ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި، ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 35/2016)

0 occurrences found.

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި، ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު: 35/2016)

 

1 ވަނަ މާއްދާ – ތައާރުފު

މިއީ ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ) ގެ (11) ވަނަ ނަންބަރުގެ ދަށުން ބާރުލިބިގެން އެކުލަވައިލެވިފައިވާ ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި،  ފޯނުކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ " ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި، ފޯނުކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާ ލިބިގަތުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މި ގަވާއިދުގެ ދަށުން ގައިދީން ނުވަތަ ބަންދުމީހުންނާ ބައްދަލު ކުރެވޭނެ އުސޫލުތަކާއި، ފޯނާއި، ސިޓީގެ ޒަރީއާއިން ގައިދީންނާއި ބަންދުމީހުންނާ މުއާމަލާތް ކުރުމުގައި އަމަލު ކުރަންވީ ގޮތް އަންގައިދިނުމެވެ.

 

4 ވަަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ. މި ގަވާއިދުގައި މިހެން ބަޔާންކޮށްފައިވީނަމަވެސް ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

5 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ – ގަވާއިދުގެ ދަށުން ލިބިދެވޭ ފުރުސަތުތައް

މި ގަވާއިދުގެ ދަށުން، އެކިއެކި ފަރާތްތަކަށް ޖަލަށް ޒިޔާރަތްކޮށް ގައިދީންނާއި ބަންދުމީހުންނާ މުއާސަލާތު ކުރުމުގެ ގޮތުން ލިބިދެވޭ ފުރުސަތުތައް ތިރީގައި މިވަނީއެވެ.

(ހ) ގައިދީން ނުވަތަ ބަންދުމީހުންނާ ބައްދަލުކުރުން؛

(ށ) ފޯނުގެ ޒަރީއާއިން މުއާމަލާތްކުރުން؛

(ނ) ސިޓީ، ނޯޓު ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުން.

 

7 ވަނަ މާއްދާ – ގައިދީން ނުވަތަ ބަންދުމީހުންނާ ބައްދަލުކުރުން

(ހ) ގައިދީންނާއި ބަންދުމީހުންނަށް އެ މީހަކު ބަންދުކުރެވުނު މައްސަލަ ނިމެންދެން އެ މީހަކަށް ގާނޫނީ ލަފާ ބޭނުންވާނަމަ، އޭނާގެ އަމިއްލަ ހަރަދުގައި ނުވަތަ ސަރުކާރުން އައްޔަނުކުރާ ގާނޫނީ ވަކީލަކާ، އެކަށީގެންވާ ކޮންމެ ވަގުތެއްގައިވެސް ބައްދަލުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ބާރު ލިބިގެން ޖަލު އިނިސްޕެކްޓު ކުރުމަށް ޖަލަށް ޒިޔާރަތްކުރާ އިނިސްޕެކްޓަރަށާއި، އޭނާގެ ފަރާތުންދާ މީހުންނަށާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ މުސްތަގިއްލު ކޮމިށަންތަކަށާއި، އެ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއަކުން ފޮނުވާ ވަފުދުތަކަށާއި، އެ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ނުގެއްލޭ ގޮތުގެ މަތިން، ގައިދީން ނުވަތަ ބަންދުމީހުންނާ މައްދަލު ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) ޖަލުގައި ބަންދުކޮށްފައި ތިބޭ ބިދޭސީންނަށް، އެކަށީގެންވާ ކޮންމެ ވަގުތެއްގައިވެސް އެ ބިދޭސީއެއްގެ ގައިމުގެ ސަރުކާރުގެ ފަރާތުން ކަނޑައަޅާ މީހަކާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭންވާނެއެވެ. އަދި އެ މީހަކީ ކޮން ގައުމެއްގެ މީހެއްކަން ކަނޑައެޅިގެން ނޭނގޭނަމަ، އޭނާއާ ބައްދަލުކުރުމަށް އޭނާ ކަނޑައަޅާ މީހަކަށް އެ ފުރުސަތު ދޭންވާނެއެެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ ހާލަތްތަކުގައި ގައިދީން ނުވަތަ ބަންދުމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެވޭނީ ކޮމިށަނަރ އޮފް ޕްރިޒަންސްގެ ހުއްދަ ލިބިގެންނެވެ.

(ބ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮސޤފައިވާ ބައްދަލުވުންތައް ކުރިއަށްދާ ވަގުތު އެފަރާތްތައް ފެންނަ ހިސާބުގައި ޖަލު އޮފިސަރަކު ހުންނަންވާނެއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އަންނަ ފަރާތްތަކުން ޖަލަށް ޒިޔާރަތްކުރުމަށްޓަކައި ކުރަންޖެހޭ ހަރަދުތައް ކުރަންޖެހޭނީ އެ ފަރާތަކުންނެވެ.

(ކ) މި ގަވާއިދުގެ ދަށުން ގައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރާ އެއްވެސް ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގައިފިނަމަ އެ ގައިދީއަކަށް ނުވަތަ ބަންދުމީހަކަށް ދީފައިވާ ބައްދަލުކުރުމުގެ ހުއްދަ 3 (ތިނެއް) މަސްދުވަހަށްވުރެ އިތުރުނުވާނެ މުއްދަތަކަށް ބާތިލުކުރުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަނަށް ލިބިގެންވެއެވެ.

 1. އެއްވެސް ފަރާތަކަށް ބިރުދައްކާ ބާވަތެއްގެ ވާހަކައެއް ނުވަތަ ބޭއަދަބީ ބަހެއް، ލިޔުމުން ނުވަތަ އަނގަބަހުން އާންމުކުރުން ނުވަތަ ފާޅުކުރުން؛
 2. އެ ވާހަކައަކީ ނުވަތަ ބަހަކީ ޖިނާއީ ކުށެއް ކުރުމަށް މަގުފަހިވެދާނެ ނުވަތަ ޖިނާއީ ކުށެއްގެ ތަހުގީގަށް ނުވަތަ ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލުމަށް ހުރަހެއް އެޅިދާނެ ވާހަކައެއް ނުވަތަ ބަހެއް ލިއުމުން ނުވަތަ އަނގަބަހުން އާންމުކުރުން ނުވަތަ ފާޅުކުރުން؛
 3. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް ލިއުމުން ނުވަތަ އަނގަބަހުން އާންމުކުރުން ނުވަތަ ފާޅުކުރުން؛
 4. ޖަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ހިންގުމަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މައުލޫމާތެއް ލިއުމުން ނުވަތަ އަނގަބަހުން އާންމުކުރުން ނުވަތަ ފާޅުކުރުން؛
 5. ތިންވަނަ ފަރާތެއްގެ އަސާސީ ހައްގުތަކަށް އަސަރުކޮށްފާނެ މައުލޫމާތެއް ލިއުމުން ނުވަތަ އަނގަބަހުން އާންމުކުރުން ނުވަތަ ފާޅުކުރުން.

 

8 ވަނަ މާއްދާ – ގައިދީން ނުވަތަ ބަންދުމީހުންނާ ބައްދަލުކުރުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ގައިދީން ނުވަތަ ބަންދުމީހުންނާ ބައްދަލުކުރަން ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށެވެ.

 1. އެދޭފަރާތުގެ ވަނަވަރު
 2. ބައްދަލުކުރަން އެދޭ ގައިދީ ނުވަތަ ބަންދުމީހާގެ ވަނަވަރު
 3. ބައްދަލުކުރަން އެދޭ ބޭނުން ނުވަތަ މަގުސަދު
 4. ބައްދަލުކުރުމަށް ޒިޔާރަތްކުރާ މެންބަރުންގެ އަދަދާއި ވަނަވަރު

(ށ) މި  މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހުށަހެޅުމުން ބައްދަލުވުން ހަމަޖެހިފައިވާކަން ތިރީގައި ބަޔާންކޮށޤފައިވާ މައުލޫމާތުތަކާއެކު އެފަރާތްތަކަށް އަންގަންވާނެއެވެ.

 1. ބައްދަލުވުން ހަމަޖެހިފައިވާ ތަން
 2. ބައްދަލުވުން ހަމަޖެހިފައިވާ ތާރީހާއި ގަޑި

 

9 ވަނަ މާއްދާ – ފޯނު ކުރުން

(ހ) ގައިދީން ނުވަތަ ބަންދުމީހުންނަށް ގާނޫނީ ލަފާ ބޭނުންވާނަމަ، އެ މީހެއްގެ އަމިއްލަ ހަރަދުގައި ނުވަަތަ ސަރުކާރުން އައްޔަނުކުރާ ގާނޫނީ ވަކީލަކާ ފޯނުން މުއާމަލާތުކުރެވޭނެ އިންތިޒާމު ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސައިދޭންވާނެއެވެ. މިނޫން ފަރާތްތަކަށް ފޯނު ކުރުމުގެ ފުރުސަތު ދޭންވާނީ "ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔާތްތަކާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނަންބަރުތަކަކީ ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ނަންބަރުތަކަށް ވާންވާނެއެވެ.

 

10 ވަނަ މާއްދާ – ސިޓީ ފަދަ ތަކެތި ފޮނުވުން

(ހ) ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށާއި އެނޫންވެސް ފަރާތްތަކަށް ގައިދީން ނުވަތަ ބަންދުމީހުން ފޮނުވަން ބޭނުންވާ ސިޓީ ފަދަ ތަކެތި ފޮނުވޭނެ އިންތިޒާމާއި އެ ފަރާތްތަކުން ގައިދީންނާއި ބަންދުމީހުންނަށް ފޮނުވާ ސިޓީތައް ލިބޭނެ އިންތިޒާމް ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ސިޓީއެއް ފިނުވުމަށް އެއްވެސް ހަރަދެއް ހިނގާނަމަ، އެ ހަރަދެއް ކުރަންޖެހޭނީ އެ ސިޓީއެއް ފޮނުވާ މީހެކެވެ.

(ނ) ގައިދީންނާއި ބަންދުމީހުން ސިޓީ ލިޔުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުކަންދޭންވާނެއެވެ.

 1. ސިޓީގައި، އެ ސިޓީ ލިޔާ މީހާ ފުރިހަމަ ކުރަންޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަ ކުރުން؛
 2. ކިޔަން އެނގޭފަދަ ގޮތަކަށް ރީތިކޮށް ސިޓީ ލިޔުން؛
 3. ސިޓީގައި ބޭއަދަބީ އިބާރާތްތައް ބޭނުން ނުކުރުން.

 

11 ވަނަ މާއްދާ – ސިޓީ ބަލައިގަތުމާއި ފޮނުވުމުގައި އަމަލުކުރާނެ ގޮތް

(ހ) ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުން ލިޔާ ސިޓީ ބަލައިގަންނާނީ އެ ގައިދީއަކު ނުވަތަ ބަންދުމީހަކު ބަންދުކޮށްފައި ހުރި ޔުނިޓެއްގެ ސީނިއަރ އޮފިސަރުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުދަދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ފެށިގެން 14:00 ގެ ނިޔަލަށެވެ.

(ށ) ސިޓީ ބަލައިގަތުމަށްފަހު ސިޓީ ބަލައިގަތްކަމަށް އެ ގައިދީއަކު ނުވަތަ ބަންދުމީހަކު ބަންދުކޮށްފައި ހުރި ޔުނިޓެއްގެ ސީނިއަރ އޮފިސަރު ފުރިހަމަ ކުރަންޖެހޭ ބައި ފުރިހަމަ ކުރުމަށްފަހު ގައިދީންނާއި ބަންދުމީހުންގެ ސިޓީލުމަށް ބަހައްޓާފައިވާ ފޮށްޓަށް ލާންވާނެއެވެ.

(ނ) ގައިދީންނާއި ބަންދުމީހުންގެ ސިޓީތައް އެކި ތަންތަނަށް ފޮނުވުމަށް ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޑިސްޕެޗް އޮފިސަރަކު، ސިޓީ ބަލައިގަތުމަށް ހަމަޖައްސާފައިވާ ކޮންެމެ ދުވަހެއްގެ 15:00 ގައި ސިޓީލުމަށް ބަހައްޓާފައިވާ ފޮށިން ސިޓީތައް ނެގުމަށްފަހު، އެ ސިޓީތައް ބަލައިގަތްކަމަށް ޑިސްޕެޗް އޮފިސަރު ފުރިހަމަ ކުރަންޖެހޭ ބައި ފުރިހަމަ ކުރަންވާނެއެވެ.

(ރ) ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ޑިސްޕެޗް އޮފިސަރު، ސިޓީތައް ލިބޭތާ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ސިޓީއެއް ފޮނުވަންޖެހޭ ތަނަކަށް ފޮނުވަންވާނެއެވެ. މިގޮތުން އީ-ގަވަރމަންޓް މެދުވެރިކޮށް ފޮނުވެން ހުރި ތަންތަނަށް ސިޓީތައް ފޮނުވާނީ އީ-ގަވަރމަންޓް މެދުވެރިކޮށެވެ. އަދި އެނޫން ތަންތަނަށް ސީޓީތައް ފޮނުވާނީ ހެޑް އޮފީސް މެދުވެރިކޮށެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ 48 (ސާޅީސް އަށެއް) ގަޑިއިރު ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

 

12 ވަނަ މާއްދާ – ސިޓީ ނުވަތަ އެފަދަ ތަކެތި ބަލައި ފާސްކުރުން

(ހ) ގައިދީންނަށް ނުވަތަ ބަންދުމީހުންނަށް ލިބޭ ނުވަތަ އެމީހުން ފޮނުވާ ސިޓީ ނުވަތަ އެނޫޫންވެސް އެފަދަ ތަކެތި ކިޔައި، އަޑުއަހައި، ރިކޯޑުކޮށް ނުވަތަ ބަލައި ފާސްކުރުމުގެ އިހުތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އަންނަނިވި ސަބަބުތަކަށް ރިއާޔަތްކޮށް، އެފަދަ ސިޓީއެއް ނުވަތަ އެއްޗެއް ދިނުން ނުވަތަ ރައްދުކުރުން މަނާ ކުރެވިދާނެއެވެ.

 1. އެއްވެސް ފަރާތަކަށް ބިރުދައްކާ ބާވަތެއްގެ އެއްޗަކަށްވުން ނުވަތަ ބޭއަދަބީ ބަހުން އިބާރާތް ކުރެވިފައިވާ ލިޔުމަކަށްވަުން؛
 2. އެ ސިޓީއަކީ ނުވަތަ އެ ލިޔުމަކީ ޖިނާއީ ކުށެއް ކުރުމަށް މަގުފަހިވެދާނެ ނުވަތަ ޖިނައީ ކުށެެއްގެ ތަހުގީގަށް ނުވަތަ ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލުމަށް ހުރަހެއް އެޅިދާނެ އެއްޗަކަށްވުން؛
 3. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް އެކުލެވިގެންވުން؛
 4. ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ހިންގުމަށް އަސަރުކޮށްފާނެ ފަދަ މަައުލޫމާތެއް އެކުލެވިގެންވުން؛
 5. ތިންވަނަ ފަރާތެއްގެ އަސާސީ ހައްގުތަކަށް އަސަރުކޮށްފާނެ މައުލޫމާތެއް އެކުލެވިގެންވުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސިޓީ ހިފަހައްޓާނަމަ، ސިޓީ ހިފެހެއްޓި ސަބަބު އެ ގައިދީއަކަށް ނުވަތަ އެ ބަންދުމީހަކަށް އަންގަންވާނެއެވެ.

 

މައި ގާނޫނު:

ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރ 14/2013)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com