-

ޕަބްލިކް ހެލްތު ފަންޑު ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-163)

1 ވަނަ މާއްދާ - ތައާރުފާއި ނަން 

(ހ) މިއީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގާނޫނު) ގެ 77 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިއާޔަތްކޮށް، އާންމު ސިއްހަތު ދެމެހެއްޓުމަށާއި، ބަލިމަޑުކަމުން ރައްކައުތެރިވެ ތިބުމަށާއި، އާންމު ސިއްހަތުގެ ރައްކައުތެރިކަން އިތުރުކުރުމަށާއި، އާންމު ސިއްހަތާ ގުޅޭ ހަރަކާތްތައް އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ އާންމު ސިއްހަތަށް ހޭލުންތެރި ރައްޔިތަކަށް ހެދުމަށް އިސްކަންދިނުމަށް ގާއިމު ކޮށްފައިވާ ޕަބްލިކް ހެލްތު ފަންޑު ހިންގުމުގެ އިޖުރާއަތުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 96 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕަބްލިކް ހެލްތު ފަންޑު ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މައްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޕަބްލިކް ހެލްތު ފަންޑަށް ފައިސާ ހޯދުމާއި، ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ ގޮތްތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ޕަބްލިކް ހެލްތު ފަންޑަށް ފައިސާ ޖަމާކުރުން

ފަބްލިކް ހެލްތު ފަންޑު ގާއިމުކުރުމަށްފަހު، މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ލިބޭ ފައިސާ ދައުލަތުގެ މާލީ ކަންކަން އެ ވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާގައި އޮންނަ ޕަބްލިކް ހެލްތު ފަންޑް އެކައުންޓަށް ޖަމާކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭނެ ފައިސާގެ ބާވަތްތައް

(ހ) ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އާންމު ސިއްހަތު ރައްކައުތެރި ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައި، ފަންޑަށް ޖަމާކުރުމަށް ދޫކުރާ ފައިސާ.

(ށ) އާންމު ސިއްހަތުގެ ޕްރޮގްރާމްތައް ހިންގުމަށް ޓަކައި، ނުވަތަ ގާނޫނުގެ ވަކި ބައެއް ތަންފީޛު ކުރުމަށް ޓަކައި، ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި އެކިއެކި ފަރާތްތަކުން ދޭ ފައިސާ.

(ނ) އާންމު ސިއްހަތުގެ ޕްރޮގްރާމް ހިންގުމަށް ޓަކައި، އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ނުވަތަ އެނޫންވެސް ގައުމެއްގެ ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ދޭ ފައިސާ.

(ރ) ގާނޫނުގެ ދަށުން އަންނަނިވި ކަންކަން ކޮށްގެން ލިބޭ އާމްދަނީގެ ފައިސާ.

  1. ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ފީގެ ގޮތުގައި ލިބޭ ފައިސާ؛
  2. ގާނޫނުގެ ދަށުން ދޭ ޚިދުމަތަށް ނަގާ ފީގެ ފައިސާ؛
  3. ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓުތައް ނުވަތަ އެކިއެކި ކަންކަމާގުޅޭ ދިރާސާތައް ވިއްކައިގެން ލިބޭ ފައިސާ؛
  4. ގާނޫނުގެ ދަށުން ހިންގާ ތަމްރީނުތަކާއި ހަރަކާތްތަކުން ލިބޭ ފައިސާ؛
  5. ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ؛
  6. ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓީގެ %3 (ތިނެއް އިންސައްތަ)
  7. ސިއްހަތަށް ނުރައްކައުވާ ތައްޔާރީ ކާނާ (މިސާލު: އެނަރޖީ ޑްރިންކްސް ފަދަ ތަކެތިން ނަގާ ޑިއުޓީގެ ވަކި މިންވަރެއް.

 

5 ވަނަ މާއްދާ - ފަންޑަށް ޒިންމާ އުފުލުން

ފަންޑު ހިންގުމަށާއި ފަންޑުގައިވާ ފައިސާއަށް ޒިންމާ އުފުލާނީ ވަޒީރެވެ.

 

6 ވަނަ މާއްދާފައިސާ ޚަރަދު ކުރެވޭނެ ގޮތްތައް

(ހ) ފަންޑުގެ ފައިސާ ބޭނުންކުރާނީ، ގާނޫނުގެ ދަށުން، އާންމު ސިއްހަތު ރައްކައުތެރި ކުރުމަށް ޓަކައި ސީދާގޮތުން ކުރަންޖެހޭ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށެވެ. 

  1. ސިއްހީ ނުރައްކައުތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކައުތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި، އެއިން ބައްޔެއް ފެތުރުމުން އެ ބައްޔަކާ ގުޅޭ ގޮތުން އެޅިދާނެ ފިޔަވަޅަކީ ކޮބައިތޯ ބެލުމަށް ކުރާ މަސައްކަތްތަކަށް؛ 
  2. ސިއްހީ ނުރައްކައުތަކާއި، ގައިންގަޔަށް އަރާ ބަލިތައް ބޭރުގެ ގައުމުތަކުން ރާއްޖެއަށް ތައާރުފުވުން ކޮންޓްރޯލް ކުރުމަށާއި،ރާއްޖޭގައި އެފަދަ ނުރައްކައުތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް؛
  3. ގައިންގަޔަށް އަރާ ބައްޔާއި ނުރައްކައުތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފުރުސަތު އޮތް ނިސްބަތް ބެލުމަށްޓަކައި ހިންގަންޖެހޭ މަށްރޫއުތަކާއި ޕްރޮގްރާމުތަކާއި ދިރާސާތައް ހިންގުމަށް؛
  4. ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، މުޖުތަމައުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް؛
  5. އާންމު ސިއްހަތު ރައްކައުތެރި ކުރުމަށް ޓަކައި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް؛
  6. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އާންމު ސިއްހަތު ރައްކައުތެރި ކުރުމަށް ޓަކައި ސީދާގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމަށް ޚަރަދުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފަންޑަށް ފައިސާ ދޫކުރާ ފަރާތަކުން ވަކި ކަމެއް ކުރުމަށް އެ ފައިސާ ދޫކޮށްފައިވާނަމަ، އެ ކަމެއް ކުރުމަށް އެ ފައިސާއެއް ޚަރަދުކުރުމަށް އިސްކަންދޭންވާނެއެވެ. 

 

7 ވަނަ މާއްދާ - ޕަބްލިކް ހެލްތު ފަންޑު ކޮމިޓީ އުފެއްދުމާއި، އެކުލަވައިލުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ޕަބްލިކް ހެލްތު ފަންޑު ބަލަހައްޓައި ހިންގުމަށް ޓަކައި ''ޕަބްލިކް ހެލްތު ފަންޑު ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލާންވާނެއެވެ.

(ށ) މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ، ޕަބްލިކް ހެލްތު ފަންޑަށް ފައިސާ ހޯދުމާއި، ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅައި އެކުލަވައިލުމެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިޓީ އެކުލަވައިލާނީ، ވަޒީރު ނުވަތަ މި ނިސްޓްރީ ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްފަރާތެވެ.

(ރ) ކޮމިޓީ އެކުލަވައިލުމާއި، ބަދަލު ގެނައުމުގެ އިޚްތިޔާރު، ވަޒީ ރަށް ނުވަތަ މިނިސްޓްރީ ހިންގުމާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

(ބ) އެއްވެސް ސަބަބަކާހުރެ ކޮމިޓީއަށް ބަދަލުގެންނަން ޖެހިއްޖެނަމަ، ގެނައި ބަދަލު، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކޮމިޓީގެ މެން ބަރުންނަށް އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިޓީގެ މެން ބަރުން

ކޮމިޓީ އެކުލެވިގެންވަނީ، ތިރީގައި ބަޔާންކޮށްފައިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
(ހ) ވަޒީރު.

(ށ) ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް.

(ނ) ހެލްތް ޕްރޮޓެކްށަން އެޖެންސީގެ 2 (ދޭއް) މުވައްޒަފުން.

(ރ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މުވައްޒަފެއް.

(ބ) މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރެއް.

(ޅ) މިނިސްޓްރީގެ 3 (ތިނެއް) މުވައްޒަފުން.

 

9 ވަނަ މާއްދާ - ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

(ހ) ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ ހެލްތް ޕްރޮޓެކްށަން އެޖެންސީންނެވެ.

(ށ) ކޮމިޓީގެ ސެކްރެޓޭރިއަޓުގެ މަސްއޫ ލިއްޔަތު ތިރީގައި މިވަނީއެވެ.

  1. ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލި ޔުމާއި، ޔައުމިއްޔާ ފާސްކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ޔައުމިއްޔާ ބެލެހެއްޓުން؛
  2. ކޮމިޓީގެ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން؛
  3. ކޮމިޓީން ފާސްކުރާ ކަންތައްތަކާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުން؛
  4. މީލާދީ ކޮންމެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓާއި ފައިނޭންށަލް ސްޓޭޓްމަންޓް ރިޕޯޓު ތައްޔާރުކޮށްފައިކޮމިޓީއާ ހިއްސާކުރަންވާނެއެވެ. އަދި ރިޕޯޓުތައް ބަލަން ބޭނުންވާ ފަރާތްތަކަށް، ހަމަޖެހިފައިވާ ގޮތުގެ މަތީން ބެލޭނެ އިންތިޒާމު ފަހިކޮށްދޭންވާނެއެވެ.

 

10  ވަނަ މާއްދާ - ކޮމެޓީގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން

ކޮމިޓީގެ ޗެއަރޕަރސަނަކީ ވަޒީރެވެ. ކޮމިޓީގެ ވައިސް ޗެއަރޕަރސަނަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

 

11  ވަނަ މާއްދާ - ކޮމެޓީގެ ޗެއަރޕަރސަންގެ ޒިންމާތައް

ކޮމެޓީގެ ޗެއަރޕަރސަންގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމެޓީގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން.

(ށ) ކޮމެޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން.

(ނ) ކޮމެޓީގެ ނިންމުންތައް ތަންފީޛު ކުރަމުންދާ މިންވަރު ބެލުމާއި، އެ ކަންކަމަށް ޖަވާބުދާރީވުން.

(ރ) މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ކޮމެޓީން ނުވަތަ މި ގަވާއިދުގެ ދަށުން ޗެއަރޕަރސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ނުވަތަ ދީފައިވާ ބާރެއްގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުން.

 

12  ވަނަ މާއްދާ - ކޮމެޓީގެ ވައިސް ޗެއަރޕަރސަންގެ ޒިންމާ

ކޮމެޓީގެ ޗެއަރޕަރސަން އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނީ ކޮމެޓީގެ ވައިސް ޗެއަރޕަރސަނެވެ.

 

13  ވަނަ މާއްދާ - ކޮމެޓީގެ މެންބަރުންގެ ޒިންމާތައް

ކޮމެޓީގެ މެންބަރުންގެ ޒިންމާތަކުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ ކޮމެޓީގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) މަގުބޫލު އުޒުރެއް ދިމާވެގެން ނޫނީ ކޮމެޓީން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ޒާތީ ތައައްސުބުން އެއްކިބާވެހުރެ ، ތިމާގެ މަސައްކަތަށާއި، ތިމާގެ ވާޖިބަށް އިޚްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.

 

14  ވަނަ މާއްދާ - މެންބަރުންގެ ދައުރު

(ހ) ކޮމެޓީއަށް އައްޔަނުކުރެވޭ މެންބަރަކު މަގާމުގައި ދެމިހުންނާނީ، އެ މެންބަރަކު އައްޔަނުކުރާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އައްޔަނުކުރާ ފަރާތްތައް ފިޔަވައި އެހެނިހެން މެންބަރުން އައްޔަނުކުރެވޭނީ ގިނަވެގެން ވިދިވިދިގެން 2 (ދޭއް) ދައުރަށެވެ.

 

15  ވަނަ މާއްދާ - އެލަވަންސް

ކޮމެޓީއަށް އައްޔަނުކުރާ މެންބަރުންނަށް، ހާޒިރުވާ ޖަލްސާތަކަށް އެލަވަންސެއް ނުދެވޭނެއެވެ.

 

16  ވަނަ މާއްދާ - މަގާމު ހުސްވުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މެންބަރުކަމުގެ ދައުރު ހަމަވުން.

(ށ) މަރުވުން.

(ނ) އެ މެންބަރަކު އައްޔަނުކުރި ފަރާތުން އެ މެންބަރަކު ކޮމެޓީން ވަކިކުރުން.

(ރ) އެ މެންބަރަކު މިނިސްޓްރީގެ ވަޒީފާއިން ވަކިވުން ނުވަތަ ވަކިކުރުން.

 

17  ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް

(ހ) ކޮމިޓީގެ ބައްދަލުވުމެއް، މަދުވެގެން އަހަރަކު 3 (ތިނެއް) ފަހަރު ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކިކަމަކާ ގުޅިގެން ޗެއަރޕަރސަނަށް ފެނިއްޖެ ހާލަތެއްގައި ނުވަތަ އެޖެންސީން ހުށަހަޅާ ކަމަކާ ގުޅިގެން ނުވަތަ މެންބަރަކު އެދިއްޖެ ހާލަތެއްގައި އިތުރު ބައްދަލުވުންތައް ވެސް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ. 

 

18  ވަނަ މާއްދާ - ކޮމިޓީގެ ބައްދަލު ވުމުގެ ގާނޫނީ ކޯރަމް 

ކޮމިޓީގެ ބައްދަލުވުން ބޭއްވޭނީ، މަދުވެގެން 5 (ފަހެއް) މެންބަރުންގެ ހާޒިރުގައެވެ.

 

19  ވަނަ މާއްދާ - ބައްދަލުވުމަށް މެންބަރުން ހާޒިރު ނުވުން

(ހ) ކޮމިޓީގެ ބައްދަލުވުން ފެށުމަށް ކަނޑައެޅިފައިވާ ގަޑިޔަށް ބައްދަލުވުން ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުނުވެއްޖެނަމަ، އިތުރު 15 (ފަނަރަ) މިނިޓު ބެލުމަށްފަހު، ޗެއަރޕަރސަން ކަނޑައަޅާ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރެވިދާނެއެވެ.

(ށ) ކޮމިޓީގެ މެންބަރަކު އެއްވެސް ސަބަބަކާހެދި ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކޮމިޓީގެ ޗެއަރޕަރސަނަށް، ނުވަތަ ކޮމިޓީގެ ސެކްރެޓޭރިއެޓަށް އެކަން އަންގަން ވާނެއެވެ.

(ނ) މަގުބޫލު ސަބަބެއް ނެތި ވިދިވިދިގެން 2 (ދޭއް) ބައްދަލުވުމަށް ހާޒިރު ނުވާނަމަ، ނުވަތަ އެފަދަ މެންބަރުންގެ އެހީތެރިކަން ކޮމެޓީއަށް ނުލިބޭނަމަ، ޗެއަރޕަރސަން ނިންމަވާ ގޮތެއްގެ މަތީން އެ މެންބަރުންނާމެދު އަމަލު ކުރެވޭނެއެވެ. 

 

20  ވަނަ މާއްދާ - ކޮމިޓީން ކަމެއް ނިންމުމާއި، ޔައުމިއްޔާ ބެލެހެއްޓުން

(ހ) ކޮމިޓީގެ ކޮންމެ ނިންމުމެއް ނިންމަންވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެއްވެސް ހާލަތެއްގައި ވޯޓު ހަމަހަމަވެއްޖެނަމަ، ކާސްޓިންގ ވޯޓު ދިނުމުގެ ބާރު، ޗެއަރޕަރސަނަށް ލިބިގެންވެއެވެ.

(ށ) ކޮމިޓީން ނިންމާ ނިންމުމެއްގައި، ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ އެ ވަގުތަކު ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްގެ ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ނ) ކޮމިޓީން ނިންމާ ނިންމުމެއް ސައްހަކަމަށް ބެލެވޭނީ، ކޮމިޓީގެ ޗެއަރޕަރސަން ނުވަތަ އެ ވަގުތަކު ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތެއްގެ ސޮއިކޮށް، އެ ލިޔުމުގައި އެޖެންސީގެ ސިއްކަ އޮތުމުންނެވެ.

(ރ) ކޮމިޓީގައި ވޯޓު ދެވޭނީ އަތްމައްޗަށް ނަގައިގެންނެވެ. އަދި ކޮންމެ މެންބަރަކަށް ދެވޭނީ މައްސަލައަކަށް 1 (އެކެއް) ވޯޓެވެ.

(ބ) ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ވަކިވަކިން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ޖެހިގެން އަންނަ ބައްދަލުވުމުގައި ކުރީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެއެވެ.

 

21  ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

22  ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު

ކޮމިޓީގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ތިރީގައި ބަޔާކޮށްފައިވާ ފަރާތްތަކުންނެވެ.

(ހ) ކޮމިޓީގެ ޗެއަރޕަރސަން.

(ށ) ކޮމިޓީގެ ޗެއަރޕަރސަން ނެތް ހާ ލަތެއްގައި ވައިސް ޗެއަރޕަރސަނެވެ.

(ނ) ކޮމިޓީގެ ޗެއަރޕަރސަންއާއި ވައިސް ޗެއަރޕަރސަން ނެތް ހާ ލަތެއްގައި ހާޒިރުވެތިބި މެންބަރުންގެ ތެރެއިން އައްޔަނުކުރާ މެންބަރެކެވެ.

 

23  ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނެ ގޮތް

ކޮމިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ، ކޮމިޓީގެ މަށްވަރާގެ މަތީން ޗެއަރޕަރސަނެވެ.

 

24  ވަނަ މާއްދާ - ޕަބްލިކް ހެލްތު ފަންޑުން ޚަރަދުކުރުމުގެ ހުއްދަ ދިނުން

(ހ) ޕަބްލިކް ހެލްތު ފަންޑުން އެއްވެސް ޚަރަދެއް ކުރެވޭނީ، އެ ޚަރަދެއް ކުރުމަށް ކޮމިޓީން ނިންމުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚަރަދުކުރުމަށް ކޮމިޓީން ނިންމުމުންއެ ޚަރަދެއް ކުރަންވާނީ، މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާއާއި އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ނުވަތަ އެޖެންސީ ހިންގުމާ ހަވާލުވެހުރި ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔަކާ ދެ މީހުން، ޚަރަދުކުރުމުގެ ހުއްދައިގައި ސޮއިކުރުމުން، އެ ޚަރަދުކުރުމަށް މިނިސްޓަރު ހުއްދަ ދިނުމުންނެވެ.

(ނ) ފަންޑުން ފައިސާ ޚަރަދުކުރުމަށް ހުށަހަޅާނީ އެޖެންސީގެ ފަރާތުންނެވެ.

 

25  ވަނަ މާއްދާ - ފަންޑުން ޚަ ރަދުކުރުމަށް ބޭނުންވާ  ކަންކަން

ޕަބްލިކް ހެލްތު ފަންޑުން ޚަރަދުކުރުމަށް ބޭނުންވާ ކަންކަން، ހެލްތު ޕްރޮޓެކްށަން އެޖެންސީން ތައްޔާރުކުރާ އަހަރީ ބަޖެޓް ޕްލޭނުގައި ހިމަނައިފައި އޮންނަންވާނެއެވެ. 

 

26  ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީޚު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

27  ވަނަ މާއްދާ - މާނަކުރުން 

މިގަވާއިދުގައި އެހެން ގޮތަކަށް މާނަ ނުކުރާހައި ހިނދަކު، ތިރީގައިވާ އަކުރުތަކުގައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ޕަބްލިކް ހެލްތު ފަންޑު ކޮމިޓީއަށެވެ.

(ށ) "ވަޒީރު" ކަމުގައި ބުނެފައި އެވަނީ، ސިއްހީ ކަންތައްތަކާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޛުކުރުމުގެ ޒިންމާ އެ ވަގުތަކު ހަވާލުވެފައިވާ ވުޒާރާއަށެވެ.

(ރ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، ހެލްތް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ބ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގާނޫނު) އަށެވެ.

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 7/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު