-

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 40/2020)

 

1 ވަނަ މާއްދާ – ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 7/2012 (އާންމު ސިއް ހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 94 ވަނަ މާއްދާގެ (ޗ) އާއި، އެ މާއްދާގެ (ރރ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއް ހަތާއި ފުރާނަ ރައްކައުތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވުމުން އަމަލުކުރާނެ ގޮތާއި، އެ ހާލަތުގައި ނެރޭނެ އަމުރުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ – ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް އެންގުން

ދިވެހިރާއްޖޭގައި އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މުއާހަދާތަކުގެ ދަށުން އަންގަންޖެހޭ ފަރާތްތަކަށް އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ – ފަންނީ ލަފާދޭ ކޮމިޓީ

(ހ) ދިވެހިރާއްޖޭގައި އާންމު ސިއް ހަތުގެ ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނެ ކަމަށް، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ސިއް ހަތާއި ފުރާނަ ރައްކައުތެރި ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ޑިރެކްޓަރ ޖެނެރަލަށް ލަފާދިނުމަށާއި، އެފަދަ ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅެއްގައި ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑިރެކްޓަރ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވައިލުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ)    މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގައި، އަންނަނިވި ދާއިރާތަކުން މީހުން ތިބެންވާނެއެވެ.

  1. އެ ވަގުތަކު ދިމާވެފައިވާ ބަލިމަޑުކަމާ ގުޅޭ ހާއްސަ ސްޕެށަލިސްޓް ޑޮކްޓަރުން؛
  2. ޕަބްލިކް ހެލްތު ދާއިރާގެ މާހިރުން؛
  3. ކަމާ ގުޅޭ ގޮތުން ފަންނީ ލަފާ ބޭނުންވާނެ އެހެނިހެން ދާއިރާތަކުން ފަންނީ މާހިރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް އައްޔަނު ކުރެވޭ އެއްވެސް މެންބަރަކަށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ލަފަޔާއި އެހީތެރިކަން، ފޯރުކޮށް ނުދެވޭކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލު ކުރެވޭ ނަމަ، އެ މީހަކު ކޮމިޓީން ވަކިކުރުމަށް ވަޒީރުގެ އަރިހުން އެދުމުން، އެ މެންބަރަކު ކޮމެޓީން ވަކިކުރަންވާނެއެވެ.

 

5 ވަނަ މާއްދާ – އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން

(ހ) ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއް ހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެ ކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައި، އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އިއުލާނު ކުރުމަށާއި، އެ އިއުލާނުގައިވާ އަންގައިފައިވާ ކަމެއް ނުވަތަ ކަންތައްތަކެއް ހިނގާނެ ސަރަ ހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނު ކުރުމަށް ވަޒީރަށް ލަފާދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީރަށް ޑިރެކްޓަރ ޖެނެރަލް ލަފާދީފިނަމަ، ވަކި ސަރަ ހައްދަކަށް، ނުވަތަ ވަކި ވަގުތަކަށް، އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެ ކަމުގެ އިއުލާނު، ވަޒީރު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ – ޑިރެކްޓަރ ޖެނެރަލްގެ އަމުރުތަކާ ގުޅޭ

(ހ) މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތައް އާންމު ކުރަން ވާނެއެވެ. އަދި މިފަދަ އެންގުމެއް ރައްދުވަނީ ވަކި ފަރާތަކަށް، ނުވަތަ ވަކި ތަނަކަށް ނަމަ، އެ ތަނެއްގެ ވެރިފަރާތަށް، ނުވަތަ އެ ތަނެއް ހިންގުމާ ހަވާލުވެހުރި ފަރާތަށް، ނުވަތަ އެ ތަނެއްގައި ދިރިއުޅެމުންދާ ފަރާތަށް، އެ އަމުރު ފޮނުވަންވާނެއެވެ. މިފަދައިން އާންމުކުރާ އަމުރެއްގައި، އާންމު ސިއް ހަތު ރައްކައުތެރި ކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދާ ހިލާފަށް އެއްވެސް މައުލޫމާތެއް ހިމަނައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި، މި ގަވާއިދުގެ ދަށުން ނެރޭ އަމުރެއް އާންމުކުރުމަށް، ނުވަތަ އަމުރު ރައްދުވާ ފަރާތަށް ފޮނުވުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެފަދަ އަމުރެއް ތައްޔާރުކޮށްފައި، އަމުރު ރައްދުވާ ފަރާތްތަކަށް އެ އަމުރު ފޯރުކޮށްދިނުމަށް ހޭދަވާނެ ވަގުތުގެ ސަބަބުން، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތެއްގެ ސިއް ހަތަށް ނުރައްކާވާނެކަމަށް ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވޭ ނަމަ، ފޯނުން ގުޅައިގެން ނުވަތަ ޓެކްސްޓް މެސެޖް ފަދަ ވަގުތުން އެ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް އެ އަމުރު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ. އަދި މިފަދައިން އަމުރެއް ކޮށްފި ނަމަ، 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އެ އެންގުން ލިޔުމަކަށް ބަދަލުކޮށް، އެންގުން އެންގި ފަރާތްތަކަށް، ޑިރެކްޓަރ ޖެނެރަލް އެ ލިޔުން ރައްދުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޑިރެކްޓަރ ޖެނެރަލް އަމުރެއް ކުރުމުން، ނުވަތަ އާންމުކުރުމުން، އެ އަމުރާ އެއްގޮތަށް، އަމުރު ރައްދުވާ ފަރާތުން ނުވަތަ ފަރާތްތަކުން އަމަލު ކުރަން ވާނެއެވެ.

 

7 ވަނަ މާއްދާ – ވެކްސިން ދިނުން

(ހ) ދިވެހިރާއްޖޭގައި އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައި ވަނިކޮށް، ވެކްސިން ދިނުމާ ގުޅޭގޮތުން ލަފާ ދިނުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އެޑްވައިޒަރީ ގުރޫޕުގެ މަށްވަރާގެ މަތިން، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ސިއް ހަތު ރައްކައުތެރި ކުރުމަށް ޓަކައި، ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމަށް ނިންމުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ވެކްސިން ދިނުމަށް ނިންމައިފި ނަމަ، އެ ވަގުތުގެ ހާލަތަށް ބަލައި، ވެކްސިން ދިނުމުގައި އިސްކަންދޭނެ މީހުންގެ ގިންތިތައް، ވެކްސިން ދިނުމާ ގުޅޭގޮތުން ލަފާ ދިނުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ އެޑްވައިޒަރީ ގުރޫޕުގެ ލަފާގެ މަތިން، ޑިރެކްޓަރ ޖެނެރަލް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެކްސިން ދިނުމުގައި ގިންތި ކުރުމަށްފަހު، ވެކްސިން ދިނުމުގައި އެންމެ އިސްކަންދޭން ޖެހޭނެކަމަށް ކަނޑައެޅުނު ފަރާތްތަކާ މުއާމަލާތުކޮށް، އެ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމު، ޑިރެކްޓަރ ޖެނެރަލް ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެކްސިން ދިނުމަށް ނިންމައިފި ނަމަ، ރަށްރަށުގައި ހުންނަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން، ނުވަތަ ގިނަ ބަޔަކަށް އެއްފަހަރާ ވެކްސިން ދިނުމުގެ އިންތިޒާމެއް (ވެކްސިން ކޭމްޕެއް ފަދަ) ގެ ދަށުން ވެކްސިން ޖެހުމުގެ އިންތިޒާމު، ޑިރެކްޓަރ ޖެނެރަލް ހަމަޖައްސަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެކްސިން ދިނުމަށް ޑިރެކްޓަރ ޖެނެރަލް ނިންމައިފި ނަމަ، ޑިރެކްޓަރ ޖެނެރަލް އާންމުކޮށް އެކަން އިއުލާނު ކުރަން ވާނެއެވެ. މި އިއުލާނުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ވެކްސިން ދޭ ސަބަބު؛
  2. ދެވޭ ވެކްސިންގެ ތަފުސީލު؛
  3. ވެކްސިން ދިނުމުގައި އިސްކަންދޭނެ ފަރާތްތައް؛
  4. ވެކްސިން ލިބެން ހުންނާނެ ތަންތަނާއި، ވެކްސިން ޖެހެން ހުންނާނެ ތަންތަނާއި، ވެކްސިން ޖަހައިދޭނެ ވަގުތުތައް.

 

8 ވަނަ މާއްދާކަރަންޓީނުކުރުން ނުވަތަ އެކަހެރިކުރުން

(ހ) ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ އޭނާއާ މުއާމަލާތު ކުރެވިފައިވާ މީހާ، ނުވަތަ އޭނާގެ ގައިން އެ ބަލި އަރާފާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުރި މީހާގެ ކިބައިން އެހެން މީހެއްގެ ގަޔަށް އެ ބަލި ވާސިލުވުމުގެ މަގު ބަންދު ކުރުމަށް ޓަކައި، އެ ބަލި ފެތުރޭނެކަމަށް ސިއްހީގޮތުން ބެލެވޭ ނުވަތަ އެ ބަލީގެ ފަނި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލުވާނެކަމަށް ސިއްހީގޮތުން ބެލެވޭ މުއްދަތަށް އޭނާގެ ހަރަކާތްތައް ވަކިގޮތަކަށް ހިފެހެއްޓުމަށްޓައި އޭނާ މުޖުތަމައުގެ އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމުގެ ގޮތުން ކަރަންޓީނު ކުރުމުގެ މަރުކަޒެއްގައި، ނުވަތަ ޑިރެކްޓަރ ޖެނެރަލް އަންގާ އެހެން ތަނެއްގައި ކަރަންޓީނު ކުރުމުގެ އަމުރެއް ނެރެވިދާނެއެވެ.

(ށ) ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކު ނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގެ ހަށިގަނޑުގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކު ނަމަ، އޭނާގެ ބަލި ނުވަތަ އޭނާގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެހެން މީހުންގެ ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމުގެ ގޮތުން، އެކަހެރިކުރުމުގެ މަރުކަޒެއްގައި، ނުވަތަ ޑިރެކްޓަރ ޖެނެރަލް އަންގާ އެހެން ތަނެއްގައި އެކަހެރިކުރުމުގެ އަމުރެއް ނެރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛
  2. އަމުރު ނެރުނު ސަބަބު؛
  3. ކަރަންޓީނުކުރާ ތަން ނުވަތަ އެކަހެރިކުރާ ތަން؛
  4. އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހޭ ތާރީހު؛
  5. އަމުރުގެ މުއްދަތު ހަމަވާ ތާރީހު؛
  6. އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ނުވަތަ އެ އަމުރު އިސްލާހު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާކަން ބަޔާންކުރުން.

 

9 ވަނަ މާއްދާ – ކިޔަވައިދޭ ތަންތަން ބަންދުކުރުން

(ހ) އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ސިއް ހަތު ރައްކައުތެރި ކުރުމަށް ޓަކައި، ކިޔަވައިދޭ ތަނެއް ބަންދުކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ. މިފަދައިން ރާއްޖޭގައި ކިޔަވައިދޭ ހުރިހާ ތަންތަން، ނުވަތަ ވަކި ރަށެއްގައި ނުވަތަ ސަރަ ހައްދެއްގައި ހުރި ކިޔަވައިދޭ ތަނެއް، ނުވަތަ ވަކި މިންގަނޑަކަށް ފެތޭ/ވަކި ލެވެލެއްގެ ތަންތަން، ބަންދުކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ. މީގެ ތެރޭގައި، ގުރުއާން ކްލާސްތަކާއި ޓިއުށަން ކްލާސްތައްވެސް ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތަކުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛
  2. އަމުރު ނެރުނު ސަބަބު؛
  3. ބަންދުކުރަން އަމުރުކުރާ ކިޔަވައިދޭ ތަނެއް ނުވަތަ ތަންތަން؛
  4. އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހޭ ތާރީހު؛
  5. އަމުރުގެ މުއްދަތު ހަމަވާ ތާރީހު؛
  6. އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ނުވަތަ އެ އަމުރު އިސްލާހު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާކަން.

 

10 ވަނަ މާއްދާމީހުން އެއްވެއުޅުން މަނާކުރުން

(ހ) އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ސިއް ހަތު ރައްކައުތެރި ކުރުމަށް ޓަކައި، މީހުން އާންމުކޮށް އެއްވެއުޅުން މަނާކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރުގެ ދަށުން ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ޕާކްތަކާއި، މާރުކޭޓުތަކާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، މިސްކިތްތަކާއި، އާންމުކޮށް ގިނަ އަދަދަކަށް މީހުން އެއްވެއުޅޭ އެހެނިހެން ތަންތަން ބަންދުކުރުމަށް ނުވަތަ ވަކި ގޮތަކަށް ހުޅުވައިގެން ހިންގުމަށް އެންގުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތަކުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛
  2.  އަމުރު ނެރޭ ސަބަބު؛
  3. މީހުން އެއްވެއުޅުން މަނާ ގަޑިތައް؛
  4. މީހުން އެއްވެއުޅުން މަނާ ސަރަ ހައްދުތައް ނުވަތަ ރަށްތައް؛
  5. އަމުރުން އިސްތިސްނާވާ ފަރާތްތަކެއް ނުވަތަ ހާލަތްތަކެއް ވާނަމަ، އެ ފަރާތްތަކާއި އެ ހާލަތްތަކަކީ ކޮބައިކަން؛
  6. މީހުން އާންމުކޮށް އެއްވެއުޅޭ ތަންތަން ބަންދުކުރުމަށް ނުވަތަ ވަކި ގޮތަކަށް ހިންގުމަށް އަމުރުކުރާނަމަ، އެ ތަންތަނަކީ ކޮބައިކަން.\
  7. މީހުން އާންމުކޮށް އެއްވެއުޅޭ ތަންތަން ވަކި ގޮތަކަށް ހިންގުމަށް އަމުރުކުރާނަމަ، އެ ތަންތަން ހިނގުމުގައި އަމަލުކުރަންވީ ގޮތުގެ ތަފުސީލު؛
  8. އެ އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހޭ ތާރީހު؛
  9. އެ އަމުރުގެ މުއްދަތު ހަމަވާ ތާރީހު؛
  10. އެ އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު، ނުވަތަ އެ އަމުރު އިސްލާހު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާކަން.

 

11 ވަނަ މާއްދާމީހުން ވަކި ތަނަކަށް ދިއުން މަނާކުރުން

(ހ) ދިވެހިރާއްޖޭގައި އިއުލާނުކުރާ އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ސިއް ހަތު ރައްކައުތެރި ކުރުމަށް ޓަކައި، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުން ވަކި ތަނަކަށް ނުދިއުމަށް، ނުވަތަ ވަކި ސަރަ ހައްދެއްގައި ދިރިއުޅޭ ބަޔަކު، ނުވަތަ ވަކި ރަށެއްގައި ދިރިއުޅޭ ބަޔަކު ގެއިން ނުނިކުތުމުގެ އަމުރެއް ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ސަރަ ހައްދެއްގައި، ނުވަތަ ވަކި ރަށެއްގައި ގެއިން ނުނިކުމެ ތިބުމުގެ އަމުރެއް ޑިރެކްޓަރ ޖެނެރަލް ކޮށްފި ނަމަ، އެ ސަރަ ހައްދެއްގައި ނުވަތަ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް، ކެއިންބުއިމާއި، ބޭސްފަރުވާއާއި ޒަރޫރީ އެހެން ކަންކަން ކުރެވޭނެ ގޮތް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ޑިރެކްޓަރ ޖެނެރަލް އިންތިޒާމް ކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތަކުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛
  2. އަމުރު ހިނގަނީ ވަކި ސަރަ ހައްދަކަށް ނަމަ، އަމުރު ހިނގާ ސަރަ ހައްދު؛
  3. ވަކި ހާއްސަ ހުއްދައާއެކު ވަކި ބޭނުންތަކަކަށް އިމާރާތުން ނުކުމެވޭނަމަ، އެކަން ބަޔާންކުރުން؛
  4. އަމުރުން އިސްތިސްނާވާ ފަރާތްތަކެއް ނުވަތަ ހާލަތްތަކެއް ވާނަމަ، އެ ފަރާތްތަކާއި އެ ހާލަތްތަކަކީ ކޮބައިކަން؛
  5. އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހޭ ތާރީހު؛
  6. އަމުރުގެ މުއްދަތު ހަމަވާ ތާރީހު؛
  7. އަމުރު ނެރުނު ސަބަބު؛
  8. އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ނުވަތަ އިސްލާހު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާކަން ބަޔާންކުރުން.

 

12 ވަނަ މާއްދާ – ދަތުރު ފަތުރުކުރުން މަނާކުރުން ނުވަތަ އެކަން ކޮންޓްރޯލްކުރުން

(ހ) އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ސިއް ހަތު ރައްކައުތެރި ކުރުމަށް ޓަކައި، ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުން އެއްކޮށް މަނާކުރުމުގެ އިހްތިޔާރު، ނުވަތަ ވަކި ބާވަތެއްގެ ދަތުރުފަތުރު ކުރުން މަނާކުރުމުގެ އިހްތިޔާރު، ނުވަތަ ވަކި ސަރަ ހައްދަކަށް ނުވަތަ ރަށަކަށް ދަތުރުފަތުރު ކުރުން މަނާކުރުމުގެ އިހްތިޔާރު، ނުވަތަ ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުމުގައި ވަކި ގޮތަކަށް އަމަލުކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރެއްގެ ސަބަބުން، ދިވެހިރާއްޖޭގެ ވަކި ސަރަ ހައްދެއްގައި ނުވަތަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކުގެ ކެއިންބުއިމަށާއި، އަސާސީ ސިއްހީ ހިދުމަތާއި، ލިބެންޖެހޭ ޒަރޫރީ އެހެން ހިދުމަތްތަކަށް ހުއްޓުމެއް އަތުވެދާނެކަމަށް ފެންނަނަމަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އެ ސަރަ ހައްދެއްގައި ދިރިއުޅޭ ފަރާތްތަކަށް ނުވަތަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް، ކެއިންބުއިމާއި، އަސާސީ ސިއްހީ ހިދުމަތްތައް ފަދަ ޒަރޫރީ ކަންކަން ކުރެވޭނެ އިންތިޒާމް، ޑިރެކްޓަރ ޖެނެރަލް ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތަކުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛
  2. އަމުރު ހިނގަނީ ވަކި ސަރަ ހައްދަކަށް ނަމަ، އަމުރު ހިނގާ ސަރަ ހައްދު؛
  3. ވަކި ސަރަ ހައްދެއްގައި ދަތުރުފަތުރު ކުރުމުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަމުރުކުރާނަމަ، އެ ގޮތްތަކަކީ ކޮބައިކަން؛
  4. އަމުރުން އިސްތިސްނާވާ ފަރާތްތަކެއް ނުވަތަ ހާލަތްތަކެއް ވާނަމަ، އެ ފަރާތްތަކާއި އެ ހާލަތްތަކަކީ ކޮބައިކަން؛
  5. އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހޭ ތާރީހު؛
  6. އަމުރުގެ މުއްދަތު ހަމަވާ ތާރީހު؛
  7. އަމުރު ނެރުނު ސަބަބު؛
  8. އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ނުވަތަ އަމުރު އިސްލާހު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާކަން.

 

13 ވަނަ މާއްދާ – ވަކި ގެއެއް ނުވަތަ ވަކި އިމާރާތެއް ކަރަންޓީނު ކުރުން

(ހ) ދިވެހިރާއްޖޭގައި އިއުލާނުކުރާ އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ އާންމު ސިއް ހަތު ރައްކައުތެރި ކުރުމަށް ޓަކައި، ވަކި ގެޔަކަށް ނުވަތަ ވަކި އިމާރާތަކަށް އާންމުކޮށް މީހުން ވަދެ ނުކުތުން މަނާކޮށް، އެ ގެއެއް ނުވަތަ އިމާރާތެއް ކަރަންޓީނު ކުރުމުގެ އަމުރެއް ނެރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރެއްގެ ސަބަބުން، ކަރަންޓީނު ކުރާ އިމާރާތެއްގައި، ކަރަންޓީނު ކޮށްފައި ތިބި ފަރާތްތަކަށް، ކެއިންބުއިމާއި ލިބެންޖެހޭ ޒަރޫރީ އެހެން ހިދުމަތްތައް ލިބޭނެ އިންތިޒާމް، ކަމާބެހޭ ފަރާތްކާ ގުޅިގެން، ޑިރެކްޓަރ ޖެނެރަލް އިންތިޒާމް ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަރަންޓީނު ކުރާ އިމާރާތެއްގެ ދޮރުގައި ނުވަތަ ފާރުގައި ނުވަތަ ފަސޭހައިން ފެންނާނޭ އެހެން ތަނެއްގައި އެ އިމާރާތަކީ ކަރަންޓީނު ކޮށްފައިވާ އިމާރާތެއްކަން އަންގައިދޭ ލިއުމެއް ހަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް ނެރޭ އަމުރުތަކުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް؛
  2. އަމުރު ނެރުނު ސަބަބު؛
  3. އަމުރު ރައްދުވާ އިމާރާތުގެ ނަމާއި ފަންގިފިލާ؛
  4.  އަމުރާ އެއްގޮތަށް އަމަލުކުރަން ފަށަން ޖެހޭ ތާރީހު؛
  5. އަމުރުގެ މުއްދަތު ހަމަވާ ތާރީހު؛
  6. އެ އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު ނުވަތަ އެ އަމުރު އިސްލާހު ކުރުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވާކަން.

 

14 ވަނަ މާއްދާ – އިތުރު އަމުރުތައް

(ހ) ވަކި މީހެއްގެ ގައިގައި، ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް ނުވަތަ ހުރެދާނެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، ވަކި ކަންތައްތަކެއް ކުރުމުން ދުރުހެލިވުމަށް، ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް، ނުވަތަ ވަކި ކަންތައްތަކެއް ކުރުމަށް، އެ ބަލި ޖެހިފައިވާކަމަށް ގަބޫލުކުރެވޭ މީހާއަށް، ނުވަތަ އެ ބަލި ޖެހިދާނެކަމަށް ގަބޫލުކުރެވޭ މީހާއަށް، ނުވަތަ އެ ބަލި ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާކަމަށް ގަބޫލުކުރެވޭ މީހާއަށް، އަންނަނިވި ހާލަތްތަކުގައި، އެންގުމުގެ ބާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. މީހަކު ދިރިއުޅެމުންދާ ތަނެއް، ނުވަތަ ހިދުމަތެއް ދެމުންދާ ތަނެއް، ނުވަތަ މަސައްކަތެއް ކުރަމުންދާ ތަނެއް ސާފުކުރުމަށް، ނުވަތަ އެ އިމާރާތަކުން ޖަރާސީމު ނުވަތަ އެ ބަލި ފަތުރާ ވަސީލަތް ނައްތައިލުމަށް.
  2. ވަކި އިމާރާތަކުން ފެންނަ ވަކި އެއްޗެއް ނައްތައިލުމަށް.
  3. އެ އަމުރު ރައްދުވާ ފަރާތް އެގްޒެމިން ކުރުމަށް ޓަކައި ޑޮކްޓަރަކަށް ދެއްކުމަށް.
  4. އެ އަމުރު ރައްދުވާ މީހާ އެގްޒެމިން ކުރުމުން، ސިއްހީ ހިދުމަތްދޭ ފަރާތަށް ފާހަގަކުރެވޭ ކަންކަން، ޑިރެކްޓަރ ޖެނެރަލަށް އެންގުމަށް. އަދި އޭނާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރިކަމަށް، ނުވަތަ އެ ބަލި ފަތުރާ ވަސީލަތެއް އޭނާ ގައިގައި ހުރިކަމަށް ފާހަގަ ކުރެވޭ ނަމަ އެކަން، ނުވަތަ ފާހަގަ ނުކުރެވޭ ނަމަ އެކަން، ޑޮކްޓަރުގެ ފަރާތުން ނުވަތަ ހޮސްޕިޓަލުގެ ފަރާތުން ޑިރެކްޓަރ ޖެނެރަލަށް އެންގުމަށް.
  5. ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށް.
  6. ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހާ ހޮސްޕިޓަލެއްގެ ބެލުމުގެ ދަށަށް ދިޔުމަށް.

 

15 ވަނަ މާއްދާ – ނުރުހުމުގައި ފަރުވާ ދިނުން

މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުމަކާ ގުޅިގެން، ސިއްހީ ހިދުމަތްދޭ ފަރާތަކުން، ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއް ކަމަށް ނުވަތަ އެފަދަ ބަލި ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހެއް ކަމަށް ބެލެވޭ މީހާ އެގްޒެމިން ކުރުމުގައި، އޭނާގެ ނުރުހުމުގައި އޭނާ އެގްޒެމިން ކުރުމަކީ، ނުވަތަ ސާމްޕަލް ނެގުމަކީ، ނުވަތަ ފަރުވާ ދިނުމަކީ، އޭނާއާމެދު މާރާމާރީ ހިންގުންކަމަކަށް، ނުވަތަ އޭނާގެ މިނިވަންކަމަށް ހުރަސްއެޅުންކަމަކަށް ނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާކޯޓު އަމުރަކަށް އެދުން

(ހ) މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރާ އަމުރަކަށް ތަބާވުމަށް،
އެ އަމުރު ރައްދުވި ފަރާތުން ދެކޮޅުހަދާނަމަ، ނުވަތަ އަންނަނިވި ކަންކަން ކުރުމަށް އެ ފަރާތުން ހުރަސްއަޅާނަމަ، އެ އަމުރު ތަންފީޒުކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފޮނުވުމުގެ އިހްތިޔާރު، ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި، ސިވިލް ކޯޓުން ކުރާ އަމުރަކީ، ވަކި މީހަކު ހޯދަން، ނުވަތަ ހިފަހައްޓަން، ނުވަތަ ހައްޔަރުކުރަން، ޑިރެކްޓަރ ޖެނެރަލް ކޮށްފައިވާ އަމުރެއް ނަމަ، ޑިރެކްޓަރ ޖެނެރަލް ކޮށްފައިވާ އަމުރުގައިވާ ގޮތުގެ މަތިން އެ މީހަކާމެދު ކަންކަން ކުރުމުގެ ބާރު ލިބިދޭނެ އަމުރެކެވެ. އަދި އެ އަމުރު ތަންފީޒު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ. ނުވަތަ ޑިރެކްޓަރ ޖެނެރަލަށް، އެ އެހީތެރިކަން، ފުލުހުންގެ ކިބައިން ހޯދިދާނެއެވެ.

 

17 ވަނަ މާއްދާ – ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި ވަނުން

(ހ) އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް ވަޒީރު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައި، ކޯޓު އަމުރެއް ހޯދުމަކާ ނުލައި، މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް، ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް، ނުވަތަ އާންމު ތަނަކަށް ވަނުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތުގައި ދިމާވެފައިވާ އާންމު ސިއް ހަތުގެ ނުރައްކާ ކުޑަކުރުމަށް ޓަކައި، ނުވަތަ ކޮންޓްރޯލް ކުރުމަށް ޓަކައި، ނުވަތަ ނައްތައިލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ގާނޫނުގެ ދާއިރާގެ ތެރޭގައި ކުރުމުގެ ބާރު ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ވަނުމަށް ޑިރެކްޓަރ ޖެނެރަލް ހުއްދަކުރާއިރު، އޭނާގެ މަސައްކަތް ކުރުމަށް އޭނާއަށް އެހީތެރިވެދޭ މިންވަރަށް، އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ކަމާބެހޭ ސަރުކާރުގެ އިދާރާގެ މުވައްޒަފުން ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ލިބިދޭ ހުއްދައިގެ މާނައިގައި ހިމެނިގެންވެއެވެ.

 

18 ވަނަ މާއްދާ – ނެށަނަލް ހެލްތު އެމެޖެންސީ އޮޕަރޭށަން ޕްލޭން

(ހ) އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ޕްލޭނެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވައިލާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ޕްލޭން، މަދުވެގެން 2 (ދޭއް) އަހަރުން 1 (އެކެއް) އަހަރު މުރާޖައާ ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ – އެހީތެރިވެދިނުން ލާޒިމުވުން

(ހ) ގާނޫނާއި މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް ކުރަންޖެހޭ ކަންކަން ކުރުމުގައި، އެ ކަންކަމަކީ އާންމު ސިއް ހަތަށް ކުރިމަތިވެފައިވާ ނުރައްކާ ނައްތައިލުމަށް ޓަކައި، ނުވަތަ އެ ނުރައްކައުތެރިކަން ކުޑަކުރުމަށް ޓަކައި، ނުވަތަ އެ ކަމުން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތް ކުރުމުގައި ކުރަންޖެހޭ ކަމެއް ނަމަ، އިމާރާތްތަކުގެ ވެރިފަރާތްތަކުން އެއްވެސް އެހީތެރިކަމަކަށް އެދެވޭހިނދު، އެ އެހީތެރިކަމެއް ފޯރުކޮށްދޭން ވާނެއެވެ.

(ށ) ޑިރެކްޓަރ ޖެނެރަލްގެ މަސައްކަތާ ގުޅިގެން ފުލުހުންގެ އެހީތެރިކަމަށް އެދުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެ އެހީތެރިކަން ފުލުހުން ފޯރުކޮށްދޭން ވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލަށް ކުރުމަށް ބާރު ލިބިދޭ ކަމެއް، މި ގަވާއިދުގެ ދާއިރާގެ ތެރޭގައި ކުރަމުންދަނިކޮށް، އެއިން ކަމަކަށް ހުރަސްއަޅައި އެއިން ކަމެއް ކުރިޔަނުދިނުމަށް، އެއްވެސް ކަމެއް، އެއްވެސް މީހަކު ކޮށްގެން ނުވާނެއެވެ.

(ރ) ކޯޓު އަމުރަކާ ނުލައި، މީހުން ދިރިއުޅޭ ތަނަކަށް ވަނުމަށް ހުއްދަ ނުދިނުން އެއީ، މަސައްކަތަށް ހުރަސްއެޅީ ކަމުގައި މި ގަވާއިދުގެ ބޭނުމަށްޓަކައި ނުބެލެވޭނެއެވެ.

 

20 ވަނަ މާއްދާ – ކުއްލި ނުރައްކަލުގެ ހާލަތުގައި  ހަރަދުކުރާނެ ބަޖެޓެއް އޮތުން

(ހ) އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އެކަމަށް  ހަރަދުކުރުމަށް ކޮންމެ އަހަރަކުވެސް ވަކި އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފައިސާގެ މިންވަރު ކަނޑައަޅާނީ، އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލެއް ދިމާވެއްޖެނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، އެކަމަށް ހިނގާނެ  ހަރަދުކަމަށް، ވަޒީރަށާއި ޑިރެކްޓަރ ޖެނެރަލަށް އިއްތިފާގުވެވޭ އަދަދެއްގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ބަޖެޓުގައި ކަނޑައެޅޭ ފައިސާ  ހަރަދުކުރެވޭ ގޮތުގެ ތަފުސީލު، ކޮންމެ އަހަރަކު އެއްފަހަރު، މާލީ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(ރ)   މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފައިސާ، ދައުލަތުގެ އެހެން އެއްވެސް  ހަރަދެއް ކުރުމަކަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

21 ވަނަ މާއްދާ – ސަރުކާރުން އެހީވެދިނުން

(ހ) އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ދިމާވާ ދަނޑިވަޅުތަކުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް ވަކިކަހަލަ މާލީ އެހީތެރިކަމެއް ވަކި ގިންތިއެއްގެ ބަޔަކަށް ދޭންޖެހޭކަމަށް ވަޒީރަށް ގަބޫލުކުރެވޭ ހިނދުގައި، އެ އެހީތެރިކަން، އެޖެންސީން ދެވިދާނެއެވެ. ނުވަތަ އެ މީހުން އެކަމަށްޓަކައި ކުރި  ހަރަދު، އެޖެންސީން އަނބުރާ އެ މީހުންނަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ގިންތިތަކާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް، މި ގަވާއިދުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އާންމު ކުރަން ވާނެއެވެ.

 

22 ވަނަ މާއްދާ – ރިޕޯޓު ތައްޔާރުކުރުން

އާންމު ސިއް ހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، އެކަން ދިމާވި ގޮތާއި، އެ ކަމުގައި އަމަލުކުރި ގޮތާއި، އަމަލުކުރެވުނު ގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެ ފަދަ ކަމެއް ދިމާވެއްޖެނަމަ، ރަނގަޅު ކުރަން ޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މުރާޖައާ ކުރުމަށްފަހު، އާންމު ސިއް ހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ރިޕޯޓެއް އެކުލަވައިލައިފައި، ހެލްތް ޕްރޮޓެކްށަން އެޖެންސީން، ވަޒީރަށް ހުށަހަޅަންވާނެއެވެ.

 

23 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކަރަންޓީނު ކުރުން" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ އޭނާއާ މުއާމަލާތު ކުރެވިފައިވާ މީހާ، ނުވަތަ އޭނާގެ ގައިން އެ ބަލި އަރައިފާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި ހުރި މީހާގެ ކިބައިން އެހެން މީހެއްގެ ގަޔަށް އެ ބަލި ވާސިލުވުމުގެ މަގު ބަންދުކުރުމަށްޓަކައި، އެ ބަލި ފެތުރޭނެކަމަށް ސިއްހީގޮތުން ބެލެވޭ ނުވަތަ އެ ބަލީގެ ފަނި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލުވާނެކަމަށް ސިއްހީގޮތުން ބެލެވޭ މުއްދަތަށް އޭނާގެ ހަރަކާތްތައް ވަކިގޮތަކަށް ހިފެހެއްޓުމަށާއި، ވަކި އުސޫލުތަކެއްގެ މަތިން އޭނާ މުޖުތަމައުގެ އެހެން މީހުންނާއި ތަންތަނާ ކަރަންޓީނު ކުރުމަށެވެ.

(ށ) "ކަރަންޓީނު މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، މީހުން ކަރަންޓީނު ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ.

(ނ) "އެކަހެރިކުރުން" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކު ނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކު ނަމަ، އޭނާގެ ބަލި ނުވަތަ އޭނާގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެހެން މީހުންގެ ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމަށެވެ.

(ރ) "އެކަހެރިކުރުމުގެ މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، އެކަހެރިކުރުމުގެ ހާއްސަ މަގްސަދުގައި ކަނޑައަޅާ ނުވަތަ ބިނާކުރާ ހޮސްޕިޓަލާއި މަރުކަޒުތަކަށެވެ.

(ބ) "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައި އެ ވަނީ، ކުއްލިއަކަށް ތައާރަފުވާ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން، ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއް ހަތަށް ސީދާގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ހާލަތަށެވެ.

(ޅ) "އިމާރާތް" ކަމަށް ބުނެފައި އެ ވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި، ބިމާ ހަރުކުރެވިގެން ބިނާކޮށްފައިވާ ތަންތަނާއި، އެ ފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމީގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައިވެސް އެ ތަނަކާ ގުޅިގެން ބިނާކުރެވޭ ތަންތަން ހިމެނޭގޮތުންނެވެ. އަދި އަންނަނިވި ތަންތަންވެސް އެ މާނައިގައި ހިމެނެއެވެ.

  1. މީހުން ދިރިއުޅޭ ތަންތަން؛
  2. މީހުން ދިރިނޫޅޭ ތަންތަން؛
  3. ފެންގަނޑު؛
  4. އެއްގަމު އުޅަނދުފަހަރު؛
  5. ކަނޑުގައި ދުއްވާ އުޅަނދުފަހަރު؛
  6. ވައިގެ އުޅަނދު ފަހަރު.

(ކ) "އެޖެންސީ" ކަމަށް ބުނެފައި އެ ވަނީ، އާންމު ސިއް ހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ހެލްތް ޕްރޮޓެކްށަން އެޖެންސީއަށެވެ.

(އ) "ވަޒީރު" ކަމަށް ބުނެފައި އެ ވަނީ، ސިއްހީ ކަންތައްތަކާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ވ) "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ، އާންމު ސިއް ހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދައިފައިވާ މަގާމު ކަމުގައިވާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

(މ) "ކޮމެޓީ" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީއަށެވެ.

 

24 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 7/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު