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީ އޮފް އެޑިޔުކޭށަންގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް
  2. މިނިސްޓްރީ އޮފް ހެލްތުގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް
  3. އެޓަރނީ ޖެނަރަލްގެ އޮފީހުގައި ވަޒީފާ އަދާކުރާ ގާނޫނީ
  4. މި ގާނޫނުގެ މަގްސަދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ޖަމްއިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ
  5. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް
  6. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދީނީ އިލްމުވެރިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ
  7. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮމިށަންޑް
  8. މެޑިކަލް
  9. ނަފްސާނީ ފަރުވާދޭ މީހެއް.

(ނ) ޕެރޯލްގެ ދަށުން މީހުން ދޫކުރުމަށާއި ބޯޑުގެ ޒިންމާ އަދާކުރުމަށް މިނިސްޓަރު އުފައްދާ ވަކި އިދާރާއެއް ހުންނަންވާނެއެވެ. މި އިދާރާގެ އެންމެހައި ކަންކަން އަދި ޕެރޯލް އޮފިސަރުންނާއި، އެހެނިހެން ފަންނީ އަދި އިދާރީ މުވައްޒަފުންނާއި، އޮފީސް ހިންގާނެ އިމާރާތާއި ހަރަދު ބަލަހައްޓާނީ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުންނެވެ.

(ރ) ޕެރޯލް ބޯޑުގެ ޗެއަރޕަރސަން އަދި ވައިސް ޗެއަރޕަރސަން އައްޔަނުކުރާނީ ބޯޑުގެ އަގުލަބިއްޔަތުންނެވެ.

(ބ) ބޯޑުގެ މެންބަރުންގެ އިނާޔަތް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން މިނިސްޓަރެވެ.

 

122   ވަނަ މާއްދާ - ޕެރޯލް ބޯޑުގެ ޒިންމާތަކާއި ބާރުތައް

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޯޑުގެ ބާރު ހިނގާ ދާއިރާގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

(ހ) ގައިދީންނަށް ޕެރޯލްގެ ފުރުސަތު ދިނުމާއި، ޕެރޯލް އިންޓަރވިއު ކުރުމަށްފަހު، ފުރުސަތު ދޭން ނުފެންނަ ގައިދީން ކަނޑައެޅުން؛

(ށ) ޕެރޯލްގައި ދޫކުރުމުގެ ށަރުތުތައް ކަނޑައެޅުމާއި ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ކަނޑައެޅުން؛

(ނ) ޕެރޯލްގައި މީހަކު ހުންނާނެ މުއްދަތު ކަނޑައެޅުމާއި މުއްދަތަށް ބަދަލު ގެނައުން؛

(ރ) ޕެރޯލްގައި ހުންނަ މީހަކީ ޕެރޯލްގެ ށަރުތުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ މީހަކު ކަމުގައި ކަނޑައެޅުން؛

(ބ) ޕެރޯލްގައި ދޫކޮށްފައިވާ މީހެއްގެ ޕެރޯލް ބާތިލުކުރުން.

 

123   ވަނަ މާއްދާ - ޕެރޯލް ބޯޑުން ތަބާވާންޖެހޭ އާންމު އުސޫލުތައް

ޕެރޯލް ބޯޑުގެ މަގްސަދުތައް ހާސިލުކުރުމަށް ޕެރޯލް ބޯޑުން މަސައްކަތްކުރާ ހިނދު، އަންނަނިވި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ހުރިހާ މައްސަލައެއް ނިންމުމުގައި މުޖުތަމައުގެ މަސްލަހަތަށާއި ރައްކާތެރިކަމާއި ސަލާމަތަށް އެންމެ ބޮޑު އިސްކަމެއް ދިނުން؛ އަދި

(ށ) މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ އެންމެހައި ކަންކަން އެންމެ ކުޑަ މިންވަރަކަށް ހުއްދަކުރެވޭ ގޮތެއްގެމަތިން ޕެރޯލްގެ ށަރުތުތައް  ކަނޑައެޅުން.

 

124   ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ދިނުމުގައި ބަލަންޖެހޭ ކަންކަން

ޕެރޯލްގެ ފުރުސަތުތައް ލިބިދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާ ގައިދީންނަށެވެ.

(ހ)   އޭނާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ 6 (ހައެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ކަމުގައިވުން؛

(ށ) ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް މި ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރުނޫން މުއްދަތަކަށް ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައިވުން؛

(ނ) ގައިދީ ޖަލުގައި ހޭދަކުރި މުއްދަތުގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ އަހްލާގީ މިންގަނޑެއް ދަމަހައްޓާފައިވުމާއެކު ޖަލުން އެ ގައިދީއަކަށް ކަނޑައަޅާ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މީހަކަށްވުން؛

(ރ) ގައިދީއަކީ އޭނާ ޖަލުން ދޫކުރެވިއްޖެނަމަ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހަކު ކަމުގައި ނުވުން؛

(ބ) ގައިދީ ޕެރޯލްގެ ދަށުން ދޫކޮށްފިނަމަ، އޭނާ ކުށްކުރުމުން ދުރުހެލިވެ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމައަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ބޯޑަށް ގަބޫލުކުރެވުން؛

(ޅ) މޯލްޑިވްސް ޕޮލިސް ސަރވިސް، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ކޯޓެއްގައި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހިނގަމުންދާ އިތުރު މައްސަލައެއް ނެތް މީހަކު ކަމުގައިވުން.

 

125   ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ލިބޭނެ އެންމެ ކުރު މުއްދަތު

ޕެރޯލްގެ ފުރުސަތު ލިބިދެވޭނީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ހުކުމުގެ މުއްދަތުގެ ތެރެއިން އެންމެ ކުރުވެގެން ތިރީގައިވާ މުއްދަތުތައް ތަންފީޒުވެފައިވާ މީހުންނަށެވެ.

(ހ) އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމެއް ނުވަތަ އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރަމުންދާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން.

  1. ޓެރަރިޒަމްގެ
  2. މަސްތުވާތަކެތި ވިއްކުމާއި، ވިޔަފާރިކުރުމާއި، އެތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުން؛
  3. ގަދަކަމުން ބަދުއަހްލާގީ އަމަލު
  4. ކިޑްނެޕިންގ؛
  5. ވައްކަމާއި، ޓެކުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100،000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ އަދަދެއްގެ ފައިސާ ނުވަތަ އެ އަގުގެ މުދާ ހިމެނޭ
  6. ތޫނު އެއްޗަކާއެކު ނުވަތަ ހަތިޔާރަކާއެކު މާރާމާރީ ހިންގުމާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ނުވަތަ ފުރާނައަށް ނުރައްކާވާފަދަ މާރާމާރީއެއް ހިންގުން؛
  7. ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުން.

(ށ) މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 (ދިހައެއް) ގްރާމަށްވުރެ ދަށުން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެކި މައްސަލައިގައި ޖަލު ހުކުމާއި، ގޭ ބަންދުކުރުން، އަރުވާލުން ފަދަ ހުކުމް ތަކުގައި ތިބޭ ގައިދީންނަށް އަދަބު ލުއިކޮށްދިނުމުގެ އުސޫލު ކަނޑައަޅާނީ އެ ކުށެއްގެ ބޮޑު ކުޑަމިނަށް ބަލައި އެމީހެއްގެ ކުށުގެ ރެކޯޑުގެ މައްޗައް ރިއާޔަތްކުރުމަށްފަހު މި ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ޕެރޯލް ބޯޑުން ކަނޑައަޅާ ގަވާއިދެއްގެ ދަށުންނެވެ.

 

126   ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ނުލިބޭނެ ފަރާތްތައް

އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއްނަމަ، އެމީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެއެވެ.

(ހ) ގަސްދުގައި މީހަކު މެރުން.

(ށ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން.

(ނ) އެހެން ގާނޫނަކުން އަދަބު ލުއި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ގައިދީން.

 

127   ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅުން

ގައިދީއަކަށް ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް  މި ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާން 6 (ހައެއް) މަސްދުވަހަށް ވުމުން ޕެރޯލްގެ ފުރުސަތަށް އެދި އޭނާއަށް ހުށަހެޅިދާނެއެވެ. އަދި އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންވާ ކަމަށް އޭނާ ދެކޭ ސަބަބުތަކާއި ޕެރޯލްގައި ދޫކުރެވިއްޖެނަމަ އޭނާ ކަންކުރާނެ ގޮތް ބަޔާންކޮށް ލިޔުމުން ހުށަހެޅިދާނެއެވެ.

 

128  ވަނަ މާއްދާ - ގައިދީއާ އިންޓަރވިއު ކުރުން

ޕެރޯލްއާމެދު ގޮތެއް ނިންމުމުގެ ކުރިން ޕެރޯލް ބޯޑުން ގައިދީއާ އިންޓަރވިއު ކުރަންވާނެއެވެ.

 

129  ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ދިނުމުގައި ރިއާޔަތްކުރަންވާނެ ކަންކަން

ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާފައިވާ ގައިދީއަކާމެދު ޕެރޯލް ބޯޑުން ގޮތެއް ނިންމުމުގައި ރިއާޔަތްކުރާނެ ކަންތައްތަކާއި އަމަލުކުރާނެ މިންގަނޑުތައް ބޯޑުން ކަނޑައަޅައި އިއުލާންކުރަންވާނެއެވެ. އޭގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

(ހ) އޭނާ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުށް؛

(ށ) ތަހްގީގާއި ށަރީއަތުގެ މަރުހަލާގައި ނުނިމިވާ އޭނާގެ މައްސަލައެއްވާނަމަ، އެ މައްސަލައެއް؛

(ނ) އޭނާގެ ކުށުގެ ރެކޯޑެއްވާނަމަ އެ ރެކޯޑު؛

(ރ) އޭނާގެ އިޖްތިމާއީ މައްސަލައެއްވާނަމަ އެކަން (މަސްތުވާތަކެތި ބޭނުންކުރުމާއި ގޭތެރޭގައި ކުރާ އަނިޔާ ފަދަ މައްސަލަތައް ހިމެނޭ ގޮތުން)؛

(ބ) ވަގުތީގޮތުން ނުވަތަ ޕެރޯލްގައި ކުރިން ދޫކޮށްފައިވާނަމަ، ދޫކުރިއިރު އޭނާގެ އަހްލާގު ހުރި ގޮތް؛

(ޅ) އޭނާ ކުރިން އަދާކޮށްފައިވާ ވަޒީފާއާއި މަސައްކަތުގެ މައުލޫމާތު؛

(ކ) އޭނާ ޕެރޯލްގައި ދޫކުރުމުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކާ؛

(އ) ޖަލުގައި ހުރިއިރު އޭނާގެ ސުލޫކު ހުރި ގޮތް؛

(ވ) އޭނާގެ މައްޗަށް ނިޔާ ކަނޑައެޅި ފަނޑިޔާރު ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ށަރީއަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތައް؛

(މ) އޭނާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާ ނުވަތަ މީހުންގެ ފަރާތުން ލިބޭ މައުލޫމާތު؛

(ފ) އޭނާގެ ނަފްސާނީ ހާލަތު؛

(ދ) ކުށްކުރުމާމެދު އޭނާ ދެކޭގޮތަށް އައިސްފައިވާ ބަދަލު؛

(ތ) އޭނާ ޖަލުގައި ހުރި މުއްދަތުގައި ބައިވެރިވެފައިވާ ޕްރޮގްރާމްތަކާއި، އަދާކުރި ވަޒީފާތައް.

 

130   ވަނަ މާއްދާ - ޕެރޯލްގައި ދޫކުރުމުގައި ށަރުތު ކަނޑައެޅުން

ޕެރޯލްގެ ދަށުން ގައިދީއަކު ދޫކުރުމުގައި، ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް ޕެރޯލް ބޯޑުން އޭނާއަށް ށަރުތު ކުރެވިދާނެއެވެ. އޭގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނިދާނެއެވެ.

(ހ) ގޭގައި ބަންދުކުރުން ނުވަތަ ދިރިއުޅޭ ސަރަހައްދުން ބޭރަށް ނުދިއުމަށް އެންގުން؛

(ށ) ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ގަޑިތަކަކަށް ވަކި ކަންތައްތަކެއް ކުރުން؛

(ނ) ކަނޑައަޅާފައިވާ ގޮތުގެމަތިން ޕެރޯލް އޮފިސަރަކަށް ރިޕޯޓުކުރަމުން ދިއުން؛

(ރ) ޕެރޯލް ބޯޑުން ކަނޑައަޅާ ޕްރޮގްރާމްތަކުގައި ބައިވެރިވުން؛

(ބ) ޕެރޯލް ބޯޑުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން؛

(ޅ) ޕެރޯލްގެ މުއްދަތުގައި ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރުނުކުރުން؛

(ކ) ޕެރޯލްގެ ގަވާއިދުތަކަށް ތަބާވުން.

 

131   ވަނަ މާއްދާ - ޕެރޯލް ބޯޑުގެ ނިންމުންތައް ރެކޯޑްކުރުމާއި ހާމަކުރުން

(ހ) ޕެރޯލް ބޯޑުން ކަމެއް ނިންމާނަމަ، އެ ނިންމުމާއި އެ ނިންމުން ނިންމި ސަބަބު ޕެރޯލް ބޯޑުން ލިޔެ އޭގެ ރެކޯޑްތައް ބަލަހައްޓަންވާނެއެވެ.

(ށ) ގައިދީއަށް ޕެރޯލްގެ ފުރުސަތު ދިނުމާ ބެހޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމުގެ ކޮޕީއެއް އެ ގައިދީއަކަށް ދޭންވާނެއެވެ.

 

132   ވަނަ މާއްދާ - ޕެރޯލް އޮފިސަރުން އައްޔަނުކުރުން

(ހ) ޕެރޯލްގައި ދޫކުރެވިފައި ހުންނަ ކޮންމެ ގައިދީއަކަށް، އޭނާ ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ، އޭނާ އެގޮތަށް އަމަލުކުރޭތޯ ބެލުމަށް ޕެރޯލް އޮފިސަރެއް އައްޔަނުކުރަންވާނެއެވެ.

(ށ) ޕެރޯލް އޮފިސަރުންގެ ޒިންމާތަކާއި، ޕެރޯލްގެ ދަށުން ދޫކުރާ ގައިދީން ޕެރޯލް އޮފިސަރުންނަށް ރިޕޯޓުކުރާނެ އުސޫލުތަކާއި، އެ ގައިދީން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން އަމަލުކުރަންވާނެ އުސޫލުތައް، ޕެރޯލް ބޯޑުން ކަނޑައަޅަންވާނެއެވެ.

 

133   ވަނަ މާއްދާ - ޕެރޯލްގައި ތިބޭ މީހުންގެ މިނިވަންކަން

ޕެރޯލްގައި ދޫކޮށްފައިވާ ގައިދީގެ މައްޗަށް ކަނޑައަޅާފައިވާ ށަރުތުތަކާ އޭނާ ހިލާފުނުވާހާ ހިނދަކު، މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްފަދައިން އުޅުމުގެ މިނިވަންކަން އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ ޕެރޯލް ބާތިލުނުކުރާހާ ހިނދަކު ނުވަތަ ވަގުތީގޮތުން މެދުކަނޑާނުލާހާ ހިނދަކު، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމުގެ ސަބަބުން ޕެރޯލްގައި ދޫކޮށްފައިވާ މުއްދަތުގައި އޭނާ ޖަލުގައި ބަންދުކޮށްގެންނުވާނެއެވެ.

 

134   ވަނަ މާއްދާ - ޕެރޯލް ފުރިހަމަކުރުން

(ހ) ޕެރޯލްގައި ދޫކޮށްފައިވާ ގައިދީ އޭނާގެ މައްޗަށް ކުރެވިފައިވާ ޕެރޯލްގެ ށަރުތުތަކާ ހިލާފުނުވެ، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޕެރޯލްގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ޕެރޯލް ބޯޑުން ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ޕެރޯލް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ޕެރޯލް ބޯޑުން ކަނޑައަޅާފައިވާ މީހާގެ ޖިނާއީ މައްސަލަތަކާމެދު ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

  1. އޭނާގެ މައްޗަށް ތަންފީޒުކުރެވެމުންއައި ހުކުމް ނުވަތަ ހުކުމްތައް އިތުރަށް ތަންފީޒުކޮށްގެން ނުވާނެއެވެ.
  2. ޕެރޯލްގެ ފުރުސަތު ލިބުމުގެ ފަހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށްތަކާއި، ޕެރޯލްގެ ފުރުސަތު ލިބުމުގެ ކުރިން ކޮށްފައިވާ ނަމަވެސް އޭގެކުރިން ހާމަވެފައިނުވާ ކުށްތަކާގުޅޭ ތަހްގީގާއި ށަރީއަތްތައް ގާނޫނާ އެއްގޮތަށް ކުރިއަށްގެންދަންވާނެއެވެ.

 

135   ވަނަ މާއްދާ - ޕެރޯލް ސަސްޕެންޑް ކުރެވިދާނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ގައިދީގެ ޕެރޯލް،  ޕެރޯލް ބޯޑަށް ސަސްޕެންޑް ކުރެވިދާނެއެވެ.

(ހ) ގައިދީ އޭނާއަށް ކަނޑައެޅިފައިވާ ޕެރޯލްގެ ށަރުތުތަކާ ހިލާފުވުން؛

(ށ) ގައިދީގެ ޕެރޯލް ސަސްޕެންޑް ކުރުމަކީ ޕެރޯލްގެ ށަރުތުތަކާ ހިލާފުވިޔަ ނުދިނުމަށްޓަކައި ނުވަތަ މުޖުތަމައުގެ ސަލާމަތްކަމާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުން؛

(ނ) ޖިނާއީ ކުށެއްގެ ދައުވާއެއް އޭނާގެ މައްޗަށް ކުރެވުން ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތަހްގީގަށް އޭނާ ހައްޔަރުކުރުން.

 

136   ވަނަ މާއްދާ - ޕެރޯލް ސަސްޕެންޑްވުމުގެ ނަތީޖާ

މި ގާނޫނުގެ135  ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕެރޯލްގައި ހުރި ގައިދީއެއްގެ ޕެރޯލް ސަސްޕެންޑް ކުރެވުމާއެކު، އޭނާގެ ޕެރޯލް އަލުން މުރާޖައާކުރެވެންދެން އެނބުރި ޖަލަށް ރުޖޫއަކުރެވޭނެއެވެ.

(ހ) ޕެރޯލް އަލުން މުރާޖައާކުރުމުގައި އަމަލުކުރާނީ މި ގާނޫނުގައި ކަނޑައަޅާފައިވާ ޕެރޯލް ސަސްޕެންޑްކުރެވޭ ހާލަތުގައި ނުވަތަ ޕެރޯލް ބާތިލްކުރެވޭ ހާލަތުގައި އޭނާ އަމަލުކޮށްފައިވާ ގޮތާއި ޕެރޯލްގެ މުއްދަތުގައި އޭނާއާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ގަވާއިދު ތަންފީޒުކުރާ ފަރާތުން އިހުމާލުވެފައި ވޭތޯއާއި ޒަރޫރީ ހާލަތްތައް މެދުވެރިވެގެން ވަކި ގަޑިއަކަށް ވަކި ވަގުތަކަށް ވަކި ތަނަކަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވޭތޯއާއި އޭނާގެ ބެލެނިވެރިން ނުވަތަ ޕެރޯލް މުއްދަތުގައި އޭނާގެ އަމަލުތައް ބެލެހެއްޓުމަށް އިގްރާރުވެފައިވާ ފަރާތްތައް އިހުމާލުވެފައިވޭތޯއެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ އެންމެހައި ކަންކަން ބަލައި މޮނިޓަރކުރާނެ އުސޫލެއް ގާއިމުކޮށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިފަދަކަންކަން ބަލައި މުރާޖައާކުރާނެ އުސޫލެއް ކަނޑައަޅަންވާނެއެވެ.

 

137   ވަނަ މާއްދާ - ޕެރޯލް ބާތިލުކުރުން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕެރޯލްގައި ދޫކޮށްފައި ހުރި ގައިދީއެއްގެ ޕެރޯލް، ޕެރޯލް ބޯޑުން ބާތިލުކުރަންވާނެއެވެ.

(ހ) ޕެރޯލްގައި ދޫކުރެވުނު ފަހުން ގައިދީގެ ސުލޫކު ހުރި ގޮތުން، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ވެދާނެކަމަށް ޕެރޯލް ބޯޑަށް ފެނުން؛

(ށ) މަގްބޫލު ސަބަބެއް ދެއްކުމާއެކު އަލުން ޖަލަށް ރުޖޫއަވުމަށް ޕެރޯލްގައި ދޫކޮށްފައިހުރި ގައިދީ އެދުން؛

(ނ) ޖިނާއީ ކުށެއް އޭނާގެ މައްޗަށް ސާބިތުވެއްޖެކަމަށް ކޯޓުން ކަނޑައެޅުން.

 

138   ވަނަ މާއްދާ - ޕެރޯލް ބާތިލުކުރުމުގެ ނަތީޖާ

ޕެރޯލްގައި ދޫކުރެވިފައިވާ ގައިދީއެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ އޭނާ އަނބުރާ ޖަލަށް ރުޖޫއަކޮށް، އޭނާގެ ހުކުމުގެ ބާކީ އޮތްބައި ޖަލުގައި ތަންފީޒުކުރަންވާނެއެވެ.

 

139   ވަނަ މާއްދާ - އަލުން ޕެރޯލަށް އެދުން

ގައިދީގެ ޕެރޯލް ބާތިލުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ވަންދެން ގައިދީއަށް އަލުން ޕެރޯލްގެ ފުރުސަތަކަށް ނުއެދެވޭނެއެވެ.

 

140   ވަނަ މާއްދާ - ޕެރޯލް ބޯޑުގެ ނިންމުން އަލުން މުރާޖައާކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ޕެރޯލް ބޯޑުން ގައިދީއެއްގެ ޕެރޯލްއާ ގުޅޭގޮތުން ނިންމާ ނިންމުމެއް މުރާޖައާކޮށްދިނުން އެދި ގައިދީއަށް ހުށަހެޅިދާނެއެވެ. މިފަދަ ހުށަހެޅުމެއް މުރާޖައާކުރުމަށްޓަކައި އޭނާ ހުށަހަޅާނީ މިނިސްޓަރަށެވެ. މިގޮތުން އެފަދަ ހުށަހެޅުމެއް އަތުވެއްޖެނަމަ އެ ހުށަހެޅުމެއްގެ މައްޗަށް ބަލައި މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ މައްސަލަ މުރާޖައާކުރާނީ މިނިސްޓަރު ކަނޑައަޅާ ކޮމިޓީއަކުންނެވެ. އެ ކޮމިޓީއަކީ މަދުވެގެން 3 (ތިނެއް) މެންބަރުންގެ މައްޗައް ހިމެނޭ ގޮތަށް އަންނަނިވި ފަރާތްތައް ބައިވެރިވާ ކޮމިޓީއަކަށް ވާންވާނެއެވެ.

  1. ޕެރޯލް ބޯޑުގެ
  2. ގައިދީއާ ގުޅުންހުރި ފަރާތެއް، އާއިލީ މެންބަރެއް؛
  3. ކޮމިށަނަރ ކަނޑައަޅާ އޮފިސަރެއް.

(ށ)   ޕެރޯލް ބޯޑުގެ ނިންމުންތައް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ މުހިންމު މައުލޫމާތެއް އެ ނިންމުން ނިންމި ވަގުތު ޕެރޯލް ބޯޑަށް ލިބިފައި ނެތުން؛ ނުވަތަ

(ނ) އެ މައްސަލަ ބެލުމުގައި އިޖުރާއީ އުސޫލުތަކަކާ ހިލާފުވެފައިވުން.

 

ސާދަވަނަ ބާބު

އާންމު މާއްދާތަކެއް

141   ވަނަ މާއްދާ - ގަވާއިދު އަންގައި ދިނުން

(ހ) މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތައް ޖަލު އޮފިސަރުންނާއި ގައިދީންނާއި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދީ، އެ ގަވާއިދުތައް އެމީހުންގެ ސަމާލުކަމަށް ގެނައުމަށް ކޮމިށަނަރާއި ޑައިރެކްޓަރ އޮފް ޕްރިޒަން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތަކުގެ ތެރެއިން ގައިދީންނާ ގުޅުންހުރި އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތައް  ލިޔަންކިޔަން ނުދަންނަ ގައިދީންނަށް އަންގައިދިނުމަށް ޑައިރެކްޓަރ އޮފް ޕްރިޒަން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެއެވެ. އަދި އެފަދަ ގަވާއިދުތަކާއި އަމުރުތައް ދިވެހި ބަސް ނޭނގޭ ގައިދީންނަށް އެނގޭނެ ބަހަކުން ކިޔައިދޭންވާނެއެވެ.

 

142   ވަނަ މާއްދާ - ތަފާތުގޮތަކަށް އަމަލުކުރެވިދާނެ ގައިދީންނާއި ބަންދުގައި ބައިތިއްބަން ޖެހޭ އެހެނިހެން މީހުން

އަންނަނިވި ގައިދީންނަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއް މެދުވެރިކޮށް ހާއްސަ ގޮތަކަށް އަމަލުކުރުމަށް މިނިސްޓަރަށް ހަމަޖެއްސިދާނެއެވެ.

(ހ) 18 (އަށާރަ) އަހަރު ނުފުރޭ ކުދިން؛

(ށ) ހާއްސަ އެހީއަށް ބޭނުންވާ ކުދިން؛

(ނ) އިމިގްރޭށަން ގާނޫނުގެ ދަށުން ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ބަންދުގައި ބައިތިއްބުމަށް ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ އެދުމުގެ މަތިން ބަންދުކުރެވޭ ބިދޭސީން.

 

143   ވަނަ މާއްދާ - ޖަލުގެ މިލްކިއްޔާތު ގަވާއިދާ ހިލާފަށް ބެހެއްޓުމާއި ވިއްކުން

(ހ) ޖަލު އޮފިސަރުން އެމީހުންގެ ވަޒީފާ އަދާކުރުމަށްޓަކައި ހަވާލުކުރެވިފައިވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ބަހައްޓައިފިނަމަ، އޭނާ އެކުރަނީ ކުށެކެވެ.

(ށ) މީހެއްގެ އަތުގައި، އެ އެއްޗެއް އޮތް ސަބަބު ބަޔާންކޮށް ނުދެވޭ، ޖަލުގެ މިލްކިއްޔާތުގެ ގޮތުގައި ހިމެނޭ އެއްޗެއް ބަހައްޓައިފިނަމަ، އޭނާ އެކުރަނީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ،25,000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) އެއްވެސް މީހަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހުއްދައަކާ ނުލައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.

  1. ޖަލުގެ މިލްކިއްޔާތުގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް ގަތުން ނުވަތަ ލިބިގަތުން؛ ނުވަތަ
  2. ޖަލުގެ މިލްކިއްޔާތުގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް ވިއްކުމުގައި ނުވަތަ މީހަކަށް ދިނުމުގައި ބައިވެރިވުން ނުވަތަ އެހީތެރިވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ،35,000 (ތިރީސްފަސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

144 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރެވެ.

(ށ)  މި ގާނޫނުގައި ގަވާއިދު ހަދަންޖެހޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން އަންނަނިވި ކަންކަމާ ގުޅޭގޮތުން މިނިސްޓަރުގެ ލަފަޔާއެކު ކޮމިށަނަރ ގަވާއިދު ހަދަންވާނެއެވެ.

  1. ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދު.
  2. ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދު.
  3. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ
  4. ޖަލު ބަލައި ފާސްކުރުމާއި ރިޕޯޓުކުރުމުގައި އިންސްޕެކްޓަރ އަމަލުކުރަންވީ ގޮތުގެ ގަވާއިދު.
  5. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ
  6. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ
  7. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި، ގައިދީންގެ ފޮޓޯއާއި، އިނގިލީގެ ނިށާނާއި، ލޭގެ ގްރޫޕާއި، ދަތުގެ ނިށާނާއި، ހަށިގަނޑުގެ މިންނެގުން ފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު.
  8. އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ގަވާއިދު.
  9. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު.
  10. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބަންދުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ
  11. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު.
  12. ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު.
  13. ޕެރޯލްގެ
  14. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓަރނަލް ޑިސިޕްލިނަރީ ގަވާއިދު.
  15. ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދު.
  16. ޖަލުގައި ކުއްލި ހާލަތެއް މެދުވެރިވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ
  17. ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު.
  18. ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވާ ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު.
  19. އަރުވާލުމުގެ ހުކުމްގައި ގޭބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވާ ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ
  20. ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދު.
  21. ގޭބަންދު ހުކުމާއި، އަރުވާލުންފަދަ ހުކުމްތަކުގައި، ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނޭ ގޮތުގެ ގަވާއިދު.#
  22. އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގައި ހުންނަންޖެހޭ ށަރުތުތައް ބަޔާންކުރާ ގަވާއިދު.
  23. ހުކުމް ތަންފީޒުކުރާ މީހުން ކާވެނިކުރުމާބެހޭ ގަވާއިދު.
  24. ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު.

(ނ) މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކުރަންވާނެއެވެ.

 

145 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 1 (އެކެއް) މަސްދުވަސް ވުމުންނެވެ.

 

146 ވަނަ މާއްދާ - ޖަދުވަލުތަކަކީ ގާނޫނުގެ ބައެއްކަމަށް ކަނޑައެޅުން

މި ގާނޫނުގެ ޖަދުވަލުތަކަކީ މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ޖަދުވަލުތަކާ އެކުގައެވެ.

 

147 ވަނަ މާއްދާ - ގާނޫނަށް އިސްކަންދިނުން

މި ގާނޫނުގައި ބަޔާންވެގެންވާ ކަމެއް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނު ތަސްދީގުވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގާނޫނުގެ ބޭނުމަށްޓަކައި އެކަމަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ މިންވަރުން، އަމަލުކުރެވޭނީ މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

ފަނަރަވަނަ ބާބު

އިންތިގާލީ ކަންތައްތަކާބެހޭ ބާބު

 

148 ވަނަ މާއްދާ - މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެއްދުން

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކުގައި، ބަންދުކުރެވޭ މީހުންނާއި ހައްޔަރުކުރެވޭ މީހުންގެ ހައްގުތައްވެސް ހިމާޔަތް ކުރުމާއި، އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުމާއި، ފަހުން ހެދޭ ގާނޫނަކުންވިޔަސް އެއްވެސް އަދަބެއް ގައިދީއަކަށް ވިޔަސް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރުމަށް ކަނޑައަޅާފައިވީހިނދު، ޖަލުތަކާއި ޕެރޯލްގެ ގާނޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުށްވެރިންނާއި ބަންދު މީހުންނާއި ތަހްގީގީ މަރުހަލާގައި ބަންދުކުރަންޖެހޭ މީހުންނާއި، ގައިދީންކުރެ އަދަބު ލުއިކޮށްދިނުމާއި ޕެރޯލްގެ އުސޫލުން ގައިދީން މިނިވަންކުރެވޭނެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ގާނޫނު ކަމަށްވީހިނދު، އަދި އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކާއި ކަސްޓޯޑިއަލް ޖަލުތައްފަދަ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ތަންތަނާއި މި ގާނޫނުގެ ދަށުން އަލަށް އުފައްދަންޖެހޭ އެތަށްކަމަކާއި، އަދި މިފަދަ ގާނޫނަކަށް އަމަލުކުރަން ފަށާއިރު ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުތަކާއި ކުށްވެރިން ބެލެހެއްޓުމަށް މިހާރު އަމަލުކުރެވެމުންދާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެފަދަ ތަންތަނުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންގެ ވަޒީފާއާއި އެފަރާތްތަކަށް ލިބޭ އިނާޔަތާއި އެފަދަ ފަރާތްތަކުން އަދާކުރަމުންދާ ގައުމީ ހިދުމަތުގެ މުއްދަތު މެދުނުކެނޑި މި ގާނޫނުގެ ދަށުން އަލަށް އުފެއްދޭ މުއައްސަސާއަކަށް ބަދަލުވެގެންދާހިނދު، އެފަރާތްތަކުން ކުރަމުންދާ ހިދުމަތުގެ މުއްދަތުވެސް މެދުނުކެނޑި މި ގާނޫނުގެ ދަށަށް ބަދަލުވެގެންދާނެ ގޮތް ހަމަޖެހުމާއި، މިފަދަ ކަންކަމާމެދު އަމަލުކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ދިނުމަށް މި ގާނޫނުގެ މި ބާބު ބޭނުންކުރަންވާނެއެވެ.

(ށ) މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ގާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފައްދަންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ހިނގާނެ ގޮތުގެ ގަވާއިދުތައް މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އުފައްދަންދެން މިހާރުވެސް އަމަލުކުރެވެމުންދާ ގާނޫނުތަކަށް އަމަލުކުރަމުން ގެންދަންވާނެއެވެ.

 

149 ވަނަ މާއްދާ - ޖަލުތައް ކަނޑައެޅުން

(ހ) މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ތެރޭގައި މިހާރު ބޭނުންކުރާ އެންމެހައި ޖަލުތައް އެއީ މި ގާނޫނުގައި ބުނާ ޖަލުތައް ކަމުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި ގާނޫނުގައި ގިންތިކޮށްފައިވާ އެކިއެކި ގިންތިއަށް ފެތޭގޮތަށް ޖަލުތަކާއި، ރިހެބިލިޓޭށަން ސެންޓަރާއި އަދި ޑިޓެންށަން ސެންޓަރުގެ ނަންތައް ކަނޑައަޅައި ހިންގުމުގެ އެންމެހައި ބާރު ގާނޫނު ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށް ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނާ 1 (އެކެއް) އަހަރުގެ މުއްދަތުގައި ގާނޫނުގައި ބުނާ ފެންވަރަށް ގިންތިކުރެވިފައިވާ ޖަލުތައް ހެދެންދެން މި ގާނޫނާ އެއްގޮތަށް ބޭނުންކުރާނީ މިހާރު ހުރި ޖަލުތަކެވެ. އަދި މި ޖަލުތަކުގެ ނަންތަކާއި، ސަރަހައްދުތައް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރަންވާނެއެވެ. އިންތިގާލީ މަރުހަލާގައި މިފަދަ އިތުރު ތަނެއްގައި ޖަލެއްގެ އުސޫލުން މީހުން ބަންދުކުރަން ޖެހިއްޖެނަމަ އެފަދަ ތަނެއް ތައްޔާރުކޮށް ކުށްވެރިން ނުވަތަ ގައިދީން އެތަނެއްގައި ބޭތިއްބުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރަންވާނެއެވެ.

 

150 ވަނަ މާއްދާ - އިންތިގާލީ ބާބަށް އަމަލުކުރުން

(ހ) މި ބާބުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މި ގާނޫނުގެ ދަށުން އުފައްދަންޖެހޭ މުއައްސަސާތަކާއި އިދާރާތަކާއި ބޯޑުތަކާއި މަގާމުތަކާއި ޖަލުތައް އުފައްދައި އެތަންތަނުގައި އުފައްދާ މަގާމުތަކާ މީހުން ހަވާލުވެ އެކި މުއްދަތުގައި ކުރަން ހަމަޖައްސާފައިވާ ކަންކަން ކޮށް، މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތައް ފުރިހަމަވަންދެންނެވެ.

(ށ) އިންތިގާލީ މަރުހަލާގައި އަމަލުކުރެވޭނީ މި ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ ގޮތަށެވެ.

 

151 ވަނަ މާއްދާ - އޮފިސަރުން މަގާމުގައި ދެމިތިބުން

މި ގާނޫނަށް އަމަލުކުރާން ފަށާއިރު ތިބި ޖަލު އޮފިސަރުން މި ގާނޫނުގެ ދަށުން ގޮތެއް ކަނޑައެޅެންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.

 

152   ވަނަ މާއްދާ - މުވައްޒަފުންގެ ހައްގުތަކާއި އިލްތިޒާމްތައް ބަދަލުވުން

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައި ނުވާހާހިނދަކު، މި ގާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސަސްގެ އެންމެހައި މުވައްޒަފުންނާއި އެފަރާތްތަކުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމުތައް މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ބަދަލުވީއެވެ.

 

153 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތައް ދެމިއޮތުން

މި ގާނޫނަށް އަމަލުކުރާން ފަށާއިރު، އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މި ގާނޫނާއި ތައާރުޒްނުވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރެވެމުންދާނެއެވެ.

 

154 ވަނަ މާއްދާ - އުވާލެވޭ ގަވާއިދުތައް

(ހ) މި ގާނޫނު ތަސްދީގުވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އުވުނީއެވެ. އަދި އެ ގަވާއިދުތަކުގެ ދަށުން ހިނގަމުންއައި ނިޒާމުތަކާއި، ޕެރޯލްގެ ދަށުން ދޫކުރެވިފައިވާ މީހުން މި ގާނޫނުގެ ދަށުން ގާނޫނީ ހައިސިއްޔަތު ލިބެންދެން، އެމީހުންނާމެދު ހިނގަމުންއައި ނިޒާމުތަކާއި ޕެރޯލްގެ ދަށުން ދޫވެފައި ތިބިތިބުން ދެމިއޮންނާނެއެވެ.

  1. ޖަލުގެ ގަވާއިދު
  2. ޕެރޯލް ޕްރޮގްރާމްގެ ގަވާއިދު

(ށ) އިންތިގާލީ މަރުހަލާގައި މި ގާނޫނަށް އަމަލުކުރުމުގައި ދިމާވާ އެންމެހައި ދަތިތަކާއި ހަދަމުންދާ ގަވާއިދުތަކާއި ގާނޫނަށް ކޮންމެހެން ގެންނަން ޖެހިއްޖެ ބަދަލެއް ގެނައުމުގައި ދިމާވާ ކަންކަމުގެ މައްޗަށް އެކުލަވާލެވޭ ރިޕޯޓެއް، ކޮންމެ ތިން މަހަކުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

 

155 ވަނަ މާއްދާ - ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ހުކުމް ތަންފީޒުކުރަމުންދާ މީހާ" ކަމަށް ބުނެފައިއެވަނީ، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ކަނޑައަޅައި، އެ ހުކުމް ތަންފީޒުކުރަމުންދާ މީހާއަށެވެ.

(ށ) "މެޑިކަލް އޮފިސަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ ޑޮކްޓަރަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާ ހިންގުމާ ހަވާލުވެހުރި މިނިސްޓަރަށެވެ.

(ރ) "މީހުންގެ ފުރާނައަށް ނުރައްކާ ނުވާ ފަދަ ހަތިޔާރު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ފުރާނައަށް ނުރައްކާ ނުވާނެ ގޮތެއްގެމަތިން، މީހެއްގެ ހަށިގަނޑަށް ނުކުޅެދޭ ހާލަތެއް މެދުވެރިކުރުވައިގެން ނުވަތަ އެފަދަ ހާލަތެއް މެދުވެރިނުކުރުވައި ނަމަވެސް، ޖަލުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށާއި ގައިދީންގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ރޫޅާލުމަށް ބޭނުންކުރާ ހަތިޔާރަށެވެ. މީގެތެރޭގައި، ކަރުނަ ގޭހާއި، ޕެޕަރ ސްޕްރޭއާއި، ޓޭޒަރ ގަންއާއި، ސްޓަން ގަން ހިމެނެއެވެ.

(ބ) "ފުލުހުން" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހުވައި ކޮށްފައިތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށެވެ.

(ޅ) "ޖަލު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ރިމާންޑް ޖަލުތަކާއި އާންމު ޖަލުތައް ހިމެނޭ ގޮތުންނެވެ.

(ކ) "ރިހެބިލިޓޭށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ހުކުމުގެ މުއްދަތުގައި ޕެރޯލްގެ އުސޫލުތަކާއި އެއްގޮތަށް ހާއްސަ ފަރުވާއެއް ދީގެން ގެންގުޅެން ޖެހިފައިވާ ފަރާތްތައް ބަންދުކޮށްފައި ބައިތިއްބާ ތަނަށެވެ.

(އ) "ޑިޓެންށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާ ހިލާފުވެގެން ރާއްޖެއިން ޑީޕޯޓްކުރަންޖެހޭ މީހުން ކުރެ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކަނޑައަޅާ އުސޫލެއްގެ މަތިން ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ބަންދުގައި ބައިތިއްބަންޖެހޭ މަރުކަޒަށެވެ.

(ވ) "ޖަލު އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ރިމާންޑް ޖަލެއް ނުވަތަ އާންމު ޖަލެއްގައިނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން އެ ޖަލެއްގައި މަސައްކަތްކުރަން އައްޔަނުކޮށްފައިވާ މުވައްޒަފަކަށެވެ.

(މ)   "ވަގުތީގޮތުން ދޫކުރުން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ގައިދީއަކު ކަނޑައެޅޭ ވަކި މުއްދަތަކަށް ވަގުތީގޮތުން ޖަލުން ދޫކުރާ ދޫކުރުމަށެވެ. މީގެ ތެރޭގައި ޕެރޯލްގެ ފުރުސަތު ލިބިގެން ދޫކުރާ ދޫކުރުމެއް ނުހިމެނެއެވެ.

(ފ) "ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ކޮމިށަނަރ އޮފް ޕްރިޒަންސްއަށެވެ.

(ދ) "ޑައިރެކްޓަރ އޮފް ޕްރިޒަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ކޮންމެ ޖަލަކަށް އައްޔަނުކުރާ މީހަކަށެވެ.

(ތ) "އިންސްޕެކްޓަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށެވެ.

(ލ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައިއެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނާއި އަރުވާލަން ނުވަތަ ގޭބަންދަށް ކޯޓުން ހުކުމްކޮށްފައި ތިބޭ މީހުންނަށެވެ.

(ގ) "ބަންދު މީހުން" ކަމަށް ބުނެފައިއެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށެވެ.

(ޏ) "ޕެރޯލް" ކަމަށް ބުނެފައިއެވަނީ، ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ޖަލުން ދޫކުރާ ދޫކުރުމަށެވެ.

(ސ) "ހުކުމް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ކޯޓަކުން ކުރާ ހުކުމަށެވެ.

 

 

--------------------------

 

ޖަދުވަލު 1

ޖަލު އޮފިސަރުންގެ ހުވާ

"އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިހުރުމަށާއި، ހުކުމް ތަންފީޒުކުރަންޖެހޭ މީހުންގެ އިންސާނީ ކަރާމަތް އިހްތިރާމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިހުރުމަށާއި، ދައުލަތާއި ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިހުރުމަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ފަރާތުން ދިމާވެދާނެ ނުރައްކަލަކުން ރައްޔިތުން ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."

 

 

-------------------------- 

 


ޖަދުވަލު 2

ސަލާމަތީ ގިންތީގެ ދަރަޖަތައް

ގައިދީއަކު ޖަލުގައި ނުވަތަ ޖަލުގެ ބައެއްގައި ބެހެއްޓުމުގައި އެމީހަކު ބަލަހައްޓާނެ މިންވަރަކާއި އަދި އެމީހަކު ބަންދުގައި ބަހައްޓާނެ ޖަލުގެ ސަރަހައްދެއް ނިންމުމަށްޓަކައި ކަނޑައަޅަންޖެހޭ ސަލާމަތީ ގިންތީގެ ދަރަޖަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 

ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖަ

ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭނީ ތިރީގައި ބަޔާންކޮށްފައިވާ މީހުންނެވެ.

  1. ޖަލުން ފިލާފާނެ ކަމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ގަބޫލުކުރެވޭ އަދި އެމީހަކު ފިލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުން؛ އަދި / ނުވަތަ
  2. ޖަލުގައި ތިބޭ އެހެން ގައީދީންނަށާއި ޖަލު އޮފިސަރުންގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ގަބޫލުކުރެވޭ މީހުން.

 

ސަލާމަތީ ގިންތީގެ މެދު ދަރަޖަ

ސަލާމަތީ ގިންތީގެ މެދު ދަރަޖައިގައި ތިބޭނީ ތިރީގައި ބަޔާންކޮށްފައިވާ މީހުންނެވެ.

  1. ޖަލުން ފިލާފާނެކަމަށް ގަބޫލުކުރެވޭ އަދި އެމީހަކު ފިލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުން؛ އަދި / ނުވަތަ
  2. ޖަލުގައި ތިބޭ އެހެން ގައިދީންނަށާއި ޖަލު އޮފިސަރުންގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުން.

 

ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖަ

ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭނީ، ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖަ އާއި މެދު ދަރަޖައިގައި ނުހިމެނޭ މީހުންނެވެ.

 

-------------------------- 

 

 


ޖަދުވަލު 3

ޖަލުގައި ހިންގަންޖެހޭ މުހިންމު ޖަލު އަމުރުތައް

  1. ޖަލަށް ގެނެވޭ ގައިދީން ބަލައިގަނެ ޖަލަށް އަހުލުވެރިކުރުވުން
  2. ސަލާމަތީ ގިންތި ކަނޑައެޅުމާއި ބައިތިއްބާނެ ތަން ކަނޑައެޅުން
  3. ހުކުމް ތަންފީޒުކުރުމާއި ރީހެބިލިޓޭޓްކުރާނެ ޕްލޭނެއް ކަނޑައެޅުން
  4. ކާންދިނުން
  5. ބޭސްފަރުވާ ކުރުން
  6. އާއިލާއާ ގުޅުން ދެމެހެއްޓުމާއި ޖަލަށް ޒިޔާރަތްކުރުން
  7. ސިޓީލިޔުމާއި ލިބިގަތުން
  8. ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރުމާއި ކަސްރަތުކުރުން
  9. ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިޔުން
  10. ހާއްސަ ހާލަތްތަކުގައި ގައިދީން ޖަލުން ނެރުން
  11. ގައިދީންނަށް ވަޒީފާ ދިނުމާއި މަސައްކަތްކުރުވުން
  12. އާއިލާއިން ގައިދީންނަށް އެއްޗެހި ފޮނުވުން
  13. ޖަލުގެ އަމަން އާންމު ބެލެހެއްޓުން
  14. ޖަލުގައި ފޯރިމެރުން
  15. ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ޑިއުޓީ ކަނޑައެޅުން
  16. ޖަލުގެ ސަރަހައްދުތަކުގެ ސެކިއުރިޓީ ލެވެލް ކަނޑައެޅުމާއި، އެ ތަންތަނަށް ވަދެވޭ މީހުން ކަނޑައެޅުމާއި، ފާސްނެތި ނުވަދެވޭގޮތަށް ހަމަޖެއްސުން
  17. ޖަލުގެ ސާފުތާހިރުކަން ބެލެހެއްޓުން
  18. ފެނާއި ކަރަންޓުގެ އިސްރާފު ކުޑަކުރުން
  19. ގައިދީން ތިބޭ ތަންތަން ބަލައި މަރާމާތުކުރުން
  20. އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް
  21. އެމަރޖެންސީ ހާލަތްތަކުގައި ހާއްސަ ސެކިއުރިޓީ އޮފިސަރުންގެ އެހީއާއި، ފުލުހުންނާއި ސިފައިންގެ އެހީ ހޯދުން
  22. ހަޅުތާލުކުރުމާ ގުޅިގެން އަޅާނެ ފިޔަވަޅު
  23. ނުކިޔަމަންތެރިވާ ގައިދީންނާމެދު އަޅާނެ ފިޔަވަޅު
  24. ގައިދީން މާރާމާރީ ހިންގުމާއި މުދަލަށް ގެއްލުން ދިނުމާ ގުޅިގެން އަޅާނެ ފިޔަވަޅު
  25. ހަތިޔާރު ގެންގުޅުމާއި ބިޑި އެޅުވުން
  26. އެކަހެރިކުރުން
  27. ޖަލުން ފިލާ މީހުންނާމެދު އަމަލުކުރެވޭ ގޮތް

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދުނު ގައިދާއި އުސޫލު

  1. ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-116)
  2. ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-183)
  3. ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2022-140)
  4. ޕެރޯލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-86)
  5. ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-80)
  6. ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު (23 އޮކްޓޫބަރު 2019)
  7. އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ށަރުތު ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2019-1031)
  8. ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމޔތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-36)
  9. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި، ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު 2016-35) 
  10. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-34) 
  11. ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު (ގަވާއިދު ނަންބަރު 2015-223) 
  12. ގަވާއިދު ނަންބަރު 2015-218 (މޯލްޑިވްސްގެ ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-218)
  13. ޖަލުބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-145)
  14. ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-144) 
  15. ގޭބަންދު ހުކުމާއި، އަރުވާލުން ފަދަ ހުކުމްތަކުގައި ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-136)
  16. ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓާރނަލް ޑިސިޕްލިނަރީ ގަވާއިދު (ގަވާއިދު ނަންބަރު 2015-135)
  17. ގައިދީންގެ ނުވަތަ ބަންދު މީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-134)
  18. އޮފިސަރުންގެ ސުލޫކީ މިންގަނޑު (ގަވާއިދު ނަންބަރު 2015-133) 
  19. ގައިދީން ނުވަތަ ބަންދުމީހުން ޔުނީފޯމްލާގޮތަށް ހަމަޖައްސާފައިވާ ޖަލުތަކުގައި ޔުނީފޯމް ލެއްވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-132)
  20. ރިޓަޔަރ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-130)
  21. އަރުވާލުމުގެ ހުކުމުގައާއި، ގޭބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރްކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-129)
  22. ޖަލުގައި ކުއްލި ހާލަތެއް މެދުވެރިވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-128)
  23. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-127)
  24. އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާއި، އެތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނެގޮތް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-17)
  25. ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-02)
  26. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-03)
  27. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގު ނިށާނާއި ހަށިގަނޑުގެ މިންނެގުން ފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2015-04)
  28. ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-05)
  29. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން، ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-187)
  30. ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-186)
  31. އިންސްޕެކްށަނަރ އޮފް ކަރެކްށަނަލް ސަރވިސް ގެ ށަރުތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2014-165)
  32. ޕެރޯލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-162)
  33. ޑީޕީއާރުއެސްގެ އިސްވެރިޔާއާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު މުވާސަލާތުތައް މަގު ކުރުކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-56)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު