ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު
(ގަވާއިދު ނަންބަރު 2013-45)
(މި ގަވާއިދުގެ 65 އާއި 66 ވަނަ މާއްދާ ވަނީ ގަވާއިދު ނަންބަރު 2014-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) ގެ 22 ވަނަ މާޢްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ތަންފީޒުކުރުމުގައި، އެ ގާނޫނުގެ މަގުސަދުތައް އެންމެ ފުރިހަމައަށް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން މީރާ އާއި ޓެކްސް ދައްކާ ފަރާތްތަކުން އަދި ޓެކްސްއާބެހޭ ގާނޫނުތައް އެ ފަރާތްތަކެއްގެ މައްޗަށް ހިނގާ އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ގޮތުގެ ތަފުސީލު ބަޔާންކުރުމެވެ.
އެއްވަނަ ބާބު
ރަޖިސްޓަރީކުރުން
3 ވަނަ މާއްދާ - ރަޖިސްޓަރީކުރުން
(ހ) ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މީރާއިން ބަލަހައްޓަންޖެހޭ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ ފުރިހަމަކުރުމުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން އެ ވިޔަފާރި ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މީރާގައި އެ ފަރާތް ރަޖިސްޓަރީކުރުމަށް "ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން" (MIRA101) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން މީރާގައި ރަޖިސްޓަރީކުރި ކަމުގައިވިޔަސް ޓެކްސްއާބެހޭ އެހެން ގާނޫނެއްގެ ދަށުން އެ ފަރާތް ވަކިން ރަޖިސްޓަރީކުރުމަށް ލާޒިމުކުރާނަމަ އެ ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުގައި އަދި އެ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކުރަން ހުށަހަޅަންވާނީ އެ ވިޔަފާރިއެއްގެ ނުވަތަ އެ ވިޔަފާރި ނިސްބަތްވާ ނުއުފުލޭ މުދަލެއްގެ ގާނޫނީ ވެރިފަރާތުގެ ނަމުގައެވެ.
(ރ) ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތެއްގެ މައުލޫމާތު ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މީރާއަށް އަންގަންޖެހޭ ފަރާތަކުން އެ މައުލޫމާތު އަންގައިފައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން މި މާއްދާގައިވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ ފަރާތްތައް މީރާގައި ރަޖިސްޓަރީކުރުމަށްފަހު އެ ކަން އެ ފަރާތްތަކަށް އެންގުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ވިޔަފާރި ފަށާ ދުވަސް ކަމަށް ބުނެފައި އެ ވަނީ އެ ވިޔަފާރި ހިންގުމުގެ ހުއްދަ ސަރުކާރުގެ ކަމާބެހޭ އިދާރާއިން އެ ފަރާތަކަށް ދޫކުރާ ދުވަސް، ނުވަތަ އެ ފަދަ ހުއްދައެއް ނަގަން ނުޖެހޭ ހާލަތުތަކުގައި ވިޔަފާރި ހިންގަން ފަށާ ދުވަހަށެވެ. ކުންފުންޏެއް، ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްނަމަ މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާގައި އެ ފަރާތް ރަޖިސްޓަރީކުރާ ދުވަހެވެ.
4 ވަނަ މާއްދާ - މަސްއޫލުވާ މީހާ
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއްނަމަ، ރަޖިސްޓަރީކުރަން ހުށަހަޅާއިރު، ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސްއޫލުވާ މީހަކު އައްޔަންކުރަންވާނެއެވެ.
(ށ) ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހާގެ ގޮތުގައި ކަނޑައެޅިގެން ވަކި މީހަކު އައްޔަންކޮށްފައިނުވާ ހާލަތުތަކުގައި އެ ފަރާތެއްގެ މަސްއޫލުވާ މީހާ ކަމަށް ބެލެވޭނީ އަންނަނިވި ފަރާތްތަކެވެ.
- ކުންފުންޏެއްނަމަ އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ؛
- ޕާޓްނަރށިޕެއްނަމަ އެ ޕާޓްނަރށިޕެއްގެ މެނޭޖިންގ ޕާޓްނަރ.
(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނޫންނަމަ، ރަޖިސްޓަރީކުރަން ހުށަހަޅާއިރު، މަސްއޫލުވާ މީހަކު އައްޔަންކުރުމުގެ އިހުތިޔާރު އެ ފަރާތަށް ލިބިގެންވެއެވެ.
(ރ) މަސްއޫލުވާ މީހާ މީރާއަށް އެއްބާރުލުން ދިނުމާއެކު، އޭނާގެ ޒިންމާތަކާ ގުޅޭ ގޮތުން ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ތަބާވާންވާނެއެވެ.
5 ވަނަ މާއްދާ - މަސްއޫލުވާ މީހާގެ ޒިންމާ
(ހ) ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހަކު އައްޔަންކުރުމަކުން އެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކުން އެ ފަރާތް ބަރީއައެއް ނުވާނެއެވެ. ނަމަވެސް، މަސްއޫލުވާ މީހާ އަދާކުރާ ޒިންމާތަކަކީ ޓެކްސް ދައްކާ ފަރާތުން އަދާކުރާ ޒިންމާތަކެއްގެ ގޮތުގައި ބެލެވޭނެއެވެ.
(ށ) ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގަންޖެހޭ އެންގުންތަކާއި ފޮނުވަންޖެހޭ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތުގެ މަސްއޫލުވާ މީހާއަށް ފޮނުވުމުން، އެ ތަކެތި ޓެކްސް ދައްކާ ފަރާތަށް ފޮނުވުނީކަމުގައި ބެލެވޭނެއެވެ.
6 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުން
އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެއްޖެނަމަ އެ ކަމެއް މެދުވެރިވި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި "ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން" (MIRA101) ފޯމު މެދުވެރިކޮށް، ޓެކްސް ދައްކާ ފަރާތުގެ މަސްއޫލުވާ މީހާ އެ ކަން މީރާއަށް އަންގަންވާނެއެވެ.
(ހ) ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ހަރަކާތެއް ފެށުން؛
(ށ) މީރާއަށް ފޯރުވައިދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މައުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތަކާ ގުޅޭ މައުލޫމާތެއް ބަދަލުވުން؛
(ނ) ޓެކްސް ދައްކާ ފަރާތުން އައްޔަންކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މައުލޫމާތެއް ބަދަލުވުން.
7 ވަނަ މާއްދާ - ރަޖިސްޓަރީނުކުރުމުގެ ކުށުގެ އަދަބު
(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީކޮށްފައިނުވާނަމަ، ރަޖިސްޓަރީނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން 50 (ފަންސާސް) ރުފިޔާގެ މަގުން އެ ފަރާތް ޖޫރިމަނާވާނެއެވެ. އަދި މި ކުށުގެ ޖިނާއީ އަދަބަކީ ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާ 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ ޖުމުލަ 5،000 (ފަސްހާސް) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.
8 ވަނަ މާއްދާ - ރަޖިސްޓަރީން އުނިކުރުން
(ހ) އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެއްޖެނަމަ "ރަޖިސްޓަރީން އުނިކުރުން" (MIRA106) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު، އެ ހާލަތެއް މެދުވެރިވި ތާރީހުން ފެށިގެން 15(ފަނަރަ) ދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ.
- އެ ފަރާތުގެ ވިޔަފާރި ނުވަތަ ވިޔަފާރި ހަރަކާތެއް ހުއްޓައިލުން ނުވަތަ ވިއް ކައިލުން؛
- ޓެކްސް ދައްކާ ފަރާތް އިފްލާސްކުރުން؛
- ޓެކްސް ދައްކާ ފަރާތް މަރުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމަށް ޒިންމާވާނީ:
- މި މާއްދާގެ (ހ) ގެ (1) އިން (2) އަށް ހުރި ކަންތައްތަކުންކުރެ ކަމަކާ ގުޅިގެންނަމަ، ޓެކްސް ދައްކާ ފަރާތުންނެވެ.
- މި މާއްދާގެ (ހ) ގެ (3) އާ ގުޅިގެންނަމަ، އަދި ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހަކު އައްޔަންކޮށްފައިވާނަމަ، އެ ގޮތުން އައްޔަންކޮށްފައިވާ މީހެކެވެ. ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހަކު އައްޔަންކޮށްފައިނުވާނަމަ، އޭނާގެ ވާރިޘުންނެވެ.
ދެވަނަ ބާބު
އިލެކްޓްރޯނިކް ޒަރީއާ
9 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާ
ގާނޫނުގެ 20 ވަނަ މާއްދާގެ ބޭނުމަށް، އިލެކްޓްރޯނިކް ޒަރީއާ ކަމަށް ބުނެފައި އެ ވަނީ، އީމެއިލް، ފެކްސް ނުވަތަ މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ނޫންވެސް ގޮތަކުން އޮންލައިންކޮށް ކުރެވޭ މުއާމަލާތްތަކަށެވެ.
10 ވަނަ މާއްދާ - އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ހުށަހެޅުން
ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) އީމެއިލުގައި ލިޔެކިޔުމެއް އެޓޭޗްކުރާނަމަ އެއީ އެ ލިޔެކިޔުމެއްގެ އަސްލުގެ ސްކޭން ކޮޕީއަކަށްވާންވާނެއެވެ.
(ށ) ހުށަހަޅާ ލިޔެކިޔުމަކީ މި ގަވާއިދުގެ 3 ވަނަ މާއްދާ ނުވަތަ 6 ވަނަ މާއްދާ ނުވަތަ 8 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ފޯމެއްނަމަ ނުވަތަ އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމެއްނަމަ އީމެއިލް ކުރާނީ، ސުރުހީއަކަށް އެ ފޯމެއްގެ ނަންބަރު ޖެހުމަށްފަހު އެ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަކަށެވެ.
(ނ) ހުށަހަޅާ ލިޔެކިޔުމަކީ ޓެކްސް ބަޔާނެއްނަމަ ނުވަތަ އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމެއްނަމަ އީމެއިލް ކުރާނީ، ސުރުހީއަކަށް އެ ބަޔާނެއްގެ ނަންބަރު ޖެހުމަށްފަހު އެ ބަޔާނުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަކަށެވެ.
(ރ) ހުށަހަޅާ ލިޔެކިޔުމަކީ މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމަކަށް ނުވާނަމަ ނުވަތަ އެ ލިޔެކިޔުމެއް ފޮނުވަންވީ ވަކި އީމެއިލް އެޑްރެހެއް މީރާއިން އަންގައިފައިނުވާނަމަ އެ ލިޔެކިޔުމެއް އީމެއިލް ކުރާނީ mv.gov.mira@info އަށެވެ.
11 ވަނަ މާއްދާ - އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ފޮނުވުމާއި ބަލައިގަތުން
(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން މީރާއަށް ހުށަހަޅާ ލިޔެކިޔުންތައް އީމެއިލް ކުރަންވާނީ މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަކުންނެވެ.
(ށ) ޓެކްސް ދައްކާ ފަރާތުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް މީރާއިން ލިޔެކިޔުމެއް ފޮނުވައިފިނަމަ ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ފޮނުވުނީ ކަމަށް ބެލެވޭނެއެވެ.
12 ވަނަ މާއްދާ - ފެކްސް މެދުވެރިކޮށް ލިޔެކިޔުން ހުށަހެޅުން
ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުމެއް ފެކްސް މެދުވެރިކޮށް ހުށަހަޅާނަމަ ފެކްސް ކުރަންވާނީ 3316577 ނަންބަރަށެވެ.
13 ވަނަ މާއްދާ - ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުން
(ހ) މި ބާބުގައިވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ޒަރީއާއަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގައިފިނަމަ، އެ ގޮތުން އަންގާ މުއްދަތެއްގެ ތެރޭގައި އެ ލިޔެކިޔުންތައް މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) އިލެކްޓްރޯނިކް ޒަރީއާއެއް މެދުވެރިކޮށް ނުވަތަ އެ ނޫންވެސް ގޮތަކަށް މީރާއިން ލިޔެކިޔުމެއް ބަލައިގަތުމަކީ އެ ލިޔެކިޔުން ފުރިހަމަކަމަށް ނުވަތަ ސައްހަކަމަށް މީރާއިން ގަބޫލުކުރުން ކަމަކަށް ނުބެލެވޭނެއެވެ.
ތިންވަނަ ބާބު
ރިކޯޑު ބެލެހެއްޓުން
14 ވަނަ މާއްދާ - ބަލަހައްޓަންޖެހޭ ރިކޯޑުތައް
(ހ) ގާނޫނުގެ 27 ވަނަ މާއްދާގެ އާންމުކަން އުނިނުވާ ގޮތުގެ މަތިން، އެ ފަރާތެއްގެ މައްޗަށް ޓެކްސްއާބެހޭ ގާނޫނެއް ހިނގާ ކޮންމެ ފަރާތަކުންމެ، އެ ފަރާތެއްގެ އާމްދަނީ، ހަރަދު، ކެޕިޓަލް އެލަވަންސް، ޓެކްސް ކްރެޑިޓް، އައުޓްޕުޓް ޓެކްސް، އިންޕުޓް ޓެކްސް، މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުގެ އުނިއިތުރުކުރުންތައް، ދައްކަންޖެހޭ ޓެކްސް އަދި ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރުމަށް ބޭނުންވާނެ ރިކޯޑުތައް ބަލަހައްޓަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ރިކޯޑުތައް ހިމެނެއެވެ.
- ވިޔަފާރި ނުވަތަ ވިޔަފާރި ހަރަކާތްތަކާ ގުޅޭ އެންމެހައި މުދަލާއި ދަރަންޏާ ގުޅޭ ރިކޯޑުތައް (މީގެ ތެރޭގައި އަމިއްލަ ބޭނުމަށް ނަގައިފައިވާ މުދަލާއި ފައިސާ އަދި ހަލާކުވެގެން ނުވަތަ ގެއްލިގެން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ބޭނުން ނުކުރެވޭ ހާލަތެއްގައި ހުރި މުދަލުގެ ތަފުސީލުވެސް ހިމެނޭގޮތުން)؛
- ވިޔަފާރި ނުވަތަ ވިޔަފާރި ހަރަކާތްތަކުން ދުވަހުން ދުވަހަށް ލިބޭ އަދި ހަރަދުކުރެވޭ ފައިސާއާ ގުޅޭ ރިކޯޑުތައް؛
- ވިއްކައިފައިވާ އަދި ގަނެފައިވާ މުދަލާއި ހިދުމަތާ ގުޅޭ އިންވޮއިސް، ރަސީދު، ޕޭމަންޓް ވައުޗަރ، ކްރެޑިޓް ނޯޓް، ޑެބިޓް ނޯޓް އަދި މި ފަދަ އެހެނިހެން ލިޔެކިޔުންތައް؛
- ޖަރނަލްތަކާއި ލެޖަރތައް ފަދަ ވިޔަފާރީގެ ނުވަތަ ވިޔަފާރި ހަރަކާތުގެ މުއާމަލާތްތައް ރިކޯޑުކުރާ އެކައުންޓިންގ ރިކޯޑުތައް؛
- ވިޔަފާރީގައި ނުވަތަ ވިޔަފާރި ހަރަކާތްތަކުގައި ބޭނުންކޮށްފައިވާ އެކައުންޓިންގ ސިސްޓަމުގެ ތަފުސީލު ބަޔާންކޮށްދޭ ޗާޓް އޮފް އެކައުންޓްސް، ކޯޑް އޮފް އެކައުންޓްސް، އެކައުންޓިންގ އިންސްޓްރަކްށަން މެނުއަލް އަދި ޕްރޮގްރާމް ޑޮކިއުމެންޓޭށަން؛
- އެކްރޫއަލް ބޭސިސް އަށް ހިސާބުތައް ބަލަހައްޓާ ފަރާތެއްނަމަ ކޮންމެ ހިސާބުކުރާ މުއްދަތެއް ނިމޭއިރު ހުރި އިންވެންޓަރީ، ޑެޓަރސް (އަނބުރައި ނުލިބޭނެ ދަރަނީގެ ގޮތުގައި ފޮތްތަކުން އުނިކޮށްފައިވާ އަދަދުތައްވެސް ހިމެނޭ ގޮތުން) އަދި ކްރެޑިޓަރސްގެ ތަފުސީލު؛
- އެ ފަރާތުގެ މުވައްޒަފުންނަށް ނުވަތަ އޮފިސަރުންނަށް ނުވަތަ އެއިން މީހެއްގެ މަންފާއަށް ކޮށްފައިވާ ހަރަދުތަކާއި ދީފައިވާ އިނާޔަތްތަކުގެ ތަފުސީލު (އެ ފަރާތުގެ ޑިރެކްޓަރުން، އެކަށީގެންވާ މަސްލަހަތެއް އޮތް ހިއްސާދާރުން، ޓްރަސްޓީން ނުވަތަ ޕާޓްނަރުންނަށް އަދި އެ ފަރާތްތަކާ ގުޅުންހުރި އެހެން ފަރާތްތަކަށް ކޮށްފައިވާ ހަރަދުތަކާއި ދީފައިވާ އިނާޔަތްތައް ވަކިވަކިން އެނގޭނެހެން)؛
- ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުންތައް؛
- އިމްޕޯޓް ލައިސަންސް ނުވަތަ އެކްސްޕޯޓް ލައިސަންސް، ބިލް އޮފް ލޭޑިންގ، އެއަރވޭ ބިލް، ކަސްޓަމްސް އެކްސްޕޯޓް ޑެކްލަރޭށަން އަދި އިމްޕޯޓުކުރުމާ ގުޅޭ ނުވަތަ އެކްސްޕޯޓުކުރުމާ ގުޅޭ މި ފަދަ އެހެނިހެން ލިޔެކިޔުންތައް؛
- ބޭންކް ސްޓޭޓްމަންޓް އަދި ބޭންކް އެކައުންޓް މެދުވެރިކޮށް ކުރާ އެންމެހައި މުއާމަލާތްތަކުގެ ތަފުސީލު އަންގައިދޭ އެހެނިހެން ލިޔެކިޔުންތައް؛
- މާލީ ހިސާބުތަކާއި އެއާ ގުޅޭ ބަޔާންތައް؛
- އިންޓަރނެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް؛
- އެ ފަރާތުގެ އާމްދަނީ އާއި ހަރަދު އަދި އެ ފަރާތުގެ ޓެކްސް ބަޔާން ނުވަތަ މާލީ ހިސާބުތަކުގައިވާ އަދަދުތަކުގެ ސައްހަކަން ޔަގީންކުރުމަށް ބޭނުންވާނެ އެހެނިހެން ލިޔެކިޔުންތައް؛
- ޓެކްސް ދައްކާ ފަރާތުން ބެލެހެއްޓުމަށް ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ލާޒިމުކުރާ އެހެނިހެން ލިޔެކިޔުންތައް.
(ށ) މި މާއްދާގެ (ހ) ގެ (7) ގެ ބޭނުމަށް، އެކަށީގެންވާ މަސްލަހަތެއް އޮތް ހިއްސާދާރުން ކަމަށް ބުނެފައި އެ ވަނީ ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ކުންފުނީގައި އެކަށީގެންވާ މަސްލަހަތެއް ލިބިފައިވާ މީހަކު" ގެ މާނައިގެ ތެރޭގައި ހިމެނޭ ހިއްސާދާރުންނަށެވެ.
(ނ) ޓެކްސް ދައްކާ ފަރާތުން ތައްޔާރުކުރާ އިންވޮއިސް، ރަސީދު، ޑެބިޓް ނޯޓު އަދި ކްރެޑިޓް ނޯޓުތަކުގެ ނަންބަރަކީ ސޮފްޓްވެއަރއަކުން ޖެނެރޭޓްކުރާ ނަންބަރަކަށް ނުވާނަމަ، އެ ލިޔެކިޔުންތަކުގައި ޕްރީޕްރިންޓަޑް ސީރިއަލް ނަންބަރެއް އޮންނަންވާނެއެވެ.
15 ވަނަ މާއްދާ - ރިކޯޑު ބަލަހައްޓަންޖެހޭ ތަނާއި ބަސް
(ހ) ގާނޫނުގެ 27 ވަނަ މާއްދާ އާއި މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި ރިކޯޑުތައް ބަލަހައްޓަންވާނީ ދިވެހިރާއްޖޭގައި އެ ފަރާތަކުން އާންމުކޮށް ވިޔަފާރި ހިންގާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގައި ހުރި އެ ނޫންވެސް ތަނެއްގައި، މީރާއިން ބޭނުންވެއްޖެ ހިނދެއްގައި އެ ރިކޯޑުތައް ބެލޭނެ ގޮތަކަށެވެ. އަދި އެ ލިޔެކިޔުންތައް ހުންނަންވާނީ ފަސޭހައިން ކިޔަން އެނގޭނެހެންނެވެ.
(ށ) ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުންތައް ބަލަހައްޓަނީ ދިވެހިބަސް ނުވަތަ އިނގިރޭސިބަސް ފިޔަވައި އެހެން ބަހަކުންނަމަ، މީރާއިން އެދިއްޖެ ހިނދެއްގައި މީރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ފަރާތުން އެ ލިޔެކިޔުންތައް ދިވެހިބަހަށް ނުވަތަ އިނގިރޭސިބަހަށް ތަރުޖަމާކޮށްދޭންވާނެއެވެ.
16 ވަނަ މާއްދާ - އިލެކްޓްރޯނިކް ފޯމެޓެއްގައި ރިކޯޑު ބެލެހެއްޓުން
(ހ) ޓެކްސް ދައްކާ ފަރާތުގެ ރިކޯޑުތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ބެލެހެއްޓޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.
- މީރާއިން ބޭނުންވެއްޖެ ހިނދެއްގައި އެ ރިކޯޑުތައް ކަރުދާހަށް ޕްރިންޓްކުރެވުން؛
- މީރާއިން ބޭނުންވެއްޖެ ހިނދެއްގައި އެ ރިކޯޑުތަކަށް އެކްސެސް ވެވޭނެ ގޮތަށް ހުރުން؛
- އެއް ފޯމެޓުން އަނެއް ފޯމެޓަށް ބަދަލުކުރާއިރު އެ ބަދަލުކުރެވުނު ރިކޯޑުތައް އޭގެ އަސްލާ އެއްގޮތްކަން ޔަގީންކުރެވޭ ގޮތަށް ހުރުން؛
- މެނުއަލްކޮށް ތައްޔާރުކޮށްފައިވާ ރިކޯޑުތައް އިލެކްޓްރޯނިކް ފޯމެޓަކަށް ބަދަލުކުރާނަމަ، އެ ލިޔެކިޔުންތައް ޕޯޓަބަލް ޑޮކިއުމަންޓް ފޯމަޓް (ޕީ.ޑީ.އެފް) ގައި ހުރުން؛
- ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ ރިކޯޑުތަކަށް ބަދަލެއް ނުގެނެވުން؛
- ރިކޯޑުތައް ބަލަހައްޓާ ސޮފްޓްވެއަރގެ ނުވަތަ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީގެ ބެކަޕް ހުރުން؛
- ރިކޯޑުތަކުގެ ނުވަތަ އެ ރިކޯޑުތަކަށް ގެންނަ ބަދަލުތަކުގެ އޮޑިޓް ޓްރެއިލް ނެގޭ ގޮތަށް ހުރުން.
(ނ) އިލެކްޓްރޯނިކް ފޯމެޓެއްގައި ހުރި ރިކޯޑެއް ކަރުދާހަށް ޕްރިންޓްކުރުމަށް މީރާއިން އަންގައިފިނަމަ އެ ރިކޯޑުގެ އަސްލު ތައްޔާރުކުރެވުނު ތާރީހު، އެ ޕްރިންޓުން އެނގެން އޮންނަންވާނެއެވެ.
17 ވަނަ މާއްދާ - ކުރަމުންދާ އޮޑިޓަކާ ގުޅޭ ރިކޯޑުތައް
ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާއިން ކުރަމުންދާ އޮޑިޓަކަށް ބޭނުންވެދާނެ ރިކޯޑުތައް، އެ އޮޑިޓް ނިމެންދެން ބެހެއްޓުމަށް އެ ފަރާތަކަށް އެންގުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
ހަތަރުވަނަ ބާބު
އޮޑިޓްކުރުމާއި ތަހުގީގުކުރުން
18 ވަނަ މާއްދާ - ނޯޓިސް ފޮނުވުން
(ހ) ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ޓެކްސް ދައްކާ ފަރާތެއް އޮޑިޓް ކުރަން ފެށުމުގެ ކުރިން، އެ ފަރާތް އޮޑިޓްކުރާކަން އަންގާ އެންގުމެއް ("އޮޑިޓް ނޯޓިސް") އެ ފަރާތަށް ފޮނުވަންވާނެއެވެ. އަދި މި އެންގުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛
- އޮޑިޓް ކުރަން ބޭނުންވާ މުއްދަތު؛
- އޮޑިޓް ފެށޭނެކަމަށް ލަފާކުރެވޭ ތާރީހު؛
- އޮޑިޓް ކުރުމުގައި މީރާގެ އޮފިސަރުން ބަލާނެކަމަށް ލަފާކުރެވޭ ލިޔެކިޔުންތައް؛
- އޮޑިޓް ކުރުމާ ހަވާލުވެ ހުރި މީރާގެ އޮފިސަރުގެ ނަން.
(ށ) އޮޑިޓް ކުރުމާ ހަވާލުވެ ހުރި މީރާގެ އޮފިސަރާއެކު، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އިތުރު ފަރާތްތައްވެސް އޮޑިޓުގައި ބައިވެރިކުރެވިދާނެއެވެ.
(ނ) ޓެކްސް ދައްކާ ފަރާތުން ޓެކުހާ ގުޅޭ ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް މީރާއަށް ތުހުމަތުކުރެވޭނަމަ، އެ ކުށާ ގުޅިގެން އެ ފަރާތް ތަހުގީގު ކުރެވޭކަން އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
(ރ) މީރާއިން އޮޑިޓެއް ނުވަތަ ތަހުގީގެއް ފެށުމުގެ ކުރިން އެ އޮޑިޓަށް ނުވަތަ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ނުވަތަ އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ކުރުމަކަށް މި މާއްދާގެ ދަށުން އެންގުމެއް ފޮނުވާކަށް ނުޖެހޭނެއެވެ.
19 ވަނަ މާއްދާ - ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަނުމުގެ ބާރު
ޓެކްސް ދައްކާ ފަރާތަށް މި ގަވާއިދުގެ 18 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓް ނޯޓިސް ފޮނުވުމަށްފަހު، ގާނޫނުގެ 30 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމުގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ މީރާގެ އޮފިސަރުންނަށް އެ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަދެވިދާނެއެވެ.
20 ވަނަ މާއްދާ - ޓެކްސް ދައްކާ ފަރާތުން ލިޔެކިޔުން ހޯދުން
ގާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް އަންގާ އެންގުން") ގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛
(ށ) ހުށަހެޅުމަށް އަންގާ ލިޔެކިޔުންތައް؛
(ނ) ލިޔެކިޔުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު.
21 ވަނަ މާއްދާ - ތިންވަނަ ފަރާތަކުން ލިޔެކިޔުން ހޯދުން
(ހ) ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް ތިންވަނަ ފަރާތަކަށް އަންގާ އެންގުން") ގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) އެ އެންގުން ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް؛
(ށ) އެ އެންގުމާ ގުޅޭ ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛
(ނ) ހުށަހެޅުމަށް އަންގާ ލިޔެކިޔުންތައް؛
(ރ) ލިޔެކިޔުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު؛
(ބ) އެ އެންގުން ފޮނުވަންޖެހުނު ސަބަބު.
22 ވަނަ މާއްދާ - އޮޑިޓް ރިޕޯޓް
(ހ) ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓެއް ނިމުމުން އެ އޮޑިޓަކުން ފާހަގަ ކުރެވުނު ކަންތައްތައް ބަޔާންކޮށް ތައްޔާރުކުރެވޭ އޮޑިޓް ރިޕޯޓެއް، ޓެކްސް ދައްކާ ފަރާތަށް މީރާއިން ފޮނުވަންވާނެއެވެ.
(ށ) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު، ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅައިފިނަމަ، މީރާއިން އެ ފަރާތަށް ފޮނުވާ އޮޑިޓް ރިޕޯޓާއެކު، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އެންގުން ފޮނުވަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަށް ފޮނުވާ އޮޑިޓް ރިޕޯޓުގައި، ޓެކްސް ދައްކާ ފަރާތުން އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކޮށްފައިވާނަމަ އެކަން އިސްލާހުކުރުމަށްފަހު އެކަމުގެ ތަފުސީލު ނުވަތަ އެކަން އިސްލާހުކުރެވިފައި ނުވާނަމަ އެކަން އިސްލާހު ނުކުރެވުނު ސަބަބާއި އިސްލާހު ކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހު، އެ ރިޕޯޓު ފޮނުވާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނުވަތަ ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އެ ނޫންވެސް މުއްދަތެއްގެ ތެރޭގައި، މީރާއިން އަންގާ ގޮތެއްގެ މަތިން، ޓެކްސް ދައްކާ ފަރާތުން މީރާއަށް އަންގަންވާނެއެވެ.
23 ވަނަ މާއްދާ - މީރާއިން އަދަދު ކަނޑައެޅުން
(ހ) ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން އަދަދެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- އެ ފަރާތުން ފޯރުވައިދޭ ނުވަތަ އެ ފަރާތުން ގަންނަ މުދަލާއި ހިދުމަތާ އެއްފަދަ އެހެން މުދަލާއި ހިދުމަތުގެ ބާޒާރުގެ އަގު؛
- އޮޑިޓްކުރާ މުއްދަތާ ދިމާވާ، ފާއިތުވި އަހަރުތަކުގެ މުއްދަތުތަކުގައި އެ ފަރާތުން ފޯރުވައިދީފައިވާ ނުވަތަ އެ ފަރާތުން ގަނެފައިވާ މުދަލާއި ހިދުމަތާ އެއްފަދަ މުދަލާއި ހިދުމަތުގެ އެވްރެޖް އަގު؛
- އެ ފަރާތުން ފޯރުވައިދޭ ނުވަތަ ގަންނަ މުދަލާއި ހިދުމަތާ އެއްފަދަ އެހެން މުދަލާއި ހިދުމަތުގެ އެހެން ގައުމުތަކުގެ އެވްރެޖް އަގު؛
- ފާއިތުވި އަހަރުތަކުގައި އެ ފަރާތަކުން ދައްކައިފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ އަދަދު؛
- އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސިނާއަތެއްގައި ހިމެނޭ އެ ގިންތީގެ އެހެން ޓެކްސް ދައްކާ ފަރާތްތަކުން އެ މުއްދަތުގައި ދައްކައިފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ އެވްރެޖް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އަދަދު ކަނޑައެޅުމުގައި ސާމްޕްލިންގ ބޭނުންކުރެވިދާނެއެވެ.
(ނ) ޓެކްސް ދައްކާ ފަރާތުން އެއްވެސް މުއްދަތަކަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް ހުށަނޭޅުމުގެ ސަބަބުން ޓެކުހުގެ ގޮތުގައި އެ ފަރާތުން ދައްކަންޖެހޭ އަދަދު މީރާއިން ކަނޑައަޅައިފިނަމަ، އެ ފަރާތުން ޓެކްސް ބަޔާން ހުށަނޭޅުމުގެ ސަބަބުން އަރާ ޖޫރިމަނާ ހިނގާނީ އެ ގޮތުން އަދަދު ކަނޑައެޅުނު ދުވަހާ ހަމައަށެވެ. އަދި މި ހާލަތުގައި ޓެކްސް ދައްކާ ފަރާތުން އެ މުއްދަތަށް ޓެކްސް ބަޔާން ހުށަހަޅައިގެން ނުވާނެއެވެ.
(ރ) ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހަޅައިފައިވަނިކޮށް، އެ ބަޔާން ނިސްބަތްވާ މުއްދަތަށް މީރާއިން އަދަދެއް ކަނޑައަޅައިފިނަމަ، އެ މުއްދަތަށް އެ ފަރާތުން ހުށަހަޅައިފައިވާ ބަޔާން އެ ފަރާތަކަށް އިސްލާހެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ހާލަތުގައި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުމާމެދު އެ ފަރާތަކަށް އިއުތިރާޒުކުރެވިދާނެއެވެ.
24 ވަނަ މާއްދާ - ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން
(ހ) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅުމަށްފަހު ޓެކްސް ދައްކާ ފަރާތަށް ފޮނުވާ އެންގުން ("ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން") ގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛
- އެ އެންގުން ނިސްބަތްވާ މުއްދަތު؛
- ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައެޅި އަދަދު؛
- ފައިސާ ދައްކަންޖެހޭ ސުންގަޑި.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެންގުމެއް ފޮނުވުމަށްފަހު، އެ އެންގުން އިސްލާހުކުރުމުގެ ނުވަތަ ބާތިލުކުރުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ. އެއީ ޓެކްސް ދައްކާ ފަރާތުން އެ އެންގުމާމެދު އިއުތިރާޒުކޮށްފައި ނުވަތަ އެ އެންގުމުގައި ބަޔާންކޮށްފައިވާ އަދަދު މީރާއަށް ދައްކައިފައިވީ ނަމަވެސްމެއެވެ.
25 ވަނަ މާއްދާ - މީރާއިން ކަނޑައަޅާ އަދަދަށް ބަދަލު ގެނައުން
ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުމަށް މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްލާހެއް ގެނެސްފިނަމަ އަންނަނިވި ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
(ހ) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ކަމަށް މީރާއިން ފުރަތަމަ ކަނޑައަޅައިފައިވާ އަދަދަށްވުރެ ބޮޑު އަދަދެއް އެ އިސްލާހުގައި ކަނޑައަޅައިފައިވާނަމަ، އެ އިސްލާހުގައި ކަނޑައަޅައިފައިވާ ޖުމުލަ އަދަދު ދެއްކުމަށް އައު މުއްދަތެއް ދިނުން.
(ށ) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ކަމަށް މީރާއިން ފުރަތަމަ ކަނޑައަޅައިފައިވާ އަދަދަށްވުރެ ކުޑަ އަދަދެއް އެ އިސްލާހުގައި ކަނޑައަޅައިފައިވާނަމަ އެ އިސްލާހުގައި ބަޔާންކޮށްފައިވާ އަދަދަކީ ފައިސާ ދައްކަންޖެހޭ ކަމަށް ފުރަތަމަ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައްކަންޖެހޭ އަދަދެއް ކަމުގައި ބެލެވުން.
26 ވަނަ މާއްދާ - ދައްކަންޖެހި ނުދައްކައި ހުރި ޓެކުހަށް ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އެރުން
ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން އަދަދެއް ކަނޑައަޅައިފިނަމަ، އަދި ޓެކްސް ދައްކާ ފަރާތުން އޮޑިޓްކުރެވުނު މުއްދަތަށް ދައްކައިފައިވަނީ މީރާއިން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، އެ މަދުވާ އަދަދަކީ އެ ފައިސާ ދައްކަންޖެހޭ ސުންގަޑިން ފެށިގެން ނުދައްކައި އޮތް އަދަދެއް ކަމަށް ބަލައި އެ ދުވަހުން ފެށިގެން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޖޫރިމަނާއާއި އިންޓްރެސްޓް އަރަމުންދާނެއެވެ.
27 ވަނަ މާއްދާ - ބޭންކް އެކައުންޓުގެ ތަފްސީލް ހޯދުމަށް އެދުން
ގާނޫނުގެ 48 ވަނަ މާއްދާގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ ބޭންކް އެކައުންޓުގެ ތަފުސީލު ކަމަށް ބުނެފައި އެ ވަނީ އަންނަނިވި ތަފުސީލަށެވެ.
(ހ) ބޭންކް އެކައުންޓް، ކްރެޑިޓް ކާޑު އަދި ޑެބިޓް ކާޑުތަކުގެ ނަމާއި ނަންބަރު؛
(ށ) ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން އަދި ބޭންކް އެކައުންޓް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލު އަދި ބޭންކް ސްޓޭޓްމަންޓް؛
(ނ) އެއް ބޭންކް އެކައުންޓުން ނުވަތަ ކާޑުން އަނެއް ބޭންކް އެކައުންޓަށް ނުވަތަ ކާޑަށް ޓްރާންސްފަރކޮށްފައިވާ ފައިސާ؛
(ރ) ލޯނާ ގުޅޭ ތަފުސީލުތަކާއި ލޯނާ ގުޅޭ ލިޔެކިޔުންތައް؛
(ބ) ބޭންކް ފައިލްނޯޓުތައް؛
(ޅ) ބޭންކް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައް.
ފަސްވަނަ ބާބު
ބަލައި ފާސްކުރުން
28 ވަނަ މާއްދާ - ގޯތިގެދޮރަށް ވަދެ ބަލައި ފާސްކުރުމަށް އަމުރެއް ހޯދުން
މީރާއިން ކުރާ އޮޑިޓެއްގެ ބޭނުމަށް، މީހުން ދިރިއުޅޭ ގޯތިގެދޮރަށް ވަދެ ބަލައި ފާސްކުރެވޭނީ އެ ކަން ކުރުމުގެ ކޯޓު އަމުރެއް ލިބިގެންނެވެ.
29 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުން
ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރާނަމަ، އެ އަމުރުގެ ދަށުން ލިބިދީފައިވާ ބާރުތަކާ ހިލާފުނުވާ ގޮތުގެ މަތިން:
(ހ) ބަލައި ފާސްކުރާ ތަނުގައި މީހަކު ހުރިނަމަ އެ ތަނަކާ ހަވާލުވެ ހުރި މީހަކަށް ނުވަތަ ހަވާލުވެ ހުރި ކަމަށް ބެލެވޭ މީހަކަށް، ކަމާ ހަވާލުވެ ހުރި މީރާގެ އޮފިސަރުގެ ނަން ޖަހާފައިވާ އަމުރުގެ ކޮޕީއެއް ދޭންވާނެއެވެ. އަދި ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން އެ ތަނަކަށް ވަނުމަށް ގަސްތުކުރާކަން އަންގަންވާނެއެވެ. އަދި އެފަދަ މީހަކު ނެތްނަމަ އެ ފަދަ ކޮޕީއެއް އެ ތަނަކުން ފަސޭހައިން ފެންނާނެ ތަނެއްގައި ބާއްވަންވާނެއެވެ.
(ށ) ބަލައި ފާސްކުރާ ތަންތަނަށް ވަންނަންވާނީ އެ ތަނަކަށް ނުވަތަ އެ ތަނުގައި ހުރި ތަކެއްޗަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތެއްގެ މަތިންނެވެ.
30 ވަނަ މާއްދާ - ބަލައި ފާސްކުރުމުގައި ތަކެތި ހިފެހެއްޓުން
(ހ) ބަލައި ފާސްކުރުމުގައި، ޓެކުހާ ގުޅިގެން ބޮޑު އޮޅުވާލުމެއް ހިމެނޭ ކުށަކާ ގުޅޭ ހެއްކެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ބެލެވޭ ކޮންމެ އެއްޗެއްވެސް، ކަމާ ހަވާލުވެ ހުރި މީރާގެ އޮފިސަރަށް ހިފެހެއްޓިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިނަމަ، އެ އެއްޗެއް މީރާގެ ބެލުމުގެ ދަށަށް ގެނެވުނުކަމާއި އޭގެ ސަބަބު އަންގައިދޭ ލިޔުމެއް އެ ހިފެހެއްޓި އެއްޗަކާ ހަވާލުވެގެން ހުރި ފަރާތަށް ނުވަތަ އެ އެއްޗެއްގެ ވެރިފަރާތަށް ދޭންވާނެއެވެ.
ހަވަނަ ބާބު
މީހުން ހާޒިރުކުރުން
31 ވަނަ މާއްދާ - މީހުން ހާޒިރު ކުރެވޭނެ ގޮތް
(ހ) ( ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް މީހަކު ހާޒިރުކުރާނަމަ، އެ މީހަކު ހާޒިރުކުރަން ބޭނުންވާ ގަޑީގެ މަދުވެގެން 12 (ބާރަ) ގަޑިއިރު ކުރިން އެ މީހަކަށް އެ ކަން އަންގަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ފޮނުވާ އެންގުން ("ހާޒިރުވުމަށް އަންގާ އެންގުން") ފޮނުވަންވާނީ ލިޔުމުންނެވެ. އަދި މި އެންގުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- އެންގުން ރައްދުވާ މީހާގެ ނަމާއި އެޑްރެސް؛
- ހާޒިރުވާންޖެހޭ ތަން، ތާރީހު އަދި ގަޑި؛
- ހާޒިރުކުރުމުގެ ބޭނުން؛
- އިންޓަރވިއުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑު ކުރެވިދާނެކަން؛
- އެ މީހާ އެދޭނަމަ އޭނާގެ ގާނޫނީ ވަކީލަކަށް އެ އިންޓަރވިއު ކުރާ ތަނުގައި ހުރެވިދާނެކަން.
(ނ) މީރާއަށް ހާޒިރުވުމަށް އަންގައިފައިވަނިކޮށް، އެ އެންގުމާ އެއްގޮތަށް ހާޒިރު ނުވެވޭނެ މަގުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ އިންޓަރވިއު އޮންނާނެ ކަމަށް އެ އެންގުމުގައި ބަޔާންކޮށްފައިވާ ގަޑީގެ މަދުވެގެން 1 (އެކެއް) ގަޑިއިރު ކުރިން މީރާއަށް އަންގަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ ހާލަތުތަކުގައި، އެ މާއްދާގައި ކަނޑައަޅައިފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް ހާޒިރުވުމަށް އެންގުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ހާޒިރުވާއިރު ކާކުކަން އެނގޭފަދަ ލިޔުމެއް ދެއްކުން
މި ބާބުގައިވާ ގޮތުގެ މަތިން ހާޒިރުކުރާ މީހަކަށް، އެއީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ދެއްކުމަށް މީރާއިން އަންގައިފިނަމަ އެ ފަދަ ލިޔުމެއް ދައްކަންވާނެއެވެ.
33 ވަނަ މާއްދާ - އިންޓަރވިއު ރިކޯޑު ކުރުން
މި ބާބުގައިވާ ގޮތުގެ މަތިން ހާޒިރުކުރާ މީހަކާ ކުރެވޭ އިންޓަރވިއުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑު ކުރެވިދާނެއެވެ.
34 ވަނަ މާއްދާ - ގާނޫނީ ވަކީލަކު އައްޔަންކުރުން
މި ބާބުގައިވާ ގޮތުގެ މަތިން ހާޒިރުކުރާ މީހަކާ އިންޓަރވިއުކުރެވޭއިރު، އޭނާ އައްޔަންކުރާ ގާނޫނީ ވަކީލެއްގެ ހާޒިރުގައި އެ އިންޓަރވިއުކުރެވުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.
ހަތްވަނަ ބާބު
އިއުތިރާޒުކުރުން
35 ވަނަ މާއްދާ - އިއުތިރާޒުކުރާކަން އެންގުން
(ހ) މީރާއިން ނިންމި ނިންމުމަކާމެދު ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ އެ ކަން މީރާއަށް ހުށަހަޅަންވާނީ، އެ އިއުތިރާޒުކުރާ ނިންމުމެއް މީރާއިން އެ ފަރާތަކަށް އެންގި ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، "އިއުތިރާޒުކުރާކަމުގެ އެންގުން" (MIRA903) ފޯމު މެދުވެރިކޮށް، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިއުތިރާޒުކުރާނަމަ އިއުތިރާޒުކުރާ ސަބަބުތަކާއި، އެ ފަރާތުގެ ނަޒަރުގައި އެ ފަރާތުން ދައްކަންޖެހޭ އަދަދަކީ ކޮބައިކަން އަދި އެ އަދަދު ހިސާބުކޮށްފައިވާ ގޮތުގެ ތަފުސީލު ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 ( ތިރީސް) ދުވަސް ގުނުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނެއެވެ.
36 ވަނަ މާއްދާ - މީރާގެ ނިންމުން ބަދަލުކުރުން
މި ބާބުގައިވާ ގޮތުގެ މަތިން ކުރެވޭ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށް، މީރާގެ ނިންމުން އެއްކޮށް ނުވަތަ އެއިން ބައެއް ބަދަލުކުރެވިދާނެއެވެ. ނުވަތަ މީރާގެ ނިންމުން ރަނގަޅު ކަމަށް ކަނޑައެޅިދާނެއެވެ.
37 ވަނަ މާއްދާ - އިއުތިރާޒު ނުކުރެވޭނެ ކަންތައްތައް
ޓެކްސްއާބެހޭ ގާނޫނަކުން ލާޒިމުކުރާކަމެއް ކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް، ނުވަތަ މި މުއްދަތުގެ ތެރޭގައި އެ ކަމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދިނުމަށް ޓެކްސް ދައްކާ ފަރާތުން އެދުމުން އެ ކަމާ ގުޅިގެން މީރާއިން ނިންމާ ނިންމުންތަކަކަށް ޓެކްސް ދައްކާ ފަރާތަށް އިއުތިރާޒެއް ނުކުރެވޭނެއެވެ.
38 ވަނަ މާއްދާ - ސާބިތުކޮށްދިނުމުގެ ޒިންމާ
މީރާއިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ސާބިތުކޮށްދިނުމަކީ އިއުތިރާޒުކުރާ ފަރާތުގެ ޒިންމާއެކެވެ.
39 ވަނަ މާއްދާ - ޖޫރިމަނާ އަދި އިންޓްރެސްޓްގެ ފައިސާ ހިނގުން
މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން މި ބާބުގައިވާ ގޮތުގެ މަތިން އިއުތިރާޒުކޮށްފައިވީ ނަމަވެސް، އެ ފަރާތަކުން ދައްކަންޖެހޭ ފައިސާ ހަމައަށް ދައްކައި ހަލާސްކޮށްފައިނުވާހާ ހިނދަކު ނުވަތަ އެ ފަރާތަކުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަ ނުކުރާހާ ހިނދަކު، އެ ފައިސާ ހަމައަށް ނުދެއްކުމުން ނުވަތަ އެ ކަމެއް ފުރިހަމަ ނުކުރުމުން އަރާ ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އަރަމުންދާނެއެވެ.
40 ވަނަ މާއްދާ - އިއުތިރާޒުކުރުން އަނބުރައި ގެންދިއުން
(ހ) މި ބާބުގެ ދަށުން ކޮށްފައިވާ އިއުތިރާޒުކުރުމެއް އަނބުރައި ގެންދަން ބޭނުންވާނަމަ، އިއުތިރާޒުކުރާ ފަރާތުން ނުވަތަ އެ ފަރާތުގެ މަސްއޫލުވާ މީހާ ނުވަތަ އެ އިއުތިރާޒާ ގުޅިގެން އައްޔަންކޮށްފައިވާ ފަރާތުން، އެ ކަން ލިޔުމަކުން މީރާއަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ ފަރާތުން އިއުތިރާޒުކުރި މީރާގެ ނިންމުން ރަނގަޅު ކަމަށް ބެލެވޭނެއެވެ.
އަށްވަނަ ބާބު
ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުން
41 ވަނަ މާއްދާ - ފިޔަވަޅު އެޅުން
ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމުގެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަކި ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ވަކިން ނުވަތަ އެކުއެކީގައި އެޅުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
42 ވަނަ މާއްދާ - އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެދުން
ޓެކްސް ދައްކާ ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދެވޭނީ މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. މި ގޮތަށް ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކުން އެ ކަމަށް އެދި ކޮމިށަނަރ ޖެނެރަލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
43 ވަނަ މާއްދާ - ޖޫރިމަނާ އަދި އިންޓްރެސްޓް ހިނގަމުން ދިއުން
ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކައި ހުރި ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅެއް އަޅައިފައިވީ ނަމަވެސް ނުވަތަ މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތަށް ދީފައިވީ ނަމަވެސް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އަރާނަމަ، އެ ފަރާތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ހަލާސްކުރުމާ ހަމައަށް އެ ޖޫރިމަނާ ނުވަތަ އިންޓްރެސްޓް އަރަމުންދާނެއެވެ.
44 ވަނަ މާއްދާ - ފައިސާ ނުދައްކާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތައް ހެދުން
ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމުގައްޔާއި، ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަދި އެ ފަރާތްތަކުގެ ނަން ހާމަކުރުމުގައްޔާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ފަރާތްތަކުގެ ތެރެއިން ހޯދައި ނުފެނިފައިވާ ފަރާތްތަކާމެދު އަމަލުކުރަންވާނީ އެ ކަންކަމާމެދު މީރާއިން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ނުވަވަނަ ބާބު
ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުން
45 ވަނަ މާއްދާ - ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމުގައި އަމަލުކުރާ އުސޫލު
ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމުގައްޔާއި ބޭންކް 45. އެކައުންޓުން ފައިސާ ނެގުމުގައި އަމަލުކުރަންވާނީ އެ ކަމަށް މީރާއިން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
46 ވަނަ މާއްދާ - ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމުގެ އެންގުމާ ގުޅިގެން އަމަލުކުރާނެ ގޮތް
ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް މީރާއިން އެދުމުން، އެ ކަން އަންގައި އެމް.އެމް.އޭ އިން ފޮނުވާ ލިޔުން ބޭންކަށް ލިބުމުން އަންނަނިވި ގޮތުގެ މަތިން ބޭންކުން އަމަލުކުރަންވާނެއެވެ.
(ހ) އެ އެންގުން ލިބޭ ވަގުތުން ފެށިގެން، އެ އެންގުމުގައިވާ ގޮތަށް، ޓެކްސް ދައްކާ ފަރާތުގެ އަދި އެ ފަރާތުގެ ވިޔަފާރި ނަންނަމުގައި ހުރި ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުން؛
(ށ) އެ އެންގުން ލިބޭތާ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި މައުލޫމާތު މީރާއަށް ލިޔުމުން އެންގުން:
- ފައިސާ ހިފެހެއްޓުނު ތާރީހާއި ގަޑި އަދި އެ ވަގުތު އެ ހިފެހެއްޓުނު ބޭންކް އެކައުންޓުގައި ހުރި ފައިސާގެ އަދަދު؛
- ބޭންކް އެކައުންޓާ ގުޅޭގޮތުން އެއްވެސް ކްރެޑިޓް އެރޭންޖްމަންޓެއް ނުވަތަ އެ ނޫންވެސް އެރޭންޖްމަންޓެއް ހަމަޖައްސައިދީފައިވާނަމަ އެ ކަމުގެ ތަފުސީލު، އަދި ބޭންކުން އެ އެކައުންޓުގައިވާ ފައިސާގެ މައްޗަށް އެއްވެސް ރަހުނެއް ނުވަތަ އެ ނޫންވެސް ޗާޖެއް ކޮށްފައިވާނަމަ އެ ކަން؛
- ށަރުއީ ކޯޓެއްގެ އަމުރަށް ނުވަތަ އެ ނޫންވެސް ގޮތަކުން، އެ އެންގުން ނިސްބަތްވާ ފަރާތުގެ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފަހައްޓައިފައިވާނަމަ އެ ކަން؛
- އެ އެންގުން ރައްދުވާ ފަރާތުގެ އެކައުންޓެއް ބޭންކުގައި ނެތްނަމަ އެ ކަން.
47 ވަނަ މާއްދާ - ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިކަން ޓެކްސް ދައްކާ ފަރާތަށް އެންގުން
އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ މި ބާބުގައިވާ ގޮތުގެ މަތިން ހިފަހައްޓައިފިނަމަ އެ ކަން މީރާއިން ޓެކްސް ދައްކާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
48 ވަނަ މާއްދާ - ފައިސާ ދެއްކި ދުވަސް ކަނޑައެޅުން
މި ބާބުގައިވާ ގޮތުގެ މަތިން ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭ ހާލަތުތަކުގައި 48. މީރާއަށް ފައިސާ ލިބުނު ދުވަސް ކަމުގައި ބެލެވޭނީ ޕަބްލިކް ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާވި ދުވަހެވެ.
ދިހަވަނަ ބާބު
މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައެޅުނަ
49 ވަނަ މާއްދާ - ކަފާލާ އައްޔަންކުރުން
(ހ) އެއްވެސް ފަރާތެއްގެ މުދަލެއްގެ މައްޗަށް ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކަނޑައަޅާނަމަ، އެ ޖޫރިމަނާގެ އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް މީރާއިން ކަފާލާއެއް އައްޔަންކުރަންވާނެއެވެ.
(ށ) ކަފާލާގެ ގޮތުގައި އައްޔަންކުރާނީ އާންމުކޮށް ފުރުސަތު ހުޅުވާލުމުން އެ ކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހެކެވެ.
(ނ) މި ބާބުގެ ބޭނުމަށް:
- "ކަފާލާ" ކަމަށް ބުނެފައި އެ ވަނީ ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހިނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މި ގަވާއިދުގެ 51 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މީރާއިން އައްޔަންކުރާ މީހަކަށެވެ.
- "ޖޫރިމަނާ" ކަމަށް ބުނެފައި އެ ވަނީ ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު ހޯދުމުގެ ގޮތުން މީރާއިން ކަނޑައަޅާ ވަކި މުދަލަކަށް ނުވަތަ މުދާތަކެއްގެ މައްޗަށް އެ މުދާ ނުވަތަ މުދާތައް ހިފެހެއްޓުމުގެ ގޮތުން ކަނޑައެޅޭ ޗާޖަކަށެވެ.
50 ވަނަ މާއްދާ - ކަފާލާގެ ށަރުތުތައް
މި ބާބުގެ ދަށުން ކަފާލާއެއް ގޮތުގައި އައްޔަންކުރާ މީހަކީ އަންނަނިވި ށަރުތުތައް ފުރިހަމަވާ މީހަކަށްވާންވާނެއެވެ.
(ހ) މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށްވުން؛
(ށ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިށްވަތު ނުވަތަ އިހުމާލުގެ ކުށެއް، ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
(ނ) މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން؛
(ރ) އެ މީހާއާ ހަވާލުކުރެވޭ މައްސަލައެއްގައި އެ މީހާގެ އެއްވެސް މަސްލަހަތެއް ނެތް މީހަކަށްވުން؛
(ބ) ކަފާލާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ލަޔާގަތާއި ގާބިލިއްޔަތު ހުރި ކަމަށްމީރާއަށް ގަބޫލުކުރެވޭ މީހަކަށްވުން.
51 ވަނަ މާއްދާ - ކަފާލާގެ މަސްއޫލިއްޔަތު
ކަފާލާގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ އުފުލޭ މުދަލާއި ނުއުފުލޭ މުދާ ނުވަތަ މި ފަދަ އެހެންވެސް މިލްކިއްޔާތެއްގެ މައްޗަށް، އެއީ މާއްދީ ނުވަތަ ޣައިރު މާއްދީ މުދަލެއްކަމުގައިވީ ނަމަވެސް، ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރު ތަންފީޒުކުރުން؛
(ށ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ ވިއްކައިގެން ލިބޭ ފައިސާއިން، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މީރާއަށް ފައިސާ ދެއްކުން؛
(ނ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދަލާ ބެހޭގޮތުން ށަކުވާ ހުށަހަޅާ ފަރާތްތަކުގެ ށަކުވާތައް ބަލައި، އެ ކަންކަން ހައްލުކުރުމަށް ފިޔަވަޅު އެޅުމާއި، އެ މުދަލާ ގުޅޭ ގޮތުން އުފުލޭ ދައުވާތަކަށް ޖަވާބުދާރީވުން؛
(ރ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދަލަކީ އެއްވެސް ބާވަތެއްގެ ގާނޫނީ ހިފެހެއްޓުމެއް ނެތް، ތަސައްރުފުކުރުމުގެ ފުރިހަމަ ފުރުސަތު އޮތް މުދަލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މުދާ ވިއްކުން؛
(ބ) ޖޫރިމަނާ ކަނޑައެޅުމަށް ފުރިހަމަކުރަންޖެހޭ އިންވެންޓަރީ ހެދުމަށްޓަކައި ޓެކްސް ދައްކަންޖެހޭ ފަރާތުގެ މިލްކުވެރިކަމުގައި ހުރި މުދަލުގެ މައުލޫމާތު އެ ފަދަ މުދަލުގެ ރިކޯޑު ބަލަހައްޓާ އިދާރާތަކުން ހޯދައި އަދި އެ މުދާ ރަހުނު ކުރެވިފައިވާނަމަ އެ މައުލޫމާތު ހޯދައި ބެލެހެއްޓުން.
52 ވަނަ މާއްދާ - މުދަލުގެ އިންވެންޓަރީ ތައްޔާރުކުރުން
(ހ) ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތެއްގެ މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައި، އެ ކަން ކުރުމަށްޓަކައި އަންނަނިވި ތަފުސީލު ހިމެނޭގޮތަށް، ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލުގެ ތެރެއިން ޖޫރިމަނާ ކަނޑައެޅިދާނެ އަދި ވިއްކައިލެވޭނެ މުދަލުގެ އިންވެންޓަރީއެއް ކަފާލާ ތައްޔާރު ކުރަންވާނެއެވެ.
- ޖޫރިމަނާ ކަނޑައެޅިދާނެ މުދާ؛
- ޖޫރިމަނާ ކަނޑައެޅިދާނެ މުދަލުގެ އަންދާޒާ އަގު )ކޮންމެ މުދަލެއް ވަކިން؛
- ޖޫރިމަނާ ކަނޑައެޅިދާނެ މުދަލުގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އޮތްކަން އެނގެން އޮތްނަމަ އޭގެ ތަފުސީލު.
(ށ) ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅަންވާނީ މި މާއްދާގެ (ހ) ގެ ދަށުން ނެގޭ އިންވެންޓަރީއަށް ބަލައި، އެންމެ ފަސޭހައިން މުދާ ވިއްކޭނެ ކަމަށް މީރާއަށް ގަބޫލުކުރެވޭ ތަރުތީބަކުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައެޅުމުގައި ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތް ދިރިއުޅޭ ގެދޮރުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅަންވާނީ އެ ފަރާތުގެ އެހެން އެއްވެސް މުދަލެއް ވިއްކެން ނެތް ހާލަތުގައި ނުވަތަ އެހެން މުދާތައް ވިއްކައިގެންވެސް ނުދައްކައި ހުރި ފައިސާ ހަލާސްނުވާނަމައެވެ.
53 ވަނަ މާއްދާ - ޖޫރިމަނާ ކަނޑައެޅިކަމުގެ އެންގުން
ޓެކްސް ދައްކާ ފަރާތެއްގެ މުދަލެއްގެ މައްޗަށް މި ބާބުގައިވާ ގޮތުގެ މަތިން ޖޫރިމަނާއެއް ކަނޑައަޅަންޖެހޭ ހާލަތުތަކުގައި ޖޫރިމަނާ ކަނޑައަޅާނީ އެ ފަރާތަށް ފޮނުވާ އެންގުމަކުންނެވެ. އަދި އެ އެންގުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
(ހ) ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛
(ށ) ނުދައްކައި ހުރި ފައިސާގެ ތަފުސީލު؛
(ނ) ޖޫރިމަނާ ކަނޑައެޅޭ މުދަލުގެ ތަފުސީލު؛
(ރ) ފައިސާ ދެއްކުމަށް ދެވޭ އެންމެ ފަހުގެ މުއްދަތު؛
(ބ) ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތުގައި ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ، މުދަލުގެ މައްޗަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން އެ މުދާ ވިއްކައިލާނެކަން.
54 ވަނަ މާއްދާ - ހަރަދުތަކަށް ޒިންމާވުން
ވަކި މުދަލެއް ނުވަތަ މުދާތަކެއްގެ މައްޗަށް މި ބާބުގައިވާ ގޮތުގެ މަތިން ކަނޑައަޅައިފައިވާ ޖޫރިމަނާ އަންނަނިވި ހާލަތުތަކުގައި ބާތިލުވާނެއެވެ.
(ހ) ދައްކަންޖެހި ނުދައްކައި އޮތް ފައިސާ އެއްކޮށް ދައްކައި ހަލާސްކުރުން؛
(ށ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ މި ބާބުގައިވާ ގޮތުގެ މަތިން ވިއްކައިލުން؛
(ނ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ އެކުގައި ނެތި ދިއުން؛
(ރ) މި މާއްދާގެ (ހ) އިން (ނ) އަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އެ ނޫންވެސް ސަބަބަކާހުރެ، މުދަލެއްގެ މައްޗަށް ކަނޑައަޅައިފައިވާ ޖޫރިމަނާގެ އަމުރު ދޫކޮށްލިކަން މީރާއިން އެ ފަރާތަކަށް ލިޔުމުން އެންގުން.
55 ވަނަ މާއްދާ - ހަރަދުތަކަށް ޒިންމާވުން
އެއްވެސް ފަރާތެއްގެ މުދަލެއްގެ މައްޗަށް މި ބާބުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކަނޑައެޅިއްޖެނަމަ، އެ މުދާ ވިއްކުމަށް ނުވަތަ ޖޫރިމަނާ ކަނޑައެޅުނު އެންގުން ތަންފީޒުކުރުމަށް ހިނގާ އެންމެހައި ހަރަދުތަކަށް އެ ޖޫރިމަނާ ކަނޑައެޅުނު ފަރާތުން ޒިންމާ އުފުލަންވާނެއެވެ.
56 ވަނަ މާއްދާ - ޖޫރިމަނާ ކަނޑައެޅިކަމުގެ އެންގުން ފޮނުވުމަށްފަހު މުދާ ވިއްކުން ނުވަތަ މުދަލަށް ބަދަލެއް ގެނައުން މަނާކުރުން
މި ގަވާއިދުގެ 53 ވަނަ މާއްދާގެ ދަށުން އެންގުމެއް ފޮނުވައިފައިވަނިކޮށް، މީރާގެ ހުއްދައާ ނުލައި، ޖޫރިމަނާ ކަނޑައެޅުނު މުދަލުގެ އަގަށް އަސަރެއް ފޯރާ ފަދަ އެއްވެސް ބަދަލެއް އެ މުދަލަށް ގެނެސްގެން ނުވާނެއެވެ. އަދި މީރާގެ ހުއްދައާ ނުލައި އެ ފަދަ މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ރަހުނުކޮށް ނުވަތަ ވިއްކައިގެން ނުވާނެއެވެ.
57 ވަނަ މާއްދާ - ޖޫރިމަނާގެ އަމުރު ތަންފީޒުކުރުން
ޖޫރިމަނާގެ އަމުރު ތަންފީޒުކުރުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ޖޫރިމަނާ ކަނޑައެޅުނު މުދަލަކީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ މުދަލެއްނަމަ، ޖޫރިމަނާ ކަނޑައެޅިކަމުގެ އެންގުމުގެ ކޮޕީއެއް އެ އިދާރާއަކަށް ފޮނުވަންވާނެއެވެ.
(ށ) މި ގަވާއިދުގެ 53 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރުވެސް ފައިސާ ދައްކައިފައިނުވާނަމަ ނުވަތަ ފައިސާ ދެއްކުމާ ގުޅޭ ގޮތުން މީރާއާއެކު އެއްބަސްވުމަކަށް އައިސްފައިނުވާނަމަ، ޖޫރިމަނާ ކަނޑައެޅުނު މުދާ ވިއްކާކަން، އަންނަނިވި މައުލޫމާތާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
- މުދާ ވިއްކަނީ ނީލަމެއްގައިނަމަ ނީލަން ބާއްވާ ތާރީހާއި ވަގުތު އަދި ތަން؛
- މުދާ ވިއްކަނީ ބީލަމުގެ އުސޫލުންނަމަ ބީލަން ހުށަހެޅުމުގެ ސުންގަޑި؛
- ޖޫރިމަނާ ކަނޑައަޅައިފައިވާ މުދަލުގެ ތަފުސީލު؛
- މުދާ ވިއްކުމުގެ ށަރުތުތައް؛
- ކަފާލާއެއްގެ ގޮތުގައި އައްޔަންކޮށްފައިވާ މީހާގެ ނަމާއި އެޑްރެސް އަދި ގުޅޭނެނަންބަރު.
(ނ) މި މާއްދާގެ (ށ) ގެ )1 )ނުވަތަ (2) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ދައްކައި ހަލާސްކޮށްފިނަމަ، ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ ވިއްކައިގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ހާލަތެއްގައި، ޖޫރިމަނާ ކަނޑައެޅުމުގެ ގޮތުން އަދި ޖޫރިމަނާ ކަނޑައެޅުނު މުދާ ވިއްކުމާ ގުޅޭ ކަންކަން ހަމަޖެއްސުމުގައި މީރާއިން ނުވަތަ ކަފާލާ ހަރަދުކޮށްފައިވާ އެންމެހައި ފައިސާ، ޓެކްސް ދައްކާ ފަރާތުން މީރާއަށް ދައްކަންވާނެއެވެ. އަދި މި އަދަދު ހޯދުމުގައި އަމަލުކުރެވޭނީ އެއީ ދައްކަންޖެހި ނުދައްކައި ހުރި ޓެކުހުގެ އަދަދެއް ކަމަށް ބަލައި ޓެކްސްއާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި މި ފަދަ ފައިސާ ހޯދުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.
(ބ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ ވިއްކަންވާނީ މި މާއްދާގެ (ށ) ގައިވާ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމަށްފަހު، މަދުވެގެން 5 (ފަހެއް) ދުވަސް ފަހުން، އެ މުދަލެއް ގަތުމަށް އެކަށީގެންވާ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.
(ޅ) ޖޫރިމަނާ ކަނޑައެޅުމާ ގުޅިގެން ވިއްކާ މުދަލެއް ގަތުމަށް ނުވަތަ އެ މުދަލަކާ ގުޅުންހުރި އެއްވެސް މަސްލަހަތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށްވިޔަސް ހޯދުމަށް މީރާގެ މުވައްޒަފެއް ނުވަތަ މުވައްޒަފެއްގެ ތިމާގެ މީހެއް ނުވަތަ ކަފާލާ ނުވަތަ ކަފާލާގެ ތިމާގެ މީހެއް ނުވަތަ ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެއެވެ.
(ކ) މުދާ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަންވާނީ އަންނަނިވި ތަރުތީބަށް އިސްކަންދީގެންނެވެ. އަދި މި ގޮތުގެ މަތިން ބޭނުންކުރުމަށްފަހު އެއްވެސް ފައިސާއެއް ބާކީވާނަމަ، އެ ބާކީވާ އަދަދެއް ޓެކްސް ދައްކާ ފަރާތަށް ދޭންވާނެއެވެ.
- މި ބާބުގެ ދަށުން މުދާ ވިއްކުމުގެ ހަރަދުތައް ހޯދުން؛
- ކަފާލާގެ އުޖޫރަ ދިނުން؛
- ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހަލާސްކުރުން.
58 ވަނަ މާއްދާ - ކަފާލާގެ އުޖޫރަ
މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އައްޔަންކުރެވޭ ކަފާލާގެ އުޖޫރަ ކަނޑައަޅާނީ އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިނގާ އެންމެހައި އިދާރީ ހަރަދުތައް ހަމަޖައްސާނީ މީރާއާ އެ ފަރާތާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިންނެވެ.
59 ވަނަ މާއްދާ - ކަފާލާ ވަކިކުރުން
ކަފާލާ ގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތަށް ލިޔުމުން އެންގުމަށްފަހު ކަފާލާގެ މަސްއޫލިއްޔަތުން އެ ފަރާތް ވަކިކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.
އެގާރަވަނަ ބާބު
ޗެކުން ފައިސާ ބަލައިގަތުމާއި ޗެކު އަނބުރައި ލިބުން
60 ވަނަ މާއްދާ - ޗެކުން ފައިސާ ބަލައިގަތުން
(ހ) މީރާއަށް ޗެކުން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކުން، ފައިސާ ދެއްކުމަށް ބޭނުންކުރާނެ ބޭންކް އެކައުންޓުތައް، މީރާއިން އަންގާ ގޮތެއްގެ މަތިން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭންކް އެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށްވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ވަކި ހާލަތުތަކެއްގައި، މީރާގައި ރަޖިސްޓަރީކޮށްފައިނުވާ ބޭންކް އެކައުންޓެއްގެ ޗެކަކުންވެސް ފައިސާ ބަލައިގަތުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
61 ވަނަ މާއްދާ - ޗެކު އަނބުރައި ލިބުން
މީރާއަށް ހުށަހަޅާ ޗެކެއް އެއްވެސް ސަބަބަކާހުރެ އަނބުރައި ލިބިއްޖެނަމަ، އެ ޗެކު ދޫކުރި ފަރާތުން ނުވަތަ ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ އިތުރު ޗެކު ގަބޫލު ނުކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.
ބާރަވަނަ ބާބު
މައުލޫމާތު ހާމަކުރުން
62 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުމުގެ ހަމަތައް
(ހ) މީރާގެ މަސައްކަތާ ގުޅޭ ކޮންމެ މައުލޫމާތަކީވެސް ރަސްމީ އިދާރާތަކުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މީރާއިން ފޯރުވައިދޭނެ މައުލޫމާތެވެ.
(ށ) އަންނަނިވި މައުލޫމާތުތަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.
- އެ މައުލޫމާތެއް ހާމަކޮށްގެންނުވާނެ ކަމަށް ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ މައުލޫމާތު؛
- އެ މައުލޫމާތު ހާމަކޮށްފިނަމަ، ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ މީރާގެ މައްޗަށް އުފުލިދާނެ ފަދަ މައުލޫމާތު؛
- ހާމަކުރެވޭ މައުލޫމާތަކީ، ވަގުތާއި ހާލަތު ނިޔާކުރާ ގޮތުން އެ މައުލޫމާތު ހާމަކުރުމަކީ އެންމެ އިންސާފުވެރި ނުވަތަ އެންމެ މަސްލަހަތު ހުރިގޮތް ކަމުގައި ނުވެދާނެ ފަދަ މައުލޫމާތު؛
- ވަކި ފަރާތަކާބެހޭ މައުލޫމާތު ހޯދުމަށް އެ ފަރާތެއްގެ ހުއްދައާނުލައި ހުށަހަޅައިފިނަމަ އެ ފަދަ މައުލޫމާތު؛
- މީރާއިން އެހެން މުއައްސަސާއަކުން ހޯދައިފައިވާ މައުލޫމާތު ނުވަތަ މީރާއިން ކުރާ މަސައްކަތާ ގުޅޭގޮތުން މީރާއަށް އޭގެ މިލްކުވެރިކަން ނެތް މައުލޫމާތު؛
- ގާނޫނާ ހިލާފު އަމަލެއް ހިނގާކަމުގެ މައުލޫމާތު ފޯރުވައިދޭ ފަރާތް ހާމަވެދާނެ ފަދަ މައުލޫމާތު؛
- މީރާއިން ކޮށްފައިވާ ނުވަތަ ކުރަމުންދާ އޮޑިޓަކާ ގުޅޭ މައުލޫމާތު.
(ނ) މި މާއްދާގެ (ށ) ގެ (4) ގައި ބަޔާންކޮށްފައިވާ ހުއްދަ ވާންވާނީ ލިޔުމުން ދީފައިވާ ހުއްދައަކަށެވެ. މި ގޮތުން ހުއްދަ ދީފައިވަނީ ވަކި ފަރާތަކަށް މައުލޫމާތު ފޯރުވައިދިނުމަށްނަމަ، އެ ހުއްދައިގައި، ހުއްދަ ދެވުނު ފަރާތުގެ ނަމާއި އެޑްރެހާއި އައި.ޑީ ކާޑު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރު އަދި ހުއްދަ ދެވުނު ބޭނުމާއި ހުއްދަ ދެމިއޮންނާނެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ފަދަ މައުލޫމާތު ބަޔާންނުކޮށް ދެވޭ ހުއްދައެއް ބެލެވޭނީ 3 (ތިނެއް) މަސްދުވަހަށް ވަކި ފަރާތަކަށް ހާއްސަނުކޮށް ދޫކޮށްފައިވާ ހުއްދައެއްކަމުގައެވެ.
63 ވަނަ މާއްދާ - ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތު ހާމަކުރުން
ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަކުރުމުގެ ގޮތުން، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޓެކްސް ދައްކާ ފަރާތަކާބެހޭ މައުލޫމާތު ގާނޫނުގެ 15 ވަނަ މާއްދާއާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މުއައްސަސާއަކަށް ފޯރުވައިދިނުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.
64 ވަނަ މާއްދާ - ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުން
ގާނޫނުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ފައިސާ ނުދައްކާ ފަރާތުގެ މައުލޫމާތު ހާމަކުރަންވާނީ މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
ތޭރަވަނަ ބާބު
އާންމު މާއްދާތައްް
65 ވަނަ މާއްދާ - ޓެކްސް އޭޖެންޓުކަމުގެ ހުއްދަ ދިނުން (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 2014-36 ގެ 22 ވަނަ މާއްދާއިން އުވާލެވިފައި)
(ހ) ޓެކްސް ދައްކާ ފަރާތުން ތައްޔާރުކުރަންޖެހޭ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި، އެ ތަކެތި މީރާއަށް ހުށަހެޅުމާއި، ޓެކްސް ދައްކާ ފަރާތުން މީރާއާއެކު ކުރަންޖެހޭ އެހެނިހެން މުއާމަލާތްތައް ކުރުމަށް، ޓެކްސް އޭޖެންޓުންނަށް މީރާއިން ހުއްދަ ދޭންވާނެއެވެ.
(ށ) ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އޭޖެންޓުކަން ކުރުމަށް އެދޭ ފަރާތްތަކަށް، އެ ކަމުގެ ހުއްދަ ދެވޭނީ މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. މި ގޮތުން ހުއްދަ ދޭ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛
- ވައްކަން، ޓެކުން، ފޭރުން، މަކާރާއި ހީލަތް، ހިޔާނާތް، ރިށްވަތު ނުވަތަ އިހުމާލުގެ ކުށެއް، ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
- މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ށަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛
- ޓެކްސް އޭޖެންޓެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި މީރާއިން ކަނޑައަޅާ އެހެނިހެން ށަރުތުތައް ފުރިހަމަވާ މީހެއް ކަމުގައިވުން.
(ނ) ޓެކްސް އޭޖެންޓުންނަށް ހުއްދަ ދިނުމުގައި، ޓެކްސް އޭޖެންޓެއްގެ ހައިސިއްޔަތުން އެ މީހަކަށް ކުރެވޭނެ ވަކި ކަންތައްތަކެއް ނުވަތަ ޓެކްސް އޭޖެންޓުކަން ކުރެވޭނެ ވަކި މުއްދަތެއް ކަނޑައެޅުން ފަދަ ށަރުތުތަކެއް ޓެކްސް އޭޖެންޓުންގެ މައްޗަށް މީރާއަށް ކަނޑައެޅިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުންގެ ލިސްޓެއް މީރާގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.
(ބ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ މީރާއިން ދީފައިވާ މީހަކު މެނުވީ ޓެކްސް އޭޖެންޓުކަމުގެ ހިދުމަތް ފޯރުވައިދޭ ކަމަށް ނުވަތަ އެ މީހަކީ ޓެކްސް އޭޖެންޓެއް ކަމަށް އެ ނޫންވެސް ގޮތަކުން އިސްތިހާރުކޮށްގެން ނުވާނެއެވެ.
66 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ ކުޑަކުދިންނާ ގުޅޭ ޒިންމާތައް (މި މާއްދާ ވަނީ ގަވާއިދު ނަންބަރު 2014-36 ގެ 22 ވަނަ މާއްދާއިން އުވާލެވިފައި)
(ހ) އަންނަނިވި ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ ޓެކްސް އޭޖެންޓަކަށް މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.
- ޓެކްސް އޭޖެންޓުކަމުގެ ށަރުތެއް އެ މީހެއްގެ ކިބައިގައި ފުރިހަމަ ނުވުން؛
- ޓެކްސް އޭޖެންޓުކަމުގެ ހުއްދަ ދިނުމުގައި މީރާއިން ކަނޑައަޅައިފައިވާ ށަރުތަކާ އެ މީހަކު ހިލާފުވުން ނުވަތަ ޓެކްސް އޭޖެންޓުން ހިފަހައްޓަންޖެހޭ މިންގަ ނޑުތައް ކަމަށް މީރާއިން ކަނޑައަޅައިފައިވާ މިންގަ ނޑުތަކާ އެ މީހަކު ހިލާފުވުން؛
- ނުރަނގަޅު ނުވަތަ އޮޅުވާލުމެއް އެކުލެވޭ ލިޔެކިޔުމެއް މީރާއަށް ހުށަހެޅުން؛
- ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ކަނޑައަޅައިފައިވާ ކުށެއް ކުރުން؛
- އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ށަރުއީ ކޯޓަކަށް ސާބިތުވުން؛
- އެ މީހަކު އިފްލާސްކުރުން.
(ށ) ޓެކްސް ދައްކާ ފަރާތަކުން އެ ފަރާތެއްގެ ބަދަލުގައި މީރާއާ މުއާމަލާތް ކުރުމަށް ޓެކްސް އޭޖެންޓަކަށް ލިޔުމުން ދީފައިވާ ހުއްދައަކީ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަޔާންކޮށްފައިވާ ފަދަ ހުއްދައެއް ކަމަށް ބެލެވޭނެއެވެ.
67 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ ކުޑަކުދިންނާ ގުޅޭ ޒިންމާތައް
ޓެކްސް ދައްކާ ފަރާތަކީ، ޓެކްސްއާބެހޭ ގާނޫނުގެ ދަށުން އެ ކަމެއް ކުރުން ލާޒިމުވާ ދުވަހު، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ، ޓެކްސްއާބެހޭ ގާނޫނުތަކުގެ ބޭނުމަށް އެ ކުއްޖާގެ ވިޔަފާރި ނުވަތަ ވިޔަފާރި ހަރަކާތް ހިންގަމުން ގެންދާ ކަމަށް ބެލެވޭނީ:
(ހ) އެ ވިޔަފާރިއަކީ ކުޑަކުއްޖާއަށް އެހެން މީހަކު ބަދަލުކޮށްފައިވާ ވިޔަފާރިއެއްނަމަ، އެ ބަދަލުކުރި މީހާ؛ ނުވަތަ
(ށ) މި މާއްދާގެ (ހ) ގައިވާ ފަރާތް ކަމުގައި ނުވާނަމަ، އެ ކުއްޖާގެ ބައްޕަ، ނުވަތަ ބައްޕަ މަރުވެފައިވާނަމަ އެ ކުއްޖާގެ ށަރުއީ ބަލަދުވެރިޔާއެވެ.
68 ވަނަ މާއްދާ - އެއްބާރުލުން ދިނުން
ގާނޫނުގެ 26 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ކޮމިށަނަރ ޖެނެރަލް އަދި ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) މީރާއިން ކުރާ އޮޑިޓަކަށް ނުވަތަ ތަހުގީގަކަށް ބޭނުންވާ އެންމެހައި ރިކޯޑުތަކުގެ ކޮޕީ ނުވަތަ މީރާއިން ބޭނުންވެއްޖެ ހާލަތެއްގައި އޭގެ އަސްލު ފޯރުވައިދިނުމާއި ރިކޯޑުތަކުގެ ކޮޕީ ހެއްދުމަށް މީރާގެ އޮފިސަރުންނަށް މަގުފަހިކޮށްދިނުން؛
(ށ) ޓެކްސް ދައްކާ ފަރާތުން ކުރާ ވިޔަފާރިއާ ގުޅިގެން މުއާމަލާތްކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯރުވައިދިނުން ނުވަތަ އެ ފަރާތްތަކާއި މީރާއާ މުއާމަލާތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
(ނ) ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށް ނުވަތަ ވިޔަފާރި ހިންގާ ތަނަކަށް މީރާގެ އޮފިސަރުން ދާނަމަ، އެ ދާ ބޭނުމެއް ފުރިހަމަ ކުރެވެންދެން މީރާގެ އޮފިސަރުންނަށް އެ ތަނެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
(ރ) މީރާގެ އޮފިސަރުން ކުރާ ސުވާލުތަކަށް އެކަށީގެންވާ ފެންވަރަށް ޖަވާބުދާރީވުމާއި މީރާގެ އޮފިސަރުން އަންގާ އެންގުންތަކަށް އިޖާބަދިނުން؛
(ބ) ޓެކްސް ދައްކާ ފަރާތުގެ ރިކޯޑުތައް ބެލުމަށް މިރާއިން ބޭނުންވެއްޖެނަމަ، އަދި އެ ތަކެތި ބަހައްޓައިފައިވަނީ މީހުން ދިރިނުއުޅޭ ރަށެއްގައިނަމަ، މީރާއިން އެދިއްޖެ ހާލަތެއްގައި، އެ ތަނަކަށް މީރާގެ ކަމާބެހޭ އޮފިސަރުން ދަތުރުކޮށް އެ ތަނެއްގައި ހުރި ރިކޯޑުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން.
69 ވަނަ މާއްދާ - އިތުރަށް ދައްކާ ފައިސާ
(ހ) އެއްވެސް ފަރާތަކުން ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް މީރާއަށް ފައިސާ ދައްކައިފައިވާ ހާލަތުތަކުގައި:
- އެ އިތުރުވާ އަދަދަކީ ކުރިޔަށް ހުރި މުއްދަތުތަކުގައި އެ ފަރާތުން އެ ރެވެނިއު ކޯޑަކާ ގުޅިގެން ދައްކަންޖެހޭ ފައިސާއިން އަޅައިކެނޑޭނެ އަދަދެކެވެ.
- މި މާއްދާގެ (ހ) ގެ (1) ރައްދު ނުވާނަމަ، އެ ފަރާތުން ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ނުވަތަ އެހެންގޮތަކުން ނަމަވެސް މީރާއަށް ފައިސާ ދައްކަންޖެހޭ އެހެން ރެވެނިއު ކޯޑަކުން، ނުވަތަ ތިންވަނަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއަކުން އަޅައިކަނޑައިދިނުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، އިތުރަށް ދައްކައިފައިވާ އަދަދު އަޅައިކެނޑުމަށް އެދޭނަމަ "ރީފަންޑް ކުރުމަށް އެދޭ ފޯމު" (MIRA904) ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުމެއް މީރާއަށް ލިބިއްޖެނަމަ، އިތުރަށް ދައްކައިފައިވާ ފައިސާއެއް އަޅައިކެނޑުމުގެ ހުއްދަ ދެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.
- އެ ފަރާތަކުން މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތުން؛ އަދި
- އެ ފަރާތަކުން ދައްކައިފައިވާ އަދަދަކީ ދައްކަންޖެހޭ އަދަދަށްވުރެ އިތުރު އަދަދެއްކަން މީރާއިން ކުރާ އޮޑިޓަކަށްފަހު ނުވަތަ އެނޫންވެސް ގޮތަކުން ޔަގީންކުރެވުން.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރާތެއްގެ ވިޔަފާރި ހުއްޓައިލާނަމަ ނުވަތަ ވިއްކައިލާނަމަ ނުވަތަ އެ ފަރާތް މަރުވެއްޖެނަމަ ނުވަތަ އިފްލާސްކޮށްފިނަމަ، މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މީރާއަށް ހުށަހެޅުމުން، މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ ހާލަތުތަކުގައި އެ އިތުރުވާ އަދަދެއް އެ ފަރާތަށް އަނބުރައި ދެވޭނެއެވެ.
(ބ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ އައުޓްޕުޓް ޓެކުހަށްވުރެ އެ ފަރާތެއްގެ އިންޕުޓް ޓެކްސް އިތުރުވާ ހާލަތުތަކަކީ، ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް އިތުރަށް ފައިސާ ދެއްކުން ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ ގޮތުން އިތުރުވާ އަދަދަކީ އެ ފަރާތެއްގެ ޖެހިގެން އަންނަ ޓެކްސް ނެގޭ މުއްދަތުގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑޭނެ އަދަދެކެވެ.
70 ވަނަ މާއްދާ - އަދަބު ލުއިކޮށްދިނުން
(ހ) ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަދަބު ލުއިކޮށްދިނުމަށް އެދި ކޮމިށަނަރ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަދަބު ލުއިކޮށްދިނުމަށް އެދޭ ސަބަބާއި އޭގެ ތަފުސީލު ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ލިބިއްޖެނަމަ އަދަބު ލުއިކޮށްދެވޭނީ އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
- އެ ފަރާތެއްގެ މައްޗަށް އަދަބު ކަނޑައަޅައިފައިވާ ސަބަބު؛
- ޓެކްސްއާބެހޭ ގާނޫނުތަކުގެ ދަށުން އެ ފަރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރަމުން އައިސްފައިވާ ގޮތް؛
- ޓެކްސްއާބެހޭ ގާނޫނުތަކުގެ ދަށުން އެ ފަރާތެއްގެ މައްޗަށް އެހެން އަދަބެއް ކަނޑައަޅައިފައިވާކަން ނުވަތަ ނޫންކަން؛
- އެ ފަރާތުން މީރާއަށް އެއްބާރުލުން ދީފައިވާ މިންވަރު.
71 ވަނަ މާއްދާ - މުއްދަތު އިތުރުކޮށްދިނުން
(ހ) ގާނޫނުގެ 77 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންވާނީ، އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުގެ ކުރިންނެވެ. އަދި މި ގޮތުން ހުށަހަޅާ ހުށަހެޅުމެއްގައި މުއްދަތު އިތުރުކޮށްދިނުމަށް އެ ފަރާތަކުން އެދޭ ސަބަބާއި، އެ ކަމެއް ފުރިހަމަކުރެވޭނެ ކަމަށް އެ ފަރާތުން ލަފާކުރާ މުއްދަތު ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ލިބިއްޖެނަމަ މުއްދަތު އިތުރުކޮށްދެވޭނީ ވަގުތާއި ހާލަތަށް އަދި އެ ކަމެއް ފުރިހަމަކުރެވޭނެ ކަމަށް ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ މުއްދަތަށް ރިއާޔަތްކުރުމަށްފަހު ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ނ) މި މާއްދާގެ ދަށުން މުއްދަތު އިތުރުކޮށްދިނުމުގައި ވަކި ށަރުތަކާއެކު މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ރ) މުއްދަތު އިތުރުކޮށްދިނުމަށް އެދި ވަކި ފަރާތަކުން ހުށަހަޅައިފައިނުވިނަމަވެސް، ކޮމިށަނަރ ޖެނެރަލަށް ފެނިއްޖެ ހާލަތެއްގައި، ވަކި ޓެކުހެއް ނުވަތަ ވަކި ގިންތީގެ ޓެކްސް ދައްކާ ފަރާތްތަކަކަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
(ބ) ގާނޫނުގެ 77 ވަނަ މާއްދާގެ ބޭނުމަށް، މަގުބޫލު އުޒުރެއް ކަމަށް ބެލެވޭނީ އަންނަނިވި ކަންތައްތަކުންކުރެ ކަމެކެވެ.
- އެކްސިޑެންޓެއް ނުވަތަ ގުދުރަތީ ކާރިސާއެއް ކުރިމަތިވުން؛
- އެ ކަމެއް ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއްވުން؛
- ޓެކްސް ދައްކާ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމަށް ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭ އެ ނޫންވެސް ކަމެއް ކުރިމަތިވުން.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާލީ ދަތިކަމެއް ދިމާވުމަކީ މަގުބޫލު އުޒުރެއްކަމަކަށް ނުބެލެވޭނެއެވެ.
72 ވަނަ މާއްދާ - ލިޔެކިޔުން ފޮނުވުމާއި ބަލައިގަތުން
ޓެކްސް ދައްކާ ފަރާތް މަރުވެއްޖެނަމަ ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން އެ ފަރާތަކުން އުފުލަންޖެހޭ އެންމެހައި ޒިންމާތަކާ ހަވާލުވާނީ އޭނާގެ ވިޔަފާރިއާ ށަރުއީގޮތުން ހަވާލުވާ ފަރާތެކެވެ.
73 ވަނަ މާއްދާ - ލިޔެކިޔުން ފޮނުވުމާއި ބަލައިގަތުން
(ހ) ޓެކްސް ދައްކާ ފަރާތަށް މީރާއިން އެއް ވަސީލަތަށްވުރެ ގިނަ ވަސީލަތް މެދުވެރިކޮށް ލިޔެކިޔުމެއް ފޮނުވައިފިނަމަ އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވި ތާރީހުކަމަށް ބަލާނީ އެ ލިޔެކިޔުމެއް ފުރަތަމަ ރައްދުވި ތާރީހެވެ.
(ށ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ލިޔެކިޔުމަކީ ފުރިހަމަ ލިޔެކިޔުމެއް ނޫންކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ލިޔެކިޔުމެއް ގަބޫލު ނުކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ނ) އެއްވެސް ފަރާތަކުން މީރާއަށް ހުށަހަޅައިފައިވާ ލިޔެކިޔުމެއް ފުރިހަމަ ނޫންކަމަށް އެ ފަރާތަށް މީރާއިން އަންގައިފިނަމަ، އެ ފަރާތުން އެ ލިޔެކިޔުމެއް ހުށަހެޅުމުގެ ޒިންމާ ފުރިހަމަކޮށްފައިވާ ކަމަކަށް ނުބެލެވޭނެއެވެ.
74 ވަނަ މާއްދާ - ލިޔެކިޔުންތަކުގައި ސޮއިކުރުން
ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2) ގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި މެނުވީ، ވަކި ލިޔުމެއް ނުވަތަ ލިޔުންތަކެއްގައި ސޮއިކުރުމަށް މީރާގެ އިދާރީ އޮނިގަ ނޑާއި ހިންގުމުގެ ނިޒާމުގެ ތެރެއިން ހުއްދަ ލިބިގެން މީރާގެ މުވައްޒަފަކު ސޮއިކޮށްފައިވާ ލިޔުމަކީ، ގާނޫނުގެ 17 ވަނަ މާއްދާގެ ބޭނުމަށް ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ މީހަކު ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައި ބެލެވޭނެއެވެ.
75 ވަނަ މާއްދާ - ނޯޓިސްތައް
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ނޯޓިސްތަކެއްވެސް ދޭންވާނީ ލިޔުމުންނެވެ. އަދި އީމެއިލް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކީ ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް ލިޔުމެއް ކަމަށް ބެލެވޭނެއެވެ.
76 ވަނަ މާއްދާ - ޓެކްސްއާބެހޭ ގާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން
މި ގަވާއިދު ކިޔާނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި ޓެކްސްއާބެހޭ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަކަށެވެ.
77 ވަނަ މާއްދާ - މާނަކުރުން
(ހ) މި ގަވާއިދުގެ ބޭނުމަށް، އެކަހެރި ނަމުގެ ތެރޭގައި ގިނަ ނަން އަދި ގިނަ ނަމުގެ ތެރޭގައި އެކަހެރި ނަން ހިމެނެއެވެ.
(ށ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
(ނ) "ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން އަށެވެ.
"އެމް.އެމް.އޭ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
"ވިޔަފާރި" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި "ވިޔަފާރި" އަށް ދެވިފައިވާ މާނައިގައެވެ.
"ވިޔަފާރި ހިންގާ ތަންތަން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވިޔަފާރިއެއް ހިންގާ ތަންތަނަށެވެ.
"މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
"ފައިސާ" ކަމަށް ބުނެފައި އެ ވަނީ، ފައިސާއާއި ފައިސާއިން އަގުކުރެވޭ ކޮންމެ އެއްޗެއް ހިމެނޭގޮތުންނެވެ.
"ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2011-05 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވިޔަފާރިއެއް ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ފަރާތަކަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ހިމެނޭ ގޮތުންނެވެ.
"ޖީ.އެސް.ޓީ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ހިދުމަތުގެ އަގުން ނެގޭ ޓެކުހަށެވެ.
"ވިޔަފާރި ހަރަކާތް" ކަމަށް ބުނެފައި އެ ވަނީ، ވިޔަފާރީގެ ތެރޭގައި ހިމެނޭ ވަކިވަކި ހަރަކާތްތަކަށެވެ. މިސާލަކަށް ފިހާރައެއް، ރެސްޓޯރަންޓެއް، ޓޫރިސްޓް ރިޒޯޓެއް، ޓޫރިސްޓް އުޅަނދެއް، ކުއްޔަށްދީފައިވާ ގެއެއް.
މި ގަވާއިދަށް ގެނެވުނު އިސްލާހު
އުވި ގަވާއިދު
މި ގަވާއިދުގެ 65 އާއި 66 ވަނަ މާއްދާ ވަނީ ގަވާއިދު ނަންބަރު 2014-36 (ޓެކްސް އޭޖެންޓުންގެ ގަވާއިދު) ގެ 22 ވަނަ މާޢްދާއިން އުވާލެވިފައި
މި ގަވާއިދުގެ ދަށުން ހެދިފައިވާ އުސޫލު
- ލިބެންވާ ޓެކްސް ތިންވަނަ ފަރާތަކުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-24)
- ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު (އުސޫލު ނަންބަރު 2022-11)
- ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2022-10)
ކިޔުންތެރިންގެ ހިޔާލު