-

އެއްގަމު ދަތުރުފަތުރުގެ ނިށާންތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-13)

(މި ގަވާއިދުގެ 7 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2009-07 އުވާލެވިފައި)

 

1 ވަނަ މާއްދާ – ތައާރުފު 

މިއީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާ (ހ) އިން ބާރުލިބިގެން އެކުލަވައިލައިފައިވާ، އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދެވެ. 

 

2 ވަނަ މާއްދާ – ނަން 

މި ގަވާއިދަށް ކިޔާނީ، "އެއްގަމު ދަތުރުފަތުރުގެ ނިށާންތަކުގެ ގަވާއިދު" އެވެ. 

 

3 ވަނަ މާއްދާ – ގަވާއިދު ހިންގާ ފަރާތް 

މި ގަވާއިދު ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ މިނިސްޓްރީން ނުވަތަ ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކުން ނުވަތަ ފަރާތްތަކުންނެވެ. 

 

4 ވަނަ މާއްދާ – ޓްރެފިކް ނިށާނުގެ ބޭނުން 

ޓްރެފިކް ނިށާނުގެ ބޭނުމަކީ، މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރި ކަމަށްޓަކައި މަގު ބޭނުންކުރާނޭ ގޮތް އަންގައިދިނުމެވެ. 

 

5 ވަނަ މާއްދާ – ޓްރެފިކް ނިށާންތަކުގެ ސައިޒް ކަނޑައެޅުން 

(ހ) މި ގަވާއިދުގައި ހިމަނައިފައިވާ ޓްރެފިކް ނިށާންތައް މަގުމަތީގައި ހަރުކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ ޓްރެފިކް ނިށާން ދަނޑީގައި، އެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ސައިޒަށެވެ. އަދި މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދަށް ނުފެތޭގޮތަށް ހުރި ނިށާންތައް، މި ގަވާއިދާ އެއްގޮތަށް ބަދަލުކުރަންވާނެއެވެ. 

(ށ) މި ގަވާއިދުގެ ޖަދުވަލު 6 ގައި ހިމަނައިފައިވާ ޓްރެފިކް ނިށާން، ގަޑިއަކު 30 (ތިރީސް) ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން ކަނޑައަޅައިފައިވާ ސަރަހައްދުތަކުގައި ހުންނަންވާނީ، އެ ޖަދުވަލުގައި ކަނޑައަޅައިފައިވާ ސައިޒަށްވުރެ %50 (ފަންސާސް އިން ސައްތަ) ބޮޑުކޮށެވެ. 

 

6 ވަނަ މާއްދާ – ޓްރެފިކް ނިށާންތައް 

(ހ) މަގުތަކުގައި ބަހައްޓާ ޓްރެފިކް ނިށާންތަކާއި އެ ނިށާންތައް ބޭނުންކުރާ ގޮތް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާނެއެވެ.

(ށ) ޓްރެފިކް ބައްތިން އަންގައިދޭ ނިށާންތަކާއި، އެއަށް ޢަމަލުކުރަންވީ ގޮތް، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާނެއެވެ. 

(ނ) މަގުމަތީގައި ދަމައިފައި ހުންނަ ރޮނގުތަކާއި، ކުރަހައިފައި ހުންނަ ނިށާންތަކާއި، އެ ނިށާންތަކަށް ޢަމަލުކުރަންވީ ގޮތް، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައި ވާނެއެވެ. 

(ރ) މަގު ބޭނުންކުރާނޭ ގޮތުގެ ޓްރެފިކް ނިށާން ބަހައްޓައިފައި ހުރިކަމުގައިވިޔަސް، ވަކިގޮތަކަށް ޢަމަލުކުރުމަށް، މަގު ބޭނުންކުރާ ފަރާތްތަކަށް، މަގު ބަލަހައްޓާ ޓްރެފިކް ފުލުހުން އަންގައިފި ނަމަ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުން، އެ ގޮތަކަށް ޢަމަލުކުރަންވާނެއެވެ. ޓްރެފިކް ފުލުހުން ބޭނުންކުރާ ނިށާންތައް، މި ގަވާއިދުގެ ޖަދުވަލު 4 ގައި ހިމަނައިފައިވާނެއެވެ. 

(ބ) މި ގަވާއިދުގައި ހިމަނައިފައިވާ ހުރިހާ ނިށާންތައް، ޑިޖިޓަލް (އިލެކްޓްރޯނިކް) ކޮށް ބޭނުންކުރެވިދާނެއެވެ. 

(ޅ) މި ގަވާއިދުގައި ހިމަނައިފައިވާ ހުރިހާ ނިށާންތައް، ފުލުހުންގެ ކޯން، ކޯނުދަނޑި، ބެރިކޭޑް އަދި ނިށާނުގައި ބޭނުންކުރެވިދާނެއެވެ.

 

7 ވަނަ މާއްދާއުވައިލެވޭ ގަވާއިދު 

މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، 2009 ޖުލައި 1 ވަނަ ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "އެއްގަމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު" އުވުނީއެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފެށުން 

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

(ޖަދުވަލު 1 އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

އުވި ގަވާއިދު

އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓްރެފިކް ނިށާންތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2009-07)

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު