-

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 34/2020)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން، ނުރައްކައުތެރި ބައްޔެއް ޖެހިގެން މީހަކު މަރުވެއްޖެ ހިނދެއްގައި، މަރުވި މީހާ ތަންތަނަށް އުފުލުމުގައްޔާއި، މައްޔިތާ އަޅައިލުމުގައްޔާއި ވަޅުލުމުގައި އަމަލުކުރާނެ ގޮތާއި، ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައިވަނިކޮށް އެ މީހަކު ކަށްވަޅުން ނަގައި، އެހެން ތަނަކަށް ގެންގޮސް އެހެން ތަނެއްގައި، ނުވަތަ އެ ނެގި ތަނެއްގައި އަލުން ވަޅުލުމުގައި އަމަލުކުރާނެ ގޮތްތަކާއި، އެ ކަންކަމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަޤްސަދު

މި ގަވާއިދުގެ މަޤްސަދަކީ، ނުރައްކައުތެރި ބައްޔެއް ޖެހިގެން މީހަކު މަރުވެއްޖެ ހިނދެއްގައި، މައްޔިތާ ތަންތަނަށް އުފުލުމުގައްޔާއި، މައްޔިތާއަށް އަޅައިލުމުގައްޔާއި، މައްޔިތާ އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައްޔާއި، މައްޔިތާ ވަޅުލުމުގައި އަމަލުކުރާނެ ގޮތާއި، ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައިވަނިކޮށް އެ މީހަކު ކަށްވަޅުން ނަގައި، އެހެން ތަނަކަށް ގެންގޮސް އެހެން ތަނެއްގައި، ނުވަތަ އެ ނެގި ތަނެއްގައި އަލުން ވަޅުލުމުގައި އަމަލުކުރާނެ ގޮތްތަކާއި، އެ ކަންކަމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ނުރައްކަލުގެ ގިންތިތައް

މި ގަވާއިދުގެ ބޭނުމަށް، ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންގެ ބަލީގެ ސަބަބުން، އެ މައްޔިތާ ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންނަށާއި މުޖުތަމައަށް ހުރި ސިއްހީ ނުރައްކާ ގިންތި ކުރެވިފައި ވަނީ އަންނަނިވި ފަދައިންނެވެ.

(ހ) ނުރައްކަލުގެ ގިންތި 1: އިންސާނުންނަށް ނުރައްކައުތެރި ބައްޔަކަށް ވުމާއެކު، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައި، މުޖުތަމައަށް އެ ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވުމާއެކު، އާންމުގޮތެއްގައި އެ ފަދަ ބަލިބަލިން ދިފާއުވުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ހުރުމާއި، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާ ހުރުން.

(ށ) ނުރައްކަލުގެ ގިންތި 2: އިންސާނުންނަށް ނުރައްކައުތެރި ބައްޔަކަށް ވެފައި، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށާއި މުޖުތަމައަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ގަބޫލުކުރެވުމާއެކު، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާއެއް ހޯދިފައި ނެތުން.

 

4 ވަނަ މާއްދާ - އާންމު އިޖުރާއަތުތައް ފުރިހަމަކުރުން

ނުރައްކައުތެރި ބައްޔެއްގެ ސަބަބުން މަރުވާ މީހުން ތަންތަނަށް އުފުލުމުގައްޔާއި، އަޅައިލުމުގައްޔާއި، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައްޔާއި، ވަޅުލުމުގައި އަމަލުކުރާނެ ގޮތާއި، ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައިވަނިކޮށް އެ މީހަކު ކަށްވަޅުން ނަގައި، އެހެން ތަނަކަށް ގެންގޮސް އެހެން ތަނެއްގައި، ނުވަތަ އެ ނެގި ތަނެއްގައި އަލުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުން އެ ކަންކަން ކުރުމުގައި އަމަލުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާއްސަ އިޖުރާއަތްތަކުގެ އިތުރުން، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، އެ ފަދަ ބަލިބަލިން ދިފާއުވުމަށް އެހެން ގަވާއިދެއް ނުވަތަ އުސޫލެއްގައި އަމަލުކުރަން ކަނޑައަޅައިފައިވާ އިޖުރާއަތުތައް އެ ފަރާތްތަކުން ފުރިހަމަ ކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - މައްޔިތާ ހިނަވައި، ކަށުކަމާކެމީގެ ކަންތައް ކުރާ ފަރާތްތައް

ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރާ މީހުންނާ ގުޅޭ އަންނަނިވި ކަންކަން އެޖެންސީން ކަށަވަރު ކުރަން ވާނެއެވެ.

(ހ) 60 (ފަސްދޮޅަސް) އަހަރުން ދަށުގެ މީހަކަށް ވުން؛

(ށ) ބައްޔެއްގެ ސަބަބުން، ނުވަތަ އެހެން ސަބަބަކާހުރެ، ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހަކަށް ނުވުން.

(ނ) އެ ބައްޔެއްގެ ޒާތުން، ބަލިޖެހުމުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހަކަށް ނުވުން.

 

6 ވަނަ މާއްދާ - ސިއްހީ ހިދުމަތް ދޭ ތަންތާނގައި މަރުވާ ފަރާތްތައް

(ހ) ނުރައްކައުތެރި ބައްޔެއް ޖެހިގެން، ސިއްހީ ހިދުމަތް ދޭ ތަނެއްގައި މަރުވާ މީހުންނާމެދު  އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

  1. އޭނާގެ މަރުވި ވާރޑުގައި ނުވަތަ އެ ފަދަ މީހުން މަރުވުމުން ސާފުކުރުމަށް ކަނޑައަޅައިފައިވާ ތަނުގައި ބާއްވައިގެން މައްޔިތާ ސާފު ކުރަން ވާނެއެވެ. މިގޮތުން، މަރުވުމުގެ ކުރިން ގުޅައިފައިވާ ޓިޔުބުތަކާއި، ކެނިޔުލާ ފަދަ ތަކެތި ރައްކައުތެރިކަމާއެކު ހަށިގަނޑުން ވަކި ކުރަންވާނެއެވެ.
  2. މަރުވި މީހާ، ސިއްހީ ހިދުމަތްދޭ ތަނުން ގެންދިއުމުގެ ކުރިން، ހަށިގަނޑުން ލޭ ނުވަތަ ދިޔައެއް ބޭރުނުވާނޭހެން، ހަލާކުވެފައި ހުރި ތަންތަން، ނުވަތަ ޒަހަމްވެފައިހުރި ތަންތަން ރަނގަޅަށް ބަންދު ކުރަން ވާނެއެވެ. އަދި ހަށިގަނޑުން ފައިބައިފައިވާ ލޭ ނުވަތަ ދިޔައެއް ހަށިގަނޑުގައި ހޭކިފައިވާނަމަ، ތެތް ކަފަކޮޅަކުން ސާފު ކޮށްލަން ވާނެއެވެ.
  3. މައްޔިތާއާމެދު އާންމު އުސޫލުން އަމަލުކުރާ ގޮތުގެ މަތިން ހަށަން ބަނުމަށްފަހު، އައްސަންޖެހޭ ތަންތަން އެއްސުމާއި، ލޯ ހުޅުވިފައިވާނަމަ ލޯ މަރުވައިލުމާއި، ނޭފަތާއި ކަންފަތް ފަދަ ތަންތަން ކަފައިން ބަންދު ކުރަން ވާނެއެވެ.
  4. މޫނާއި އަތް ފެންނަގޮތަށް، މައްޔިތާގެ ހަށިގަނޑު، ހުދު ފޮތިގަނޑަކަށް ލައި އޮޅައިލަންވާނެއެވެ. އަދި ފެން ނުފާއްދާ މެޓީރިއަލެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބޮޑީބޭގަކަށް މައްޔިތާ ލާންވާނެއެވެ.
  5. ބޮޑީ ބޭގަށް މައްޔިތާ ލުމަށްފަހުގައި، ސައިބޯނި ލައިފައިވާ ފެން  ފޮތިގަނޑަކުން، ބޮޑީ ބޭގުގެ  ބޭރު ސާފު ކުރަން ވާނެއެވެ. އަދި އެއަށްފަހު، 9 (ނުވައެއް) ލީޓަރުގެ ފެނަށް 1 (އެކެއް) ލީޓަރުގެ ބްލީޗް އަޅައިގެން ތައްޔާރުކުރާ، ނުވަތަ ތައްޔާރު ކޮށްފައިވާ ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން، ބޮޑީ ބޭގުގެ ބޭރު ޑިސްއިންފެކްޓް ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެން، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ބޭނުން ކުރަން ވާނެއެވެ. މައްޔިތާ ސާފުކުރުމަށް ބާއްވައިފައި އޮތް ތަނުން ނުކުތުމުގެ ކުރިން، އެ ކަމުގައި ހަރަކާތްތެރިވި އެންމެން އަޅައިގެން ތިބި ރައްކައުތެރިކަމުގެ އާލާތްތައް (ޕީ.ޕީ.އީ.) ބާލަންވާނެއެވެ. އަދި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮންނަންވާނެއެވެ.

(ނ) ސިއްހީ ހިދުމަތް ދޭ ތަނުން މައްޔިތާގެ ހަށިގަނޑު ގެންދިޔުމުގެ ކުރިން،  މަރު ސާބިތުކުރުމަށްފަހު، އެ ކަމާ ގުޅޭ ލިޔެކިޔުން ފުރިހަމަ ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި، އަލުން ބޭނުންކުރެވޭ ފަދަ އާލާތްތައް ޑިސްއިންފެކްޓްކޮށް ސްޓެރިލައިޒް ކުރުމަށްފަހުގައި ނޫނީ، ދިރިހުރި މީހަކަށް އެއްވެސް ފަރުވާއެއް ދިނުމުގައި ބޭނުންކޮށްގެން ނުވާނެއެވެ. 

 

7 ވަނަ މާއްދާ - ސިއްހީ ހިދުމަތް ދޭ ތަންތަން ނޫން ތަނެއްގައި މަރުވާ މީހުން

(ހ) ނުރައްކައުތެރި ބައްޔެއް ޖެހިގެން ނުވަތަ އެ ފަދަ ބައްޔެއް ޖެހިފައިވާކަމަށް ގަބޫލުކުރެވޭ މީހަކު، ސިއްހީ ހިދުމަތްދޭ ތަންތަން ފިޔަވައި އެހެން ތަނެއްގައި މަރުވެފައިވާ ނަމަ، ނުވަތަ މަރުވެފައިވާކަމަށް ގަބޫލުކުރެވޭ ހާލަތުގައި، މައްޔިތާއާ ކައިރިނުވެ، އެޖެންސީއަށް ވަގުތުން އެކަން އަންގަން ވާނެއެވެ.

(ށ)  ގައިންގަޔަށް އަރާ ނުރައްކައުތެރި ބައްޔެއް ފެތުރޭ ދުވަސްވަރެއްގައި، މަރުވެފައިވަނީ ނުރައްކައުތެރި ބައްޔެއް ޖެހިގެންކަން ނޭނގި މަރުވެފައިވާ މީހެއްގެ ހަށިގަނޑާ އެއްވެސް މީހަކު ކައިރިވެފައިވާ ނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މީހެއްގެ ގައިގައި އެ ބަލީގެ ޖަރާސީމު ނެތްކަން ކަށަވަރު ކުރުމަށް ޓަކައި އެ މީހަކު އެކަހެރި ކުރަން ވާނެއެވެ.

(ނ) ނުރައްކައުތެރި ބައްޔެއް ޖެހިގެން ނުވަތަ އެ ފަދަ ބައްޔެއް ޖެހިފައިވާކަމަށް ގަބޫލުކުރެވޭ މީހުންގެ ހަށިގަނޑު އޮތް ތަނުން، ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދިއުމުގެ ބަދަލުގައި ގެންދަންވާނީ، ސީދާ އެ ފަދަ މީހުން ވަޅުލުމަށް ކަނޑައެޅިފައިވާ ތަނަށެވެ.

(ރ) މަރުވެފައިވާ މީހާ، އެއް ތަނުން އަނެއް ތަނަށް ގެންދަންވާނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ބ) މަރު ސާބިތުކުރުމަށް ކަނޑައެޅިފައިވާ ސިއްހީ ހިދުމަތް ދޭ ފަރާތަކުން މައްޔިތާ ބާއްވައިފައިވާ ތަނަކަށް ގޮސް، މަރު ސާބިތުކުރުމަށްފަހު، އެ ކަމާ ގުޅޭ ލިޔެކިޔުން ފުރިހަމަ ކުރަން ވާނެއެވެ.

(ޅ) ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހުން ނުވަތަ އެ ފަދަ ބައްޔެއް ޖެހިފައިވާކަމަށް ގަބޫލުކުރެވޭ މީހުން ވަޅުލުމުގެ ކުރިން ޓެސްޓުކުރުމަށް ސާމްޕަލް ނަގަންޖެހޭ ކަމަށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެ ފަރާތެއް ވަޅުލަންވާނީ ސާމްޕަލް ނެގުމަށް ފަހުގައެވެ.

(ކ) މި މާއްދާގެ (ބ) ދަށުން ނަގާ ސާމްޕަލްގެ  ނަތީޖާ ނުލިބުނު ނަމަވެސް، ކަށުކަމާކެމީގެ ކަންތައްތައް ކުރިޔަށްގެންދަން އެންގުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(އ) މަރުވި މީހާއަކީ ބިދޭސީއެއް ނަމަ، ކަނޑައެޅިފައިވާ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްތައް ފުރިހަމަ ކުރަން ވާނެއެވެ. 

 

8 ވަނަ މާއްދާ - މައްޔިތާ މޯޗަރީގައި ބޭއްވުން

އެއްވެސް ސަބަބަކާހުރެ ވަޅުލުން ލަސްކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ކަމަށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، ކަނޑައެޅޭ މުއްދަތަކަށް މައްޔިތާ މޯޗަރީގައި ބޭއްވުމަށް، ޑިރެކްޓަރ ޖެނެރަލަށް ނިންމިދާނެއެވެ.

(ހ) މޯޗަރީއަށް މައްޔިތާ ގެންދިއުމުގެ ކުރިން، ނުވަތަ ގެންދާއިރު، މޯޗަރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް، މައްޔިތާއަކީ ނުރައްކައުތެރި ބައްޔެއް ހުރި މީހެއްކަން، ނުވަތަ އެ ފަދަ ބައްޔަކަށް ޝައްކުކުރެވޭ މީހެއްކަން އަންގައި، ރައްކައުތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގަންވާނެއެވެ. 

(ށ) ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހެއްގެ ހަށިގަނޑު ހަލާކުނުވެ ގިނަ މުއްދަތަށް ބޭއްވޭގޮތަށް "އެމްބާމް" ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

 

9 ވަނަ މާއްދާ - ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިއުން

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދަންވާނީ ބޮޑީބޭގަކަށް ލުމަށްފަހުގައެވެ.

(ށ) މައްޔިތާ ގެންދަނީ، ސިއްހީ ހިދުމަތް ދޭ ތަނަކުން ނަމަ، އެ ތަނުން،  އެ ފަދަ މީހުން ވަޅުލުމަށް ކަނޑައެޅިފައިވާ ސަހަރާއަށެވެ.

(ނ) މައްޔިތާ ލައިފައިވާ ބޮޑީ ބޭގާއި، މައްޔިތާ ގެންދިއުމަށް ބޭނުންކުރާ ޓްރޮލީ، އެއް ތަނުން އަނެއް ތަނަށް ގެންދާ ކޮންމެ ފަހަރަކު، އެ ތަނަކުން ނެރުމުގެ ކުރިން، ސައިބޯނި ފެންފޮތިގަނޑެއް ބޭނުންކޮށްގެން ދޮންނަންވާނެއެވެ. އަދި އެއަށްފަހު، 9 (ނުވައެއް) ލީޓަރުގެ ފެނަށް 1 (އެކެއް) ލީޓަރުގެ ބްލީޗް އަޅައިގެން ތައްޔާރުކުރާ، ނުވަތަ ތައްޔާރުކޮށްފައިވާ ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން ޓްރޯލީ ޑިސްއިންފެކްޓް ކުރަންވާނެއެވެ.

(ރ) މައްޔިތާ، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްކުރާ އެންމެން، ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ބޭނުންކުރަންވާނެއެވެ.

(ބ) މައްޔިތާ ބޮޑީ ބޭގަށް ލުމަށްފަހު، ބޮޑީ ބޭގް އެ ތަނަކުން ނެރުމުގެ މަސައްކަތް ކުރުމުގެ ކުރިން، މައްޔިތާ ބާއްވައިފައި އޮތް ތަން ދޮވެ ސާފުކުރުމަށްފަހު، އެ ތަން ޑިސްއިންފެކްޓް ކުރަންވާނެއެވެ. އަދި އެ ތަނުގައި ތިބި މީހުން ބޭނުންކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބަދަލުކޮށް، ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮންނަން ވާނެއެވެ.

(ޅ) ހަށިގަނޑު ލުމަށް ބޭނުންކުރާ ބޮޑީ ބޭގާއި،  އެ ކަމުގައި ބޭނުންކުރި އާލާތްތަކާއި، މަސައްކަތްކުރި މީހުން ބޭނުންކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ނައްތައިލަންވާނީ، ޖަރާސީމު އެކުލެވިފައިވާ ތަކެތި ނައްތައިލުމަށް ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ރައްކައުތެރިކަމާ އެކުއެވެ. އަދި އެފަދަ އެއްޗެއް ނައްތައިލެވެންދެން ބަހައްޓަންވާނީ ދެ ކޮތަޅުގައި ބަންދުކޮށް، ކޮތަޅުގެ ބޭރުގައި، އެއީ ޖަރާސީމު އެކުލެވޭ އެއްޗެއް (ބަޔޯހެޒަރޑް) ކަމާއި، ތަނުގެ ނަމާއި ތާރީހާއި ގަޑި އެނގޭނެ ފަދައިން ލޭބަލްކޮށްފައެވެ.

 

10 ވަނަ މާއްދާ - މައްޔިތާ، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ބޭނުންކުރާ އުޅަނދު

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރާ އުޅަނދުތަކުގައި، އަންނަނިވި ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) އެ އުޅަނދުގެ އެތެރެ ހުންނަންވާނީ، ފަސޭހައިން ދޮވެ ޑިސްއިންފެކްޓް ކުރެވޭ ގޮތަށް ފަރުމާކޮށްފައެވެ.

(ށ) އެ އުޅަނދުގައި އެކަށީގެންވާ ވަރަށް، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި، ފަސްޓް އެއިޑް ކިޓާއި، ޑިސްއިންފެކްޓެންޓާއި، ސެނިޓައިޒަރ ހުންނަވާނެއެވެ.

(ނ) އުޅަނދުގެ ތެރެއަށް ފައިބާ ދިޔައެއް ނުވަތަ އެނޫންވެސް އެއްޗެހި ރައްކައުތެރިކަމާއެކު ސާފުކުރެވޭނެ އާލާތްތައް އުޅަނދުގައި ހުންނަންވާނެއެވެ.

(ރ) ފޭސް މާސްކާއި އަންގި ފަދަ، ބޭނުންކުރުމަށްފަހު އުކައިލާ ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ނައްތައިލެވެންދެން ރައްކައުތެރިކަމާއެކު ބަންދުކޮށްފައި ބެހެއްޓޭނެ އިންތިޒާމު އުޅަނދުގައި ހުންނަންވާނެއެވެ.

(ބ) ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދާ ވަގުތު އެ އުޅަނދުގައި މީހުން ދަތުރުފަތުރުކުރުމާއި، ކާއެއްޗެހި ގެންދިއުމާއި، ކައިބޮއި ހަދައި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.

 

11 ވަނަ މާއްދާ - ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާނެ ގޮތް

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން ހިނެވުމުގައި އަމަލުކުރާނީ އަންނަނިވި ފަދައިންނެވެ.

(ހ) ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އަމަލު ކުރަން ވާނީ، ދީނީ ކަންތައްތަކާބެހޭ ވުޒާރާގެ ލަފާގެ މަތިން، ޑިރެކްޓަރ ޖެނެރަލް ނިންމާ ގޮތެއްގެ މަތިންނެވެ.

(ށ) ނުރައްކައުތެރި ބައްޔެއް ފެތުރޭކަން އާންމުކޮށް އިއުލާނު ކުރާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެފަދަ ބައްޔެއް ޖެހިފައިވާ ނުވަތަ ޖެހިފައިވާކަމަށް ގަބޫލުކުރެވޭ މީހުންގެ ކަށުކަމާކެމީގެ ކަންކަމާ ގުޅޭގޮތުން މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނިންމާ ނިންމުން އާންމު ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ނުރައްކައުތެރި ބައްޔެއް ފެތުރޭކަން އާންމުކޮށް އިއުލާނު ކޮށްފައި ނުވާ ހާލަތެއްގައި، ނުރައްކައުތެރި ބައްޔެއް ޖެހިގެން މީހަކު މަރުވެއްޖެ ނަމަ، ކަށުކަމާކެމީގެ ކަންކަމުގައި އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން އަމަލުކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނިންމާ ނިންމުން، މަރުވި މީހާގެ އާއިލާއާ ހިއްސާކޮށް، އެ ނިންމުން ވަގުތުން އާންމު ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފެތުރެމުންދާ ނުރައްކައުތެރި ބަލިތަކާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން ކުރުމަށް ޑިރެކްޓަރ ޖެނެރަލް ނިންމާ ގޮތް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ޑިރެކްޓަރ ޖެނެރަލް އާންމު ކުރަން ވާނެއެވެ.

(ބ) ކަށުކަމާކެމީގެ ކަންކަން ކުރާ ތަނުގައި ތިބެންވާނީ، ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހުން ހިނަވާނެ ގޮތުގެ ތަމްރީނާއި އެ މީހުންނާ ގުޅޭ އެހެނިހެން ކަންކަން ކުރުމުގެ ތަމްރީނު ލިބިފައިވާ މީހުން އެކަންޏެވެ.

(ޅ) ކަށުކަމާކެމީގެ މަސައްކަތްކުރާ ހުރިހާ އެންމެން ވެސް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުންކުރަންވާނެއެވެ.

(ކ) ހިނެވުމަށްފަހު، ނުވަތަ ތަޔަންމަމު ކުރުމަށްފަހު، އެ ކަމަށް ބޭނުންކުރި އާލާތްތަކާއި، ހިނެވުމަށް ބޭނުންކުރި ތަން، ނުވަތަ ތަޔަންމަމު ކުރުމަށް ބޭނުންކުރި ތަން، ސައިބޯނިފެން ބޭނުކޮށްގެން ދޮވެ ސާފުކުރުމަށްފަހު،     އެ ތަން ޑިސްއިންފެކްޓް ކުރަންވާނެއެވެ.

(އ) ނުރައްކަލުގެ ގިންތިއަށް ބަލައިގެން، މަރުވެފައިވާ މީހުން ހިނަވާނަމަ، އާންމުކޮށް މީހުން ހިނަވާ ތަން ނޫން އެހެން ތަނެއް ތައްޔާރުކުރެވިދާނެއެވެ. މިފަދަ ތަނަކުން ބޭރުވާ ފެނަކީ އާންމުކޮށް އެ ރަށަކުން ބޭރުވާ ފެނާ އެކުނުވާނޭހެން ހަދައި، ވަކި ތަނަކަށް އެ ފެން ޖަމާކޮށްފައި، ނައްތައިލެވޭ ފެނަކަށް ވާންވާނެއެވެ.

(ވ) މައްޔިތާ ވަޅުލުމަށްޓަކައި ސަންދޯކަށް ލުމަށްފަހު، ސަންދޯން ބަންދުކޮށް، ސައްދޯކުގެ ބޭރު 9 (ނުވައެއް) ލީޓަރުގެ ފެނަށް 1 (އެކެއް) ލީޓަރުގެ ބްލީޗް އަޅައިގެން ތައްޔާރުކުރާ، ނުވަތަ ތައްޔާރުކޮށްފައިވާ ބްލީޗް ސޮލިއުޝަން ބޭނުންކޮށްގެން ޑިސްއިންފެކްޓް ކުރަންވާނެއެވެ.

 

12 ވަނަ މާއްދާ – މޫނުދެއްކުން

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންގެ މޫނު ދެއްކުމުގެ ކަންކަން ބާއްވައި އިންތިޒާމު ކުރާނީ، ނުރައްކަލުގެ ގިންތިއަށާއި، އެ ވަގުތެއްގައި މީހުން އެއްވެ އުޅުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް ނިންމައިފައިވާ ނިންމުންތަކަށް ބިނާކޮށް އެޖެންސީން އަންގާ ގޮތެއްގެ މަތިންނެވެ.

 

13 ވަނަ މާއްދާ - ކަށުނަމާދު ކުރުން

(ހ) ނުރައްކަލުގެ ދަރަޖައަށާއި، އެ އިރެއްގައި އާންމުކޮށް އެއްވެ އުޅުމާ ގުޅޭ ގޮތުން ނިންމައިފައިވާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، ދީނީ ކަންކަމާބެހޭ ވުޒާރާގެ މަޝްވަރާގެ މަތިން، މަރުވެފައިވާ މީހާގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ބައިވެރިވެވޭނެ މީހުން، ޑިރެކްޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަށުނަމާދުގައި ބައިވެރިވާ އެންމެން، އެޖެންސީން ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތިން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުންކުރަންވާނެއެވެ.

 

14 ވަނަ މާއްދާ – ވަޅުލުން

(ހ) ނުރައްކަލުގެ ދަރަޖައަށާއި، އެ އިރެއްގައި އާންމުކޮށް އެއްވެ އުޅުމާ ގުޅޭ ގޮތުން ނިންމައިފައިވާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، މީހާ ވަޅުލުމުގައި ބައިވެރިކުރަންވާނީ ވީހައިވެސް މަދު މީހުންނެވެ.

(ށ) ވަޅުލުމުގައި ބައިވެރިވާ އެންމެން، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ބޭނުން ކުރަން ވާނެއެވެ.

(ނ) ބަލީގެ ބާވަތާއި މުޖުތަމައުގެ ރައްކައުތެރިކަމަށް ރިއާޔަތްކޮށް، މީހާ ވަޅުލުމަށް ވަކި ހާއްސަ ތަނެއް، ޑިރެކްޓަރ ޖެނެރަލަށް ކަނޑައެޅިދާނެއެވެ.

(ރ) މީހާ ވަޅުލުމަށްފަހު، ވަޅުލުމުގައި ބައިވެރިވި އެންމެން ބޭނުންކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، އެފަދަ ތަކެތި ނައްތައިލުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ނައްތައިލަންވާނެއެވެ.

 

15 ވަނަ މާއްދާ - ވަޅުލައިފައިވާ މީހެއްގެ ހަށިގަނޑު، އެއް ތަނުން އަނެއް ތަނަށް ގެންދިއުން  

(ހ) ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައި އޮތް ތަނުން ނަގައި، އެހެން ތަނަކަށް ގެންދެވޭނީ، ނުވަތަ އަނބުރާ އެ ތާނގައި ވަޅުލެވޭނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވުމާ ގުޅިގެން، ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުމެއްގެ މަތިންނެވެ.

(ށ) އާންމު ސިއްހަތު ރައްކައުތެރި ކުރުމަށް ޓަކައި ތަހުލީލެއް ކުރުމަށް، ނުވަތަ ތަހުގީގެއް ކުރުމަށް، ނުވަތަ ސިއްހީގޮތުން ބަލަންޖެހޭ ކަމެއް ބެލުމަށް.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ގޮތެއް ނިންމުމުގެ ކުރިން، އަންނަނިވި ކަންކަމަށް، ޑިރެކްޓަރ ޖެނެރަލް ރިއާޔަތް ކުރަން ވާނެއެވެ.

  1. މައްޔިތާ ވަޅުލައިފައި އޮތް ތަނުން ނަގައި އެހެން ތަނަކަށް ގެންދިއުމުގެ މުހިންމުކަން.
  2. މައްޔިތާ ވަޅުލައިފައި އޮތް ތަނުން ނަގައި އެހެން ތަނަކަށް ނުގެންގޮސްފި ނަމަ، އެ ކަމުގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަށް ރިއާޔަތް ކުރުން.

 

16 ވަނަ މާއްދާ

ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައި އޮތް ތަނުން ނަގައި، އެހެން ތަނަކަށް ގެންދިއުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

(ހ) މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ނުރައްކަލުގެ ހާލަތަށާއި، ވަޅުލި ތާރީހަށް ބަލައި، އެއް ތަނުން އަނެއް ތަނަށް ގެންދާނަމަ، އެއް ތަނުން އަނެއް ތަނަށް މައްޔިތާ ގެންދިއުމުގައި އަމަލުކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރަން ވާނެއެވެ.

(ށ) މައްޔިތާ ނަގަންވާނީ، މައްޔިތާއަށް އެއްވެސް ގެއްލުމެއް ނުވާނޭހެން  ރައްކައުތެރިކަމާއެކުގައެވެ.

(ނ) ވަޅުލައިފައިވާ ތަނެއް ކޮނުމާއި، މައްޔިތާ އަލުން ވަޅުލުމުގައި މަސައްކަތްކުރާ މީހުން މަސައްކަތްކުރަންވާނީ ޕާރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް ލައިގެންނެވެ.

(ރ) ވަޅުލައިފައިވާ ތަން ކޮނުމާއި، މައްޔިތާ އަލުން ވަޅުލުމުގެ މަސައްކަތް ކުރަންވާނީ، އެހެން މީހުންނަށް ކައިރި ނުވެވޭގޮތަށާއި، އެ ތަން ނުފެންނަ ގޮތަށް ފަރުދާއެއް ބަހައްޓައިގެންނެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

(ހ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމާބެހޭ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އައްޔަނު ކޮށްފައިވާ ޑިރެކްޓަރ ޖެނެރަލަށެވެ.

(ށ) "ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް" ކަމަށް ބުނެފައި އެ ވަނީ، ސަރޖިކަލް ގްލަވްސްއާއި، މެޑިކަލް މާސްކާއި، ކަމަށް ހާއްސަކޮށްގެން އުފައްދައިފައިވާ ގައުންއާއި، އެޕްރޮންއާއި، ފޭސް ޝީލްޑާއި، ގޮގްލްސްއާއި، ބޫޓާއި، ނުރައްކައުތެރި ބައްޔަކުން ރައްކައުތެރިވުމަށް ބޭނުންކުރާ އެހެނިހެން އާލާތްތައް ހިމެނޭ ގޮތުންނެވެ.

(ނ) " އޭޖެންސީ" ކަމަށް ބުނެފައި އެ ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށެވެ.

(ރ) "ނުރައްކައުތެރި ބަލި" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް އެޖެންސީން ކަނޑައަޅައިފައިވާ ބަލިތަކެވެ.

(ބ) "ނުރައްކައުތެރި ބައްޔެއް ޖެހިގެން މަރުވާ މީހަކު" ކަމަށް ބުނެފައި އެ ވަނީ، އެ މީހަކު މަރުވާއިރު، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ނުރައްކައުތެރި ބައްޔެއް ކަމަށް އެޖެންސީން ކަނޑައަޅައިފައިވާ ބައްޔެއް ޖެހިފައިވާކަން ތަހުލީލުތަކުން ސާބިތުވެފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމާތްތައް ހުރި ފަރާތެއް ކަމަށް ސިއްހީ ހިދުމަތްތެރިއަކު ކަނޑައަޅައިފައިވާ މީހުންނާއި، އެ ފަދަ ބައްޔެއްގެ އަލާމަތްތައް ނުފެނުނު ނަމަވެސް، ހާލަތަށް ރިއާޔަތްކުރާއިރު، އެ ފަދަ ބައްޔެއް ޖެހިފައި ހުރެދާނެކަމަށް ސިއްހީ ހިދުމަތްތެރިއަކަށް ނުވަތަ އެޖެންސީއަށް ގަބޫލުކުރެވޭ މީހުން ހިމެނޭ ގޮތުންނެވެ.

(ޅ) "ކަށުކަމާކެމި" ކަމަށް ބުނެފައި އެ ވަނީ، ހިނެވުން، ނުވަތަ ތަޔަންމަމްކުރުން ނުވަތަ އިސްލާމީ ކަންކަމާބެހޭ މުވައްސަސާއަކުން އެ ފަދަ ފަރާތްތައް ވަޅުލުމަށް ކަނޑައަޅާ  ގޮތްތަކަށެވެ.

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 7/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު