ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްގީކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މަޢާފުކުރުމާއި ބެހޭ އުސޫލު
(އުސޫލު ނަންބަރު 2021--02)
(މި އުސޫލަށް އަމަލުކުރަން ފެށީ 21 ފެބުރުއަރީ 2021 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއުސޫލަކީ ގާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން، އިމްޕޯޓްކުރާ ތަކެތީގެ ޑިއުޓީ، ނުވަތަ އިމްޕޯޓް ޑިއުޓީން ބައެއް މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެވޭ ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ "ފަތުރުވެރިކަމުގެ މަސައްކަތްތައް ތަރައްގީކުރުމަށް އިމްޕޯޓްކުރެވޭ ތަކެތިން ޑިއުޓީ މައާފުކުރުމާއި ބެހޭ އުސޫލު" އެވެ.
2 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް އެތެރެކުރެވޭ ތަކެތީގެ ޑިއުޓީ މައާފުކޮށްދިނުން
(ހ) މި އުސޫލުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް އެތެރެކުރެވޭ މުދަލުން ޑިއުޓީ މައާފުކޮށްދެވޭނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުޅިން އަލަށް ފަށާ މަސައްކަތްތަކާއި، ސިނާއަތުގައި ގާއިމުކުރެވިފައިވާ އިންވެސްޓްމަންޓްތަކުގެ ތެރެއިން، އިންވެސްޓްމަންޓުގެ އޮރިޖިނަލް އަގުގެ 25% އަށްވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރއާއި މަރާމާތުގެ މަސައްކަތްތަކަށެވެ.
(ށ) ފަތުރުވެރިކަމުގެ ބޭނުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން، ޑިއުޓީ މައާފުކޮށްދެވޭނީ ތިރީގައިމިވާ ބާވަތުގެ ތަކެއްޗަށެވެ.
- އަގުބޮޑު މެށިނަރީ
- ކެޕިޓަލް އިކުއިޕްމަންޓް
- އިމާރާތްކުރުމަށް ބޭނުންކުރާ މެޓީރިއަލް:
(ނ) މި އުސޫލުގެ ދަށުން ޑިއުޓީ މައާފުކޮށްނުދެވޭނެ މުދަލުގެ ލިސްޓެއް ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާނެއެވެ.
(ރ) މިމާއްދާގެ (ނ) ގައި އެގޮތަށް ބަޔާންކުރެވިފައިވީ ކަމުގައި ވިޔަސް ޖަދުވަލު 1 ގެ ގޮތުގައި ހިމެނިފައިވާ ލިސްޓުގައި ނެތް ވަކި މުދަލަކަށްވެސް ޑިއުޓީ މައާފުކޮށްނުދިނުމަށް ނިންމިދާނެއެވެ.
3 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ގެނެވޭ ތަކެތީގެ ޑިއުޓީ މައާފުކުރެވޭ އަދަދު:
(ހ) މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ފަތުރުވެރިކަމުގެ މަސައްކަތް ފެށުމަށާއި، އެ މަސައްކަތް ކުރުމަށާއި، އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެއްޗަށް ޑިއުޓީ މައާފުކުރުމުގައި ބަލާނެ މިންގަނޑަކީ، އެ މަސައްކަތުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު، 2 (ދޭއް) މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދަކަށްވުމެވެ.
(ށ) މި ސިނާއަތުގައި ގާއިމުކުރެވިފައިހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން، އޮރިޖިނަލް އިންވެސްޓްމަންޓުގެ އަގުގެ 25% އަށްވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރއާއި މަރާމާތުގެ މަސައްކަތްތަކަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފުކުރުމުގައި އޮރިޖިނަލް އަގުކަމުގައި ބަލާނީ ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުމާ ހަމައަށް އެ ތަނަކަށް ކޮށްފައިވާ ޖުމުލަ އިންވެސްޓްމަންޓްގެ އަދަދެވެ.
4 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ގެނެވޭ ތަކެތީގެ ޑިއުޓީ މައާފުކުރެވޭ މުއްދަތު:
މި އުސޫލުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ފަތުރުވެރިކަމުގެ މަސައްކަތް ފެށުމަށާއި މަސައްކަތް ކުރުމަށާއި އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެއްޗަށް ޑިއުޓީ މައާފުކުރާނީ ތިރީގައިމިވާ މުއްދަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ހ) އަލަށް ފަށާ އިގްތިސާދީ މަސައްކަތެއްނަމަ، އެ މަސައްކަތްތަކަށް ގެނެވޭ ތަކެއްޗަށް އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ނުވަތަ އެ މަސައްކަތެއްގެ އިމާރާތްކުރުމަށް ހުއްދަ ކުރާ މުއްދަތާ ހަމައަށް ޑިއުޓީ މައާފުކޮށްދެވޭނެއެވެ.
(ށ) ފަށާފައިވާ ނުވަތަ ހިނގަމުންދާ އިގްތިސާދީ މަސައްކަތެއްނަމަ، އެ މަސައްކަތުގެ ޖުމުލަ އިންވެސްޓްމަންޓް އަގަށް ރިއާޔަތްކޮށް އެ މަސައްކަތަކަށް ގެނެވޭ ތަކެއްޗަށް ތިރީގައިމިވާ ގޮތުގެމަތިން ޑިއުޓީ މައާފުކުރެވޭނެއެވެ:
- 2 މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ، ގިނަވެގެން 3 އަހަރު ދުވަހުގެ މުއްދަތަށް
- 25 މިލިއަން ޑޮލަރާއި 50 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް.
- 50 މިލިއަން ޑޮލަރާއި 75 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ، ގިނަވެގެން 7 އަހަރު ދުވަހުގެ މުއްދަތަށް.
- 75 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއްނަމަ، ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތަށް.
- އިންވެސްޓްމަންޓުގެ އަގު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުނަމަ، ގިނަވެގެން 15 އަހަރު ދުވަހުގެ މުއްދަތަށް.
5 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ގެނެވޭ ތަކެތީގެ ޑިއުޓީ މައާފުކުރެވޭ މިންވަރު
މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުދަލަށް، އިންވެސްޓްމެންޓްގެ އަގުގެ 5% (ފަހެއް އިންސައްތަ) ގެ ވެލިއުއަށްވާ މިންވަރަށް ޑިއުޓީ މައާފުކޮށްދެވޭނެއެވެ.
6 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ މައާފުކޮށްދިނުމުގައި ބަލާނެ ށަރުތުތައް
އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
(ހ) ފަތުރުވެރިކަމުގެ ސިނާއަތުގައި މުޅިން އަލަށް ފައްޓާ މަސައްކަތްތަކަށާއި، މިސިނާއަތުގައި ގާއިމްކުރެވިފައިހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓްގެ އޮރިޖިނަލް އަގުގެ 25% އަށްވުރެ ބޮޑު ހަރަދެއް ހިނގާ ކެޕިޓަލް އެކްސްޕެންޑިޗަރ އާއި މަރާމާތުގެ މަސައްކަތްތަކަށް.
(ށ) ފަތުރުވެރިކަމުގެ ސިނާއަތުގައި މުޅިން އަލަށް ފައްޓާ މަސައްކަތެއް ގޮތުގައި ރާއްޖޭގައި ޓޫރިސްޓް ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ޔޮޓުބަނދަރު (ނުވަތަ މިނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ޕްރޮޖެކްޓްތައް) ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ސޮއިކޮށްފައިވާ ލީސް އެގްރިމެންޓެއްގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންޖެހޭ އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޕްރޮޖެކްޓަކަށްވުން، ނުވަތަ ފަތުރުވެރިކަމާ ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމުން ހޯދަންޖެހޭ އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ޕްރޮޖެކްޓަކަށްވުން، އަދި މިސިނާއަތުގައި ގާއިމްކުރެވިފައިހުރި އިންވެސްޓްމަންޓްތަކުގެ އަޕްގްރޭޑިންގ ނުވަތަ ރިނޮވޭށަން މަސައްކަތެއްނަމަ، އެމަސައްކަތެއް ކުރުމަށް ހޯދަންޖެހޭ އިމާރާތް ކުރުމުގެ ހުއްދަ، ދޫކޮށްފައިވާ ޕްރޮޖެކްޓަކަށްވުން
(ނ) ޑިއުޓީ މައާފުކުރުމަށް އެދޭފަރާތަކީ ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށްވުމާއިއެކު އެފަރާތަކުން އަމަލުކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަމުންދާ ފަރާތެއްކަމަށްވުން
(ރ) މިއުސޫލުގެ ދަށުން ޑިއުޓީ މައާފުކުރުމަށް އެދޭފަރާތްތަކުގެ އިމްޕޯޓް ޑިއުޓީ މައާފުކޮށް އިނާޔަތަށް ލިބޭނީ މިފަދަ ޕްރޮޖެކްޓްތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ކޮންސްޓްރަކްށަން ޕާމިޓްގެ މުއްދަތަށެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ކޮންސްޓްރަކްށަން ޕާމިޓްގެ މުއްދަތު ހަމަވުމުގެ ފަހުން، ނުވަތަ އެމަރުކަޒެއް ހުޅުވުމުގެ ފަހުން އިތުރު ފޭސްއެއްގެ އިމާރާތްކުރުމުގެ ހުއްދައެއްނެތި، ކޮންސްޓްރަކްށަން ޕާމިޓްގެ މުއްދަތުގައި، އޯޑަރކޮށްފައިވާ މުދަލެއް ރާއްޖެ އަތުވެއްޖެނަމަ، އިމްޕޯޓް ޑިއުޓީ މައާފު ކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން މުދަލުގެ ބާވަތަށް ބަލައި ޑިއުޓީ މައާފުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި، މިފަދައިން ހުށަހަޅާއިރު އެ މުދާ އޯޑަރކުރި ތާރީހު އެނގޭނެފަދަ ސައްހަ ލިޔެކިޔުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ބ) ފަތުރުވެރިކަމުގެ ހިދުމަތްދޭ މަރުކަޒު ތަރައްގީ ކުރުމަށް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓްއިން ބައެއް ނިންމުމަށްފަހު ހުޅުވުމުގެކުރިން ނުނިމިވާ ބަޔަށް ޑިއުޓީ މައާފުކުރުމަށް ބޭނުންވާނަމަ އެކަމަށް އެދި ތަފުސީލާއި އެކު ހުށަހަޅަންވާނެއެވެ.
7 ވަނަ މާއްދާ - އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް އެދި ހުށަހެޅުން
އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް ށަރުތުހަމަވާ ފަރާތްތަކުން (ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓުބަނދަރު ނުވަތަ މިނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި) ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންވާނެއެވެ.
(ހ) ޑިއުޓީ މައާފުކުރުމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭށަން ފޯމް
(ށ) ޕްރޮޖެކްޓަށް ގެނެވޭ މުދަލަކީ ހަމައެކަނި މިޕްރޮޖެކްޓްގެ ބޭނުމަށް ގެނެވޭ މުދާކަމުގައި ބަޔާންކޮށް ޕްރޮޖެކްޓްގެ ވެރިފަރާތުގެ ނަމާއި ސޮއި އަދި ވެރިފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ކުންފުނީގެ ނަމުގައި ސޮއިކުރުމުގެ އިހްތިޔާރު ލިބިގެންވާ ފަރާތެއްގެ ސޮޔާއި ތައްގަނޑު ޖަހާފައިވާ އިގުރާރު
(ނ) ޕްރޮޖެކްޓްގެ ބިލް އޮފް ކުއަންޓިޓީސް (ބީއޯކިއު) އަދި ބިލް އޮފް މެޓީރިއަލްސް (ބީއޯއެމް) ސޮފްޓް ކޮޕީ އެކްސެލް ފޯމެޓްގައި ޑިއުޓީ މައާފުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލު
8 ވަނަ މާއްދާ - ޑިއުޓީ މައާފުކޮށްދިނުމަށް އެދި ހުށަހަޅުމުން، އެ ފަރާތަކަށް ޑިއުޓީ މައާފުކޮށްދެވޭނީ އަންނަނިވި އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައެވެ.
(ހ) މި އުސޫލުގެ 4 ވަނަ މާއްދާގެ ދަށުން ޑިއުޓީ މައާފުކޮށްދިނުމަށް މުއްދަތާއި މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ޑިއުޓީ މައާފުކުރުމަށް ކަނޑައެޅޭ މިންވަރު މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގަންވާނެއެވެ.
(ށ) އެއްވެސް ސަބަބެއް މެދުވެރިވެގެން ޕްރޮޖެކްޓްގެ ޑިއުޓީ މައާފުކޮށްދިނުމަށް މި އުސޫލުގެ 5 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ޑިއުޓީ މައާފުކޮށްދެވޭނީ އެކަމުގެ ސަބަބުތައް ބަޔާންކޮށް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީއިން ހުއްދަ ދިނުމުންނެވެ.
9 ވަނަ މާއްދާ - ޑިއުޓީ މައާފުކޮށްދީފައިވާ މުދަލުގެ ޑިއުޓީ އަނބުރާ އެއްކުރުން އަދި ރީފަންޑް
(ހ) މި އުސޫލުގެ ދަށުން ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ މުދަލެއް، ޑިއުޓީ މައާފުކޮށްދީފައިވާ މަސައްކަތް ނޫން އެހެން މަސައްކަތަކަށް ބޭނުންކޮށްފިނަމަ، ގާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ދަށުން "އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލު" ގެ 14 ވަނަ މާއްދާގެ ދަށުން އަމަލުކުރެވޭނެއެވެ.
(ށ) މުދަލެއްގެ އިމްޕޯޓް ޑިއުޓީ ދެއްކުމަށްފަހު، މި އުސޫލުގެ ދަށުން ޑިއުޓީ މައާފުކޮށްދިނުމަށް ހުއްދަދެވުނު ނަމަވެސް ދައްކާފައިވާ ޑިއުޓީ ރީފަންޑް ނުކުރެވޭނެއެވެ.
10 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން
މި އުސޫލަށް އަމަލުކުރަން ފަށާނީ 21 ފެބުރުއަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.
1 ޖަދުވަލު
ޑިއުޓީ މައާފުކޮށްނުދެވޭ މުދާ
- ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓުބަނދަރު، ނުވަތަ މިނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްދޭ ތަންތަނުގެ ބޭނުންކުރުމަށް ގެންނަ ތެލި، ތަށި، ސަމުސާ، އޫ ފަދަ ކަޓްލަރީސް އަދި ކްރޮކަރީޒް (މީގެ ތެރޭގައި ބޮޑެތި އުނދުން އަވަން ނުހިމެނޭ).
- ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓުބަނދަރު ނުވަތަ މިނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރުމަށް އެތެރެކުރެވޭ ލިނަން (ބެޑްށީޓް، ބެޑްކަވަރު، ދޮރުފޮތި، ސްޓާފް ޔުނީފޯމް ފަދަ އަންނައުނު، ތުވާލި، ކާޓަން ފަދަ) އަދި ބާލީސް، އަދި ގޮދަޑި، ފަރުނީޗަރާއި ވަކިން ހުންނަ ކުށަންފަދަ ތަކެތި
- ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓުބަނދަރު ނުވަތަ މިނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްދޭ ތަންތަނުގެ ހިންގުމަށް ބޭނުންކުރާ ތަކެތި (ގެސްޓް ކޮޓަރިތަކަށް އަދި ސްޕާއަށް ގެނެވޭ ކޮސްމެޓިކްސް އާއި ހެއަރ ޑްރައިއަރ އަދި ޑިޖިޓަލް ސްކޭލް އަދި އިސްތިރިފަދަ، ސްޓީރިއޯ އަދި ޑީޖޭ ސިސްޓަމްފަދަ، ޖިމް، ޔޯގާ އަދި އެރޮބިކްސް ފަދަ ކަސްރަތުކުރުމަށް ގެނެވޭ ޑަމްބެލްސް ފަދަ ކުދި އިކުއިޕްމަންޓް، ސްޓޭށަނަރީޒް، ޑައިވިންގ އަދި ސްނޯކްލިންގ އިކުއިޕްމަންޓްސް، ވާރޭ ކުޑަ އަދި ބީޗް ކުޑަ، ލެޕްޓޮޕް، ކޮމްޕިއުޓަރ، ޕްރިންޓަރ)
- ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓުބަނދަރު ނުވަތަ މިނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްދޭ ތަންތަނުގައި ލޭންޑް ސްކޭޕިންގ އަދި ޑެކަރޭށަން އަށް ގެނެވޭ ތަކެތި (ލައިވް ޕްލާންޓްސް އަދި ގަސްއިންދުމަށް ގެނެވޭ ތަކެތި، ދޫނި ފަދަ ދިރޭ ތަކެތި، ޕެއިންޓިންގސް އަދި ފޮޓޯ ފަދަ ބަހައްޓާތަކެތި)
- މުނިފޫހިފިލުވުމަށް ގެނެވޭ ތަކެތި (ޕޫލް ޓޭބަލް، ޓެނިސް ޓޭބަލް، ބާސްކެޓް ބޯލް ސްޓޭންޑް، ޖެޓް ސްކީ، ކަޔަކް ފަދަ)
- އެއްވެސް ބާވަތެއްގެ ތެޔޮ (ޑީސަލް، ޕެޓްރޯލް، ލުބްރިކޭޓިން އޮއިލް، ކޫލަންޓް، ގިރިސް ފަދަ)
- ރިޒޯޓް ތަރައްގީ ކުރުމަށް ގެނެވޭ ވެހިކަލް، ވެސަލް، މެށިނަރީ އަދި އިކުއިޕްމަންޓްތަކުގެ ސްޕެއަރ ޕާޓްސް
- ކޮންސްޓްރަކްށަން މެޓީރިއަލް، ކެޕިޓަލް އިކުއިޕްމަންޓް އަދި އަގުބޮޑު މެށިނަރީގެ ގޮތުގައި ނުހިމެނޭ މުދާ
މައި ގާނޫނު
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)
ކިޔުންތެރިންގެ ހިޔާލު