-

ރިޓަޔަރ ކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 130/2015)

  

1 ވަނަ މާއްދާ - ތައާރުފު

މިއީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ރިޓަޔަރ ކުރުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ރިޓަޔަރ ކުރުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަޤްސަދަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުން ރިޓަޔަރ ކުރެވޭނެ ގޮތްތަކާއި ރިޓަޔަރ ކުރާ މުވައްޒަފުންނަށް ލިބިދޭނެ ހާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒްތައް ބަޔާންކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި ގަވާއިދު 6 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި 12 އަދި 13  ވަނަ މާއްދާއަށް ޢަމަލުކުރެވޭނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިޢުކުރާތާ 01 (އެކެއް) އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ - ރިޓަޔަރ ކުރެވޭ ހާލަތު

މުވައްޒަފަކު ވަޒީފާއިން ރިޓަޔަރކުރެވޭނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިންނެވެ.

(ހ) އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ހަމަވުމުން ރިޓަޔަރ ކުރުން؛ ނުވަތަ

(ށ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން އެ މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން ރިޓަޔަރ ކުރުން؛ ނުވަތަ

 (ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފެއްގެ ގޮތުގައި 20 (ވިހި) އަހަރު ހިދުމަތް ކުރުމަށްފަހު އަމިއްލަޔަށް އެދިގެން ރިޓަޔަރ ކުރުން؛ ނުވަތަ

(ރ) މުވައްޒަފެއްގެ ވާޖިބު އަދާކުރަމުންދަނިކޮށް، އެމީހަކަށް ލިބޭ ދާއިމީ އަނިޔާއަކާ ގުޅިގެން އެ އަނިޔާއެއް ރަނގަޅު ނުވުމުން ރިޓަޔަރ ކުރުން؛ ނުވަތަ

 (ބ) ރޭންކަށް ކަ ނޑައެޅިފައިވާ އުމުރު ހަމަވުން؛ ނުވަތަ

 (ޅ) ކަ ނޑައެޅިފައިވާ ވަކިމުއްދަކަށް އެއް މަޤާމެއްގައި ހުރުން؛ ނުވަތަ

 (ކ) ވަޒީފާގައި ދެމިހުރުމަށް ސިއްހީ ހާލަތު ތަން ނުދިނުން؛

 

7 ވަނަ މާއްދާ - ރިޓަޔަރ ކުރުމުގެ ށަރުތު

މިގަވާއިދުގެ 6 ވަނަ މާއްދާގެ (ހ)، (ށ)، (ބ)، އަދި (ޅ) ގައިވާ އުމުރު ނުވަތަ މުއްދަތު ހަމަވެގެން، ރިޓަޔަރ ކުރުމުގު ދަރަޖަ ދެވޭނީ، ވަޒީފައިން ވަކިކުރެވޭއިރު މަދުވެގެން 20 (ވިހި) އަހަރުދުވަހު މުވައްޒަފެއްގެ ގޮތުގައި ހިދުމަތް ކޮށްފައިވާ މީހުންނަށެވެ.

 

8 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިކުރުން

 (ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންވެގެންވާ ހާލަތް ފިޔަވައި އެހެން ހާލަތެއް މެދުވެރިވެގެން ނުވަތަ އެހެން ސަބަބަކާ ގުޅިގެން މުވައްޒަފަކު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވިނަމަވެސް އެއީ ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެފައިވާ މީހަކު ކަމުގައި ވާނެއެވެ. އެހެން ނަމަވެސް، އެފަދަ މީހަކީ މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ށަރުތު ފުރިހަމަ ނުވާ މީހަކު ކަމުގައިވާނަމަ މި ގަވާއިދުގައި ބަޔާންވެގެންވާ ޢިނާޔަތެއް ނުދެވޭނެއެވެ.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިނުވާ ސަބަބަކާ ގުޅިގެން ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވާ ފަރާތްތަކާމެދު ޢަމަލު ކުރެވޭނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 144 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައިވާ "މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު" ގައިވާ ގޮތަށެވެ

 

9 ވަނަ މާއްދާ - ކޮމްޕަލްސަރީ ރިޓަޔަރމަންޓް

(ހ) މުވައްޒަފެއްގެ ގޮތުގައި ދެމިހުރި ކޮންމެ ކޮމިށަންޑް އޮފިސަރަކު އުމުރުން 65 )ފަސްދޮޅަސް ފަހެއް) އަހަރުވުމާއެކު (ވަޒީފާއިން ރިޓަޔަރ ކުރަން އޭނާ ނޭދުނު ކަމުގައިވީނަމަވެސް) ވަޒީފާއިން އެމީހަކު ރިޓަޔަރކުރެވޭނެއެވެ.

(ށ) ކޮމިށަންޑް އޮފިސަރެއްގެ ރޭންކަށް ނާދެވޭ ކޮންމެ ޖަލު އޮފިސަރަކު، އެމީހެއްގެ އުމުރުން60 (ފަސްދޮޅަސް) އަހަރުވުމާއެކު ވަޒީފާއިން ރިޓަޔަރ ކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އުމުރު ހަމަވެފައިވާ މުވައްޒަފުން ރިޓަޔަރ ކުރުމުގައި ޢަމަލުކުރާނީ މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ހަމަވުމުންނެވެ

(ރ) މުވައްޒަފެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް، އެމީހެއްގެ ސިއްހީ ހާލަތު ތަންނުދޭ ކޮންމެ މީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ. މިސަބަބާ ގުޅިގެން ވަޒީފާއިން ވަކިކުރެވޭ މީހުންގެ ތެރެއިން ރިޓަޔަރ ކުރި ކަމަށް ބަލަންވާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ށަރުތު ފުރިހަމަވާ ފަރާތްތައް އެކަންޏެވެ. މީހެއްގެ ސިއްހީ ހާލަތު ހުރި ގޮތުން މުވައްޒަފެއްގެ ވަޒީފާގައި ދެމިހުރުމަށް ތަންނުދޭ ކަމަށް ނިންމާނީ، އޭނާގެ މަސައްކަތަށާއި މެޑިކަލް ހިސްޓްރީއަށް ރިޢާޔަތްކޮށް، އެގްޒެކެޓިވް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ.

 

10 ވަނަ މާއްދާ - ވޮލެންޓްރީ ރިޓަޔަރމަންޓް

(ހ) ވޮލެންޓްރީ ރިޓަޔަރމެންޓަކީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައިވާ މީހުންގެ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ވުމުން، ނުވަތަ މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ މީހުންގެ އުމުރުން 60 (ފަސްދޮޅަސް) އަހަރުވުމަށްފަހު، ނުވަތަ 20 (ވިހި) އަހަރު މުވައްޒަފެއްގެ ގޮތުގައި ހިދުމަތް ކުރުމަށްފަހު އެމީހަކު އަމިއްލަޔަށް އެދިގެން ވަޒީފާއިން ރިޓަޔަރ ވުމެވެ. ވޮލެންޓްރީ ރިޓަޔަރމަންޓް ބޭނުންވާ މުވައްޒަފުންނަށް އެފުރުސަތު، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޭނެއެވެ.

(ށ) ވޮލެންޓްރީ ރިޓަޔަރމަންޓް ބޭނުންވާ މުވައްޒަފުން، އެކަމަށް އެދެންވާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި، ލިޔުމަކުންނެވެ.

(ނ) ވޮލެންޓްރީ ރިޓަޔަމެންޓް ބޭނުންވާ މުވައްޒަފުން، ރިޓަޔަރކުރަން ބޭނުންވާ ތާރީހުގެ މަދުވެގެން 2 (ދޭއް) މަސްދުވަސް ކުރިން އެކަމަށް އެދެންވާނެއެވެ

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތު ކުރު ކުރުމުގެ އިހުތިޔާރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ރިޓަޔަރ ކުރުމަށް ހިތްވަރު ދިނުމާއި އިނާޔަތް ކަނޑައެޅުމުގެ އުސޫލު

(ހ) މުވައްޒަފެއްގެ ތަޢުލީމީ ފެންވަރަށާއި، ވަޒީފާގެ ޤާބިލުކަން ހުރި މިންވަރަށާއި އެމީހެއްގެ ސިއްހީ ހާލަތަށް ރިޢާޔަތްކޮށް، ވަޒީފާއިން ރިޓަޔަރވުމަށް ހިތްވަރުދީ، އެފުރުސަތު ދޭންވާނެއެވެ

(ށ) ވަޒީފާއިން ރިޓަޔަކުރެވޭ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތަކާއި އެލަވަންސްތަކަކީ، ޤާނޫނެއްގައި ނުވަތަ މި ގަވާއިދުގައި ކަ ނޑައެޅިގެން އެހެން ގޮތަކަށް ބަޔާންވެފައި ނުވާހައިހިނދަކު، އެއް އުސޫލަކުން ދެވޭ ޢިނާޔަތްތަކާއި އެލަވަންސް ކަމުގައި ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ރޭންކަށް ކަ ނޑަޅާފައިވާ އުމުރު ހަމަވެގެން ރިޓަޔަރ ކުރުން

ޕްރައިވެޓް ރޭންކުގައި ޖަލު އޮފިސަރަކަށް ހުރެވޭނެ އެންމެ ދޮށީ ޢުމުރަކީ އޭނާގެ އުމުރުން 45 (ސާޅީސް ފަހެއް) އަހަރުވުމާ ހަމައަށެވެ. އެއަށްފަހު، އެމީހަކަށް މަޤާމުގެ ކުރިއެރުން ނުލިބޭނަމަ ވަޒީފާއިން ރިޓަޔަރ ކުރަން ވާނެއެވެ.

 

13 ވަނަ މާއްދާ - ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަޤާމެއްގައި ހުރުމުގެ ސަބަބުން ރިޓަޔަރ ކުރުން

(ހ) އުމުރުން 60 (ފަސްދޮޅަސް) އަހަރު ފުރޭއިރު ކޮމިށަންޑް އޮފިސަރެއްގެ ރޭންކަށް ނުދެވޭ ޖަލު އޮފިސަރުން، ވަޒީފާއިން ރިޓަޔަރ ކުރަން ޖެހޭނެއެވެ

(ށ) މި ސަރވިސްގެ އޮފިސަރުންގެ ރޭންކުތަކުގެ ތެރެއިން އެއްވެސް ރޭންކެއްގައި މުވައްޒަފަކު ހުންނަތާ 10 (ދިހަ) އަހަރުވާއިރު މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ މުއްދަތު ހަމަވެފައިވާ މުވައްޒަފަކަށް، ރިޓަޔަރވުމަށް އެދެވިދާނެއެވެ

(ނ) މުވައްޒަފަކު ވަޒީފާ އަދާކުރާތާ 20 (ވިހި) އަހަރު ވާއިރު، ސަރޖެންޓެއްގެ ރޭންކަށް ނުދެވޭ މުވައްޒަފުން، ވަޒީފާއިން ރިޓަޔަރ ކުރަންޖެހޭނެއެވެ.

 

14 ވަނަ މާއްދާ - ސަސްޕެންށަންގައިވަނިކޮށް ރިޓަޔަރ ކުރުން

ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ މުވައްޒަފެއްގެ މައްޗަށް އުފުލިފައިވާ މައްސަލާގެ ބާވަތަށް ރިޢާޔަތްކޮށް، އެއީ އެހެން މީހެއްގެ ހައްޤަކަށް އުނިކަމެއް ނާންނަ ޒާތުގެ މައްސަލައެއް ކަމުގައިވާނަމަ މި ގަވާއިދުގައިވާ ރިޓަޔަރ ކުރުމުގެ ށަރުތު ފުރިހަމަވާ މުވައްޒަފެއްގެ ރިޓަޔަރމަންޓާމެދު ގޮތެއް ނިންމުމުގެ އިހުތިޔާރު ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ޑިއުޓީ އަދާކުރުމުގައި ލިބޭ އަނިޔާއަކާ ގުޅިގެން ސިއްހީ ހާލަތު ހުރި ގޮތުން ވަޒީފާގައި ދެމި ހުރެވޭ ގޮތް ނުވުން

(ހ) މުވައްޒަފެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި އެމީހަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ނުވަތަ އެފަދަ އަނިޔާއަކާ ގުޅިގެން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނުވެ، އެގޮތަށް ދެމިގެންދާނަމަ ނުވަތަ އިތުރަށް ހާލަތު ގޯސްވަމުންދާ ނަމަ، ނުވަތަ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަކީ މިސަރވިސްގެ ވަޒީފާގެ މަސްޢޫލިއްޔަތު އަދާނުކުރެވޭވަރުގެ މީހެއް ކަމަށް އެގްޒެކެޓިވް ބޯޑުން ކަ ނޑައަޅާ، އޭނާ ރިޓަޔަކުރަން ޖެހޭނެކަމަށް އެބޯޑުން ކަ ނޑައަޅައިފިނަމަ އެފަދައިން ޢަމަލު ކުރެވޭނެއެވެ

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ނިންމުމަށްޓަކައި ތިރީގައިވާ ކަންތައްތަކަށް އެގްޒެކެޓިވް ބޯޑުން ރިޢާޔަތް ކުރަންވާނެއެވެ

  1. އެ މީހެއްގެ މެޑިކަލް ސެޓްފިކެޓްތަކަށާއި ޑޮކްޓަރުގެ ލަފާ؛
  2. އެ މީހަކު އަދާކުރަމުންދާ މަސައްކަތާއި އެމީހަކާ ހަވާލުކުރެވިދާނެ އެހެން މަސައްކަތް؛
  3. އެ މީހާ ވަޒީފާއަށް ބަހައްޓާ އަހައްމިއްޔަތު؛
  4. ސިއްހީ ހާލަތު މެދުވެރިވި ސަބަބު ނުވަތަ ގޮތް.

(ނ) މި މާއްދާގެ ދަށުން ރިޓަޔަރކުރެވޭ މުވައްޒަފުން، މި ގަވާއިދުގެ 7 ވަނަ މާއްދާއިން އިސްތިސްނާވެގެންވެއެވެ

(ރ) ޑިއުޓީ އަދާކުރުމުގެ ތެރޭގައި މުވައްޒަފަކަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވަޒީފާ އަދާކުރުމަށް އޭނާ ނުކުޅެދިގެން ވަޒީފާއިން ރިޓަޔަރ ކުރާއިރު، އޭނާގެ ޢުމުރަށް، އޭނާއަށް ލިބެމުން އައި މުސާރައިގެ %100 (ސަތޭކަ އިންސައްތަ) އަށްވާ ފައިސާ އޭނާއަށް ދޭންވާނެއެވެ. މިއީ މަހަކު އެއްފަހަރު ދެވޭނެ ޢިނާޔަތެކެވެ. މީގެ އިތުރުން، ސިއްހީ ފަރުވާގެ ހަރަދާއި، އަނބިން ނުވަތަ ފިރިމީހާގެ ބޭސްފަރުވާގެ ހަރަދާއި، 18 (އަށާރަ) އަހަރު ނުފުރޭ ދަރިންގެ ބޭސްފަރުވާގެ ހަރަދާއި، ދަރިން، އަނބިން ނުވަތަ ފިރިމީހާ ދިވެހިރާއްޖޭގައި މަރުވެއްޖެނަމަ އެކުއްޖެއްގެ ނުވަތަ އެމީހެއްގެ ޖަނާޒާގެ އިންތިޒާމް ނުވަތަ ހަރަދު މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ހަމަޖައްސައިދޭންވާނެއެވެ

 

16 ވަނަ މާއްދާ - ރިޓަޔަރ ކުރުމުން ދެވޭ އިނާޔަތް

ރިޓަޔަރ ކުރެވޭ މުވައްޒަފަކަށް ތިރީގައިވާ ޢިނާޔަތް ދޭންވާނެއެވެ

(ހ) ރިޓަޔަރ ކުރެވޭ ކޮންމެ މުވައްޒަފަކަށް، އެއްފަހަރާ ގަ ނޑުކޮށް ދެވޭ ފައިސާގެ ޢިނާޔަތެއްގެ ގޮތުގައި، އެމީހަކު ހުރި ރޭންކަށް ކަ ނޑައަޅާފައިވާ މުސާރައާއި ހިދުމަތްކުރި އަހަރު 7  ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދޭން ވާނެއެވެ. ނަމަވެސް، އެމީހަކު ހިދުމަތް ކުރި އަހަރު 30 (ތިރީސް) އަހަރަށްވުރެ އިތުރުވާނަމަ، އެއްފަހަރާ ގަ ނޑުކޮށް ފައިސާ ދިނުމުގައި ބަލާނީ 30 (ތިރީސް) އަހަރަށެވެ

(ށ) މުވައްޒަފެއްގެ ވަޒީފާއިން ރިޓަޔަރކުރާ ކޮންމެ މީހަކަށް މަހުން މަހަށް އޭނާގެ މުޅި އުމުރަށް ދެވޭ ޢިނާޔަތެއްގެ ގޮތުގައި އޭނާ އެންމެފަހުން ހުރި ރޭންކަށް ކަ ނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް، ރިޓަޔަރމަންޓް ޕޭ ގެ ގޮތުގައި ދެވޭނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާ ހިދުމަތުގެ މުއްދަތު ބަލާއިރު، ޤާނޫނު ނަންބަރު 2013/14 )ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ތަޞްދީޤުކުރި ތާރީހު 2013 ޑިސެމްބަރު 23 ވަނަ ދުވަހާ ހަމައަށް މުވައްޒަފެއްގެ ވަޒީފާ ލިބިފައިވާ މީހުން، ހިދުމަތްކޮށްފައިވާ މުއްދަތުގެ އިތުރަށް ސަރުކާރުގެ އެހެން އޮފީހެއްގައި ވަޒީފާ އަދާކޮށް، މެދުނުކެނޑި އޮތްނަމަ އެމުއްދަތު ބެލެވޭނީ، މި ގަވާއިދުގެ މަޤުސަދަށްޓަކައި މުވައްޒަފެއްގެ ވަޒީފާގައި ހުރި މުއްދަތުގެ ގޮތުގައެވެ.

(ރ) ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް މަޤާމު އަދާކޮށްފައިވާ ޖަލު އޮފިސަރަކު ރިޓަޔަރކުރާނަމަ، އެއްފަހަރާ ގަ ނޑުކޮށް ދެވޭ ފައިސާގެ ޢިނާޔަތެއްގެ ގޮތުގައި، އެމީހަކު ހުރި ރޭންކަށް ކަ ނޑައަޅާފައިވާ މުސާރައާއި 30 (ތިރީސް( އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދޭން ވާނެއެވެ

(ބ) ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް މަޤާމު އަދާކޮށްފައިވާ ޖަލު އޮފިސަރަކު ރިޓަޔަރކުރުމުން ރިޓަޔަރމަންޓް ޕޭ ހިސާބުކުރާނީ ރިޓަޔަރކުރިއިރު ހުރި މަޤާމަށް ކަ ނޑައެޅިފައިވާ މުސާރައިގެ %75 (ހަތްދިހަ ފަހެއް އިންސައްތަ) އަކީ އެމީހަކަށް ދޭންވާ ރިޓަޔަރމަންޓް ޕޭގެ ގޮތުގައެވެ

(ޅ) ރިޓަޔަރމަންޓް ޕޭގެ އިންސައްތަ ހިސާބުކުރާނެގޮތް ޖަދުވަލު 1 ގައި އެވަނީއެވެ.

 

17 ވަނަ މާއްދާ - ބޭސްފަރުވާގެ ހިދުމަތް

(ހ) މުވައްޒަފެއްގެ ވަޒީފާއިން ރިޓަޔަރ ކުރާ ކޮންމެ މީހަކަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަ ނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، އެމީހެއްގެ މުޅި ޢުމުރަށް ސިއްހީ ފަރުވާގެ ހިދުމަތް ލިބިދެވޭނެއެވެ. މިގޮތުން، ޢާންމު އުސޫލެއްގެ ގޮތުގައި، މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންވެގެން ނުވާނަމަ، ސިއްހީ ފަރުވާ ހިދުމަތް ހަމަޖައްސައިދޭންވާނީ ރާއްޖެއިންނެވެ

(ށ) ހިދުމަތުގައި 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރުމަށްފަހު ރިޓަޔަރކޮށްފައިވާ މުވައްޒަފުންނަށް ބޭސްފަރުވާގެ ހިދުމަތް ދޭންވާނީ އޭނާގެ މުޅި އުމުރަށް، އޭނާ ރިޓަޔަރ ކުރިއިރު ހުރި ރޭންކުގައި ވަޒީފާގައި ދެމިހުރި މީހެކޭ އެއް އުސޫލުންނެވެ.

(ނ) ރިޓަޔަރ ކޮށްފައިވާ މީހެއްގެ ޢާއިލާގެ މެމްބަރުންނަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެދަށުން ހިންގާ މެޑިކަލް ކްލިނިކް ފަދަ ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިދުމަތް ހޯދިދާނެއެވެ. އަދި، އޭނާގެ ޢާއިލާގެ މެމްބަރުން (މަންމަ، ބައްޕަ، އަނބިން ނުވަތަ ފިރިމީހާއާއި، 18 އަހަރު ނުފުރޭ ދަރިން) އެމީހަކު ނުވަތަ ޢާއިލާގެ ހިނގާ ހަރަދުގެ %50 (ފަންސާސް އިންސައްތަ) އެމީހަކު ނުވަތަ ޢާއިލާގެ ފަރާތުން ދައްކަން ވާނެއެވެ

(ރ) މުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން، މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ރިޓަޔަރކުރާ މީހަކަށް، އޭނާއަށް ވެފައިވާ އަނިޔާއަށް ފުރިހަމަ ފަރުވާއެއް ލިބެންދެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދޭ ހެލްތު އިންށުއަރެންސް ސްކީމަކުން ބޭސްފަރުވާގެ ހިދުމަތް ލިބިދެވޭނެއެވެ. އަދި، އެ އަނިޔާއެއް ރަނގަޅުވުމަށްފަހު އޭނާއަށްވެސް ބޭސްފަރުވާ ދެވޭނީ މި މާއްދާގައި ބަޔާންވެގެންވާ ފަދައިންނެވެ.

 

18 ވަނަ މާއްދާ - މަގާމުގެ ނަން ބޭނުންކުރުން

ކޮމިށަންޑް އޮފިސަރެއްގެ ރޭންކުން ރިޓަޔަރ ކޮށްފައިވާ މުވައްޒަފެއްގެ ނަމުގައި ކުރިއަށް، އޮފިސަރެއްގެ ވަޒީފާގައި އެންމެފަހުން އޭނާ ހުރި ރޭންކް ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. މިގޮތުން ރޭންކުގެ ފަހަތުގައި ބްރެކެޓް ތެރޭ "ރިޓަޔަރޑް" މިލަފުޒު ލިޔެފައި އޮންނަން ވާނެއެވެ.

 

19 ވަނަ މާއްދާ - ޖަލު އޮފިސަރުންގެ ޔުނީފޯމް ބޭނުންކުރުން

(ހ) ހާއްސަ ރަސްމިއްޔާތުތަކުގައި، އެރަސްމިއްޔާތުގައި ބައިވެރިވާ ޖަލު އޮފިސަރުން ބޭނުންކުރުމަށް ހަމަޖައްސާފައިވަނީ ސެރެމޯނިއަލް ޔުނީފޯމް ކަމުގައި ވާނަމަ، ކޮމިށަންޑް އޮފިސަރެއްގެ ރޭންކުން ރިޓަޔަރ ކޮށްފައިވާ މީހަކަށް، ޖަލު އޮފިސަރުންގެ ސެރެމޯނިއަލް ޔުނީފޯމް ބޭނުން ކުރެވިދާނެއެވެ.

(ށ) ރިޓަޔަރ ކުރުމަށްފަހު، މިމާއްދާގެ (ހ) ގައިވާ ހާލަތުގައި ބޭނުންކުރާ ޖަލު އޮފިސަރުންގެ ސެރެމޯނިއަލް ޔުނީފޯމް ފިޔަވައި، އިތުރު އެހެން އެއްވެސް ޔުނީފޯމެއް އެއްވެސް މީހަކު ބޭނުންކުރުމަކީ މަނާ ކަމެކެވެ

(ނ) ޖަލު އޮފިސަރުންގެ ސެރެމޯނިއަލް ޔުނީފޯމަށް ގެނެވޭ ބަދަލަކާ ގުޅިގެން ރިޓަޔަރކޮށްފައިވާ ފަރާތްތަކަށް އައު ޔުނީފޯމް ދޫކުރުމަށް މި ގަވާއިދު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލާޒިމެއް ނުކުރެއެވެ. ނަމަވެސް، ކޮމިށަންޑް އޮފިސަރެއްގެ ރޭންކުން ރިޓަޔަރކޮށްފައިވާ މީހުންނަށް، އެމީހުން ބޭނުންވާނަމަ ނުވަތަ ޔުނީފޯމް ބައުވެފައިވާނަމަ، ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު، އައު ސެރެމޯނިއަލް ޔުނީފޯމެއް ދޫކުރަންވާނެއެވެ

 

20 ވަނަ މާއްދާ - ށަރަފުގެ ނިށާން ބޭނުންކުރުން

ޖަލު އޮފިސަރަކަށް ލިބިފައިވާ ށަރަފުގެ ނިށާން، އޭނާ ރިޓަޔަރވުމަށްފަހު ވެސް އެކި މުނާސަބަތްތަކުގައި ބޭނުން ކުރެވިދާނެއެވެ. ށަރަފުގެ ނިށާން ބޭނުން ކުރަންވާނީ އެކަމަށް ކަ ނޑައަޅާފައިވާ އުސޫލާ އެއްގޮތަށްވެ

 

21 ވަނަ މާއްދާ - ހަފްލާތަކުގައި ބައިވެރިވުން

(ހ) ޖަލު އޮފިސަރުންގެ ތެރެއިން ކޮމިށަންޑު އޮފިސަރުންނަށް ބާއްވާ ހާއްސަ ހަފްލާތަކުގައި ބައިވެރިވުމަށް، ކޮމިށަންޑް އޮފިސަރެއްގެ މަޤާމުގައި ހުރެ ރިޓަޔަރކުރާ ޖަލު އޮފިސަރުންނަށް ދަޢުވަތު ދެވިދާނެއެވެ

(ށ) ރިޓަޔަރ ކޮށްފައިވާ ޖަލު އޮފިސަރުންނަށް ހާއްސަވެގެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހާއްސަ ހަފްލާތައް ބޭއްވުމަށް މި ގަވާއިދު ހުއްދަ ކުރެއެވެ.

 

22 ވަނަ މާއްދާ - ވެލްފެއަރ ފަންޑުގައި ބައިވެރިވުން

މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަ ނޑައަޅާ އުސޫލުގެ ތެރެއިން، ރިޓަޔަރކުރާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ވެލްފެއަރ ފަންޑުގައި ބައިވެރިވެވިދާނެއެވެ.

 

23 ވަނަ މާއްދާ - އަލުން ވަޒީފާއަށް ވަނުން

(ހ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވެގެން ނުވަތަ 20 (ވިހި) އަހަރަށް ހިދުމަތް ކުރުމަށްފަހު ވަޒީފާއިން ރިޓަޔަރ ކޮށްފައިވާ އެއްވެސް މީހަކަށް އަލުން ޖަލު އޮފިސަރެއްގެ ވަޒީފާއެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މީހަކަށް، ޖަލު އޮފިސަރެއްގެ ވަޒީފާ ފިޔަވައި، ޤާނޫނާއި ގަވާއިދު ތަންދޭނަމަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެހެން ވަޒީފާއެއް ދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

24 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕްރިޒަންސް

(ހ) ކޮމިށަނަރ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް އަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ދެ މަޤާމު ކަމުގައިވާތީ، އެމަޤާމުގައި ހުރި ޖަލު އޮފިސަރަކު ރިޓަޔަރކުރަން ބޭނުންވެއްޖެނަމަ، އެކަން ހުށަހަޅާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.

(ށ) ކޮމިށަނަރ އޮފް ޕްރިޒަންސް އަދި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުރި ޖަލު އޮފިސަރަކު، ޤާނޫނީ ގޮތުން ކުށްވެރިނުވެ، މަޤާމުން ވަކިކުރުން ނުވަތަ މަޤާމުން އިސްތިޢުފާ ދިނުން، މި ދެސަބަބުގެ ތެރެއިން ސަބަބަކާ ގުޅިގެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުން ވަކިވެއްޖެނަމަ، އެމީހަކާމެދު ޢަމަލުކުރަންވާނީ ރިޓަޔަރކޮށްފައިވާ ކޮމިށަންޑް އޮފިސަރެއްގެ ގޮތުގައެވެ. އަދި، މިފަދަ މީހަކަށް، މި ގަވާއިދުގެ 16 ވަނަ މާއްދާއާ އެއްގޮތަށް، ޢިނާޔަތްތައް ދިނުމުގެ އިތުރުން، މި ގަވާއިދުގައި ކޮމިށަންޑް އޮފިސަރަކަށް ލިބިގެންވާ އެންމެހައި އެހެނިހެން ޢިނާޔަތްތައް ލިބިދޭންވާނެއެވެ.

(ނ) ކޮމިށަނަރ އޮފް ޕްރިޒަންސް އަދި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ މަޤާމުން ރިޓަޔަރ ކުރުމަށްފަހު، އެފަރާތަކުން އެހެން ގޮތަކަށް ބޭނުން ނުވާހައިހިނދަކު، އެފަރާތްތައް ދިވެހިރާއްޖޭގައި އުޅޭއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާފަދައިން ރިޓަޔަރ ކުރާ ފަރާތްތައް، އެހެން ވަޒީފާއަކަށް ނުދާހާ ހިނދަކު، އެމީހަކާއި އެމީހެއްގެ އަނބިން ނުވަތަ ފިރިމީހާގެ ބޭސްފަރުވާގެ ކަންތައް ހަމަޖެއްސުމަށް، ޕްރިމިއަމް އިންށުއަރެންސް ޕެކޭޖެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން އެފަރާތްތަކަށް ހަމަޖައްސައިދޭންވާނެއެވެ. އަދި، މިފަދަ މީހަކަށް އެހެން 10 ވަޒީފާއެއް ލިބުމުން، އެކަން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމަކުން އަންގަންވާނެއެވެ. މިމުއްދަތު ތެރޭގައި، އެމީހަކު އެކަން ނާންގައި އޮވެއްޖެނަމަ އެމީހަކަށް ހަމަޖައްސައިދީފައިވާ މެޑިކަލް އިންށުއަރެންސްގެ ފުރުސަތު އިތުރަށް ނުދިނުމުގެ އިހުތިޔާރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ރިޓަޔަރކުރުމަށްފަހު ފިޓްނެސް ސެންޓަރގެ ބޭނުންކުރުން

ރިޓަޔަރ ކޮށްފައިވާ މީހަކަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފިޓްނަސް ސެންޓަރ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ އުސޫލެއް ނުވަތަ ތާވަލަކާ އެއްގޮތަށް ބޭނުންކުރެވިދާނެއެވެ.

 

26 ވަނަ މާއްދާ - މަހުން މަހަށް ދެވޭ ޢިނާޔަތް ހިސާބުކުރުން

މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން، މަހުން މަހަށް ދެވޭ ޢިނާޔަތް ދިނުމުގައި ބެލެވޭނީ އެއިރަކު އެ މުވައްޒަފަކަށް ހަމަޖައްސާފައިވާ މުސާރައަށެވެ.

 

27 ވަނަ މާއްދާ - މުއްދަތު ބަލާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން އުމުރާއި މުއްދަތު ކަ ނޑައަޅަންޖެހޭ ހާލަތްތަކުގައި ޢަމަލު ކުރަންވާނީ މީލާދީ ތާރީހަށެވެ. އަދި، ހިދުމަތްކޮށްފައިވާ މުއްދަތުގެ އަހަރަކަށްވުރެ ކުރުނަމަވެސް 6 (ހައެއް) މަސް ނުވަތަ އެއްއަހަރު ކަމުގައި ބަލަންވާނެއެވެ.

(ށ) އެއްވެސް އެހެން މުއައްސަސާއެއްގައި ނުވަތަ އޮފީހެއްގައި ވަކި މުއްދަތަކަށް މަސައްކަތްކުރުމުގެ ސަބަބުން، އެމުއައްސަސާއަކުން ނުވަތަ އޮފީހަކުން ރިޓަޔަރ ނުވަތަ މުސްކުޅިކަމުގެ ދަރަޖަ ދީ، ވަކި ޢިނާޔަތްތަކެއް ހަމަޖައްސާފައިވާ މީހަކު ރިޓަޔަރ ކުރާއިރު، އޭނާގެ ކުރީގެ ވަޒީފާގެ މުއްދަތު ގުޅުވާފައި އޮތް ކަމުގައި ވީނަމަވެސް، މި ގަވާއިދަށް ޢަމަލުކުރުމުގައި އެމުއްދަތު ނުގުނޭނެއެވެ.

 

28 ވަނަ މާއްދާ - ރިޓަޔަރމަންޓް ކާޑު

(ހ) ރިޓަޔަރ ކުރާ މުވައްޒަފުންނަށް މޯލްޑިސް ކަރެކްށަނަލް ސަރވިސް އިން ރިޓަޔަރމަންޓް ކާޑުގެ ނަމުގައި ހާއްޞާ އައިޑެންޓިޓީ ކާޑެއް ދޫކުރަން ވާނެއެވެ.

(ށ) ރިޓަޔަރމަންޓް ކާޑަކީ މޯލްޑިވެސް ކަރެކްށަނަލް ސަރވިސްއިން ހިދުމަތް ލިބިގަތުމަށާއި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާއެކު ކުރަންޖެހޭ މުޢާމަލާތް ފަސޭހަކަމާއެކު ކުރުމަށް ދޫކުރެވޭ ކާޑަކަށްވާތީ މިނޫން ބޭނުމަކަށް މިކާޑު ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ރިޓަޔަރ ކުރެވިފައިވާ ފަރާތް މަރުވުމުން، އޭނާއަށް ދޫކޮށްފައިވާ ރިޓަޔަރމަންޓް ކާޑު، އޭނާގެ ވާރިސުން ނުވަތަ ބަލަދުވެރިން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއާ ހަވާލު ކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - ދިރިއުޅުމަށް ގަސްތުކުރާ މަންޒިލަށް ދިއުމުގެ ހަރަދު ދިނުން

ރިޓަޔަރކޮށްފައިވާ ކޮންމެ މުވައްޒަފަކަށް މުވައްޒަފަކު ދިރިއުޅެން ގަސްތުކުރާ މަންޒިލަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަވަށެއްނަމަ، އެ މަންޒިލަކަށް ދިއުމަށް ކުރާ ފުރަތަމަ ދަތުރުގެ ޕެސެޖް ފީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ދޭންވާނެއެވެ. ޕެސެޖް ފީ ދެވޭނީ ރިޓަޔަރ ކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މަންޒިލަކަށް ދިއުމަށް ދަތުރު ފަށާނަމައެވެ.

 

30 ވަނަ މާއްދާ - މުވައްޒަފަކަށް ހަމަޖައްސައިދެވިފައިވާ ބޯހިޔާވަހިކަން

މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ ޢާއިލާ، އޭނާ އަދާކުރަމުންދާ މަޤާމުގެ ހައިސިއްޔަތުން ނޫން ގޮތަކަށް، ދޫކޮށްފައިވާ ތަން (ހިޔާވަހިކަން)، ރިޓަޔަރ ކުރުމަށްފަހު އެހެން ތަނެއް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތެއް ދެވިދާނެއެވެ.

 

31 ވަނަ މާއްދާ - ރިޓަޔަރ ކުރުމަށްފަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަށް ވަނުން

(ހ) ޢާންމު ހާލަތްތަކުގައި، ޢާންމު ރައްޔިތުން ވަނުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދާއި، ރިޓަޔަރ ކޮށްފައިވާ މީހުން ވަނުމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުއްދަކޮށްފައިވާ ސަރަހައްދުތަކަށް މެނުވީ އެހެން ސަރަހައްދުތަކަށް ރިޓަޔަރ ކޮށްފައިވާ މީހުންނަށް ވަދެގެން ނުވާނެއެވެ.

(ށ) ރިޓަޔަރކޮށްފައިވާ މީހުންނަށް، ވަކި މުނާސަބަތަކާ ގުޅިގެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަކި ސަރަހައްދަކަށް ވަނުމަށް ހުއްދަކުރެވޭ ހާލަތްތަކުގައި އެފަދަ ސަރަހައްދަށްވެސް ވަދެނިކުމެ އުޅެންވާނީ އެކަމަކަށް ކަ ނޑައަޅާ އުސޫލާ އެއްގޮތަށެވެ.

(ނ) ރިޓަޔަރކޮށްފައިވާ މީހުންނަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ސަރަހައްދުތަކުގައިވާ ފިހާރަތައް ހުންނަ ސަރަހައްދަށް، އެކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަ ނޑައަޅާ އުސޫލާ އެއްގޮތަށް ވަދެނިކުމެ އުޅެވޭނެއެވެ.

 

32 ވަނަ މާއްދާ - ރިޓަޔަރމަންޓްގެ ށަރަފު

(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ހިދުމަތުން ރިޓަޔަރކޮށްފައިވާ މުވައްޒަފަކު، ދިވެހި ދައުލަތުން ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ފަދަ ޢަމަލެއްގައި ބައިވެރިވިކަމަށް ށަރީޢަތަށް ސާބިތުވެއްޖެނެމަ، ނުވަތަ އެއްވެސް ޖިނާޢީ ކުށެއް ށަރީޢަތަށް ސާބިތުވެގެން ޖަލު ހުކުމެއް ކޮށްފިނަމަ، އެމީހަކަށް ދެވިފައިވާ ރިޓަޔަރމަންޓްގެ ށަރަފު ނިގުޅައިގަނެވޭނެއެވެ.

(ށ) ރިޓަޔަރމަންޓްގެ ށަރަފު ނިގުޅައިގަތުމުން، އެ މީހަކަށް މި ގަވާއިދުގެ ދަށުން ލިބެމުންއައި އެންމެހައި ޢިނާޔަތްތަކުން މަހްރޫމް ކުރެވޭނެއެވެ.

(ނ) އެއްވެސް މީހަކަށް ލިބިދީފައިވާ ރިޓަޔަރމަންޓްގެ ށަރަފު ނިގުޅައިގަނެވިއްޖެނަމަ އެކަން ލަސްނުކޮށް އިޢުލާން ކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ބަހުގެ މާނަ

(ހ) މި ގަވާއިދުގައި "އެގްޒެކެޓިވް ބޯޑު" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނަރ އޮފް ޕްރިޒަންސްއަށް ލަފާ އެރުވުމަށް، ޕްރިޒަން އޮފިސަރުންގެ އިސް އޮފިސަރުން ށާމިލުކޮށްގެން ކޮމިށަނަރ އޮފް ޕްރިޒަންސް އެކުލަވައިލާފައިވާ ބޯޑަށެވެ.

(ށ) މި ގަވާއިދުގައި "ކޮމިށަންޑް އޮފިސަރަކު" ކަމުގައި ބުނެފައި އެވަނީ، ލެފްޓިނެންޓް އޮފް ޕްރިޒަންސްއިން ފެށިގެން މަތީ ރޭންކުގެ ޕްރިޒަން އޮފިސަރުންނަށެވެ.

(ނ) މި ގަވާއިދުގައި "ރިޓަޔަރމަންޓް ޕޭ" ކަމަށް ބުނެފައި އެވަނީ، ރިޓަޔަރ ކުރާ ދުވަހުން 12  ފެށިގެން އެމީހަކަށް މަހުން މަހަށް ދެވޭ ފައިސާއަށެވެ.

(ރ) މި ގަވާއިދުގައި "މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޖަލު އޮފިސަރުންނާއި، މުވައްޒަފުންނެވެ.

  

 

ޖަދުވަލު 1

ހުދުމަތް ކުރި އަހަރު

ގުނަކުރާ އަދަދު

މުސާރައިގެ އިންސައްތަ

20

2.5

50

21

2.5

52.5

22

2.5

55

23

2.5

57.5

24

2.5

60

25

2.5

62.5

26

2.5

65

27

2.5

67.5

28

2.5

70

29

2.5

72.5

30

2.5

75

 

މި ގަވާއިދަށް ގެނެވިފައިވާ އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު