-

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު

(ގާނޫނު ނަންބަރު 2008-10)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްފައިވާ "ޖުޑީށަލް ސަރވިސް ކޮމިށަން" މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، ކޮމިށަނުގެ މަސައްކަތުގެ ދާއިރާއާއި، ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުންނަންވާނެ ށަރުތުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ޖުޑީށަލް ސަރވިސް ކޮމިށަނުގެ އޮފީސް ގާއިމްކުރުން

(ހ) މި ގާނޫނުގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި، މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހްގައި "ޖުޑީށަލް ސަރވިސް ކޮމިށަން" ގެ ނަމުގައި އޮފީހެއް ގާއިމްކުރަންވާނެއެވެ.

(ށ) ޖުޑީށަލް ސަރވިސް ކޮމިށަނަކީ، އަމިއްލަ ނަމުގައި ދައްވާކުރުމާއި، ދައްވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ށަހްސެކެވެ.

 

3 ވަނަ މާއްދާ - ކޮމިށަން އެކުލެވިގެންވާ ގޮތް

ޖުޑީށަލް ސަރވިސް ކޮމިށަން އެކުލެވިގެންވަނީ އަންނަނިވި މެންބަރުންގެ މައްޗަށެވެ.

 1. ރައްޔިތުންގެ މަޖިލީހުގެ ރައީސް؛
 2. ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު؛
 3. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު؛
 4. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު؛
 5. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު؛
 6. އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު؛
 7. ސިވިލް ސަރވިސް ކޮމިށަނުގެ ރައީސް؛
 8. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު؛
 9. ބަންޑާރަނައިބު؛
 10. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު.

 

4 ވަނަ މާއްދާ - އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައެޅުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މީހަކު ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހަމަޖެހިފައިވާ ގޮތެއްގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކީ، އާންމުކޮށް އިއްލާންކޮށްގެން އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ކަނޑައަޅާ މީހަކު ކަމުގައި ވާންވާނެއެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތައް

މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ މެންބަރުން މެންބަރުކަމުގެ މަގާމުގައި ދެމިތިބޭއިރު ތިރީގައިމިވާ ސިފަތައް އެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން؛

(ށ) ދިވެހި ރައްޔިތަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ވެފައިވުން؛

(ރ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ބ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން؛

(ޅ) ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛

(ކ) ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

 

6 ވަނަ މާއްދާ - މެންބަރުންގެ މުއްދަތު

ކޮމިށަނުގެ މެންބަރުކަމަށް އައްޔަންކުރެވޭ މީހަކު އެ މަގާމުގައި ހުންނާނީ ތިރީގައި ބަޔާންވެގެންވާ މުއްދަތަށެވެ.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާ އަދި 10 ވަނަ ނަންބަރުގެ ދަށުން އައްޔަންކުރެވޭ މީހަކު ނަމަ، ކޮމިށަނުގައި އޭނާއަށް ހުރެވޭނީ 5 (ފަހެއް) އަހަރުގެ އެއް ދައުރަށެވެ. އަދި އެ ދައުރު ހަމަވުމުން، އެ މީހަކު އަލުން އެ ކޮމިށަނަކަށް އައްޔަނެއް ނުކުރެވޭނެއެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާ އަދި 9 ވަނަ ނަންބަރުގެ ދަށުން، ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިށަނުގައި ހިމެނޭ މީހަކު ނަމަ، އޭނާއަށް ކޮމިށަނުގައި ހުރެވޭނީ އެ މަގާމެއްގައި އޭނާ ދެމިހުރިހައި ދުވަހަކުއެވެ.

 

7 ވަނަ މާއްދާ - ކޮމިށަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުން

ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކު އައްޔަންކުރާނީ ކޮމިށަނުގެ މެންބަރުންގެ ތެރެއިން، ކޮމިށަނުގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިށަނުގެ ރައީސަކާއި، ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު، އެމަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 (ސާޅިސް އަށެއް) ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިށަނުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތު

ކޮމިށަނުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރާނީވެސް ކޮމިށަނުގެ ރައީސެވެ.

 

9 ވަނަ މާއްދާ - ކޮމިށަނުގެ ނައިބުރައީސް

ކޮމިށަނުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަނުގެ ނައިބުރައީސެވެ. މީގެ އިތުރުން، ކޮމިށަނުގެ ރައީސް ކޮމިށަނުގެ ނައިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގާމު ހުސްވުން

(ހ) ކޮމިށަނުގެ މެންބަރެއްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތުތަކުގައެވެ.

 1. މެންބަރުކަމުގެ މުއްދަތު ހަމަވުމުން؛
 2. އިސްތިއުފާ ދިނުމުން؛
 3. މި ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮމިށަނުގެ މެންބަރުކަމުން ވަކިކުރުމުން؛
 4. ×ނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުމުން؛
 5. މަރުވުމުން؛
 6. މި ގާނޫނުގެ 3 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮމިށަނުގެ މެންބަރުންގެ ކިބައިގައި ހުރުން މި ގާނޫނު ލާޒިމްކުރާ ސިފަތަކުގެ ތެރެއިން ސިފައެއް އެއިން މެންބަރެއްގެ ކިބައިން އުނިވުމުން.

(ށ) ކޮމިށަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބުރައީސްގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިށަނުގެ މެންބަރުކަމުގެ މަގާމު ހުސްވެއްޖެކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުންނެވެ. ނުވަތަ ރައީސާއި ނައިބުރައީސްއާ ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުންނެވެ.

 

11 ވަނަ މާއްދާ - ހުސްވާ މަގާމަށް މީހުން އައްޔަންކުރުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރެވޭ މީހެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިށަނަށް އައްޔަންކުރި ފަރާތުން އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ވަކި މަގާމެއްގެ ހައިސިއްޔަތުން އައްޔަންކުރެވިފައިވާ މީހެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމަށް މީހަކު އަލުން އައްޔަންކުރިކަމަށް ބެލެވޭނީ އެ މަގާމުގެ ހައިސިއްޔަތަށް އެހެން މީހަކު އައްޔަންކުރުމުންނެވެ.

 

12 ވަނަ މާއްދާ - މެންބަރުން އެމީހުންގެ ވާޖިބު އަދާކުރުން

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ކޮމިށަނުގެ ޖަލްސާތަކަށް ހާޒިރުވުން.

(ށ) ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

(ނ) ސިއްރުގެ ގޮތުގައި ކޮމިށަނުން ކަނޑައަޅާ މައްލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.

 

13 ވަނަ މާއްދާ - މެންބަރުން މަގާމާ ހަވާލުވުން

ކޮމިށަނުގެ މެންބަރަކަށް އެމީހެއްގެ މަގާމާ ހަވާލުވެވޭނީ ފަނޑިޔާރެއްގެ ކުރިމަތީގައި އަންނަނިވި ހުވައިކޮށް، ހުވައިގެ އިގްރާރުގައި ސޮއި ކުރުމުންނެވެ.

 

"އަހުރެން ......... (މީހާގެ ނަން) ......... އިސްލާމްދީނަށް ހުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ރައްކާތެރިވުމަށާއި، ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި، ޖުޑީށަލް ސަރވިސް ކޮމިށަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު، އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައިކުރަމެވެ."

 

14 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކޮމިށަނަށް އައްޔަންކުރެވޭ މީހުން އެ މަގާމުން ވަކިކުރާނީ އެ މީހަކު ކޮމިށަނަށް އައްޔަންކުރި ފަރާތަކުންނެވެ.

(ށ) މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ވަކި މަގާމެއްގެ ހައިސިއްޔަތުން އައްޔަންކުރެވިފައިވާ މީހުން ކޮމިށަނުގެ މެންބަރުކަމުން ވަކިވާނީ އެ މީހަކު އެ މަގާމަކުން ވަކިވުމުންނެވެ.

 

15 ވަނަ މާއްދާ - އިސްތިއުފާ ދިނުން

(ހ) ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވޭނީ މި ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރުގައި ބުނެފައިވާ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ކޮމިށަނުގެ މެންބަރުކަމުން އިސްތިއުފާ ދެވިދާނެކަމަށް ބުނެފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު، މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީއެވެ.

(ނ) ކޮމިށަނުގެ ރައީސް ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަންބަޔާންކޮށް ކޮމިށަނަށް ހުށަހެޅުމުން، ކޮމިށަނުގެ ރައީސް، ރައީސްކަމުގެ މަގާމުން ވަކިވީއެވެ. ހަމައެފަދައިން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ކޮމިށަނުގެ ރައީސަށް ހުށަހަޅައި، އެސިޓީ ރައީސަށް ލިބުމުން، ކޮމިށަނުގެ ނައިބުރައީސް، ނައިބުރައީސްކަމުގެ މަގާމުން ވަކިވީއެވެ.

 

16 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ކޮމިށަނަށް އައްޔަންކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިށަނެއްގެ މެންބަރުކަމުގެ މަގާމެއްގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މުސާރައާއި އިނާޔަތްތައް ދެވިދާނެއެވެ. މިގޮތުގެމަތިން މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެމީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

(ށ) ކޮމިށަނުގެ މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު ކަނޑައަޅާނީ ކޮމިށަނުންނެވެ.

 

17 ވަނަ މާއްދާ - މެންބަރުންގެ ސުލޫކީ މިންގަނޑުތައް

(ހ) ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައާއި، ކޮމިށަނުގެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތުގައި، ކޮމިށަނުގެ ކޮންމެ މެންބަރަކުމެ އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

 1. ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ކަންކަންކުރުން؛
 2. ގާނޫނުގެ ވެރިކަން ކުރިއަރުވައި، ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން؛
 3. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދިނުން؛
 4. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް ރައްޔިތެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަ ދައްކާ ބަހަށާއި އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން؛
 5. މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެންނުވުން؛
 6. އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދަދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު، އަދުލު އިންސާފު ގާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރުމާއި ކަންކަން ނިންމުން؛
 7. މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުމާއި ކޮމިށަނުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން؛
 8. މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައްލޫމާތެއްގެ ނުވަތަ އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
 9. މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައްލޫމާތެއް މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައްލޫމާތެއް ހާމަނުކުރުން؛ 
 10. ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ހުރިހާ ވަގުތެއްގައިވެސް، ހުރިހާ އަމަލެއްގައިވެސް މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އެމީހެއްގެ އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން.

(ށ) ކޮމިށަނުން ނިންމާ ނިންމުމުގައި ބައިވެރިވި މެންބަރެއް މި މާއްދާގެ (ހ) އާ ހިލާފަށް ކަމެއްކޮށްފައިވާ ކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މެންބަރަކު ބައިވެރިވެގެން ކޮމިށަނުން ނިންމާފައިވާ އެކަމެއް އަލުން މުރާޖައާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ކޮމިށަނުގެ މެންބަރެއް ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާ ކަމަށް ށަރުއީ ކޯޓަށް ސާބިތުވެއްޖެނަމަ، އެކަމެއްގައި ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ކޮމިށަނުން ޒިންމާ އުފުލުމުގެ އިތުރަށް، ގާނޫނާ ހިލާފުވި އެ މެންބަރަކާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ރ) ކޮމިށަނުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ފޯރމެޓަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. އަދި ކޮމިށަނަށް އައްޔަންކުރެވޭ ކޮންމެ މެންބަރަކުމެ، އެމެންބަރެއްގެ މަގާމާ ހަވާލުވުމުގެ ކުރިން އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅާންވާނެއެވެ. މިގޮތުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ ބަޔާނުގައި މައްސަލައެއްވާކަމަށް އޮޑިޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު އޮޑިޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ – ހިމާޔަތް

ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގެ ގޮތުން ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި، ކޮމިށަނުގެ ރައީސް، ނުވަތަ ކޮމިށަނުގެ ނައިބުރައީސް، ނުވަތަ ކޮމިށަނުގެ މެންބަރަކު، ނުވަތަ ކޮމިށަނުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައްވާއެއް ނުއުފުލޭނެއެވެ.

 

19 ވަނަ މާއްދާ - ކޮމިށަނުގެ ޖަލްސާ

ކޮމިށަނުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.

 

20 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން

(ހ) ކޮމިށަނުގެ ޖަލްސާއެއް ބޭއްވޭނީ ކޮމިށަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ކޮމިށަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

(ނ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް އޮތް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ މައްސަލައެއްކަން އެނގޭހިނދު މިކަން ކޮމިށަނުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެއްކިބާވާންވާނެއެވެ.

 

21 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަށްވަރާ ދިނުން.

(ށ) ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ށަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަގާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުން.

(ނ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާބެހޭ ގަވާއިދުތައް ހެދުން:

 1. ފަނޑިޔާރުން ހޯދުމާއި އައްޔަންކުރުމާ ގުޅޭ އެންމެހައި ކަންކަން؛
 2. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު؛
 3. ކޮމިށަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރަނގަޅަށް އަދާކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންތައްތައް؛
 4. ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަހަތާއި ތައާރުޒުވާ ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް.

(ރ) އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައްތައް ހިންގުމުގައްޔާއި ކޯޓުތަކާގުޅޭ އެހެނިހެން ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުން.

(ބ) ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި، ހިންގައި ބެލެހެއްޓުން. މިގޮތުން ކޮމިށަނުގެ މަށްވަރާގެ މަތިން މި މަސްއޫލިއްޔަތު އަދާކޮށް ހިންގުމަށްޓަކައި، ކޮމިށަނުން ފަންނީ އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރަންވާނެއެވެ. އަދި މިގޮތުން ރާވައި ހިންގާ އާންމު އިދާރީ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިގެންވެއެވެ.

 1. ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެކޯޓެއްގެ އެންމެ އިސް ފަނޑިޔާރެއްގެ މަށްވަރާގެ މަތިން ހިންގައި ބެލެހެއްޓުން؛
 2. ފަނޑިޔާރުންނަށް ބޭނުންވާ ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން؛
 3. ފަނޑިޔާރުންގެ އިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ބޭއްވުން؛
 4. ގާނޫނުތަކަށާއި ގާނޫނީ ނިޒާމަށް އަންނަ ބަދަލުތަކާގުޅޭ މައްލޫމާތާއި ތަމްރީން ދިނުމާބެހޭ ކަންކަން ރާވައި ހިންގުން؛
 5. ކޯޓުތަކުގެ ނިންމުންތައް ފުރިހަމައަށް ރެކޯޑްކޮށް ބެލެހެއްޓުމާއި އެ ނިންމުންތައް އާންމުކޮށް ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ގާއިމުކުރުން؛
 6. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ކޮންސިލިޑޭޓަޑް ބަޖެޓް އެހެން ކޯޓުތަކުގެ މަށްވަރާއާއެކު އެކުލަވާލުން.

(ޅ) މި މާއްދާގެ (ހ)، (ށ)، (ނ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ގާނޫނުއަސާސީއާއި އެހެން ގާނޫނުތަކުން ކޮމިށަނާ ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

 

22 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާތައް ނުވަތަ ތުހުމަތުތައް ތަހްގީގްކުރުމުގެ އިހްތިޔާރު

(ހ) ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ށަކުވާތަކާއި ނުވަތަ ތުހުމަތުތަކާއި ގުޅިގެން އެ ފަނޑިޔާރަކާ ސުވާލުކުރުމާއި، އެމައްސަލަ ތަހްގީގްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ފަނޑިޔާރަކާ ބެހޭގޮތުން ށަކުވާއެއް ނުވަތަ ތުހުމަތެއްކޮށް މައްސަލަ ކޮމިށަނަށް ހުށަނޭޅިކަމުގައިވިޔަސް، ވަކި ފަނޑިޔާރެއްގެ ސުލޫކާއި ބެހޭގޮތުން ސުވާލު އުފެދޭފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހްގީގްކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) ކޮމިށަނަށް ހުށަހެޅިފައިވާ ށަކުވާއަކީ މަގްބޫލު ސަބަބަކާހުރެ ކޮށްފައިވާ ށަކުވާއެއްކަމަށް ނުވަތަ ހުށަހަޅާފައިވާ މައްސަލައަކީ ށަކުވާއެއް ކުރެވިދާނެފަދަ މައްސަލައެއް ކަމުގައި ކޮމިށަނަށް ނުފެންނަނަމަ އެފަދަ މައްސަލައެއް ނުބެލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދައިން އެއްވެސް މައްސަލައެއް ނުބެލުމަށް ކޮމިށަނުން ނިންމައިފިނަމަ، އެ މައްސަލައެއް ނުބެލުމަށް ނިންމި ސަބަބު ބަޔާންކޮށް އެކަން ށަކުވާކުރި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް ކޮމިށަނުން ލިޔުމުން އަންގަންވާނެއެވެ.

 

23 ވަނަ މާއްދާ - ތަހްގީގްކުރާ ކޮމިޓީ

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައެއް ތަހްގީގްކުރުމަށްޓަކައި ތަހްގީގްކުރާ ކޮމިޓީއެއް އެކުލަވާލުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ތަހްގީގްކުރާ ކޮމިޓީއަށް މެންބަރުން އައްޔަންކުރާނީ ކޮމިށަނުންނެވެ.

(ނ) ތަހްގީގްކުރާ ކޮމިޓީއަށް ކޮމިށަނުގެ މެންބަރުންނޫން މީހުން އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ތިރީގައި ބަޔާންކޮށްފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ތަހްގީގްކުރާ ކޮމިޓީގެ މެންބަރަކަށް ނުވެވޭނެއެވެ.

 1. މައްސަލައަކާއި ގުޅިގެން ސުވާލުކުރެވޭ ނުވަތަ ތަހްގީގްކުރެވޭ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓުގެ މުވައްޒަފަކު.
 2. މައްސަލަ ބެލުމަށް ތަހްގީގްކުރާ ކޮމިޓީއެއް އެކުލަވާލަންޖެހޭކަމަށް ފެންނަ ހާލަތުގައި ކޮމިޓީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި މީހަކު.

(ބ) ތަހްގީގްކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު އޮނަހިރި އަދަދަކަށްވާންވާނެއެވެ. އަދި މި ކޮމިޓީގައި ހިމެނޭ ކޮމިށަނުގެ މެންބަރުންގެ އަދަދު އެނޫން މެންބަރުންނަށްވުރެ ގިނަވާންވާނެއެވެ.

(ޅ) ކޮމިށަނުގެ ރައީސް، ތަހްގީގްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ ކޮމިޓީގެ ރައީސްކަމަށް އައްޔަންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - މައްސަލަތައް ބެލުމުގައި އިންސާފުވެރިވުން

ކޮމިށަނުން ނުވަތަ ތަހްގީގްކުރާ ކޮމިޓީން މައްސަލަތައް ބަލަންވާނީ އަދުލު އިންސާފު ގާއިމްކުރުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

 

25 ވަނަ މާއްދާ - ކޮމިށަނުގެ ނުވަތަ ތަހްގީގްކުރާ ކޮމިޓީގެ ބާރުތައް

(ހ) ކޮމިށަނަށް ނުވަތަ މައްސަލަ ތަހްގީގްކުރާ ކޮމިޓީއަށް، މައްސަލަތައް ބަލާ ތަހްގީގްކުރުމަށްޓަކައި ހާޒިރުކުރަންޖެހޭ މީހުންނާއި ހެކިން ހާޒިރުކޮށް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހުވާކޮށް ށަފަހީ ހެކިބަސް ނުވަތަ ކިތާބީ ހެކި ދިނުމަށް އެންގުމާއި، އަދި މައްސަލަ ތަހްގީގްކުރުމަށް ބޭނުންވާ ލިޔެކިޔުމާއި ހެކި ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) އެއްވެސް މައްސަލައަކާ ގުޅިގެން ނުވަތަ ތަހްގީގެއް ކުރުމުގެ ތެރޭގައި ކޮމިށަނަށް އެނގޭ މައްލޫމާތަކީ އާންމު މަސްލަހަތާ ގުޅުމެއްނެތް މައްލޫމާތެއްކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެފަދަ މައްލޫމާތެއް އާންމުކުރުން މަނާކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

26 ވަނަ މާއްދާ - ތަހްގީގާއި ގުޅިގެން ނޯޓިސް ދިނުން

ކޮމިށަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ތަހްގީގެއް ކުރާނަމަ މައްސަލަ ރައްދުވާ ފަނޑިޔާރަށް އަންނަނިވި މައްލޫމާތާއި ފުރުސަތުތައް ދޭންވާނެއެވެ.

(ހ) ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލާއި، މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވާ ތާރީހާއި، ގަޑިއާއި ތަން.

(ށ) މައްސަލައިގެ އަޑުއެހުމުގައި، ށަހްސީ ގޮތުން ނުވަތަ ގާނޫނީ ވަކީލެއްގެ އެހީގައި ދިފާއު ހުށަހެޅުމާއި، ހެކިންނާއި ސުވާލުކުރުން، އަދި ހެކިން ހުށަހެޅުމުގެ ފުރުސަތު.

 

27 ވަނަ މާއްދާ - ތަހްގީގާއި ގުޅިގެން ގާނޫނީ ވަކީލަކު އައްޔަންކުރުން

(ހ) އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލާ ތަހްގީގްކުރުމަށްޓަކައި، ތަހްގީގްކުރާ ކޮމިޓީއެއް އައްޔަންކޮށްފިނަމަ، އެ މައްސަލައިގައި އިސްވެ ހަރަކާތްތެރިވުމަށް ގާނޫނީ ވަކީލެއް އައްޔަންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރާ ގާނޫނީ ވަކީލެއްގެ ދައުރަކީ މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި ތަހްގީގްކުރާ ކޮމިޓީއަށް ބޭނުންވާ އެންމެހައި ކަންތައްތައް ހަޖައްސައިދިނުމެވެ. މީގެ ތެރޭގައި މައްސަލައިގައި އަމަލުކުރެވޭނެ ގާނޫނާއި ގަވާއިދާއި ބެހޭ ގޮތުން ލަފާދިނުމާއި، މައްސަލަ ކުރިއަށް ގެންދިޔުމުގައި ސާފުކުރަން ބޭނުންވާކަންތައްތައް ސާފުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ސުވާލުތައް ހުށަހެޅުން ހިމެނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގާނޫނީ ވަކީލު، އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ ވަކި ފަރާތަކަށް ބުރަނުވެ އާންމު މަސްލަހަތު ރައްކާތެރިކުރެވޭނެ ގޮތަކަށެވެ.

 

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން އައްޔަންކުރާ ގާނޫނީ ވަކީލަކީ ބަލަމުންދާ މައްސަލައަކާ ނުވަތަ މައްސަލައަކާ ގުޅޭ ފަނޑިޔާރާ އެއްވެސް ގުޅުމެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިއަސް ހުރި މީހެއް ކަމުގައި ވެގެންނުވާނެއެވެ.

 

28 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުން

މި ގާނޫނުގެ ދަށުން ކޮމިށަނުން ނުވަތަ ތަހްގީގްކުރާ ކޮމިޓީން ހިންގާ ތަހްގީގެއްގެ ނުވަތަ މައްސަލައިގެ އަޑުއެހުމުގެ ބައެއް ނުވަތަ މުޅި އަޑުއެހުން އާންމުންނަށް ހުޅުވާލައިގެން ހިންގުމަށް ކަނޑައެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ތަހްގީގްކުރާ ކޮމިޓީގެ ރިޕޯޓު

(ހ) މައްސަލަ ތަހްގީގްކުރުމަށްފަހު، އެ މައްސަލައަކާއި ގުޅިގެން ތަހްގީގކުރާ ކޮމިޓީއަށް ލިބުނު މައްލޫމާތާއި، މައްސަލަ ރައްދުވާ ފަނޑިޔާރު ވަޒީފާއިން ވަކިކުރުމާބެހޭ ގޮތުން ކޮމިށަނުން ގޮތެއް ކަނޑައަޅަންޖެހޭކަން ނުވަތަ ނޫންކަން އަންގާ، ނުވަތަ މިނޫންވެސް އެހެން ކަމަކާބެހޭ ގޮތުން ލަފަޔެއް ދޭންޖެހޭނަމަ އެކަން ބަޔާންކޮށް، ތަހްގީގްކުރާ ކޮމިޓީން މައްސަލައިގައި ނިންމި ނިންމުމުގެ ރިޕޯޓެއް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) ތަހްގީގްކުރާ ކޮމިޓީގެ ރިޕޯޓުގައިވާ އެއްޗެއް ރަނގަޅަށް ދޭހަނުވާނަމަ، ނުވަތަ ރިޕޯޓު ފުރިހަމަ ނޫންކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، އަދި ރިޕޯޓުގައިވާ ވަކިކަމެއްގެ ތަފްސީލް ނުވަތަ މައްސަލައިގައި އިތުރު ތަހްގީގަކަށް ބޭނުންވާކަމަށް ކޮމިށަނަށް ފެނިއްޖެނަމަ، ރިޕޯޓުގައި ބަޔާންކޮށްފައިވާ ވަކިކަމަކާ ބެހޭގޮތުން ނުވަތަ މުޅި މައްސަލައިގައި ސާފުކުރަން ބޭނުންވާ ކަންތައްތައް ސުވާލުތަކެއްގެ ސިފައިގައި ތަހްގީގްކުރާ ކޮމިޓީއަށް ހުށަހަޅައި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މައްސަލަ ކުރިއަށް ގެންދިޔުމަށް ލަފާދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ކޮމިށަނަށް ހުށަހެޅުމުން، އެ ރިޕޯޓުގެ ނަކަލެއް މައްސަލަ ރައްދުވާ ފަނޑިޔާރަށާއި މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ލިބެންވާނެއެވެ.

(ރ) މައްސަލައަކީ އާންމުންނަށް ހުޅުވާލައިގެން ހިންގާފައިވާ މައްސަލައެއްނަމަ އެމައްސަލައިގެ ރިޕޯޓު އާންމުކުރަންވާނެއެވެ.

(ބ) މައްސަލަ ބަލަމުންދާއިރު، މައްސަލަ ކުރިއަށްދާ ގޮތުގެ ރިޕޯޓެއް ލިޔުމުން ކޮންމެ 30 (ތިރީސް) ދުވަހަކުން ތަހްގީގްކުރާ ކޮމިޓީން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

30 ވަނަ މާއްދާ - ކޮމިޓީން ތަހްގީގްކުރާ މައްސަލައިގެ ރިޕޯޓަށް ފަނޑިޔާރު ޖަވާބު ދިނުން

(ހ) ތަހްގީގްކުރެވުނު މައްސަލައިގެ ރިޕޯޓު ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންނަނިވި ފަދައިން އަމަލުކުރުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 1. ރިޕޯޓާއި ގުޅިގެން ކޮމިށަނަށް އަންގަން ބޭނުންވާ މައްލޫމާތެއް ލިޔުމުން ހުށަހެޅުން؛ އަދި
 2. ރިޕޯޓާއި ބެހޭގޮތުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ށަފަހީ ހުށަހެޅުމަށްޓަކައި ށަހްސީ ގޮތުން، ގާނޫނީ ވަކީލަކާއެކު ނުވަތަ ވަކީލަކާނުލައި، ކޮމިށަނަށް ހާޒިރުވާން ބޭނުންކަން އެންގުން.

(ށ) މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާނުލައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ މުހުލަތުގެ ތެރޭގައި އެ ނަންބަރުގައިވާ ފަދައިން އަމަލުކުރެވެންނެތްނަމަ އިތުރު މުހުލަތަކަށް އެދި ކޮމިށަނަށް ހުށަހެޅުމުގެ ފުރުސަތު މި މާއްދާގެ ދަށުން އެފަދަ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އިތުރު މުހުލަތަކަށް އެދި ފަނޑިޔާރަކު ކޮމިށަނަށް ހުށަހަޅައިފިނަމަ، ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލައި، އެއީ މަގްބޫލު ސަބަބަކާހުރެ ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ކޮމިށަނަށް ފެނިއްޖެނަމަ އެފަދަ ފަނޑިޔާރަކަށް އިތުރު މުހުލަތު ދޭންވާނެއެވެ.

 

31 ވަނަ މާއްދާ - ފަނޑިޔާރު ލިޔުމުން ހުށަހަޅާ ހުށަހެޅުން

(ހ) ތަހްގީގް ރިޕޯޓާއި ގުޅިގެން ފަނޑިޔާރަކު ލިޔުމުން ކަމެއް ހުށަހަޅައިފިނަމަ ކޮމިށަނުން އެ ލިޔުމެއްގެ ނަކަލު މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލަށް ހުށަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ނަކަލު ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލު އެ ލިޔުމުގައިވާ ކަންތައްތަކަށް ޖަވާބުދާރީވެ ލިޔުމަކުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ނ) އެއްވެސް މައްސަލައަކާއި ގުޅިގެން ފަނޑިޔާރަކު ށަފަހީ ބަޔާނެއްދޭނަމަ، ބަޔާންދޭންވާނީ މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލުގެ ހާޒިރުގައެވެ. އަދި ފަނޑިޔާރު ދިން ބަޔާނަށް ގާނޫނީ ވަކީލު ޖަވާބުދާރީވެ ށަފަހީ ބަޔާނެއް ދިނުމަށް އެދި ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - މައްސަލައާމެދު ގޮތެއް ކަނޑައެޅުމުގައި ކޮމިށަނުން ރިއާޔަތްކުރަންޖެހޭ ކަންކަން

ކޮމިށަނުން ބަލާ މައްސަލައެއްގައި ގޮތެއް ކަނޑައަޅާއިރު، ތަހްގީގްކުރާ ކޮމިޓީއިން ހުށަހަޅާފައިވާ ރިޕޯޓަށާއި، މިނޫންވެސް މައްސަލައާއި ގުޅިގެން ފަނޑިޔާރަކު ނުވަތަ މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިށަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލު އެއްވެސް ލިޔުމެއް ނުވަތަ ށަފަހީ ބަޔާނެއް ދީފައިވާނަމަ އެ ލިޔުމުގައި ނުވަތަ ބަޔާނުގައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

33 ވަނަ މާއްދާ - ކޮމިށަނުގެ ރިޕޯޓު

(ހ) މައްސަލަ ތަހްގީގްކުރުމަށްފަހު ކޮމިށަނުން ނިންމި ނިންމުމުގެ ރިޕޯޓު ތަހްގީގް މަރުހަލާގެ ރިކޯޑްތަކާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އަދި މިރިޕޯޓުގެ ނަކަލެއް މައްސަލަ ރައްދުވާ ފަނޑިޔާރަށް ދޭންވާނެއެވެ.

(ށ) ރިޕޯޓުގައި އަންނަނިވި ބައިތައް ފުރިހަމަ ވާންވާނެއެވެ.

 1. މައްސަލައާއި ގުޅިގެން ކޮމިށަނަށް ލިބުނު މައްލޫމާތު،
 2. މައްސަލައަކީ ށަކުވާއަކާ ގުޅިގެން ބެލުނު މައްސަލައެއްނަމަ، ށަކުވާ ބިނާވެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށްކަން ނުވަތަ ނޫންކަން؛ އަދި
 3. މައްސަލައާއި ގުޅިގެން ފަނޑިޔާރާމެދު އަޅަންޖެހޭ ފިޔަވަޅާބެހޭ ގޮތުން ކޮމިށަނުން އެއްވެސް ލަފައެއް ހުށަހަޅަން ބޭނުންވާނަމަ އެކަން. މީގެތެރޭގައި ފަނޑިޔާރު ވަޒީފައިން ވަކިކުރުމާމެދު ކޮމިށަނުގެ ލަފާ ހިމެނެއެވެ.

(ނ) މައްސަލަ ތަހްގީގްކޮށްފައިވަނީ އާންމުންނަށް ހުޅުވާލައިގެންކަމަށްވާނަމަ، އެމައްސަލައެއްގެ ރިޕޯޓު އާންމުކުރަންވާނެއެވެ.

 

34 ވަނަ މާއްދާ - ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލް އަދި މުވައްޒަފުން އައްޔަންކުރުން

(ހ) ކޮމިށަނުގެ އިދާރީ ހިންގުމަށްޓަކައި ކޮމިށަނުން ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަންވާނެއެވެ. އަދި ކޮމިށަނުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނުގެ އިދާރާ ހިންގާނީ ސެކްރެޓަރީ ޖެނެރަލެވެ.

(ށ) ކޮމިށަނަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާދީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނީ ކޮމިށަނުންނެވެ.

 

35 ވަނަ މާއްދާ - މާލީ ކަންކަން

(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން ދައުލަތުގެ މާލިއްޔާއިން، ކޮމިށަނަށް ދޫކުރަންވާނެއެވެ. މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާގެ މަތިން ކޮމިށަނުން ކޮމިށަނުގެ ބަޖެޓް އެކުލަވާލައި ދައުލަތުގެ ބަޖެޓާއެކު ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން ކޮމިށަނަށްދޭ މާލީ އެހީއެއް، ކޮމިށަނުގެ މަގްސަދުގެ ތެރޭގައިވާ ކަންކަން ކުރުމަށް މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ކޮމިށަނުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް، މި ގާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައިވާ އަހަރީ ރިޕޯޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

 

36 ވަނަ މާއްދާ - އަހަރީ ރިޕޯޓު

(ހ) ކޮމިށަނުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގާދިޔަ، އަންނަނިވި ކަންކަން ހިމަންވާނެއެވެ.

 1. ކޮމިށަނުން ކޮށްފައިވާ މަސައްކަތްތަކުގެ މައްލޫމާތު؛
 2. ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް؛
 3. ކޮމިށަނުން ނިންމި މައްސަލަތަކާއި، އެ މައްސަލަތައް ނިންމިގޮތް؛
 4. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛
 5. ކޮމިށަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެ ރިޕޯޓު އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެ ހާލަތަކާ ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - ކޮމިށަން އެކުލަވައިލުން

ގާނޫނުއަސާސީގެދަށުން އިންތިހާބުކުރެވޭ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފައްދައި، ކޮމިށަނުގެ މެންބަރުންނާއި ރައީސާއި ނައިބުރައީސް މި ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށް ނިންމަންވާނެއެވެ.

 

38 ވަނަ މާއްދާ - އިންތިގާލީ މަރުހަލާގައި އައްޔަންކުރާ ޖުޑީށަލް ސަރވިސް ކޮމިށަން

(ހ) ގާނޫނުއަސާސީގެ 281 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރާ ޖުޑީށަލް ސަރވިސް ކޮމިށަނަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ ކޮމިށަނުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވެއެވެ. އަދި ގާނޫނުއަސާސީގެ 281 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ މައްޗަށް މި ގާނޫނަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން، މި ގާނޫނުގެ 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 6 ވަނަ މާއްދާ ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަން ދެމިއޮންނާނީ، މި ގާނޫނުގެ 37 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފެއްދުމާ ހަމައަށެވެ.

(ނ) މި ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފެއްދުމުން، މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުން ކުރަމުންއައި އެންމެހައި މަސައްކަތްތައް އެ ކޮމިށަނަށް ބަދަލުވާނެއެވެ.

 

39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

40 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ކޮމިށަނުންނެވެ. މި ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޖުޑީށަލް ސަރވިސް ކޮމިށަނެއް އުފައްދާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެމާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 281 ވަނަ މާއްދާގެ ދަށުން އުފައްދާ ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ހަދަން ޖެހޭ ގަވާއިދެއް ހެދުމަކަށް މި ގާނޫނުގެ (ހ) ހުރަހެއް ނާޅައެވެ.

 

41 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު؛

 "އޮޑިޓަރ ޖެނެރަލް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2007-02 (އޮޑިޓް ގާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ. 

 "ކޮމިށަން" ކަމަށް ބުނެފައިއެވަނީ، ޖުޑީށަލް ސަރވިސް ކޮމިށަނަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-10)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާއި އުސޫލު

 1. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީށަލް ސަރވިސް ކޮމިށަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2024-23)
 2. ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2024-03)
 3. ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2024-02)
 4. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު (ގަވާއިދު ނަންބަރު 2023-167)
 5. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ވަޒީފާތަކަށް މީހުން ހޯދުމާއި، ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު – 23 ފެބްރުއަރީ 2021)
 6. ޖުޑީށަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2/2021)
 7. ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 117/2020)
 8. ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 84/2020)
 9. ދާއިމީ ފަނޑިޔާރުން ހަމަޖެހިފައިނުވާ ކޯޓުތަކުގެ ހިންގުން ހަވާލުކުރުމުގައްޔާއި، ކޯޓު ހިންގުމާ ހަވާލުވެހުންނަ ފަނޑިޔާރު ޗުއްޓީއަށް ދާނަމަ އެ ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު – 28 އޮކްޓޫބަރު 2019)
 10. ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1069/2019)
 11. ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު - 13 އޮކްޓޫބަރު 2019)
 12. ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދު (ގަވާއިދު ނަންބަރު 1061/2019)
 13. ޖުޑިށަލް ސަރވިސް ކޮމިށަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު (23 ޖުލައި 2019)
 14. ޖުޑިށަލް ސަރވިސް ކޮމިށަނުގެ ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އުސޫލު (އުސޫލު - 8 ޖުލައި 2019)
 15. ޖުޑީށަލް ސަރވިސް ކޮމިށަނުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގައި ޢަމަލުކުރާނެ އުސޫލު (އުސޫލު - 8 ޖުލައި 2019)
 16. މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1030/2019)
 17. ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1009/2019)
 18. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލިއްޔަތު ވަޒަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 15/2014)
 19. ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު