ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު
(ގާނޫނު ނަންބަރު 1979-31)
1 ވަނަ މާއްދާ
ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާތަކެތި އެކްސްޕޯޓްކުރުމާއި، ރާއްޖެއަށް ތަކެތި އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި، އިމްޕޯޓްކުރާ މުދާ ވިއްކުމާ މިއިން ކަމެއް ރާއްޖޭގައި ހިންގަންވާނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ހުއްދަ ލިބިގެން، އަދި އެމިނިސްޓްރީން ހަދާ ގަވާއިދެއްގެ މަތިންނެވެ. މިގާނޫނުގެ 5 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކުރެވިފައިވާ މިންވަރަށް ތަކެތި ރާއްޖެ ގެނައުމަށް ހުއްދަ ނަގާކަށް ނުޖެހޭނެއެވެ.
2 ވަނަ މާއްދާ
(ހ) ދިވެހިރާއްޖޭން އެކްސްޕޯޓްކުރާ، ރާއްޖޭގައި އުފެދޭ ނުވަތަ އުފައްދާ ތަކެތީގެ ތެރެއިން މާވަހަރު ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ.
(ށ) ދިވެހިރާއްޖޭން ރީއެކްސްޕޯޓްކުރާ ތަކެތިން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ.
3 ވަނަ މާއްދާ
މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ އޭގެ އެފް.އޯ.ބީ. އަގުގެ %50 އެވެ.
4 ވަނަ މާއްދާ
ދިވެހިރާއްޖޭން އެކްސްޕޯޓްކުރާ އެއްވެސް އެއްޗެއް ތައްޔާރުކުރުމުގައި ނުވަތަ އެކްސްޕޯޓް ކުރުމުގައި މަކަރު ހެދުމަކުން، ނުވަތަ ފަރުވާ ކުޑަކުރުމަކުން ވިޔަސް، ރާއްޖޭގެ ނަމަށް ހުތުރެއް ނުވަތަ ރާއްޖޭގެ ވިޔަފާރިއަށް އުނިކަމެއް ލިބޭފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
5 ވަނަ މާއްދާ
ތިރީގައި މިބަޔާންކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.
(ހ) ހަނޑޫ، ހަކުރު، ފުށް.
(ށ) މުޒްހަފާއި، ގުރްއާނުގެ ވަކިވަކިން ހުންނަ ބައިބައި.
(ނ) ދަތުރުވެރިން ގެންނަ ތަކެތިން ޑިއުޓީ މައާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އަދަދެއް.
(ރ) އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެނެވޭ ތަކެތިން ޑިއުޓީ މައާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިންވަރެއް.
(ބ) ރީ އެކްސްޕޯޓް ވިޔަފާރި ކުރުމަށްޓަކައި ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތި.
6 ވަނަ މާއްދާ
ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ތަކެތީގެ ތެރެއިން މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެހެން ތަކެތިން މި ގާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ 97 ޗެޕްޓަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހި ސަރުކާރަށް އިމްޕޯޓް ޑިއުޓީ ދައްކަންވާނެއެވެ. މިގޮތުން އެޑްވެލޮރަމް ޑިއުޓީ ދައްކަންޖެހޭ މުދަލަށް ޑިއުޓީ ދެއްކުމުގައި މުދަލުގެ އަގުކަމަށް ބަލާނީ، އިންށުއަރކޮށްގެން ގެންނަ މުދަލަށް އެ މުދަލުގެ ސީ.އައި.އެފް. އަގެވެ. އިންށުއަރ ނުކޮށް ގެންނަ މުދަލަށް އެ މުދަލުގެ ސީ. އެންޑް އެފް. އަގެވެ.
7 ވަނަ މާއްދާ
މި ގާނޫނުގެ 6 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލާއި މުދަލުގެ ގިންތީތައް 97 ޗެޕްޓަރަށް ބަހައި، މިއިން ކޮންމެ ޗެޕްޓަރެއްގައި ހިމެނޭ މުދަލުން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މިންވަރު ތިރީގައި މިވާ ތާވަލުގައި މިވަނީއެވެ. މި ތާވަލުގައި ހިމަނާފައިވާ މުދަލުގެ ގިންތީގެ ނަމާއި، އެތަކެއްޗަށް ދައްކަން މި ގާނޫނުގައި ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރަށް ތަފްސީލު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.
(މި ގާނޫނުގެ ބާކީބައިގެ ވޯޑް ފޯމެޓްގެ މަސައްކަތް ނިމުމުން އަޕްލޯޑް ކުރެވޭނެއެވެ)
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު (ނަންބަރު 1979-31) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު (އުސޫލު ނަންބަރު 2024-01)
- މާލެ ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-67)
- ހަލާލު ސެޓިފިކެޓް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-1651)
- މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-34)
- ބެއާބޯޓު ރަޖިސްޓްރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-45)
ކިޔުންތެރިންގެ ހިޔާލު