-

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-11)

 

ގާނޫނު ނަންބަރު 2010-13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

13.ހިމާޔަތާއި ރައްކާތެރިކަން

(ހ) އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

.13-1 އުއްތަމަފަނޑިޔާރު ދިރިއުޅޭނެ ރަސްމީ ތަން

(ހ) އުއްތަމަފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުއްތަމަފަނޑިޔާރު ދިރިއުޅުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއް ކަމުގައިވާންވާނެއެވެ.

(ނ) އުއްތަމަފަނޑިޔާރު ދިރިއުޅޭ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސްއިންނެވެ.

(ރ) އުއްތަމަފަނޑިޔާރު ދިރިއުޅޭ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އުއްތަމަފަނޑިޔާރުގެ އާއިލާ ކަމަށް ބުނެފައި އެވަނީ، އުއްތަމަފަނޑިޔާރާ އެކުގައި ދިރިއުޅޭ، އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި، އުމުރުން 18 އަހަރު ނުފުރޭ ދަރިންނާއި، 18 އަހަރު ފުރިފައިވީނަމަވެސް ކާވެންޏެއް ނުކޮށް ތިބޭ ދަރިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ދަރިންނާއި، އުއްތަމަފަނޑިޔާރުގެ މަންމައާއި ބައްޕައަށެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު