-

ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 80/2020)

 

1 ވަނަ މާއްދާ – ތައާރުފ

މިއީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، ގައިދީންނާއި ބަންދުކޮށްފައި ތިބޭ މީހުންގެ އަހްލާގު ޖަލުތެރޭގައި ބަހައްޓަންވާނެ މިންގަނޑު ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 150 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ޖަލުގައި ހުންނަ ހުރުމުގައި، ގައިދީންނާއި ބަންދުކޮށްފައި ތިބޭ މީހުންގެ އަހްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖެހޭ ގޮތާއި، ގައިދީންނަށާއި ބަންދުކޮށްފައި ތިބޭ މީހުން ކުރުން މަނާ ކަންތައްތައް ކަނޑައެޅުމާއި، އެ ކަންކަން އަންގައިދިނުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ދީނީ އަޅުކަން އަދާކުރުން

ޖަލުގައި ހުންނަ ކޮންމެ މުސްލިމަކު، ކޮންމެ ދުވަހެއްގެ ފަރުޒު ފަސް ނަމާދުކޮށް، ކީރިތި ގުރުއާން ކިޔަވައި، ފަރުޒު ރޯދަ ހިފައި، ދީނީ އެހެނިހެން އަޅުކަން ބަރާބަރަށް އަދާކުރަން ޖެހޭނެއެވެ.

 

7 ވަނަ މާއްދާ – ސާފުތާހިރުކަން

(ހ) ޖަލުގައި ހުންނަ ކޮންމެ މީހަކު، ދުވާލަކު މަދުވެގެން 2 (ދޭއް) ފަހަރު ފެންވަރައި، ދަތްއުނގުޅައި، ސާފުތާހިރު ވާންވާނެއެވެ.

(ށ) ސިއްހީ ހާލަތު ހުރި ގޮތުން ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން، ގައިދީން ނުވަތަ ބަންދުކޮށްފައިވާ މީހުން އަމިއްލަޔަށް ފެންވެރުމުގެ ގާބިލުކަން ނެތް ހާލަތްތަކުގައި ފެންވަރުވައިދޭ ނަމަ ފެންވަރުވަންވާނީ، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

(ނ) ގައިދީންށާއި ބަންދުކޮށްފައިވާ މީހުންނަށް ދޭ ޔުނީފޯމު ނުވަތަ ގެންގުޅޭ އަންނައުނުތައް، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޖަލު އަމުރެއްގެ ދަށުން ދޮވެ ސާފުކުރަންވާނެއެވެ.

(ރ) ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސާ ގޮތެއްގެ މަތިން، ގައިދީން ނުވަތަ ބަންދުކޮށްފައިވާ މީހުން އުޅޭ ގޮޅި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެ ގޮޅިއެއްގައި ތިބޭ ބައެއްގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - ބޯކޮށޮމާއި، ތުނބުޅިމަތިމަސް ބޭލުމާއި، ނިޔަފަތި ކެނޑުން

(ހ) ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ 2 (ދޭއް) ސެންޓިމީޓަރަށް ތުނިކޮށް ކޮށައިފައެވެ. އެ މީހުންގެ ތުނބުޅި ހުންނަންވާނީ ބާލައިފައި ނުވަތަ 2 (ދޭއް) އިންޗިއަށް ވުރެ ދިގުނުވާ ވަރަށް ކޮށައިފައެވެ. އަދި މަތިމަސް ހުންނަންވާނީ ބާލައިފައި ނުވަތަ 2 (ދޭއް) ސެންޓިމީޓަރަށް ވުރެ ދިގު ނުވާގޮތަށް ތުނިކޮށް ކޮށައިފައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ހާލަތެއްގައި، އެއްވެސް ގައިދީއެއްގެ ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހެއްގެ ބޮލާއި ތުނބުޅިއާއި މަތިމަސް އެ މީހެއްގެ ނުރުހުމުގައި ގަދަކަމުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަރަށް ވުރެ ތުނިކޮށް ކޮށައިގެން ނުވާނެއެވެ.

(ނ) ސިއްހީ ސަބަބަކަށްޓަކައި މެނުވީ، އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހެއްގެ ބޯ ބޭލުމަކީ މަނާކަމެކެވެ.

(ރ) ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ދެއަތާއި ދެފައިގެ ނިޔަފަތި ހުންނަންވާނީ ކުރުކޮށް ކަނޑައިފައެވެ.

 

9 ވަނަ މާއްދާ - މުއާމަލާތު ކުރުން

(ހ) ޖަލު އޮފިސަރުންނަށާއި، އެކިއެކި ހިދުމަތްތައް ދިނުމަށާއި ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި، ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ގައިދީންނާއި ބަންދުކޮށްފައިވާ މީހުން މުހާޠަބުކުރަންވާނީ މަޑުމައިތިރިކަމާއެކު ރިވެތި ބަހުންނެވެ.

(ށ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހަކު، އެއްވެސް ހައިސިއްޔަތަކުން ޖަލު އޮފިސަރުންނާއި ޖަލަށް ޒިޔާރަތްކުރާ މީހެއްގެ ގައިގައި އަތްލުމަކީ މަނާކަމެކެވެ.

(ނ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހަކު، އެހެން ގައިދީއަކާ ނުވަތަ ބަންދުކޮށްފައިވާ އެހެން މީހަކާ ވާހަކަދައްކާއިރު ހަޑިހުތުރު ބަހުން ވާހަކަދައްކައިގެން ނުވާނެއެވެ.

(ރ) ޖަލު އޮފިސަރުންނާ މުހާޠަބު ކުރަންވާނީ، އެ އޮފިސަރެއްގެ ނަމުން ނުވަތަ ސަރ ނުވަތަ މެޑަމް ކިޔައިގެންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދުތަކަށް އަމަލުކުރުމާއި، އަމުރަށް ކިޔަމަންވުން

(ހ) ގައިދީން ނުވަތަ ބަންދުކޮށްފައިވާ މީހުން އަމަލުކުރުމަށް ހަދައިފައިވާ އެންމެހައި ގާނޫނުތަކަށާއި، ގަވާއިދުތަކަށާއި، ޖަލު އަމުރުތަކަށާއި އުސޫލުތަކަށް އަމަލުކޮށް، އަންގާ އެންގުންތަކަށް ފުރިހަމަޔަށް ކިޔަމަންތެރިވާން ވާނެއެވެ.

(ށ) ޖަލު އޮފިސަރެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ގައިދީއެއްގެ ނުވަތަ ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް ކުރާ ކޮންމެ އަމުރަކަށް، އެ މީހަކު ތަބާވާން ޖެހޭނެއެވެ.

 

11 ވަނަ މާއްދާ - އެއްބާރުލުން ދިނުން

ކޮންމެ ގައިދީއަކުވެސް އަދި ބަންދުކޮށްފައިވާ ކޮންމެ މީހަކުވެސް، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި އެއްބާރުލުން ދޭންޖެހޭނެއެވެ.

(ހ) ޖަލުގެ މަސްޓަރ ނެގުމުގައި؛

(ށ) ގައިދީންގެ ނުވަތަ ބަންދުކޮށްފައިވާ މީހުންގެ ހަށިގަނޑާއި ތަކެއްޗާއި ގޮޅިތައް ބަލައި ފާސްކުރުމުގައި؛

(ނ) ގައިދީންނަށާއި ބަންދުކޮށްފައިވާ މީހުންނަށް ދޭ އެންމެހައި ހިދުމަތްތައް ދިނުމުގައި؛

(ރ) ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު ހާޒިރު ކުރަންޖެހޭ ކޯޓުތަކާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށް ހާޒިރުވުމުގައި؛

(ބ) ގައިދީން ނުވަތަ ބަންދުކޮށްފައިވާ މީހުން މުޖުތަމައަށް އަހުލުވެރި ކުރުމުގެ ގޮތުން ޖަލުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެ ކަންކަން ކުރިޔަށް ގެންދިއުމުގައި؛

(ޅ) ޖަލު އޮފިސަރެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި؛

(ކ) ގައިދީންނާއި ބަންދުކޮށްފައިވާ މީހުން އަމަލުކުރަންޖެހޭ އެންމެހައި ގާނޫނުތަކާއި، ގަވާއިދުތަކާއި، ޖަލު އަމުރުތަކާއި އުސޫލުތައް ތަންފީޒު ކުރުމުގައި؛

 

12 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ކުރުން

(ހ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހަކު، ޖަލުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ އެއްވެސް ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.

(ށ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހަކު، ޖަލު އޮފިސަރަކާ، ނުވަތަ ގައިދީންނާއި ބަންދުކޮށްފައިވާ މީހުން ފިޔަވައި އެ ނޫން ފަރާތްތަކާ މުއާމަލާތު ކުރާ ވަގުތުގައްޔާއި ޖަލުން ދޭ ހިދުމަތެއް ލިބިގަންނަ ވަގުތުގައި ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.

(ނ) އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހަކު، ދުންފަތުގެ އިސްތިއުމާލު ކުރުން ފިޔަވައި އެހެން ބޭނުމަކު، އަލިފާން ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ، އެއްވެސް ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ އެއްވެސް މީހަކު، އެހެން މީހަކަށް އުނދަގޫވާގޮތަށް ދުންތަފުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.

(ބ) ގައިދީން ނުވަތަ ބަންދުކޮށްފައިވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދީފައިވާ ތަންތަނުގެ ތެރެއަށް އަޅިކަނޑައި، ސިނގިރޭޓުގެ ފިލްޓަރު އުކައި ހަދައިގެން ނުވާނެއެވެ. އަދި މި ތަކެތި އަޅަންވާނީ އަޅިކެނޑިއަކަށް ނުވަތަ އެ ތަކެތި އަޅަން ހާއްސަކޮށްފައިވާ އެއްޗަކަށެވެ.

 

13 ވަނަ މާއްދާ - ކުރުން މަނާ ކަންތައްތައް

އަންނަނިވި ކަންކަމަކީ ގައިދީންނާއި، ބަންދުކޮށްފައިވާ މީހުން، ކުރުން މަނާ ކަންކަމެވެ.

(ހ) ގޮޅީގެ ބޮކިތަކާއި ގޮޅީގައި ވައި ދައުރުކުރުމަށް ހަދައިފައިވާ ތަންތަން ބަންދު ކުރުން؛

(ށ) ހަވާލުކޮށްފައިވާ ގޮދަޑިއާއި ބެޑްށީޓާއި ބާލީހާއި ބާލީހު އުރަ ފަދަ ތަކެތި ދޮވެ ސާފުކުރުމަށް ނުވަތަ އެ ތަކެތީގެ ބަދަލުގައި އެ ބާވަތުގެ އެހެން އެއްޗެއް ވެއްދުމަށް ނޫން ގޮތަކަށް އެ ތަކެތި ގޮޅިން ބޭރަށް ނެރުން؛

(ނ) ފޮޓޯއާއި ޕޯސްޓަރު ފަދަ ތަކެތި، ގޮޅީގެ ފާރުގައި ނުވަތަ ޔުނިޓުގެ އެހެން ތަނެއްގައި ހަރުކޮށް ނުވަތަ ހިއްޕައި، އެއްވެސް އެއްޗެއް ކުރަހައި ތަންތަން ހަޑިކޮށް ހެދުން؛

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގައިދީގެ ނުވަތަ ބަންދުކޮށްފައިވާ މީހެއްގެ އާއިލާގެ މީހެއްގެ ފޮޓޯގަނޑެއް ހަރުކުރުމަކަށް އެ މާއްދާ ހުރަހެއް ނާޅައެވެ.

(ބ) ގޮޅީގެ ނުވަތަ ޔުނިޓުގެ އެއްވެސް ފާރެއްގައްޔާއި ތަޅުންގަނޑުގައި ނުވަތަ އެ ތަނުގައި ހުރި އެއްޗެއްގައި ކުރަހައި އެ ތަންތަން ހަޑިކޮށް ހެދުން؛

(ޅ) ނިދުމަށްޓަކައި އެ މީހަކަށް ކަނޑައަޅައިފައިވާ ތަން ނޫން އެހެން ތަނެއް ނިދުމަށްޓަކައި ބޭނުންކުރުން؛

(ކ) ކަނޑަޅައިފައިވާ ގަޑިތަކަށް ނިދައިހޭނުލުމާއި އިސްޕެކްށަނަށް ތައްޔާރުނުވުން؛

(އ) ކަނޑައަޅައިފައިވާ ދުވަހު ތާވަލާ އެއްގޮތަށް އަމަލު ނުކުރުން؛

(ވ) ގައިދީންނާއި ބަންދުކޮށްފައިވާ މީހުން އަނބުރައި މުޖުތަމައަށް ގެނައުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދެކޮޅުހެދުން؛

(މ) މުވައްޒަފުންނަށާއި ގައިދީންނަށާއި ބަންދުކޮށްފައިވާ މީހުންނަށާއި އެހެނިހެން މީހުންނަށް، ނަސްލުގެގޮތުން ނުވަތަ ދީނުގެގޮތުން ނުވަތަ ޖިންސުގެގޮތުން ނުވަތަ އެ މީހެއްގެ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނުކުޅުދުންތެރިކަމަށް ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ މާލީ ފުދުންތެރިކަމަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ ސިޔާސީ ވިސްނުމަށް ނުވަތަ އެ ނޫން އެހެން ވިސްނުމަކަށް ނުވަތަ ޒާތީގޮތުން ތަފާތުކުރުން؛

(ފ) ދީފައިވާ އިނާޔަތްތަކުގެ ފައިދާ ހުއްދަ ނޫން ގޮތެއްގައި ބޭނުންކުރުމާއި، އެ އިނާޔަތްތައް ބޭނުންކޮށްގެން އިތުރު ފައިދާތައް ހޯދުން؛

(ދ) ޔުނިޓުގެ ތެރޭގައި ނުވަތަ ގޮޅީގެ ތެރޭގައި އަޑުގަދަކޮށް، ތަންތަނުގައި ތަޅައި ހެދުން؛

(ތ) ބަލައި ފާސްކުރުމަށް ދެކޮޅުހެދުން؛

(ލ) ފެނާއި ކަރަންޓުގެ އިސްރާފު ކުޑަކުރުމުގެ ޖަލު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލު ނުކުރުން؛

(ގ) އެހެން ގައިދީއަކަށް ނުވަތަ ބަންދުކޮށްފައިވާ އެހެން މީހަކަށް ގަވާއިދާ ހިލާފު ކަމެއް ކުރުމަށް އެއްބާރުލުންދީ ހެދުން ނުވަތަ ހިތްވަރުދީ ހެދުން؛

(ޏ) އެހެން ގައިދީންނާއި ބަންދުކޮށްފައިވާ އެހެން މީހުންނަށް ގަވާއިދާ ހިލާފުކަމެއް ކުރުމަށް މަޖުބޫރުކޮށް ބިރުދެއްކުން؛

(ސ) ޖަލު އޮފިސަރެއްގެ ވާޖިބަށް ހުރަސްއެޅުން؛

(ޑ) ޖަލު އޮފިސަރުންގެ އަމުރަށް ނުކިޔަމަންތެރިވުން؛

(ޒ) ތިމާގެ އަމިއްލަ ނަފުސަށް ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ކުރުން؛

(ޓ) ބަދުއަހުލާގީ އެއްވެސް އަމަލެއް ހިންގުން؛

(ޔ) ވަނުން މަނާކޮށްފައިވާ އެއްވެސް ތަނަކަށް ވަނުން؛

(ޕ) ޖަލުގެ މަސްޓަރ ނެގުމަށް ހުރަސް އެޅުން؛

(ޖ) ގޮޅިން ބޭރަށް ނުކުތުމަށް ކަނޑައަޅައިފައިވާ އުސޫލުތަކަށާއި ހަމަތަކަށް ބެލުމެއް ނެތި، ގޮޅިން ބޭރަށް ނުވަތަ ޔުނިޓުން ބޭރަށް ނުކުތުން ނުވަތަ ނުކުންނަން މަސައްކަތް ކުރުން؛

(ޗ) ގޮޅިއަށް ނުވަތަ ޔުނިޓަށް ވަނުމަށް އޮފިސަރަކު އަންގާ ހާލަތެއްގައި، ގޮޅިއަށް ނުވަތަ ޔުނިޓަށް ވަނުމަށް އިންކާރުކޮށް ދެކޮޅުހެދުން؛

(ހހ) ކާއެއްޗެތި ބަންޑުން ޖެހުން؛

(ށށ) ޖަލުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް އަމަލެއް ހިންގުމާއި، އެފަދަ ކަމެއްގައި ބައިވެރިވުން؛

(ނނ) ބިޑި އަޅުވަންޖެހޭ ހާލަތްތަކުގައި އެކަމަށް އިންކާރު ކުރުން؛

(ރރ) ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ މީހަކަށް، ގަނޫނާއި ގަވާއިދުތަކުން ލިބިދީފައިވާ ހައްގުތަކާއި އިނާޔަތްތަކުގެ އިތުރަށް، އިތުރު ކަންކަމަށް ޑިމާންޑު ކުރުން؛

(ބބ) މަސްތުވާ ޒާތުގެ އެއްވެސް އެއްޗެއް ބޭނުން ކުރުން؛

(ޅޅ) ޖަލުން ފިލަން މަސައްކަތް ކުރުން؛

(ކކ) ޖަލުން ފިލުން؛

(އއ) އެއްވެސް ބާވަތެއްގެ ހަޅުތާލެއް ހެދުމާއި، އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން؛

(ވވ) ގޮޅީގެ ދޮރުތަކާއި ތަޅުތަކަށް އެއްވެސް ގެއްލުމެއް ދިނުން؛

(މމ) ސަރުކާރުގެ އިމާރާތްތަކަށާއި މުދަލަށް ގެއްލުން ދީ ހެދުން؛

(ފފ) އެހެން ގައިދީއެއްގެ ނުވަތަ ބަންދުކޮށްފައިވާ އެހެން މީހެއްގެ ތަކެތި، އެ މީހެއްގެ އަތުން ގަދަކަމުން އަތުލުން ނުވަތަ ވަގަށް ނެގުން ނުވަތަ ގެއްލުން ދީ ހެދުން؛

(ދދ) ޖަލު އޮފިސަރުންނަށް ނުވަތަ އެނޫން ފަރާތަކަށް މަކަރާއި ހީލަތް ހެދުން؛

(ތތ) ޔުނިޓުގެ ތެރެއަށް ނުވަތަ ގޮޅީގެ ތެރެއަށް، ޖަލަށް ވެއްދުން ހުއްދަކޮށްފައި ނުވާ އެއްޗެއް ވެއްދުން ނުވަތަ ވައްދަން މަސައްކަތްކުރުން؛

(ލލ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ނުވަތަ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުރުން މަނާކޮށްފައިވާ ކޮންމެ ކަމެއް ކުރުން.

 

14 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މި ގަވާއިދާ ހިލާފުވާ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ މައްސަލަތައް ބަލައި، އެ މީހުންނާ މެދު ކަނޑައެޅިފައިވާ ޑިސިޕްލިނަރީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - އުވައިލެވޭ އުސޫލު

ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން، "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު" ބާޠިލުވީއެވެ.

 

16 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށެވެ.

(ށ) "ބަންދުކޮށްފައިވާ މީހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށެވެ.

(ނ) "ޖަލު އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ރިމާންޑް ޖަލެއްގައި ނުވަތަ އާންމު ޖަލެއްގައި، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން އެ ޖަލެއްގައި މަސައްކަތްކުރަން އައްޔަނު ކޮށްފައިވާ މުވައްޒަފަކަށެވެ.

(ރ) "ޖަލަށް ވެއްދުން މަނާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 3/2015 (ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު