-

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)  އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2021-172)

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)  އަށް އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - .ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުން 3

ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭނެކަމަށް މީރާއަށް ގަބޫލުކުރެވޭ ފަރާތްތައް، އެ ގާނޫނުގެ ދަށުން ނުވަތަ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް އެ ފަރާތްތަކަށް އެންގުމުގެ އިހުތިޔާރު، ކޮމިށަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

 

2 ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަސްއޫލުވާ މީހާ 4.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފަރުދެއް ނޫންނަމަ، ގާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސްއޫލުވާ މީހަކު އައްޔަނު ކުރަންވާނެއެވެ.

(ށ) މަސްއޫލުވާ މީހާގެ ގޮތުގައި، ކުންފުންޏަކުން ނުވަތަ ޕާޓްނަރށިޕަކުން މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅިގެން ވަކި މީހަކު އައްޔަނު ކޮށްފައި ނުވާ ހާލަތުތަކުގައި އެ ފަރާތެއްގެ މަސްއޫލުވާ މީހާކަމަށް ބެލެވޭނީ ، އަންނަނިވި ފަރާތްތަކެވެ.

  1. ކުންފުންޏެއް ނަމަ، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ؛
  2. ޕާޓްނަރށިޕެއް ނަމަ، އެ ޕާޓްނަރށިޕެއްގެ މެނޭޖިންގ ޕާޓްނަރ.

(ނ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފަރުދެއްނަމަ، ރަޖިސްޓަރީކުރަން ހުށަހަޅާއިރު، މަސްއޫލުވާ މީހަކު އައްޔަނު ކުރުމުގެ އިހުތިޔާރު އެ ފަރާތަށް ލިބިގެންވެއެވެ.

(ރ) މަސްއޫލުވާ މީހާ މީރާއަށް އެއްބާރުލުން ދިނުމާއެކު ، އޭނާގެ ޒިންމާތަކާ ގުޅޭގޮތުން ޓެކްސް ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށްތަބާވާންވާނެއެވެ.

 

3 .ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައުލޫމާތު ބަދަލުވުން 6

އަންނަނިވި ކަންތައްތަކުން ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއް މެދުވެރިވި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތުން ނުވަތަ އެ ފަރާތުގެ މަސްއޫލުވާ މީހާ އެކަން މީރާއަށް އަންގަންވާނެއެވެ.

(ހ) ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ހަރަކާތެއް ފެށުން.

(ށ) މީރާއަށް ދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މައުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތަކާ ގުޅޭ މައުލޫމާތެއް ބަދަލުވުން.

(ނ) ޓެކްސް ދައްކާ ފަރާތުން އައްޔަނުކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މައުލޫމާތެއް ބަދަލުވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީނުކުރުމުގެ ކުށުގެ އަދަބު 7.

(.ހ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީކޮށްފައި ނުވާނަމަ، ރަޖިސްޓަރީނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، ގާނޫނުގެ 65 ވަނަ މާއްދާގެ (ށ) ގެ (2 (ވަނަ ނަންބަރުގެ ދަށުން 50 (ފަންސާސް) ރުފިޔާގެ މަގުން އެ ފަރާތް ޖޫރިމަނާ ވާނެއެވެ. އަދި މި ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް، 1) އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ޖޫރިމަނާގެ ޖުމުލަ 5،000 (ފަސްހާސް) ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ފޮނުވުމާއި ބަލައިގަތުން 11.

(ހ) ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އީމެއިލް މެދުވެރިކޮށް މީރާއަށް ހުށަހަޅާ ލިޔެކިޔުންތައް އީމެއިލް ކުރަންވާނީ،މީރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ އީމެއިލް އެޑްރެހަކުންނެވެ.

 

6 ވަަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

23. (ހ) (16) ކޮމާށަލް ޑޭޓާބޭސްތަކުން ލިބެން ހުންނަ މައުލޫމާތު.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (2-ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

23. (3-ށ) ގާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަދެއް ކަނޑައެޅުމުގައި، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކޮށްފައިވާ ކޮންޓްރޯލް އޮތް މުއާމަލާތެއްގެ އާމްސް ލެންތު އަގު ކަނޑައެޅުމަށް ޓަކައި، ގަވާއިދު ނަންބަރު 2020-43 (ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ މެތަޑްތައް ބޭނުންކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާ އުނިކުރުން.

މީރާއިން ކަނޑައަޅާ އަދަދަށް ބަދަލު ގެނައުން 25.

(އުނިކޮށްފައި).

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ގެ ނިންމުން ނުވަތަ މީރާގެ ނިންމުން ބަދަލުކުރުން 36.

މި ބާބުގައިވާ ގޮތުގެ މަތީން ކުރެވޭ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށް، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ މީރާގެ ނިންމުން އެއްކޮށް ނުވަތަ އެއިން ބައެއް ބަދަލުކުރެވިދާނެއެވެ. ނުވަތަ އެ ނިންމުން ރަނގަޅުކަމަށް ކަނޑައެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

މުއްދަތު ގުނުން 1-71

(.ހ) ގާނޫނުގައި ނުވަތަ މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ގާނޫނާއި މި ގަވާއިދުގައި ދުވަހުން ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) އެ އުސޫލެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މީރާއިން ހަދައިފައިވާ އުސޫލެއްގައި ދުވަހުން ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އެހެން ނަމަވެސް، އެ މުއްދަތު ހަމަވަނީ ރަސްމީ ބަންދު ދުވަހަކަށް ނުވަތަ ސަރުކާރު ބަންދު ދުވަހަކަށް ކަމަށްވާނަމަ، އެ މުއްދަތު ހަމަވާ ތާރީހަކީ އެ ބަންދު ދުވަހަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާގެ (ށ) އުނިކުރުން.

77. (ށ) (އުނިކޮށްފައި).

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ވިޔަފާރި" ގެ މާނަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

77. (ނ) "ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހހ) ގައި "ވިޔަފާރި" އަށް ދީފައިވާ މާނައިގައެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފަ އިވާ "ވިޔަފާރި ހިންގާ ތަންތަން" ގެ މާނަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

77. (ނ) "ވިޔަފާރި ހިންގާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 79 ވަނަ މާއްދާގެ (ހހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއެއް ހިންގާ ތަންތަނަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 77 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތް" ގެ މާނަ 
އުނިކުރުން.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު