-

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-07) ނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-06)

 

ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް 2 އަކުރު އިތުރުކުރުން. 

35(ރ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަންޖެހޭ ހަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރު، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެންނުވާނެއެވެ.

(ބ) ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް އިއުލާނުކޮށްފައިވާނަމަ، އަދި އެ ހާލަތު ދެމިއޮތްނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 2 މާއްދާ އިތުރުކުރުން.

39-1.ހަރަދު

(ހ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ހަރަދުގެ ތަފްސީލު، ކޮންމެ 2 (ދޭއް) މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގެ ދަށުން ތަފްސީލު ހުށަހަޅާއިރު ކުރިއަށް އޮތް 2 (ދޭއް) މަސްދުވަހަށް ހަރަދުވާނެކަމަށް ލަފާކުރާ މިންވަރުވެސް ހަރަދުގެ ތަފްސީލުގައި ބަޔާންކުރަންވާނެއެވެ.

(ނ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތްއޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ހާލަތާ ގުޅިގެން ކުރި އެންމެހައި ހަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހައި ތަފްސީލާއި ރިޕޯޓު، އާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ބ) ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް އިއުލާނުކޮށްފައިވާނަމަ، އަދި އެ ހާލަތު ދެމިއޮތްނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން، މި މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ. 

39-2.މިންވަރު ވަޒަންކުރާ ރިޕޯޓު

(ހ) އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ މުއްދަތު ނިމުމަކަށް އަންނަތާ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް، ޑިރެކްޓަރ ޖެނެރަލްގެ މަށްވަރާގެމަތިން ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ވަޒީރު ހުށަހަޅަންވާނެއެވެ.

  1. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން މެދުވެރިވި ސަބަބު؛
  2. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތައް؛
  3. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ކާމިޔާބީއާއި ރައްކާތެރިކަން.
  4. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ދިމާވި ގޮންޖެހުންތައް؛
  5. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ދިމާވި ގޮންޖެހުންތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން މުސްތަގްބަލުގައި އެޅިދާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ގަސްދުކުރާ ގޮތުގެ ތަފްސީލު؛
  6. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ބަޔަކަށް ލިބުނު ޖިސްމާނީ ނުވަތަ މާލީ ގެއްލުން؛
  7. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ހާލަތުގައި ލިބުނު ޖުމްލަ ފައިސާއާއި އެހީއާއި، އެ ފައިސާއާއި އެހީ ހޭދަކުރިގޮތުގެ ހުލާސާ.

(ށ) މި މާއްދާގެ ދަށުން ހުށަހަޅާ ރިޕޯޓު، އާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނޭގޮތަށް، ވަޒީރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) ގާނޫނު ނަންބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް އިއުލާނުކޮށްފައިވާނަމަ، އަދި އެ ހާލަތު ދެމިއޮތްނަމަ، މި މާއްދާއާއި މި ގާނޫނުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރާ އެހެނިހެން ރިޕޯޓު، ވަޒީރު ހުށަހަޅަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 76 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކޯޓު އަމުރަކާ ނުލާ ވަނުން 76.

(ހ)  އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، މި ގާނޫނުން ލާޒިމުކުރާ މަގްސަދެއް ހާސިލުކުރުމުގެ ގޮތުން، ކޯޓު އަމުރެއް ހޯދުމަކާ ނުލާ، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު