ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 127/2015)

0 occurrences found.

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 127/2015)

 

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ. "ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލަށް ގެންނަ ދުވަހުން ފެށިގެން އެމީހަކު ޖަލުން ދޫކޮށްލުމާއި ހަމައަށް އެމީހަކާމެދު އަމަލު ކުރަންވީގޮތް އަންގައިދިނުމެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ – މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ – ޖަލުގައި ބަންދުކުރުމަށް ގެނެވޭ މީހުންނާމެދު އަމަލު ކުރަންވީ ގޮތް

ޖަލުގައި ބަނދުކުރުމަށް ގެނެވޭ ކޮންމެ މީހެއްގެވެސް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ޖަލަށް ގެނެވޭ މީހާ ޖަލުގައި ބަންދުކުރުމާ ގުޅޭ ގޮތުން ތިރީގައި މިދަންނަވާ ލިޔުންތައް ހަމަކުރުން؛

 1. ށަރުއީ ކޯޓެއްގެ ހުކުމް ޗިޓް ނުވަތަ ށަރުއީ ކޯޓެއްގެ ބަންދު އަމުރު
 2. ކާކުކަން އަންގައިދޭ ލިޔުން

(ށ) ޖަލަށް ގެނެވޭ މީހާ ޖަލަށް ވެއްދުމާ ގުޅޭގޮތުން، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުން؛

(ނ) ޖަލަށް ގެނެވޭ މީހާގެ މެޑިކަލް އެސެސްމެންޓް ފުރިހަމަ ކުރުން؛

(ރ) ޖަލަށް ގެނެވޭ މީހާ ބަލައި ފާސް ކުރުމަށްފަހު ޖަލަށް ވެއްދުން މަނާ ތަކެތި ނެގުން؛

(ބ) ޖަލަށް ގެނެވޭ މީހާއާ ހަވާލު ކުރަންޖެހޭ އަސާސީ ތަކެތި ހަވާލު ކުރުން؛

(ޅ) ޖަލަށް ގެނެވޭ މީހާ ޖަލަށް ތައާރުފު ކުރުން؛

(ކ) ޖަލަށް ގެނެވޭ މީހާގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން؛

(އ) ޖަލަށް ގެނެވޭ މީހާ ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ކަނޑައެޅުމާއި އެކަން އޭނާއަށް އެންގުން.

 

7 ވަނަ މާއްދާ – ޖަލަށް ގެނެވޭ މީހާ ޖަލަށް ތައާރަފް ކުރުން

(ހ) ޖަލަށް ގެނެވޭ މީހާ ޖަލަށް ތައާރަފު ކުރުމުގެ ބޭނުމަކީ އެމީހެއްގެ ހައްގުތަކާއި، ޒިންމާތަކާއި، ޖަލުން ލިބެން ހުންނާނެ ތަކެއްޗާއި، ފުރުސަތުތަކާއި، ޖަލުގެ ގަވާއިދުތަކާއި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ހާމަކޮށްދިނުމެވެ.

(ށ) މި ޕްރޮގުރާމްގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެންވާނެއެވެ.

 1. ޖަލުގެ މާހައުލު ދަސްވެ، ދުވަހުން ދުވަހަށްކުރާ ކަންތައްތަކާއ، އެކަންކަން ކުރާނެ ގޮތުގެ މައުލޫމާތު އަންގައިދިނުން.
 2. ޖަލުގައި ބަންދުކުރެވޭ މީހުންނާ ގުޅޭ ގޮތުން ހެދިފައިވާ ގަވާއިދުތަކާއި، ޖަލު އަމުރުތަކާއި، ވަނުމަށް ހުއްދަ އޮންނަ ތަންތަނުގެ މައުލޫމާތު.
 3. ޖަލުގައި ބަންދުކުރެވޭ މީހުންނަށް ލިބެން ހުންނާނެ ހިދުމަތްތައް.
 4. ޖަލުގެ މިޕްރޮގްރާމްގައި ބުނެދެވޭ ހުރިހާކަމެއް ސާފު އިބާރާތުން އެނގޭނެހެން ލިޔެފައިވާ ލިޔުންތައް ދިނުން އަދި އެހެންބަހަކުން ވާހަކަ ދައްކާ މީހަކު ހުރެއްޖެނަމަ އެމީހަކަށް އެނގޭ ބަހަކުން ތަރުޖަމާކޮށްދިނުން.
 5. ނުކުޅެދުމުގެ ސަބަބުންނާއި އެހެންވެސް ގޮތަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބެންހުންނާނެ އިނާޔަތްތަކާއި، ތަކެއްޗާބެހޭ ގޮތުން މައުލޫމާތު ދިނުން.
 6. ޖަލަށް ގެނެވޭ މީހާގެ އަމަލުތައް ހުންނަގޮތް ބެލުމަށްހެދިފައިވާ ގަވާއިދުތަކާއި ހުކުމް ގުނޭނެގޮތް ބުނެދިނުން.
 7. ޖަލުގައި ތިބޭ މީހުންގެ ހުނަރުވެރިކަން އިތުރުކޮށް ދިނުމުގެ ގޮތުންނާއި މަސައްކަތްތެރިކަމުގެ ފެންވަރު މަތިކޮށްދިނުމުގެ ގޮތުން ހިންގޭ ކޯސްތަކާބެހޭ މައުލޫމާތު ދިނުމާއި އަދި ޖަލުގައި އުޅޭ އުޅުމުގައި ކޮށްގެންނުވާނެ ކަންތައްތައް ބުނެދިނުން.
 8. ޖަލުގައި ހިންގޭ ފަރުވާގެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދިނުން.
 9. ޖަލުގައި ތިބޭ މީހުން ކަންކަމަށް ބޭނުންވެގެންނާއި ށަކުވާ ހުށަހެޅުމަށް ކަންތައްކުރާނެގޮތާއި އުސޫލުތައް ބުނެދިނުން.
 10. ޖަލުގައި ހިންގޭ ޕްރޮގްރާމުތަކުގެ ތެރެއިން މުޖުތަމައުއަށް ނިކުމެވެން ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދިނުން.

 

8 ވަނަ މާއްދާ - ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން

(ހ) ޖަލުގައި ތިބޭ މީހުން ބަހައިލެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ތިން ގިންތިއަށެވެ.

 1. ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖަ
 2. ސަލާމަތީ ގިންތީގެ މެދު ދަރަޖަ
 3. ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖަ

(ށ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 56 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ޖަލުގައި ބަންދުކުރެވޭ ކޮންމެ މީހަކުވެސް ޖަލުގައި ބަންދުކުރާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެމީހަކު ހުންނާނެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅަންވާނެއެވެ.

(ނ) ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީން ފިޔަވައި، އެހެން ގައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ އެންމެ މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު މުރާޖައާކުރަންވާނެއެވެ.

 

9 ވަނަ މާއްދާ – ހިމާޔަތް ދިނުން

(ހ) ކޮންމެ މީހަކުވެސް ޖަލަށް ގެނައުމަށްފަހު އެމީހާ ހުންނާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފުރިހަމަ ހިމާޔަތުގައެވެ. އަދި އެމީހަކު ޖަލަށް ވެއްދުމަށްފަހުވެސް ހާއްސަ ހިމާޔަތް ދޭންޖެހޭ ހާލަތްތަކުގައި އެމީހަކަށް ހިމާޔަތް ދިނުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ށ) ޖަލަށް ގެނެވޭ މީހަކަށް ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ހާއްސަ ހިމާޔަތެއް ދޭންޖެހޭކަމަށް ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނިންމިދާނެއެވެ.

 1. ޖަލުގައި ހުންނަ އެހެން މީހެއްގެ ފަރާތުން އެމީހަކަށް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ގޯނާއެއް ކުރުން.
 2. ގައިދީއަށް ކޮށްފައިވާ ހުކުމުގެ ބާވަތުން ނުވަތަ ބަންދުމީހަކަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތުން ނުވަތަ ޖަލުގައާއި ޖަލުން ބޭރުގައި އެމީހެއްގެ އުޅުން ހުންނަ ގޮތުން ޖަލުގައި ތިބޭ އެހެން މީހުންގެ ފަރާތުން އެމީހަކަށް ގެއްލުމެއް ދީފާނެކަމަށް ގަބޫލުކުރެވުން.
 3. ޖަލުގައި ތިބެ އެހެން މީހުންނާ ބެހޭ މައުލޫމާތު ކޯޓަށް ނުވަތަ ޕޮލިހަށް ދީފައިވާ މީހެއްކަން ޖަލުގައި ތިބޭ އެހެން މީހުންނަށް އެނގުން،
 4. ޖަލުގައި ބަންދުކުރެވޭ މީހާގެ އާއިލާއިން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެ މީހަކަށް ހާއްސަ ހިމާޔަތް ދިނުމަށް އެދުން،
 5. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް އެއްވެސް ކަހަލަ ހިމާޔަތެއް ބޭނުންވާކަމަށް ޖަލުގައި ހުރި މީހަކު އެދެފިނަމަ، އެމީހަކު ހިމާޔަތަށް އެދޭ ސަބަބަކީ އެމީހަކަށް ހިމާޔަތް ދޭންޖެހޭފަދަ ކަމެއްކަމަށް ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ގަބޫލު ކުރެވުން،

 

10 ވަނަ މާއްދާ – ޖަލު ބަދަލު ކުރުން

(ހ) ޖަލުގައި ހުންނަ މީހަކު ހުރި ޖަލު ނޫން އެހެން ތަނަކަށް ބަދަލު ކުރެވިދާނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 1. ޖަލުގެ ޖާގައިގެ ދަތިކަން ހުރި ގޮތުން
 2. ހިމާޔަތް ދިނުމުގެ ގޮތުން
 3. ވަކި ޕްރޮގްރާމެއްގައި ބައިވެރި ކުރުމުގެ ގޮތުން
 4. ސިއްހީ ފަރުވާ ދިނުމުގެ ގޮތުން
 5. ޖަލުގެ އަމަންއަމާންކަމާއި ނުވަތަ މަސްލަހަތު ދެމެހެއްޓުމުގެ ގޮތުން،
 6. ށަރީއަތުގެ މަޖްލީހަށް ހާޒިރުކުރުމުގެ ގޮތުން.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ޖަލުގައި ހުރި މީހަކު ހުރި ޖަލު ނޫން އެހެން ތަނަކަށް ބަލަދުކޮށްދިނުމަށް އެދި ހުށަހަޅާނީ އެޖަލެއްގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށެވެ.

(ނ) ޖަލުގައި ހުރި މީހަކު ޖަލު ބަދަލު ކުރުމަށް ނިންމާނީ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަށްވަރާގެ މަތިން ކޮމިށަނަރ އޮފް ޕްރިޒަންސްއެވެ.

(ރ) ޖަލުގައި ހުރި މީހަކު ޖަލު ބަދަލުކޮށް ކުރުމަށް ކޮމިށަނަރ އޮފް ޕްރިޒަންސް ނިންމައިފިނަމަ، އެކަން ލިޔުމަކުން އެމީހަކު އެވަގުތަކު ހުރި ޖަލަކަށާއި އެމީހާ ބަދަލު ކުރާ ޖަލަށް އަންގަންވާނެއެވެ. މިގޮތުން އެލިޔުމުގައި ބަދަލު ކުރާ މީހާގެ މައުލޫމާތާއި ބަދަލު ކުރާ ސަބަބާއި ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ބ) އެއްވެސް މީހަކު މިމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔުން ނެތި ޖަލު ބަދަލުކޮށްގެން ނުވާނެއެވެ.

(ޅ) ޖަލުގައި ހުރި މީހަކު އެހެން ތަނަކަށް ބަދަލު ކުރާއިރު، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ލިޔުންތައް އެމީހަކު ބަދަލު ކުރާ ތަނަކަށް، އެމީހަކާއެކު ފޮނުވަންވާނެއެވެ.

 1. އެމީހެއްގެ ރެކޯޑް ފައިލް
 2. އެމީހެއްގެ މެޑިކަލް ފައިލް
 3. އެމީހެއްގެ އަތުގައި ހުރި އެމީހެއްގެ ތަކެއްޗާއި އެމީހެއްގެ އަތުން ނަގާފައިވާ ތަކެތި.

(ކ) ޖަލުގައި ހުރި މީހަކު ވަގުތީގޮތުން ވަކި ހާއްސަ ބޭނުމަކަށް އެމީހަކު ހުރިޖަލުން އެހެން ޖަލަކަށް ބަދަލުކުރާނަމަ، އެމީހަކު ބަދަލުކުރާ ބޭނުމަކަށް ބޭނުންވާނެ ތަކެތި އެމީހަކާއެކު ބަދަލު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ – ވަގުތީ ގޮތުން ޖަލުން ނެރުން.

(ހ) ޖަލުގައި ހުރި މީހަކު ވަގުތީ ގޮތުން ޖަލުން ނެރެންޖެހޭ ހާލަތްތަކުގައި އެމީހަކު ޖަލުން ނެރުމަށް އަންގާނީ ލިއުމުންނެވެ. މިލިއުމުގައި ޖަލުންނެރެވޭ މީހާގެ މައުލޫމާތާއި، ޖަލުންނެރެވޭ ސަބަބާއި، ތާރީހާއި، ޖަލުން ނެރުމަށް އެދޭ ފަރާތާއި ހުއްދަދީފައިވާ ފަރާތުގެ ނަމާއި، މަގާމް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަލުގައި ހުރި މީހަކު 24 (ސައުވީސް) ގަޑީއިރުގެ މުއްދަތަށް ޖަލުން ނެރެންވާނީ ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ޖަލުގައި ހުރި މީހަކު ވަގުތީ ގޮތުން ޖަލުން ނެރެންޖެހޭ ހާލަތްތަކުގައި 24 (ސައުވީސް) ގަޑިއިރަށް ވުރެ ދިގުމުއްދަތަކަށް، ޖަލުން ނެރެންވާނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިއުމުން ލިބުމުންނެވެ. މި މާއްދާގެ ބޭނުމަށް، ގައިދީއަކު ނުވަތަ ބަންދު މީހަކު ޖަލުން ބޭރުގައި 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް ހުރުންކަމުގައި ބަލާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުން ބޭރުގައި ހުންނަ ހުރުމަށެވެ.

 

12 ވަނަ މާއްދާ – ޖަލުން ދޫކޮށްލުން

(ހ) އެއްވެސް މީހަކު ޖަލުން ދޫކޮށްލާނީ އެ މީހަކު ޖަލުން ދޫކޮށްލުމުގެ އަމުރު ލިޔުމުން ލިބުމުންނެވެ.

(ށ) ޖަލުގައި ހުރި މީހަކު ޖަލުން ދޫކޮށްލުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

 1. އެމީހަކު ޖަލުން ދޫކޮށްލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
 2. އެ މީހަކާ ޖަލުން ހަވާލުކޮށްފައިވާ ތަކެތި ނެގުން.
 3. އެ މީހެއްގެ އަތުން އަތުލާފައިވާ ތަކެތި އޭނާއާ ހަވާލު ކުރުން.
 4. އެ މީހަކު ޖަލުގައި ހުރިއިރު ކޮށްފައިވާ ހަރަދުތަކަށް އުނިކުރަންޖެހޭ ފައިސާ އެ މީހެއްގެ އެކައުންޓުން އުނި ކުރުން.

 

13 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "ޖަލަށް ގެނެވޭ މީހާ" ކަމަށް ބުނެފައި އެވަނީ، ޖަލު ހުކުމެއް ތަންފީޒު ކުރަން ގެންނަ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށެވެ.

(ށ)"ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނާއި އަރުވާލަން ނުވަތަ ގޭބަންދަށް ކޯޓުން ހުކުމްކޮށްފައި ތިބޭ މީހުންނަށެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com