-

ލިބެންވާ ޓެކްސް ތިންވަނަ ފަރާތަކުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-24)

(މި އުސޫލަށް އަމަލުކުރަން ފެށީ 7 އޮކްޓޫބަރު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ޓެކުހެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެނޫން ވެސް އަދަދެއް، ތިންވަނަ ފަރާތެއް މެދުވެރިކޮށް ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަކީ، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

(ނ) މި އުސޫލަށް ކިޔާނީ، "ލިބެންވާ ޓެކްސް ތިންވަނަ ފަރާތަކުން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - ތިންވަނަ ފަރާތަކުން މީރާއަށް ފައިސާ ދެއްކުމަށް އެންގުން

(ހ) ފައިސާ ދެއްކުމަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުގެ ސަބަބުން އުސޫލު ނަންބަރު 2022-11 (ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން "ފައިނަލް ނޯޓިސް" ފޮނުވައިފައިވާ ފަރާތަކަށް، ތިންވަނަ ފަރާތަކުން ފައިސާ ދައްކަންޖެހޭ ކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފައިސާ މީރާއަށް ދެއްކުމަށް، އެފަދަ ފަރާތަކަށް މީރާގެ އެންގުމަކުން އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތިންވަނަ ފަރާތުން ފައިސާ ހޯދުމަށްޓަކައި މީރާއިން އެންގުން އަންގާނީ، މީރާއަށް އެ ވަގުތަކު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އަންނަނިވި ތަރުތ ބުންނެވެ.

  1. ސަރުކާރު އިދާރީާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާ ފަރާތެއްނަމަ، އެ ފައިސާ އެ ފަރާތަށް ދެއްކުމުގެ ބަދަލުގައި މީރާއަށް ދެއްކުމަށް، އެ އިދާރީާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ ކުންފުންޏަކަށް އެންގުން؛
  2. ކުންފުންޏަކުން، ނުވަތަ ޕާޓްނަރށިޕަކުން، ނުވަތަ އަމިއްލަ ފަރުދަކުން ނުވަތަ އެނޫންވެސް ފަރާތަކުން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެ ފައިސާ އެފަރާތަށް ދެއްކުމުގެ ބަދަލުގައި މީރާއަށް ދެއްކުމަށް، އެ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ އަމިއްލަ ފަރުދަކަށް ނުވަތަ އެނޫން ވެސް ފަރާތަކަށް އެންގުން.

(ނ) ތިންވަނަ ފަރާތުން މީރާއަށް ދެއްކުމަށް އަންގާ އަދަދ،ު ފައިސާ ނުދައްކާ ހުރި ފަރާތުން މީރާއަށް ދައްކަންޖެހޭ އަދަދަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުސޫލު ނަންބަރު 2022-11 (ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިސް ފޮނުވުމަކާ ނުލައި، އަންނަނިވި ހާލަތް ތަކުގައި ތިންވަނަ ފަރާތަކުން ފައިސާހޯދުމަށް އެންގިދާނެއެވެ.

  1. ދައްކަންޖެހިފައިވާ ފައިސާ ގަސްތުގައި ނުދެއްކުމުގެ ގޮތުން ނުވަތަ ދެއްކުން ފަސްކުރުމުގެ ގޮތުން ފައިސާ ދައްކަންޖެހޭ ފަރާތުން އެއްވެސް ކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް އެކަށީގެންވާ ސަބަބުތަކާއެކު މީރާއަށް ގަބޫލުކުރެވުން؛
  2. ފައިސާ ދައްކަންޖެހޭ ފަރާތުގެ އަމަލުތައް ހުރިގޮތުން ލިބެންޖެހޭ ފައިސާ ހޯދުމުގައި ދަތިގޮތްތަކެއް ނުވަތަ ލަސްވާ ގޮތްތަކެއް މެދުވެރިވެދާނެ ކަމަށް މީރާއަށް ގަބޫލުކުރެވުން؛
  3. ފައިސާ ދައްކަންޖެހި ނުދައްކާހުރި ފަރާތަކުން ދިވެހިރާއްޖެ ދޫކޮށްފައި ދާން ގަސްތުކުރާކަން، ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓައިލަން ގަސްތުކުރާކަން، ނުވަތަ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދިވެހިރާއްޖެއިން ބޭރަށް ބަދަލުކުރަން ގަސްތުކުރާކަމާއި، މިކަމުގެ ސަބަބުން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް ހުރަހެއް މެދުވެރިވެދާނެކަމަށް މީރާއަށް ގަބޫލުކުރެވުން.

(ބ) މި މާއްދާގެ ދަށުން މީރާއިން އެންގުމެއް ފޮނުވައިފައިވާ ތިންވަނަ ފަރާތުން، އެ އެންގުން ފޮނުވާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ އެންގުމާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - މައުލޫމާތު ހޯދުން

(ހ) މީރާއަށް ދައްކަންޖެހޭ ޓެކުހެއް ނުވަތަ އެނޫން ވެސް ފައިސާ އެއް ނުދައްކާ ފަރާތަކަށް ތިންވަނަ ފަރާތަކުން ދައްކަންޖެހޭ ފައިސާއާ ގުޅޭ ތަފުސީލު ހޯދުމަށް މީރާގެ ސިޓ އަކުން ނުވަތަ އެންގުމަކުން އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާފަދަ އެންގުން ފޮނު ވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެދިފައިވާ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އެންގުމުގެ ޖަވާބުގައި ނުރަނގަޅު ޖަވާބެއް ނުވަތަ ނުރަނގަޅު މައުލޫމާތެއް ދިނުން ނުވަތަ ކަނޑައެޅިފައިވާ ވަގުތަށް އެދިފައިވާ މައުލޫމާތު ފޯރުކޮށްނުދޭ ފަރާތްތަކާމެދ،ު ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

4 ވަނަ މާއްދާ - ތިންވަނަ ފަރާތުގެ ގޮތުގައި ފައިސާ ދެއްކުމަށް އެންގޭނެ ފަރާތްތައް

ތިންވަނަ ފަރާތުގެ ގޮތުގައި ފައިސާ ދެއްކުމަށް މީރާއިން އަންނަނިވި ފަރާތްތަކަށް އެންގިދާނެއެވެ.

(ހ( އަމިއްލަ ފަރުދެއްނަމަ، ވަޒީފާދޭ ފަރާތް.

(ށ) ފޯރުކޮށްދޭ ހިދުމަތެއް ނުވަތަ މުދަލެއްގެ މުގާބިލު ނުވަތަ އަގު ދައްކަންޖެހިފައިވާ ފަރާތް.

(ނ) ޓެކްސް ދައްކާ ފަރާތަށް އެއްވެސް ސިފައެއްގައި ފައިސާ ދައްކަންޖެހޭ ފަރާތެއް، ނުވަތަ ދެއްކުމަށް ކަނޑައެޅިފައިވާ ފަރާތެއް، ނުވަތަ ފައިސާ ދެއްކުމަށް ހުއްދަ ލިބިގެންވާ ފަރާތެއް،ނުވަތަ ފައިސާ ދޭން އުޅޭ ފަރާތްތައް ނުވަތަ ދިނުމަށް ކަނޑައެޅިފައިވާ ފައިސާއެއް އެ ފަރާތެއްގެ އަތުގައި ބެހެއްޓިފައިވާ ފަރާތްތައ.ް

 

5 ވަނަ މާއްދާ - އަސާސީ ބޭނުންތަކަށް ފައިސާ ބެހެއްޓުން

މި އުސޫލުގެ ދަށުން އަންގާ އެންގުމެއްގެ ސަބަބުން ޓެކްސް ނުދައްކާ ހުރި ފަރާތުގެ އަސާސީ ބޭނުންތަކަށް ބުރޫއަރާފާނެކަން އެކަށޭނަ ހެއްކާއެކު ސާބިތުކޮށްދޭ ހާލަތުގައި، ތިންވަނަ ފަރާތުން މީރާއަށް ދައްކަން އަންގާ އަދަދު ކުޑަކުރުމުގެ އިހުތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ފައިސާ ދެއްކުން ނުވަތަ އެއްބަސްވުމަކަށް އައުން

(ހ) މި އުސޫލުގެ ދަށުން ތިންވަނަ ފަރާތަކަށް އެންގުން ފޮނުވައި ފައިވަނިކޮށް ޓެކްސް ދައްކާ ފަރާތުން އެ ފައިސާ ދައްކައި ހަލާސްކޮށްފިނަމަ، ނުވަތަ މީރާއާއެކު އެ ފައިސާ ދައްކާނެ ގޮތަކާމެދ،ު އުސޫލު ނަންބަރު 2022-08 (އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލު) ގެ ދަށުން އެއްބަސްވުމެއްގައި ސޮއިކޮށް ފިނަމަ، ފޮނުވުނު ނޯޓިސް ނިމުމަކަށް ގެނެވޭނެއެވެ. އަދި އެކަން، ނޯޓިސް ފޮނުވުނު ތިންވަނަ ފަރާތަށް މީރާއިން އަންގަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ނުލިބިވާ ފައިސާ އެއްކޮށް ނުވަތަ ދައްކަންޖެހޭ ފައިސާއިން ބައެއް ލިބިއްޖެނަމަ، ފައިސާ ނުދައްކާހުރި ފަރާތަށާއި ތިންވަނަ ފަރާތަށް މީރާއިން އެކަން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ތިންވަނަ ފަރާތަކުން ފައިސާ ދައްކަން އުޒުރުވެރިވުން

(ހ) މި އުސޫލުގެ ދަށުން ފޮނުވާ އެންގުމަކަށް އަމަލުކުރަން ފަސްޖެހުނު ފަރާތަކުން، ޓެކްސް ދައްކާ ފަރާތުން ނުދައްކާ ހުރި ފައިސާ ދެއްކުމަށް ޒިންމާވާންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ހާލަތެއްގައި، އެ ފަރާތަކ ޓެކްސް ނުވަތަ އެނޫން ވެސް ފައިސާ އެއް ނުދައްކާ ފަރާތެއްކަމަށް ބަލައި، އެ ފައިސާ ހޯދުމު ގެ ގޮތުން އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ފައިސާ ބޭނުންކުރުން މަނާވުން

މި އުސޫލުގެ ދަށުން އެންގުމެއް އަންގައިފައިވަނިކޮށް، ލިޔުމުން މީރާގެ ހުއްދަ ހޯދުމަކާ ނުލައި، އެ ފައިސާ މީރާ ފިޔަވައި އެހެން ފަރާތަކަށް ދެއްކުން، ނުވަތަ ދިނުން، ނުވަތަ ބަދަލުކުރުން، ނުވަތަ އަސްލު އޮޅުވައިލުން، ނުވަތަ ފައިސާ ހުރިތަން ނުވަތަ ވެރިފަރާތް ބަދަލުކުރުން، ނުވަތަ އިންވެސްޓްކުރުން، ނުވަތަ އެ ފައިސާއާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ލިބިދޭ ހައްގެއް ސިއްރުކުރުން އަދި އެނޫން ވެސް އަމަލެއްގެ ނަތީޖާއަކީ، ހޯދުމަށް އެދިފައިވާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި މީރާއަށް ނުލިބުން ކަމުގައި ވާނަމަ، އެ ފަރާތަކާމެދ،ު ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - އިސްތިއުނާފުކުރުން

މި އުސޫލުގެ ދަށުން މީރާއިން އަންގާ އެންގުމަކާ ދެކޮޅަށް، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ގެއްލުންތަކަށް ޒިންމާ ނުވުން

މި އުސޫލުގައިވާ ގޮތުގެ މަތީން އަމަލުކުރުމުގެ ސަބަބުން ޓެކްސް ނުދައްކާ ހުރި ފަރާތަށް ނުވަތަ ތިންވަނަ ފަރާތަށް މާލީ ގޮތުން ނުވަތަ އެނޫން ވެސް ގޮތަކުން ދިމާވާ ނުވަތަ ދިމާވެދާނެ އެއްވެސް ގެއްލުމަކަށް މީރާއިން ޒިންމާއެއް ނުވާނެއެވެ.

 

11 ވަނަ މާއްދާ - މުއްދަތު ގުނުން

މި އުސޫލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެންނެވެ.

 

12 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު/ގަވާއިދު

  1. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)
  2. ޓެކްސް ނެގުމާބެހޭ އިދާރީީ ގާނޫނު (ގާނޫނު ނަންބަރު 2010-03

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު