-

ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2025-18)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 28 ޖުލައި 2025 ގައި)

 

ފުރަތަމަ ބައި

ތައާރުފާއި ނަމާއި މަގުސަދު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މި ގަވާއިދަކީ، ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި  ހުންނަންޖެހޭ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނަކީ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ހުންނަ ތަންތަންކަމުގައި ކަށަވަރުކުރުން.

(ށ) ފައިބަރުގެ މަސައްކަތުގައި ބޭނުންކުރާ ނުރައްކައުތެރި މާއްދާތަކުން އާންމު ރައްޔިތުންނާއި ތިމާވެށްޓާއި އެ ތަންތަނުގައިވާ ދިރުންތަކަށް ސަލާމަތާއި ރައްކައުތެރިކަން ލިބިގެންވާކަން ކަށަވަރުކުރުން.

(ނ) ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން.

(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވައި، ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުއެޅުން.

(ބ) ފައިބަރުގެ މަސައްކަތުން އުފެދޭ ކުނި ރައްކައުތެރިގޮތުގައި ނައްތައިލެވޭކަން ކަށަވަރުކުރުން.

 

 

ދެވަނަ ބައި

ފައިބަރު މަސައްކަތްކުރާ ތަންތަން ގާއިމް ކުރުން 

 

3 ވަނަ މާއްދާ - ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ ސަރަހައްދާއި ވެށި 

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަންނަ ތަންތަން ގާއިމްކޮށްފައި ހުންނަންވާނީ، ގާނޫނު ނަންބަރު 2024-16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު) އާއި، އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާ އެ ނޫން ވެސް އެފަދަ މިންގަނޑުތަކާ އެއްގޮތަށެވެ.

(ށ) މީހުން ދިރިއުޅޭ ސަރަހައްދުގައި ނުވަތަ ގޯތިތަކުގައި ނުވަތަ ބަނދަރުތަކުގައި ނުވަތަ ފައިބަރުގެ މަސައްކަތްކުރުމަށް ކަނޑައަޅައިފައިނުވާ ސަރަހައްދެއްގައި ފައިބަރުގެ މަސައްކަތް ކުރަންވާނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ ސިއްހީ މިންގަނޑުތަކާ އެއްގޮތަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަރަހައްދެއްގައި މަސައްކަތްކުރަންވާނީ، އޭޖެންސީން ކުރާ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްށަނަށް ބިނާކޮށް އެ ރަށެއްގެ ނުވަތަ އެ ސިޓީ އެއްގެ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. 

 

4 ވަނަ މާއްދާ - ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ އިމާރާތާއި ތަނުގެ ވެށި 

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން ފަރުމާކޮށްފައި ހުންނަންވާނީ، އެ ތަނުގައި ފައިބަރުގެ މަސައްކަތް ރައްކައުތެރިކަމާއެކު ކުރެވޭ ގޮތަށެވެ. އަދި އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުވާނޭ ގޮތަށެވެ.

(ށ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން ހަދައިފައި ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ރައްކައުތެރިގޮތުގައި ފައިބަރުގެ ބޭނުންކުރުމާއި ނައްތައިލުން

(ހ) ރައްކައުތެރިގޮތުގައި ފައިބަރުގެ ބޭނުންކުރުމުގައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) ފައިބަރުގެ ބޭނުންކުރުމަށްފަހު ނައްތައިލެވޭ ފައިބަރު ށީޓާއި ފައިބަރު ކުނޑިއާއި ތަނުގައި ބޭނުންކުރާ އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި،ކުނި މެނޭޖްކުރުމުގެ ގަވާއިދުތަކާ އެއްގޮތަށް ރައްކައުތެރިކަމާއެކުގައި ނައްތައިލުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) ތަނުގައި އުފެދޭ ފައިބަރު ކުނޑިއާއި އެނޫންވެސް ކުނި ރައްކައުތެރިކަމާއެކު ނައްތައިލުމަކީ އެ ތަނެއްގެ ވެރިފަރާތެއްގެ ޒިންމާއެކެވެ.

 

6 ވަނަ މާއްދާ - ފަައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތައް

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ސާފުތާހިރުވުމަށް، ރައްކައުތެރިގޮތުގައި އަތްދޮވުމާއި ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ށ) ފައިބަރުގެ ބޭނުންކޮށްގެން މަސައްކަތްކުރާ ތަންތަނުގައި ހެނދުން ބަދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ނ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި، ވައި ދައުރުވާ އެކަށީގެންވާ ނިޒާމެއް (ވެންޓިލޭށަން ސިސްޓަމް) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތަށް ގާއިމް ކުރަންވާނެއެވެ.

(ރ) ތަނުގައި ބޭނުންކުރާ ކެމިކަލް ފަދަ ތަކެތި ރައްކައުތެރިގޮތުގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ބ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން މި މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ އިންތިޒާމު ހަމަޖެހިފައި ނެތް ތަންތަނުގައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެފަދަ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

 

 

ތިންވަނަބައި

މަސައްކަތު މާހައުލާއި މުވައް ޒަފުންގެ ސަލާމަތާއި ރައްކައުތެރިކަން

 

7 ވަނަ މާއްދާ - މުވައްޒަފުންގެ ރައްކައުތެރިކަން 

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން ފަރުމާކޮށްފައި ހުންނަންވާނީ، އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ރައްކައުތެރިކަމުގެ އާލާތްތައް (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުން ބޭނުންކުރަންވާނެއެވެ.

(ނ) ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކައުތެރިކަމަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމާއި މަސައްކަތުގައި އުޅޭ ވަގުތުތަކުގައި މި ތަކެތި ބޭނުންކުރާކަން ކަށަވަރުކުރުމަކީ ތަނުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

(ރ) މަސައްކަތްކުރާ ވަގުތުތަކުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުމަށް ބަހައްޓަންޖެހޭ ސަލާމަތީ މިންގަނޑުތަކާ ބެހޭގޮތުން އަލަށް ވަންނަ މުވައްޒަފުން ތަމްރީ ނުކޮށް ހޭލުންތެރިކުރުވަން ވާނެއެވެ. އަދި އެންމެ މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު "ރިފްރެށަރ" ތަމްރީނު ރާވައި ހިންގައި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރަންވާނެއެވެ.

(ބ) މަސައްކަތުގެ ވަގުތުތަކުގައި ރައްކައުތެރިކަމުގެ މިންގަނޑުތައް މުވައްޒަފުން ހިފަހައްޓާކަން ކަށަވަރުކުރުމަކީ ތަނުގެ ވެރިފަރާތުގެ ޒިންމާއެކެވެ.

 

8 ވަނަ މާއްދާ - މަސައްކަތު މާހައުލުގެ ރައްކައުތެރިކަން 

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން އެކަށީގެންވާ މިންވަރަށް ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ. އަދި ފައިބަރުކުނޑި ސާފުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަނުގައި ހުންނަންވާނެއެވެ.

(ށ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކައިބޮއި ހެދުމާއި ކާތަކެތި ރައްކައުކޮށްގެން ނުވާނެއެވެ.

(ނ) ތަނުގައި ރައްކައުތެރިކަމުގެގޮތުން ހުންނަންޖެހޭ ސަލާމަތީ ފާހަގަތައް ރަނގަޅަށް ފެންނަގޮތަށް ހަރުކޮށްފައި ހުންނަންވާނެއެވެ. އެގޮތުން ތިރީގައި މިވާ ނިށާންތަކުގެ ބޯޑުތައް ހުންނަންވާނެއެވެ.

  1. ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑު؛
  2. ތަނުގައި ކައިބޮއިއުޅުން މަނާކަން އަންގައިދޭ ބޯޑު؛
  3. ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ ގުޅާނެ ފޯނު ނަންބަރުތައް؛
  4. ފަޔަރ އެގްޒިޓް އަންގައިދޭ ބޯޑު؛
  5. ކުޑަކުދިންނާއި މާބަނޑުމީހުން ވަނުން މަނާ ތަނެއްކަން އަންގައިދޭ ބޯޑު؛
  6. ފައިބަރުގެ މަސައްކަތްކުރާ ތަނަށް ވަދެވޭނީ ހަމައެކަނި ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށްކަން އަންގައިދޭ ބޯޑު؛
  7. ފައިބަރާއި ކެމިކަލް ގެންގުޅޭ ނުރައްކައުތެރި ސަރަހައްދެއްކަން އަންގައިދޭ ބޯޑު؛ (ފައިބަރާއި ކެމިކަލަކީ ކެންސަރާއި ފުއްޕާމޭގެ ބަލިތަކަށް މަގުފަހިވާ ތަކެތިކަން މި ބޯޑުގައި ބަޔާންކުރަންވާނެއެވެ.)

(ރ) ތަނުގައި ބޭނުންކުރާ ކެމިކަލްތައް ރައްކައުކުރުމާއި ބޭނުންކުރުމުގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - އަލިފާނުގެ ހާދިސާ އިން ރައްކައުތެރިވުން  

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާ އިން ރައްކައުތެރިވުމަށް އަލިފާން ނިވާނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ. މިގޮތުން "ފަޔަރ އެކްސްޓިންގުއިށަރ" އާއި، "ސްމޯކް ޑިޓެކްޓަރ" އާއި، އެލާމް ސިސްޓަމްސް ފަދަ ތަކެތި ތަނުގައި ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި މި ތަކެތި ގަވާއިދުން އިންސްޕެކްޓްކޮށް، އެ ތަކެއްޗަކީ ބޭނުންކުރެވޭ ހާލަތުގައިވ،ާ މުއްދަތު ހަމަނުވާ ތަކެތިކަން ކަށަވަރުކުރަންވާނެއެވެ. 

(ށ) ަލިފާން ނިއްވަން ބޭނުންކުރާ އާލާތްތައް ހުންނަންވާނީ، ފާހަގަކޮށްފައިވާ ތަނެއްގައި، ފަސޭހައިން ބޭނުންކުރެވޭނޭ ގޮތަށެވެ. އަދި ކޮންމެ މުވައްޒަފަކީ ވެސް މި ތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންކަން ކަށަވަރު ކުރަންވާނެއެވެ.

(ނ) އަލިފާނުގެ ހާދިސާއިން ރައްކައުތެރިވުމަށް ތަނުގައި ފަޔަރ އެސްކޭޕް ޕްލޭނެއް ހަދައިފައި އޮންނަންވާނެއެވެ. އަދި ތަނުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން މި ޕްލޭނަށް ގަވާއިދުން އަހުލުވެރި ކުރުވަންވާނެއެވެ.

 

10 ވަނަ މާއްދާ - ފުރަތަމަ އެހީ

(ހ) ފައިބަރުގެ މަސައްކަތްކުރާ ތަނުގައި އެކަށީގެންވާ ފުރަތަމަ އެހީ (ފަސްޓް އެއިޑް) ގެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ. އަދި މި ތަކެތި ބަހައްޓައި ފައި ހުންނަންވާނީ، ފަސޭހައިން ފެންނަ ތަނެއްގައި، ލޭބަލްކޮށްފައެވެ. އަދި މި ތަކެއްޗަކީ މުއްދަތު ހަމަނުވާ ތަކެތިކަން ކަށަވަރު ކުރަންވާނެއެވެ. 

(ށ) ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިންގ ހަދައިފައި ހުރި މުވައްޒަފަކު، މަސައްކަތްކުރާ ކޮންމެ ވަގުތެއްގައި ހުންނަންވާނެއެވެ.

 

 

ހަަތަރުވަނަ ބައި

ފައިބަރު މަސައްކަތްކުރާ ތަންތަން އިންސްޕެކްޓްކުރުން

 

11 ވަނަ މާއްދާ - އިންސްޕެކްޓްކުރުން

(ހ) އެޖެންސީން ބޭނުންވެއްޖެ ހާލަތެއްގައި ފައިބަރު މަސައްކަތްކުރާ ތަންތަނަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ވަދެ ބަލައި ފާސްކުރެވޭނެއެވެ.

(ށ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން އިންސްޕެކްޓްކުރުމުގައި ބަލާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކަންކަމުގެ މައްޗަށެވެ.

(ނ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން، އެ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ތަނުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ދޭންވާނެއެވެ.

(ރ) ފައިބަރުގެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން، އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއަޅައިގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - އިންސްޕެކްޓުކުރުމާ ބެހޭ

(ހ) ފައިބަރު މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެޖެންސީން ކަނޑައަޅާ ފަރާތަކީ އެޖެންސީން ގަބޫލުކުރާ، ކަމާ ގުޅޭ ތަމްރީނެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

(ށ) އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ފައިބަރުގެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރަން ދާއިރު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ރައްކައުތެރިކަމުގެ އާލާތްތައް ބޭނުންކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ފައިބަރުގެ މަސައްކަތްކުރާ ތަންތަން ބަންދުކުރުމާއި އަލުން ހުޅުވުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފައިބަރުގެ މަސައްކަތްކުރާ ތަނެއްގައި އާންމު ސިއްހަތަށް ނުރައްކަލެއް ހުރިކަމަށް ފެނިއްޖެ ނަމަ ނުވަތަ މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ މިންގަނޑުތަކަށް ނުފެތޭ ނަމަ، އެ ތަނެއް ބަންދުކުރެވޭނެއެވެ.

  1. އެ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކަށް އާންމު ސިއްހަތަށް ނުރައްކައުވެދާ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް އެޖެންސީއަށް ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކަށް އެކަށީގެންވާ ހަމަތަކުގެ މަތީން ގަބޫލުކުރެވުން؛ 
  2. އެ ތަނެއްގައި މަސައްކަތްކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ސިއްހަތަށް ނުވަތަ ވަށައިގެންވާ ވެށްޓާއި ދިރުންތަކަށް ނުރައްކައުވެދާ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމަށް އެޖެންސީއަށް ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކަށް އެކަށީގެންވާ ހަމަތަކުގެ މަތީން ގަބޫލުކުރެވުން؛
  3. އިންސްޕެކްށަނަށްފަހު އިސްލާހުކުރުމަށް އަންގާ ކަންތައްތައް، ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި، ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އިސްލާހުކޮށްފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ތަނެއް ބަންދުކުރުމަށްފަހު އަލުން ހުޅުވަންވާނީ، ރަނގަޅުކުރުމަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން އަންގައިފައިވާ ކަންކަން ރަނގަޅުކޮށް ލިޔުމަކުން ހުށަހެޅުމުން އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން އިންސްޕެކްޓް ކުރުމަށްފަހުގައެވެ. މިގޮތަށް ލިޔުމުން ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން އެ ތަނެއް އިންސްޕެކްޓް ކުރަންވާނެއެވެ. އަދި އިސްލާހުކުރަންވާ ކަންކަން އިސްލާހުކޮށްފައިވާ ނަމަ ހުއްދަ ދޭންވާނެއެވެ. 

(ނ) ފައިބަރުގެ މަސައްކަތްކުރާ ތަނެއް ބަންދުކުރަން އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން އެންގުމަށްފަހު، އެ ތަނަކަށް އަލުން ހުއްދަ ނުދެނީސް ހިންގުމަކީ މަނާކަމެކެވެ.

 

 

ފަސްވަނަ ބައި

އެހެނިހެން ކަންތައްތައް

 

14 ވަނަ މާއްދާ - ޖޫރިމަނާކުރުން

(ހ) ފަައިބަރުގެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއަޅައިފި ނަމަ، އެފަދަ ފަރާތްތައް 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ފައިބަރު މަސައްކަތްކުރާ ތަނެއް ބަންދުކުރުމަށްފަހު އެ ތަނަށް އަލުން ހުއްދަ ނުދެނީސް ހިންގާކަން ކަށަވަރުވެއްޖެ ނަމަ، އެ ފަރާތެއް 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވައިދާ ހިލާފަށް ތަނެއް ހިންގާ ނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ތަނެއް 2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނިނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ފައިބަރު ގުލާސް" ކަމުގައި ބުނެފައި އެވަނީ، ލޯންޗުފަހަރާއި ބޮޑެތި ތާނގީ ފަދަ ތަކެތި ހެދުމަށާއި އިމާރާތްކުރުމަށް ބޭނުންކުރާ ބިއްލޫރި ނުވަތަ ޕްލާސްޓިކް ފަދަ ތަކެއްޗަށެވެ.

(ށ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، ހެލްތު ޕްރޮޓެކްށަން އެޖެންސީއަށެވެ.

(ނ) "އެޖެންސީން ކަނޑައަޅާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ކަނޑައަޅާ މަސައްކަތެއް ކުރުމަށް އެޖެންސީން ހަވާލުކުރާ ފަރާތްތަކަށެވެ.

 

16 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 2012-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު