-

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 

(އުސޫލު ނަންބަރު 2022-10)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ހުށަހަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަކީ، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ. 

(ނ) މި އުސޫލަށް ކިޔާނީ، "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ނަން ހާމަކުރުން

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ނުވަތަ ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުންނެވެ.

  1. ޓެކްސް ބަޔާން ހުށަނޭޅުމާ ގުޅިގެން ނުވަތަ ފައިސާ ނުދެއްކުމާ ގުޅިގެން ދޭ 2 (ދޭއް) ނޯޓިސްދީ ފައިވުމާއި، ނޯޓިހުގެ މުއްދަތު ހަމަވާތާ 15 (ފަނަރަ) ދުވަސް ފާއިތުވެފައިވުން؛
  2. ފައިސާ ނުދައްކާ ފަރާތެއް ކަމުގައި ވާނަމަ، ނުދައްކާ ހުރި އަދަދު، މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ މަތިވުން؛
  3.  އިންކަމް ޓެކްސް ނޫން އެހެން ޓެކުހެއް ނަމަ، ފާއިތުވި 6 (ހައެއް)  މަސްދުވަހުގެ ތެރޭގައި ބަޔާން ހުށަނާޅާ ފަރާތެއް ކަމަށް ވުން؛
  4. އިންކަމް ޓެކްސް ނަމަ، ފާއިތުވި އަހަރުގެ ފައިނަލް ޓެކްސް ބަޔާން ހުށަނާޅާ ފަރާތެއް ކަމަށް ވުމާއި، އެ ޓެކްސް އަހަރާ ގުޅޭގޮތުން އެ ފަރާތަކުން މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ ބޮޑު އާމްދަނީއެއް ޑިކްލެއަރ ކޮށްފައިވުން؛
  5. ޓެކްސް ދައްކާ ފަރާތުގެ ކޮމްޕްލަޔަންސް ރިސްކަށް ބަލައި، ރިސްކް ޕްރޮފައިލިންގއިން ނަން ހާމަކުރަން ފެންނަ ފަރާތެއްގެ ގޮތުގައި ކަނޑައެޅުން؛

(ށ) ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ، އެ ފަރާތުން ނުދައްކާ ހުރި އަދަދު މީރާއިން ކަނޑައަޅާ ތްރެށްހޯލްޑަކަށްވުރެ މަތިވާނަމައެވެ.

(ނ) މި އުސޫލުގެ ދަށުން ހާމަކުރާނީ، ޓެކްސް ދައްކާ ފަރާތުގެ ނަމާއި، އެޑްރެހާއި، ރަޖިސްޓަރ ނަންބަރާއި، ޓިންއާއި، ކުންފުންޏެއް ނަމަ، ކުންފުނީގެ ލޯގޯ އާއި، އެ ފަރާތުގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ނަމެވެ.

(ރ) މި އުސޫލުގެ ދަށުން ނަން ހާމަކުރެވޭނެ މަރުހަލާތައް؛

  1. ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުގައި އިއުލާނު ކުރުން؛
  2. މީރާގެ ވެބްސައިޓުގައި ށާއިއުކުރުން؛
  3. ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުން؛
  4. މާސް މީޑިއާގައި ބްރޯޑްކާސްޓްކުރުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާންވާނީ، އެ މަރުހަލާއެއްގައި މަދުވެގެން 15 (ފަނަރަ) ދުވަހު އިއުލާނު ކުރުމަށް ފަހުގައެވެ.

 

3 ވަނަ މާއްދާ - ނަން ހާމަކުރުމުގެ ކުރިން ޔަގީންކުރަންޖެހޭ ކަންކަން

(ހ) މި އުސޫލުގެ ދަށުން އެއްވެސް ފަރާތެއްގެ ނަން ހާމަކުރުމުގެ ކުރިން، އެ ފަރާތާ ގުޅޭގޮތުން އަންނަނިވި ކަންކަން ޔަގީންކުރަންވާނެއެވެ.

  1. ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން އުނިކޮށްފައިވާ ނުވަތަ އުނިކުރަން އެދިފައިވާ ނުވަތަ މަރުވެފައިވާ ނުވަތަ ލިކުއިޑޭޓް ކުރުމުގެ މަރުހަލާގައިވާ ފަރާތެއް ނޫންކަން؛
  2. އެ ފަރާތަކ ވިޔަފާރިކުރަމުންދާ ފަރާތެއްކަން ނުވަތަ ވިޔަފާރިކުރުމުގެ ސައްހަ ހުއްދައެއް އޮތް ފަރާތެއްކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ޔަގީންކުރުމުގެ މަރުހަލާގައި،ޓެކްސް ބަޔާން ހުށަނާޅާކަމަށް ނުވަތަ ފައިސާ ނުދައްކާ ކަމަށް މީރާއިން ބުނާ ބުނުމާމެދު އެ ފަރާތުން ޖަވާބުދާރ ވުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި މީރާއިން ބުނާ ބުނުމާމެދު ޓެކްސް ދައްކާ ފަރާތުން އިންކާރުކުރާނަމަ، އެ ފަރާތުން ދައްކާ ވާހަކަތަކުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުން ޖަވާބުދާރ ވުމަށް ދީފައިވާ ފުރުސަތުގެ ބޭނުން ކޮށްފައި ނުވާނަމަ، ނުވަތަ އެ ފަރާތުގެ ނަމުގައި ރަޖިސްޓަރ ކޮށްފައިވާ އީމެއިލް އެޑްރެހުން ނުވަތަ އެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރު ކަމަށް މީރާގައި ރަޖިސްޓަރ ކޮށްފައިވާ ފޯނު ނަންބަރުން ނުގުޅުމުގެ ސަބަބުން، ނުވަތަ އެ ފަރާތުގެ އެޑްރެސް ކަމަށް މީރާއަށް ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން އެ ފަރާތުގެ ބަހެއް ހޯދޭ ގޮތް ނުވެއްޖެނަމަ، އެ ފަރާތެއްގެ ނަން މި އުސޫލުގެ ދަށުން ހާމަކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ނަން ހާމަކުރާނެ ގޮތް

(ހ) ޖީ.އެސް.ޓީ. އާއި، ޖީ.އާރް.ޓީ. އާއި، ވިތުހީލްޑިންގ ޓެކުހާ ގުޅިގެން ނަން ހާމަކުރުން؛

ޖީ.އެސް.ޓީ. އާއި، ޖީ.އާރް.ޓީ. އާއި، ވިތުހޯލްޑިންގ ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އަހަރެއްގެ މާރިޗު މަހުގައްޔާއި، ސެޕްޓެންބަރު މަހުގައެވެ. މިގޮތުން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަރުހަލާތަކުގައި، އެ ތަރުތީބުން، އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތަކާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

(ށ) އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރުން؛ 

އިންކަމް ޓެކުހާ ގުޅިގެން ނަން ހާމަކުރާނީ، ކޮންމެ އޮކްޓޫބަރު މަހެއްގައެވެ. އެގޮތުން ނަން ހާމަކުރާނީ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ މަންސާތަކުގައި، އެ ތަރުތީބުން، އެ ދުވަހުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަންތަކާއި، ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

(ނ) ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން؛

  1. ޓޫރިޒަމް ދާއިރާއާއި އެގްރިކަލްޗަރަލް ދާއިރާގެ ބިމު ކުލި ނުދައްކާ ފަރާތްތަކުގެ ނަން، އަހަރަކު 2 (ދޭއް) ފަހަރު ހާމަކުރުން. މި ގޮތުން ނަން ހާމަކުރާނީ، އެޕްރީލް މަހުގައްޔާއި އޮކްޓޫބަރު މަހުގައެވެ.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ ނޫން އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ، އަހަރަކު 1 (އެކެއް) ފަހަރުއެވެ. އެގޮތުން ނަން ހާމަކުރާނީ، ކޮންމެ އަހަރެއްގެ ޖުލައި މަހުގައެވެ.

(ރ) މި މާއްދާގެ ދަށުން ނަން ހާމަކުރުމުގައި އެއް މަރުހަލާގައި ނަން ހާމަކުރުމަށްފަހު އަނެއް މަރުހަލާގައި ނަން ހާމަކުރާނީ، ނަން ހާމަކުރުމުގެ ކުރީ ދުވަހުގެ ނިޔަލަށް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ނަންތަކެވެ.

 

5 ވަނަ މާއްދާ - ލިސްޓުގައިވާ ފަރާތަކުން ފައިސާ ދެއްކުން ނުވަތަ ބަޔާން ހުށަހެޅުން

ނަން ހާމަކުރުމުގެ ފަހުން އެއްވެސް ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅައިފިނަމަ، ނުވަތަ ފައިސާ ދައްކައިފިނަމަ، އެ ފަރާތުގެ ނަން މީރާގެ ލިސްޓުން އުނިކުރެވޭނެއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، އެ ފަރާތެއްގެ ނަން އެ ލިސްޓުން އުންޏެއް ނުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - އިސްތިސްނާވާ ފަރާތްތައް

(ހ) މި އުސޫލުގެ ދަށުން ނަން ހާމަކުރާ މުއްދަތަކާ ގުޅޭ އޮޑިޓެއް ނުވަތަ އިންވެސްޓިގޭށަނެއް އެ ފަރާތަކާ ގުޅޭގޮތުން ކުރިޔަށްދާނަމަ، އެ އޮޑިޓެއް ނުވަތަ އިންވެސްޓިގޭށަނެއް ނިމެންދެން، އެ ފަރާތެއްގެ ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ. އަދި ނުދައްކާ ހުރި ފައިސާއާ ގުޅިގެން އިއުތިރާޒުކޮށްފައިވާނަމަ، ނުވަތަ ކޯޓު މަރުހަލާގައިވާ މައްސަލައެއްނަމަ، މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

(ށ) ނުދައްކާ ހުރި ފައިސާ ދައްކާނެ ގޮތުގެ އެއްބަސްވުމަކަށް މީރާއާއެކު އައިސްފައިވާނަމަ، އަދި އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންދާނަމަ،މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

(ނ) ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ އިދާރާތަކުގެ ނަން، މި އުސޫލުގެ ދަށުން ހާމަކުރުމުން އިސްތިސްނާވެގެންވެއެވެ.

 

7 ވަނަ މާއްދާ - ސްޓިއަރިން ކޮމިޓީ

މި އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެ ކަންކަން ކުރުމުގައި ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، މި އުސޫލުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ވިލަރެސްކުރާނީ، އެ ކަމަށް ހާއްސަކޮށް ކޮމިށަނަރ ޖެނެރަލް އެކުލަވައިލާ ސްޓިއަރިންގ ކޮމިޓީންނެވެ. މި ކޮމިޓީ ގައި ހިމެނޭނީ ،މީރާގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން ހޮވައިލެވޭ މުވައްޒަފުންނެވެ.

 

8 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

 

9 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2022 އިން ފެށިގެންނެވެ.

 

މި އުސޫލަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް އުސޫލު

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2022-10)

 

މައި ގަވާއިދު

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު