-

ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-116)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 މޭ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކ،ީ ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 150 ވަނަ މާއްދާގެ (ށ) ގެ 23 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ހުކުމް ތަންފީޒުކުރާ މީހުން ކައިވެނިކުރުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި، ބަންދުކޮށްފައިވާ މީހުން ކައިވެނިކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި، ކައިވެނިކުރުމުގެ އިންތިޒާމުތައް ހަމަޖައްސާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ - ކައިވެނިކުރުމަށް އެދެވޭނެ ގައިދީންނާއި ބަންދުކޮށްފައިވާމީހުން

(ހ) މި ގަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުސަތު ދެވޭނީ، މި ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ބަންދުކޮށްފައިވާތާ 6 (ހައެއް) މަސްދުވަސް ވެފައިވާ ގައިދީންނަށާއި، ބަންދުކޮށްފައިވާ މީހުންނަށެވެ.

(ށ) ގޭގައި ބަންދުކޮށްފައި ހުންނަ ގައިދީއަކަށ،ް އޭނާގެ މައްޗަށް ހުކުމެއް ކަނޑައެޅި ތާރީހުން ފެށިގެން، މި ގަވާއިދުގެ ދަށުން ކައިވެނިކުރުމުގެ ފުރުސަތު ދެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައިވެނިކުރަނީ ޖަލުގައި ބަންދުކޮށްފައިވާ ދެ މީހުން ކަމުގައި ވާނަމަ، އެ ދެ މީހުންނަށް ކައިވެނިކުރުމުގެ ފުރުސަތު ދެވޭނީ، އޭގެ ތެރެއިން އެކަކު ޖަލުން މިނިވަން ވުމުންނެވެ.

 

6 ވަނަ މާއްދާ - ކައިވެންޏަށް އެދި ހުށަހެޅުން

(ހ) ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާއާ ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. އަދ،ި ކައިވެނިކުރާ އަންހެނާ މި ސިޓީ ހުށަހަޅާނަމަ، ސިޓީއާއެކު ވަލީވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

(ށ) ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ކައިވެނިކުރާ ފިރިހެނާ ސިޓީ ހުށަހަޅާނަމަ، ވަލީވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅުމުގެ ޒިންމާ އުފުލަންވާނީ ކައިވެނިކުރާ އަންހެނާއެވެ.

(ނ) ގޭގައި ބަންދުކޮށްފައި ހުންނަ ގައިދީއަކު ކައިވެނިކުރަން ބޭނުންވެއްޖެނަމަ، ކައިވެނިކުރުމުގެ ފުރުސަތަށް އެދި މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ސިޓީއަކުން ހުށަހަޅަން ވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ސިޓީ ހުށަހެޅުމުން، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ކައިވެނިކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ.

(ބ) ކައިވެނިކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި، އިޖުރާއަތުތައ،ްކައިވެނިކުރުމަށް އެދި ހުށަހަޅާ ފަރާތުން ފުރިހަމަކުރުމަށް ފަހ،ު ކައިވެނިކުރުމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކުގައި، މި ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީ ނުވަތަ ބަންދުކޮށްފައިވާ މީހާ ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކޮށްދިނުމަށް ލިޔުމުން ހުށަހަޅައިފިނަމަ، އެކަމުގެ އިންތިޒާމު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހަމަޖައްސައިދޭން ވާނެއެވެ. އަދި ކައިވެނިކުރުމުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެހީތެރިކަން ބޭނުންވާ ކޮންމެ ކަމެއްގައި، އެކަމަށް އެދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ލިޔުމުން ހުށަހެޅުމުން، އެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.

(ޅ) ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު ކައިވެނިކުރުމަށް ހިނގާ ހަރަދު ހަމަޖައްސާނީ، އެ ގައިދީއަކު ނުވަތަ ބަންދުކޮށްފައިވާ މީހަކު އަމިއްލައަށެވެ.

 

7 ވަނަ މާއްދާ - ކައިވެނި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން

ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދޭނީ، ކޮމިށަނަރ އޮފް ޕްރިޒަންސް ނުވަތަ ކޮމިށަނަރ އޮފް ޕްރިޒަންސްއިން ކަނޑައަޅާ ފަރާތަކުންނެވެ.

 

8 ވަނަ މާއްދާ - ކައިވެނި ކޮށްދެވޭ ތަން

(ހ) ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދިނުމުން، ކައިވެނިކުރުމަށް ހަމަޖައްސައިފައިވާ ދެ މީހުންގެ ކައިވެނިކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ ގައިދީ ނުވަތަ ބަންދުކޮށްފައިވާ އެ މީހާ ހުރި ޖަލެއް ގާއިމުކޮށްފައިވާ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

(ށ) ގޭގައި ބަންދުކޮށްފައި ހުންނަ ގައިދީއަކު ކައިވެނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ހުއްދަ ދިނުމުން، ކައިވެނިކުރުމަށް ހަމަޖައްސައިފައިވާ ދެ މީހުންގެ ކައިވެނި ކުރެވޭނީ ފެމެލީ ކޯޓުގައި ނުވަތަ އެ މީހަކު ގޭގައި ބަންދުކޮށްފައިވާ ރަށުގެ މެޖިސްޓްރޭޓު ކޯޓުގައެވެ.

 

9 ވަނަ މާއްދާ - މާނަ ކުރުން

(ހ) "ހުކުމެއް ތަންފީޒު ކުރަމުންދާ މީހާ" ކަމަށް ބުނެފައި އެވަނީ، ޖިނާއީކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅައި، އެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށެވެ.

(ށ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅައިފައިވާ މީހުންނަށެވެ.

(ނ) "ބަންދުކޮށްފައިވާ މީހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު