-

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2020-27)

 

ފުރަތަމަ ބާބު

ތައާރަފާއި މަގްސަދު

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 39 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާއި އެ މިންގަނޑުތައް ކަނޑައެޅުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެކަމާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިނގާ ދާއިރާ

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައިވާ އުސޫލުތައް ހިނގާނީ އަންނަނި ވި ތަންތަނާ ގުޅޭ ގޮތުންނެވެ.

(ހ) ޓޫރިސްޓް ރިޒޯޓު؛

(ށ) ޓޫރިސްޓް ހޮޓާ؛

(ނ) ޓޫރިސްޓް ގެސްޓް ހައުސް؛ އަދި

(ރ) ޔޮޓު މެރީނާ.

 

4 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އިމަރޖެންސީ ހޮޓްލައިން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނެއްގައި ދިމާވެދާނެ އިމަރޖެންސީ ހާލަތަކާ ގުޅޭގޮ ތުން އެ ތަނުގައި އުޅޭ ފަތުރުވެރިންނާއި މުވައްޒަފުން އެ މައުލޫމާތު އެ ތަނަކާ ހިއްސާކުރުމަށް އެ ތަނަކުން ކަނޑައަޅައިފައިވާ ފޯނު ނަންބަރަށެވެ.

(ށ) "އިމަރޖެންސީ ހާލަތްތައް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ދަށުންސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) އެއް އެކުލަވައިލުމަށް ކަނޑައަޅައިފައިވާ ހާލަތްތަކަށެވެ.

(ނ) "އިމަރޖެންސީ ލައިޓް" ކަމުގައި ބުނެފައި އެވަނީ، އިލެކްޓްރިކް ކަރަންޓު ކެނޑިއްޖެ ހިނދެއްގައި، އޭގެ އަމިއްލަ ޒާތުގައި ދިއްލޭ ގޮތަށް އުފައް ދައިފައި ހުންނަ ބޮތްކާއި ހޮޅިބުރި ފަދަ ތަކެއްޗަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެ އިރެއްގައި ކަނޑައަޅައިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ބ) "މޫދު ކުޅިވަރު" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަން ކަމަށް މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ތަންތަނުން އިންތިޒާމު ކޮށްދޭ ސްނޯރކްލިންގ، ސަރފިންގ، ޖެޓް ސްކީންގ، ސްވިމިންގ، ޑައިވިންގ ފަދަ، މޫދުގައި ހިންގޭ ހަރަކާތްތަކަށެވެ.

(ޅ) "ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަން" ނުވަތަ "ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.

(ކ) "ސެކިއުރިޓީ މެނޭޖަރު" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމު ގެ ވިޔަފާރި ހިންގާ ތަނެއްގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެޓުމަށްޓަކައި އެ ތަނެއްގައި ކަނޑައަޅައިފައިވާ އެންމެ އިސް މުވައްޒަފަށެވެ.

(އ) "ސަލާމަތީ ހިދުމަތް ދޭ އިދާރާ ނުވަތަ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އިދާރާއަށެވެ.

 

ދެވަނަ ބާބު

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ގާއިމުވެފައި ހުންނަންޖެހޭ ކަންކަން 

 

5 ވަނަ މާއްދާ - ޗެކްއިން ކުރާއިރު ސޭފްޓީ ބްރީފިންގ ދިނުން

ފަތުރުވެރިޔާ އެ ތަނަކަށް އަންނަ ވަގުތުން ފެށިގެން 4 (ހަތަރެއް) ގަޑިއިރުގެ ތެރޭގައި އެ ތަނަކާ ބެހޭ ސަލާމަތާއި ރައްކައުތެރިކަމުގެ ބްރީފިންގ ދިނުމުގެ އިންތިޒާމު، ފަތުރު ވެރިކަމުގެ ވިޔަފާރި ހިންގާ ކޮންމެ ތަނެއްގައި ހަމަޖެހިފައި ހުންނަންވާނެއެވެ. އަދި އެކަމާ ބެހޭ އިތުރު ތަފުސީލު ލިބޭނޭ ގޮތުގެ މައުލޫމާތުވެސް އޭނާއަށް ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - އިމަރޖެންސީ ހޮޓްލައިން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ކޮންމެ ތަނެއްގައި،އެ ތަނެއްގައި ދިމާވެދާނެ ނުރައްކައުތެރި ހަދިސާއަކާ ގުޅޭގޮތުން، އެ ތަނެއްގައި ތިބޭ ފަތުވެރިންނަށް،އެ ތަނެއްގެ މުވައްޒަފަކާ މުއާސަލާތު ކުރެވޭނެ އިމަރޖެންސީ ހޮޓްލައިނެއް ގާއިމް ކޮށްފައި ހުންނަންވާނެއެވެ.

 

7 ވަނަ މާއްދާ - ލައިފް ޖެކެޓާއި ލައިފް ބޯއީ ބެހެއްޓުން

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސްއެއްގައި ގާއިމްކޮށްފައިވާ، މޫދާ ގުޅިފައިވާ ވޯކްވޭތަކުގައްޔާއި، ފާލަން ނުވަތަ ޖެޓީގައްޔާއި، ސްވިމިންގ ޕޫލް ތަކުގައްޔާއި، ފަތުރުވެރިން މޫދަށް އެރުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ތަކުގައި ލައިފް ޖެކެޓާއި ލައިފް ބޯއި ބަހައްޓަންވާނެއެވެ. އަދި އެ ތަންތަނުގައި ލައިފްޖެކެޓް ބޭނުންކުރަން ހަނދާންކޮށްދިނުމަށްޓަކައި ނޯޓިހެއް ބަހައްޓަންވާނެއެވެ. އަދި ލައިފް ޖެކެޓް ހުރިތަން އެ ނޯޓިހުގައި ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ލައިފްގާޑުން ހަމަޖެއްސުން

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ކޮންމެ ތަނެއްގައި އެ ތަނެއްގައި އުޅޭ ފަތުރުވެރިން މޫދަށް އެރިއުޅޭ ސަރަހައްދުތަކުގައްޔާއި އެ ތަނެއްގައި ގާއިމު ކޮށްފައިވާ ސްވިމިންގ ޕޫލްތަކުގައްޔާއި އެ ތަނަކުން ހިންގާ މޫދު ކުޅިވަރުތައް ހިންގާ ސަރަހައްދުތަކުގައި އެ ކަންކަން ކުރުމަށް އެ ފަރާތުން ފަތުރުވެރިންނަށް ކަނޑައަޅައިފައިވާ ގަޑިތަކުގައި އެ ތަންތަނުގައި މަސައްކަތްކުރާނެ ލައިފް ގާޑުން ހަމަޖައްސައިފައި ހުންނަންވާނެއެވެ. އަދި ލައިފް ގާޑުން ނުތިބޭނެ ގަޑިތައް އެނގޭނެހެން އެ ސަރަހައްދުތަކުގައި ނޯޓިހެއް ބަހައްޓަންވާނެއެވެ. 

 

9 ވަނަ މާއްދާ - ލައިފްގާޑުންގެ ފެންވަރު

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ ލައިފްގާޑުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަކީ ލައިފް ގާޑުކަމުގެ ސަނަދެއް ލިބިފައިވާ މީހުންކަން، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތުން ކަށަވަރު ކުރަންވާނެއެވެ. 

 

10 ވަނަ މާއްދާ - ސެކިއުރިޓީއާ ގުޅޭ އާންމު އުސޫލުތައް 

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ކޮންމެ ތަނެއްގައި ތިރީގައި ބަޔާންކޮށްފައިވާ ސެކިއުރިޓީއާ ގުޅޭ އާންމު އުސޫ ލުތައް އެ ތަނެއްގައި ގާއިމުވެފައިވާކަން އެ ތަނަކުން ކަށަވަރުކުރަންވާނެއެވެ.

  1. އިންޓެގްރޭޓެޑް ސެކިއުރިޓީ ސިސްޓަމެއް؛ )އިންޓްރޫޑަރ އެލާމް ހަރުކޮށް، ސީ.ސީ.ޓީ.ވީ. ކެމެރާ ހަރުކޮށް، އަލިކޮށްފައި ބަހައްޓަންޖެހޭ ސަރަހައްދުތައް ދިއްލުން(؛ 
  2. އެ ތަނެއްގައި ގޮތްނޭނގޭ އެއްޗެހި ނުވަތަ ދަބަސް ފަދަ އެއްޗިހި ބެހެއްޓިޔަ ނުދިނުމަށާއި، "ފޯލްސް އެލާމް" ނާޅާނެ ފަދަ ހަރުދަނާ ހައުސް ކީޕިންގގެ ނިޒާމެއް؛
  3. އެ ތަންތަނުގެ ސީ.ސީ.ޓީ.ވީ. ސިސްޓަމްތައް މަސައްކަތްކުރޭތޯއާއި ކަވަރޭޖް ސަރަހައްދުތައް ކަށަވަރުކުރުން؛
  4. ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ތަނެއްގައި އަލިފާން ނިއްވުމުގެ ނިޒާމެއް އެކުލަވައިލައި އެ ނިޒާމު ހަރުދަނާކޮށް ހުރިތޯ ޔަގީންކުރުން؛
  5. އެ ތަނެއްގައި ސެކިއުރިޓީ ކޮންޓްރޯލް ރޫމެއް ގާއިމުކުރުން؛
  6. އެ ތަނެއްގެ ސެކިއުރިޓީ ކޮންޓްރޯލް ރޫމް، ކޮންޓިންޖެންސީ ހާލަތުގައި ބަދަލުކުރެވޭނެ އެހެން ތަނެއް ކަނޑައަޅައިފައި ބެހެއްޓުން؛ 
  7. އެ ތަނެއްގައި މެދުކެނޑުމެއްނެތި އިލެކްޓްރިކް ކަރަންޓު ލިބޭނެ ފަދައިން އަންއިންޓްރަޕްޓެޑް ޕަވަރ ސަޕްލައި، މަސައްކަތްކުރާ ހާލަތުގައި ބެހެއްޓިފައި ހުރުން؛ އަދި 
  8. އެ ތަނެއްގައި އެ އިރެއްގައި ތިބޭ ފަތުރުވެރިންނާއި، މުވައްޒަފުންނާއި، ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތްކުރަމުންދާ މީހުންނާއި، އެނޫން ގޮތަކުންވެސް އެ ތަނެއްގައި އެ ވަގުތެއްގައި ތިބި މީހުންގެ މައުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް؛ އަދި އެފަދަ މައުލޫމާތު ކަމާބެހޭ އިދާރާއަކުން ބޭނުންވެއްޖެނަމަ، އެ މައުލޫމާތު އެ ފަރާތަކާ ހިއްސާކުރެވޭނެ ނިޒާމެއް.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަންއިންޓްރަޕްޓެޑް ޕަވަރ ސަޕްލައި މަސައްކަތްކުރާ ހާލަތުގައި ބެހެއްޓިފައި ހުންނަންވަނީ ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސްތަކުގެ ތެރެއިން ކޮން ފެންވަރެއްގައި ހެދިފައި ހުންނަ ގެސްޓް ހައުސްތަކަކަށްކަން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅައި އާންމު ކުރަން ވާނެއެވެ.

 

ތިންވަނަ ބާބު

އިމަރޖެންސީ ހާލަތްތަކާގުޅޭ އެސް.އޯ.ޕީ 

 

11 ވަނަ މާއްދާ - ތަނުގެ ސަލާމަތާއި ރައްކައުތެރިކަމާ ބެހޭ އެސް.އޯ.ޕީ

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުން އެ ތަނެއްގައި އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ތަނުގެ މުވައްޒަފުންނާއި އެ ތަނުގައި ތިބޭ ފަތުރުވެރިން އަމަލުކުރަންވީ ގޮތުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް (އެސް.އޯ.ޕީ) ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އެކުލަވައި ލަންވާނެއެވެ.

  1. ޓެރަރިސްޓް އިންޒާރެއް ނުވަތަ ހަމަލާއެއް ލިބުމުން؛
  2. އަލިފާނުގެ ހާދިސާއެއް ހިނގުމުން؛
  3. ސުނާމީއެއްގެ އިންޒާރު ލިބުމުން އަދި ސުނާމީއެއް އެރުމުން؛
  4. އެ ތަނެއްގައި ފެންބޮޑުވުމުން؛
  5. ސިއްހީ ނުރައްކަލެއް ކުރިމަތިވުން؛
  6. ފީނަން ނުވަތަ ފަތަން ގޮސް އުޅުމުގެ ތެރޭގައި މީހަކު ގެއްލިއްޖެނަމަ؛ އަދި 
  7. މީގެ އިތުރުން ވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން އެ ތަނެއްގެ މުވައްޒަފުންނާއި އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކައުތެރިކަމަށްޓަކައި އެކުލަ ވައިލާ އެނޫންވެސް އެސް.އޯ.ޕީ.

(ނ) މި މާއްދާގައި (ށ) ގައި ބަޔާންކޮށްފައިވާ އެސް.އޯ.ޕީ.ތަކަކީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އެސް.އޯ.ޕީ.ތަކަކަ ށް ވާންވާނެއެވެ. އެގޮތުން އެ އެސް.އޯ.ޕީ ތަކަކީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ.ތަކެއްކަން ޔަގީން ކުރުމަށް ޓަކައި، އެ އެސް.އޯ.ޕީ. ތައް މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން އެކުލަވައިލައިފައިވާ އެސް.އޯ.ޕީ.އެއް ފާސްކުރުމަށް މިނިސްޓްރީއަށް އެދި ހުށަހަޅާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ އެސް.އޯ.ޕީ.އަކީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ތައްޔާރުކޮށްފައިވާ އެސް.އޯ.ޕީ.އެއްކަން ނުވަތަ ނޫންކަން މިނިސްޓްރީން އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި މިގޮތުން އަންގާ އެންގުމުގައި އެ އެސް.އޯ.ޕީ.އަކީ މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް އެކުލަ ވައިލައިފައިވާ ނުވާ އެސް.އޯ.ޕީ.އެއް ކަމަށް މިނިސްޓްރީން ނިންމާ ހާލަތުގައި، އެކަމުގެ ސަބަބު، މިނިސްޓްރީން އެ ފަރާތަކަށް އަންގަންވާނެއެވެ. އަދި އެ އެސް.އޯ.ޕީ.ގައި އިސް ލާހު ކުރަންޖެހޭ ކަންކަން އެ ފަރާތަށް އަންގައި، އެސް.އޯ.ޕީ އިސްލާހުކޮށްފައި ހުށަހެޅުމަށް، މަދުވެގެން 15 (ފަނަރަ) ދުވަހުގެފުރުސަ ތެއް އެ ފަރާތަކަށް ދޭންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ފަރާތުން އެސް.އޯ.ޕީ. އިސްލާހުކޮށް ފައި ހުށަހަޅައި ފައި ނުވާނަމަ،މި ގަވާއި ދުގެ 26 ވަނަ މާއްދާގައިވާ ފަދައިން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ 1 އިން ފެށިގެން 7 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެސް.އޯ.ޕީ.ތައް ހުންނަންޖެހޭނެ މިންގަނޑުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހު ގެ ތެރޭގައި މިނިސްޓްރީން އެކުލަ ވައިލައި އާންމުކުރަންވާނެއެވެ. 

 

12 ވަނަ މާއްދާ - އިމަރޖެންސީ ހާދިސާތައް ކަމާބެހޭ ފަރާތްތަކަށް އެންގުން

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނެއްގައި އެއްވެސް އިމަރޖަންސީ ހާދިސާއެއް ދިމާވެއްޖެނަމަ، އެ ހާދިސާއަކާ ގުޅޭގޮތުން ހަރަކާތްތެރިވާ ންޖެހޭ ސަރުކާރުގެ އިދާރާއަކަށް ނުވަތަ އިދާރާތަކަށް، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެކަން އަންގަންވާނެއެވެ. އަދި ދިމާވާ އެކިއެކި އިމަރޖެންސީ ހާލަތްތަކުގައި ގުޅަންޖެހޭ އިދާރާތަކުގެ ފޯނު ނަންބަރުތައް އެ ތަނެއްގައި އުޅޭ ފަތުރުވެރިންނަށާއި މުވައްޒަފުން ނަށް ފަސޭހައިން ފެންނާނެ ތަންތަނުގައި ބަހައްޓަންވާނެއެވެ.

(ށ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނެއްގައި އެއްވެސް އިމަރޖެންސީ ހާދިސާއެއް ހިނގައިފި ނަމަ، އެ ހާދިސާ ހިނގާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެ ކަމުގެ މައު ލޫމާތު، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރާއްޖޭގެ ސަރަހައްދުގައި ކުރާ ކަނޑުދަތުރު 

 

13 ވަނަ މާއްދާ - ފަސިންޖަރުންގެ މައުލޫމާތު ބެލެހެއްޓުން

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން ކަނޑުމަގުން ކުރާ ކޮންމެ ދަތުރެއްގައި އެ ދަތުރެއްގައި ހިމެނޭ ފަތުރުވެރިންނާއި ފަޅުވެރިންގެ މައުލޫމާތު، އެ ދަތުރެއް ފެށުމުގެ ކުރިން ލިޔެ ބަލަހައްޓަން ވާނެއެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އެ ދަތުރެއްގައި ހިމެނޭ ފަތުރުވެރިންނާއި ފަޅުވެރިންގެ ޖުމުލަ އަދަދު، އެ ދަތުރަށް ޒިންމާވާ، އެއްގަމުގައި ހުރި ފަރާތަކަށް އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން ކަނޑުމަގުން ކުރާ ދަތުރުތަކުގައި ބޭނުންކުރާ އުޅަނދުތަކަކީ އެފަދަ އުޅަނދެއްގައި ހުންނަންޖެހޭ ސަލާމަތީ އެންމެހައި ކަންކަން ފުރިހަމަވެފައިވާ އުޅަނދެއްކަން، ކޮންމެ ދަތުރެއް ފެށުމުގެ ކުރިން އެ ފަރާތަކުން ކަށަވަރު ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަލާމަތީ ކަންކަން ފުރިހަމަވެފައިވާ ކަމަށް ބެލެވޭނީ، އެ އިރެއްގައި ކަނޑު ދަތުރުފަތުރު ކުރުމާ ގުޅޭ ކަންކަން ބަލަހައްޓާ ވުޒާރާއިން ނުވަތަ އިދާރާއިން ކަނޑައަޅައިފައިއިވާ، ސަލާމަތީ އެންމެހައި ކަންކަން އެ އުޅަނދެއްގައި ފުރިހަމަވާނަމައެވެ.

 

ފަސްވަނަ ބާބު

މޫދު ކުޅިވަރުތައް

 

15 ވަނަ މާއްދާ - މުވައްޒަފުންނާއި އިންސްޓްރަކްޓަރުން

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި މޫދުކުޅިވަރުތައް ރާވައި ހިންގުމުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކަމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ސަލާމަތާއި ރައްކައުތެރިކަމުގެ ކަންތައްތައް ރަނގަޅަށް އެނގޭ އަދި ކުއްލި ހާލަތެއް މެދުވެރިވާ ހިނދު އެ މީހުންގެ ބެލުމުގެ ދަށުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، ސަލާމަތާއި ރައްކައުތެރިކަމުގެ ގޮތުން ކަން ކުރަންވީ ގޮތް އަންގައިދިނުމުގެ ހުނަރާއި ތަމްރީނު ލިބިފައިވާ މީހުންކަން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތުން ކަށަވަރުކުރަން ވާނެއެވެ. އޭގެ އިތުރުން، މޫދު ކުޅިވަރުތައް ރާވައި ހިންގުމުގައި މަސައްކަތްކުރާ ކޮންމެ އިންސްޓްރަކްޓަރަކީ ބޭސިކް ފަސްޓްއެއިޑް އަދި ރެސްކިއު ކޯހެއް ފުރިހަމަކޮށްފައިވާ މީހެއްކަންވެސް ކަށަވަރުކުރަން ވާނެއެވެ.

(ށ) މޫދު ކުޅިވަރުގެ އިލްމު އުނގަންނައިދިނުމުގެ ހުއްދަ ނުވަތަ އެ ތަމްރީނު ހިންގުމުގެ ހުއްދަ، ދައުލަތުގެ ކަމާބެހޭ ފަރާތުން ހޯދައިގެން، މޫދުކުޅިވަރު ދަސްކޮށްދޭ ނުވަތަ ތަމްރީނުކޮށްދޭ ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގެ ފަރާތަކުން ދޫކުރާ ފާހެއް ލިބިފައިވާ ކޮންމެ ފަރާތަކީ މި މާއްދާގެ (ހ) ގައި ބުނެފައިވާ، ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.

 

16 ވަނަ މާއްދާ - މޫދު ކުޅިވަރު ހިންގާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަންތައްތައް 

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން ހިންގާ މޫދު ކުޅިވަރު ހިންގުމުގައި ތިރީގައިވާ ގޮތުގެ މަތިން އަމަލު ކުރަން ވާނެއެވެ.

(ހ) މޫދުކުޅިވަރުގެ ހަރަކާތެއް ފެށުމުގެ ކުރިން އެ ހަރަކާތަކާ ގުޅޭގޮތުން ސަލާމަތީ ކަންކަމުގެ މައުލޫމާތު ބައިވެރިންނަށް ދޭންވާނެއެވެ.

(ށ) މޫދުކުޅިވަރުތަކުގައި ބޭނުންކުރާ އާލާތްތައް، އެ ތަކެތި އުފެއްދި ފަރާތުން އެ ތަކެތި ބޭނުންކުރަން ކަނޑައަޅައިފައިވާ ގޮތްނޫން ގޮތަކަށް އެ ތަކެތި ބޭނުން ކޮށްގެން ނުވާނެއެވެ.

(ނ) މޫދުކުޅިވަރު ހިންގާ ފަރާތުން، މޫސުމަށް އަންނަ ބަދަލުތަކަށް ބަލައިގެން، އެވަގުތު އޮތް މޫސުމީ ހާލަތާ އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ.

(ރ) ކޮންމެ ދުވަހަކުވެސް، އެ ދުވަހެއްގެ މޫސުމާބެހޭ މައުލޫމާތު، މޫދު ކުޅިވަރެއްގައި އެ ދުވަހު ބައިވެރިވާ ބައިވެރިންނަށް ދޭންވާނެއެވެ.

(ބ) މޫދުކުޅިވަރެއް ހިންގާ ވަގުތުގައި އިންސްޓްރަކްޓަރާއި މޫދު ކުޅިވަރު ސެންޓަރާ ދެމެދު މުއާމަލާތު ކުރެވޭނެ މުއާސަލާތީ ވަސީލަތެއް އިންސްޓްރަކްޓަރުގެ އަތުގައި ނުވަތަ އޭނާއަށް ބޭނުންކުރެވޭ ފަދަ ތައްޔާރީ ހާލަތެއްގައި އޮންނަންވާނެއެވެ.

(ޅ) މޫދު ކުޅިވަރުތަކުގެ ބައިވެރިވާ ފަތުރުވެރިންނަކީ ފަތަން ދަންނަ މީހުންކަން ނުވަތަ ނޫންކަން ޔަގީން ކުރަން ވާނެއެވެ. ފަތަން ނުދަންނަ މޫދު ކުޅިވަރުގެ ތެރެއިން ޑައިވިންގ ނޫން ކުޅިވަރެއްގައި ފަތުރުވެރިޔަކު ބައިވެރިވާނަމަ، ލައިފް ޖެކެޓް އަޅުވަން ވާނެއެވެ. ފަތަން ނުދަންނަ ފަތުރުވެރިޔަކު ޑައިވިންގގައި ބައިވެރިވާނަމަ،ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީ.ސީ.ޑީ) ބޭނުން ކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ - މޫދުކުޅިވަރުގެ ބައިވެރިންގެ މައުލޫމާތު

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުން ރާވައިގެން ހިންގާ މޫދު ކުޅިވަރުތަކުގައި ބައިވެރިވާ ފަތުރުވެރިންގެ މައުލޫމާތު އެ ތަނަކުން ލިޔެ ބަލަހައްޓަން ވާނެއެވެ. 

 

18 ވަނަ މާއްދާ - އިމަރޖެންސީ ޕްލޭން

މޫދުކުޅިވަރު ހިންގާ ތަނެއްގައި ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ޕްލޭނެއް، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތުން އެކުލަވައިލައި ފައި އޮންނަންވާނެއެވެ.

 

ހަވަނަ ބާބު

ސެކިއުރިޓީ ބެލެހެއްޓުން 

 

19 ވަނަ މާއްދާ - ސެކިއުރިޓީ ނިޒާމު އެކުލަވައިލުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ތަނެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގަބޫލުކުރާ މިންގަނޑުތަކެއްގެ މައްޗަށް އެކަށައެޅޭ ސެކިއުރިޓީ ނިޒާމެއް ގާއިމު ކޮށްފައި ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ނިޒާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގަބޫލުކުރާ މިންގަނޑަށް އެކުލަވައިލައިފައިވާ ނިޒާމެއްކަން ޔަގީންކުރުމުގެ ގޮތުން، ކޮންމެ 2 (ދޭއް) އަހަރުން 1 (އެކެއް) ފަހަރު،މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހިތެރިކަމާއެކު މިނިސްޓްރީން ބަލައި ފާސްކުރަންވާނެއެވެ. 

 

20 ވަނަ މާއްދާ - ފާސްކުރަންވާނެއެވެ. 

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނަށް އޮޕަރޭޓިންގ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު އެ ތަނެއްގެ ސެކިއުރިޓީ ބަލަހައްޓާނެ ގޮތުގެ ތަފުސީލު ޕްލޭނެއް ތައްޔާރުކޮށްފައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޕްލޭން އެކުލަވައިލަންވާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް ރިޕޯޓު ހެދުމުގެ ގައިޑްލައިނަށް ރިއާޔަތްކޮށް، ސަލާމަތީ ހިދުމަތްދޭ އިދާރާތަކާ މަށްވަރާކޮށްގެން، އެ ތަނެއްގައި ރައްކައުތެރިކަމުގެ ގޮތުން ކޮންމެހެން ހުންނަންޖެހޭ ބައިތައް ހިމަނައިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވައިލާ ސެކިއުރިޓީ ޕްލޭނަކީ އެ ތަނެއްގައި ރައް ކައުތެރިކަމުގެ ގޮތުން ކޮންމެހެން ހުންނަންޖެހޭ ބައިތައް ހިމަނައިގެން އެކުލަވައިލައިފައިވާ ޕްލޭނެއްކަން ޔަގީންކުރުމުގެ ގޮތުން އެ ސެކިއުރިޓީ ޕްލޭން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން މިނިސްޓްރީއަށް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ޕްލޭން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިނިސްޓްރީން ފޮނުވަންވާނެއެވެ. އަދި އެ ސެކިއުރިޓީ ޕްލޭން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ ޕްލޭނާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ލިޔުމުން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ޕްލޭނަށް އި ސްލާހެއް ގެންނަން ޖެހޭނަމަ، ގެންނަންޖެހޭ އިސްލާ ހުގެ ތަފުސީލު، މިނިސްޓްރީއަށް ޕްލޭން ހުށަހަޅާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ޕްލޭން ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. އަދި މިނިސްޓްރީން އެކަން އަންގާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޕްލޭން އިސްލާހު ކުރުމަށްފަހު މިނިސްޓްރީއަށް އަލުން ހުށަހަޅަންވާނެއެވެ. އިސް ލާހު ކުރި ޕްލޭން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުށަހަޅައިފައި ނުވާނަމަ، މި ގަވާއިދުގެ 26 ވަނަ މާއްދާގައިވާ ފަދައިން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 

21 ވަނަ މާއްދާ - ސެކިއުރިޓީގެ ކަންކަން ރޭވުން

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ ސެކިއުރިޓީގެ ކަންކަން ރާވައި ހިންގާނީ އެ ތަނެއްގެ މެނޭޖްމަންޓުން ކަނޑައަޅާ ސެކިއުރިޓީ މެނޭޖަރެވެ. 

(ށ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ބިނާކުރާ ތަންތަނުގެ އެއްވެސް އައު އިމާރާތެއް އަޅަންވާނީ ނުވަތަ އިމާރާތަށް އެއްވެސް ބަދަލެއް ގެންނަންވާނީ ސެކިއުރިޓީމެނޭޖަރުގެ މަށްވަރާގެ މަތިންނެވެ.

 

22 ވަނަ މާއްދާ - ސެކިއުރިޓީ މެނޭޖަރުގެ ޒިންމާ

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ ސެކިއުރިޓީ މެނޭޖަރުގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) އެ ތަނެއްގެ ރިސްކް އެސެސްމަންޓަށް ބިނާކޮށް އެ ތަނެއްގެ ސަލާމަތީ އޮނިގަނޑު ނުވަތަ ޕްލޭން ތައްޔާރުކުރުން؛

(ށ) އެ ތަނެއް ބަލައި ފާސްކުރުމުގެ ނިޒާމް ތައްޔާރުކޮށް، އެ ނިޒާމް ދެމެހެއްޓުން؛

(ނ) އެ ތަނަކަށް ލިބޭ ޓެރަރިސްޓް އިންޒާރުތަކާއި ލިބިދާނެ ނުވަތަ ލިބޭ ޓެރެރިސްޓް ހަމަލާއަކާ ގުޅިގެން އަމަލުކުރާނެ ކޮންޓިންޖެންސީ ޕްލޭންތައް ސަރުކާރުގެ ކަމާބެހޭ އިދާރާގެ މަށްވަރާއާއި އިރުށާދުގެ ދަށުން އެކުލަވައިލައި، އެ ނިޒާމް ދެމެހެއްޓުން؛

(ރ) އެ ތަނެއްގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ތަމްރީނުކުރުމާއި، ސެކިއުރިޓީ ބްރީފިންގއާއި ޑީބްރީފިންގ އެ ފަރާތްތަކަށް ދިނުން؛

(ބ) އެ ތަނެއްގެ މެނޭޖްމަންޓުން ކަނޑައަޅާ އުސޫލުން ގަވާއިދުން ހުރިހާ ސަލާމަތީ ޕްލޭންތައް މުތާލިއާ ކުރުން؛

(ޅ) އެ ތަނެއްގެ އެކްސްޓީރިއަރ ސެކިއުރިޓީއާއި އެކްސެސް ކޮންޓްރޯލް، ކައުންޓަރ ޓެރެރިޒަމްގެ ވިސްނުމުގައި ރޭވުން؛

(ކ) އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސެކިއުރިޓީ އެވެއަރނަސް ޕްރޮގްރާމްތައް ރާވައި ހިންގުން؛

(އ) އެ ތަނަކަށް ދިމާވެދާނެ ޓްރަރިސްޓް ހަމަލަޔަކުން ނުވަތަ ކުއްލި ނުރައްކަލުގެ އެހެން ހާލަތަކުން ރައްކައުތެރިވުމަށް އިވެކުއޭށަން ޕްލޭން އެކުލަވައިލުމާއި، އެ ޕްލޭންތަކަށް އެ ތަނުގައި މަ ސައްކަތްކުރާ އެންމެހައި މުވައްޒަފުން އަހުލުވެރި ކުރުވުން؛

(ވ) ދިމާވެދާނެ ކުއްލި ނުރައްކަލުގެ އެކިއެކި ހާލަތަށް ތަނުގެ މުވައްޒަފުން ތައްޔާރީ ހާލަތުގައި ތިބޭކަން ކަށަވަރުކުރުމުގެ ގޮތުން އިމަރޖެންސީ އެކިއެކި ހާލަތްތަކާ ގުޅޭ ޑްރިލް ހިންގުން؛ އަދި

(މ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލަންޖެހޭ އެސް.އޯ.ޕީ.ތައް އެކުލަވައިލުން.

 

23 ވަނަ މާއްދާ - ސެކިއުރިޓީ ބަލަހައްޓާނެ ހާއްސަ ތަންތަން ކަނޑައެޅުން

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ކޮންމެ ތަނެއްގައި ކަނޑައެޅޭ ހާއްސަ ތަނެއްގައި ނުވަތަ ތަންތަނުގައި ސެކިއުރިޓީ ބެލެހެއްޓުމަ ށްޓަކައި ނިޒާމެއް ގާއިމު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނަކުން ކަނޑައަޅަންޖެހޭ ހާއްސަ ތަން ނުވަތަ ތަންތަން ކަނޑައަޅަންވާނީ ސަލާމަތީ ހިދުމަތްދޭ އިދާރާތަކުގެ މަށްވަރާއާއި އިރުށާދުގެ ދަށުންނެވެ. 

 

24 ވަނަ މާއްދާ - ފިޒިކަލް ސެކިއުރިޓީ ބެލެހެއްޓުން

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ކޮންމެ ތަނެއްގައި އަންނަނިވި ގޮތުގެ މަތިން އެ ތަނެއްގެ ފިޒިކަލް ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް އެ ފަރާތަކުން ގާއިމު ކުރަން ވާނެއެވެ.

(ހ) އެކްސެސް ކޮންޓްރޯލް ޕޮއިންޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ ނިޒާމެއް ގާއިމްކުރުން؛

(ށ) އެ ތަނެއްގެ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނާއި، އެތަނަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ނޫން އެހެން މީހުންނަށް ފާސްދޫކުރުމުގެ ނިޒާމެއް ގާއިމްކުރުން؛

(ނ) ޓްރެފިކާއި ޕާކިންގ ކޮންޓްރޯލްކުރުން؛ އަދި

(ރ) އިމާރާތްތަކާ ގެސްޓް ރޫމްތަކުގެ ދޮރާއި ކުޑަދޮރުގެ ފެންވަރު ރަނގަޅު ކުރުމާއި،ތަޅުލެވޭ ނިޒާމެއް ގާއިމްކުރުން.

 

25 ވަނަ މާއްދާ - އިވެކުއޭށަން ޕްލޭން

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ބިނާކުރެވޭ ތަންތަނުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ އެންމެހައި ހާލަތަކުން ރައްކައުތެރިވުމަށް ހަރުދަނާ އިވެކުއޭށަން ޕްލޭނެއް ހަދައި، އެ ތަނެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުން އެ ޕްލޭނަށް އަހުލުވެރި ކުރެވިފައި ހުންނަންވާނެއެވެ. އެގޮތުން ތިރީގައިވާ ކަންކަން ދިމާވުމުން އިވެކުއޭޓް ކުރާނެ ގޮތުގެ ޕްލޭންތައް ހަދައިފައި ހުންނަންވާނެއެވެ.

(ހ) އެ ތަނެއްގެ ސަރަހައްދުގެ ތެރެއިން ނުރައްކަލެއް (ތްރެޓެއް) ގެ ހަބަރު ލިބުމުން؛

(ށ) ގޮތްނޭނގޭ އެއްޗެއް އެފަދަ ތަނަކުން ފެނުމުން؛ (ޕޯސްޓަލް ޕެކޭޖެއް، ނުވަތަ ވަކި ފަރާތަކަށް ނިސްބަތް ނުވާ ދަބަހެއް، ނުވަތަ އެނޫން އެއްޗެއް ފެނުން)

(ނ) ގޮތްނޭނގޭ ވެހިކަލެއް ނުވަތަ އުޅަނދެއް ނުވަތަ އެހެން އެއްޗެއް އެ ތަނެއްގެ ކައިރީގައި އޮތުމުން؛ އަދި

(ރ) އެއްވެސް ހާދިސާއެއްގެ މައުލޫމާތު، ސަލާމަތީ ހިދުމަތަކުން ދިނުމުން.

 

ހަތްވަނަ ބާބު

އެހެނިހެން 

 

26 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

(ހ) ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމެއްގެ ކުޑަ ބޮޑުމިނަށް ބަލައި އެ ފަރާތެއް 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާ ކަނޑައަޅާނީ، އަންނަވި ގޮތުގެ މަތިންނެވެ.

  1. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު، 10،000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން؛ 
  2. ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު، 50،000 (ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން؛ އަދި 
  3. ގަވާއިދާ ހިލާފުވާ ތިންވަނަ ފަހަރު، އަދި ތިންވަނަ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން.

 

27 ވަނަ މާއްދާ - އިންތިގާލީ ކަންކަން

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ވިޔަފާރި ހިންގަން ފަށައިފައިވާ ތަންތަނުން އަންނަނިވި ކަންކަން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ތަނެއްގައި ގާއިމުކޮށް ނިންމަންވާނެއެވެ.

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ސެކިއުރިޓީއާ ގުޅޭ އާންމު އުސޫލުތައް؛ 

(ށ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެސް.އޯ.ޕީ.ތައް؛

(ނ) މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ނިޒާމު؛ އަދި

(ރ) މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިވެކުއޭށަން ޕްލޭންތައް.

 

28 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ޖަދުވަލު 1

ސެކިއުރިޓީ އެސެސްމަންޓް ރިޕޯޓް ހެދުމުގެ ގައިޑްލައިން

މި ޖަދުވަލުގައި ހިމަނައިފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ ސެކިއުރިޓީ ޕްލޭން ހެދުމުގެ ކުރިން، އެ ޕްލޭން ބިނާކުރާނެ އަސާސްތަކެއް ކަނޑައެޅުމަށްޓަކައި ސެކިއުރިޓީ އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކުރުމުގައި ގައިޑްލައިނެއްގެ ގޮތުން ބަލަންވީ ކަންކަމެވެ. މި ރިޕޯޓު އެކުލަވައިލާއިރު ރަނގަޅު ކުރަން ޖެހޭކަމަށް ފާހަގަވާ ކަންކަން ގައިޑްލައިނުގައި ހިމަނައިފައިވާ އެ ކަމަކާ ގުޅޭ ސުރުޚީގެ ދަށުން ހިމަނަންވާނެއެވެ.

  1. ތަޢާރަފު 
    1.1 ސެކިއުރިޓީ އެސެސްމަންޓާ ބެހޭ ތަޢާރަފެއް
  2. ހިމަނަންޖެހޭ މުހިންމު ޕޮއިންޓުތައް
    2.1 އިމާރާތުގައި ކުރާ މަސައްކަތް
    2.2 ސެކިއުރިޓީގެ މިންވަރު
    2.3 އެސެސްމަންޓުގައި ހިމަނައިފައިވާނެ ކަންތައްތައް
  3. މަޤްޞަދު
    3.1 އެސެސްމަންޓުގެ މަޤްސަދު (އެސެސްމަންޓް ރިޕޯޓް އެކުލަވައިލުމުގެ ބޭނުމާއި، އެއީ ކޮން ތަނަކަށް އެކުލަވައިލާ ރިޕޯޓެއްކަން ބަޔާންކުރުން)
  4. ބެލެވިފައިވާ ކަންތައްތައް

 

  1. ކައުންޓަރ ޓެރަރިޒމް މެޝަރސް
    1.1 އެ ތަނަކަށް ހުރި ޓެރަރިސްޓް ނުރައްކައުތައް (ތްރެޓްސް)؛
    1.2 ދިމާވެދާނެ ޓެރަރިޒަމްގެ ނުރައްކަލަކުން ރައްކައުތެރިކަން ލިބިދޭނީ ކޮން ކަންތައްތަކަކަށް ކަމާއި، ކޮން ބަޔަކަށްކަން ކަނޑައެޅުމާއި، އެ ނުރައްކަލަށް ހުށަހެޅޭ ކަންކަން ޙިމާޔަތްކުރުމުގައި އިސްކަންދޭނެ ކަންކަން؛ މިގޮތުން ނުރައްކަލުން ރައްކައުތެރިކަން ދޭނީ؛ މީހުންނާއި، ހަރުމުދަލާއި، މުހިންމުިމަޢުލޫމާތާއި، މުހިންމު  ހިދުމަތްތަކާއި ސަރވިސްތަކެވެ. އަދި ޙިމާޔަތް ކުރުމުގައި އިސްކަންދޭނީ؛  ތަނުގެ އާންމު މަޢުލޫމާތާއި، ޚިދުމަތްދެވޭ މުހިންމު ނިޒާމްތަކާއި، ޓެރެރިސްޓުން އާންމުކޮށް ބޭނުންކޮށްފާނެ ކަމަށް ލަފާކުރެވޭ  ޓާގެޓްތަކެވެ. 
    1.3 ޓެރަރިޒަމްގެ ނުރައްކައު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް. 
  2. ފިޒިކަލް ކޮންޑިޝަންސް
    1.4 އިމާރާތް ހެދިފައިވާ ތަނާއި ސަރަހައްދު (ހުރި ވަލްނަރަބިލިޓީޒް)
    1.5 އިމާރާތުގައިވާ މުހިންމު ތަންތަން (ސެކިއުރިޓީގެ ގޮތުން އެންމެ އިސްކަމެއްދީގެން ބަލަންޖެހޭ ތަންތަން)
    1.6 މިހާރު ސެކިއުރިޓީ ކަންތައްތައް ހަމަޖެހިފައިވާ ގޮތް (މިހާރު ސެކިއުރިޓީގެ ގޮތުން ކުރެވެމުންދަނީ ކޮންކަމެއް ކަން)
    1.7 ފިޒިކަލް ޕްރޮޓެކްޝަން ސިސްޓަމް. 
  3. ޕޮލިސީސް އެންޑް ޕްރޮސީޖަރސް 
    ސެކިއުރިޓީގެ ގޮތުން ހެދިފައިވާ ގަވާއިދުތައް ހުރިތޯ ނުވަތަ ނެތްތޯ ބެލުން/ އެކްސެސް ކޮންޓްރޯލް، ފަޔަރ ޕްރޮޓެކްޝަން، ސެކިއުރިޓީ އޮފިސަރުން، ޤުދުރަތީ ހާދިސާ ނުވަތަ އެހެނިހެން ހާދިސާތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްރޮސީޖަރތައް ހުރިތޯ ނުވަތަ ނެތްތޯ ބެލުން.
  4. ސެކިއުރިޓީ އޮފިސަރުން 
    ސެކިއުރިޓި އޮފިސަރުން ތިބިތޯ ، ސެކިއުރިޓި އޮފިސަރުންގެ މަސައްކަތް / ތަފުސީލު
  5. ޕެރިމީޓަރ ސެކިއުރިޓީ
    ވަށައިގެންވާ ސަރަޙައްދުގެ ސެކިއުރިީޓ (ފެންސް، ގޭޓްސް، ސީ.ސީ.ޓީ.ވީ، ދޮރުތައް) މިވަގުތަށް ހުރިގޮތް.
  6. އެކްސެސް ކޮންޓްރޯލް 
    ގޭޓުތައް ހަދައިފައިވާ ގޮތް، މީހުން ވަދެ ނުކުތުމުގައި ޢަމަލުކުރާ ގޮތް، ވަނުން މަނާ ސަރަޙައްދުތައް، އެކްސެސް ކޮންޓްރޯލް ޕްރޮސޖަރ ހެދިފައިވޭތޯ
  7. ކީ ކޮންޓްރޯލް 
    ތަޅުދަނޑިތައް ބަލަހައްޓާ ގޮތް، ތަޅުދަނޑި ގެންގުޅުމުގައި ޢަމަލުކުރާ ގޮތް؛
  8. އިލެކްޓްރޯނިކް ސެކިއުރިޓީ 
     ސީ.ސީ.ޓީ.ވީ ކެމެރާ ސިސްޓަމް ހަރުކުރެވިފައިވޭތޯ، ހަރުކުރެވިފައިވާނަމަ އެއް ކެމެރާ އަނެއް ކެމެރާ އޯވަރލެޕްވޭތޯ އަދި ލައިޓިންގ ސިސްޓަމް އެއާ ފުށު އަރާތޯ، ހަރުކުރެވިފައިވާ ކެމެރާތަކުން އިމާރާތުގެ މުހިންމު ތަންތަން ކަވަރުކުރޭތޯ.
  9. ލޮކިންގ ސިސްޓަމް 
    ހަރުކޮށްފައިވަނީ ކޮންކަހަލަ ތަޅުތަކެއްތޯ، އިލެކްޓްރޯނިކް ލޮކިންގ ސިސްޓަމެއް ހުރޭތޯ، ހަރުކޮށްފައިވާ ތަޅުތަކަކީ ޑަބަލް ލޮކް ކުރެވޭ ތަޅުތަކެއްތޯ.
  10. ސެކިއުރިޓީ ލައިޓިންގ 
    ހަރުކޮށްފައިވާ ލައިޓިންގ ސިސްޓަމުން އިމާރާތަށް އެކަށީގެންވާ ވަރަށް އަލިފޯރާތޯ، ހަރުކޮށްފައިވާ ލައިޓިންގގެ ސަބަބުން ސީ.ސީ.ޓީ.ވީ. އަށް ހުރަސްތަކެއް ކުރިމަތިވޭތޯ، ސެކިއުރިޓީގެ ގޮތުން ރަނގަޅު ލައިޓުތަކެއްތޯ
  11. ކޮމިއުނިކޭޝަން ސިސްޓަމް 
    މޯބައިލް ފޯނު ަ ނުވަތަ ޓޯކީ ސިސްޓމް ފަދަ މުވާސަލާތީ ވަސީލަތްތައް މެދުކެނޑޭ ހާލަތެއްގައި، އިމާރާތުގައްޔާއި އިމާރާތުގެ ކައިރީގައި އުޅޭ މީހުންނަށް މެސެޖެއް ދިނުމަށް ސްޕީކަރ ސިސްޓަމެއް ހަރުކުރެވި ބޭނުންކުރެވެމުންދޭތޯ 
  12. ސެކިއުރިޓީ ކޮންޓްރޯލް ސެންޓަރ 
    ސެކިއުރިޓީ ކޮންޓްރޯލް ސެންޓަރެއް ޤާއިމުކުރެވިފައިވޭތޯއާއި އެ ތަނުގައި ސީ.ސީ.ޓީ.ވީ އޮޕަރޭޓކޮށް ފުޓޭޖްތައް ރައްކައުކޮށް މޮނީޓރކުރާކަން ކަށަވަރުކުރުމާއި، އެ ތަނުގައި ހައި ސެކިއުރިޓީ ލޮކިންގ ސިސްޓަމެއް ޤާއިމުކޮށްފައި ވޭތޯއާއި، ތަނުގައި ސެކިއުރިޓީ އޮފިސަރުން ތިބޭތޯއާއި، އެ ތަނަށް ވަދެ ނުކުމެ އުޅޭ މީހުންގެ މަޢުލޫމާތު (ލޮގެއް) ބެލެހެއްޓޭތޯ
  13. އިމަރޖެންސީ ޕްލޭންތައް 
    31.1 ހިނގައިފާނެ ހާދިސާތަކަށް ފިޔަވަޅުއެޅުމުގެ ގޮތުން އެކިކަހަލަ އިމަރޖެންސީ ޕްލޭންތަކެއް ހަދައި، އެ ޕްލޭންތަކާއެއްގޮތަށް ޢަމަލުކޮށް، ވަދެ ނުކުމެ އުޅޭ ފަރާތްތަކަށް އެ ޕްލޭންތައް ފެންނާނެހެން ބަހައްޓައިފައި ވޭތޯ.
    13.2 އިމަރޖެންސީ އިވެކުއޭޝަން ޕްލޭނެއް ހަދައި މުވައްޒަފުންނަށް ފެންނާނެހެން އިމާރާތުގައި ހަރުކުރުން؛
    13.3 ހަރުކޮށްފައިވާ އަލިފާންނިވި ފުޅިތައް ނުވަތަ ފަޔަރ ސިސްޓަމް އަޕްގްރޭޑްކޮށް މެއިންޓެއިން ކުރުން. އަދި މަހުންމަހަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ފުރިހަމަކުރުން؛

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު