-

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު

(އުސޫލު ނަންބަރު 2022-11)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ، ޓެކުހުގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާނުކުރާ ފަރާތްތަކާއި ޓެކުހަށްނުވާ އެހެނިހެން ފައިސާ ނުދައްކައި ހުރި ފަރާތްތަކުން އެ އިލްތިޒާމުތައް އަދާކުރުވުމުގައި އެ ފަރާތްތަކާމެދު މީރާއިން ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ގޮތުގެ އިދާރީީ އުސޫލެވެ.

(ށ) މި އުސޫލަކ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) އާއި 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީީ ގަވާއިދު) ގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާއި 64 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ނ) މި އުސޫލަށް ކިޔާނީ، "ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ އުސޫލު

ހުށަހަޅައިފައިނުވާ ޓެކްސް ބަޔާން ހޯދުމާއި، ނުދައްކައި ހުރި ފައިސާ ހޯދުމުގައި މީރާއިން ފިޔަވަޅު އަޅާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ފައިސާ ދައްކައިފައި ނުވާނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަޔާން ހުށަހެޅުމަށް ނުވަތަ ފައިސާ ދެއްކުމަށް އަންގައި ނޯޓިހެއް ("ފުރަތަމަ ނޯޓިސް") 
ފޮނުވުން.

(ށ) ފުރަތަމަ ނޯޓިހުގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަޔާން ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ފައިސާ ދައްކައިފައި ނުވާނަމަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަޔާން ހުށަހެޅުމަށް ނުވަތަ ފައިސާ ދެއްކުމަށާއި، މި މުއްދަތުގެ ތެރޭގައި ބަޔާން ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ފައިސާ ދައްކައިފައި ނުވާނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނެކަން އަންގައި ނޯޓިހެއް ("ފައިނަލް ނޯޓިސް")  ފޮނުވުން.

(ނ) ފައިނަލް ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަޔާން ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ފައިސާ ދައްކައިފައި ނުވާނަމަ، އަދި ނުދައްކައި ހުރި ފައިސާ ދެއްކުމަށް މީރާއާއެކު އެއްބަސްވުމަކަށް އައިސްފައި ނުވާނަމަ، ޓެކްސް ބަޔާން ހޯދުމުގެ ގޮތުން ނުވަތަ ފައިސާ ހޯދުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުން.

  1. އުސޫލު ނަންބަރު 10/2022 (ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެއުސޫލު) ގެ ދަށުން ނަން ހާމަކުރުން؛
  2. ފައިސާ ނުދައްކައި ހުރި ފަރާތުގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ އުސޫލު ނަންބަރު 09/2022 (ބެންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބެންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ހިފަހައްޓައި، ފައިސާ ނެގުން؛
  3. ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުން؛
  4. ނުދައްކައި ހުރި ފައިސާ ތިންވަނަ ފަރާތެއް މެދުވެރިކޮށް ހޯދުން؛
  5. ނުދައްކައި ވަނީ ޓެކްސްނަމަ، ސިވިލް ކޯޓުގައި ދައުވާ އުފުލުން އަދި ނުދައްކައި ވަނީ ޓެކުހަށް ނުވާ އެހެނިހެން ފައިސާނަމަ، އެ ފައިސާއަކާ ގުޅުންހުރި ބެލެނިވެރި އިދާރާއާއި އެޓަރނީ ޖެނެރަލްގެ އޮފީހާ މައުލޫމާތު ހިއްސާ ކުރުން؛
  6.  ގާނޫނު ނަމްބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ފަރާތުގެ މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅައި އެ ޖޫރިމަނާގެ އަމުރު ތަންފީޒު ކުރުން.

(ރ) ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، މަތީގައިވާ ފިޔަވަޅުތައް ވަކި ވަކިން ނުވަތަ އެކުއެކީ ގައި، މަތީގައިވާ ތަރުތީބުން ނުވަތަ އެނޫން ތަރުތީބަކުން ވެސް އެޅިދާނެއެވެ.

(ބ) ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން ފިޔަވަޅު އެޅުމުގައި، ޓެކްސް ދައްކާ ފަރާތަށް ޓެކްސް ނުދެއްކިވަނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ %100 (ސައްތަ އިންސައްތަ) ހިއްސާ ނުވަތަ މެޖޯރިޓ ހިއްސާ އޮތް ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ލިބިފައި ނުވުމުގެ ސަބަބުންނަމަ، އަދި އެކަން ސާބިތުކުރެވޭ ލިޔެކިޔުން ހުށަހަޅައިފައިވާނަމަ، އެ މައްސަލަ ހައްލު ކުރެވުމާ ހަމަޔަށް މި މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައިވާ ފިޔަވަޅު ފިޔަވައި އެހެން ފިޔަވަޅުތައް އެ ފަރާތަކާމެދު އެޅުން ލަސްކޮށްލުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - ފައިސާ ދެއްކުމަށް ނޯޓިސް ދީފައިވަނިކޮށް އެ އާމްދަނީ ގެބާވަތާ ގުޅިގެން އިތުރަށްފައިސާ ދައްކަންޖެހުން

މި އުސޫލުގެ 2 ވަނަ މާއްދާގެ (ނ) ގައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެއްވެސް ފަރާތަކާމެދު އަޅައިފައި ވަނިކޮށް، އެ ފިޔަވަޅު އެޅުމަށް ނިންމުނު ޓެކުހަކާ ގުޅިގެން ނުވަތަ އެހެނިހެން ފީއަކާ ގުޅިގެން އިތުރު ފައިސާއެއް ދައްކަން ޖެހިއްޖެނަމަ، އެ ފައިސާއާ ގުޅިގެން މި އުސޫލުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީން ނޯޓިސް ދީފައިނުވި ނަމަވެސް، އެ ފަރާތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމުގައި ބަލާނީ، އެ ފިޔަވަޅު އެޅުމާ ހަމަޔަށް އެ ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާއަށެވެ. 

 

4 ވަނަ މާއްދާ - ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުމަކ ފުރަތަމަ ނޯޓިސް ކަމަށް ބެލުން

(ހ) ޓެކްސް ގާނޫނެއްގެ ދަށުން މީރާއިން އަދަދެއް ކަނޑައެޅުމަށްފަހު ޓެކްސް ދައްކާ ފަރާތަށް ފޮނުވާ "ދައްކަންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" އަކީ މި އުސޫލުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރަތަމަ ނޯޓިސް ކަމަށް ބެލެވޭނެއެވެ. އަދި މި ހާލަތުގައި ފައިސާ ދެއްކުމަށް 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްނުކޮށްފިނަމަ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިނަލް ނޯޓިސް ފޮނުވޭނެއެވެ.

 

5 ވަނަ މާއްދާ - މީރާގެ ނިންމުމާމެދު އިއުތިރާޒުކޮށްފައިވާ ހާލަތުގައިއަމަލުކުރާނެ ގޮތް

(ހ) ފައިސާ ނުދައްކައި ހުރި ފަރާތަކުން ދައްކަންޖެހިފައިވާ ފައިސާއާމެދު ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އިއުތިރާޒުކުރާކަމުގެ އެންގުމެއް ހުށަހަޅައިފައިވާނަމަ، އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމުމުގެ ކުރިން އެ ފަރާތަކާމެދު އެ އެންގުމާ ގުޅޭ މުއްދަތަށް ނިސްބަތްވާ ފައިސާއަކާ ގުޅިގެން މި އުސޫލުގެ ދަށުން އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ.

(ށ) އިއުތިރާޒުކުރާކަމުގެ އެންގުމަކާމެދު މީރާއިން ގޮތެއް ނިންމުމަށްފަހު، އިއުތިރާޒުކުރި އަދަދު ނުވަތަ އެއިން ބައެއް ދެއްކުމަށް ޓެކްސް ދައްކާ ފަރާތަށް އަންގައިފިނަމަ، އެ އެންގުމަކ މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިނަލް ނޯޓިސް ކަމަށް ބެލެވޭނެއެވެ. 

 

6 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގައި އަމަލުކުރާ އާންމު އުސޫލުން އިސްތިސްނާވާ ހާލަތްތައް

(ހ) ފައިސާ ނުދައްކައި ހުރި ފަރާތަކުން ދިވެހިރާއްޖެ ދޫކޮށްފައި ދާން ގަސްތުކުރާކަން، ނުވަތަ އެއީ ކުންފުންޏެއްނަމަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓައިލަން ގަސްތުކުރާކަން، ނުވަތަ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދިވެހިރާއްޖެއިން ބޭރަށް ބަދަލުކުރަން ގަސްތުކުރާކަން، ނުވަތަ އެނޫން ވެސް ސަބަބަކާހުރެ، ނުލިބި ހުރި ފައިސާ ހޯދުމަށް ހުރަހެއް މެދުވެރިވެދާނެކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭ ހާލަތުތަކުގައި، މީރާއިން އެ ފަރާތަކަށް ނޯޓިހެއް ދިނުމަކާ ނުލައި މި އުސޫލުގެ 2 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ށ) ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މީރާއިން ކޯޓުގައި ދައުވާ އުފުލާ ހާލަތުގައި، ކޯޓުން އެ މައްސަލަ ނިމެންދެން، މި އުސޫލުގެ ދަށުން އެ ފަރާތާމެދު އިތުރު ފިޔަވަޅެއް ނާޅާނެއެވެ. 

 

7 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގެ ދަށުން ފޮނުވާ ނޯޓިސްތަކުގެ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

8 ވަނަ މާއްދާ - ޓެކުހަށް ނުވާ ފައިސާ ހޯދުން

މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން ޓެކުހުގެ ގޮތުގައި ނުހިމެނޭ ފައިސާ ހޯދުމުގައި އަމަލުކުރާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތ ންނެވެ.

 

9 ވަނަ މާއްދާ - ޓެކްސް ގާނޫނުތަކާ އެކުގައި މި އުސޫލު ކިޔުން

މި އުސޫލު ކިޔާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި އެނޫންވެސް ޓެކްސް ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެކުގައެވެ. އަދި މި އުސޫލުގައި މާނަކޮށްދީފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްދ ފައިވާ ގޮތަކަށެވެ.

 

10 ވަނަ މާއްދާ - އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ، 1 އެޕްރީލް 2022 އިން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - އެންފ ސްމަންޓް ޕޮލިސ އުވައިލުން

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 19 ފެބުރުވަރ 2015 އިން ފެށިގެން އަމަލުކުރަމުން އައި "އެންފ ސްމަންޓް ޕޮލިސީ" އުވުނީ އެވެ.

 

މައި ގާނޫނު/ގަވާއިދު

  1. ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު (ގާނޫނު ނަންބަރު 03/2010)
  2. ޓެކްސް ނެގުމާބެހޭ އިދާރީީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު