ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2013-14)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގާނޫނަކީ، ށަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖޭގެ ޖަލުތައް ހިންގުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމާއި، ޖަލުތަކުގައި ހުންނަންވާ ފެންވަރު ކަނޑައަޅައި ހިފެހެއްޓުމާއި، ޖަލުގައި މީހުން ބަންދުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާއި، ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ރާއްޖޭގައި އެއްވެސް މީހަކު ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެނަމަ އެފަދަ ފަރާތްތައް ބަންދުގައި ބައިތިއްބާނެ އުސޫލުތަކާއި ތަންތަން ކަނޑައެޅުމާއި، މިފަދަ ތަންތަނާއި، ޖަލުތަކުގައި ކަންތައް ކުރަންވާނެ ގޮތް ކަނޑައެޅުމާއި، ގައިދީން ޖަލުގައި އުޅެންވާނެގޮތާއި، ގައިދީންނަށް ލިބޭ އިނާޔަތްތަކާއި ހައްގުތަކާއި، ޖަލު ބަލަހައްޓާ ފަރާތްތަކަށް ލިބިފައިވާ އިހްތިޔާރުތަކާއި ހައްގުތަކާއި ބާރުތައް ތަފްސީލުކޮށް ބަޔާންކުރުމާއި، ގައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ރިހެބިލިޓޭށަން ޕްރޮގްރާމް ހިންގުމާއި ޕެރޯލްގެ ފުރުސަތު ދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނުގެ ބޭނުމަށް ޖަލުތަކާއި ޕެރޯލްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށްޓަކައި "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" މިނަމުގައި މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) ގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ މަދަނީ ހިދުމަތެކެވެ. "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" އަކީ، ޔުނީފޯމް އެޅި އޮފިސަރުން ހިމެނޭ މުއައްސަސާއެކެވެ.
(ނ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ – މަގްސަދު
މި ގާނޫނުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުން؛
(ށ) "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" ގެ ނަމުގައި ވަކި ހިދުމަތެއް އުފައްދައި، އެ ސަރވިސް ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުން؛
(ނ) ގައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ގާއިމުކުރުން؛
(ރ) ގައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީނުދީ، އެކިއެކި ހުނަރު ދަސްކޮށްދިނުން؛
(ބ) ގައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް އަނބުރާ ގެނައުމަށް ބާރުއެޅުން؛
(ޅ) ށަރީއަތުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ހުކުމް ތަންފީޒުކުރުމުގެ އުސޫލުތައް ކަނޑައެޅުން؛
(ކ) ގާނޫނަކުން ބާރު ލިބިގެން ތަހްގީގުކުރާ އިދާރާތަކުން ތަހްގީގު މަރުހަލާގައާއި ށަރީއަތުގެ މަރުހަލާގައި މީހުން ބަންދުގައި ބައިތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން.
ދެވަނަ ބާބު
ޖަލުތަކާއި ބަންދުގައި މީހުން ބައިތިއްބަންޖެހޭ އެހެނިހެން ތަންތަން ކަނޑައެޅުން
3 ވަނަ މާއްދާ - ޖަލު ކަމުގައި ކަނޑައެޅުން
(ހ) މި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭނެ ކަމަށް އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ށަރުތުތައް ފުރިހަމަވާ ތަނެއްނަމަ، އެތަނަކީ ޖަލެއްކަމުގައި ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ. ހަމަ އެފަދައިން، ޖަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއް އެއީ ޖަލެއް ނޫންކަމަށް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ޖަލުގެ ގޮތުގައި ބޭނުންކުރެވެމުން އަންނަ ތަންތަން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަލެއްގެ ގޮތުގައި ކަނޑައެޅެންދެން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލުގެ ގޮތުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ ދިނުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ޖަލެއްގެ ގޮތުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ މިނިސްޓަރ ދޭންވާނީ، ޖަލެއްގައި ހުންނަންޖެހޭކަމަށް އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ށަރުތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލައި، އެ ތާވަލާ އެއްގޮތަށް އެ ށަރުތުތައް ފުރިހަމަކުރުން ލާޒިމުކުރުމަށްފަހުގައެވެ. މި ބަޔާންކުރެވުނު ތާވަލު އެކުލަވާލަންވާނީ، އިމާރާތަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތަކާއި، ބަޖެޓުގައި ހިމެނިފައިނުވާ ބޮޑެތި ހަރަދުތައް ކުރަންޖެހޭ ކަންކަން ފިޔަވައި އެހެން ހުރިހާކަމެއް، 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރާގޮތަށެވެ.
(ރ) 24 (ސައުވީސް) ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ކޯޓު އަމުރެއްގެ ދަށުން މީހަކު ބަންދުކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ގިންތިކުރެވިފައިވާ ޖަލެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއްގައި، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޖަލެއްގެ ގޮތުގައި ބޭނުންކުރުމުގެ ވަގުތީ ހުއްދަ ލިބިފައިވާ ތަނެއްގައެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ބަންދުކުރެވޭ މީހުންކުރެ، އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަންދުކުރުމަށްޓަކައި ހާއްސަކުރެވޭ މަރުކަޒުތަކެއް އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރ ގާއިމުކުރަންވާނެއެވެ.
4 ވަނަ މާއްދާ - ޖަލުގެ ގިންތިތައް
(ހ) ތަފާތު ގިންތިތަކުގެ ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައި ބަލަހައްޓާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ގިންތިއަކަށް ހާއްސަކުރެވިފައިވާ ޖަލެއްގައެވެ (އިސްލާހު ކުރެވިފައި)
- ތަހްގީގަށް ބަންދުކުރެވޭ މީހުން ކަސްޓޯޑިއަލް ޖަލެއްގައި؛
- ތަހްގީގު ނިމި ށަރީއަތް ފެށުމުގެ ކުރިން، ނުވަތަ ށަރީއަތް ފެށި ހުކުމް ކުރުމުގެ ކުރިން، ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ރިމާންޑް ޖަލެއްގައި؛
- ށަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން އާންމު ޖަލެއްގައި.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަލު ކަނޑައަޅާއިރު، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ބަންދުކުރެވޭ މީހުންނާއި ހުކުމުގެ މުއްދަތުގައި ފަރުވާ ދިނުމަށް ބަންދުކުރެވޭ މީހުން ބަންދުކޮށް ބަލަހައްޓާ ހުރިހާ ތަނެއްގައި އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަންދުކުރުމަށް ހާއްސަކުރެވިފައިވާ ވަކި ތަންތަން ހުންނަންވާނެއެވެ.
(ނ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކަސްޓޯޑިއަލް ޖަލެއްގައި ބަންދު މީހުންގެ ގޮތުގައި ތިބޭ އެންމެހައި މީހުންނަށް ބޭސްފަރުވާއާއި އެހެނިހެން ކަންކަން ކުރުމާއި ތަހްގީގު މަރުހަލާގައި އެމީހުންނާ ދޭތެރޭ އަމަލުކުރާނެ ގޮތް ކަނޑައަޅާ އެންމެހައި ގަވާއިދުތައް އެކުލަވާލާނީ ތަހްގީގީ އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ކޮމިށަނަރުގެ މަށްވަރާގެ މަތިން، މިނިސްޓަރެވެ (އިތުރު ކުރެވިފައި)
5 ވަނަ މާއްދާ - ބަންދުގައި މީހުން ބައިތިއްބަންޖެހޭ އެހެނިހެން ތަންތަން
(ހ) ހުކުމުގެ މުއްދަތުގައި ފަރުވާދީގެން ރަނގަޅުކުރުމަށް ބޭނުންވާ މީހުން ފަރުވާއަށްޓަކައި ބަންދުގައި ބައިތިއްބަންޖެހޭ މަރުކަޒު ނުވަތަ ރިހެބިލިޓޭށަން ސެންޓަރުގައި؛
(ށ) ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ޑިޓެންށަން ސެންޓަރުގައި؛
(ނ) (އުނި ކުރެވިފައި)
ތިންވަނަ ބާބު
ޖަލު ހިންގުމާއި އިންސްޕެކްޓް ކުރުން
6 ވަނަ މާއްދާ - ޖަލުތައް ބަލަހައްޓާނެ ފަރާތް
(ހ) އާންމު ޖަލުތަކާއި ރިމާންޑް ޖަލުތައް ހިންގައި ބަލަހައްޓާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.
(ށ) ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބަލަހައްޓާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. އަދި މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކަސްޓޯޑިއަލް ޖަލުތައް ހިންގައި ބެލެހެއްޓުމުގައި އަމަލުކުރާނީ ކޮމިށަނަރ އޮފް ޕޮލިސްގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިންނެވެ (އިސްލާހު ކުރެވިފައި)
7 ވަނަ މާއްދާ - ޖަލުތަކުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައެޅުން
(ހ) ކޮންމެ ޖަލެއްގައިވެސް، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް އެ ޖަލެއްގައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ އިހްތިޔާރާއި ބާރު ލިބިފައިވާ ޑައިރެކްޓަރ އޮފް ޕްރިޒަންއެއް ހުންނަންވާނެއެވެ.
(ށ) ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތުތަކަކީ އެ ޑައިރެކްޓަރ އޮފް ޕްރިޒަންއެއްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކާގުޅޭ އަންނަނިވި ކަންކަން ކޮމިށަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުމެވެ.
- ޖަލު ހިންގުމުގެ އެންމެހައި ކަންކަން
- ޖަލުގެ ސަލާމަތީ ކަންކަން
- ގައިދީންގެ ވެލްފެއަރގެ ކަންތައްތައް ބެލެހެއްޓުން؛ އަދި
- ޖަލުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުން.
(ނ) (އިސްލާހު ކުރެވިފައި)
- އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކަށް އައްޔަނުކުރެވޭ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ކޮމިށަނަރުގެ ލަފަޔާއި މަށްވަރާގެ މަތިންނެވެ.
- މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކަސްޓޯޑިއަލް ޖަލުތަކަށް އައްޔަނުކުރެވޭ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަސްއޫލިއްޔަތު އަދާކުރަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ކޮމިށަނަރ އޮފް ޕޮލިސްގެ ލަފަޔާއި މަށްވަރާގެ މަތިންނެވެ.
(ރ) (އިސްލާހު ކުރެވިފައި)
- އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ކޮމިޝަނަރ އޮފް ޕްރިޒަންސްއެވެ (އިސްލާހު ކުރެވިފައި)
- ކަސްޓޯޑިއަލް ޖަލުތަކަށް ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ. މި މަގާމަށް އައްޔަނުކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރެކެވެ.
(ބ) ކޮންމެ ޖަލެއްގައިވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ބޭނުންވާ ޖަލު އަމުރުތައް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި ކޮމިށަނަރުގެ ލަފަޔާ އެއްގޮތްވާ ގޮތުގެމަތިން ނެރުމުގެ ބާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)
8 ވަނަ މާއްދާ - ޖަލު އަމުރުތައް
(ހ) ޖަލު އަމުރަކަށް އަމަލުކުރަން ފަށަންވާނީ އެ އަމުރެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކަންކަމާބެހޭ ޖަލު އަމުރުތައް ނެރެ ގެޒެޓުކުރަންވާނެއެވެ.
9 ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް
(ހ) މި ގާނޫނުގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ، މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބަލައި، މިނިސްޓަރަށް ރިޕޯޓުކުރުމަށްޓަކައި އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ނަމުގައި މިނިސްޓަރު މީހަކު އައްޔަނުކުރަންވާނެއެވެ.
(ށ) އިންސްޕެކްޓަރ އޭނާގެ ޒިންމާ އަދާކުރުމަށް ބޭނުންވާނެ މުވައްޒަފުންނާއި، ވަސީލަތްތައް މިނިސްޓަރު ފަހިކޮށްދޭންވާނެއެވެ.
10 ވަނަ މާއްދާ - އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތު
އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޖަލުތައް އިމާރާތްކޮށްފައި ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން؛
(ށ) ގައިދީންނާއި ބަންދު މީހުންނަށް އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ލިބިދޭތޯ ބެލުން (އިސްލާހު ކުރެވިފައި)
(ނ) ޖަލުތަކުގައި ގައިދީންނާއި ބަންދު މީހުންނާމެދު އަމަލުކުރަނީ އެމީހުންނާމެދު އަމަލުކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން (އިސްލާހު ކުރެވިފައި)
(ރ) ޖަލުގައި މީހުންނަށް ދެވޭ ކާނާއާއި ސިއްހީ ފަރުވާގެ މިންގަނޑުތައް ހުންނަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
(ބ) ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޖަލުތަކަށް ޒިޔާރަތްކޮށް، ޖަލުތައް ބަލައި ފާސްކުރުން؛
(ޅ) ޖަލެއްގައި މީހުންނަށް އަނިޔާކުރެވޭ ކަމަށް ކުރާ ށަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހްގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން؛
(ކ) ޖަލެއްގައި މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއް ދީފިނަމަ، އެކަން ބަލައި ތަހްގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން.
(އ) ދައުލަތުގެ މުއައްސަސާއެއް ނުވަތަ އިދާރާއެއްގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ތިބޭ ތަންތަނާއި، އެމީހުންނާމެދު އަމަލުކުރެވޭ ގޮތް ބަލައި ރިޕޯޓުކުރުން. މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި އަކުރުގެ ދަށުން ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާ ގުޅިގެން ރިޕޯޓު ހުށަހަޅާނީ، ކަމާބެހޭ މުއައްސަސާއަށެވެ (އިތުރު ކުރެވިފައި)
11 ވަނަ މާއްދާ – ރިޕޯޓުކުރުން
މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، އެއިން ކޮންމެ ކަމަކާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް މިނިސްޓަރަށް ރިޕޯޓު ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - މުސްތަގިއްލު ކޮމިށަނަކުން އިންސްޕެކްޓް ކުރުން
ރާއްޖޭގެ ޖަލުތަކުގައި މީހުން ބަންދުކޮށްފައި ތިބޭ ގޮތާއި އެމީހުންނާމެދު އަމަލުކުރެވޭ ގޮތާއި އެމީހުންނަށް ދެވޭ ހިދުމަތްތައް އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭތޯއާއި ދިމާވާ ކުއްލި ހާދިސާއެއްގެ ސަބަބުން އެކަންކަން ތަހްގީގުކޮށް ބެލުމަށް ނުވަތަ ޖަލުތައް އިންސްޕެކްޓް ކުރުމުގެ އެންމެހައި ބާރު، ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދިފައިވާ ކަމާބެހޭ ކޮމިށަންތަކަށް ލިބިގެންވެއެވެ. އެފަދަ ކޮމިށަންތަކުން ޖަލުތައް އިންސްޕެކްޓްކޮށް ބެލުމަށްފަހު ކަމާގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުގެ ބާރު އެފަރާތްތަކަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން އިންސްޕެކްޓް ކުރުން
ދިވެހިރާއްޖެއިން އެއްބަސްވެ ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިވެހިރާއްޖޭގެ ޖަލުތައް އިންސްޕެކްޓް ކުރުމުގެ ހުއްދަ އެ ޖަމްއިއްޔާއަކަށް، ނުވަތަ އެ މުއާހަދާއެއް ތަންފީޒުކުރާ ފަރާތަކަށް ލިބިގެންވެއެވެ. ޖަލު އިންސްޕެކްޓްކުރުމުގައި މިފަދަ ފަރާތްތަކުން އަމަލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
14 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ޖަލު ބަލައި ފާސްކުރުން
ޖަލަށް ޒިޔާރަތްކޮށް ޖަލުގެ ކަންތައްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި ޖަލުތަކަށް ޒިޔާރަތްކޮށް އެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތަކުގެ މެންބަރުންނަށް، ޖަލުގެ ހުރިހާ ތަނަކަށް ވަދެ، ބަލައި ފާސްކުރެވޭނެއެވެ. މިގޮތުން ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ޖަލު ބަލައި ފާސްކުރާ ފަރާތްތަކަށް ލިބިގެންވާ ގާނޫނީ ބާރު
މި ގާނޫނުގެ ދަށުން ބާރު ލިބިގެން ޖަލު އިންސްޕެކްޓް ކުރުމަށް ޖަލަށް ޒިޔާރަތްކުރާ އިންސްޕެކްޓަރަށާއި، އޭނާގެ ފަރާތުން ދާ މީހުންނަށާއި، މި ގާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކުރާ މުސްތަގިއްލު ކޮމިށަންތަކަށާއި، މި ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކުން ފޮނުވާ ވަފުދުތަކަށާއި، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ތިރީގައިވާ ކަންކަން ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ނުގެއްލޭ ގޮތުގެމަތިން ކުރުމުގެ ބާރު މި ގާނޫނުން ލިބިދެއެވެ.
(ހ) ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމަށްފަހު ޖަލުގެ ހުރިހާ ތަނަކަށް ވަދެ، ބަލައި ފާސްކުރުން؛
(ށ) ޖަލުގައި ތިބޭ މީހުންނާ އެކަހެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ބައްދަލުކޮށް މައުލޫމާތު ހޯދުން؛
(ނ) ޖަލުގައި ގައިދީންނާއި ބަންދު މީހުންނަށް ކާންދެވޭ ތަކެއްޗާއި ފެނުގެ ފެންވަރު ބެލުމަށްޓަކައި އެތަކެތި ޓެސްޓުކުރުން ނުވަތަ އޭގެ ސާމްޕަލް ނެގުން (އިސްލާހު ކުރެވިފައި)
(ރ) ޖަލުގެ މުވައްޒަފުން ހާޒިރުކޮށް އެމީހުންނާ އެކަހެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް ބައްދަލުކޮށް މައުލޫމާތު ހޯދުން؛
(ބ) ޖަލުގެ އެންމެހައި ރެކޯޑްތަކާއި ލިޔުންތައް ބަލައި ކޮޕީ ހެދުން؛
(ޅ) ކަމާބެހޭގޮތުން ހޯދަންޖެހޭ އެހެން މައުލޫމާތުތައް ހޯދުން؛
(ކ) ޖަލުގައި ހަރުކުރެވިފައިވާ ސެކިއުރިޓީ ކެމެރާތަކާއި އަޑު ރެކޯޑްކުރާ އެންމެހައި އާލާތްތަކުގެ ރެކޯޑިންގ ހޯދުން.
16 ވަނަ މާއްދާ - އިންސްޕެކްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
ގާނޫނީ ބާރު ލިބިގެން ޖަލަށް ޒިޔާރަތްކުރާ އެއްވެސް މީހަކު ތިރީގައިމިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) އިންސްޕެކްޓް ކުރުމުގެ މަސައްކަތުގައި ޖަލުގެ ގަވާއިދާ ހިލާފު ކަމެއް ކުރުން؛
(ށ) ޖަލުގައި އެމީހެއްގެ ގާތްތިމާގެ މީހަކު، ނުވަތަ އެމީހެއްގެ މަސްލަހަތާ ގުޅިފައިވާ މީހަކު ވާނަމަ އެކަން، އޭނާ ފޮނުވާ ފަރާތަށާއި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނާންގައި ހުރުން؛
(ނ) ޖަލަށް ވެއްދުން މަނާކޮށްފައިވާ އެއްޗެއް ވެއްދުން؛
(ރ) އެއްވެސް ގައިދީއަކަށް އެއްޗެއް ދިނުމާއި ގައިދީއެއްގެ ފަރާތުން އެއްޗެއް ލިބިގަތުން؛
(ބ) ތަހްގީގީ ބޭނުމަކަށް ފިޔަވައި ޖަލުގެ ގައިދީންނާއި ބަންދު މީހުންގެ ފޮޓޯއާއި މަންޒަރާއި އަޑު ރެކޯޑްކޮށް އާންމުކުރުން (އިސްލާހު ކުރެވިފައި)
ހަތަރުވަނަ ބާބު
މޯލްޑިވްސް ކަރެކްށަނަލް ސަރވިސް
17 ވަނަ މާއްދާ - މޯލްޑިވްސް ކަރެކްށަނަލް ސަރވިސް
(ހ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް އުފުލާނީ ޔުނީފޯމް އެޅި އޮފިސަރުން ހިމެނޭ "މޯލްޑިވްސް ކަރެކްށަނަލް ސަރވިސް" ގެ ނަމުގައި އުފައްދާ މުއައްސަސާއަކުންނެވެ.
(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ހިނގަމުންދާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
18 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕްރިޒަންސް
މޯލްޑވްސް ކަރެކްށަނަލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ގޮތުން އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ އަދާކުރުމަށްޓަކައި ކޮމިށަނަރ އޮފް ޕްރިޒަންސްއަކާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއެއް ހުންނަންވާނެއެވެ. ކޮމިށަނަރ އޮފް ޕްރިޒަންސްއަކާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއެއް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. (އިސްލާހު ކުރެވިފައި)
19 ވަނަ މާއްދާ - ވަޒީފާގެ އޮނިގަނޑު
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑެއް މިނިސްޓަރުގެ ލަފާގެ މަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ. މި ބަޔާންކުރެވުނު އޮނިގަނޑުގައި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މަގާމުތަކުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ކަނޑައަޅާފައި އޮންނަންވާނެއެވެ. މި އޮނިގަނޑު ތައްޔާރުކުރެވިފައި އޮންނަންވާނީ މި ގާނޫނާ ތައާރުޒުނުވާ ގޮތުގެމަތިންނެވެ. މި ގާނޫނު ފާސްވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި އޮނިގަނޑު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅާ އެ ކޮމިޓީން ފާސްކުރަންވާނެއެވެ.
20 ވަނަ މާއްދާ - ވަޒީފާ ދިނުމާއި ވަކިކުރުން (އިސްލާހު ކުރެވިފައި)
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާ ދޭނީ ކޮމިށަނަރެވެ. އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މަގާމު ދަށްކޮށް ހަދާނީ ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރެވެ.
(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ވަޒީފާ ދިނުމުގައާއި ވަޒީފާއިން ވަކި ކުރުމުގައާއި މަގާމު ދަށްކުރުމުގައި އަމަލުކުރާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހާއްސަކުރެވިފައިވާ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
21 ވަނަ މާއްދާ - މުސާރައާއި އެހެނިހެން އިނާޔަތްތައް
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އިންނެވެ. މުސާރައާއި މާލީ އިނާޔަތްތައް ކަނޑައެޅުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ލަފާ ހޯދަންވާނެއެވެ.
22 ވަނަ މާއްދާ - ކޮމިށަނަރުގެ މަސްއޫލިއްޔަތު
ކޮމިށަނަރ އޮފް ޕްރިޒަންސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ އެންމެހައި ކަންކަން ބެލެހެއްޓުން؛
(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުން؛
(ނ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އެންމެހައި ކަންކަން ބެލެހެއްޓުން؛
(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބޭ މީހުން ރަނގަޅު މީހުންގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ބ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ އެންމެހައި ކަންކަން ބެލެހެއްޓުން؛
(ޅ) ޖަލު އޮފިސަރުންގެ ސުލޫކީ މިންގަނޑު އެކުލަވާލުން؛
(ކ) ށަރުއީ ކޯޓުތަކުން ކުރާ އެކިއެކި ހުކުމްތައް ތަންފީޒުކުރުވުން.
23 ވަނަ މާއްދާ - ކޮމިށަނަރުގެ މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރުން
މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ އޮފް ޕްރިޒަންސްއާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކުން ބައެއް، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއާ ނުވަތަ ކަނޑައެޅޭ ވަކި އޮފިސަރަކާ ނުވަތަ އޮފިސަރުންތަކަކާ ލިޔުމަކުން ހަވާލުކުރެވިދާނެއެވެ.
24 ވަނަ މާއްދާ - ކޮމިށަނަރ ޖަވާބުދާރީވުން
ކޮމިށަނަރ އޮފް ޕްރިޒަންސް އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
25 ވަނަ މާއްދާ - އޮފިސަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ އޮފިސަރަކުމެ މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.
(ށ) ކޮމިށަނަރަށާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސްއަށާއި، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެހީތެރިވެ އެއްބާރުލުން ދިނުމާއި އެމީހުންދޭ އިރުށާދާ އެއްގޮތަށް އަމަލުކުރުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ކޮންމެ އޮފިސަރަކާއި މުވައްޒަފެއްގެ ވާޖިބެކެވެ (އިސްލާހު ކުރެވިފައި)
26 ވަނަ މާއްދާ - އޮފިސަރުން އަމަލުކުރަންވީ މައިގަނޑު އަސާސްތައް
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންނަނިވި މައިގަނޑު އަސާސްތަކަށް ތަބާވާންވާނެއެވެ.
(ހ) ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުން، ރައްކާތެރިކަމާއި ސުލްހަވެރިކަމާއި، އޯގާތެރިކަމާއެކު ބެލެހެއްޓުން (އިސްލާހު ކުރެވިފައި)
(ށ) ގައިދީންނާއި ބަންދު މީހުންނާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލު ނުހިންގުން (އިސްލާހު ކުރެވިފައި)
(ނ) ޖަލުގައި ހިނގާ ނުވަތަ ހިންގަން ރޭވޭ ހަމަނުޖެހުމަކާބެހޭ މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ލަސްނުކޮށް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުން؛
(ރ) ގައިދީންނާއި ބަންދު މީހުންގެ ރިހެބިލިޓޭށަންގެ ކަންތައްތަކާއި ވެލްފެއަރގެ ކަންތައްތަކުގައި އެމީހުންނަށް އެހީތެރިވެދިނުން (އިސްލާހު ކުރެވިފައި)
(ބ) ގައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތެއް ނުވަތަ އެމީހުންނަށް ދޭން ހަމަޖެހިފައިވާ މިނޫންވެސް އެހެން ހިދުމަތެއް ލިބިގަތުމުގައި އެހީތެރިވުން (އިސްލާހު ކުރެވިފައި)
(ޅ) އެއްވެސް ފީއެއް، އިނާމެއް، ރިށްވަތެއް، ހަދިޔާއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ނުވަތަ އެފަދަ އެއްޗެއް ކަމުގައި ބެލެވިދާނެ އެއްޗެއް ހޯދައި، ބަލައިނުގަތުން؛ އަދި
(ކ) ގައިދީންނާއި ބަންދު މީހުންގެ ފަރާތުން ނުވަތަ އެމީހުންނާއެކު އެއްވެސް ވިޔަފާރިއެއް ނުވަތަ އެފަދަ ކަމަކާގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުން (އިސްލާހު ކުރެވިފައި)
27 ވަނަ މާއްދާ - އޮފިސަރުން ސިއްރު ހިފެހެއްޓުން
ޖަލުގެ މުވައްޒަފުންނަށް އެމީހުންގެ މަގާމުގެ ހައިސިއްޔަތުން އެނގޭ މައުލޫމާތުތައް، ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ. މިފަދަ މައުލޫމާތެއް، ގާނޫނީ ގޮތުން ބާރު ލިބިފައިވާ މުއައްސަސާއަކުން ކުރާ ތަހްގީގަކަށް ނުވަތަ ށަރީއަތުގެ ބޭނުމަކަށް ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށްޓަކައި ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެނޫން ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
28 ވަނަ މާއްދާ - އޮފިސަރުންގެ ބާރުތައް
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ބާރުތައް ތިރީގައި އެވަނީއެވެ.
(ހ) ހުކުމް ތަންފީޒުކުރަންޖެހޭ މީހުން، ގަވާއިދާ އެއްގޮތަށް ހިފައި ހައްޔަރުކުރުން؛
(ށ) އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ސައްހަ އަމުރަށް ނުކިޔަމަންތެރިވާ ގައިދީންނާއި ބަންދު މީހުން ކިޔަމަންތެރިކުރުމުގެ ގޮތުން ގާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތެއްގެމަތިން އަދި ގާނޫނާއި ގަވާއިދު ހުއްދަކުރާ މިންވަރަކަށް ބާރުގެ ބޭނުންކުރުން (އިސްލާހު ކުރެވިފައި)
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ ހިލާފުނުވާނެ ގޮތެއްގެމަތިން ބިޑިއާއި، މުގުރާއި، ޕެޕަރ ސްޕްރޭ، ކަރުނަ ގޭސް، ސްޓަންޓް ގްރެނޭޑް އަދި ރަޔަޓް ގިޔަރއާއި މިނޫންވެސް ގަވާއިދުން ހުއްދަކުރެވިފައިވާ ދިފާއީ އާލާތްތަކާއި މީހުންގެ ފުރާނައަށް ނުރައްކާ ނުވާ ފަދަ ހަތިޔާރު ބޭނުންކުރުން؛
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ ހިލާފުނުވާ ގޮތަށް ގައިދީންނާއި ބަންދު މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެއްޗާއި ޖަލަށް ވަދެނުކުމެ ހަދާ އެންމެހައި ފަރާތްތަކާއި އެމީހުން ގެންނަ ތަކެތި ބަލައި ފާސްކުރުން (އިސްލާހު ކުރެވިފައި)
(ބ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައިދީންނާއި ބަންދު މީހުންނަށް އަމުރުކުރުން (އިސްލާހު ކުރެވިފައި)
29 ވަނަ މާއްދާ - އޮފިސަރުންގެ ހައްގުތައް
އޮފިސަރުންނަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.
(ހ) އޮފިސަރަކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ލިބުމާއި، ބޭސްފަރުވާ ލިބުން؛
(ށ) އޮފިސަރަކާމެދު ކުރެވޭ ށަކުވާއަކާ ގުޅިގެން، ޖަވާބުދާރީވުމުގެ ފުރުސަތެއް ލިބިދިނުމަކާ ނުލައި އޭނާއާމެދު ޑިސިޕްލިނަރީ ފިޔަވަޅެއް ނޭޅުން؛
(ނ) އޮފިސަރެއްގެ މައްޗަށް އުފުލޭ ށަކުވާއަކާމެދު ގޮތެއް ނިންމުމުގައި ށަކުވާކުރާ މީހާގެ ދައުރެއް ނެތުން؛
(ރ) އޮފިސަރަކު ކުރި ކުށަކަށް އެކަށީގެންނުވާ ވަރުގެ ބޮޑު އަދަބެއް ނުލިބުން؛
(ބ) ގާނޫނާއި ގަވާއިދާ ހިލާފު އަމުރަކަށް ކިޔަމަންތެރިނުވުމުގެ ސަބަބުން ކުށްވެރިނުވުމާއި އެފަދަ ކަމަކާ ގުޅިގެން ޑިސިޕްލިނަރީ ފިޔަވަޅެއް ނޭޅުން.
30 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ސުލޫކީ މިންގަނޑެއް ކޮމިށަނަރ އެކުލަވާލައި، އެ މިންގަނޑު އޮފިސަރުންގެ މެދުގައި ދަމަހައްޓަންވާނެއެވެ.
31 ވަނަ މާއްދާ - އޮފިސަރުންނާއި އޮފިސަރުންގެ ތަކެތި ބަލައި ފާސްކުރުން
ޖަލުގެ ސަލާމަތީ ބޭނުންތަކަށްޓަކައި ނުވަތަ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމުގައި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ، ގަވާއިދުގައިވާ ގޮތުގެމަތިން ޖަލު އޮފިސަރުން ނުވަތަ އެނޫންވެސް މުވައްޒަފުންނާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރެވިދާނެއެވެ.
32 ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތައް
އޮފިސަރަކު ނުވަތަ މުވައްޒަފަކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ ޑިސިޕްލިނަރީ ކުށެއް ކުރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެއެވެ.
(ހ) ހުއްދަ ނެތި ނުވަތަ މަގުބޫލު އުޒުރަކާ ނުލައި އެމީހަކު ޑިއުޓީގައި ހުރުމަށް ކަނޑައެޅިފައިވާ ވަގުތުގައި ޑިއުޓީ އަދާކުރުމަށް ކަނޑައެޅިފައިވާ ތަނަށް ހާޒިރުނުވުން ނުވަތަ ޑިއުޓީ ވަގުތުގައި އެތަނުގައި ނެތުން؛
(ށ) ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ އަމުރަކަށް ކިޔަމަންނުވުން ނުވަތަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކާ ހަވާލުކުރާ ވާޖިބެއް އަދާ ނުކުރުމާއި ބަހުން ނުވަތަ އަމަލުން ނުކިޔަމަންތެރިކަން ހާމަކުރުން؛
(ނ) ގައިދީންނާއި ބަންދު މީހުން ނުވަތަ ހުކުމެއްގައި ހުރި މީހަކު ކުށެއް ކުރާކަން އެނގިހުރެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އަންގަންޖެހޭ ފަރާތަކަށް ނޭންގުން (އިސްލާހު ކުރެވިފައި)
(ރ) ޖަލުގައި ހުންނަ ތަކެތި ނުވަތަ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުން؛
(ބ) ޖަލުގައި ހުންނަ ތަކެތީގެ ތެރެއިން އެމީހަކު ޒިންމާވާންޖެހޭ އެއްޗެއް ބެލެހެއްޓުމުގައި ފަރުވާކުޑަކުރުން؛
(ޅ) އެމީހަކު އަދާކުރާ ވަޒީފާއާ ފުށުއަރާ ކަމެއް ނުވަތަ މަސައްކަތެއް ކުރުން ނުވަތަ އެފަދަ ކަމެއް ކުރުމުގައި ބައިވެރިވުން ނުވަތަ އެމީހަކު ވަޒީފާގައި ކުރާ މަސައްކަތް ކުރުމަށް ހުރަސްއެޅޭ ބާވަތުގެ ހަރަކާތެއްގައި ބައިވެރިވުން؛
(ކ) ރިށްވަތު ހިފުން ނުވަތަ ރިށްވަތުކަމަށް ބެލެވިދާނެ ހާލަތެއްގައި ވަޒީފާގެގޮތުން މުއާމަލާތުކުރަންޖެހޭ މީހެއްގެ އަތުން ނުވަތަ ގައިދީއެއްގެ އަތުން ނުވަތަ ގައިދީއަކާ ގުޅުންހުރި މީހެއްގެ އަތުން ހަދިޔާ ނުވަތަ އެފަދަ އެހެނިހެން ތަކެތި ބަލައިގަތުން؛
(އ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް އެއްޗެއް ގައިދީއަކަށް ނުވަތަ ގައިދީއެއްގެ ފަރާތުން އެހެން ގައިދީއަކަށް ރައްދުކޮށްދީ، ޖަލުގެ ތެރެއަށް ގެނެސް ނުވަތަ ޖަލުން ބޭރަށް ނެރެ ނުވަތަ ޖަލުގެ ތެރެއަށް ވައްދަން އުޅެ ނުވަތަ ޖަލުން ބޭރަށް ނެރެން އުޅެ ނުވަތަ ޖަލުގެ ތެރެއަށް ވެއްދުމަށް ނުވަތަ ޖަލުން ބޭރަށް ނެރުމަށް ހުއްދަކޮށް، ނުވަތަ އެފަދަ ކަމަކަށް މަގުފަހިކޮށްދިނުން؛
(ވ) އޮފިސަރަކަށް ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ދޮގު މައުލޫމާތު ދިނުން؛
(މ) ގައިދީއަކު ފިލުމުގައި އެހީތެރިވުން ނުވަތަ އެމީހެއްގެ އިހުމާލުން ގައިދީއަކު ފިލަން މެދުވެރިވުން؛
(ފ) ގައިދީއަކާމެދު މާރާމާރީ ހިންގުމާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނޫންގޮތަކަށް އެއްވެސް ގައިދީއެއްގެ ގަޔަށް އަތްލުން؛
(ދ) އެއްވެސް މުވައްޒަފެއް ނުވަތަ ގައިދީއަކާމެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލެއް ހިންގުން.
33 ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތަކުގެ އަދަބު
މި ގާނޫނުގެ އެހެން މާއްދާތަކާ ތައާރުޒުނުވާ ގޮތުގެމަތިން އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ ޑިސިޕްލިނަރީ ކުށްތަކަށް އަންނަނިވި އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ އަދަބުތަކެއް ދެވިދާނެއެވެ.
(ހ) ނަސޭހަތްދިނުން؛
(ށ) އިންޒާރުދިނުން؛
(ނ) 7 (ހަތެއް) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޑިއުޓީ އިތުރުކުރުން؛
(ރ) (އުނި ކުރެވިފައި)
(ބ) މަގާމު ދަށްކުރުން؛
(ޅ) ސަސްޕެންޑްކުރުން؛
(ކ) ގެއްލުމުގެ ބަދަލުދޭން އެންގުން؛
(އ) ވަޒީފާއިން ވަކިކުރުން.
34 ވަނަ މާއްދާ – ޑިސިޕްލިނަރީ ކުށަށް ފިޔަވަޅު އެޅުން
(ހ) އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ކުށެއް ކުރިކަމަށް ބެލެވޭ ހާލަތުގައި، އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިދޭންވާނެއެވެ. އަދި އެފަދަ މައްސަލައެއް ނިންމަންވާނީ އޭނާގެ ފަރާތުން ހުށަހަޅާ ލިޔުންތަކާއި އެ މައްސަލައިގައި ލިބެންހުރި އެންމެހައި މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.
(ށ) އޮފިސަރަކު ނުވަތަ މުވައްޒަފަކު ޑިސިޕްލިނަރީ ކުށެއް ކުރިކަމަށް ބެލެވޭ ހާލަތުގައި، އަންނަނިވި މައުލޫމާތުތައް ލިޔުމުން އެ އޮފިސަރަށް ނުވަތަ އެ މުވައްޒަފަށް އަންގަންވާނެއެވެ.
- އޮފިސަރު ނުވަތަ މުވައްޒަފު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން؛
- ކަމާ ގުޅޭގޮތުން ގަވާއިދުން ދިނުމަށް ހަމަޖެހިފައިވާ މައުލޫމާތު.
(ނ) ޑިސިޕްލިނަރީ ކުށަކާބެހޭ ގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަން ނިންމި ގޮތާމެދު އޮފިސަރު ނުވަތަ މުވައްޒަފު ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ބަލައިދިނުން އެދި 14 (ސާދަ) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެއެވެ.
35 ވަނަ މާއްދާ - ޑިސިޕްލިނަރީ ކުށްތަކަށް އަދަބު ދެވޭނެ ގޮތް
(ހ) ޑިސިޕްލިނަރީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވިފައިވާ އޮފިސަރު ނުވަތަ މުވައްޒަފު އޭނާގެ ދިފާއުގައި ހުށަހަޅާ ހުށަހެޅުންތަކާއި އެ މައްސަލައާގުޅޭ އެހެނިހެން މައުލޫމާތުތަކާއި ބަޔާންތަކަށް ރިއާޔަތްކުރުމަށްފަހު، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އެ މާއްދާގެ (ހ)، (ށ) އަދި (ނ) ގައިވާ އަދަބު ދިނުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ.
(ށ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަދަބުތައް ދެވޭނީ ޑިސިޕްލިނަރީ ބޯޑުގެ ލަފާގެ މަތިން ކޮމިށަނަރަށެވެ (އިސްލާހު ކުރެވިފައި)
(ނ) މި ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އަދަބުތައް ދިނުމުގައި އެއް އަދަބަށްވުރެ ގިނަ އަދަބު އެއްފަހަރާ ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. ނަމަވެސް، އެފަދައިން އަދަބު ކަނޑައެޅުމުގައިވެސް، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.
36 ވަނަ މާއްދާ - ތަމްރީނު ދިނުމާއި މީހުން ބިނާ ކުރުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނު ލިބިދޭންވާނެއެވެ.
37 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުން
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެންމެހައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމަށް ކަނޑައަޅާނީ މިނިސްޓަރެވެ.
(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމުގެ އެންމެހައި ކަންތައް ހިންގައި، ބަލަހައްޓައި އަދި އެކަންކަމާ ބެހޭގޮތުން މިނިސްޓަރަށް ލަފާދޭނެ 7 (ހަތެއް) މެންބަރުންގެ ކޮމިޓީއެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މިނިސްޓަރު އެކުލަވާލަންވާނެއެވެ.
38 ވަނަ މާއްދާ - ޔުނީފޯމާއި ށަރަފުގެ ނިށާން ހުއްދަނެތި ބޭނުންކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން މެނުވީ މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެމީހަކު ނުވަތަ އެބަޔަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
(ހ) ޖަލު އޮފިސަރުން ބޭނުން ކުރުމަށް ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް އުފެއްދުން، ވިއްކުން، ބޭނުންކުރުން، ނުވަތަ ބޭނުންކުރުމުގެ ހުއްދަނެތް މީހަކަށް ދިނުން.
(ށ) ޖަލު އޮފިސަރުން ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް ނުވަތަ އެފަދަ އެއްޗެއްގެ ނަކަލެއް މީހަކު ނުވަތަ ބަޔަކު އުފެއްދުން ނުވަތަ ބޭނުންކުރުން.
39 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމާއި އިސްތިއުފާ ދިނުން
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިކުރާ މީހުން ފިޔަވައި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ގާނޫނުގެ ދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދުގެ ދަށުން ށަރަފުވެރިކަމާއިއެކު ވަޒީފާއިން ވަކިވި މީހެއްކަމަށް ކަނޑައެޅޭނެއެވެ.
(ށ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ރިޓަޔަރ ކުރެވޭނެ، އަންނަނިވި ގޮތްތައް ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެއެވެ.
- ރޭންކަށް ކަނޑައެޅިފައިވާ އުމުރު
- ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި
- ސިއްހީ ހާލަތު
- އަމިއްލައަށް އެދުން.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިވާ މީހުންނަށް ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހާއްސަ އިނާޔަތާއި އިމްތިޔާޒް ލިބިދެވޭނެއެވެ.
(ރ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާ އަދާކުރެވޭނެ އެންމެ ދޮށީ އުމުރަކީ 65 (ފަސްދޮޅަސް ފަހެއް) އަހަރެވެ. މި މާއްދާއަށް އަމަލުކުރަން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަސް ވުމުންނެވެ.
(ބ) ކޮމިށަނަރ އޮފް ޕްރިޒަންސްއާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕްރިޒަންސް އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމެއް ފޮނުވަންވާނެއެވެ. އެހެނިހެން ރޭންކުތަކުގެ މުވައްޒަފުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ލިޔުމަކުން ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ޅ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފެއް ވަޒީފާއިން ވަކިކުރެވިފައިވަނީ މި ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއްގައިނަމަ މި މާއްދާގެ (ނ) ގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް އެމީހަކަށް ނުލިބޭނެއެވެ.
40 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން
ވަޒީފާއަށް ފިލައިގެން ނުވަތަ އަހްލާގީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، އެމީހަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރާއި ބާރު މި ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމިށަނަރަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)
41 ވަނަ މާއްދާ - ވަޒީފާއަށް ފިލުން
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާން އުޅެފިނަމަ، އެމީހަކަށް މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އަދަބު ދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން ފިލިކަމަށް ބެލެވޭނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެމީހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެމީހަކާ ހަވާލުކޮށްފައިވާ ޑިއުޓީ ހުއްދަނެތި ދޫކޮށް ދިއުމުން، ނުވަތަ ހުއްދަ ނުހޯދާ 14 (ސާދަ) ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުމުން، ނުވަތަ ކުއްލި ހާލަތެއްގައި، އެމީހަކުގެ މައްޗަށް ހުރި ވެރިއަކު ކުރާ އަމުރަކާ ހިލާފަށް ވަޒީފާއަށް ނުނިކުމެ ހުރުމުން، ނުވަތަ ނުކުތުމަށް ދެކޮޅު ހެދުމުން، ނުވަތަ ގައިދީން ބެލެހެއްޓުމުގައި ހިންގާ ހާއްސަ އޮޕަރޭށަނަލް ހާލަތެއްގައި އެކަން އެނގި ހުރެ ފިލުމުން ނުވަތަ އަޅާނުލާ ހުރުމުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއަށް ފިލައިގެން ދިއުމަށް ބާރުއަޅައި ނުވަތަ ހިތްވަރުދީ ނުވަތަ އެހީތެރިވެއްޖެ ކޮންމެ މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
42 ވަނަ މާއްދާ - ހިދުމަތުގައި އުޅެނިކޮށް ލިބޭ އަނިޔާ
މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފަކު ހިދުމަތުގައި އުޅެނިކޮށް އަނިޔާ ލިބިއްޖެނަމަ ނުވަތަ ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކަށް ހައްގު ބަދަލު ލިބިދެވޭނެއެވެ.
43 ވަނަ މާއްދާ - ވެލްފެއަރ ފަންޑު
(ހ) މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންގެ ވެލްފެއަރގެ ކަންތައް ރަނގަޅުކުރުމަށްޓަކައި ވެލްފެއަރ ފަންޑެއް އުފައްދައި އެ ފަންޑުން މުވައްޒަފުންގެ ވެލްފެއަރ ކަންތަކަށް ހޭދަކުރުމުގެ ހުއްދަ މިނިސްޓަރަށް ދެވިދާނެއެވެ.
(ށ) މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މި މާއްދާގެ (ހ) ގެ ދަށުން ވެލްފެއަރ ފަންޑު އުފައްދައި ހިންގުން ކޮމިށަނަރ އޮފް ޕްރިޒަންސްއާ ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެލްފެއަރ ފަންޑު ކުރިއަރުވައި، އިތުރަށް ތަރައްގީކުރުމަށްޓަކައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށާއި، އަދި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއިން ށަރަފުވެރިކަމާއެކު ވަކިވާ މީހުންނަށް އަމާޒުކޮށްގެން ކޯޕަރޭޓިވް އުސޫލުން ވިޔަފާރިކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ ވިޔަފާރިކުރުމަށްޓަކައި އުފައްދަންޖެހޭ ގާނޫނީ ށަހްސު، ޖަމްއިއްޔާ ނުވަތަ ޖަމާއަތްތައް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އުފެއްދުމަށް، އެކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން، ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
44 ވަނަ މާއްދާ - ޖަލު އޮފިސަރުންގެ ހުވައި
(ހ) މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެދުމާއެކު، ޖަލު އޮފިސަރުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރުގޮތެއްގައި އުފުލުމަށްޓަކައި، މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ހުވައި ހުރިހާ އޮފިސަރުން ކުރަންޖެހޭނެއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެދި އެސަރވިސްގެ ވަޒީފާ ދެވޭ ކޮންމެ އޮފިސަރަކު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޮފިސަރުންގެ ހުވައި ފަނޑިޔާރެއްގެ ކުރިމަތީގައި ކުރަންވާނެއެވެ.
(ނ) އޮފިސަރުންގެ ހުވައިގެ މަތީ ދެމިތިބުމަކީ ކޮންމެ އޮފިސަރަކަށް ވާޖިބު ކަމެކެވެ.
45 ވަނަ މާއްދާ - ޑިސިޕްލިނަރީ ބޯޑު
(ހ) ގައިދީންނާއި އޮފިސަރުން ކުރާ ކުށްތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި ޑިސިޕްލިނަރީ ބޯޑެއް މިނިސްޓަރު އައްޔަނުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑުގެ މަސައްކަތަކަށްވާނީ، ޖަލު އޮފިސަރުން ކުރާ ޑިސިޕްލިނަރީ ކުށްތައް ބަލައި ފިޔަވަޅު އެޅުމުގައި ކޮމިށަނަރަށް ލަފާދިނުމާއި، ގައިދީން ކުރާ ޖަލު ކުށްތަކާގުޅޭ މައްސަލަތައް ބެލުމެވެ.
(ނ) ޑިސިޕްލިނަރީ ބޯޑުން މައްސަލައެއް ބެލުމުގައި އެމީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، އެއްވެސް ފަރާތެއްގެ އިރުށާދަކަށް ނުވަތަ ނުފޫޒަކަށް ނުލެނބި، މިނިވަންކަމާއެކު އެއްވެސް ފަރާތަކަށް ބުރަނުވާ ހާލަތުގައެވެ.
(ރ) ޑިސިޕްލިނަރީ ބޯޑުން އެ ބޯޑަށް ހުށަހެޅޭ މައްސަލައެއް ބަލަމުންދާ ދިއުމުގައި އެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާއަށް އަނގަބަހުން ކަންކަން ހުށަހެޅުމާއި މައްސަލައާގުޅޭ ހެކި ހުށަހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
(ބ) ޑިސިޕްލިނަރީ ބޯޑުން އެ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބަލަމުންދާ ދިއުމުގައި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް އޭނާގެ ފަރާތުން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށާއި ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް އޭނާ ކަނޑައަޅާ މީހަކު އައްޔަނުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
46 ވަނަ މާއްދާ - ކުއްލި ހާލަތުގައި ފުލުހުންނާއި ސިފައިންގެ އެހީ ހޯދުން
(ހ) ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެހީތެރިވުމުގެ ގޮތުން، ކޮމިށަނަރުގެ ހުއްދައާއެކު ޖަލުގައި ތިބޭ އޮފިސަރުންގެ ވާޖިބުތައް އަދާކުރުމަށް ފުލުހުންގެ ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދިދާނެއެވެ. އެގޮތުން ފުލުހުންގެ ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދައިފިނަމަ މި ގާނޫނުގެ ދަށުން އޮފިސަރުންނަށް ލިބިދޭ އެންމެހައި ބާރުތައް އެފަރާތްތަކަށް ލިބިގެންވެއެވެ.
(ށ) ޖަލުގައި ކުއްލި ހާލަތެއް ދިމާވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމާއި އަދި އެހީތެރިކަން ލިބިގަތުމާބެހޭ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ އެކުލަވާލަންވާނެއެވެ. މި ގަވާއިދުގައި ފުލުހުން ނުވަތަ ސިފައިންގެ އެހީތެރިކަން ހޯދޭނެ ހާލަތްތަކާއި ގޮތްތަކާއި އަދި މިފަދަ އެހީތެރިކަން ލިބިގަތުމުގައި ކަންކުރާނެ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
ފަސްވަނަ ބާބު
ޖަލުގައި މީހުން ބަންދުކުރުން
47 ވަނަ މާއްދާ - (އުނި ކުރެވިފައި)
47 ވަނަ މާއްދާ - ބަންދުކުރުމުގެ ކުރިން ކަށަވަރުކުރަންޖެހޭ ކަންކަން
އެއްވެސް މީހަކު ޖަލުގައި ބަންދުކުރުމުގެ ކުރިން، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.
(ހ) ބަންދުކުރެވޭ މީހަކީ ކާކުކަން؛
(ށ) އެމީހަކީ، އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައިނުވާ މީހެއްނަމަ، އެމީހަކު ބަންދުކުރެވެނީ ކޮން ގާނޫނެއްގެ ދަށުންތޯއާއި އެ ގާނޫނަކާ އެއްގޮތްވާ ގޮތުގެމަތިންތޯ؛
(ނ) އެމީހަކީ، އެމީހެއްގެ މައްޗަށް ކުށެއް ސާބިތުވެފައިވާ މީހެއްނަމަ، އެމީހަކު ބަންދުކުރުމަށް ކޯޓުން ހުކުމް ކޮށްފައިވޭތޯ.
48 ވަނަ މާއްދާ - ބަންދުކުރުމުގެ އިޖުރާއަތު
ޖަލުގައި ބަންދުކުރުމަށް ގެނެވޭ ކޮންމެ ގައިދީއަކާ ގުޅިގެން ތިރީގައިވާ ކަންކަން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފުރިހަމަކުރަންވާނެއެވެ.
(ހ) އެމީހާ ބަންދުކުރުމާބެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން؛
(ށ) އެމީހަކު ބަލައި ފާސްކޮށް، އެމީހެއްގެ އަތުގައި ޖަލަށް އެތެރެނުކުރެވޭނެ އެއްޗެއް ހުރިތޯ ބެލުމާއި، އެފަދަ އެއްޗެއް ހުރިނަމަ އަތުލުން؛ މިގޮތުން އަތުލެވޭ ތަކެއްޗާމެދު އަމަލުކުރެވޭ ގޮތުގެ ގަވާއިދެއް ހެދިފައި އޮންނަންވާނެއެވެ.
(ނ) އެމީހެއްގެ ސަލާމަތީ ގިންތި ކަނޑައެޅުން؛
(ރ) މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓް ފުރިހަމަކުރުން؛
(ބ) ޖަލުގައި ހުންނަ ދުވަސްތަކުގައި އެމީހަކު ކުރާނެ މަސައްކަތާއި ކުރަންޖެހޭ އެނޫންވެސް ކަންކަން ބަޔާންކުރާ ޕްރޮގްރާމް ކަނޑައެޅުން؛
(ޅ) ޖަލުގައި އުޅެންވާ ގޮތާއި ޖަލުން ލިބޭނެ ހިދުމަތްތަކުގެ މައުލޫމާތު ދީ އަހުލުވެރިކުރުވުން.
49 ވަނަ މާއްދާ - ގައިދީންގެ މެޑިކަލް އެސެސްމަންޓް ހެދުން
(ހ) ކޮންމެ ގައިދީއަކުވެސް ޖަލުގައި ބަންދުކުރުމުގެ ކުރިން މެޑިކަލް އޮފިސަރު ނުވަތަ އޭނާ ކަނޑައަޅާ ނަރުހެއް އެ ގައިދީއެއްގެ މެޑިކަލް އެސެސްމަންޓެއް ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެސެސްމަންޓް ހަދަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމަށްޓަކައެވެ.
- ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ
- އެމީހަކަށް ބޭނުންވަނީ ކޮންކަހަލަ ފަރުވާއެއްތޯ ދެނެގަތުމަށާއި؛
- ގައިން ގަޔަށް އަރާ ބައްޔެއް އެމީހެއްގައި ހުރުމުގެ ސަބަބުން އޭނާ އެކަހެރި ކުރުން މުހިންމުތޯ
- ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމުގެ ސަބަބުން ފަރުވާ ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއް ހުރިތޯ ބެލުމަށާއި؛
- އެމީހަކު މަސައްކަތްކުރުމަށް ޖިސްމާނީ ގޮތުން ތަންދޭތޯ ބެލުމަށެވެ.
50 ވަނަ މާއްދާ - އަންހެނުންނާއި ފިރިހެނުން ވަކިން ބޭތިއްބުން
ޖަލުގައި ބަންދުކުރެވޭ އަންހެނުންނާއި ފިރިހެނުން ބައިތިއްބަންވާނީ ވަކިންނެވެ.
51 ވަނަ މާއްދާ - ތުއްތުކުދިން ބަލަންޖެހޭ މައިން
(ހ) ޖަލުގައި ބަންދުކުރެވޭ އަންހެނެއްގެ 2 (ދޭއް) އަހަރު ނުފުރޭ ކުއްޖަކު ހުރެފައި، އަދި އެކުއްޖާއަށް ގާތުން ކިރުދޭނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެކުއްޖާ އޭނާގެ މަންމަގެ ގާތުގައި ބަހައްޓަންވާނެއެވެ. މިގޮތުން ބެހެއްޓޭނީ ކުއްޖާގެ އުމުރުން 2 (ދޭއް) އަހަރު ވަންދެންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގާތުގައި ދަރިން ގެންގުޅޭ އަންހެނުން ބައިތިއްބާނެ ތަނަކާއި، އެކުދިންނަށް ލިބެންޖެހޭ ސިއްހީ ފަރުވާއާއި ކެއުން ބުއިމުގެ އުސޫލު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ނ) މި ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބުނާފަދަ 1 (އެކެއް) އަހަރު ނުފުރޭ ކުއްޖާއަށް ގާތުން ކިރުދީ އެކުއްޖާއަށް 1 (އެކެއް) އަހަރު ފުރެންދެން ކުއްޖާގެ ގާތުގައި ޖަލުން ބޭރުގައި ހުރުމަށް މި ގާނޫނުގެ 108 ވަނަ މާއްދާއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ގައިދީ ނުވަތަ ބަންދުގައިވާ މީހާ އަމަލުކުރާނީ މި ގާނޫނުގެ 109 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ (އިސްލާހު ކުރެވިފައި)
52 ވަނަ މާއްދާ - ގައިދީންގެ މައުލޫމާތު ބެލެހެއްޓުން
(ހ) ކޮންމެ ޖަލެއްގައިވެސް އެ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ރަޖިސްޓަރީއެއް ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރަޖިސްޓަރީގެ އިތުރުން، އެ ޖަލެއްގައި ބަންދުކޮށްފައިވާ ކޮންމެ ގައިދީއަކާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު އެކުލެވޭ ފައިލެއް ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ.
- ބަންދުކުރެވޭ މީހަކީ
- ބަންދުކުރެވިފައިވާ ސަބަބާއި، މުއްދަތު އަދި އެކަމަށް އަމުރުކުރި ފަރާތް؛
- ބަންދުކުރެވުނު ތާރީހާއި
- އެމީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ؛
- އެމީހަކު ޖަލުގައި ބަންދުކުރެވުނުއިރު ހުރި ސިއްހީ ހާލަތު؛
- އެމީހެއްގެ މެޑިކަލް ހިސްޓްރީ؛
- އެމީހެއްގެ ކުރީގެ ކުށުގެ ރެކޯޑު؛
- އެމީހަކަށް ކަނޑައެޅިފައިވާ
- އެމީހަކީ ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ މީހެއްނަމަ އެކަން އަދި ޕެރޯލަށް ހުށަހަޅަންޖެހޭ
- ޖަލުން ދޫކޮށްލެވޭނެ
- ކުއްލި ހާލަތެއްގައި ގުޅާނެ ރާއްޖޭގައި ހުރި އެމީހެއްގެ ޒިންމާދާރު ބަލަދުވެރިއަކާބެހޭ މައުލޫމާތު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގައިދީންގެ ފައިލުގެ މާސްޓަރ ކޮޕީ އޮންނަންވާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މައި އިދާރާގައެވެ. ޖަލުގައި އޮންނަންވާނީ ކޮޕީއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގައިދީންގެ ފައިލުގައި ހިމެނުމަށް އެ މާއްދާގައި ބަޔާންކުރާ މައުލޫމާތުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ޑައިރެކްޓަރ އޮފް ޕްރިޒަން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެގޮތުން ގެންނަ ބަދަލުތައް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ މައި އިދާރާއަށް ފޮނުވުމަކީ ޑައިރެކްޓަރ އޮފް ޕްރިޒަންގެ ޒިންމާއެކެވެ.
53 ވަނަ މާއްދާ - ބަންދުކުރާއިރު ގައިދީންގެ އަތުގައި ހުންނަ މުދާ
(ހ) މީހަކު ޖަލުގައި ބަންދުކުރެވޭ ހިނދު، އޭނާގެ އަތުގައި އޭނާގެ އެއްވެސް އަމިއްލަ މިލްކިއްޔާތެއްވާނަމަ، އެ އެއްޗެއް އޭނާ ކަނޑައަޅާ އޭނާގެ ޒިންމާދާރު ބަލަދުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހަވާލުކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފިނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކު ތަކެއްޗާ ހަވާލުނުވެއްޖެނަމަ، އެމީހަކު ހުކުމް ތަންފީޒުކޮށް ނިމުމުން، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ބެލުމުގެ ދަށުން އެތަކެތި އޭނާއާއި ހަވާލުކުރަންވާނެއެވެ. ގިނަ ދުވަހަށް ނުބެހެއްޓޭ ހަލާކުވެ ނެތިދާފަދަ އެއްޗެއްވާނަމަ، އެކަމާގުޅޭ ގަވާއިދެއްގެ ދަށުން ނައްތާލެވޭނެއެވެ.
(ށ) މީހަކު ޖަލުގައި ބަންދުކުރެވޭ ހިނދު، އޭނާގެ އަތުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއްވާނަމަ، އެ އެއްޗެއް، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ނައްތާލެވޭނެއެވެ.
54 ވަނަ މާއްދާ - ގައިދީން ތަންތަނަށް ގެންގޮސް ގެނެސް ހެދުން
(ހ) ގައިދީން އެއް ތަނުން އަނެއް ތަނަށް ގެންގޮސް ގެނެސް ހަދަންވާނީ ގައިދީންނަށް ފިލައިގެން ނުދެވޭނެ ގޮތެއްގެމަތިންނެވެ.
(ށ) ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ނުވަތަ ގެންދާ ފަރާތެއްގެ ބެލުމުގެ ދަށުގައި ވަނިކޮށް ގައިދީއަކު ފިލައިފިނަމަ، އެކަމާ އިހުމާލުވާ ފަރާތަކާމެދު ޑައިރެކްޓަރ އޮފް ޕްރިޒަން، މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނެއެވެ.
(ނ) ގައިދީން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރާ އުޅަނދު ހުންނަންވާނީ އިންސްޕެކްޓަރ ކަނޑައަޅާ މިންގަނޑަކަށް ވައި ދައުރުވާނެ ފަދައިން ރައްކާތެރިކަމާއެކު ތައްޔާރުކުރެވިފައިކަން ޑައިރެކްޓަރ އޮފް ޕްރިޒަން ކަށަވަރުކުރަންވާނެއެވެ.
55 ވަނަ މާއްދާ - ގައިދީންނަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުން
(ހ) ޖަލުގައި ބަންދުކުރެވޭ ކޮންމެ ގައިދީއަކުވެސް އެމީހަކު ޖަލުގައި ބަންދުކުރާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިން އެމީހަކަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅައި، އެގޮތުން ކަނޑައެޅޭ ސަލާމަތީ ގިންތީގެ ދަރަޖައާ އެއްގޮތްވާ ގޮތުގެމަތިން އެމީހަކު ޖަލުގައި ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ހަމަޖައްސަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާނީ އެމީހަކު ޖަލުގައި ނުވަތަ ޖަލުގެ ބައެއްގައި ބެހެއްޓުމުގައި އެމީހަކު ބަލަހައްޓާނެ މިންވަރަކާއި އަދި އެމީހަކު ބަންދުގައި ބަހައްޓާނެ ޖަލުގެ ސަރަޙައްދެއް ކަނޑައެޅުމަށްޓަކައެވެ.
(ނ) ޖަލުގައި ބަންދުކުރެވޭ މީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުމުގައި، އެމީހެއްގެ ފަރާތުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބިދާނެ ގެއްލުމަކަށާއި، އެމީހެއްގެ ފަރާތުން ޖަލުގައި ބަންދުކޮށްފައި ތިބޭ އެހެން މީހުންނަށް ލިބިދާނެ ގެއްލުމަކަށާއި އަދި ޖަލުގައި ތިބި އެހެން މީހުންގެ ފަރާތުން އެމީހަކަށް ލިބިދާނެ ގެއްލުމުގެ މައްޗަށް ރިޢާޔަތްކުރަންވާނެއެވެ. އަދި އެމީހާ އަމިއްލަ ނަފްސަށް ދީފާނެ ގެއްލުމަކަށްވެސް ބެލެންވާނެއެވެ.
(ރ) ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
- އެމީހަކު ކުރި ކުށުގެ ބާވަތާއި ކުށުގެ ކުޑަ ބޮޑުމިން؛
- ކުރީގެ ކުށުގެ ރެކޯޑެއްވާނަމަ، އެ ރެކޯޑު؛
- އޭނާގެ ޞިއްޙީ ޙާލަތާއި ނަފްސާނީ ޙާލަތް؛
- އޭނާގެ އުމުރު؛
- އޭނާގެ މައްޗަށް އެހެން ކުށަކާ ގުޅިގެން ދަޢުވާއެއް އުފުލިފައިވާނަމަ އެކަން؛
- ކުރިން ޖަލުގައި ބަންދުކޮށްފައިވާނަމަ، ޖަލުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ޢަމަލުތައް ހުރި ގޮތް؛
- ކުރިން ޖަލުން ފިލާފައިވާނަމަ ނުވަތަ ފިލަން މަސައްކަތްކޮށްފައިވާނަމަ އެކަން؛
- ކުރިން ސަލާމަތީ ގިންތިއެއް ކަނޑައެޅުމަށްފަހު އެ ގިންތި ބަދަލުކޮށްފައިވާނަމަ އެކަން؛
- އޭނާގެ ފަރާތުން އެހެން ޤައިދީންނަށް ނުރައްކާވެދާނެ މިންވަރު؛
- އޭނާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާއާ ތިމާގެ ނުވަތަ ގުޅުންހުރި މީހަކު އެ ޖަލުގައިވާނަމަ، އެކަން.
(ބ) އެމީހެއްގެ ފަރާތުން ނުރައްކާވެދާނެ މިންވަރަށް ބަލައި، އެމީހަކަށް ކަނޑައަޅަންވާނީ ސަލާމަތީ ގިންތީގެ ގޮތުން ކަނޑައެޅެން އޮތް އެންމެ ދަށު ދަރަޖައެވެ.
56 ވަނަ މާއްދާ - ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައެޅިކަން ނުވަތަ މުރާޖައާކުރިކަން އެންގުން
(ހ) އެއްވެސް ގައިދީއަކަށް ސަލާމަތީ ގިންތީގެ ދަރަޖައެއް ކަނޑައަޅައިފިނަމަ ނުވަތަ ކަނޑައަޅާފައިވާ ދަރަޖަ މުރާޖައާކޮށްފިނަމަ، އެފަދައިން ކަނޑައެޅި ނުވަތަ މުރާޖައާކުރި ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް، އެކަން ލިޔުމަކުން އެމީހަކަށް އަންގަންވާނެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ މި މާއްދާގެ (ހ) އަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
- ގައުމީ
- ޖަލުގައި ކުށްކުރުމާއި ހަމަނުޖެހުން
- ތިންވަނަ ފަރާތެއް ހިމާޔަތްކުރުމަށް.
57 ވަނަ މާއްދާ - ސަލާމަތީ ގިންތީގެ ދަރަޖަތައް މުރާޖައާކުރުން
(ހ) ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީން ފިޔަވައި، އެހެން ގައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ އެންމެ މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު މުރާޖައާކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީންގެ ތެރެއިން ވަކި ގައިދީއެއްގެ އަމަލުތައް ހުންނަ ގޮތުން، އޭނާއަށް ކަނޑައަޅާފައިވާ ސަލާމަތީ ގިންތީގެ ދަރަޖަ މުރާޖައާކުރަންޖެހޭ ކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ، އޭނާގެ ސަލާމަތީ ގިންތީގެ ދަރަޖަ މުރާޖައާކުރަންވާނެއެވެ.
(ނ) ގައިދީއެއް ކުރާ ކަމެއްގެ ސަބަބުން ނުވަތަ އޭނާގެ އަހްލާގީ މިންގަނޑު ހުރި ގޮތުގެ ސަބަބުން، އެމީހެއްގެ ސަލާމަތީ ގިންތި މައްޗަށް ޖައްސަންޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ، އެމީހެއްގެ ސަލާމަތީ ގިންތީގެ ދަރަޖަ ލަސްނުކޮށް މުރާޖައާކޮށް، އެމީހެއްގެ ސަލާމަތީ ގިންތިއަށް ގެންނަންޖެހޭ ބަދަލު ގެންނަންވާނެއެވެ.
58 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރާނެ ގޮތުގެ ޕްރޮގްރާމް
ހުކުމް ތަންފީޒުކުރާނެ ގޮތުގެ ޕްރޮގްރާމް (ހ) ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ގެނެވޭ މީހަކަށް ސަލާމަތީ ގިންތި ކަނޑައެޅުމާއެކު އޭނާގެ ހުކުމް ތަންފީޒުކުރުމުގައި ކަންކުރާނެ ގޮތެއް ނުވަތަ ޕްރޮގްރާމެއް ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ޕްރޮގްރާމްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- އެމީހަކަށް ހާއްސަ އެހީއެއް ބޭނުންވާނަމަ އެކަމުގެ
- އެމީހަކަށް ބޭސްފަރުވާއެއް ބޭނުންވާނަމަ އެކަމުގެ
- އެމީހަކު އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ފުރިހަމަ ކުރާނެ
- ޖަލުގައި އެމީހަކު ބައިވެރިވާނެ ޕްރޮގްރާމްތައް އަދި ކުރާނެ މަސައްކަތް.
59 ވަނަ މާއްދާ - ބަންދުގެ މުއްދަތު ގުނުން
(ހ) ޖަލުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު ގުނަންވާނީ ބަންދުކުރެވުނު ދުވަސް ނުވަތަ އޭނާގެ މައްޗަށް ހުކުމްކުރެވުނު ދުވަސް ހިމަނައިގެންނެވެ.
(ށ) ބަންދުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާ ދުވަސް ވާންވާނީ އޭނާ ޖަލުން ދޫކޮށްލެވޭނެ ދުވަސް ކަމުގައެވެ.
(ނ) ކޯޓުން އެހެންގޮތަކަށް އަމުރުކޮށްފައިނުވާނަމަ، އެއް ކުށަށްވުރެ ގިނަ ކުށަށް ހުކުމްކުރެވިފައިވާ މީހުންގެ ބަންދުގެ މުއްދަތު ގުނާނީ އެންމެ ބަރު ހުކުމުން ފަށައިގެން ހުރިހާ ހުކުމްތައް ތަރުތީބުން، މެދުކެނޑުމެއްނެތިއެވެ.
ހަވަނަ ބާބު (އިތުރު ކުރެވިފައި)
ޖަލުގައި ބަންދުކުރެވޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން
60 ވަނަ މާއްދާ - އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓުން (އިތުރު ކުރެވިފައި)
(ހ) ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 57 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގައިދީންނާއި ބަންދު މީހުންނާމެދު އަމަލުކުރަންވާނީ އިހްތިރާމާއެކު އިންސާނުންނާ މުއާމަލާތުކުރުމަށް އެކަށީގެންވާ ގޮތަކަށެވެ. އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އެއްވެސް ހައްގަކުން ނުވަތަ މިނިވަންކަމަކުން އެމީހުން މަހްރޫމްކުރެވޭނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަމަކަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.
(ށ) ޖަލުގެ ރައްކާތެރިކަމާއި މަސްލަހަތު ދެމެހެއްޓުމާއި ގައިދީންނާއި ބަންދު މީހުން އިސްލާހުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އެމީހުންގެ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމާއި، ޖަލުގައި އެއިން މީހަކު ހިންގާ އަމަލަކާ ގުޅިގެން ގަވާއިދުގައި ނުވަތަ ޖަލު އަމުރުގައި ބަޔާންކޮށްފައިވާ އިސްލާހީ ފިޔަވަޅެއް އެޅުމަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުވީ ކަމަކަށް ނުބެލެވޭނެއެވެ.
(ނ) ގައިދީންނާއި ބަންދު މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިފެހެއްޓުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ޖަލުގައި ބަންދުކޮށްފައި ބެހެއްޓޭ ބެހެއްޓުމުގެ އަސާސްއާ ތައާރުޒްވާ މިންވަރަށް، އެއިން ހައްގެއް ނުވަތަ މިނިވަންކަމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ހިފެހެއްޓުމަށް މި ގާނޫނު ހުރަހެއްނާޅައެވެ.
61 ވަނަ މާއްދާ - އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް (އިތުރު ކުރެވިފައި)
ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ބ) ގައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް، ދިވެހިރާއްޖޭގެ ތަބީއީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ހަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހާ ބާވަތެއްގެ މުއާސަލާތީ ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ހޯދޭނެ މަގު ފަހިކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށް މެނުވީ، ގައިދީންނާއި ބަންދު މީހުންނަށް އެ ހައްގުތައް ލިބިގެނެއް ނުވެއެވެ.
62 ވަނަ މާއްދާ - ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތް ހެދުން (އިތުރު ކުރެވިފައި)
ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ.
63 ވަނަ މާއްދާ - އެއްވެއުޅުން(އިތުރު ކުރެވިފައި)
ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވީނަމަވެސް، ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި އެ މިނިވަންކަން ލިބިގެނެއްނުވެއެވެ.
64 ވަނަ މާއްދާ - މަސައްކަތްކުރުމުގެ ހައްގު (އިތުރު ކުރެވިފައި)
ގާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިދީފައިވީނަމަވެސް، ގައިދީންނާއި ބަންދު މީހުންނަށް އެ ފުރުސަތު ލިބިދެވޭނީ، މި ގާނޫނުގެ 11 ވަނަ ބާބުގައިވާ ގޮތުގެމަތިން، އެ ބާބުގައި ބަޔާންކޮށްފައިވާ މިންވަރަށެވެ.
65 ވަނަ މާއްދާ - ސަގާފީ ކަންކަމުގައި ބައިވެރިވުން (އިތުރު ކުރެވިފައި)
ގައުމުގެ އެކިއެކި ސަގާފީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން، ބަޔާންކޮށްފައިވާ މިންވަރަށެވެ.
66 ވަނަ މާއްދާ - ދަތުރުފަތުރުކުރުން (އިތުރު ކުރެވިފައި)
ދިވެހިރާއްޖެއިން ފުރައިގެން ދިއުމާއި، ދިވެހިރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން، ގައިދީންނާއި ބަންދު މީހުންނަށް ލިބިދެވޭނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތްތަކެއްގައި، ބަޔާންކޮށްފައިވާ މިންވަރަށެވެ.
67 ވަނަ މާއްދާ - އެހެނިހެން ހައްގުތައް (އިތުރު ކުރެވިފައި)
ގާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) ގައި، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ނުހިމެނޭ އެހެނިހެން ހައްގުތަކާއި މިނިވަންކަން ހޯދުމަށް ނުވަތަ ލިބިގަތުމަށް ހުރަސްއަޅާ ކަމެއް ނޫންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެއިން ހައްގެއް ނުވަތަ މިނިވަންކަމެއް ގައިދީންނާއި ބަންދު މީހުންނަށް ލިބިދެވޭނީ، ޖަލުގައި ބަންދުކޮށްފައި ބެހެއްޓޭ ބެހެއްޓުމުގެ އަސާސްއާއި، އަދި ގައިދީއެއްނަމަ، އެމީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމް ތަންފީޒުކުރުމުގެ އަސާސްއާ ތައާރުޒްނުވާ މިންވަރަށެވެ.
ހަވަނަ ބާބު
ޖަލުގައި ކަން ހުންނަންވާނެ ގޮތާއި ގައިދީންނަށް ލިބިދެވޭ ހިދުމަތްތައް
68 ވަނަ މާއްދާ - ގައިދީން ތިބޭ ތަންތަން ހުންނަންވާނެ ގޮތުގެ އަސާސީ މިންގަނޑުތައް
ޖަލުގައި ގައިދީން ތިބޭ ތަންތަނުގައާއި އެމީހުން މަސައްކަތްކުރާ ތަންތަނުގައި ތިރީގައިވާ އަސާސީ މިންގަނޑުތައް ފުރިހަމަވާންވާނެއެވެ.
(ހ) ގައިދީން ބައިތިއްބާ ތަންތަނާއި މަސައްކަތްކުރާ ތަންތަނުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންވަރަށް އަލި ވަދެ، ވައި ދައުރުވާ ގޮތަށް ހުރުން؛
(ށ) ފެންވަރައި ތާހިރުވެވޭނެ ގޮތަކަށް ފެނާއި ފާހާނާގެ އިންތިޒާމް އަދި ބޯކޮށައި ފިރިހެން ގައިދީން ތުނބުޅި ބޭލުމުގެ އިންތިޒާމް ހަމަޖެހިފައިވުން؛
(ނ) ނިދުމާއި ނިދަން ބޭނުންވާނެ ތަކެތީގެ އިންތިޒާމް.
69 ވަނަ މާއްދާ - ގައިދީންގެ އަސާސީ ހިދުމަތްތައް
ގައިދީން ޖަލުގައި ތިބޭ މުއްދަތުގައި އެ މީހުންނަށް ތިރީގައި ބަޔާންކޮށްފައިވާ އަސާސީ ހިދުމަތްތައް ލިބެން ހުންނަންވާނެއެވެ.
(ހ) ނަމާދުކޮށް، ގުރުއާން ކިޔަވައި، ރޯދަހިފުމުގެ އިންތިޒާމް؛
(ށ) ކެއުމާއި ބުއިމުގެ އިންތިޒާމް؛
(ނ) ބޭސްފަރުވާކުރުމުގެ އިންތިޒާމް؛
(ރ) ފާހާނާކުރުމާއި، ފެންވަރައި ގައިންތާހިރުވުމާއި، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމް (އިސްލާހު ކުރެވިފައި)
(ބ) މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމް؛
(ޅ) ގައިދީންގެ ޔުނީފޯމް ނުވަތަ އެނޫންވެސް އަންނައުނު ދޮވުމާއި ބަދަލުކުރުމުގެ އިންތިޒާމް؛
(ކ) އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ އިންތިޒާމް؛
(އ) މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ސިޓީލިޔާނެ ތަކެއްޗާއި ކިޔާނެ ފޮތް ލިބެން ހުރުން.
70 ވަނަ މާއްދާ - ޖަލުތަކާއި މީހުން ބަންދުކުރާ އެނޫން ތަންތަން ހުންނަންވީ ގޮތް ކަނޑައެޅުން
(ހ) ޖަލުތަކުގައި ކަންކަން ހުންނަންވާނެ ގޮތާއި އަދި އެތަންތަނުގައި ކަންކުރަންވީ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ 61 ވަނަ މާއްދާއާއި 62 ވަނަ މާއްދާއާ ހިލާފުނުވާނެ ގޮތެއްގެމަތިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ޖަލުތައް އިމާރާތްކުރެވިފައި ހުންނަންވާނެ ގޮތާއި، އެތަންތަނަށް ގުދުރަތީ އައްޔާއި ސާފުވައި ވަންނަންވާނެ މިންވަރާއި، ކަރަންޓާއި ފެނާއި ފާހާނާގެ ހިދުމަތާބެހޭ މިންގަނޑުތައް؛
- ޖަލުތަކުގައި މީހުން ބެލެހެއްޓުމާއި މީހުންނާމެދު ކަންކުރަންވާ ގޮތުގެ އުސޫލުތަކާއި ބަންދުކުރެވޭ ކޮންމެ މީހަކަށްމެ އެންމެ މަދުވެގެން ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އެނޫންވެސް ހިދުމަތުގެ މިންގަނޑުތައް؛
- ޖަލުގައި މީހުންނަށް ދެވޭ ކާނާއާއި ސިއްހީ ފަރުވާގެ މިންގަނޑުތައް.
71 ވަނަ މާއްދާ – ކާނާ
(ހ) ގައިދީންގެ ކާބޯތަކެއްޗަކީ އޮއްޓަރުގެ ގޮތުންނާއި ސިއްހީގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ތަކެއްޗަށް ވާންޖެހޭނެއެވެ.
(ށ) ވަކި ގައިދީއަކީ ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ކާއެއްޗެއް ދޭންޖެހޭ ކަމަށް ގަވާއިދެއްގެ ދަށުން ޑޮކްޓަރަކު ލަފާދީފައިވާ މީހެއްނަމަ އެކަން އެގޮތަށް ހަމަޖައްސައިދޭންވާނެއެވެ.
(ނ) ކޮންމެ ގައިދީއަކަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަގުތުން ވަގުތަށް ކާންދޭންވާނެއެވެ.
(ރ) ގައިދީންނަށް ދެވޭ ބޯފެނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާ މިންގަނޑަކަށް ހުންނަ ފެނަށް ވާންވާނެއެވެ.
72 ވަނަ މާއްދާ – ކަސްރަތު
މި ގާނޫނުގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ގައިދީންނާއި، މަސައްކަތްކުރާ ގައިދީން ފިޔަވައި އެނޫން ގައިދީން ދުވާލަކު މަދުވެގެން 1 (އެކެއް) ގަޑިއިރަށް މޫސުން ތަންދޭނަމަ ކަސްރަތުކުރުމަށްޓަކައި އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ. އަދި ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ގައިދީން، ޑައިރެކްޓަރ އޮފް ޕްރިޒަން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަސްރަތުކުރުމަށްޓަކައި އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެއެވެ (އިސްލާހު ކުރެވިފައި)
73 ވަނަ މާއްދާ - ހެދުމާއި ޔުނީފޯމް
(ހ) ގައިދީން ވަކި ޔުނީފޯމެއް ލާގޮތަށް ހަމަޖައްސާފައިވާ ޖަލުތަކުގައި ގައިދީން ޔުނީފޯމް ލެއްވުމުގައި އަމަލުކުރާނެ އުސޫލަކާއި ގަވާއިދެއް އެކުލަވާލައި، އެގަވާއިދުގައިވާ ގޮތަށް ޑައިރެކްޓަރ އޮފް ޕްރިޒަން ހަމަޖައްސަންވާނެއެވެ.
(ށ) ގަވާއިދުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ގައިދީއަކު ޖަލުން ނެރޭއިރު އޭނާ ބޭނުންވެއްޖެނަމަ އޭނާއަށް އާދައިގެ ހެދުން ލުމުގެ ފުރުސަތު ދޭންވާނެއެވެ.
74 ވަނަ މާއްދާ - ގައިދީންނަށް ދެވޭ އިނާޔަތްތައް
ގައިދީންނަށް ލިބެންޖެހޭ ކަމަށް 62 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ހިދުމަތްތަކުގެ އިތުރުން، އެމީހުންގެ ސުލޫކުގެ މައްޗަށް ބިނާކޮށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް އެމީހުންނަށް އިތުރު އިނާޔަތްތައް ދެވޭނެ ނިޒާމެއް ޑައިރެކްޓަރ އޮފް ޕްރިޒަން ގާއިމުކުރަންވާނެއެވެ. މީގެ ތެރޭގައި އަންނަނިވި އިނާޔަތްތައްވެސް ހިމެނިދާނެއެވެ.
(ހ) ގައިދީން ބަންދުކޮށްފައި ތިބޭ ތަނުން ނުކުމެ އެހެން ގައިދީންނާއެކު ވަގުތު ހޭދަކުރެވޭ ގޮތަށް ހަމަޖެއްސުން؛
(ށ) މި ގާނޫނުގެ 85 ވަނަ މާއްދާގެ ދަށުން ބައްދަލުކުރުމުގެ ފުރުސަތު އިތުރުކުރުން؛
(ނ) ގައިދީން ކާވެނި ކުރެވޭނެގޮތް ހަމަޖެއްސުން.
ހަތްވަނަ ބާބު
ބޭސްފަރުވާއާއި މެޑިކަލް އެސެސްމަންޓްގެ އިންތިޒާމް
75 ވަނަ މާއްދާ – ބޭސްފަރުވާ
ކޮންމެ ޖަލެއްގައިވެސް ގައިދީންނަށް ސިއްހީ ފަރުވާ ދިނުމަށްޓަކައި އެ ޖަލެއްގެ އާބާދީގެ ނިސްބަތުން މެޑިކަލް އޮފިސަރުންނާއި، ސައިކޭޓްރިކް އޮފިސަރުން ތިބެންވާނެއެވެ. މިގޮތުން ތިބޭ މެޑިކަލް އޮފިސަރުންނަކީ ރާއްޖޭގެ މެޑިކަލް ކައުންސިލުން ގަބޫލުކުރާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވާންވާނެއެވެ.
76 ވަނަ މާއްދާ - މެޑިކަލް އޮފިސަރުގެ ޒިންމާ
ތިރީގައި ބަޔާންކޮށްފައި އެވަނީ ޖަލުގެ މެޑިކަލް އޮފިސަރުގެ ޒިންމާއެވެ.
(ހ) ޖަލުގައި ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ސިއްހީ ފަރުވާއަށް އެދޭ މީހުންނަށް ފަރުވާކުރުމާއި، ވަކި ގައިދީއަކަށް ޖަލުގައި ދެވެން ނެތް ފަރުވާއެއް ދޭންޖެހޭކަމަށް ފެނިއްޖެނަމަ އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ރިޕޯޓުކުރުން.
(ށ) ސިއްހީ މައްސަލައެއްގެ ސަބަބުން ވަކި ކަހަލަ ކެއުމެއް ބޭނުންވާ ގައިދީންނަށް ދޭންޖެހޭ ކާނާ ކަނޑައެޅުން.
(ނ) ޖަލަށް ގެނެވޭ ކޮންމެ ގައިދީއެއްގެ ސަލާމަތީ ގިންތި ކަނޑައެޅުމަށްޓަކައި އޭނާގެ ސިއްހީ ހާލަތާއި ނަފްސާނީ ހާލަތް ދެނެގަތުމަށްފަހު އެސެސްމަންޓް ރިޕޯޓެއް ހެދުން.
77 ވަނަ މާއްދާ - ޖަލުގައި ފަރުވާނުދެވޭނެ މީހުން
މި ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަލުގައި ފަރުވާނުދެވޭނެ ކަމަށް ރިޕޯޓުކުރެވޭ މީހުންނަށް ޖަލުން ބޭރުން ފަރުވާ ލިބޭނެ އިންތިޒާމް ކޮމިށަނަރ ހަމަޖައްސައިދޭންވާނެއެވެ. އަދި އެމީހެއްގެ ސިއްހީ އިންށުއަރެންސް ސްކީމްގެ ދަށުން ނުވަތަ އޭނާގެ އާއިލާގެ މާލީ އެހީތެރިކަމާއެކު ގައިދީއަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ރާއްޖެއިން ލިބެން ނެތް ހާލަތްތަކުގައި، މި ގާނޫނުގެ 110 ވަނަ މާއްދާއާ ތައާރުޒުނުވާނެ ގޮތުގެމަތިން ރާއްޖެއިން ބޭރަށް ދިއުމުގެ އިންތިޒާމް ކޮމިށަނަރ ހަމަޖައްސައިދޭންވާނެއެވެ.
78 ވަނަ މާއްދާ - އިއުތިރާޒްކުރޭތޯ ބެލުމާއި އިޒުނަ ހޯދުން
މި ގާނޫނުގެ 69 ވަނަ މާއްދާގައިވާ ހާލަތްތަކުގައި މެނުވީ، ގައިދީއެއްގެ މެޑިކަލް އެގްޒެމިނޭށަނެއް ހަދާއިރު ނުވަތަ ގައިދީއަކަށް ސިއްހީ ފަރުވާއެއް ދިނުމުގެ ކުރިން، އެމީހަކަށް އެކަން އަންގައި އޭނާގެ އިއުތިރާޒެއް އޮތްތޯ ބަލަންވާނެއެވެ.
79 ވަނަ މާއްދާ - ގައިދީންގެ މެޑިކަލް އެގްޒެމިނޭށަން ހެދުމާއި ފަރުވާ ދިނުމަށް ލިބޭ ބާރު
މެޑިކަލް އެގްޒެމިނޭށަނެއް ހެދުމަށް ނުވަތަ ސިއްހީ ފަރުވާއެއް ލިބިގަތުމަށް ގައިދީއަކު އިޒުނަދީފައި ނުވިޔަސް ނުވަތަ އެއިން ކަމަކަށް އިންކާރު ކުރިޔަސް، އަންނަނިވި ހާލަތްތަކުގައި މެޑިކަލް އޮފިސަރަށް ގައިދީގެ ރުހުމާ ނުލައި، އެކަމަށް ބޭނުންވާ އެންމެ މަދު މިންވަރުގެ ބާރު ބޭނުންކޮށްގެން ގައިދީއަކު އެގްޒެމިންކޮށް އޭނާއަށް ފަރުވާ ދެވިދާނެއެވެ.
(ހ) ޖަލުގައި ބަންދުކުރުމުގެ ކުރިން ހަދަންޖެހޭ މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް އެސެސްމަންޓް ހެދުމަށް އިންކާރުކުރުން؛ ނުވަތަ
(ށ) މި ގާނޫނުގެ 73 ވަނަ މާއްދާގެ ދަށުން ކޮމިށަނަރ ނުވަތަ ޑައިރެކްޓަރ އޮފް ޕްރިޒަން އަންގާ މެޑިކަލް އެގްޒެމިނޭށަން ހެދުމަށް އިންކާރުކުރުން؛ ނުވަތަ
(ނ) މެޑިކަލް އެގްޒެމިނޭށަނެއް ހެދުމަށް ގައިދީއަކު އިންކާރުކުރުމުގެ ސަބަބުން އޭނާގެ ނުވަތަ އެހެން މީހެއްގެ ފުރާނައަށް ނުވަތަ ސިއްހަތަށް ގެއްލުންވެދާނެކަމަށް މެޑިކަލް އޮފިސަރަށް ގަބޫލުކުރެވުން؛ ނުވަތަ
(ރ) ގައިދީ ހޭނެތުން ނުވަތަ މިނޫންވެސް ގައިދީއަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އިޒުނަދެވޭފަދަ ހާލަތެއްގައި ނުވުން.
80 ވަނަ މާއްދާ - ހެކީގެ ބޭނުމަށްޓަކައި މެޑިކަލް އެގްޒެމިނޭށަން ހެދުން
ގައިދީއަކު މި ގާނޫނުގެ 90 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި އެމައްސަލަ ތަހްގީގީ އިދާރާއަކަށް ހުށަހަޅައި ކޯޓު އަމުރެއްގެ ދަށުން އޭނާ ތަހްގީގުކޮށް، އެމީހެއްގެ މެޑިކަލް އެގްޒެމިނޭށަނެއް ހަދައިގެން އޭނާ އެ ކުށެއް ކުރިކަން ސާބިތުކޮށްދެވޭނެކަމަށް އެކަށީގެންވާ ސަބަބާއެކު ގަބޫލުކުރެވޭނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަންގެ އެންގުމުގެ ދަށުން މެޑިކަލް އޮފިސަރަކަށް އެ ގައިދީއެއްގެ މެޑިކަލް އެގްޒެމިނޭށަން ހެދިދާނެއެވެ.
81 ވަނަ މާއްދާ - މެޑިކަލް ރެކޯޑު ބެލެހެއްޓުން
ކޮންމެ ގައިދީއެއްގެ މެޑިކަލް ރެކޯޑު އެ ޖަލަކުން ބަލަހައްޓަންވާނެއެވެ. އަދި އެ ރެކޯޑުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ގައިދީގެ ނަމާއި އުމުރު؛
(ށ) ދީފައިވާ އަދި ދެވެމުންދާ ފަރުވާ؛
(ނ) ދީފައިވާ އަދި ދިނުމަށް ލަފާދީފައިވާ ބޭސް އަދި ބޭސް ދީފައިވާ ގޮތުގެ ތަފްސީލު؛
(ރ) މިނޫނަސް ގައިދީއަށް ކުރެވިފައިވާ ބޭހާއި އަދި ހުރި ސިއްހީ މައްސަލަތަކާބެހޭ ގޮތުން ލިބެންހުރި މައުލޫމާތު.
82 ވަނަ މާއްދާ - ސިއްހީ ނުރައްކަލަކަށްޓަކައި ގައިދީން ޖަލުން ބަދަލުކުރުން
(ހ) އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް މެޑިކަލް އޮފިސަރަށް ފާހަގަކުރެވިއްޖެނަމަ އެކަމެއް ލިޔުމުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.
- ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް
- ރަނގަޅުވާނެކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް
- ގައިންގަޔަށް އަރާ ބައްޔެއް ހުރުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް މެޑިކަލް އޮފިސަރ އަންގާ އެންގުންތަކަށް ބަލާފައި، އެ އެންގި މައްސަލައެއް ހައްލުވަންދެން ގައިދީއަކު ޖަލުން އެހެން ތަނަކަށް ބަދަލުކުރުމަށް ޑައިރެކްޓަރ އޮފް ޕްރިޒަންގެ ލަފާގެމަތިން ކޮމިށަނަރަށް ލިޔުމަކުން ހުއްދަ ދެވިދާނެއެވެ.
(ނ) ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔަކުން ސަލާމަތްކުރުމަށްޓަކައި ގިނަ އަދަދެއްގެ ގައިދީން ޖަލުން އެހެން ތަނަކަށް ބަދަލުކުރަންޖެހިއްޖެނަމަ ބަދަލުކުރަންވާނީ ޑައިރެކްޓަރ އޮފް ޕްރިޒަންގެ މަށްވަރާގެ މަތިން ކޮމިށަނަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.
83 ވަނަ މާއްދާ - ވަގުތީގޮތުން އެހެން ތަނަކަށް ބަދަލުކުރެވޭ ގައިދީން
(ހ) މި ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޖަލު ނޫން އެހެން ތަނަކަށް ބަދަލުކުރެވޭ މީހުން ފަރުވާ ނިމިގެން ދޫކޮށްލެވެންދެން ނުވަތަ އެނޫންވެސް ގޮތަކުން އަނބުރާ ޖަލަށް ގެނެވެންދެން ތިބޭނީ ބަންދުގައެވެ.
(ށ) މި މާއްދާގައި ބުނެފައިވާ ފަދަ ތަނެއްގައި މީހަކު ބަންދުކޮށްފައި ހުންނަ ދުވަސްތައް އޭނާގެ ހުކުމުން ކެނޑޭނެއެވެ.
84 ވަނަ މާއްދާ - މެޑިކަލް ސެންޓަރާބެހޭ ރިޕޯޓު
މި ގާނޫނުގައިވާ މިންގަނޑަށް ޖަލުގެ މެޑިކަލް ސެންޓަރުގެ ކަންތައްތައް ނެތްނަމަ، ނުވަތަ މެޑިކަލް އޮފިސަރުގެ ވާޖިބަށް ހުރަސް އެޅޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން މެޑިކަލް އޮފިސަރު، ލިޔުމަކުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.
85 ވަނަ މާއްދާ - މެޑިކަލް އޮފިސަރު ޖަލަށް ވަނުން
ޖަލުގެ މެޑިކަލް އޮފިސަރު، އޭނާގެ ވާޖިބު އަދާކުރުމަށްޓަކައި ކޮންމެ ވަގުތެއްގައިވެސް ޖަލުގެ ކޮންމެ ސަރަހައްދަކަށްވެސް އޭނާއަށް ވަދެވޭނެއެވެ.
86 ވަނަ މާއްދާ - ގައިދީން މަރުވުމުން ނުވަތަ އެހެން ތަނަކަށް ބަދަލުކުރުމަށް އެންގުން
(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު މަރުވެއްޖެނަމަ ނުވަތަ އާދަޔާ ހިލާފަށް ބޮޑަށް ބަލިވެއްޖެނަމަ، ނުވަތަ ބައްޔަކާ ގުޅިގެން އެހެން ތަނަކަށް ބަދަލުކުރެވިއްޖެނަމަ ނުވަތަ އޭނާއަށް ނުރައްކާތެރި އަނިޔާއެއް ވެއްޖެނަމަ އެމީހަކު ކަނޑައަޅާފައިވާ ޒިންމާދާރު ބަލަދުވެރިޔާއަށް ލަސްނުކޮށް އަންގަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) ޖަލުގައި ބަންދުކޮށްފައިވާ ބިދޭސީއަކު މަރުވެއްޖެނަމަ، އެކަން އޭނާގެ ގައުމުގެ އެމްބަސީއަކަށް ވީއެންމެ އަވަސް ފުރުސަތެއްގައި އަންގަންވާނެއެވެ.
87 ވަނަ މާއްދާ - ގައިދީއަކު މަރުވެއްޖެނަމަ ނުވަތަ ބޮޑު އަނިޔާއެއް ވެއްޖެނަމަ ކަންކުރާނެ ގޮތް
ޖަލުގައި މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ގައިދީންނާއި ބަންދު މީހުންގެ ށަކުވާތަކާއި އެމީހުން ބޭނުންވާ ކަންތައްތައް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މަރުވެގެންނަމަ، ވަގުތުން ޖަލުގެ މެޑިކަލް އޮފިސަރަށް ދައްކައި، މެޑިކަލް އެގްޒެމިނޭށަނެއް ހެދުމާއިއެކު އަދި މިކަމާބެހޭ މައުލޫމާތު ޖިނާއީ ކުށްތައް ބަލާ ތަހްގީގު ކުރުމަށް ގާނޫނަކުން ކަނޑައަޅާފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމާއެކު އެފަރާތުގެ ލަފަޔާއި އިރުށާދުގެ ދަށުން މެނުވީ މަރުވެފައިވާ މައްޔިތާގެ ހަށިގަނޑު ވަޅުނުލުން؛
(ނ) މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއް މީހަކަށް ލިބިއްޖެނަމަ ވަގުތުން އިންސްޕެކްޓަރަށާއި ކޮމިށަނަރަށާއި މިނިސްޓަރަށް ޑައިރެކްޓަރ އޮފް ޕްރިޒަން އެންގުން؛
(ރ) މީހަކު މަރުވެއްޖެނަމަ ނުވަތަ ނުރައްކާތެރި އަނިޔާއެއްވެއްޖެނަމަ އެކަން ހިނގިގޮތެއް ބަލައި ކޮމިށަނަރަށާއި މިނިސްޓަރަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ވަގުތީ ރިޕޯޓެއް ހުށަހަޅައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ފުރިހަމަ ރިޕޯޓެއް ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހެޅުން؛
(ބ) މީހަކު މަރުވީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ، އެކަން ހިނގި ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި، ދައުލަތުގެ މިނިވަން މުއައްސަސާއަކަށް އެކަން ހިނގިގޮތުގެ މައުލޫމާތު ދިނުމާއެކު އެކަން ބެލުމަށް ދައުވަތުދިނުން؛
(ޅ) މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބުނީ ޖަލުގައި ހިނގި މާރާމާރީއެއްގެ ސަބަބުން ކަމުގައިވާނަމަ، ކަމާގުޅޭގޮތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުން؛
(ކ) މާރާމާރީއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއްވެއްޖެނަމަ، އެކަމާގުޅިގެން ޖަލުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުން.
88 ވަނަ މާއްދާ - ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅާ ރިޕޯޓު
މި ގާނޫނުގެ 80 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅާ ރިޕޯޓުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
(ހ) މަރުވި ނުވަތަ އަނިޔާ ލިބުނު މީހާގެ ކިބައިގައި ބައްޔެއް ހުރިކަމަށް ކުރިން ފާހަގަކުރެވިފައިވާނަމަ، އެކަމުގެ ތަފްސީލާއި ދެވިފައިވާ ފަރުވާއާއި ފަރުވާކުރި ތާރީހުތައް؛
(ށ) މަރުވި ދުވަހު ނުވަތަ އަނިޔާ ލިބުނު ދުވަހު ކަންހިނގައިދިޔަ ގޮތް؛
(ނ) އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނުނަމަ އެކަން ކުރެވުނު ދުވަހާއި ގަޑި؛
(ރ) ބަލީގެ ނިށާންތައް ނުވަތަ ލިބިފައިވާ އަނިޔާގެ ތަފްސީލު؛
(ބ) އޭނާ މަރުވިކަމަށް މެޑިކަލް އޮފިސަރު ބަޔާންކުރާ ސަބަބު؛
(ޅ) މަރުވި ދުވަހާއި ވަގުތު އަދި އޭނާ މަރުވުމަށްފަހު އޮތް ހާލަތާއި އަދި އެނޫންވެސް އެފަދަ ރިޕޯޓެއްގައި ހިމަނަން މެޑިކަލް އޮފިސަރަށް ފެންނަ ކަންތައްތައް؛
(ކ) އޭނާ މަރުވާން ނުވަތަ އޭނާއަށް އަނިޔާވާން ދިމާވި ސަބަބުތައް ކަމަށް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެންނަ ކަންތައްތައް.
އަށްވަނަ ބާބު
ގައިދީންގެ ށަކުވާ އަޑުއެހުން
89 ވަނަ މާއްދާ - ގައިދީންގެ ށަކުވާތަކާއި އެމީހުން އެދޭ ކަންތައްތައް ކޮށްދިނުން
(ހ) ގައިދީންގެ ށަކުވާތަކާއި އެމީހުން ބޭނުންވާ ކަންތައްތައް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރަކަށް ހުށެހެޅުމުގެ ފުރުސަތު ލިބިދޭންވާނެއެވެ.
(ށ) ގައިދީން ކުރާ ށަކުވާގެ ބާވަތާއި ކުޑަ ބޮޑުމިނަށާއި ކުރިން އެ ގައިދީއަކު ކޮށްފައިވާ އެނޫންވެސް ށަކުވާތަކަށް ބަލައި، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.
- ށަކުވާއަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ކުރި ށަކުވާއެއް ނޫންކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ގަބޫލުކުރެވޭނަމަ، އެ ށަކުވާއެއް އިތުރަށް ނުބަލައި އެގޮތަށް ނިންމިކަމަށް ޖަވާބުދިނުން؛
- މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަކުވާ ފިޔަވައި އެހެން ކޮންމެ ށަކުވާއެއް، އިތުރަށް ބަލައި ޖަވާބު ދިނުމާއި، އަޅަންޖެހޭ ފިޔަވަޅުއެޅުން.
(ނ) ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ އޭނާ ކަނޑައަޅާފައިވާ ޖަލު އޮފިސަރު އަންނަނިވި ކަންކަން ކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)
-
- ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތަކާއި އެކަމާ ބެހޭގޮތުން އެޅުނު ފިޔަވަޅުތައް ލިޔެ ބެލެހެއްޓުން؛
- ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާތަކާއި އޭނާ ބޭނުންވި ކަންތައްތައް ބަލައި އެކަމާމެދު ނިންމި ގޮތެއް އޭނާއަށް 5 (ފަހެއް) ދުވަހުގެ ތެރޭގައި އެންގުން؛ އަދި
- ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާއަކީ އޭނާއަށް ޖިސްމާނީ އަނިޔާއެއް ލިބިގެން ކުރި ށަކުވާއެއްކަމަށްވާނަމަ، އެކަމާ ބެހޭގޮތުން އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ވަގުތުން ދިނުމާއި ކޮމިށަނަރަށް ރިޕޯޓުކުރުން.
90 ވަނަ މާއްދާ - ޑައިރެކްޓަރ އޮފް ޕްރިޒަން ދިން ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ އިންސްޕެކްޓަރަށް އެކަން ހުށަހެޅުން (އިސްލާހު ކުރެވިފައި)
(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ށަކުވާއާމެދު ނުވަތަ ބޭނުންވި ކަންތަކާ ބެހޭގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަން ނުވަތަ ޖަލު އޮފިސަރަކު އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުން ހިތްހަމަނުޖެހޭނަމަ، އޭނާއަށް އެ މައްސަލަ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅިދާނެއެވެ. މިފަދަ ހާލަތްތަކުގައި އެކަން އިންސްޕެކްޓަރަށް އެންގޭނެ މަގު ޑައިރެކްޓަރ އޮފް ޕްރިޒަން ތަނަވަސްކޮށްދޭންވާނެއެވެ.
(ށ) އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސް ޖަލު ބަލައި ފާސްކުރަމުން ގެންދާ ވަގުތެއްގައި ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް އޭނާގެ ށަކުވާ ސީދާ އިންސްޕެކްޓަރަށް ހުށަހެޅިދާނެއެވެ.
91 ވަނަ މާއްދާ - އިންސްޕެކްޓަރ ށަކުވާ އަޑުއަހައި ގޮތެއް ނިންމުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 83 ވަނަ މާއްދާގައިވާ ހާލަތުގައި އިންސްޕެކްޓަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ށަކުވާކުރާ ގައިދީ ނުވަތަ ބަންދު މީހާއާ ސުވާލުކޮށް، އެކުރާ ށަކުވާ ނުވަތަ ބޭނުންވާ ކަމެއް އޮޅުންފިލުވުން؛
- ގައިދީ ނުވަތަ ބަންދު މީހާ ކުރި ށަކުވާއާ ބެހޭގޮތުން ޑައިރެކްޓަރ އޮފް ޕްރިޒަންއާ ވާހަކަދައްކައި އެއީ ސައްހަ ށަކުވާއެއްނަމަ އެކަމަށް ހައްލެއް ހޯދައިދިނުމަށް ހުށަހެޅުން.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރާ ށަކުވާއެއް ވާހަކަ ދައްކައިގެން ހައްލު ނުކުރެވިއްޖެނަމަ، އެކަން ކޮމިށަނަރަށް ހުށަހެޅިދާނެއެވެ.
ނުވަވަނަ ބާބު
ޖަލަށް ޒިޔާރަތްކުރުމާއި މުއާސަލާތުކުރުން
92 ވަނަ މާއްދާ - ޖަލަށް ޒިޔާރަތްކުރުން އަދި މުއާސަލާތުކުރުން (އިސްލާހު ކުރެވިފައި)
ޖަލަށް ޒިޔާރަތްކޮށް ގައިދީންނާއި ބަންދު މީހުންނާ ބައްދަލުކުރުމާއި، ގައިދީންނާއި ބަންދު މީހުން އަނެކުންނާ މުއާސަލާތުކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ. އަދި ތިރީގައިވާ ކަންކަން ކުރެވޭނެ ގޮތް އެ ގަވާއިދުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ.
(ހ) ގައިދީންނާއި ބަންދު މީހުންނާ ބައްދަލުކުރުން؛
(ށ) ގައިދީންނާއި ބަންދު މީހުންނާއި، އެހެން މީހުންނާ ދެމެދު ސިޓީފަދަ ތަކެތި ބަދަލުކުރުމާއި، ފޯނުން ގުޅުމާއި، އެހެން މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުން.
93 ވަނަ މާއްދާ - ސިޓީ ނުވަތަ އެފަދަ ތަކެތި ބަލައި ފާސްކުރުން
ގައިދީންނާއި ބަންދު މީހުންނަށް ލިބޭ ނުވަތަ އެމީހުން ފޮނުވާ ސިޓީ ނުވަތަ އެނޫންވެސް އެފަދަ ތަކެތި ކިޔައި، އަޑުއަހައި، ރެކޯޑްކޮށް ނުވަތަ ބަލައި ފާސްކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބޭ އިހްތިޔާރުގެ ދަށުން އަންނަނިވި ސަބަބުތަކަށް ރިއާޔަތްކޮށް، އެފަދަ ސިޓީއެއް ނުވަތަ އެއްޗެއް ދިނުން ނުވަތަ ރައްދުކުރުން މަނާވެސް ކުރެވިދާނެއެވެ (އިސްލާހު ކުރެވިފައި)
(ހ) އެއްވެސް ފަރާތަކަށް ބިރުދައްކާ ބާވަތެއްގެ އެއްޗަކަށްވުން ނުވަތަ ބޭއަދަބީ ބަހުން އިބާރާތް ކުރެވިފައިވާ ލިޔުމަކަށްވުން؛
(ށ) އެ ސިޓީ ނުވަތަ ލިޔުމަކީ ޖިނާއީ ކުށެއް ކުރުމަށް މަގުފަހިވެދާނެ ނުވަތަ ޖިނާއީ ކުށެއްގެ ތަހްގީގަކަށް ނުވަތަ ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލުމަށް ހުރަހެއް އެޅިދާނެ އެއްޗަކަށްވުން؛
(ނ) ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ މައުލޫމާތެއް އެކުލެވުން؛
(ރ) ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ޖަލުގެ ހިންގުމަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތެއް އެކުލެވުން؛
(ބ) ތިންވަނަ ފަރާތެއްގެ އަސާސީ ހައްގުތަކަށް އަސަރުކޮށްފާނެ މައުލޫމާތެއް އެކުލެވުން.
94 ވަނަ މާއްދާ - ގާނޫނީ ވަކީލާ ބައްދަލުކުރުން (އިސްލާހު ކުރެވިފައި)
ގައިދީއަކަށް ނުވަތަ ބަންދު މީހަކަށް ގާނޫނީ ލަފާ ބޭނުންވާނަމަ، އޭނާގެ ގާނޫނީ ވަކީލަކާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ. އަދި މިގޮތުން ކުރާ ބައްދަލުކުރުމުގައި އެ ދެމީހުން ފެންނަ ހިސާބުގައި ޖަލު އޮފިސަރަކު ހުންނަންވާނެއެވެ.
95 ވަނަ މާއްދާ - ގައިދީއާއި ގާނޫނީ ވަކީލާއި އެކިއެކި ފަރާތްތަކާ މެދުގައި މުއާމަލާތުކުރުން
(ހ)ގައިދީންނާއި ބަންދު މީހުންނާއި، އެމީހެއްގެ ގާނޫނީ ވަކީލާއި ކޯޓުތަކާއި އެނޫންވެސް ދައުލަތުގެ މުއައްސަސާތަކާ ދެމެދު ސިޓީ ފަދަ ތަކެތި ބަދަލުކުރެވިދާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މިގޮތުން ބަދަލުކުރެވޭ ތަކެތި ހުޅުވައި، ކިޔައި ނުވަތަ އެ ސިޓީ ފޮނުވޭ ފަރާތަށް ރައްދުނުކޮށް ހިފެހެއްޓޭނީ ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ކަމާބެހޭގޮތުން ލިބޭ އިންޓެލިޖެންސަށް ބިނާކޮށް، ޑައިރެކްޓަރ އޮފް ޕްރިޒަންއަށެވެ.
- އެ ސިޓީއެއްގައި ގާނޫނާ ނުވަތަ ގަވާއިދާ ހިލާފު ވާހަކައެއް ލިޔެފައިވާކަމަށް ގަބޫލުކުރެވުން؛
- އެ ސިޓީގައި ހިމެނޭ މައުލޫމާތަކީ ޖަލުގެ ސަލާމަތަށް ނުވަތަ ޖަލުގައި ތިބޭ އެހެން މީހުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ގަބޫލުކުރެވުން.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިޓީ ހިފަހައްޓާނަމަ، އެކަން ގައިދީއަށް އަންގަންވާނެއެވެ.
96 ވަނަ މާއްދާ - ޖަލުގައި ބަންދުކޮށްފައިތިބޭ ބިދޭސީންނަށް ޒިޔާރަތްކުރުން
ޖަލުގައި ބަންދުކޮށްފައިތިބޭ ބިދޭސީންނަށް، އެކަށީގެންވާ ކޮންމެ ވަގުތެއްގައިވެސް އެ ބިދޭސީއެއްގެ ސަރުކާރުގެ ފަރާތުން ކަނޑައަޅާ މީހަކާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭންވާނެއެވެ. އަދި އެމީހަކީ ކޮން ގައުމެއްގެ މީހެއްކަން ކަނޑައެޅިގެން ނޭނގޭނަމަ، އޭނާއާ ބައްދަލުކުރުމަށް އޭނާ ކަނޑައަޅާ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.
ދިހަވަނަ ބާބު
ގައިދީން ޖަލުގައި ކުރާ ކުށް
97 ވަނަ މާއްދާ - ޖަލު ކުށްތައް
ގައިދީއަކު ނުވަތަ ބަންދު މީހަކު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިނަމަ އޭނާ އެކުރަނީ ޖަލު ކުށެއް ކަމުގައި ބެލެވޭނެއެވެ (އިސްލާހު ކުރެވިފައި)
(ހ) ޖަލުގައި ހަމަނުޖެހުން އުފެއްދުން ނުވަތަ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުން؛
(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޖަލު އޮފިސަރު ކުރާ އަމުރަކާ ހިލާފުވުން؛
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ޖަލުގައި ގެންގުޅުން މަނާ ތަކެތިކަމަށް ކަނޑައަޅާފައިވާ އެއްވެސް އެއްޗެއް އަތުގައި ބެހެއްޓުމާއި އެފަދަ އެއްޗެއް ލިބިގަތުމާއި އެފަދަ އެއްޗެއް ހޯދުމަށް މަސައްކަތްކުރުން؛
(ރ) ޖަލު ތެރޭގައި އަހްލާގު ބެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ނުވަތަ އެހެން ގައިދީންގެ ސަލާމަތާއި މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން.
(ބ) މި ގާނޫނާ، ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ، ނުވަތަ ނެރޭ ޖަލު އަމުރަކާ ހިލާފުވުން (އިތުރު ކުރެވިފައި)
98 ވަނަ މާއްދާ – ދިފާއު
މި ގާނޫނުގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައިވާ ގައިދީއަށް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ.
99 ވަނަ މާއްދާ - ޖަލުގައިކުރާ ކުށްތަކުގެ މައްސަލަ ބެލުމުގެ ނިޒާމު
ގައިދީންނާއި ބަންދު މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅު ކަނޑައެޅުމަށްޓަކައި އިންޓަރނަލް ޑިސިޕްލިނަރީ ނިޒާމެއް އެކަށައަޅައި، އެ ނިޒާމުގެ ދަށުން ގައިދީންނާމެދު ކަންކުރާނެ ގޮތުގެ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ ހަދަންވާނެއެވެ. މި ނިޒާމު ބިނާވެފައި އޮންނަންވާނީ، މިނިވަންކަމާއެކު މައްސަލަ ބެލޭނެ ގޮތަކަށެވެ (އިސްލާހު ކުރެވިފައި)
100 ވަނަ މާއްދާ - ޖަލު ކުށްތަކާ ގުޅިގެން ފިޔަވަޅުއެޅުން
(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު ޖަލު ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، ޖަލު އޮފިސަރު އެކަން ވަގުތުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ. އަދި އެކަން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމާއެކު އެކަމެއް ވަގުތުން ތަހްގީގުކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ތަހްގީގެއް ނިމުމަށްފަހު، ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ފެނިއްޖެނަމަ ތުހުމަތުކުރެވުނު ކުށުގެ ބާވަތަށާއި ހާލަތްތަކަށް ބަލައި އަންނަނިވި ކަންކަން ކުރެވިދާނެއެވެ.
- ކުށުގެ ތުހުމަތުގައިވާ މީހާގެ އަމަލުތައް ރަނގަޅުކުރުމަށް އޭނާ އެއްބަސްވެއްޖެނަމަ، އޭނާއާމެދު އިތުރު ފިޔަވަޅެއް ނާޅައި އޭނާގެ އަމަލުތައް ބެލުމަށް 2 (ދޭއް) މަސްދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން
އެ މައްސަލަ ފަސްކުރުމާއި، އަދި އެ މުއްދަތުގައި އޭނާގެ އަމަލުތައް އިސްލާހުކޮށްފިނަމަ އެ މައްސަލަ ކުރިއަށް ނުގެންދިއުން؛ ނުވަތަ - މައްސަލަ ބެލުމަށް ޑިސިޕްލިނަރީ ބޯޑަށް ފޮނުވުން.
(ނ) ގައިދީއަކު ނުވަތަ ބަންދު މީހަކު ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، ޖަލުގެ މަސްލަހަތު ހަމަޖެއްސުމަށްޓަކައި، އެމީހެއްގެ މައްސަލަ ނިމެންދެން، އޭނާ ބަންދުކޮށްފައި ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލުކުރުމުގެ އިހްތިޔާރު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ (އިސްލާހު ކުރެވިފައި)
101 ވަނަ މާއްދާ - ޑިސިޕްލިނަރީ އަޑުއެހުން
(ހ) މި ގާނޫނުގެ 93 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލާނީ މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑުންނެވެ.
(ށ) ޑިސިޕްލިނަރީ އަޑުއެހުމެއް ބޭއްވުމުގެ ކުރިން ކުށުގެ ތުހުމަތުގައިވާ ގައިދީއަކު، އޭނާ ކުށުން ބަރީއަވުމަށްޓަކައި އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ހުށަހަޅަން ބޭނުންވޭތޯ ބަލައި، ނުވަތަ އޭނާގެ ދިފާއުގައި ވާހަކަދައްކަން ބޭނުންތޯ ބަލައި، އޭނާ އެފަދަ ފުރުސަތަކަށް އެދިއްޖެނަމަ، އެކަމަށް އެކަށީގެންވާ ފުރުސަތެއް ޑިސިޕްލިނަރީ ބޯޑުން ދޭންވާނެއެވެ.
(ނ) ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިނގާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ޑިސިޕްލިނަރީ އަޑުއެހުން ބާއްވައި އެ މައްސަލަ ނިންމަންވާނެއެވެ.
102 ވަނަ މާއްދާ - އަދަބު ކަނޑައެޅުން
(ހ) ޑިސިޕްލިނަރީ އަޑުއެހުމެއްގައި ސާބިތުވާ ކުށަކަށް ތިރީގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ އަދަބުތަކެއް ޑިސިޕްލިނަރީ ބޯޑަށް ކަނޑައެޅިދާނެއެވެ.
- (އުނި ކުރެވިފައި)
- ގައިދީއަށް ދެވޭ އިނާޔަތެއް ނުވަތަ އިނާޔަތެއްގެ ބައެއް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ނުދިނުން؛
- ކުށުގެ އަދަބު ކުޑަކުރުމަށް 1 (އެކެއް) މަސްދުވަސް ވަންދެން ހުށަނޭޅޭނެ ކަމަށް
- 30 (ތިރީސް) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް އެކަހެރި ކުރުން.
(ށ) ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަދަބެއް ދިނުމުގެ ބަދަލުގައި ގައިދީއަށް ނަސޭހަތްދީ، އިންޒާރުދިނުމަށް ނިންމިދާނެއެވެ.
103 ވަނަ މާއްދާ - ގައިދީންނާއި ބަންދު މީހުން އެކަހެރިކުރުން (އިސްލާހު ކުރެވިފައި)
(ހ) ޑިސިޕްލިނަރީ އަޑުއެހުމެއްގެ ދަށުން ގައިދީއަކު ނުވަތަ ބަންދު މީހަކު އެކަހެރިކުރުމަށް ކަނޑައަޅައިފިނަމަ، އެކަން ވަގުތުން ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.
(ށ) ޑައިރެކްޓަރ އޮފް ޕްރިޒަން ގައިދީއަކު ނުވަތަ ބަންދު މީހަކު އެކަހެރި ކުރަންވާނީ ކަމާބެހޭ ގަވާއިދާއި ޖަލު އަމުރުތަކާ އެއްގޮތަށެވެ. އެކަހެރި ކޮށްފައި ހުންނަ ގައިދީއަކަށް އެންމެ މަދުވެގެން ލިބެންޖެހޭ އިނާޔަތްތައް ޖަލު އަމުރުގައި ކަނޑައަޅަންވާނެއެވެ.
(ނ) އެކަހެރިކޮށްފައި ހުންނަ ގައިދީ ނުވަތަ ބަންދު މީހާގެ ހާލު މަދުވެގެން 6 (ހައެއް) ގަޑިން އެއްފަހަރު ޑައިރެކްޓަރ އޮފް ޕްރިޒަން އައްޔަނުކުރާ މީހަކު ބަލަންވާނެއެވެ. އެފަދައިން ބަލާއިރު، އޭނާގެ ހާލު ރަނގަޅު ނޫންކަމަށް ފެނިއްޖެނަމަ، އޭނާ މެޑިކަލް އޮފިސަރަށް ދައްކަންވާނެއެވެ.
(ރ) ގައިދީ ނުވަތަ ބަންދު މީހާގެ ޖިސްމާނީ އަދި ނަފްސާނީ ހާލަތަށް ނުރައްކާވާފަދަ ގެއްލުމެއް ކުރިމަތިވެދާނެކަމަށް މެޑިކަލް އޮފިސަރަށް ފެނިއްޖެނަމަ އޭނާ އެކަހެރިކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.
104 ވަނަ މާއްދާ - ގައިދީން އެކަހެރިކޮށްފައި ބެހެއްޓޭނެ މުއްދަތު
އެއްވެސް މީހެއްގެ މައްޗަށް އެކަހެރި ކުރުމުގެ ތަފާތު ދެ ނިޔާއެއް މި ގާނޫނުގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ޑިސިޕްލިނަރީ އަޑުއެހުމެއްގެ ދަށުން ކަނޑައެޅިއްޖެނަމަ އެ ދެ ނިޔާގެ ތެރެއިން ދިގު މުއްދަތަށް ކަނޑައެޅުނު ނިޔާ ތަންފީޒުކުރުމުން، އެ ދެ ނިޔާވެސް ތަންފީޒުވީކަމަށް ބެލެވޭނެއެވެ.
105 ވަނަ މާއްދާ - އަނިޔާއަކަށް ވާ އަދަބު ނުދިނުން
އެއްވެސް ގައިދީއަކަށް ޖިސްމާނީ އަނިޔާއެއް ލިބޭ ފަދަ އަދަބެއް ދީގެން ނުވާނެއެވެ.
106 ވަނަ މާއްދާ - ކެއިން ބުއިމަށްދެވޭ މިންވަރު މަދުކުރުން
އެއްވެސް ގައިދީއަކަށް ކެއިން ބުއިމަށް ދެވޭ މިންވަރު އެމީހަކަށް ދޭ އަދަބެއްގެ ގޮތުން މަދުކޮށްގެން ނުވާނެއެވެ.
107 ވަނަ މާއްދާ - އިނާޔަތްތައް އުނިކުރުން
ތަހްގީގުގެ ބޭނުމަށް ނުވަތަ ށަރީއަތުގެ ބޭނުމަށް ބަންދުކުރެވިފައިވާ މީހެއްގެ އިނާޔަތުގެ ތެރެއިން އޭނާ ޖަލުގައި ބަންދުކުރެވުނު ކުށުން ބަރީއަވުމަށްޓަކައި ކުރަންޖެހޭ މުއާމަލާތުކުރުމަށް ބޭނުންވާ އިނާޔަތްތައް އެމީހަކަށް ދޭ އަދަބެއްގެ ގޮތުން އުނިކޮށްގެންނުވާނެއެވެ.
108 ވަނަ މާއްދާ - ޖަލު ކުށުގެ ގޮތުގައި ކަނޑައެޅޭ ކަންކަމާއި އަދަބުތައް އާންމުކުރުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން ޖަލު ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމު ހިނގާ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ގައިދީންނާއި ބަންދު މީހުންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި އެއިން މީހަކު އެދިއްޖެނަމަ، އެމީހަކަށް އޭގެ ކޮޕީއެއް ދޭންވާނެއެވެ.
(ށ) ގައިދީންނާއި ބަންދު މީހުން ކުރާ ޖަލު ކުށާބެހޭ މައުލޫމާތު ރަޖިސްޓަރީއެއްގައި ލިޔެ ޑައިރެކްޓަރ އޮފް ޕްރިޒަން ބަލަހައްޓަންވާނެއެވެ. އަދި އޭގެ ކޮޕީއެއް، އެމީހެއްގެ ފައިލުގައި ހިމަނަންވާނެއެވެ.
(ނ) ގައިދީންނާއި ބަންދު މީހުން ކުރާ ކުށްތަކާއި އެކަމާ ގުޅިގެން އެމީހުންނަށް ދެވޭ އަދަބުތަކުގެ މައުލޫމާތު ކޮމިށަނަރަށް ހުށަހަޅަންވާނެއެވެ.
އެގާރަވަނަ ބާބު
ގައިދީންނަށް ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގުމާއި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން
109 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމްތައް (އިސްލާހު ކުރެވިފައި)
(ހ) ގައިދީން ކުށްކުރުމުން ދުރުހެލިކޮށް އަނބުރާ މުޖުތަމައަށާއި އާއިލާއަށް ބޭނުންތެރި މީހުންގެ ގޮތުގައި އައުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތަފާތު ހަރަކާތްތަކާއި ޕްރޮގްރާމްތައް ކޮމިށަނަރ ކަނޑައަޅައި، ކޮންމެ އާންމު ޖަލެއްގައިވެސް ހިންގަންވާނެއެވެ. އަދި އެގޮތުން ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނުމަށް އިސްކަންދޭންވާނެއެވެ.
- ގައިދީންގެ ނަފްސާނީ ހާލަތަށް ބަލައި ކައުންސިލިންގގެ ހިދުމަތް ލިބިދިނުން؛
- ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި، ވަޒީފާ އަދާކުރެވޭފަދަ ހުނަރު ލިބިގަތުމަށާއި އަދި އަނބުރާ މުޖުތަމައަށް ރުޖޫއަވެ، ބޭނުންތެރި މީހެއްގެ ގޮތުގައި އުޅުމަށް ބޭނުންވާނެ ތައުލީމީ އަދި މަސައްކަތުގެ ހުނަރު ލިބިދެވޭނެ ފަދަ ޕްރޮގްރާމްތައް ހިންގުން؛
- ތަފާތު ހަރަކާތްތަކާއި މުނިފޫހިފިލުވުމާއި ކުޅިވަރާއި ވަޒީފާގެ ފުރުސަތު ހޯދައިދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމްތައް ކަސްޓޯޑިއަލް ޖަލާއި ރިމާންޑް ޖަލުގައި ހިންގާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ނިސްބަތަށް، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
110 ވަނަ މާއްދާ - ރިހެބިލިޓޭށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން (އިސްލާހު ކުރެވިފައި)
ރިހެބިލިޓޭށަނާއި ވެލްފެއަރ ޕްރޮގްރާމްތަކާއި ހިދުމަތްތައް ދިނުމުގައި އެހީތެރިވެ މަސައްކަތްތައް ހިންގުމަށް އެކަށީގެންވާ އަދަދަކަށް ކައުންސިލަރުންނާއި އިޖްތިމާއީ ފަންނުތަކުގައި ހިދުމަތްކުރާނެ މީހުން އަދި ރިހެބިލިޓޭށަން އޮފިސަރުން ކޮންމެ އާންމު ޖަލެއްގައިވެސް ތިބެންވާނެއެވެ.
111 ވަނަ މާއްދާ - ރިހެބިލިޓޭށަން ފުރުސަތު ދިނުމުގައި އަމަލުކުރާނެގޮތް
ރިހެބިލިޓޭށަނާއި ވެލްފެއަރ ޕްރޮގްރާމްތަކަށް ފުރުސަތު ދިނުމުގައި އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) ހިދުމަތްތައް ލިބިގަތުމަށް ގައިދީއަށް މަޖުބޫރުކުރުވައިގެން ނުވާނެއެވެ.
(ށ) ޖަލުގެ އާންމު މަސްލަހަތާއި ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ އެ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު ގައިދީންނަށް ލިބެންވާނެއެވެ.
(ނ) ހިދުމަތްތަކުގައި ގައިދީން އަމަލީ ގޮތުން ބައިވެރިވުމަށް ހިތްވަރުދީ އެ ޕްރޮގްރާމްތަކުގައި ގައިދީން ބައިވެރިވުމުގެ މަގުފަހިކޮށްދޭންވާނެއެވެ.
112 ވަނަ މާއްދާ - ރިހެބިލިޓޭށަނާއި ވެލްފެއަރ އޮފިސަރުންގެ މަސައްކަތްތައް
ރިހެބިލިޓޭށަނާއި ވެލްފެއަރ އޮފިސަރުންގެ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
(ހ) ގައިދީންނަށް ޖަލުގައި ދިރިއުޅުން ތަހައްމަލުކުރުމުގައި އެހީތެރިވުމާއި، އާއިލާއާއި މުޖުތަމައުގެ އަފުރާދުންނާއެކު ގުޅުން ދެމެހެއްޓުމުގައި އެހީތެރިވުމާއި، ޖަލުން މިނިވަންވެ އާންމުންގެ ތެރެއަށް ނުކުމެ އުޅެންޖެހޭނެ ދިރިއުޅުމަށް ތައްޔާރުކޮށްދީ އެކަންކަމުގައި ގައިދީންނަށް އިރުށާދު ދިނުން؛
(ށ) ގައިދީންގެ އަހްލާގާއި ދިރިއުޅުމުގެ ހުނަރުތައް ތަރައްގީކޮށް ބައްޓަންކުރުމަށް ޕްރޮގްރާމްތައް ހިންގުން؛
(ނ) އިޖްތިމާއީ ގޮތުން އެހީތެރިވާ ތަފާތު ޖަމާއަތްތަކާ ގުޅިގެން ގައިދީން އަލުން ކުށަކަށް އަރައިގަތުމުގެ ފުރުސަތު ކުޑަކުރުމަށާއި ރަނގަޅު ގޮތުގައި އަލުން މުޖުތަމައަށް އައުމަށް އެހީތެރިވެދިނުމަށްޓަކައި ޕްރޮގްރާމްތައް ހިންގުން.
113 ވަނަ މާއްދާ - ޖަލުގައި ގައިދީން ކުރާ މަސައްކަތް
(ހ) ޖަލުގައި ގައިދީންނަށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތަކީ އަނިޔާ ކުރުމުގެ ނުވަތަ ހާނިއްކަ ކުރުމުގެ ނިޔަތުގައި ކުރެވޭ މަސައްކަތަކަށް ވެގެންނުވާނެއެވެ.
(ށ) އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ބެލުމަށްފަހު މެޑިކަލް އޮފިސަރު ކަނޑައަޅާ ގޮތަކަށް ރިއާޔަތްކުރުމާއެކު، ކޮންމެ ގައިދީއަކަށްވެސް ފުރުސަތު އޮތް މިންވަރަކުން ޖަލުގައި ވަޒީފާއަދާކުރަން ހިތްވަރުދޭންވާނެއެވެ.
(ނ) ޖަލުގައި ލިބެންހުރި ވަޒީފާއަށްވުރެ ބަންދުގައި ތިބި މީހުންގެ އަދަދު އިތުރު ވެއްޖެނަމަ، ފުރުސަތު ލިބުމުގައި އަހްލާގީ މިންގަނޑަށް ބަލައި، އަހްލާގު ރަނގަޅު މީހުންނަށް އިސްކަންދޭންވާނެއެވެ.
(ރ) ގައިދީން ލައްވައި މަސައްކަތް ކުރުވަންވާނީ ޖަލު އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.
(ބ) ގައިދީންގެ މަސައްކަތުގެ ވަގުތު ހަމަޖެހިފައި އޮންނަންވާނީ މަދުވެގެން ހަފްތާއަކު 1 (އެކެއް) ދުވަސް އަރާމުކުރުމަށް ލިބޭ ގޮތަށެވެ.
114 ވަނަ މާއްދާ - ގައިދީން ކުރާ މަސައްކަތަށް އުޖޫރައެއް ދިނުން
(ހ) ގައިދީން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ދެވޭނެ ނިޒާމެއް ގާއިމުވެފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާއިމުކުރެވޭ ނިޒާމުގެ ދަށުން ގައިދީންނަށް ލިބޭ އާމްދަނީއިން ބައެއް އެމީހުންގެ ބޭނުމަށް ހުއްދަކުރެވޭ ތަކެތި ގަތުމަށާއި އެމީހުންގެ އާއިލާތަކަށް ފޮނުވުމުގެ ފުރުސަތު ލިބިދީފައި އޮންނަންވާނެއެވެ.
ބާރަވަނަ ބާބު
ވަގުތީގޮތުން ޖަލުން ދޫކުރުން
115 ވަނަ މާއްދާ - ވަގުތީގޮތުން ގައިދީން ޖަލުން ނެރުން
(ހ) އަންނަނިވި ހާލަތްތަކުގައި، މިނިސްޓަރު ކަނޑައަޅާ ށަރުތުތަކަކާ އެކީގައި، ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކުރުމުގެ ހުއްދަ ކޮމިށަނަރަށް ދެވިދާނެއެވެ (އިސްލާހު ކުރެވިފައި)
- ފަރުޒު ހައްޖުގެ އަޅުކަން
- ބަންދުކުރެވޭ އަންހެނާގެ 1 (އެކެއް) އަހަރު ނުފުރޭ ގާތުން ކިރުދޭ ކުއްޖެއް ހުރުން (އިސްލާހު ކުރެވިފައި)
- މަރުބަލީގައިވާ ނުވަތަ އާދަޔާ ހިލާފަށް ބަލި އާއިލީ މެންބަރަކަށް
- އާއިލީ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް؛
- ރާއްޖެއިން ލިބެންނެތް ސިއްހީ ފަރުވާއެއް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ދިއުމަށް.
- ޖަލުގައި ހުންނަ މާބަނޑު އަންހެނެއްގެ ބަނޑަށް 6 (ހައެއް) މަސް ފުރުން (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ނެރުމަށް އެދި ހުށަހަޅާނީ، ޑައިރެކްޓަރ އޮފް ޕްރިޒަންއަށެވެ. މިފަދަ ހުށަހެޅުމެއް ޑައިރެކްޓަރ އޮފް ޕްރިޒަންއަށް ލިބުމުން، އެކަން ކޮމިށަނަރަށާއި މިނިސްޓަރަށް ޑައިރެކްޓަރ އޮފް ޕްރިޒަން ހުށަހަޅަންވާނެއެވެ. މިފަދަ ހާލަތްތަކުގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކުރާ އަންނަނިވި ނުކުތާތަކުގެ މައްޗަށް ކޮމިށަނަރ އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ (އިސްލާހު ކުރެވިފައި)
- ގައިދީ ނުވަތަ ބަންދުގައިވާ މީހާ ހިނދުކޮޅަކަށް ނަމަވެސް ޖަލުން ބޭރަށް ނެރެފިނަމަ އޭނާގެ ސަބަބުން މުޖުތަމައުގެ އެހެން ފަރުދަކަށް ނުވަތަ ފަރުދުންގެ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް ބަލައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އެޅުން.
- ގައިދީ ނުވަތަ ބަންދުގައިވާ މީހާ ފިލާފާނެ ކަމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
- ގައިދީ ނުވަތަ ބަންދުގައިވާ މީހާ ޖަލުން ބޭރުގައި އޭނާގެ އަމަލުތައް ބަހައްޓަންޖެހޭނެ އެންމެހައި ކަންކަމުގެ މައްޗަށް އިހްތިރާމް ކުރާނެ ކަމުގެ އިގްރާރުގައި އޭނާ ލައްވައި ސޮއި ކުރުވުން.
- އާއިލީ ގޮތުން މިފަދަ ކަންކަމުގައި ޒިންމާވާނެ ފަރާތެއް ވާނަމަ އެފަރާތަކުން ގައިދީ ނުވަތަ ބަންދުގައިވާ މީހާ ޖަލުން ބޭރުގައި އަމަލުކުރުމަށް އިގްރާރު ލިޔުމުން ހޯދުން.
- އޭނާގެ އަމިއްލަ ގޮތުން ނުވަތަ ސިއްހީ އިންށުއަރެންސްގެ ގައުމީ ނިޒާމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ދަތުރުކުރާނަމަ ހަރަދުގެ އެންމެހައި ކަންތައްތައް ހަމަޖައްސަންޖެހޭނެ ގޮތުގެ
- ރާއްޖެއިން ބޭރުގައި ހުންނަންޖެހޭނެ މުއްދަތާއި ރާއްޖެ އަންނާނެ މުއްދަތު ކަނޑައެޅިފައި އޮތުމާއި އެ މުއްދަތުގައި އޭނާ ބަލަހައްޓާނެ އުސޫލުތަކާއި އެކަމަށް ހިނގާނެ ހަރަދު ކަނޑައެޅިފައި އޮތުމާއި އެ ހަރަދަށް ޒިންމާވާނެ ފަރާތެއް އޮތުން.
- މިފަދަ ހާލަތްތަކުގައި ގައިދީ ޖަލުގައި އޭނާގެ ހުކުމް ތަންފީޒުކުރުމުގައި ޖަލުގެ ގަވާއިދު ތަކަށާއި މި ގާނޫނަށް އިހްތިރާމް ކުރާ މިންވަރަށް ރިއާޔަތްކުރުން.
(ނ) ޖަލެއްގައިވާ ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ނެރެވޭނީ ޖަލު އޮފިސަރަކާ އެކުގައި، އޭނާގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަގޮތަށެވެ. މިގޮތުން ވަގުތީގޮތުން އޮފިސަރުންގެ ހަވާލުގައި ނެރެވޭނީ މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި ވަގުތީގޮތުން ޖަލުން ނެރެ ގައިދީ ނުވަތަ ބަންދު މީހާ ހަވާލުކުރެވޭނީ އޭނާގެ ބެލެނިވެރިއެއްގެ ސީދާ ބެލެހެއްޓުމުގެ ދަށުގައި ހުރިހާ ވަގުތެއްގައިވެސް ހުންނަ ގޮތަށެވެ (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ ދަށުން ވަގުތީގޮތުން ގައިދީން ނުވަތަ ބަންދު މީހުން ދޫކުރާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޑައިރެކްޓަރ އޮފް ޕްރިޒަން އަންގަންވާނެއެވެ. އެގޮތުން، އެމީހަކު ދޫކުރެވިފައިވާ މުއްދަތާއި، ވަގުތީގޮތުން ދޫކުރުމުގައި ކަނޑައަޅާފައިވާ ށަރުތުތައް އެނގޭނެ ފުރިހަމަ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވަންވާނެއެވެ. (އިތުރު ކުރެވިފައި)
116 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމާބެހޭ ގަވާއިދު
މި ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ޖަލުން ދޫކުރުމާބެހޭ ގަވާއިދެއް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރ އެކުލަވާލަންވާނެއެވެ. އެ ގަވާއިދުގައި ވަގުތީގޮތުން ދޫކުރުމަށް ށަރުތު ހަމަވާ ގޮތާއި، ދޫކުރެވޭ ގޮތާއި، ދޫކޮށްފައި ތިބޭ މީހުން ކުރުމަށާއި ނުކުރުމަށް ށަރުތު ކުރެވިދާނެ ކަންކަމާއި، ވަގުތީގޮތުން ދޫކޮށްފައިހުރުން ބާތިލުކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ގަވާއިދުގައި މި ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގައިވާ ނުކުތާތަކަށް ރިއާޔަތްކުރަންވާނެއެވެ.
117 ވަނަ މާއްދާ - ސިއްހީ ބޭނުމަށްޓަކައި ދޫކުރުން
ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ރާއްޖެއިން ލިބެންނެތް ހާލަތްތަކުގައި، ކަމާބެހޭ ހާއްސަ ޑޮކްޓަރެއް އެގޮތަށް ނިންމައިފިނަމަ، މެޑިކަލް ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރު އައްޔަނުކުރާ މެޑިކަލް ބޯޑުން ކަނޑައަޅާ ގޮތެއްގެމަތިން އޭނާ ސިއްހީ ބޭނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށް ދޫކުރުމުގެ ހުއްދަ ކޮމިށަނަރަށް ދެވިދާނެއެވެ.
118 ވަނަ މާއްދާ - ވަގުތީގޮތުން ދޫނުކުރެވޭނެ މީހުން
އަންނަނިވި ހާލަތްތަކުގައިވާ ގައިދީންނަކީ ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ލިބިދިނުމަށާއި، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ އެހެން އެއްވެސް ބޭނުމަކަށް ވަގުތީގޮތުންވެސް ދޫނުކުރެވޭނެ މީހުންނެވެ.
(ހ) ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭ ގައިދީން؛
(ށ) ޖަލުން ފިލިކަމުގެ ރެކޯޑެއް އޮތް ގައިދީން.
119 ވަނަ މާއްދާ - ށަރުތުތައް ހިފަހައްޓާތޯ ބެލުން
މި ގާނޫނުގައިވާ ގޮތުގެމަތިން ވަގުތީގޮތުން ދޫކުރާ ގައިދީންނާއި ބަންދު މީހުން އެމީހުންގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލޭނެ ނިޒާމެއް ކޮމިށަނަރ ގާއިމުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
120 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުން ބާތިލުކުރުން (އިސްލާހު ކުރެވިފައި)
(ހ) ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކުރާއިރު އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ށަރުތުތަކާ އޭނާ ދޫކޮށްފައިވާ މުއްދަތުގައި ހިލާފުވެއްޖެނަމަ ނުވަތަ އޭނާ ވަގުތީގޮތުން ދޫކޮށްފައި ބެހެއްޓުމަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއްކަމަށް، އޭނާ ބަލަހައްޓަން ޑައިރެކްޓަރ އޮފް ޕްރިޒަން ހަވާލުކޮށްފައިވާ މުވައްޒަފަކަށް ފެނިއްޖެ ހިނދެއްގައި، އެކަން އެ މުވައްޒަފަކު ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އަންގަންވާނެއެވެ.
(ށ) ގައިދީއަކު ނުވަތަ ބަންދު މީހަކު ބަލަހައްޓަން ޑައިރެކްޓަރ އޮފް ޕްރިޒަން ހަވާލުކޮށްފައިވާ މުވައްޒަފަކު މި މާއްދާގެ (ހ) ގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަންއަށް އެންގުމެއް އަންގައިފިނަމަ، ޑައިރެކްޓަރ އޮފް ޕްރިޒަން އެކަމެއް ބަލައި، އެ ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް އޭނާއަށް ފެނިއްޖެނަމަ، އެ ގައިދީއަކު ނުވަތަ ބަންދު މީހަކު ވަގުތީގޮތުން ދޫކޮށްފައިވާ ދޫކުރުން ނިމުމަކަށް ގެނެސް، އޭނާ އަލުން ޖަލުގައި ބަންދުކުރުމަށް އަމުރުކުރަންވާނެއެވެ.
121 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމުގެ ށަރުތުތަކާ ހިލާފުވުމުން ދެވޭ އަދަބު
ވަގުތީގޮތުން ދޫކުރުމުގެ ށަރުތުތަކާ ގައިދީއަކު ނުވަތަ ބަންދު މީހަކު ހިލާފުވެއްޖެނަމަ، ޖަލުގެ އެހެން އަމުރަކާ ހިލާފުވުމުން ދެވޭ އަދަބުތަކުގެ ތެރެއިން އަދަބެއް އޭނާގެ މައްޗަށް ކަނޑައެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
122 ވަނަ މާއްދާ - ވަގުތީގޮތުން ދޫކޮށްފައިވާ މީހަކު ޖިނާއީ ކުށެއްކުރުން
ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީއަކު ނުވަތަ ބަންދު މީހަކު، އޭނާ ދޫކޮށްފައިހުރި މުއްދަތުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އޭނާ އިތުރު މުއްދަތަކަށް ވަގުތީގޮތުން ދޫކޮށްފައި ބެހެއްޓުމަށް ހުއްދަ ކޮށްގެންނުވާނެއެވެ. (އިސްލާހު ކުރެވިފައި)
123 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުން (އިސްލާހު ކުރެވިފައި)
(ހ) ވަގުތީގޮތުން ދޫކޮށްދިނުން އެދި ގައިދީއަކު ނުވަތަ ބަންދު މީހަކު ހުށަހަޅާ ހުށަހެޅުން ކޮމިށަނަރ ގަބޫލުނުކުރާނަމަ، އެކަން ސަބަބު ބަޔާންކޮށް ލިޔުމުން އޭނާއަށް އަންގަންވާނެއެވެ.
(ށ) ވަގުތީގޮތުން ދޫކުރުމަށް ހުއްދަ ނުދިނުމަށް ކޮމިށަނަރ ނިންމާ ހާލަތުގައި، އެ ނިންމުމާމެދު އެ ގައިދީއަކު ނުވަތަ ބަންދު މީހަކު ހިތްހަމަނުޖެހޭނަމަ، އެކަން އަލުން ބަލައިދިނުން އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.
124 ވަނަ މާއްދާ - ވަގުތީގޮތުން ދޫކުރެވޭ މީހުންގެ ހުކުމުގެ މުއްދަތު ކެނޑުން
މި ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީގޮތުން ދޫކޮށްފައިވާ ގައިދީން ޖަލުން ބޭރުގައި ހޭދަކުރާ މުއްދަތު، އެއީ ހުކުމް ތަންފީޒުވަމުންދާ މުއްދަތު ކަމުގައި ބަލައިގެން ނުވާނެއެވެ (އިސްލާހު ކުރެވިފައި)
118 ވަނަ މާއްދާ - (އުނި ކުރެވިފައި)
ތޭރަވަނަ ބާބު
ޕެރޯލްގެ ނިޒާމު
125 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ލިބިދިނުން
ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު، މި ގާނޫނުގައި ބަޔާންކުރާ މީހުންނަށް ލިބިދޭންވާނެއެވެ (އިސްލާހު ކުރެވިފައި)
126 ވަނަ މާއްދާ - ޕެރޯލްގައި ތިބޭ މީހުންގެ ގާނޫނީ ހައިސިއްޔަތު
ޕެރޯލްގެ ދަށުން ދޫކުރެވޭ ހުކުމް ތަންފީޒުކުރާ މީހުންނަކީ، އެމީހުންގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނުގެނެސް، އެމީހެއްގެ ހުކުމުގެ މުއްދަތު ފަސްކުރެވޭ ބައެކެވެ. ޕެރޯލްގައި ތިބޭ މުއްދަތުގައި އެމީހުންނަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުކުމް ފަސްކޮށްފައިވާ މީހުން ކަމުގައި ބެލެވޭނެއެވެ.
127 ވަނަ މާއްދާ - ޕެރޯލް ބޯޑު އެކުލަވާލުން
ޕެރޯލް ބޯޑުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވުމާއެކު އަންނަނިވި ފަރާތްތައް އެކުލެވޭ ގޮތަށް ޕެރޯލް ބޯޑު އުފައްދާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕެރޯލް ބޯޑުގެ އެންމެހައި ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި މި ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރާ މީހުން ދޫކުރުމަށްޓަކައި، އަދި ޕެރޯލްގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރެވެ (އިސްލާހު ކުރެވިފައި)
(ށ) ޕެރޯލް ބޯޑު އެކުލެވިގެންވާނީ ތިރީގައި މިވާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ.
- މިނިސްޓްރީ އޮފް އެޑިޔުކޭށަންގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް
- މިނިސްޓްރީ އޮފް ހެލްތުގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ އިސް
- އެޓަރނީ ޖެނަރަލްގެ އޮފީހުގައި ވަޒީފާ އަދާކުރާ ގާނޫނީ
- މި ގާނޫނުގެ މަގްސަދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ޖަމްއިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް
- އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ދީނީ އިލްމުވެރިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އިސް އޮފިސަރެއް؛ (އިސްލާހު ކުރެވިފައި)
- މެޑިކަލް
- ނަފްސާނީ ފަރުވާދޭ މީހެއް.
(ނ) ޕެރޯލްގެ ދަށުން މީހުން ދޫކުރުމަށާއި ބޯޑުގެ ޒިންމާ އަދާކުރުމަށް މިނިސްޓަރު އުފައްދާ ވަކި އިދާރާއެއް ހުންނަންވާނެއެވެ. މި އިދާރާގެ އެންމެހައި ކަންކަން އަދި ޕެރޯލް އޮފިސަރުންނާއި، އެހެނިހެން ފަންނީ އަދި އިދާރީ މުވައްޒަފުންނާއި، އޮފީސް ހިންގާނެ އިމާރާތާއި ހަރަދު ބަލަހައްޓާނީ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ފަރާތުންނެވެ.
(ރ) ޕެރޯލް ބޯޑުގެ ޗެއަރޕަރސަން އަދި ވައިސް ޗެއަރޕަރސަން އައްޔަނުކުރާނީ ބޯޑުގެ އަގުލަބިއްޔަތުންނެވެ.
(ބ) ބޯޑުގެ މެންބަރުންގެ އިނާޔަތް ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން މިނިސްޓަރެވެ.
128 ވަނަ މާއްދާ - ޕެރޯލް ބޯޑުގެ ޒިންމާތަކާއި ބާރުތައް
މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޯޑުގެ ބާރު ހިނގާ ދާއިރާގައި އަންނަނިވި ކަންކަން ކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.
(ހ) ހުކުމް ތަންފީޒުކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތު ދިނުމާއި، ޕެރޯލް އިންޓަރވިއު ކުރުމަށްފަހު، ފުރުސަތު ދޭން ނުފެންނަ މީހުން ކަނޑައެޅުން؛ (އިސްލާހު ކުރެވިފައި)
(ށ) ޕެރޯލްގައި ދޫކުރުމުގެ ށަރުތުތައް ކަނޑައެޅުމާއި ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ކަނޑައެޅުން؛
(ނ) ޕެރޯލްގައި މީހަކު ހުންނާނެ މުއްދަތު ކަނޑައެޅުމާއި މުއްދަތަށް ބަދަލު ގެނައުން؛
(ރ) ޕެރޯލްގައި ހުންނަ މީހަކީ ޕެރޯލްގެ ށަރުތުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ މީހަކު ކަމުގައި ކަނޑައެޅުން؛
(ބ) ޕެރޯލްގައި ދޫކޮށްފައިވާ މީހެއްގެ ޕެރޯލް ބާތިލުކުރުން.
129 ވަނަ މާއްދާ - ޕެރޯލް ބޯޑުން ތަބާވާންޖެހޭ އާންމު އުސޫލުތައް
ޕެރޯލް ބޯޑުގެ މަގްސަދުތައް ހާސިލުކުރުމަށް ޕެރޯލް ބޯޑުން މަސައްކަތްކުރާ ހިނދު، އަންނަނިވި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
(ހ) ހުރިހާ މައްސަލައެއް ނިންމުމުގައި މުޖުތަމައުގެ މަސްލަހަތަށާއި ރައްކާތެރިކަމާއި ސަލާމަތަށް އެންމެ ބޮޑު އިސްކަމެއް ދިނުން؛ އަދި
(ށ) މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ އެންމެހައި ކަންކަން އެންމެ ކުޑަ މިންވަރަކަށް ހުއްދަކުރެވޭ ގޮތެއްގެމަތިން ޕެރޯލްގެ ށަރުތުތައް ކަނޑައެޅުން.
130 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ދިނުމުގައި ބަލަންޖެހޭ ކަންކަން (އިސްލާހު ކުރެވިފައި)
ހުކުމް ތަންފީޒުކުރާ މީހުންގެ ތެރެއިން ޕެރޯލްގެ ފުރުސަތު ލިބިދެވޭނީ އަންނަނިވި ކަންކަން ފުރިހަމަވާ މީހުންނަށެވެ.
(ހ) އޭނާގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ 6 (ހައެއް) މަސްދުވަހަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ކަމުގައިވުން؛
(ށ) ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް މި ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރުނޫން މުއްދަތަކަށް ހުކުމް ތަންފީޒުކޮށްފައިވާ މީހަކު ކަމުގައިވުން؛
(ނ) ގައިދީއެއްނަމަ، ޖަލުގައި ހޭދަކުރި މުއްދަތުގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ އަހްލާގީ މިންގަނޑެއް ދަމަހައްޓާފައިވުމާއެކު ޖަލުން އެ ގައިދީއަކަށް ކަނޑައަޅާ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މީހަކު ކަމުގައިވުން؛
(ރ) އޭނާ ޕެރޯލްގެ ދަށުން ދޫކުރެވިއްޖެނަމަ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ މީހަކު ކަމުގައި ނުވުން؛
(ބ) އޭނާ ޕެރޯލްގެ ދަށުން ދޫކޮށްފިނަމަ، އޭނާ ކުށްކުރުމުން ދުރުހެލިވެ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމައަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ބޯޑަށް ގަބޫލުކުރެވުން؛
(ޅ) މޯލްޑިވްސް ޕޮލިސް ސަރވިސް، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިދީފައިވާ ކޯޓެއްގައި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހިނގަމުންދާ އިތުރު މައްސަލައެއް ނެތް މީހަކު ކަމުގައިވުން.
131 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ލިބޭނެ އެންމެ ކުރު މުއްދަތު
ޕެރޯލްގެ ފުރުސަތު ލިބިދެވޭނީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ހުކުމުގެ މުއްދަތުގެ ތެރެއިން އެންމެ ކުރުވެގެން ތިރީގައިވާ މުއްދަތުތައް ތަންފީޒުވެފައިވާ މީހުންނަށެވެ.
(ހ) އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމެއް ނުވަތަ އެއް ހުކުމަށްވުރެ ގިނަ ހުކުމް ތަންފީޒުކުރަމުންދާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން.
- ޓެރަރިޒަމްގެ
- (އިސްލާހު ކުރެވިފައި)
(ހހ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނަމަ، އެ މަސްތުވާއެއްޗެއްގެ 4 (ހަތަރެއް) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛
(ށށ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެސިންނަމަ، އެ މަސްތުވާއެއްޗެއްގެ 14 (ސާދަ) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛
(ނނ) ގާނޫނު ނަންބަރު 17/1977 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެ، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށްކުށުގެ ތެރެއިން، އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނުވަތަ ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެސިން ފިޔަވައި އެހެން ބާވަތެއްގެ މަސްތުވާއެއްޗެއްނަމަ، އެ މަސްތުވާއެއްޗެއްގެ 1 (އެކެއް) ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް؛
(ރރ) ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ސާބިތުވެފައިވާ މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ތެރެއިން، އުމުރުދުވަހަށް ޖަލަށް ލުމަށް އަދަބު ކަނޑައެޅިފައިވާ ކުށް؛ - ގަދަކަމުން ބަދުއަހްލާގީ އަމަލު
- ކިޑްނެޕިންގ؛
- ވައްކަމާއި، ޓެކުމާއި، ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100،000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ އަދަދެއްގެ ފައިސާ ނުވަތަ އެ އަގުގެ މުދާ ހިމެނޭ
- ތޫނު އެއްޗަކާއެކު ނުވަތަ ހަތިޔާރަކާއެކު މާރާމާރީ ހިންގުމާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ނުވަތަ ފުރާނައަށް ނުރައްކާވާފަދަ މާރާމާރީއެއް ހިންގުން؛
- ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުން.
(ށ) މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ތެރެއިން، މި ގާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށް ފިޔަވައި އެހެން ކުށުގައި ހުކުމް ކޮށްފައިވާ މީހެއްނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވުން. (އިސްލާހު ކުރެވިފައި)
(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެކި މައްސަލައިގައި ޖަލު ހުކުމާއި، ގޭ ބަންދުކުރުން، އަރުވާލުން ފަދަ ހުކުމް ތަކުގައި ތިބޭ މީހުންނަށް އަދަބު ލުއިކޮށްދިނުމުގެ އުސޫލު ކަނޑައަޅާނީ އެ ކުށެއްގެ ބޮޑު ކުޑަމިނަށް ބަލައި އެމީހެއްގެ ކުށުގެ ރެކޯޑުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ޕެރޯލް ބޯޑުން ކަނޑައަޅާ ގަވާއިދެއްގެ ދަށުންނެވެ. (އިސްލާހު ކުރެވިފައި)
132 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ނުލިބޭނެ ފަރާތްތައް
އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއްނަމަ، އެމީހަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެއެވެ.
(ހ) ގަސްދުގައި މީހަކު މެރުން.
(ށ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން.
(ނ) އެހެން ގާނޫނަކުން އަދަބު ލުއި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ގައިދީން.
133 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅުން
ޕެރޯލްގެ ފުރުސަތު ލިބިދެވޭނެ އެންމެ ކުރު މުއްދަތު ކަމަށް މި ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާން 6 (ހައެއް) މަސްދުވަހަށް ވުމުން ޕެރޯލްގެ ފުރުސަތަށް އެދި އޭނާއަށް ހުށަހެޅިދާނެއެވެ. އަދި އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންވާ ކަމަށް އޭނާ ދެކޭ ސަބަބުތަކާއި ޕެރޯލްގައި ދޫކުރެވިއްޖެނަމަ އޭނާ ކަންކުރާނެ ގޮތް ބަޔާންކޮށް ލިޔުމުން ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)
134 ވަނަ މާއްދާ - ގައިދީއާ އިންޓަރވިއު ކުރުން
ޕެރޯލްއާމެދު ގޮތެއް ނިންމުމުގެ ކުރިން ޕެރޯލް ބޯޑުން ގައިދީއާ އިންޓަރވިއު ކުރަންވާނެއެވެ.
135 ވަނަ މާއްދާ - ޕެރޯލްގެ ފުރުސަތު ދިނުމުގައި ރިއާޔަތްކުރަންވާނެ ކަންކަން
ޕެރޯލްގެ ފުރުސަތަށް އެދި ހުށަހަޅާފައިވާ މީހަކާމެދު ޕެރޯލް ބޯޑުން ގޮތެއް ނިންމުމުގައި ރިއާޔަތްކުރާނެ ކަންތައްތަކާއި އަމަލުކުރާނެ މިންގަނޑުތައް ޕެރޯލް ބޯޑުން ކަނޑައަޅައި އިއުލާންކުރަންވާނެއެވެ. އޭގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) އޭނާ ހުކުމް ތަންފީޒުކުރަމުންދާ ކުށް؛ (އިސްލާހު ކުރެވިފައި)
(ށ) (އުނި ކުރެވިފައި)
(ނ) އޭނާގެ ކުށުގެ ރެކޯޑެއްވާނަމަ އެ ރެކޯޑު؛
(ރ) އޭނާގެ އިޖްތިމާއީ މައްސަލައެއްވާނަމަ އެކަން (މަސްތުވާތަކެތި ބޭނުންކުރުމާއި ގޭތެރޭގައި ކުރާ އަނިޔާ ފަދަ މައްސަލަތައް ހިމެނޭ ގޮތުން)؛
(ބ) ވަގުތީގޮތުން ނުވަތަ ޕެރޯލްގައި ކުރިން ދޫކޮށްފައިވާނަމަ، ދޫކުރިއިރު އޭނާގެ އަހްލާގު ހުރި ގޮތް؛
(ޅ) އޭނާ ކުރިން އަދާކޮށްފައިވާ ވަޒީފާއާއި މަސައްކަތުގެ މައުލޫމާތު؛
(ކ) އޭނާ ޕެރޯލްގައި ދޫކުރުމުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކާ؛
(އ) ހުކުމް ތަންފީޒުކުރަމުން ގެންދިޔައިރު އޭނާގެ ސުލޫކު ހުރި ގޮތް؛ (އިސްލާހު ކުރެވިފައި)
(ވ) އޭނާގެ މައްޗަށް ނިޔާ ކަނޑައެޅި ފަނޑިޔާރު ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ށަރީއަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތައް؛
(މ) އޭނާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާ ނުވަތަ މީހުންގެ ފަރާތުން ލިބޭ މައުލޫމާތު؛
(ފ) އޭނާގެ ނަފްސާނީ ހާލަތު؛
(ދ) ކުށްކުރުމާމެދު އޭނާ ދެކޭގޮތަށް އައިސްފައިވާ ބަދަލު؛
(ތ) ގައިދީއެއްނަމަ، އޭނާ ޖަލުގައި ހުރި މުއްދަތުގައި ބައިވެރިވެފައިވާ ޕްރޮގްރާމްތަކާއި، އަދާކުރި ވަޒީފާތައް. (އިސްލާހު ކުރެވިފައި)
136 ވަނަ މާއްދާ - ޕެރޯލްގައި ދޫކުރުމުގައި ށަރުތު ކަނޑައެޅުން
ހުކުމް ތަންފީޒުކުރާ މީހަކު ޕެރޯލްގެ ދަށުން ދޫކުރުމުގައި، ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް ޕެރޯލް ބޯޑުން އޭނާއަށް ށަރުތު ކުރެވިދާނެއެވެ. އޭގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ގޭގައި ބަންދުކުރުން ނުވަތަ ދިރިއުޅޭ ސަރަހައްދުން ބޭރަށް ނުދިއުމަށް އެންގުން؛
(ށ) ޕެރޯލް ބޯޑުން ކަނޑައަޅާ ވަކި ގަޑިތަކަކަށް ވަކި ކަންތައްތަކެއް ކުރުން؛
(ނ) ކަނޑައަޅާފައިވާ ގޮތުގެމަތިން ޕެރޯލް އޮފިސަރަކަށް ރިޕޯޓުކުރަމުން ދިއުން؛
(ރ) ޕެރޯލް ބޯޑުން ކަނޑައަޅާ ޕްރޮގްރާމްތަކުގައި ބައިވެރިވުން؛
(ބ) ޕެރޯލް ބޯޑުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން؛
(ޅ) ޕެރޯލްގެ މުއްދަތުގައި ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރުނުކުރުން؛
(ކ) ޕެރޯލްގެ ގަވާއިދުތަކަށް ތަބާވުން.
137 ވަނަ މާއްދާ - ޕެރޯލް ބޯޑުގެ ނިންމުންތައް ރެކޯޑްކުރުމާއި ހާމަކުރުން
(ހ) ޕެރޯލް ބޯޑުން ކަމެއް ނިންމާނަމަ، އެ ނިންމުމާއި އެ ނިންމުން ނިންމި ސަބަބު ޕެރޯލް ބޯޑުން ލިޔެ އޭގެ ރެކޯޑްތައް ބަލަހައްޓަންވާނެއެވެ.
(ށ) ހުކުމް ތަންފީޒުކުރާ މީހަކަށް ޕެރޯލްގެ ފުރުސަތު ދިނުމާ ބެހޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމުގެ ކޮޕީއެއް އެމީހަކަށް ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
138 ވަނަ މާއްދާ - ޕެރޯލް އޮފިސަރުން އައްޔަނުކުރުން (އިސްލާހު ކުރެވިފައި)
(ހ) ޕެރޯލްގައި ދޫކުރެވިފައި ހުންނަ ކޮންމެ މީހަކަށް، އޭނާ ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލކުރުމަށް މަގުފަހިކޮށްދީ، އޭނާ އެގޮތަށް އަމަލުކުރޭތޯ ބެލުމަށް ޕެރޯލް އޮފިސަރެއް އައްޔަންކުރަންވާނެއެވެ.
(ށ) ޕެރޯލް އޮފިސަރުންގެ ޒިންމާތަކާއި، ޕެރޯލްގެ ދަށުން ދޫކުރާ މީހުން ޕެރޯލް އޮފިސަރުންނަށް ރިޕޯޓުކުރާނެ އުސޫލުތަކާއި، އެމީހުން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން އަމަލުކުރަންވާނެ އުސޫލުތައް، ޕެރޯލް ބޯޑުން ކަނޑައަޅަންވާނެއެވެ.
139 ވަނަ މާއްދާ - ޕެރޯލްގައި ތިބޭ މީހުންގެ މިނިވަންކަން
ޕެރޯލްގައި ދޫކޮށްފައިވާ މީހާގެ މައްޗަށް ކަނޑައަޅާފައިވާ ށަރުތުތަކާ އޭނާ ހިލާފުނުވާހާ ހިނދަކު، މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްފަދައިން އުޅުމުގެ މިނިވަންކަން އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ ޕެރޯލް ބާތިލުނުކުރާހާ ހިނދަކު ނުވަތަ ވަގުތީގޮތުން މެދުކަނޑާނުލާހާ ހިނދަކު، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ހުކުމުގެ ސަބަބުން ޕެރޯލްގައި ދޫކޮށްފައިވާ މުއްދަތުގައި އޭނާ ހުކުމަށް ރުޖޫއަކޮށްގެންނުވާނެއެވެ.(އިސްލާހު ކުރެވިފައި)
140 ވަނަ މާއްދާ - ޕެރޯލް ފުރިހަމަކުރުން
(ހ) ޕެރޯލްގައި ދޫކޮށްފައިވާ މީހާ އޭނާގެ މައްޗަށް ކުރެވިފައިވާ ޕެރޯލްގެ ށަރުތުތަކާ ހިލާފުނުވެ، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޕެރޯލްގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ޕެރޯލް ބޯޑުން ނިންމަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ޕެރޯލް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ޕެރޯލް ބޯޑުން ކަނޑައަޅާފައިވާ މީހާގެ ޖިނާއީ މައްސަލަތަކާމެދު ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.
- އޭނާގެ މައްޗަށް ތަންފީޒުކުރެވެމުންއައި ހުކުމް ނުވަތަ ހުކުމްތައް އިތުރަށް ތަންފީޒުކޮށްގެން ނުވާނެއެވެ.
- ޕެރޯލްގެ ފުރުސަތު ލިބުމުގެ ފަހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށްތަކާއި، ޕެރޯލްގެ ފުރުސަތު ލިބުމުގެ ކުރިން ކޮށްފައިވާ ނަމަވެސް އޭގެކުރިން ހާމަވެފައިނުވާ ކުށްތަކާގުޅޭ ތަހްގީގާއި ށަރީއަތްތައް ގާނޫނާ އެއްގޮތަށް ކުރިއަށްގެންދަންވާނެއެވެ.
141 ވަނަ މާއްދާ - ޕެރޯލް ސަސްޕެންޑް ކުރެވިދާނެ ހާލަތްތައް (އިސްލާހު ކުރެވިފައި)
އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ގައިދީގެ ޕެރޯލް، ޕެރޯލް ބޯޑަށް ސަސްޕެންޑް ކުރެވިދާނެއެވެ.
އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ޕެރޯލްގައި ދޫކުރެވިފައިވާ މީހާގެ ޕެރޯލް، ޕެރޯލް ބޯޑަށް ސަސްޕެންޑް ކުރެވިދާނެއެވެ.
(ހ) ހުކުމް ތަންފީޒުކުރާ މީހާ އޭނާއަށް ކަނޑައެޅިފައިވާ ޕެރޯލްގެ ށަރުތަކާ ހިލާފުވުން؛
(ށ) ޕެރޯލް ސަސްޕެންޑް ކުރުމަކީ ޕެރޯލްގެ ށަރުތުތަކާ ހިލާފުވިޔަ ނުދިނުމަށްޓަކައި ނުވަތަ މުޖުތަމައުގެ ސަލާމަތްކަމާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުން؛
(ނ) ޖިނާއީ ކުށެއްގެ ދައުވާއެއް އޭނާގެ މައްޗަށް ކުރެވުން ނުވަތަ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތަހްގީގަށް އޭނާ ހައްޔަރުކުރުން.
142 ވަނަ މާއްދާ - ޕެރޯލް ސަސްޕެންޑްވުމުގެ ނަތީޖާ
މި ގާނޫނުގެ 135 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕެރޯލްގައި ހުރި މީހެއްގެ ޕެރޯލް ސަސްޕެންޑް ކުރެވުމާއެކު، އޭނާގެ ޕެރޯލް އަލުން މުރާޖައާކުރެވެންދެން އެނބުރި ހުކުމަށް ރުޖޫއަކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ޕެރޯލް އަލުން މުރާޖައާކުރުމުގައި އަމަލުކުރާނީ މި ގާނޫނުގައި ކަނޑައަޅާފައިވާ ޕެރޯލް ސަސްޕެންޑްކުރެވޭ ހާލަތުގައި ނުވަތަ ޕެރޯލް ބާތިލްކުރެވޭ ހާލަތުގައި އޭނާ އަމަލުކޮށްފައިވާ ގޮތާއި ޕެރޯލްގެ މުއްދަތުގައި އޭނާއާމެދު އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ތެރެއިން ގަވާއިދު ތަންފީޒުކުރާ ފަރާތުން އިހުމާލުވެފައި ވޭތޯއާއި ޒަރޫރީ ހާލަތްތައް މެދުވެރިވެގެން ވަކި ގަޑިއަކަށް ވަކި ވަގުތަކަށް ވަކި ތަނަކަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވޭތޯއާއި އޭނާގެ ބެލެނިވެރިން ނުވަތަ ޕެރޯލް މުއްދަތުގައި އޭނާގެ އަމަލުތައް ބެލެހެއްޓުމަށް އިގްރާރުވެފައިވާ ފަރާތްތައް އިހުމާލުވެފައިވޭތޯއެވެ.
(ށ) މި މާއްދާގައި ބަޔާންކުރާ އެންމެހައި ކަންކަން ބަލައި މޮނިޓަރކުރާނެ އުސޫލެއް ގާއިމުކޮށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިފަދަކަންކަން ބަލައި މުރާޖައާކުރާނެ އުސޫލެއް ކަނޑައަޅަންވާނެއެވެ.
143 ވަނަ މާއްދާ - ޕެރޯލް ބާތިލުކުރުން
އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެ ހިނދެއްގައި، ޕެރޯލްގައި ދޫކޮށްފައި ހުރި މީހެއްގެ ޕެރޯލް، ޕެރޯލް ބޯޑުން ބާތިލުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ޕެރޯލްގައި ދޫކުރެވުނު ފަހުން އޭނާގެ ސުލޫކު ހުރި ގޮތުން، އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ވެދާނެކަމަށް ޕެރޯލް ބޯޑަށް ފެނުން؛ (އިސްލާހު ކުރެވިފައި)
(ށ) މަގްބޫލު ސަބަބެއް ދެއްކުމާއެކު އަލުން ޖަލަށް ރުޖޫއަވުމަށް ޕެރޯލްގައި ދޫކޮށްފައިހުރި ގައިދީ އެދުން؛
(ނ) ޖިނާއީ ކުށެއް އޭނާގެ މައްޗަށް ސާބިތުވެއްޖެކަމަށް ކޯޓުން ކަނޑައެޅުން.
144 ވަނަ މާއްދާ - ޕެރޯލް ބާތިލުކުރުމުގެ ނަތީޖާ
ޕެރޯލްގައި ދޫކުރެވިފައިވާ މީހެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ، ޕެރޯލްގެ ފުރުސަތު ދެވުމުގެ ކުރިން އޭނާ ހުރި ހާލަތަށް ރުޖޫއަވެ، އޭނާގެ ހުކުމުގެ ބާކީ އޮތްބައި ތަންފީޒުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
145 ވަނަ މާއްދާ - އަލުން ޕެރޯލަށް އެދުން
ހުކުމް ތަންފީޒުކުރާ މީހެއްގެ ޕެރޯލް ބާތިލުކޮށްފިނަމަ، ނުވަތަ އެއްވެސް ސަބަބަކަށްޓަކައި އެނބުރި ހުކުމަށް ރުޖޫއަކުރެވިއްޖެނަމަ، އެ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ވަންދެން އޭނާއަށް އަލުން ޕެރޯލްގެ ފުރުސަތަކަށް ނުއެދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
146 ވަނަ މާއްދާ - ޕެރޯލް ބޯޑުގެ ނިންމުމާމެދު އިއުތިރާޒްކުރުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) އަންނަނިވި ހާލަތްތަކުގައި، ހުކުމް ތަންފީޒުކުރާ މީހެއްގެ ޕެރޯލްއާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އެމީހަކު އިއުތިރާޒްކުރާނަމަ، އެ ނިންމުން މުރާޖައާކޮށްދިނުން އެދި،
އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން ޕެރޯލް ބޯޑަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އެ ނިންމުމާމެދު އިއުތިރާޒްކުރާ ސަބަބު ތަފްސީލުކޮށް ބަޔާންކުރަންވާނެއެވެ.
- ޕެރޯލް ބޯޑުގެ ނިންމުންތައް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ މުހިންމު މައުލޫމާތެއް
އެ ނިންމުން ނިންމި ވަގުތު ޕެރޯލް ބޯޑަށް ލިބިފައި ނެތުން؛ ނުވަތަ - އެ މައްސަލަ ބެލުމުގައި ގާނޫނާއި ގަވާއިދާ ނުވަތަ އިޖުރާއީ އުސޫލަކާ ހިލާފުވެފައިވުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އިއުތިރާޒްކޮށް އަލުން ޕެރޯލް ބޯޑަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާނީ، ޕެރޯލް ބޯޑުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހުކުމް ތަންފީޒުކުރާ މީހެއްގެ ޕެރޯލްއާ ގުޅޭގޮތުން ޕެރޯލް ބޯޑުން ނިންމާ ނިންމުމަކާމެދު އެމީހަކު އިއުތިރާޒްކޮށް ހުށަހެޅުމުން، ޕެރޯލް ބޯޑުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ށަރީއަތަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.
ސާދަވަނަ ބާބު
އާންމު މާއްދާތަކެއް
147 ވަނަ މާއްދާ - ގަވާއިދު އަންގައި ދިނުން
(ހ) މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތައް ޖަލު އޮފިސަރުންނާއި ގައިދީންނާއި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދީ، އެ ގަވާއިދުތައް އެމީހުންގެ ސަމާލުކަމަށް ގެނައުމަށް ކޮމިށަނަރާއި ޑައިރެކްޓަރ އޮފް ޕްރިޒަން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދާ އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތަކުގެ ތެރެއިން ގައިދީންނާ ގުޅުންހުރި އެންމެހައި ގަވާއިދުތަކާއި ޖަލު އަމުރުތައް ލިޔަންކިޔަން ނުދަންނަ ގައިދީންނަށް އަންގައިދިނުމަށް ޑައިރެކްޓަރ އޮފް ޕްރިޒަން އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެއެވެ. އަދި އެފަދަ ގަވާއިދުތަކާއި އަމުރުތައް ދިވެހި ބަސް ނޭނގޭ ގައިދީންނަށް އެނގޭނެ ބަހަކުން ކިޔައިދޭންވާނެއެވެ.
148 ވަނަ މާއްދާ - ތަފާތުގޮތަކަށް އަމަލުކުރެވިދާނެ ގައިދީންނާއި ބަންދުގައި ބައިތިއްބަން ޖެހޭ އެހެނިހެން މީހުން
(އިސްލާހު ކުރެވިފައި)
(ހ) އަންނަނިވި ގައިދީންނަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއް މެދުވެރިކޮށް ހާއްސަ ގޮތަކަށް އަމަލުކުރުމަށް މިނިސްޓަރަށް ހަމަޖެއްސިދާނެއެވެ.
- 18 (އަށާރަ) އަހަރު ނުފުރޭ ކުދިން؛
- ހާއްސަ އެހީއަށް ބޭނުންވާ މީހުން.
(ށ) ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ ދަށުން ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި، ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކަނޑައަޅާ ގޮތެއްގެމަތިން ބަންދުކުރެވޭ ބިދޭސީންނާމެދު އަމަލުކުރާނެ އުސޫލުތައް އެ ގާނޫނުގެ ދަށުން ކަނޑައެޅުމުގައި، މި ގާނޫނުގައި ގައިދީންނާއި ބަންދު މީހުންނާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކުރަންވާނެއެވެ.
149 ވަނަ މާއްދާ - ޖަލުގެ މިލްކިއްޔާތު ގަވާއިދާ ހިލާފަށް ބެހެއްޓުމާއި ވިއްކުން
(ހ) ޖަލު އޮފިސަރުން އެމީހުންގެ ވަޒީފާ އަދާކުރުމަށްޓަކައި ހަވާލުކުރެވިފައިވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ބަހައްޓައިފިނަމަ، އޭނާ އެކުރަނީ ކުށެކެވެ.
(ށ) މީހެއްގެ އަތުގައި، އެ އެއްޗެއް އޮތް ސަބަބު ބަޔާންކޮށް ނުދެވޭ، ޖަލުގެ މިލްކިއްޔާތުގެ ގޮތުގައި ހިމެނޭ އެއްޗެއް ބަހައްޓައިފިނަމަ، އޭނާ އެކުރަނީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ،25,000 (ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
(ރ) އެއްވެސް މީހަކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހުއްދައަކާ ނުލައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.
- ޖަލުގެ މިލްކިއްޔާތުގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް ގަތުން ނުވަތަ ލިބިގަތުން؛ ނުވަތަ
- ޖަލުގެ މިލްކިއްޔާތުގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް ވިއްކުމުގައި ނުވަތަ މީހަކަށް ދިނުމުގައި ބައިވެރިވުން ނުވަތަ އެހީތެރިވުން.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ،35,000 (ތިރީސްފަސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
150 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ކޮމިށަނަރެވެ.
(ށ) މި ގާނޫނުގައި ގަވާއިދު ހަދަންޖެހޭނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން އަންނަނިވި ކަންކަމާ ގުޅޭގޮތުން މިނިސްޓަރުގެ ލަފަޔާއެކު ކޮމިށަނަރ ގަވާއިދު ހަދަންވާނެއެވެ.
- ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދު.
- ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދު.
- މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ
- ޖަލު ބަލައި ފާސްކުރުމާއި ރިޕޯޓުކުރުމުގައި އިންސްޕެކްޓަރ އަމަލުކުރަންވީ ގޮތުގެ ގަވާއިދު.
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި، ގައިދީންގެ ފޮޓޯއާއި، އިނގިލީގެ ނިށާނާއި، ލޭގެ ގްރޫޕާއި، ދަތުގެ ނިށާނާއި، ހަށިގަނޑުގެ މިންނެގުން ފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު.
- އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅައި، އެތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ގަވާއިދު.
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު.
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބަންދުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު.
- ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު.
- ޕެރޯލްގެ
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓަރނަލް ޑިސިޕްލިނަރީ ގަވާއިދު.
- ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުންކުރުމާއި ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދު.
- ޖަލުގައި ކުއްލި ހާލަތެއް މެދުވެރިވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ
- ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު.
- ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވާ ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ ގަވާއިދު.
- އަރުވާލުމުގެ ހުކުމްގައި ގޭބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރުކަޒު ފިޔަވާ ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމާބެހޭ
- ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމުތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދު.
- ގޭބަންދު ހުކުމާއި، އަރުވާލުންފަދަ ހުކުމްތަކުގައި، ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނޭ ގޮތުގެ ގަވާއިދު.#
- އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގައި ހުންނަންޖެހޭ ށަރުތުތައް ބަޔާންކުރާ ގަވާއިދު.
- ހުކުމް ތަންފީޒުކުރާ މީހުން ކާވެނިކުރުމާބެހޭ ގަވާއިދު.
- ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު.
(ނ) މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކުރަންވާނެއެވެ.
151 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 1 (އެކެއް) މަސްދުވަސް ވުމުންނެވެ.
152 ވަނަ މާއްދާ - ޖަދުވަލުތަކަކީ ގާނޫނުގެ ބައެއްކަމަށް ކަނޑައެޅުން
މި ގާނޫނުގެ ޖަދުވަލުތަކަކީ މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ޖަދުވަލުތަކާ އެކުގައެވެ.
153 ވަނަ މާއްދާ - ގާނޫނަށް އިސްކަންދިނުން
މި ގާނޫނުގައި ބަޔާންވެގެންވާ ކަމެއް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނު ތަސްދީގުވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، މި ގާނޫނުގެ ބޭނުމަށްޓަކައި އެކަމަކާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންވެގެންވާ މިންވަރުން، އަމަލުކުރެވޭނީ މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
ފަނަރަވަނަ ބާބު
އިންތިގާލީ ކަންތައްތަކާބެހޭ ބާބު
154 ވަނަ މާއްދާ - މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެއްދުން
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކުގައި، ބަންދުކުރެވޭ މީހުންނާއި ހައްޔަރުކުރެވޭ މީހުންގެ ހައްގުތައްވެސް ހިމާޔަތް ކުރުމާއި، އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުމާއި، ފަހުން ހެދޭ ގާނޫނަކުންވިޔަސް އެއްވެސް އަދަބެއް ގައިދީއަކަށް ވިޔަސް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ކުރުމަށް ކަނޑައަޅާފައިވީހިނދު، ޖަލުތަކާއި ޕެރޯލްގެ ގާނޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުށްވެރިންނާއި ބަންދު މީހުންނާއި ތަހްގީގީ މަރުހަލާގައި ބަންދުކުރަންޖެހޭ މީހުންނާއި، ގައިދީންކުރެ އަދަބު ލުއިކޮށްދިނުމާއި ޕެރޯލްގެ އުސޫލުން ގައިދީން މިނިވަންކުރެވޭނެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ގާނޫނު ކަމަށްވީހިނދު، އަދި އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކާއި ކަސްޓޯޑިއަލް ޖަލުތައްފަދަ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ތަންތަނާއި މި ގާނޫނުގެ ދަށުން އަލަށް އުފައްދަންޖެހޭ އެތަށްކަމަކާއި، އަދި މިފަދަ ގާނޫނަކަށް އަމަލުކުރަން ފަށާއިރު ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ޖަލުތަކާއި ކުށްވެރިން ބެލެހެއްޓުމަށް މިހާރު އަމަލުކުރެވެމުންދާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އެފަދަ ތަންތަނުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންގެ ވަޒީފާއާއި އެފަރާތްތަކަށް ލިބޭ އިނާޔަތާއި އެފަދަ ފަރާތްތަކުން އަދާކުރަމުންދާ ގައުމީ ހިދުމަތުގެ މުއްދަތު މެދުނުކެނޑި މި ގާނޫނުގެ ދަށުން އަލަށް އުފެއްދޭ މުއައްސަސާއަކަށް ބަދަލުވެގެންދާހިނދު، އެފަރާތްތަކުން ކުރަމުންދާ ހިދުމަތުގެ މުއްދަތުވެސް މެދުނުކެނޑި މި ގާނޫނުގެ ދަށަށް ބަދަލުވެގެންދާނެ ގޮތް ހަމަޖެހުމާއި، މިފަދަ ކަންކަމާމެދު އަމަލުކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މުއްދަތެއް ދިނުމަށް މި ގާނޫނުގެ މި ބާބު ބޭނުންކުރަންވާނެއެވެ.
(ށ) މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ގާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފައްދަންވާނެއެވެ.
(ނ) މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ހިނގާނެ ގޮތުގެ ގަވާއިދުތައް މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އުފައްދަންދެން މިހާރުވެސް އަމަލުކުރެވެމުންދާ ގާނޫނުތަކަށް އަމަލުކުރަމުން ގެންދަންވާނެއެވެ.
155 ވަނަ މާއްދާ - ޖަލުތައް ކަނޑައެޅުން
(ހ) މި ގާނޫނު ތަސްދީގުވެ ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ތެރޭގައި މިހާރު ބޭނުންކުރާ އެންމެހައި ޖަލުތައް އެއީ މި ގާނޫނުގައި ބުނާ ޖަލުތައް ކަމުގައި ކަނޑައަޅަންވާނެއެވެ.
(ށ) މި ގާނޫނުގައި ގިންތިކޮށްފައިވާ އެކިއެކި ގިންތިއަށް ފެތޭގޮތަށް ޖަލުތަކާއި، ރިހެބިލިޓޭށަން ސެންޓަރާއި އަދި ޑިޓެންށަން ސެންޓަރުގެ ނަންތައް ކަނޑައަޅައި ހިންގުމުގެ އެންމެހައި ބާރު ގާނޫނު ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށް ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން މިނިސްޓަރަށް ލިބިގެންވެއެވެ.
(ނ) މި ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނާ 1 (އެކެއް) އަހަރުގެ މުއްދަތުގައި ގާނޫނުގައި ބުނާ ފެންވަރަށް ގިންތިކުރެވިފައިވާ ޖަލުތައް ހެދެންދެން މި ގާނޫނާ އެއްގޮތަށް ބޭނުންކުރާނީ މިހާރު ހުރި ޖަލުތަކެވެ. އަދި މި ޖަލުތަކުގެ ނަންތަކާއި، ސަރަހައްދުތައް ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރަންވާނެއެވެ. އިންތިގާލީ މަރުހަލާގައި މިފަދަ އިތުރު ތަނެއްގައި ޖަލެއްގެ އުސޫލުން މީހުން ބަންދުކުރަން ޖެހިއްޖެނަމަ އެފަދަ ތަނެއް ތައްޔާރުކޮށް ކުށްވެރިން ނުވަތަ ގައިދީން އެތަނެއްގައި ބޭތިއްބުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރަންވާނެއެވެ.
156 ވަނަ މާއްދާ - އިންތިގާލީ ބާބަށް އަމަލުކުރުން
(ހ) މި ބާބުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މި ގާނޫނުގެ ދަށުން އުފައްދަންޖެހޭ މުއައްސަސާތަކާއި އިދާރާތަކާއި ބޯޑުތަކާއި މަގާމުތަކާއި ޖަލުތައް އުފައްދައި އެތަންތަނުގައި އުފައްދާ މަގާމުތަކާ މީހުން ހަވާލުވެ އެކި މުއްދަތުގައި ކުރަން ހަމަޖައްސާފައިވާ ކަންކަން ކޮށް، މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތައް ފުރިހަމަވަންދެންނެވެ.
(ށ) އިންތިގާލީ މަރުހަލާގައި އަމަލުކުރެވޭނީ މި ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ ގޮތަށެވެ.
157 ވަނަ މާއްދާ - އޮފިސަރުން މަގާމުގައި ދެމިތިބުން
މި ގާނޫނަށް އަމަލުކުރާން ފަށާއިރު ތިބި ޖަލު އޮފިސަރުން މި ގާނޫނުގެ ދަށުން ގޮތެއް ކަނޑައެޅެންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
158 ވަނަ މާއްދާ - މުވައްޒަފުންގެ ހައްގުތަކާއި އިލްތިޒާމްތައް ބަދަލުވުން
އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައި ނުވާހާހިނދަކު، މި ގާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސް އުފެދުމާއެކު، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޑިޕާޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސަސްގެ އެންމެހައި މުވައްޒަފުންނާއި އެފަރާތްތަކުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމުތައް މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ބަދަލުވީއެވެ.
159 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތައް ދެމިއޮތުން
މި ގާނޫނަށް އަމަލުކުރާން ފަށާއިރު، އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން މި ގާނޫނާއި ތައާރުޒްނުވާ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރެވެމުންދާނެއެވެ.
160 ވަނަ މާއްދާ - އުވާލެވޭ ގަވާއިދުތައް
(ހ) މި ގާނޫނު ތަސްދީގުވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ތިރީގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އުވުނީއެވެ. އަދި އެ ގަވާއިދުތަކުގެ ދަށުން ހިނގަމުންއައި ނިޒާމުތަކާއި، ޕެރޯލްގެ ދަށުން ދޫކުރެވިފައިވާ މީހުން މި ގާނޫނުގެ ދަށުން ގާނޫނީ ހައިސިއްޔަތު ލިބެންދެން، އެމީހުންނާމެދު ހިނގަމުންއައި ނިޒާމުތަކާއި ޕެރޯލްގެ ދަށުން ދޫވެފައި ތިބިތިބުން ދެމިއޮންނާނެއެވެ.
- ޖަލުގެ ގަވާއިދު
- ޕެރޯލް ޕްރޮގްރާމްގެ ގަވާއިދު
(ށ) އިންތިގާލީ މަރުހަލާގައި މި ގާނޫނަށް އަމަލުކުރުމުގައި ދިމާވާ އެންމެހައި ދަތިތަކާއި ހަދަމުންދާ ގަވާއިދުތަކާއި ގާނޫނަށް ކޮންމެހެން ގެންނަން ޖެހިއްޖެ ބަދަލެއް ގެނައުމުގައި ދިމާވާ ކަންކަމުގެ މައްޗަށް އެކުލަވާލެވޭ ރިޕޯޓެއް، ކޮންމެ ތިން މަހަކުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.
160 ވަނަ މާއްދާ - ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.
(ހ) "ހުކުމް ތަންފީޒުކުރަމުންދާ މީހާ" ކަމަށް ބުނެފައިއެވަނީ، ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އޭނާގެ މައްޗަށް ހުކުމް ކަނޑައަޅައި، އެ ހުކުމް ތަންފީޒުކުރަމުންދާ މީހާއަށެވެ.
(ށ) "މެޑިކަލް އޮފިސަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ ޑޮކްޓަރަށެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައިއެވަނީ، ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާ ހިންގުމާ ހަވާލުވެހުރި މިނިސްޓަރަށެވެ.
(ރ) "މީހުންގެ ފުރާނައަށް ނުރައްކާ ނުވާ ފަދަ ހަތިޔާރު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ފުރާނައަށް ނުރައްކާ ނުވާނެ ގޮތެއްގެމަތިން، މީހެއްގެ ހަށިގަނޑަށް ނުކުޅެދޭ ހާލަތެއް މެދުވެރިކުރުވައިގެން ނުވަތަ އެފަދަ ހާލަތެއް މެދުވެރިނުކުރުވައި ނަމަވެސް، ޖަލުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށާއި ގައިދީންގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް ރޫޅާލުމަށް ބޭނުންކުރާ ހަތިޔާރަށެވެ. މީގެތެރޭގައި، ކަރުނަ ގޭހާއި، ޕެޕަރ ސްޕްރޭއާއި، ޓޭޒަރ ގަންއާއި، ސްޓަން ގަން ހިމެނެއެވެ.
(ބ) "ފުލުހުން" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހުވައި ކޮށްފައިތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށެވެ.
(ޅ) "ޖަލު" ކަކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކަސްޓޯޑިއަލް ޖަލުތަކާއި ރިމާންޑް ޖަލުތަކާއި އާންމު ޖަލުތަކަށެވެ. (އިސްލާހު ކުރެވިފައި)
(ކ) "ރިހެބިލިޓޭށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ހުކުމުގެ މުއްދަތުގައި ޕެރޯލްގެ އުސޫލުތަކާއި އެއްގޮތަށް ހާއްސަ ފަރުވާއެއް ދީގެން ގެންގުޅެން ޖެހިފައިވާ ފަރާތްތައް ބަންދުކޮށްފައި ބައިތިއްބާ ތަނަށެވެ.
(އ) "ޑިޓެންށަން ސެންޓަރު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) އާ ހިލާފުވެގެން ރާއްޖެއިން ޑީޕޯޓްކުރަންޖެހޭ މީހުން ކުރެ ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކަނޑައަޅާ އުސޫލެއްގެ މަތިން ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތަށް ބަންދުގައި ބައިތިއްބަންޖެހޭ މަރުކަޒަށެވެ.
(ވ) "ޖަލު އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ރިމާންޑް ޖަލެއް ނުވަތަ އާންމު ޖަލެއްގައިނަމަ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން އެ ޖަލެއްގައި މަސައްކަތްކުރަން އައްޔަނުކޮށްފައިވާ މުވައްޒަފަކަށެވެ.
(މ) "ވަގުތީގޮތުން ދޫކުރުން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ގައިދީއަކު ކަނޑައެޅޭ ވަކި މުއްދަތަކަށް ވަގުތީގޮތުން ޖަލުން ދޫކުރާ ދޫކުރުމަށެވެ. މީގެ ތެރޭގައި ޕެރޯލްގެ ފުރުސަތު ލިބިގެން ދޫކުރާ ދޫކުރުމެއް ނުހިމެނެއެވެ.
(ފ) "ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ކޮމިށަނަރ އޮފް ޕްރިޒަންސްއަށެވެ.
(ދ) "ޑައިރެކްޓަރ އޮފް ޕްރިޒަން" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ކޮންމެ ޖަލަކަށް އައްޔަނުކުރާ މީހަކަށެވެ.
(ތ) "އިންސްޕެކްޓަރ" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްއަށެވެ.
(ލ) "ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައިއެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށެވެ. (އިސްލާހު ކުރެވިފައި)
(ގ) "ބަންދު މީހުން" ކަމަށް ބުނެފައިއެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށެވެ.
(ޏ) "ޕެރޯލް" ކަމަށް ބުނެފައިއެވަނީ، ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ. (އިސްލާހު ކުރެވިފައި)
(ސ) "ހުކުމް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އުފެދިފައިވާ ކޯޓަކުން ކުރާ ހުކުމަށެވެ.
--------------------------
ޖަދުވަލު 1
ޖަލު އޮފިސަރުންގެ ހުވާ
"އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިހުރުމަށާއި، ހުކުމް ތަންފީޒުކުރަންޖެހޭ މީހުންގެ އިންސާނީ ކަރާމަތް އިހްތިރާމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިހުރުމަށާއި، ދައުލަތާއި ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ދެމިހުރުމަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ފަރާތުން ދިމާވެދާނެ ނުރައްކަލަކުން ރައްޔިތުން ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."
--------------------------
ޖަދުވަލު 2
ސަލާމަތީ ގިންތީގެ ދަރަޖަތައް
ގައިދީއަކު ޖަލުގައި ނުވަތަ ޖަލުގެ ބައެއްގައި ބެހެއްޓުމުގައި އެމީހަކު ބަލަހައްޓާނެ މިންވަރަކާއި އަދި އެމީހަކު ބަންދުގައި ބަހައްޓާނެ ޖަލުގެ ސަރަހައްދެއް ނިންމުމަށްޓަކައި ކަނޑައަޅަންޖެހޭ ސަލާމަތީ ގިންތީގެ ދަރަޖަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖަ
ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭނީ ތިރީގައި ބަޔާންކޮށްފައިވާ މީހުންނެވެ.
- ޖަލުން ފިލާފާނެ ކަމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ގަބޫލުކުރެވޭ އަދި އެމީހަކު ފިލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުން؛ އަދި / ނުވަތަ
- ޖަލުގައި ތިބޭ އެހެން ގައީދީންނަށާއި ޖަލު އޮފިސަރުންގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ގަބޫލުކުރެވޭ މީހުން.
ސަލާމަތީ ގިންތީގެ މެދު ދަރަޖަ
ސަލާމަތީ ގިންތީގެ މެދު ދަރަޖައިގައި ތިބޭނީ ތިރީގައި ބަޔާންކޮށްފައިވާ މީހުންނެވެ.
- ޖަލުން ފިލާފާނެކަމަށް ގަބޫލުކުރެވޭ އަދި އެމީހަކު ފިލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުން؛ އަދި / ނުވަތަ
- ޖަލުގައި ތިބޭ އެހެން ގައިދީންނަށާއި ޖަލު އޮފިސަރުންގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުން.
ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖަ
ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭނީ، ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖަ އާއި މެދު ދަރަޖައިގައި ނުހިމެނޭ މީހުންނެވެ.
--------------------------
ޖަދުވަލު 3
ޖަލުގައި ހިންގަންޖެހޭ މުހިންމު ޖަލު އަމުރުތައް
- ޖަލަށް ގެނެވޭ ގައިދީން ބަލައިގަނެ ޖަލަށް އަހުލުވެރިކުރުވުން
- ސަލާމަތީ ގިންތި ކަނޑައެޅުމާއި ބައިތިއްބާނެ ތަން ކަނޑައެޅުން
- ހުކުމް ތަންފީޒުކުރުމާއި ރީހެބިލިޓޭޓްކުރާނެ ޕްލޭނެއް ކަނޑައެޅުން
- ކާންދިނުން
- ބޭސްފަރުވާ ކުރުން
- އާއިލާއާ ގުޅުން ދެމެހެއްޓުމާއި ޖަލަށް ޒިޔާރަތްކުރުން
- ސިޓީލިޔުމާއި ލިބިގަތުން
- ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރުމާއި ކަސްރަތުކުރުން
- ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިޔުން
- ހާއްސަ ހާލަތްތަކުގައި ގައިދީން ޖަލުން ނެރުން
- ގައިދީންނަށް ވަޒީފާ ދިނުމާއި މަސައްކަތްކުރުވުން
- އާއިލާއިން ގައިދީންނަށް އެއްޗެހި ފޮނުވުން
- ޖަލުގެ އަމަން އާންމު ބެލެހެއްޓުން
- ޖަލުގައި ފޯރިމެރުން
- ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ޑިއުޓީ ކަނޑައެޅުން
- ޖަލުގެ ސަރަހައްދުތަކުގެ ސެކިއުރިޓީ ލެވެލް ކަނޑައެޅުމާއި، އެ ތަންތަނަށް ވަދެވޭ މީހުން ކަނޑައެޅުމާއި، ފާސްނެތި ނުވަދެވޭގޮތަށް ހަމަޖެއްސުން
- ޖަލުގެ ސާފުތާހިރުކަން ބެލެހެއްޓުން
- ފެނާއި ކަރަންޓުގެ އިސްރާފު ކުޑަކުރުން
- ގައިދީން ތިބޭ ތަންތަން ބަލައި މަރާމާތުކުރުން
- އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް
- އެމަރޖެންސީ ހާލަތްތަކުގައި ހާއްސަ ސެކިއުރިޓީ އޮފިސަރުންގެ އެހީއާއި، ފުލުހުންނާއި ސިފައިންގެ އެހީ ހޯދުން
- ހަޅުތާލުކުރުމާ ގުޅިގެން އަޅާނެ ފިޔަވަޅު
- ނުކިޔަމަންތެރިވާ ގައިދީންނާމެދު އަޅާނެ ފިޔަވަޅު
- ގައިދީން މާރާމާރީ ހިންގުމާއި މުދަލަށް ގެއްލުން ދިނުމާ ގުޅިގެން އަޅާނެ ފިޔަވަޅު
- ހަތިޔާރު ގެންގުޅުމާއި ބިޑި އެޅުވުން
- އެކަހެރިކުރުން
- ޖަލުން ފިލާ މީހުންނާމެދު އަމަލުކުރެވޭ ގޮތް
މައި ގާނޫނު
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 14/2013)
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދުނު ގައިދާއި އުސޫލު
- ޕެރޯލްގެ ގަވާއިދު (ގަވާއިދު ނަންބަރު 86/2020)
- ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 80/2020)
- ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް 1 ވަނަ އިސްލާހުގެނައުމުގެ އުސޫލު (23 އޮކްޓޫބަރު 2019)
- އިންސްޕެކްޓަރ އޮފް ކަރެކްށަނަލް ސަރވިސްގެ ށަރުތު ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 1031/2019)
- ބަންދުގައި ތިބޭ މީހުންގެ ތެރެއިން ގާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަގާމޔތަކުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 36/2016)
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި، ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 34/2016)
- ހުކުމް ތަންފީޒުކުރާ މީހުން އަމަލުކުރަންޖެހޭ މެޑިކަލް ގަވާއިދު (ގަވާއިދު ނަންބަރު 223/2015)
- ގަވާއިދު ނަންބަރު 218/2015 (މޯލްޑިވްސްގެ ކަރެކްށަނަލް ސަރވިސްގެ ވަޒީފާއާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 218/2015)
- ޖަލުބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 145/2015)
- ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ޖަލުގައި އަމަލުކުރަންވީގޮތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 144/2015)
- ގޭބަންދު ހުކުމާއި، އަރުވާލުން ފަދަ ހުކުމްތަކުގައި ހުކުމް ތަންފީޒުކުރަންޖެހޭ މީހުންނާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 136/2015)
- ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ކުރާ ކުށްތައް ބަލައި، އެމީހުންގެ މައްޗަށް ސާބިތުވާ ކުށްތަކާމެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރާ އިންޓާރނަލް ޑިސިޕްލިނަރީ ގަވާއިދު (ގަވާއިދު ނަންބަރު 135/2015)
- ގައިދީންގެ ނުވަތަ ބަންދު މީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 134/2015)
- އޮފިސަރުންގެ ސުލޫކީ މިންގަނޑު (ގަވާއިދު ނަންބަރު 133/2015)
- ގައިދީން ނުވަތަ ބަންދުމީހުން ޔުނީފޯމްލާގޮތަށް ހަމަޖައްސާފައިވާ ޖަލުތަކުގައި ޔުނީފޯމް ލެއްވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 132/2015)
- ރިޓަޔަރ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 130/2015)
- އަރުވާލުމުގެ ހުކުމުގައާއި، ގޭބަންދުގައި ބައިތިއްބަންޖެހޭ މީހުން ޖަލުގެ ސިއްހީ މަރްކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 129/2015)
- ޖަލުގައި ކުއްލި ހާލަތެއް މެދުވެރިވެގެން ސިފައިން ނުވަތަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 128/2015)
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 127/2015)
- އެއްވެސް ވެރިއަކު ނުވާ ތަކެތި ވިއްކާލާނެ ނުވަތަ ނައްތާލާނެ ގޮތުގެ އުސޫލުތަކެއް ކަނޑައަޅާއި، އެތަކެތި ވިއްކާލާނަމަ، ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނެގޮތް ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 17/2015)
- ޖަލުގެ އިދާރީ ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2015)
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެމީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 3/2015)
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރުގެ ދަށުން ބަންދުގައި ތިބެންޖެހޭ މީހުންގެ ހަށިގަނޑުން ސާމްޕަލް ނެގުމާއި ގައިދީންގެ ފޮޓޯއާއި އިނގިލީގެ ނިށާނާއި ލޭގެ ގްރޫޕާއި ދަތުގު ނިށާނާއި ހަށިގަނޑުގެ މިންނެގުން ފަދަ ކާކުކަން އަންގައިދިނުމަށްޓަކައި ހޯދަންޖެހޭ ތަފާތު މައުލޫމާތުތައް ހޯދުމުގައި ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 4/2015)
- ވަގުތީގޮތުން ގައިދީން ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 5/2015)
- ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން، ޖަލުގެ ސިއްހީ މަރުކަޒު ފިޔަވައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ތަންތަނާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 187/20)
- ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހަކު ފިލައިފިނަމަ، އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 186/2014)
- އިންސްޕެކްށަނަރ އޮފް ކަރެކްށަނަލް ސަރވިސް ގެ ށަރުތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 165/2014)
- ޕެރޯލްގެ ގަވާއިދު (ގަވާއިދު ނަންބަރު 162/2014)
- ޑީޕީއާރުއެސްގެ އިސްވެރިޔާއާއި ސިވިލް ސަރވިސް ކޮމިށަނާ ދެމެދު މުވާސަލާތުތައް މަގު ކުރުކޮށް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 56/2013)
ކިޔުންތެރިންގެ ހިޔާލު