-

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2011-01)

 

1 ވަނަ މާއްދާ - ގާނޫނުގެ 23 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކޮށް، މި މާއްދާއަކީ، މި ގާނޫނުގެ 24 ވަނަ މާއްދާގެ ގޮތުގައި ހަމަޖައްސައި، ދެންހުރި މާއްދާތައް އަލުން ތަރުތީބުކުރުން.

24. ށަރަފުވެރިކަމާއެކު ވަކިވުމުން ދެވޭ އިމްތިޔާޒުތަކާއި އިނާޔަތްތައް
(ހ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ ފަނޑިޔާރަކީ ށަރަފުވެރިކަމާއެކު، ފަނޑިޔާރުކަމުން ވަކިވާ މީހެކެވެ.

(ށ) މި ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށް އަންނަނިވި ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުގެ ފަރާތުން ލިބިދޭންވާނެއެވެ.

  1. އެމީހަކަށް މުހާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން

  2. (ހ) އެ ފަނޑިޔާރަކީ، 20 (ވިހި) އަހަރަށްވުރެ ކުރު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހެއްނަމަ، ކޮންމެ މަހަކުވެސް ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ މުސާރައިގެ 2/1 (ދެބައިކުޅަ އެއްބައި) އާ އެއްވަރުގެ މާލީ އިނާޔަތެއް.
    (ށ) އެ ފަނޑިޔާރަކީ 20 (ވިހި) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހެއްނަމަ، ކޮންމެ މަހަކު ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ    މުސާރައިގެ 3/2 (ތިންބައިކުޅަ ދެބައި) އާ އެއްވަރުގެ މާލީ އިނާޔަތެއް.
    (ނ) އެ ފަނޑިޔާރަކީ، 25 (ފަންސަވީސް) އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކޮށްފައިވާ މީހެއްނަމަ، ކޮންމެ މަހަކު ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ މުސާރައިގެ 4/3 (ހަތަރުބައިކުޅަ ތިންބައި) އާ އެއްވަރުގެ މާލީ އިނާޔަތެއް.
  3. ލިވިންގ އެލަވަންސްއެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ މަގާމުގައި ހުންނަ ފަނޑިޔާރަކަށް ލިބޭ ލިވިންގ އެލަވަންސްއާ އެއްވަރުގެ މާލީ އިނާޔަތެއް.
  4. މެޑިކަލް ސްކީމެއްގެ ދަށުން، މަގާމުން ވަކިވާ ފަނޑިޔާރަކަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖެއާއި، ސާރކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެގޮތް ހަމަޖެއްސުން.
  5. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސަލާމަތީ ގޮތުން ހިމާޔަތާއި ރައްކާތެރިކަން.
  6. އެމީހަކު ދިރިއުޅޭ ރަށުގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ހިދުމަތް.
  7. އެމީހަކަށް ލިބެންވާ ށަރަފުވެރިކަމާއި، އިނާޔަތްތަކާއި ހިމާޔަތްތައް އެމީހަކަށް ދިނުމުގެ ކަންތައް ސުޕްރީމް ކޯޓުން ހަމަޖައްސައިދޭންވާނެއެވެ. އަދި މި މާއްދާގައި މިބުނާ މާލީ އިނާޔަތްތައް 7 އޯގަސްޓް 2010 ން ފެށިގެން އެމީހަކަށް ލިބެންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، މި މާއްދާގެ ދަށުން އިމްތިޔާޒުތަކާއި، އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 70 އަހަރު ފުރުމުން، އެމީހަކަށް ލިބިދޭނީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 70 އަހަރު ފުރުމުން މުސްކުޅިކުރެވޭ ފަނޑިޔާރުންނަށް ދިނުމަށް، ކަނޑައެޅޭ އިނާޔަތްތަކެވެ. އަދި މި ގާނޫނުގެ 26 ވަނަ މާއްދާގެ

(ށ) ގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ، އެ ފަނޑިޔާރަކަށް ލިބިދޭ އިނާޔަތްތަކަށްވުރެ މި މާއްދާގެ ދަށުން ލިބިދެވޭ އިމްތިޔާޒުތަކާއި އިނާޔަތްތައް މަދުނަމަ، މި މާއްދާގެ ދަށުން، އިމްތިޔާޒުތަކާއި އިނާޔަތްތައް ލިބިދޭ ފަރާތެއްގެ އުމުރުން 55 އަހަރުވުމުން، އެމީހަކަށް ލިބިދޭނީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ އިނާޔަތްތަކެވެ.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު