އާންމު ސިއްހަތު ގައުމީ ޕުރޮގުރާމުތަކާއި އެ ޕުރޮގުރާމުތަކުގެ ދާއިރާއިން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅޭ ކަންކަމުގެ ފަންނީ މިންގަނޑުތަކާއި ހަމަތަކާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2026-27)

(މި އުސޫލަށް އަމަލުކުރަން ފެށީ 14 އޮކްޓޫބަރު 2026 ގައި)

1 ވަނަ ބާބު

ތައާރަފު

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރެއިން، އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގައުމީ ޕުރޮގުރާމުތަކުގެ ދާއިރާއިން ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުންނަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 2-10 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ށ) މި އުސޫލަށް ކިޔާނީ، "އާންމު ސިއްހަތުގެ ގައުމީ ޕުރޮގުރާމުތަކާއި އެ ޕުރޮގުރާމުތަކުގެ ދާއިރާއިން ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅޭ ކަންކަމުގެ ފަންނީ މިންގަނޑުތަކާއި ހަމަތަކާ ގުޅޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - އުސޫލު ހިނގާނެ ދާއިރާ

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް އަމަލުކޮށް، އެ ހިދުމަތްތައް ފޯރުކޮށްދޭނެ ތަންތަން، ތިރީގައި ބަޔާންކޮށްފައި މި ވަނީއެވެ.

(ށ) މި އުސޫލުގައި ހިމެނޭ ހިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް.

 

3 ވަނަ މާއްދާ - އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގައުމީ ޕުރޮގުރާމުތައް

އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގައުމީ ޕުރޮގުރާމުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. މި ޕުރޮގުރާމުތަކަކީ، އާންމު ސިއްހަތުގެ ހާލަތަށް ރިއާޔަތްކޮށް، ހާލަތާއި ވަގުތަށް އެކަށީގެންވާ ގޮތަށް ބަދަލުގެނެސް އަދާހަމަކުރެވޭނެ ޕުރޮގުރާމުތަކެކެވެ.

(ހ) ދަރިމައިވުމުގެ ސިއްހަތާއި، މައިންނާއި ޅަދަރީންގެ ސިއްހަތާބެހޭ އާންމު ސިއްހަތު ޕުރޮގުރާމު.

(ށ) ވެކްސިން ދިނުމުގެ ގައުމީ ޕުރޮގުރާމު (ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމު).

(ނ) ގައިންގަޔަށް އަރާ ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ އާންމު ސިއްހަތު ޕުރޮގުރާމު.

(ރ) ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ އާންމު ސިއްހަތު ޕުރޮގުރާމު.

(ބ) ތިމާވެށްޓާ ގުޅޭ އާންމު ސިއްހަތު (އެންވަޔަރަންމަންޓަލް ހެލްތު) ޕުރޮގުރާމު.

(ޅ) ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު ސިއްހަތު ކުރިއެރުވުމުގެ ގައުމީ ޕުރޮގުރާމު.

 

 

2 ވަނަ ބާބު

ދަރިމައިވުމުގެ ސިއްހަތާއި މައިންނާއި ޅަދަރީންގެ ސިއްހަތާބެހޭ އާންމު ސިއްހަތު ޕުރޮގުރާމު

 

4 ވަނަ މާއްދާ - ދަރިމައިވުމުގެ ސިއްހަތާއި މައިންނާއި ޅަދަރީންގެ ސިއްހަތާ ބެހޭ އާންމު ސިއްހަތު ޕުރޮގުރާމުގެ ހިދުމަތްތައް

އަންނަނިވި ހިދުމަތްތަކަކީ ދަރިމައިވުމުގެ ސިއްހަތާއި މައިންނާއި ޅަދަރީންގެ ސިއްހަތާބެހޭ އާންމު ސިއްހަތު ޕުރޮގުރާމުގެ ދާއިރާއިން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކެވެ.

(ހ) ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް.

(ށ) އާއިލާ ރޭވުމުގެ ހިދުމަތްތައް.

(ނ) ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް.

(ރ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނިބޭސް ދިނުމުގެ ހިދުމަތް.

(ހ) ސިއްހީ ހިދުމަތްދޭ، ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި އަރބަން ޕްރައިމަރީ ހެލްތުކެއަރގެ ހިދުމަތްދޭ މަރުކަޒުތައް.

 

5 ވަނަ މާއްދާ - ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން، ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މި ވަނީއެވެ.

(ހ) މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު މައިމީހާއާއި ތުއްތު ދަރިފުޅުގެ ސިއްހަތު ރައްކައުތެރިކުރުން.

(ށ) ދަރިމައިވުމުގައި ކުރިމަތިވެދާނެ ސިއްހީ އެކިއެކި މައްސަލަތަކުން ރައްކައުތެރިވެތިބުމާއި، ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީ ދުޅަހެޔޮކަން ގެނެސްދިނުން.

(ނ) ދުޅަހެޔޮކަމާއެކު މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު މައިމީހާއާއި ތުއްތު ދަރިފުޅުގެ ސިއްހަތު ދެމެހެއްޓުމަށް މައުލޫމާތު ފޯރުކޮށްދީ، އާއިލާ ބާރުވެރިކުރުވުން.

 

6 ވަނަ މާއްދާ - ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް

ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) މާބަނޑުމީހުން ރަޖިސްޓަރީކުރުމާއި، ރިކޯޑު ބެލެހެއްޓުން. ނޭށަނަލް އެންޓިނޭޓަލް އެންޑް ޕޯސްޓްނޭޓަލް ކެއަރ ގައިޑްލައިންގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އެންޓިނޭޓަލް ކެއަރ (އޭ.އެން.ސީ) އާއި ޕޯސްޓްނޭޓަލް ކެއަރ (ޕީ.އެން.ސީ) ކާޑު ނުވަތަ އެ އިރެއްގައި ރިކޯޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކުރެވޭ މާބަނޑު ކޮންމެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމާއި، އެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.

(ށ) މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކައުތެރިވުމަށް އެންޓިނޭޓަލް ކެއަރ (އޭ.އެން.ސީ) އާއި ޕޯސްޓްނޭޓަލް ކެއަރ (ޕީ.އެން.ސީ) ގައިޑްލައިންގައި ކަނޑައަޅައިފައިވާ ހިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމާއި، އެ ހިދުމަތްތައް ގަވާއިދުން ހޯދުމަށް ބާރުއެޅުން.

(ނ) އެ ރަށެއްގައި ގާއިމުވެގެން ދިރިއުޅޭ މާބަނޑުމީހުން، ކަނޑައެޅިފައިވާ އުސޫލުން ހިދުމަތް ލިބިގަންނަކަން މޮނިޓަރކުރުމާއި، ހިދުމަތް ހޯދާ މީހުން ރަޖިސްޓަރީކޮށް ރިކޯޑު ބެލެހެއްޓުން. އަދި ބުނެވިދިޔަ ފަރާތްތައް ގާއިމުވެގެން ދިރިއުޅޭ ރަށްނޫން އެހެން ރަށަކުން ނުވަތަ އެހެން ތަނަކުން ހިދުމަތް ހޯދާ ހާލަތްތަކުގައި ވެސް އެ މައުލޫމާތު ވެސް އަދާހަމަކޮށް ރިކޯޑު ބެލެހެއްޓުން.

 

7 ވަނަ މާއްދާ - ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ދިނުމުގެ އިންތިޒާމު

ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) މި ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމަށާއި ހިންގުމަށް، އެ މަސައްކަތަކަށް އެކަށޭނަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންނާއި އެހެނިހެން މުވައްޒަފުން ކަނޑައަޅައި، ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) މި ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރެވޭ ގޮތަށް (ޕްރައިވަސީ ލިބޭގޮތަށް) މައުލޫމާތު ފޯރުކޮށްދީ، ދެފަރާތުން އިތުބާރާއެކު މަށްވަރާކޮށް ވާހަކަދެއްކޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(ނ) ހިދުމަތްދޭ ތަނުގައި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތަކާއި ވަސީލަތްތައް ހަމަކޮށްފައި ހުންނަންވާނެއެވެ.

(ރ) މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް، ސިއްހީ ހިދުމަތްދޭ ތަނުން މެދުނުކެނޑި ފޯރުކޮށްދިނުމަށް ޓަކައި، ފޯކާސްޓްކޮށް ތަކެއްޗާއި ވަސީލަތްތައް، އެ އެކަމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، މެނޭޖްމަންޓުން ހޯދައި ބަލަހައްޓަންވާނެއެވެ.

(ބ) ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްދިނުމުގައި ބޭނުންކުރާ އޭ.އެން.ސީ ކާޑާއި ޕީ.އެން.ސީ ކާޑު ނުވަތަ އެ އިރެއްގައި ރިކޯޑު ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ ތަކެއްޗާއި، އަޔަން ފޮލިކް އެސިޑާއި، ވިހެއުމަށްފަހު އާއިލާ ރޭވުމަށް ކަނޑައަޅައިފައިވާ ވަސީލަތްތައް، ހަމަޖެހިފައިވާ އުސޫލުން ހޯދަންވާނެއެވެ.

(ޅ) ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތައް ދިނުމަށް ހަމަޖައްސާ މުވައްޒަފުން، އެ މުވައްޒަފުންނަށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތަށް ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދިނުމުގެ އިންތިޒާމު، މިނިސްޓްރީއާއި އެޖެންސީއާ ގުޅިގެން، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

8 ވަނަ މާއްދާ - ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ދިނުމުގައި ބޭނުންކުރާ ގައިޑްލައިންތައް

(ހ) ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ އެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ ތިރީގައިވާ ގައިޑްލައިންތަކެވެ.

  1. ނޭށަނަލް އެންޓިނޭޓަލް އެންޑް ޕޯސްޓްނޭޓަލް ކެއަރ ގައިޑްލައިން؛
  2. ރައްކައުތެރި މައިވަންތަކަމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އާންމުކުރާ ގައިޑްލައިންތައް.

(ށ) ރައްކައުތެރި މައިވަންތަކަމަށް ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އަދާހަމަ ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

9 ވަނަ މާއްދާ - އާއިލާ ރޭވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން އާއިލާ ރޭވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ދަރިމައިވުމުގެ ސިއްހަތު ރައްކައުތެރިކުރުމާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުން.

(ށ) އާއިލާ ރޭވުމުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބެންހުރި ވަސީލަތްތަކުގެ ފުރިހަމަ މައުލޫމާތު ދިނުމާއި، އެކަށީގެންވާ ވަސީލަތެއް ހިޔާރުކުރުމަށް އެ ފަރާތަކަށް އެހީތެރިވުން.

 

10 ވަނަ މާއްދާ - އާއިލާ ރޭވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

އާއިލާ ރޭވުމުގެ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ހިދުމަތް ހޯދާ ފަރާތަކަށް ލިބެންހުރި އާއިލާ ރޭވުމުގެ ވަސީލަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި، އެކަށީގެންވާ ވަސީލަތެއް ހިޔާރުކުރުމަށް ބޭނުންވާ ކައުންސެލިންގ ދިނުން.

(ށ) އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުން.

(ނ) އާއިލާ ރޭވުމުގެ ހިދުމަތް ހޯދާ ފަރާތްތައް ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީ ބެލެހެއްޓުން.

(ރ) ދަރިމައިވުމުގެ ސިއްހަތާބެހޭ ނޭށަނަލް ޕުރޮގުރާމުން އެ އިރެއްގައި ރިކޯޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމާއި އެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.

(ބ) ހިދުމަތްދެވޭ ގޮތުގެ ރިޕޯޓުތައް، ކަނޑައެޅިފައިވާ ގޮތުގެ މަތީން ތައްޔާރުކޮށް ފޮނުވުން.

(ޅ) އާއިލާ ރޭވުމުގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު ފޯކާސްޓްކޮށް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކޮންޓްރާސެޕްޓިވް ރިކުއިސިށަން ތައްޔާރުކޮށް ފޮނުވުން.

(ކ) ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ސިއްހީ ހިދުމަތްދޭ ފަރާތްތައް އަހުލުވެރިވުން.

 

11 ވަނަ މާއްދާ - އާއިލާ ރޭވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

އާއިލާ ރޭވުމުގެ ހިދުމަތްތައް ދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) މި ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމަށާއި ހިންގުމަށް، އެ މަސައްކަތަކަށް އެކަށޭނަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންނާއި އެހެނިހެން މުވައްޒަފުން ކަނޑައަޅައި، ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) މި ހިދުމަތް ދިނުމުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރެވޭގޮތަށް (ޕްރައިވަސީ ލިބޭގޮތަށް) މައުލޫމާތު ފޯރުކޮށްދީ، އިތުބާރާއެކު ދެފަރާތުން މަށްވަރާކޮށް ވާހަކަދެއްކޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(ނ) ހިދުމަތްދޭ ތަނުގައި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ހަމަކޮށްފައި ހުންނަންވާނެއެވެ.

(ރ) އާއިލާ ރޭވުމުގެ ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ވަސީލަތްތައް، ސިއްހީ ހިދުމަތްދޭ ތަނުން މެދުނުކެނޑި ފޯރުކޮށްދިނުމަށް ޓަކައި، ކަނޑައެޅިފައިވާ އުސޫލުގެ މަތީން ފޯކާސްޓްކޮށް، މި ތަކެއްޗާއި ވަސީލަތްތައް ހޯދުމުގެ ކަންކަން ހަމަޖައްސަންވާނެއެވެ.

(ބ) އާއިލާ ރޭވުމުގެ ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން، ހިދުމަތް ދިނުމަށް ހަމަޖައްސާ މުވައްޒަފުންނަށް، އެ މުވައްޒަފުންނަށް ކުރުމަށް ހަވާލުކުރާ މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތަށް ހޭލުންތެރިކޮށް އަހުލުވެރިކުރުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނުތައް ދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށާއި ފިޒިކަލް ސެށަންގެ ޒަރީއާއިން ދެވިދާނެއެވެ.

 

12 ވަނަ މާއްދާ - އާއިލާ ރޭވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) އާއިލާ ރޭވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ ތިރީގައިވާ ގައިޑްލައިންތަކާއި މިންގަނޑުތަކެވެ.

  1. ނޭށަނަލް ސްޓޭންޑަރޑްސް ފޮރ ފެމެލީ ޕްލޭނިންގ ސަރވިސަސް؛
  2. އާއިލާ ރޭވުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އާންމުކޮށްފައިވާ ގައިޑްލައިންތައް.

(ށ) މި އުސޫލުގެ 9 ވަނަ މާއްދާގެ ދަށުން، އާއިލާ ރޭވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އަދާހަމަ ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

13 ވަނަ މާއްދާ - ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދު

މި އުސޫލުގެ ދަށުން ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ކުޑަކުދިން ހެދިބޮޑުވާ މިންވަރާއި، ކުއްޖާގެ ހިއްސުތައް ތަރައްގީވާ މިންވަރު ދެނެގަތުން.

(ށ) ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށް 5 (ފަހެއް) އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި، މައްސަލަތައް ދެނެގަތުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ނ) ޅަފަތުގައި ހެދިބޮޑުވުމުގައި އެއްވެސް ލަސްކަމެއް ހުންނަ ކުދިން ދުރާލައި ދެނެގަނެ، އިތުރު ފަރުވާއާއި ހިދުމަތް ލިބިގަތުމަށް މަގުފަހިކުރުމާއި، އެކަމާބެހޭ މައްސަލަތަކަށް ރިއާޔަތްކޮށްގެން ޕުރޮގުރާމުތައް ހިންގުން.

 

14 ވަނަ މާއްދާ - ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭގޮތުން ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ކުޑަކުދިން ހެދިބޮޑުވާގޮތް ބެލުމަށް ކަނޑައަޅައިފައިވާ އުސޫލާއި މިންގަނޑުތަކާ އެއްގޮތަށް ކުދިންގެ އިސްކޮޅާއި ބަރުދަނާއި ބޮލުގެ ވަށަމިން ބަލައި މޮނިޓަރކުރުން.

(ށ) ކުދިން ހެދިބޮޑުވާ މިންގަނޑުތަކާ މެދު ބެލެނިވެރީންނަށް މައުލޫމާތު ދިނުމާއި، ކައުންސެލިންގ ދިނުމާއި، އުމުރާ އެއްވަރަށް އިސްކޮޅާއި ބަރުދަން ނުހުންނަ ހުރިހާ ކުދިންނާއި ހެދި ބޮޑުވަމުން ދިއުމުގެ މަރުހަލާތަކުގައި މައްސަލަ ހުންނަ ކުދިންގެ މައުލޫމާތު ހާއްސަގޮތެއްގައި ބަލަހައްޓައި، ކަނޑައަޅައިފައިވާ ގޮތަށް ކައުންސެލިންގއާއި މައުލޫމާތު ދިނުން.

(ނ) ކުއްޖާގެ އުމުރުން 6 (ހައެއް) މަސްދުވަސްވަންދެން ހަމައެކަނި ގާތުން ކިރުދިނުމަށާއި، 6 (ހައެއް) މަސްފުރުމުން ފައިދާހުރި ކާނާ ދިނުމާއެކު، ކުއްޖާއަށް 2 (ދޭއް) އަހަރުވަންދެން ގާތުން ކިރުދިނުން ކުރިޔަށްގެންދިއުމަށް ބާރުއަޅައި ބެލެނިވެރީންނަށް މައުލޫމާތު ދިނުން.

(ރ) ކުޑަކުދިން ހެދިބޮޑުވަމުން ދިއުމުގެ މަރުހަލާތައް ޗެކްކުރަމުން ގެންދިއުމާއި، ޗައިލްޑް ހެލްތު ރިކޯޑު ފޮތުގައިވާ ޗެކް ލިސްޓް ގަވާއިދުން ފުރިހަމަކުރަމުން ގެންދިއުމަށް ބެލެނިވެރީންނަށް ބާރުއެޅުމާއި، މައްސަލަ ހުންނަ ކުދިންނަށް އިތުރު ހިދުމަތް ބޭނުންވާކަން ފާހަގަކޮށް މައުލޫމާތު ދިނުން.

(ބ) ކުދިންގެ ހެދިބޮޑުވުމުގެ މިންގަނޑުތަކާއި ކައުންސެލިންގއާއި މައުލޫމާތު ދެވުނު ގޮތް ރިކޯޑުކޮށް ހިދުމަތްދޭ ތަނުގައި ”ޑިސްޓްރިކްޓް ހެލްތު އިންފޮމޭށަން ސިސްޓަމް 2“ (ޑީ.އެޗް.އައި.އެސް 2) ގެ އޮންލައިން ސިސްޓަމް ނުވަތަ ރިކޯޑުކޮށް ބަލަހައްޓަން ކަނޑައަޅައިފައިވާ ނިޒާމާ އެއްގޮތްވާ ގޮތުގެ މަތީން ރަޖިސްޓަރީއެއް އަދާހަމަކޮށް ބެލެހެއްޓުން.

(ޅ) ކުޑަކުދިން ހެދިބޮޑުވާ ގޮތުގެ މައުލޫމާތާއި، ހެދިބޮޑުވުން ލަސްވާ ކުދިންގެ މައުލޫމާތު ޑީ.އެޗް.އައި.އެސް 2 ގެ އޮންލައިން ސިސްޓަމް ނުވަތަ ރިޕޯޓުކުރުމަށް އެ ވަގުތަކު ކަނޑައަޅައިފައިވާ ނިޒާމުގައިވާ ގޮތުގެ މަތީން ރިޕޯޓުކުރުން.

(ކ) ކުޑަކުދިން ހެދިބޮޑުވުމުގެ މިންގަނޑުތައް ބަލައި މޮނިޓަރކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކުގެ ސްޓޮކް، ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހޯދައި ބެލެހެއްޓުން.

 

15 ވަނަ މާއްދާ - ގްރޯތު މޮނިޓަރިންގ އެންޑް ފްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، އެ ތަނެއްގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) ހިދުމަތްދޭނެ މުވައްޒަފުން ނުވަތަ ސިއްހީ ހިދުމަތްތެރީން ހަމަޖައްސަންވާނެއެވެ. އެގޮތުން މި ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމަށާއި ހިންގުމަށާއި، އެ މަސައްކަތަކަށް އެކަށޭނަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންނާއި އެހެނިހެން މުވައްޒަފުން ކަނޑައަޅައި ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ށ) ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ތަނެއް ހަމަޖައްސަންވާނެއެވެ. މި ތަނަކީ މި ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރެވޭ ގޮތަށް (ޕްރައިވަސީ ލިބޭ ގޮތަށް) ހެދިބޮޑުވަމުންދާ ގޮތް ބެލުމުގެ މަސައްކަތާއި ނިއުޓްރިށަން ކައުންސެލިންގ ފޯރުކޮށްދެވޭނެ ފަދަ ތަނެއް ވަކިން ނުވަތަ ވަކި ގަޑިތަކެއްގައި ބޭނުންކުރެވޭ ގޮތަށް ހާއްސަކުރެވިފައިވާ ތަނެއްކަމުގައި ވާންވާނެއެވެ. އަދި މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތަކާއި ތަކެތި ހަމަކޮށްފައިވާ ތަނެއްކަމުގައި ވާންވާނެއެވެ.

(ނ) ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ތަކެތި ހަމަޖައްސަންވާނެއެވެ. އަދި މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ޓަކައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ފޯކާސްޓްކޮށް، މި ތަކެއްޗާއި ވަސީލަތްތައް ހޯދުމުގެ ކަންކަން ހަމަޖައްސަންވާނެއެވެ.

(ރ) ޕުރޮގުރާމު ހިންގުމަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު ދޭންވާނެއެވެ. ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހިދުމަތް ދިނުމަށް ހަމަޖައްސާ މުވައްޒަފުންނަށް، އެ މުވައްޒަފުން ކުރަން ހަވާލުކުރެވޭ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. އަދި މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ލަފަޔާއި އެހީއާއެކު މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

16 ވަނަ މާއްދާ - ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ކުޑަކުދިންގެ ސިއްހީ ރައްކައުތެރިކަމަށް ޓަކައި، ހެދިބޮޑުވާ މިންވަރާއި ކުއްޖާގެ ހިއްސުތައް ތަރައްގީވާ މިންވަރު ބެލުމަށް މި އުސޫލުގެ 13 ވަނަ މާއްދާގެ ދަށުން ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތަކެވެ.

  1. ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ފޮރ ހަންހާރަ ޕުރޮގުރާމު؛
  2. ހަންހާރަ ޕުރޮގުރާމުގެ ޖޮބް އެއިޑް ފްލޯޗާޓް؛
  3. ނޭށަނަލް ގައިޑްލައިންސް އޮން އޮޕްޓިމަލް ފީޑިންގ އޮފް އިންފަންޓްސް އެންޑް ޔަންގް ޗިލްޑްރަން (އައި.ވައި.ސީ.އެފް ގައިޑްލައިން).

(ށ) އަންނަނިވި އަތްމަތީ ފޮތްތަކަކީ މައިމީހާއާއި ކުޑަދަރިފުޅުގެ ނިއުޓްރިށަނާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބެލެނިވެރީންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ.

  1. މަންމައާއި ކުޑަދަރިފުޅުގެ ކާނާ؛
  2. ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ؛
  3. ގާތުން ކިރުދިނުން؛
  4. ފުޑް ބޭސްޑް ޑައެޓަރީ ގައިޑްލައިންސް ފޮރ މޯލްޑިވްސް.
  5. ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އަދާހަމަ ގައިޑްލައިންތަކާއި މައުލޫމާތުތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) މައިންނާއި ކުޑަކުދީންގެ ސިއްހަތު ރަނގަޅުކުރުން.

(ށ) މައިންނާއި ޅަދަރީންގެ މައިކްރޯނިއުޓްރިއަންޓް ޑެފިށަންސީ މަދުކުރުން.

(ނ) ފަނިވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުން ރައްކައުތެރިކުރުން.

(ރ) ރާއްޖޭގެ އާބާދީގައި ފަނިވާ މިންވަރު (ސޮއިލް ޓްރާންސްމިޓަޑް ހެލްމެންތިއޭސިސް) ކޮންޓްރޯލްކޮށް މަދުކުރުން.

 

18 ވަނަ މާއްދާ - މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ހިދުމަތް ދިނުމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، 5 (ފަހެއް) އަހަރުން ދަށުގެ ކުދިންނަށް ވިޓަމިން އޭ ދިނުމާއި، މާބަނޑު މީހުންނަށް ފުރަތަމަ 3 (ތިނެއް) މަސްދުވަހު ދޭން ކަނޑައަޅައިފައިވާ އަޔަން ފޮލިކް އެސިޑް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުން.

(ށ) ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް އަލްބެންޑަޒޯލް ސަސްޕެންށަން (ސިރަޕް) ފޯރުކޮށްދިނުމާއި، 6 (ހައެއް) އަހަރާއި 13 (ތޭރަ) އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް އަލްބެންޑަޒޯލް ޓެބްލެޓް (ގުޅަ ބޭސް) ފޯރުކޮށްދިނުން.

(ނ) ސްކޫލްގައި އުޅޭ ކުދިންނަށް ވިޓަމިން އޭއާއި ފަނީބޭސް ފޯރުކޮށްދޭނީ، ސްކޫލް މެދުވެރިކޮށެވެ. އަދި އަޔަން ފޮލިކް އެސިޑް، މާބަނޑު މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ތެރެއިން ފޯރުކޮށްދިނުން.

(ރ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ފޯރުކޮށްދެވޭ ގޮތުގެ ރިކޯޑާއި، ސްޓޮކް ބެލެހެއްޓުމާއި، ރިޕޯޓުކުރުން. މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ފޯރުކޮށްދެވޭ ގޮތުގެ ރިކޯޑު ޑީ.އެޗް.އައި.އެސް.2 ގެ އޮންލައިން ސިސްޓަމް ނުވަތަ ރިކޯޑުކޮށް ބަލަހައްޓަން ކަނޑައަޅައިފައިވާ ނިޒާމާ އެއްގޮތްވާ ގޮތުގެ މަތީން އަދާހަމަކޮށް ބެލެހެއްޓުން.

(ބ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭހުގެ ސްޓޮކް، އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހޯދައި ބެލެހެއްޓުން.

 

19 ވަނަ މާއްދާ - މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން

މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތް ދިނުމަށް، އަންނަނިވި އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓޭށަނާއި ފަނީބޭސް ދިނުމުގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި ހިންގުމަށް، އެ މަސައްކަތަކަށް އެކަށޭނަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންނާއި އެހެނިހެން މުވައްޒަފުން ކަނޑައަޅައި، ހިދުމަތްދިނުމުގެ އިންތިޒާމު އެ ތަނަކުން ހަމަޖައްސަންވާނެއެވެ.

(ށ) މި ހިދުމަތް ދިނުމަށް ބޭނުންވާ މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ހޯދުމަށް އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުގެ މަތީން މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ހޯދަންވާނެއެވެ.

(ނ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހިދުމަތްދިނުމަށް ހަމަޖައްސާ މުވައްޒަފުންނަށް އެ މުވައްޒަފުންނަށް ކުރަން ހަވާލުކުރެވޭ މަސައްކަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް އަހުލުވެރިކުރުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. އަދި މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ލަފަޔާއި އެހީއާއެކު، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

20 ވަނަ މާއްދާ - މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ، ކުޑަކުދިންނަށް ވިޓަމިން އޭއާއި ފަނީ ބޭސް ދޭ ގޮތުގެ ތާވަލުގައި ކަނޑައަޅައިފައިވާ އެއީ، "ވިޓަމިން އޭ އެންޑް ޑީވޯމިންގ ށެޑިއުލް" ގެ މިންގަނޑެވެ.

(ށ) މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓާއި ފަނީބޭސް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ ގައިޑްލައިން، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުންނާނެއެވެ.

 

 

3 ވަނަ ބާބު

ވެކްސިން ދިނުމުގެ ގައުމީ ޕުރޮގުރާމު (ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމު)

 

21 ވަނަ މާއްދާ - ވެކްސިނުގެ ހިދުމަތް ދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން ވެކްސިނުގެ ހިދުމަތްތައް ދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ވެކްސިން ދީގެން ރައްކައުތެރިކުރެވޭ ބަލިތައް ޖެހުން މަދުކުރުމާއި، އެ ބަލިތަކުން ދިމާވާ ނުކުޅެދުންތެރިކަމުން ސަލާމަތްކުރުން.

(ށ) ވެކްސިން ދީގެން ރައްކައުތެރިކުރެވޭނެ ބަލިތައް ކޮންޓްރޯލްކުރުން.

(ނ) ވެކްސިން ދޭން ކަނޑައަޅައިފައިވާ އާބާދީގެ ވެކްސިން ކަވަރޭޖް %95 (ނުވަދިހަ ފަހެއް އިންސައްތަ) އަށް ވުރެ މަތީގައި ބެހެއްޓުން.

(ރ) ވެކްސިން ދީގެން ރައްކައުތެރިކުރެވޭ ބަލިތަކުގެ ތެރެއިން، ދިވެހިރާއްޖެއިން ނައްތައިލެވިފައިވާ ބަލިތަކާއި ކޮންޓްރޯލްކޮށްފައިވާ ބަލިތައް އެ ގޮތުގައި ދެމެހެއްޓުން.

 

22 ވަނަ މާއްދާ - ވެކްސިނުގެ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް

ވެކްސިން ދިނުމުގެ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ވެކްސިން ޖަހަންޖެހޭ އާބާދީތަކަށް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ވެކްސިން ދިނުން.

(ށ) ވެކްސިނާއި ވެކްސިން ޖެހުމަށް ބޭނުންވާ ކޮންސިއުމަބްލްސްއާއި ވެކްސިން ރައްކައުތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެތި، ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ހޯދައި، ސްޓޮކް ބެލެހެއްޓުން.

(ނ) ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމުން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ވެކްސިނުގެ ކޯލްޑް ޗެއިން ބެލެހެއްޓުން.

(ރ) ވެކްސިން ދެވޭ ފަރާތްތަކުގެ މައުލޫމާތާއި ރިކޯޑުތައް ބެލެހެއްޓުމަށް ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމުން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ރިކޯޑުކޮށް ބެލެހެއްޓުމާއި އެޖެންސީއަށް ރިޕޯޓުކުރުން.

(ބ) ވެކްސިނުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކަމާބެހޭ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމާއި، ވެކްސިން ޖަހަން އިންކާރުކުރާ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި، އެ ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓައި، ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެޖެންސީއަށް ރިޕޯޓުކުރުން.

(ޅ) ވެކްސިން ޖެހުމަށްފަހު ދިމާވެދާނެ މައްސަލަ "އެޑްވަރސް އިވެންޓްސް ފޮލޮވިންގ އިމިއުނައިޒޭށަން" (އޭ.އީ.އެފް.އައި) އަށް ސަމާލުވެ، އެ ކަމާ ގުޅިގެން ދޭންޖެހޭ ފަރުވާދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ފަރުވާދިނުން.

(ކ) ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމުން ކަނޑައަޅާ ގޮތެއްގެ މަތީން، ޓްރެވަލް ވެކްސިނާއި އޮޕްށަނަލް ވެކްސިން ޖެހުމާއި، ރިކޯޑު ބެލެހެއްޓުން.

(އ) ވެކްސިން ދިނުމުގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކަނޑައަޅައިފައިވާ ގައިޑްލައިންތަކާއި އުސޫލުތަކުގެ މަތީން، ސޭފް އިންޖެކްށަނާއި، ށާޕް ޑިސްޕޯސަލާއި، މުއްދަތު ހަމަވެފައިވާ ވެކްސިނާއި ސާމާނު ނައްތައިލުމުގެ މަސައްކަތްތައް ކުރުން.

(ވ) ވެކްސިން ދިނުމަށް ހިންގާ ހާއްސަ ކެމްޕޭންތަކުގައި ވެކްސިން ދިނުމާއި، އެކަމާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

23 ވަނަ މާއްދާ - ވެކްސިންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން

ވެކްސިނުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން، ތިރީގައިވާ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(ހ) ހިދުމަތްދޭނެ މުވައްޒަފުންނާއި ސިއްހީ ހިދުމަތްތެރީން ހަމަޖެއްސުން.

  1. ވެކްސިނުގެ ހިދުމަތް ދިނުމުގައި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމަށާއި ހިންގުމަށް، އެ މަސައްކަތަކަށް އެކަށޭނަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީންނާއި އެހެނިހެން މުވައްޒަފުން ކަނޑައަޅައި، ހިދުމަތްދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ؛
  2. ވެކްސިން ޖެހުމުގެ (ވެކްސިން އެޑްމިނިސްޓަރިންގ) މަސައްކަތް ކުރަންވާނީ، އެކަމަށް ބޭނުންވާ ލައިސަންސް އޮންނަ އަދި ވެކްސިނުގެ ޓްރެއިނިންގ ފުރިހަމަކޮށްފައި ތިބޭ ފަރާތްތަކުންނެވެ؛

  3. ވެކްސިން ދިނުމުގެ ހިދުމަތްތައް ކޯޑިނޭޓްކޮށް ހިންގުމަށް އެކަށީގެންވާ މުވައްޒަފަކު، ފޯކަލްޕޮއިންޓެއްގެ ގޮތުގައި ކަނޑައަޅައިފައި ހުންނަންވާނެއެވެ.

(ށ) ވެކްސިނުގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

  1. ވެކްސިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ތަނެއް ހަމަޖައްސައިފައި ހުންނަންވާނެއެވެ. މިގޮތުން މި ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރެވޭގޮތަށް (ޕްރައިވަސީ ލިބޭގޮތަށް) ކައުންސެލިންގ ފޯރުކޮށްދެވޭނެ ފަދަ ތަނެއް ވަކިން ނުވަތަ ވަކި ގަޑިތަކެއްގައި ބޭނުންކުރެވޭގޮތަށް ހާއްސަކޮށްފައިވާ ތަނެއް ހަމަޖައްސައިފައި ހުންނަންވާނެއެވެ. އަދި މި ތަނުގައި މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ހަމަކޮށްފައި ހުންނަންވާނެއެވެ؛
  2. ވެކްސިނުގެ ކޯލްޑްޗެއިން ބެލެހެއްޓުމުގެ މިންގަނޑުތަކާއި، ތަނުގެ ހިދުމަތްދިނުމުގެ ދަރަޖައާ އެއްގޮތްވާ ގޮތުގެ މަތީން ވެކްސިނުގެ ސްޓޮކާއި ކޯލްޑްޗެއިން އިކުއިޕްމަންޓް ހުންނަންވާނެއެވެ؛
  3. ނޭށަނަލް އިމިއުނައިޒޭށަން ށެޑިއުލްގައި ހިމެނޭ ވެކްސިން ސްޓޮކް، ހިދުމަތްދޭ ތަންތަނަށް ފޯރުކޮށްދޭނީ، ނޭށަނަލް އިމިއުނައިޒޭށަން ޕުރޮގުރާމުންނެވެ. އަދި ވެކްސިން ސެންޓަރުތަކަށް ވެކްސިން ގެންދިއުމުގެ އިންތިޒާމުތައް އެޖެންސީއާ ގުޅިގެން ހަމަޖައްސަންވާނެއެވެ.

(ނ) ހިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު ދޭންވާނެއެވެ. އެގޮތުން ވެކްސިނާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން، އެ ހިދުމަތް ދިނުމަށް ހަމަޖައްސާ މުވައްޒަފުން ކުރުމަށް ހަވާލުކުރެވޭ މަސައްކަތްތަކަށް އަހުލުވެރިކުރުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. އަދި މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ލަފަޔާއި އެހީއާއެކު، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

24 ވަނަ މާއްދާ - ވެކްސިނުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ވެކްސިނުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ، ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތަކެވެ. މި އުސޫލުތަކާއި މިންގަނޑުތައް އަދާހަމަކޮށް ފޯރުކޮށްދޭނީ އެޖެންސީންނެވެ.

  1. ނޭށަނަލް އިމިއުނައިޒޭށަން ށެޑިއުލް؛
  2. އެޑްވަރސް އިވެންޓްސް ފޮލޮވިންގ އިމިއުނައިޒޭށަން (އޭ.އީ.އެފް.އައި) ގައިޑްލައިން؛
  3. އިމިއުނައިޒޭށަން ހޭންޑްބުކް ފޮރ ހެލްތުކެއަރ ޕްރޮފެށަނަލްސް؛
  4. ވެކްސިން ޖޮބްއެއިޑް (ވެކްސިން ދިނުމުގެ އުސޫލުތައް).

(ނ) މި އުސޫލުގެ 21 ވަނަ މާއްދާގެ ދަށުން ވެކްސިނުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އަދާހަމަ އުސޫލާއި ގައިޑްލައިން އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

 

4 ވަނަ ބާބު

ގައިންގަޔަށް އަރާ ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ އާންމު ސިއްހަތު ޕުރޮގުރާމު

 

25 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ އާންމު ސިއްހަތު ޕުރޮގުރާމުގެ ހިދުމަތްތައް

އަންނަނިވި ހިދުމަތްތަކަކީ ގައިންގަޔަށް އަރާ ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ އާންމު ސިއްހަތު ޕުރޮގުރާމުގެ ދާއިރާއިން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކެވެ.

(ހ) ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުން (ކޮމިއުނިކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީ).

(ށ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލްކުރުން.

(ނ) ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ (ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އީ.ޕީ.އާރ)) ގެ ހިދުމަތްތައް.

(ރ) އާންމު ސިއްހަތާބެހޭ އިންސްޕެކްށަން (ޕަބްލިކް ހެލްތު އިންސްޕެކްށަން) ގެ ހިދުމަތްތައް.

 

26 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ މަގްސަދު

ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ (ކޮމިއުނިކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީ) މަގްސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ބަލިތައް އުޅޭ ނިސްބަތާއި ހާލަތު ބަޔާންކުރުމާއި ރިޕޯޓުކުރުން.

(ށ) ގައިންގަޔަށްއަރާ ބަލިތައް ދުރާލައި ދެނެގަނެ، ބަލި ކޮންޓްރޯލްކުރުމަށް އަވަހަށް ފިޔަވަޅުތައް އެޅުން.

(ނ) ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ބަލިތައް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އަޅައި، އެ ކަމާ ބެހޭ ކަންކަން ރާވައި ހިންގުން.

(ރ) އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަން (އައި.އެޗް.އާރ) ގައި ކަނޑައަޅައިފައިވާ އުސޫލުތައް ތަންފީޒުކުރުން.

 

27 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގައި ހިމެނޭ ބައިތައް

ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ރާއްޖޭގައި އާންމުކޮށް އުޅޭ ރޯގާތަކުގެ ޑެއިލީ ސަރވައިލަންސްގެ މަސައްކަތް ކުރުމުގެ ގޮތުން، ޑެއިލީ ސަރވައިލަންސްގެ ތެރެއިން ރިޕޯޓުކުރުމަށް ކަނޑައަޅައިފައިވާ ބަލިތަކުގެ ތަފާސްހިސާބުތައް، އެޖެންސީން ކަނޑައަޅައިފައިވާ ފޯމެޓްތަކާއި އުސޫލުތަކާއި ވަގުތުތަކާ އެއްގޮތަށް، ކޮންމެ ދުވަހަކު ވެސް ރިޕޯޓުކޮށް އަދާހަމަކުރުން.

(ށ) ކޭސް ބޭސްޑް ރިޕޯޓިންގއާއި ކޭސް އިންވެސްޓިގޭށަން މަސައްކަތްކުރުމުގެ ގޮތުން، ކޭސް ބޭސްޑްކޮށް ރިޕޯޓުކުރުމަށް ކަނޑައަޅައިފައިވާ ބަލިތަކުގެ މައުލޫމާތު އެއްކޮށް ބަލަހައްޓައި ރިޕޯޓުކުރުމާއި، ނޯޓިފައަބަލް ޑިޒީސްކަމުގައި ކަނޑައަޅައިފައިވާ ބައްޔެއް މީހެއްގެ ގައިގައި ހުރިކަމަށް ޔަގީންވާ ނަމަ ނުވަތަ މިއިން ބައްޔެއް ހުރިކަމަށް ށައްކުކުރެވޭ ނަމަ، 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި މި ބަލިތައް ރިޕޯޓުކުރުމަށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮމިއުނިކަބަލް ޑިޒީސް ނޯޓިފިކޭށަން ފޯމު" ފުރިހަމަކޮށް، ކަނޑައަޅައިފައިވާ ފޯމެޓްތަކާއި އުސޫލުތަކާއި ވަގުތުތަކާ އެއްގޮތަށް ރިޕޯޓުކުރުން. އަދި ހާއްސަ ސަމާލުކަމެއްދީގެން ސަރވައިލަންސްކުރާ ބަލިތައް (އޭ.އެފް.ޕީ، މީސަލްސް، ރުބެއްލާ، އިންފްލުއެންޒާ ފަދަ) ކަނޑައަޅައިފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ރިޕޯޓުކުރުމާއި، ކޭސް އިންވެސްޓިގޭޓްކުރުން.

(ނ) އިވެންޓް ބޭސްޑް ސަރވައިލަންސް މަސައްކަތްކުރުމުގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ބައްޔެއް އާދަޔާހިލާފަށް އިތުރުވާ ނަމަ ނުވަތަ ކާރިސާ/ހާދިސާއަކާ ގުޅިގެން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ހިނގާ ނަމަ، އެކަން ލަސްނުކޮށް އެޖެންސީއަށް ރިޕޯޓުކުރުމާއި، އެކަމަކާ ގުޅިގެން ހޯދަންޖެހޭ އެންމެހައި މައުލޫމާތު (ޑޭޓާ) އެއްކުރުމާއި އެނަލައިޒްކުރުމާއި ރިޕޯޓުކުރުން. އަދި އެކަމަށް އިޖާބަދިނުމަށް އެޖެންސީއާއި ކަމާބެހޭ އެންމެހައި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

(ރ) ލެބޯޓަރީ ސަރވައިލަންސް ހެދުމަށް ބޭނުންވާ މަސައްކަތްކުރުމުގެ ގޮތުން، ގައިންގަޔަށް އަރާ ބަލިތައް އަވަހަށް ދެނެގަތުމަށާއި، ބަލިމަޑުކަމަށް އިޖާބަދިނުމަށާއި، ބަލިތައް ނައްތައިލެވިފައިވާ ހާލަތު ދެމެހެއްޓުމަށް ޓަކައި ކަނޑައަޅާ ބަލިތަކަށް ލެބޯޓަރީ ޓެސްޓުކުރުމަށް ސާމްޕަލް ނެގުމާއި، ގެންގުޅުމާއި، އުފުލުމާއި، ރިޕޯޓުކުރުމުގެ މަސައްކަތްތައް، އެކަމަށް ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކުރުން.

 

28 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ އިންތިޒާމު

ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ (ކޮމިއުނިކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީ) މަސައްކަތްތައް ކުރުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) ކޮމިއުނިކަބަލް ޑިޒީސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީގެ ހިދުމަތްދޭނެ މުވައްޒަފުންނާއި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީން ހަމަޖައްސަންވާނެއެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކުގެ ސަރވައިލަންސް ޕުރޮގުރާމު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކިއެކި ހިދުމަތްދޭ މުވައްޒަފުންނާއި ސިއްހީ ހިދުމަތްތެރީންނެވެ. މި ފަރާތްތަކަށް މަސައްކަތް ހަވާލުކުރުމާއި މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރަންވާނެއެވެ.

(ށ) ގައިންގަޔަށް އަރާ ބަލިތަކުގެ ސަރވައިލަންސް މަސައްކަތްތައް، ސިއްހީ ހިދުމަތުގެ ފަންނީ ހުރިހާ މަސައްކަތްތެރީން ވެސް، އެ ފަރާތެއްގެ މަސައްކަތުގެ ދާއިރާއިން ކުރަންވާނެއެވެ. މި ހެލްތު ޕްރޮފެށަނަލުންގެ ތެރޭގައި ޕަބްލިކް ހެލްތު/ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި، މެޑިކަލް ރިކޯޑްސް/ޑޭޓާ މެނޭޖްމަންޓު އޮފިސަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓަރީ ޓެކްނިށަނުން/ލެބޯޓަރީގައި މަސައްކަތްކުރާ އެހެން ފަރާތްތައް ހިމެނެއެވެ. އަދި އެ ފަރާތްތަކުގެ މަސައްކަތުގެ ދާއިރާއިން އަދާކުރަންޖެހޭ ޒިންމާ، ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަވާލުކޮށް މަސައްކަތްކުރާކަން މޮނިޓަރ ކުރަންވާނެއެވެ.

(ނ) ގައިންގަޔަށް އަރާ ބަލިތަކުގެ ސަރވައިލަންސް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

  1. ގައިންގަޔަށް އަރާ ބަލިތަކުގެ ސަރވައިލަންސް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހުރިކަން ކަށަވަރުކުރުން؛
  2. ބަލިތަކުގެ މައުލޫމާތާއި ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުމާއި، ރިޕޯޓުކުރުމަށް ބޭނުންކުރާ ޑިޖިޓަލް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ސިސްޓަމްތަކާއި އެކަމަށް އެކަށީގެންވާ އަދި ކޮމްޕެޓިބަލް ކޮމްޕިއުޓަރ ސިސްޓަމްތައް ބެހެއްޓުން؛
  3. ލެބޯޓަރީ ސަރވައިލަންސް ހެދުމަށް ކަނޑައަޅައިފައިވާ ބަލިތަކުގެ ސާމްޕަލް ނެގުމަށާއި ސާމްޕަލް ޓްރާންސްޕޯޓްކުރުމަށް ކަމާބެހޭ އުސޫލާއި ގައިޑްލައިންތަކުގައި ބަޔާންކޮށްފައިވާ ޔުނިވަރސަލް ޓްރާންސްޕޯރޓް މީޑިއާ (ޔޫ.ޓީ.އެމް) އާއި ސާމްޕަލް ކެރިއަރ ފަދަ ތަކެތި ބެހެއްޓުން؛
  4. ބަލިތަކުގެ ހާލަތަށް ރިއާޔަތްކޮށް އަދި އެ ބައްޔަކަށް ކޮންމެހެން ދޭންޖެހޭ ހާއްސަ ފަރުވާގެ ބޭހާއި އެހެނިހެން ތަކެތި ބެހެއްޓުން.

(ރ) ގައިންގަޔަށް އަރާ ބަލިތަކުގެ ސަރވައިލަންސް މަސައްކަތް ހަރުދަނާކޮށް ކުރިޔަށްގެންދިއުމަށް ޓަކައި، އެ މަސައްކަތުގައި ބައިވެރިވާ އެންމެހައި ސިއްހީ ހިދުމަތްތެރީންނަށް އެކަށީގެންވާ ތަމްރީނާއި ރިފްރެށަރ ޕުރޮގުރާމުތައް، ތިރީގައިވާ ބައިތައް ހިމެނޭގޮތަށް ހިންގައި، އެ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

  1. ސަރވައިލަންސް މަސައްކަތް ކުރުމަށް އެ އެޖެންސީން އެކުލަވައިލައިފައިވާ އުސޫލުތަކާއި ގައިޑްލައިންތަކާ ގުޅޭގޮތުން ދެވޭ މައުލޫމާތު؛
  2. ބަލިތައް ދެނެގަތުމާއި، ރިޕޯޓުކުރުމާއި، ތަފާސްހިސާބު ނެގުމާއި، ބަލި ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ މައުލޫމާތު؛
  3. ބަލިމީހުންގެ މައުލޫމާތާއި އެ މީހުންނާ ގުޅުންހުރި ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓައި ގެންގުޅުމުގައި ސިއްރު ހިފެހެއްޓުމާބެހޭ މައުލޫމާތު؛
  4. ތަފާސްހިސާބުތައް ބެލެހެއްޓުމާބެހޭ ނުވަތަ ޑޭޓާ މެނޭޖްމަންޓާބެހޭ މައުލޫމާތާއި ތަފާސްހިސާބު އެއްކުރުމަށާއި އެނަލައިޒްކުރުމުގެ ތަމްރީނާއި މައުލޫމާތު.

 

29 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ގައިޑްލައިންތައް

(ހ) ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް، މި އުސޫލުގެ 26 ވަނަ މާއްދާގެ ދަށުން، މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ (ކޮމިއުނިކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީ) މަސައްކަތްތައް ކުރުމުގައި ބޭނުންކުރާނީ، ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކެވެ.

  1. ކޭސް ޑެފިނިށަން ގައިޑް: ނޮޓިފައިއަބަލް، ކޮމިއުނިކަބަލް ޑިޒީޒަސް؛
  2. ކޮމިއުނިކަބަލް ޑިޒީޒް ރިޕޯޓިންގ ގައިޑްލައިން؛
  3. ގައިޑް އޮން އިވެންޓް ބޭސްޑް ސަރވައިލަންސް؛
  4. ގައިޑް ޓު ހެލްތު ޕްރޮފެށަނަލް: މީސަލްސް، ރުބެއްލާ އެންޑް ކޮންޖެނިޓަލް ރުބެއްލާ ސަރވައިލަންސް؛
  5. އޮޕަރޭށަނަލް ގައިޑްލައިން ފޮރ ILI އެންޑް SARI ސަރވައިލަންސް؛

  6. ގައިޑްލައިންސް ފޮރ ލެބޯޓަރީ ސަރވައިލަންސް ޑެންގީ، ޗިކަންގުންޔާ އަދި ޒިކާ؛

  7. އޭއެފްޕީ ސަރވައިލަންސް އިންވެސްޓިގޭށަން ޕްރޮޓޮކޯލް އަދި އޭއެފްޕީ އިންވެސްޓިގޭށަން ފޯމް؛

  8. ކޮވިޑް 19 ކުއިކް ރިފަރެންސް ގައިޑްލައިންސް.

(ށ) ގައިންގަޔަށް އަރާ ބަލިތައް އުޅޭގޮތް ދެނެގަތުމަށް، މި އުސޫލުގެ 26 ވަނަ މާއްދާގެ ދަށުން މައުލޫމާތު އެއްކުރުމާއި ރިޕޯޓުކޮށް ބެލެހެއްޓުމުގެ (ކޮމިއުނިކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީ) މަސައްކަތްތައް ކުރުމުގައި ބޭނުންކުރާނެ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުންނާނެއެވެ.

 

30 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލްކުރުމަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ މަގުސަދު

ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމަށް މި އުސޫލުގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތައް ކޮންޓްރޯލްކުރުން.

(ށ) ރާއްޖޭގައި އާންމުކޮށް އުޅޭ، ގައިންގަޔަށް އަރާ ބަލިތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.

(ނ) ވެކްސިން ޖަހައިގެން ރައްކައުތެރިކުރެވޭ ބަލިތައް މަދުކުރުމާއި ކޮންޓްރޯލުކުރުން.

(ރ) ރާއްޖޭގައި ކޮންޓްރޯލުކޮށް ބަލަހައްޓާ ހާއްސަ ބަލިތައް ކޮންޓްރޯލުކުރުމާއި، އެފަދަ ބަލިތައް މުޅިން ނައްތައިލުން.

 

31 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލްކުރުމަށް ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް

ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމަށް މި އުސޫލުގެ 30 ވަނަ މާއްދާގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ރާއްޖޭގައި އާންމުކޮށް އުޅޭ (އެންޑަމިކް) ބަލިތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ ނަމަ، އެ ބަލިތައް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް ކުރުން.

(ށ) ރާއްޖެއަށް އަލަށް ތައާރަފުވާ ބަލިތަކާއި ރާއްޖޭގައި ނައްތައިލެވިފައިވާ ބަލިތަކާއި، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން ކޮންޓްރޯލުކުރެވިފައިވާ ބަލިތަކާއި، ވެކްސިން ދީގެން ކޮންޓްރޯލްކުރެވިފައިވާ ބަލިތައް އަލުން ތައާރަފުވިޔަނުދިނުމަށާއި، މިފަދަ ބައްޔެއް ފެތުރޭ ހާލަތެއްގައި ކޮންޓްރޯލުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް، އެ ބައްޔަކާ ގުޅޭގޮތުން ކަނޑައަޅައިފައިވާ އުސޫލާއި ގައިޑްލައިންގައިވާ ގޮތުގެ މަތީން ކުރުން. މީގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި، މީސަލްސް ފަދަ ބަލިތަކުގައި ރިންގް ވެކްސިނޭށަން ކުރިޔަށްގެންދިޔުމާއި، ޕަރޓުސިސް ފަދަ ބަލިތަކުގައި ކޮންޓެކްޓުންނަށް ބޭސްދިނުން ފަދަ ކަންކަން ހިމެނެއެވެ.

(ނ) ޓީ.ބީ، އެޗް.އައި.ވީ، ހެޕަޓައިޓިސް ފަދަ، ހާއްސަ ކޮންޓްރޯލް ޕުރޮގުރާމުތަކުގެ ދަށުން ބެލެހެއްޓޭ ބަލިތަކާއި، މެލޭރިއާ، ފައިލޭރިއާ ފަދަ، ރާއްޖެއިން ނައްތައިލެވިފައިވާ ބަލިތަކާއި، ލެޕްރަސީ ފަދަ، ކޮންޓްރޯލުކުރެވިފައިވާ ބަލިތަކަށް ފަރުވާދިނުމާއި، ފޮލޯއަޕާއި ޓެސްޓުތައް ހެދުމާއި، މި ފަދަ ބަލިތަކުގެ މީހުންގެ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް، އެޖެންސީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، އެޖެންސީގެ ކަމާބެހޭ ޕުރޮގުރާމުތަކާ ގުޅިގެން ކުރިޔަށްގެންދިއުން.

(ރ) ކާބޯތަކެތީންނާއި، އުޅޭ މާހައުލުންނާއި، ޖަނަވާރާއި ސޫފާސޫފީގެ ސަބަބުން ޖެހޭ، ގައިންގަޔަށް އަރާ ނުރައްކައުތެރި ބަލިތައް ކޮންޓްރޯލްކުރުމަށް، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ޓެސްޓުކުރުމަށް ސާމްޕަލް ނެގުމާއި، ސާމްޕަލް ބެލެހެއްޓުމާއި، އުފުލުމާއި، ރިޕޯޓުކުރުމުގެ މަސައްކަތްތައް، އެކަމަށް ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކުރުން.

(ބ) ގައިންގަޔަށް އަރާ ބަލިތަކާ ގުޅޭގޮތުން އާންމުންނާއި ބަލިޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ބަލީގެ ނުރައްކާ ބޮޑުވާ ފަދަ އުޅުމާއި އާދަތައް ބަދަލުކުރުމަށް އެކަށީގެންވާ ގޮތުގައި މައުލޫމާތު ދިނުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ހިންގުން.

 

32 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލްކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި، ކޮންޓްރޯލް (ކޮމިއުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމަށް، މި އުސޫލުގެ 30 ވަނަ މާއްދާގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ މަސައްކަތްތައް ކުރުމަށް އެ ދާއިރާއިން ހިދުމަތްދޭނެ މުވައްޒަފުންނާއި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރީން ހަމަޖައްސަންވާނެއެވެ. އަދި އެ ފަރާތްތަކަށް މި ރޮނގުން އަދާކުރަންޖެހޭ ޒިންމާ، ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަވާލުކޮށް މަސައްކަތްކުރާކަން މޮނިޓަރކުރަންވާނެއެވެ.

(ށ) މުޖުތަމައުގެ އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް، ކައުންސިލާއި މަދަނީ ޖަމުއިއްޔާތަކާއި ސްކޫލްތަކާއި އެހެނިހެން މުއައްސަސާތަކާއެކު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(ނ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

  1. ބަލިތައް ކޮންޓްރޯލްކުރުމަށް އާންމުކޮށް ކުރަންޖެހޭ ކަންތައްތަކަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް، އެޖެންސީއާއި މިނިސްޓްރީގެ ލަފާގެ މަތީން ހޯދައި ތަނުގައި ބެލެހެއްޓުން؛
  2. ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލުކުރުމުގެ ހާއްސަ ޕުރޮގުރާމުތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ ބޭހާއި އެހެނިހެން ތަކެތި، އެޖެންސީއާ ގުޅިގެން އަދި ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ހޯދައި ބެލެހެއްޓުން؛
  3. މަސައްކަތްތައް ހިންގުމުގައި ބޭނުންކުރެވޭ މައުލޫމާތާއި، ބަލިމީހުންނާއި އެ މީހުންނަށް ދެވޭ ފަރުވާއާބެހޭ މައުލޫމާތު، ސިއްރު ހިފެހެއްޓޭގޮތަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ރ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނަކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރެވޭ މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް އެކަށީގެންވާ ތަމްރީނާއި މައުލޫމާތުދީ، އެ ފަރާތްތައް މަސައްކަތަށް އަހުލުވެރިކުރުމުގެ އިންތިޒާމުތައް، ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މިގޮތުން ތަމްރީނާއި އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ ކަންތައްތައް އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެހީއާއެކު ކުރިޔަށް ގެންދަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

33 ވަނަ މާއްދާ - ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލްކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނަކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާނީ ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތަކެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނަކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ މަސައްކަތްތައް ކުރުމުގައި ބަލި ދެނެގަނެ ކޮންޓްރޯލުކުރުމަށާއި ރޯގާއެއް ކޮންޓްރޯލުކުރުމުގައި ހަދަންޖެހޭ އައުޓްބްރޭކް އިންވެސްޓިގޭށަނާއި ކޭސް އިންވެސްޓިގޭށަން ހެދުމުގައި ކޮމިއުނަކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީގެ ދަށުން އެކުލަވައިލައިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ކޭސް ޑެފިނިށަން ގައިޑް: ނޮޓިފައިއަބަލް، ކޮމިއުނިކަބަލް ޑިޒީޒަސް؛
  2. ނޭށަނަލް ލެޕްރަސީ މެނެޖްމަންޓް ގައިޑްލައިނާއި މި ގައިޑްލައިނުގައި ހިމެނޭ އެސްއޯޕީއާއި ފޯމުތައް؛
  3. ސަރވައިލަންސް ގައިޑްލައިން ފޮރ މެލޭރިއާ އިން ދަ މޯލްޑިވްސް؛
  4. ސަރވައިލަންސް ގައިޑްލައިން ފޮރ އެމްޕޮކްސް؛
  5. އެމްޕޮކްސް އިންވެސްޓިގޭށަން ފޯމް؛
  6. މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕުރޮގުރާމު ހިންގާނެ ގޮތުގެ އަތްމަތީފޮތް؛
  7. ގައިޑްލައިން ފޮރ މެނޭޖްމަންޓް އޮފް ޑެންގީ ފީވަރ އިން ޗިލްޑްރަން؛
  8. ލިމްފޭޓިކް ފިލޭރިއޭސިސްއާ ގުޅޭ މެޑިކޭށަން ގައިޑްލައިން، ކޭސް އިންވެސްޓިގޭށަން ފޯމް، ފީލްޑް ގައިޑް ފޮރ ސްކްރީނިންގ އަދި މެޑިކޭށަން ކާޑު؛
  9. ކްލިނިކަލް މެނޭޖްމަންޓް އޮފް ޗިކުންގުންޔާ ފީވަރ އިން ޗިލްޑްރަން؛
  10. ސްކްރަބް ޓައިފަސް އިންފޮރމޭށަން ށީޓް ފޮރ ޑޮކްޓަރސް؛
  11. އެކްސްކްލޫށަން ފްރޮމް ސްކޫލް/ ވަރކް/ ޑޭކެއަރ ފޮރ ކޮމަން ކޮމިއުނިކެބަލް ޑިޒީޒަސް (އެޗް.އެފް.އެމް.ޑީ، ޗިކަންޕޮކްސް، ކޮންޖަންކްޓިވައިޓިސް)؛
  12. ޓީބީ މަންތުލީ ރިޕޯޓިންގ ފޯމް؛
  13. ނޭށަނަލް ގައިޑްލައިންސް ފޮރ ޕްރޮގްރަމެޓިކް މެނެޖްމަންޓް އޮފް ޓިއުބަރކިއުލޯސިސް؛
  14. ނޭށަނަލް ގައިޑްލައިން ފޮރ މެނެޖްމަންޓް އޮފް މަލްޓި ޑްރަގް ރެސިސްޓަންޓް ޓިއުބަރކިއުލޯސިސް؛
  15. ގައިޑްލައިން ފޮރ ޕްރިވެންށަން އެންޑް ޓްރީޓްމަންޓް އޮފް ޗައިލްޑްހުޑް ޓިއުބަރކިއުލޯސިސް އިން ދަ މޯލްޑިވްސް؛
  16. މީސަލްސް އެންޑް ރުބެއްލާ އައުޓްބްރޭކް ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް ޕްލޭން؛
  17. ނޭށަނަލް ގައިޑްލައިންސް ފޮރ ޑައިގްނޯސިސް އެންޑް ޓްރީޓްމަންޓް އޮފް ހެޕަޓައިޓިސް ބީ؛
  18. ނޭށަނަލް ގައިޑްލައިންސް ފޮރ ޑައިގްނޯސިސް އެންޑް ޓްރީޓްމަންޓް އޮފް ހެޕަޓައިޓިސް ސީ؛

  19. ކޮމިޔުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލްއާ ގުޅޭގޮތުން އެކުލަވައިލައި، މިނިސްޓްރީއާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ ޕްލޭންތަކާއި އުސޫލުތަކާއި މިންގަނޑުތައް.

(ށ) ގައިންގަޔަށް އަރާ ބަލިތަކާއި އަލަށް ތައާރަފުވާ ބަލިތަކުން ރައްކައުތެރިވުމާއި ކޮންޓްރޯލް (ކޮމިއުނިކަބަލް ޑިޒީޒަސް ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި އުސޫލުގެ 30 ވަނަ މާއްދާގެ ދަށުން ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

34 ވަނަ މާއްދާ - ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ހިދުމަތްތަކުގެ މަގުސަދު

މި އުސޫލުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ (ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އީ.ޕީ.އާރ)) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ދިވެހިރާއްޖޭގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސިއްހީ ދާއިރާއިން އަމަލުކުރާނެ ގޮތްތައް ރާވައި، އެފަދަ ހާލަތްތަކަށް ތައްޔާރުވެފައިވުން.

(ށ) އެފަދަ ހާލަތްތަކުގައި އެކަށީގެންވާ ގޮތެއްގައި އަދި އެކަށީގެންވާ ވަގުތުގައި އިޖާބަދިނުން.

 

35 ވަނަ މާއްދާ - ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސްގެ ހިދުމަތް ދިނުމުގައި ހިމެނޭ ބައިތައް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ (ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އީ.ޕީ.އާރ)) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ނުވަތަ ކާރިސާއަށް ތައްޔާރުވެ ތިބުމަށް، ސިއްހީ ހިދުމަތްދޭ ތަންތަނުން، އަންނަނިވި ކަންތައްތައް ކުރުން.

  1. ސިއްހީ ހިދުމަތްދޭ ތަންތަނުގެ "އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް ޕްލޭން" ނުވަތަ "ހޮސްޕިޓަލް އެމަރޖެންސީ ރެސްޕޮންސް ޕްލޭން" ތައްޔާރުކުރުމާއި، ދިމާވާ ހާލަތްތަކަށް ރިއާޔަތްކޮށް އެ ޕްލޭން އަދާހަމަކުރުން؛
  2. ކާރިސާތަކާއި އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރުމަށް އެކަށައަޅައިފައިވާ ޕްލޭންތަކާއި އުސޫލުތަކާ އެއްގޮތަށް އެމަރޖެންސީ ހާލަތްތަކުގައި ބޭނުންވާ ތަކެތީގެ ލިސްޓާއި "އެމަރޖެންސީ ސްޓޮކް" ހޯދައި ބެލެހެއްޓުން؛

  3. އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސްއާ ބެހޭގޮތުން ސިއްހީ ހިދުމަތްދޭ މުވައްޒަފުންނާއި އެކި ދާއިރާތަކުގެ ކަމާބެހޭ މީހުން ހިމަނައިގެން ތަމްރީނު ޕުރޮގުރާމުތަކާއި އެމަރޖެންސީ ސިމިއުލޭށަން އެކްސަސައިޒަސް ހިންގުން؛

  4. ހެލްތު އެމަރޖެންސީ އޮޕަރޭށަން ސެންޓަރ (އެޗް.އީ.އޯ.ސީ) ހަރުދަނާކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އެޗް.އީ.އޯ.ސީ.ގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕުރޮގުރާމުތައް ހިންގުމާއި، ސިމިއުލޭށަން އެކްސަސައިޒް ބޭއްވުން.

(ށ) ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ނުވަތަ ކާރިސާއަށް އިޖާބަދިނުމުގައި، ސިއްހީ ހިދުމަތްދޭ ތަންތަނުން، ތިރީގައިވާ ކަންތައްތައް ކުރުން.

  1. ކާރިސާތަކާއި އެމަރޖެންސީ ހާލަތްތަކުގައްޔާއި ނުރައްކައުތެރި ބައްޔެއް ފެތުރެމުންދާ ހާލަތެއްގައި ރެޕިޑް އެސެސްމަންޓް ނުވަތަ ރިސްކް އެސެސްމަންޓް ހެދުމާއި، އަތޮޅުތެރޭގައި ކާރިސާއެއްގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގައި ސިއްހީ ހިދުމަތްތެރީންނަށް ލަފަޔާއި އިރުށާދު ދިނުން؛
  2. އަތޮޅުގައި ނުވަތަ އެ އަތޮޅުގެ ރަށެއްގައި ގައިންގަޔަށް އަރާ ބަލިތަކުގެ ސަބަބުން ނުވަތަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، (މިސާލަކަށް؛ އެކި ދުވަސްވަރުގައި ކުރިމަތިވާ ޑިޒީޒް އައުޓްބްރޭކްތަކާއި، ފެންބޮޑުވުމާއި، އުދައެރުން ފަދަ ކަންކަމާ ގުޅިގެން) އިޖާބަދިނުމުގެ ގޮތުން ރިސްކް އެސެސްމަންޓް ހަދައި، ހެލްތު އެމަރޖެންސީ އޮޕަރޭށަން ސެންޓަރު އެކްޓިވޭޓްކޮށް، މިފަދަ ހާލަތްތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި އަވަސް އިޖާބައެއް ދިނުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، އެޖެންސީގެ ނުވަތަ މިނިސްޓްރީގެ ލަފަޔާއެކު ރާވައި ހިންގުން؛
  3. ކާރިސާތަކާއި އެމަރޖެންސީ ހާލަތްތަކުގައި ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާ ހާލަތަކަށް އިޖާބަދިނުމުގައި ހަރަކާތްތެރިވާ ހޮސްޕިޓަލުގެ މުވައްޒަފުން، އެހެން ސެކްޓަރުތަކުގެ މީހުންނަށް ނުވަތަ ވޮލެންޓިއަރުންނަށް ބޭނުންވާ ތަމްރީނު ދިނުން (މިސާލަކަށް؛ ކޮންޓެކްޓް ޓްރޭސިންގގައި ބައިވެރިވާ މީހުންނަށް މި ކަމުގެ ތަމްރީނު ދިނުން)؛

  4. އެމަރޖެންސީ ސްޓޮކް ހުރިކަން ކަށަވަރުކޮށް، ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްކުރުން.

 

36 ވަނަ މާއްދާ - ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން

ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އީ.ޕީ.އާރ) ގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) މި މަސައްކަތް ހިންގުމުގައި އަތޮޅު ފެންވަރުގައި އެންމެ އިސް ރޯލެއް އަދާކުރާ ފަރާތެއްގެ ގޮތުގައި، ކޮމިއުނިޓީ ހެލްތު އޮފިސަރުން ހަމަޖައްސަންވާނެއެވެ. މީގެ އިތުރުން، އެމަރޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލުގެ އެކި ޕްރޮފެށަންގެ މުވައްޒަފުން ބައިވެރިކުރަންވާނެއެވެ. އަދި އެ ފަރާތްތަކަށް އެ ޒިންމާ، ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަވާލުކޮށް، މަސައްކަތް ކުރާކަން މޮނިޓަރ ކުރަންވާނެއެވެ.

(ށ) އީ.ޕީ.އާރު.ގެ މަސައްކަތް ހިންގުމުގައި ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ތަކެތި، އެޖެންސީން ނުވަތަ މިނިސްޓްރީގެ ކަމާބެހޭ ފަރާތުން ހޯދައި ބަލަހައްޓަންވާނެއެވެ.

(ށ) އެމަރޖެންސީ ހާލަތްތަކަށް ތައްޔާރުވެ، އެންމެ އެކަށޭނަ ގޮތެއްގައި އިޖާބަދިނުމަށް، ކަމާ ގުޅުންހުރި ފަރާތްތަކަށް، ތިރީގައިވާ ތަމްރީނުތައް ފޯރުކޮށްދޭންވާނެއެވެ.

  1. ހެލްތު އެމަރޖެންސީ އޮޕަރޭށަން ސެންޓަރ (އެޗް.އީ.އޯ.ސީ) ހިންގުމުގެ މައުލޫމާތާއި ތަމްރީނު؛
  2. އެމަރޖެންސީ ހާލަތަކާ ގުޅިގެން ދެވޭ ހާއްސަ ތަމްރީނު (މިސާލަކަށް؛ އައުޓްބްރޭކް ހާލަތުގައި ކޮންޓެކްޓް ޓްރޭސިންގ ޓްރެއިނިންގ، ރެޕިޑް ރެސްޕޮންސް ޓީމް ޓްރެއިނިންގ)؛
  3. ހޮސްޕިޓަލް ޕްރިޕެއަރޑްނެސް ފޮރ އެމަރޖެންސީސް (ހޯޕް) ޓްރެއިނިންގ.

 

37 ވަނަ މާއްދާ - ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް

(ހ) ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އީ.ޕީ.އާރ) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގައި ބޭނުންކުރާނީ، ކަމާބެހޭގޮތުން އެކުލަވައިލައިފައިވާ، ތިރީގައިވާ ޕްލޭންތަކާއި، އެ ޕްލޭންތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި މިންގަނޑުތަކެވެ.

  1. ހެލްތު އިމަރޖެންސީ އޮޕަރޭށަން ޕްލޭނާއި، އޭގައި ހިމެނޭ މިންގަނޑުތައް؛
  2. ނޭށަނަލް ޕެންޑަމިކް ޕްރިޕެއަރޑްނެސް އެންޑް ރެސްޕޯންސް ޕްލޭނާއި، އޭގައި ހިމެނޭ މިންގަނޑުތައް؛
  3. ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސާ ގުޅޭގޮތުން އެކުލަވައިލައި، މި މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ ޕްލޭންތަކާއި އުސޫލުތަކާއި މިންގަނޑުތައް.

(ށ) ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް (އީ.ޕީ.އާރ) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގައި ބޭނުންކުރާނެ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

38 ވަނަ މާއްދާ - އާންމު ސިއްހަތާބެހޭ އިންސްޕެކްށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން އާންމު ސިއްހަތާބެހޭ އިންސްޕެކްށަން (ޕަބްލިކް ހެލްތު އިންސްޕެކްށަން) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) އާންމު ސިއްހަތަށް ނުރައްކާވާ ފަދަ އަމަލާއި ހާލަތް ކަމަށް ބެލެވޭ ކަންކަން ދެނެގަނެ، އެ ކަންކަން ރަނގަޅުކުރަން ފިޔަވަޅު އަޅައި، އެ ހާލަތްތައް މަދުކުރުން.

(ށ) ސިއްހީގޮތުން ރައްކައުތެރިކަން އޮތް މާހައުލެއް ދެމެހެއްޓުމަށް ފާރަވެރިވެ ބެލެހެއްޓުން.

(ނ) ނުސާފު މާހައުލާއި ބަލި ފެތުރުމުގެ ހާލަތުތައް އޮތްގޮތާއި މިންވަރު ދެނެގަތުމާއި، އެފަދަ ކަންކަމުން ރައްކައުތެރިވުމަށް ފިޔަވަޅުއެޅުން.

 

39 ވަނަ މާއްދާ - އާންމު ސިއްހަތާބެހޭ އިންސްޕެކްށަން ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

އާންމު ސިއްހަތާބެހޭ އިންސްޕެކްށަން (ޕަބްލިކް ހެލްތު އިންސްޕެކްށަން) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.
(ހ) އާންމު ސިއްހަތާ ގުޅުންހުރި، އާންމު ށަކުވާތައް ބަލައިގަނެ، އިންސްޕެކްޓްކޮށް، ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ ކަމާ ގުޅޭގޮތުން ފިޔަވަޅުއަޅައި ރިކޯޑުކުރުން.

(ށ) ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) އާއި، ސިއްހީ ދާއިރާއިން ތަންފީޒުކުރާ އެހެނިހެން ގާނޫނުތަކުގެ ދަށުން ތަންފީޒުކުރާ ގަވާއިދުތަކާއި އުސޫލުތަކުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އާންމު ހިދުމަތްތަކާއި ޒާތީ ހިދުމަތްތަކާއި މަސައްކަތުގެ މާހައުލުގައި އަމަލުކުރަމުންދޭތޯ ޗެކްކޮށް ބަލައި ފާސްކުރުމާއި، ކަނޑައަޅައިފައިވާ ގޮތުގެ މަތީން ފިޔަވަޅުއެޅުން.

(ނ) ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި ދެނެގަތުމުގެ މަސައްކަތްކުރުން.

 

40 ވަނަ މާއްދާ - އާންމު ސިއްހަތާބެހޭ އިންސްޕެކްށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

(ހ) ޕަބްލިކް ހެލްތު އިންސްޕެކްށަނުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

  1. ގްރޭޓަރ މާލެ އޭރިޔާގައި އާންމު ސިއްހަތާ ގުޅޭ އިންސްޕެކްށަންތައް ކުރިޔަށްގެންދާނީ، އެޖެންސީއާއި އޮތޯރިޓީއާއި މިނިސްޓްރީގެ ކަމާބެހޭ ދާއިރާތަކާއި ކަމާބެހޭ މިނޫންވެސް މުއައްސަސާތަކުން އެ މަސައްކަތް ކުރުމަށް ވަކި އުސޫލުތަކެއްގެ މަތިން ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުންނެވެ.
  2. ގްރޭޓަރ މާލެ އޭރިޔާ ފިޔަވައި އެހެން ސަރަހައްދުތަކުގައި މި މަސައްކަތްތައް ކުރިޔަށްގެންދާނީ ހޮސްޕިޓަލުގެ ނުވަތަ ހެލްތު ސެންޓަރުގެ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުމަށް ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުންނާއި، ހޮސްޕިޓަލުން ނުވަތަ ހެލްތު ސެންޓަރުން ކަނޑައަޅާ އުސޫލެއްގެ މަތިން މި މަސައްކަތް ކުރުމަށް ޒިންމާ ހަވާލުކުރާ، ކަމާ ގުޅޭ އެހެން މުއައްސަސާތަކުގެ މުވައްޒަފުންނެވެ.

(ށ) މަސައްކަތް ހިންގުމުގައި ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

  1. ގްރޭޓަރ މާލެ އޭރިޔާގައި މި މަސައްކަތް ކުރިޔަށްގެންދިޔުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދައި ފޯރުކޮށްދޭނީ، އެޖެންސީއާއި، އޮތޯރިޓީއާއި، މިނިސްޓްރީގެ ކަމާބެހޭ ދާއިރާތަކުންނެވެ.
  2. ގްރޭޓަރ މާލެ އޭރިޔާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ޕަބްލިކް ހެލްތު އިންސްޕެކްށަން ހެދުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާނީ، އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުންނެވެ.
  3. ގްރޭޓަރ މާލެ އޭރިޔާ ފިޔަވައި އެހެން ސަރަހައްދުތަކުގައި ޕަބްލިކް ހެލްތު އިންސްޕެކްށަން ހެދުމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ އެ މަރުކަޒަކުންނެވެ.
  4. މަސައްކަތް ކުރިޔަށްގެންދިއުމުގެ ޓެކްނިކަލް ލަފަޔާއި އިރުށާދުތަކާއި އެހެނިހެން ސަޕޯޓް، އެޖެންސީގެ ޕަބްލިކް ހެލްތު އިންސްޕެކްށަނާބެހޭ ސެކްށަނުން ފޯރުކޮށްދެވޭނެއެވެ.

(ނ) ޕަބްލިކް ހެލްތު އިންސްޕެކްށަންތައް ހިންގުމަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު، ތިރީގައިވާ ގޮތުގެ މަތީން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

  1. އިންސްޕެކްށަނުގެ މަސައްކަތް ކުރުމުގެ ޒިންމާ ހަވާލުކުރެވޭ ހުރިހާ ފަރާތްތަކަށް އެކަމާބެހޭ މައުލޫމާތާއި ތަމްރީނު އެކަށީގެންވާ ގޮތުގައި ދިނުމުގެ އިންތިޒާމު، އިންސްޕެކްޓަރުން ވަޒީފާ އަދާކުރާ ތަނުން ހަމަޖައްސަންވާނެއެވެ. އަދި މިކަން ހަމަޖައްސާނީ، މިނިސްޓްރީއާއި އެޖެންސީއާއި އޮތޯރިޓީގެ ލަފަޔާއި އިރުށާދާއި އެހީއާ އެކުގައެވެ؛
  2. އިންސްޕެކްށަންތައް ކުރިޔަށްގެންދާނެ ގޮތާއި އަޅަންޖެހޭ ފިޔަވަޅުތައް އެސްއޯޕީތަކުގައި ބަޔާންކޮށް، އެކަމާބެހޭ މިންގަނޑުތައް ކަނޑައަޅާނީ، އެޖެންސީއާއި އޮތޯރިޓީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުންނެވެ. އަދި އެސްއޯޕީތަކުގައިވާ ގޮތުގެ މަތީން މުވައްޒަފުން އަހުލުވެރިކުރުމަށް އިސްވެ ޕުރޮގުރާމުތައް، މި ފަރާތްތަކުން ހިންގަންވާނެއެވެ.

 

41 ވަނަ މާއްދާ - ޕަބްލިކް ހެލްތު އިންސްޕެކްށަނުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ޕަބްލިކް ހެލްތު އިންސްޕެކްށަނުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ސިއްހަތަށް ނުރައްކާތެރިކަމެއް ކުރިމަތިވާނެ ހާލަތްތަކަށް ރިއާޔަތްކޮށް އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި ގައިޑްލައިންތަކަށް ރިއާޔަތް ކުރަންވާނެއެވެ. މީގެ ތެރޭގައި، ތިރީގައިވާ ގާނޫނާއި ގަވާއިދުތަކާއި ގައިޑްލައިންތައް ހިމެނެއެވެ.

  1. ގަވާއިދު ނަންބަރު 2024-63 (މަދިރިއާއި، މީދަލާއި، ބަލިޖައްސާ ބާވަތުގެ އެހެނިހެން ސޫފާސޫފި ކޮންޓްރޯލްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު)؛
  2. މަދިރިއާއި، ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕުރޮގުރާމު ހިންގާނެ ގޮތުގެ އަތްމަތީ ފޮތް؛
  3. ގަވާއިދު ނަންބަރު 2025-18 (ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު)؛
  4. ގާނޫނު ނަންބަރު 2010-15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު)؛
  5. ގަވާއިދު ނަންބަރު 2025-21 (ދުންފަތް ކޮންޓްރޯލުކުރުމާ ގުޅޭ އާންމު ގަވާއިދު)؛
  6. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމާބެހޭ ގޮތުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތައް؛
  7. ސިއްހީގޮތުން ހުންނަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާ މިންގަނޑުތަކާއި ޕްލޭންތަކާއި އުސޫލުތައް.

(ށ) ޕަބްލިކް ހެލްތު އިންސްޕެކްށަނުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުގައި ފެންނަން ހުންނާނެއެވެ.

 

 

5 ވަނަ ބާބު

ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުވުމާއި ކޮންޓްރޯލުކުރުމުގެ ހިދުމަތްތައް

 

42 ވަނަ މާއްދާ - ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ ހިދުމަތްތައް

އަންނަނިވި ހިދުމަތްތަކަކީ ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ އާންމު ސިއްހަތު ޕުރޮގުރާމުގެ ދާއިރާއިން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކެވެ.

(ހ) ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލު (އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލު) ކުރުމުގެ ހިދުމަތްތައް.

(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅާ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް.

 

43 ވަނަ މާއްދާ - ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލް (އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ގައިންގަޔަށް ނާރާ ބަލިތައް ދުރާލައި ދެނެގަތުން.

(ށ) ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ހުރިގޮތް ދެނެގަތުމާއެކު، އަވަހަށް ފަރުވާ ފެށުން.

(ނ) ގައިންގަޔަށް ނާރާ ބަލިތައް ޖެހިފައިވާ ފަރާތްތަކުގެ ބަލި ކޮންޓްރޯލްކުރުމާއި، މި ފަދަ ބަލިތަކުގެ ސަބަބުން ދިމާވެދާނެ ނުކުޅެދުންތެރިކަމާއި ބަލީގެ ސަބަބުން ދިމާވާ ސިއްހީ އިތުރު މައްސަލަތަކުން ރައްކައުތެރިވުން.

 

44 ވަނަ މާއްދާ - ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލް (އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލް) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު އަމަލުތަކާއި އާދަތަކާއި ހިރާސްތައް (ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަރުދަން މާބޮޑަށް އިތުރުވުން ފަދަ ކަންކަން) ހުރި ފަރާތްތަކަށް ހެލްތު ސްކްރީނިންގ ހެދުން. މިގޮތުން ކަނޑައެޅޭ އުމުރުފުރާތަކުގެ މީހުން ލޭމައްޗަށް ދިއުމާއި، ހަކުރުބައްޔާއި، ހިތުގެބައްޔާއި، ކެންސަރާއި، ނަފުސާނީ މައްސަލަތަކާއި، އެފަދަ އެހެންވެސް މައްސަލަތަކަށް ހެލްތު ސްކްރީނިންގ ހެދުން.

(ށ) ގައިންގަޔަށް ނާރާ ބަލިތައް ޖެހިފައިވާ ފަރާތްތަކުގެ ބަލި ކޮންޓްރޯލްކުރުމާއި، މި ފަދަ ބަލިތަކުގެ ސަބަބުން ދިމާވެދާނެ ނުކުޅެދުންތެރިކަމާއި ސިއްހީ އިތުރު މައްސަލަތަކުން ރައްކައުތެރިވުމަށް މައުލޫމާތާއި އިރުށާދު ދިނުން.

(ނ) ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ވައްޓަފާޅިއާއި ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ ހިރާސްތައް (ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަރުދަން މާބޮޑަށް އިތުރުވުން ފަދަ ކަންކަން) ހުރި ގޮތް ބަލައި، މިފަދަ ބައްޔަކަށް ހުށަހެޅިދާނެކަމަށް ފާހަގަވާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކަށް ސިއްހީ ލަފަޔާއި އިރުށާދު ދިނުން.

(ރ) ގައިންގަޔަށް ނާރާ ގިނަ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކަށްވުމާއެކު، މިފަދަ ބަލިތަކުން ރައްކައުތެރިވެއުޅުމަށް ނަސޭހަތްތެރިވެ، އެކަމާ ގުޅުންހުރި މައުލޫމާތު ސެށަންތަކާއި ހަރަކާތްތައް ރާވައި ހިންގުން.

(ބ) ގައިންގަޔަށް ނާރާ ބަލިތައް ޖެހިފައިވާ މީހުންނާއި މި ފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސްތައް ހުރި ފަރާތްތަކުގެ މައުލޫމާތު ރިކޯޑުކޮށް ބެލެހެއްޓުމާއި، ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށް ބަލިތަކާއި ބަލިމީހުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި ރިޕޯޓުކުރުމުގެ މަސައްކަތްތައް ކުރުން.

 

45 ވަނަ މާއްދާ - ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލު (އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލު) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) ކަނޑައެޅިފައިވާ އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލުގެ މަސައްކަތްތައް ކުރުމަށް، ސިއްހީ ހިދުމަތްދޭ ތަނުން، އެ މަސައްކަތަކަށް އެކަށީގެންވާ ގޮތުގެ މަތީން މުވައްޒަފުން ހަމަޖައްސަންވާނެއެވެ. މި މަސައްކަތްތައް ކުރުމަށް އެ ބައެއްގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މަސައްކަތްތައް ކަނޑައަޅައި ހަމަޖައްސަންވާނެއެވެ. މިގޮތުން، ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި، ފެމިލީ ހެލްތު އޮފިސަރުންނާއި، ނަރުހުންނާއި، ޑޮކްޓަރުންނާއި، ޑޭޓާ މެނޭޖްމަންޓް އޮފިސަރުންނާއި، މެޑިކަލް ރިކޯޑްސް އޮފިސަރުން ހަމަޖެއްސިދާނެއެވެ.

(ށ) އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ސިއްހީ ހިދުމަތްދޭ ތަނަކުން ހަމަޖައްސަންވާނެއެވެ.

  1. ބަލިތައް ދުރާލައި ދެނެގަތުމަށް ކަނޑައެޅިފައިވާ އުމުރުފުރާތަކުގެ މީހުންގެ ސްކްރީނިންގ ކުރުމަށް ބޭނުންވާ ވަސީލަތާއި ތަކެތި، ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހޯދައި، ސްޓޮކް ބަލަހައްޓަންވާނެއެވެ؛
  2. ކަނޑައަޅައިފައިވާ ގޮތުގެ މަތީން މައުލޫމާތާއި އިރުށާދު ދިނުމާއި، މައުލޫމާތު ސެށަންތައް ބޭއްވުމަށް، ތަނާއި އެހެނިހެން އިންތިޒާމުތައް، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ؛
  3. ގައިންގަޔަށް ނާރާ ބަލިތަކުގެ މީހުންގެ މައުލޫމާތު ބެލެހެއްޓުމަށް ޓަކައި ޕްރައިމަރީ ހެލްތުކެއަރގެ ހިދުމަތުގެ ތެރެއިން ގާއިމުކުރެވިފައިވާ ސިސްޓަމް ("ޕީ.އެޗް.ސީ ޕޯރޓަލް" DHIS2) އަށް މައުލޫމާތު އަޅައި ބެލެހެއްޓުމަށް ބޭނުންވާ ކަންކަން، މިނިސްޓްރީގެ ކަމާބެހޭ ފަރާތުން ހޯދަންވާނެއެވެ؛
  4. ކެންސަރު ބަލީގެ ދަފުތަރަށް މައުލޫމާތު އެޅުމަށް ހަމަޖެހިފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުން ކެންސަރު ބަލީގެ ދަފުތަރު (އެން.ސީ.އާރ ޕޯރޓަލް DHIS2) އަށް މައުލޫމާތު އަޅައި ބެލެހެއްޓުމަށް ބޭނުންވާ ކަންކަން، އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތުން ހޯދަންވާނެއެވެ.

(ނ) ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލު (އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލު) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހަވާލުކުރެވޭ މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް އެކަށީގެންވާ ތަމްރީނާއި މައުލޫމާތުދީ، އެ ފަރާތްތައް މަސައްކަތަށް އަހުލުވެރިކުރުމުގެ އިންތިޒާމުތައް، ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މިގޮތުން ތަމްރީނާއި އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ ކަންތައްތައް، އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެހީއާއެކު ކުރިޔަށް ގެންދަންވާނެއެވެ. މި ތަމްރީނުތައް އޮންލައިންކޮށް ދިނުމަކަށް މި އުސޫލު ހުރަހެއް ނާޅައެވެ.

 

46 ވަނަ މާއްދާ - ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލު ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލު (އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލު) ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް ބޭނުންކުރަންވާނެއެވެ. މި އުސޫލުތަކާއި ގައިޑްލައިންތައް ފޯރުކޮށްދޭނީ، އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުންނެވެ.

  1. ޕެކެޖް އޮފް އެސެންށަލް ނޮންކޮމިއުނިކަބަލް ޑިޒީޒަސް (ޕެން) އިންޓަރވެންށަންސް ފޮރ ޕްރައިމަރީ ހެލްތުކެއަރ ސަރވިސަސް؛
  2. ނޭށަނަލް ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން؛
  3. ފުޑް ބޭސްޑް ޑައިޓްރީ ގައިޑްލައިން؛
  4. އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލާ ގުޅޭގޮތުން އެކުލަވައިލައި މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރާ ޕްލޭންތަކާއި އުސޫލުތަކާއި މިންގަނޑުތައް.

(ށ) ގައިންގަޔަށް ނާރާ ބަލިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކުން ރައްކައުތެރިކުރުމާއި ކޮންޓްރޯލުކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

47 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅާ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ދުންފަތުގެ ނުރައްކަލުން ދުރުހެލިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުން.

(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއެޅުމާއި، އެ ފަރާތްތަކަށް އެހީތެރިކަން ދިނުން.

(ނ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ޓޮބޭކޯ ސެޒޭށަނުގެ ހިދުމަތްތައް ފޯރުކޮށްދިނުން.

 

48 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅާ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ދެނެގަނެ، ދުންފަތުގެ އިސްއިތުމާލުކުރުން ހުއްޓައިލުމަށް އެ ފަރާތްތަކަށް ނަސޭހަތްދިނުމާއި، އެކަމާބެހޭ މައުލޫމާތު ދިނުން. 

  1. ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރާކަމަށް ފާހަގަވާ ފަރާތްތައް ދެނެގަތުމަށް ހޮސްޕިޓަލުގެ ނުވަތަ ސިއްހީ މަރުކަޒުގެ ހިދުމަތްތަކުގެ ތެރެއިން އިންތިޒާމުތައް ހަމަޖައްސައިފައި ހުންނަންވާނެއެވެ؛
  2. މި މަސައްކަތުގެ ތެރޭގައި ސިއްހީ އެކިއެކި ކަންކަމަށް ހިދުމަތް ހޯދަން އަންނަ އެންމެންގެ ފަރާތުން އެ މީހުން އެއްވެސްވަރަކަށް، ދުންފަތުގެ އެއްވެސް ބާވަތެއްގެ އިސްތިއުމާލުކުރޭތޯ ސުވާލުކޮށް އެ މައުލޫމާތު އޮޅުންފިލުވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާން ނުވަތަ ހުއްޓައިލަން އެ މީހުން ބޭނުންތޯ ސުވާލުކުރުމާއި، އެ ހިދުމަތް ލިބެން ހުރިކަން ބުނެދީ، އެ ހިދުމަތް ހޯދުމަށް ހިތްވަރުދީ ބާރުއެޅުން ހިމެނެއެވެ؛
  3. ސެޒޭށަންގެ ހިދުމަތް ހޯދުމަށް އެދި، ފޯނާއި އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ

(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބޭނުންކުރާ ބޭހާއި ތަކެތި، ޑޮކްޓަރުގެ ލިޔުން (ޕްރެސްކްރިޕްށަން) ދީގެން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މި ތަކެތި ލިބެން ހުންނާނެގޮތުގެ މައުލޫމާތު ދިނުމާއި، އެ ތަކެތި ނުލިބިއްޖެ ނަމަ، އެކަމަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

49 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅާ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.
(ހ) ހިދުމަތްދޭނެ މުވައްޒަފުން ނުވަތަ ސިއްހީ ހިދުމަތްތެރީން ހަމަޖެއްސުން؛ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅާ، މި އުސޫލުގެ 48 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމުގެ އިންތިޒާމު، ތިރީގައިވާ ތަންތަނުން ނުވަތަ ހިދުމަތްދިނުމުގެ މަރުހަލާތަކުން ހަމަޖައްސަންވާނެއެވެ.

  1. ރިސެޕްށަން/މެމޯ ހެދުން/ރަޖިސްޓަރީކުރުމުގެ ތެރެއިން؛

  2. ޑޮކްޓަރަށް ދެއްކުމަށް ކުރެވޭ ކޮންސަލްޓޭށަނުގެ ތެރެއިން؛

  3. ހެލްތު ސްކްރީނިންގ ފަދަ ޓެސްޓްތައް ހެދުމާއި ތަހުލީލުތައް ހެދުމުގެ މަރުހަލާގެ ތެރެއިން.

(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ކަނޑައަޅައިފައިވާ ފޯމުގައި އެ މައުލޫމާތުތައް ފުރިހަމަކޮށް، ސެޒޭށަން ކްލިނިކުގެ ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް، އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ

(ނ) މި އުސޫލުގެ 48 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރާނީ ސެޒޭށަންގެ ހިދުމަތް ދިނުމަށް ހަމަޖައްސައިފައިވާ މުވައްޒަފުން ނުވަތަ ފަރާތްތަކުންނެވެ. މީގެ ތެރޭގައި ޕަބްލިކް ހެލްތު އޮފިސަރުންނާއި، ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި، ފެމިލީ ހެލްތު އޮފިސަރުންނާއި، ނަރުހުންނާއި، ޑޮކްޓަރުންނާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމައު ރައްކައުތެރިކުރުމަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުގެ މެންބަރުންނާއި، އެކަމަށް އެހީތެރިކަން ދޭން ބޭނުންވާ ޓެކްނިކަލް އެހެން ވޮލަންޓިއަރުން ހިމެނިދާނެއެވެ.

(ރ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތައް ހުއްޓައިލުމަށް ބާރުއަޅައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ތިރީގައިވާ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

  1. ސެޒޭށަންގެ ހިދުމަތް ދިނުމަށް ހާއްސަކުރެވިފައިވާ ތަނެއް ނުވަތަ ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއެކު، މައުލޫމާތު ފޯރުކޮށްދީ، ދެފަރާތުން އިތުބާރާއެކު މަށްވަރާކޮށް ވާހަކަދެއްކޭނެ ކްލިނިކް ފަދަ ތަނެއް (ޕްރައިވަސީ ލިބޭ ތަނެއް) ނުވަތަ ވަކިން ނުވަތަ ވަކި ގަޑިތަކެއްގައި ބޭނުންކުރެވޭ ގޮތަށް ހާއްސަކޮށްފައިވާ ތަނެއް ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި މިތަނުގައި މި ހިދުމަތް ދިނުމަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ހަމަކޮށްފައި ހުންނަންވާނެއެވެ؛
  2. ސެޒޭށަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހިދުމަތް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ ނުވަތަ ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާ ބަޔާނުގައި، މި މަސައްކަތްތައް ފާހަގަކޮށް، މި ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަމަޖައްސައި، މެނޭޖްމަންޓުން އެ މުވައްޒަފުން މި ކަމަށް ބާރުވެރިކުރަންވާނެއެވެ. މި ހިދުމަތަށް މުވައްޒަފުން ހަމަޖައްސާނީ، މަތީގައިވާ މަސައްކަތަށާއި މުވައްޒަފުންގެ މަސްއޫލިއްޔަތަށް ރިއާޔަތްކޮށެވެ؛

  3. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ ކަންތައްތަކަށާއި، ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހިދުމަތް ދިނުމަށް ލިޔެކިޔުމަށް ބޭނުންވާ ސާމާނާއި، ޕޭށަންޓުންގެ އެގްޒެމިނޭށަނަށް ބޭނުންވާ އާލާތްތައް، ހޮސްޕިޓަލުގައި ނުވަތަ ސިއްހީ މަރުކަޒުގައި މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ޅ) ޓޮބޭކޯ ސެޒޭށަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ހިދުމަތް ދިނުމަށް ހަމަޖައްސާ މުވައްޒަފުންނަށް ކުރަން ހަވާލުކުރެވޭ މަސައްކަތާ ގުޅޭގޮތުން އޮރިއެންޓޭށަނާއި، ކަމާބެހޭ ހޭލުންތެރިކަން އިތުރުކޮށް، މަސައްކަތަށް އަހުލުވެރިވުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. އަދި މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ލަފަޔާއި އެހީއާއެކު މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. މިކަމަށް ބޭނުންވާ ތަމްރީނުތަކާއި މައުލޫމާތު އޮންލައިންކޮށާއި ފިޒިކަލް ސެށަނުގެ ޒަރީއާއިން ދެވިދާނެއެވެ.

 

50 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާނީ މިކަމަށް ކަނޑައެޅިފައިވާ ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތަކެވެ.

  1. ނޭށަނަލް ޓޮބޭކޯ ސެޒޭށަން ޓޫލްކިޓް (5As & 5Rs)؛
  2. ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް ފޮރ އެސްޓަބްލިށިންގ އެންޑް މެނޭޖިންގ ސެޒޭށަން ސަރވިސަސް އިން ހެލްތު ކެއަރ ސަރވިސަސް؛
  3. މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި، ޓޮބޭކޯ ސެޒޭށަން ހިދުމަތާ ގުޅޭގޮތުން ހިމަނައިފައިވާ ޕްލޭންތަކާއި އުސޫލުތަކާއި މިންގަނޑުތައް.

(ށ) ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ ފަރާތްތަކަށް ހުއްޓައިލުމަށް ބާރުއަޅައި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ (ޓޮބޭކޯ ސެޒޭށަން) ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

 

6 ވަނަ ބާބު

ތިމާވެށްޓާ ގުޅޭ އާންމު ސިއްހަތު (އެންވަޔަރަންމަންޓް ހެލްތު) ޕުރޮގުރާމު

 

51 ވަނަ މާއްދާ - ތިމާވެށްޓާ ގުޅޭ އާންމު ސިއްހަތު ޕުރޮގުރާމުގެ ދާއިރާއިން ފޯރުކޮށްދެވޭ ހިދުމަތްތައް

އަންނަނިވި ހިދުމަތްތަކަކީ ތިމާވެށްޓާ ގުޅޭ އާންމު ސިއްހަތު (އެންވަޔަރަންމަންޓް ހެލްތު) ޕުރޮގުރާމުގެ ދާއިރާއިން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ހިދުމަތްތަކެވެ.

(ހ) ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް.

(ށ) ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް.

(ނ) އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް.

 

52 ވަނަ މާއްދާ - ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދު

މި އުސޫލުގެ ދަށުން ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ދިމާވެދާނެ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަންނަ ފަރާތްތަކާއި މުވައްޒަފުންނާއި ތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތައް ރައްކައުތެރިކުރުން.

(ށ) ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ތެރެއިން ނުކުމެދާނެ އިންފެކްށަންތަކުން ދުރުހެލިވުން.

(ނ) ބައްޔެއް ފެތުރޭ ހާލަތްތަކުގައްޔާއި އިމަރޖެންސީ ހާލަތްތަކުގައި ރައްކައުތެރިކަން ކަށަވަރުކުރުން.

 

53 ވަނަ މާއްދާ - ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) "ވޮށް" ގައިޑްލައިނުގައި ނުވަތަ އުސޫލުގައި ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް، ތަނުގައި ބޭނުންކުރާ ފެނުގެ ރައްކައުތެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުމާއި، ތަނުގެ އާންމު ސާފުތާހިރުކަން ދެމެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި، އެ ކަންކަމުގެ އިންތިޒާމުތައް ހަމަޖައްސައި ތަންފީޒުކުރުން.

(ށ) ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ގައިޑްލައިނާއި އުސޫލާ އެއްގޮތަށް، ސިއްހީ ހިދުމަތް ދިނުމުގެ ތެރެއިން އުފެދޭ ކުނި މެނޭޖްކުރުމާއި ނައްތައިލުމުގެ ކަންތައްތައް ބެލެހެއްޓުމާއި، އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ތަންފީޒުކުރުން.

(ނ) ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، ވޮށްގެ ހިދުމަތް ދިނުމާ ގުޅޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.

(ރ) ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، ކުނި މެނޭޖްކުރުމާ ގުޅޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.

(ބ) ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ސިއްހީ ހިދުމަތްތެރީންނާއި ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އަހުލުވެރިކުރުން.

 

54 ވަނަ މާއްދާ - ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) މި އުސޫލުގައި ކަނޑައަޅައިފައިވާ "ވޮށް" ގެ ހިދުމަތް ދިނުމުގެ އިންތިޒާމު، ތަނުގެ މެނޭޖްމަންޓުން ހަމަޖައްސަންވާނެއެވެ. އަދި މި މަސައްކަތްތައް ހިންގުމަށް ކަމާ އެކަށޭނަ މުވައްޒަފުން ހަމަޖައްސައި، ހިދުމަތްދޭ ހުރިހާ ފަރާތްތަކުން އެ ބައެއްގެ މަސައްކަތާ ގުޅޭގޮތުން ޒިންމާ އަދާކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

(ށ) ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ޕުރޮގުރާމުގައި ކަނޑައަޅައިފައިވާ ގޮތަށް މަސައްކަތްތައް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް، ސިއްހީ ހިދުމަތްދޭ ތަނުން ހަމަޖައްސަންވާނެއެވެ.

(ނ) ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ތަނުގައި ހިދުމަތް ދިނުމަށް ހަމަޖައްސާ މުވައްޒަފުންނަށް، އެ މުވައްޒަފުންނަށް ކުރަން ހަވާލުކުރެވޭ މަސައްކަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް އަހުލުވެރިކުރުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. އަދި މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ލަފަޔާއި އެހީއާއެކު ނުވަތަ މިނިސްޓްރީގެ ކަމާބެހޭ މާހިރުންގެ ލަފަޔާއެކު، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

 

55 ވަނަ މާއްދާ - ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ، ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތަކެވެ.

  1. ސްޓޭންޑަރޑްސް ފޮރ ހޭންޑްލިންގ، ސްޓޯރޭޖް، ޓްރާންސްޕޯރޓް އެންޑް ޓްރީޓްމަންޓް އޮފް ސައިޓޮޓޮކްސިކް ވޭސްޓް؛
  2. ނޭށަނަލް ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ގައިޑްލައިން؛
  3. ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) އާ ގުޅޭގޮތުން އެކުލަވައިލައި، މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ ޕްލޭންތަކާއި އުސޫލުތަކާއި މިންގަނޑުތައް؛
  4. ސިއްހީ ހިދުމަތްދޭ ތަންތަނުގެ ވޭސްޓް ވޯޓަރ މެނޭޖްކުރުމާ ގުޅޭގޮތުން އެކުލަވައިލައި މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ އުސޫލުތަކާއި މިންގަނޑުތައް.

(ށ) ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް) ގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

56 ވަނަ މާއްދާ - ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ކާރިސާތަކާއި ގޮންޖެހުންތަކުން ލިބިދާނެ ގެއްލުންތަކަށް ސިއްހީ ހިދުމަތްދޭ ތަންތަން ތައްޔާރުވެފައި އޮތުމާއި، ވިލުންތެރިކަން އިތުރުކުރުމާއި، ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުން.

(ށ) ތަން ފެހިކުރުމާއި، ކާބަން އެމިށަން މަދުކުރުމާއި، ތިމާވެށްޓަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކޮށް، ދުޅަހެޔޮ ވެށްޓެއް ގާއިމުކުރުމުގައި މިސާލު ދެއްކުން.

(ނ) ތިމާވެށްޓާ ރަށްޓެހި ހަކަތަ ބޭނުންކޮށްގެން، ހަކަތައަށް ހޭދަވާ ހަރަދު ކުޑަކުރުން.

 

57 ވަނަ މާއްދާ - ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ގްރީން ސްމާޓް ހެލްތުކެއަރގެ ދަށުން ކުރުމަށް، ކަމާ ގުޅޭ ގައިޑްލައިނުގައި ނުވަތަ އުސޫލުގައި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމާއި، އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުން.

(ށ) ސިއްހީ ހިދުމަތް ދިނުމުގެ ތެރެއިން އުފެދޭ ކުނި މެނޭޖްކުރުމާއި ނައްތައިލުމުގެ ކަންތައްތައް، ހެލްތު ކެއަރ ވޭސްޓް މެނޭޖްމަންޓް ގައިޑްލައިނާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެހެއްޓުމާއި، އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުން.

(ނ) ސިއްހީ ހިދުމަތްދޭ ތަންތަނުގައި މާކަރީ ހިމެނޭ އާލާތްތައް ބޭނުންކުރުމާއި މެނޭޖްކުރުމަށް ކަނޑައަޅައިފައިވާ ގައިޑްލައިނާއި އުސޫލުތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖައްސައި އަމަލުކުރުން.

(ރ) ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް، ސިއްހީ ހިދުމަތްތެރީންނާއި ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން އަހުލުވެރިކުރުން.

(ބ) ކަނޑައެޅިފައިވާ އުސޫލުގެ މަތީން، ގްރީން ސްމާޓް ހެލްތުކެއަރއާ ގުޅޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.

 

58 ވަނަ މާއްދާ - ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ގްރީން ސްމާޓް ހެލްތު ކެއަރ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) ގްރީން ސްމާޓް ހެލްތުކެއަރގެ ދަށުން ކަނޑައަޅައިފައިވާ މަސައްކަތްތައް، ސިއްހީ ހިދުމަތްތައް ދިނުމުގެ ނިޒާމުގެ ތެރެއިން ކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމަށް ސިއްހީ ހިދުމަތްދޭ ތަނުން މި މަސައްކަތްތައް ކުރުމަށް އެންމެ އެކަށީގެންވާ ގޮތުގެ މަތީން މުވައްޒަފުން ހަމަޖައްސައި މަސްއޫލިއްޔަތު އަދާކުރުމަށް ހަމަޖައްސަންވާނެއެވެ.

(ށ) ގްރީން ސްމާޓް ހެލްތުކެއަރގެ ދަށުން ކަނޑައަޅައިފައިވާ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަޖައްސަންވާނެއެވެ.

(ނ) ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅައިފައިވާ އުސޫލުގެ މަތީން ތަނުގައި ހިދުމަތްދިނުމަށް މުވައްޒަފުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. އަދި މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ނުވަތަ މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެހީއާއެކު ހަމަޖައްސަންވާނެއެވެ.

 

59 ވަނަ މާއްދާ - ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް ބޭނުންކުރަންވާނެއެވެ.

  1. މާކަރީ ފްރީ ޕޮލިސީ ފޮރ ހެލްތުކެއަރ؛
  2. މާކަރީ މެނޭޖްމަންޓް ގައިޑްލައިން ފޮރ ހެލްތުކެއަރ ފެސިލިޓީސް؛
  3. ގްރީން ކްލައިމެޓް ރެސިލިއަންޓް ހެލްތުކެއަރ ޑިޒައިން އެންޑް ކޮންސްޓްރަކްށަނާ ގުޅޭގޮތުން އެކުލަވައިލައި މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ އުސޫލުތަކާއި މިންގަނޑުތައް؛

  4. ގްރީން ޕްރޮކިއުމަންޓާ ގުޅޭގޮތުން އެކުލަވައިލައި މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ އުސޫލުތަކާއި މިންގަނޑުތައް.

(ށ) ގްރީން ސްމާޓް ހެލްތު ކެއަރގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

60 ވަނަ މާއްދާ - އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) އެކިއެކި ހާދިސާތަކުން ލިބޭ ޖިސްމާނީ އަނިޔާތައް ދެނެގަތުމާއެކު، އެ ފަދަ އަނިޔާތައް މަދުކުރުމަށް ފިޔަވަޅުއެޅުން.

(ށ) އެފަދަ އަނިޔާތަކަށް ފަރުވާދިނުމަށް ސިއްހީ ހިދުމަތްތައް ހަރުދަނާކުރުން.

 

61 ވަނަ މާއްދާ - އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) އެކިއެކި ހާދިސާތަކާ ގުޅިގެން އަނިޔާވާ ފަރާތްތަކުގެ މައުލޫމާތު، އެކަމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން ރިކޯޑުކުރުމާއި، ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.

(ށ) ސިއްހީ ހިދުމަތްދޭ ތަނުގައި ޓްރޯމާކެއަރގެ ރަޖިސްޓަރީއެއް ބެލެހެއްޓުމާއި، ޓްރޯމާކެއަރގެ ރަޖިސްޓަރީއަށް ބޭނުންވާ މައުލޫމާތު ފުރިހަމަކުރުމާއި، ކަނޑައެޅިފައިވާ ގޮތުގެ މަތީން މައުލޫމާތު ފުރިހަމަކޮށް ރިޕޯޓު ފޮނުވުން.

(ނ) ޓްރޯމާ ކެއަރގެ ހިދުމަތް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރުން.

(ރ) ސިއްހީ ހިދުމަތްތެރީން، ކަމާބެހޭ މަސައްކަތަށް އަހުލުވެރިކުރުން.

 

62 ވަނަ މާއްދާ - އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) އިންޖަރީ ސަރވައިލަންސްގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމާއި، އެކަން ކުރުމުގެ އިންތިޒާމު، ހިދުމަތްދިނުމުގެ ތެރެއިން ހަމަޖައްސަންވާނެއެވެ. މި މަސައްކަތްތައް ކުރާނީ، ސިއްހީ ހިދުމަތްދޭ ތަނުން މި މަސައްކަތްތައް ކުރުމަށް ހަމަޖައްސައިފައިވާ ފަރާތަކުންނެވެ. މީގެ ތެރޭގައި ޑޮކްޓަރުން/މެޑިކަލް އޮފިސަރުންނާއި، ނަރުހުންނާއި، އާންމު ސިއްހަތުގެ މަސައްކަތްކުރާ މުވައްޒަފުން/ކޮމިއުނިޓީ ހެލްތު ވޯކަރުން/ފެމިލީ ހެލްތު ވޯކަރުން ހިމެނޭނެއެވެ.

(ށ) އިންޖަރީ ސަރވައިލަންސްގެ މަސައްކަތް ހިންގުމަށާއި މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް، ސިއްހީ ހިދުމަތްދޭ ތަނުން ހަމަޖައްސަންވާނެއެވެ.

(ނ) އިންޖަރީ ސަރވައިލަންސްގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ކަނޑައަޅައިފައިވާ އުސޫލުތަކަށް އަހުލުވެރިކުރުވުމަށް އެކަށީގެންވާ މައުލޫމާތާއި ތަމްރީނު ދޭންވާނެއެވެ. މި ތަމްރީނުތައް ދިނުމުގެ އިންތިޒާމު، އެޖެންސީގެ ނުވަތަ މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އެހީއާއެކު ހަމަޖައްސަންވާނެއެވެ.

 

63 ވަނަ މާއްދާ - އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ، ތިރީގައިވާ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތަކެވެ.

  1. އިންޖަރީ ސަރވައިލަންސް ގައިޑްލައިނާއި އިންޖަރީ ސަރވައިލަންސް ރިޕޯޓިންގ ފޯމެޓް؛
  2. އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތާ ގުޅޭގޮތުން އެކުލަވައިލައި މިނިސްޓްރީގެ ވެބްސައިޓާއި އެޖެންސީގެ ވެބްސައިޓުގައި އާންމުކުރެވޭ ޕްލޭންތަކާއި އުސޫލުތަކާއި މިންގަނޑުތައް.

(ށ) މި އުސޫލުގެ 59 ވަނަ މާއްދާގެ ދަށުން އިންޖަރީ ސަރވައިލަންސް އެންޑް އޮކިއުޕޭށަނަލް ހެލްތުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާ އުސޫލުތަކާއި ގައިޑްލައިންތައް، އެޖެންސީއާއި މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

 

 

7 ވަނަ ބާބު

ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި އާންމު ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) ގައުމީ ޕްރޮގްރާމް

 

64 ވަނަ މާއްދާ - ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދު

މި އުސޫލުގެ ދަށުން ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) ގައުމީ ޕްރޮގްރާމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުތައް، ތިރީގައި މިވަނީއެވެ.

(ހ) އާންމު ހޭލުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި، ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަންކަމުން ދުރުހެލިކުރުން.

(ށ) ކެއުމުގެ ރަނގަޅު އާދަތަކާއި، ޖިސްމާނީ ހަރަކާތްތެރިކަމާއި، ނަފުސާނީ ދުޅަހެޔޮކަމާއި، ބަލިތަކުން ރައްކައުތެރިވުމުގެ އާދަތަކަށް އަހުލުވެރި މުޖުތަމައަކަށް މަގުފަހިކުރުން.

(ނ) މުޖުތަމައުގައި ހުރި ސިއްހީ ގޮންޖެހުންތައް މަދުކުރުމަށް، ސްކޫލްތަކާއި މަސައްކަތްކުރާ ތަންތަނާއި ޖަމުއިއްޔާތަކާއި ޖަމާއަތްތަކާއި އެހެނިހެން އިދާރާތައް ގުޅިގެން، ސިއްހަތު ކުރިއަރުވައި ދުޅަހެޔޮ ވެށްޓެއް ގާއިމުކުރުން.

 

65 ވަނަ މާއްދާ - ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، ސިއްހަތު ކުރިއެރުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް

ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) ކެއުމުގެ ރަނގަޅު އާދަތަކާއި، ޖިސްމާނީ ހަރަކާތްތެރިކަމާއި، ނަފުސާނީ ދުޅަހެޔޮކަމާއި، ބަލިތަކުން ރައްކައުތެރިވުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން.

(ށ) ބަލި ފަތުރާ ސޫފާސޫފި ކޮންޓްރޯލްކުރުމަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގުމާއި، ތިމާވެށްޓަށް ލިބޭ ގެއްލުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މުއައްސަސާތަކާ ގުޅިގެން ސިއްހަތު ކުރިއެރުވުމުގެ ކެމްޕޭން ނުވަތަ ހަރަކާތް ނުވަތަ މައުލޫމާތު ސެށަން ރާވައި ހިންގުން.

(ނ) ހޭލުންތެރިކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މެޓީރިއަލް ހޯދުމާއި، ތައްޔާރުކުރުމާއި، މައުލޫމާތު ދިނުމަށް އެ ވަސީލަތްތައް ބޭނުންކުރުން.

(ރ) ހިދުމަތް ހޯދަން އަންނަ ތަފާތު ބަލިބަލީގެ މީހުންނަށާއި، ބަލީގެ ހިރާސްތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި، މާބަނޑުމީހުންނާ ގުޅޭ ހިދުމަތްތައް ހޯދާ ފަރާތްތަކާއި، ކުޑަކުދިންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދިނުމާއި، އޮޅުންފިލުވައިދިނުމާއި، ސިއްހީ އެކިއެކި ހާލަތަށް ރިއާޔަތްކޮށް، ސިއްހީ ހިދުމަތުގެ ތެރެއިން ހޭލުންތެރިކުރުމާއި ސިއްހަތު ކުރިއެރުވުމުގެ މަސައްކަތްތައް ކުރުން.

(ބ) އާންމު ސިއްހަތު ކުރިއެރުވުމަށް ބާރުއަޅައި، ރައްޔިތުންނާ ގާތުން އަދި ގާތްގުޅުމެއް ބެހެއްޓުމާއެކު، މައުލޫމާތާއި އިރުށާދު ދިނުމަށް ގޭބިސީތަކާއި އާއިލާތަކަށް ޒިޔާރަތްކުރުމާއި، ސިއްހަތު ކުރިއެރުވުމުގެ އިންތިޒާމުތަކާއި ހަރަކާތްތައް ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގުން.

(ޅ) ސިއްހަތު ކުރިއެރުވުމަށް (ހެލްތު ޕްރޮމޯށަނަށް) ހިންގޭ ޕުރޮގުރާމުތައް އިތުރަށް ރަނގަޅުކުރުމަށް މުޖުތަމައުގެ ހިޔާލާއި މަށްވަރާ ހޯދުން.

(ކ) ސިއްހަތު ކުރިއެރުވުމަށް (ހެލްތު ޕްރޮމޯށަނަށް) ހިންގޭ ހަރަކާތްތައް މޮނިޓަރކުރުމާއި އިވެލުއޭޓްކުރުން.

 

66 ވަނަ މާއްދާ - ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު

ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) ހިދުމަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް، ހިދުމަތްދޭ ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ހ) ހިދުމަތްދޭނެ މުވައްޒަފުން/ ސިއްހީ ހިދުމަތްތެރީން ހަމަޖެއްސުން.

  1. ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) މަސައްކަތްތައް ރާވައި ހިންގާނީ، މައިގަނޑުގޮތެއްގައި ޕަބްލިކް ހެލްތު ނުވަތަ ހެލްތު ޕްރޮމޯށަންގެ ދާއިރާގެ މުވައްޒަފުން ކަމުގައި ހަމަޖެއްސިދާނެއެވެ. މީގެ ތެރޭގައި، ޕަބްލިކް ހެލްތު އޮފިސަރުންނާއި، ކޮމިއުނިޓީ ހެލްތު އޮފިސަރުންނާއި، ފެމިލީ ހެލްތު އޮފިސަރުން ހިމެނޭނެއެވެ؛
  2. ސިއްހީ ހިދުމަތް ދިނުމުގެ ތެރެއިން ސިއްހަތު ކުރިއެރުވުމުގެ ގޮތުން، ޑޮކްޓަރުންނާއި ނަރުހުންނާއި ފަންނީ އެހެނިހެން ހިދުމަތްދޭ ތަންތަނުގެ ވެރިންނާއި، ތަނުގެ މެނޭޖްމަންޓުން، ސިއްހަތު ކުރިއެރުވުމަށް ބާރުއަޅައި، ތަނުގައި މަސައްކަތްކުރާ ހެލްތު ޕްރޮފެށަނަލުންނާއި އެހެނިހެން މުވައްޒަފުން، އެ މީހުން ފޯރުކޮށްދޭ ހިދުމަތުގެ ތެރެއިން މައުލޫމާތާއި އިރުށާދު ދިނުން ކުރިޔަށްގެންދިޔުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ. އަދި ހެލްތު ޕްރޮމޯށަންގެ މަސައްކަތްތައް ތަންފީޒުކުރުމުގައި، ތަނުގައި މަސައްކަތްކުރާ ހުރިހާ ހެލްތު ޕްރޮފެށަނަލުންގެ ބައިވެރިވުމާއި އެއްބާރުލުން ދެވޭނެ ގޮތް، ތަނުގެ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ.

(ށ) ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް، ތިރީގައިވާ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

  1. ހޭލުންތެރިކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ލިބޭނެ އިންތިޒާމު، މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި ފަސޭހަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާނެ އައި.އީ.ސީ މެޓީރިއަލް ހޯދުމާއި، މި ފަދަ މެޓީރިއަލް ތައްޔާރުކޮށްގެން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި މެޓީރިއަލް ހޯދުމާއި ތައްޔާރުކުރުމުގައި އެޖެންސީއާއި ކަމާބެހޭ ފަންނީ އިދާރާތަކުގެ އެހީއާއި ލަފާ ހޯދަންވާނެއެވެ؛
  2. ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން. މިގޮތުން އެކިއެކި މީޑިއަމްތައް (ޓީވީ، ސްކްރީން ނުވަތަ ޑިސްޕްލޭ، ޕޯސްޓަރު ފަދަ) ބޭނުންކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ؛
  3. އެހެން ރަށްރަށަށާއި، ރިޒޯޓްތަކަށާއި، ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ނުވަތަ ސަރަހައްދުތަކަށް، އެކި ހާލަތްތަކާ ގުޅިގެން ނުވަތަ ހާއްސަ ހޭލުންތެރިކަމުގެ ކެމްޕޭނާ ގުޅިގެން އެޖެންސީން ނުވަތަ މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން އައުޓްރީޗް ޕުރޮގުރާމުތައް ހިންގުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) ހިދުމަތް ދިނުމަށް ބޭނުންވާ ތަމްރީނާއި މައުލޫމާތު ދޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

  1. ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގުމަށް ބޭނުންވާ ފަންނީ މައުލޫމާތާއި ކަމާބެހޭ ހުނަރުތައް އެ މަސައްކަތްކުރާ ފަރާތްތަކަށް ހޯދައިދީ، އެ ފަރާތްތައް ބާރުވެރިކޮށް އަހުލުވެރިކުރުމަށް ތަނުގެ މެނޭޖްމަންޓުން މަސައްކަތް ކުރަންވާނެއެވެ. މި ފަދަ ތަމްރީނާއި ހުނަރުތައް ދިނުމަށް އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުގެ އެހީއާއެކު ކުރިޔަށް ގެންދެވޭނެއެވެ؛
  2. ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތަކާއި ހެލްތު ޕްރޮމޯށަންގެ މަސައްކަތްތައް ކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ގައިޑްލައިންތަކާއި އައި.އީ.ސީ މެޓީރިއަލް، އެޖެންސީންނާއި މިނިސްޓްރީން ފޯރުކޮށްދެވޭނެއެވެ.

 

67 ވަނަ މާއްދާ - ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް

(ހ) ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމުގެ (ހެލްތު ޕްރޮމޯށަން) ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭނުންކުރާނީ، އެޖެންސީއާއި މިނިސްޓްރީއާއި ޑަބްލިޔޫ.އެޗް.އޯ.އާއި ޔުނިސެފް ފަދަ ކަމާބެހޭ ފަރާތްތަކުން އެކުލަވައިލައި ށާއިއުކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތަކާއި ޓެކްނިކަލް ޕޭޕަރުތަކުގައި އެކުލެވޭ މައުލޫމާތާއި، އެ ފަރާތްތަކުން ތައްޔާރުކޮށް ނެރެފައިވާ މައުލޫމާތާއި، އައި.އީ.ސީ މެޓީރިއަލްތަކެވެ. މި އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތަކާއި ލަފާ ފޯރުކޮށްދޭނީ، އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުންނެވެ.

(ށ) ހެލްތު ޕްރޮމޯށަނުގެ މަސައްކަތާއި މައުލޫމާތު ދިނުމުގެ ކަންތައްތައް ރާވައި ހިންގުމުގައި، ތިރީގައިވާ ކަންތައްތަކަށް ސަމާލުވެ، އެގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

  1. ސިއްހީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން އެޖެންސީއާއި މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއި ޔުނިސެފް ފަދަ ޖަމުއިއްޔާތަކާއި ސީ.ޑީ.ސީ ފަދަ ބައިނަލްއަގުވާމީ އޮގަނައިޒޭށަންތަކުން ތައްޔާރުކޮށް ށާއިއުކުރާ މައުލޫމާތުތައް، ހެލްތު ޕްރޮމޯށަނުގެ ސެށަންތައް ހިންގުމުގައި މައުލޫމާތުގެ ގޮތުގައި ފޯރުކޮށްދެވޭނެއެވެ. މިގޮތަށް އެހެން ތަނަކުން ތައްޔާރުކޮށްފައިވާ މެޓީރިއަލްއާއި ލިޔުމަށް ނުވަތަ ވަސީލަތްތަކަށް އުނިއިތުރު ގެނެސްގެން ނުވާނެއެވެ. އަދި އެހެން ފަރާތަކުން ތައްޔާރުކޮށްފައިވާ މައުލޫމާތު، އަމިއްލަޔަށް ތައްޔާރުކޮށްފައިވާ އެއްޗެއްކަމުގައި ހަދައިގެން ނުވާނެއެވެ؛
  2. އެ ތަނަކުން އަމިއްލަޔަށް މައުލޫމާތު ތައްޔާރުކުރާ ނަމަ، އެ ތަކެތީގައި ބޭނުންކުރާ މައުލޫމާތަކީ އިތުބާރުހުރި ރަސްމީ އިދާރާއަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއް ކަމުގައި ކަށަވަރު ކުރަންވާނެއެވެ؛
  3. މައުލޫމާތު ސެށަންތަކާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް އާންމުންނަށް އަމިއްލަގޮތުން ހިންގަންވާނީ، ކަމާބެހޭ ރަސްމީ ފަރާތުގެ ހުއްދަ ހޯދައިގެންނެވެ.

 

 

8 ވަނަ ބާބު

އެހެނިހެން

 

68 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޭ.އެން.ސީ" އާއި "ޕީ.އެން.ސީ" ކަމަށް ބުނެފައި އެވަނީ، މާބަނޑު ދުވަސްވަރުގެ ފަރުވާ (އެންޓިނޭޓަލް ކެއަރ) އަށާއި، ވިހެއުމަށްފަހު ދޭ ފަރުވާ (ޕޯސްޓްނޭޓަލް ކެއަރ) އަށެވެ.

(ށ) "ފެމިލީ ޕްލޭނިންގ" ކަމަށް ބުނެފައި އެވަނީ، ދަރިން ހޯދުމުގައި އާއިލާ ރޭވުމަށާއި، ވިހެއުމުގެ ދޭތެރެދުރުކުރުމަށް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުމަށެވެ.

(ނ) "ކޮންޓްރަސެޕްޓިވް" ކަމަށް ބުނެފައި އެވަނީ، ދަރިން ހޯދުމުގައި އާއިލާ ރޭވުމަށާއި، ވިހެއުމުގެ ދޭތެރެދުރުކުރުމަށް ބޭނުންކުރާ އެކިއެކި ވަސީލަތްތަކަށެވެ.

(ރ) "ގްރޯތު މޮނިޓަރިންގ އެންޑް ޕްރޮމޯށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިން ހެދިބޮޑުވާ މިންވަރާއި، ހިއްސުތައް ތަރައްގީވާވަރު ދެނެގަތުމަށް ބަލާ ބެލުމަށެވެ.

(ބ) "މައިކްރޯނިއުޓްރިއަންޓް ސަޕްލިމެންޓް" ކަމަށް ބުނެފައި އެވަނީ، މާބަނޑު ދުވަސްވަރާއި ކުޑަކުދިންގެ ކާނާގެ ހާލަތު ރަނގަޅުކުރުމަށް ވަކި ގަވާއިދަކުން ދެވޭ ބޭހުގެ ފަރުވާއަށެވެ.

(ޅ) "މައިކްރޯނިއުޓްރިއަންޓް ޑެފިށަންސީ" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް ބޭނުންވާ މައިކްރޯނިއުޓްރިއަންޓުގެ ހާލަތު ދަށްވުމަށެވެ.

(ކ) "ނޭށަނަލް އިމިއުނައިޒޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް ކަނޑައަޅައިފައިވާ ވެކްސިންތަކާއި އެ ވެކްސިންތައް ދިނުމުގެ މިންވަރާއި މިންގަނޑުތަކަށެވެ.

(އ) "ކޯލްޑްޗޭން" ކަމަށް ބުނެފައި އެވަނީ، ވެކްސިނުގެ ފިނިހޫނުމިން ހިފެހެއްޓުމުގެ ނިޒާމާއި މިންގަނޑުތަކަށެވެ.

(ވ) "ކޯލްޑްޗެއިން އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ވެކްސިނުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ބޭނުންކުރާ ފްރިޖް ފަދަ އާލާތްތަކަށެވެ.

(މ) "އޭ.އީ.އެފް.އައި" ކަމަށް ބުނެފައި އެވަނީ، ވެކްސިން ޖެހުމާ ގުޅިގެން ދިމާވާ ކުދިކުދި އުނދަގޫތައް ފިޔަވައި، ވެކްސިން ޖެހޭ ފަރާތަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށެވެ.

(ފ) "ޓްރެވަލް ވެކްސިން" ކަމަށް ބުނެފައި އެވަނީ، ނުރައްކައުތެރި ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ގައުމަކަށް ނުވަތަ ހިސާބަކަށް ދަތުރުކުރާއިރު ބަލިޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ޖަހަން ކަނޑައަޅައިފައިވާ ވެކްސިނަށެވެ.

(ދ) "އޮޕްށަނަލް ވެކްސިން" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް އިމިއުނައިޒޭށަން ށެޑިއުލްގައި ނުހިމެނުނު ނަމަވެސް، ކުއްޖަކަށް ނުވަތަ މީހަކަށް ބައްޔެއްގެ ސަބަބުން ދިމާވެދާނެ މައްސަލަތަކުން ދުރުކުރުމަށް އެ ފަރާތަކަށް ޖެހުމަށް ސިއްހީ ހިދުމަތްތެރިޔަކު ލަފާދޭ ވެކްސިނަށެވެ.

(ތ) "ކޮމިޔުނިކަބަލް ޑިޒީޒަސް ސަރވައިލަންސް އެންޑް އެޕިޑެމިއޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތައް އުޅޭ ގޮތާއި، އުޅޭ މިންވަރު ދެނެގަތުމަށް އެ ބަލިތަކާބެހޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށާއި، އެ ކަމާބެހޭ މައުލޫމާތު ދިރާސާކޮށް ބެލެހެއްޓުމަށެވެ.

(ލ) "ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް" ކަމަށް ބުނެފައި އެވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ މަސައްކަތްތަކާއި ހިދުމަތްތަކަށެވެ.

(ގ) "ރެޕިޑް އެސެސްމެންޓް" ކަމަށް ބުނެފައި އެވަނީ، ކުރިމަތިވާ ސިއްހީ ކުއްލި ހާލަތެއްގެ ބޮޑުކުޑަމިން ދެނެގަނެ، އެ ކަމަށް ހައްލު ގެނައުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް، އިސްކަންދޭ ތަރުތީބުން ދެނެގަތުމަށް ކުރެވޭ އަވަސް ދިރާސާއަށެވެ.

(ޏ) "ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ދިމާވާ ސިއްހީ ކުއްލި ނުރައްކަލެއް ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ހާލަތުން، ކުރިމަތިވާނެ ނުރައްކާތެރިކަމާއި ލޮޅުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރެވޭ ދިރާސާއަށެވެ.

(ސ) "ހެލްތު އެމަރޖެންސީ އޮޕަރޭށަން ސެންޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާދިސާއާއި ހާލަތްތަކަށް އިޖާބަދީ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެން ގުޅިގެން މަސައްކަތްކުރުމަށާއި، މަސައްކަތްތައް ވިލަރެސްކުރުމަށް އިންތިޒާމުކުރެވިފައިވާ ތަނަށެވެ.

(ޑ) "ޕަބްލިކް ހެލްތު އިންސްޕެކްށަން" ކަމަށް ބުނެފައި އެވަނީ، އާންމު ސިއްހަތާ ގުޅުންހުރި މައްސަލަތައް ޗެކްކުރުމަށާއި، ބަލައި ފާސްކުރުމަށް ކުރެވޭ މަސައްކަތަށެވެ.

(ޒ) "ވޯޓަރ ސެނިޓޭށަން އެންޑް ހައިޖީން (ވޮށް)" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނުގައި ރައްކައުތެރި ފެން ލިބެންހުރުމާއި، ސާފުތާހިރުކުރުމުގެ އާލާތްތައް އެކަށީގެންވާ ގޮތުގައި ލިބެން ހުރުމާއި، އެ ތަނެއްގައި އުޅޭ މީހުންނާއި، ޒިޔާރަތްކުރާ މީހުން ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ އާދަތަކަށެވެ.

(ޓ) "ގްރީން ސްމާޓް ހެލްތުކެއަރ" ކަމަށް ބުނެފައި އެވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ކާރިސާތަކާއި ގޮންޖެހުންތަކުން ލިބިދާނެ ގެއްލުންތަކަށް ސިއްހީ ހިދުމަތްދޭ ތަންތަން ތައްޔާރުވެފައި އޮތުމާއި، ވިލުންތެރިކަން ގެނައުމަށް ކުރެވޭ ކަންތަކަށެވެ.

(ޔ) "އެން.ސީ.ޑީ ޕްރިވެންށަން އެންޑް ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކައުތެރިވުމަށާއި، މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމުގެ މަސައްކަތަށެވެ.

(ޕ) "އިންޖަރީ ސަރވައިލަންސް" ކަމަށް ބުނެފައި އެވަނީ، އެކިއެކި ހާދިސާތަކުން ލިބޭ ޖިސްމާނީ ހާނީއްކަތައް ދެނެގަތުމަށް މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށެވެ.

(ޖ) "ޓޮބޭކޯ ސެޒޭށަން ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތްދޭ ތަނަކުން، ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުހެލިކުރުމަށާއި، ދުންފަތުގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހުން އެކަމުގެ ނުރައްކަލުން ދުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ކުރާ މަސައްކަތަށެވެ.

(ޗ) "ސެޒޭށަން ކްލިނިކް" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާން ނުވަތަ ހުއްޓައިލަން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކޮށް، އެ މީހުން އެ އާދައިން ދުރުހެލިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އޮޅުންފިލުވައިދިނުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވާނެ ގޮތްތައް ކިޔައިދީ އެޑްވައިޒްދިނުމާއި، އެކަމަށް ދެވޭ ފަރުވާ ލިޔެދީ އޮޅުންފިލުވައިދިނުމާއި، ހިދުމަތް ހޯދާ ފަރާތުގެ ސިއްހީ ހާލަތު ޗެކްކޮށް ބެލުމަށް ސިއްހީ ހިދުމަތްދޭ ތަނުގައި އިންތިޒާމުކޮށް ހިންގާ ކްލިނިކަށެވެ.

(ހހ) "ހެލްތު ޕްރޮމޯށަން" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި ސިއްހަތު ކުރިއެރުވުމަށް، ކަމާބެހޭ މައުލޫމާތު ދިނުމާއި، ސިއްހީ އާދަތަކަށް އަހުލުވެރިކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ.

(ހށ) "ޕްރައިވަސީ" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދިނުމާއި މުއާމަލާތުކުރުމުގައި ސިއްރުހިފެހެއްޓޭކަން ކަށަވަރުކުރުމަށެވެ.

(ހނ) "ޑީ.އެޗް.އައި.އެސް 2" (ޑިސްޓްރިކްޓް ހެލްތު އިންފޮރމޭށަން ސިސްޓަމް) ކަމަށް ބުނެފައި އެވަނީ، ސިއްހީގޮތުން އެއްކުރެވޭ މައުލޫމާތު ބެލެހެއްޓުމުގައި ބޭނުންކުރާ އޮންލައިން ޑޭޓާ މެނޭޖްމަންޓް ސިސްޓަމަށެވެ.

(ހރ) "ޑީ.އެޗް.އައި.އެސް 2 ޕީ.އެޗް.ސީ ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ޑީ.އެޗް.އައި.އެސް 2 ޕްލެޓްފޯމުގައި ތައްޔާރުކުރެވިފައިވާ، ގައިންގަޔަށް ނާރާބަލިތަކާބެހޭ މައުލޫމާތު އެއްކޮށް ބަލަހައްޓާ އޮންލައިން ޑޭޓާ ޕޯޓަލަށެވެ.

(ހބ) "ޑީ.އެޗް.އައި.އެސް 2 އެން.ސީ.އާރ ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ޑީ.އެޗް.އައި.އެސް 2 ޕްލެޓްފޯމުގައި ތައްޔާރުކުރެވިފައިވާ ކެންސަރު ބަލިމީހުންގެ މައުލޫމާތު ރަޖިސްޓަރީކޮށް ބަލަހައްޓާ އޮންލައިން ޑޭޓާ ޕޯޓަލަށެވެ.

(ހޅ) "ޖޮބް އެއިޑް ފްލޯޗާޓް" ކަމުގައި ބުނެފައި އެވަނީ، ކަނޑައެޅޭ މަސައްކަތެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ކުރިޔަށްގެންދަންޖެހޭ މަސައްކަތްތައް އެކުލަވައިލައިފައިވާ އެކުލަވައިލުމަށެވެ.

(ހކ) "ކޮމިއުނިކެބަލް ޑިޒީސް ނޯޓިފިކޭށަން ފޯމު" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތައް އުޅޭކަން އަންގައި، އެކަން ރިޕޯޓުކުރުމަށް ބޭނުންކުރާ ފޯމަށެވެ.

(ހއ) "އައި.އެޗް.އާރ" ކަމަށް ބުނެފައި އެވަނީ، "ބައިނަލްއަގްވާމީ ސިއްހަތާބެހޭ މުއާހަދާ" ނުވަތަ "އިންޓަރނޭށަނަލް ހެލްތު ރެގިއުލޭށަން" އަށެވެ.

(ހވ) "ކޭސް ބޭސްޑް ސަރވައިލަންސް އިންވެސްޓިގޭށަން" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބައްޔަކަށް ށައްކުވެގެން ނުވަތަ ފައްސިވެގެން ބަލިޖެހުނު މީހާގެ މައުލޫމާތު ރިޕޯޓުކުރުމާއި، ބެލެހެއްޓުމާއި، ކަމާގުޅޭގޮތުން ބަލަންވާ ކަންތައްތައް ދެނެގަތުމަށެވެ.

(ހމ) "އިވެންޓް ބޭސްޑް ސަރވައިލަންސް އިންވެސްޓިގޭށަން" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބައްޔެއް ފެތުރުމުގެ ހާދިސާއެއް ދިމާވުމުން، އެކަން ރިޕޯޓުކުރުމަށާއި، ކަމާބެހޭ މައުލޫމާތު އެއްކޮށް، ކަމާބެހޭގޮތުން ބަލަންވާ ކަންކަން ބެލުމަށެވެ.

(ހފ) "ލެބޯޓަރީ ސަރވައިލަންސް" ކަމުގައި ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލި ދެނެގަތުމަށް ލެބޯޓަރީ ޓެސްޓުތައް ހަދައިގެން ދެނެގަނެވޭ މައުލޫމާތު ބަލަހައްޓައި ރިޕޯޓުކުރުމަށެވެ.

(ހދ) "އައުޓްބްރޭކް އިންވެސްޓިގޭށަން" ކަމުގައި ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭ ހާލަތެއްގައި ކަމާގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައް ދެނެގަތުމަށެވެ.

(ހތ) "ޔުނިވަރސަލް ޓްރާންސްޕޯރޓް މީޑިއާ (ޔޫ.ޓީ.އެމް)" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބައްޔަކަށް ލެބޯޓަރީ ޓެސްޓު ހެދުމަށް ނަގާ ސާމްޕަލް ލެބޯޓަރީއަށް ފޮނުވުމަށްޓަކައި ބޭނުންކުރާ ހާއްސަ އާލާތަކަށެވެ.

(ހލ) "ސާމްޕަލް ކެރިއަރ" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބައްޔަކަށް ޓެސްޓުކުރުމަށް ނަގައި، ރައްކައުތެރިކަމާއެކު ބަންދުކޮށްފައިވާ ސާމްޕަލް/ސާމްޕަލްތައް އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންކުރާ ހާއްސަ އާލާތަކަށެވެ.

(ހގ) "ކޮންޓެކްޓް ޓްރޭސިންގ" ކަމަށް ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބައްޔަކަށް ށައްކުކުރެވޭ މީހަކާ ނުވަތަ ފައްސިވެފައިވާ މީހަކާ ގާތުން ދިމާވެފައިވާ އެހެން މީހުން ބަލައި ދެނެގަތުމަށެވެ.

(ހޏ) "ރިންގް ވެކްސިނޭށަން" ކަމަށް ބުނެފައި އެވަނީ، ވެކްސިން ޖަހައިގެން ރައްކައުތެރިކުރެވޭ ބައްޔެއްގެ ކޭސް ފެނި، ބަލި ފެތުރޭ ހާލަތެއްގައި ބަލިފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި، ބަލި ފެނުނު ސަރަހައްދުގެ ކަނޑައެޅޭ ވަށައިގެންވާ ހިސާބުގަނޑެއްގައި ދިރިއުޅޭ މީހުންނަށް އެ ބަލިން ރައްކައުތެރިވުމަށް ވެކްސިން ދިނުމަށެވެ.

(ހސ) "އޮކިއުޕޭށަނަލް ހެލްތު" ކަމަށް ބުނެފައި އެވަނީ، މަސައްކަތު މާހައުލުގައި ސިއްހީގޮތުން ލިބެންޖެހޭ ސަލާމަތްތެރިކަމާއި ރައްކައުތެރިކަމަށެވެ.

(ހޑ) "ޓްރޯމާ ކެއަރ" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް އަނިޔާވުމުގެ ހާދިސާއެއް ދިމާވެގެން، އަނިޔާވާން ދިމާވި ހިސާބުން ފެށިގެން ސިއްހީ ހިދުމަތްދޭ ތަނަކަށް ދިއުމުގެ ތެރޭގައްޔާއި ސިއްހީ ހިދުމަތްދޭ ތަނުންދޭ އިމަރޖެންސީ ފަރުވާއާއި ލިބިފައިވާ އަނިޔާއާ ގުޅިގެން ލިބެންޖެހޭ ރިހެބިލިޓޭޓިވް ފަރުވާ ހިމެނޭގޮތުން އެ ފަރާތަކަށް ލިބެންޖެހޭ ފަރުވާއަށެވެ.

(ހޒ) "އައި.އީ.ސީ މެޓީރިއަލް" ކަމަށް ބުނެފައި އެވަނީ، ސިއްހީ މައުލޫމާތު ދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ދިނުމަށް ތައްޔާރުކޮށްފައި ހުންނަ ވަސީލަތްތައް (ލީފްލެޓް، ޕޯސްޓަރު، ސޯށަލް މީޑިއާ ޕޯސްޓް) ފަދަ ތަކެއްޗަށެވެ.

(ހޓ) "އާންމު ސިއްހަތު" ކަމުގައި ބުނެފައި އެވަނީ، ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް ދެނެގަތުމާއި، އެ ބަލިތަކުން ރައްކައުތެރިވުމާއި، އެ ބަލިތަކުނ އަރައިގަތުމަށް ކުރެވޭ ސިއްހީ ފަރުވާއާއި ސިއްހީ ހޭލުންތެރިކަމާއި ސިއްހީ އާދަތަކަށް މަގުފަހިކުރާ އެންމެހައި ކަންކަން ހިމެނޭގޮތުން އޮންނަ ދުޅަހެޔޮކަމަށެވެ. 

(ހޔ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، "ހެލްތު ޕްރޮޓެކްށަން އެޖެންސީ" އަށެވެ.

(ހޕ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަށެވެ. 

(ހޖ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، "ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

 

69 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު