-

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރ 2012-07)

 

 

ފުރަތަމަ ބައި

ފެށުމުގެ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އުސޫލުތައް ބަޔާންކޮށްދިނުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިގެންވާ ފަރާތްތައް ކަނޑައެޅުމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު ތަންފީޒުކުރުމުގެ ހަމަތައް ތަފްސީލުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ދިވެހިރައްޔިތުންނަށާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އަސާސީ ހައްގުތައް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ނިސްބަތަށް ހަނިކުރުމުގެ އުސޫލުތައް އެކަށައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މައިގަނޑު އުސޫލުތައް ބަޔާންކުރުން.

(ށ) ދިވެހިރާއްޖޭގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ އުފުލާނެ ފަރާތްތައް ކަނޑައެޅުމާއި، އެފަރާތްތައް ތަރުތީބުވެގެންވާ އޮނިގަނޑު އެކުލަވާލުމާއި، އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް އެކަށައެޅުން.

(ނ) ގައިންގަޔަށްއަރާ ބަލިތަކާއި، ނުރައްކާތެރި ބަލިތަކާއި، ރިޕޯޓުކުރަންޖެހޭ ބަލިތައް ކަނޑައެޅުމާއި، އެފަދަ އިތުރު ބަލިތައް ކަނޑައަޅާނެ އުސޫލު ބަޔާންކޮށްދިނުން.

(ރ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާއި ގައިންގަޔަށްނާރާ ބަލިތައް ކަނޑައަޅައި، އެ ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުވައި، އެފަދަ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުން.

(ބ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އަމަލުކުރާނެގޮތުގެ އުސޫލުތައް ކަނޑައެޅުން.

(ޅ) ސިއްހީގޮތުން ނުރައްކާތެރިކަމަށް ބެލެވޭ ކަންކަމަކީ ކޮބައިކަން ބަޔާންކުރުމާއި، އެފަދަކަމެއް ދިމާވުމުން އަމަލުކުރަންޖެހޭނެގޮތް ކަނޑައެޅުން.

(ކ) އާންމު ސިއްހަތު ރައްކާތެރިކުރުމުގެގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން، އުފުލަންޖެހޭ ޒިންމާގެ ދައުރު އެކަށައެޅުން.

(އ) އާންމު ސިއްހަތު ރައްކާތެރިކުރުމުގައި، ދިވެހިރައްޔިތަކީ ޒިންމާދާރު، މަސްއޫލުވެރި ރައްޔިތަކަށް ހެދުން.

(ވ) އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރުމާއި ކުށުގެ އަދަބު ކަނޑައެޅުން.

 

3 ވަނަ މާއްދާ - ހައްގުތައް ހަނިކުރުން

މި ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ސަބަބުން، އެއްވެސް މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަކަށް ހަނިކަމެއް ގެނެވޭނީ، ސިއްހީގޮތުން ނުރައްކާވެދާނެ ފަދަ ބަލިމަޑުކަމެއްގެ ސަބަބުން، ނުވަތަ ގައިންގަޔަށް އަރާފާނެ ބައްޔެއްގެ ސަބަބުން، ނުވަތަ ދުރާލާ އެންމެންނަށް އެނގި އޭގެން ރައްކާތެރިވާންޖެހޭފަދަ ބައްޔެއްގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ސަބަބުން، ނުވަތަ އަމިއްލަ ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުމުގެ ސަބަބުން، އެ ވަގުތަކަށާއި ހާލަތަކަށާއި ކަމުގެ ކުޑަބޮޑުމިނަށް ބަލާއިރު، މީހެއްގެ މިނިވަންކަމަށް ނުވަތަ ހައްގަށް ހަނިކަމެއް ގެންނަން ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ހަމައެކަނި އެ ނިސްބަތަށެވެ.

 

 

ދެވަނަ ބައި

ގާނޫނު ހިންގުން

4 ވަނަ މާއްދާ - އާންމު ސިއްހަތުގެ އިސް ޒިންމާ ހަވާލުކުރެވިގެންވާ ފަރާތް

(ހ) ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމާއި، އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އަސާސީ ޒިންމާ އުފުލާނީ ވަޒީރެވެ.

(ށ) މި ގާނޫނު ތަންފީޒުކުރުމާއި، ހިންގުމާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަންކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ ވަޒީރެވެ.

(ނ) ވަކި ބާރެއް މި ގާނޫނުން ކަނޑައެޅިގެން ވަޒީރާ ހަވާލުކުރެވިފައިވާ ހާލަތުގައާއި އެގޮތަށް އެ ބާރެއް ހަވާލުކުރެވިފައި ނުވާ ހާލަތުގައިވެސް، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، ނުވަތަ ވަޒީރުގެ މަސްއޫލިއްޔަތެއްކަމުގައި މި ގާނޫނުން ކަނޑައަޅާފައިވާ ކަމެއް ކުރުމަށްޓަކައި، ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، ފުރިހަމަގޮތުގައި މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް، މި ގާނޫނުގެ ދަށުން ވަޒީރަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ލާމަރުކަޒީ ބައެއް އުސޫލުތައް

(ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި މި ގާނޫނުގެ ދަށުން ވަޒީރު ހަވާލުކުރާ ކަންކަން ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލްތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ބާރު ލިބިދިނުމުގެގޮތުން، އޭގެތެރެއިން ކައުންސިލެއް ނުވަތަ ކައުންސިލްތަކެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގައި، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެ ސަރަހައްދަށް އައްޔަންކުރެވޭ އޭޖެންޓްކަމުގައި، މި ގާނޫނުގެ ދަށުން ކަނޑައެޅުމުގެ އިހްތިޔާރު ވަޒީރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ މި ގާނޫނު ތަންފީޒުކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަކާ ނުވަތަ އަތޮޅު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ، ވަޒީރު ހަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތަކާއި ބާރެއް ތަންފީޒުކުރުމަށް ބޭނުންވާ، އާންމު ސިއްހަތު ދެމެހެއްޓުމުގެ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދީ، އާންމު ސިއްހަތު ދެމެހެއްޓުމުގެ މަސައްކަތްކުރުމުގެ ނިޒާމެއް އެ ކައުންސިލަށް ގާއިމުކޮށްދިނުމާއެކުގައެވެ. އަދި އެފަދަ ވަސީލަތްތަކާއި ނިޒާމުތައް ގާއިމުކޮށްދޭންވާނީ، އެ ކައުންސިލެއްގެ އިހްތިސާސްގެ ދާއިރާގައި ހިމެނޭ ސިއްހީ ފަރުވާ ދިނުމުގެ ވަސީލަތްތަކާ ނިޒާމުތަކާ ވަކިން ބޭނުންކުރާ ވަސީލަތްތަކަކާއި ނިޒާމުތަކެއްގެ ގޮތުގައެވެ.

(ނ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ފެންވަރުގައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، އާންމު ސިއްހަތުގެ ދުޅަހެޔޮކަން ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް ވަޒީރުގެ އިރުށާދާއި ބާރު މި ގާނޫނުގެ ދަށުން ހިނގާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލްގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލްގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލްގެ ފެންވަރުގައި ހަވާލުކުރެވޭކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެގޮތަށް ލިޔުމަކުންނެވެ.

(ބ) ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް، މި ގާނޫނުގެ ދަށުން ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްސީލުކޮށް ބަޔާންކޮށް، އާންމުކޮށް އިއުލާނުކޮށް، ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ހެލްތް ޕްރޮޓެކްށަން އެޖެންސީ އުފެއްދުން

(ހ) ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމާއި، އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާއި، އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އާންމު ޒިންމާ އުފުލައި، އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމަށްޓަކައި، ހެލްތް ޕްރޮޓެކްށަން އެޖެންސީގެ ނަމުގައި، އެޖެންސީއެއް މި ގާނޫނުގެ މި މާއްދާގެ ދަށުން މި އުފެއްދީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެޖެންސީގެ އެންމެ އިސްވެރިޔަކީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެވެ. އެ މަގާމު، މި މާއްދާގެ މިއަކުރުގެ ދަށުން، މި އުފެއްދީއެވެ. އެ މަގާމަށް މީހަކު އައްޔަންކުރާނީ، ސިވިލް ސަރވިސް ކޮމިށަނުންނެވެ. އަދި އެ މަގާމަކީ، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ މަގްސަދަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ މަގާމެކެވެ. އެ މަގާމަށް އައްޔަންކުރާ މީހަކީ، ޕަބްލިކް ހެލްތްގެ ދާއިރާއިން މާސްޓާރސް ޑިގްރީއެއް އޮތް މީހަކަށް ވާންވާނެއެވެ.

(ނ) ޑިރެކްޓަރ ޖެނެރަލް މަސައްކަތްކުރާނީ، ވަޒީރުގެ އާންމު އިރުށާދުގެ ދަށުންނެވެ.

(ރ) އެޖެންސީއާއި ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީވާނީ، ވަޒީރަށެވެ.

 

7 ވަނަ މާއްދާ - ހެލްތް ޕްރޮޓެކްށަން އެޖެންސީގެ އިހްތިސާސްގެ ދާއިރާ

އަންނަނިވި ކަންކަން ކުރުމަކީ، އެޖެންސީގެ އިހްތިސާސްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އެޖެންސީން އުފުލަންޖެހޭނެ ކަންކަމެވެ.

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކާއި އެ މާއްދާގެ ދަށުން އުފައްދާ އިތުރު މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި، ށަރުތުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރުތަކާއި، އެ މަގާމުގެ ވާޖިބުތައް އަދާކުރާނެ ހަމަތައް ސިވިލް ސަރވިސް ކޮމިށަނުގެ މަށްވަރާގެމަތިން އެކުލަވާލުން.

(ށ) މި ގާނޫނުގެ ދަށުން އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

(ނ) ކައުންސިލްތަކުގެ އިހްތިސާސްގެ ދާއިރާގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި ސިއްހީ ހިދުމަތް ދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

(ރ) ސިއްހީ ނުރައްކާތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި އެއިން ބައްޔެއް ފެތުރުމުން އެ ބަލިތަކަށް ދެވޭނެ އިޖާބައަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް ކުރުން.

(ބ) ސިއްހީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް، ބޭރުގެ ގައުމުތަކުން ރާއްޖެއަށް ތައާރުފުވުން ކޮންޓްރޯލްކުރުމަށާއި ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ޅ) ގައިންގަޔަށް އަރާ ބައްޔަކާ ގުޅޭގޮތުން ނުވަތަ ނުރައްކާތެރި ބައްޔަކާ ގުޅޭގޮތުން، ނުވަތަ ސިއްހީ ނުރައްކަލަކާ ގުޅޭގޮތުން އުފެދިދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއް ކޮންޓްރޯލް ކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއްގެ މިންވަރު ކުޑަކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް ކައުންސިލްތަކުގެ އިހްތިސާސްގެ ދާއިރާގައިވާ އާންމު ސިއްހަތުގެ މުއައްސަސާތަކަށާއި މަރުކަޒުތަކަށް އެންގުމާއި ކަމާގުޅޭ އިރުށާދުތައް އެތަންތަނަށް ދިނުން.

(ކ) މި ގާނޫނު ހިންގުމަށްޓަކައި އަދި އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ބޭރުގެ ޖަމާއަތްތަކާއި ގައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާއަތްތަކާއި ގައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

(އ) އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ޕަބްލިކް ހެލްތް ލެބޯޓަރީތައް އުފައްދައި، އެތަނުން ދޭނެ ހިދުމަތްތައް ކަނޑައަޅައި، އެ ހިދުމަތްތައް، އެތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިޔުން.

(ވ) ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފެތުރުމުގެ ފުރުސަތު އޮތް ނިސްބަތް ބެލުމަށްޓަކައި ހިންގަންޖެހޭ މަށްރޫއުތަކާއި ޕްރޮގްރާމްތައް ހިންގައި، ރާއްޖެއަށް އެފަދަ ބައްޔެއް ތައާރުފުވެއްޖެނަމަ، އެކަމަށް އިޖާބަދިނުމުގެ ކަންކަން ރާއްޖޭގައި ހިންގަންޖެހޭނެގޮތުގެ އުސޫލުތައް ރާވައި، މަށްރޫއުތައް އެކުލަވާލައި، އަމަލީ މަސައްކަތުގެ ތާވަލުތައް ތައްޔާރުކުރުން.

(މ) ސިއްހީ ނުރައްކަލެއް ދިމާވެއްޖެނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިއްޖެނަމަ، ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ރާއްޖެ ހިނގައްޖެނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެނަމަ، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު އުސޫލުތައް ދުރާލާ ތައްޔާރުކުރުން.

(ފ) އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، މީހުންނަށް ދޭންޖެހޭ އާންމު ސިއްހަތުގެ ހިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ދ) އެއްވެސް ބައްޔެއް ފެތުރުމުގެ ވަސީލަތަކަށް ވެދާނެ އެއްޗެއް، މީހުން ދިރިއުޅޭ ތަނެއްގައި ހުރެއްޖެކަމަށްވާނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެކަން ކޮންޓްރޯލް ކުރުމަށާއި އެކަމެއް ނައްތާލުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެމީހަކު އެ އެންގުމާ އެއްގޮތަށް އަމަލުކުރަން ލާޒިމުކުރުން.

(ތ) އާންމު ސިއްހަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް އެކުލަވާލައި، އެ މިންގަނޑުތައް ތަންފީޒުކުރަމުން ދިޔުން.

(ލ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، މުޖުތަމައުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

(ގ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެހިނދެއްގައި، އެކަން ދިމާވިގޮތާއި، އެކަމުގައި އަމަލުކުރިގޮތާއި، އަމަލުކުރެވުނުގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެފަދަކަމެއް ދިމާވެއްޖެކަމަށްވާނަމަ، ރަނގަޅުކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މުރާޖައާކުރުމަށްފަހު، ރިޕޯޓެއް އެކުލަވާލައި، ވަޒީރަށް ހުށަހެޅުން.

(ޏ) ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާ ގުޅޭގޮތުން ކަންކުރަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖެނުއަރީމަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓެއް ހުށަހެޅުން.

 

8 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އާންމު ސިއްހަތު ރައްކާތެރިކުރުން

(ހ) ވަކި ތަނެއްގައި، ނުވަތަ ވަކި މުއްދަތެއްގައި، ނުވަތަ ވަކި ވަގުތެއްގައި، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ދޭންޖެހޭ އިރުށާދާއި، ސިއްހީގޮތުން ދޭންޖެހޭ ލަފާ ދިނުމާއި، ލިޔެކިޔުން ތައްޔާރުކޮށް، އެ ލިޔެކިޔުންތައް މެދުވެރިކޮށް އާންމު ސިއްހަތާ ގުޅޭގޮތުން ދޭންޖެހޭ މައުލޫމާތު ޑިރެކްޓަރ ޖެނެރަލަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރާ ކަމެއް ކުރުމަށްފަހު، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެކަން ހިނގިގޮތާއި، އެކަން ކުރަންޖެހުނު ސަބަބާއި، އެކަންކުރިގޮތް ވަޒީރަށް އަންގަންޖެހޭނެއެވެ.

(ނ) ވަކި ސަރަހައްދެއްގައި، ނުވަތަ ވަކި ތަނެއްގައި، އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އެކަމެއް ހުއްޓުމަކަށް ގެނައުމަށްޓަކައި ނުވަތަ އެކަމެއް ނައްތާލުމަށްޓަކައި ނުވަތަ އެކަމުގެ ސަބަބުން އުފެދޭ ނުރައްކަލުގެ މިންވަރު ކުޑަކުރުމަށްޓަކައި، އަޅަންޖެހޭނެކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވޭ ފިޔަވަޅުތައް އެ ވަގުތަކާގުޅޭ ނިސްބަތަކަށް ޑިރެކްޓަރ ޖެނެރަލް އަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ބާރުތައް ހަވާލުކުރުން

(ހ) މި ގާނޫނުގެ ދަށުން ވަޒީރަށް ލިބިދޭ ވަކި ހާއްސަ ބާރެއް، ނުވަތަ ވަޒީރު އުފުލަންޖެހޭ ވަކި ހާއްސަ މަސްއޫލިއްޔަތެއް، ޑިރެކްޓަރ ޖެނެރަލާ ހަވާލުކުރެވިދާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ވަކި ހާއްސަ މަސްއޫލިއްޔަތެއް، ޑިރެކްޓަރ ޖެނެރަލާ ހަވާލުކޮށްފިނަމަ، އޭނާ އެ މަސްއޫލިއްޔަތު އަދާކުރަންވާނީ، ސީދާ މި ގާނޫނުގެ ދަށުން އެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރެވިފައިވަނީ ކަމުގައި ބަލައިގެންނެވެ.

(ނ) މި ގާނޫނުގެ ދަށުން ވަކި ބާރެއް ނުވަތަ ވަކި މަސްއޫލިއްޔަތެއް ވަކި މީހަކާ ހަވާލުކުރުމުގެ ބަދަލުގައި، ވަކި ގިންތިއެއްގެ ބަޔަކާ ނުވަތަ ވަކި މަގާމެއްގައި ތިބޭ ބަޔަކާ އެ މަސްއޫލިއްޔަތެއް ނުވަތަ ބާރެއް ހަވާލުކުރުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ރ) މި ގާނޫނުގެ ދަށުން ވަކި ބާރެއް ނުވަތަ ވަކި މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ މީހަކު، އެ ބާރެއް ނުވަތަ މަސްއޫލިއްޔަތެއް ތަންފީޒުކުރަމުންދާ ދަނޑިވަޅުގައި، އެހެންގޮތަކަށް ސާބިތުކޮށްނުދެވޭހާހިނދަކު، ގަބޫލުކުރަންޖެހޭނީ، އޭނާ އެ މަސައްކަތް އެކުރަނީ އޭނާއާ ހަވާލުކުރެވިފައިވާ ބާރުގެ ނުވަތަ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ކަމަށެވެ.

(ބ) މި ގާނޫނުގެ ދަށުން ވަޒީރު، ވަކި މީހަކާ ނުވަތަ ވަކި ގިންތިއެއްގެ ބަޔަކާ ހަވާލުކުރާ ކޮންމެ ބާރެއްވެސް، ލިޔުމުން ހަވާލުކުރުމަށްފަހު، ލިޔުމުން އެ ބާރު އަތުލެވިވެސްދާނެއެވެ. އަދި ވަކި މީހަކަށް ބާރެއް ހަވާލުކުރެވިފައި އޮތުމަކީ، ވަޒީރު އެ ބާރު ސީދާ ބޭނުންކުރުމަށް އޮތް ހުރަހެއްވެސް ނޫނެވެ.

 

10 ވަނަ މާއްދާ - ބައެއް މަގާމުތަކަށް މީހުން އައްޔަންކުރުން

(ހ) ހެލްތް ޕްރޮޓެކްށަން އެޖެންސީގައި، އަންނަނިވި މަގާމުތައް އުފައްދައި، އެ މަގާމުތަކުގެ ށަރުތުތައް ކަނޑައަޅައި، ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގައިވާ ގޮތުގެމަތިން، އެ މަގާމުގެ މުސާރައާއި އިނާޔަތްތައް ހަމަޖައްސައި، އެ މަގާމުތަކަށް މީހުން ހަމަޖެއްސުމަކީ، ސިވިލް ސަރވިސް ކޮމިށަނުގެ ޒިންމާއެކެވެ. މި ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހެލްތް ޕްރޮޓެކްށަން އެޖެންސީން އެކަންކަމަށް ބޭނުންވާ މައުލޫމާތު އަދި މަށްވަރާ ސިވިލް ސަރވިސް ކޮމިށަނަށް ދޭންވާނެއެވެ.

  1.  މެޑިކަލް އޮފިސަރުން.
  2. ޕަބްލިކް ހެލްތް އޮފިސަރުން.
  3. އެންވަޔަރަމެންޓަލް ހެލްތް އޮފިސަރުން.
  4. ޕޯޓް ހެލްތް އޮފިސަރުން.
  5. ވެޓެނިރަރީ އޮފިސަރުން.
  6. ފުޑް ސޭފްޓީ އޮފިސަރުން.
  7. ފެމިލީ ހެލްތް އޮފިސަރުން.
  8. ކޮމިއުނިޓީ ހެލްތް އޮފިސަރުން.
  9. ޕަބްލިކް ހެލްތް އިންސްޕެކްޓަރުން.
  10. އެޕިޑީމިއޮލޮޖިސްޓުން.
  11. ލީގަލް އޮފިސަރުން.
  12. ސްޓެޓިސްޓީށަނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ އިތުރަށްވެސް، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، އެޖެންސީއަށް ބޭނުންވާ ފަންނީ މަގާމުތަކާއި އިދާރީ މަގާމުތައް ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ ދަށުން ސިވިލް ސަރވިސް ކޮމިށަނުން އުފައްދައި، އެ މަގާމުތަކުގެ ށަރުތުތަކާއި މުސާރައާއި އިނާޔަތްތައް، އެ ގާނޫނުގައިވާ ގޮތުގެމަތިން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އުފައްދާ މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ސިވިލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރާނީ، ވަޒީރުގެ މަށްވަރާގެމަތިން ޑިރެކްޓަރ ޖެނެރަލެވެ.

 

 

ތިންވަނަ ބައި

ގައިންގަޔަށް އަރާ ބަލި

11 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލި ބަޔާންކުރުން

(ހ) ސާބިތުވާންހުރި ސިއްހީ އިލްމާއި ހޯދުންތަކުގެ އަލީގައާއި، ލިބިފައިވާ މާޒީގެ ތަޖުރިބާގެ އަލީގައާއި، ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ އަލީގައި، ގައިންގަޔަށް އަރާ ބަލިކަމަށް މި ގާނޫނުގެ ދަށުން ބަލާނެ ބަލިތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ގައިންގަޔަށް އަރާ ބަލިތަކަކީ ކޮބައިކަން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުމުގެ އިތުރަށް، ސާބިތުވާންހުރި ސިއްހީ އިލްމާއި ހޯދުންތަކުގެ އަލީގައާއި، ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ އަލީގައާއި، ލިބިފައިވާ މާޒީގެ ތަޖުރިބާގެ އަލީގައި، ވަކި ބައްޔެއް އެއީ ގައިންގަޔަށް އަރާ ބައްޔެއްކަމަށް ކަނޑައަޅާނެ އާންމު އުސޫލުތައްވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބައްޔާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލަށް ލިބިދޭ ބާރުތައް

(ހ) ވަކި މީހެއްގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، ވަކި ކަންތައްތަކެއް ކުރުމުން ދުރުހެލިވުމަށް، ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް، ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް، އެ ބަލި ޖެހިފައިވާކަމަށް ގަބޫލުކުރެވޭ މީހާއަށް، ނުވަތަ އެ ބަލި ޖެހިދާނެކަމަށް ގަބޫލުކުރެވޭ މީހާއަށް، ނުވަތަ އެ ބަލި ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާކަމަށް ގަބޫލުކުރެވޭ މީހާއަށް، އަންނަނިވި ހާލަތްތަކުގައި، އެންގުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ވަކި މީހެއްގެ ގައިގައި، ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަން ގަބޫލުކުރެވުމާއެކު، އެ ބަލި ފެތުރިގެން ހިނގައިދާނެކަމުގެ ނުރައްކަލެއް އޮތްކަމަށް ގަބޫލުކުރެވުން.
  2. ގައިންގަޔަށް އަރާ އެ ބައްޔަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިކުރުވަފާނެ ބައްޔެއްކަމުގައި ގަބޫލުކުރެވުން.
  3. ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ވަކިކަހަލަ ކަންތައްތަކެއް ކުރުމަށް އެންގުމަކީ ނުވަތަ ނުކުރުމަށް އެންގުމަކީ އެ ހާލަތުގައި ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވުން.
  4. ގައިންގަޔަށް އަރާބައްޔެއް ފަތުރާ ވަސީލަތެއް ނުވަތަ އެފަދަ ވަސީލަތެއް އެކުލެވޭ އެއްޗެއް ނުވަތަ މީހެއް ނުވަތަ ތަނެއް ފާހަގަވާކަމަށް ގަބޫލުކުރެވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އަންގާއިރު، އެ އެންގުމުގައިވާ ކަންތައްތައް ކޮށް ނިންމަންޖެހޭނެ ތާރީހަކީ ކޮބައިކަން ނުވަތަ އެ އެންގުމުގައިވާ ކަންތައްތައް ކޮށް ނިންމަންޖެހޭނެ މުއްދަތަކީ ކޮބައިކަން ޑިރެކްޓަރ ޖެނެރަލް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް،  އަންނަނިވި ކަންކަން ކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލަށް އެންގިދާނެއެވެ.

  1. ވަކި އިމާރާތެއް އެކުގައި ބަންދުކުރުމަށް ނުވަތަ އެ އިމާރާތުން ބައެއް ބަންދުކުރުމަށް ނުވަތަ އެ އިމާރާތަށް ވަދެ ނުކުމެވުން ހުއްޓުވުމަށް.
  2. އެ އިމާރާތުގެ ބޭރުގައި ވަކިކަހަލަ ނިށާނެއް ޖެހުމަށް.
  3. ވަކި އިމާރާތަކުން ނުވަތަ ތަނަކުން ދެމުންގެންދާ ހިދުމަތެއް، ނުވަތަ އެފަދަ ތަނެއްގައި ކުރަމުންދާ މަސައްކަތެއް ހުއްޓާލުމަށް ނުވަތަ މެދުކަނޑާލުމަށް.
  4. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ އެ ބަލި ޖެހިދާފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހާ ކަރަންޓީނު ކުރުމަށް.
  5. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހާ އެހެން މީހުންނާ އެކަހެރިކުރުމަށް.
  6. މީހަކު ދިރިއުޅެމުންދާ ތަނެއް، ނުވަތަ ހިދުމަތެއް ދެމުންދާ ތަނެއް، ނުވަތަ މަސައްކަތެއް ކުރަމުންދާ ތަނެއް ސާފުކުރުމަށް، ނުވަތަ އެ އިމާރާތަކުން ޖަރާސީމު ނުވަތަ އެ ބަލި ފަތުރާ ވަސީލަތް ނައްތާލުމަށް.
  7. ވަކި އިމާރާތަކުން ފެންނަ ވަކި އެއްޗެއް ނައްތާލުމަށް.
  8. އެ އަމުރު ރައްދުވާ ފަރާތް އެގްޒެމިންކުރުމަށްޓަކައި ޑޮކްޓަރަކަށް ދެއްކުމަށް.
  9. އެ އަމުރު ރައްދުވާ މީހާ އެގްޒެމިންކުރުމުން، ޑޮކްޓަރަށް ފާހަގަކުރެވޭ ކަންކަން، ޑިރެކްޓަރ ޖެނެރަލަށް އެންގުމަށް.  އަދި އޭނާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ނުވަތަ އެ ބަލި ފަތުރާ ވަސީލަތެއް އޭނާ ގައިގައި ހުރިކަމަށް ފާހަގަކުރެވޭކަމަށްވާނަމަ އެކަން، ނުވަތަ ފާހަގަނުކުރެވޭކަމަށްވާނަމަ އެކަން، ޑޮކްޓަރު ނުވަތަ ހޮސްޕިޓަލުން ޑިރެކްޓަރ ޖެނެރަލަށް އެންގުމަށް.
  10. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހާ ހޮސްޕިޓަލެއްގެ ބެލުމުގެ ދަށަށް ދިޔުމަށް.
  11. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ އެފަދަ ބަލި ޖެހިދާފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހާ ހުރި އުޅަނދެއް ކަރަންޓީނު ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ފަތުރަފާނެ ވަސީލަތެއް ހުރި އެފަދަ އުޅަނދެއް ކަރަންޓީނުކުރުމަށް ނުވަތަ އެ އުޅަނދަކުން ޖަރާސީމު ނުވަތަ އެ ބަލި ފަތުރާ ވަސީލަތް ނައްތާލުމަށް.

(ރ) މި މާއްދާގެ (ހ) އާއި (ނ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުމަކާ ގުޅިގެން، ޑޮކްޓަރަކު، ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކުކަމަށް ނުވަތަ އެފަދަ ބަލި ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކުކަމަށް ބެލެވޭ މީހާ، އެގްޒެމިންކުރުމުގައި، އޭނާގެ ނުރުހުމުގައި އޭނާ އެގްޒެމިންކުރުމަކީ، އޭނާއާމެދު މާރާމާރީ ހިންގުންކަމަކަށް ނުވަތަ އޭނާގެ މިނިވަންކަމަށް ހުރަސްއެޅުންކަމަކަށް ނުބެލެވޭނެއެވެ.

 

13 ވަނަ މާއްދާ - އަމުރާގުޅޭ އާންމު އުސޫލު ހިނގުން

މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ކުރާ ކޮންމެ އަމުރެއްގެ މައްޗަށްވެސް،  މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާންމު އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް ހިނގާނެއެވެ.

 

14 ވަނަ މާއްދާ - ކޯޓު އަމުރަކަށްއެދުން

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކަށް ތަބާވުމަށް، އެ އަމުރު ރައްދުވި ފަރާތުން ދެކޮޅުހަދާނަމަ ނުވަތަ އަންނަނިވި ކަންކަން ކުރުމަށް އެފަރާތުން ހުރަސް އަޅާކަމަށްވާނަމަ، އެ އަމުރު ތަންފީޒުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް، ސިވިލް ކޯޓަށް، ޑިރެކްޓަރ ޖެނެރަލަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

  1. ކަރަންޓީން ކުރުމަށް ހުރަސްއެޅުން.
  2. އެކަހެރިވުމަށް ހުރަސްއެޅުން.
  3. ޑޮކްޓަރަކަށް ދެއްކުމަށް ހުރަސްއެޅުން.
  4. ޑޮކްޓަރެއްގެ ބެލުމުގެ ދަށަށް ދިޔުމަށް ހުރަސްއެޅުން.
  5. އެހެން މީހުންގެ ގަޔަށް އެ ބަލި ފެތުރުނަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރަސްއެޅުން.
  6. އިމާރާތެއް ނުވަތަ ތަނެއް ބެލުމަށް ހުރަސްއެޅުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، ސިވިލް ކޯޓުން ކުރާ އަމުރަކީ، ވަކި މީހަކު ހޯދައި، ނުވަތަ ހިފަހައްޓައި، ނުވަތަ ހައްޔަރުކޮށް، ޑިރެކްޓަރ ޖެނެރަލް ކޮށްފައިވާ އަމުރުގައިވާ ގޮތުގެމަތިން އެމީހަކާމެދު ކަންކުރުމުގެ ބާރު ލިބިދޭނެ އަމުރެކެވެ. އަދި އެ އަމުރު ތަންފީޒުކުރުމުގައި ފުލުހުންގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ. ނުވަތަ ޑިރެކްޓަރ ޖެނެރަލަށް އެ އެހީތެރިކަން ފުލުހުންގެ ކިބައިން ހޯދިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައަކާ ގުޅިގެން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ލާޒިމުކުރާ އަމުރެއް ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަށް ތަބާވުން.
  2. ހައްޔަރުކޮށް، ކަރަންޓީން ކުރުމުގެ މަރުކަޒެއްގައި، ބަންދުގައި ބެހެއްޓުން.
  3. ހައްޔަރުކޮށް، އެކަހެރިކުރުމުގެ މަރުކަޒެއްގައި، ބަންދުގައި ބެހެއްޓުން.
  4. ހައްޔަރުކޮށް، ޑޮކްޓަރަކަށް ދެއްކުމަށް ގެންދިޔުން.
  5. ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ސާބިތުވެއްޖެނަމަ އެ ބައްޔަކަށް ފަރުވާދިނުމަށް ޑިރެކްޓަރ ޖެނެރަލް އެންގުން.
  6. އިމާރާތެއް ނުވަތަ ތަނެއް ބަލައި، ފާސްކޮށް، ތަހްލީލުކުރުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޯޓު އަމުރުގެ ދަށުން ޑޮކްޓަރަކު، މީހަކު އެގްޒެމިންކުރުމުގައި، އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލުމަކީ ނުވަތަ އެގްޒެމިންކުރުމަކީ، އޭނާއާމެދު މާރާމާރީ ހިންގުންކަމަށް ނުވަތަ އޭނާގެ މިނިވަންކަމަށް ހުރަސްއެޅުންކަމަކަށް ނުބެލެވޭނެއެވެ.

 

15 ވަނަ މާއްދާ - ރިޕޯޓުކުރުމާއި މޮނީޓަރކުރުން

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ނުވަތަ 14 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކާގުޅިގެން، ޑޮކްޓަރަކު، ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހަކު އެގްޒެމިންކޮށްފި ހިނދެއްގައި، އޭނާއަށް ޖެހިފައިވާ ބަލީގެ ޒާތާއި، ބާވަތާއި، މިންވަރާއި އެ ބައްޔަށް ފަރުވާދިނުމުގެ ގޮތުންކޮށްފައިވާ ކަންކަން، ސާފުކޮށް އެނގޭނެގޮތުގެ ރިޕޯޓެއް ޑޮކްޓަރު ނުވަތަ ހޮސްޕިޓަލުން ޑިރެކްޓަރ ޖެނެރަލަށް ފޮނުވަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ކުރާ އަމުރަކާގުޅިގެން ޑޮކްޓަރަކު ވަކި މީހަކަށް ފަރުވާދީފައިވާނަމަ ނުވަތަ ވަކި މީހަކު އެގްޒެމިން ކޮށްފައިވާނަމަ، އެއަށްފަހު އޭނާއާމެދު ކަންތައް ވަމުންދާގޮތް ބެލުމަށް، ޑިރެކްޓަރ ޖެނެރަލަށް އެޖެންސީގެ މުވައްޒަފަކު ކަނޑައެޅިދާނެއެވެ.

 

16 ވަނަ މާއްދާ - ބަންދުގައި ހުރި މުއްދަތާއި ފަރުވާގައި ހުރި މުއްދަތު އިތުރުކުރުން

(ހ) ވަކި މީހަކު ބަންދުގައި ބަހައްޓައިގެން ފަރުވާދިނުމަށް، ނުވަތަ ކަރަންޓީނުގައި ބަހައްޓައިގެން، ނުވަތަ އެކަހެރިކޮށް ބަހައްޓައިގެން ފަރުވާދިނުމަށް މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ކޯޓު އަމުރުގެ މުއްދަތު ނިމޭއިރުވެސް، އޭނާއަކީ އެ ބަލި އަދިވެސް ހުރި މީހެއްކަމުގައި ނުވަތަ އެ ބަލިން ފަސޭހަނުވާ މީހެއްކަމުގައިވާނަމަ، ނުވަތަ އޭނާގެ ގައިން އެހެން މީހުންނަށް އެ ބަލި ފެތުރިދާނެކަމުގެ ފުރުސަތުއޮތް މީހެއްކަމުގައިވާނަމަ، އެ މީހަކު އެތަނުން ދޫނުކޮށް ނުވަތަ މިނިވަންނުކޮށް، ކުރިން ކުރި އަމުރުގެ މުއްދަތު އިތުރުކުރުމުގެ ބާރު ސިވިލް ކޯޓަށް ލިބިގެންވެއެވެ.

(ށ) މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓޭ މީހަކު ބަންދުން ދޫކޮށްލަންވާނީ، ނުވަތަ އެކަހެރިކުރުމުގެ މަރުކަޒަކުން ނުވަތަ ކަރަންޓީނުކުރުމުގެ މަރުކަޒަކުން ދޫކޮށްލަންވާނީ، ޑިރެކްޓަރ ޖެނެރަލް އޭނާ ދޫކޮށްލުމަށް ލިޔުމުން އިޒުނަ ދިނުމުންނެވެ.

 

17 ވަނަ މާއްދާ - ޑިރެކްޓަރ ޖެނެރަލްގެ އަމުރަށް އިހްތިރާމްކުރުން

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް ވަކި އަމުރެއް ކުރުމުން، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ކަރަންޓީނުކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެކަމަށް އިހްތިރާމްކޮށް، އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލްކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން، ހަމަކޮންމެ މީހަކުމެ ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެއްބާރުލުން ދިނުމެއްނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްގެން ނުވަތަ އެކަހެރިކޮށްގެން ފަރުވާދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފިނަމަ، ނުވަތަ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ގާއިމުކުރެވޭ އެކަހެރިކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނު މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފިނަމަ، އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

18 ވަނަ މާއްދާ – ވެކްސިންދިނުމުގެ ޕްރޮގްރާމް ހިންގުން

(ހ) ގައިންގަޔަށް އަރާ ބައްޔެއް ފެތުރުން ހުއްޓުވުމަށްޓަކައި ނުވަތަ އެފަދަ ބައްޔެއް ޖެހުން ހުއްޓުވުމުގެ މަގްސަދުގައި، އާންމުކޮށް ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމަށް ޑިރެކްޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ. ނުވަތަ ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ޑިރެކްޓަރ ޖެނެރަލަށް ހަމަޖެއްސިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގައި، ވަކި ގިންތިއެއްގެ ބަޔަކު ބައިވެރިވުން، ޑިރެކްޓަރ ޖެނެރަލަށް ލާޒިމުކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާން ދެކޮޅުހަދައިފިނަމަ، ކޯޓު އަމުރެއްގެ ދަށުން ވެކްސިން ދެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވުން، ޑިރެކްޓަރ ޖެނެރަލް ލާޒިމުކުރާ މީހަކު އެކަމުގައި ބައިވެރިވުމަށް ދެކޮޅުހަދައިފިނަމަ، ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށުގައިވާ 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖަކު ބައިވެރިކުރުމަށް ދެކޮޅުހަދައިފިނަމަ، އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 3،000 (ތިންހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

19 ވަނަ މާއްދާ - ނުރައްކާތެރި ބައްޔެއް ޖެހިގެން މީހަކު މަރުވުން

(ހ) ނުރައްކާތެރި ބައްޔެއް ޖެހިގެން މީހަކު މަރުވެއްޖެ ހިނދެއްގައި، އޭނާގެ ހަށިގަނޑު ތަންތަނަށް އުފުލުމުގައާއި، އެ ހަށިގަނޑަށް އަޅާލުމުގައާއި، އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައާއި، ވަޅުލުމުގައި އަމަލުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

(ށ) ނުރައްކާތެރި ބައްޔެއްޖެހިގެން މަރުވި މީހަކު ވަޅުލާފައިވާ މީހެއްގެ ހަށިގަނޑު ކަށްވަޅުން ނަގައި، އެހެން ތަނަކަށް ގެންގޮސް، އެހެން ތަނެއްގައި ވަޅުލަންވާނީ ނުވަތަ އެ ނެގި ތަނެއްގައި އަލުން ވަޅުލަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

 

ހަތަރުވަނަ ބައި

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލި

 

20 ވަނަ މާއްދާ - ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ބަޔާންކުރުން

(ހ) ސާބިތުވާންހުރި ސިއްހީ އިލްމާއި ހޯދުންތަކުގެ އަލީގައާއި، ލިބިފައިވާ މާޒީގެ ތަޖުރިބާގެ އަލީގައާއި، ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ އަލީގައި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިކަމަށް މި ގާނޫނުގެ ދަށުން ބަލާނެ ބަލިތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކަކީ ކޮބައިކަން، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުމުގެ އިތުރަށް، ސާބިތުވާންހުރި ސިއްހީ އިލްމާއި ހޯދުންތަކުގެ އަލީގައާއި، ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ އަލީގައި، ލިބިފައިވާ މާޒީގެ ތަޖުރިބާގެ އަލީގައި، ވަކި ބައްޔެއް އެއީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބައްޔެއްކަމަށް ކަނޑައަޅާނެ އާންމު އުސޫލުތައްވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ކޮންޓްރޯލްކުރުމުގެ  ހަރަކާތްތައް ހިންގުން

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލި ކޮންޓްރޯލްކުރުމުގެ ގޮތުންނާއި، އެފަދަ ބަލިތަކަށް މީހުން ހުށަހެޅުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން އަންނަނިވި ކަންކަން ޑިރެކްޓަރ ޖެނެރަލް ކުރަންވާނެއެވެ.

(ހ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައްކަމަށް ބެލެވޭ ބަލީގެ ތެރެއިން ރާއްޖޭގައި މީހުންނަށް ޖެހެމުންދާ ނުވަތަ ފެތުރެމުންދާ ބަލިތަކަކީ ކޮބައިތޯ ބެލުމާއި، އެފަދަ ބަލިތައް ޖެހެމުންދާ ބާވަތުގެ ނުވަތަ ގިންތީގެ މީހުންނަކީ ކޮބައިތޯ ބެލުން.

(ށ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި ސިއްހަތުގެ ދުޅަހެޔޮކަމަށް ވިސްނުމުގެ އާދަ މީހުންގެ މެދުގައި ފެތުރުމުގެގޮތުން، މަށްރޫއުތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން.

(ނ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ތަފާތު ބަލިތަކަށް މީހުން ސްކްރީންކުރެވޭނެ ނިޒާމްތައް އެކަށައެޅުމާއި، އަލަށް އެފަދަ ބައްޔެއްޖެހޭ މީހަކަށް، ބަލި ޖެހުމުގެ ކުރީކޮޅުގައި އެކަން ދެނެގަނެވޭނެ ގޮތްތައް އެކަށައަޅައިދިނުން.

(ރ) ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާމެދު ފިޔަވަޅު އެޅުމުގައި، ކަމާގުޅޭ އެންމެހައި ދާއިރާތަކަށް ކަމުގެ ސީރިއަސްކަން ވިސްނައިދީ، ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ އޮނިގަނޑެއް އިންތިޒާމްކުރުން.

(ބ) ތިމާވެށީގެގޮތުންނާއި، ކެއިންބުއިމަށް ބޭނުންކުރާ އެއްޗެހީގެގޮތުންނާއި، ސިއްހަތަށް ގެއްލުންދެނިވި އާދަތަކާ ގުޅޭގޮތުންނާއި، މަސައްކަތުގެ މާހައުލާގުޅޭގޮތުން، އިސްލާހުކުރަންޖެހޭ ނުވަތަ ރަނގަޅުކުރަންޖެހޭ ކަންކަމާގުޅޭ ވިސްނުން އުފައްދައި، އެ ވިސްނުން ފަތުރައި، ކަމާގުޅޭގޮތުން ތައާރުފުކުރަންޖެހޭ ސިއްހަތުގެ ދުޅަހެޔޮކަމުގެ މިންގަނޑުތައް ތައާރުފުކުރުން.

(ޅ) ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ބޭރުގެ ގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކާ ބެހޭގޮތުން، މައުލޫމާތާއި ތަޖުރިބާ ރާއްޖެއަށް ހިއްސާކުރެވޭނެ ގޮތްތައް ހޯދުމާއި، ދުޅަހެޔޮ ސިއްހަތަކަށްޓަކައި ރާއްޖޭގައި ބަދަލުކުރަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުމާއި، ރާއްޖޭގައި ދުޅަހެޔޮ ސިއްހަތެއް ލިބިގެންވާ ރައްޔިތެއް ބިނާކޮށް ދެމެހެއްޓުމަށްޓަކައި، އެކުލަވާލައި ހިންގަންޖެހޭ މަށްރޫއުތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތައް، އެފަދަ ޖަމާއަތްތަކާއި ސަރުކާރުތަކުގެ އެހީގައި ހިންގައި، ކަމާގުޅޭ ސިއްހީ މިންގަނޑުތައް ތައާރުފުކުރުން.

 

 

ފަސްވަނަ ބައި

ސިއްހީ ނުރައްކާ

22 ވަނަ މާއްދާ - ސިއްހީ ނުރައްކާ ބަޔާންކުރުން

(ހ) ސާބިތުވާންހުރި ސިއްހީ އިލްމާއި ހޯދުންތަކުގެ އަލީގައާއި، މާޒީގެ ތަޖުރިބާގެ އަލީގައާއި، ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ އަލީގައި، ސިއްހީ ނުރައްކާކަމަށް މި ގާނޫނުގެ ދަށުން ބަލާނެ ކަންކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސިއްހީ ނުރައްކާކަމަށް ބެލެވޭ ކަންކަންކަމުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ކަންކަމުގެ އިތުރަށް، ސާބިތުވާންހުރި ސިއްހީ އިލްމާއި ހޯދުންތަކުގެ އަލީގައާއި، ލިބިފައިވާ މާޒީގެ ތަޖުރިބާގެ އަލީގައި، ވަކިކަމެއް އެއީ، ސިއްހީ ނުރައްކާކަމަށް ބަލާނެ އާންމު އުސޫލުތައްވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ނުރައްކާ ވަޒަންކުރުން

(ހ) ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލަކާ ގުޅިގެން ނުވަތަ ކުރިމަތިވެދާނެކަމަށް ބެލެވޭ ސިއްހީ ނުރައްކަލަކާ ގުޅިގެން، އެ ސިއްހީ ނުރައްކަލުގެ އަސަރުގެ މިންވަރު ނުވަތަ އެ ސިއްހީ ނުރައްކަލުގެ ގެއްލުމުގެ މިންވަރު ދެނެގަތުމަށްޓަކައި، ނުރައްކާ ވަޒަންކުރުމުގެ ދިރާސާއެއް އެޖެންސީއަށް ކުރެވިދާނެއެވެ.

(ށ) ދިމާވެފައިވާ ސިއްހީ ނުރައްކަލަކާ ގުޅިގެން ނުވަތަ ދިމާވެދާނެ ސިއްހީ ނުރައްކަލަކާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުމެއްގެ މިންވަރު ނުވަތަ ކުރިމަތިވަމުންދާ ގެއްލުމެއްގެ މިންވަރު ބަލަމުންދާނެ ނިޒާމުތަކެއް ގާއިމުކޮށް، އެ މިންވަރު ބަލަމުންދިޔުމަކީ އެޖެންސީން ކުރަންވާނެ ކަމެކެވެ.

 

24 ވަނަ މާއްދާ - ސިއްހީ ނުރައްކަލުގެ  މައުލޫމާތު އެންގުން ލާޒިމުކުރުން

(ހ) ސިއްހީ ނުރައްކަލެއްގެ މައުލޫމާތު ލިބިއްޖެނަމަ، ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަންޖެހޭނެ ފަރާތްތަކާއި މީހުންގެ ގިންތި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) ސިއްހީ ނުރައްކަލެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ނުރައްކަލެއްގެ މައުލޫމާތު ލިބިއްޖެނަމަ، އެކަން އަންގަންޖެހޭނެކަމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން މީހަކަށް، ނުވަތަ ފަރާތަކަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ސިއްހީ ނުރައްކަލެއް ކުރިމަތިވެއްޖެކަމަށް ގަބޫލުކުރެވޭހިނދު، އެކަން ލަސްނުކޮށް، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

 

25 ވަނަ މާއްދާ - ސިއްހީ ނުރައްކަލާބެހޭގޮތުން ޑިރެކްޓަރ ޖެނެރަލް ފިޔަވަޅުއެޅުން

(ހ) ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، ނުވަތަ އެ ސިއްހީ ނުރައްކަލަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ގެއްލުން ކުޑަކުރަންޖެހޭކަމަށް، ނުވަތަ އެ ނުރައްކަލުން ސަލާމަތްވާންޖެހޭކަމަށް، ނުވަތަ އެކަމުން ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ވާކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އަވަސްވެގަންނަންވާނެއެވެ.

(ށ) ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާހިނދު، އެކަމާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް ލިޔުމުން އެންގުމަކީ، ވަގުތު އެކަމުގައި ފާއިތުވެދާނެ ކަމެއްކަމުގައިވާނަމަ، އެ ވަގުތަކު އަޅަންވީ ފިޔަވަޅުތައް އަނގަބަހުން އެންގުމުގެ އިހްތިޔާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، އަނގަބަހުން ޑިރެކްޓަރ ޖެނެރަލް އެންގުމެއް އަންގައިފިހިނދެއްގައި، އެ އެންގުމެއް އަންގާތާ 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އަނގަބަހުން އެންގި އެންގުމުގައިވާ މައިގަނޑު ނުކުތާތައް ލިޔުމަށް ތިރިކޮށް، އަނގަބަހުން އެންގުން އެންގި ފަރާތްތަކަށް، ޑިރެކްޓަރ ޖެނެރަލް އެ ލިޔުން ރައްދުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - އިމާރާތަކާ ގުޅޭގޮތުން  އަމުރު ކުރެވިދާނެ މީހުން

ސިއްހީ ނުރައްކަލެއް ކުރިމަތިވެއްޖެހިނދެއްގައި، ނުވަތަ ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، އަދި އެކަމުން ރައްކާތެރިވުމަށްޓަކައި، ވަކި އިމާރާތަކާ ގުޅޭގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް އޭނާއަށް ގަބޫލުކުރެވޭ ހާލަތެއްގައި، އެ އިމާރާތަކާ ގުޅޭގޮތުން، އަންނަނިވި މީހުންނަށް އަމުރުކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ހ) އިމާރާތެއްގެ ވެރިފަރާތަށް، ނުވަތަ އިމާރާތެއްގައި ދިރިއުޅޭ ފަރާތަށް، ނުވަތަ އިމާރާތެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތަށް.

(ށ) އިމާރާތެއްގައި ހުރި ގަހެއް، ނުވަތަ އެ އިމާރާތެއްގައި އޮތް ޖަނަވާރެއް، ނުވަތަ އެ އިމާރާތެއްގައި އިން ދޫންޏެއް، ނުވަތަ އެ އިމާރާތެއްގައި ހުރި އެއްޗަކާ ގުޅޭގޮތުން ޒިންމާ އުފުލަންޖެހޭ ފަރާތަށް.

(ނ) އިމާރާތަކުން ނުކުންނަ ގޭހަށް، ނުވަތަ ފެނަށް، ނުވަތަ ދިޔާ އެއްޗަކަށް، ނުވަތަ ހަރު އެއްޗަކަށް ޒިންމާ އުފުލަންޖެހޭ ފަރާތަށް.

(ރ) އިމާރާތަކުން ނުކުންނަ އާތްވަކަށް ނުވަތަ ހޫނަކަށް، ނުވަތަ ވައިބްރޭށަނަކަށް، ނުވަތަ އަޑަކަށް، ނުވަތަ ރޭޑިއޭށަނަކަށް ޒިންމާ އުފުލަންޖެހޭ ފަރާތަށް.

(ބ) އިމާރާތެއްގައި އެއްވެސް ހަރަކާތެއް ހިންގުމުގައި އުޅޭ މީހަކަށް.

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގިންތީގެ މީހަކަށް.

 

27 ވަނަ މާއްދާ - އިމާރާތަކާ ގުޅިގެން ކުރަން ނުވަތަ ނުކުރަން އެންގިދާނެ ކަންކަން

މި ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރެއްގައި، އެ އަމުރު ރައްދުވާ ފަރާތުން، އަންނަނިވި ކަންކަން ކުރަން އެންގިދާނެއެވެ.

(ހ) އެ އިމާރާތެއް ދޫކޮށް ދިޔުމަށް.

(ށ) އެ އިމާރާތެއް ހުސްކުރުމަށް.

(ނ) އެ އިމާރާތެއް ބަންދުކުރުމަށް.

(ރ) އެ އިމާރާތަށް ވަދެނުކުމެއުޅުން މަނާކުރުމަށް.

(ބ) އެ އިމާރާތެއް ބަންދުކުރިކަމުގެ ލިޔުމެއް، އެ އިމާރާތުގެ ބޭރުގައި ހިއްޕާފައި ބެހެއްޓުމަށް.

(ޅ) އެ އިމާރާތުގައި ސިއްހީ ނުރައްކަލެއްކަމަށް ބެލެވޭ އެއްޗެއް ހުރިކަމަށްވާނަމަ، އެ އެއްޗެއް އެތަނުން ނެގުމަށް، ނުވަތަ އެ އިމާރާތުން އެ އެއްޗެއް ނެރުމަށް.

(ކ) އެ އިމާރާތެއް ސާފުކުރުމަށް ނުވަތަ ޖަރާސީމުން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަމެއް ކުރުމަށް.

(އ) އެ އިމާރާތުގައި ހުރި ވަކި އެއްޗެއް ހަލާކުކޮށްލުމަށް ނުވަތަ ނެތިކޮށްލުމަށް.

(ވ) އެ އިމާރާތުގައި، ވަކި އެއްޗެއް އުފެއްދުން، ނުވަތަ ތައްޔާރުކުރުން، ނުވަތަ ރައްކާކުރުން، ނުވަތަ ގެންގުޅުން، ނުވަތަ ބޭރަށް ފެންނާނެހެން ބެހެއްޓުން، ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިޔުން، ނުވަތަ ވިއްކުން މަނާކުރުމަށް.

(މ) އެ އިމާރާތުގެ ތެރޭގައި، ވަކި ކަންތައްތަކެއް ކުރުމަށް، ނުވަތަ ނުކުރުމަށް.

(ފ) އެ އިމާރާތުގައި ހުރި މީހަކު ނުވަތަ އެ އަމުރު ރައްދުވާ މީހަކު، އެގްޒޭމިންކުރުމަށް ޑޮކްޓަރަކަށް ދެއްކުމަށް.

(ދ) އެ އިމާރާތުގައި ހުރި ވަކި އެއްޗެއް އެކަހެރިކުރުމަށް، ނުވަތަ ރައްކާތެރިކޮށް ބެހެއްޓުމަށް، ނުވަތަ ބަންދުކުރުމަށް.

(ތ) އެ އިމާރާތެއްގައިވާ އެއްޗަކީ ސިއްހީ ނުރައްކަލެއް އެކުލެވިގެންވާ އެއްޗެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެގޮތުން، ނުވަތަ އެ އިމާރާތުގައި ހުރި ނުވަތަ އެ އިމާރާތުން ބޭރުވާ އެއްޗަކީ، ވަށައިގެންވާ މާހައުލުގެ އާންމު ސިއްހަތަށް ނުރައްކަލެއް ހުރި އެއްޗެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ތަހްލީލުކުރުމަށް.

 

28 ވަނަ މާއްދާ - އިމާރާތަކާ ގުޅިގެން ކުރާ އަމުރާގުޅޭ އާންމު އުސޫލުތައް

މި ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް، ވަކި އިމާރާތަކާ ގުޅޭގޮތުން އަމުރެއް ކުރާހިނދު، އެ އަމުރަކާ ގުޅޭގޮތުން އަންނަނިވި އުސޫލުތައް ހިނގާނެއެވެ.

(ހ) އަމުރުގެ ބޭނުމަކަށްވާނީ، ސިއްހީ ނުރައްކާ ނެތިކުރުމަށް ނުވަތަ އޭގެ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅު، އެ ނިސްބަތަށް އެޅުންކަން.

(ށ) އަމުރު ކުރަންޖެހޭ ސަބަބު، އެ އަމުރުގައި ސާފުކޮށް ބަޔާންވެފައި އޮންނަންވާނެކަން.

(ނ) އަމުރުގެ ދަށުން ކުރަންޖެހޭނެކަމަށް ބަޔާންކުރާ ކަންކަން ސާފުކޮށް އެނގެން އޮންނަންވާނެކަން.

(ރ) އަމުރު ރައްދުވާ ފަރާތުން، އެ އަމުރާ އެއްގޮތަށް އަމަލުކުރުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެކަން.

(ބ) މި ގާނޫނުގެ ދަށުން ކުރާ އަމުރެއް، އަތުންއަތަށްވެސް ރައްދުކުރެވިދާނެކަން، ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސިޓީއެއްގެ ގޮތުގައިވެސް ފޮނުވިދާނެކަން.

(ޅ) މި ގާނޫނުގެ ދަށުން، އަމުރެއް ރައްދުވާ ފަރާތަށް އެ އަމުރު ލިބުމުން، އެ އަމުރުގައިވާގޮތަށް ވަގުތުން ފިޔަވަޅު އަޅަންވާނެކަން. އަދި ވަކި މުއްދަތެއް ދިނުމަށްފަހު ކަމެއްކުރުމަށް އަންގާފައިވާނަމަ، އެކަމެއް އެ މުއްދަތުގެ ތެރޭގައި ކޮށް ނިންމަންވާނެކަން.

(ކ) އެ އަމުރުގައި ބަޔާންވެގެންވާ ކަންކަން، އެ އަމުރުގައި ފާހަގަކޮށްފައިވާ ވަކި ބަޔަކަށް އެންގުމަށްވެސް، އެ އަމުރު ރައްދުވާ ފަރާތަށް އެންގިދާނެކަން.

(އ) އެ އަމުރުގައިވާ ކަންތައްތައް ކޮށް ނިންމަންޖެހޭނެ ތާރީހު، އެ އަމުރުގައި ބަޔާންކުރަންވާނެކަން.

(ވ) އަމުރެއްގެ މުއްދަތު އިތުރުކުރެވިދާނެކަން ނުވަތަ އެ އަމުރު ބާތިލުކުރެވިދާނެކަން ނުވަތަ އެ އަމުރަކަށް ގެންނަންޖެހޭ އިސްލާހު ގެނެވިދާނެކަން.

 

29 ވަނަ މާއްދާ - އަމުރަށް ތަބާވުން ލާޒިމުކުރުމުގެ ބާރު

(ހ) މި ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގެ ދަށުން ކުރާ އަމުރެއް ރައްދުވާ ފަރާތުން އެ އަމުރަށް އިޖާބަ ނުދޭކަމަށް، ނުވަތަ އިޖާބަދެމުން ނުގެންދާކަމަށް، ނުވަތަ އެ އަމުރު ރައްދުވާ ފަރާތް ހޯދުމަކީ ފަސޭހަކަމެއްނޫންކަމަށް، ނުވަތަ އެ އަމުރު އަވަހަށް އޭނާއާ ހަވާލުކުރުމަށް ކުރެވޭނެ މަސައްކަތެއް ނެތްކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އެޖެންސީގެ މުވައްޒަފުންގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ މީހަކު ނުވަތަ ބަޔަކު އެމީހަކީ ނުވަތަ އެބަޔަކީ ކާކުކަން އަންގައިދޭ ކާޑެއް ނުވަތަ ލިޔުމަކާއެކު އެ އިމާރާތަކަށް ވަދެ، އެ އަމުރުގައިވާ ކަންކަން ކުރުމަށާއި އެ އަމުރުގައިވާ ކަންކަން ކުރުމަށްޓަކައި ބާރުގެ ބޭނުންކުރަންޖެހޭ މިންވަރަށް ބާރު ބޭނުންކުރުމަށް ޑިރެކްޓަރ ޖެނެރަލަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކާ ގުޅިގެން، އޭނާގެ ފަރާތުން އިމާރާތަކަށް ވަންނަ މީހުންނަކީ ޑިރެކްޓަރ ޖެނެރަލް އެ އިމާރާތަކަށް ވަނުމާއެއްފަދަ ވަނުމަކަށްވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ ބަޔަކު އިމާރާތަކަށް ވަންނައިރު، އެބަޔަކަށް އަންނަނިވި ކަންކަން ކުރުމުގެ ބާރުވެސް، ޑިރެކްޓަރ ޖެނެރަލަށް ދެވިދާނެއެވެ.

  1. އެ އިމާރާތުގައި، ސިއްހީ ނުރައްކަލެއް ކުރިމަތިވެފައިވާކަމުގެ ލިޔުން، އެ އިމާރާތުގެ ބޭރުގައި ހިއްޕުމަށް.
  2. އެ އިމާރާތުގެ ތެރޭގައި ސިއްހީ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭނެކަމަށް ފެންނަ ފިޔަވަޅުތައް އެ އިމާރާތުގެ ތެރޭގައި އެޅުމަށް، ނުވަތަ ސިއްހީ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެ އިމާރާތުގެ ތެރޭގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް.
  3. އެ އިމާރާތުގައި ހުރި އެއްޗެހީގެ ތެރެއިން ސިއްހީ ނުރައްކަލާ ގުޅުންހުރިކަމަށް ފެންނަ އެއްޗެހި ނެރެގެން ގެންދިޔުމަށް.
  4. އެ އިމާރާތުން ފެނުނު އެއްޗެހީގެ ތެރެއިން ސިއްހީ ނުރައްކަލާ ގުޅުންހުރި އެއްޗެހި ހިފެހެއްޓުމަށް.
  5. އެ އިމާރާތަކާ ގުޅޭގޮތުން ސިއްހީ ނުރައްކަލެއް އުފެދިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި، މީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން، އެ ކަން އެންގުމަށް.
  6. އެ އިމާރާތް ބަންދުކުރުމަށް، ނުވަތަ އެ އިމާރާތުން ބައެއް ބަންދުކުރުމަށް، ނުވަތަ އެ އިމާރާތަށް ވަދެނުކުމެއުޅުން ކޮންޓްރޯލްކުރުމަށް.
  7. އެ އިމާރާތް ސާފުކުރުމާއި އިމާރާތުން ޖަރާސީމު ނައްތާލުމަށް.
  8. އެ އިމާރާތުން ފެނިފައިވާ އެއްޗެހީގެ ތެރެއިން ސިއްހީ ނުރައްކަލާ ސީދާ ގުޅުންހުރި އެއްޗެއްވާނަމަ، އެ އެއްޗެއް ނައްތާލުމަށް.
  9. އެ އިމާރާތުގައި ކުރެވެމުންދާ މަސައްކަތެއް ނުވަތަ މުއާމަލާތެއް ހުއްޓުވުމަށް.

 

30 ވަނަ މާއްދާ - ހިނގާ ހަރަދު އަނބުރާ ހޯދުން

މި ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގެ ދަށުން، ވަކި އިމާރާތަކާ ގުޅޭގޮތުން ކުރެވުނު އަމުރު ރައްދުވާ ފަރާތުން އެ އަމުރަށް ތަބާނުވުމުގެ ސަބަބުން، ޑިރެކްޓަރ ޖެނެރަލް ފޮނުވާ ބަޔަކު މެދުވެރިކޮށް އެކަން ކުރަންޖެހުމުގެ ސަބަބުން، ހިނގާ ހަރަދަކީ، އެ އަމުރު ރައްދުވި ފަރާތުން ހޯދޭނެ ފައިސާއެކެވެ. އަދި އެ ފައިސާއަކީ، އެފަރާތުން ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެއްކަމުގައި ބެލެވޭނެއެވެ.

 

31 ވަނަ މާއްދާ - ކޯޓު އަމުރު ނެރެދިނުމަށް އެދުން

(ހ) މި ގާނޫނުގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާގެ ދަށުން، ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކާ މީހަކު ހިލާފުވެއްޖެކަމަށްވާނަމަ، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ ބަޔަކު އެ އަމުރުގައިވާ ކަންކަން ކުރުމަށް ފޮނުވުމުގެ ބަދަލުގައި، އެ އަމުރުގައިވާ ކަންކަން ކުރުމަށް، އެ އަމުރު ރައްދުވާ ފަރާތަށް އަންގައި، ކޯޓު އަމުރެއް ނެރެދިނުމަށް އެދި ޑިރެކްޓަރ ޖެނެރަލަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ ކޯޓުގެ އަމުރެއް ނެރޭނީ، ދިމާވެފައިވާ ސިއްހީ ނުރައްކަލަކާ ގުޅިގެން ނުވަތަ ދިމާވެދާނެ ސިއްހީ ނުރައްކަލަކާ ގުޅިގެން، ޑިރެކްޓަރ ޖެނެރަލް، ވަކި އިމާރާތަކާ ގުޅިގެން ކޮށްފައިވާ އަމުރު މެދުވެރިކޮށް އަޅަން ބޭނުންވާ ފިޔަވަޅު އެޅުމަކީ، އެ ހާލަތަށާއި އެ ވަގުތަށް ބަލާއިރު، ކުރަންޖެހޭ ކަމެއްކަމަށް ސިވިލް ކޯޓަށް ފެންނަކަމަށްވާނަމައެވެ.

 

32 ވަނަ މާއްދާ - ޑަބްލިޔު.އެޗް.އޯ އަށް އެންގުން

ދިވެހިރާއްޖޭގައި އުފެދޭ ނުވަތަ ދިވެހިރާއްޖެއަށް ތައާރުފުވާ އެއްވެސް ސިއްހީ ނުރައްކަލަކީ، ބައިނަލްއަގްވާމީ މުޖުތަމައަށްވެސް އެކަމުގެ އަސަރުކޮށްފާނެ ނުރައްކަލެއްކަމަށްވާނަމަ، ނުވަތަ ދިވެހިރާއްޖޭގައި އުފެދޭ ނުވަތަ ދިވެހިރާއްޖެއަށް ތައާރުފުވާ ސިއްހީ ނުރައްކަލެއްގެ މައުލޫމާތު، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން، ވާލްޑް ހެލްތް އޯގަނައިޒޭށަނަށް އަންގަންޖެހޭކަމަށްވާނަމަ، އެކަން ޑިރެކްޓަރ ޖެނެރަލް، ލަސްނުކޮށް ކުރަންވާނެއެވެ.

 

 

ހަވަނަ ބައި

ކުއްލި ނުރައްކަލުގެ ހާލަތު

33 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން

(ހ) ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެހިނދެއްގައި، އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމުގެ އިއުލާނުކުރުމަށާއި، އެ އިއުލާނު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީރަށް ޑިރެކްޓަރ ޖެނެރަލް ލަފާދީފިނަމަ، ވަކި ސަރަހައްދަކަށް، ވަކި ވަގުތަކަށް، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެކަމުގެ އިއުލާނު ވަޒީރު ކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ  ފިޔަވަޅުތައް އެޅުން

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް، ވަޒީރު އިއުލާނުކޮށްފިކަމަށްވާނަމަ، އަންނަނިވި ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް، ޑިރެކްޓަރ ޖެނެރަލް އަޅަންވާނެއެވެ.

(ހ) ބައްޔަކުން ރައްކާތެރިވުމަށްޓަކައި، ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.

(ށ) ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުންހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.

(ނ) ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމަށް އަމުރުނެރުން.

(ރ) ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެނޫޅުމަށް އެންގުން.

(ބ) ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.

(ޅ) އެއްގަމުމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.

 

35 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ބަޖެޓެއް އޮތުން

(ހ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ހަރަދުކުރުމަށް، ކޮންމެ އަހަރަކުވެސް، ވަކި އަދަދެއްގެ ފައިސާ، ދައުލަތުގެ ބަޖެޓުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފައިސާގެ މިންވަރު ކަނޑައަޅާނީ، އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެނަމަ، އެކަމާގުޅިގެން ކުރަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، އެކަންކަމަށް ހިނގާނެ ހަރަދުކަމަށް، ވަޒީރަށާއި ޑިރެކްޓަރ ޖެނެރަލަށް އިއްތިފާގުވެވޭ އަދަދެއްގެ މައްޗަށެވެ.

(ނ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް އޮތްކަމުގައިވީނަމަވެސް، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުން ހަރަދުކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފައިސާ، ދައުލަތުގެ އެހެން އެއްވެސް ހަރަދެއް ކުރުމަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

36 ވަނަ މާއްދާ - ސަރުކާރުން އެހީވެދިނުން

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ދިމާވާ ދަނޑިވަޅުތަކުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް ވަކިކަހަލަ މާލީ އެހީތެރިކަމެއް ވަކި ގިންތިއެއްގެ ބަޔަކަށް ދޭންޖެހޭކަމަށް ވަޒީރަށް ގަބޫލުކުރެވޭހިނދުގައި، އެ އެހީތެރިކަން، އެޖެންސީން ދެވިދާނެއެވެ. ނުވަތަ އެމީހުން އެކަމަށްޓަކައި ކުރި ހަރަދު، އެޖެންސީން އަނބުރާ އެމީހުންނަށް ދެވިދާނެއެވެ.

 

37 ވަނަ މާއްދާ - ވަކި އިމާރާތެއް ކަރަންޓީނު މަރުކަޒަކަށް ހެދުމުގެ ބާރު

(ހ) ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅުގައި، ވަކި އިމާރާތެއް އެއީ، ކަރަންޓީނު ކުރުމުގެ މަރުކަޒެއްކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބޭތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށްޓަކައި، މީހެއްގެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެއެވެ. އަދި އެ އިމާރާތަކީ މީހުން ދިރިއުޅޭ ތަނެއްނަމަ އެ އިމާރާތުގައި ދިރިއުޅޭ މީހުންނަށް އެހެން ވަގުތީ ތަނެއް ހޯދައިދިނުމުގެ އިންތިޒާމް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ވަޒީރު ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ އަމުރުގައި، އެ އިމާރާތް ބޭނުންވާ މުއްދަތާއި އެ އިމާރާތް ބޭނުންވާ ސަބަބު، ސާފުކޮށް ރަނގަޅަށް ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ އަމުރަކާ ގުޅިގެން ހޯދާ އިމާރާތެއް، އެއްވެސް ހާލެއްގައި 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މީހެއްގެ އިމާރާތެއް ވަޒީރާ ހަވާލުކުރުމަށް އަންގައި، އަމުރެއް ކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1.  ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިޔުމުގެ ސީދާ ނުރައްކާ ކުރިމަތިވެފައިވުން.
  2. ނުރައްކާތެރި ބަލިމަޑުކަމަކާ ގުޅިގެން، މީހުން އެކަހެރިކޮށް ބޭތިއްބުމަށް ނުވަތަ ކަރަންޓީނުކޮށްފައި ބޭތިއްބުމަށް އެ އިމާރާތް ކޮންމެހެންވެސް ބޭނުންވުން.

 

38 ވަނަ މާއްދާ - ކޯޓު އަމުރު

(ހ) މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ވަޒީރު ކުރާ އަމުރަކަށް އިމާރާތެއް ދިނުމަށް، އެ އަމުރު ރައްދުވާ ފަރާތުން ދެކޮޅު ހަދައިފިކަމަށްވާނަމަ، އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އަންގައިދިނުމުގެ ކޯޓު އަމުރަކަށް އެދި، ވަޒީރަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، ސިވިލް ކޯޓުން އަމުރެއް ކުރަންވާނީ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރުމުގެ ސީދާ ނުރައްކާ އޮތްކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމައެވެ. އަދި ކަރަންޓީނު މަރުކަޒެއް ނުވަތަ އެކަހެރިކުރުމުގެ މަރުކަޒެއް ހެދުމަށް، އެ ވަގުތަށް އެ އިމާރާތް ކޮންމެހެން ބޭނުންވާކަމަށް ކޯޓަށް ފެނިއްޖެކަމަށްވާނަމައެވެ.

 

39 ވަނަ މާއްދާ - އިމާރާތް އަނބުރާ ހަވާލުކުރުން

މީހެއްގެ އިމާރާތެއް، ވަޒީރުގެ ބޭނުމަށް މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ނުވަތަ 38 ވަނަ މާއްދާގެ ދަށުން ހޯދުމަށްފަހު، އަނބުރާ އެފަރާތާ އެ އިމާރާތް ހަވާލުކުރަންވާނީ ރަނގަޅަށް ސާފުކޮށް، ޖަރާސީމު ނައްތާލުމަށްފަހު، އާބާތުރަ ފިލުވުމުގެ މަސައްކަތްކޮށް ނިންމުމަށްފަހު، އެކަށީގެންވާ ފުރުސަތު އެތަނާ ހަވާލުވުމަށް އެފަރާތަކަށް ދިނުމަށްފަހުއެވެ. އަދި އެ އިމާރާތް ބޭނުންކުރި މުއްދަތުގައި، އެ ހިސާބުގަނޑުގައި ހުރި އެފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށް ދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް ވަޒީރު ފައިސާ ދޭންވާނެއެވެ.

 

 

ހަތްވަނަ ބައި

އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލު ހިންގުން

40 ވަނަ މާއްދާ - އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލު ހިންގުން މަނާވުން

އެއްވެސް މީހަކު، އެމީހަކު ދިރިއުޅޭ ތަނެއްގައި، ނުވަތަ އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ އިމާރާތެއްގައި ނުވަތަ ބިމެއްގައި ނުވަތަ ސަރަހައްދެއްގައި ނުވަތަ ތަނެއްގައި އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ހިންގައިގެން ނުވާނެއެވެ.

 

41 ވަނަ މާއްދާ - ކައުންސިލްތަކުން ސާފުތާހިރުކަން ދެމެހެއްޓުމާއި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން ހުއްޓުވުން 

ކޮންމެ ކައުންސިލެއްގެވެސް އިހްތިސާސް ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި އަންނަނިވި ކަންކަން ކުރުން، އެ ކައުންސިލެއްގެ މައްޗަށް މި ގާނޫނު ލާޒިމުކުރެއެވެ.

(ހ) ސާފުތާހިރުކަންމަތީގައާއި، ސިއްހީގޮތުން ރައްކާތެރިކަންމަތީގައާއި، ސިއްހީ ނުރައްކަލެއް ނުނިކުންނާނެ ގޮތުގެމަތިން، ބެލެހެއްޓުން.

(ށ) އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް އެއްވެސް ސަރަހައްދެއްގައި ދިމާވެއްޖެނަމަ، އެކަމެއް ހުއްޓުވުމަށްޓަކައި ނުވަތަ އިސްލާހުކުރުމަށްޓަކައި ނުވަތަ ރަނގަޅުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުއެޅުން.

(ނ) އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަކާ ގުޅޭގޮތުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުއެޅުން.

(ރ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އެހެން އޮތްނަމަވެސް، މި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން ވަޒީރު ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ، ނުވަތަ އަންގާ އެންގުންތަކާ، ނުވަތަ ކުރާ އަމުރުތަކާ ހިލާފަށް އެއްވެސް ކައުންސިލަކުން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.

 

42 ވަނަ މާއްދާ - އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލުކަމަށް ބެލެވޭ ކަންކަން

އަންނަނިވި ކަންކަމަކީ، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން ކަމުގައި، މި ގާނޫނުގެ ބޭނުމަށްޓަކައި ބެލެވޭނެއެވެ.

(ހ) މީހުން ދިރިއުޅޭ ތަނެއް، ނުވަތަ މީހުން ދިރިނޫޅޭ ތަނެއް، ނުވަތަ އާންމު ތަނެއް، ނުވަތަ އިމާރާތެއް މުޑުދާރުވެ، އެތަނެއްގެ މުޑުދާރުކަމުގެ ސަބަބުން، ގައިންގަޔަށް އަރާފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ލިބިދޭ ކަންކަން.

(ށ) ޒާތީ ހިދުމަތް ދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި މަރުކަޒުތަކާއި ފާހާނާތައް، ނުސާފުވެ ނުވަތަ މުޑުދާރުވެ، އެތަނެއް މުޑުދާރުވުމުގެ ސަބަބުން ނުވަތަ ނުސާފުވުމުގެ ސަބަބުން ގައިންގަޔަށް އަރާފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ލިބިދޭ ކަންކަން.

(ނ) މަގެއްގައި، ނުވަތަ ފެންގަނޑެއްގައި، ނުވަތަ ފެން ދަތުރުކުރާ ނަރުދަމާ ވަޅުގަނޑެއްގައި، ނުވަތަ ފާހާނާއެއްގައި، ނުވަތަ ކުނިއަޅާ ވަށިގަނޑެއްގައި، ނުވަތަ ކުނި އުކާލާން ހުންނަ ތަނެއްގައި، ނުވަތަ ގޮނޑެއްގައި، ނުވަތަ ކުނި އުކާލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދެއްގައި، އެތަނެއްގެ ވަސް ނުބައިވުމުގެ ސަބަބުން ނުވަތަ އެތަނެއް މުޑުދާރުވުމުގެ ސަބަބުން، ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުން ނުވަތަ އެފަދަކަމެއް ދިމާވެދާނެކަމުގެ ހާލަތެއް މެދުވެރިވުން.

(ރ) މީހުން ބުއިމަށް ބޭނުންކުރާ ފެން ލިބެން ހުންނަ ތަނެއް، ނުވަތަ ގޭގައި ބޭނުންކުރުމަށް ފެން ލިބެން ހުންނަ ތަނެއް، ނުވަތަ މީހުންގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރާ ތަނެއް، މުޑުދާރުވުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ދިމާވުން ނުވަތަ އެފަދަކަމެއް ދިމާވުމުގެ ހާލަތެއް މެދުވެރިވުން.

(ބ) މީހުން ދިރިއުޅޭ ތަނަކުން ނުވަތަ މީހުން ދިރިނޫޅޭ ތަނަކުން، ނުވަތަ އިމާރާތަކުން ބޭރުކުރާ ފެނަކުން، ނުވަތަ އެނޫންވެސް އެއްޗެއްގެ ސަބަބުން، ސިއްހަތަށް ނުރައްކާވެދާނެ އެއްޗެއް އުފެދުން ނުވަތަ އެފަދަ އެއްޗެއް އުފެދުމުގެ ހާލަތެއް މެދުވެރިވުން.

(ޅ) މީހުން ދިރިއުޅޭ ތަނަކުން ނުވަތަ މީހުން ދިރިނޫޅޭ ތަނަކުން ބޭރުވާ ގޭހެއް ނުވަތަ ދުމެއް ނުވަތަ ކެމިކަލެއް ނުވަތަ ރޭޑިއޭށަނެއް ނުވަތަ ވައިބްރޭށަނެއް، އެއީ އޭގެ ޒާތުގައި އާންމު ސިއްހަތަށް ނުރައްކާވާފަދަ އެއްޗަކަށްވުމާއެކު، އެތަނެއްގެ ވަށައިގެންވާ މާހައުލުގައި ދިރިއުޅޭ ނުވަތަ މަސައްކަތްކުރާ މީހުންގެ ސިއްހަތަށް ނުރައްކާވާފަދަކަމެއް ދިމާވުން ނުވަތަ އެފަދަ ކަމެއް ދިމާވުމުގެ ހާލަތެއް މެދުވެރިވުން.

(ކ) ޖަނަވާރު ނުވަތަ ދޫނި ބެލެހެއްޓުމަށް ބޭނުންކުރާ ކޮށްޓެއް ނުވަތަ ސަރަހައްދެއް ތައްޔާރުކޮށްފައިވާގޮތުން، ނުވަތަ އެ އެއްޗެއް ބަލަހައްޓަމުންދާގޮތުން، ސިއްހަތަށް ނުރައްކާވެދާފަދަ ކަމެއް މެދުވެރިވުން ނުވަތަ އެފަދަ ކަމެއް މެދުވެރިވެދާނެފަދަ ހާލަތެއް ދިމާވުން.

(އ) ސިއްހަތަށް ނުރައްކާވާފަދަ ދޫންޏެއް ނުވަތަ ޖަނަވާރެއް، ގެއެއްގައި ނުވަތަ ކޮށްޓެއްގައި ނުވަތަ ތަނެއްގައި ބޭއްވުން ނުވަތަ ބެހެއްޓުން، ނުވަތަ އެފަދަ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން.

(ވ) ކުނިވާ ޒާތުގެ އެއްޗެއް، ނުވަތަ އެނޫންވެސް ކުނިކަމުގައި ބެލެވޭ، ނުވަތަ ނުސާފު އެއްޗެހިކަމުގައި ބެލެވޭ އެއްޗެހި ޖަމާވުމަށް ދޫކޮށްލެވިފައި ހުރުން.

(މ) އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއްގެ ސަބަބުން، ނުވަތަ އެއްވެސް ހާލަތެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް، ނުވަތަ ސިއްހަތަށް، ނުވަތަ ފުރާނައަށް ނުރައްކަލެއް ކުރިމަތިވާފަދަ އަމަލެއްކުރުން ނުވަތަ ހާލަތެއް މެދުވެރިވުން.

 

43 ވަނަ މާއްދާ - އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލު ހުއްޓުވަން އެންގުން

(ހ) އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެކަމަށްވާނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެކަމެއް ހުއްޓުވުމަށް އެންގުމާއި، އެކަން ހުއްޓުވުމަށްޓަކައި، ވަކިކަހަލަ މަސައްކަތްތަކެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އެންގުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ. މި ބާރުގެ ތެރޭގައި، ވަކި ބާވަތެއްގެ އެއްޗެއް ނުވަތަ ދޫންޏެއް ނުވަތަ ޖަނަވާރެއް ނުވަތަ ސޫތްޕެއް ރާއްޖޭގައި ގެންގުޅުމާއި ވިއްސުމާއި އުފެއްދުމާއި ރާއްޖެއަށް އެތެރެކުރުން މަނާކުރުމުގެ ނުވަތަ ކޮންޓްރޯލްކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ހުއްޓުވުމަށް ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކަށް ތަބާވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، އެ އަމުރު ރައްދުވި ފަރާތުން އެ އަމުރަށް ތަބާނުވެއްޖެހިނދެއްގައި، އެ އަމުރަށް ތަބާވުން ލާޒިމުކޮށްދިނުމުގެ އަމުރަކަށް އެދި، ޑިރެކްޓަރ ޖެނެރަލަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ހިނގާކަމަށް ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ސިވިލް ކޯޓަށް ފެނިއްޖެހިނދެއްގައި، ވަކި މުއްދަތެއްގެ ތެރޭގައި އެކަން ރަނގަޅުކުރަން އެންގުމުގެ ބާރު ސިވިލް ކޯޓަށް ލިބިގެންވެއެވެ. އަދި އެފަދަ އަމަލެއް ދެން އެތަނުގައި ނުހިންގުމަށް އެންގުމުގެ ބާރުވެސް ސިވިލް ކޯޓަށް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - މިންގަނޑުތައް ކަނޑައެޅުން

މި ގާނޫނުގެ ދަށުން އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލާއި ހާލަތްކަމަށް ބެލެވޭ ކަންކަން ނައްތާލުމަށްޓަކައި ނުވަތަ ކޮންޓްރޯލްކުރުމަށްޓަކައި، އަންނަނިވި ތަންތަނުގައި ހިފަހައްޓަންޖެހޭނެ ސާފުތާހިރުކަމުގެ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށް، އެ މިންގަނޑުތައް ތަންފީޒުކުރުމަކީ، އެޖެންސީގެ ޒިންމާއެކެވެ.

(ހ) މީހުން ދިރިއުޅޭ ތަންތަން.

(ށ) މީހުން ދިރިނޫޅޭ ތަންތަން.

(ނ) މީހުން މަސައްކަތްކުރާ ތަންތަން.

(ރ) ޒާތީ ހިދުމަތް ދޭ ތަންތަން.

(ބ) ކުޅިވަރުކުޅޭ ތަންތަން.

(ޅ) ހޮސްޕިޓަލްތައް.

(ކ) އާންމުން އެއްވާ ތަންތަން.

(އ) މަރުކަޒުތައް.

(ވ) މަގުތަކާއި އާންމު މައިދާންތައް.

(މ) ފާހާނާތައް.

(ފ) ކާނާ ވިއްކާ ތަންތަން.

(ދ) ކުޅިވަރު ފެންގަނޑުތައް.

 

 

އަށްވަނަ ބައި

މަދިރި އާއި މީދާ ނައްތާލުން

 

45 ވަނަ މާއްދާ - މަދިރި ނުވަތަ ސޫފާސޫފި ނުވަތަ މީދާ އުފެދޭ ތަންތަން ސިއްހީ ނުރައްކަލެއްކަމަށް ބެލުން

މީހުން ދިރިއުޅޭ ތަނެއްގައި ނުވަތަ އެފަދަ ތަނަކާ އިންވެގެން އޮތް އާންމު ތަނެއްގައި ނުވަތަ މީހުން ދިރިނޫޅޭ ތަނެއްގައި ހުރި އަންނަނިވި ބާވަތުގެ ތަންތަނަކީ މަދިރި ނުވަތަ ބަލިޖައްސާ ބާވަތުގެ ސޫފާސޫފި ނުވަތަ އެކިބާވަތުގެ ޖަރާސީމު، ނުވަތަ އެކިބާވަތުގެ ވިހަ އުފެދުމަށް ފުރުސަތުލިބިދޭ ތަނެއްކަމަށްވާނަމަ، ނުވަތަ އެތަނުގައި މަދިރި އުފެދުމަށް، ނުވަތަ ބަލިޖައްސާ ބާވަތުގެ ސޫފާސޫފި އުފެދުމަށް، ނުވަތަ މީދާ އުފެދުމަށް، ނުވަތަ އިންސާނުންގެ ގަޔަށް ނުވަތަ ޖަނަވާރުންގެ ގަޔަށް ބަލި ފަތުރާ ވަސީލަތެއް އުފެދުމަށް ފުރުސަތުލިބިދޭ އެއްޗެހި އުފެދުމަށް މަގުފަހިވާގޮތަށްހުރި ތަނަކަށްވާނަމަ، އެއީ މި ގާނޫނުގެ ދަށުން އާންމު ސިއްހަތަށް ނުރައްކާވާފަދަ ތަނެއްކަމަށް ބަލައި، މި ގާނޫނުގެ ހަތްވަނަ ބައިގައިވާ ގޮތުގެމަތިން އެތަނަކާމެދު އެޖެންސީން ފިޔަވަޅު އަޅަންވާނެއެވެ.

(ހ) ޖަމާވެފައިހުރި ކުނި.

(ށ) ތެތްފިނި އަނދިރި ތަންތަން.

(ނ) އުކާލަންޖެހޭ އެއްޗެހި އުކާނުލާ ޖަމާވެފައި ހުންނަ ތަންތަން.

(ރ) ފެން ނުވަތަ ފެންގަނޑުގަނޑު.

(ބ) ހުސް ފޮށި.

(ޅ) ފެންހަރުލާ ބާވަތުގެ އެއްޗެހި.

(ކ) ހުސް ފުޅި.

(އ) ހުސް ދަޅު.

(ވ) ހުސް ހަން.

 

46 ވަނަ މާއްދާ - ދިގުކޮށް ވިނަ ނުހެއްދުމާއި  މަދިރިއާއި އެހެން ސޫފާސޫފި އުފެދޭގޮތަށް އެއްޗެހި ނުބެހެއްޓުން

(ހ) މީހުން ދިރިއުޅޭ ތަނަކާ 50 (ފަންސާސް) މީޓަރު ގާތުގައި އާންމު ތަނެއް އޮތްކަމަށްވާނަމަ، ނުވަތަ މީހުން ދިރިނޫޅޭ ތަނެއް ހުރިކަމަށްވާނަމަ، އެތަނަކަށް ޒިންމާ އުފުލާ ފަރާތްތަކުން، އެތަންތަނުގައި، އަންނަނިވި ތަކެތި ހުއްޓަނުދީ، އެފަދަ ތަކެތިން އެތަންތަން ރައްކާތެރިކުރަންވާނެއެވެ.

  1. ހުސް ފުޅި.
  2. ހަލާކުވެފައި ހުންނަ ފުޅި.
  3. ހުސް ދަޅު.
  4. ހުސް ފޮށި.
  5. އެނޫންވެސް ފެން ހަރުލާފަދަ ނުވަތަ މަދިރި އުފެދޭފަދަ ނުވަތަ ބަލިޖައްސާ ބާވަތުގެ ސޫފާސޫފި އުފެދޭފަދަ ނުވަތަ މީދާ އުފެދިދާނެފަދަ އެއްވެސް އެއްޗެއް.

(ށ) މީހުން ދިރިއުޅޭ ތަނަކާ އިންވެގެން ނުވަތަ އާންމު ތަނަކާ އިންވެގެން، ނުވަތަ ސަރުކާރުގެ އިމާރާތަކާ އިންވެގެން، ނުވަތަ މަދަރުސާއަކާ އިންވެގެން، ނުވަތަ ފިހާރައަކާ އިންވެގެން، ނުވަތަ ވާރކްށޮޕަކާ އިންވެގެން، 30 (ތިރީސް) މީޓަރު ކައިރީގައި، މީހެއްގެ ހުސް ބިމެއް ނުވަތަ ބޭނުން ނުކުރާ ގޯއްޗެއް އޮތްނަމަ، އެތަނެއްގައި ވިނަ އުފެދި ދިގުވެގެންދާގޮތަށް، ނުވަތަ އުކާލަންޖެހޭ އެއްޗެހި އުކާނުލެވި ޖަމާވާގޮތަށް، ނުވަތަ އެތަނުގައި މީދާ އުފެދުމަށް، ނުވަތަ މަދިރި އުފެދުމަށް، ނުވަތަ އެހެނިހެން ސޫފާސޫފި އުފެދުމަށް ފުރުސަތު ދެވޭގޮތަށް އެތަން ބަހައްޓައިގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުކުރެވެމުން ނުދާކަމަށް ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅުކުރުމަށް، އެތަނެއް ހިމެނޭ ދާއިރާއެއްގެ ކައުންސިލަށް އެންގިދާނެއެވެ. އަދި އެކަން ކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ އެންގުމެއް ކައުންސިލަށް އަންގައިފިނަމަ، އެކަމަކާގުޅޭ މީހަކަށް އެކަން އަންގައި، އޭނާގެ ބެލުމުގެ ދަށުގައިވާ ތަނެއްގެ ހާލަތު ރަނގަޅުކުރުމަށް ކައުންސިލުން އެމީހަކަށް އަންގަންވާނެއެވެ. އަދި އެކަންކޮށް ނިންމުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް އޭނާއަށް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކައުންސިލުން މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ކޯޓު އަމުރެއްގެ ދަށުން، ކައުންސިލުން ފޮނުވާ ބަޔަކު މެދުވެރިކޮށް އެކަން ރަނގަޅު ކުރެވިދާނެއެވެ. އަދި އެކަން ރަނގަޅުކުރުމަށް ހިނގާ ހަރަދަކީ، އެ އެންގުން ރައްދުވި ފަރާތުން، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާގެ އިތުރުން ހޯދޭނެ ފައިސާއެކެވެ. އަދި އެ ފައިސާއަކީ އެފަރާތުން ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެއްކަމަށް ބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ކައުންސިލުން މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އޭނާ އެކުރަނީ ކުށެކެވެ. އެކުށުގެ އަދަބަކީ 1،000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން  ޖޫރިމަނާކުރުމެވެ.

 

47 ވަނަ މާއްދާ - ތާނގީ ރައްކާތެރިކޮށް ބެލެހެއްޓުން

(ހ) އިންސާނުން ބުއިމަށް ބޭނުންކުރާ ފެން އުފުލުމަށް، ނުވަތަ ރައްކާތެރިކުރުމަށް، ނުވަތަ ފެންއަޅާފައި ބެހެއްޓުމަށް ބޭނުންކުރާ ތާނގީ، ނުވަތަ ޓައްޕު، ނުވަތަ ބާލިދީ، ނުވަތަ ފީފާ، ނުވަތަ އެނޫންވެސް ފެން އަޅާ އެއްޗެހި، ހުންނަންވާނީ އަންނަނިވި ތަކެއްޗަށް ނުވަދެވޭ ގޮތަށް ރައްކާތެރިކަމާއެކު ބަންދުކުރެވިފައެވެ.

  1. މަދިރިއާއި އެހެންވެސް ސޫފާސޫފި؛
  2. ދޫނި ސޫފާސޫފި؛
  3. މީދަލާއި ހިކަނދިފަދަ ސޫފާސޫފި؛
  4. ބުޅާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުކުރެވެމުން ނުދާކަމަށް ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅުކުރުމަށް، އެތަނެއް ހިމެނޭ ދާއިރާއެއްގެ ކައުންސިލަށް އެންގިދާނެއެވެ. އަދި އެކަން ކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ އެންގުމެއް ކައުންސިލަށް އަންގައިފިނަމަ، އެކަމަކާގުޅޭ މީހަކަށް އެކަން އަންގައި އެކަން ރަނގަޅުކުރުމަށް ކައުންސިލުން އެމީހަކަށް އަންގަންވާނެއެވެ. އަދި އެކަންކޮށް ނިންމުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް އޭނާއަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ކޯޓު އަމުރެއްގެ ދަށުން ކައުންސިލުން ފޮނުވާ ބަޔަކު މެދުވެރިކޮށް އެކަން ރަނގަޅުކުރެވިދާނެއެވެ. އަދި އެކަން ރަނގަޅު ކުރުމަށް ހިނގާ ހަރަދަކީ، އެ އެންގުން ރައްދުވި ފަރާތުން މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާގެ އިތުރުން ހޯދޭނެ ފައިސާއެކެވެ. އަދި އެ ފައިސާއަކީ އެފަރާތުން ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެއްކަމަށް ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އޭނާ އެކުރަނީ ކުށެކެވެ. އެކުށުގެ އަދަބަކީ 1،000 (އެއްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

48 ވަނަ މާއްދާ - މީދާ އުފެދޭގޮތަށް އެއްޗެހި ނުބެހެއްޓުން

(ހ) މީދާ އުފެދޭގޮތަށް ނުވަތަ ފެން ހިފެހެއްޓޭގޮތަށް، އަދި އެ ފެން އެގޮތަށް ހިފެހެއްޓިއްޖެކަމަށްވާނަމަ، އޭގައި މަދިރި އުފެދޭގޮތަށް، މީހުން ދިރިއުޅޭ ތަނެއްގައި އެއްވެސް އެއްޗެއް އަޅާނުލާ، ދޫކޮށްލާފައި ބާއްވައިގެން ނުވަތަ ބަހައްޓައިގެން ނުވާނެއެވެ. މީދާ ނުވަތަ މަދިރި އުފެދޭގޮތަށް ނުވަތަ ފެން ހަރުލާގޮތަށް އެއްވެސް އެއްޗެއް އަޅާނުލާ ބާއްވާފައި ނުވަތަ ބަހައްޓާފައިވާނަމަ، އެ އެއްޗެއް އެތަނަކުން ނަގައި، މީދާ ނުވަތަ މަދިރި ނުއުފެދޭގޮތަށް ނުވަތަ ފެން ހަރުނުލާގޮތަށް އެތަން ބަދަލުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުކުރެވެމުން ނުދާކަމަށް ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅުކުރުމަށް، އެތަނެއް ހިމެނޭ ދާއިރާއެއްގެ ކައުންސިލަށް އެންގިދާނެއެވެ. އަދި އެކަން ކުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ އެންގުމެއް ކައުންސިލަށް އަންގައިފިނަމަ، އެކަމަކާގުޅޭ މީހަކަށް އެކަން އަންގައި އެކަން ރަނގަޅުކުރުމަށް ކައުންސިލުން އެމީހަކަށް އަންގަންވާނެއެވެ. އަދި އެކަންކޮށް ނިންމުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް އޭނާއަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ކޯޓު އަމުރެއްގެ ދަށުން ކައުންސިލުން ފޮނުވާ ބަޔަކު މެދުވެރިކޮށް އެކަން ރަނގަޅުކުރެވިދާނެއެވެ. އަދި އެކަން ރަނގަޅު ކުރުމަށް ހިނގާ ހަރަދަކީ، އެ އެންގުން ރައްދުވި ފަރާތުން މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާގެ އިތުރުން ހޯދޭނެ ފައިސާއެކެވެ. އަދި އެ ފައިސާއަކީ އެފަރާތުން ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެއްކަމަށް ބެލެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އޭނާ އެކުރަނީ ކުށެކެވެ. އެކުށުގެ އަދަބަކީ 1،000 (އެއްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން  ޖޫރިމަނާކުރުމެވެ.

 

49 ވަނަ މާއްދާ - މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ތަނަކަށް ވަނުން

(ހ) ވަކި ވަގުތެއްގައި ވަކި ހިސާބެއްގައިވާ މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ އެހެންވެސް ތަނަކަށް ވަންނާނެކަން 24 (ސައުވީސް) ގަޑިއިރު ކުރިން އާންމުކޮށް އިއުލާނުކުރުމަށްފަހު، މީދާ އުޅޭތޯ ނުވަތަ މަދިރި ހުރިތޯ ނުވަތަ އެނޫންވެސް ބަލިޖައްސާ ބާވަތުގެ ސޫފާސޫފި ހުރިތޯ ބެލުމަށް، ނުވަތަ މީދާ ނުވަތަ މަދިރި އުފެދޭނެ އެއްޗެހި އެތަނުގައި ހުރިތޯ ބެލުމަށް އެޖެންސީގެ ކަމާބެހޭ މުވައްޒަފުން ނުވަތަ އެޖެންސީއިން ކަނޑައަޅާ ބަޔަކު އެތަނަކަށް ވަނުމަކީ މި ގާނޫނު ހުއްދަކުރާ ކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް އެންގުމަށްފަހު، މީހުން ދިރިއުޅޭ ތަނަކަށް ވަނުމަށް އެޖެންސީގެ މުވައްޒަފުން އުޅުމުގައި، އެކަމަށް ހުއްދަ ނުދީފިނަމަ، ނުވަތަ އެކަމަށް ހުރަސް އަޅައިފިނަމަ، ނުވަތަ އެކަން ކުރަންއުޅޭ މީހަކަށް ބިރުދައްކައިފިނަމަ، އެ ކުރަނީ ކުށެކެވެ. އެކުށުގެ އަދަބަކީ 5،000 (ފަސްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

50 ވަނަ މާއްދާ - ކުޅި ފާތަށް ބެލެހެއްޓުން

(ހ) ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގެ ދާއިރާގައި ހިމެނޭ ކުޅިކުޅިއާއި، އާންމު ފެންގަނޑުތަކާއި، ފާތަކާއި އެފަދަ ތަންތަނުގައި، މަދިރިއާއި ބަލި ފަތުރާ ބާވަތުގެ އެހެނިހެން ސޫފާސޫފި އަށަގަތަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، އެ ސަރަހައްދެއް ނިސްބަތްވާ ކައުންސިލެއްގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، އެ ކައުންސިލެއްގައި އެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހަކު އެކުރަނީ ކުށެކެވެ. އެކުށުގެ އަދަބަކީ 5،000 (ފަސްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

 

ނުވަވަނަ ބައި

ނަޖިސް ނުވަތަ މުޑުދާރު ތަންތަން

51 ވަނަ މާއްދާ - ނަޖިސް ނުވަތަ މުޑުދާރު ތަންތަން ސާފުކުރުން

(ހ) މީހަކު ދިރިއުޅުމަށް ބޭނުންކުރާ ތަނަކީ، އެތަނުގެ މުޑުދާރުކަމުގެ ސަބަބުން، ނުވަތަ ނަޖިސްކަމުގެ ސަބަބުން، އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް، ނުވަތަ އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ނުރައްކާވާފަދަ ތަނެއްކަމަށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެހިނދެއްގައި، އެކަން ރަނގަޅުކުރުމަށް އެތަން ހިމެނޭ ދާއިރާއެއްގެ ކައުންސިލަށް އެންގިދާނެއެވެ. އަދި އެކަންކޮށް ނިންމުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް އޭނާއަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެންގުމެއް ކައުންސިލަށް އަންގައިފިނަމަ، އެކަމަކާގުޅޭ މީހަކަށް އެކަން އަންގައި، އޭނާގެ ބެލުމުގެ ދަށުގައިވާ ތަނެއް ސާފުކުރުމަށާއި އެތަނަކުން ނަޖިސް ނައްތާލުމަށާއި، ސިއްހީގޮތުން ނުރައްކާވެދާނެފަދަ އަސަރުތައް އެތަނަކުން ނައްތާލުމަށް ކައުންސިލުން އެމީހަކަށް އަންގަންވާނެއެވެ. އަދި އެކަން ކޮށްނިންމުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް އޭނާއަށް ދޭންވާނެއެވެ.

(ނ) މީހަކު ދިރިއުޅޭ ތަނަކީ އެއްވެސްކަހަލަ ބަލިމަޑުކަމެއް ފެތުރިދާނެ ޖަރާސީމެއް އެކުލެވޭ މިންވަރަށް ނަޖިސްވެފައި ނުވަތަ މުޑުދާރުވެފައިވާ ތަނެއްނަމަ، އެތަނަކުން ނަޖިސްކަމާއި މުޑުދާރުކަން ފިލުވާލުމުގެ އިތުރަށް، އެތަނަކުން ޖަރާސީމު ފެތުރުނަ ނުދިނުމަށްޓަކައި، އެތަނަކަށް ޖަހަންޖެހޭ ބޭސް ޖެހުމަށްވެސް ކައުންސިލަށް އެންގިދާނެއެވެ. އަދި އެކަން ކޮށްނިންމުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް އޭނާއަށް ދޭންވާނެއެވެ.

 

52 ވަނަ މާއްދާ - ކޯޓު އަމުރަކަށް އެދުން

(ހ) މި ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ މާއްދާގެ (ނ) ގެ ދަށުން އަންގާ އެންގުމަކަށް މީހުން ދިރިއުޅޭ ތަނެއްގެ ވެރިފަރާތުން ތަބާނުވެއްޖެނަމަ، ކައުންސިލްގެ ބެލުމުގެ ދަށުން އެކަންކުރުމަށް، ކޯޓު އަމުރަކަށް އެދި ޑިރެކްޓަރ ޖެނެރަލަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، އެއީ ކުރަންޖެހޭ ކަމެއްކަމަށް ސިވިލް ކޯޓަށް ފެނިއްޖެހިނދެއްގައި، އެކަންކުރުމަށް ކޯޓު އަމުރެއް ނެރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން، ނެރޭ ކޯޓު އަމުރެއްގައިވާ ގޮތަށް އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި މީހުން ދިރިއުޅޭ ތަނެއް ސާފުތާހިރު ކުރަންޖެހުމުގެ ސަބަބުން ހިނގާ ހަރަދަކީ އެތަނެއްގައި ދިރިއުޅޭ މީހެއް ނުވަތަ އެތަނެއްގެ ވެރިފަރާތުން ހޯދޭނެ ފައިސާއެކެވެ. އަދި
އެ ފައިސާއަކީ އެފަރާތުން ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެއް ކަމަށް ބެލެވޭނެއެވެ.

(ރ) މި ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ (ނ) ގެ ދަށުން، ކައުންސިލުން، މީހަކަށް އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އޭނާ އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ  3،000 (ތިންހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

53 ވަނަ މާއްދާ - ނަޖިސް ނުވަތަ މުޑުދާރު އެއްޗެހި ނައްތާލުން

(ހ) މީހުން ދިރިއުޅޭ ތަނެއްގައި ހުރި އެއްޗެހީގެ ތެރެއިން ވަކި ބާވަތެއްގެ އެއްޗެއްސަކީ ނުވަތަ ވަކި އެއްޗަކީ މުޑުދާރުވެފައިވާ ނުވަތަ ނަޖިސްވެފައިވާ އެއްޗެއްކަމަށް ޑިރެކްޓަރ ޖެނެރަލަށް ކަށަވަރުވެއްޖެހިނދެއްގައި، އަދި އެ އެއްޗެއް ނަޖިސްވެފައިވުމުގެ ސަބަބުން، ނުވަތަ މުޑުދާރުވެފައިވުމުގެ ސަބަބުން، އިންސާނަކު ދިރިހުރުމަށް، ނުވަތަ އިންސާނެއްގެ ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ނުރައްކާވެދާނެކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވޭކަމަށްވާނަމަ، އެ އެއްޗެއް ނައްތާލުމަށް އެތަނެއް ހިމެނޭ ދާއިރާގެ ކައުންސިލަށް، ޑިރެކްޓަރ ޖެނެރަލަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް އެންގުމެއް ޑިރެކްޓަރ ޖެނެރަލް ކައުންސިލަށް އަންގައިފިނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެކަން އަންގައި، އެތަނެއް ސާފުކުރުމަށް ނުވަތަ އެ އެއްޗެއް ހަލާކުކޮށްލުމަށް، ނުވަތަ އެ އެއްޗެއްގައި ހުރެދާނެ ޖަރާސީމެއް ނައްތާލުމަށް ޖަހަންޖެހޭ ބޭސް ޖެހުމަށް ކައުންސިލަށް، އެމީހަކަށް އެންގިދާނެއެވެ. އަދި އެކަން ކުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކަށީގެންވާ މުއްދަތެއްވެސް ކައުންސިލުން އޭނާއަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމަކަށް، އެތަނެއްގެ ވެރިފަރާތުން ތަބާނުވެއްޖެނަމަ، އެކަން ކޯޓު އަމުރެއް މެދުވެރިކޮށް ކުރުމަށްޓަކައި، ޑިރެކްޓަރ ޖެނެރަލަށް، ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، މީހުންގެ ފުރާނަ ރައްކާތެރިކުރުމަށްޓަކައި ނުވަތަ އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ޑިރެކްޓަރ ޖެނެރަލް އަންގާފައިވާ ގޮތުގެމަތިން، ވަކި ތަނެއްގައިވާ ވަކި އެއްޗެއް ހަލާކުކޮށްލުމަކީ ނުވަތަ ވަކި ތަނެއް ސާފުކުރުމަކީ ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ހުރި ޖަރާސީމެއް ނައްތާލުމަކީ، ކުރަންޖެހޭ ކަމެއްކަމަށް ސިވިލް ކޯޓަށް ފެނިއްޖެނަމަ، ކައުންސިލްގެ ބެލުމުގެ ދަށުން އެކަން ކުރުމަށް އަންގައި، ކޯޓު އަމުރެއް، އެ ކޯޓަށް ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކުރާ ކޯޓު އަމުރެއްގައިވާ ގޮތަށް މީހުންގެ ފުރާނަ ރައްކާތެރި ކުރުމަށްޓަކައި ނުވަތަ އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި މީހުން ދިރިއުޅޭ ތަނެއް ސާފުތާހިރުކުރަންޖެހުމުގެ ސަބަބުން ހިނގާ ހަރަދަކީ، އެތަނެއްގައި ދިރިއުޅޭ މީހެއް ނުވަތަ އެތަނެއްގެ ވެރިފަރާތުން ހޯދޭނެ ފައިސާއެކެވެ. އަދި އެ ފައިސާއަކީ އެފަރާތުން ދައުލަތަށް އަދާކުރަންޖެހޭ ދަރަންޏެއްކަމަށް ބެލެވޭނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އަންގާ އެންގުމަކަށް ތަބާނުވާ މީހާ އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 3،000 (ތިންހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

 

ދިހަވަނަ ބައި

ނަޖިސް ނައްތާލައި، ކުނިއުކާލުން

54 ވަނަ މާއްދާ - ގޭގެއިން ކުނި އުކާލުން

(ހ) މީހުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ނަޖިސް ނައްތާލުމާއި ކުނި އުކާލުމުގެ ނިޒާމެއް ހަމަޖެހިފައި ހުންނަންވާނެއެވެ. އެ ނިޒާމު ހަމަޖެހިފައި ނެތް ތަނެއްގައި، މީހުން ދިރިއުޅެގެން ނުވާނެއެވެ.

(ށ) މީހުން ދިރިއުޅޭ ތަންތަން އެކި ގިންތިތަކަށް ބެހުމަށްފަހު، އެކި ގިންތިތަކުގައި ހިމެނޭ ތަންތަނުގައި، ކުނި އުކާލުމާއި ނަޖިސް ނައްތާލުމުގެ ނިޒާމު ހަމަޖެހިފައި ހުންނަންޖެހޭނީ ކޮން މިންގަނޑުތަކެއްގެ މަތިންކަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

55 ވަނަ މާއްދާ - ހޮޓާތަކާއި އާންމު ތަންތަނުން ކުނި ނައްތާލުން

(ހ) ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، އާންމު ތަންތަނާއި، މުނިފޫހި ފިލުވުމަށްޓަކައި މީހުން އެއްވާ ތަންތަނުގައި ކުނި އުކާލުމާއި ނަޖިސް ނައްތާލުމުގެ ނިޒާމު ކަނޑައެޅުމުގެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތައް އެކަށައެޅިފައިނުވާ ތަނެއްގައި، ހޮޓާ ނުވަތަ ރެސްޓޯރެންޓް ހިންގައިގެން ނުވާނެއެވެ. ނުވަތަ އެފަދަ ތަނެއް، އާންމުން އެއްވާ ތަނެއްގެ ގޮތުގައި ހުޅުވާލައިގެން ނުވާނެއެވެ. ނުވަތަ އެފަދަ ތަނެއް، މުނިފޫހިފިލުވުމަށްޓަކައި ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ހޮޓާ، ނުވަތަ ރެސްޓޯރެންޓް، ނުވަތަ މުނިފޫހި ފިލުވުމުގެ ތަންތަން، ނުވަތަ އާންމު ތަންތަނުގައި ނަޖިސް ނައްތާލުމަށާއި ކުނި އުކާލުމަށް ހުންނަންޖެހޭނެ މިންގަނޑުތަކަކީ ކޮބައިކަން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - ކުނި ނޭޅުން

(ހ) އާންމު އެއްވެސް ތަނަކަށް، ނުވަތަ މަގަކަށް، ނުވަތަ ހުސް އިމާރާތަކަށް، ނުވަތަ މޫދަށް، ނުވަތަ ގޮނޑުދޮށަށް، ނުވަތަ އަތިރިމައްޗަށް ކުނި އުކާލުމަކީ މަނާކަމެކެވެ.

(ށ) ކުނި އުކާލުމަށްޓަކައި ވަކި ސަރަހައްދުތަކެއް ނުވަތަ ނަޖިސް ނައްތާލުމަށްޓަކައި ވަކި ނިޒާމުތަކެއް ކޮންމެ ސަރަހައްދެއްގައިވެސް ކަނޑައަޅަންވާނެއެވެ. އެކަންކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އެކަން ތަންފީޒުކުރާނީ އެތަނެއް ހިމެނޭ ސަރަހައްދެއްގެ ކައުންސިލަކުންނެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފަށް އާންމު ތަންތަނަށް، ނުވަތަ މަގުތަކަށް، ނުވަތަ ގޭގެއަށް، ނުވަތަ ހުސް އިމާރާތަށް، ނުވަތަ މޫދަށް، ނުވަތަ އަތިރިމައްޗަށް، ނުވަތަ ގޮނޑުދޮށަށް ކުނި އުކުމާއި އެތަންތަން ނަޖިސްކުރުމަކީ މި ގާނޫނާ ހިލާފަށް ކުރެވޭ ކުށެކެވެ. އެ ކުށުގެ އަދަބަކީ 5،000 (ފަސްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

 

އެގާރަވަނަ ބައި

ކާބޯތަކެތީގެ ރައްކާތެރިކަން

57 ވަނަ މާއްދާ - ކާނާ ވިއްކާ ތަންތަން

(ހ) ކާނާ ވިއްކާ ތަންތަނުގައި، މި ގާނޫނުގެ ދަށުން ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ށ) މި ގާނޫނު އޭގެ ރަނގަޅު ގޮތުގައި ހިންގުމަށްޓަކައި، ތަފާތު ބާވަތުގެ ކާނާ ވިއްކާ ތަންތަނުގައި ތަފާތު ސިއްހީ މިންގަނޑުތައް ބެހެއްޓުމަށާއި، ކާނާ ވިއްކާ ތަންތަން ގިންތިތަކަށް ބަހައި، އެކިއެކި ށަރުތުތައް އެކި ގިންތިތަކަށް ކަނޑައެޅުމަށް، މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) ކާނާ ވިއްކާ ތަންތަން ހިންގުމުގެ ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލާއި، އެ ހުއްދަ ދިނުމަށް ނަގާނެ ފީއާއި، އެ ހުއްދައާ އެއްގޮތަށް އަމަލުނުކުރުމުން ކުރާނެ ޖޫރިމަނާގެ ބާވަތްތަކާއި އަދަދުތައް، ސާފުކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

58 ވަނަ މާއްދާ - ހުއްދަނެތި ނުހިންގުން

(ހ) ކާނާ ވިއްކާ ތަނެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހުއްދަ ހޯދައިގެން މެނުވީ، ހިންގައިގެން ނުވާނެއެވެ.

(ށ) ކާނާ ވިއްކާ ތަނެއް ހިންގުމަށްޓަކައި ބޭނުންވާ ހުއްދަ ދޫކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ފީއެއް ޑިރެކްޓަރ ޖެނެރަލަށް ނެގިދާނެއެވެ.

 

59 ވަނަ މާއްދާ - ކާނާ ވިއްކާ ތަންތަނުގެ ސާފުތާހިރުކަން

(ހ) ކާނާ ވިއްކާ ތަނެއް ހުންނަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް، ސިއްހީގޮތުން ސާފުތާހިރުކޮށެވެ.

(ށ) މީހަކު ކުރާ ކަމެއްގެ ސަބަބުން، ނުވަތަ ކެމިކަލެއް ވާސިލުވެގެން، ނުވަތަ އެނޫންވެސްގޮތަކުން އެތާނގައި ތައްޔާރުކުރެވޭ ކާނާ ނަޖިސްވެދާނެ ނުވަތަ ނުތާހިރުވެދާނެ އެއްވެސްކަމެއް، ކާނާ ވިއްކާ ތަނެއްގައި ދިމާވެގެން ނުވާނެއެވެ.

(ނ) ކުނިވެފައިވާ ކާނާއާއި ދުވަސް ހަމަވެފައިވާ ކާނާއާއި ރަހަ ނުބައިވެފައިވާ ކާނާއާއި ވިހަވެފައިވާ ކާނާއާއި ގަޑުބަޑުކޮށްފައިވާ ކާނާ އެއްވެސް ފަރާތަކުން ވިއްކައިގެން ނުވާނެއެވެ.

(ރ) ވަކި މީހަކީ، އޭނާގެ ގައިގައި، ގައިންގަޔަށްއަރާ ބައްޔެއްހުރި މީހެއްކަމަށް ފާހަގަކުރެވިފައިވާނަމަ ނުވަތަ އޭނާއަކީ ވަކިކަހަލަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހެއްކަމަށް ފާހަގަކުރެވިފައިވާނަމަ، ކާނާ އުފެއްދުމުގެ އެއްވެސް މަރުހަލާއެއްގައި ނުވަތަ ކާނާ ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި އޭނާ ބައިވެރިވެގެން ނުވަތަ ބައިވެރިކޮށްގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 10،000 (ދިހަހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

60 ވަނަ މާއްދާ - ކޯޓު އަމުރަކާ ނުލާ، ބަލައި ފާސްކުރުމުގެ ބާރު

(ހ) ދުވާލު ހުޅުވާފައި ހުންނަ ކާނާ ވިއްކާ ތަންތަނަށް ދުވާލުގެ އެކަށީގެންވާ ވަގުތުތަކުގައި، ނުވަތަ ރޭގަނޑު ހުޅުވާފައި ހުންނަ ކާނާ ވިއްކާ ތަންތަނަށް ރޭގަނޑުގެ އެކަށީގެންވާ ވަގުތުތަކުގައި ވަދެ، މި ގާނޫނާ އެއްގޮތަށް ކަންތައްތައް ހިނގާތޯ ޑިރެކްޓަރ ޖެނެރަލަށް ނުވަތަ އޭނާ އައްޔަންކުރާ ބަޔަކަށް ބަލައި، ޗެކްކުރެވިދާނެއެވެ. އެފަދަ ތަނަކަށް، އެފަދަ ވަގުތެއްގައި ވަނުމަކަށް ކޯޓު އަމުރަކަށް ބޭނުންވެގެނެއް ނުވެއެވެ.

(ށ) ކާނާ ވިއްކާ ތަންތަނާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައި، ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ. އެފަދަ އެހީތެރިކަމަށް އެދެފިކަމަށްވާނަމަ، އެ އެހީތެރިކަން ފުލުހުން ފޯރުކޮށްދޭންވާނެއެވެ.

 

61 ވަނަ މާއްދާ - މަސްއޫލިއްޔަތު ހަވާލުކުރުން

ކާނާ ވިއްކާ ތަންތަނާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އެޖެންސީއަށް ނުވަތަ ޑިރެކްޓަރ ޖެނެރަލަށް ލިބިދޭ ބާރު، ސަރުކާރުގެ އެހެން މުއައްސަސާއަކާ ވަޒީރަށް ހަވާލުކުރެވިދާނެއެވެ.

 

 

ބާރަވަނަ ބައި

ފެނުގެ ރައްކާތެރިކަން

 

62 ވަނަ މާއްދާ - އާންމުކޮށް ދޫކުރާ ފެން ރައްކާތެރި އެއްޗަކަށްވުން

އިސްކުރުބަރިއެއް މެދުވެރިކޮށްނަމަވެސް، ނުވަތަ އިސްކުރެއް މެދުވެރިކޮށްނަމަވެސް، ނުވަތަ ވަޅެއް މެދުވެރިކޮށްނަމަވެސް، ނުވަތަ ތާނގީއެއް މެދުވެރިކޮށްނަމަވެސް، ނުވަތަ ޓޭންކެއް މެދުވެރިކޮށްނަމަވެސް، އާންމު އުސޫލަކުން މީހުންނަށް ފެން ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައިވާނަމަ، އެ ނިޒާމުގެ ދަށުން ދޫކުރާ ފެނަކީ އިންސާނުން ބޭނުންކުރުމަށް ކަމުދާ، އަދި ބަލިމަޑުކަން އުފައްދަފާނެ ޖަރާސީމެއް ނެތް  ނުވަތަ ބަލި ފަތުރާ ވަސީލަތެއް ނެތް، ފެނެއްކަން ކަށަވަރުކުރުމަކީ އެ ސަރަހައްދެއް ނިސްބަތްވާ ކައުންސިލަކުން ކުރަންޖެހޭނެ ކަމެކެވެ.

 

63 ވަނަ މާއްދާ - ސާފު ފެން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން

ކައުންސިލެއް ހިމެނޭ ސަރަހައްދެއްގައި އާންމު އުސޫލުން ސާފު ފެން ލިބޭނެ ގޮތެއް ހަމަޖެހިފައި ނުވާނަމަ، އެފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެ ސަރަހައްދެއް ހިމެނޭ ކައުންސިލަކުން މަސައްކަތްކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ނުސާފު ފެން ސާފުކުރުމަށް އެންގުން

(ހ) މި ގާނޫނުގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދޫކުރެވޭ ފެނަކީ އިންސާނުން ބޭނުންކުރުމަށް ކަމުނުދާ ފެނެއްކަމަށް ނުވަތަ ސާފު ފެނެއް ނޫންކަމަށް ޑިރެކްޓަރ ޖެނެރަލަށް ކަށަވަރު ކުރެވިއްޖެހިނދެއްގައި، އެ ފެނުގެ އިންތިޒާމު ހަމަޖެހިފައިވާ ސަރަހައްދެއް ނިސްބަތްވާ ކައުންސިލަށް އަންގާ އެންގުމަކުން، އެ ފެނަކީ އިންސާނުން ބޭނުންކުރަން ކަމުދާ ސާފު ފެނަށް ހެދުމަށް އެންގިދާނެއެވެ. އަދި އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއްވެސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ މުއްދަތުގެ ތެރޭގައި، އެކަން ރަނގަޅުކުރުމަކީ، އެ ކައުންސިލެއްގެ މައްޗަށް މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދެވޭ މުއްދަތުގެ ތެރޭގައި އެކަން ރަނގަޅު ނުކުރެވިއްޖެނަމަ، ކައުންސިލްގައި ހުރި އެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މީހާ އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ   10،000 (ދިހަހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

65 ވަނަ މާއްދާ - ސާމްޕަލް ނެގުން

(ހ) އާންމުކޮށް މީހުން ބޭނުންކުރުމަށް، ވަކި ސަރަހައްދެއްގައި ދޫކުރާ ފެނަކީ، އިންސާނުން ބޭނުންކުރުމަށް ކަމުދާ ފެނެއްކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ އެ ފެނުގައި ބަލި ފަތުރާ ޖަރާސީމުގެ އަސަރެއް ނެތްކަން ކަށަވަރުކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލްގެ ފަރާތުން ފޮނުވާ މީހަކަށް ދުވާލުގެ އެކަށީގެންވާ ވަގުތުގައި، ކުރިން އެންގުމަކާ ނުލާ، އެ އިސްކުރެއް، ނުވަތަ ތާނގީއެއް، ނުވަތަ ޓޭންކެއް، ނުވަތަ ވަޅެއް ހުރި ތަނަކަށްގޮސް އެ ފެނުގެ ސާމްޕަލް ނަގައި، އެ ފެނުގެ ސާމްޕަލް ތަހްލީލުކުރަން އެންގުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ޑިރެކްޓަރ ޖެނެރަލްގެ ފަރާތުން ފޮނުވާ މީހަކަށް ފެނުގެ ސާމްޕަލް ނެގުމަށް އެހީތެރިވެދިނުމަކީ، އެ ފެން ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމާ ހަވާލުވެހުރި ނުވަތަ އެ ޒިންމާ އުފުލާ މީހަކު ކުރަންޖެހޭނެ ކަމެކެވެ. އަދި އޭނާގެ މަސައްކަތަށް ހަމައެކަކުވެސް ހުރަސް އަޅައިގެން ނުވާނެއެވެ.

 

66 ވަނަ މާއްދާ - ދެމުންދާ ފެން ދިނުން ހުއްޓާލަން އެންގުން

އާންމު އުސޫލުން މީހުން ބޭނުންކުރުމަށް ދޫކުރަމުންދާ ފެނަކީ އިންސާނުން ބޭނުންކުރުމަށް ނުސާފު ނުވަތަ އިންސާނުން ބޭނުންކުރުމަށް ކަމުނުދާ ނުވަތަ ޖަރާސީމު ހުރި ފެނެއްކަމަށް އެއްވެސް ސާމްޕަލަކުން ދައްކައިފިކަމަށްވާނަމަ، އެކަމެއް ރަނގަޅުކުރުމަށްޓަކައި ވަކި މުއްދަތެއް ދިނުމަށްފަހު، އެކަން ރަނގަޅުކުރެވެންދެން އެތަނަކުން ފެން ދޫކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް، ނުވަތަ އެތަނެއް ބަންދުކުރުމަށް އެންގުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - ބައެއް އުސޫލުތައް  ގަވާއިދުގައި ކަނޑައެޅުން

ނަރުދަމާގެ ނިޒާމުގައި ހިމެނޭ ފެން ހިންދުމާއި ނައްތާލުމާ ގުޅޭގޮތުންނާއި، ފާހާނާއާއި ޒާތީ ހިދުމަތް ދޭ މަރުކަޒުތަކުގައި ބޭނުންކުރާ ފެނާ ގުޅޭގޮތުންނާއި، މީހުން ދިރިނޫޅޭ ތަންތަނާއި އާންމު ތަންތަނުގައި ބޭނުންކުރާ ފެނާ ގުޅޭގޮތުން ތަބާވާންޖެހޭ އާންމު ސިއްހަތުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކަށް ތަބާވޭތޯ ބެލުމުގެ އުސޫލުތަކާއި، އެ މިންގަނޑުތަކަށް ތަބާނުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.

 

 

ތޭރަވަނަ ބައި

ކުޅިވަރު ފެންގަނޑުގެ ރައްކާތެރިކަން

68 ވަނަ މާއްދާ - ލައިސަންސް ހޯދުން

(ހ) އާންމުން ބޭނުންކުރުމަށް އެއްވެސް ކުޅިވަރު ފެންގަނޑެއް ގާއިމުކުރަންވާނީ، ނުވަތަ ބިނާކުރަންވާނީ، ނުވަތަ ހަދައި ހިންގަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އާންމު ސިއްހަތުގެ މިންގަނޑުތަކަށް ތަބާވާކަމުގެ ލައިސަންސެއް، އެޖެންސީން ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން އަމަލުކުރާނެ އުސޫލުތައް ތަފްސީލުކޮށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތަކުން އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ  25،000 (ފަންސަވީސްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

69 ވަނަ މާއްދާ - ފެންގަނޑެއް ބަންދުކުރަން އެންގުން

(ހ) މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ހޯދަންޖެހޭ ލައިސަންސް ނުހޯދައި، އެއްވެސް މީހަކު ކުޅިވަރު ފެންގަނޑެއް ހިންގާކަމަށްވާނަމަ، ނުވަތަ މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ މާއްދާއަކާ ހިލާފުވެއްޖެނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރެމުންދާ ދުވަސްވަރެއްގައި އެތަނެއް ބޭނުންކުރަމުންދާ މީހުންނަށް، އެ ބަލި ފެތުރިދާނެކަމުގެ ނުރައްކާއޮތްކަމަށް ފެނިއްޖެހިނދެއްގައި، ލިޔުމުން އަންގާ އެންގުމަކުން، އެ ތަނެއް ވަކި މުއްދަތަކަށް ބަންދުކުރުމަށް ޑިރެކްޓަރ ޖެނެރަލަށް އެންގިދާނެއެވެ.

(ށ) ޑިރެކްޓަރ ޖެނެރަލް، މި މާއްދާގެ (ހ) ދަށުން އަންގާ އެންގުމެއް ކުޅިވަރު ފެންގަނޑެއް ހިންގާ ފަރާތަކަށް ލިބިއްޖެނަމަ، އެ މުއްދަތަކަށް އެތަން ބަންދުކުރުމަކީ މި ގާނޫނު ލާޒިމުކުރާ ކަމެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާގޮތާ ހިލާފަށް އަމަލުކުރާ  މީހަކު އެކުރަނީ ކުށެކެވެ. އެކުށުގެ އަދަބަކީ   50،000 (ފަންސާސްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

 

ސާދަވަނަ ބައި

އުޅަނދުފަހަރާގުޅޭ

70 ވަނަ މާއްދާ - އުޅަނދުފަހަރު ޗެކްކުރުން

(ހ) އާންމު ސިއްހަތަށް ނުރައްކާވާފަދަ އެއްޗެއް ހުރިކަމަށް ނުވަތަ އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް ހިނގާކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ކޮންމެ ކަނޑުދަތުރުކުރާ އުޅަނދަކަށް، ނުވަތަ އެއްގަމުދަތުރުކުރާ އުޅަނދަކަށްވެސް ޑިރެކްޓަރ ޖެނެރަލްގެ ފަރާތުން ބާރު ލިބިގެން، ޕަބްލިކް ހެލްތް އޮފިސަރަކަށް ނުވަތަ ޕޯޓް ހެލްތް އޮފިސަރަކަށް އެރިދާނެއެވެ. ނުވަތަ ވަދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އުޅަނދަކަށް އެރުމަށް ނުވަތަ ވަނުމަށް ހުއްދަ ނުދީފިކަމަށްވާނަމަ، އެކަށީގެންވާ ބާރުގެ ބޭނުންކޮށްގެން އެ އުޅަނދަކަށް އެރިދާނެއެވެ. ނުވަތަ ވަދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އުޅަނދަކަށް އެރުމުގެ ނުވަތަ ވަނުމުގެ ވަގުތަކަށް ވާންވާނީ ހެނދުނު 6 ޖެހުމާއި ހަވީރު 6 ޖެހުމާދެމެދުގެ ވަގުތެކެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޕަބްލިކް ހެލްތް އޮފިސަރަކު ނުވަތަ ޕޯޓް ހެލްތް އޮފިސަރަކު ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި މީހަކު އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ   2،000 (ދެހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

71 ވަނަ މާއްދާ - ސިއްހީ ނުރައްކަލެއްކަމަށް ބެލެވޭ ކަމެއް ފެނުން

(ހ) ޕަބްލިކް ހެލްތް އޮފިސަރަކު ނުވަތަ ޕޯޓް ހެލްތް އޮފިސަރަކު، އުޅަނދަކަށް އެރުމުގައި ނުވަތަ ވަނުމުގައި، އެ އުޅަނދުގައި ސިއްހީ ނުރައްކަލަކަށް ބެލެވޭފަދަ ކަމެއްވާކަމަށް ފެނިއްޖެނަމަ އެކަމެއް ހުއްޓުމަށް އަންގަންވާނެއެވެ. އަދި އެކަން ކުރުމަށް އެކަށީގެންވާ މުއްދަތެއްވެސް އެ އުޅަނދެއްގެ ވެރިފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، އެ އުޅަނދުގެ ވެރިފަރާތަށް އެންގޭ އެނގުމަކަށް އަމަލުނުކޮށްފިނަމަ، އޭނާ އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ   4،000 (ހަތަރުހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

72 ވަނަ މާއްދާ - ކޯޓު އަމުރު ހޯދުން

(ހ) މި ގާނޫނުގެ ސާދަވަނަ ބައިގެ ދަށުން، އުޅަނދަކަށް އެރުމަށް ނުވަތަ ވަނުމަށް ހުރަސްއަޅައިފިނަމަ، ނުވަތަ އުޅަނދަކަށް އެރުމަށް ނުވަތަ ވަނުމަށް ހުއްދަނުދީފިނަމަ، ސިވިލް ކޯޓުގެ އަމުރެއް އެކަމަށް ހޯދުމަށް ޑިރެކްޓަރ ޖެނެރަލް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

(ށ) ސިވިލް ކޯޓަށް އެ މައްސަލައެއް ހުށަހެޅުމުން އާންމު ސިއްހަތަށް ނުރައްކާވާފަދަ އަމަލެއް އެ އުޅަނދުގައި ހިނގާކަމަށް ނުވަތަ އެފަދައެއްޗެއް އެ އުޅަނދުގައި ހުރިކަމަށް ސިވިލް ކޯޓަށް ފެނިއްޖެހިނދެއްގައި، އެ އުޅަނދެއްގެ ވެރިފަރާތް މެދުވެރިކޮށް، ނުވަތަ އެ އުޅަނދެއް އޮތް ބަނދަރެއް ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތެއް މެދުވެރިކޮށް އެ އުޅަނދަކުން އެ ސިއްހީ ނުރައްކަލެއް ކުރިމަތިކުރުވާފަދަ އަމަލު ނުވަތަ އެއްޗެއް ނައްތާލުމަށް ނުވަތަ ހުއްޓުމަކަށް ގެނައުމަށް ސިވިލް ކޯޓަށް އަމުރުކުރެވިދާނެއެވެ.\

 

73 ވަނަ މާއްދާ - އިމާރާތުގެ އުސޫލު ހިނގުން

(ހ) އުޅަނދުފަހަރާ ބެހޭގޮތުން މި ގާނޫނުގެ ދަށުން އަމަލުކުރުމުގައި، މި ގާނޫނުގައި މީހުން ދިރިއުޅޭ ތަންތަނާ ގުޅޭގޮތުން އަމަލުކުރުމަށް ބަޔާންކޮށްފައިވާ އުސޫލުތައް، އެކަމާ ގުޅޭ ނިސްބަތަށް، އުޅަނދުފަހަރާ ގުޅޭގޮތުންވެސް ހިނގާނެއެވެ. މީހުން ދިރިއުޅޭ ތަންތަނާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލަށް ލިބިދޭ ބާރު، އެކަމާގުޅޭ ނިސްބަތަށް، އުޅަނދުފަހަރާ ގުޅޭގޮތުންވެސް، އޭނާއަށް ލިބިގެންވެއެވެ.

(ށ) އުޅަނދެއްގެ ވެރިފަރާތް ނުވަތަ ކެޕްޓަން ނުވަތަ މާސްޓަރަކީ އެއީ، މީހުން ދިރިއުޅޭ ތަނެއްގެ ވެރިމީހާ މި ގާނޫނުގެ ދަށުން އުފުލަންޖެހޭ ޒިންމާތައް، އެ އުޅަނދުފަހަރުގެ ބޭނުމަށްޓަކައި މި ގާނޫނުގެ ދަށުން އުފުލަންޖެހޭނެ މީހުންނެވެ.

 

 

ފަނަރަވަނަ ބައި

އެކިއެކި ތަންތަނަށް ވަނުމުގެ ބާރު

74 ވަނަ މާއްދާ - ތަންތަނަށް ވަނުމުގެ ބާރު

(ހ) މި ގާނޫނާ އެއްގޮތަށް ކަންތައްތައް ހިނގަމުންދޭތޯ ބެލުމަށް، ނުވަތަ މި ގާނޫނު ތަންފީޒުކުރުމަށް، ނުވަތަ ސިއްހީ ނުރައްކަލެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުމުގެ ނުރައްކާ އެތަނެއްގައި އެކުލެވިގެންވާކަމަށް ޑިރެކްޓަރ ޖެނެރަލަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ގަބޫލުކުރެވޭހިނދު، ދުވާލުގެ ނުވަތަ ރޭގަނޑުގެ އެކަށީގެންވާ ވަގުތުގައި މީހުން ދިރިނޫޅޭ ތަންތަނަށް ވަދެ، އަންނަނިވި ކަންކަން ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ބޭނުންވާ ހޯދުންތައް ހޯދައި، ބޭނުންވާ ތަހްގީގުތައް ކޮށް، ބޭނުންވާ ތަހްލީލުތައް ކޮށް، ބޭނުންވާ ޓެސްޓްތައް ހަދައި، މައުލޫމާތު ހޯދުން.
  2. އެއްގަމު އުޅަނދެއް ނުވަތަ ވައިގެ އުޅަނދެއް ނުވަތަ ކަނޑު ދަތުރުފަތުރުކުރާ އުޅަނދެއް ހިފަހައްޓައި، އެއަށް ވަނުން ނުވަތަ އެރުން.
  3. ތަހްލީލުކުރުމަށް، ނުވަތަ ޓެސްޓްކުރުމަށް، ނުވަތަ ބެލުމަށް އެއްވެސް ގަހެއް، ނުވަތަ ޖަނަވާރެއް، ނުވަތަ ފުރާނަހުރި ނުވަތަ ދިރުންހުރި އެހެންވެސް އެއްޗެއް ދެއްކުމަށް އެންގުން. އަދި އެގޮތަށް ދައްކާ އެއްޗަކުން ސާމްޕަލް ނެގުން.
  4. ކަމާގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލަށް ބޭނުންވާ ސިއްހީ މައުލޫމާތު، ނުވަތަ މުދަލުގެ މިލްކުވެރިކަމާގުޅޭ މައުލޫމާތު ދިނުމަށް އެންގުން.
  5. އެއްވެސް ލިޔުމެއްގައި ނުވަތަ ރިކޯޑެއްގައި، ކަމާގުޅޭ ޒާތީ މައުލޫމާތު، ނުވަތަ ސިއްހީ މައުލޫމާތު، ނުވަތަ މިލްކުވެރިކަން އަންގައިދޭ މައުލޫމާތު ހުރިކަމަށްވާނަމަ، އެ ލިޔުމެއް ނުވަތަ ރިކޯޑެއް ދިނުމަށް އެންގުން. އަދި އެ އެއްޗެއް ދިނުމުން އެ އެއްޗަކުން ކޮޕީ ހެއްދުން ނުވަތަ ކޮޕީ ހަދާފައި ދިނުމަށް އެންގުން.
  6. ތަނުގެ ހާލަތު އަންގައިދިނުމަށް ބޭނުންވާ ވީޑިއޯކުރުމާއި ފޮޓޯ ނެގުން.
  7. އެތަނުގެ ތެރެއަށް ކަމާގުޅޭ މަސައްކަތަށް ބޭނުންވާ އެއްޗެއްސާއި، އާލާތާއި، މެށިނަރީ ގެނައުމާއި ވެއްދުން.
  8. އެތަނުގައި ހުރި މެށިނަރީއާއި، އާލާތާއި، ތަކެތި އެކަމަށް ބޭނުންކުރުން.
  9. ވަކި ތަނެއް ކޮންނަންޖެހޭކަމަށްވާނަމަ ނުވަތަ ހުޅުވައިގެން ބަލަންޖެހޭކަމަށްވާނަމަ، އެކަމެއް ކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުމަކަށް، އެތަނެއްގެ ވެރިފަރާތުން އިންކާރުކޮށްފިކަމަށްވާނަމަ، ނުވަތަ އެކަންކަން ކުރުމަށް ހުރަސްއަޅައިފިކަމަށްވާނަމަ، ނުވަތަ އެތަނަށް ވަނުން މަނާކޮށްފިކަމަށްވާނަމަ، ނުވަތަ އެތަނަށް ނުވަދެވޭގޮތަށް އެތަނެއް ބަންދުކޮށްފިކަމަށްވާނަމަ، ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް، ކޯޓު އަމުރެއް ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މީހުން ދިރިއުޅޭ ތަނެއްކަމަށްވާނަމަ، އެތަނެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެން، އެތަނަކަށް ވަދެ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

75 ވަނަ މާއްދާ - މީހުން ދިރިއުޅޭ ތަންތަނަށް ވަނުމަށް ކޯޓު އަމުރު ހޯދުން

(ހ) މީހުން ދިރިއުޅޭ ތަނަކަށް ވަނުމަށް، މި ގާނޫނުގެ 74 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، އެތަނެއްގެ ވެރިފަރާތުން ހުއްދަ ނުދީފިނަމަ ނުވަތަ ރުހުން ނުދީފިނަމަ، ޑިރެކްޓަރ ޖެނެރަލް މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އެތަނަކަށް ވަނުމުގެ ކޯޓު އަމުރަކަށް އެދި، ސިވިލް ކޯޓަށް ހުށަހެޅުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމުން، އަންނަނިވި ކަންކަން ކޯޓަށް ގަބޫލުކުރެވޭކަމަށްވާނަމަ، މީހުން ދިރިއުޅޭ ތަނަކަށް ޑިރެކްޓަރ ޖެނެރަލް ނުވަތަ ޑިރެކްޓަރ ޖެނެރަލް ހުއްދަކުރާ ފަރާތަކުން ވަދެ، އަންނަނިވި ކަންކަން ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ދިނުމުގެ ކޯޓު އަމުރެއް ސިވިލް ކޯޓަށް ކުރެވިދާނެއެވެ.

  1. މީހުން ދިރިއުޅޭ ތަނަކަށް ވަނުމަކީ، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، ބޭނުންތެރިކަމެއްކަމަށާއި އެތަނަކަށް ވަދެވޭނެގޮތްވުން ބޭނުންތެރިކަމަށް ގަބޫލުކުރެވުން.
  2. އެތަނަށް ވަދެ ޓެސްޓުތައްކޮށް، ތަހްލީލުތައްކޮށް، ބަލަންޖެހޭ ބެލުންތައް ބަލައި، ހޯދަންޖެހޭ ހޯދުންތައް ހޯދަންޖެހޭކަމަށް ގަބޫލުކުރެވުން.
  3. އެތަނުން ފެންނަ އެއްޗެހީގެ ތެރެއިން ބައެއް އެއްޗެހީގެ ސާމްޕަލް ނެގުން ބޭނުންތެރިކަމެއްކަމަށް ގަބޫލުކުރެވުން.

(ނ) މި މާއްދާގެ ދަށުން ދޫކުރާ ކޯޓު އަމުރެއްގައި، އެ ކޯޓު އަމުރު ދެމިއޮންނާނެ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ކޯޓު އަމުރަކީ އެއްވެސް ހާލަތެއްގައި، 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަށް ދޫކުރެވޭ ކޯޓު އަމުރަކަށް ވެގެންނުވާނެއެވެ.

 

76 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ  ހާލަތެއްގައި ކޯޓު އަމުރަކާ ނުލާ ވަނުން

(ހ) މި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް ވަޒީރު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ކޯޓު އަމުރެއް ހޯދުމަކާ ނުލާ، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ އާންމު ތަނަކަށް ވަނުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތުގައި ދިމާވެފައިވާ އާންމު ސިއްހަތުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ނުވަތަ ކޮންޓްރޯލްކުރުމަށްޓަކައި، ނުވަތަ ނައްތާލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ވަނުމަށް ހުއްދަކުރާއިރު، އޭނާގެ މަސައްކަތްކުރުމަށް އޭނާއަށް އެހީތެރިވެދޭ މިންވަރަށް، އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ކަމާބެހޭ ސަރުކާރުގެ އިދާރާގެ މުވައްޒަފުން ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ލިބިދޭ ހުއްދައިގެ މާނައިގައި ހިމެނިގެންވެއެވެ.

 

 

ސޯޅަވަނަ ބައި

މާލީ ކަންކަމާގުޅޭ

77 ވަނަ މާއްދާ - ޕަބްލިކް ހެލްތް ފަންޑް ގާއިމުކުރުން

(ހ) މި މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ޕަބްލިކް ހެލްތް ފަންޑުގެ ނަމުގައި، ފަންޑެއް މި ގާއިމުކުރީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަންޑު ހަދައި، އެ ފަންޑަށް ވަކިން ފައިސާ ޖަމާކުރާގޮތަށް ކަނޑައަޅާފައިއެވަނީ، ބައްޔެއްވެގެން އެ ބައްޔަށް ފަރުވާދިނުމަށް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވެގެން އެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހިނގާ ހަރަދަށްވުރެ މުހިންމީ، އެފަދަ ބައްޔެއް ކުރިމަތި ނުވާނެގޮތް ހެދުން ނުވަތަ އެފަދަ ބަލިމަޑުކަމެއް މެދުވެރި ނުވާނެގޮތް ހެދުންކަމުގައި ގަބޫލުކޮށް، އާންމު ސިއްހަތު ދެމެހެއްޓުމަށާއި، ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށާއި، އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، އާންމު ސިއްހަތާގުޅޭ ހަރަކާތްތައް އިތުރުކުރުމަށާއި، ދިވެހިރައްޔިތަކީ އާންމު ސިއްހަތަށް ހޭލުންތެރި ރައްޔިތަކަށް ހެދުމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

 

 

78 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭނެ  ފައިސާގެ ބާވަތްތައް

އަންނަނިވި ބާވަތުގެ ފައިސާ، ފަންޑަށް ޖަމާކުރެވިދާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައި، ފަންޑަށް ޖަމާކުރުމަށް ދޫކުރާ ފައިސާ.

(ށ) އާންމު ސިއްހަތުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ނުވަތަ މި ގާނޫނުގެ ވަކި ބައެއް ތަންފީޒުކުރުމަށްޓަކައި، ދިވެހިސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ނުވަތަ އެހީގެ ގޮތުގައި އެކިއެކި ފަރާތްތަކުން ދޫކުރާ ފައިސާ.

(ނ) އާންމު ސިއްހަތުގެ ޕްރޮގްރާމް ހިންގުމަށްޓަކައި، އެހީގެ ގޮތުގައި ދިވެހިސަރުކާރަށް ދިވެހިރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ އެނޫންވެސް ގައުމެއްގެ ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރާއްޖޭއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ދޭ ފައިސާ.

(ރ) މި ގާނޫނުގެ ދަށުން އަންނަނިވި ކަންކަން ކޮށްގެން ލިބޭ އާމްދަނީގެ ފައިސާ.

  1. މި ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސްގެ ފީގެ ގޮތުގައި ލިބޭ ފައިސާ.
  2. މި ގާނޫނުގެ ދަށުން ދޭ ހިދުމަތަށް ނަގާ ފީގެ ފައިސާ.
  3. މި ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓުތައް ނުވަތަ އެކިއެކި ކަންކަމާގުޅޭ ދިރާސާތައް ވިއްކައިގެން ލިބޭ ފައިސާ.
  4. މި ގާނޫނުގެ ދަށުން ހިންގާ ތަމްރީނުތަކާއި ހަރަކާތްތަކުން ލިބޭ ފައިސާ.
  5. މި ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ.
  6. ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ  ވަކިވަރެއް.

(ބ) މި މާއްދާގެ ދަށުން ފަންޑަށް ޖަމާކުރެވޭ ފައިސާއަކީ، އެޖެންސީ ހިންގުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދޫކުރާ ފައިސާގެ އިތުރަށް، އަދި އެއާ ވަކިން ދޫކުރާ ފައިސާއެކެވެ.

 

79 ވަނަ މާއްދާ - ފަންޑަށް ޒިންމާ އުފުލުން

ފަންޑު ހިންގުމަށާއި އޭގައިވާ ފައިސާއަށް ޒިންމާ އުފުލާނީ ވަޒީރެވެ.

 

80 ވަނަ މާއްދާ - ފައިސާ ބޭނުންކުރުން

(ހ) ފަންޑުގެ ފައިސާ ބޭނުންކުރާނީ މި ގާނޫނުގެ ދަށުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ސީދާގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށެވެ.

(ށ) ފަންޑަށް ފައިސާ ދޫކުރާ ފަރާތަކުން، ވަކިކަމެއް ކުރުމަށް ފައިސާ ދޫކޮށްފައިވާނަމަ، ހަމައެކަނި އެކަމެއް ކުރުމަށް އެ ފައިސާއެއް ހަރަދުކުރުމަށް އިސްކަންދޭންވާނެއެވެ.

 

81 ވަނަ މާއްދާ - ބަޖެޓުގައި ފައިސާ ހިމެނުން

(ހ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު، އެ ބަޖެޓު މެދުވެރިކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ފަންޑަށް ދޫކުރަންވާނެއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު، ވިދިގެން އަންނަ އަހަރުގެ ބަޖެޓު ފާސްކުރާއިރު އެޖެންސީ ހިންގުމަށާއި މި ގާނޫނު ތަންފީޒުކުރުމަށާއި، މި ގާނޫނުގެ ދަށުން އެޖެންސީން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ މިންވަރަށް ފައިސާ ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފައިސާ އެކަށައެޅުމުގައި، އެޖެންސީން އެދޭ މިންވަރަށް ފައިސާ ދޫކުރުމަށް، ވީއެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަންވާނެއެވެ. އެޖެންސީއަށް މި މާއްދާގެ (ށ) ގެ ދަށުން ދޫކުރާ ފައިސާއަކީ، ފަންޑަށް ދޫކުރާ ފައިސާއެއް ނޫނެވެ.

 

 

ސަތާރަވަނަ ބައި

އާންމު އުސޫލުތަކާގުޅޭ

82 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި ހާމަކުރުން

(ހ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު، ދިވެހިރާއްޖޭގެ ހަމަކޮންމެ މުއައްސަސާއަކުންވެސް ޑިރެކްޓަރ ޖެނެރަލަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެފަދަ މައުލޫމާތަކަށް ޑިރެކްޓަރ ޖެނެރަލް އެދިއްޖެހިނދެއްގައި، އެކަމެއް، އެ އެދުނު ފަރާތަކުން ކޮށްދިނުމަކީ މި ގާނޫނު އެފަރާތެއްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

(ށ) އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ވަކި މީހަކަށް ވަކިކަހަލަ ބައްޔެއް ޖެހިފައިވާކަން އެންގުމަކީ މުހިންމު ކަމެއްކަމަށް ފެނިއްޖެހިނދެއްގައި، އެ މީހެއްގެ ނަން އާންމުކޮށް ހާމަކުރުމަކީ، ޑިރެކްޓަރ ޖެނެރަލަށް ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކާތެރިނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެކަންޏެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ނަން އާންމު ކޮށް ހާމަކުރަންޖެހޭ ހާލަތްތަކުގައި ޑިރެކްޓަރ ޖެނެރަލް އަމަލުކުރަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލާއެއްގޮތްވާ ގޮތުގެމަތިންނެވެ.

 

83 ވަނަ މާއްދާ - ހޮސްޕިޓަލް ރެކޯޑު ބެލުން

(ހ) ޑިރެކްޓަރ ޖެނެރަލްގެ ވާޖިބުތައް އަދާކުރުމަށްޓަކައި، ހޮސްޕިޓަލެއްގައިވާ އެއްވެސް ބަލިމީހަކާބެހޭ މައުލޫމާތެއް ނުވަތަ ހޮސްޕިޓަލުގައި ބަހައްޓާފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެއްޖެހިނދެއްގައި، އެއީ، އޭނާއަށް ކުރެވިދާނެ ކަމެކެވެ. އަދި އެކަމަށް އޭނާއަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެދުމެއް އެދިއްޖެހިނދެއްގައި، ކޮންމެ ހޮސްޕިޓަލަކުންވެސް އެކަމާބެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް، ޑިރެކްޓަރ ޖެނެރަލަށް ފޯރުކޮށްދޭންވާނެއެވެ.

 

84 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ބަލި ކަނޑައެޅުން

ރިޕޯޓުކުރަންޖެހޭ ބައްޔަކީ ކޮބައިކަމާއި، އެފަދަ ބައްޔެއް ފާހަގަވުމުން ރިޕޯޓުކުރަންޖެހޭ މީހުންނާއި ފަރާތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

85 ވަނަ މާއްދާ - ރިޕޯޓުކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ދިނުން

(ހ) ޑޮކްޓަރަކަށް، ނުވަތަ ނަރުހަކަށް، ނުވަތަ ލެބޯޓަރީ ޓެކްނޯލޮޖިސްޓަކަށް، އެއްވެސް މީހެއްގެ ގައިގައި ރިޕޯޓުކުރަންޖެހޭ ބައްޔެއް ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެފަދަ ބައްޔެއް އޭނާ ގައިގައި އެއްވެސް އިރެއްގައި ހުރިކަމަށް ފާހަގަކުރެވިއްޖަނަމަ، އެކަން ލަސްނުކޮށް ޑިރެކްޓަރ ޖެނެރަލަށް އަންގަންޖެހޭނެއެވެ.

(ށ) ސްކޫލެއްގެ ޕްރިންސިޕަލަށް، އެ ސްކޫލެއްގެ ދަރިވަރެއްގެ ގައިގައި ނުވަތަ އެ ސްކޫލްގައި މަސައްކަތްކުރާ މީހެއްގެ ގައިގައި ރިޕޯޓުކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި އޭނާގެ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކޮށް އެކަން ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

(ނ) އެއްވެސް މަރުކަޒެއް ހިންގުމާ ހަވާލުވެހުރި ފަރާތަކަށް، އެ މަރުކަޒުގައި ހުރި މީހެއްގެ ގައިގައި ނުވަތަ މުވައްޒަފެއްގެ ގައިގައި ރިޕޯޓުކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި އޭނާ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކޮށް އެކަން ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުން އިއުލާނުކޮށްފައިވާ އެކިއެކި ގިންތީގެ މީހުންގެ ތެރެއިން މީހަކަށް، އެއްވެސް މީހެއްގެ ގައިގައި ރިޕޯޓުކުރަންޖެހޭ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެފަދަ ބައްޔެއް އެއްވެސް އިރެއްގައި ވަކި މީހެއްގެ ގައިގައި ހުރިކަމަށް ގަބޫލުކުރެވޭނަމަ، އެކަން ލަސްނުކޮށް ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

(ބ) މީހެއްގެ މަރުގެ ސެޓްފިކެޓެއްގައި ސޮއިކުރާ ޑޮކްޓަރަކަށް، އެމީހަކު މަރުވެފައިވަނީ ރިޕޯޓުކުރަންޖެހޭ ބައްޔެއްގެ ސަބަބުންކަމަށް ދޭހަވާ އެއްވެސް އަލާމާތެއް ފާހަގަކުރެވޭކަމަށްވާނަމަ، އެކަން ލަސްނުކޮށް ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

 

86 ވަނަ މާއްދާ - ނުރައްކާތެރި ބަލިތަކުގެ މައުލޫމާތުދިނުން

ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ނުވަތަ މަރުކަޒެއްގެ ހިންގުމާ ހަވާލުވެހުރި ފަރާތަށް ވަކި ބައްޔަކީ ނުރައްކާތެރި ބައްޔެއްކަމަށް ފާހަގަކުރެވި، އަދި އެ ބަލި ފެތުރެމުންދަނީ އާންމުކޮށް އެ ބަލި ފެތުރޭ ނިސްބަތަށްވުރެ އަވަހަށް ނުވަތަ ބޮޑަށް ނުވަތަ ބާރަށްކަމަށް ފާހަގަކުރެވޭކަމަށްވާނަމަ، އެކަން ލަސްނުކޮށް ޑިރެކްޓަރ ޖެނެރަލަށް އަންގަންވާނެއެވެ.

 

87 ވަނަ މާއްދާ - ދޮގު މައުލޫމާތުދިނުން

(ހ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނުވަތަ އޭނާގެ ފަރާތުން ބާރު ލިބިފައިވާ މީހަކު ކުރާ ސުވާލަކަށް، ކަނޑައެޅިގެން ދޮގު މައުލޫމާތު، ޖަވާބުގެ ގޮތުގައި ދީގެން ނުވާނެއެވެ. އަދި ކަނޑައެޅިގެން ތެދު އެނގިހުރެ ދޮގު ހަދައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާގޮތާ ހިލާފަށް އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ  3،000 (ތިންހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

88 ވަނަ މާއްދާ - އެހީތެރިވެދިނުން ލާޒިމުވުން

(ހ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރަންޖެހޭ ކަންކަން ކުރުމުގައި، އެކަންކަމަކީ މި ގާނޫނުގެ ދަށުން އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތާލުމަށްޓަކައި، ނުވަތަ ކުޑަކުރުމަށްޓަކައި، ނުވަތަ އެކަމުން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރުމުގައި ކުރަންޖެހޭ ކަމެއްކަމަށްވާނަމަ، އިމާރާތްތަކުގެ ވެރިފަރާތްތަކުން އެއްވެސް އެހީތެރިކަމަކަށް އެދެވޭހިނދު، އެ އެހީތެރިކަމެއް ފޯރުކޮށްދޭންވާނެއެވެ.

(ށ) ޑިރެކްޓަރ ޖެނެރަލްގެ މަސައްކަތާ ގުޅިގެން ފުލުހުންގެ އެހީތެރިކަމަށް އެދުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެކަމަށްވާނަމަ، އެ އެހީތެރިކަން ފުލުހުން ފޯރުކޮށްދޭންވާނެއެވެ.

(ނ) މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރުމަށް ބާރު ލިބިދޭ ކަމެއް، މި ގާނޫނުގެ ދާއިރާގެ ތެރޭގައި ކުރަމުންދަނިކޮށް، އެއިން ކަމަކަށް ހުރަސްއަޅައި އެއިން ކަމެއް ކުރިޔަނުދިނުމަށް، އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެންނުވާނެއެވެ.

(ރ) ކޯޓު އަމުރަކާ ނުލާ މީހުން ދިރިއުޅޭ ތަނަކަށް ވަނުމަށް ހުއްދަ ނުދިނުން އެއީ، މަސައްކަތަށް ހުރަސްއެޅީ ކަމުގައެއް މި ގާނޫނުގެ ބޭނުމަށްޓަކައި ނުބެލެވޭނެއެވެ.

 

89 ވަނަ މާއްދާ - ފަރުދީ އަދި ޖަމާއީ ޒިންމާ

މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރު ރައްދުވަނީ އެއް ފަރާތަށްވުރެ ގިނަ ފަރާތަށްކަމަށްވާނަމަ، އެއިން ކޮންމެ ފަރާތެއް ވަކިވަކިން އަދި އެ އެންމެން އެކުގައި ޖަމާއީގޮތުގައިވެސް އެ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޒިންމާ އުފުލަންވާނެއެވެ. އަދި އެކަންކަން ނުކުރުމުގެ ސަބަބުން ޑިރެކްޓަރ ޖެނެރަލް އެކަން ކުރަންޖެހުމުގެ ސަބަބުން ހިނގާދިޔަ ހަރަދު ދެއްކުމަށްވެސް، އެއިން ކޮންމެ ފަރާތެއް ވަކިވަކިން އަދި އެ އެންމެން އެކުގައި ޖަމާއީގޮތުގައިވެސް، ޒިންމާ އުފުލަންވާނެއެވެ.

 

90 ވަނަ މާއްދާ - ހިނގާ ހަރަދު ދިނުމަކީ އުގޫބާތުގެ އިތުރުން ހިނގާކަމަކަށް ވުން

މި ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރުމުގެ ސަބަބުން، ދޭންޖެހޭ އަދަބު ދިނުމަކީ މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ފައިސާ ހޯދުމަށް އޮތް ހުރަހެއް ނޫނެވެ. އަދި މި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރަންޖެހުނު ކަމަކަށް އަގު ހޯދުމަށް މަސައްކަތްކުރުމަކީ، މީހަކާމެދު، މި ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި، އަދަބު ކަނޑައެޅުމަށް އޮތް ހުރަހެއްވެސް ނޫނެވެ.

 

91 ވަނަ މާއްދާ - އާންމު ކުށް

މި ގާނޫނުގައި ވަކިކަމެއް ނުވަތަ އަމަލެއް އެއީ، ކުށެއްކަމަށް ބަޔާންކޮށް، އެ ކުށަށް އަދަބު ކަނޑައަޅާފައިވާ ކުށުގެ އިތުރަށް، މި ގާނޫނާ ހިލާފަށް ކުރެވޭ އަމަލާއި މި ގާނޫނުގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް ކުރެވޭ އަމަލާއި މި ގާނޫނުގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް ކުރެވޭ ކަންކަމަކީވެސް، މި ގާނޫނުގެ ދަށުން ކުރެވޭ ކުށެވެ. އެފަދަ ކުށެއް އަދަބަކީ   1،000 (އެއްހާސް) ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

 

92 ވަނަ މާއްދާ - ދައުވާ ނުކުރުން

މި ގާނޫނުގެ ދަށުން ކުރުން ލާޒިމުކުރާ ކަމެއް ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރުން ލާޒިމުކުރާ ކަމެއް، މި ގާނޫނު ތަންފީޒުކުރުމުގެގޮތުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގެގޮތުން، ޑިރެކްޓަރ ޖެނެރަލް ނުވަތަ އޭނާގެ ފަރާތުން ބާރު ލިބިފައިވާ މީހަކު ހެޔޮނިޔަތުގައި ކުރުމުން، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވިގެން ނުވާނެއެވެ. އަދި އޭނާ ގާނޫނީގޮތުން ނުވަތަ ށަރުއީގޮތުން އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ.

 

93 ވަނަ މާއްދާ - ބަލިތަކުގެ އުފެދުން ދެނެގަތުމުގެ ދިރާސާތައް ކުރުން

ގައިންގަޔަށް އަރާ ބައްޔަކާ ގުޅޭގޮތުން، ނުވަތަ ނުރައްކާތެރި ބައްޔަކާ ގުޅޭގޮތުން، ނުވަތަ ސިއްހީ ނުރައްކަލަކާ ގުޅޭގޮތުން އޭގެ އަސްލަށް ވާސިލުވުމަށްޓަކައި، ނުވަތަ އެކަން ހިނގާދިޔައީ ކިހިނެއްކަން ނުވަތަ އެކަން ދިމާވީ ކިހިނެއްކަން ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަހްގީގުތައް ކުރުމާއި، ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، ކުރަންޖެހޭ ތަހްލީލުތައްކުރުމާއި، އެ ބަލި އުފެދުނު ގޮތަކާބެހޭގޮތުން ހިންގަންޖެހޭ ދިރާސާތައް ކުރުމަކީ އެޖެންސީއަށް ކުރެވިދާނެ ކަމެކެވެ.

 

94 ވަނަ މާއްދާ - ގަވާއިދު ހެދުން

މި ގާނޫނުގެ ވަކި މާއްދާއަކުން ގަވާއިދު ހެދުމަށް ލިބިދޭ ބާރުގެ އިތުރަށް، އަންނަނިވި ކަންކަމާ ގުޅޭގޮތުން ގަވާއިދު ހެދުމުގެ އާންމު ބާރު ވަޒީރަށް ލިބިގެންވެއެވެ.

(ހ) ޑިރެކްޓަރ ޖެނެރަލްގެ ވާޖިބުތައް ކަނޑައެޅުމުގެގޮތުން.

(ށ) ސިއްހީ ނުރައްކާ ދެނެގަންނާނެގޮތާއި ތަހްގީގުކުރާނެގޮތާއި، އެކަމުން ރައްކާތެރިވާނެގޮތާއި، އެކަމުގެ އަސަރު ކުޑަކުރާނެގޮތާއި، ކޮންޓްރޯލްކުރާނެގޮތާއި އެ ނުރައްކާ މުޅިން ނައްތާލާނެގޮތާ ބެހޭގޮތުން.

(ނ) ސިއްހީ ނުރައްކަލެއް ދިމާވެއްޖެ ދަނޑިވަޅެއްގައި، ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަންޖެހޭނެ ގިންތިތަކުގެ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާ ބެހޭގޮތުން.

(ރ) އެކިއެކި ތަންތަނުގައި ސިއްހީ ރައްކާތެރިކަން ހުންނަންޖެހޭނެ މިންގަނޑުތަކާ ގުޅޭގޮތުން.

(ބ) އިމާރާތްތައް ކުރުމުގައާއި، އެކިއެކި ހިދުމަތް ދޭ ތަންތަނާއި ޒާތީ ހިދުމަތް ދޭ މަރުކަޒުތަކުގައާއި ސާފުތާހިރުކަމަށް އިސްކަންދީގެން ހިންގަންޖެހޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ސާފު ތާހިރުކަމުގެ މިންގަނޑު ކަނޑައެޅުމާ ގުޅޭގޮތުން.

(ޅ) މީހެއްގެ ސިއްހަތަށް ނުރައްކާތެރިވެދާފަދަ ބައްޔެއް ޖެހިފައިވާ ޖަނަވާރެއް އެކަހެރިކުރާނެގޮތާއި، ބަލަހައްޓާނެގޮތާއި ނައްތާލާނެގޮތާ ބެހޭގޮތުން.

(ކ) މީހުންގެ ސިއްހަތަށް ނުރައްކާވެދާނެފަދަ ޖަނަވާރަކަށް ވެކްސިން ދިނުމާ ބެހޭގޮތުން.

(އ) މީހުންގެ ސިއްހަތަށް ނުރައްކާވެދާނެފަދަ ބައްޔެއް ޖަނަވާރަކަށް ޖެހިއްޖެކަމަށްވާނަމަ، އެކަން އަންގާނެގޮތާ ބެހޭގޮތުން.

(ވ) ނުރައްކާތެރި ބައްޔާއި، ރިޕޯޓުކުރަންޖެހޭ ބައްޔާއި، ގައިންގަޔަށް އަރާ ބަލި ފާހަގަކުރެވިގެން، އެކަން ރިޕޯޓުކުރާނެގޮތުގެ އުސޫލުތައް.

(މ) ނުރައްކާތެރި ބައްޔާއި، ރިޕޯޓުކުރަންޖެހޭ ބައްޔާއި، ގައިންގަޔަށް އަރާ ބައްޔާއި، އެފަދަ ބަލި އެއްތަނުން އަނެއްތަނަށް އުފުލައިދޭ ވަސީލަތްތަކަކީ ކޮބައިކަން ގިންތިކުރުމާ ބެހޭގޮތުން.

(ފ) ވަކި ބައްޔެއް އެއީ، ނުރައްކާތެރި ބައްޔެއްކަމަށް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްކަމަށް ނުވަތަ ރިޕޯޓުކުރަންޖެހޭ ބައްޔެއްކަމަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބައްޔެއްކަން ކަނޑައެޅުމުގެގޮތުން.

(ދ) ނުރައްކާތެރި ބައްޔެއް ނުވަތަ ނުރައްކާތެރި ބައްޔެއް ވަކި ދާއިރާއެއްގައި ފެތުރެމުންދާކަމަށްވާނަމަ، އެ ދާއިރާއިން ވަކި ބަޔަކު އެހެން ތަނަކަށް ގެންދިޔުމާ ބެހޭގޮތުން.

(ތ) މީހުން އެކަހެރިކުރުމާއި ކަރަންޓީނުކުރުމާ ބެހޭގޮތުން.

(ލ) އެކަހެރިކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނުކުރުމުގެ މަރުކަޒުތަކާ ބެހޭގޮތުން.

(ގ) ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން.

(ޏ) ޒާތީ ހިދުމަތް ދޭ ތަންތަން ހިންގުމާ ބެހޭގޮތުން.

(ސ) ޒާތީ ހިދުމަތް ދޭ ތަންތަނުގެ ސިއްހީ ހިދުމަތް ދިނުމުގެ މިންގަނޑުތަކާ ބެހޭގޮތުން.

(ޑ) ހޮޓާ، ކެންޓީނު، ރެސްޓޯރަންޓްފަދަ ތަންތަނުގެ ސިއްހީ މިންގަނޑުތަކާ ބެހޭގޮތުން.

(ޒ) ފަތާ ފެންގަނޑުތަކާއި ސްވިމިންގ ޕޫލްތަކާއި ކުޅިވަރު ފެންގަނޑުތަކުގެ ސިއްހީ މިންގަނޑުތަކާ ގުޅޭގޮތުން.

(ޓ) ކާއެއްޗެހި ވިއްކާ ތަންތަން އުފައްދައި ހިންގުމާއި، އެތަންތަނުގެ ސިއްހީ މިންގަނޑުތަކާ ބެހޭގޮތުން.

1968-10 (ޔ) މަރުކަޒުތައް ހިންގުމުގައި ގެންގުޅެންޖެހޭ ސިއްހީ މިންގަނޑުތަކާ ބެހޭގޮތުން.

(ޕ) މަދަރުސާތަކާއި އާންމު ތަންތަނުގައި ހުންނަންޖެހޭ ސިއްހީ މިންގަނޑުތަކާ ބެހޭގޮތުން.

(ޖ) ޕަބްލިކް ހެލްތް ލެބޯޓަރީތަކުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުންނާއި އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން.

(ޗ) ސިއްހީ ނުރައްކަލެއް ދިމާވެއްޖެކަމަށްވާނަމަ، ކުރާނެ އަމުރުތަކާއި އެ އަމުރުތަކުގައި ހިމަނަންވާނެ ކަންތައްތަކާ ބެހޭގޮތުން.

(ހހ) ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރާ ވިދިގެން އެއަށް އަމަލުނުކޮށްފިކަމަށްވާނަމަ، އެކަމެއް އަމިއްލައަށް ކުރުމަށްފަހު، އެކަމަށް ހިނގި ހަރަދު ހޯދުމާ ބެހޭގޮތުން.

(ށށ) މީހުން އެރިއުޅޭ މޫދުތަކުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކާ ބެހޭގޮތުން.

(ނނ) އާންމުކޮށް މީހުން އެއްވާ ތަންތަނުގައި ހުންނަންޖެހޭނެ އެކިއެކި ސިއްހީ މިންގަނޑުތަކާ ބެހޭގޮތުން.

(ރރ) އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެއްޖެނަމަ، އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން.

 

95 ވަނަ މާއްދާ - ގާނޫނުލްއުގޫބާތުގެ ބައެއް މާއްދާތައް އުވާލުން

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ޗެޕްޓަރ 4) ގެ 101 ވަނަ މާއްދާއިން 104 ވަނަ މާއްދާއަށް ހުރި މާއްދާތައް، އެ ދެ މާއްދާވެސް ހިމެނޭގޮތުން، އުވުނީއެވެ.

 

96 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ވަޒީރުގެ މަށްވަރާގެމަތިން އެޖެންސީންނެވެ. މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް އިއުލާނުކުރަންވާނެއެވެ.

 

97 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

އަށާރަވަނަ ބައި

ރަދީފު

98 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހޮސްޕިޓަލް" ކަމަށް ބުނެފައިއެވަނީ، ސިއްހީ ހިދުމަތް ދޭ ހޮސްޕިޓަލްތަކާއި، މަރުކަޒުތަކާއި، ޕޯސްޓްތަކާއި، ކްލިނިކްތަކާއި އެފަދަ އެހެން ތަންތަން ހިމެނޭ ގޮތަށެވެ.

(ށ) "ނުރައްކާތެރި ބަލި" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނުރައްކާތެރި ބަލިކަމަށް ކަނޑައަޅާ ބައްޔަށެވެ.

(ނ) "ރިޕޯޓުކުރަންޖެހޭ ބަލި" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިކަމަށް ކަނޑައަޅާ ބައްޔަށެވެ.

(ރ) "ބަލި ފަތުރާ ވަސީލަތް" ކަމަށް ބުނެފައިއެވަނީ، މީހެއްކަމުގައިވީނަމަވެސް، ގަހެއްކަމުގައިވީނަމަވެސް، ޖަނަވާރެއްކަމުގައިވީނަމަވެސް، ސޫތްޕެއްކަމުގައިވީނަމަވެސް، ޖަރާސީމެއްކަމުގައިވީނަމަވެސް، ގައިންގަޔަށްއަރާ ބަލީގެ ފަނި އުފުލައިދޭ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ވަސީލަތަށެވެ.

(ބ) "ކަރަންޓީނުކުރުން" ކަމަށް ބުނެފައިއެވަނީ، ގައިންގަޔަށް އެރުމުގެ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ އޭނާއާ މުއާމަލާތްކުރެވިފައިވާ މީހާ، ނުވަތަ އޭނާގެ ގައިން އެ ބަލި އަރާފާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުރި މީހާގެ ކިބައިން އެހެން މީހެއްގެ ގަޔަށް އެ ބަލި ވާސިލުވުމުގެ މަގު ބަންދުކުރުމަށްޓަކައި، އެ ބަލި ފެތުރޭނެކަމަށް ސިއްހީގޮތުން ބެލެވޭ ނުވަތަ އެ ބަލީގެ ފަނި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލުވާނެކަމަށް ސިއްހީގޮތުން ބެލެވޭ މުއްދަތަށް އޭނާގެ ހަރަކާތްތައް ވަކިގޮތަކަށް ހިފެހެއްޓުމަށާއި، ވަކި އުސޫލުތަކެއްގެމަތިން އޭނާ މުޖުތަމައުގެ އެހެން މީހުންނާއި ތަންތަނާ އެކަހެރި ކުރުމަށެވެ.

(ޅ) "ކަރަންޓީން މަރުކަޒު" ކަމަށް ބުނެފައިއެވަނީ، މީހުން ކަރަންޓީނު ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ.

(ކ) "ކާނާ" ކަމަށް ބުނެފައިއެވަނީ، ކައްކައިގެން ކަމުގައިވީނަމަވެސް ނުވަތަ ނުކައްކާ ކަމުގައިވީނަމަވެސް، ނުވަތަ ރޯ ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްގެންނަމަވެސް، ނުވަތަ ރޯ ހާލަތުގައި ހުއްޓާނަމަވެސް، ނުވަތަ ހޫނުކޮށްގެންނަމަވެސް، ނުވަތަ ފިނިކޮށްގެންނަމަވެސް މީހުން ކެއުމަށް ބޭނުންކުރާ ކާނާއާއި ކިރާއި ކިރުގެ ބާވަތްތަކާއި، ފިނި ބުއިންތަކާއި، ހޫނު ބުއިންތަކާއި، މީހުން ކެއުމަށާއި ބުއިމަށް ބޭނުންކުރާ އެންމެހައި ބާވަތްތަކުގެ އެއްޗެއްސަށެވެ.

(އ) "ކާނާ ވިއްކާ ތަންތަން" ކަމަށް ބުނެފައިއެވަނީ، ބަންދުކޮށްފައި ހުރި އިމާރާތެއްގެ ތެރޭގައި ކަމަށްވީނަމަވެސް، ވަގުތީ އިމާރާތެއްގައި ކަމަށްވީނަމަވެސް، ދާއިމީ އިމާރާތެއްގައި ކަމަށްވީނަމަވެސް، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލޭގޮތަށް ހުރި އެއްޗެއްގައި ކަމަށްވީނަމަވެސް، ނުވަތަ ވަށައިގެން ބަންދުކޮށްފައި ނެތް އެއްޗެއް ނުވަތަ ތަނެއްގައިވީނަމަވެސް، އެތަނެއްގައި ކާނާ ތައްޔާރުކޮށް، އޭގައި ލޭބަލް ޖަހައި، އެ ވިއްކާގޮތަށާއި ގަނެވޭގޮތަށް ހުންނަ، ނުވަތަ އާންމުކޮށް ބަހާގޮތަށް ހުންނަ، ނުވަތަ ވިއްކުމަށްޓަކައި ބޭރަށް ނެރެ ބަހައްޓާފައި ހުންނަ، މީހުން ދިރިއުޅޭ ތަނެއް ނޫން ހަމަކޮންމެ ތަނަކަށެވެ.

(ވ) "ކުޅިވަރު ފެންގަނޑު" ކަމަށް ބުނެފައިއެވަނީ، ފަތާ ފެންގަނޑުތަކާއި، ފެތުމަށް ބޭނުންކުރާ މޫދާއި، ސްވިމިންގ ޕޫލާއި، ފެނުގެ ކުޅިވަރުތައް ކުޅުމަށް ތައްޔާރުކޮށްފައިވާ ފެންގަނޑުތަކަށާއި މޫދަށެވެ.

(މ) "އާންމު ތަންތަން" ކަމަށް ބުނެފައިއެވަނީ، މަގުމަގާއި، ހުސް މައިދާންތަކާއި، މީހުން އެއްވާ ތަންތަނާއި، އެނޫންވެސް މީހުން ދިރިނޫޅޭ ތަންތަނަށެވެ.

(ފ) "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައިއެވަނީ، ކުއްލިއަކަށް ތައާރުފުވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ހާލަތަށެވެ.

(ދ) "އިމާރާތް" ކަމަށް ބުނެފައިއެވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި ބިމާ ހަރުކުރެވިގެން ބިނާކުރެވިފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމީގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައިވެސް އެތަނަކާގުޅިގެން ބިނާކުރެވޭ ތަންތަން ހިމެނޭގޮތުންނެވެ. އަދި އަންނަނިވި ތަންތަންވެސް އެ މާނައިގައި ހިމެނެއެވެ.

  1. މީހުން ދިރިއުޅޭ ތަންތަން.
  2. މީހުން ދިރިނޫޅޭ ތަންތަން.
  3. ފެންގަނޑު.
  4. އެއްގަމު އުޅަނދުފަހަރު.
  5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު.
  6. ވައިގެ އުޅަނދު ފަހަރު.

(ތ) "އެކަހެރިކުރުން" ކަމަށް ބުނެފައިއެވަނީ، ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކުނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކުނަމަ، އޭނާގެ ބަލި ނުވަތަ އޭނާގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެހެން މީހުން ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެމީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމަށެވެ.

(ލ) "އެކަހެރިކުރުމުގެ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، އެކަހެރިކުރުމުގެ ހާއްސަ މަގްސަދުގައި ބިނާކުރާ ހޮސްޕިޓަލާއި މަރުކަޒުތަކަށެވެ.

(ގ) "އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް" ކަމަށް ބުނެފައިއެވަނީ، ޑިރެކްޓަރ ޖެނެރަލަށް ލިބެންހުރި ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މައުލޫމާތަށެވެ. އެފަދަ މައުލޫމާތެއް ލިބެންނެތްހިނދެއްގައި، ޑިރެކްޓަރ ޖެނެރަލަށް ހާލަތު ވިސްނައިގަނެވޭ މިންވަރަށާއި، ސާބިތުވާންހުރި ސިއްހަތުގެ އިލްމަށާއި، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ކަމަކުން ދުރާލާ ރައްކާތެރިވުމަށް ނިންމުމަށް ޑިރެކްޓަރ ޖެނެރަލް ބުރަވާ ނުވަތަ ރިއާޔަތްކުރާ މައުލޫމާތަށެވެ.

(ޏ) "އެގްޒެމިންކުރުން" ކަމަށް ބުނެފައިއެވަނީ، މީހަކަށް ކުރިން ޖެހިފައިވާ ބަލިތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށާއި، އޭނާގައި ހުރިނަމަ ހުރި ބައްޔަކީ ނުވަތަ ސިއްހީ ނުކުޅެދުންތެރިކަމަކީ ކޮބައިތޯ ބެލުމަށްޓަކައި، އޭނާގެ ގައިގައި އަތްލައިގެން ނުވަތަ ލޮލުން ބަލައިގެން އޭނާގެ ބަލިމަޑުކަމެއް ހުރިތޯ ބެލުމަށާއި، ކަށިގަނޑު ޖައްސައިގެން ބެލުމަށާއި، އަޑުއެހުމަށާއި، ވިންދު ބެލުމަށާއި، ލެބޯޓަރީ ޓެސްޓްތައް ހެދުމަށާއި އެކްސް-ރޭ އިންވެސްޓިގޭޓް ކުރުމަށާއި އެހެނިހެން ޓެސްޓްތަކާއި ތަހްލީލުތައް ކުރުމަށެވެ.

(ސ) "އެޖެންސީ" ކަމަށް ބުނެފައިއެވަނީ، ހެލްތް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ޑ) "ވަޒީރު" ކަމަށް ބުނެފައިއެވަނީ، ސިއްހީ ކަންތައްތަކާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ޒ) "ވެރިފަރާތް" ކަމަށް ބުނެފައިއެވަނީ، ދިރިއުޅޭ ތަނެއްކަމުގައި ބެލެވޭ ތަނެއް، އެމީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެތަނެއްގައި ދިރިއުޅޭ މީހާއާއި، އެތަނަކަށް ޒިންމާ އުފުލަންޖެހޭ މީހާއާއި، އެތަނެއް ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެތަނެއްގައި ހިނގާ ހަރަކާތްތަކާއި އެތަނެއްގެ ހާލަތު ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެތަނަށް ވަދެ އެތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.

(ޓ) "މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ކުޑަކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށް، ނުވަތަ ގެތަކަށް، ނުވަތަ ހޮސްޕިޓަލްތަކަށް، ނުވަތަ އިސްލާހީ މަރުކަޒުތަކަށް، ނުވަތަ ޒުވާންކުދިން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މީހުން ވަގުތީގޮތުން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މަރުކަޒެއްކަމަށް ކަނޑައަޅާ އެހެން ތަންތަނަށެވެ.

(ޔ) "ފާހާނާ" ކަމަށް ބުނެފައިއެވަނީ، މީހުން ފާހާނާކުރުމަށްޓަކައި، އެއް ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރި ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ، އާންމުކޮށް ވަދެވޭގޮތަށް ހުޅުވާލާފައިވާ ތަންތަނަށާއި މޫނު ދޮވުމާއި ފާހާނާކުރުމުގެ ހިދުމަތް ދޭ އެފަދަ ކޮޓަރިތަކަށެވެ.

(ޕ) "ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލި" ކަމަށް ބުނެފައިއެވަނީ، ކެއިންބުއިމަށް ބޭނުންކުރާ އެއްޗެހީގެ ސަބަބުންނާއި، ތިމާ ދިރިއުޅޭ ވެށީގެ ސަބަބުންނާއި، ސިއްހަތުގެ ދުޅަހެޔޮކަމަށް ބުރަވުމެއްނެތް ގޮތުގައި ތަބާވާ އާދަތަކުގެ ސަބަބުން، ޖެހޭ ފުރާނައަށް ނުރައްކާވާފަދަ ބަލިތަކަށާއި ގައިންގަޔަށް ނާރާ ބަލިތައް ހިމެނޭ ގޮތަށެވެ.

(ޖ) "ދިރިއުޅޭ ތަން" ކަމަށް ބުނެފައިއެވަނީ، މީހަކު ދިރިއުޅުމަށްޓަކައި ބޭނުންހިފާ ނުވަތަ ބޭނުންކުރާ އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ނުވަތަ ގޯއްޗަކަށް ނުވަތަ ގޯއްޗެއްގެ ބަޔަކަށެވެ. އަދި މި މާނަކުރުމުގައި ގެއާއި ކޮންޑޮމީނިއަމާއި، އެޕާޓްމަންޓާއި، ކޮޓެޖާއި، މޯބައިލް ގެތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ބޯޓު ފަހަރާއި އުޅަނދުފަހަރާއި، އަދި ބަސް ހިމެނޭ ގޮތަށެވެ.

(ޗ) "ދިރިނޫޅޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަނެއް ނޫން ހަމަކޮންމެ ތަނަކަށެވެ.

(ހހ) "ގައިންގަޔަށް އަރާ ބަލި" ކަމަށް ބުނެފައިއެވަނީ، އެ އެއްޗެއް ހިމެނިގެންވާ ބަޔޮލޮޖިކަލް އޭޖެންޓެއްގެ ސަބަބުން ނުވަތަ އޭގައި ހިމެނިގެންވާ ވިހަ މާއްދާއެއްގެ ސަބަބުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެ އެއްޗެއް ބަދަލުވުމުގެ ކުޅަދާނަކަން ލިބިގެންވާ ބާވަތުގެ ބަލިބައްޔަށެވެ. އަދި އެ އެއްޗެއްގައި، އެ ސިފަ ހުރުމުގެ ސަބަބުން، ބަލިޖެހިފައިވާ މީހާގެ ގައިން ނުވަތަ ޖަނަވާރެއްގެ ކިބައިން އެ ބަލި، ސީދާގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި، އެހެން މީހެއްގެ ގަޔަށް އެރުމުގެ ކުޅަދާނަކަން ލިބިފައިވާ ބައްޔަށެވެ. އަދި މި މާނަކުރުމުގައި، ނުރައްކާތެރި ބައްޔާއި ރިޕޯޓުކުރަންޖެހޭ ބަލި ހިމެނިގެންވެއެވެ.

(ށށ) "ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ދާއިރާ ތަކަށެވެ.

(ނނ) "ސިއްހީ ނުރައްކާ" ކަމަށް ބުނެފައިއެވަނީ، އަންނަނިވި އެއްޗެހިންކުރެ އެއްޗެއްގެ ސަބަބުން ނުވަތަ ކަންކަމުންކުރެ ކަމެއްގެ ސަބަބުން، އާންމު ސިއްހަތަށް ސީދާގޮތުން ނުރައްކާ ފޯރުކޮށްފާނެ އެއްޗަކަށް ނުވަތަ ކަމަކަށެވެ.

  1. ދިރިއުޅޭ ތަނެއްގެ ހާލަތު ހުރިގޮތް.
  2. އިންސާނަކު ފިޔަވައި ދިރިހުރި އެހެން އެއްވެސް އެއްޗެއް، ނުވަތަ ޖަނަވާރެއް، ނުވަތަ ގަހެއް، ނުވަތަ އެނޫންވެސް ދިރުން ހިމެނިގެންވާ ބާވަތެއްގެ އެއްޗެއް.
  3. ގޭހެއް، ނުވަތަ ދިޔާ އެއްޗެއް، ނުވަތަ ހަރު އެއްޗެއް.
  4. ރޭޑިއޭށަން، ނުވަތަ އަޑު، ނުވަތަ ވައިބްރޭށަން، ނުވަތަ ހޫނު.
  5. އެއްވެސް ހަރަކާތެއް، ނުވަތަ ކަމެއް، ނުވަތަ ހާދިސާއެއް.

(ރރ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން އައްޔަންކުރާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

(ބބ) "ޑޮކްޓަރު" ކަމަށް ބުނެފައިއެވަނީ، މެޑިކަލް ޑޮކްޓަރުންނަށާއި ސިއްހީ ފަރުވާދީ ބޭސްފަރުވާ ކުރުމުގެ ހުއްދަ އޮންނަ މީހުންނަށެވެ.

(ޅޅ) "ޒާތީ ހިދުމަތް ދޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، ރީތިވުމާއި، ބޯކޮށުމާއި، ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުމާއި، ހަށިގަނޑު ތޮރުފުމާއި، ހަށިގަނޑު ރީތިކުރުމާއި، ކުލަ ޖެއްސުމާއި، އެނޫންވެސް ގޮތްގޮތުން އަގު އަދާކޮށްފައި، މީހުންނަށް ޒާތީގޮތުން ރީތިވުމުގެ ހިދުމަތް ދޭ ތަންތަނަށާއި މަރުކަޒުތަކަށެވެ.

(ކކ) "ޕަބްލިކް ހެލްތް ލެބޯޓަރީ" ކަމަށް ބުނެފައިއެވަނީ، ވަކި  ސަރަހައްދެއްގައި ލެބޯޓަރީގެ ހިދުމަތް ދިނުމަށްޓަކައި ނުވަތަ ކުރުމަށްޓަކައި، އާންމު ސިއްހަތާ ގުޅިގެން ލެބޯޓަރީގެ ހިދުމަތް ދިނުމަށްޓަކައި، ތައްޔާރުކޮށްފައިވާ ލެބޯޓަރީ ތަކަށެވެ.

(އއ) "ސިވިލް ކޯޓް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން، މާލޭގައި އުފައްދާ ސިވިލް ކޯޓާއި، އެ ގާނޫނުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފައްދާ އެ ކޯޓުގެ ޑިވިށަންތަކާއި، އެ ގާނޫނުގެ ދަށުން އުފައްދާ މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތުންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

 1 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 2022-03)
  2. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 2022-02)
  3. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 2022-01)
  4. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 2021-13)
  5. ބަލިތައް ރިޕޯޓުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021/164)
  6. ޕަބްލިކް ހެލްތު ފަންޑު ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021/163)
  7. ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން (އެންގުން ނަންބަރު 10/2021)
  8. މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދޭ ހިދުމަތަށް ބަދަލު ގެނައުމަށް އެންގުން (އެންގުން ނަންބަރު 12/2021)
  9. ކޮވިޑް-19 އިން ރައްކައުތެރިވުމަށް ފުވައްމުލައް ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން (އެންގުން ނަންބަރު 13/2021)
  10. ކޮވިޑް-19 އިން ރައްކައުތެރިވުމަށް އައްޑޫ ސިޓީގެ ހުޅުދޫމީދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުން (އެންގުން ނަންބަރު 11/2021)
  11. ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން (އެންގުން ނަންބަރު 2021/8)
  12. މާލެ ސަރަހައްދުގައި ވަކި އަދަދަކަށްވުރެ ގިނައިން މީހުން އެއްވެއުޅުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 7/202)
  13. ކޮވިޑް-19 އިން ރައްކައުތެރިވުމަށް ފުވައްމުލައް ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުން (އެންގުން ނަންބަރު 2021/6)
  14. މާލެ ސަރަޙައްދުގައި ވަކި ވަގުތެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގުން (އެންގުން ނަންބަރު 2021/5)
  15. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 8/2020)
  16. ކޮވިޑް-19 އިން ރައްކައުތެރިވުމަށް އައްޑޫ ސިޓީގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން) (އެންގުން ނަންބަރު 9/2021)
  17. ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިޔަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު (އުސޫލު 4 ފެބްރުއަރީ 2021)
  18. މިނިސްޓްރީ އޮފް ހެލްތުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 2021/2)
  19. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން (އެންގުން ނަންބަރު 2021/3)
  20. ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލުގެނައުން (އެންގުން ނަންބަރު 2021/2)
  21. ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުން (އެންގުން ނަންބަރު 1/2021)
  22. މިނިސްޓްރީ އޮފް ހެލްތުގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 9/2020) 
  23. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 8/2020)
  24. ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުން (އެންގުން ނަންބަރު 54/2020)
  25. މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، ހުޅުލެ) ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން (އެންގުން ނަންބަރު 52/2020)
  26. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން (އެންގުން ނަންބަރު 51/2020)
  27. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު އުވައިލުން (އެންގުން ނަންބަރު 50/2020)
  28. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމަށް ބަދަލުގެނައުން (އެންގުން ނަންބަރު 49/2020)
  29. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމަށް ބަދަލުގެނައުން (އެންގުން ނަންބަރު 48/2020)
  30. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ބާތިލުކުރުން (އެންގުން ނަންބަރު 47/2020)
  31. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމަށް ބަދަލުގެނައުން (އެންގުން ނަންބަރު 46/2020)
  32. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގުން (އެންގުން ނަންބަރު 45/2020)
  33. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމަށް ބަދަލުގެނައުން (އެންގުން ނަންބަރު 44/2020)
  34. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމަށް ބަދަލުގެނައުން (އެންގުން ނަންބަރު 43/2020)
  35. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން (އެންގުން ނަންބަރު 42/2020)
  36. ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން ކަރަންޓީނު ކުރުމަށް އެންގުން (އެންގުން ނަންބަރު 41/2020)
  37. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 40/2020)
  38. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން (އެންގުން ނަންބަރު 40/2020)
  39. ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކާ ހަވާލުކުރާ މަސައްކަތްތައް (އެންގުން ނަންބަރު 39/2020)
  40. މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވުމަށް އެންގުން (އެންގުން ނަންބަރު 38/2020)
  41. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން (އެންގުން ނަންބަރު 37/2020)
  42. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްހަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ހާއްސަ ފިޔަވަޅުތައް އެޅުމަށް އެންގުން (އެންގުން  ނަންބަރު 36/2020)
  43. މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރުކުރުން (އެންގުން ނަންބަރު 35/2020)
  44. އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 35/2020)
  45. ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2020)
  46. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން (އެންގުން ނަންބަރު 34/2020)
  47. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 6/2020)
  48. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 5/2020)
  49. ރިޒޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓައިލުމަށް އެންގި އެންގުމަށް ބަދަލު ގެނައުން (އެންގުން ނަންބަރު 33/2020)
  50. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު އުވައިލުން (އެންގުން ނަންބަރު 32/2020)
  51. ދިވެހިރާއްޖޭގައި ތަޢުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުން (އެންގުން ނަންބަރު 31/2020)
  52. ދިވެހިރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުން (އެންގުން ނަންބަރު 30/2020)
  53. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރާ ވަގުތަށް ބަދަލު ގެނައުން (އެންގުން ނަންބަރު 29/2020)
  54. މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު ކަނޑައެޅުން (އެންގުން ނަންބަރު 28/2020)
  55. ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 27/2020)
  56. އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 26/2020)
  57. ރިޒޯޓުތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 26/2020)
  58. ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ވަގުތީގޮތުން ހުއްޓައިލަން އެންގުން (އެންގުން ނަންބަރު 25/2020)
  59. ދިވެހިރާއްޖޭގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އެންގުން (އެންގުން ނަންބަރު 24/2020)
  60. ތައުލީމު ދޭ އެންމެހައި ތަންތަން ވަގުތީގޮތުން ބަންދުކުރުމަށް އެންގުން (އެންގުން ނަންބަރު 23/2020)
  61. ރިޒޯޓުތަކާއި އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 22/2020)
  62. އެކްސްކާށަން ހުއްޓުމަށް އެންގުން (އެންގުން ނަންބަރު 21/2020)
  63. ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް އެންގުން (އެންގުން ނަންބަރު 20/2020)
  64. ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް އެންގުން (އެންގުން ނަންބަރު 19/2020)
  65. މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުން (އެންގުން ނަންބަރު 18/2020)
  66. ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުގައި ށީށާ ބުއިމާއި ވިއްކުން މަނާކުރުން (އެންގުން ނަންބަރު 17/2020)
  67. ރިޒޯޓުތަކުގައި ގާއިމްކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދުކުރުމަށް އެންގުން (އެންގުން ނަންބަރު 16/2020)
  68. އެހެން ގައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކުރުން (އެންގުން ނަންބަރު 15/2020)
  69. ރިޒޯޓުތަކާއި އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 14/2020)
  70. ކަރަންޓީނުވާން ނުވަތަ އެކަހެރިވާން އަންގާ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން (އެންގުން ނަންބަރު 13/2020)
  71. ބޭރު ގައުމުތަކުން ދިވެހިރާއްޖެ އެތެރެވާ ދިވެހީން ކަރަންޓީނު ކުރުމަށް އެންގުން (އެންގުން ނަންބަރު 12/2020)
  72. ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި، ސިޓީހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 11/2020)
  73. ސިނަމާތައް ވަގުތީގޮތުން ހިންގުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 10/2020)
  74. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 4/2020)
  75. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާނު ކުރާ ގަރާރު (ގަރާރު ނަންބަރު 3/2020)
  76. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާންކުރާ ގަރާރު (ގަރާރު ނަންބަރު 2/2020)
  77. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ގަރާރު (ގަރާރު ނަންބަރު 1/2020)
  78. ސްކޫލްތަކާއި، ޓިއުށަން ސެންޓަރުތަކާއި، ގުރުއާން ކްލާސްތައް ވަގުތީގޮތުން ހުއްޓައިލުމަށް އެންގުން (އެންގުން ނަންބަރު 9/2010)
  79. ބަނދަރުތަކުގައި ސިއްހީ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 1007/2019)
  80. ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފު ތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 380/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު