-

އާންމު ސިއްހަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 26/2020)

 

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2012 (އާާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާންމު ސިއްހަތު ރައްކައުތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެ ހިނދެއްގައި، އާންމުކޮށް ނަން ހާމަކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާ ގުޅޭގޮތުން     އެ ގާނޫނުގެ 82 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އާންމު ސިއްހަތު ރައްކައުތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްސަދު

މި ގަވާއިދުގެ މަގްްސަދަކީ،  އާންމު ސިއްހަތު ރައްކައުތެރިކޮށް ދެމެހެއްޓުމަށް ޓަކައި، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ފެނިއްޖެ ހިނދެއްގައި، އާންމުކޮށް ނަން ހާމަކުރުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

ދެވަނަ ބާބު

ނަން އާންމުކޮށް ހާމަކުރުމުގެ އުސޫލު

 

3 ވަނަ މާއްދާ - ނަން ހާމަކުރުމުގެ ބާރު

މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

 

4 ވަނަ މާއްދާ - ނަން ހާމަކުރެވޭނެ ހާލަތް       

(ހ) މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ވަކި ހާލަތްތަކުގައި ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށް ޓަކައި ވަކި ފަރާތެއްގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ހާމަކުރަންވާނީ، އެކަން ނުކޮށް އާންމު ސިއްހަތު ރައްކައުތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގްްސަދު ހާސިލުކުރެވޭ މިންވަރަށް އެކަންޏެވެ.

(ށ) އަލަށް ތައާާރަފުވާ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކައުތެރި ކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެފަދަ ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އާންމުކޮށް ހާމަކުރެވިދާނެއެވެ.

(ނ) މީހެއްގެ މަރުގެ ސެޓުފިކެޓެއްގައި، އެ މީހަކު މަރުވެފައިވަނީ ނުރައްކައުތެރި ބައްޔެއް ޖެހިގެން ކަމަށް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިގެން ކަމަށް ބަޔާން ކޮށްފައިވާނަމަ، އަދި އެ ބައްޔަކީ އެ ދުވަސްވަރު ދުނިޔޭގައި އަވަހަށް ފެތުރެމުންދާ ބައްޔެއް ކަމުގައި ވާނަމަ، އާންމު ސިއްހަތު ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އެ މީހެއްގެ ނަން ހާމަކުރެވިދާނެއެވެ.

(ރ) ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން ކަރަންޓީނު ކުރުމަށް، ނުވަތަ އެ ފަދަ މީހަކު ނުވަތަ އެ ފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު، އެ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެކަހެރިކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމާ ހިިލާފުވާ ފަރާތްތަކާއި، އެ ފަދަ ފަރާތެއްގެ ކިބައިން އެ ބަލި ފެތުރުނަ ނުދިނުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކުރަންޖެހޭ ކަންކަން ކުރުމަށް  އެއްބާރުލުން ނުދޭ ފަރާތްތަކުގެ ނަން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހާމަކުރެވިދާނެއެވެ.

 

5 ވަނަ މާއްދާ - ނަން ހާމަކުރުމުގެ އުސޫލު

 ނުރައްކައުތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކުރުމުގެ ކުރިން، ތިރީގައިވާ ކަންތައްތަކަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ރިއާާޔަތް ކުރަން ވާނެއެވެ.

(ހ) ނަން ހާމަކޮށްގެން ބަލި ކޮންޓްރޯލް ކުރުމަށް ފުރުސަތު އޮތް މިންވަރު؛

(ށ) ނަން ހާމަކުރުމުން ނިކުންނާނެ ނަތީޖާ؛

(ނ) ނަން އާންމުކޮށް ހާމަނުކޮށް އާންމު ސިއްހަތު ރައްކައުތެރި ނުކުރެވޭނެ މިންވަރަށް ބަލީގެ ނުރައްކާ ކުރިމަތިވެއްޖެ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވުން؛

(ރ) އެ މީހެއްގެ ނަން ހާމަނުކުރުމުގެ ސަބަބުން މުޖުތަމައަށް ކުރިމަތިވާނެ ނޭދެވޭ އަސަރު؛

(ބ) ނަން ހާމަކުރުމުގެ ސަބަބުން އޭނާއާ ގުޅުންހުރި ފަރާތްތަކަށާއި އާންމު ފަރުދުންނަށް އެ ބަލިން ރައްކައުތެރިވުމަށް ފިޔަވަޅު އަޅަން ފުރުސަތު އޮތް މިންވަރު؛

(ޅ) ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ނަން ހާމަކުރެވޭ ފަރާތުން އެއްބާރުލުންދޭ މިންވަރު.

 

6 ވަނަ މާއްދާ - ހާމަކުރެވޭނެ މައުލޫމާތާއި މިންވަރު

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަކި މީހަކީ ނުރައްކައުތެރި ބައްޔެއް ޖެހިފައިވާ މީހެއްކަން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްކަން އެންގުމުގެ ގޮތުން އާންމުކޮށް ހާމަކުރެވޭނީ އަންނަނިވި މައުލޫމާތެވެ.   

(ހ) ފުރިހަމަ ނަން (އާންމުކޮށް ކިޔާ ނަމާއެކު)؛

(ށ) ގައުމީ ނިސްބަތް؛

(ނ) ދާއިމީ އެޑްރެސް؛

(ރ) މިހާރު ދިރިއުޅޭ އެޑްރެސް؛ (ރަށް، އަތޮޅު، ގައުމު ހިމެނޭ ގޮތުން)

(ބ) ވަޒީފާ އަދާކުރާނަމަ، ވަޒީފާ އަދާކުރާ ތަން؛

(ޅ) ފޮޓޯ؛

(ކ) ބަލީގެ ނަން ނުވަތަ ބާވަތް.

 

7 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއުކުރާ ތާރީހިުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 7/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު