ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު
(ގަވާއިދު ނަންބަރު 2022-140)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ސެޕްޓެމްބަރު 2022 ގައި)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 133 ވަނަ މާއްދާގެ (ނ) ގެ (17) ވަނަ ނަންބަރުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދުތައް، މި މާއްދާގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ފުލުހުންގެ ހައްޔަރުގައްޔާއި، ބަންދުކޮށްފައި ތިބޭ މީހުންނަށާއި، ޕޮލިސް ކަސްޓޯޑިއަލްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
(ށ) ޕޮލިސް ކަސްޓޯޑިއަލްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތައް، ސަލާމަތްތެރިކަމާއި ރައްކައުތެރިކަމާއެކު ބެލެހެއްޓުން.
(ނ) ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހައްގުތަކާއި، އެ ފަރާތްތަކަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކައުތެރިކަން ކަށަވަރު ކޮށްދިނުން.
(ރ) ޕޮލިސް ކަސްޓޯޑިއަލްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާއި،އެ ފަރާތްތަކުން އަމަލުކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކުރުން.
(ބ) ފުލުހުންގެ ބެލުމުގެ ދަށުން އެއްތަނުން އަނެއްތަނަށް މީހުން ގެންދިއުމުގައްޔާއި، ފުލުހުންގެ ބެލުމުގެ ދަށުން ތަންތަނަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.
(ޅ) ޕޮލިސް ކަސްޓޯޑިއަލްއަށް އެކި ކަންކަމުގައި ހާޒިރުވާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަމާއި، އެ ފަރާތްތަކުން ކުރުން މަނާ ކަންކަން ކަނޑައަޅައި ބަޔާންކުރުން.
(ކ) ކަސްޓޯޑިއަލް ޖަލުތަކުގެ ސަލާމަތާއި، ރައްކައުތެރިކަން ބެލެހެއްޓުމުގެ މިންގަނޑުތައް ބަޔާންކުރުން.
(އ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުގައި ތިބޭ ފަރާތްތަކަށް ލިބިދޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް ބަޔާންކުރުމާއި، އިނާޔަތް އުނިކުރެވިދާނެ ނުވަތަ ވަގުތީގޮތުން ހިފެހެއްޓިދާނެ ހާލަތްތައް ބަޔާންކުރުން.
(ވ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަރާތްތައް ޖަލުގެ އުސޫލުތަކާ ހިލާފުވުމުންނާއިނުކިޔަމަންތެރިވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.
(މ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދު ކޮށްފައި ތިބޭ ފަރާތްތައް، ބަންދު ކޮށްފައި ތިބޭ މުއްދަތުގައި ބޭސްފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތްތައް ބަޔާންކުރުން.
(ފ) ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ
ދިވެހި ފުލުހުންގެ ހިދުމަތުން ހިންގައި ބަލަހައްޓާ އެންމެހައި ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
4 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ ފަރާތްތަކުގެ ހައްގުތައް ރައްކައުތެރިކުރުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ ހަމަ ކޮންމެ މީހަކަށް ވެސް، އޭނާ ބަންދުކޮށްފައި ހުންނަ މުއްދަތުގެ ތެރޭގައި، މި ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިދޭންޖެހޭ ހިދުމަތްތަކާއި، އިނާޔަތްތަކާއި، ހިމާޔަތާއި، ރައްކައުތެރިކަން ލިބިދޭންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ މީހަކާމެދު، އިންސާނިއްޔަތާ ހިލާފު އެއްވެސއަމަލެއް ހިންގައިގެން ނުވާނެއެވެ. އަދި އަނިޔާއެއް ކޮށްގެން ވެސް ނުވާނެއެވެ. އަދި ޖަލުގައި ދެވޭ އަސާސީ ހިދުމަތެއް ނުވަތަ އެފަދަ ހިދުމަތަކުން ބައެއްވިޔަސް، ޖަލު ހިންގުމުގެ އުސޫލަކާ ހިލާފުވުމުގެ ސަބަބުން އަޅާ ފިޔަވަޅެއްގެ ގޮތުންވިޔަސް، އެފަދަ ހިދުމަތެއް ނިގުޅައިގަނެގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ޑައިރެކްޓަރ އޮފް ޕްރިޒަންސް
(ހ) ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ މަގުސަދުތައް ހާސިލުކުރުމަށް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، "ޑައިރެކްޓަރ އޮފް ޕްރިޒަންސް" ގެ މަގާމަށް ފުލުހުންގެ އެގްޒެކެޓިވް އޮފިސަރަކު، ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅައި އައްޔަނު ކުރަންވާނެއެވެ.
(ށ) ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތުތަކަކީ ކަސްޓޯޑިއަލް ޖަލުތަކާ ގުޅޭ އަންނަނިވި ކަންކަން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިނގަމުންދޭތޯ ބަލައި ކަށަވަރުކުރުމާއި، ކަސްޓޯޑިއަލް ޖަލުތަކުގައި މި ގަވާއިދު ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި، ކަސްޓޯޑިއަލް ޖަލުތަކުގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ކޮމިށަނަރ އޮފް ޕޮލިސް ނިންމާ ގޮތެއްގެ މަތީން އެކަންކަން ތަންފީޒުކުރެވޭނެ ނިޒާމެއް އެކުލަވައިލުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.
- ޖަލުގެ ކަންކަން ހިންގުމުގެ އެންމެހައި ކަންކަން؛
- ޖަލުގެ ސަލާމަތީ ކަންކަން؛
- ބަންދުކޮށްފައިވާ މީހުންގެ އަސާސީ ހިދުމަތްތަކާއި، އިނާޔަތްތަކާއި، ބޭސްފަރުވާ ކުރުން؛
- ޖަލުގެ ރައްކައުތެރިކަމާއި، މަސްލަހަތު؛
- ބަންދުކޮށްފައި ތިބޭ މީހުންގެ ފަރާތުން ހުށަހަޅާ ށަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުން.
6 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަ ތަކެތި
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތަކެއްޗަކީ ޕޮލިސް ކަސްޓޯޑިއަލް ޖަލުތަކަށް ވެއްދުން ހުއްދަ ތަކެއްޗެވެ.
- ކީރިތި ގުރުއާން؛
- އާންމު މައުލޫމާތާ ގުޅޭ ލިޔެކިއުންތަކާއި، ފޮތްތައް؛
- ނަމާދުކުރުމުގައި ބޭނުންކުރާ ތަކެތި؛
- ސާފުތާހިރުވުމަށާއި، ރީތިވުމަށް ބޭނުންކުރާ ތަކެތި؛
- އަންނައުނުގެ ގޮތުގައި ބޭނުންކުރާ ތަކެތި؛
- ލިޔެކިޔުމަށް ބޭނުންކުރާ ތަކެތި؛
- ފައިވާނުގެ ގޮތުގައި ބޭނުންކުރާ ތަކެތި؛
- މުނިފޫހިފިލުވުމަށް ބޭނުންކުރާ ތަކެތި؛
- ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ތަކެތި؛
- މަދިރިން ސަލާމަތްވުމަށް ބޭނުންކުރާ ތަކެތި؛
- އަންހެނުންނަށް ހާއްސަ ތަކެތި.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގައި ހިމެނޭ ތަކެތީގެ ތެރެއިން ކަސްޓޯޑިއަލް ޖަލަށް ވެއްދުމަށް ހުއްދަކުރެވޭ ތަކެތި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިމާވާ ވަކި ހާލަތަކާ ގުޅިގެން ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، ނުވަތަ ބަންދު ކޮށްފައި ތިބޭ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ވަކި އެއްޗެއް ކަސްޓޯޑިއަލް ޖަލަށް ނުވެއްދުމަށް އެ ކަސްޓޯޑިއަލް ޖަލާ ހަވާލުވެހުރި އިސް އޮފިސަރަށް ނިންމިދާނެއެވެ.
(ރ) މި މާއްދާގައްޔާއި މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ތަކެތި ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދައެއް ނުކުރެވޭނެއެވެ.
7 ވަނަ މާއްދާ - ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު
(ހ) ކަސްޓޯޑިއަލް ޖަލުތަކަށް، މައުލޫމާތު ހޯދުމަށް، ނުވަތަ ފޯމެއް ލުމަށް، ނުވަތަ ލިޔުމެއް ހުށަހެޅުމަށް، ނުވަތަ އެފަދަ އެހެން ހިދުމަތެއް ހޯދުމަށް އަންނަ ފަރާތްތަކުން ވެސް، އެ ކަސްޓޯޑިއަލް ޖަލެއްގެ ފަރާތުން އެފަދަ ހިދުމަތް ދިނުމަށް ތިބޭ މުވައްޒަފުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހިދުމަތެއް ހޯދުމަށް، ކަސްޓޯޑިއަލް ޖަލުތަކަށް އަންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ ލިޔުމެއް ފަސޭހައިންފެންނާނޭހެން އެ ތަނެއްގައި ބަހައްޓައިފައި ހުންނަންވާނެއެވެ.
(ނ) ކަސްޓޯޑިއަލް ޖަލުގެ ސަރަހައްދަށް ވަދެވޭނީ، ވަކި ފާހެއް ނުވަތަ ކާޑެއް ބޭނުންކޮށްގެން ކަމަށް އެ ކަސްޓޯޑިއަލް ޖަލަކުން ކަނޑައަޅައިފައިވާނަމަ، އެފަދަ ކަސްޓޯޑިއަލް ޖަލެއް ހިމެނޭ ސަރަހައްދަކަށް ވަނުމުގައި އެގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުނުކުރާ ފަރާތްތަކަށް، ކަސްޓޯޑިއަލް ޖަލުން ދެމުންގެންދާ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހިދުމަތެއް ނުދިނުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
(ބ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެވޭ ބައްދަލުވުންތަކުގައި، ގާނޫނީ ވަކީލާއެކު ބާއްވާ ބައްދަލުވުން ފިޔަވައި، އެހެން ބައްދަލުވުންތަކުގައި ހިމެނޭ މީހުންނަކީ ދިވެހިންކަމުގައި ވާނަމަ، އެފަދަ ބައްދަލުވުމުގައި ވާހަކަދައްކަންވާނީ، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ. އެ ނޫން ބަހަކުން ވާހަކަދައްކާނަމަ، ބައްދަލުވުން މެދުކަނޑައިލެވިދާނެއެވެ.
(ޅ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެވޭ ބައްދަލުވުންތަކުގައި ތަރުޖަމާނަކު ބޭނުންކުރުމަށް ބޭނުންވެއްޖެނަމަ އެ ފުރުސަތު ދޭންވާނެއެވެ.
8 ވަނަ މާއްދާ - ޕޮލިސް ކަސްޓޯޑިއަލްގައި ކުރުން މަނާ ކަންކަން
(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް، ޕޮލިސް ކަސްޓޯޑިއަލް ޖަލަކަށް ނުވަތަ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި ފަރާތަކާ ބައްދަލުކުރާ ތަނަކަށް ވައްދައިގެން ނުވާނެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް، ކަސްޓޯޑިއަލް ޖަލަކަށް އަންނަ އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.
- ޕޮލިސް ކަސްޓޯޑިއަލަށް ނުވަތަ ކަސްޓަޑީއަށް ވެއްދުން ހުއްދަ ތަކެތިކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި، ފުލުހުން ހުއްދަދީގެން އެތެރެކުރާ އެއްޗެއް ފިޔަވައި، އެހެން އެއްވެސް އެއްޗެއް ފުލުހުންގެ މަރުކަޒަށް ނުވަތަ ކަސްޓޯޑިއަލަށްގެންދިއުން ނުވަތަ ވެއްދުން ނުވަތަ އެތެރެކުރުން؛
- ކާބޯތަކެތި ވެއްދުން؛
- ބަންދުކޮށްފައި ތިބޭ މީހުންނަށް ކަސްޓޯޑިއަލުން ފޯރުކޮށްދޭ ކާބޯތަކެތި ފިޔަވައި އެހެން ފަރާތަކުން ގެންނަ ކާބޯތަކެތި އެ މީހުންނަށް ދިނުން؛
- ޕޮލިސް ކަސްޓޯޑިއަލްގެ ސަރަހައްދުގެ އެއްވެސް މަންޒަރެއް ފޮޓޯނެގުމާއި، މޫވީ ކުރުމާއި، ކުރެހުމާއި، އެއިން އެއްޗެއް އާންމުކުރުން؛
- ސެކިއުރިޓީ އޮފިސަރުގެ ހުއްދަ ލިބިގެން ނޫނީ، ބަންދުކޮށްފައި ތިބޭ މީހުންނާ ބައްދަލުކުރުމާއި، ވާހަކަދެއްކުން؛
- ބައްދަލުވުމެއްގެ އެއްވެސް ބައެއް ފޮޓޯ ނެގުމާއި، މޫވީ ކުރުމާއި، ރިކޯޑުކުރުން؛
- ސެކިއުރިޓީ އޮފިސަރުގެ ހުއްދަ ލިބިގެން ނޫނީ، ބައްދަލުވުންތަކަށް އައިސްތިބޭ މީހުން، އެ މީހުން ތިބުމަށް ހާއްސަކޮށްފައިވާ ތަނުން ބޭރަށް ދިއުން؛
- ސެކިއުރިޓީ އޮފިސަރުގެ ހުއްދަ ލިބިގެން ނޫނީ، މޯބައިލް ފޯނު ބޭނުންކުރުން؛
- ކަސްޓޯޑިއަލްގެ ސަރަހައްދުގެ ތެރޭގައި އަމިއްލަ ފޮޓޯ ނެގުން؛
- ބަންދުކޮށްފައި ހުރި މީހެއްގެ އެއްވެސް ތަނެއް ފޮޓޯ ނެގުމާއި، މޫވީކުރުން؛
- ހުއްދަ ލިބިގެން ނޫނީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ޑިވައިސްއެއް، ބައްދަލުވުމެއް ހިނގާ ސަރަހައްދަށް ގެންދިއުމާއި، ބައްދަލުވުމުގައި ބޭނުންކުރުން؛
- އެހެން ބައްދަލުވުންތަކުގައި ހިމެނޭ މީހުން ބައްދަލުވުމުގައި ތިބޭ ވަގުތު އެ މީހުންގެ ގާތަށް ދިއުމާއި، އެ މީހުންނާ ވާހަކަދައްކައި، އެކިކަހަލަ މުއާމަލާތްތައް ކުރުން؛
- ބައްދަލުވުން ހިނގަމުންދާއިރު އެހެން ފަރާތްތަކަށް އުނދަގޫވާ ފަދަ ނުވަތަ ސެކިއުރިޓީއަށް ބުރޫއަރާ ފަދަ އެއްވެސް އަމަލެއް ކުރުން؛
- ހުއްދަނެތި ޖަލުސަރަހައްދަށް ވަނުން، ނުވަތަ ވަނުމަށް މަސައްކަތްކުރުން؛
- އަހްލާގީގޮތުން ހުތުރު އަމަލެއް ކުރުން؛
- ކަސްޓަޑީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދަތިވާފަދަ ނުވަތަ ޖަލު ހިންގުމުގެ ނިޒާމަށް ބުރޫއަރާފަދަ އެއްވެސް އަމަލެއްކުރުން.
(ށ) ކަސްޓޯޑިއަލް ޖަލަށް އަންނަ އެއްވެސް ފަރާތަކުން މި މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފަށް އަމަލުކޮށްފިނަމަ، އެ ފަރާތަށް ކަސްޓޯޑިއަލް ޖަލުން ހިދުމަތް ނުދީ ފޮނުވައިލުމުގެ ނުވަތަ އެފަދަ ހިދުމަތެއް ދިނުން ވަކި މުއްދަތަކަށް މެދުކަނޑައިލުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލެއްގެ އިސްވެރިއަކަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ދޫކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާބެހޭ ނުވަތަ ބަންދުން ދޫކޮށްފައިވާ މީހަކާބެހޭ މައުލޫމާތެއް ހޯދުމަށް ނުވަތަ އެފަދަ މީހަކާބެހޭ ލިޔުމެއް ހޯދުމަށް އެދި ހުށަހަޅަނީ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހޯދައި ލިބިގަތުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުއައްސަސާއަކުން ނުވަތަ ފަރާތަކުން ކަމުގައި ނުވާނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހޯދުމަށް ހުށަހަޅަންވާނީ، އެ މައުލޫމާތު ދޫކުރުމާމެދު އެ މައުލޫމާތު ނުވަތަ ލިޔުން ނިސްބަތްވާ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާ އެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ މައުލޫމާތެއް ދޫކުރުމުގައި، ގާނޫނެއްގައި ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާނަމަ، އެ ގާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލު ދަމަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައުލޫމާތެއް ހޯދުމަށް ހުށަހަޅާ ފަރާތުން ދޭ އީމެއިލް އެޑްރެހަށް ނުވަތަ އިލެކްޓްރޯނިކް އެ ނޫން ވަސީލަތަކަށް ޖަވާބު ފޮނުވުމުން ވެސް، މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް ޖަވާބު ރައްދުކުރެވުނީކަމަށް ބެލެވޭނެއެވެ.
10 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
ކަސްޓޯޑިއަލް ޖަލުގައި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި، އެ ފަރާތްތަކާ ގުޅޭގޮތުން ކުރެވޭ އެންމެހައި މުއާމަލާތުތަކުގެ ރިކޯޑު، އެ ކަސްޓޯޑިއަލައަކުން އަދާހަމަކޮށް، ބަލަހައްޓަންވާނެއެވެ.
11 ވަނަ މާއްދާ - ބައްދަލުވުންތަކުގެ ސެކިއުރިޓީ
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ މީހަކު، އޭނާގެ ގާނޫނީ ވަކީލާއި ނުވަތަ ގާނޫނީ ހައިސިއްޔަތު ލިބިގެން އޭނާއާ ބައްދަލުކުރާ ފަރާތްތަކާއެކު އޮންނަ ބައްދަލުވުންތައް ހިނގަމުންދާއިރު، ބައްދަލުވުމުގެ ބައިވެރިންގެ ހަރަކާތްތައް ފެންނަ ހިސާބުގައި ސެކިއުރިޓީ އޮފިސަރަކު ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބައްދަލުވުމެއްގައި ދައްކާ ވާހަކަ އަޑުއެހުމާއި ރިކޯޑުކުރުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ބަންދުކޮށްފައި ހުރި މީހާގެ ގާނޫނީ ވަކީލާ އޭނާ ބައްދަލުކުރުމުގެ ކަންކަން ވަކިގޮތަކަށް ކުރިޔަށް ގެންދިއުމަށް ނުވަތަ ގެންދެވިދާނެކަމަށް ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެ ގޮތަކަށް ކުރިޔަށް ގެންދިއުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ބައްދަލުވުންތައް ފިޔަވައި އެހެނިހެން ބައްދަލުވުންތައް ކުރިޔަށްދާއިރު ބައްދަލުވުމުގައި ދައްކާ ވާހަކައިގެ އަޑު އިވޭ ހިސާބުގައި މަންޒަރު ފެންނަގޮތަށް ސެކިއުރިޓީ އޮފިސަރަކު ހާޒިރުވެ ހުންނަންވާނެއެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންވެއްޖެ ހާލަތެއްގައި އެ ބައްދަލުވުމުގެ މަންޒަރާއި އަޑު ރިކޯޑު ކުރެވިދާނެއެވެ.
(ބ) މި މާއްދާގެ ބޭނުމަށް ޓަކައި، ގާނޫނީ ހައިސިއްޔަތު ލިބިގެން ބައްދަލުކުރާ ފަރާތްތައްކަމަށް ބުނެފައި އެ ވަނީ، އަންނަނިވި ފަރާތްތަކަށެވެ.
- ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާމެދު އަމަލުކުރެވެމުންދަނީ ގާނޫނާއެއްގޮތަށްތޯ ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ސަރުކާރުގެ އިދާރާތަކާއި އެފަދަމިނިވަން މުއައްސަސާތައް؛
- ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިބަޔާންކޮށްފައިވާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް.
12 ވަނަ މާއްދާ - ވަގުތު ހަމަވުމުގެ ކުރިން ބައްދަލުވުން ނިންމައިލުން
މި ގަވާއިދުގެ ހަތަރުވަނަ ބާބުގައި ނުވަތަ ފަސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ބައްދަލުވުމަކަށް އެދުނު ފަރާތަށް ދީފައިވާ ބައްދަލުވުމުގެ ވަގުތު ހަމަވުމުގެ ކުރިން ބައްދަލުވުމަށް އެދުނު ފަރާތުން ބައްދަލުވުން ނިންމައިލައިފިނަމަ ބަލާނީ، އެ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ބައްދަލުވުން ދެވުނު ކަމުގައެވެ. އަދި ބައްދަލުވުމުގެ ބާކީއޮތް ވަގުތުގައި އަލުން ބައްދަލުކުރަން އެދުނުނަމަވެސް، އެ ގޮތަށް ބައްދަލުވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
13 ވަނަ މާއްދާ - ބައްދަލުވުން ވަގުތީގޮތުން މެދުކަނޑައިލުން
(ހ) ބައްދަލުވުމެއް ހިނގަމުންދަނިކޮށް، ބައްދަލުވުން ހިނގާތަނުގައި ނުރައްކައުތެރި ހާދިސާއެއް ހިނގައިފާނެ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ހިނގައިފިނަމަ، ބައްދަލުވުން ވަގުތީގޮތުން މެދުކަނޑައިލުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލެއްގެ ސެކިއުރިޓީ އޮފިސަރަކަށް ލިބިގެންވެއެވެ.
(ށ) ބައްދަލުވުމެއް ހިނގަމުންދަނިކޮށް ބައްދަލުވުމުގެ ބައިވެރިޔަކު، މި ގަވާއިދާއި ނުވަތަ އެ ކަސްޓޯޑިއަލް ޖަލަކުން ކަނޑައަޅާ އުސޫލަކާ ހިލާފު އަމަލެއް ކޮށްފިނަމަ، ނުވަތަ ހިދުމަތް ދިނުމަށް ދަތިވާފަދަ އެ ނޫން އަމަލެއް ވެސް ކޮށްފިނަމަ، އެ މީހަކު ބައިވެރިވާ ބައްދަލުވުން ވަގުތީގޮތުން މެދުކަނޑައިލުމުގެ އިހްތިޔާރު، ނުވަތަ އެ މީހަކު އެ ބައްދަލުވުމުން ވަކިކުރުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލެއްގެ ސެކިއުރިޓީ އޮފިސަރަކަށް ލިބިގެންވެއެވެ.
ދެވަނަ ބާބު
ޕޮލިސް ކަސްޓޯޑިއަ ލަ ށް ގެނެވޭ މީހުންނާއި ކުޑަކުދިން
14 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދު ކުރެވޭނެ ފަރާތްތައް
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ބައިތިއްބޭނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކުގެ ތެރެއިން ތަހުގީގު މަރުހަލާގައި ތިބޭ ފަރާތްތަކާއި، ބަންދުކޮށްފައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާ ފަރާތްތަކުގެ ތެރެއިން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމަށް ހައްޔަރުކޮށް ބަންދުކުރާ ފަރާތްތަކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައިވާ މީހަކު ކަސްޓޯޑިއަލް ޖަލަކަށް ވެއްދުމަށްފަހު، އެ މީހަކާމެދު އަމަލުކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ނ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކުރާ ފަރާތްތަކުގެ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުމަށްގާއިމުކޮށްފައިވާ ރިކޯޑު ސިސްޓަމުގައި އެ މީހެއްގެ މައުލޫމާތު ހިމެނުމާއެކު، އެ މީހަކުކަސްޓޯޑިއަލް ޖަލުން ދޫކޮށްލުމާ ހަމަޔަށް އެ މީހަކާ ގުޅޭގޮތުން ކުރެވޭ އެންމެހައި މުއާމަލާތެއްގެމައުލޫމާތު، އެ ކަމެއްގެ ވަގުތުގައި ސިސްޓަމުގައި ރިކޯޑުކޮށް ބަލަހައްޓަމުން ގެންދަންވާނެއެވެ.
(ރ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކުރާ ފަރާތްތައް ބައިތިއްބަންވާނީ، ދެޖިންސުގެ މީހުން ވަކިންނެވެ.
(ބ) ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކު ރާ ފަރާތްތަކާ މުއާމަލާތު ކުރަންވާނީ، އެ މީހުންގެ އިންސާނީ ހައްގުތަކަށް އިހްތިރާމު ކުރުމާ އެކުގައެވެ.
15 ވަނަ މާއްދާ - ބަންދުކުރާ ކުޑަކުދިން
(ހ) ކަސްޓޯޑިއަލް ޖަލުތަކުގައި ހައްޔަރުކޮށް، ބަންދުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިން ކަސްޓޯޑިއަލް ޖަލުގައި ބައިތިއްބަންވާނީ، ބޮޑެތިމިހުންނާ ވަކި ން އަދި ބޮޑެތިމީހުންނާ މުއާމަލާތު ނުކުރެވޭނެ ގޮތަށެވެ.
(ށ) ކަސްޓޯޑިއަލް ޖަލު ބެލެހެއްޓުމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، ކުޑަކުދިންނާ މުއާމަލާތުކޮށް، އެ ކުދިންގެ މައްޗަށް ގާނޫނު ހިންގުމުގެ މަސައްކަތްކުރާ ފަރާތްތަކަކީ،ކުޑަކުދިންނާ ގުޅޭގޮތުން އެފަދަ މަސައްކަތްކުރުމަށް ގާނޫނުން ކަނޑައަޅައި ބަޔާންކޮށްފައިވާ ވަކި ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމުގައި ވާންވާނެއެވެ.
16 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ މީހުންގެ މައުލޫމާތު ރިކޯޑުކުރުން
(ހ) ކުށެއްގެ ތުހުމަތުގައި ކަސްޓޯޑިއަލް ޖަލުގައި ހައްޔަރުކުރާ ނުވަތަ ބަންދުކުރާ މީހުންގެ އަންނަނިވި މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
- ވަނަވަރު؛
- ފިންގަރ ޕްރިންޓް (ތަމްބްޕްރިންޓް، ޕާރމްޕްރިންޓް، ޓެންޕްރިންޓްސް ހިމެނޭގޮތަށް)؛
- މަގްށޮޓް؛
- ކާކުކަން ދެނަގަނެވޭނެ މާއްދީ ނިށާންތައް ފާހަގަކޮށް ފޮޓޯނެގުން؛
- ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ހުރިނަމަ، އެ އަނިޔާއެއްގެ މައުލޫމާތާއި ފޮޓޯ؛
- އިސްކޮޅާއި ބަރުދަން؛
- ފާއިތުވި މުއްދަތުގެ ސިއްހީ މައުލޫމާތު؛
- ކުއްލި ހާލަތެއްގައި ގުޅާނެ ފަރާތެއްގެ މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވާ ފަރާތުގެ ބަކަލް ސްވޮބް އަދި ކުޑަކަމުދާތަކެތި ނެގުމަށް، އެފަދަ މީހަކު ހައްޔަރުކޮށްފައިވާ މައްސަލަ ތަހުގީގުކުރާ ފަރާތަކުން ބޭނުންވެއްޖެ ހިނދެއްގައި، ބަކަލް ސްވޮބް އަދި ކުޑަކަމުދާތަކެތި ނަގައި އެ މައުލޫމާތު ރިކޯޑުކުރަންވާނެއެވެ.
(ނ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރެވޭ މީހުންގެ މައުލޫމާތު، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިކޯޑު ކުރުމުގައި، ބަންދުކުރެވޭ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުމެއް ނެތް މީހެއްނަމަ، އެއީ ކާކުކަން ކަށަވަރު ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު، އޭނާ ދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ކަށަވަރުނުވާ މީހެއްކަން އެނގޭނޭގޮތަށް އެ މައުލޫމާތު ވަކިން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
17 ވަނަ މާއްދާ - ބަންދުކުރާ މީހުންނާމެދު އަމަލުކުރެވޭނެ އުސޫލު އެ ފަރާތްތަކަށް އެންގުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކު ރާ މީހުންނަށް، އެ މީހުންނަށް ލިބިގެންވާ އަންނަނިވި ހައްގުތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ، ކަސްޓޯޑިއަލް ޖަލާ ހަވާލުވެހުރި އިސް އޮފިސަރުގެ ޒިންމާއެކެވެ.
- ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އާއިލާއާ ބައްދަލުކުރުމުގެ ހައްގު؛
- ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އާއިލާއާ ފޯނުން ގުޅުމުގެ ހައްގު؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު؛
- ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ސިއްހީ ފަރުވާ ލިބުމުގެ ހައްގު؛
- އޭނާގެ މައްޗަށް ހިނގާނެ ކަސްޓޯޑިއަލް ޖަލުގެ އުސޫލު، އޭނާއަށް ލިޔުމުން ދިނުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން، ބަންދުކޮށްފައިވާ މީހާއަށް ފަހުމުވާނެ ގޮތަކަށް ކިޔައިދޭންވާނެއެވެ.
18 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލަށް ވައްދާ މީހުން ބަލައި ފާސްކުރުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ ކޮންމެ މީހަކު، ކަސްޓޯޑިއަލް ޖަލަށް ވެއްދުމުގެ ކުރިން، އެ މީހެއްގެ އަތުގައި، ނުވަތަ އަންނައުނުގައި، ނުވަތަ ހަށިގަނޑުގައި، ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަނުކުރާ އެއްވެސް އެއްޗެއް އޮތްތޯ ބެލުމަށް ޓަކައި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ މީހަކު ބަލަ އި ފާސްކޮށް، ލިޔުމުން އެކަން ރިކޯޑު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް، އާންމު އުސޫލުން މީހަކު ބަލައި ފާސްކުރަންވާނީ، އޭނާގެ ޖިންސީ ގުނަވަން ހާމަނުވާ ގޮތަށެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް މީހަކު ބަލައި ފާސްކުރަންވާނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަމަށް ކަސްޓޯޑިއަލް ޖަލު ބަލަހައްޓަން ތިބޭ ފަރާތްތަކަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމައެވެ.
- ހަތިޔާރެއް، ނުވަތަ ގާނޫނާ ހިލާފު އެއްޗެއް، ނުވަތަ މުދަލެއް، ބަންދުކޮށްފައިވާ މީހާގެ ހަށިގަނޑުގައި ފޮރުވައިފައި އޮތްކަމަށް ގަބޫލުކުރެވުން؛
- ޖަލުގައި ބަންދުކޮށްފައި ހުރި މީހެއްގެ ހަށިގަނޑަށް މާއްދީ އަނިޔާއެއް ދެވިދާނެފަދަ އެއްޗެއް، ބަންދުކޮށްފައިވާ މީހާގެ ހަށިގަނޑުގައި ފޮރުވައި ފައި އޮތްކަމަށް ގަބޫލުކުރެވުން؛
- ބަލައި ފާސްކުރެވޭ މީހާގެ އަމިއްލަ ނަފްސަށް މާއްދީ އަނިޔާއެއް ދެވިދާނެފަދަ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވައިފައި އޮތްކަމަށް ގަބޫލުކުރެވުން.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ޖިންސީއެ ކަން ގުނަވަން ހާމަވާގޮތަށް މީހަކު ބަލައި ފާސްކުރަން ޖެހިއްޖެނަމަ، ބަލައި ފާސްކުރުމުގައި އަމަލުކުރަންވާނީ، ކަމާ ގުޅޭ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
19 ވަނަ މާއްދާ - ނަފްސާނީ ނުވަތަ ޖިސްމާނީ އުނިކަމެއް ލިބިފައިވާ މީހުން ބަލައިފާސްކުރުން
(ހ) ނަފްސާނީގޮތުން އުނިކަމެއް ހުރިމީހަކު ބަލައި ފާސްކުރަންވާނީ، އެ މީހަކާ ހަވާލުވެގެން ހުންނަ މީހެއްގެ ނުވަތަ އެ މީހެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. އެފަދަ މީހަކު ނެތްނަމަ، އަދި އެ މީހަކީ މައްސަލައިގެ އެންމެހައި ހާލަތްތަކަށް ރިއާޔަތްކޮށް ކޮންމެހެން ބަލައި ފާސްކުރަންޖެހޭ މީހެއްނަމަ، ކޮމިށަންޑް އޮފިސަރެއްގެ ހުއްދަ ޔާއެކު އެފަދަ މީހަކު ބަލައި ފާސްކުރެވިދާނެއެވެ. މިގޮތުން ބަލައި ފާސްކުރެވޭ މީހާ ބަލައި ފާސްކުރަންވާނީ، އޭނާއާ އެއްޖިންސުގެ މީހެކެވެ.
(ށ) ނަފްސާނީގޮތުން އުނިކަމެއް ހުރި މީހަކު އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ މީހެއްގެ ޣައިރު ހާޒިރުގައި ބަލައި ފާސްކުރާ ކޮންމެ ފަހަރަކު، އެކަން އެ ގޮތަށް ކުރި ސަބަބު ބަޔާންކޮށް، ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އަދި އެ ލިޔުމުގައި، އެ މީހަކު ބަލައި ފާސްކުރި
އޮފިސަރާއި، އެ ކަމަށް ހުއްދަދިން އޮފިސަރު ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވާ މީހަކު ބަލައި ފާސްކުރާއިރު، ހާޒިރުގައި ހުންނަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް ހާޒިރުވެ ހުރުމުގެ ބޭނުމަކީ، ނަފްސާނީގޮތުން އުނިކަން ލިބިފައިވާ މީހާއާ ގުޅޭގޮތުން އަންނަނިވި ކަންކަން ކަށަވަރުކުރުމެވެ. އަދި އެކަން، މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް ބުނެދޭންވާނެއެވެ.
- ފާސްކުރެވޭ މީހާއަށް ލަފަޔާއި، އިރުށާދު ދިނުން؛
- އެ މީހަކާމެދު އަމަލުކުރެވެނީ ގާނޫނާ އެއްގޮތަށް އަދުލުވެރިކަމާއެކުތޯ ބެލުން؛
- ނަފްސާނީގޮތުން އުނިކަން ލިބިފައިވާ މީހާ ބުނަން ބޭނުންވާ ވާހަކައެއް އޭނާގެ ފަރާތުން ބުނުމަށް އެހީތެރިވެދިނުމާއި، އެ މީހާއާ މުއާމަލާތު ކުރުމުގައި އެހީތެރިވެދިނުން.
20 ވަނަ މާއްދާ - ކުޑަކުދިން ބަލައި ފާސްކުރުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ ކުޑަކުދިން ބަލައި ފާސްކުރުމުގެ ކުރިން، އެ ކުއްޖާ ބަލައި ފާސްކުރަން އުޅޭކަމާއި، އެ ކުއްޖާ ބަލައި ފާސްކުރެވެނީ ކީއް ވެގެންކަން، އެ ކުއްޖާއަށް ފަހުމުވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ. އަދި މިގޮތުން ބަލައި ފާސްކުރެވޭ ކުޑަކުއްޖާ ބަލައި ފާސްކުރަންވާނީ، އޭނާއާ އެއްޖިންސުގެ މީހެކެވެ.
(ށ) މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން، ޖިންސީ ގުނަވަން ހާމަވާގޮތަށް ކުޑަކުއްޖަކު ބަލައި ފާސްކުރާ ހާލަތުގައި ވެސް، ކުޑަކުއްޖާގެ އެދުމުގެ މަތީން މެނުވީ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަންވާނީ، އެ ކުއްޖާގެ ބެލެނިވެރިއެއްގެ ހާޒިރުގައެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުޑަކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިއެއްގެ ހާޒިރުގައި އެ ކުއްޖާ ބަލައި ފާސްކުރަން އެ ކުއްޖާ ބޭނުންނުވާނަމަ، އެ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ހާޒިރުގައި ބަހައްޓައިގެންނުވާނެއެވެ. އެހެންނަމަވެސް، އެ ހާލަތުގައި ވެސް ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެ ތަނުގައި ހާޒިރުވެ ހުންނަންވާނެއެވެ.
(ރ) ކުޑަކުއްޖަކު ބަލައި ފާސްކުރިއިރު، ހާޒިރުވެހުރި އޭނާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔާ ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތުގެ މައުލޫމާތު ލިޔުމުންރިކޯޑުކުރަންވާނެއެވެ.
21 ވަނަ މާއްދާ - ވަގުތީގޮތުން ތަކެތި އަތުލުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ ކޮންމެ މީހަކު، ކަސްޓޯޑިއަލް ޖަލަށް ވެއްދުމުގެ ކުރިން ބަލައި ފާސްކުރާ ކުރުމުގައި، އޭނާގެ އަތުން ފެންނަ ތަކެތީގެ ތެރެއިން ކަސްޓޯޑިއަލް ޖަލަށް ވެއްދުން މަނާތަކެތި އޭނާގެ އަތުން ވަގުތީގޮތުން އަތުލައިފައި، ފުލުހުންގެ ބެލުމުގެ ދަށުން އެ ތަކެތި ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓޭ ތަކެތި ހިފެހެއްޓިކަމުގެ ލިޔުމެއް، އެ ތަކެތި އަތުލެވުނު ފަރާތަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަތުލެވޭ ތަކެތީގެ ތެރޭގައި ހިމެނޭ ގާނޫނާ ހިލާފު ނުވަތަ ގާނޫނަކުން ގެންގުޅުންމަނާތަކެތި އަނބުރާ އެ މީހަކާ ހަވާލެއް ނުކުރެވޭނެއެވެ.
(ރ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ މީހުން ބަލައި ފާސްކުރާއިރު ފެންނަ ތަކެތީގެ ތެރޭގައި ހިމެނޭ، ހެކީގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާމެދުއަމަލުކުރާނީ، އޭނާ ބަންދުކުރި މައްސަލަ ތަހުގީގުކުރާ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ބ) ބަންދުކުރެވޭ މީހާގެ އަތުން ވަގުތީގޮތުން އަތުލެވޭ ތަކެތި އަނބުރާ ހަވާލުކުރުމުގައި އަމަލުކުރާނީ،މި ގަވާއިދުގެ އަށްވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
22 ވަނަ މާއްދާ - ގޮޅިއަށް ވައްދާއިރު ދެވޭ ތަކެތި
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ މީހުން ގޮޅިއަށް ވައްދާއިރު ތިރީގައި ބަޔާންކޮށްފައިވާ ތަކެތި އެ މީހެއްގެ އަތުގައި ނެތްނަމަ، އެ ކަސްޓޯޑިއަލަކުން، އެ ތަކެތި އެ މީހަކަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެ މީހަކު ބޭނުންނަމަ، ތިރީގައި ބަޔާންކޮށްފައިވާ ތަކެތި އެ މީހެއްގެ ފަރާތުން ގެނައުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެއެވެ.
- ދަތްއުނގުޅާ ބޭސް؛
- ދަތްއުނގުޅާ ބުރުސް؛
- ސައިބޯނި ނުވަތަ ށަވަޖެލް؛
- ތުވާލި؛
- ފޭރާން؛
- ފައިވާން؛
- ކުނާ ނުވަތަ ގޮދަޑި؛
- ބާލީހާއި ބާލީ ހު އުރަ؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، ޖަލުގެ ގޮޅީގައި އޮންނައިރު، މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ބޭނުންވާނެ ތަކެތި ދެވިދާނެއެވެ.
23 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ދޭ އަސާސީ ހިދުމަތްތައް
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ލިބިދެވޭ އަސާސީ ހިދުމަތްތައް މި މާއްދާގައި ބަޔާންކޮށްފައި މި ވަނީއެވެ.
- ބުއިމަށް އެކަށީގެންވާ ސާފު ބޯފެން؛
- ފެންވެރުމާއި ސާފުތާހިރުވުމަށް ބޭނުންވާ ސާފު ފެން؛
- ތިންއިރުގެ ކެއުން؛
- ހަވީރު ސައި؛
- ބަލިވެއްޖެނަމަ ޑޮކްޓަރަށް ދެއްކޭނޭ އިންތިޒާމު ހަމަޖައްސައިދިނުން؛
- ޑޮކްޓަރު ދޭ ބޭސް ކާންޖެހޭ ގަޑިތަކުގައި ބޭސް ދިނުން؛
- އަންހެނުންގެ ހައިޒުގެ ދުވަސްވަރު އެ މީހުން ބޭނުންކުރާ ނެޕްކިންސް ނުވަތަ ޕެޑް؛
- ކަންކަމަށް އެދި އެކި ފަރާތްތަކަށް ލިޔުމުގެ ފުރުސަތު؛
- ކޮންމެ ތިން ދުވަހަކުން އެއްދުވަހު 30 (ތިރީސް) މިނެޓަށް ކަސްރަތުކުރުމަށް ނެރުން؛
- ހަފުތާއަކު އެއްފަހަރު އަންނައުނު ދޮވުމަށް ބޭނުންވާ ތަކެތި؛
- ކޮންމެ 10 (ދިހައެއް) ދުވަހަކުން އެއްފަހަރު އާއިލާއާ ބައްދަލުކޮށް މުއާމަލާތުކުރުމުގެ ފުރުސަތު؛
- ފޮތްކިޔަން ބޭނުންވާ ފަރާތްތަކަށް ކިޔަން ބޭނުންވާ ފޮތް ލިބޭނެ އިންތިޒާމު؛
- ކޮންމެ 40 (ސާޅީސް) ދުވަހަކުން އެއްފަހަރު ބޯކޮށައި އިސްތަށިބޭލުމުގެ އިންތިޒާމު ހަމަޖައްސައިދިނުން؛
- ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމު.
(ށ) ބަންދުކޮށްފައި ހުރި މީހަކަށް ދިމާވާ ސިއްހީ ކަމެއްގެ ސަބަބުން، އޭނާގެ ކެއިންބުއިން ވަކި އުސޫލަކުން ހަމަޖެއްސުމަށް، މެޑިކަލް ޑޮކްޓަރަކު ލަފާދީފިނަމަ، އެ ގޮތުގެ މަތީން އެ މީހަކަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ރަމަޒާންމަސް ނޫން އެހެން މަސްތަކުގައި، ރޯދަ ހިފުމަށް ބޭނުންވާ ފަރާތްތަކަށް، ރޭގަނޑުގެކެއުމާއި، ހާރުދަމުގެ ކެއުމާއި، ރޯދަވީއްލުމަށް ބޭނުންވާ ކާބޯތަކެތި ލިބޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ.
(ރ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގެއް ހަނިކުރެވިދާނެކަމަށް ގާނޫނަކުން ކަނޑައަޅައިފައިވާނަމަ، އެ މިންވަރަކަށް އެ ހައްގެއް ހަނިކުރެވިދާނެއެވެ.
24 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ދޭ އިނާޔަތްތައް
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް އަސާސީ ހިދުމަތްތަކުގެ އިތުރުން ލިބިދެވޭ އިނާޔަތްތައް، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.
- ހަފުތާއަކު އެއްފަހަރު، އާއިލާއަށް ފޯނުން މުއާމަލާތުކުރުމުގެ އިންތިޒާމު؛
- އާއިލާއާ ހަވާލުކޮށްގެން އަންނައުނު ދޮވެ އިސްތިރިކުރުމުގެ ފުރުސަތު؛
- ހަފުތާއަކު އެއްފަހަރު، ބޯކޮށުމާއި، ތުނބުޅިއާއި މަތިމަސް ބޭލުމަށާއި، ނިޔަފަތި ކެނޑުމަށާއި، ގައިގެ އެހެނިހެން ތަންތަނުން އިސްތަށި ކޮށުމަށާއި، ބޭލުމަށާއި،އިސްތަށި ފިލުވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުން؛
- މޫސުން ތަންދޭނަމަ، ހަފުތާއަކު 3 (ތިނެއް) ދުވަހު، ހިނގުމާއި ކަސްރަތުކުރުމަށް މަދުވެގެން 1 (އެކެއް) ގަޑިއިރަށް ގޮޅިން ބޭރަށް ނެރުން؛
- ހަފުތާއަކު 1 (އެކެއް) ފަހަރު އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު؛
- ނިދާއިރު ގައިމަތީގައި އަޅާނެ ބެޑްށީޓެއް ނުވަތަ ފޮތިގަނޑެއް.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާއިލާ މެދުވެރިކޮށް އަންނައުނު ދޮންނަން ބޭނުންވާ ފަރާތްތަކުން، އެ ތަކެތި ގެންދިއުމާއި ގެނައުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަންދުކޮށްފައި ހުރި މީހާ މެދުވެރިވެގެން ނުވަތަ އޭނާގެ އާއިލާގެ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
(ނ) އިސްތަށި ބޭލުމުގައި މީހުންގެ ތެރޭގައި ކުރުމަށް އުޒުރުވެރިވާ ކަންކަމުގައި ކަނޑައެޅޭ ވަކިވަގުތަކަށް ގޮޅިތެރޭގައި ބޭނުންކުރުމަށް އެފަދަ އާލަތްތައް ދޫކުރެވިދާނެއެވެ.
(ރ) ބަންދުކޮށްފައި ތިބޭ ފަރާތްތަކުން ޖަލުގެ ގަވާއިދުތަކާ ހިލާފަށް ކުރާ އަމަލުތަކާ ގުޅިގެން، އެފަދަ އަމަލެއްގެ ބާވަތާއި ޒާތަށް ބަލައި، މި މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް ނުވަތަ އިނާޔަތެއް ނުވަތަ އިނާޔަތަކުން ބައެއް އުނިކުރުމަށް ކަސްޓޯޑިއަލް ޖަލުގެ އިސް އޮފިސަރަކަށް ނިންމިދާނެއެވެ.
25 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި މީހުން ބަންދުކޮށްފައި ބޭތިއްބުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ މީހުން ބައިތިއްބަންވާނީ، އެ މީހުންގެ އިންސާނީ ކަރާމަތަށް އުނިކަން ނާންނާ ނޭހެން، އެއް ޖިންސުގެ މީހުން އަނެއް ޖިންސުގެ މީހުންނާ ވަކިންނެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ ކުޑަކުދިންގެ ތެރޭގައި ހިމެނޭ ފުރަތަމަފަހަރު ބަންދުކުރާ ކުޑަކުދިން ބަންދުކޮށްފައި ބޭތިއްބިމުގައި، އެ ނޫން ކުޑަކުދިންނާ ވަކިން ބޭތިއްބުމަށް އިސްކަންދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދެޖިންސުގެ މީހުން ވަކިން ބައިތިއްބަންވާނީ، އެ ޖިންސެއްގެ މީހުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ޖަލެއްގައި، ނުވަތަ ޖަލުގެ ވަކި ގޮޅިއެއްގައެވެ.
(ރ) ކުޑަކުދިން ބަންދުކޮށްފައި ބޭތިއްބުމުގައި ވެސް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
(ބ) ޖަލުގެ ގޮޅިތައް ފަރުމާކޮށްފައި ހުންނަންވާނީ، އަންހެނުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ޖަލުގެ ނުވަތަ ޖަލު ގޮޅީގައި ތިބޭ ފަރާތްތައް، ފިރިހެނުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ޖަލުގައި ނުވަތަ ޖަލު ގޮޅީގައި ތިބޭ ފަރާތްތަކަށް ނުފެންނާނޭހެން އަންހެނުންނާއި، ފިރިހެނުންގެ އަޑު އެއްބަޔަކު އަނެއްބަޔަކަށް އިވުން ވީހާވެސްކުޑަވާނޭހެންނެވެ. އަދި މަންޒަރު ވެސް ނުފެންނާނޭހެންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، އެފަދަ ގޮތަކަށް މީހުން ބޭތިއްބެން ނެތް ކަސްޓޯޑިއަލް ޖަލެއްގައި ކޮންމެހެން މީހުން ބަންދުކުރަން ޖެހިއްޖެނަމަ، ދެޖިންސުގެ މީހުން ވަކިން އަދި ބޮޑެތި މީހުންނާއި، ކުޑަކުދިން ވަކިވާގޮތަށް ބޭތިއްބުމުގެ އިހްތިޔާރު އެ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަށް ލިބިގެންވެއެވެ.
(ކ) ކޯޓުން ކުރާ ހުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ތަހުގީގު ނިމުމުގެ ސަބަބުން ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ މީހުން، ލަސްކުރުމެއްނެތި، ވީ އެންމެ އަވަހަކަށް ރިމާންޑު ޖަލަށް ބަދަލުކުރަން ވާނެއެވެ.
26 ވަނަ މާއްދާ - ޖިސްމާނީ އުނިކަމެއް ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު ބަންދުކުރުން
(ހ) ޖިސްމާނީ އުނިކަމެއްގެ ސަބަބުން އޭނާގެ އަމިއްލަ އިހްތިޔާރުގައި ކުރަން ދަތި ޒަރޫރީ ކަންކަން ނުކުރެވޭ މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބަހައްޓާނަމަ، އޭނާގެ ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ. އަދި އޭނާ އަމިއްލައަށް ކުރަން ދަތި ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމު،އެ ކަސްޓޯޑިއަލް ޖަލަކުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) ޖިނާއީ އެއްވެސް އިޖުރާއަތެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މީހެއްގެ މައްޗަށް ހިންގުމުގައި، އެ މީހެއްގެ ހާލަތާ އެކަށީގެންނުވާ ބުރައެއް އެ މީހަކަށް ކުރިމަތިކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަންވާނީ،ބަންދުކޮށްފައި ތިބޭ އެހެން މީހުންގެ ފަރާތުން އޭނާއަށް ގޯނާއެއް ނުވަތަ އަނިޔާއެއް ނުލިބޭ ގޮތަކަށެވެ.
(ރ) އުމުރުން ދުވަސްވުމުގެ ސަބަބުން އޭނާ އަމިއްލައަށް ކުރަންދަތި ޒަރޫރީ ކަންކަން ނުކުރެވޭނެ މީހުންނަށް، އެފަދަ ކަންކަން ކޮށްދިނުމުގެ އިންތިޒާމު، އެ މީހަކު ހައްޔަރުކޮށްފައިވާ ކަސްޓޯޑިއަލް ޖަލަކުން ހަމަޖައްސައިދޭންވާނެއެވެ.
(ބ) ސިކުޑީގެ އުނިކަމެއް ހުންނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިނަމަ، އެފަދަ މީހުން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާއަކާއި، ނުވަތަ އެ ނޫންވެސް އެފަދަ ފަރާތަކާ ހަވާލުކުރެވެންދެން އޭނާއަށް އަނިޔާއެއް ނުވާނޭ ގޮތެއްގެ މަތީން ރަނގަޅަށް ބަލަހައްޓަންވާނެއެވެ.
27 ވަނަ މާއްދާ - ބަންދުކުރެވޭ މީހުން ގިންތިކުރުން
ޕޮލިސް ކަސްޓަޑީގައި ބަންދުކުރާ މީހުން ބެހިގެންވާ ގިންތިތައް މި މާއްދާގައި ބަޔާންކޮށްފައި މި ވަނީއެވެ.
(ހ) ގިންތި 1: މި ގިންތީގައި ހިމެނޭނީ، ނުކިޔަމަންތެރިކަން ދައްކާ ފަރާތްތަކާއި، ނުރައްކައުތެރި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން ސެކިއުރިޓީގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަންޖެހޭ މީހުންނެވެ. މި ގިންތީގެ މީހުން ޖަލުގައި ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެ ނޫން މީހުންނާ ވަކިންނެވެ.
(ށ) ގިންތި 2: މިއީ ސިއްހީގޮތުން އެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ގާތުން ބަލަންޖެހޭ މީހުންނެވެ. ނުވަތަ ބަލީގެގޮތުން އެހެން މީހުންނާ ވަކިން ގެންގުޅެންޖެހޭފަދަ މީހުންނެވެ. މިފަދަ މީހުން ހައްޔަރުކުރަންވާނީ ނުވަތަ ބަންދު ކުރަންވާނީ، އެ މީހުންގެ ބައްޔަށް ރިއާޔަތްކޮށް ލުއިދެވޭފަދަ ގޮޅިތަކެއްގައެވެ. އޭގެތެރޭގައި ހިމެނޭ ގައިންގަޔަށް އަރާފަދަ ބަލި ހުންނަ މީހުން އެހެން މީހުންނާއެކު އެއްގޮޅިއެއްގައި ބަންދުކޮށްގެން ނުވާނެއެވެ. އަދި އެފަދަ މީހުންނަށް ހާއްސަ ޖަލެއް ނުވަތަ ގޮޅިތަކެއް ހުންނަންވާނެއެވެ.
(ނ) ގިންތި 3: މި ގިންތީގައި ހިމެނޭ މީހުންނަކީ، ދައުލަތުގެ ވަކި މަގާމެއް އަދާކުރުމުގެ ސަބަބުން ނުވަތަ މުޖުތަމައުގައި އޭނާ އަދާކުރަމުންދާ ނުވަތަ އަދާކޮށްފައިވާ ދައުރެއްގެ ސަބަބުން، ޖަލުގައި ބަންދުކޮށްފައި ތިބޭ އެހެން މީހުންނާއެކު އެއްގޮޅިއެއްގައި އޭނާ ބަހައްޓައިފިނަމަ، އޭނާއަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ނުރައްކަލެއް ބަންދުކޮށްފައިވާ އެހެން މީހެއްގެ ފަރާތުން ލިބުމުގެ އިހްތިމާލު އޮތްކަމަށް ބެލެވޭ ފަރާތްތަކެވެ.
(ރ) ގިންތި 4: މި ގިންތީގައި ހިމެނޭނީ، މުޅިން އަލަށް ނުވަތަ ކުށެއްގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރާ ނުވަތަ ބަންދުކުރާ މީހުންނެވެ. މި ބާވަތުގެ މީހުން ބައިތިއްބަންވާނީ،ކުށުގެ ތުހުމަތުގައި ތަކުރާރުކޮށް ގެންނަ މީހުންނާ މުޅިން ވަކިން އެ މީހުންނާ މުއާމަލާތް ނުކުރެވޭ ގޮތަށެވެ.
28 ވަނަ މާއްދާ - ބަންދުކުރާ ފަރާތްތަކަށްފޯނުކުރުމުގެ ފުރުސަތު ދިނުން
(ހ) ކަސްޓަޑީގައި މީހަކު ބަންދުކުރުމަށްފަހު، އެ މީހަކު ބަންދުކުރާ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އޭނާގެ އާއިލާއަށް ނުވަތަ ވަކީލަކަށް ގުޅުމަށް އެ މީހަކު ބޭނުންވާނަމަ، އެފަދަ ފަރާތަކަށް ފޯނުކުރުމަށް، 3 (ތިނެއް) މިނި ޓަށްވުރެ އިތުރު ނުވާގޮތަށް ފޯނު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ށ) ބަންދުކޮށްފައި ހުރި ފަރާތަކީ، ބިދޭސީއެއްނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރުސަތުގެ އިތުރުން، ދިވެހިރާއްޖޭގައި ހުރި، އޭނާ ނިސްބަތްވާ ގައުމުގެ އެންބަސީ ނުވަތަ ކޮންސިއުލަރ މިށަނަށް ފޯނުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރުސަތުގެ އިތުރަށް، ތަހުގީގަށް ބުރޫ ނާރާގޮތަށް ބަންދުކޮށްފައިވާ މީހާގެ އާއިލާއަށް ގުޅުމަށް މި ގަވާއިދުގެ ދަށުން ހަދާ އުސޫލަކުން ކަނޑައަޅާ ގޮތެއްގެ މަތީން ފޯނުކޯލުގެ ފުރުސަތު ދޭންވާނެއެވެ. އަދި އެފަދައިން ފޯނުކުރުމުގެ ފުރުސަތު ދޭ ކޮންމެ ފަހަރަކު، އެކަން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދޭ ފޯނުކުރުމުގެ ފުރުސަތުގެ އިތުރުން،ކުއްލިހާލަތެއް މެދުވެރިވެގެން އާއިލާއިން ގުޅަން ބޭނުންވެއްޖެނަމަ ނުވަތަ ކަސްޓަޑީގައިހުރި މީހާ އާއިލާއާ ގުޅަން އެދިއްޖެނަމަ، އެ ކަސްޓަޑީއެއްގެ އިސް އޮފިސަރަކު ނިންމާ ގޮތެއްގެ މަތީން ފޯނުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ބ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށް ފައިހުރި މީހާގެ އާއިލާ ދިރިއުޅެނީ ރާއްޖެއިންބޭރުގައި ކަމުގައި ވިޔަސް، މި މާއްދާގެ (ހ) އާއި (ރ) ގައިވާ ގޮތުގެ މަތީން ފޯނުކުރުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެވެ.
29 ވަނަ މާއްދާ - އެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި އަންނަ ސިޓީ ރައްދުކުރުން
(ހ) ސަރުކާރުގެ އޮފީސްތަކަށާއި، މިނިވަން މުއައްސަސާތަކަށާއި، ށަރުއީ ކޯޓުތަކަށާއި، ޓްރައިބިއުނަލްތަކަށާއި، އެމްބަސީތަކަށާއި، ކޮންސިއުލޭޓްތައް ފަދަ ތަންތަނަށާއި، އެ މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ތަނަކަށް ސިޓީ ނުވަތަ ލިޔުން ފޮނުވުމުގެ ފުރުސަތު،ޕޮލިސް ކަސްޓަޑީގައި ހުންނަ ކޮންމެ މީހަކަށް ވެސް ދޭންވާނެއެވެ. އެ ގޮތުން އެ މީހަކު ފޮނުވާ ލިޔުން ލިބެންވާ ފަރާތަކަށް، ފޮނުވުމުގެ އިންތިޒާމުތައް، ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަންދު ކޮށްފައި ހުންނަ ފަރާތުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީއެއްގައި ނުވަތަ ލިޔުމެއްގައި، ހިނގަމުންދާ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ނުވަތަ ތަހުގީގަށް ނޭދެވޭ އަސަރެއް ކޮށްފާނެ ނުވަތަ ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެ މައުލޫމާތު ހުރިކަމަށް ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފަރާތަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެފަދަ ސިޓީއެއް ނުވަތަ ލިޔުމެއް ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ ލަފާގެ މަތީން ފުލުހުންނަށް ބަލައި ފާސްކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ބަންދުކޮށްފައި ހުރި ފަރާތުން ފޮނުވާ ލިޔުން ފޮނުވަނީ، ބަންދު މީހެއްގެ ފަރާތުން ހުށަހަޅާ ށަކުވާއެއްގެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ގާނޫނީ ށަހުސަކަށްނަމަ، ނުވަތަ ށަރުއީ ކޯޓަކަށް ކަމުގައި ވާނަމަ، އެފަދަ ލިޔުމެއް ފުލުހުން ބަލައި ހަދައިގެން ނުވާނެއެވެ.
(ރ) ބަންދުކޮށްފައި ހުންނަ ފަރާތުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީ ނުވަތަ ލިޔުމެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލައި ޗެކްކުރި ކުރުމުގައި، އެފަދަ ލިޔުމެއްގައި، އެހެން މީހެއްގެ އަބުރާ ބެހުމާއި، ބިރުދެއްކުމާއި، އަހްލާގީގޮތުން ނޭދެވޭ އިބާރާތާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ މައުލޫމާތާއި، ޖަލުގެ ސަލާމަތާއި،ރައްކައުތެރިކަމާއި، ޖަލުގެ ހިންގުމަށް ނޭދެވޭ އަސަރުކޮށްފާނެފަދަ މައުލޫމާތާއި، ހިނގަމުންދާ ތަހުގީގަށް ހުރަސްއެޅިދާނެފަދަ ނުވަތަ ތަހުގީގަށް ނޭދެވޭ އަސަރެއް ކޮށްފާނެފަދަ މައުލޫމާތެއް އެ ލިޔުމުގައިވާނަމަ، އެފަދަ ލިޔުމެއް ރައްދު ނުކުރުމުގެއިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލުގެ އިސް އޮފިސަރަކަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، ބަންދުކޮށްފައި ހުރި ފަރާތަށް އަންނަ އެންމެހައި ލިޔެކިއުމާއި، އެފަދަ ތަކެތި އެ ފަރާތާ ހަވާލުކުރުމުގައި މި މާއްދާގެ (ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.
30 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލު ގައި ބަންދުކޮށްފައި ތިބޭ މީހުން ކުރުން މަނާ ކަންތައްތައް
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން، އެ ޖަލެއްގެ ސެކިއުރިޓީ އޮފިސަރުން އަންގާ އެންގުންތަކަށް ކިޔަމަންވާންވާނެއެވެ.
(ށ) ބަންދުކޮށްފައި ތިބޭ މީހުން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަކީ މަނާކަމެކެވެ.
- ޖަލުގެ ތަނަކަށް ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއް ލިބޭފަދަ އަމަލެއް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުން؛
- ޖަލުގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ތަކެތި ފިޔަވައި އިތުރު އެއްޗެއް ޖަލަށް ވެއްދުން ނުވަތަ ވެއްދުމަށް މަސައްކަތްކުރުން ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވުން؛
- ޖަލުގެ ސެކިއުރިޓީ އޮފިސަރުން އަންގާ އެންގުންތަކާ ހިލާފުވުން؛
- ޖަލުގެ ސެކިއުރިޓީ އޮފިސަރަކަށް ނުވަތަ އެ ނޫންވެސް މުވައްޒަފަކަށް ނުވަތަ ޖަލަށް އަންނަ މީހެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއް ކުރުން؛
- ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށާއި، ހިދުމަތްދިނުމަށް ދަތިވާފަދަ އަމަލުކުރުން؛
- ގާނޫނަކުން ކުށެއްކަމަށް ކަނޑައަ ޅައިފައިވާ އަމަލެއް ހިންގުން؛
- އޮރިޔާން ނިވާނުކޮށް ގޮޅިތެރޭގައި އުޅުން؛
- ކަސްޓޯޑިއަލް ޖަލަށް ވައްދާއިރު އަމަލުކުރަންވާނެކަމަށް ބަންދުކުރެވޭ ފަރާތަށް އަންގައިފައިވާ އެންގުމަކާ ހިލާފަށް އަމަލުކުރުން؛
- މި ނޫނަސް، ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް، ނުވަތަ ޖަލުގައި ތިބޭ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާފާނެ، ނުވަތަ ޖަލު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށް ދަތިވާނެ އަމަލެއް ކުރުން.
31 ވަނަ މާއްދާ - ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލުން، ކަސްޓޯޑިއަލް އެހެން ޖަލަކަށް ބަދަލުކުރުން
(ހ) ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު، ބަންދުކުރެވިފައިވާ ކަސްޓޯޑިއަލް ޖަލުން އެ ނޫން އެހެން ކަސްޓޯޑިއަލް ޖަލަކަށް ބަދަލުކުރުމުގެ އިހްތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިދޭ އިހްތިޔާރުގެ ދަށުން، މީހަކު ބަންދުކޮށްފައިވާ ކަސްޓޯޑިއަލް ޖަލުން ކަސްޓޯޑިއަލް އެހެން ޖަލަކަށް އެފަދަ މީހަކު ބަދަލުކުރުމުގައި އެފަދަ މީހެއްގެ ހާލަތާ ބެހޭގޮތުން އެ މީހަކު ބަދަލުކުރެވޭ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފަރާތަށް މައުލޫމާތާއި ލިޔެކިޔުންތައް ފޯރުކޮށްދޭންވާނެއެވެ.
32 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވާ މީހަކު ރިމާންޑް ޖަލަށް ބަދަލުކުރުމާއި، ހުކުމް ތަންފީޒުކުރުމަށް ހަވާލުކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުކޮށްފައި ހުރި މުއްދަތުގައި އެހެން މައްސަލައެއްގައި ޖަލަށްލުމަށް ހުކުމްކުރިނަމަވެސް، އެފަދަ މީހަކު، ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ކަނޑައަޅައިފައިވާ މުއްދަތުގައި، އޭނާ ބަންދުކޮށްފައި ބަހައްޓާނީ ކަސްޓޯޑިއަލް ޖަލުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ ހާލަތެއްގައި ބަންދުކޮށްފައި ހުންނަ މީހަކު ހުކުމް ތަންފީޒުކުރުމަށް، އާންމު ޖަލަކަށް ބަދަލުކުރުމުގެ ސަބަބުން، އެފަދަ މީހަކު ބަންދުކޮށްފައިވާ މައްސަލައިގެ ތަހުގީގަށް ނޭދެވޭ އަސަރެއް ނުފޯރާނެނަމަ، ނުވަތަ ތަހުގީގަށް ދަތިކަމެއް ކުރިމަތި ނުވާނަމަ، އެފަދަ މީހަކު ހުކުމް ތަންފީޒުކުރުމަށް އާންމު ޖަލަކަށް ބަދަލުކުރުމަށް ކަމާގުޅޭ އިދާރާއާ ހަވާލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުކުމް ތަންފީޒުކުރުމަށް ކަމާގުޅޭ އިދާރާއާ ހަވާލުކުރާ ފަރާތްތައް އެފަދަ އިދާރާއަކާ ހަވާލުކުރަންވާނީ، އެފަދަ މީހަކު ފުލުހުންގެ ބެލުމުގެދަށުން ދޫކުރެވިއްޖެކަން ރިކޯޑުކުރުމަށްފަހު، އެފަދަ ހާލަތެއްގައި ދޫކުރެވޭ މީހުންނާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.
(ރ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު ށަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފިނަމަ، އެފަދަ މީހަކު އެ އަމުރަކާ އެއްގޮތްވާ ގޮތުގެ މަތީން ރިމާންޑު ޖަލަކަށް ބަދަލުކުރަންވާނެއެވެ. މި ގޮތުން ރިމާންޑް ޖަލަށް އެފަދަ މީހަކު ބަދަލުކުރަންވާނީ، އެފަދަ މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފިކަން ރިކޯޑުކުރުމަށްފަހު، އެފަދަ ހާލަތެއްގައި ބަދަލުކުރެވޭ މީހުންނާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހުގައެވެ.
(ބ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫ ކޮށްލުމަށްފަހު، ސަރުކާރުގެ އެހެން އިދާރާއަކާ ހަވާލުކުރާނަމަ، އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލައި، އޭނާއާމެދު އަމަލުކުރެވުނުގޮތް، އޭނާގެ ބެލެނިވެރިއަކަށް ނުވަތަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކަށް އަންގަންވާނެއެވެ. އަދި އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
33 ވަނަ މާއްދާ - ވަގުތީގޮތުން ކަސްޓޯޑިއަލް ޖަލަށް ގެނައުން
ކަސްޓޯޑިއަލް ޖަލު ނޫން ޖަލެއްގައި ހުރި މީހަކު، ވަގުތީގޮތުން ކަސްޓޯޑިއަލް ޖަލަށް ބަދަލުކުރެވޭނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތީންނެވެ. މި ގޮތުން މީހަކު ބަދަލުކުރާނަމަ، އެފަދަ މީހަކު ބަންދުކޮށްފައި ހުރި ޖަލެއް ބަލަހައްޓާފަރާތުން އެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދެންވާނީ ލިޔުމުންނެވެ.
34 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ތިބޭ މީހުން ނުކިޔަމަންތެރިވުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ހައްޔަރުކޮށްފައިވާ ނުވަތަ ބަންދުކޮށްފައިވާ ހުރި އެއްވެސް މީހަކު ޖަލުގެ ގަވާއިދާ ހިލާފު އަމަލެއް ކުރުމުގެ ސަބަބުން ނަސޭހަތާއި އިންޒާރު ދިނުމުން ވެސް،ނުކިޔަމަންތެރިކަން ދައްކައި، ޖަލުގެ މަސްލަހަތު ނަގައިލަން މަސައްކަތްކުރާނަމަ، އެ މީހަކު ވަގުތީގޮތުން ގޮޅިން ނެރެ ކިޔަމަންތެރިކުރުވުމަށް ޓަކައި އެހެން މީހުންނާ ވަކިން ބޭންދުމުގެ އިހްތިޔާރު، އެ މީހަކު ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެ ވަގުތު ޑިއުޓީގައި ހުރި އެންމެ އިސް އޮފިސަރަށް ލިބިގެންވެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު، ޖަލުގެ ގޮޅިއަށް ވަނުމަށް ނުވަތަ ގޮޅިން ނުކުތުމަށް އިންކާރުކޮށް ދެކޮޅުހަދައިފިނަމަ، އެ ގޮތަށް އަމަލުނުކުރުމަށް އެފަދަ ފަރާތަކަށް ނަސޭހަތްތެރިވާންވާނެއެވެ. މި ގޮތުން ނަސޭހަތްތެރިވުމުން ވެސް، ޖަލުގެ ގޮޅިއަށް ވަނުމަށް ނުވަތަ ގޮޅިން ނުކުތުމަށް އިންކާރުކޮށް ދެކޮޅުހަދާނަމަ، ބާރުގެ ބޭނުންކުރާނެކަމަށް އަންގައިއިންޒާރުކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް އިންޒާރުކުރުމުންވެސް ކިޔަމަންނުވެއްޖެނަމަ، ކިޔަމަންތެރިކުރުވުމަށް އެ ހާލަތަކާ ގުޅޭގޮތުން އެކަށީގެންވާ ބާރުގެ ބޭނުންކުރެވިދާނެއެވެ. މި ގޮތުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބަންދުކޮށްފައި ހުރި މީހާއަށް ލިބޭ އެއްވެސް ހާނީއްކައަކަށް ފުލުހުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.
(ރ) ދިމާވާ ވަކި ހާލަތަކާ ގުޅިގެން ނުވަތަ ނުކިޔަމެންތެރިކަން ދައްކާ މީހެއްގެ އަމަލުތައް ހުރި ގޮތެއްގެ މައްޗަށް ބަލައި، އިންޒާރުދިނުމަކާ ނުލައި، ވަގުތުން އަޅާ ފިޔަވަޅެއްގެ ގޮތުން ބާރުގެ ބޭނުންކުރުމަށް ނިންމިދާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކިޔަމަންތެރިކުރުވުމަށް ޓަކައި އަޅާ ފިޔަވަޅެއްގެގޮތުން، ވަގުތީގޮތުން ގޮޅިން ނެރުމުންވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާއާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ، އޭނާގެ އަމަލުތަކުގެ މައްޗަށް ބަލައި އޭނާގެ އަމަލުތައް ހުއްޓުވޭނެފަދަ ގޮތަކަށް ބިޑިއެޅުވުމުގެ އިހްތިޔާރު، ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވެއެވެ. މި ގޮތުން އެފަދަ މީހެއްގެ ގައިގައި އަތު ބިޑި، ފައި ބިޑި، އަނގަ ބިޑި ނުވަތަ ޖެކެޓް ބިޑި ނުވަތަ މި ނޫންވެސް އެފަދަ ގޮތަކަށް މީހެއްގެ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރުމަށް އެކަށީގެންވާ ބިޑިއެއް އެޅުވިދާނެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީހަކާ މެދު އަޅާ ފިޔަވަޅަކުން އޭނާ ކިޔަމަންތެރިވެއްޖެނަމަ، އެ ހިނދުން ފެށިގެން އޭނާ ކިޔަމަންތެރިކުރުވުމަށް އެޅި ފިޔަވަޅު ނިމުމަކަށް ގެންނަންވާނެއެވެ.
(ކ) ކަސްޓޯޑިއަލް ޖަލެއްގައި ހުރި މީހަކު ނުކިޔަމަންތެރިވެގެން ކިޔަމަންތެރިކުރުވުމަށް ޓަކައި ބާރުގެ ބޭނުންކޮށްފިނަމަ، އެކަން ހިނގައިދިޔަގޮތް ތަފުސީލުކޮށް، ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
35 ވަނަ މާއްދާ - ތަހުގީގު ގެ ބޭނުމަށް ޖަލުގެ ގޮޅިން މީހުން ނެރުން
ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާ ތަހުގީގުގެ ބޭނުމަށް ސުވާލުކުރުމަށް ޓަކައި، އާންމު އުސޫލުން، ރޭގަނޑު 23:00 އާއި ހެނދު 6:00 އާ ދެމެދުގެ ވަގުތުގައި ގޮޅިން ނެރެގެން ނުވާނެއެވެ.
36 ވަނަ މާއްދާ - ޖަލުގައި ބަންދުކޮށްފައި ހުރި މީހާ ބަންދުކޮށްފައި ހުރި ގޮޅި ނޫން އެހެން ގޮޅިއަކަށް ބަދަލުކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ފަރާތުން ދިމާވާ ކަމެއްގެ ސަބަބުން،ނުވަތަ އޭނާގެ އަމަލުތައް ޖަލުގެ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން، އަންނަނިވި ހާލަތްތަކުގައި،އޭނާ ބަންދުކޮށްފައިވާ ގޮޅި ނޫން އެހެން ގޮޅިއަކަށް ބަދަލުކުރުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަކަށް ލިބިގެންވެއެވެ.
- އަނިޔާވެރި އަމަލެއް ހިންގުން؛
- އަމިއްލަ ނަފުސަށް ގެއްލުން ދިނުމަށް މަސައްކަތްކުރުން؛
- ސިއްހީގޮތުން ރައްކައުތެރިނޫން ހާލަތެއް ދިމާވުން؛
- ޖަލުގެ ހިންގުމަށް ބުރޫއަރާފަދަ އަމަލެއް ކުރުން؛
- ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާފަދަ އަމަލެއް ކުރުން؛
- ޖަލުގެ ގަވާއިދުތަކާ ހިލާފަށް އަމަލުކުރުން؛
- ޖަލުގެ މުދަލަށް، ނުވަތަ ތަކެއްޗަށް، ނުވަތަ ވަސީލަތަކަށް ގެއްލުން ދިނުމުގެ އަމަލެއް ކުރުން؛
- ބަންދުކޮށްފައި ހުރި މީހާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން ބަންދުކޮށްފައި ހުރި މީހާ ހުރި ގޮޅި ބަދަލުކޮށްދިނުމަށް އެދުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން ވެސް، ބަންދުކޮށްފައި ހުރި ފަރާތަކީ ނިދުމާއި، އަރާމުކުރުމާއި، ކަސްރަތުކުރުން ފަދަ ކަންކަން ވަކި ގޮތަކަށް ވަކި އުސޫލަކުން ކުރަންޖެހޭ މީހެއްކަމުގައި ޑޮކްޓަރަކު ލަފާދީފިނަމަ، އެފަދަ މީހަކާ ގުޅިގެން ޑޮކްޓަރު ދީފައިވާ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް އެފަދަ މީހަކު ބަންދުކޮށްފައިވާ ގޮޅި ބަދަލުކުރެވިދާނެއެވެ.
37 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުން ގޭބަންދަށް ބަދަލުކުރުމާއި، ބަންދުން ދޫކޮށްލުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލައިފިނަމަ، އޭނާގެ ބެލެނިވެރިއަކަށް ނުވަތަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލާއިރު، އޭނާ ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލާ ހަވާލުވެހުރި އެންމެ އިސްއޮފިސަރުގެ މައުލޫމާތު ލިޔުމުން އެ މީހަކަށް ދޭންވާނެއެވެ.
(ނ) ބަންދުން ދޫކޮށްލަނީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއްނަމަ، ފުލުހުންގެ ބެލުމުގެދަށުން އެ ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކާ ހަވާލުކުރަންވާނެއެވެ. އެފަދަ ފަރާތެއް ނެތްނަމަ، އެފަދަ ކުޑަކުއްޖެއްގެ މަސްލަހަތުގައި މަސައްކަތްކުރުމަށް ސަރުކާރުން ކަނޑައަޅާ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތާ ހަވާލުކުރަންވާނެއެވެ.
(ރ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ގޭބަންދަށް ބަދަލުކުރާނަމަ ނުވަތަ ދޫކޮށްލާނަމަ، އޭނާ ގޮޅިއަށް ވެއްދިއިރު ގޮޅީގައި ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ތަކެތި، އޭނާ ގޮޅިން ނެރޭއިރު، ސެކިއުރިޓީ އޮފިސަރާ ހަވާލުކުރަންވާނެއެވެ. އަދި އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ބ) ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލާނަމަ، އެ މީހަކު، ގޮޅިއަށް ވެއްދުމުގެ ކުރިން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ވަގުތީގޮތުން އަތުލެވުނު ތަކެތީގެ ތެރޭގައި ހިމެނޭ، މައްސަލައިގެ ހެކީގެ ގޮތުގައި ހިމެނޭ ތަކެއްޗާއި، ގާނޫނަކުން ގެންގުޅުން މަނާ ތަކެއްޗާއި، ގާނޫނާ ހިލާފު ތަކެތި ފިޔަވައި އެ ނޫން ތަކެތި އޭނާއާ ހަވާލުކޮށް، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
38 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ހުރި މީހެއްގެ އާއިލާގެ މީހަކު ނިޔާވުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހަކު ނިޔާވުމާ ގުޅިގެން، ނިޔާވި މީހާގެ ޖަނާޒާގައި ބައިވެރިވުމަށް، ބަންދުކޮށްފައި ހުރި މީހާ ބޭނުންވާނަމަ، ބަންދުކޮށްފައި ހުރި މީހާ ޖަނާޒާގައި ބައިވެރިކުރުމުން، އޭނާ ބަންދުކޮށްފައި ހުރި މައްސަލައިގެ ތަހުގީގަށް ބުރުލެއް ނާރާނަމަ، ނުވަތަ ދަތިކަމެއް ކުރިމަތި ނުވާނެނަމަ، ނިޔާވި މީހާގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު، ބަންދުކޮށްފައި ހުރި މީހާއަށް، ޖަލުގެ ސެކިއުރިޓީ އޮފިސަރުންގެ ބެލުމުގެ ދަށުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބަންދުކޮށްފައި ހުރި މީހަކު ޖަނާޒާއެއްގައި ބައިވެރިވުމަށް ގެންގޮސްދެވޭނީ، ޖަނާޒާގެ ކަންކަން ކުރެވެނީ އެ ކަސްޓޯޑިއަލް ޖަލެއް ހުރި ރަށެއްގައި ނަމައެވެ. މި އަކުރުގެ ބޭނުމަށް ޓަކައި، ދޫނިދޫ ކަސްޓޯޑިއަލް ޖަލު ބެލެވޭނީ، މާލެ ސިޓީގައި ގާއިމުކޮށްފައިވާ ކަސްޓޯޑިއަލް ޖަލެއްކަމުގައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބަންދުކޮށްފައި ހުރި މީހަކު ޖަނާޒާއެއްގައި ބައިވެރިވުމަށް ޖަލުން ނެރޭނަމަ، ބަންދުކޮށްފައި ހުރި މީހާ ބަންދުކޮށްފައިވާ މައްސަލަ ތަހުގީގުކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބަންދުކޮށްފައި ހުރި މީހަކު ޖަނާޒާއެއްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ، ނިޔާވި މީހާގެ މަރުފޯމު ކަސްޓޯޑިއަލަށް ލިބުމުންނެވެ.
(ބ) މި މާއްދާގެ ބޭނުމަށް ޓަކައި އާއިލާކަމުގައި ބަޔާންކޮށްފައި އެ ވަނީ، އަންނަނިވި ފަރާތްތަކުންކުރެ ފަރާތަކަށެވެ.
- މަންމަ، ބައްޕަ؛
- އަނބިން ނުވަތަ ފިރިމީހާ؛
- އުފަންދަރިންނާއި ދަރީންގެ ދަރިން ؛
- މާމަ، ކާފަ؛
- އެއްބަނޑުއެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު މީހުން؛
- ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ބަލަދުވެރިކަން ލިބިފައިވާ މީހުން.
39 ވަނަ މާއްދާ - ބަންދުކޮށްފައިހުރި މީހަކު ނިޔާވުން ނުވަތަ ބޮޑު ހާނީއްކަ އެއްވުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު، އާންމު އުސޫލުން ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ބަންދުކޮށްފައި ހުރި މީހަކަށް ބޮޑު ހާނީއްކައެއް ވެއްޖެނަމަ، ވަގުތުން އެ މީހަކު ޑޮކްޓަރަށް ދައްކައި، ޑޮކްޓަރު ދޭ ލަފަޔަކާ އެއްގޮތަށް އަވަސް ފިޔަވަޅު އަޅަންވާނެއެވެ. އަދި އެ މީހެއްގެ މެޑިކަލް އެގްޒަމިނޭށަނެއް ހަދަންވާނެއެވެ. މިގޮތުން ދިމާވި ކަމަކީ ކުއްލިއަކަށް ދިމާވި ކަމަކަށް ވެފައި، އެފަދަ ހާލަތެއްގައި ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ދޭންޖެހޭ ކުއްލި އެމަޖެންސީ ސިއްހީ ފަރުވާ ދޭންވާނެއެވެ. އަދި އެ މީހަކު ސިއްހީ ފަރުވާދޭ ތަނަކަށް ވަގުތުން ގެންދަންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެކަމަށް ބެލެވޭނަމަ، ވަގުތުން އެ މީހަކު، ސިއްހީ ފަރުވާދޭ ތަނަކަށް ގެންދަންވާނެއެވެ. މި ގޮތުން ގެންދެވޭ ފަރާތެއްމަރުވެއްޖެކަމަށް ޑޮކްޓަރަކު ކަނޑައަޅައިފިނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެފަދަ ހާލަތެއްގައި އަމަލުކުރަންވާ ނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކަސްޓޯޑިއަލް ޖަލެއްގައިހިނގައިފިނަމަ، އަންނަނިވި ފަރާތްތަކަށް ވަގުތުން އަންގަންވާނެއެވެ. ވަގުތުން އެންގެން ނެތްހާލަތެއްގައި، ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ.
- ބަންދުކޮށްފައި ހުރި މީހާގެ މައްސަލަ ބަލާ ފަރާތް؛
- ޑިއުޓީ އޮފިސަރު؛
- ބަންދުކޮށްފައި ހުރި މީހާގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ؛
- ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑް؛
- ބަންދުކޮށްފައި ހުރި މީހާގެ ގާނޫނީ ވަކީލު؛
- އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް؛
- ކަސްޓޯޑިއަލް ޖަލުތަކަށް ކަނޑައަޅައިފައިވާ ޑައިރެކްޓަރ އޮފް ޕްރިޒަންސް؛
- ބިދޭސީއެއްނަމަ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް؛
- ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް.
(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާދިސާއެއް ކަސްޓޯޑިއަލް ޖަލެއްގައި ހިނގައިފިނަމަ، އެކަން ހިނގައިދިޔަގޮތް ބަލައި، އެ ކަމާ ގުޅޭ މައުލޫމާތު ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ބ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެނަމަ، އޭނާގެ ކަށުކަމާކެމީގެ ހުރިހާކަމެއް ހަމަޖައްސަންވާނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން އޮތް ނަމަވެސް، ނިޔާވި މީހާގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށް އޭނާގެ އާއިލާއިން ނުވަތަ އޭނާގެ ބެލެނިވެރި ފަރާތުން އެދިއްޖެނަމަ، އެ ފުރުސަތު ދޭންވާނެއެވެ.
40 ވަނަ މާއްދާ - ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ވިހެއުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު ޖަލުގައި ވިހައިފިނަމަ، އޭނާއާއި އޭނާގެ ދަރިފުޅު، އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާދޭ މަރުކަޒަކަށް ވަގުތުން ގެންދަންވާނެއެވެ. އަދި ޑޮކްޓަރު ލަފާދޭ ގޮތެއްގެ މަތީން އެ މީހަކާމެދު އަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ދިމާވެގެން، ބަންދު ކޮށްފައި ހުރި މީހާ ސިއްހީ ފަރުވާދޭ މަރުކަޒެއްގައި އެނދުމަތިކޮށްފިނަމަ، މި ގަވާއިދުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
41 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރެވޭ މައިމީހާ
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި އަންހެނެއްގެ 2 (ދޭއް) އަހަރު ނުފުރޭ، ގާތުންދޭ ކުޑަކުއްޖަކު ހުރިނަމަ، އަދި އޭނާ އެ ކުއްޖާއަށް ގާތުން ދޭން ބޭނުންވާނަމަ، އެ ކުއްޖާ މަސްލަހަތަށް އިސްކަންދީގެން، އެ ކުއްޖާއަށް ގާތުންދެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލަށް ކުޑަކުއްޖާ ގެނައުމާއި އަނބުރާ ގެންދިއުމަކީ އެ ވަގުތަކު، އެ ކުޑަކުއްޖާ ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ.
ތިންވަނަ ބާބު
ގާނޫނީ ވަކީލުންގެ ފުރުސަތު ދިނުން
42 ވަނަ މާއްދާ - ގާާނޫނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުން
(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ދޭ ފުރުސަތުގެ އިތުރުން، ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ މީހަކު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފިނަމަ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ލިބިދިނުމުގެ ގޮތުން، އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ބޭނުމަށް، ފޯނުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ބޭނުމަށް ފޯނުކުރުމުގެ ފުރުސަތު ދިނުމަށްފަހު، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ބޭނުމަށް ދޭ ފޯނުކުރުމުގެ ފުރުސަތުގައި، އޭނާ ފުލުހުންގެ ބަންދުކޮށްފައި ފުލުހުންގެ ބެލުމުގެދަށުގައި ހުރިކަމާއި، އޭނާގެ ވަކީލަކަށް އައްޔަނުވެދިނުމަށް ގާނޫނީ ވަކީލުގެ ގާތު ބުނުން ނުވަތަ ގާނޫނީ ވަކީލަކު ހޯދައިދިނުމަށް އެދި އޭނާ ގުޅާ ފަރާތުގައި އެ ވާހަކަ ބުނުން ފިޔަވައި އިތުރު ވާހަކައެއްދައްކައިގެން ނުވާނެއެވެ. އަދި އެ ނޫން އިތުރު ވާހަކައެއް ދައްކާނަމަ، ފޯނު ކަނޑައިލުމުގެ އިހްތިޔާރު، ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވެއެވެ.
(ރ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަށް އެދިއްޖެނަމަ، އެކަން ހަމަޖެއްސުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅޭނެ ފުރުސަތު ތަނަވަސްކޮށްދޭންވާނެއެވެ. މިގޮތުން ވަކި ލިޔުމެއްގައި ސޮއިކުރުމާއި، އެ ލިޔުމެއް ފުރިހަމަކުރުމުގައި އެ މީހަކަށްއެހީތެރިވެދިނުންފަދަ ކަންކަން ކުރަންވާނެއެވެ.
43 ވަނަ މާއްދާ - ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދި ފޯމު ހުށަހެޅުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް ބޭނުންވާ ފަރާތުން "ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދޭ ފޯމު" ފުރިހަމަކޮށް ފައި ޕޮލިސް ކަސްޓޯޑިއަލަށް ނުވަތަ އެ މީހަކު ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފުލުހުންގެ މަރުކަޒަށް ހުށަހަޅަންވާނެއެވެ. "ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދޭ ފޯމު" މި ގަވާއިދުގެ ޖަދުވަލު 2 ގެ 1.2 ގައި އެ ވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދޭ ފޯމު" ހުށަހަޅާއިރު، އެ ފޯމު ހުށަހަޅާ ގާނޫނީ ވަކީލަކު ބަންދުކޮށްފައި ހުރި މީހާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުކުރުމަށް ގާނޫނީ ވަކީލުގެ ކިބައިގައި އެދިފައިވަނީ، ބަންދުކޮށްފައި ހުރި ފަރާތުގެ އާއިލާގެ ފަރާތުން ކަމުގައި ވާނަމަ، އެކަން އެނގޭނެ ލިޔުމެއް "ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދޭ ފޯމު" އާއެކު ހުށަހަޅަންވާނެވެ. އަދި އެފަދަ ލިޔުމަކާއެކު އާއިލާއިން އެ ގޮތަށް އެދުނު ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
(ނ) ބަންދުކޮށްފައި ހުރި ފަރާތަކީ ބިދޭސީއެއްނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިންގުމުގެ ބޭނުމަށް ޓަކައި، އާއިލާގެ މެންބަރުންގެ އިތުރުން، އާއިލާކަމުގައި، އޭނާގެ ސްޕޮންސަރ ނުވަތަ ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ އޭނާ ނިސްބަތްވާ ގައުމުގެ ހައިކޮމިށަން ނުވަތަ ކޮންސިއުލަރ މިށަނުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނިގެންވެއެވެ.
44 ވަނަ މާއްދާ - ގާނޫނީ ވަކީލަކަށް އައްޔަނު ކުރެވުނު ކަމުގެ ސްލިޕް ދޫކުރުން
(ހ) ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދި ފޯމު ހުށަހެޅުމުން، ބަންދުކޮށްފައި ހުރި މީހާ އެ ވަކީލު ގަބޫލުކުރާނަމަ، އަދި ފޯމު ހުށަހެޅި ފަރާތް އައްޔަނުކުރުމަށް ގާނޫނީ ހުރަހެއް ނެތްނަމަ، އޭނާ އެދުނުގޮތަށް ގާނޫނީ ވަކީލަކަށް އައްޔަނު ކުރެވުނު ކަމުގެ ސްލިޕް، އެ ވަކީލަކަށް ލަސްނުކޮށް ދޫކުރަންވާނެއެވެ.
(ށ) ގާނޫނީ ވަކީލަކަށް އައްޔަނު ކުރެވުނު ކަމުގެ ސްލިޕް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުވުމަށް އެދި ހުށަހެޅި ފަރާތަށް އީ-މެއިލް ކުރުމުން އެ ސްލިޕް އެ ފަރާތަށް ރައްދުކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
45 ވަނަ މާއްދާ - ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް ފުރުސަތު ދެވެން ނެތް ހާލަތްތައް
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ގާނޫނީ ވަކީލަކަށް އައްޔަނުވުމަށް އެދި ހުށަހެޅި ހުށަހެޅުމަކީ، އަންނަނިވި ހާލަތެއް ވުޖޫދުގައިވާ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމަކާ ގުޅިގެން ގާނޫނީ ވަކީލެއްގެ ގޮތުގައި އައްޔަނުވުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
(ހ) މައުލޫމާތު ފުރިހަމަނުވާ ހުށަހެޅުންތައް.
(ށ) ހުށަހެޅި ހުށަހެޅުން ބަލައިނުގަންނަކަމަށް ބަންދުކޮށްފައި ހުރި މީހާ ބުނާ ހުށަހެޅުންތައް.
(ނ) ދައުލަތުން ދިފާއީ ވަކީލަކު އައްޔަނުކުރާ ހާލަތުގައި ފިޔަވައި، ބަންދުކޮށްފައި ހުރި މީހާ ހިމެނޭ މައްސަލައިގައި ސުވާލުކުރެވޭ އެހެން މީހެއްގެ ގާނޫނީ ވަކީލަކަށް އައްޔަނުވެފައިވާ ގާނޫނީ ވަކީލަކު ހުށަހަޅާ ހުށަހެޅުން.
(ރ) ދައުލަތުން ދިފާ އީ ވަކީލަކު އައްޔަނުކުރާ ހާލަތުގައި ފިޔަވައި، ބަންދުކޮށްފައި ހުރި މީހާ ހިމެނޭ މައްސަލައިގައި ސުވާލުކުރެވޭ އެހެން މީހެއްގެ ގާނޫނީ ވަކީލަކަށް އައްޔަނުވެ، އެފަދަ ފަރާތެއްގެ ގާނޫނީ ވަކީލުކަމުން ތަނާޒުލުވެފައިވާ ގާނޫނީ ވަކީލަކު ހުށަހަޅާ ހުށަހެޅުން.
(ބ) ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ނުވަތަ ހައިސިއްޔަތު ނެތް ފަރާތެއް ހުށަހަޅާ ހުށަހެޅުން.
(ޅ) ސަސްޕެންޑު ކޮށްފައިވާ ގާނޫނީ ވަކީލަކު ހުށަހަޅާ ހުށަހެޅުން.
46 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހާ ގާނޫނީ ވަކީލާ ބައްދަލުކުރުމަށް އެދުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު، އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކުރުމަށް އެދިއްޖެނަމަ، އޭނާގެ ގާނޫނީ ވަކީލަށް އެކަން އަންގަންވާނެއެވެ. އަދި އެންގި ވަގުތާއި، ތާރީހު އެނގޭނޭހެން ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު، އޭނާގެ ގާނޫނީ ވަކީލަށް ފޯނުކުރުމަށް އެދިއްޖެނަމަ، އެ ފުރުސަތު ދޭންވާނެއެވެ. އަދި ތާރީހާއި، ގަޑި އެނގޭނޭހެން ލިޔުމުން އެކަން ރިކޯޑު ކުރަންވާނެއެވެ.
47 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހާ ގާނޫނީ ވަކީލާ ބައްދަލުކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކަށް، އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކުރުމަށް އާންމު އުސޫލުން ފުރުސަތު ދެވޭނީ، ސަރުކާރު ބަންދުނޫން ރަސްމީ ދުވަސްތަކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ސަރުކާރު ބަންދު ދުވަހެއްގައި އަންނަނިވި ފަދަ ހާލަތްތަކުގައި ބަންދުކޮށްފައި ހުރި މީހާއާ ބައްދަލުކުރުމުގެ ފުރުސަތު އޭނާގެ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.
- ބަންދުކޮށްފައި ހުރި މީހާ ބަންދުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިޔަށް ތާވަލު ކުރެވިފައި އޮތުން؛ އަދި
- ދިމާވާ ކުއްލި ކަމަކާ ގުޅިގެން ކޮންމެހެން ބައްދަލުކުރަންޖެހޭ މަގުބޫލު ސަބަބެއް އޮތުން.
(ނ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައިވާ މީހާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން އެހެން ގޮތަކަށް ނާންގާ ހައި ހިނދަކު، ނުވަތަ ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ބަންދުކޮށްފައި ހުރި މީހާއާއި، އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކުރުމަށް ދެވޭ ފުރުސަތު ދޭންވާނީ އެކަހެރި ބައްދަލުވުމެއްގެ ގޮތުގައެވެ.
48 ވަނަ މާއްދާ - ބައްދަލުކުރުމަށް އަންނަ ގާނޫނީ ވަކީލުންގެ ހެދުން ހުންނަންޖެހޭ ގޮތް
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާ ބައްދަލުކުރުމަށް އަންނަ ގާނޫނީ ވަކީލުން ހެދުން އަޅައިފައި ހުންނަންވާނީ، ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، ގާނޫނީ ވަކީލަކީ ކާކުކަން އެނގޭނެފަދަ ގޮތަކަށް، މުޖުތަމައުގެ އަދަބާ ހިލާފު ނުވާނެ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ހެދުން އަޅައިގެން އަންނަ ގާނޫނީ ވަކީލުންނަށް އެ ފަރާތުގެ މުވައްކިލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމުގެ އިހުތިޔާރު،އެ ކަސްޓޯޑިއަލް ޖަލެއް ބަލަހައްޓާ އިސް އޮފިސަރަކަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ - ބައްދަލުވުމަށް ދެވޭ ވަގުތު
(ހ) ބަންދުކޮށްފައި ތިބޭ ފަރާތްތަކާ، ގާނޫނީ ވަކީލުންނަށް، އާންމު އުސޫލުން ބައްދަލުވުން ހަމަޖައްސައިދެވޭނީ، ހެނދުނު 9:00 އާއި 18:00 އާ ދެމެދުގެ ވަގުތެއްގައި، ބައްދަލުވުމަށް އެދޭ ނިސްބަތުން، ހުސްވަގުތު އޮތް މިންވަރަކުންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތު ނޫން އެހެން ވަގުތެއްގައި، ގާނޫނީ ވަކީލާއެކު ބައްދަލުވުމެއް ހަމަޖައްސައިދެވޭނީ، އެ އަކުރުގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ ފަހުން ހައްޔަރުކުރާ މީހަކު އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކުރުމަށް ބޭނުންވެގެން އެދޭ ފުރަތަމަފަހަރުއެވެ. ނުވަތަ ބަންދުކޮށްފައި ހުރި މީހާ ގާނޫނީ ވަކީލާ ކޮންމެހެން ބައްދަލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ ކަސްޓޯޑިއަލް ޖަލެއް ބަލަހައްޓާ އިސް އޮފިސަރަކު ނިންމާ ގޮތެއްގެ މަތީންނެވެ.
(ނ) ބަންދުކޮށްފައި ތިބޭ ފަރާތްތަކާ ގާނޫނީ ވަކީލުން ބައްދަލުކުރުމަށް އާންމު އުސޫލުން ދެވޭނީ، ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ވަގުތެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިމާވާ ވަކި ހާލަތަކާ ގުޅިގެން ވަގުތު އިތުރުކޮށްދިނުމަށް، ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަކަށް ނިންމިދާނެއެވެ. މިގޮތުން ބައްދަލުވުމުގެ ވަގުތު އިތުރުކުރެވޭނީ، އެންމެ ގިނަވެގެން ވެސް، އިތުރު 1 (އެކެއް) ގަޑިއިރަށެވެ.
50 ވަނަ މާއްދާ - ގާނޫނީ ވަކީލުގެ ބައް ދަލުވުން މެދުކަނޑައިލުން
ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ ގާނޫނީ ވަކީލު، އޭނާގެ މުވައްކިލާ ބައްދަލުކުރުމަށް ހާޒިރުވެ ހުންނަ ހުރުމުގައި، ކަސްޓޯޑިއަލް ޖަލުގެ ހިންގުމަށް ބުރޫއަރާފަދަ ކަމެއް، ނުވަތަ ސަލާމަތާއި ރައްކައުތެރިކަމަށް ބުރޫއަރާފަދަ ކަމެއް، ނުވަތަ ތަހުގީގަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމެއް، ނުވަތަ މި ގަވާއިދާ ހިލާފުކަމެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅެފިނަމަ، އެފަދަ ބައްދަލުވުމެއް ވަގުތުން ހުއްޓުވައިލުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަކަށް ލިބިގެންވެއެވެ.
51 ވަނަ މާއްދާ - ތަރުޖަމާނަކު ބޭނުންކުރުމުގެ ފުރުސަތު ދިނުން
(ހ) ބަންދުކޮށްފައި ހުރި މީހަކު، އޭނާގެ ގާނޫނީ ވަކީލާ މުއާމަލާތު ކުރުމުގައި، ތަރުޖަމާނަކު ބޭނުންވާ ހާލަތުގައި، ގާނޫނީ ވަކީލުންނަށް ތަރުޖަމާނަކު ބޭނުންކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ތަރުޖަމާނަކު ބޭނުންކުރާނަމަ، ގާނޫނީ ވަކީލު އައްޔަނުކުރުމަށް އެދި ހުށަހަޅާ ފޯމުގައި އެކަން ބަޔާންކުރަންވާނެއެވެ.
(ނ) ގާނޫނީ ވަކީލުގެ ބައްދަލުވުމުގައި ތަރުޖަމާނުގެ ގޮތުގައި ބައިވެރިވާ ފަރާތަކީ، ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވާ މައްސަލައިގައި ސުވާލުކުރެވޭ މީހަކު ކަމުގައި، ނުވަތަ އެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުމެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
52 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމުން ތަނާޒުލުވުން
(ހ) ގާނޫނީ ވަކީލަކު، އޭނާ އައްޔަނުކުރެވިފައިވާ މައްސަލައިގެ ވަކީލުކަމުން ތަނާޒުލުވުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގެ 5.2 ގައި ހިމަނައިފައިވާ ފޯމު މެދުވެރިކޮށެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވާ މީހެއްގެ ގާނޫނީ ވަކީލަކު ތަނާޒުލުވެއްޖެނަމަ،ބަންދުކޮށްފައި ހުރި މީހާއަށް އެކަން އަންގައި، ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
އާއިލާއާ ބައްދަލުކުރުމާއި މުއާމަލާތުކުރުން
53 ވަނަ މާއްދާ - އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިދިނުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކުން، ނުވަތަ އެ ފަރާތުގެ އާއިލާގެ ފަރާތުން ބަންދުކޮށްފައި ހުރި މީހަކާ ބައްދަލުކުރުމަށް އެދިއްޖެނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތަކަށް އެ ފުރުސަތު ދޭންވާނެއެވެ. މި ގޮތުން، ބަންދުކޮށްފައި ހުރި ފަރާތުން އާއިލާގެ މެންބަރަކާ ބައްދަލުކުރުމަށް ބޭނުންވެގެން އެކަމަށް އެދުމުން، އެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި، އަދި ބައްދަލުވުން އިންތިޒާމުކުރުމަށް ޓަކައި، އޭނާގެ އާއިލާގެ މެންބަރަކަށް ފޯނުކުރުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކުން، އޭނާގެ އާއިލާގެ މެންބަރަކާބައްދަލުކުރުމަށް ނޭދުނުނަމަވެސް، އެ މީހަކު ބަންދުކޮށްފައި ހުންނަ މުއްދަތުގެ ތެރޭގައި އާއިލާގެމެންބަރުންނާ ބައްދަލުކުރުމުގެ ހައްގު ލިބިގެންވާކަން، އެ މީހަކަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކުށުގެ ތުހުމަތުގައި ބަންދުކޮށް ފައިވާ ފަރާތަކަށް އާއިލާއަށް ނުވަތަ އެ ނޫން ފަރާތަކާ ވަކި ވަގުތެއް ފާއިތުވުމާ ހަމަޔަށް މުއާމަލާތުކުރުމުގެ ހައްގު ގާނޫނަކުން ހިފެހެއްޓިފައިވާނަމަ، އެ މިންވަރަކަށް އެފަދަ ހައްގެއް ހިފެހެއްޓޭނެއެވެ.
(ރ) ދިމާވާ ހާލަތެއްގެ ސަބަބުން، އާއިލާއާ ބައްދަލުކޮށް މުއާމަލާތުކުރުމުގެ ކަންކަން ބަންދުކޮށްފައި ހުރި ފަރާތް ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލުގައި ހަމަޖެއްސެން ނެތްނަމަ، އެފަދަ ބައްދަލުވުން އޯޑިއޯ ވީޑިއޯކޮށް އޮންލައިން ވަސިލަތެއް މެދުވެރިކޮށް ހަމަޖައްސައިދޭންވާނެއެވެ.
54 ވަނަ މާއްދާ - ބައްދަލުވުން ބޭއްވުން
ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދެވޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި ގޮތުން އެފަދަ ބައްދަލުވުން ބޭއްވޭނީ، އެ ކަމަށް ހާއްސަކޮށްފައިވާ ވަކި ތަނެއްގައެވެ.
55 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހާއާ ބައްދަލުކުރުމަށް އާއިލާގެ ފަރާތުން އެދުން
ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މެންބަރަކު، ބަންދުކޮށްފައި ހުރި މީހާއާ ބައްދަލުކުރުމަށް ބޭނުންވާނަމަ، "ބަންދުކޮށްފައި ތިބޭ މީހުންނާ ބައްދަލުކުރުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި ޕޮލިސް ކަސްޓޯޑިއަލަށް ނުވަތަ އެ މީހަކު ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފުލުހުންގެ މަރުކަޒަށް ހުށަހަޅަންވާނެއެވެ. މި ފޯމު، މި ގަވާއިދުގެ ޖަދުވަލު 3 ގައި އެ ވަނީއެވެ.
56 ވަނަ މާއްދާ - ބައްދަލުވުން ހަމަޖައްސައިދިނުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މެންބަރަކު، ބަންދުކޮށްފައި ހުރި މީހާއާ ބައްދަލުކުރުމަށް އެދި، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފޯމު ހުށަހަޅާތާ ގިނަވެގެން 48( ސާޅީސްއަށެއް( ގަޑިއިރުގެ ތެރޭގައި، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އާއިލީ ބައްދަލުވުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި އާއިލީ ބައްދަލުވުން ހަމަޖައްސައިދޭންވާނީ، އެއީ ބަންދުކޮށްފައި ހުރި ފަރާތް އާއިލާއާ ބައްދަލުކުރާ ފުރަތަމަ ފަހަރު ކަމުގައި ވާނަމައެވެ.
(ނ) ބަންދުކޮށްފައި ހުރި މީހާއަށް އާއިލާއާ ބައްދަލުކުރުމަށް ދެވޭ ފުރަތަމަ ބައްދަލުކުރުން ދިނުމަށްފަހު، އިތުރު ބައްދަލުވުމެއް ހަމަޖައްސައިދެވޭނީ، ކޮންމެ 7( ހަތެއް( ދުވަހަކުން 1 (އެކެއް) ފަހަރުއެވެ. އެހެންނަމަވެސް ދިމާވާ ކުއްލިކަމެއްގެ ސަބަބުން އެ މުއްދަތުގެ ކުރިން ބައްދަލުވުމެއް ބޭނުންވާކަމަށް މަގުބޫލު ސަބަބަކާއެކު، އާއިލާއިން ނުވަތަ ބަންދުކޮށްފައި ހުރި ފަރާތުން އެދޭ އެދުމަކާ ގުޅިގެން އެ ސަބަބަކަށް ރިއާޔަތްކޮށް، އިތުރު ބައްދަލުވުމެއް ދިނުމަށް އެ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަކަށް ނިންމިދާނެއެވެ.
(ރ) ބަންދުކޮށްފައި ހުރި މީހާއަށް އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ވަކި އުސޫލުތަކަކުން ދޭންވާނެކަމުގައި މި މާއްދާގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ބަންދުކޮށްފައި ހުރި ފަރާތަށް އާއިލީ ބައްދަލުވުން ދީފިނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން ބަލަމުންދާ މައްސަލައިގެ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވައިފާނެކަމަށް ޓަކައި، ނުވަތަ ލިބެންއޮތް ހެއްކެއް ނައްތައިލައިފާނެކަމަށް ޓަކައި، ނުވަތަ ތަހުގީގަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް، ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ހާލަތެއް އޮތްކަމަށް އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ކަސްޓޯޑިއަލް ޖަލަށް އަންގައިފިނަމަ، އެ ހާލަތަކާ ގުޅިގެން ބަންދުގައި ހުރި މީހާއަށް އާއިލީ ބައްދަލުވުން ނުދީ ހިފެހެއްޓިދާނެ އެންމެ ކުޑަ މިންވަރަކަށް އެކަން ހިފެހެއްޓިދާނެއެވެ. މި ގޮތުން އާއިލީ ބައްދަލުވުން ނުދީ ހިފެހެއްޓޭނީ، ބަންދުކޮށްފައި ހުރި މީހާ ބަންދުކުރެވުނު ވަގުތުން ފެށިގެން،ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރަށެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދު ކޮށްފައި ހުރި ފަރާތަކާމެދު އަމަލުކޮށްފިނަމަ، އެކަން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
57 ވަނަ މާއްދާ - އާއިލީ ބައްދަލުވުމުގައި ކުރުން މަނާ ކަންކަން
ބަންދުކޮށްފައި ހުރި މީހާގެ އާއިލީ ބައްދަލުވުމަށް އަންނަ ފަރާތްތަކުން އެ ބައްދަލުވުމުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.
(ހ) ކަސްޓޯޑިއަލް ޖަލަށް ވެއްދުން ހުއްދަ ތަކެތި ކަމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެއްޗާއި، ފުލުހުން ހުއްދަ ދީގެން ވައްދާ ތަކެތި ފިޔަވައި އެއްވެސް އެއްޗެއް ބައްދަލުވުމަށް ގެނައުން.
(ށ) ކަސްޓޯޑިއަލް ޖަލަށް އަންނަ ފަރާތްތަކުން ކުރުން މަނާކަމެއްގެ ގޮތުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ކުރުން.
(ނ) ދުންފަތް، ނުވަތަ ދުންފަތް އެކުލެވޭ އެއްވެސް ބާވަތެއްގެ އެއްޗެއް، ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެފަދަ އެހެން އެއްޗެއް ވެސް، ބައްދަލުވުން ކުރިޔަށް ގެންދެވޭ ތަނަށް ވެއްދުމާއި، ގެންދިއުން.
(ރ) ބަންދުކޮށްފައިވާ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭފަދަ އެއްވެސް ވާހަކައެއް ދެއްކުން.
(ބ) ބަންދުކޮށްފައި ހުރި އެހެން މީހެއްގެ ވާހަކަ ދެއްކުން.
(ޅ) ބައްދަލުވުމުގެ ތެރޭގައި ވެސް، ބައްދަލުވުމުން ބޭރުގައި ވެސް، ބަންދުކޮށްފައި ހުރި މީހާއަށް އެއްވެސް އެއްޗެއް ދިނުމާއި، ދޭން މަސައްކަތް ކުރުން.
(ކ) ބައްދަލުވުން ހިނގަމުންދަނިކޮށް، ބައްދަލުވުން މެދުކަނޑައިލުމަށްފަހު، ބައްދަލުވުން ހިނގާ ތަނުން ބޭރަށް ދިޔުން.
(އ) ބައްދަލުވުން ބާއްވާ ތަނަށް ކާބޯތަކެތި ވެއްދުން.
58 ވަނަ މާއްދާ - ބައްދަލުވުމަށް ފުރުސަތު ދެވޭ ފަރާތްތައް
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން، އާއިލީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ، މި މާއްދާގައި ބަޔާންވެގެންވާ ފަރާތްތަކަށެވެ.
- ދަރިންނާއި، ދަރިންގެ ދަރިން؛
- މަންމަ، ބައްޕަ؛
- ބަންދުކޮށްފައި ހުރި ފަރާތުގެ މަންމަޔާ ނުވަތަ ބައްޕަޔާ ކައިވެނިކޮށްގެން އުޅޭ މީހުން؛
- މާމަ، ކާފަ؛
- ފިރިމީހާ ނުވަތަ އަނބިން؛
- އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުން؛
- ށަރުއީ ބަލަދުވެރިޔާ ނުވަތަ ބެލެނިވެރިކަމާ ހަވާލުވެގެންހުރި މީހާ؛
- ށަރުއީ ބަލަދުވެރިކަން ނުވަތަ ބެލެނިވެރިކަން ލިބިފައިވާ ފަރާތްތައް.
(ށ) ބަންދުކޮށްފައި ހުރި މީހާގެ އާއިލީ ބައްދަލުވުމުގައި އެއްފަހަރާ ބައިވެރިވެވޭނީ، އެންމެ ގިނަވެގެން ވެސް، 5( ފަހެއް( މީހުންނަށެވެ.
59 ވަނަ މާއްދާ - ބައްދަލުވުމަށް ފުރުސަތު ނުދެވޭނެ މީހުން
ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން، އާއިލީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަނިވި ފަރާތްތަކަކަށް ނުދެވޭނެއެވެ.
(ހ) ގާނޫނީ ބަންދެއްގައި ހުރި ފަރާތެއް.
(ށ) ށަރުއީ ކޯޓަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް ފިލައިގެން އުޅޭ މީހާ؛
(ނ) ކުރިން އާއިލީ ބައްދަލުވުމެއް ދެވި، އެ ބައްދަލުވުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން އާއިލީ ބައްދަލުވުން ވަކި މުއްދަތަކަށް ނުދިނުމަށް ނިންމައިފައިވާ މީހެއް.
60 ވަނަ މާއްދާ - ބައްދަލުވުމުގެ ވަގުތު
(ހ) ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް އާއިލީ ބައްދަލުވުން އާންމު އުސޫލުން ހަމަޖައްސައިދެވޭނީ،ހެނދުނު 9:00 އާއި 15:00 އާ ދެމެދުގެ ވަގުތެއްގައި، ބައްދަލުވުމަށް އެދި ހުށަހަޅައިފައިވާ ތަރުތީބުން، ވަގުތު އޮތް މިންވަރަކުންނެވެ. އާއިލީ ބައްދަލުވުމުގެ ދިގުމިނަކީ، 30 (ތިރީސް) މިނިޓެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތު ނޫން އެހެން ވަގުތެއްގައި، އާއިލީ ބައްދަލުވުމެއް ހަމަޖައްސައިދެވޭނީ، ބަންދުކޮށްފައި ހުރި މީހާ އާއިލާގެ މެންބަރަކާ ކޮންމެހެން ބައްދަލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބުނެ ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ ކަސްޓޯޑިއަލް ޖަލެއް ބަލަހައްޓާ އިސް އޮފިސަރަކު ނިންމާ ގޮތެއްގެ މަތީންނެވެ.
61 ވަނަ މާއްދާ - ބައްދަލުވުން ކެން ސަލް ކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކަށް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އާއިލީ ބައްދަލުވުމެއް ހަމަޖެހިފައި ވަނިކޮށް، ބަންދުކޮށްފައި ހުރި މީހާ ކަސްޓޯޑިއަލް ޖަލުގެ ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ، ހަމަޖެހިފައިވާ އާއިލީ ބައްދަލުވުން ކެންސަލްކުރުމުގެ އިހްތިޔާރު ނުވަތަ ބައްދަލުވުން ފަސްކުރުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލެއް ބަލަހައްޓާ އިސް އޮފިސަރަކަށް ލިބިގެންވެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލަށް އަންނަ ފަރާތްތަކުން ކުރުން މަނާކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް، އާއިލީ ބައްދަލުވުމަށް އައިސްހުރި މީހަކު ކޮށްފިނަމަ، އެ މީހަކަށް ދީފައިވާ ފުރުސަތު ވަގުތުން ކެންސަލްކުރުމުގެ އިހްތިޔާރު، ނުވަތަ ވަކި މުއްދަތަކަށް އާއިލީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލެއް ބަލަހައްޓާ އިސް އޮފިސަރަކަށް ލިބިގެންވެއެވެ. މިގޮތުން އެފަދަ ބައްދަލުވުމެއް ނުދީ ހިފެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 1 (އެކެއް) މަސްދުވަހެވެ.
ފަސްވަނަ ބާބު
އެހެނިހެން ބައްދަލުވުން
62 ވަނަ މާއްދާ - ބައްދަލުވުން ބޭއްވުން
ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާމެދު އަމަލުކުރެވެމުންދަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ބަންދުކޮށްފައި ހުރި މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ އިސްވެރިން ނުވަތަ ބަންދުކޮށްފައި ހުރި މީހެއްގެ މަސްލަހަތު އޮންނަ ވިޔަފާރިއެއްގެ ފަރާތުން، ބަންދުކޮށްފައި ހުރި މީހަކާ ކޮންމެހެން ބައްދަލުކުރަންޖެހޭ ހާލަތްތަކުގައި ބައްދަލުކުރުމުގެ ފުރުސަތު ދެވޭނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި ގޮތުން އެފަދަ ބައްދަލުވުން ބޭއްވޭނީ، އެ ކަމަށް ހާއްސަކޮށްފައިވާ ވަކި ތަނެއްގައެވެ.
63 ވަނަ މާއްދާ - ބައްދަލުވުމުގެ ވަގުތު
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެވޭ ބައްދަލުވުންތައް އާންމު އުސޫލުން ހަމަޖައްސައިދެވޭނީ، ސަރުކާރު ބަންދު ނޫން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އާއި 15:00 އާ ދެމެދުގެ ވަގުތެއްގައެވެ.
(ށ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބައްދަލުވުން ދެވޭނީ، ކޮންމެ 15 (ފަނަރަ) ދުވަހަކުން 1 (އެކެއް) ފަހަރުއެވެ. އަދި ކޮންމެ ބައްދަލުވުމެއްގެ ދިގުމިނަކީ، 30 (ތިރީސް) މިނިޓެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން އޮތް ނަމަވެސް، ސަރުކާރުގެ ފަރާތުންނާއި މިނިވަން މުއައްސަސާތަކުން ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި، މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
64 ވަނަ މާއްދާ - ބައްދަލުވުމަށް އެދި ހުށަހެޅުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާ، މި ބާބުގައި ބަޔާންކޮށްފައިވާ ފަރާތަކުން ބައްދަލުކުރުމަށް ބޭނުންވާނަމަ، "ވަކީލު ބައްދަލުވުމާއި، އާއިލީ ބައްދަލުވުން ފިޔަވައި އެހެނިހެން ބައްދަލުވުމަށް އެދޭ ފޯމު" ފުރިހަމަކޮށްފައި، ޕޮލިސް ކަސްޓޯޑިއަލަށް ނުވަތަ އެ މީހަކު ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފުލުހުންގެ މަރުކަޒަށް ހުށަހަޅަންވާނެއެވެ. "ވަކީލު ބައްދަލުވުމާއި، އާއިލީ ބައްދަލުވުން ފިޔަވައި އެހެނިހެން ބައްދަލުވުމަށް އެދޭ ފޯމު" މި ގަވާއިދުގެ ޖަދުވަލު 4 ގައި އެ ވަނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމާއެކު، ބައްދަލުވުން ހަމަޖައްސައިދިނުމަށް އެދި، ދިވެހި ފުލުހުންގެ ހިދުމަތަށް އެޑްރެސްކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެ ލިޔުން އޮންނަންވާނީ، އެ ފަރާތެއްގެ ލެޓަރހެޑްގައެވެ.
(ނ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކާ ބައްދަލުކުރުމަށް މި ގަވާއިދުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ދައުލަތުގެ އިދާރާއަކުން ބޭނުންވެގެން އެ ކަމަށް އެދެންވާނީ،އެ އިދާރާއިން ރަސްމީ ސިޓީއަކުންނެވެ. އަދި އެ ހާލަތުގައި، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހަމަޖައްސައިދޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް އެއްފަހަރާ ފުރުސަތު ދެވޭނީ، ގިނަވެގެން 5( ފަހެއް( މީހުންނަށެވެ.
65 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ ބިދޭސީންނާ ބައްދަލުކުރުމަށް އެދުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި ބިދޭސީއަކާ ބައްދަލުކުރުމަށް، ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ އޭނާ ނިސްބަތްވާ ގައުމުގެ ހައިކޮމިށަން ނުވަތަ ކޮންސިއުލާރ މިށަނުގެ ފަރާތުން އެދިއްޖެނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފުރުސަތު ފަހިކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން، ބަންދު ކޮށްފައި ހުރި ބިދޭސީއަކާ ބައްދަލުކުރުމަށް އެދި ހުށަހަޅަންވާނީ، މި ގަވާއިދުގެ 64 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
66 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކުން އެދޭ ބައްދަލުވުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި، ސިޔާސީ ޕާޓީއެއް ހިންގުމުގެ އިސް މަގާމެއްގައި ހުރި މީހަކާ، އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން ބައްދަލުކުރުމަށް އެދިއްޖެނަމަ، އެ މީހަކާ ބައްދަލުކުރެވޭނެ އިންތިޒާމު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބައްދަލުވުން ހަމަޖައްސައިދެވޭނީ، ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، ބަންދުކޮށްފައި ހުރި ފަރާތް ނިސްބަތްވާ ސިޔާސީ ޕާޓީގެ ކައުންސިލް މެންބަރަކު ހިމެނޭނަމައެވެ.
(ނ) ބަންދުކޮށްފައި ހުރި މީހާގެ ޕާޓީގެ ފަރާތުން އެއްވެސް ލިޔުމެއްގައި އޭނާލައްވާ ސޮއިކުރުވަން ބޭނުންނަމަ އެކަން ކުރަންވާނީ، ބަންދުކޮށްފައި ހުރި މީހާގެ މައްސަލަ ތަހުގީގުކުރާ ފަރާތުގެ ބެލުމުގެދަށުން އެ ފަރާތުގެ ހާޒިރުގައެވެ.
(ރ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ނިސްބަތްވާ ޕާޓީ ނޫން ޕާޓީއަކުން އޭނާއާ ބައްދަލުކުރަން އެދުނުނަމަވެސް، އެ ބައްދަލުވުމެއް ނުދެވޭނެއެވެ.
(ބ) މި މާއްދާގެ ދަށުން ބައްދަލުވުމަށް އެދޭ ފަރާތްތަކުން އެދެންވާނީ، މި ގަވާއިދުގެ 64 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ ޖަދުވަލު 4 ގައި ބަޔާންކޮށްފައިވާ ފޯމު މެދުވެރިކޮށެވެ.
67 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހާގެ ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތަކުން ބައްދަލުކުރުމަށް އެދުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހާގެ ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތަކުން،ބަންދުކޮށްފައި ހުރި މީހާއާ ކޮންމެހެން ބައްދަލުކުރަންޖެހޭ ފަދަ ކަމެއް މެދުވެރިވެގެން ބައްދަލުކޮށްދިނުމަށް އެދިއްޖެނަމަ ބައްދަލުކުރެވޭނެ އިންތިޒާމު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބައްދަލުވުން ހަމަޖައްސައިދެވޭނީ، ބަންދުކޮށްފައި ހުރި މީހާގެ މަސްލަހަތު އެކުލެވޭ ވިޔަފާރިއަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރިއެއްނަމައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބައްދަލުވުމެއްގައި، ބަންދުކޮށްފައި ހުރި މީހާގެ ފަރާތުން އެއްވެސް ލިޔުމެއްގައި އޭނާ ލައްވާ ސޮއިކުރުވަން ބޭނުންނަމަ އެކަން ކުރަންވާނީ، ބަންދުކޮށްފައި ހުރި މީހާގެ މައްސަލަ ތަހުގީގުކުރާ ފަރާތުގެ ބެލުމުގެދަށުން، އެ ފަރާތުގެ ހާޒިރުގައެވެ.
68 ވަނަ މާއްދާ - މިނިވަން މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެދޭ ބައްދަލުވުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކާ ބައްދަލުކުރުމަށް، މި ގަވާއިދުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މިނިވަން މުއައްސަސާއަކުން ނުވަތަ ދައުލަތުގެ އެފަދަ އިދާރާއަކުން އެދިއްޖެނަމަ ބައްދަލުކުރެވޭނެ އިންތިޒާމު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި ގަވާއިދުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މިނިވަން މުއައްސަސާއަކުން، ނުވަތަ ދައުލަތުގެ އެފަދަ އިދާރާއަކުން، ބަންދުކޮށްފައި ހުރި މީހަކާ ބައްދަލުކުރުމަށް އެދި ފޮނުވާ ސިޓީގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބަންދުކޮށްފައި ހުރި މީހާގެ މައުލޫމާތު؛
- ބައްދަލުވުމުގައި ބައިވެރިވާނެ މީހުންގެ އަދަދާއި، އެ ފަރާތްތަކުގެ މައުލޫމާތު؛ އަދި
- ބައްދަލުވުމުގެ ބޭނުން.
(ނ) ބަންދުކޮށްފައިވާ ފަރާތަކާ، މިނިވަން މުއައްސަސާއެއްގެ ފަރާތުން ބައްދަލުކުރާނަމަ، އެ މުއައްސަސާގެ މެންބަރަކު ބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްލިއަކަށް ދިމާވާ ކަމެއްގައި ބާއްވާ ކުއްލި ބައްދަލުވުންތަކުގައި ނުވަތަ ސިލްސިލާކޮށް ކުރިޔަށްގެންދާ ތަހުގީގުތަކުގައި، މުއައްސަސާގެ މެންބަރަކު ބައިވެރިވުން ލާޒިމެއް ނޫނެވެ.
69 ވަނަ މާއްދާ - ބައްދަލުވުމުގައި ކުރުން މަނާ ކަންތައްތައް
(ހ) ބަންދުކޮށްފައި ހުރި މީހާއާ ބައްދަލުކުރުމަށް މި ބާބުގައި ބަޔާންކޮށްފައިވާ ފަރާތަކަށް ދެވޭ ފުރުސަތުގައި، ބައްދަލުވުމަށް އަންނަ ފަރާތަކުން ނުވަތަ އެފަދަ ބައްދަލުވުމެއް ހިނގަމުންދަނިކޮށް، އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ.
- ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފަރާތުގެ ހުއްދަނެތި ބައްދަލުވުން ރިކޯޑު ކުރުން؛
- ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފަރާތުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ޑިވައިސްއެއް، ބައްދަލުވުމެއް ހިނގާ ތަނަށް ގެންދިއުމާއި،ބައްދަލުވުމުގައި ބޭނުންކުރުން؛
- ކަސްޓޯޑިއަލް ޖަލުގެ މަސައްކަތަށް ދަތިވާފަދަ އެއްވެސް އަމަލެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ ކުރުމަށް ހިތްވަރު ދިނުން؛
- ކަސްޓޯޑިއަލް ޖަލަށް އައި ބޭނުން ފިޔަވައި، އިތުރު އެހެން އެއްވެސް ކަމަކާ ބެހޭގޮތުން،ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާ ނުވަތަ އެކި އެކި ކަންކަމުގައި އެ ޖަލަށް އައިސް ތިބޭ ފަރާތްތަކާ މުއާމަލާތުކުރުން.
(ށ) ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ކުރާ ށަކުވާގެ މައްސަލަތައް ނުވަތަ އެފަދަ މީހުންނާމެދު އަމަލުކުރަމުންދަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ފަރާތްތަކުން ހިންގާ ތަހުގީގުތައް ރިކޯޑުކުރުމުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުއްދަ ހޯދުމަކާ ނުލައި އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރެވިދާނެއެވެ.
70 ވަނަ މާއްދާ - ބައްދަލުވުން މެދުކަނޑަ އިލުން
މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަޖައްސައިދެވޭ ބައްދަލުވުމުގައި ބައިވެރިވާ ފަރާތަކުން ކަސްޓޯޑިއަލް ޖަލުގެ ގަވާއިދާ ހިލާފު އަމަލެއް ނުވަތަ ކަސްޓޯޑިއަލް ޖަލަށް އަންނަ ފަރާތްތަކުން ކުރުން މަނާކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، ބައްދަލުވުން މެދުކަނޑައިލުން ނުވަތަ އެފަދަ އަމަލެއް ކުރި މީހަކު ބައްދަލުވުމުގައި ބައިވެރިނުކުރުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލާ ހަވާލުވެހުރި އިސްފަރާތުގެ ހުއްދަޔާއެކު، ޖަލުގެ ސެކިއުރިޓީ އޮފިސަރަކަށް ލިބިގެންވެއެވެ.
ހަވަނަ ބާބު
ސިއްހީ ހިދުމަތް ފޯރުކޮށްދިނުން
71 ވަނަ މާއްދާ - ކަސްޓަޑީއަށް މީހަކު ގެނެވޭއިރު އަނިޔާ ފެންނަން ހުރުން
(ހ) ފުލުހުން ހައްޔަރުކޮށްގެން ކަސްޓޯޑިއަލް ޖަލަށް މީހަކު ގެންނައިރު އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ހުރިނަމަ، އޭނާއަށް ސިއްހީ އެހީތެރިކަން ވަގުތުން ދޭންވާނެއެވެ. އަދި އެކަން ލިޔުމުން ރިކޯޑުކޮށް، އެ މައުލޫމާތު ވަގުތުން، އޭނާގެ މައްސަލަ ތަހުގީގުކުރާ ފަރާތަށާއި، އެ ކަސްޓޯޑިއަލް ޖަލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިސް އޮފިސަރަށް ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ސިއްހީ ފަރުވާ ދޭންޖެހޭ މީހަކީ ސިއްހީ ފަރުވާދޭ ތަނަކަށް ގެންގޮސްގެންނޫނީ ފަރުވާ ނުދެވޭނެފަދަ އަނިޔާއެއް ލިބިފައިވާ މީހެއްނަމަ، ވަގުތުން އަދި އެކަށީގެންވާ ލަސްކުރުމެއްނެތި، ސިއްހީ ފަރުވާދޭ ތަނަކަށް އެ މީހަކު ގެންދަންވާނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަސްޓޯޑިއަލް ޖަލުގެ އާބާދީއަކީ، 100 (އެއްސަތޭކަ) މީހުން ބަންދުކުރެވޭ ވަރުގެ ކަސްޓޯޑިއަލް ޖަލެއްނަމަ، އެ ކަސްޓޯޑިއަލް ޖަލެއްގައި މެޑިކަލް އޮފިސަރަކު ހުންނަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މެޑިކަލް އޮފިސަރުގެ ޒިންމާއަކީ، އަންނަނިވި ކަންކަން ކުރުމެވެ.
- ޖަލުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް އެދޭ މީހުންނަށް ފަރުވާކުރުމާއި، ބަންދުކޮށްފައިވާ މީހާއަށް ޖަލުގައި ދެވެން ނެތް ފަރުވާއެއް ދޭންޖެހޭކަމަށް ފެނިއްޖެނަމަ، އެކަން އެ ޖަލެއް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ އިސްއޮފިސަރަށް ރިޕޯޓުކުރުން؛
- ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ސިއްހީ މައްސަލައެއްގެ ސަބަބުން ވަކި ކަހަލަ ކެއުމެއް ބޭނުންވާ މީހުންނަށް ދޭންޖެހޭ ކާނާ، ޑޮކްޓަރުގެ ލަފާގެ މަތީން ކަނޑައެޅުން؛
- ޖަލަށް ގެނެވޭ ބަންދުމީހުންގެ ސަލާމަތީ ގިންތި ކަނޑައެޅުމަށް ޓަކައި އޭނާގެ ސިއްހީހާލަތާއި ނަފްސާނީ ހާލަތް ދެނެގަތުމަށް އެސެސްމަންޓެއް ހަދަންޖެހޭނަމަ، އެފަދަ އެސެސްމަންޓް ރިޕޯޓު ހެދުން.
72 ވަނަ މާއްދާ - ސިއްހީ ހާލަތު ދެނެގަތުން
(ހ) ކަސްޓޯޑިއަލް ޖަލަށް ގެނެވޭ މީހަކު، ޖަލުގެ ގޮޅިއަށް ވެއްދުމުގެ ކުރިން އެ މީހެއްގެ ސިއްހީ ހާލަތު ދެނެގަތުމުގެ ގޮތުން، އެމީހަކާ ސުވާލުކޮށްގެން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހީ ހާލަތު ވަޒަންކޮށް، ސިއްހީ ހާލަތާބެހޭ މައުލޫމާތު ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސިއްހީ ހާލަތު ދެނެގަތުމުގެ ތެރޭގައި،ބަންދުކޮށްފައިވާ މީހާއަށް ވަގުތުން ފަރުވާދޭންޖެހޭފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، އޭނާއަށް ސިއްހީ ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސައި ދޭންވާނެއެވެ.
(ނ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރެވޭ މީހެއްގެ ސިއްހީ ހާލަތު، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެނެގަތުމަށްފަހު، އެ މީހެއްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އެ މީހަކު ބަންދުކޮށްފައި ބެހެއްޓުމާއި، ބަންދުކޮށްފައި ހުންނައިރު ހާއްސަ ސަމާލުކަމެއްދީގެން ބަލަންޖެހޭ ކަންތައްތައް ބެލުމުގެ ފަސޭހައަކަށް ޓަކައި، އެ މީހަކީ މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ސިއްހީގޮތުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަންޖެހޭ ގިންތިއަށް ފެތޭ މީހަކު ކަމުގައި ކަނޑައަޅަންވާނެއެވެ.
(ރ) ބަންދުކޮށްފައި ހުންނަ މީހާ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގިންތިކުރުމުގެ އިތުރަށް، އެފަދަ މީހަކު ބެލެހެއްޓުމާއި، ދޭންޖެހޭ ސިއްހީ ފަރުވާ ދިނުމާއި، އެ ނޫނަސް ފޯރުކޮށްދޭންޖެހޭ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަށް ޓަކައި އެފަދަ މީހުންގެ ބަލީގެ ބާވަތަށް ރިއާޔަތްކޮށް އިތުރު ކެޓަގަރީތަކަކަށް ބަހައިލައި ގެން ގިންތިކުރެވިދާނެއެވެ. މި ގޮތުން އެފަދަ މީހުން ގިންތިކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ އުސޫލެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.
73 ވަނަ މާއްދާ - ބަންދުކުރެވޭ ފަރާތުން ބޭނުންކުރާ ބޭސް ފޯރުކޮށްދިނުން
(ހ) ކަސްޓޯޑިއަލް ޖަލަށް ގެނެވޭ މީހަކީ، ދާއިމީ ބައްޔަކަށް ނުވަތަ އެ ވަގުތަކު ބޭނުންކުރުމަށް ޑޮކްޓަރަކު ދީފައިވާ ބޭހެއް ބޭނުންކުރަމުންދާ މީހެއްނަމަ، އެ މީހަކު ބޭނުންކުރާ ބޭސް، ކަސްޓޯޑިއަލް ޖަލަށް ގެނައުމުގެ އިންތިޒާމު އޭނާގެ އާއިލާ ނުވަތަ އޭނާ ބުނާ ފަރާތަކާ ގުޅިގެ ން ހަމައްޖައްސައިދޭންވާނެއެވެ.
(ށ) މީހަކު ކަސްޓަޑީއަށް ގެނެވޭއިރު އެއްވެސް ބޭހެއް ބޭނުންކުރާނަމަ، ނުވަތަ ފަރުވާއެއް ލިބިގަންނަމުންދާނަމަ، އެ ބޭހެއް ނުވަތަ ފަރުވާއެއް ކަސްޓޯޑިއަލް ޖަލުގެ ފަރާތުން އެ މީހަކަށް ދޭންވާނީ، އެ ބޭހާއި، ބޭސް ސިޓީ ނުވަތަ އެފަދަ ފަރުވާއަކާބެހޭ ލިޔެކިޔުންތައް ހުށަހެޅުމުން، އެ ލިޔުމެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް، ބަންދުކޮށްފައި ހުރި މީހާގެ ފަރާތުން ހުށަހެޅެން ނެތްނަމަ، އެފަދަ މީހަކަށް ބޭސް ދޭންވާނީ، ޑޮކްޓަރެއްގެ އިރުށާދުގެ ދަށުންނެވެ.
74 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހަކީ ސިއްހީ މައްސަލައެއް ހުރި މީހެއްކަމަށް ފާހަގަވުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކީ ސިއްހީ އެހީތެރިއެއްގެ ބެލުމުގެ ދަށުން ފަރުވާދޭންޖެހޭފަދަ ކަމެއް ހުރި މީހެއްކަމަށް ޖަލުގެ ސެކިއުރިޓީ އޮފިސަރަކަށް ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ ޖަލުގައި ބަންދުކޮށްފައި ހުރި އެހެން މީހެއްގެ ފަރާތުން، ޖަލު ބަލަހައްޓާ ސެކިއުރިޓީ އޮފިސަރަކަށް އެކަން އަންގައިފިނަމަ، ވަގުތުން އަދި ލަސްކުރުމެއްނެތި، އެ މީހަކަށް ސިއްހީ އެހީތެރިއެއްގެ ބެލުމުގެ ދަށުން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ށ) ބަންދުކޮށްފައިވާ މީހާއަށް ދިމާވެފައިވާ ސިއްހީ ކަމަކީ، ގައިންގަޔަށް އަރާ ޒާތުގެ ބައްޔެއް ކަމުގައި ވާނަމަ، އޭނާއާ އެއްގޮޅިއެއްގައި ތިބި ފަރާތްތައް، އަދި އެ މީހުންނަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރިވި ޖަލުގެ ސެކިއުރިޓީ އޮފިސަރުންނާއި،މުވައްޒަފުން އެ ބައްޔަށް ސްކްރީންކޮށް، ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ.
75 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ބަލިވެގެން ޑޮކްޓަރަށް ދައްކަން އެދިއްޖެނަމަ، އެ މީހަކު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު، ވީ އެންމެ އަވަހަކަށް، އެ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމުން، އެ މީހަކު ސްޕެށަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ލަފާދީފިނަމަ، އެފަދަ ޑޮކްޓަރަކަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
76 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ ކުޑަކުދިން ޑޮކްޓަރަށް ދެއްކުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި، ކުޑަކުއްޖަކު ޑޮކްޓަރަށް ދައްކަންޖެހިގެން ޑޮކްޓަރަށް ދައްކާނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔާއަށް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުއްޖަކު ޑޮކްޓަރަށް ދައްކާކަން އަންގާ ހާލަތުގައި، އެ ކުއްޖާ ޑޮކްޓަރަށް ދައްކަނީ ކޮންސަބަބެއް މެދުވެރިވެގެންކަން އަދި ޑޮކްޓަރަށް ދައްކަން ކަސްޓޯޑިއަލް ޖަލު ނޫން އެހެން ތަނަކަށް ގެންދާނަމަ، އެކަން ބަޔާންކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރާނަމަ، އެފަދަ ކުޑަކުއްޖެއްގެ މައްސަލަ ތަހުގީގުކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.
77 ވަނަ މާއްދާ - ސިއްހީފަރުވާ ލިބިގަތުމަށް އިންކާރު ކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކަށް ދޭންޖެހޭ ފަރުވާއެއް ލިބިގަތުމަށް އެ މީހަކު ދެކޮޅުހަދައިފިނަމަ، އެ ފަރުވާ ލިބިގަތުމަށް އޭނާއަށް ނަސޭހަތްތެރިވާންވާނެއެވެ. އަދި ފަރުވާއަށް ދެކޮޅުހެދުމުގެ ސަބަބުން ލިބޭ ގެއްލުމަށް ފުލުހުން ޒިންމާ ނުވާނެކަން އޭނާއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ނަސޭހަތް ދިނުމަށްފަހުވެސް، ބަންދުކޮށްފައިވާމީހާ ފަރުވާ ލިބިގަތުމަށް ދެކޮޅުހަދައިފިނަމަ، ސިއްހީ ހިދުމަތް ލިބިގަތުމަށް އިންކާރުކުރާ ހާލަތުގައި، އެކަން ލިޔުމުން ރިކޯޑުކޮށް އެ މީހެއްގެ ސިއްހީ ރި ކޯޑުގައި ހިމަނަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް ދިމާވެގެން އެފަދަ ހާލަތެއްގައި ވަކި ގޮތަކަށް އަމަލުކުރުމަށް ޑޮކްޓަރަކު ނުވަތަ ސިއްހީ އެހީތެރިޔަކު ލަފާދީފިނަމަ ނުވަތަ އިރުށާދު ދީފިނަމަ، އެ ގޮތުގެ މަތީން އަމަލުކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އެހެންނަމަވެސް އެ ހާލަތުގައި ވެސް، ބަންދުކޮށްފައި ހުރި ފަރާތުން އެ ކަމަށް އިންކާރުކުރާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުރިހަމަކުރާ ލިޔުމުގައި އެކަން ބަޔާންކުރަންވާނެއެވެ.
(ރ) ބަންދުކޮށްފައި ހުރި މީހާ ފަރުވާ ލިބިގަތުމަށް އިންކާރު ކުރި ނަމަވެސް، އޭނާއަށް ފަރުވާ ނުދީފިނަމަ އޭނާގެ ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރަށް ފެންނަ ހާލަތުގައި ޑޮކްޓަރަކު އަންގާ ގޮތެއްގެ މަތީން، އޭނާގެ ނުރުހުމުގައި ވެސް ފަރުވާ ކުރިޔަށް ގެންދަންވާނެއެވެ. އަދި ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަކަށް އެކަން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނުރުހުމުގައި ފަރުވާ ކުރިޔަށް ގެންދިއުމުގެ ކުރިން، އޭނާގެ ރުހުން އޮތްތޯ ބަލަންވާނެއެވެ. އަދި ރުހުން ނުދީފިނަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ބޭނުންވާނެ އެންމެ މަދުމިނުގެ ބާ ރެއް ބޭނުން ކުރެވިދާނެއެވެ.
(ޅ) ބަންދުކޮށްފައިވާ މީހާއަށް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ގޮތަކަށް ފަރުވާ ދޭން ޖެހިއްޖެނަމަ، އޭނާގެ ބަލަދުވެރިޔާ އަށް، ނުވަތަ އޭނާގެ ބެލެނިވެރިޔާއަށް، ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް އެކަން އެންގުމަށް މަސައްކަތް ކުރަންވާނެއެވެ.
78 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލު ނޫން އެހެން ތަނެއްގައި މަސައްކަތްކުރާ ޑޮކްޓަރަކަށް ދެއްކުން
(ހ) ކަސްޓޯޑިއަލް ޖަލުގައި މީހަކު ބަންދުކުރެވޭ މުއްދަތު 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގުވެއްޖެ ހިނދެއްގައި، އެ 24 (ސައުވީސް) ގަޑިއިރު ހަމަވުމަށްފަހު ހިނގާ ވަގުތުތަކުގެ ތެރޭގައި، އޭނާބަންދުކޮށްފައި ހުރި ޖަލު ނޫން އެހެން ތަނެއްގައި މަސައްކަތްކުރަމުންދާ ޑޮކްޓަރަކަށް ދެއްކުމަށް އެދުމުގެ ހައްގު ލިބިގެންވާކަން ބަންދުކޮށްފައި ހުރި މީހާއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހައްގުގެ ބޭނުންހިފުމަށް، ބަންދުކޮށްފައި ހުރި މީހާ އެދިއްޖެނަމަ، އެފަދައިން އޭނާ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
(ނ) މި މާއްދާގައިވާ ގޮތުގެ މަތީން ޑޮކްޓަރަށް ދައްކައިފިނަމަ، އޭނާގެ ސިއްހީ ހާލަތާ ގުޅޭ މެޑިކޯ ލީގަލް ޑޮކިއުމެންޓެއް ހޯދަންވާނެއެވެ. އަދި އެ ޑޮކިއުމަންޓް، އެ މީހެއްގެ ސިއްހީ ރިކޯޑުގައި ހިމަނަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައި ހުރި މީހާ ޑޮކްޓަރަކަށް ދެއްކުމަށް ހިނގާ ހަރަދަކީ، އެ މީހަކު އަމިއްލައަށް އުފުލަންޖެހޭނެ ހަރަދެކެވެ. އެހެންނަމަވެސް،އެފަދަ ހަރަދެއް ކުރުމުގެ ތަނަވަސްކަން އޭނާގެ ނެތްކަމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާއަށް ގަބޫލުކުރެވޭ ހާލަތުގައި، އޭނާ ޑޮކްޓަރަށް ދެއްކުމަށްހިނގާ ހަރަދަކީ، ދައުލަތުން ހަމަޖައްސައިދޭންވާނެ ހަރަދެކެވެ.
79 ވަނަ މާއްދާ - ބޭސް ދިނުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ، ބަލިމީހުންނަށް ބޭސް ދޭންޖެހޭ ގަޑިތަކުގައި ބޭސް ދޭންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަލިމީހުންނަށް ބޭސްދިނުމަށްފަހު، އެ ކަމާ ގުޅޭ އަންނަނިވި މައުލޫމާތު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
- ދެވުނު ބޭހުގެ މައުލޫމާތު؛
- ބޭސް ދެވުނު ތާރީހާއި ގަޑި؛
- ބޭސް ދިން މުވައްޒަފުގެ ސަރވިސް ނަންބަރު.
(ނ) ބަންދުކޮށްފައި ހުރި ފަރާތަކަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭސްދިނުމުން،ބޭސް ނުކައިފިނަމަ، ސިއްހީ އެހީތެރިޔަކަށް އެކަން އެންގުމަށްފަހު، އެ ހާލަތަކާ ގުޅިގެން މި ގަވާއިދުގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންޖެހޭނަމަ، އެ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
80 ވަނަ މާއްދާ - ކުއްލި ހާލަތްތަކުގައި ސިއްހީ ފަރުވާ ދޭ ތަނަކަށް، ބަންދުކޮށްފައި ހުރި މީހަކު ގެންދިއުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކު، ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ދޭ މަރުކަޒަކަށް ގެންދަން ޖެހިއްޖެނަމަ، ވަގުތުން އިމަޖެންސީކޮށް، ސިއްހީ ފަރުވާ ދޭ ތަނަކަށް އެ މީހަކު ގެންދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށްފިނަމަ، އެ ކަސްޓޯޑިއަލް ބަލަހައްޓާ އިސް އޮފިސަރަކަށް ވަގުތުން އެކަން އަންގަންވާނެއެވެ.
81 ވަނަ މާއްދާ - ފުރަތަމަ އެހީ ދެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން
ކޮންމެ ކަސްޓޯޑިއަލް ޖަލެއްގައި ވެސް، ފުރަތަމަ އެހީ ދިނުމަށް ބޭނުންވާ އާލާތްތައް ނުވަތަ "ފަސްޓް އެއިޑް ބޮކްސް" ހުންނަންވާނެއެވެ. އަދި "ފަސްޓް އެއިޑް ބޮކްސް" ބަހައްޓައިފައި ހުންނަންވާނީ، ދިމާވާ ކުއްލި ހާލަތަކާ ގުޅިގެން ޑިއުޓީ އޮފިސަރުންނަށް ފަސޭހައިން ބޭނުންކުރެވޭނެފަދަ ތަނެއްގައެވެ.
82 ވަނަ މާއްދާ - އެނދުމަތިކޮށްގެން ފަރުވާ ދިނުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ހުރި މީހަކަށް އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތުގައި އެ ފަރުވާދިނުމަށް އެނދުމަތިކޮށްފައި އޮތް މުއްދަތުގައި ވެސް އެ މީހަކު ބަންދުން ދޫކޮށްނުލާނަމަ، އެ މީހަކު ބެލެހެއްޓުމަކީ، އެ މީހަކު ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލު
ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެނދުމަތިކޮށްގެން ފަރުވާދެވޭ ފަރާތަކީ
ކުޑަކުއްޖެއް ނުވަތަ މާބަނޑު މީހެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހެއް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހަކުނަމަ، އެ ފަރާތެއްގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަރާތަކަށް އެފަދަ ފަރާތަކާއެކު ހުރުމާއި، އެފަދަ ފަރާތަކަށް ފަރުވާ ދިނުމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
(ނ) ބަންދުކޮށްފައި ހުރި މީހާއަށް ފަރުވާދިނުމަށް އެނދުމަތިކުރެވިފައިވާ ސިއްހީ ފަރުވާދޭ ތަނަކީ، ކަސްޓޯޑިއަލް ޖަލުގެ ސަރަހައްދުގެ ތެރޭގައި ހުރި ތަނެއްނަމަ، އެފަދަ ހާލަތުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
(ރ) ބަންދުކޮށްފައި ހުރި މީހަކު އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އެ މީހާ އަވަހަށް އާއިލާއާ ހަވާލުކުރަންވާނެއެވެ. އާއިލާއިން އޭނާއާ ހަވާލުވުމަށް އިންކާރުކޮށްފިނަމަ، ނުވަތަ ހަވާލުވާނެ މީހަކު ނެތްނަމަ، އެފަދަ މީހުންނާމެދު އަމަލުކުރާނީ، އެފަދަ މީހުންނާ ގުޅޭ ކަންކަން ކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
(ބ) އެނދުމަތިކޮށްފައި އޮއްވައި ބަންދުން ދޫކޮށްލި ނަމަވެސް، އާއިލާއިން ހަވާލުވަންދެން ނުވަތަ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް، އެނދުމަތިކޮށްފައިވާ މީހާއާމެދު ވަކިގޮތެއް ކަނޑައަޅަންދެން ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒުން ދޫކޮށްލަންދެން އޭނާގެ ބޭސްފަރުވާގެ ހަރަދު ދިވެހި ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދޭންވާނެއެވެ.
83 ވަނަ މާއްދާ - ބަންދުކޮށްފައި ހުރި މީހަކަށް ދޭންޖެހޭ ސިއްހީ ފަރުވާއެއްގެ ގޮތުން އޮޕަރޭށަން ކުރަންޖެހުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކަށް، ސިއްހީ ފަރުވާ ދިނުމުގެ ގޮތުން އޮޕަރޭށަނެއް ކުރަން ޖެހިއްޖެނަމަ، އެ އޮޕަރޭށަން ކުރުމުގެ ކުރިން އޭނާގެ ބެލެނިވެރިޔާއަށްނުވަތަ ބަލަދުވެރިޔާއަށް އަދި އެ ފަރާތް ބަންދުކޮށްފައިވާ މައްސަލަ ތަހުގީގުކުރާ ފަރާތަށާއި،އެ ފަރާތުގެ ގާނޫނީ ވަކީލަށް އެކަން އަންގަންވާނެއެވެ.
(ށ) އޮޕަރޭށަން ކުރުމުގެ ކުރިން ފުރާ ފޯމުގައި ސޮއިކުރާނީ، ސިއްހީ ފަރުވާދޭ ތަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ބަންދުކޮށްފައި ހުރި މީހާގެ އާއިލާގެ ފަރާތުންނެވެ. އެ ފަރާތުން ފޯމުގައި ސޮއިކުރުމަށް އިންކާރުކޮށްފިނަމަ، އެ ހާލަތަކާ ގުޅޭގޮތުން އަމަލުކުރާނީ ސިއްހީ ފަރުވާދޭ ޑޮކްޓަރުން ނިންމާ ގޮތެއްގެ މަތީން، ކަސްޓޯޑިއަލް ޖަލުންނެވެ.
84 ވަނަ މާއްދާ - ގޭބަންދުގައި ހުންނަ މީހާ ޑޮކްޓަރަށް ދެއްކުން
(ހ) ފުލުހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ހައްޔަރުކުރުމަށްފަހު، ގޭ ގައި ބަންދުކޮށްފައި ހުންނަ މީހަކު ޑޮކްޓަރަށް ދައްކަން ދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެނަމަ، އެ ކަމަށް މަގުފަހިކޮށްދޭންވާނެއެވެ.
(ށ) ގޭގައި ބަންދުކޮށްފައި ހުންނަ މީހާ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދުމާއި، އެ ކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ހަރަދު ކުރުމަކީ ބަންދުކޮށްފައި ހުންނަ މީހާގެ ޒިންމާއެކެވެ.
ހަތްވަނަ ބާބު
އިނާޔަތް ދިނުމާއި، ވަގުތީގޮތުން އިނާޔަތް ހިފެހެއްޓުން
85 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭފަރާތްތަކަށް ޖަލުން ފޯރުކޮށްދޭ އިނާޔަތްތައް ލިބިދިނުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުންނަ ކޮންމެ މީހަކަށް ކަސްޓޯޑިއަލް ޖަލުގައި ހުންނަ މުއްދަތުގައި ލިބިދެވޭނެކަމަށް މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތައް، ބަންދުކޮށްފައި ހުރި މީހާ ކަސްޓޯޑިއަލް ޖަލުގެ ގަވާއިދާ ނުވަތަ އޭނާ ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލުގެ އުސޫލަކާ ހިލާފު އަމަލެއް ނުކުރާހައި ހިނދަކު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިބިދޭންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލުގައި ތިބޭ ފަރާތްތަކަށް ލިބިދެވޭ އިނާޔަތްތައް އުނިކުރުމުގައި ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމުގައި އަމަލުކުރަންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
86 ވަނަ މާއްދާ - އިނާޔަތްތައް ނުދިނުން ނުވަތަ ވަގުތީގޮތުން ހިފެހެއްޓުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު، އޭނާ ހުރި ޖަލުގެ އުސޫލަކާ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއްކޮށްފިނަމަ، ކަސްޓޯޑިއަލް ޖަލުން އެ މީހަކަށް މި ގަވާއިދުގެ 24 ވަނަ މައްދާގެ ދަށުން ލިބިދެވޭ އިނާޔަތްތަކުގެ ތެރެއިން ބައެއް އިނާޔަތްތައް ނުދިނުމަށް، ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމަށް ނިންމިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތް ނުދިނުމަށް ނުވަތަ ވަގުތީގޮތުން ހިފެހެއްޓުމަށް ނިންމުމުގައި، ބަންދުކޮށްފައި ހުރި މީހާ ޖަލުގެ އުސޫލަކާ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި އަމަލުގެ ބާވަތަށާއި، އެ އަމަލުގެ ސަބަބުން ލިބުނު ގެއްލުމަށާއި، އެ އަމަލުގައި އަނިޔާވެރިކަން އެކުލެވޭ މިންވަރަށް ރިއާޔަތް ކުރަންވާނެއެވެ.
(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައި ހުރި މީހަކަށް އެއްވެސް އިނާޔަތެއް ނުދިނުމަށް ނުވަތަ ވަކި މުއްދަތަކަށް އިނާޔަތް ނުދީ ހިފެހެއްޓުމަށް ނިންމައިފިނަމަ، ބަންދުކޮށްފައި ހުރި މީހާއަށް އަންނަނިވި މައުލޫމާތު އަންގައި، އެ މައުލޫމާތު ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
- ހިފެހެއްޓުނު އިނާޔަތްތައް؛
- އިނާޔަތް ހިފެހެއްޓުނު ސަބަބު؛
- އިނާޔަތް ހިފެހެއްޓުނު މުއްދަތު.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައި ހުރި މީހަކަށް އެއްވެސް އިނާޔަތެއް ނުދިނުމަށް ނުވަތަ ވަކި މުއްދަތަކަށް އިނާޔަތް ނުދީ ހިފެހެއްޓުމަށް ނިންމަންވާނީ، ބަންދުކޮށްފައި ހުރި މީހާ ބަންދުކޮށްފައި ހުރި ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރެކެވެ.
(ބ) ހިނގައި ކަސްރަތު ކުރުމަކީ ބަންދުކޮށްފައި ހުރި މީހާގެ ސިއްހީ ސަބަބަކަށް ޓަކައި ކުރަންޖެހޭ ކަމެއްކަމަށް ޑޮކްޓަރު ލަފާދީފައިވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިނާޔަތް ހިފެހެއްޓުމުގެ ގޮތުން ނުވަތަ އިނާޔަތް ނުދިނުމަށް ނިންމާ ނިންމުމެއްގެ ގޮތުން، ހިނގައި ކަސްރަތުކުރުމުގެ ފުރުސަތު އެއްވެސް ވަރަކަށް އުނިކޮށްގެން ނުވާނެއެވެ.
(ޅ) ބަންދުކޮށްފައި ހުރި މީހަކަށް ދެވޭ ޖަލު އަދަބެއްގެ ގޮތުން، އަންނަވި ކަންކަން ކޮށްގެން ނުވާނެއެވެ.
- ކެއިންބުއިމަށް ދެވޭ މިންވަރު މަދުކުރުން؛
- ގާނުނީ ވަކީލާ ބައްދަލުކޮށް މުއާމަލާތު ކުރުމަށް ދެވޭ ފުރުސަތު ހަނިކުރުން؛
- އަސާސީ ހިދުމަތެއް ނުދީ ހިފެހެއްޓުން.
87 ވަނަ މާއްދާ - އިނާޔަތް ކެންސަލްކުރެވޭނެ މުއްދަތު
ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު، އޭނާ ހުރި ޖަލުގެ އުސޫލަކާ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރުމާ ގުޅިގެން އޭނާއަށް ލިބިދެވޭނެ އިނާޔަތްތައް ކަމުގައި މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތެއް ނުވަތަ އިނާޔަތަކުން ބައެއް ނުދީ ހިފެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ، 14( ސާދަ( ދުވަހެވެ.
88 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ ފަރާތްތަކުން ށަކުވާ ހުށަހެޅުމާއި، ފިޔަވަޅުއެޅުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ހުށަހަޅާ ށަކުވާއެއް، އެ މީހާއަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލު މެދުވެރިކޮށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅިދާނެއެވެ.
- ޑިއުޓީގައި ހުރި، ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އޮފިސަރުގެ ގާތުގައި އަނގަބަހުން ބުނެގެން؛
- ލިޔުމުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅަން ބޭނުންވާ ށަކުވާއަކީ، ބަންދުކޮށްފައި ހުރި މީހާ ލިޔުމުން ހުށަހަޅަން ބޭނުންވާ ށަކުވާއެއް ނަމަ، އެ ކަމަށް ބޭނުންވާނެ ލިޔެކިޔުމަށް ބޭނުންވާ ތަކެތި ކަސްޓޯޑިއަލް ޖަލުން އެ މީހާއަށް ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާ އެއް ހުށަހަޅައިފިނަމަ، އެ ށަކުވާއެއް ހުށަހެޅި ތާރީހާއި، ގަޑިއާއި، ށަކުވާ ބަލައިގަތް ފަރާތުގެ ނަމާއި، ސަރވިސް ނަންބަރު،ލިޔުމުން ރިކޯޑު ކުރަންވާނެއެވެ.
(ރ) ށަކުވާއެއް ބަލައިގަތުމަށްފަހު، އެ ށަކުވާއެއް ބަލައިގަތްކަން، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ށަކުވާއެއް ބަލައި، އެ ށަކުވާއަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ އެންމެހައި ކަންކަން ކުރަންވާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
- ށަކުވާ ބެލުމުގައި، ށަކުވާ ރައްދުވާ ފަރާތުގެ އެއްވެސް ދައުރެއް ނެތުން؛
- ށަކުވާ ބެލުމުގެ ކަންކަން، އެ ކަސްޓޯޑިއަލް ޖަލެއް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އެންމެ އިސް އޮފިސަރުގެ ސީދާ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުން؛
- ށަކުވާއާ ގުޅިގެން ތައުދީބީ މައްސަލައެއް ބަލަންޖެހޭކަމަށް ފެންނަނަމަ، އެ މައްސަލައެއް ބެލުމަށް ފުލުހުންގެ ޕްރޮފެށަނަލް ސްޓޭންޑަރޑްސް ކޮމާންޑަށް ފޮނުވުން.
އަށްވަނަ ބާބު
ވަގުތީގޮތުން އަތުލެވޭ ތަކެއްޗާއި، ނުގެންގޮސް ހުންނަ ތަކެތި
98 ވަނަ މާއްދާ 89 ވަނަ މާއްދާ - ގޮޅިއަށް ވެއްދުން މަނާތަކެތި އަތުލުން
(ހ) ކަސްޓޯޑިއަލް ޖަލުގެ ގޮޅިއަށް މީހަކު ވެއްދުމުގެ ކުރިން، އެ މީހެއްގެ އަތުގައި ހުރި ތަކެތީގެ ތެރޭގައި ހިމެނޭ، ޖަލުގެ ގޮޅިއަށް ވެއްދުން މަނާތަކެތި ހިފަހައްޓައި، ފުލުހުންގެ ބެލުމުގެ ދަށުން އެ އެއްޗެހި ރައްކައުތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓޭ ތަކެތި ހިފެހެއްޓުނުކަން އެނގޭނެ ލިޔުމެއް، ބަންދުކޮށްފައި ހުންނަ މީހާއަށް ދޭންވާނެއެވެ. މި ގޮތުން ދޭ ލިޔުމުގައި،އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ބަންދުކޮށްފައި ހުރި މީހާގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
- ހިފެހެއްޓުނު ތަކެތީގެ ތަފުސީލު؛
- ތަކެތީގެ ހާލަތު؛
- ތަކެތި ނެގި އޮފިސަރުގެ ސަރވިސް ނަންބަރު؛
- ތަކެއްޗާ ހަވާލުވި އޮފިސަރުގެ ސަރވިސް ނަންބަރު؛
- ތަކެތި އަތުލެވުނު ތާރީހާއި ގަޑި؛
- ބަންދުކޮށްފައިވާ ފަރާތުގެ ސޮޔާއި އިނގިލީގެ ނިށާން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނީ،މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
90 ވަނަ މާއްދާ - ވަގުތީގޮތުން އަތުލެވޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް
(ހ) މި ގަވާއިދުގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިފެހެއްޓޭ ތަކެތި، ބަންދުކޮށްފައި ހުރި މީހާ ބަންދުން ދޫކޮށްލުމާ ހަމަޔަށް ފުލުހުން ރައްކައުތެރިކަމާއެކުބަލަހައްޓަންވާނެއެވެ.
(ށ) ބަންދުކޮށްފައި ހުރި މީހާގެ އަތުން ހިފެހެއްޓުނު ތަކެތީގެ ތެރޭގައި ހިމެނޭ ވަކި އެއްޗަކީ، އޭނާގެ ފަރާތުން އެހެން މީހަކަށް ހަވާލުކުރުމަށް އޭނާ ބޭނުންވާ އެއްޗެއްނަމަ، އޭނާ ބަންދުކުރި މައްސަލަ ތަހުގީގުކުރާ ފަރާތު ހުއްދަޔާއެކު، އެ އެއްޗެއް ހަވާލުކުރުމަށް އޭނާ ބޭނުން ފަރާތަކާ ހަވާލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަތުލި ތަކެތީގެ ތެރޭގައި، ކުނިވެ ހަލާކުވާޒާތުގެ ތަކެތި ހިމެނޭނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ތަކެތި އަވަހަށް ހަވާލުކުރަންވާނެއެވެ. ނަމަވެސް، އެފަދަ ތަކެއްޗާ ހަވާލުވާނެ ފަރާތެއް ނެތްނަމަ، ބަންދުކޮށްފައި ހުރި މީހާއަށް އެންގުމަށްފަހު، ރައްކައުތެރިކަމާއެކު އެފަދަ ތަކެތި ނައްތައިލަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކުރެވޭ މީހެއްގެ އަތުން ހިފެހެއްޓޭ އެއްޗެއް އޭނާ އެދޭ އެހެން ފަރާތަކާ ހަވާލުކުރަންވާނީ، އެކަން ލިޔުމުން ރިކޯޑު ކުރުމަށް ފަހުގައެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަންދުކުރެވޭ މީހެއްގެ އަތުން އަތުލެވޭ އެއްޗެއް،މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނައްތައި ލާނަމަ، އެކަން ލިޔުމުން ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ.
91 ވަނަ މާއްދާ - ވަގުތީގޮތުން އަތުލާ ތަކެތި ތަހުގީގުގެ ބޭނުމަށް ނެގުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައިވާ މީހެއްގެ އަތުން ވަގުތީގޮތުން ނަގައި ބަލަހައްޓަމުންދާ އެއްޗެއް، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަށް ނަގަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލަ ތަހުގީގުކުރާ ފަރާތަކާ،ބަންދުކޮށްފައި ހުރި މީހާގެ އަތުން އަތުލައިފައިވާ އެއްޗެއް ހަވާލުކުރަންވާނީ، އޭނާގެ ހާޒިރުގައެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައި ހުރި މީހާގެ އަތުންހިފަހައްޓައިފައިވާ އެއްޗަކީ، އެ މީހާ ބަންދުކުރި މައްސަލައިގައި އަނިޔާ ލިބުނު ފަރާތުގެ ނުވަތަ އެހެން ތިންވަނަ ފަރާތެއްގެ އެއްޗެއްކަމަށް ބެލެވޭ ހާލަތުގައި، އެކަން ދެނެގަނެ ކަށަވަރުކުރުމުގެބޭނުމުގައި، ބަންދުކޮށްފައި ހުރި މީހާގެ މައްސަލަ ތަހުގީގުކުރާ ފަރާތުން، ތިންވަނަ ފަރާތަކާސުވާލުކުރުމުގެ މަރުހާލާގައި އެ އެއްޗެއް ބޭނުންކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މައްސަލަ ތަހުގީގުކުރާ ފަރާތަކާ އެއްވެސް އެއްޗެއް ހަވާލުކުރަންވާނީ، ލިޔުމުން ރިކޯޑު ކުރުމަށް ފަހުގައެވެ. އަދި އެ ގޮތުގެ މަތީން ގެންދާ އެއްޗެއް ގެންދިޔަ ބޭނުން ނިމުމަށްފަހު، ލަސްކުރުމެއްނެތި، ކަސްޓޯޑިއަލް ޖަލާ އެ އެއްޗެއް އަނބުރާ ހަވާލުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލަ ތަހުގީގުކުރާ ފަރާތުގެ ބެލުމުގެ ދަށުން ގެންދާ އެއްޗަކީ،އެހެން ތިންވަނަ ފަރާތެއްގެ އެއްޗެއްކަން ކަށަވަރުވެއްޖެނަމަ، އެ އެއްޗަކާމެދު ގޮތެއް ނިންމާނީ،އެ މައްސަލަ ތަހުގީގުކުރާ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
92 ވަނަ މާއްދާ - ބަންދުން ދޫކޮށްކާއިރު، ތަކެތި ހަވާލުކުރުން
(ހ) ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލާއިރު، އޭނާއާ ހަވާލުކުރަންޖެހޭ އެއްވެސް އެއްޗެއް، ކަސްޓޯޑިއަލް ޖަލުގެ ބެލުމުގެ ދަށުގައި ހުރިނަމަ، އެ އެއްޗެއް އެ މީހަކާ ހަވާލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުއްލި ހާލަތެއް ދިމާވެގެން،ބަންދުކޮށްފައިހުރި މީހާ ބަންދުން ދޫކޮށްލާ ވަގުތު އޭނާގެ ތަކެތި އޭނާއާ ހަވާލުނުކުރެވިއްޖެނަމަ، އެ ތަކެތި ބަލާ އައުމަށް 24 (ސައުވީސް) ގަޑިއިރުގެ މުހުލަތެއް އޭނާއަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަކެއްޗާ ހަވާލުވުމަށް ދީފައިވާ މުއްދަތު ހަމަވާއިރު، އެ ތަކެއްޗާ ހަވާލުވުމަށް އައިސްފައި ނުވާނަމަ، ތަކެއްޗާ ހަވާލުވުމަށް އައުމަށް، އެ މީހަކަށް އިތުރު 7( ހަތެއް( ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ތަކެއްޗާ ހަވާލުވާން އައުމަށް ދޭ މުއްދަތުގައި، ބަންދުން ދޫކޮށްލި ފަރާތަށް ތަކެއްޗާ ހަވާލުވުމަށް އާދެވެން ނެތްނަމަ، އެ ތަކެއްޗާ ހަވާލުވުމަށް، އެ ފަރާތުގެ ލިޔުމަކާއެކު ފޮނުވާ މީހަކަށް، އެ ތަކެތި ހަވާލުކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ތަކެއްޗާ ހަވާލުވުމަށް ދީފައިވާ މުއްދަތު ހަމަވާއިރު، ތަކެއްޗާ ހަވާލުވުމަށް އައިސްފައި ނުވާނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މީހެއްގެ އަތުން ނެގުނު ތަކެއްޗަކީ، އެ މީހަކު ބޭނުންނެތިގެން ދޫކޮށްލި ތަކެތިކަމުގައި ބަލައި، އެކަން ލިޔުމުން ރިކޯޑުކުރުމަށްފަހު، މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާ އުސޫލުން އަމަލުކޮށް، އެ ތަކެތި ނައްތައިލުމުގެ އިހުތިޔާރު، ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވެއެވެ.
93 ވަނަ މާއްދާ - ނައްތައިލުމަށް އެއްބަސްވެފައިވާ ތަކެތި
(ހ) ބަންދުކޮށްފައި ހުރި މީހާ ދޫކޮށްލާއިރު، އޭނާ ބަންދުކުރެވުނު އިރު އޭނާގެ އަތުން ހިފެހެއްޓި ތަކެތީގެ ތެރެއިން އެ އެއްޗެއް ނައްތައިލުމަށް ލިޔުމުން ރުހުންދީފައިވާ ތަކެތި 7( ހަތެއް( ދުވަހުގެ ތެރޭގައި ނައްތައިލަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ނައްތައިލަންޖެހޭ ތަކެތި ނައްތައިލަންވާނީ، އެފަދަ ތަކެތި ނައްތައިލުމަށް، ޑައިރެކްޓަރ އޮފް ޕްރިޒަންސް ނިންމާ ގޮތެއްގެ މަތީންނެވެ.
ނުވަވަނަ ބާބު
ހާއްސަ ރައްކައުތެރިކަމެއް ދޭންޖެހޭ ފަރާތްތައް
94 ވަނަ މާއްދާ - ހާއްސަ ރައްކައުތެރިކަމެއް ދޭންޖެހޭ ފަރާތެއް ބަންދުކޮށްފައި ބެހެއްޓުން
(ހ) މި ގަވާއިދުގެ 27 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތީގައި ހިމެނޭ ފަރާތެއް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެނަމަ، އެފަދަ މީހަކު ބަހައްޓަންވާނީ، އެފަދަ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް އެ ކަސްޓޯޑިއަލް ޖަލުގައި ހާއްސަ ކޮށްފައިވާ ވަކި ތަނެއްގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި އެފަދަ މީހަކު، ކަސްޓޯޑިއަލް ޖަލަށް ވެއްދުމުގެ ކުރިން އެފަދަ މީހެއްގެ ސިއްހީ ހާލަތު ދެނެގަތުމަކީ، މުހިންމު ކަމެއް ކަމުގައި އެ ކަސްޓޯޑިއަލް ޖަލު ބަލަހައްޓާ އިސް އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެފަދަ މީހަކު ޖަލަށް ވައްދަންވާނީ، އެ ކަސްޓޯޑިއަލް ޖަލު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އެގްޒެކެޓިވް އޮފިސަރު ނިންމާ ގޮތެއްގެ މަތީން ޑޮކްޓަރަށް ދައްކައި، ސިއްހީ ހާލަތު ދެނެގަތުމަށް ފަހުގައެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކަސްޓޯޑިއަލް ޖަލުގައި މީހަކު ބަންދުކޮށްފައި ބަހައްޓާ ބެހެއްޓުމުގައި، 24 (ސައުވީސް) ގަޑިއިރު އެފަދަ މީހާގެ ހާލަތު ގާތުން ބެލޭނެގޮތުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
95 ވަނަ މާއްދާ - އިނާޔަތް ލިބިދިނުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރާ މީހުންނަށް ލިބިދޭންވާނެކަމަށް މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނާޔަތްތަކުގެ އިތުރުން، އެހެން އިނާޔަތްތައް ނުވަތަ އެފަދަ އިނާޔަތްތައް ލިބިދޭ މިންވަރު އިތުރުކުރުމަށް، ޑައިރެކްޓަރ އޮފް ޕްރިޒަންސަށް ނިންމިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިނުމަށް ނިންމާ އިނާޔަތެއް ދިނުމުގެ ސަބަބުން، ހިނގަމުންދާ ތަހުގީގަކަށް ހުރަސްއެޅިދާނެ، ނުވަތަ ކަސްޓޯޑިއަލް ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ނުވަތަ ޖަލުގެ ހިންގުމުގެ ނިޒާމަށް ނޭދެވޭ އަސަރެއް ކުރާނެފަދަ އިނާޔަތެއް ދިނުމަށް ކަނޑައެއް ނޭޅޭނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިނުމަށް ނިންމައިފައިވާ އިނާޔަތެއް ނުދިނުމަށް ނުވަތަ އިނާޔަތެއް ވަކިމުއްދަތަކަށް ހިފެހެއްޓުމަށް ނިންމަންވާނީ، ޑައިރެކްޓަރ އޮފް ޕްރިޒަންސް ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
ދިހަވަނަ ބާބު
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުން
96 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގައި ހުރި މީހަކު އެހެން ތަނަކަށް ގެންދިއުމާއި، ހާޒިރުކުރުން
(ހ) ކަސްޓޯޑިއަލް ޖަލުގައި ތިބޭ ފަރާތްތައް ކަސްޓޯޑިއަލް ޖަލުން ނެރެގެން އެ ނޫން ތަނަކަށް ގެންދިއުމުގައި އަމަލުކުރަންވާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ގެންދެވޭނީ، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ތަންތަނަށެވެ.
- ދިވެހިރާއްޖޭގެ ށަރުއީ ކޯޓްތައް؛
- ފުލުހުންގެ މަރުކަޒުތައް؛
- ރައްޔިތުންގެ މަޖިލީހުގެ އިދާރާ؛
- ށަރުއީ ހުކުމެއް ނުވަތަ ކޯޓު އަމުރެއް ތަންފީޒުކުރުމުގެ ގޮތުން ކަސްޓޯޑިއަލް ޖަލު ނޫން ތަނަކަށް ގެންދަން ޖެހުން؛
- ސިއްހީ ފަރުވާދޭ ތަންތަން؛
- ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ބަންދުކޮށްފައި ހުރި މީހާ، ކަސްޓޯޑިއަލް ޖަލު ނޫން ތަނަކަށް ގެންދަން ޖެހުން؛
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައި ހުރި މީހާއަށް ލިބިދޭ އަސާސީ ހިދުމަތެއް ނުވަތަ އިނާޔަތެއް ލިބިދިނުމުގެ ގޮތުން ކަސްޓޯޑިއަލް ޖަލު ނޫން ތަނަކަށް ގެންދަން ޖެހުން؛
- ބަންދުކޮށްފައި ހުރި ކުޑަކުއްޖަކަށް ގާނޫނަކުން ލިބިދޭންޖެހޭ ހައްގެއް ނުވަތަ އިނާޔަތެއް ލިބިދިނުމުގެ ގޮތުން ކަސްޓޯޑިއަލް ޖަލު ނޫން ތަނަކަށް ގެންދަން ޖެހުން.
97 ވަނަ މާއްދާ - ބަންދުކޮށްފައި ތިބޭ މީހުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭގޮތް
(ހ) ކަސްޓޯޑިއަލް ޖަލުގައި ތިބޭ މީހުން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، ހާލަތަށް ރިއާޔަތްކޮށް، ބިޑިއަޅުވައިގެންނެވެ.
(ށ) ބަންދުކޮށްފައި ހުރި މީހަކު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، އެ މީހަކަށް ފިލައިގެން ނުދެވޭނެކަން ކަށަވަރު ކުރެވޭ ފަދަޔަކުން ފުލުހުން އަމަލުކުރަންވާނެއެވެ. މި ގޮތުން ބަންދުކޮށްފައި ހުރި މީހާ ގެންދާ ތަނަކާއި، ގެންދެވޭ ހާލަތަށް ރިއާޔަތްކޮށް، ބަންދުކޮށްފައި ހުރި މީހާ ގެންދާއިރު އޭނާއާ ހަވާލުވެގެން ދާންޖެހޭ އޮފިސަރުންގެ އަދަދު ކަނޑައެޅިދާނެއެވެ.
(ނ) ބަންދުކޮށްފައި ހުރި މީހަކު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، އެ މީހަކު ގެންދާތަން އެ މީހަކު ގާތުގައި ބުނަންވާނެއެވެ.
(ރ) ބަންދުކޮށްފައި ހުރި މީހަކު މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ހާލަތަށް ރިއާޔަތްކޮށް، ބިޑިއަޅުވައިގެން ގެންދާނަމަ، އޭނާ ގެންދާނީ ބިޑިއަޅުވައިގެންކަމާއި، ބިޑިއަޅުވަ ނީ ރައްކައުތެރިކަމުގެ ގޮތުންކަމާއި، ކިޔަމަންތެރިކަމާއެކު ބިޑިއެޅުވުމަށް އެއްބާރުލުން ދިނުމަށް އަންގަންވާނެއެވެ.
98 ވަނަ މާއްދާ - އެއްގަމުމަގުން ގެންދިއުން
ބަންދުކޮށްފައި ހުރި މީހަކު މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް އެއްގަމު މަގުން ގެންދިއުމުގައި، ހާލަތަށް ރިއާޔަތްކޮށް، ބިޑިއަޅުވައިގެން ގެންދާނަމަ، އާންމު އުސޫލުން ބިޑި އަޅުވަންވާނީ، ފުރަގަހަށް ވާގޮތަށެވެ. ނަމަވެސް އެ މީހާގެ ކިޔަމަންތެރިކަމަށް ރިއާޔަތްކޮށް ކުރިމައްޗަށް ވާގޮތަށް ބިޑި އެޅުވުމުގެ އިހްތިޔާރު، ބަންދުކޮށްފައި ހުރި މީހާއާ ހަވާލުވެގެންދާ އޮފިސަރަށް ލިބިގެންވެއެވެ.
99 ވަނަ މާއްދާ - ވައިގެ މަގުން ގެންދިއުން
(ހ) ބަންދުކޮށްފައި ހުރި މީހަކު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ވައިގެ މަގުން ގެންދަންވާނީ، ބިޑި ނާޅުވައެވެ. ނަމަވެސް ބަންދުކޮށްފައި ހުރި މީހާގެ އަމަލުތައް ހުންނަގޮތެއްގެ މައްޗަށް ބިނާކޮށް، ބިޑި އެޅުވުމުގެ އިހްތިޔާރު، އޭނާއާ ހަވާލުވެގެންދާ އޮފިސަރަށް ލިބިގެންވެއެވެ.
(ށ) ބަންދުކޮށްފައި ހުރި މީހަކު ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ،އިންޓަރނޭށަނަލް ސިވިލް އޭވިއޭށަން އޯގަނައިޒޭށަންގެ ގަވާއިދުތަކާއި، އެ މީހަކު ގެންދާ އުޅަނދެއްގައި އެފަދަ މީހުން އުފުލުމުގައި އަމަލުކުރާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.
(ނ) ބަންދުކޮށްފައި ހުރި މީހަކު ވައިގެ އުޅަނދެއްގައި ގެންދާނަމަ، އެ އުޅަނދަށް އެހެން ފަސިންޖަރުން އެރުމުގެ ކުރިން އެ މީހާ އެ އުޅަނދަށް އަރުވަންވާނެއެވެ. އަދި އެ މީހާ ބައިންދަންވާނީ، އެ އުޅަނދަކުން ކަނޑައަޅާ ތަނެއްގައި، އެހެން ފަސިންޖަރުންނާ ވީހާވެސް ދުރުގައެވެ.
(ރ) ފުލުހުންގެ ބެލުމުގެ ދަށުން ވައިގެ އުޅަނދެއްގައި މީހަކު ގެންދަނިކޮށް އޭނާ ނުކިޔަމަންތެރިވެ އުޅަނދުން ދަތުރުކުރާ އެހެން މީހުންނާއި އުޅަނދުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނަނަމަ، އޭނާ ހިފެހެއްޓުމުގެގޮތުން އޭނާގެ ފައިގައި ރެސްޓްރެއިނާ އެޅުމާއި، އޭނާގެ ދެއަތް ހައްޔަރުވާގޮތަށް ބިޑިއެޅުވުމުގެ އިހްތިޔާރު، އޭނާއާ ހަވާލުވެގެންދާ އޮފިސަރަށް ލިބިގެންވެއެވެ.
(ބ) ބަންދުކޮށްފައި ތިބޭ މީހުން ވައިގެ އުޅަނދަކުން ގެންދާނަމަ، ގެންދާ ކޮންމެ މީހަކަށް 2 (ދޭއް) ސެކިއުރިޓީ އޮފިސަރުން ތިބެންވާނެއެވެ.
100 ވަނަ މާއްދާ - ކަނޑުމަގުން ގެންދިއުން
(ހ) ބަންދުކޮށްފައި ހުރި މީހަކު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ކަނޑުމަގުން ގެންދިއުމުގައި، ހާލަތަށް ރިއާޔަތްކޮށް، ބިޑިއަޅުވައިގެން ގެންދާނަމަ، އާންމު އުސޫލުން ބިޑިއަޅުވަންވާނީ، ކުރިމައްޗަށްވާ ގޮތަށެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކަނޑުމަގުން ގެންދާ މީހާއާއި، އޭނާއާ ހަވާލުވެގެންދާ އޮފިސަރުން ތިބެންވާނީ، ލައިފްޖެކެޓް އަޅައިގެންނެވެ. އަދި ދަތުރުކުރާ އުޅަނދާއި، ދަތުރުގެ ދިގުމިނާއި، މޫސުމަށާއި، އެފަދަ އުޅަނދެއްގައި އަމަލުކުރުމަށް ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުގެ ދަށުން ކަނޑައަޅައިފައިވާ އުސޫލަށާއި، ހާލަތަށް ރިއާޔަތްކޮށް ލައިފްޖެކެޓް ނޭޅުވުމަށް ނިންމިދާނެއެވެ. އެހެންނަމަވެސް، ބަންދުކޮށްފައިވާ މީހާގެ ގައިގައި ބިޑިއަޅުވައިފައި ހުންނަ ހުރިހާ އިރެއްގައި ވެސް ހުންނަންވާނީ، ލައިފްޖެކެޓް އަޅުވައިފައެވެ.
101 ވަނަ މާއްދާ - މީހުން ގެންދިއުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން
(ހ) ބަންދުކޮށްފައި ހުރި މީހަކު، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ގެންދާ ގެންދިއުމުގައި، އެ މީހާގެ ސަލާމަތަށާއި އޭނާ ބެލެހެއްޓުމަށް ތިބޭ މީހުންނަށާއި އެ މީހަކު ގެންދާ އުޅަނދެއްގައި ތިބޭ އެހެން މީހުންނަށް އޭނާގެ ފަރާތުން ދިމާވެދާނެ ނުރައްކަލަކަށް ނުވަތަ ލިބިދާނެ ގެއްލުމަކަށް ނުވަތަ އޭނާ ފިލާފާނެކަމަށް އޭނާއާ ހަވާލުވެގެންދާ އޮފިސަރުން އަބަދުވެސް ސަމާލުވާންވާނެއެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުލިބޭނޭހެން އެ މީހާ ބަލަހައްޓަންވާނެއެވެ.
(ށ) ކުޑަކުއްޖަކު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގާނޫނު) ގައި އެފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
102 ވަނަ މާއްދާ - އެކަކަށްވުރެ ގިނަ މީހުން އެއްވަގުތެއްގައި އެއްއުޅަނދެއްގައި ގެންދިއުން
(ހ) ބަންދުކޮށްފައި ތިބޭ މީހުން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްތަނުން އަނެއްތަނަށް ގެންދާ ގެންދިއުމުގައި، އެކަކަށްވުރެ ގިނަމީހުން އެއްވަގުތެއްގައި ކަނޑު އުޅަނދަކުން ގެންދާނަމަ، ގެންދާ ކޮންމެ މީހަކަށް ސެކިއުރިޓީ އޮފިސަރަކު ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބަންދުކޮށްފައިވާ މީހުން ގެންދަނީ ފުލުހުންގެ ނުވަތަ ސިފައިންގެ ނުވަތަ ބަންދުކޮށްފައިވާ މީހުން ބެލެހެއްޓުމުގެ އިހްތިސާސް ހަވާލުކުރެވިފައިވާ އިދާރާއެއްގެ އުޅަނދެއްގައިނަމަ، އެ އަކުރުގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
އެގާރަވަނަ ބާބު
ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތް
103 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލު ކުއްލި ހާލަތަށް ގެނައުން
(ހ) ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލެއްގައި ނުވަތަ ޖަލު ހިމެނޭ ސަރަހައްދެއްގައި، އަންނަނިވި ފަދަ ހާދިސާއެއް ހިނގައިފިނަމަ، ނުވަތަ ބަންދުކޮށްފައި ތިބޭ ފަރާތްތަކުން، އަންނަނިވިފަދަ ކަމެއް ކޮށްފިނަމަ، އެ ކަސްޓޯޑިއަލް ޖަލު ކުއްލި ހާލަތަށް ގެނެސް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.
- އަލިފާނުގެ ހާދިސާ؛
- ބަންދުކޮށްފައި ތިބި ގިނަބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުން؛
- ޖަލުގައި އާންމު ހަޅުތާލެއް ކުރުން؛
- ބަންދުކޮށްފައި ތިބި ގިނަބަޔަކު ކާނާ ވިހަވުން؛
- ޖަލުގައި އާންމު ބަލިމަޑުކަމެއް ފެތުރުން؛
- ޖަލުން ބަޔަކު ފިލުން؛
- ބަންދުކޮށްފައި ހުރި މީހަކު، ނުވަތަ ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފަކު ރަހީނުކުރުން؛
- ގުދުރަތީ ކާރިސާއެއް މެދުވެރިވެ ގެން ޖަލުގެ ސެކިއުރިޓީ އޮފިސަރުންނަށް ނުވަތަ ބަންދުކޮށްފައިވާ މީހުންނަށް ނުރައްކާވާ ހާލަތެއް ދިމާވުން؛
- ބަންދުގައި ތިބޭ މީހުން ޖަލުގެ މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ އަމަލެއް ހިންގުން؛
- މަތީގައިވާ ނަންބަރުތަކުގައިވާ ކަންކަމުގެ އިތުރުން ވެސް، ޖަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް ނުވަތަ ޖަލުގެ ހިންގުމަށް ބުރޫ އަރާފާނެ މިފަދަ ބޮޑު ހާދިސާއެއް ހިނގުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ކަސްޓޯޑިއަލް ޖަލެއް ކުއްލި ހާލަތަށް ގެނައުމަށް ނިންމަންވާނީ، އެ ކަސްޓޯޑިއަލް ޖަލު ހިންގުމާ ހަވާލުވެހުރި އެންމެ އިސް އޮފިސަރެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކަސްޓޯޑިއަލް ޖަލެއް ކުއްލި ހާލަތަށް ގެނެވިއްޖެނަމަ، ވަގުތުން އަދި ލަސްކުރުމެއްނެތި ޑައިރެކްޓަރ އޮފް ޕްރިޒަންސަށް އެކަން އަންގައި، އެ ފަރާތުގެ ލަފާގެ މަތީން، އެ ހިނދަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
(ރ) ކަސްޓޯޑިއަލް ޖަލެއް ކުއްލި ހާލަތަށް ގެނެވިއްޖެނަމަ، އެ ހާލަތު ނިމުމާ ހަމަޔަށް ނުވަތަ އެ ޖަލެއް އާންމު ހާލަތަކަށް ގެނައުމާ ހަމަޔަށް އަމަލުކުރިގޮތުގެ ރިޕޯޓެއް އެކުލަވައިލަންވާނެއެވެ. މިގޮތުން އެކުލަވައިލާ ރިޕޯޓު، ޖަލުތަކުގެ ކަންކަން ހިނގާނުހިނގާ ގޮތް ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ އިދާރާއަކުން އެދިއްޖެނަމަ، އެ އިދާރާއަކަށް ހިއްސާކުރަންވާނެއެވެ.
104 ވަނަ މާއްދާ - ކުއްލި ހާލަތްތަކުގައި އަމަލުރާނެގޮތުގެ ޕްލޭން އެކުލަވަ އިލުން
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓޯޑިއަލް ޖަލެއް ކުއްލި ހާލަތަކަށް ގެނެވިއްޖެނަމަ، އެ ހާލަތަކާ ގުޅިގެން، ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއް، ކޮންމެ ކަސްޓޯޑިއަލް ޖަލެއްގައި، ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ ލަފާގެ މަތީން އެކުލަވައިލަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން އެކުލަވައިލާ ޕްލޭނުގައި، ކަސްޓޯޑިއަލް ޖަލު ކުއްލި ހާލަތަށް ގެންނަންވާނެކަމަށް މި ގަވާއިދުގެ 102 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ހާލަތަކާ ގުޅިގެން އަމަލުކުރަންވާނެ ކަންކަން ވަކިވަކިން ލިޔެ ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން އެކުލަވައިލާ ކޮންޓިންޖެންސީ ޕްލޭންތަކުގައި، އަންނަނިވި ކަންކަމުގައި އަމަލުކުރަންޖެހޭނެ ގޮތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- ޖަލުގެ ސެކިއުރިޓީ އޮފިސަރުން ޑިއުޓީތަކަށް ނުކުތުމާއި، ޑިއުޓީ ކުރުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ގޮތް؛
- ބަންދުކޮށްފައި ތިބޭ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް؛
- ޖަލާއި ޖަލު ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް؛
- އެކި ތަންތަނަށް ހާޒިރުކުރަންޖެހޭ މީހުން އެފަދަ ހާލަތެއްގައި ހާޒިރުކުރުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ގޮތް؛
- ޖަލު ހިމެނޭ ސަރަހައްދުގައި އާންމު ދަތުރު ފަތުރުކުރުމުގައި އަމަލުކުރާނެ ގޮތް؛
- ބަންދުކުރަން ގެންނަ މީހުންނާމެދު އަމަލުކުރަންޖެހޭ ގޮތްތައް؛
- އެއްވެސް ފަރާތަކަށް ހާނީއްކައެއް ލިބިފައިވާނަމަ، ސިއްހީ ފަރުވާ ދިނުމުގައި އަމަލުކުރާނެގޮތް؛
(ރ) މި މާއްދާގެ ދަށުން އެކުލަވައިލާ ޕްލޭންތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެކުލަވައިލައި ނިންމަންވާނެއެވެ.
ބާރަވަނަ ބާބު
ކަސްޓޯޑިއަލްގެ ސެކިއުރިޓީ ނިޒާމު
105 ވަނަ މާއްދާ - ސެކިއުރިޓީ ނިޒާމު ގާއިމްކޮށްފައި ހުރުން
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ ކޮންމެ ކަސްޓޯޑިއަލް ޖަލެއްގައި ވެސް، އެ ތަނެއްގައި ބަންދުކޮށްފައި ތިބޭ މީހުންނާއި، އެ ތަނަށް ޒިޔާރަތްކުރާ މީހުންނާއި، އެ ތަނުގެ މުވައްޒަފުންނާއި، އިމާރާތްތަކާއި މުދަލާއި ތަކެތީގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެ ތަނަކާ އެކަށީގެންވާ ސެކިއުރިޓީ ނިޒާމެއް ގާއިމްކޮށްފައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަސްޓޯޑިއަލް ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމުގައި އަންނަނިވި ކަންކަން ކަސްޓޯޑިއަލް ޖަލުގައި ފުރިހަމަވެފައި ހުންނަންވާނެއެވެ.
- ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައި ހުރުން؛
- އަލިފާން ނިއްވުމަށް ބޭނުންކުރާ އާލަތްތައް ހުރުން؛
- ފަޔަރ އެލާމް ސިސްޓަމް ހުރުން.
(ނ) މި ގަވާއިދަށް އަމަލުކުރަން ފަށައި، ކަސްޓޯޑިއަލް ޖަލުތަކުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6( ހައެއް( މަސްދުވަހުގެ ތެރޭގައި، ހުރިހާ ކަސްޓޯޑިއަލް ޖަލުތަކުގައި، މި މާއްދާގައި ބަޔާންކޮށްފައިވާކަންކަން ފުރިހަމަކުރަންވާނެއެވެ.
106 ވަނަ މާއްދާ - ކަސްޓޯޑިއަލް ޖަލުގެ ސަރަހައްދު
(ހ) ކަސްޓޯޑިއަލް ޖަލުގެ ސަރަހައްދަކީ، އެ ޖަލެއްގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް ދޭންޖެހޭ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ގޮތަކަށް ބަލަހައްޓަންޖެހޭ ސަރަހައްދެއްކަމުން، އެ ސަރަހައްދު ހުންނަންވާނީ، އެ ޖަލުގައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށާއި، ހުށަހަޅަންޖެހޭ އެކިއެކި ލިޔުންތަކާއި، އެފަދަ އެހެނިހެން ހިދުމަތްތައް ހޯދުމަށް ޖަލަށް އަންނަ ފަރާތްތަކަށް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ނުފެންނާނެ ގޮތަށް،އަދި ހުއްދަ ލިބިގެން ނޫނީ އެއްވެސް މީހަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ފަދަ ގޮތަކަށް ވަކިކޮށްފައެވެ.
(ށ) ކަސްޓޯޑިއަލް ޖަލު ގާއިމުކޮށްފައިވަނީ މީހުން ދިރިއުޅޭ ރަށެއްގައި ކަމުގައި ވާނަމަ، އެފަދަ ކަސްޓޯޑިއަލް ޖަލުގެ ސަރަހައްދު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަކިކޮށްފައި ހުންނަންވާނީ، އެފަދަ ޖަލަކަށް ނުވަތަ ޖަލު ހިމެނޭ ސަރަހައްދަކަށް، ޖަލުގެ ސެކިއުރިޓީ އޮފިސަރުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން، ބަންދުކޮށްފައި ތިބޭ ފަރާތްތަކަށް އެއްވެސް އެއްޗެއް ފޯރުކޮށްނުދެވޭނެ ގޮތަށެވެ.
107 ވަނަ މާއްދާ - ސެކިއުރިޓީ އޮފިސަރުން
(ހ) ކަސްޓޯޑިއަލް ޖަލުގެ ހުރިހާ ސަރަހައްދެއްގެ ސަލަމާތްތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން ސެކިއުރިޓީ އޮފިސަރުން ޑިއުޓީކުރަންވާނެއެވެ.
(ށ) ކަސްޓޯޑިއަލް ޖަލެއް އިމާރާތްކޮށްފައި ހުރި ގޮތުގެ ސަބަބުން، ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ އެ ޖަލެއް ނުވަތަ ޖަލު ހިމެނޭ ސަރަހައްދު ބެލެހެއްޓުމަށް ސެކިއުރިޓީ އޮފިސަރުން ޑިއުޓީ ކުރަންޖެހޭ ތަންތަނާއި، ޑިއުޓީ ކުރަންޖެހޭ އޮފިސަރުންގެ އަދަދު ކަނޑައެޅުމުގެ އިހްތިޔާރު، އެ ކަސްޓޯޑިއަލް ޖަލެއް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިސް އޮފިސަރަށް ލިބިގެންވެއެވެ.
108 ވަނަ މާއްދާ - ސީ.ސީ.ޓީ.ވީ
(ހ) މި ގަވާއިދުގެ 104 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސެކިއުރިޓީ ބެލެހެއްޓުމުގެ ބޭނުމަށް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގައި، ޖަލުގެ ވަށައިގެންވާ ސަރަހައްދުތަކާއި ފާހާނާ ފިޔަވައި، ޖަލުގެ އެތެރޭގެ ހުރިހާ ތަނެއްގެ މަންޒަރު ފެންނާނޭހެން އަދި އެ މަންޒަރު ރިކޯޑުކުރެވޭގޮތަށް ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރުކުރާ ސީ.ސީ.ޓީ.ވީ ކެމެރާގެ ރިކޯޑިންގ 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
109 ވަނަ މާއްދާ - އަލިފާނުގެ ހާދިސާތަކުން ރައްކައުތެރިވުމުގެ ފިޔަވަޅު
މި ގަވާއިދުގެ 104 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަރުކުރާ ފަޔަރ އެލާމް ސިސްޓަމުގެ އިތުރުން، ކަސްޓޯޑިއަލް ޖަލުގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން އެ ތަނެއްގައި ތިބޭ މީހުންނާއި މުދަލާއި އިމާރާތް ސަލާމަތްކޮށް ރައްކައުތެރިކުރުމަށް ޓަކައި އެ ތަނަކާ އެކަށީގެންވާ މިންވަރަށް، އަލިފާން ނިއްވުމަށް ބޭނުންވާ އެހެނިހެން އާލަތްތައް ހުންނަންވާނެއެވެ.
ތޭރަވަނަ ބާބު
މާނަކުރުން
110 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ކަސްޓޯޑިއަލް ޖަލު، ނުވަތަ ޖަލު" ކަމުގައި ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާގޮތުގެ މަތީން ކަސްޓޯޑިއަލް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކޮންމެ ތަނަކަށެވެ.
(ށ) "ބަންދުކޮށްފައިހުރި މީހާ" ކަމުގައި ބުނެފައި އެ ވަނީ، ގަވާއިދު ނަންބަރު 2019-1052 (ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަންދުކުރާ މީހުންނަށާއި، ފުލުހުންގެ ބެލުމުގެދަށުން ގޭގައި ބަންދުކޮށްފައި ހުންނަ ކޮންމެ މީހަކަށެވެ.
(ނ) "ޖަލުގެ ގޮޅި ނުވަތަ ގޮޅި" ކަމަށް ބުނެފައި އެ ވަނީ، ކަސްޓޯޑިއަލް ޖަލުގައި މީހުން ބަންދުކުރުމަށް ހަދައިފައިވާ ތަންތަނަށެވެ.
(ރ) "ޑިއުޓީ އޮފިސަރ" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ ކޮމާންޑް ސެންޓަރުގެ ޑިއުޓީގައި އެ ވަގުތަކު ހުންނަ އެންމެ އިސް ޑިއުޓީ އޮފިސަރު (ޑީ.އޯ) އަށެވެ.
(ބ) "ސެކިއުރިޓީ އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ކަސްޓޯޑިއަލް ޖަލުގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށާއި، ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
(ޅ) "ސިއްހީ ހާލަތު ގާތުން ބެލުން" ކަމަށް ބުނެފައި އެ ވަނީ، އެ މީހާގެ ބަލީގެ ގޮތުން ނުވަތަ ބަލިހާލަތު ހުރި މިންވަރުން، ނުވަތަ މީހާގެ ހާލަތާ ގުޅޭ އެ ނޫންވެސް ކަމަކުން، ޑޮކްޓަރު ދީފައިވާ ލަފަޔަކާ އެއްގޮތަށް ވަކި ވަގުތެއްގެ ތެރޭގައި ނުވަތަ އަވަސް އަވަހަށް ބަލިމީހާގެ ހާލަތު ބެލުމަށެވެ.
(ކ) "ޑައިރެކްޓަރ އޮފް ޕްރިޒަންސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ މަގުސަދުތައް ހާސިލުކުރުމަށް، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން،ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ އައްޔަނުކުރާ ފަރާތަށެވެ.
(އ) "އިސް އޮފިސަރު" ކަމަށް ބުނެފައި އެ ވަނީ، ފުލުހުންގެ އިދާރީ އޮނިގަނޑުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ކަސްޓޯޑިއަލް ޖަލެއް ބެލެހެއްޓުމާއި ހިންގުމުގެ މަސްއޫލިއްޔަތުތައް މަގާމުގެ ހައިސިއްޔަތުން ހަވާލުކޮށްފައިވާ ކޮމިށަންޑް އޮފިސަރުންނަށެވެ.
111 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ
މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ކިޔުންތެރިންގެ ހިޔާލު