ފަނޑިޔާރުންގެ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-13)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ، 8ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނެވެ.
(ށ) މި ގާނޫނުގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ށަރުތުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ އާންމު އުސޫލުތަކާއި، މުސާރައާއި އިނާޔަތާގުޅޭ އުސޫލުތައް ބަޔާންވެގެންވެއެވެ.
(ނ) މި ގާނޫނަށް ކިޔާނީ "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ފަނޑިޔާރުންގެ މަގާމު
(ހ) ފަނޑިޔާރުކަމުގެ މަގާމަކީ، ދައުލަތުގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަދުލު އިންސާފު ގާއިމުކުރުމުގެ ވާޖިބު އަދާކުރުމަށްޓަކައި، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ކަނޑައެޅޭ ބަޔަކާ ހަވާލުކުރެވޭ މަގާމެކެވެ.
(ށ) ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމުގައި އެންމެމަތީ މިންގަނޑުގެ އިހްލާސްތެރިކަމާއި، އިހްސާންތެރިކަމާއި، ވަފާތެރިކަމާއި، އަމާނާތްތެރިކަމާއި، މަސްއޫލުވެރިކަމާއި މަސައްކަތުގެ އަހްލާގު ގެންގުޅެންވާނެއެވެ.
(ނ) ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އަދާކުރަންވާނީ ގާނޫނުއަސާސީއާއި، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) އާއި، މި ގާނޫނާއި، އެނޫންވެސް ކޯޓުތަކުގެ މަސައްކަތްތަކާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ތަބާވުން ހިމެނޭ ގޮތުގެމަތިންނެވެ. (އިސްލާހު ކުރެވިފައި)
3 ވަނަ މާއްދާ - ފަނޑިޔާރުންގެ މާނަ
(ހ) މި ގާނޫނުގައި އެ އިބާރާތް ބޭނުންކޮށްފައިވާގޮތުން، އެހެން މާނައެއް ދޭހަނުވާހާހިނދަކު، ފަނޑިޔާރުންކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގައިވާ ގޮތުގެމަތިން އުފައްދާ ދަށު ކޯޓުތަކުގައި، މި ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމު ހަވާލުކުރެވޭ މީހުންނަށެވެ.
(ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުންގެ މަގާމުގައި ދެމިތިބޭ މީހުންނަކީ، އެ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ މަގާމަށް އައްޔަންކުރެވެންދެން، ނުވަތަ އެ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، މަގާމުން ވަކިކުރެވެންދެން، ފަނޑިޔާރުންކަމުގައި، މި ގާނޫނުގެ މަގްސަދަށްޓަކައި ބެލެވޭނެއެވެ.
(ނ) ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ތަފާތު ދަރަޖައިގެ ކޯޓުތައް ގާއިމުވެ ހުންނަހިނދު، އެ ކޯޓުތަކުގެ ދަރަޖައިގެ މައްޗަށް ބިނާކޮށް، ފަނޑިޔާރުންނަށް ވަކި ނަމަކުން މުހާތަބުކުރުމަކީ، ނުވަތަ ވަކި ފަނޑިޔާރަކީ ވަކި ދަރަޖައެއްގެ ފަނޑިޔާރެއްކަމުގައި ކަނޑައެޅުމަކީ، މި ގާނޫނު ހުރަސްއަޅާކަމެއް ނޫނެވެ.
ފުރަތަމަ ބާބު
ފަނޑިޔާރުންނާބެހޭ މައިގަނޑު އުސޫލުތައް
4 ވަނަ މާއްދާ - މިނިވަންކަމާއި މުސްތަގިއްލުކަން
(ހ) ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ލިބިގެންވާ ބައެކެވެ. (އިސްލާހު ކުރެވިފައި)
(ށ) އަދުލު އިންސާފު ގާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ފަނޑިޔާރުންނަކީ، އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫނެވެ. އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރިހަމަ ގާނޫނީ އިހްތިޔާރާއި މިނިވަންކަމާއި ބާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމުގައި ބަލައިގަނެ އެ އިހްތިޔާރާއި މިނިވަންކަމާއި ބާރު ފަނޑިޔާރުންނަށް ލިބެމުންދާކަން ކަށަވަރުކުރުމަކީ، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި އެނޫންވެސް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ލާޒިމުވެގެންވާ ކަމެކެވެ. (އިސްލާހު ކުރެވިފައި)
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެ ތަންތަނަކީ، ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހައުދުނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ދަރީއާއިންނާއި، އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންކަން ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެއެވެ. (އިތުރު ކުރެވިފައި)
5 ވަނަ މާއްދާ - ފަނޑިޔާރުންގެ ނިންމުންތަކާއި، ހުކުމްތަކާއި، އަމުރުތަކުގެ އަސްލު
(ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން އަމަލުކުރާނީ ގާނޫނުއަސާސީއާއި ގާނޫނަށެވެ. ގާނޫނުއަސާސީއާއި ގާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ށަރީއަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިއާޔަތްކުރަންވާނެއެވެ.
- މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާ.
- މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ހުކުމް.
- ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތައައްސުބުން އެއްކިބާވުން.
6 ވަނަ މާއްދާ - ވަޒީފާގައި ދެމިހުރުން
(ހ) ގާނޫނުއަސާސީއާއި ގާނޫނުގައި އެހެންގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، ގާނޫނުއަސާސީގައި ބަޔާންކުރެވިގެންވާގޮތަށް އައްޔަންކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫނެވެ. އަދި އެ ފަނޑިޔާރުން މަގާމަށް އައްޔަންވީއްސުރެ މަގާމުން މުސްކުޅިކުރެވެންދެން މަގާމުގައި ދެމިތިބޭނެއެވެ. އަދި އެއިން ކޮންމެ ފަނޑިޔާރަކުވެސް އޭނާ އައްޔަންކުރެވިފައިވާ ކޯޓެއްގައި މަސައްކަތްކުރާނީ ދާއިމީ ސިފައެއްގައެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 15 (ފަނަރަ) އަހަރުވަންދެން، 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު އައްޔަންކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
7 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުގެ އިތުބާރު ދެމެހެއްޓުން
ފަނޑިޔާރަކު، ހުރިހާ ވަގުތެއްގައިވެސް އޭނާގެ މުސްތަގިއްލުކަމާއި އަދުލުވެރިކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމުގެ އިތުބާރު ހިފަހައްޓަންވާނެއެވެ.
8 ވަނަ މާއްދާ - މުސާރައާއި އިނާޔަތް
(ހ) ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންވާފަދަ މުސާރައާއި އިނާޔަތްތައް ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކަނޑައަޅާ މުސާރައަކީ، ފަނޑިޔާރެއްގެ އާއިލާ ދެމެހެއްޓުމަށާއި، އަމިއްލަ މުސްތަގިއްލުކަން ރައްކާތެރިކުރުމަށްޓަކައި، އެކަށީގެންވާ މުސާރައާއި އިނާޔަތެއްކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރަންވާނެއެވެ.
9 ވަނަ މާއްދާ - ފަނޑިޔާރަކު ނިންމި ނިންމުމާމެދު ޖަވާބުދާރީ ނުކުރުވުން
ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާގުޅިގެން ނުވަތަ ކުރި ހުކުމަކާގުޅިގެން، ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުސޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ފިޔަވަޅުއެޅުމަށް ގާނޫނުއަސާސީއާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެއެވެ.
10 ވަނަ މާއްދާ - ޖަމްއިއްޔާ ޖަމާއަތް ހެދުމުގެ ހައްގު
(ހ) ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށާއި، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަށާއި، އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ ގޮތުން، ފަނޑިޔާރުންގެ މެދުގައި، އެމީހުންގެ މައްޗަށް އެކަނި އެކުލެވިގެންވާގޮތަށް ޖަމްއިއްޔާ ހެދުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފަނޑިޔާރުންގެ ގަދަރާއި ހައިބަތު ދެމެހެއްޓުމަށްޓަކައި، މި މާއްދާގެ ދަށުން އެއްވަގުތެއްގައި ރަޖިސްޓަރީކޮށް ހިންގާނީ އެއް ޖަމްއިއްޔާއެވެ.
11 ވަނަ މާއްދާ - އިތުރު ތަމްރީނު ލިބުމުގެ ހައްގު
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބޭނުންވާ އިތުރު ތަމްރީނުތައް ދިވެހި ދައުލަތުގެ ހަރަދުގައި ފަނޑިޔާރުންނަށް ލިބިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ތަމްރީނުގެ ބާވަތްތަކާއި، މުއްދަތުތަކާއި، އެ ތަމްރީނުދެވޭ ގޮތްތައް ކަނޑައަޅާނީ، އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އުއްތަމަފަނޑިޔާރުގެ ލަފާގެމަތިން ޑިޕާރޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.
12 ވަނަ މާއްދާ - ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒު
(ހ) ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި މެނުވީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެތެރޭގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ނުވަތަ އެނޫންވެސް ހާލަތެއްގައި ޖިނާއީ ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވިގެން ފަނޑިޔާރަކު ހައްޔަރުކުރަންވާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހްގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުމުން، އެއީ އެކަށީގެންވާ ކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އޭނާއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހާލަތެއްގައި، ހައްޔަރުކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްކަމުގައިވާނަމަ، އޭނާ ހައްޔަރުކުރަންވާނީ އެ ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރާ އަމުރަކަށެވެ.
13 ވަނަ މާއްދާ - ހިމާޔަތާއި ރައްކާތެރިކަން (ސުރުހީ އިސްލާހު1، އިސްލާހު2 ކުރެވިފައި)
(ހ) ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެކެވެ. (އިސްލާހު1، އިސްލާހު2 ކުރެވިފައި)
(ށ) އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) އުއްތަމަފަނޑިޔާރު ފިޔަވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، ގާނޫނު ނަންބަރު 1/2008 (ދިވެހިރާއްޖޭގެ ގާނޫނު) ގެ ދަށުން ހަދާ ކަމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ. (އިސްލާހު ކުރެވިފައި)
(ރ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ، އެ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އެ ވަގުތަކަށް ބޭނުންވާ މިންވަރަކަށް ރިއާޔަތްކޮށް ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގެ ދަށުން، ފަނޑިޔާރަކަށް ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ މިންވަރު ކަނޑައެޅުމާއި، އަދި އެ ފަނޑިޔާރަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލުތައް، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާއާއެކު ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލަންވާނެއެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލާ އުސޫލުގައި ފަނޑިޔާރުންނަށް ކުރިމަތިވެދާނެ ނުރައްކަލުގެ ހާލަތްތަކާއި، އެފަދަ ހާލަތްތައް ދެނެގަންނާނެ ގޮތްތަކާއި، ވަކިވަކި ފަނޑިޔާރުންނަށް އޮތް ރިސްކަށް ބިނާކޮށް އެ ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭކަން ކަނޑައެޅުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ރިއާޔަތްކުރާނެ ކަންކަމާއި، ރިސްކް އޮތް ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ގޮތާއި، ރިސްކް ރިޕޯޓުކުރުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުގެ ދައުރު ބަޔާންކޮށްފައި އޮންނަންވާނެއެވެ. (އިތުރު ކުރެވިފައި)
13-1 އުއްތަމަފަނޑިޔާރު ދިރިއުޅޭނެ ރަސްމީ ތަން (އިތުރު ކުރެވިފައި)
(ހ) އުއްތަމަފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުއްތަމަފަނޑިޔާރު ދިރިއުޅުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއް ކަމުގައިވާންވާނެއެވެ.
(ނ) އުއްތަމަފަނޑިޔާރު ދިރިއުޅޭ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.
(ރ) އުއްތަމަފަނޑިޔާރު ދިރިއުޅޭ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.
(ބ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އުއްތަމަފަނޑިޔާރުގެ އާއިލާ ކަމަށް ބުނެފައި އެވަނީ، އުއްތަމަފަނޑިޔާރާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި، އުމުރުން 18 އަހަރު ނުފުރޭ ދަރިންނާއި، 18 އަހަރު ފުރިފައިވީނަމަވެސް ކާވެންޏެއް ނުކޮށް ތިބޭ ދަރިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރިންނާއި، އުއްތަމަފަނޑިޔާރުގެ މަންމައާއި ބައްޕައަށެވެ.
14 ވަނަ މާއްދާ - ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުން
ފަނޑިޔާރަކާމެދު ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ފިޔަވަޅެއް އެޅުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމައިފިނަމަ، އެ ފިޔަވަޅެއް އެޅުމުގެކުރިން، އެކަން އެ ފަނޑިޔާރަކަށް ލިޔުމުން އަންގަންވާނެއެވެ. އަދި، އެއްވެސް ލިޔުމެއް ނުވަތަ ނޯޓެއް ފަނޑިޔާރެއްގެ މައުލޫމާތު ފައިލަށް އިތުރުކުރެވިއްޖެނަމަ، އެކަން އެ ފަނޑިޔާރަކަށް އަންގައި، އެ ލިޔުމުގެ ކޮޕީއެއް އެ ފަނޑިޔާރަކަށް ދޭންވާނެއެވެ.
ދެވަނަ ބާބު
ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުން
15 ވަނަ މާއްދާ - ފަނޑިޔާރުންގައި ހުރުން ލާޒިމް ށަރުތުތައް
(ހ) ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ މި މާއްދާގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު، ފަނޑިޔާރެއްގެ ވާޖިބާއި މަސްއޫލިއްޔަތު އުފުލޭފަދަ ގާބިލު މީހުންނަށް ވާންވާނެއެވެ. އަދި އެބައި މީހުންނަކީ އަހްލާގު ރަނގަޅު ބަޔަކަށް ވާންވާނެއެވެ.
(ށ) ގާނޫނުއަސާސީއާއި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި އަންނަނިވި ސިފަތައް ހަމަވާންވާނެއެވެ.
- މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހެއްކަމުގައިވުން؛
- އުމުރުން 25 އަހަރުފުރިފައިވާ މީހެއްކަމުގައިވުން؛
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތައުލީމު ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އަންނަނިވި ސިފަތައް އެމީހުންގެ ކިބައިގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.
1. ސުޕްރީމް ކޯޓު، ހައިކޯޓު ނުވަތަ ދަށު ކޯޓަކަށް ކުރިމަތިލާ ފަރާތެއްނަމަ، އިސްލާމީ ށަރީއާ ނުވަތަ ގާނޫނު؛ ނުވަތަ ގާނޫނާއި އިސްލާމީ ށަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން؛
2. (އުނި ކުރެވިފައި)
3. މިގޮތަށް ހުށަހެޅޭ ސެޓުފިކެޓުތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަށްވާންވާނެއެވެ.
(1-ނ) ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޑިގްރީއެއް ހާސިލުކޮށްފައިނުވާ ފަނޑިޔާރުން، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، އެފަދަ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވާންވާނެއެވެ. އަދި، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، އެ ޕްރޮގްރާމް ފުރިހަމަކޮށް ޑިގްރީ ހާސިލުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(2-ނ) މި މާއްދާގެ (1-ނ) ގައި ބަޔާންކުރާ ގޮތުގެމަތިން އިސްލާމީ ށަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ށަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރުމުން، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތު އެ ފަނޑިޔާރެއްގެ ކިބައިގައި ފުރިހަމަވެއްޖެކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
(3-ނ) މި މާއްދާގެ (1-ނ) ގައި، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މަގްބޫލު އުޒުރެއް ނެތި، އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވެފައިނުވާނަމަ ނުވަތަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށް ޑިގްރީ ހާސިލުކުރުމަށް އެ އަކުރުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މަގްބޫލު އުޒުރެއް ނެތި، ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލުކުރެވިފައިނުވާނަމަ، އެ ފަނޑިޔާރެއްގެ ކިބައިގައި މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތު ފުރިހަމަނުވާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅަންވާނެއެވެ. އަދި އެ ހާލަތުގައި މި ގާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގެ ދަށުން އެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ކަމުގައި ބެލެވޭނެއެވެ. (އިތުރު ކުރެވިފައި)
(4-ނ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށާއިރު ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ށަރުތު ފުރިހަމަނުވާ ފަނޑިޔާރުން މި މާއްދާގެ (1-ނ) ގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު މި މާއްދާގެ (2-ނ) ގެ ދަށުން ނުވަތަ މި މާއްދާގެ (3-ނ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން ގޮތެއް ކަނޑައަޅަންދެން، އެ ފަނޑިޔާރުން މަގާމުގައި ދެމިތިބޭނެއެވެ. (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ފަނޑިޔާރުކަމުގެ މައާމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެމީހުންނަކީ ތިރީގައިވާ މުއްދަތަށް ފަނޑިޔާރުކަމުގައި ނުވަތަ އާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށްފައިވާ މީހުންނަށް ވާންވާނެއެވެ (އިސްލާހު ކުރެވިފައި)
- ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ؛
- ހައިކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ؛
- ސުޕީރިއަރ ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ. (އިސްލާހު ކުރެވިފައި)
- މެޖިސްޓްރޭޓް ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ؛ (އިތުރު ކުރެވިފައި)
(ރ)-1 މި މާއްދާގެ (ހ) އާއި (ށ) ވަނަ ނަންބަރުގެ ބޭނުމަށް ދަށު ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް، ކުރިމަތިލާ މީހަކު، އެއިން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އޮފިސަރކަމުގެ މަގާމުގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވާނަމަ، އޭނާއަކީ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއްކަމުގައި ބަލަންވާނެއެވެ. (އިތުރު ކުރެވި، އިސްލާހު ކުރެވިފަިއ)
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން، ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންނަކީ އަހްލާގު ރަނގަޅު ބައެއްކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަންނަނިވި ސިފަތައް އެމީހުންގެ ކިބައިގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.
- ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެހުކުމް ވޭތުވެދިޔަ 7 (ހަތެއް) އަހަރުދުވަހުގެތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކުކަމުގައި ނުވުން؛
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
(ޅ) ގާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ މަސައްކަތްކުރާ ބަޔަކަށް ފަނޑިޔާރުން ހެދުމުގެ ބޭނުމުގައި، އަންނަނިވި ސިފަތައް ފަނޑިޔާރުންގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީކަމެއްގައި ހަރަކާތްތެރިވާ މީހަކުކަމުގައި ނުވުން؛
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން.
(ކ) މި ގާނޫނު ފާސްކުރާއިރު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަނުވާ ފަނޑިޔާރުންނަށް އެ ށަރުތު ފުރިހަމަކުރުމަށް 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ދޭންވާނެއެވެ. އެ މުއްދަތު ނިމޭއިރު، އެއިން ފަނޑިޔާރެއްގައި، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ހުންނަންވާނެކަމަށް ބަޔާންކުރާ ށަރުތެއް ފުރިހަމަނުވާނަމަ، އޭނާއަކީ އެކަށީގެންވާ އިލްމު ލިބިގެންވާ ފަނޑިޔާރެއް ނޫންކަމަށް ކަނޑައެޅުމުގެ ފުރުސަތު ޖުޑީށަލް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެ ކޮމިށަނުން އެހެން ކަނޑައަޅައިފިނަމަ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(އ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި އެހެން އޮތްނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ އުމުރުން 30 އަހަރުވެފައިވާ މީހަކުކަމުގައި ވާންވާނެއެވެ.
(ވ) މި މާއްދާ އެހެން އޮތްނަމަވެސް، ވަކި ގާނޫނަކުން އުފައްދާ ދަށު ކޯޓެއްގެ ފަނޑިޔާރުންގެ ހުރުން ލާޒިމްކުރާ ށަރުތުތައް އެ ގާނޫނުގައި ކަނޑައެޅުން، މި ގާނޫނު ހުރަހެއްނާޅައެވެ.
16 ވަނަ މާއްދާ - ފަނޑިޔާރުން އައްޔަންކުރުން
(ހ) އެހެން ގާނޫނަކުން އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ސުޕްރީމް ކޯޓުގައި ހިމެނިގެންވާނީ، އުއްތަމަފަނޑިޔާރާއި، އިތުރު 6 (ހައެއް) ފަނޑިޔާރުންނާއެކު ޖުމްލަ 7 (ހަތެއް) ފަނޑިޔާރުންނެވެ.
(ށ) ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރުކުރާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
(ނ) ސުޕްރީމް ކޯޓުގެ އެންމެހައި ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިހްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.
(ރ) އެހެން ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، ގާނޫނުއަސާސީގެ 146 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ހައިކޯޓުގައި ހިމެނިގެންވާނީ 11 (އެގާރަ) ފަނޑިޔާރުންނެވެ.
(ބ) އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި، އެހެނިހެން ފަނޑިޔާރުން އައްޔަންކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
(ޅ) (އުނި ކުރެވިފައި)
17 ވަނަ މާއްދާ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުން
މި ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
(ހ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު ނުވަތަ މީހުން އައްޔަންކުރަން ޖެހިއްޖެނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރިވިސް ކޮމިށަނުން ހުށަހަޅާ މީހުންގެ ނަންތައް، އެ މަގާމު ހުސްވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އެންގުމުން، ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭމީހުންނަށް އެކަމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަށް އެ ކޮމިށަނުން ދައުވަތު ދޭންވާނެއެވެ. އަދި އެ ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާއަށްވެސް އޭނާ ހުށަހަޅަން ބޭނުންވާ ނަންތަކެއް މި މާއްދާގައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނުން ރިއާޔަތްކޮށްދިނުން އެދި ކޮމިށަނަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން އެމަގާމުގެ ށަރުތު ފުރިހަމަވާ މީހުންނާ، ޖުޑީށަލް ސަރވިސް ކޮމިށަނުން އިންޓަރވިއުކޮށް ހެދުމަށްފަހު، އިންޓަރވިއުކުރެވުނު ށަރުތު ފުރިހަމަވާ އެންމެންގެ ނަންތައް، އަދި އޭގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެންނަ މީހުންގެ ނަންތައް، ވަކިން އެނގޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ، އެ ފަހަރަކު އައްޔަންކުރަން ޖެހިފައިވާ ފަނޑިޔާރުންގެ އަދަދަށް ނުވަތަ އެ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ނަމެއް ނުވަތަ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ ނަންތަކާއެކު މި މާއްދާގެ (ނ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ އެހެން ހުރިހާ ނަމެއްވެސް ރައްޔިތުންގެ މަޖިލީހުގެ މައުލޫމާތަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވަންވާނެއެވެ.
(ބ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރެވޭނީ، މި މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނަމެއް ފާސްކުރުމުން، އެ މަޖިލީހުން އެކަން ފާސްކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމީހަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ކ) މި ގާނޫނުގެ ދަށުން އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހިއްޖެނަމަ، އަމަލުކުރާނީ މި މާއްދާގެ (ހ) އިން (ޅ) އަށް ބަޔާންކުރެވިފައިވާ ގޮތުގެމަތިންނެވެ.
18 ވަނަ މާއްދާ - ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އައްޔަންކުރުން
(ހ) ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމަށް އެ ކޮމިށަނުން އާންމުކޮށް އިއުލާންކުރަންވާނެއެވެ. ކޯޓުތަކުގެ ފަނޑިޔާރަކަށްވުމަށް އެދި ށައުގުވެރިވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު، އެ މަގާމުގެ ށަރުތުފުރިހަމަވާ، ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި، ގާބިލުކަމަށް ބަލައި، ކަމަށް އެންމެ އެކަށޭނަ ފަރާތެއް ޖުޑީށަލް ސާރވިސް ކޮމިށަނުންގެ މެންބަރުންގެ އަގުލަބިއްޔަތުން އައްޔަންކުރަންވާނެއެވެ.
(ށ) ހައިކޯޓާއި ދަށު ކޯޓުތަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުން އިސް ފަނޑިޔާރުން އައްޔަންކުރަންވާނެއެވެ. އެގޮތުން އިސް ފަނޑިޔާރުކަމަށް އައްޔަންކުރަންވާނީ އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި ގާބިލުކަމަށް ބަލައި، ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީށަލް ސާރވިސް ކޮމިށަނުގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
19 ވަނަ މާއްދާ - ގާނޫނުއަސާސީގެ 145 ވަނަ މާއްދާގައިވާ ސުޕްރީމް ކޯޓު އުފެއްދުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާ އެހެން އޮތްކަމުގައިވީނަމަވެސް، ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމްކޯޓު އުފެއްދުމުގައި، މި މާއްދާގެ (ށ) ގައިވާގޮތަށް އަމަލުކުރުމުން ފުދޭނެއެވެ.
(ށ) ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދުމުގައި، އުއްތަމަފަނޑިޔާރާއި، އެހެނިހެން ފަނޑިޔާރުން އައްޔަންކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަށްވަރާގެ މަތިން އެކުލަވާލާ ލިސްޓެއްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
20 ވަނަ މާއްދާ - ހުވައިކުރުން
(ހ) ކޮންމެ ފަނޑިޔާރަކުމެ، މަގާމާ ހަވާލުވުމުގެ ކުރިން، ގާނޫނުއަސާސީގެ ޖަދުވަލު 1 ގައި އެވާ، އަދި ތިރީގައި ނަކަލުކޮށްފައި އެވާ ހުވައިކޮށް، އެ ހުވައިގެ އިގުރާރުގައި ސޮއިކުރަންވާނެއެވެ.
"އަހުރެން، ......................... (މީހާގެ ނަން) ، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނު ދަމަހައްޓައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި، އުއްތަމަފަނޑިޔާރުގެ/ ފަނޑިޔާރެއްގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނާއެއްގޮތްވާ ގޮތުގެމަތިން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."
(ށ) މި މާއްދާގެ (ހ) ގައިވާ ހުވައި އުއްތަމަފަނޑިޔާރު ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތީގައެވެ. އެހެން ފަނޑިޔާރުން ހުވައިކުރާނީ އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހުވައި ލައިދޭނީ އުއްތަމަފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެކެވެ. ހުވައިކުރާ ފަރާތަކީ، އުއްތަމަފަނޑިޔާރު ކަމުގައިވާނަމަ، އޭނާއަށް ހުވައި ލައިދޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅާ ފަނޑިޔާރެކެވެ.
(ރ) ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދުމުގައި އުއްތަމަފަނޑިޔާރު ހުވައި ކުރާއިރު އޭނާއަށް ހުވައި ލައިދޭނީ ހައިކޯޓުގެ ފަނޑިޔާރެކެވެ. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ހުވައި ލައިދޭނީ އުއްތަމަފަނޑިޔާރެވެ (އިސްލާހު ކުރެވިފައި)
21 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މުއްދަތު
(ހ) ފަނޑިޔާރުންނަކީ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއްނޫނެވެ. ނަމަވެސް ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން އެމީހަކު މަގާމުން މުސްކުޅިކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނު ތާރީހުން ފެށިގެން 15 (ފަނަރަ) އަހަރު ވަންދެން، 5 (ފަހެއް) އަހަރަށް ވުރެ ދިގުނޫން މުއްދަތެއް ކަނޑައަޅައި ފަނޑިޔާރަކު އައްޔަންކުރުމަކަށް ހުރަހެއްނާޅައެވެ.
22 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުން ވަކިކުރުން އަދި ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ހާލަތްތައް
(ހ) ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި، އުސޫލުތަކުން ބޭރުނުވެ، މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެއެވެ.
(ށ) ފަނޑިޔާރުކަމުގެ މަގާމުގައިހުރި މީހަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީށަލް ސާރވިސް ކޮމިށަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
23 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުން ވަކިވުން
މި ގާނޫނުގެ 22 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށްޓަކައި އަންނަނިވި ދެ ހާލަތުގައި އެ ހާލަތެއް ރައްދުވާ ފަނޑިޔާރުން އެ ފަނޑިޔާރެއްގެ މަގާމުން ވަކިވާނެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު، ތިބި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެއްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ނުވަތަ ށަރުތުތަކެއް ފުރިހަމަ ނުވާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައެޅުމުން.
(ށ) ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ސުޕްރީމް ކޯޓު ގާއިމުކޮށް، އެ ކޯޓަށް އުއްތަމަފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން އައްޔަންވުމުން، ގާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓު ނިމުމަކަށްއައިސް، އެ ކޯޓުގެ ފަނޑިޔާރުންގެ މުއްދަތު ނިމުމަކަށް އައުމުން.
(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލު ނިސްބަތްވާ ފަނޑިޔާރުންނަށް އެހެން ކޯޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ޖުޑީށަލް ސަރވިސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ. އަދި އެމީހުންގެ ފަނޑިޔާރުކަމުގެ ވަޒީފާ ނިމުމަކަށް އަންނާނީ އެގޮތަށް ދެވޭ ފުރުސަތުގައި އެހެން ކޯޓެއްގައި މަސައްކަތްކުރުމަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފައިފިނަމައެވެ. އެހެން ކޯޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތުގެ ބޭނުން ހިފައިފިނަމަ އެކޯޓުގައި މަސައްކަތްކުރަން ފެށުމާއެކު، އޭނާގެ ހައިސިއްޔަތުކަމުގައި ބަލާނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓުގެ ހައިސިއްޔަތެވެ.
24 – ޖިނާއީ ތަހްގީގަކާ ގުޅިގެން ސަސްޕެންޑްކުރުން (އިތުރު ކުރެވިފައި)
(ހ) ޖިނާއީ ކުށެއްގެ ތަހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ ނުވަތަ ބަންދުކޮށްފިނަމަ މުސާރަ ލިބޭ ގޮތަށް ޖުޝީށަލް ސަރވިސް ކޮމިށަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ހުކުމެއް ކަނޑައެޅެންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީށަލް ސަރވިސް ކޮމިށަނުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެއެވެ.
25 – ޖިނާއީ ކުށެއް ސާތިބުވުން (އިތުރު ކުރެވިފައި)
(ހ) ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދަށު ކޯޓަކުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ކުރެވިފައިވާ ހުކުމެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެއެވެ.
(ނ) ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ކުރެވިފައިވާ ހުކުމެއް އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެއެވެ.
(ބ) ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާތިބުވެއްޖެކަމަށް ށަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ.
26 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަކިވުމުން ދެވޭ އިމްތިޔާޒުތަކާއި އިނާޔަތްތައް (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކީ ށަރަފުވެރިކަމާއެކު، ފަނޑިޔާރުކަމުން ވަކިވާ މީހެކެވެ.
(ށ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށް އަންނަނިވި ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުގެ ފަރާތުން ލިބިދޭންވާނެއެވެ.
-
އެމީހަކަށް މުހާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން
- (ހ) އެ ފަނޑިޔާރަކީ، 20 (ވިހި) އަހަރަށްވުރެ ކުރު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހެއްނަމަ، ކޮންމެ މަހަކުވެސް ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ މުސާރައިގެ 2/1 (ދެބައިކުޅަ އެއްބައި) އާ އެއްވަރުގެ މާލީ އިނާޔަތެއް.
(ށ) އެ ފަނޑިޔާރަކީ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހެއްނަމަ، ކޮންމެ މަހަކު ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ މުސާރައިގެ 3/2 (ތިންބައިކުޅަ ދެބައި) އާ އެއްވަރުގެ މާލީ އިނާޔަތެއް.
(ނ) އެ ފަނޑިޔާރަކީ، 25 (ފަންސަވީސް) އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހެއްނަމަ، ކޮންމެ މަހަކު ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ މުސާރައިގެ 4/3 (ހަތަރުބައިކުޅަ ތިންބައި) އާ އެއްވަރުގެ މާލީ އިނާޔަތެއް. - ލިވިންގ އެލަވަންސްއެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ ލިވިންގ އެލަވަންސްއާ އެއްވަރުގެ މާލީ އިނާޔަތެއް.
- މެޑިކަލް ސްކީމެއްގެ ދަށުން، މަގާމުން ވަކިވާ ފަނޑިޔާރަކަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖެއާއި، ސާރކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެގޮތް ހަމަޖެއްސުން.
- ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސަލާމަތީ ގޮތުން ހިމާޔަތާއި ރައްކާތެރިކަން.
- އެމީހަކު ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ހިދުމަތް.
- އެމީހަކަށް ލިބެންވާ ށަރަފުވެރިކަމާއި، އިނާޔަތްތަކާއި ހިމާޔަތްތައް އެމީހަކަށް ދިނުމުގެ ކަންތައް ސުޕްރީމް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި މިބުނާ މާލީ އިނާޔަތްތައް 7 އޯގަސްޓް 2010 ން ފެށިގެން އެމީހަކަށް ލިބެންވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 70 (ހަތްދިހަ) އަހަރު ފުރުމުން، އެމީހަކަށް ލިބިދޭނީ މި ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 70 (ހަތްދިހަ) އަހަރު ފުރުމުން، މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދިނުމަށް ކަނޑައެޅޭ އިނާޔަތްތަކެވެ. އަދި މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، އެ ފަނޑިޔާރަކަށް ލިބިދޭ އިނާޔަތްތަކަށްވުރެ މި މާއްދާގެ ދަށުން ލިބިދެވޭ އިނާޔަތްތައް މަދުނަމަ، މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުމުން، އެމީހަކަށް ލިބިދެވޭނީ، މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ އިނާޔަތްތަކެވެ. (އިސްލާހު ކުރެވިފަިއ)
27 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކުރުމާއި އަމިއްލައަށް އެދިގެން މަގާމުން ވަކިވުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފަިއ)
(ހ) ފަނޑިޔާރެއްގެ އުމުރުން 70 (ހަތްދިހަ) އަހަރުވުމުން މުސްކުޅިކުރެވޭނެއެވެ.
(ށ) އަންނަނިވި ހާލަތްތަކުގައި ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، އެ ކޮމިށަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފަިއ)
- ފަނޑިޔާރެއްގެ އުމުރުން 55 (ފަންސާސްފަހެއް) އަހަރުވުން؛
- ފަނޑިޔާރުކަމުގެ މަގާމުގައި 15 (ފަނަރަ) އަހަރުވުން؛
- ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި، މަގާމުން ވަކިވާން ބޭނުންވުން.
28 ވަނަ މާއްދާ - މުސްކުޅިކުރާ ފަރާތްތަކަށް ލިބިދެވޭ އިނާޔަތްތައް
(ހ) ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ފުރުމުން، މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ދެވޭ އިނާޔަތްތަކުގެ އިތުރުން އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ކަނޑައެޅިދާނެއެވެ.
(ށ) މި ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަކި އަދަދެއްގެ ފައިސާގެ އިނާޔަތްތަކާއި އެހެނިހެން އިނާޔަތްތައް ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ ކޮމިށަނަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފަިއ)
(ނ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 70 އަހަރު ވުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންގެ ތެރެއިން، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް އަމަލުކުރަން ފެށިއިރު އުމުރުން 65 އަހަރުވެފައިވުމުގެ ސަބަބުން، އެ ގާނޫނުގެ ދަށުން އަސާސީ ޕެންށަން ފިޔަވައި، އިތުރު އިނާޔަތްތައް ހަމަނުޖެހޭ ފަނޑިޔާރުންނަށް، ސަރުކާރުގެ މާލީ ކަންތައްތަކާބެހޭ ވުޒާރާގެ މަށްވަރާއާއެކު، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ވަކި އަދަދަކަށް، ފައިސާއާއި އިނާޔަތްތައް އެ ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ (އިތުރު ކުރެވިފައި)
29 ވަނަ މާއްދާ - ފަނޑިޔާރުކަމުގެ މަގާމު ހުސްވުން
އަންނަނިވި ހާލަތުންކުރެ ހާލަތެއް، ފަނޑިޔާރުކަމުގައި ހުރި މީހަކަށް ދިމާވެއްޖެނަމަ، އޭނާ ހުރި މަގާމު ހުސްވީ ކަމުގައި ބެލެވޭނެއެވެ.
(ހ) މަރުވުން؛
(ށ) އިސްތިއުފާ ދިނުން؛
(ނ) އުމުރުން 70 އަހަރު ހަމަވުން؛
(ރ) މި ގާނޫނާ އެއްގޮތަށް އެޅޭ ތައުދީބީ ފިޔަވަޅެއްގެ ސަބަބުން މަގާމުން ވަކިވުން؛
(ބ) މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރު އަމިއްލައަށް އެދިގެން މަގާމުން މުސްކުޅިކުރުން؛ (އިސްލާހު ކުރެވިފައި)
(ޅ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަގާމުނޫން މަގާމަކަށް ބަދަލުކުރުން؛
(ކ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަނޑިޔާރެއްގައި ހުންނަންވާ ށަރުތެއް އުނިވުން؛
(އ) ވަކި މުއްދަތަކަށް އައްޔަންކޮށްފައިހުރި ފަނޑިޔާރަކު އައްޔަންކޮށްފައިހުރި މުއްދަތު ހަމަވުން؛
(ވ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރާ ސިޔާސީ މަގާމަކަށް ކުރިމަތިލުން؛
(މ) ގާނޫނުއަސާސީއަށް ނުވަތަ ގާނޫނަކަށް ގެންނަ ބަދަލެއްގެ ސަބަބުން، ފަނޑިޔާރަކު މަސައްކަތްކުރަމުން ދިޔަ ކޯޓެއް އުވުމުން، އެހެން ކޯޓެއްގައި މަސައްކަތްކުރަން ފުރުސަތު ދެވި، އެހެން ކޯޓެއްގައި މަސައްކަތްކުރަން ބޭނުން ނުވުން.
(ފ) ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ށަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއްކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައީއެވެ. އަދި އެގޮތުން އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ނިމުމަކަށް އައުމަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ތައުދީބީ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުން ކަމުގައި ނުވާތީ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާއަތެއް މި ހާލަތުގައި ނުހިނގާނެއެވެ (އިތުރު ކުރެވިފައި)
30 ވަނަ މާއްދާ - ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދިނުން
(ހ) ފަނޑިޔާރަކު އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ހިނދެއްގައި އޭނާ އެ މަގާމުން އިސްތިއުފާ ދޭކަން އަންގައި، އިސްތިއުފާ ދޭން ބޭނުންވާ ތާރީހާއެކު، ލިޔުމަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހެޅުމުން، އެ ލިޔުމުގައި ކަނޑައަޅައިފައިވާ ތާރީހުން ފެށިގެން، އޭނާ މަގާމުން ވަކިވާނެއެވެ.
(ށ) މި ގާނޫނުގައިވާ ގޮތުގެމަތިން، ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދިނުމަކުން އެ ފަނޑިޔާރަކަށް ލިބެންޖެހޭ ޕެންށަން ނުވަތަ އެނޫންވެސް އިނާޔަތަކުން މަހްރޫމެއް ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފޮނުވާ އިސްތިއުފާގެ ލިޔުމާއި އިސްތިއުފާ ދޭ ތާރީހާދެމެދު 7 (ހަތެއް) ދުވަހަށްވުރެ ގިނަދުވަހުގެ ފަރަގު ހުރެއްޖެނަމަ، އޭނާ ހަވާލުވެހުރި މައްސަލަތައް ބެލުމުން، އިސްތިއުފާ ހުށަހެޅި ތާރީހުން ފެށިގެން، އެ ފަނޑިޔާރަކު އެކަހެރިވާންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ފަނޑިޔާރަކު މަގާމުން ވަކިކުރުމަށްޓަކައި، މި ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ފަނޑިޔާރަކު އިސްތިއުފާ ދީފިނަމަ، މި މާއްދާގައި ބަޔާންކުރާ އިނާޔަތްތައް ލިބިއެއް ނުދެވޭނެއެވެ. (އިތުރު ކުރެވިފައި)
30-1 ވަނަ މާއްދާ - ގާނޫނީ ވަކީލުކަމަށް ރުޖޫއަވުމަށްފަހު މަސްލަހަތު ފުށުއަރާ މަސައްކަތެއް ނުކުރުން (އިތުރު ކުރެވިފައި)
(ހ) ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ ނުވަތަ އެއްވެސް ސަބަބަކާހުރެ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ، އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އެ ފަނޑިޔާރަކު، ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި 3 (ތިނެއް) އަހަރުދުވަހު ފަނޑިޔާރުކަމުގެ މަގާމު އަދާކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރެއްނުވެވޭނެއެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގެ އިތުރުން، އެމީހަކު ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި އޭނާގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް ދެމިއޮތްހާ ހިނދަކު މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައިވެސް އަދި އެ މުއްދަތު ފާއިތުވުމަށްފަހުގައިވެސް، އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއްނުވެވޭނެއެވެ. އަދި، އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެނޫންވެސް މަސައްކަތެއް ނުކުރެވޭނެއެވެ. (އިތުރު ކުރެވިފައި)
31 ވަނަ މާއްދާ - ހުސްވާ މަގާމަށް ފަނޑިޔާރަކު އައްޔަންކުރުން
މި ގާނޫނުގެ 26 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ފަނޑިޔާރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނުން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.
31-1 ވަނަ މާއްދާ - ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންވާ ހާލަތުގައި، މަގާމު ހުސްވުމުގެ ކުރިން އެ މަގާމަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތު ފުރިހަމަކުރުން (އިތުރު ކުރެވިފައި)
(ހ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އުއްތަމަފަނޑިޔާރު ހިމެނޭގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިވާން ބޭނުންވެގެން އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައިފިނަމަ، އެ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން، އެ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޮމިށަނުން ނިންމާ ހާލަތެއްގައި އަމަލުކުރާނީ މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)
(ށ) ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިވާން ބޭނުންވެގެން އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެ ފަނޑިޔާރު އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު ދިނުމަށް ކޮމިށަނުން ނިންމުމާއެކު، އެ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން، އެ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި، މި ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ކޮމިށަނުން ފުރިހަމަކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު، މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މަގާމުން ވަކިވާން ބޭނުންވެގެން އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅާފައިވާ ހާލަތުގައި، އެ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން، އެ ފަނޑިޔާރުގެ މަގާމަށް އެހެން މީހަކު އައްޔަންކުރުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފެންނަކަމުގައި ކޮމިށަނުން ނިންމުމެއް ނިންމަންވާނެއެވެ. (އިތުރު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޮމިށަނުން ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުމެއް ނިންމާތާ 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އެކަން، ޖުޑީށަލް ސަރވިސް ކޮމިށަނުން ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ނ) ގެ ދަށުން ކޮމިށަނުން ނިންމުމެއް ނިންމައި، މި މާއްދާގެ (ރ) ގެ ދަށުން އެކަން ކޮމިށަނުން ރައީސުލްޖުމްހޫރިއްޔާއަށް އެންގުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހިއްޖެކަމުގައި ބަލައި، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮމިށަނުން ހުށަހަޅާ މީހުންގެ ނަންތައް،މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުގެ ނިންމުން ރައީސުލްޖުމްހޫރިއްޔާއަށް އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އެންގުމުން، މި ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ އިޖުރާއަތުތައް އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފުރިހަމަކޮށްމ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ އިޖުރާއަތުތައް ފުރިހަމަކޮށްމ ނިންމަންވާނެއެވެ. (އިތުރު ކުރެވިފައި)
ތިންވަނަ ބާބު
ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް (ސުރުހީ އިސްލާހު ކުރެވިފައި)
32 ވަނަ މާއްދާ - ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު (އިުނި ކުރެވިފައި)
33 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސްއޫލިއްޔަތުތައް
ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ގާނޫނުއަސާސީއާއި ހެދިފައިވާ ގާނޫނުތަކާއެއްގޮތަށް އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ހާމަކަންބޮޑު ގޮތަކަށް ށަރީއަތުގެ މަޖިލިސް ހިންގުން؛
(ށ) ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު މަސައްކަތުގެ ފަންނީ މިންގަނޑުތައް ހިފަހެއްޓުން؛
(ނ) މައްސަލައަކާގުޅިގެން ކޯޓަށް ހާޒިރުވާ ގާނޫނީ ވަކީލުންނަށާއި، ހެކިވެރީންނަށާއި، އާންމުންގެ މީހުންނަށާއި، ވަޒީފާގެ ވަގުތުގައި ބައްދަލުވާންޖެހޭ އެންމެހައި ފަރާތްތަކާއި މުއާމަލާތްކުރުމުގައި ފަނޑިޔާރުންނަކީ ކެތްތެރި، މަސްއޫލުވެރި އަދި ހިދުމަތްތެރި ބަޔަކަށްވުން؛
(ރ) މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާއަތުގައިވާ ގޮތުގެމަތިން، އެކަށޭނެ ފުރުސަތު ދިނުން؛
(ބ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރަން މަސައްކަތްކުރުން؛
(ޅ) ފަނޑިޔާރުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން ފަނޑިޔާރުން އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން؛
(ކ) މައްސަލަތަކާ ގުޅިގެން އަދި އެހެނިހެން ގޮތުންވެސް ފަނޑިޔާރުން ރަސްމީ ހައިސިއްޔަތުން ބައްދަލުކުރާ އެންމެހައި ފަރާތްތަކާއި މުއާމަލާތްކުރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް؛
(އ) ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
34 ވަނަ މާއްދާ - ފަނޑިޔާރުންގެ ބާރުތައް
ފަނޑިޔާރުންނަށް ބާރު ލިބިދެނީ ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގެ ތެރެއިންނެވެ. މިގޮތުން ފަނޑިޔާރުންގެ ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އަދި ވަކި ތައައްސުބެއްނެތި، އަދުލުވެރިގޮތުގައި ފަނޑިޔާރުންނަށް ލިބިފައިވާ އިހްތިޔާރު ބޭނުންކުރުން؛
(ށ) ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުން؛
(ނ) ގާނޫނުއަސާސީއާއި ގާނޫނުން ފަނޑިޔާރުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
35 ވަނަ މާއްދާ - އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު
އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ގާނޫނުއަސާސީއާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒުކޮށް، ފަނޑިޔާރުންގެ އަމަލުތައްވެސް އެގޮތަށް ބެހެއްޓުމަށް ބާރުއެޅުން؛
(ށ) ށަރުއީ މަރުހަލާގެ ދުރު ރާސްތާގެ ކުރިމަގު ބައްޓަންކުރާނެގޮތުގެ މިސްރާބާއި ލަނޑުދަނޑިތައް ކަނޑައެޅެން؛
(ނ) ށަރުއީ ނިޒާމްގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިފަހައްޓައި ތަރައްގީކުރުމުގެ ގޮތުން ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މަގުދައްކައިދިނުން؛
(ރ) ހުރިހާ ށަރުއީ އިދާރާތައް ގުޅިގެން ހިންގުންތެރިކަމާއެކު މަސައްކަތްކުރޭތޯ ބެލުން؛
(ބ) ކޯޓުން ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައާއި ހާލަތްތަކުގައި އެ ކޯޓަކަށް އެހީތެރިވުން؛
(ޅ) ކޯޓުގެ ކަންކަން ހިންގުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ، އާންމު އިދާރީ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް ބޭނުންވާ މަށްވަރާއާއި ލަފާ ދިނުން؛
(ކ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރުން؛
(އ) (އުނި ކުރެވިފައި)
(ވ) ކޯޓުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން އުއްތަމަފަނޑިޔާރު އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
36 ވަނަ މާއްދާ - އިސް ފަނޑިޔާރުންގެ މަސްއޫލިއްޔަތު
ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މި ގާނޫނުގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ދެ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އަދާކުރުމާއި އެކަންކަން އެހެން ފަނޑިޔާރުންގެ ފަރާތުންވެސް ކަށަވަރުކުރުން؛
(ށ) ކޯޓުގެ ތަރައްގީއަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މަށްރޫއުތައް އެކުލަވައި އެކަށައަޅައި ހިންގުމުގައި ކޯޓަށް ލަފާދީ އެހީތެރިވެދިނުން؛
(ނ) ކޯޓުން ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައާއި ހާލަތްތަކުގައި ކޯޓަށް އެހީތެރިވުން؛
(ރ) ކޯޓުގެ ކަންކަން ހިންގުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގާ ފަރާތްތަކަށް ބޭނުންވާ މަށްވަރާއާއި ލަފާ ދިނުން؛
(ބ) ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މަސްލަހަތު ދިފާއުކުރަން މަސައްކަތްކުރުން؛
(ޅ) ކޯޓުގެ ކުރިމަގު ބައްޓަންކުރާނެގޮތުގެ މިސްރާބާއި ލަނޑުދަނޑިތައް ކަނޑައެޅުން؛
(ކ) ށަރުއީ ނިޒާމްގެ މިނިވަންކަމާއި މުސްތަގިއްލުކަން ހިފަހައްޓައި ތަރައްގީކުރުމުގެގޮތުން އެ މަރުހަލާގެ ކޯޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ މަގުދައްކައިދިނުން؛
(އ) ކޯޓުން އަދާކުރުމަށް ހަމަޖެހިފައިވާ ގާނޫނީ އެންމެހައި ވާޖިބުތަކާއި ގާނޫނުއަސާސީންނާއި ގާނޫނުން އިސް ފަނޑިޔާރު އަދާކުރުމަށް ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
37 ވަނަ މާއްދާ - ފަނޑިޔާރުން ޖަވާބުދާރީކުރުވުން
ތިރީގައިވާ ހާލަތްތަކުގައި، މި ގާނޫނުގެ 35 ވަނަ މާއްދާއާއި އެ މާއްދާއާ ގުޅުންހުރި އެހެން މާއްދާތަކުގައިވާ ގޮތުގެމަތިން، ފަނޑިޔާރުން ޖަވާބުދާރީކުރެވިދާނެއެވެ.
(ހ) ފަނޑިޔާރުކަމުގެ ވާޖިބުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ނުވަތަ ފަނޑިޔާރަކު ކޮށްގެންނުވާނެ އަމަލެއްކަމަށް ގަބޫލުކުރެވޭކަމެއް ކުރުން؛
(ށ) ފަނޑިޔާރުކަމުގެ މަގާމުގެ ހައިބަތާއި ށަރަފަށް އުނިކަމެއް އަތުވެދާނެކަމަށް ގަބޫލުކުރެވޭ އަމަލެއް ކުރުން؛
(ނ) ކޯޓުގެ ހައިބަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެކަމަށް ގަބޫލުކުރެވޭ އަމަލެއް ކުރުން.
38 ވަނަ މާއްދާ - ފަނޑިޔާރުންނާމެދު ފިޔަވަޅުއެޅުމުގެ ބާރު
(ހ) ފަނޑިޔާރުންނާމެދު ތައުދީބީ ފިޔަވަޅުއެޅުމަކީ ޖުޑީށަލް ސަރވިސް ކޮމިށަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
(ށ) (އުނި ކުރެވިފައި)
39 ވަނަ މާއްދާ - ފަނޑިޔާރަކާމެދު އެޅޭނެ ތައުދީބީ ފިޔަވަޅުތައް (އުނި ކުރެވިފައި)
40 ވަނަ މާއްދާ - ތައުދީބީ މައްސަލަ ބެލުން (އުނި ކުރެވިފައި)
ހަތަރުވަނަ ބާބު (އިތުރު ކުރެވިފައި)
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު
40-1 ވަނަ މާއްދާ - ސުލޫކީ މިންގަނޑު ދެމެހެއްޓުން (އިތުރު ކުރެވިފައި)
ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހަކު އެ މަގާމުގައި ދެމިހުރިހާ ހިނދަކު، ފަނޑިޔާރުކަމުގެ އެންމެހައި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ބާބުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ހިފަހައްޓައި، ފަނޑިޔާރުގެ އަމިއްލަ ހައިސި އްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައިމ،ެ އެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ދަމަހައްޓަންވާނެއެވެ.
40-2 ވަނަ މާއްދާ - މިނިވަންކަން ނެގެހެއްޓުން (އިތުރު ކުރެވިފައި)
(ހ) އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ފަނޑިޔާރުގެ އަމިއްލަ ހައިސިއްޔަތުންނާއި މަގާމުގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައި، ފަނޑިޔާރުގެ އަމަލުތައް ބަހައްޓަންވާނީ އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓޭނެ ފަދައަކުންނެވެ.
(ށ) އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓޭނެ ފަދައަކުން ފަނޑިޔާރުންގެ ސުލޫކު ހިފެހެއްޓުމުގައި އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ށަރީއަތް ހިންގުމާއި އަދުލު އިންސާފު ގާއިމުކުރުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކަށް އަމަލުކުރުން؛ އަދި ގާނޫނުއަސާސީއާއި، ގާނޫނުތަކުގައާއި، މަތީ މަރުހަލާގެ ކޯޓުތަކުން ގާނޫނުގައިވާ ގޮތުގެމަތިން ނިންމާ ނިންމުންތަކުގައި ވަކިގޮތެއް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ށަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ރިއާޔަތްކުރުން؛
- ރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ވަކިފަރާތަކަށް ނުޖެހ،ި އަދި ވަކިފަރާތަކުން ކިޔާފާނެ ފާޑުކިޔުމަކަށް ނުވަތަ ދައްކަފާނެ ބިރަކަށް ޖެހިލުންވުމެއް ނެތި، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަންކަން ނިންމުން؛
- އެއްވެސް ބާވަތެއްގެ ނުފޫޒެއް ހިނގިޔަނުދިނުމަށްޓަކައި، ފަނޑިޔާރުންނަކީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެ ތިބޭ ބަޔަކަށްވުން؛ އަދި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، ފަނޑިޔާރުންގެ މައްޗަށް ނުފޫޒެއް އަތުވެދާނެ އެއްވެސް ކަމެއް،ނުވަތަ އެފަދަ ނުފޫޒެއް އައުމަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ނުކުރުން؛
- ފަނޑިޔާރުންނަކީ މުޅި މުޖުތަމައުގެ ކިބައިން މިނިވަންވެ ތިބޭ ބަޔަކަށްވުން؛ ވަކިން ހާއްސަކޮށްމ ހަސްމުންގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށްވުން؛
- މިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދިނުން؛ އަދި އެފަދަ އަމަލެއް ކުރުމުގެ ފުރުސަތު އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ނުވަތަ އެހެން ފަރާތަކަށްވިޔަސް ނުދިނުން؛
- ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގައި ހަމައެކަނި އެމީހެއްގެ އަމިއްލަ ވިސްނުމުގެ މައްޗަށް ބުރަވެ، ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން އަމަލުކުރުން؛ އަދި ފަނޑިޔާރުންނަކީ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމުގައި އެހެން ފަނޑިޔާރުންނާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެނޫންވެސް އެންމެހައި ފަރާތްތަކުގެ ކިބައިން ފުރިހަމައަށް މިނިވަންވެ ތިބޭ ބަޔަކަށްވުން؛
- ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒުން ފުރިހަމައަށް އެއްކިބާވެގެންވުން؛ ވެރިކަން ހިންގުމުގެ ބާރާ ދެމެދު ނުވަތަ ގާނޫނު ހެދުމުގެ ބާރާ ދެމެދު ނުވަތަ އެ ދެ ބާރުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ދެމެދު ގާނޫނު ހުއްދަނުކުރާ ނުވަތަ ފަނޑިޔާރުގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އެއްވެސް މިންވަރަކަށް ފަނޑިޔާރުން ނުބޭއްވުން؛
- ފަނޑިޔާރުގެ މައްޗަށް ވެރިކަން ހިންގުމުގެ ބާރުގެ ނުވަތަ ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒެއް އޮތްކަމުގައި ނުވަތަ ވެރިކަން ހިންގުމުގެ ބާރާ ދެމެދު ނުވަތަ ގާނޫނު ހެދުމުގެ ބާރާ ދެމެދު ނުވަތަ އެ ދެ ބާރުގެ ތެރޭގައި މަސައްކަތްކުރާ އެއްވެސް ފަރާތަކާ ދެމެދު ގާނޫނު ހުއްދަނުކުރާ ގުޅުމެއް ނުވަތަ ފަނޑިޔާރުގެ މިނިވަންކަމާ އެކަށީގެންނުވާ ގުޅުމެއް އޮތްކަމުގައި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭފަދަ އެއްވެސް ކަމެއް ފަނޑިޔާރުގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ މަގާމުގެ ހައިސިއްޔަތުންވިޔަސް ނުކުރުން؛
- ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި، އެ ފަނޑިޔާރަކީ ވަކިފަރާތަކަށް ނުޖެހޭ، ތައައްސުބުން އެއްކިބާވެފައިވާ މިނިވަން ފަނޑިޔާރެއްކަން ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭފަދަ ގޮތަށް ފަނޑިޔާރުގެ އަމަލުތައް އަބަދުމެ ބެހެއްޓުން؛
- ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާގެ މަސައްކަތްތަކުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތެދުވެރިކަމާއެކު އަޅަމުންދިޔުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމާމެދު އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުމަށްޓަކައި އެ އިތުބާރާއި ޔަގީންކަން ގެއްލިގެންނުދާނެ ގޮތަކަށް ކޮންމެ ފަނޑިޔާރެއްގެވެސް އަމަލުތައް ބެހެއްޓުން؛ އަދި ފަނޑިޔާރަކަށް ކުރެވޭ އިތުބާރާއި ޔަގީންކަން ގެއްލިގެންދާނެކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން ދުރުހެލިވުން.
40-3 ވަނަ މާއްދާ - ވަކިފަރާތަކަށް ނުޖެހުން (އިތުރު ކުރެވިފައި)
(ހ) ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއްގެ އެއްވެސް މަރުހަލާއެއްގައި އެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގައި، އަދި އެ ނިންމުމަށް ވާސިލުވުމުގައި ހިނގައިދާ އެންމެހައި ކަންކަމުގައި، ފަނޑިޔާރުގެ އަމަލުތައް ބަހައްޓަންވާނީ ވަކިފަރާތަކަށް ނުޖެހ،ި ފުރިހަމަ މުސްތަގިއްލުކަންމަތީގައެވެ.
(ށ) ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަން ހިފަހައްޓައި ދެމެހެއްޓޭނެ ފަދައިން ފަނޑިޔާރުންގެ ސުލޫކު ހިފެހެއްޓުމުގައި އަންނަނިވި އު ސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ވަކިފަރާތަކަށް ނުޖެހ،ި ތައައްސުބުން އެއްކިބާވެހުރ،ެ ފުރިހަމަ މުސްތަގިއްލުކަމާއެކު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން؛
- ފަނޑިޔާރަކީ އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއަކީ ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު މަސައްކަތްކުރާ ފަރާތްތަކެއްކަމުގެ އިތުބާރު އާންމުންނާއި، ގާނޫނީ އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، މައްސަލަތަކުގައި ހިމެނޭ ހަސްމުންގެ މެދުގައި އަށަގަންނާނެ ފަދައަކުން އަދި އެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށްމ ކޯޓުގައާއި ކޯޓުން ބޭރުގައި ފަނޑިޔާރުންގެ އަމަލުތައް ބެހެއްޓުން؛
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބެލުމުގެ ނުވަތަ މައްސަލައެއްގައި ފައިސަލާކުރުމުގެ އަހުލިއްޔަތު ފަނޑިޔާރުގެ ކިބައިން ގެއްލިގެން ހިނގައިދާނެ އެންމެހައި ކަމަކުން ނުވަތަ މައްސަލައެއް ބެލުމުން ނުވަތަ މައްސަލައެއްގައި ފައިސަލާކުރުމުން ތަނާޒުލުވާންޖެހިދާނެ އެންމެހައި ކަމަކުން ދުރުވެހުރުން؛
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭގޮތުން ނުވަތަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް މައްސަލައަކާ ގުޅޭގޮތުން، އެ މައްސަލައެއްގެ ހުކުމަށް އެއްވެސް އަސަރެއް ކޮށްފާނެފަދަ ނުވަތަ އިންސާފުވެރިކަމާއެކު އެ މައްސަލައެއް ބެލުމަށް ހުރަސްއެޅިދާނެފަދަ ލަފައެއް ނުވަތަ މަށްވަރާއެއް ނުވަތަ ރައުޔެއް އާންމުނުކުރުން ނުވަތަ އެނޫން ގޮތަކުންވެސް އެއްވެސް ފަރާތަކަށް އެފަދަ ލަފައެއް ނުވަތަ މަށްވަރާއެއް ނުވަތަ ރައުޔެއް ނުދިނުން ނުވަތަ ހާމަނުކުރުން؛
- ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު މައްސަލައެއް ބަލައި ފައިސަލާކުރެވިދާނެކަމަށް ފަނޑިޔާރަށް އަމިއްލައަށް ގަބޫލުނުކުރެވޭނަމަ ނުވަތަ ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުކަމާއެކު ފަނޑިޔާރަކަށް މައްސަލައެއް ބަލައި ފައިސަލާކުރެވިދާނެކަމަށް ސަބަބުވެރި މީހަކަށް ގަބޫލުނުކުރެވޭނަމަ، އެފަދަ އެންމެހައި މައްސަލަތަކުން ފަނޑިޔާރު ތަނާޒުލުވުން؛
(ނ) މައްސަލައެއް ބެލުމުން ފަނޑިޔާރުން ތަނާޒުލުވާންވާނެ ހާލަތްތަކާއި، ތަނާޒުލުވުމުގައި ފަނޑިޔާރުން އަމަލުކުރަންޖެހޭ އިޖުރާއަތު މި ގާނޫނުގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
40-4 ވަނަ މާއްދާ - ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން (އިތުރު ކުރެވިފައި)
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ ހުރިހާ ވަގުތެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، އިހްލާސްތެރިކަން، މަތީ ދަރަޖައެއްގައި ހިފަހައްޓަންޖެހޭ ބައެކެވެ.
(ށ) ފަނޑިޔާރުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން، މަތީ ދަރަޖައިގައި ހިފެހެއްޓުމުގައި، އަންނަނިވި އު ސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ފަނޑިޔާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން ހުރީ އާންމު މިންގަނޑަކަށްވުރެ މަތީ މިންގަނޑެއްގައިކަން ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭހާ މަތީ މިންގަނޑެއްގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން ހިފެހެއްޓުމަށް އަބަދުމެ މަސައްކަތްކުރުން؛
- ފަނޑިޔާރުގެ ތެދުވެރިކަމާމެދު ނުވަތަ އަމާނާތްތެރިކަމާމެދު ނުވަތަ އިހްލާސްތެރިކަމާމެދު އާންމުން ސުވާލު އުފައްދައިފާނެ ހާލަތެއް މެދުވެރިވިޔަނުދިނުމަށް އަބަދުމެ މަސައްކަތްކުރުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރު އަށަގަނެ، އެ އިތުބާރު ދެމެހެއްޓިގެންދާނެ ފަދަ މަތީ ފެންވަރެއްގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަން އަބަދުމެ ބެހެއްޓުން.
40-5 ވަނަ މާއްދާ - މަތީ ފެންވަރުގެ އަހްލާގު (އިތުރު ކުރެވިފައި)
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، ހުރިހާ ވަގުތެއްގައިމެ ފަނޑިޔާރުންގެ އަހްލާގީ ސިފަތައް މަތީ ފެންވަރެއްގައި ހިފަހައްޓަންވާނެއެވެ.
(ށ) ންގެ އަހްލާގީ ސިފަތައް މަތީ ފެންވަރުގައި ހިފެހެއްޓުމުގައި، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- ފަނޑިޔާރުގެ އަހްލާގީ ސިފަތައް ހުރީ އާންމު މިންގަނޑަކަށްވުރެ މަތީ މިންގަނޑެއްގައިކަން ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭހާ މަތީ މިންގަނޑެއްގައި ފަނޑިޔާރުގެ އަހްލާގު ހިފެހެއްޓުމަށް އަބަދުމެ މަސައްކަތްކުރުން؛
- ފަނޑިޔާރުގެ އަހްލާގާމެދު އާންމުން ސުވާލު ނުއުފައްދާނެފަދަ ބަޔަކަށްވުމަށް އަބަދުމެ މަސައްކަތްކުރުން؛
- އާންމު ރައްޔިތަކަށްވީތީ އެމީހަކަށް ކުރެވޭނެކަމަށް މުޖުތަމައު ގަބޫލުކުރ،ާ އެހެންނަމަވެސް ފަނޑިޔާރަކަށްވީތީ އެކަމެއް ކޮށްގެންނުވާނެކަމަށް މުޖުތަމައު ގަބޫލުކުރާ ކޮންމެ އަމަލަކުން، ފަނޑިޔާރުގެ ރުހުމާއި އިހްތިޔާރުގައި ދުރުހެލިވުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތާއި ގަދަރާ އެކަށީގެންވާފަދަ މަތީ ފެންވަރެއްގައި ފަނޑިޔާރުންގެ އަހްލާގާއި ސުލޫކު އަބަދުމެ ބެހެއްޓުން؛
- ކޯޓުތަކުގައި ވަކާލާތުކުރަން އަންނަ ވަކީލުންނާއި އާންމު ރައްޔިތުންނާ ދެމެދު ފަނޑިޔާރު ބާއްވާ ގުޅުން، އެކަމުގެ ސަބަބުން ފަނޑިޔާރުގެ ކިބައިގައި ވަކިފަރާތަކަށް ހާއްސަކަމެއް ނުވަތަ ތައައްސުބެއް އޮންނަކަން ދޭހަނުވާ ގޮތަށް ބެހެއްޓުން؛
- ފަނޑިޔާރަކަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި މެނުވީ އެއްވެސް ސިފައެއްގައި ބޭނުންނުކުރުން ނުވަތަ ހާމަނުކުރުން؛
- ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާހާ ހިނދަކު، އެއްވެސް ބާވަތެއްގެ ގާނޫނީ މަސައްކަތެއް އެއްވެސް މިންވަރަކަށް ނުކުރުން؛
- ގާނޫނުއަސާސީއާ ފުށުނާރާހާ ހިނދަކު ފަނޑިޔާރުކަމުގެ ވަޒީފާގެ އިތުރުން އަންނަނިވި ކަންކަން ކުރުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފުށުއަރާކަމެއް ނޫނެވެ.
- ގާނޫނީ ދާއިރާއާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ލިޔުންތައް ލިޔުމާއި، ކިޔަވައިދިނުމާއި، ލެކްޗަރކުރުމާއި، އެނޫންވެސް އެފަދަ އިލްމީ މަސައްކަތްތައް ކުރުން؛
- ގާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ ހާލަތްތަކުގައި، މަގާމުގެ ހައިސިއްޔަތުން މުސްތަގިއްލު ކޮމިށަންތަކާއި ކޮމިޓީތަކުގެ މެންބަރުކަން ކުރުން؛
- ސަރުކާރުގެ ނުވަތަ ދައުލަތުގެ ކޮމިށަނެއް ނުވަތަ ކޮމިޓީއެއް ނުވަތަ ލަފާދޭ ބޯޑެއް ނުވަތަ އެނޫންވެސް ރަސްމީ ހައިސިއްޔަތެއް ލިބިގެންވާ މުއައްސަސާއެއްގެ މެންބަރުކަން މަގާމުގެ ހައިސިއްޔަތުން ކުރުމަކީ ފަނޑިޔާރުގެ ސިޔާސީ މުސްތަގިއްލުކަމާ ފުށުއަރާނެ ކަމެއް ކަމުގައިނު ވާނަމަ، އެފަދަ ތަނެއްގެ މެންބަރުކަން ކުރުން.
- ދައުލަތްތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ނިސްބަތްވާ ކޮމިށަނެއް ނުވަތަ ކޮމިޓީއެއްގެ މެންބަރުކަން ކުރުމަކީ ނުވަތަ އެފަދަ ތަނެއްގެ މަގާމެއް ފުރުމަކީ ފަނޑިޔާރުގެ މިނިވަންކަމާއި މުސްތަގިއްލުކަމާ ފުށުއަރާނެ ކަމެއް ކަމުގައިނުވާނަމަ، އަދި އެއީ ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްނޭޅޭނެ ކަމެއް ކަމުގައިވާނަމަ، އެފަދަ ތަނެއްގެ މެންބަރުކަން ކުރުން ނުވަތަ މަގާމެއް ފުރުން؛
- ފަނޑިޔާރުންގެ ޖަމްއިއްޔާތަކާއި، ފަނޑިޔާރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުގައި ބައިވެރިވުން؛
- އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތާއި ގަދަރަށާއި ފަނޑިޔާރުގެ މަގާމާއި ނަމަށް އުނިކަން ނާންނަފަދަ ގޮތަކަށް ކުރާ ކޮންމެ ކަމެއް ކުރުމާއި އަދި އެކަމެއް ކުރުމުގެ ސަބަބުން ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްނޭޅޭނެ ކޮންމެ ކަމެއް ކުރުން.
- ވަކި ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި ނުވަތަ ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ ގުޅޭގޮތުން، އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ ވަސިއްޔަތެއް ނުވަތަ މަންފާއެއް ނުވަތަ ރިށްވަތެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއް،ފަނޑިޔާރު ނުވަތަ ފަނޑިޔާރުގެ އާއިލާގެ އެއްވެސް މެންބަރަކު ނުހޯދުން ނުވަތަ ބަލައިނުގަތުން؛
- ވަކި ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި ނުވަތަ ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ކަމަކާ ގުޅޭގޮތުން، އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ ލޯނެއް ނުވަތަ ވަސިއްޔަތެއް ނުވަތަ މަންފާއެއް ނުވަތަ ރިށްވަތެއް ކަމުގައި ބެލެވިދާނެ އެނޫންވެސް އެއްޗެއް ނުވަތަ ކަމެއް ހޯދުމަށް ނުވަތަ ބަލައިގަތުމަށް ފަނޑިޔާރުގެ ދަށުން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ހުއްދަނުދިނުން އަދި އެފަދަ ކަމަކަށް މަގުފަހިނުކުރުން؛
- ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވުމަށްޓަކައި އެއްވެސް ހާލަތެއްގައި ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެ، ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހިފައިވާކަން ދޭހަވާފަދަ އެއްވެސް އަމަލެއް ނުކުރުން؛ އަދި ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހުމަށް އެއްވެސް ފަރާތަކަށް ހިތްވަރު ނުދިނުން؛
- ފަނޑިޔާރަކީ އެއްވެސް ސިޔާސީ ނުފޫޒަކަށް ލެނބިފައިވާ ފަރާތެއް ނޫންކަން އާންމު ރައްޔިތުންނަށް ދޭހަވާނެ ފަދައަކުން، މަގާމުގެ ހައިސިއްޔަތުން ކުރާ އެންމެހައި ކަންކަމުގައިވެސް އަދި އާންމު ދިރިއުޅުމުގައިވެސް ފަނޑިޔާރުގެ އަމަލުތައް ބެހެއްޓުން؛ އަދ،ި ވަކި ކަމަކީ އާންމު ރައްޔިތުންގެ ނަޒަރުގައި ސިޔާސީ ކަމެއްކަމަށް ބެލެވިދާނެ އެންމެހައި ކަމަކުން ދުރުހެލިވުމަށް ހާއްސަ ސަމާލުކަމެއް ދިނުން؛
- ފަނޑިޔާރުންގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތަށް ހުރަސްއެޅޭ ގޮތަށް ގާނޫނީ މަސައްކަތްތައް ކޯޓުން ބޭރުގައި ނުކުރުމާއި، ގާނޫނީ މަސައްކަތަކާ ގުޅޭގޮތުން ގާނޫނީ ދާއިރާގެ ފަރާތްތަކާއެކު ކޯޓުން ބޭރުގައި ބައްދަލުނުކުރުން އަދި އެފަދަ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުން؛
- މިނިވަންކަމާއެކު ފިކުރުކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަމުގެ ހައްގާއި، އެއްވެއުޅުމުގެ ހައްގު އާންމު ރައްޔިތުންނެކޭ އެއްފަދައިން ފަނޑިޔާރުންނަށް ލިބިދީފައި ވީނަމަވެސް، އަދުލު އިން ސާފު ގާއިމުކުރުމުގެ ދާއިރާގެ ހައިބަތާއި ގަދަރާއި، އެ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރިކޮށް ދެމެހެއްޓޭނެ ފަދައަކުން އެފަދަ ހައްގެއްގެ ބޭނުންކުރުން؛
- ފަނޑިޔާރުގެ އަމިއްލަ މާލީ މަސްލަހަތުތަކާއި ފިޑިއުށަރީ މާލީ މަސްލަހަތުތަކުގެ މައުލޫމާތު ބަލަމުން ގެންދިޔުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް އަދި ފަނޑިޔާރުގެ ހައިސިއްޔަތުން ނިންމާ ނިންމުމަކަށް ފަނޑިޔާރުގެ އާއިލާގެ ފަރާތުން ނުވަތަ އާއިލީ ގުޅުން ފިޔަވައި އެނޫން އެއްވެސް ގުޅުމެއް އޮތް ފަރާތަކުން އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ނުދިނުން؛
- ފަނޑިޔާރުގެ އަމިއްލަ މަސްލަހަތެއް،ނުވަތަ ފަނޑިޔާރުގެ އާއިލާގެ މެންބަރެއްގެ މަސްލަހަތެއް،ނުވަތަ އެނޫން އެއްވެސް ފަރާތެއްގެ މަސްލަހަތެއް ކުރިއެރުވުމަށްޓަކައި ކޯޓާއި ކޯޓުގެ ހައިބަތު އެއްވެސް ގޮތަކުން ބޭނުންނުކުރުން؛
- ފަނޑިޔާރުގެ މައްޗަށް ނުފޫޒެއް ފޯރުވޭފަދަ ހާއްސަ ގުޅުމެއް ވަކިފަރާތަކާއެކު އޮތްކަމުގައި ނުދެއްކުން؛ އަދި އެފަދަ ގުޅުމެއް އޮތްކަމުގައި ދެއްކުމަށް އެހެން ފަރާތަކަށް ހުއްދަދީ، މަގުފަހިނުކުރުވުން؛
- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ހަސްމުންނާއި، އެނޫންވެސް ބޭނުންތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކާމެދު ށަރީއަތުގެ މަޖިލީހުގައާއި ކޯޓުގެ ތެރޭގައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރިވެތި އަހްލާގާއި އަދަބު އިހްތިރާމާއެކު މުއާމަލާތްކުރުން.
40-6 ވަނަ މާއްދާ - ހަމަހަމަކަން (އިތުރު ކުރެވިފައި)
(ހ) ށަރީއަތުގެ ކުރިމަތީގައި އަދި އެއްވެސް މީހެއްގެ މައްޗަށް ށަރީއަތް ހިންގުމުގައި، އެންމެންނާމެދު ހަމަހަމަކަމާއެކު އަމަލުކުރުމަކީ އަދި ހަމަހަމަކަމާއެކު އަމަލުކުރެވޭކަން ކަށަވަރުކުރުމަކީ ފަނޑިޔާރުގެ މަސްއޫލިއްޔަތެކެވެ.
(ށ) ށަރީއަތުގެ ކުރިމަތީގައި އަދި އެއްވެސް މީހެއްގެ މައްޗަށް ށަރީއަތް ހިންގުމުގައި، އެންމެންނާމެދު ހަމަހަމަކަމާއެކު އަމަލުކުރުމަށްޓަކައި އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރުން އަމަލުކުރަންވާނެއެވެ.
- މުޖުތަމައުގެ ފަރުދުންނަކީ އެކަކު އަނެކަކާ ތަފާތުކަމެއް ހުންނާނެ ބައެއް ކަމުގައާއި، އެ ތަފާތުކަމަކީ ކޮބައިކަމާއި އެ ތަފާތުކަމުގެ މަސްދަރުތައް ދެނެގަނެ އެކަމާމެދު ފަނޑިޔާރު އަހުލުވެރިވުން؛ އަދި މީހެއްގެ ނަސްލާއި، ކުލައާއި، ޖިންސާއި، އުފަންވީ ގައުމާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމާއި، އުމުރާއި، ނިސްބަތްވާ އާއިލާއާއި، އުފަން ރަށާއި، މާލީ ހާލަތާއި، އިޖްތިމާއީ ހާލަތާއި، ޒާތީ ދިރިއުޅުމުގެ ހާލަތާއި، އެފަދަ އެއްވެސް ކަމަކަށްމ އެއްވެސް މިންވަރަކަށް ފަނޑިޔާރު ރިއާޔަތްނުކުރުން؛
- ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވަކި މީހެއްގައި ހުރި ރިއާޔަތްކުރަންނުޖެހޭ ތަފާތަކަށް ބަލައި، އެމީހަކާމެދު އެއްވެސް މިންވަރެއްގެ އަދި އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް އަމަލުން ނުވަތަ ބަހުންވިޔަސް ނުގެންގުޅުން؛
- ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެންމެންނާމެދުވެސް އެއްހަމައަކުން ރިއާޔަތްކޮށް ކަންކުރުން؛ ހާއްސަކޮށް މައްސަލައިގެ ހަސްމުންނާއި، ހަސްމުން ތަމްސީލުކުރާ ވަކީލުންނާއި އެނޫންވެސް ފަރާތްތަކާއި، ހެކިބަސް ދިނުމަށް ހާޒިރުވާ ހެކިވެރިންނާއި، ކޯޓުގެ މުވައްޒަފުންނާއި، އެހެން ފަނޑިޔާރުންގެ ކިބައިގައި ހުންނަ ރިއާޔަތްކުރަންނުޖެހޭ ތަފާތަކަށް ބަލައި، އެ ފަރާތްތަކާމެދު އެއްވެސް މިންވަރެއްގެ އަދި އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއް ނުގެންގުޅުން؛
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅުންހުރި އެއްވެސް ފަރާތެއްގެ ކިބައިގައި ހުރި ރިއާޔަތްކުރަންނުޖެހޭ ތަފާތަކަށް ބަލައި، އެ ފަރާތްތަކުގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުމަށް ފަނޑިޔާރުގެ ދަށުން މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ހުއްދަނުދިނުން ނުވަތަ އެފަދަ ކަމަކަށް މަގުފަހިނުކުރުން؛
- ވަކި ކަމެއްގައި ހަމަހަމަކަން ގެންގުޅުމާމެދު ހިލާފު އުފެދިފައިވާ ކަންކަމާއި، ތަފާތުކުރުމަށް ގާނޫނު ހުއްދަކުރާ ކަންކަން ފިޔަވައި އެނޫން އެއްވެސް ތަފާތުކުރުމެއް،ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތެއް ގެންގުޅޭ ކަމުގައި އެ ފަރާތުގެ ބަހުން ނުވަތަ އަމަލުން ދޭހަވާނަމަ، ވަގުތުން އެކަމެއް ހުއްޓުވުން.
40-7 ވަނަ މާއްދާ - ގާބިލުކަމާއި ހުނަރު (އިތުރު ކުރެވިފައި)
(ހ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ގާބިލުކަމާއި ހުނަރު ފަނޑިޔާރުގެ ކިބައިގައި އަށަގަންނުވައި، އެ ގާބިލުކަމާއި ހުނަރު ކުރިއަރުވައި ދެމެހެއްޓުމަށް ފަނޑިޔާރުން އަބަދުމެ މަސައްކަތްކުރަންވާނެއެވެ.
(ށ) ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ގާބިލުކަމާއި ހުނަރު ފަނޑިޔާރެއްގެ ކިބައިގައި އަށަގަންނުވައި، އެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމުގެ ގޮތުން އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަނޑިޔާރު އަމަލުކުރަންވާނެއެވެ.
- ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް،ފަނޑިޔާރު އަދާކުރަންޖެހޭ އެހެން އެންމެހައި ކަންކަމުގެ މައްޗަށް އިސްކޮށްމ އެހެން ހުރިހާ ކަމަކަށްވުރެ ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ފަނޑިޔާރުގެ ވަގުތާއި އަމަލުތައް ތަހްސީސްކުރުން؛
- ކޯޓުގައި އަދާކުރަންޖެހޭ ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން އެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެހެން ހުރިހާ ކަންކަމާއި، ކޯޓުގެ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިމެނޭގޮތުން، ފަނޑިޔާރުގެ ރަސްމީ އެންމެހައި މަސައްކަތްތައް ހަމައެކަނި ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ތަހްސީސްކުރުން؛
- ކޮންމެ ފަނޑިޔާރަކުމ،ެ އެމީހަކު ބެލުމަށް ހަވާލުކުރެވިފައިވާ ހުރިހާ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި، އަދުލުވެރިކަމާއި ގާބިލުކަމާއެކު ބަލައި ނިންމުމަށް މަސައްކަތްކުރުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި، ތަމްރީނާއި، ހުނަރު އަދި ސިފަތައް ހޯދައި، ލިބިގަނ،ެ އެކަންކަން ކުރިއެރުވުމަށް އެކަށީގެންވާ މިންވަރެއްގެ މަސައްކަތްކުރުމާއި، ފަނޑިޔާރުންގެ ގާބިލުކަމާއި ހުނަރު އިތުރުކުރުމަށް ތަނަވަސްކޮށްދެވޭ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގާނޫނަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ މައުލޫމާތާއި، އިންސާނީ ށަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދެމުންދާ ބައިނަލްއަގްވާމީ ހަމަތަކާއި އު ސޫލުތައް ދެނެގަނ،ެ އެކަންކަން ދިރާސާކުރަމުން ގެންދިޔުން؛
- ށަރީއަތުގެ އެންމެހައި އިޖުރާއަތެއްގައި ކޯޓުގެ ހުރުމަތާއި ގަދަރު ހިފަހައްޓައި، ހަސްމުންނާއި، ވަކީލުންނާއި، ހެކިވެރިންނާއި، މަގާމުގެ ހައިސިއްޔަތުން ފަނޑިޔާރު މުއާމަލާތްކުރަންޖެހޭ އެނޫންވެސް ފަރާތްތަކާމެދު ކެތްތެރިކަމާއި އިހްތިރާމާއި ގަދަރާއެކު މުއާމަލާތްކުރުން؛
- ފަނޑިޔާރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފަރުވާތެރިވެ، އާންމުކޮށް އެންމެންނަށްވެސް ގަބޫލުކޮށް ބަލައިގަނެވޭފަދަ ގާބިލުކަމާއި ހުނަރުވެރިކަން ދެމެހެއްޓުން؛
- ފަނޑިޔާރަކަށްވީތީ ލިބިދީފައިވާ ބާރެއްގެ ބޭނުންކޮށްގެން ނުވަތަ އަމިއްލަ ހައިސިއްޔަތުންވިޔަސް، ފަނޑިޔާރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ނުބައްދަލު ކަމެއް ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމާއި ހައިބަތާއި ގަދަރާ ނުބައްދަލު އެއްވެސް ކަމެއް ނުކުރުން.
ފަސްވަނަ ބާބު (އިސްލާހު ކުރެވިފައި)
މުސާރައާއި އިނާޔަތްތައް
41 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް
ފަނޑިޔާރުކަމުގެ މަގާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މި ގާނޫނުގެ 8 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ.
42 ވަނަ މާއްދާ - މުސާރައިގެ އިތުރުން ލިބޭ އިނާޔަތްތައް
(ހ) މެޑިކަލް ސްކީމެއްގެ ދަށުން ކޮންމެ ފަނޑިޔާރަކަށާއި، އޭނާގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި، އޭނާގެ މައިންބަފައިންނަށް، ރާއްޖޭން ނުވަތަ ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރެވޭނެގޮތް ދައުލަތުގެ ހަރަދުގައި ހަމަޖައްސަންވާނެއެވެ.
(ށ) ކޮންމެ ފަނޑިޔާރަކަށްމެ މުސާރައިގެ އިތުރުން، ލިވިންގ އެލަވަންސެއް ލިބެންވާނެއެވެ. އަދި ލިވިންގ އެލަވަންސް ދިނުމުގައި އެ ފަނޑިޔާރަކު ދިރިއުޅޭ ރަށެއްގެ ދިރިއުޅުމުގެ ފެންވަރަށް ރިއާޔަތްކުރަންވާނެއެވެ. އަދި، އެއް ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މެދުގައި، ލިވިންގ އެލަވަންސްގެ ފަރަގެއް ގެންގުޅެގެން ނުވާނެއެވެ. އަދި އެކި ފަނޑިޔާރުންނަށް އެކި ބާވަތުގެ ލިވިންގ އެލަވަންސް ނުވަތަ ދިރިއުޅުމުގެ ފަސޭހައަކަށްޓަކައި އެކި އެކި އިނާޔަތްތައް ދީގެންނުވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންވެގެންވާ އިނާޔަތްތަކުގެ އިތުރުންވެސް ދައުލަތުގެ މުވައްޒަފުންނަށް ލިބިދޭ ހާއްސަ މާލީ އިނާޔަތްތައް ފަނޑިޔާރުންނަށް ލިބިދިނުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
ހަވަނަ ބާބު (އިސްލާހު ކުރެވިފައި)
ފަނޑިޔާރުކަމުގެ މަސައްކަތާގުޅޭ އެހެނިހެން ކަންތައްތައް
43 ވަނަ މާއްދާ - ފަނޑިޔާރުން ކޯޓުން ބޭރުގައި ހުކުމްވެރިއަކަށް ނުވުން
އެއްވެސް ފަނޑިޔާރަކު ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައެއް ނެތި މުސާރައަކަށް ނުވަތަ ހިލޭ ވިޔަސް ކޯޓުން ބޭރުގައި ބެލޭ މައްސަލައެއްގެ ހުކުމްވެރިއަކަށް ވެގެން ނުވާނެއެވެ. ނަމަވެސް ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހުއްދައާއެކު ސަރުކާރުގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ފަރާތުން ހުކުމްވެރިއަކަށް ވެވިދާނެއެވެ.
44 ވަނަ މާއްދާ - ފަނޑިޔާރުން މަގާމުގައި ތިބެ ކުރެވޭނެ އަދި ނުކުރެވޭނެ ކަންތައްތައް (މުޅި މާއްދާ އިސްލާހު ކުރެވިފައި)
އަންނަނިވި ބާވަތުގެ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުކަމާ ތައާރުޒުވާކަމެއް ނޫނެވެ.
(ހ) މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ފަނޑިޔާރުން ކުރުން ހުއްދަކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ނުވަތަ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތަށް ބުރޫނާރާކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ މަސައްކަތްތައް ކުރުމަކީ ފަނޑިޔާރުކަމާ ތައާރުޒުވާކަމެއް ނޫނެވެ.
(ށ) ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަހާ ހިނދަކު، ފަނޑިޔާރަކު އެއްވެސް ހާލަތެއްގައި ތިރީގައި ބަޔާންކޮށްފައިވާފަދަ މަސައްކަތެއް ކޮށްގެންނުވާނެއެވެ.
- ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން؛
- އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުން؛ މި މާއްދާގެ މި އަކުރުގެ މި ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނުގެ 40-5 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން މި އުސޫލުން އިސްތިސްނާވާނެއެވެ.
- ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ނުވަތަ ހަސްމުން ތަމްސީލުކުރުމުގެ ގޮތުން އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރުން؛
- ލީގަލް ޕްރެކްޓިސްއެއް ނުވަތަ ލޯ ފާރމެއް ހިންގުން ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން.
(ނ) (އުނި ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
(ބ) (އުނި ކުރެވިފައި)
(ޅ) (އުނި ކުރެވިފައި)
(ކ) (އުނި ކުރެވިފައި)
45 ވަނަ މާއްދާ - ފަނޑިޔާރުން ކޮށްގެންނުވާނެ މަސައްކަތް
ފަނޑިޔާރަކު އެއްވެސް ހާލަތެއްގައި ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތެއް ކޮށްގެންނުވާނެއެވެ.
(ހ) ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކުރުން.
(ށ) އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުން.
(ނ) ފަނޑިޔާރަކު ފަނޑިޔާރެއްގެ ގޮތުގައި ހުންނަހާ ހިނދަކު، އެއްވެސް މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުން، ނުވަތަ ލޯ ފާރމެއް ހިންގުން، ނުވަތަ އެފަދަ ތަނެއްގައި މަސައްކަތްކުރުން.
46 ވަނަ މާއްދާ - ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން (އުނި ކުރެވިފައި)
47 ވަނަ މާއްދާ - ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު އުވުން
(ހ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، އެ މަރުހަލާގެ އެހެން ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރުމަށް އެއްބަސްވާނަމަ، އެފަދަ މަގާމަކަށް އޭނާ އައްޔަންކުރަންވާނެއެވެ.
(ށ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، އަދި، އެ ކޯޓަކީ، އެ މަރުހަލާގެ ހަމައެކަނި ކޯޓުކަމުގައިވާނަމަ، އެ ފަނޑިޔާރަކު، އެ އުވުނު މަރުހަލާ އާ ވިދިގެން ދަށު މަރުހަލާގައިވާ ކޯޓުގެ ފަނޑިޔާރަކަށް އައްޔަންވުމަށް އެއްބަސްވާނަމަ، އެފަދަ މަގާމަކަށް އޭނާ އައްޔަންކުރަންވާނެއެވެ.
(ނ) ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓެއް އުވިއްޖެހިނދެއްގައި، މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން މަގާމު ބަދަލުކުރުމަށް ފަނޑިޔާރު އެއްބަސްނުވާނަމަ އަދި އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅައި، އެ ކޮމިށަނުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިން، އަމިއްލައަށް މަގާމުން ވަކިވުމުގެ ފުރުސަތު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
48 ވަނަ މާއްދާ - ވަޒީފާއަށް ނުކުތުން މަނާކުރުމާމެދު ށަކުވާ ހުށަހެޅުން
ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ވަޒީފާއަށް ނުކުތުން މަނާކުރެވިއްޖެނަމަ، އެ ކަމާބެހޭ ގޮތުން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހެޅުމުގެ ހައްގު އެ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
49 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން (އުނި ކުރެވިފައި)
50 ވަނަ މާއްދާ - ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ނުވަތަ އަދުލު އިންސާފު ގާއިމުކުރުން ހަރުދަނާކުރުމުގެ ބޭނުމަށްމ ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެނިއްޖެނަމަ، އެފަދައިން ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓު ބަދަލުކުރުމަށް އެ ކޮމިށަނަށް ނިންމިދާނެއެވެ. މިގޮތުން ބަދަލުކުރާނަމަ ބަދަލުކުރަންވާނީ، އެ ފަނޑިޔާރަކު މަސައްކަތްކުރަމުންދާ ކޯޓަކާ އެއް މަރުހަލާއެއްގެ ކޯޓަކަށެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން އެއްވެސް ނިންމުމެއް ނިންމަންވާނީ، ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމާމެދ،ު މި މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުގެމަތިން، އެ ކޮމިށަނުން އެކުލަވާލާ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)
(ނ) ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި ނުވަތަ އަދުލު އިންސާފު ގާއިމުކުރުން ހަރުދަނާކުރުމުގެ ބޭނުމަށްމ ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރަންޖެހޭކަމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އަންނަނިވި އި ޖުރާއަތުތައް ފުރިހަމަކޮށްމ އެކަމާ ގުޅޭގޮތުން ރިޕޯޓެއް އެ ކޮމިށަނުން އެކުލަވާލަންވާނެއެވެ. (އިތުރު ކުރެވިފައި)
- ބަދަލުކުރަން އެދޭ ފަނޑިޔާރު އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލުން؛
- ބަދަލުކުރަން އެދޭ ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓުގެ އިސް ފަނޑިޔާރާއެކު ކަމާބެހޭ މަށްވަރާތައް ކުރުން؛
- ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގެ އިސް ފަނޑިޔާރާއެކު ކަމާބެހޭ މަށްވަރާތައް ކުރުން؛
- ފަނޑިޔާރު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުގެ ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ނުވަތަ ށަރުއީ ދާއިރާގެ އަދުލު އިންސާފު ގާއިމުކުރުމަށް އަންނާނެކަމަށް ލަފާކުރެވޭ އެދެވޭ ބަދަލުތަކުގެ އެސެސްމަންޓެއް ހެދުން.
(ރ) ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރަން ފެންނަކަމުގައި ބަޔާންކޮށްމ މި މާއްދާގެ (ނ) ގެ ދަށުން އެކުލަވާލާ ރިޕޯޓުގައި ހިމެނޭ ކަންކަން ފުރިހަމައަށް ދިރާސާކޮށްމ ކޮމިށަނުން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުން ގޮތެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
- ފަނޑިޔާރު ބަދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކޯޓުގެ ނުވަތަ ކޯޓުތަކުގެ އިދާރީ ހިންގުމަށް ނުވަތަ ށަރުއީ ދާއިރާގެ އަދުލު އިންސާފު ގާއިމުކުރުމަށް އެދެވޭ ބަދަލެއް ނުވަތަ ބަދަލުތަކެއް
އައުމުގެ ފުރުސަތު އޮތް މިންވަރު؛ - ފަނޑިޔާރު ބަދަލުކުރެވޭ ކޯޓުގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ފަނޑިޔާރުގައި ހުރި މިންވަރު؛
- ފަނޑިޔާރު ބަދަލުކުރުމުގެ ސަބަބުން ފަނޑިޔާރު އައްޔަންކޮށްފައިވާ ކޯޓުގެ މަސައްކަތްތަކަށް ބުރޫއަރާނެ މިންވަރު؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ކަންކަން.
(ޅ) އަންނަނިވި އަސާސީ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށްމ ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ އެންމެހައި މަރުހަލާތަކުގެ މައްޗަށް ތަތުބީގުކުރަންޖެހޭ އު ސޫލުތަކާއި އިޖުރާއަތުތައް ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވާލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތުން؛
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ ސަބަބުން ފަނޑިޔާރުގެ އަދި ށަރުއީ ދާއިރާގެ މިނިވަންކަމަށް ނޭދެވޭ އަސަރެއް ނުކުރުން؛
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ މަރުހަލާތައް ދެފުށް ފެންނަ ގޮތަކަށް ވީހާވެސް ހާމަކަމާއެކު ހިންގުން؛
- ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމުގެ މަރުހަލާތައް ހިންގައި ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ދިނުން.
(ކ) ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް އެ ފަނޑިޔާރު ބަދަލުކުރުމަށް މި މާއްދާގެ (ރ) ގެ ދަށުން ކޮމިށަނުން ނިންމައިފިނަމަ، އެފަދައިން ނިންމިކަން ވީ އެންމެ އަވަހަކަށް އެ ފަނޑިޔާރަށް އަންގައި، އެ ނިންމުމާމެދު ފަނޑިޔާރު ދެކޭ ގޮތް ހުށަހެޅުމަށް އޭނާއަށް ފުރުސަތު ދޭންވާނެއެވެ. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ކ) ގެ ދަށުން ފަނޑިޔާރު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބަލައި، ކޮމިށަނުގެ ނިންމުން ބަދަލުކުރުމުގެ ނުވަތަ ދެމެހެއްޓުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
51 ވަނަ މާއްދާ - ފަނޑިޔާރު އައްޔަންކުރެވިފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތައް ވަގުތީގޮތުން ހަވާލުކުރުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ވަކި ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާނަމަ، ނުވަތަ އެ ކޯޓެއްގެ މަސައްކަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އަދަދަށް އެ ކޯޓުގައި ފަނޑިޔާރުން ނެތްނަމަ، ނުވަތަ އެނޫންވެސް އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ނިންމުން އާދަޔާ ހިލާފަށް ލަސްވެފައިވާ ސަބަބުތަކެއް ހުރިނަމަ، އަދި އެ މައްސަލަތައް ނިންމޭނީ އިތުރު ފަނޑިޔާރެއް އެ ކޯޓެއްގައި ށަރީއަތް ހިންގުމަށް ވަގުތީގޮތުން ހަމަޖައްސައިގެން ކަމުގައިވާ ހާލަތުގައި، އެ ކޯޓެއްގައި ނުނިމި ހުރި މައްސަލަތަކުގެ ށަރީއަތް ހިންގައި، އެ މައްސަލަތައް ނިންމުމަށް އެހެން ކޯޓަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކާ ވަގުތީގޮތުން ހަވާލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ނިންމިދާނެއެވެ. (އިތުރު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން އެހެން ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށްމ މައްސަލަތައް ނިންމުމަށް ފަނޑިޔާރަކާ ހަވާލުކުރާނަމަ، އެފަދައިން ހަވާލުކުރެވޭނީ، އެ ފަނޑިޔާރަކު މަސައްކަތްކުރަމުންއައި ކޯޓާ އެއް މަރުހަލާއެއްގެ ކޯޓެއްގެ މައްސަލަތަކެވެ. (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގެ ދަށުން، ފަނޑިޔާރަކު އައްޔަންކުރެވިފައިވާ ކޯޓު ނޫން އެހެން ކޯޓެއްގައި ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް ހަވާލުކުރާނެ ފަނޑިޔާރެއް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާނީ އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ. (އިތުރު ކުރެވިފައި)
- ( ފަނޑިޔާރު އައްޔަންކުރެވިފައިވާ ކޯޓުގައި އެ ފަނޑިޔާރާ ހަވާލުކުރެވިފައިވާ މައްސަލަތަކުގެ ބާވަތާއި، އަދަދާއި، އެހެން ކޯޓެއްގެ މައްސަލަތައް އެ ފަނޑިޔާރާ ހަވާލުކޮށްފިނަމަ ފަނޑިޔާރު އައްޔަންކުރެވިފައިވާ ކޯޓުގެ މަސައްކަތްތަކަށް އޭގެ ސަބަބުން އަސަރުކުރާނެ މިންވަރު؛ އަދި
- ފަނޑިޔާރު ވަގުތީގޮތުން މަސައްކަތްކުރުމަށް ކަނޑައެޅޭ ކޯޓުގައި ހުރި މައްސަލަތަކުގެ ބާވަތާއި މައްސަލަތަކުގެ އަދަދާއި، އެ މައްސަލަތައް ނިންމޭނެކަމަށް ލަފާކުރެވޭ މުއްދަތާއި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް އެ ކޯޓުގައި ގާއިމުވެފައިހުރި މިންވަރު.
(ރ) ފަނޑިޔާރަކު އައްޔަންކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް މި މާއްދާގެ ދަށުން ފަނޑިޔާރަކާ ވަގުތީގޮތުން ހަވާލުކުރެވޭނީ ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުން، ފަނޑިޔާރުގެ ރުހުމާއެކު އެ މުއްދަތު އިތުރު 6 (ހައެއް) މަސްދުވަހަށްވުރެ ގިނަނުވާނެ ގޮތަކަށް އިތުރުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. (އިތުރު ކުރެވިފައި)
(ޅ) މި މާއްދާގެ ދަށުން ވަކި ކޯޓެއްގެ މައްސަލަތަކުގެ ށަރީއަތްކޮށް މައްސަލަތައް ނިންމުމަށް އެހެން ކޯޓެއްގެ ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް،މި ގާނޫނުގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
52 ވަނަ މާއްދާ - އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރުމާމެދު ގޮތެއް ކަނޑައެޅުން (އުނި ކުރެވިފައި)
53 ވަނަ މާއްދާ - ވަގުތީ ގޮތުން އެހެން ކޯޓެއްގެ ށަރީއަތްކުރަން ހަވާލުވާ ފަނޑިޔާރެއްގެ މުސާރަ
(ހ) ކޯޓެއްގެ ފަނޑިޔާރަކާ އެހެން ކޯޓެއްގައި ވަގުތީ ގޮތުން ށަރީއަތްކުރަން ހަވާލުކުރާ ހާލަތުގައި، މަސައްކަތް ހަވާލުކުރާ ކޯޓުގެ ފަނޑިޔާރަކަށް ލިބޭ މުސާރައަކީ މަސައްކަތާ ހަވާލުވާ ފަނޑިޔާރަށް އަސްލު ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއްކަމުގައިވާނަމަ، ށަރީއަތްކުރަން ހަވާލުވާ ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މުސާރައާ އެއްވަރު މުސާރައެއް އެ ފަނޑިޔާރަކަށް، އެ މުއްދަތަށް، ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ މުސާރައިގެ އިތުރުން އެހެން ކޯޓެއްގައި ށަރީއަތްކުރަން ހަވާލުވާ ފަނޑިޔާރަކަށް ލިބިދޭންޖެހޭ އެހެނިހެން އިނާޔަތްތަކާއި ހިދުމަތްތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައެޅިދާނެއެވެ.
54 ވަނަ މާއްދާ - ފަނޑިޔާރަކު ކޯޓުން ބޭރުގެ ކަމަކަށް ދޫކުރުން (އުނި ކުރެވިފައި)
55 ވަނަ މާއްދާ - ފަނޑިޔާރަކު ބޭރު ގައުމަކަށް ފޮނުވާފައި ހުރުން (އުނި ކުރެވިފައި)
56 ވަނަ މާއްދާ - މަސައްކަތް ހަވާލުކުރުމުގެ މިންގަނޑުތައް
(ހ) ކޮންމެ ފަނޑިޔާރަކަށްމެ އަހަރުތެރޭގައި ހަވާލުކުރެވޭނެ މަސައްކަތުގެ ބާވަތާއި، ބުރަދަން އަންދާޒާކުރެވޭ ފަދަ ތާވަލެއް ކޯޓުން ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، ފަނޑިޔާރަކު އަލަށް އައްޔަންކުރުމުގެ ސަބަބުން، ނުވަތަ ފަނޑިޔާރަކު ދިގު މުއްދަތަކަށް ކޯޓަށް ނައުމުގެ ސަބަބުން ނުވަތަ ޗުއްޓީ ނެގުމުގެ ސަބަބުން، ނުވަތަ ފަނޑިޔާރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ފަނޑިޔާރެއްގެ މަސައްކަތުގެ ތާވަލަށް ބަދަލެއް ގެނެވިދާނެއެވެ.
(ނ) ފަނޑިޔާރަކާ މައްސަލަތައް ހަވާލުކުރަންވާނީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ގާނޫނީ ނުކުތާތަކަށާއި މައްސަލައިގައި ހިމެނޭ ހަސްމުންގެ ޒާތަށް ނުބަލައި ކޯޓުން ކަނޑައަޅާ ވަކި ތަރުތީބަކުންނެވެ. މިގޮތުން މައްސަލަތައް ހަވާލުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ކޯޓުގެ އިދާރީ ހިންގުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ރ) ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މަސައްކަތް މާގިނަ ނަމަ، ނުވަތަ ގާނޫނީގޮތުން އޭނާ އެ މައްސަލައެއް ބެލުމަށް ހުރަސްއަޅާފަދަ ކަމެއް އޮތްނަމަ މި މާއްދާގައި މަސައްކަތް ހަވާލުކުރުމަށް ބުނެފައިވާ ތަރުތީބަށް ބަދަލުގެނެވިދާނެއެވެ.
(ބ) ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލައެއް އަނބުރާ ނެގޭނީ މި ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އެ ފަނޑިޔާރަކު ދިގު މުއްދަތަކަށް ކޯޓަށް ނާދެވޭނަމަ، ނުވަތަ ށަރީއަތް ހިންގުމުގެ އިޖުރާއަތެއް ނެގެހެއްޓުމަށްޓަކައެވެ.
57 ވަނަ މާއްދާ - މަސައްކަތް ހަވާލުކުރާ ގޮތާމެދު ހިތްހަމަނުޖެހުން
އަހަރީ މަސައްކަތުގެ ތާވަލާއި ބެހޭގޮތުން ނުވަތަ މަސައްކަތުގެ ބާވަތް ބަދަލުވުމުގެ ސަބަބުން ނުވަތަ މައްސަލަތައް ހަވާލުކުރުމުގެ ތަރުތީބު ބަދަލުކުރުމުގެ ސަބަބުން ނުވަތަ ހަވާލުކޮށްފައިވާ މައްސަލައެއް އަނބުރާ ގެންދިޔުމުގެ ސަބަބުން ހިތްހަމަ ނުޖެހޭނަމަ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަނޑިޔާރަކަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ށަކުވާ ހުށަހެޅިދާނެއެވެ. މިފަދަ މައްސަލައެއްގައި އެ ކޮމިށަނުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުމެވެ.
58 ވަނަ މާއްދާ - މައްސަލަ ހިނގަމުންދާގޮތް ރިޕޯޓުކުރުން
(ހ) ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ އިސް ފަނޑިޔާރަށް އެ ފަނޑިޔާރަކު އަންގަންވާނެއެވެ. އަދި މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން މަދުވެގެން ކޮންމެ 6 (ހައެއް) މަހަކުން އެއްފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅު އެޅޭ މިންވަރާބެހޭ މައުލޫމާތު، ކަނޑައެޅޭ ވަކި އުސޫލެއްގެ މަތިން، ޖުޑީށަލް ސަރވިސް ކޮމިށަނަށް ކޯޓުގެ އިސް ފަނޑިޔާރުން ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)
59 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުން
(ހ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށްމ ޖުޑީށަލް ސަރވިސް ކޮމިށަނުން މަދުވެގެން ކޮންމެ 2 (ދޭޢް) އަހަރުން އެއްފަހަރު ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ޖުޑީށަލް ސަރވިސް ކޮމިށަނުން ވަޒަންކުރަންވާނީ، މި ގާނޫނުގެ 62 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖުޑީށަލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަންނީ މިންގަނޑުތަކާއި އުސޫލުތަކުގެ މައްޗަށެވެ. (އިސްލާހު ކުރެވިފައި)
(ނ) ( މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭ ކޮންމެ ފަހަރަކު، އެ ވަޒަންކުރުމުގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ދަރަޖަތަކުގެ ތެރެއިން ދަރަޖައެއް ކަނޑައަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)
- ގާބިލު؛
- ގާބިލުކަން މެދުމިން؛
- ގާބިލުކަން މެދުމިނަށްވުރެ ދަށް؛
- ގާބިލު ނުވުން
(ރ) މި މާއްދާގެ ދަށުން ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ޖުޑީށަލް ސަރވިސް ކޮމިށަނުން އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލަންވާނެއެވެ. (އިތުރު ކުރެވިފައި)
(ބ) މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރެއްގެ ފެންވަރު ވަޒަންކުރުމަށްފަހުގައި، މަސައްކަތުގެ ފެންވަރު ބެލެވުނު ގޮތާއި، މި މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅުނު ނަތީޖާއާއި، އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓުގެ ކޮޕީއެއް،އެ ފަނޑިޔާރަކަށް ދޭންވާނެއެވެ. (އިތުރު ކުރެވިފައި)
(ޅ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން ފަނޑިޔާރަކަށް ލިބުނު ނަތީޖާއަކ،ީ މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަޖަ ކަމުގައިވާނަމަ، އެ ފަނޑިޔާރެއްގެ ގާބިލުކަން ރަނގަޅުކުރުމަށް ފަނޑިޔާރު އިސްލާހުކުރަންވީ ކަންކަމުގެ އިރުށާދ،ު ޖުޑީށަލް ސަރވިސް ކޮމިށަނުން އެ ފަނޑިޔާރަކަށް ދޭންވާނެއެވެ. އަދ،ި ފަނޑިޔާރުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމްތަކެއް ފުރިހަމަކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ފެންނަނަމަ އެފަދައިން ފަނޑިޔާރު ފުރިހަމަކުރަންޖެހޭކަމަށް ފެންނަ ޕްރޮގްރާމްތަކުގެ އިރުށާދު ދޭންވާނެއެވެ. (އިތުރު ކުރެވިފައި)
(ކ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަޖަ ފަނޑިޔާރަކަށް ލިބިއްޖެނަމަ، ފަނޑިޔާރުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތްކުރި ކޮމިޓީން އެކުލަވާލާ ރިޕޯޓުގެ މައްޗަށް ބިނާކޮށްމ އެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫންކަމުގައި ކަނޑައަޅައި މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމަންވާނެއެވެ. (އިތުރު ކުރެވިފައި)
(އ) މި މާއްދާގެ (ކ) ގެ ދަށުން ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމަށް ގާބިލުނޫންކަމުގައި ކަނޑައަޅައި، މަގާމުން ވަކިކުރުމަށް ނިންމުމުގައި ޖުޑީށަލް ސަރވިސް ކޮމިށަނުން ރިއާޔަތްކުރާނެ ކަންކަމާއި އަމަލުކުރާނެ އުސޫލުތައް،މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)
(ވ) ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުން، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ދަރަޖަ ފަނޑިޔާރަކަށް ވިދިވިދިގެން 2 (ދޭޢް) ފަހަރު ލިބިއްޖެނަމަ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމަށް ޖުޑީށަލް ސަރވިސް ކޮމިށަނަށް ނިންމިދާނެއެވެ. (އިތުރު ކުރެވިފައި)
- މުސާރައިގެ އިންކްރިމެންޓެއް ދިނުން؛
- އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުވާން ހުޅުވާލާ ފުރުސަތުތަކުގައި އިސްކަން ދިނުން؛
- ދަށު މަރުހަލާއެއްގެ ކޯޓަކުން މަތީ މަރުހަލާއެއްގެ ކޯޓެއްގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ހާލަތުގައި، ފެންވަރު ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަކަށް ލިބުނު ނަތީޖާއަށް ރިއާޔަތްކުރުން؛ އަދި
- އިސް ފަނޑިޔާރު، އިސް ގާޒީ ނުވަތަ ދާއިރާގެ އިސް މެޖިސްޓްރޭޓް ނުވަތަ އިސް މެޖިސްޓްރޭޓްގެ މަގާމަށް އައްޔަންކުރުމުގައި އިސްކަން ދިނުން.
60 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައަޅާ ރިޕޯޓާބެހޭ ގޮތުން ށަކުވާ ހުށަހެޅުން
(ހ) މި ގާނޫނުގެ 56 ވަނަ މާއްދާގައި ބުނެފައިވާ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ކަނޑައަޅާ ރިޕޯޓާމެދު ށަކުވާއެއް އޮވެއްޖެނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނުގައި ފަނޑިޔާރަށް އެ ށަކުވާ ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރަކު ހުށަހަޅާފައިވާ ށަކުވާގެ މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ފަނޑިޔާރުގެ ވާހަކަތައް އަޑުއަހައި މައްސަލައިގައި ގޮތެއް ނިންމާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ. މިގޮތުން ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ކަނޑައެޅުމުގައި އެންމެފަހުގެ ނިންމުމެވެ.
(ނ) ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކޮށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމާ ނިންމުމާމެދު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ށަކުވާއެއް ހުށަހަޅާފައިނުވާނަމަ ކޮމިށަނުން ނިންމާފައިވާ ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތު ގެ ފެންވަރު ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުމެވެ. (އިތުރު ކުރެވިފައި)
61 ވަނަ މާއްދާ - ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުން
(ހ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދޭންވާނީ މަގާމުގައި އެންމެ ދުވަސްވުމަކީ އަސާސެއްކަމުގައި ބަލައި، އެ މަގާމުގައި މަސައްކަތް އަދާކޮށްފައިވާ ފެންވަރާއި ހުނަރާއި، ގާބިލުކަމުގެ މައްޗަށް ބިނާކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ މުއްދަތު ގުނަންވާނީ ފަނޑިޔާރުކަމުގެ މަގާމަށް އިސްކުރެވުނު ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގައި ބުނެފައިވާ މަގާމުގެ ކުރިއެރުން ދިނުމުގެތެރޭގައި ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ނުވަތަ އިސް ގާޒީކަމަށް އައްޔަންކުރުމާއި، އެއް ކޯޓުން އަނެއް ކޯޓަށް މަގާމުގެ ކުރިއެރުން ދިނުމާއެކު ބަދަލުކުރުމާއި، ގްރޭޑް މަތިކުރުން ހިމެނެއެވެ.
(ރ) ފަނޑިޔާރަކަށް މަގާމުގެ ކުރިއެރުން ދެވޭނީ އެ މަގާމުގައި މަސައްކަތް އަދާކުރި ފެންވަރާއި ގާބިލުކަން ވަޒަންކުރި އެންމެފަހު ބުރުގެ ނަތީޖާ މި ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ދަށްވެގެން "ގާބިލުކަން މެދުމިނަށްވުރެ މަތި" ލިބިފައިވާނަމައެވެ.
(ބ) ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި، މި މާއްދާގެ (ރ) ގައި ބުނެފައިވާ އުސޫލަށް އަމަލުކުރަން ފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ފަހުންނެވެ.
62 ވަނަ މާއްދާ - ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތައް ހެދުން
59.މި ގާނޫނުގެ 56 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށްޓަކައި ހަދަންޖެހޭ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ޖުޑީށަލް ސަރވިސް ކޮމިށަނުން ހަދާ ގަވާއިދަކުން ކަނޑައަޅަންވާނެއެވެ.
63 ވަނަ މާއްދާ - މަގާމުގެ ކުރިއެރުން ދިނުމަށް ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހުން
(ހ) ފަނޑިޔާރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ނުވަތަ ނުދިނުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ނިންމި ނިންމުމަކާމެދު ފަނޑިޔާރަކު ހިތްހަމަނުޖެހޭނަމަ، ށަކުވާ ހުށަހެޅުމުގެ ހައްގު އެ ފަނޑިޔާރަކަށް ލިބިގެންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާފަދަ ށަކުވާއެއް ހުށަހެޅިއްޖެނަމަ، އެ ށަކުވާގެ މައްސަލަ ބަލައި ނިންމުމަށް ޖުޑީށަލް ސަރވިސް ކޮމިށަނުން މުސްތަގިއްލު ކޮމިޓީއެއް އުފެއްދިދާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ށަކުވާތަކުގެ މައްސަލަތައް ބަލާނެ އުސޫލުތަކާބެހޭ ގަވާއިދެއް ޖުޑީށަލް ސަރވިސް ކޮމިށަނުން އެކުލަވާލަންވާނެއެވެ.
64 ވަނަ މާއްދާ - އަހަރީ ޗުއްޓީ
ކޮންމެ ފަނޑިޔާރަކުވެސް މަގާމާ ހަވާލުވުމަށްފަހު އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ.
64-1 ވަނަ މާއްދާ - ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ (އިތުރު ކުރެވިފައި)
(ހ) ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށްމެ ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ގެ ގޮތުގައި އަންހެން ފަނޑިޔާރުންނަށް ލިބިދެވޭނީ، 6 (ހައެއް) މަސްދުވަހުގެ ޗުއްޓ އެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ގެ ގޮތުގައި ފިރިހެން ފަނޑިޔާރުންނަށް ލިބިދެވޭނީ، 1 (އެކެއް) މަސްދުވަހުގެ ޗުއްޓީ އެކެވެ.
(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ޗުއްޓީ އަކީ، މުސާރަ ލިބޭގޮތަށް ދެވޭ ޗުއްޓ އެކެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޗުއްޓީ ގެ އިތުރުން، މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ގާނޫނު ނަންބަރު 2/2008 (ވަޒީ ފާއާބެހޭ ގާނޫނު) ގެ ދަށުން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
65 ވަނަ މާއްދާ - އެހެނިހެން ޗުއްޓީއާއި ސަލާމް
އަހަރީ ޗުއްޓީގެ ގޮތުގައި ފަނޑިޔާރަކަށް އަހަރަކު ހައްގުވާ 30 (ތިރީސް) ދުވަހުގެ ޗުއްޓީގެ އިތުރުން، ދެވޭ އެހެނިހެން ޗުއްޓީ ދިނުމާއި، ސަލާމްބުނުމުގައި އަމަލުކުރާނީ ގާނޫނު ނަންބަރު 2/200 (ވަޒީފާއާބެހޭ ގާނޫނު) އާ އެއްގޮތަށެވެ.
66 ވަނަ މާއްދާ - ސިއްހީ ސަބަބަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީ
(ހ) ޑޮކްޓަރެއްގެ ސެޓުފިކެޓަކާއެކު، ސިއްހީ ސަބަބަކަށްޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ، މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން އެދިއްޖެނަމަ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް މި ޗުއްޓީއަށް 1 (އެކެއް) އަހަރު އިތުރުކުރެވިދާނެއެވެ.
(ނ) މި މާއްދާގައި ބުނެފައިވާ ޗުއްޓީތަކަށްފަހުވެސް މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވެއްޖެނަމަ ނުވަތަ ވަޒީފާގައި ހުރުމަށް ސިއްހީ ސަބަބަކާހުރެ ނުކުޅެދިއްޖެކަން ކަމާބެހޭ ހާއްސަ ސިއްހީ ފަރާތެއްގެ ނިންމުމަކުން ސާބިތުވެއްޖެނަމަ، ވަޒީފާއިން މުސްކުޅިކުރެވިދާނެއެވެ.
67 ވަނަ މާއްދާ - ޗުއްޓީ ދޭ ފަރާތް (އުނި ކުރެވިފައި)
68 ވަނަ މާއްދާ - މާލީ ހިސާބު ހުށަހެޅުން (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހ،ާ އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާގެ ކިބައިގައި ހުރި އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާވު، އެ މަގާމާ އޭނާ ހަވާލުވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
(ށ) މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށްމ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހާ އެ މަގާމުގައި ދެމިހުރިހާ ހިނދަކު، ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ފާއިތުވީ އަހަރުގެ އޭނާގެ މާލީ ހިސާވު، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަމުން ގެންދަންވާނެއެވެ. (އިތުރު ކުރެވިފައި)
(ނ) ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވޭ މީހާ އެއްވެސް ސަބަބަކާހުރެ އެ މަގާމުން ވަކިވުމަށްފަހު ނުވަތަ އިސްތިއުފާ ދިނުމަށްފަހ،ު އޭނާ މަގާމުން ވަކިވިއިރު އޭނާގެ ކިބައިގައި ހުރި އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާވު، އެ މަގާމުން އޭނާ ވަކިވާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ޖުޑީށަލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)
(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ)، (ށ) އަދި (ނ) ގެ ދަށުން ހުށަހެޅުން ލާޒިމުކުރާ މާލީ ހިސާބުތައް ތައްޔާރުކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ކޮމިށަނުން ކަނޑައަޅައި އާންމުކޮށްފައިވާ ނަމޫނާއަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. (އިތުރު ކުރެވިފައި)
69 ވަނަ މާއްދާ - ފަނޑިޔާރުންގެ އެހީތެރިން
(ހ) ބޭނުންވެއްޖެ ހިނދެއްގައި، ކޮންމެ ދަށު ކޯޓަކަށް ފަނޑިޔާރުންގެ އެހީތެރިން، މި ގާނޫނުގައިވާ ފަދައިން، އައްޔަންކުރެވިދާނެއެވެ. މިގޮތުން އައްޔަންކުރެވޭ އެހީތެރިންނަށް ބޭނުންވާ ތަމްރީނުތައް ދީ، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، މަސައްކަތްތައް ހަވާލުކުރާނީ އެ ކޯޓެއްގެ ފަނޑިޔާރުންނެވެ.
(ށ) ފަނޑިޔާރުންގެ އެހީތެރިންނަކީ އުމުރުން 21 އަހަރު ފުރިފައިވުމާއެކު ފަނޑިޔާރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކުގެ ތެރެއިން އުމުރުން 25 އަހަރުވުން ފިޔަވައި އެހެނިހެން ށަރުތުތައް ފުރިހަމަވެފައިވާ މީހަކަށްވާންވާނެއެވެ.
(ނ) ފަނޑިޔާރުގެ އެހީތެރިޔާކަމުގެ މަގާމަށް މީހުން އައްޔަންކުރާނީ ކޯޓުގެ ހުށަހެޅުމަކަށް ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
(ރ) ފަނޑިޔާރުގެ އެހީތެރިޔާކަމުގެ މަގާމުގެ ފުރަތަމަ އަހަރަކީ އަޖުމަބެލުމުގެ މުއްދަތެއްކަމުގައި ބެލެވޭނެއެވެ. އަދި އިތުރު 1 (އެކެއް) އަހަރަށް މި މުއްދަތު އިތުރުކުރެވިދާނެއެވެ.
(ބ) ފަނޑިޔާރުންގެ އެހީތެރިޔަކަށް އައްޔަންކުރެވޭ މީހަކު ކޯޓުގެ ފަނޑިޔާރަކު އަންގާ ގޮތެއްގެމަތިން، އަންނަނިވި މަސްއޫލިއްޔަތުތައް، އަދާކުރަންވާނެއެވެ.
- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި މައްސަލަތައް ހިންގުމުގައި ފަނޑިޔާރުންނަށް އެހީތެރިވުމާއި؛
- ތަންފީޒުކުރުން އެދި ހުށަހަޅާ ހުށަހެޅުންތައް، މައްސަލަ ބަލާ ފަނޑިޔާރަކަށް ހުށަހެޅުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތައް ކުރުމާއި؛
- ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ލިޔުންތަކާއި ތަކެތި ހަމަތޯބެލުމާއި؛
- މައްސަލައިގައި ހިމެނޭ މީހުން ކަށަވަރުކޮށް ދެނެގަތުމާއި؛
- މިނޫނަސް އިސް ފަނޑިޔާރަކު ކޯޓުގެ މަސައްކަތާ ގުޅިގެން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.
- (ޅ) ފަނޑިޔާރުގެ އެހީތެރިންގެ މެދުގައި މަސައްކަތް ބަހާލެވޭގޮތް ކަނޑައަޅާނީ ކޯޓުގެ އިސް ފަނޑިޔާރެވެ.
(ކ) ފަނޑިޔާރުންގެ އެހީތެރިޔާ މަގާމުން ވަކިކުރާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
(އ) ފަނޑިޔާރުގެ އެހީތެރިޔާގައި ފަނޑިޔާރެއްގެ މަގާމުގެ ށަރުތު ފުރިހަމަ ވެފައިވާނަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމުގައި އޭނާއަށް އިސްކަންދޭންވާނެއެވެ.
70 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ގަވާއިދުތައް ހެދުމުގެ ބާރު
(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންތައްތަކުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާބެހޭ ގަވާއިދުތައް ހަދާނީ ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
(ށ) ޖުޑީށަލް ކައުންސިލާބެހޭ ގަވާއިދުތައް ހަދާނީ ޖުޑީށަލް ކައުންސިލުންނެވެ.
71 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފަށާ ތާރީހު
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުންނެވެ.
72 ވަނަ މާއްދާ - މާނަ
މި ގާނޫނުގައި އިބާރާތް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރަންވާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.
(ހ) "މުސްކުޅިކުރުން" ކަމަށް ބުނެފައި އެވަނީ، އުމުރުން 70 އަހަރުވުމުން ކަނޑައަޅާ އިނާޔަތަކާ އެކު ވަޒީފާއިން ވަކިކުރާ ވަކިކުރުމަށާއި، އަމިއްލައަށް އެދިގެން ކަނޑައަޅާ އިނާޔަތަކާއެކު ވަޒީފާއިން ވަކިވާ ވަކިވުމަށާއި، ސިއްހީ ސަބަބަކަށްޓަކައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތިގެން ކަނޑައަޅާ އިނާޔަތަކާއެކު، ވަޒީފާއިން ވަކިކުރާ ވަކިކުރުމަށެވެ.
(ށ) "މުސާރަ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފަނޑިޔާރުންގެ މުސާރައަށެވެ.
(ނ) "އިނާޔަތް" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރަކަށް މުސާރައިގެ އިތުރުން ދައުލަތުން ލިބޭ ފައިސާގެ އެހެނިހެން އިނާޔަތްތަކާއި، މަގާމުގެ ހައިސިއްޔަތުން ލިބޭ އެހެނިހެން ހިދުމަތްތަކަށެވެ.
(ރ) "ޖުޑީށަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނެއްގެ ދަށުން އުފައްދައި، އެ ކައުންސިލްގެ އިހްތިސާސް އެ ގާނޫނުގައި ބަޔާންކޮށްދީފައިވާ ކައުންސިލަށެވެ.
(ބ) "ގާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ، 7 އޯގަސްޓް 2008 ގައި އަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށެވެ.
(ޅ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ނަމުގައި އުފައްދާ ކޯޓަށެވެ.
(ކ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ނަމުގައި އުފައްދާ ކޯޓަށެވެ.
(އ) "ދަށު ކޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކި ނަންނަމުގައި، އެކި އިހްތިސާސް ލިބިގެންވާގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އުފައްދާ ކޯޓުތަކަށެވެ.
(ވ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2008-10 (ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-124)
- ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-84)
- ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1069)
- މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1030)
- ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1009)
- ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލިއްޔަތު ވަޒަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-15)
- ށަރުއީދާއިރާތަކުގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 2011-18)
- އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-51)
ކިޔުންތެރިންގެ ހިޔާލު