-

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-127)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7-64 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން. 

64-7 (1-ގ)  "ރިޕޯޓަބަލް ޖުރިސްޑިކްށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ޖުރިސްޑިކްށަނަކަށެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިތުރަށް ދައްކާ ފައިސާ ރީފަންޑް ކުރުން 69.

(ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނަތީޖާއަކީ ނުވަތަ އިސްލާހުކުރުމުގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކައިފައި ވުން ކަމަށް ވާނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި އަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

  1. ރީފަންޑް ޕްރޮސެސްކުރާ ވަގުތު އެ ފަރާތުން މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެއް ހުރިނަމަ، އެ ފައިސާއާ އަޅައިކެނޑުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރު ރައްދުނުވާނަމަ، ނުވަތަ މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލު ކުރުމަށް ފަހުގައި، ރީފަންޑް ކުރަންޖެހޭ އަދަދެއް އޮތް ނަމަ، ޓެކްސް ދައްކާ ފަރާތަށް ފައިސާއިން އެ އަދަދު ދިނުން.

(ށ)  މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިތުރަށް ދައްކައިފައިވާ ފައިސާއާ ގުޅޭގޮތުން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަކުރުމަށް ޓެކްސް ދައްކާ ފަރާތަށް އިހްތިޔާރު ކުރެވިދާނެއެވެ.

  1. ކުރިޔަށް ހުރި މުއްދަތުތަކުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުން؛
  2. ތިންވަނަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއަކާ އަޅައިކެނޑުން.

(ރ)  މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖޭގެ ށަރުއީ ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން ރީފަންޑެއް ދޭންޖެހޭ ހާލަތުގައި، އެ ރީފަންޑް ހޯދުމަށް މި މާއްދާގެ

(ނ) ގައި ބަޔާންކޮށްފައިވާ "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (904 MIRA) ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ރީފަންޑް ދިނުމުގައި، މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަކާ ނުލައި ރީފަންޑް ދެވޭނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން އެދޭނަމަ، ރީފަންޑް ކުރަންޖެހޭ ފައިސާ، އެ ފަރާތުން އެ ވަގުތު މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ނުވަތަ ކުރިޔަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއާ އަަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފައިސާ ދެއްކުމުގެ ތެރޭގައި ދިމާވާ "ޕޭމަންޓް ޕްރޮސެސިންގ އެރަރ" އެއްގެ ސަބަބުން، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ހާލަތުގައި އެ ފައިސާގެ ރީފަންޑް ހޯދުމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (904 MIRA) ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ރީފަންޑް ދިނުމުގައި، މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަކާ ނުލައި ރީފަންޑް ދެވޭނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން އެދޭނަމަ، ރީފަންޑް ކުރަންޖެހޭ ފައިސާ، އެ ފަރާތުން އެ ވަގުތު މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ނުވަތަ ކުރިޔަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުމަށް އިހްތިޔާރު ކުރެވިދާނެއެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދައްކައިފައިވާ މީހަ ކު މަރުވެއްޖެނަމަ، އެ މީހާގެ ވާރިޘުން މީރާއަށް ހުށަހެޅުމުން، އެ މީހާ އިތުރަށް ދައްކައިފައިވާ ފައިސާ ، ށަރުއީ ކޯޓަކުން ކަނޑައަޅާ ގޮތެއްގެ މަތީން، ވާރިޘުންނަށް އަނބުރައި ދެވޭނެއެވެ. މި ގޮތުން، އެ މީހާ އިތުރަށް ދައްކައިފައިވާ ފައިސާ، ވާރިޘުންނަށް އަނބުރައި ދެވޭނީ މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ފަހުގައެވެ.

(ކ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްގެ އައުޓްޕުޓް ޓެކުހަށްވުރެ އެ ފަރާތެއްގެ އިންޕުޓް ޓެކްސް އިތުރުވާ ހާލަތްތަކަކީ، ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް އިތުރަށް ފައިސާ ދެއްކުން ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ ގޮތުން އިތުރުވާ އަދަދަކީ އެ ފަރާތެއްގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑޭނެ އަދަދެކެވެ.

(އ) އިތުރަށް ދައްކައިފައިވާ ފައިސާ މި މާއްދާގެ ދަށުން ރީފަންޑް ކުރުމުގެ ކުރިން، ރިސްކަށް ނުވަތަ މީރާއިން ކަނޑައަޅާ ތްރެށޯލްޑަކަށް ރިއާޔަތްކޮށް، ރިވިއުއެއް ނުވަތަ ރީފަންޑަށް އެދިފައިވާ ފަރާތުގެ އޮޑިޓެއް ކުރުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އުފެދޭ ރީފަންޑެއް ދީފިނަމަ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހެއް އެ ފަރާތެއްގެ ކިބައިން ނުހޯދިދާނެކަމަށް، އެކަށީގެންވާ ސަބަބުތަކަކާއެކު ކޮމިށަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެފަދަ ރީފަންޑެއް ދެވޭނީ މީރާއިން ކުރާ އޮޑިޓަކަށް ފަހުގައެވެ.

  1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކުން، ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އިންޓެރިމް ބަޔާނެއް ނުވަތަ އިންކަމް ޓެކްސް ބަޔާނެއް ހުށަހެޅުން؛
  2. ގާނޫނު ނަންބަރު 2019-25 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ 48 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާތަކެއް އިތުރުކުރުން.

ރީފަންޑްކުރާ ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރުން 1-69

(ހ)  މި ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން ރީފަންޑްކޮށްދޭ ފައިސާ ޖަމާކުރާނީ ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދީފައިވާ ބޭންކެއްގައި ހުޅުވައިފައި އޮންނަ ބޭންކް އެކައުންޓަކަށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ އެކައުންޓަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓެއް ނޫން އެހެން ބޭންކް އެކައުންޓަކަށް، ރީފަންޑްކޮށްދޭ ފައިސާ ޖަމާކުރެވިދާނެއެވެ.

  1. ރީފަންޑްކޮށްދެވޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި ދިވެހިރާއްޖޭގައި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ނެތް ފަރާތަކަށް ވުން؛ ނުވަތަ
  2. ރީފަންޑްކޮށްދެވޭ ފަރާތަކީ އަންނަނިވި ހުރިހާ ށަރުތުތައް ފުރިހަމަވާ ފަރުދަކަށް ވުން.
    i .ދިވެހި ރައްޔިތެއް ކަމުގައި ނުވުން؛
    ii .ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ނުވުން؛
    iii .މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓެއް ނެތް ފަރާތަކަށް ވުން.

(ނ) މި މާއްދާގެ ދަށުން ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކް ޗާޖެއް ނުވަތަ ފީއެއް ނުވަތަ ކަމިށަނެއް ނަގާނަމަ، އެ ހަރަދަކީ ރީފަންޑްކޮށްދެވޭ ފަރާތުން ދައްކަންޖެހޭނެ ހަރަދެކެވެ.

ރީފަންޑްކޮށްދޭ ކަރަންސީ 2-69

(ހ)  މި ގަވާއިދުގެ 1-69 ވަނަ މާއްދާގެ ދަށުން ރީފަންޑް ފައިސާ ބޭންކް އެކައުންޓަށް ޖަމާކޮށްދޭނީ ރުފިޔާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެމެރިކާ ޑޮލަރުން މީރާއަށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކުހެއް ނުވަތަ ފައިސާއެއްގެ ރީފަންޑް ދޭނީ އެމެރިކާ ޑޮލަރުންނެވެ.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2013-45)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު