ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު
(ގަވާއިދު ނަންބަރު 223/2015)
1 ވަނަ މާއްދާ - ތައާރުފު
މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (24) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވާލެވިފައިވާ ހުކުމް ތަންފީޒުކުރާ މީހުންނާމެދު އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދެވެ.
2 ވަނަ މާއްދާ - ގަވާއިދު ނަން
މި ގަވާއިދަށް ކިޔާނީ "ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ދިނުމުގައާއި ސިއްހީ ފަރުވާއަށް ޖަލުން ބޭރަށް ނެރެން ޖެހިއްޖެ ހިނދެއްގައި ކަންކުރަންވީ ގޮތުގެ އުސޫލުތައް އަންގައިދިނުމެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިންެނެވެ.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން
5. މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
6 ވަނަ މާއްދާ - މެޑިކަލް އެސެސްމެންޓް ހެދުން
(ހ) ކޮންމެ ގައިދީއަކު އަދި ބަންދުމީހަކުވެސް ޖަލުގައި ބަންދުކުރުމުގެ ކުރިން މެޑިކަލް އޮފިސަރު ނުވަތަ އޭނާ ކަނޑައަޅާ ނަރުހެއް، އެ ގައިދީއެއްގެ ނުވަތަ އެ ބަންދުމީހެއްގެ މެޑިކަލް އެސެސްމެންޓެއް ހަދަންވާނެެއެވެ.
(ށ) މިމާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމެންޓް ހަދަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމަށްޓަކައެވެ.
- ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށާއި؛
- އެމީހަކަށް ބޭނުންވަނީ ކޮންކަހަލަ ފަރުވާއެއްތޯ ބެލުމަށާއި؛
- ގައިން ގަޔަށްއަރާ ބައްޔެއް އެމީހެއްގެ ހުރުމުގެ ސަބަބުން އޭނާ އެކަހެރިކުރުން މުހިއްމުތޯ ބެލުމަށާއި؛
- ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއްގެ ސަބަބުން ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިވެދާނެކަމެއް ހުރިތޯ ބެލުމަށާއި؛ އަދި
- އެމީހަކު މަސައްކަތްކުރުމަށް ޖިސްމާނީ ގޮތުން ތަންދޭތޯ ބެލުމަށެވެ.
7 ވަނަ މާއްދާ - ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ބޭސްފަރުވާ ކުރުން.
(ހ) ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން މީހަކު ބަލިވެއްޖެނަމަ، ޑޮކްޓަރުން ތިބި ޖަލެއްގައިނަމަ، ފުރަތަމަ އެމީހަކު ޑޮކްޓަރަށް ދައްކައި ފަރުވާދޭނީ، އެ ޖަލެއްގައި ގާއިމުކުރެވިފައިވާ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުންނެވެ. އިތުރަށް ފަރުވާދިނުމަށް ޖަލުގެ ޑޮކްޓަރަށް ފެންނަނަމަ ފަރުވާ ދިނުމަށް ހަމަޖައްސާނީ ރާއްޖޭގައި ގާއިމު ކުރެވިފައިވާ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުންނެވެ. އެފަދަ ތަނަކުން ދެވެންނެތް ހިދުމަތެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި މޯލްޑިވްސް ކަރެކްށަަނަލް ސަރވިސްއިން ހަމަޖައްސާ އުސޫލެއްގެ ދަށުން ސިއްހަތާބެހޭ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ކްލިނިކް، ހޮސްޕިޓަލް ނުވަތަ ސެންޓަރަކުން އެ ހިދުމަތެއް ހޯދިދާނެއެވެ.
(ށ) ގައިދީންނަށް ނުވަތަ ބަންދުމީހުންނަށް ސިއްހީ ފަރުވާގެ ހިދުމަތް ދެވޭނީ ސަރުކާރުގެ ހެލްތް އިންށުއަރެންސް ސްކީމުގެ ދަށުންނެވެ. ނުވަތަ އެމީހެއްގެ އަމިއްލަ ނުވަތަ އެމީހެއްގެ އާއިލާގެ ހަރަދުގައެވެ.
(ނ) ރާއްޖެއިން ފަރުވާ ދެވެން ނެތް ހާލަތެއް މެދުވެރިވެގެން ޑޮކްޓަރު އިރުށާދު ދީފިަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ދިއުމުގެ އަމަލު ކުރާނީ "ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
8 ވަނަ މާއްދާ - ގައިދީއަކު ނުވަތަ ބަންދުމީހަކު މަރުވެއްޖެނަމަ ނުވަތަ ބޮޑު އަނިޔާއެއް ވެއްޖެނަމަ އަމަލުކުރާނެ ގޮތް
(ހ) ޖަލުގައި މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
- ނުރައްކާތެރި އަނިޔާއެއް ވެއްޖެނަމަ، ވަގުތުން އެމީހަކު ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކައި ފަރުވާދިނުމާއި ޖަލުގެ މެޑިކަލް ސެންޓަރުން ދެވެން ނެތް އިތުރު ފަރުވާއެއް ދޭންޖެހޭނަަމަ، އެ ފަރުވާއެއް ލިބެން ހުރި ތަނަަކަށް ގެންގޮސްގެން ފަރުވާދިނުން؛
- މަރުވެއްޖެނަމަ، ވަގުތުން ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކައި، މެޑިކަލް އެގްޒެމިނޭށަނެއް ހެދުމާއެކު، އަދި މަރު ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކުރުމާއިއެކު، އެފަރާތުގެ ލަފަޔާއި އިރުށާދުގެ ދަށުން މެނުވީ މަރުވެފައިވާ މައްޔިޔާގެ ހަށިގަނޑު ވަޅުނުލުން؛
- މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް މީހަކަށް ލިބިއްޖެނަމަ ވަގުތުން ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށާއި މިނިސްޓަރަށް ޑައިރެކްޓަރ އޮފް ޕްރިޒަން އެންގުން؛
- މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް މީހަކަށް ލިބިއްޖެނަމަ އެކަން ހިނގިގޮތެއް ބަލައި ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި މިނިސްޓަރަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމެނޭ ފުރިހަމަ ރިޕޯޓެއް ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހެޅުން؛
(ހ) މަރުވީ ނުވަތަ އަނިޔާ ލިބުނު މީހާގެ ކިބައިގައި ބައްޔެއް ހުރިކަމަށް ކުރިން ފާހަގަކުރެވިފައިވާނަމަ، އެކަމުގެ ތަފްސީލާއި ދެބިފައިވާ ފަރުވާއާއި ފަރުވާކުރި ތާރީހުތައް؛(ށ) މަރުވި ދުވަހު ނުވަތަ އަނިޔާ ލިބުނު ދުވަހު ކަންހިނގައިދިޔަ ގޮތް؛
(ނ) އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނުނަމަ، އެކަން ކުރެވުނު ދުވަހާއި ގަޑި؛
(ރ) ބަލީގެ ނިށާންތައް ނުވަތަ ލިބިފައިވާ އަނިޔާގެ ތަފްސީލު؛
(ބ) އޭނާ މަރުވިކަމަށް މެޑިކަލް އޮފިސަރު ބަޔާންކުރާ ސަބަބު؛
(ޅ) މަރުވި ދުވަހާއި ވަގުތު އަދި އޭނާ މަރުވުމަށްފަހު އޮތް ހާލަތާއި އަދި އެނޫންވެސް އެފަދަ ރިޕޯޓެއްގައި ހިމަނަން މެޑިކަލް އޮފިސަރަށް ފެންނަ ކަންތައްތައް؛
(ކ) އޭނާ މަރުވާން ނުވަތަ އޭނާއަށް އަނިޔާވާން ދިމާވި ސަބަބުތައް ކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެންނަ ކަންތައްތައް. - މީހަކު މަރުވީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ، އެކަން ހިނގި ވަގުތުން ފެށިގެން ގިނަގެވެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ދައުލަތުގެ މިނިވަން މުއައްސަސާއަކަށް އެކަން ހިނގިގޮތުގެ މަައުލޫމާތު ދިނުމާއެކު އެކަން ބެލުމަށް ދައުވަތުދިނުން؛
- މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބުނީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
- މާރާމާރީއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއްވެއްޖެނަމަ، އެކަމާގުޅިގެން ޖަލުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.
(ށ) ޖަލުގައި މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް ވެއްޖެނަމަ، އެމީހަކު ކަނޑައަޅާފައިވާ ޒިންމާދާރު ބަލަދުވެރިޔާއަށް އެކަމުގެ މައުލޫމާތު ވަގުތުން ދޭންވާނެއެވެ.
(ނ) މަރުވީ ބިދޭސީއެއްނަމަ އެމީހަކު ނިސްބަތްވާ ގައުމެއްގެ އެމްބަސީ، ހައިކޮމިށަން، ނުވަތ ޑިޕްލޮމެޓިކް ކޮންސިއުލޭޓަށް އޭނާ މަރުވިކަން އެންގުމުން އެފަރާތުން އަންގާ ގޮތެއްގެ މަތިން އަމަލުކުރަންވާނެއެވެ. އެމްބަސީން ނުވަތަ ހައިކޮމިށަނުން ނުވަތަ ކޮންސިއުލޭޓުން އަންގާގޮތަށް އަމަލުކުރުމަށް ހަރަދެއް ހިނގާނަމަ އެ ހަރަދެއް ކުރަންޖެހޭނީ އެފަރާތަކުންނެވެ. މިފަދަ ތަނަކުން ހަވާލުނުވާ މީހުންނާއި މިފަދަ ތަނެއް ދިވެހިރާއްޖޭގައި ނެތް ގައުމެއްގެ މީހެއްނަމަ މަރުވި މީހާގެ އާއިލާއަށް އެކަން އެންގުމަށް މަސައްކަތްކުރަންވާނެއެވެ. އާއިލާއަށް އެކަން އެންގިއްޖެނަމަ އެފަރާތަކުން އެދޭގޮތެއްގެ މަތިން އަމަލުކުރެވޭނެއެވެ. އެފަރާތަކުން އެދޭގޮތަށް އަމަލުކުރުމަށް ހަރަދެއް ހިނގާނަމަ އެ ހަރަދެއް ކުރަން ޖެހޭނީ އެފަރާތަކުންނެވެ. 24 (ސައުވީސް) ގަޑިއިރު ތެރޭގައި މައްޔިތާއާ ހަވާލުވާނެ ފަރާތެއް ނުވެއްޖެނަމަ އަމަލުކުރާނީ ކޮމިށަނަރ އޮފް ޕްރިޒަންސް އަންގާ ގޮތެއްެ މަތިންނެވެ.
(ރ) މައްޔިތާގެ ހަށިގަނޑު ސްކްރީން ކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ ދަށުން މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރަންވާނެއެވެ. އަދި އާއިލާއިން މައްޔިތާގެ ހަށިގަނޑާ ހަވާލުވުމަށްފަހު އެމީހެއްގެ ކަށުކަމާކެމީގެ އެންމެހައި ކަންތައް ކުރިޔަށް ގެންދިއުމަކީ އާއިލާގެ ޒިންމާއެއްކަން އާއިލާއަށް އަންގަންވާނެއެވެ. އާއިލާއިން މައްޔިތާގެ ހަށިގަނޑާ ހަވާލުނުވެއްޖެ ހިނދެއްގައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުން، ދިވެހި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ހާޒިރުގައި ސަހަރާއަށް ގެންގޮސް ކަށުކަމާކެމީގެ ކަންތައްތައް ކުރިޔަށް ގެންދަންވާނެއެވެ.
(ބ) މަރުވިމީހާގެ އާއިލާއިން، ހާދިސާރިޕޯޓުގެ ކޮޕީ، މަރުފޯމުގެ ކޮޕީ، މަރު ސާބިތުކުރި ޑޮކްޓަރުގެ މެޑިކަލް ލިޔުމުގެ ކޮޕީ އަދި މެޑިކަލް ފައިލް ބޭނުންވެގެން ގާނޫނު ނަންބަރު: 2014/1 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން މައުލޫމާތު ހޯދަންއެދޭ ފޯމު ފުރިހަމަކުރުމަށްފަހު މޯލްޑިވްސް ކަރެކްށަަނަލް ސަރވިސްއަށް ހުށަހެޅުމުން، އެ ލިޔުންތަކުގެ ކޮޕީ، އާއިލާއަށް ލިބޭނޭގޮތް ހަމަޖައްސައި ދޭންވާނެއެވެ.
(ޅ) ހުކުމް ތަންފީޒުކުރުމަށް ގޭބަންދުގައި، ނުވަތަ އަރުވާލާފައި ވަނިކޮށް ނުވަތަ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި މަރުވެއްޖެނަމަ އެކަން ބަޔާންކޮށް އެމީހެއްގެ އާއިލާގެ ފަރާތުން ސިޓީއެއް ( މަރުފޯމުގެ ކޮޕީއާއި ޕޮލިސް ރިޕޯޓާއެކު) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް ހުށަހަޅަން ޖެހޭނެއެވެ.
9 ވަނަ މާއްދާ - މެޑިކަލް ބޯޑު
(ހ) މެޑިކަލް ބޯޑު އެކުލަވާލާނީ އެވަގުތެއްގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އަށް ޒިންމާވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ މިނިސްޓަރެވެ. މިބޯޑުގައި ހިމެނޭނީ 7 (ހަތެއް) މެންބަރުންނެވެ. މެންބަރުން ކަނޑައަޅަންވާނީ ތިރީގައިވާ ގޮތަށެވެ.
- މިނިސްޓްރީ އޮފް ހެލްތް އިން ކަނޑައަޅާ 2 (ދޭއް) މެޑިކަލް އޮފިސަރެއް؛
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2 (ދޭއް) އޮފިސަރުން؛
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކަމިށަންޑު 3 (ތިނެއް) އޮފިސަރުން.
(ށ) މެޑިކަލް ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ މެޑިކަލް އޮފިސަރަކު ހިމެނޭ ގޮތަށް މަދުވެގެން 5 (ފަހެއް) މެންބަރުންގެ ހާޒިރީއެއް އޮވެގެންނެވެ.
(ނ) މެޑިކަލް ބޯޑަށް ހުށަހެޅޭ މައްސަލަތަކާމެދު ވާހަކަ ދެއްކުމުގެ ފުރުސަތާއި އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ގޮތް ނިންމުމުގެ އިހްތިޔާރު ކޮންމެ މެންބަރަކަށްވެސް ލިބިގެންވެއެވެ. އަދި ބޯޑުން މައްސަލައެއް ނިންމަންވާނީ ހާޒިރުވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.
10 ވަނަ މާއްދާ - މެޑިކަލް ބޯޑުގެ ސެކްރެޓޭރިއަޓް
(ހ) މެޑިކަލް ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ އެވަގުތަކު ބޯޑުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމަށް ކޮމިށަނަރ ހަމަޖައްސާ ސެކްށަނަކުންނެވެ.
(ށ) މެޑިކަލް ބޯޑުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުމާ ހަވާލުވާ ސެކްށަނަކުން ތިރީގައިބަޔާން ކޮށްފައިވާ ކަންކަން ކުރަންވާނެއެވެ.
- ބައްދަލުވުން ބާއްވާނެ ދުވަހާއި ވަގުތު ހަމަޖެއްސުމަށްފަހު، ބައްދަލުވުން ބޭއްވުމުގެ 1 (އެކެއް) ގަޑިއިރު ކުރިން ބޯޑުގެ މެންބަރުންނަސް އަންގަންވާނެއެވެ.
- ބައްދަލުވުމުގެ އެޖެންޑާ އަދިި ހާޒިރީ ތައްޔާރުކޮށް ބައްދަލުވުން ބޭވުމަށްޓަކައި ބައްދަލުވުން ބާއްވާނެ ތަން ތައްޔާރުކުރަންވާނެއެވެ.
- އެޖެންޑާ ކުރެވިފައިވާ މައްސަލަތައް ބޯޑަށް ހުށަހަޅައި، މެންބަރުންގެ ނިންމެވުމާއި އެއްގޮތަށް ފޯމް ފުރިހަަމަކޮށް މެންބަރުންލައްވައި ސޮއި ކުރުވަންވާނެއެވެ.
- މެންބަރުން ނިންމަވާފައިވާ ނިންމެވުން ކޮމިށަނަރ އޮފް ޕްރިޒަންސް އެންޑޯޒް ކުރެއްވުމަށްޓަކައި ކޮމިށަނަރަށް ހުށަހަޅައި، ކޮމިށަނަރގެ ސޮއި ހޯދަންވާނެއެެެވެ.
- މެޑިކަލް ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ރިކޯޑްތައް ބަލަހައްޓަންވާނެއެވެ.
11 ވަނަ މާއްދާ - މެޑިކަލް ބޯޑުގެ މަސްއޫލިއްޔަތުތައް
(ހ) ހުުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ބަަންދުމީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި އެކަމަށް ގޮތް ނިންމުން؛
(ށ) ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ބަންދުމީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވޭ މީހުންގެ ފަރުވާގެ ކަންތައްތައް ރިވިއުކޮށް ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ލަފާއެރުވުމެވެ.
(ނ) ތިރީގައިވާ ކަންކަމަށް ރިއާޔަތްކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްފޮނުވާ މީހުންގެ މުއްދަތު ކަނޑައަޅަންވާނެއެވެ.
- ބޭސްފަރުވާއަށް ހިނގާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ މުއްދަތު؛
- ބޭސްފަރުވާއަށް ދާ ބަލީގެ ބާވަތް؛
- ބޭސްފަރުވާގެ ހަރަދު ހަމަޖައްސަން ނިންމާފައިވާ ގޮތް.
(ރ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްފޮނުވާ ފަރާތްތަކުގެ މުއްދަތު، ފޮނުވިފައިވާ ފަރާތުން ތިރީގައިބަޔާން ކޮށްފައިވާ ލިޔުންތައް ހުށަހެޅުމުން ފޮނުވިފައިވާ މުއްދަތު ހަމަވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެފަރާތެއްގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއްނިންމަންވާނެއެވެ.
- ބޭސްފަރުވާގެ މުއްދަތު ނުނިމޭކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން؛
- އެޑްމިޓް ކޮށްފައިވާކަން އެނގޭނެ ފަދަ ކޮންސިއުލޭޓަރގެ ލިޔުން؛
- ބޭސް ފަރުވާގެ މުއްދަތު ނިމޭނެ ކަމަށް ޑޮކްޓަރ ބުނާބުނުން؛
- ބަލިހާލަތު ހުރިގޮތް އަންގައިދޭ ލިޔުން؛
- ބޭސްފަރުވާ ކުރި ގޮތުގެ ތަފްސީލް.
12 ވަނަ މާއްދާ - ސިއްހީ ނުރައްކަލަކައްޓަކައި ގައިދީން ނުވަތަ ބަންދުމީހުން ޖަލު ނޫން އެހެންތަނަކަށް ބަދަލުކުރުން.
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެޑިކަލް އޮފިސަރަށް ފާހަގަކުރެވިއްޖެނަމަ އެކަމެއް ލިޔުމުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.
- ޖަލުގައި ހުކުމް ތަންފީޒު ކުރުމަށް ނުކުޅެދޭފަދަ ބައްޔެއް ހުރުން؛
- ރަނގަޅުވާނެކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން؛
- ގައިންގަޔަށް އަރާ ބައްޔެއް ހުރުން.
(ށ) މި މާއްދާގެ (ހ) ގައި ވާގޮތަށް މެޑިކަލް އޮފިސަރު އަންގާ އެންގުންތަކަށް ބަލާފައި އެ އެންގި މައްސަލައެއް ހައްލުވަންދެން ގައިދީއަކު ޖަލުން އެހެންތަނަކަށް ބަދަލުކުރުމަށް ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެ މަތިން ކޮމިށަނަރަށް ލިއުމަކުން ހުއްދަ ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ސިއްހީ ނުރައްކަލަށްޓަކައި ޖަލު ނޫން އެހެންތަނަކަށް ބަދަލުކުރެވޭ މީހުން، ފަރުވާ ނިމުމުން ނުވަތަ އެބައްޔެއް ރަނގަޅުވުމުން އެމީހަކު ޖަލުގައި ގެންގުޅޭނެފަދަ ހާލަތަކަށް އައުމުން، އެމީހަކު އަނބުރާ ޖަަލަށް ގެންނަންވާނެއެވެ. އަދި މިހާލަތުގައި އެމީހަކު އަނބުރަ ޖަލަށް ގެނެވެންދެން އެމީހަކު ހުންނާނީ ބަންދުގައެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޖަލުގައި ހުރިމީހަކު ސިއްހީ ނުރައްކަލަކަށްޓަކައި ޖަލުނޫން އެހެންތަނަކަށް ބަދަލުކުރާއިރު އެފަދަ ބަލިބަލީގެ މީހުން ބައިތިއްބުމަށް ވަކި މަރުކަޒުތަކެއް ސަރުކާރުން ގާއިމް ކޮށްފައިވާނަމަ، އެފަދަ މަރުކަޒަކަށް ބަދަލުކުރަންވާނެއެވެ. އަދި އެފަދަ މަރުކަޒެއް ގާއިމުކުރެވިފައިނުވާނަމަ، ނުވަތަ ބަދަލުކުރެވެން ނެތްނަމަ އެމީހެއްގެ އާއިލާއާ ހަވާލުކުރަންވާނެއެވެ.
13 ވަނަ މާއްދާ - މެޑިކަލް ލިޔުންތަކުގެ ކޮޕީ ޖަލުގައިހުރި ގައިދީއަށާއި އާއިލާއަށް ދޫކުރުން.
(ހ) ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން މީހަކު އޭނާއަށް ބޭސްފަރުވާކޮށްފައިވާ ގޮތުގެ ލިޔެކިޔުންތަކުގެ ކޮޕީ ހޯދަން ބޭނުންވާނަމަ "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" ގެ ދަށުން މައުލޫމާތު ހޯދަން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅުމުން އެމީހަކަށް މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރެވޭނެއެވެ.
(ށ) މީގެ އިތުރުން ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާއި ބަންދުމީހުންގެ އާއިލާގެ ފަރާތުން ނުވަތަ އާއިލާއަށް މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރަން ބޭނުންވާނަމަ ގައިދީ ނުވަތަ ބަންދުމީހާގެ އިއުތިރާޒެއް ނެތްކަމުގެ ފިންގަރ ޕްރިންޓް ޖެހި ސިޓީއެއް ފޯމާއެކު ހުށަހެޅުމުން، މެޑިކަލް ލިޔުންތަކުގެ ކޮޕީ އާއިލާއާ ހަވާލުކުރެވޭނެއެވެ. މިގޮތުން މެޑިކަލް ލިޔުންތަކުގެ ކޮޕީ ހަވާލުކުރެވޭނީ އެކަމަށް ހަރަދުވާ މިންވަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ދެއްކުމުންނެވެ.
14 ވަނަ މާއްދާ - ގައިދީންނާއި ބަންދުމީހުން ޑޮކްޓަރަށް ދެއްކުމާއި އެޕޮއިންޓްމަންޓް ހޯދުން
(ހ) ޖަލުގައިތިބޭ ގައިދީންނާއި ބަންދުމީހުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކަމާގުޅޭ ސެކްށަނުންނެވެ.
(ށ) ހާއްސަ ޑޮކްޓަރަކަށް ދެއްކޭނީ ޖަލުގެ މެޑިކަލް އޮފިސަރުގެ ރިފަރަލްއަށް ބިނާކޮށެވެ. ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ނުވަތަ ވަކިކަހަލަ ޓެސްޓެއް ހެދުމަށް ކަމަށްވިޔަސް، ޖަލުގައި ހުރި މީހާ ނުވަތަ މީހެއްގެ އާއިލާ މެދުވެރިކޮށް އެޕޮއިންޓްމަންޓް ނުހެއްދޭނެއެވެ. އަދި ޑޮކްޓަރަކަށްވެސް ނުދެއްކޭނެއެވެ.
(ނ) ގައިދީންނާއި ބަންދުމީހުންގެ ތެރެއިން ގޭބަންދަށް ބަދަލުކޮށްފައިވާ މީހުންނާއި ރަށުބަންދުގައިވާ މީހުންނާއި އާއިލާގެ ބެލުމުގެދަށުގައި ތިބޭ މީހުން ޑޮކްޓަރަށް ދައްކައި ފަރުވާދިނުމުގެ އިންތިޒާމްތަކާއި، އެންމެހާ ހަރަދުތައް ހަމަޖައްސާނީ، އެ ގައިދީއެއް ނުވަތަ އެ ގައިދީއެއްގެ އާއިލާއިންނެވެ.
15 ވަނަ މާއްދާ - ގައިދީއަކު ނުވަތަ ބަންދުމީހަކު އެޑްމިޓްކުރުން.
(ހ) ޖަލުގައި ހުރި ގައިދީއަކު ނުވަތަ ބަންދުމީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ އެ ގައިދީ ނުވަތަ ބަންދުމީހެއްގެ އާއިލާއަށް ނުވަތަ ބަލަދުވެރިޔާއަށް އަންގަންވާނެއެވެ.
(ށ) ޖަލުގައި ހުރި ގައިދީއަކު ނުވަތަ ބަންދުމީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި އެ ގައިދީ ނުވަތަ ބަންދުމީހެއްގެ އެންމެހައި ކަންކަން ބަލަހައްޓާނީ މޯލްޑިވްސް ކަރެކްށަަނަލް ސަރވިސް އިންނެވެ.
(ނ) ގައިދީއަކު ނުވަތަ ބަންދުމީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި އެމީހެއްގެ އާއިލާގެ މެންބަރުންގެ ތެރެއިން މެންބަރެއް ގައިދީ ނުވަތަ ބަންދުމީހާ ގާތުގައި ހުރުމުގެ ހުއްދަ ކޮމިށަނަރ އޮފް ޕްރިޒަންސް އަށް ދެވިދާނެއެވެ. އެގޮތުން ގައިދީ ނުވަތަ ބަންދުމީހާ ނިސްބަތްވާ ޖަލަކަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) އެޑްމިޓް ކޮށްފައިވާ ގައިދީ ނުވަތަ ބަންދުމީހާގެ ގާތުގައި އާއިލާ މެންބަރުން ތިބޭ ތިބުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެޑްމިޓް ކުރެވިފައިވާ ހޮސްޕިޓަލުގެ އެންމެހައި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި ގައިދީ ނުވަތަ ބަންދުމީހާއާމެދު އަމަލުކުރުމާއި ބެހޭގޮތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިން ހެދިފައިވާ ގަވާއިދުތަކާއި ހިލާފު އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.
(ބ) ގައިދީ ނުވަތަ ބްނދުމީހާ އެޑްމިޓް ކޮސްފައިވާ ވަގުތުގައި ސެކިއުރިޓީ ބަލަހައްޓަން ތިބޭ އޮފިސަރުންގެ އެންގުންތަކަށް ގައިދީ ނުވަތަ ބަންދުމީހާއާއި އޭނާގެ އާއިލާގެ މެންބަރުން ކިޔަމަންވާންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އަދި (ބ) ގައިވާ ކަންތައްތަކާއި ހިލާފު ވެއްޖެނަމަ ތިރީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
- އާއިލާމެންބަރުންނަށް ނުތިބެވޭގޮތަށް ނިންމުން؛
- އެ ހޮސްޕިޓަލެއްގެ ސެކިއުރިޓީއަށް އެންގުން؛
- އެފަދަ ފަރާތްތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރުން.
(ކ) ގައިދީއަކު ނުވަތަ ބަންދުމީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަ މުއްދަތުގެ ތެރޭގައި އެތަނުގައި ހިނގާ ހުރިހާ ކަމެއް ރިކޯޑްކޮށް ބަލަހައްޓަންވާނެއެވެ.
16 ވަނަ މާއްދާ - ބޭސް ދިނުން
(ހ) ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް ޑޮކްޓަރު ލިޔެދޭ ބޭސް، ގަޑިންގަޑިއަށް އެމީހަކަށް ފޯރުކޮށްދޭންވާނެއެވެ. ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް ބޭސްދޭނޭ ގޮތުގެ އުސޫލެއް މެޑިކަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
(ށ) ޖަލުގައި ތިބޭ މީހުންނަށް ބޭސް ފޯރުކޮށްދެވޭ ގޮތުގެ ރެކޯޑް ބަލަހައްޓަންވާނެއެވެ.
17 ވަނަ މާއްދާ - ނަންބަރު އައިނު ހެއްދުން
ގައިދީންނާއި ބަންދުމީހުންގެ ތެރެއިން މީހަކު ޑޮކްޓަރަށް ދެއްކުމުން ނަންބަރު އައިނު ހެދުމަށް ޑޮކްޓަރ ލިޔުން ދެއްވައިފިނަމަ، އެމީހެއްގެ ނަންބަރު އައިނު ހަދައިދެވޭނީ ސަރުކާރުން ގާއިމްކޮށްފައިވާ ހެލްތު އިންށުއަރަންސް ސްކީމުގެ ދަށުންނެވެ. މިކަމަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެއްވެސް ހަރަދެއް ނުކުރާނެއެވެ. މިކަމުގައިި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ދައުރަކީ އެހީތެރިވެދިނުމެވެ. މިގޮތަށް ނަންބަރު އައިނު ހައްދައިދޭއިރު ހެލްތް އިންށުއަރަންސުން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދައްކަންޖެހޭނަމަ އެފައިސާ ދައްކާނީ އެމީހެއްގެ އަމިއްލަ ފައިސާއިން ނުވަތަ އޭނާގެ އާއިލާގެ ފަރާތުންނެވެ.
18 ވަނަ މާއްދާ - ގައިދީންނާ ބަންދުމީހުންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ ބޭސްފަރުވާއަށް ހިނގާ ހަރަދު
ގައިދީންނާއި ބަންދުމީހުންގެ ތެރޭގައި ހިމެނޭ ބިދޭސީއަކު ބަލިވެގެން ބޭސްފަރުވާ ކުރަންޖެހިއްޖެނަމަ ބޭސްފަރުވާ ކުރުމުގެ އެންމެހައި ކަންތައް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު