-

 ފުލުހުންގެ ގާނޫނު

(ގާނޫނު ނަންބަރު 2008-05) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2020-34 ގެ 135 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ފުލުހުންގެ މަގްސަދާއި، ދައުރާއި، މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކާއި، ތަބާވާންޖެހޭ ހަމަތަކާއި އުސޫލުތަކާއި، ހިންގުމާއި، ލިބިދީފައިވާ ބާރުތަކާއި، އިމްތިޔާޒުތަކާއި ހިމާޔަތްތަކާއި، އަދި މިނޫންވެސް ދިވެހިރާއްޖޭގެ ފުލުހުންނާބެހޭ އެންމެހާ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ފުލުހުންގެ ގާނޫނު" މިހެންނެވެ.

 

2 ވަނަ މާއްދާ - ފުލުހުންގެ މަގްސަދު

ފުލުހުންގެ މަސައްކަތުގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ:

(ހ) މުޖުތަމައުގެ އާންމު މަސްލަހަތާއި އަމަންއާންމު ދެމެހެއްޓުން.

(ށ) ފަރުދުންގެ ފުރާނައާއި މުދަލާއި ގޯތިގެދޮރު ރައްކައުތެރިކޮށް ހިމާޔަތްކުރުމުގައި އެހީތެރިވެދިނުން.

(ނ) ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ހިމާޔަތްކުރުން.

(ރ) ދިވެހިރާއްޖޭގެ ސަރަހައްދުގެ، އެއްގަމާއި، ވަޔާއި، ކަނޑުގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންކުރާ ޖިނާއީ ކުށުގެ އަމަލުތައް ހުއްޓުވައި، އެ އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވުން.

(ބ) ދިވެހިރާއްޖޭގެ ސަރަހައްދުގެ، އެއްގަމާއި، ވަޔާއި، ކަނޑުގައި އަދި ދިވެހިރާއްޖޭއިން ބޭރުގައި ދިވެހިން ކުރާ ޖިނާއީ ކުށުގެ އަމަލުތައް ހޯދައި ދެނެގަނެ ތަހްގީގުކުރުން.

(ޅ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ދައުރު އަދާކުރުމުގައި ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވުން.

(ކ) މަދަނީ ކަންކަމުގައި އާންމު ރައްޔިތުންނަށް އެހިނދަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(އ) އާންމު ރައްޔިތުންނަށް އެހީތެރިވުމާއި، ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ހިދްމަތް ދިނުން.

(ވ) މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށްޓަކައި އާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވުން.

 

3 ވަނަ މާއްދާ - މޯލްޑިވްސް ޕޮލިސް ސަރވިސް

(ހ) މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ދައުރު އަދާކުރުމަށް މުއައްސަސާއެއް ގާއިމްކޮށްފައި އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ މަގްސަދަށްޓަކައި، 1 ސެޕްޓެމްބަރ 2004 ގައި އުފައްދާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ ފުލުހުންގެ ދައުރު އަދާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ގާއިމްކޮށްފައިވާ މުއައްސަސާކަމަށް ބެލެވޭނެއެވެ.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއްގެ ދަށުންނެވެ.

 

4 ވަނަ މާއްދާ - ފުލުހުންގެ ހުވާ

(ހ) މި ގާނޫނުގެ ދަށުން ފުލުހުން އަދާކުރަންޖެހޭ އެންމެހައި ވާޖިބުތައް އަދާކޮށް، އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ޒިންމާދާރުގޮތެއްގައި އަދާކުރުމަށްޓަކައި، މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ހުވާ ފުލުހުންގެ ކޮންމެ މީހަކުވެސް ކުރަންޖެހޭނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ހުރި ކޮންމެ ފުލުހެއް މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާ ފަނޑިޔާރުގެ ކުރިމަތީގައި ކުރަންވާނެއެވެ.

 (ނ) ފުލުހުންގެ ހުވާގެ މަތީ ދެމިތިބުމަކީ ފުލުހުންގެ ކޮންމެ މީހަކަށް ވާޖިބު ކަމެކެވެ.

 

5 ވަނަ މާއްދާ - ފުލުހުންގެ ދައުރު

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ މި ގާނޫނާ، މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކާއި އެއްގޮތަށް ފުލުހުން އަދާކުރަން ހަމަޖެހިފައިވާ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމައްޓަކައި ދިވެހި ދައުލަތުން އުފައްދާފައިވާ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ ބައެކެވެ.

(ށ) ފުލުހުންގެ ދައުރަކީ މަދަނީ ދައުރެކެވެ.

 

6 ވަނަ މާއްދާ - ފުލުހުންގެ މަސްއޫލިއްޔަތު

ފުލުހުންގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

 1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ރައްކައުތެރިކޮށް ހިމާޔަތްކުރުން.
 2. ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި، މުޖްތަމައުގެ ސަލާމަތާއި ރައްކައުތެރިކަން ގާއިމްކޮށް ދެމެހެއްޓުން.
 3. ދިވެހި ދައުލަތަށް ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ދާހިލީ ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެފަދަ ކަންކަމުން ދިވެހި ދައުލަތާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށްދިނުން.
 4. އާންމު މަސްލަހަތާއި އަމަންއާންމު ރައްކައުތެރިކަންމަތީ ދެމެހެއްޓުން.
 5. ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށްޓަކައި ފުލުހުންގެ ދައުރާ ގުޅިގެން ކުރަންޖެހޭ ކަންތައްތައްކުރުން.
 6. ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ހޯދައި، ދެނެގަތުން.
 7. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވަތަ މުޖުތަމައަށް ނުވަތަ އިގްތިސާދަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ލިބޭ ގޮތަށް
  އެއްވެސް ބަޔަކުކުރާ ޖިނާއީކުށުގެ އަމަލުތައް ހޯދައި، ދެނެގަނެ ތަހްގީގުކުރުން.
 8. މަގުތަކާއި، އާންމު ތަންތަނާއި، އާންމު ބޭނުންތަކަށް ހެދިފައިވާ ތަންތަނާއި އާންމު ބައްދަލުވުންތަކާއި، އަދި އާންމުން އެއްވާ ތަންތަނުގެ މަސްލަހަތު ބެލެހެއްޓުން.
 9. މަގުމަތީގެ ޓްރެފިކް ކޮންޓްރޯލްކޮށް ބެލެހެއްޓުމާއި، މަގުމަތީ ހިނގާބިނގާ އުޅުމަށާއި ދަތުރުފަތުރުކޮށް އުޅުމަށް ހުރަސްއެޅޭ ގޮތަށް ހުންނަ ތަކެތި ނެންގުވުން.
 10. އެއްގަމާއި، ކަނޑުގައި ދުއްވާ އެއްޗެހި ބޭނުންކުރުމަށާއި ދުއްވުމަށް ހެދިފައިފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން.
 11. ދިވެހިރާއްޖެއަށް ދިމާވާ ގުދުރަތީ އަދި އެނޫންވެސް ނުރައްކާތެރި ހާދިސާތަކާއި ހާލަތްތަކުގައި ފުރާނައާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމުގައާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައާއި ކުއްލި ހާލަތްތަކުގައާއި ކަނޑުމަތީގެ ހާދިސާ ތަކުގައި ހަރަކާތްތެރިވުން.
 12. ށަރްއީ އަދި ގާނޫނީ ބާރު ލިބިގެން ކުރާ އަމުރުތައް ތަންފީޒުކުރުމުގައި ފުލުހުން އަދާ ކުރަންޖެހޭ ދައުރު އަދާކުރުން.
 13. ފުލުހުންގެ ދައުރު އަދާކުރުމަށް ބޭނުންވާ މައްލޫމާތު ހޯދައި، އެއްކޮށް، ދިރާސާކޮށް، އެކަމާބެހޭ އެކަށީގެންވާ ފިޔަވަޅު އެޅުން.

 

7 ވަނަ މާއްދާ - ފުލުހުންގެ ވާޖިބުތައް

(ހ) ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ ފުލުހުންގެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމެވެ.

 1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދަށް ފުރިހައަށް ބޯލަނބައި ކިޔަމަންތެރިވުން.
 2. ފުލުހުންގެ ދައުރު އަދާކުރުމުގައި، ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެހައްގުތައް ހިމާޔަތްކުރުން.
 3.  ފުލުހުންގެ ދައުރު އަދާކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އަދި ވަކި މީހަކަށް ތައައްސުބެއްނެތި، އަދްލުވެރި ގޮތުގައި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރާއި އިހްތިޔާރު ބޭނުންކުރުން.
 4. ފުލުހުންގެ ދައުރު ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުން.
 5. ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތަށް އަމާނާތްތެރިވުމާއި ވަފާތެރިވުންމަތީ ދެމިތިބުން.
 6. ހަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއް އެންމެ ރަނގަޅަށްކުރުން.
 7. ޒާތީ، އިގްތިސާދީ، އިޖްތިމާއީ ނުވަތަ އެހެނިހެން ކުއްލި ހާލަތު މެދުވެރިވެގެން އެހީތެރިކަން ބޭނުންވެފައިވާ ކޮންމެ ފަރުދަކަށް އެހީތެރިވެދިނުމުގައާއި، ގައިރުގާނޫނީ އަމަލުތަކުން އެންމެހައި މީސްތަކުން ހިމާޔަތްކުރުމުގައި ހުރިހާ ވަގުތެއްގައިވެސް ސާބިތުކަންމަތީ ދެމިތިބުން.
 8. ފުލުހުންގެ ދައުރު އަދާކުރުމުގައި، ކޮންމެ މީހެއްގެވެސް އިންސާނިއްޔަތަށް ގަދަރުކޮށް ހުރުމަތްތެރިކޮށްހިތައި، އެންމެހައި މީސްތަކުންގެ އިންސާނީ ހައްގުތަކަށް ރައްކައުތެރިވެ އެހައްގުތައް ދެމެހެއްޓުން.
 9. ފުލުހުންގެ ވާޖިބު އަދާކުރުމުގައި އެ ހާލަތަކާ ނުބައްދަލު ބާރެއްގެ ބޭނުން ނުހިފުން.
 10. ގާނޫނުގައިވާ ގޮތުގެމަތިން މެނުވީ، ފުލުހުންނަށް ލިބޭ މައްލޫމާތު އިތުރު ފަރާތަކަށް ހާމަނުކުރުން.
 11. އެއްވެސް ހާލަތެއްގައި، އެއްވެސް މީހަކާމެދު އަނިޔާވެރި ނުވަތަ އިހާނެތި ނުވަތަ އިންސާނިއްޔަތާ ހިލާފު ނުވަތަ ރަހުމުކުޑަ ގޮތަކަށް ފުލުހުންގެ މީހަކު އަމަލު ނުކުރުމާއި، މީހަކު ލައްވާ އެފަދަ ގޮތަކަށް އަމަލު ނުކުރުވުމާއި، އެހެން މީހަކުވެސް އެފަދަ ގޮތަކަށް އަމަލު ކުރިޔަ ނުދިނުން.
 12. ފުލުހުންގެ ބެލުމުގެ ދަށުގައިތިބޭ މީހުންގެ ސިއްހީ ހާލަތަށް ފަރުވާތެރިވެ ރައްކައުތެރިވުމާއި، އެފަދަ މީހަކު ސިއްހީ ފަރުވާއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ފަރުވާ ލިބިދިނުމަށް ވަގުތުން ފިޔަވަޅު އެޅުން.
 13. ކޮރަޕްށަންގެ އެއްވެސް އަމަލެއް ނުކުރުމާއި، އެފަދަ އެންމެހައި އަމަލުތަކާ ދެކޮޅަށް ހަރަކާތްތެރިވުން.
 14. ފުލުހުންގެ ވާޖިބާ ހިލާފު ކޮންމެ އަމަލެއް ހުއްޓުވަން މަސައްކަތް ކުރުމާއި، ފުލުހުންގެ ވާޖިބާ ހިލާފު އަމަލެއް ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭކަމަށް ގަބޫލުކުރެވޭނަމަ، ކަމާބެހޭ ފަރާތްތަކަށް ވަގުތުން އެންގުން.
 15. އިސްލާމްދީނުގެ އަސްލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާއި ގަވާއިދާއި ހިލާފްނުވާ ގޮތުގެމަތިން ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވުން.
 16. ފުލުހުންގެ ވާޖިބާ ކަނޑައެޅިގެން ހިލާފުވާނެ އަމަލެއް ކުރުމަށް އަންގާ އެންގުމަކަށް، ނުވަތަ ކުރާ އަމުރަކަށް، ކިޔަމަންތެރިނުވުން.
 17. ފުލުހުންގެ ދައުރު އަދާކުރުމުގައި، އެމީހަކު ކުޅަ ކަންތައްތަކާއި، ނުކޮށް ދޫކޮށްލި ކަންތައްތަކާއި، އެމީހެއްގެ އަމުރުގެ ދަށުން މަސައްކަތްކުރާ މީހުންނަށް ކުރާ އަމުރުތަކަށް، އެމީހަކު އަމިއްލައަށް ޒިންމާވުން.

(ށ) ގާނޫނީ ގޮތުން ފުލުހުންގެ ވާޖިބު ނުވަތަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާ ކުރުމަކީ ކޮންމެ ފުލުހެއްގެ މައްޗަށްވެސް ލާޒިމު ކަމެކެވެ.

 

8 ވަނަ މާއްދާ - ފުލުހުންގެ ބާރު

(ހ) ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ކުރެވޭ ކަންތައްތަކާއި، އެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅިގެން ކުރެވޭ ކަންތައްތަކާއި، ފުލުހުންގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 (ށ) ގާނޫނުގައިވާ ގޮތުގެމަތިން މީހުން ހުއްޓުވާ ސުވާލުކުރުމާއި ކުށުގެ ތުހުމަތުގައި މީހުން ހިފާ ހައްޔަރުކުރުމާއި ތަންތަން ބަލާ ފާސްކުރުމާއި ކުށުގެ ތުހުމަތުގައިވާ މީހާގެ ހަށިގަނޑުން ސާމްޕަލްނަގައި، ހެއްކާގަރީނާ ހޯދައި، އެތަކެތި ހިފަހައްޓައި، ރައްކައުތެރިކުރުމާއި، ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރުމާއި ހައްޔަރުކުރެވޭ މީހުން ތަހުގީގަށް ބަންދުކުރުމުގެ ބާރާއި ބަންދުގައި ދެމެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - އެމީހަކީ ކާކުކަންސާާބިތުކުރެވޭނެ މައްލޫމާތު ދިނުމަށް އެންގުމުގެ ބާރު

(ހ) ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިނގަމުންދާކަމަށް ށައްކުކުރެވޭ ގެއެއް ނުވަތަ ތަނެއް ނުވަތަ އުޅަނދެއް ނުވަތަ ސަރަހައްދެއްގައި ހުރި މީހެއްގެ ކިބައިން އެމީހަކީ ކާކުކަން ޘާބިތުކުރެވޭނެ މައްލޫމާތު ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެވިފައިވާ އަމުރު ރައްދުވާ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ނުވަތަ ޕާސްޕޯޓް، ނުވަތަ އޭނާއަކީ ކާކުކަން އަންގައިދޭ ރަސްމީ އެހެން ލިޔުމެއް ހުށަހެޅުމުން މި މާއްދާގެ (ހ) ގައި ބުނެވިފައިވާ އަމުރަށް ކިޔަމަންވީކަމަށް ބެލެވޭނެއެވެ.

 

10 ވަނަ މާއްދާ - މަގު، ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ފިޔަވަޅެއް އެޅުމަކާނުލައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭނަމަ، ނުވަތަ އެއްވެސް މަގެއް ނުވަތަ ސަރަހައްދެއްގައި ގާނޫނާ ހިލާފު އަމަލެއް ހިނގާނަމަ ނުވަތަ ހިނގާފާނެކަމަށް ގަބޫލުކުރެވޭނަމަ، އެ މަގެއް ނުވަތަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް، ފުލުހުން ކަނޑައަޅާ ގޮތެއްގެމަތިން މެނުވީ އެއްވެސް މީހަކު ނުވަތަ ބަޔަކު އެ މަގަށް ނުވަތަ އެ ސަރަހައްދަށް ނުވަނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މިފަދަ އަމުރެއްގެ ދަށުން އެ މަގެއް ނުވަތަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރެވޭނީ ގިނަވެގެން މެދުނުކެނޑި 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.

(ނ) މިފަދަ އަމުރެއް ނެރެންޖެހޭނީ އެސިސްޓަންޓް ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ މަގާމެއްގައިހުރި ފުލުހުންގެ ވެރިއެކެވެ.

 

11 ވަނަ މާއްދާ - ރައްޔިތުންގެ އެހީތެރިކަމަށް އެދުމުގެ ހައްގާއި އާންމުންގެ މުދަލާއި ތަކެތި ބޭނުންކުރުން

(ހ) ފުލުހުންގެ ދައުރު އަދާކުރުމުގައި ޒަރޫރީ ހާލަތްތަކުގައި އާންމު ރައްޔިތެއްގެ އެހީތެރިކަމަށް އެދުމުގެ ހައްގާއި، އާންމު ރައްޔިތެއްގެ މުދަލެއް، އުޅަނދެއް ނުވަތަ އެއްޗެއް ބޭނުންކުރުމުގެ ހައްގު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެހީތެރިކަން ފޯރުކޮށްދިން މީހަކަށް ނުވަތަ ބޭނުންކުރާ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ގެއްލުމެއްގެ ބަދަލު އެމީހަކަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަނާވެގެންފި ކޮންމެ މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

 

12 ވަނަ މާއްދާ - ސާމާނާއި ވަސީލަތްތަކާއި ހަތިޔާރު ހޯދައި ބޭނުންކުރުން

ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުނުވާ ގޮތުގެމަތިން ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނޭ އެންމެހައި ސާމާނާއި، އާލާތްތަކާއި، ވަސީލަތާއި، ހަތިޔާރު، އެތެރެކޮށް، ގެންގުޅެ ބޭނުން ހިފުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ފުލުހުންނަށް ބާރާއި އިހްތިޔާރު ލިބިގެންވާ ދާއިރާ

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ބާރާއި އިހްތިޔާރު ލިބިގެންވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ފުލުހުންގެ ދައުރަށް ނިސްބަތްވާ އެހެން ގާނޫނުތަކާއި ގަވާއިދުތަކާ، ގާނޫނީ ނުވަތަ ށަރްއީ އަމުރުތަކުގައި ކަނޑައެޅިގެންވާ ދާއިރާގެ ތެރޭގައެވެ.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފަކާ ހަވާލުކުރެވޭ ކޮންމެ މަސައްކަތަކީ އެމީހަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ދާއިރާގެ ތެރޭގައި އެމީހަކަށް ކުޅަދާނަވެގެންވާ އެންމެ މަތީ މިންވަރަކަށް ފުރިހަމަކުރުމަށް ހަވާލުކުރެވޭ މަސައްކަތެކެވެ.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންމެ މުވައްޒަފެއްވެސް އެމީހަކަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފަންޖެހޭނީ ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންމެ މުވައްޒަފެއްވެސް އެމީހަކަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ކޮމިށަނަރ އޮފް ޕޮލިސްއަށް ޖަވާބުދާރީވާންޖެހޭނެއެވެ.

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް މުވައްޒަފަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި ނުވަތަ އެ މީހަކަށް ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ފުރިހަމަކުރުމުގައި، ގަސްދުގައި އެނގިހުރެ އެ މީހަކަށް ބާރާއި އިހްތިޔާރު ލިބިފައިވާ ދާއިރާގެ ބޭރުން އެހެން މީހެއްގެ މައްޗަށް ބާރު ހިންގައިފިނަމަ ނުވަތަ އެނޫންގޮތަކަށްވެސް އަމަލުކޮށްފިނަމަ އެ މީހަކު އެ ކުރަނީ ކުށެކެވެ.

 

14 ވަނަ މާއްދާ - ކިޔަމަންތެރިކުރުވުމަށް އެކަށީގެންވާ ބާރު ބޭނުންކުރުން

ފުލުހުންގެ ދައުރު އަދާކުރުމުގައި އެއްވެސް ފުލުހެއް ކުރާ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކައިފި މީހަކާމެދު ފުލުހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި އެ ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކާ މީހަކު ކިޔަމަންތެރި ކުރުވުމަށްޓަކައި، އެ މަގްސަދު ހާސިލުކުރެވޭނެ އެކަށީގެންވާ ބާރު ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ.

 

15 ވަނަ މާއްދާ - ފުލުހުންގެ ހައްގުތައް

ފުލުހުންގެ ކޮންމެ މީހަކަށް ލިބިގެންވާ ހައްގުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރޭގައި އެ މީހަކަށް ލިބޭ އަނިޔާއާއި ހާނީއްކައާއި އެ މީހެއްގެ މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ލިބިދިނުން.

(ށ) ފުލުހުންގެ ދައުރު އަދާކުރުމުގެ ތެރޭގައި އެ މީހަކަށް ލިބޭ އަނިޔާއާއި ހާނީއްކައަށް ސަރުކާރުގެ ހަރަދުގައި ބޭސްފަރުވާ ކުރުން.

(ނ) އެ މީހަކާމެދު ކުރެވޭ ށަކުވާ އަޑުއަހާ، އެއަށް ޖަވާބުދިނުމުގެ ފުރުސަތު އެ މީހަކަށް ލިބިދިނުމަށްފަހު މެނުވީ، އެ މީހަކާމެދު އެއްވެސް ޑިސިޕްލިނަރީ ފިޔަވަޅެއް ނޭޅުން.

(ރ) އެ މީހަކާމެދު ކުރެވޭ ށަކުވާއަކާމެދު ގޮތެއް ނިންމުމުގައި، އެ މީހަކާމެދު ށަކުވާކުރި ފަރާތުގެ ދައުރެއް ނެތުން، އަދި އެ ފަރާތުގެ އެއްވެސް ނުފޫޒެއް އެ ނިންމުމުގެ މައްޗަށް ނުހިންގުން.

(ބ) އެ މީހަކު ކުރި ކުށަކަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަދަބެއް ނުލިބުން.

(ޅ) އެ މީހަކާމެދު އަޅާ ޑިސިޕްލިނަރީ ނުވަތަ އިދާރީ ފިޔަވަޅެއް އިސްތިއުނާފުކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިށަނަށް ނުވަތަ ށަރްއީ ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބުން.

(ކ) ފުލުހުންގެ ވާޖިބާ ހިލާފު އަމަލެއް ހުއްޓުވުމަށް ކަމާބެހޭ ފަރާތަށް ކޮށްފައިވާ ރިޕޯޓެއްގެ ސަބަބުން، އެމީހަކާމެދު އެއްވެސް ޑިސިޕްލިނަރީ ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅުން.

(އ) ފުލުހުންގެ ވާޖިބާ ކަނޑައެޅިގެން ހިލާފުވާނެ އަމަލެއް ކުރުމަށް އަންގާ އެންގުމަކަށް، ނުވަތަ ކުރާ އަމުރަކަށް، ކިޔަމަންތެރިނުވުމުގެ ސަބަބުން އެ މީހަކާމެދު އެއްވެސް ޑިސިޕްލިނަރީ ނުވަތަ އިދާރީ ފިޔަވަޅެއް ނޭޅުން.

(ވ) ފުލުހަކާމެދު ކުރެވޭ ދައުވާއެއް ސާބިތުނުވެއްޖެނަމަ އެކަމުގެ ސަބަބުން އެ ފުލުހަކަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދިނުން.

 

16 ވަނަ މާއްދާ – މިނިސްޓަރު

(ހ) ރައީސުލްޖުމްހޫރިއްޔާ އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ފުލުހުންގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރެވެ.

(ށ) ރައީސުލްޖުމްހޫރިއްޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެމަތިން އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި، ތިރީގައިވާ ކަންތައްތައް ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 1. ކޮންމެ ހިނދެއްގައިވެސް، ފުލުހުންގެ ވެރިންގެ ތެރެއިން ކޮންމެ ވެރިއަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުން.
 2. ކޮންމެ ހިނދެއްގައިވެސް ވަކިވަކި ފުލުހުންނަށް ނުވަތަ ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންނަށް ސީދާ އަމުރު ކުރުން.
 3. މި ގާނޫނުގައި ބަޔާންވެގެންވާ ކަންތައްތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، މި ގާނޫނުގެ މަގްސަދު ހާސިލުކުރުމަށް އެއިރަކަށް ބޭނުންވާކަމަށް މިނިސްޓަރަށް ފެންނަ އެންމެހާ ގަވާއިދުތަކާއި އަމުރުތައް ނެރުން.

 

17 ވަނަ މާއްދާ - މިނިސްޓަރުގެ މަސްއޫލިއްޔަތު

މި ގާނޫނުގެ މަގްސަދަށްޓަކައި، މިނިސްޓަރުގެ މަސްއޫލިއްޔަތުތަކަކީ؛

(ހ) ފުލުހުންގެ ހިދްމަތުގެ ފެންވަރު ދެމެހެއްޓުމާއި މި ގާނޫނުގެ ދަށުން މިނިސްޓަރަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އަދި މިނިސްޓަރަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި، މިނިސްޓަރުގެ ނަޒަރުގައި ފުލުހުންގެ ހިދްމަތުގެ ފެންވަރު އެންމެ ފުރިހަމައަށް އިތުރުކުރެވޭނޭ ގޮތަކަށް އެ މަސްއޫލިއްޔަތު އަދާކުރުމާއި އެ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުން.

(ށ) ފުލުހުންގެ ދައުރު އަދާކުރާ ގޮތާއި ފުލުހުންގެ ހިދްމަތުގެ ފެންވަރު މަތިކޮށް ދަމަހައްޓާގޮތް އެކަށީގެންވާ ގޮތަކަށް ބަލަހައްޓައި ޖަވާބުދާރީވުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލުތަކާއި ނިޒާމުތަކާއި ގަވާއިދުތައް އެކުލަވާލުމާއި މިކަންކަމާ ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައްކާގުޅޭ ގަވާއިދުތައް ހެދުން.

 1. އާންމު ގަވާއިދު.
 2. ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސް.
 3. ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު.
 4. ވަޒީފާއާބެހޭ ގަވާއިދު.
 5. ޔުނީފޯމާބެހޭ ގަވާއިދު.
 6. ތަމްރީންކުރުމާބެހޭ ގަވާއިދު.
 7. ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދު.
 8. މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި މަގާމު ދަށްކުރުމާބެހޭ ގަވާއިދު.
 9. ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު.
 10. ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު.
 11. މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާމެދު ކުރެވޭ ށަކުވާތައް ތަހްގީގުކޮށް، އެކަންކަމާމެދު ފިޔަވަޅު އެޅުމާބެހޭ ގަވާއިދު.
 12. ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމުގެ ގަވާއިދު.
 13. ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު.
 14. ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި، ވަސީލަތާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެ ތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު.
 15. ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދު.
 16. ފުލުހުން ރިޓަޔަރ ކުރުމާބެހޭ ގަވާއިދު.
 17. ޕޮލިސް އިންޓެގްރިޓީ ކޮމިށަންގެ ގަވާއިދު.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަސް ތެރޭގައި މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރަން ފަށަންވާނެއެވެ.

 

18 ވަނަ މާއްދާ - ޕޮލިސް އިންޓެގްރިޓީ ކޮމިށަން

ޕޮލިސް އިންޓެގްރިޓީ ކޮމިށަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އަދި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މިނިވަން ގާނޫނީ ށަހްސެކެވެ.

 

19 ވަނަ މާއްދާ - ކޮމިށަންގެ މަގްސަދު

ޕޮލިސް އިންޓެގްރިޓީ ކޮމިށަންގެ މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ފުލުހުންގެ ތެރޭގައި ގާނޫނާއި ގަވާއިދަށް ކަމޭހިތުން އިތުރުކުރުން.

(ށ) ފުލުހުންގެ ތެރޭގައި ހިނގާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް މިނިވަންކަމާއެކު ތަހްގީގުކޮށް، ގާނޫނާ އެއްގޮތަށް ފިޔަވަޅުއެޅުން.

(ނ) ފުލުހުންނަށް އެބައިމީހުންގެ ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ގާނޫނީ ރައްކާތެރިކަން ލިބިދިނުން.

(ރ) ފުލުހުންގެ ހިދުމަތާބެހޭ ގޮތުން އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އިތުރުކުރުން.

 

20 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުން

(ހ) ކޮމިށަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.

(ށ) ކޮމިށަންގެ މެންބަރުން އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

 

21 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް

ކޮމިށަންގެ މެންބަރުން އައްޔަނުކުރާ މީހުންގެ ކިބައިގައި ތިރީގައިއެވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން.

(ށ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ނ) ބުއްދިހަމަޔަށް ހުރި މީހަކު ކަމުގައިވުން.

(ރ) އުމުރުން 25 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.

(ބ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) އެ މީހަކީ ކޮމިށަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހަކު ކަމުގައިވުން.

(ކ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

 (އ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނު ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

(ވ) އެއްވެސް ފުލުހެއްގެ ފިރިއެއް، އަންބެއް، ދަރިއެއް، ބައްޕައެއް ނުވަތަ މަންމައެއް ކަމުގައި ނުވުން.

 

22 ވަނަ މާއްދާ - މެންބަރުން އައްޔަނުކުރުން

(ހ) ކޮމިށަންގެ މެންބަރުން އައްޔަނުކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ދޭ މަށްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް އެދޭނީ، އަދި ރައްޔިތުންގެ މަޖިލީހުން މަށްވަރާ ދޭނީ، އަންނަނިވި ގޮތުގެމަތިންނެވެ.

 1. ކޮމިށަނަށް މެންބަރުން އައްޔަނުކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ލިޔުމަކުން، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
 2. ކޮމިށަނަށް އެފަހަރަކު އައްޔަނުކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދުނޫން އަދަދަކަށް މީހުންގެ ނަމާއި، އެމީހުންގެ ވަނަވަރު އެ ލިޔުމާއެކު ހިމެނުން.
 3. މަޖިލީހުން ކަނޑައަޅާ ގޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާ ލިޔުމަކުން، ރައީސުލްޖުމްހޫރިއްޔާއަށް އެންގުން.

(ނ) ކޮމިށަންގެ މެންބަރުކަމަށް އައްޔަނު ކުރަންވާނީ، ކޮމިށަންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހުންގެ ތެރެއިން، މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިފަތައް ފުރިމަވާ މީހުންނެވެ.

(ރ) ކޮމިށަނަށް އައްޔަނުކުރާނެ މެންބަރުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަށްވަރާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންނާއި، އާންމުކޮށް އިއްލާނުކޮށްގެން، އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންވާނެއެވެ. އަދި އެގޮތުން ހުށަހެޅޭ ނަންތަކުގެ ތެރޭގައި، ވީހާވެސް ބޮޑަށް ގައުމުގެ އެކިދާއިރާތައް ތަމްސީލުވާނެ ގޮތެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ބާރުއަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - ކޮމިށުންގެ މަސްއޫލިއްޔަތުތައް

ކޮމިށަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފުލުންނާ ބެހޭގޮތުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ށަކުވާތައް ބަލައި ތަހްގީގުކޮށް، ފިޔަވަޅުއެޅުން.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފުލުހުންގެ ފަރާތުން ހުށަހަޅާ ށަކުވާތަކާ ބެހޭ ގޮތުން އެސަރވިސުން ނިންމާ ނިންމުންތަކާ ގުޅިގެން ތަހްގީގުކުރުމަށް މިނިސްޓަރު ހުށަހަޅާ މައްސަލަތައް ތަހްގީގުކޮށް، ކަމާބެހޭ ރިޕޯޓު އަދި ފެންނަގޮތް މިނިސްޓަރަށް ހުށަހެޅުން.

 (ނ) ފުލުހަކު ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރާކަމަށް ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެކަމެއް ބަލައި ތަހްގީގުކޮށް، ކަމާބެހޭ ރިޕޯޓު އަދި ފެންނަގޮތް މިނިސްޓަރަށް ހުށަހެޅުން.

(ރ) މި ގާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހްގީގުކޮށް ކަމާބެހޭ ރިޕޯޓު އަދި ފެންނަ ގޮތް މިނިސްޓަރަށް ހުށަހެޅުން.

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ތަހްގީގުކުރުމަށް މިނިސްޓަރު ހުށަހަޅާ މައްސަލަތައް ތަހްގީގުކޮށް، ކަމާބެހޭ ރިޕޯޓާއި ފެންނަގޮތް މިނިސްޓަރަށް ހުށަހެޅުން.

(ޅ) ކޮމިށަނުން ބެލި މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިޔަށް ގެންދިޔުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން.

(ކ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރެވޭ ތަހްގީގުތަކުގެ އަލީގައި އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލުގެންނަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.

 

24 ވަނަ މާއްދާ - ކޮމިށަންގެ ރައީސް

(ހ) ކޮމިށަންގެ މެންބަރުންގެ ތެރެއިން މީހަކު، ކޮމިށަންގެ ރައީސް ކަމުގައި އައްޔަނު ކުރަންވާނެއެވެ.

(ށ) ކޮމިށަންގެ ރައީސް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

25 ވަނަ މާއްދާ - ކޮމިށަންގެ ރައީސްގެ ޒިންމާ

ކޮމިށަންގެ ރައީސްގެ ޒިންމާތަކަކީ:

(ހ) ކޮމިށަންގެ މަސައްކަތްތައް ރާވައި ހިންގުން.

(ށ) ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް ކޮމިށަންގެ މެންބަރުންނާ ބަލަން ހަވާލުކުރުން.

(ނ) ކޮމިށަންގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.

 

26 ވަނަ މާއްދާ - ކޮމިށަންގެ ނާއިބުރައީސް

(ހ) ކޮމިށަންގެ މެންބަރުންގެ ތެރެއިން މީހަކު، ކޮމިށަންގެ ނާއިބުރައީސް ކަމުގައި އައްޔަނު ކުރަންވާނެއެވެ.

(ށ) ކޮމިށަންގެ ނާއިބުރައީސް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

27 ވަނަ މާއްދާ - ކޮމިށަންގެ ނާއިބުރައީސްގެ ޒިންމާ

ކޮމިށަންގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެމަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކޮމިށަންގެ ނާއިބުރައީސެވެ. މީގެ އިތުރުން، ކޮމިށަންގެ ރައީސަށް ކޮމިށަން ހިންގުމުގައި އެހީތެރިވެދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ކޮމިށަންގެ މެންބަރުންގެ ޒިންމާ

(ހ) ކޮމިށަންގެ މެންބަރުންގެ ޒިންމާތައް ތިރީގައި އެވަނީއެވެ:

 1. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަންގެ ޖަލްސާތަކަށް ހާޒިރުވުން.
 2. ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވީ، ކޮމިށަނުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
 3. ކޮމިށަނުން ކުރާ ތަހްގީގުތައް ހިންގުން.

(ށ) ކޮމިށަންގެ ކޮންމެ މެންބަރަކުވެސް ކޮމިށަނަށް ހިދުމަތް ކުރަންވާނީ މިނިވަންކަމާއި، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކުގައެވެ. އަދި އޭނާއާ ހަވާލުކުރެވޭ ކަންކަން ކުރަންވާނީ އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ކޮމިށަންގެ އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއް ނުވަތަ މައްސަލައެއް، ކޮމިށަނުން ބަލާ ހިނދު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ކޮމިށަނުން ބަލާ މައްސަލައަކީ، މިފަދަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތްކަމެއްކަން ނުވަތަ މައްސަލައެއްކަން ކުރިން އެނގިފައިނެތް ނަމަވެސް އެކަން އެގޭހިނދު، އެކަން ކޮމިށަންގެ ރައީސަށް އެންގުމާއެކު، އެކަމެއް ނުވަތަ މައްސަލައެއް ބެލުމުން ނުވަތަ އެމައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެމެންބަރަކު ތަނާޒިލު ވާންވާނެއެވެ.

(ރ) ކޮމިށަންގެ ވަޒީފާގެ ހައިޘިއްޔަތުން މެންބަރުންނަށް ލިބޭ މައްލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައްލޫމާތެވެ. މިފަދަ މައްލޫމާތެއް ގާނޫނީ ބާރެއް ލިބިފައިވާ ފަރާތެއްގެ ތަހްގީގަކަށްޓަކައި ނުވަތަ ށަރީއަތުގެ ބޭނުމަކަށްޓަކައި މެނުވީ ކޮމިށަންގެ މަސައްކަތާ ނުގުޅޭ އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

 

29 ވަނަ މާއްދާ - މެންބަރުކަމުގެ ދައުރު

(ހ) ކޮމިށަނަށް އައްޔަނުކުރެވޭ މެންބަރަކު، އެމަގާމުގައި ދެމިހުންނާނީ އެ މެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ށ) މި ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި އެހެން ކޮންމެ މެންބަރެއް 5 (ފަހެއް) އަހަރުދުވަހުގެ އިތުރު ދައުރަކަށް ކޮމިށަނަށް އައްޔަނުކުރެވިދާނެއެވެ.

 

30 ވަނަ މާއްދާ - މަގާމު ހުސްވުން

ތިރީގައިމިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަންގެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

(ހ) މި ގާނޫނުގައިވާ ގޮތުގެމަތިން އިސްތިއުފާ ދިނުން.

(ށ) މެންބަރުކަމުގެ ދައުރު ހަމަވުން.

(ނ) މި ގާނޫނުގައިވާ ގޮތުގެމަތިން މެންބަރުކަމުން ވަކިކުރުން.

(ރ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ސިޔާސީ މަގާމަކަށްކުރިމަތިލުން.

(ބ) މި ގާނޫނުގައި މެންބަރުންގެ ސިފަތައް ކަމުގައި ބަޔާންވެފައިވާ ސިފަތަކުގެތެރެއިން ސިފައެއް އުނިވުން.

 

31 ވަނަ މާއްދާ – އިސްތިއުފާދިނުން

(ހ) ކޮމިށަންގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު އެމީހެއްގެ ވާޖިބު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ކޮމިށަންގެ ރައީސް ނުވަތަ ނާއިބުރައީސް، ރައީސްކަމުން ނުވަތަ ނާއިބުރައީސްކަމުން އިސްތިއުފާ ދިންކަމުގައިވިޔަސް، ކޮމިށަންގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދިނީ ކަމުގައި ނުބެލެވޭނެއެވެ.

 

32 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

(ހ) ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޮމިށަންގެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ.

 1. ށަރުއީ ހުކުމަކުން އިފްލާސްކުރުން.
 2. ކޮމިށަންގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުން.
 3. ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.

 

33 ވަނަ މާއްދާ - ކޮމިށަންގެ މުވައްޒަފުންނާއި ފަންނީ ލަފާދޭނޭ ފަރާތްތައް

ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކޮށް މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާނޭ މުވައްޒަފުންނާއި ވަސީލަތްތައް ސަރުކާރުން ފަހިކޮށްދޭންވާނެއެވެ.

 

34 ވަނަ މާއްދާ – މުސާރަ

(ހ) ކޮމިށަންގެ މެންބަރުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ކޮމިށަންގެ މެންބަރުންނަށް ދެވޭ މުސާރަ، މަގާމުގެ މުއްދަތުގައި އުންޏެއް ނުކުރެވޭނެއެވެ.

 

35 ވަނަ މާއްދާ - ތަހްގީގުކުރުމުގައި ކޮމިށަނަށް ލިބިގެންވާ ބާރުތަކާއި ޒިންމާ

(ހ) ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅިގެން، އަންނަނިވި ކަންކަން ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 1. ހެކިންގެ ގޮތުގައި ހާޒިރުކުރަންޖެހޭ ފަރާތްތައް ކޮމިށަނަށް ހާޒިރުކުރުމާއި ހެކިބަސް ހޯދުން؛
 2. ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ކޮމިށަނަށް ހާޒިރު ކުރުމާއި އެމީހުންގެ ހެކިބަހާއި ބަޔާންހޯދުން؛
 3. ކޮމިށަނުން ކުރަމުންދާ ތަހްގީގަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން ތަންތަނަށް ކޮމިށަންގެ މުވައްޒަފުންގޮސް އެތަންތަނާއި އެތަންތަނުގައި ހުރި ލިޔެކިޔުން ބެލުމާއި ނަކަލުކުރުމާއި ބޭނުންވެއްޖެނަމަ ކޮމިށަނަށް ގެނައުން؛
 4. ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައްލޫމާތެއް ދެވިދާނެ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުން، އެ މައްލޫމާތެއް ހޯދުން؛
 5. ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ކޮމިށަނަށް މައްލޫމާތެއް ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުން؛
 6. ކޮމިށަންގެ މެންބަރަކު އެކަނި، ނުވަތަ އެއަށްވުރެ ގިނަ މެންބަރުންގެ ކޮމިޓީއަކުން މައްސަލަ ބަލައި ތަހްގީގުކުރުން؛
 7. ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންޖެހޭ ހެކި ހޯދުމާއި ބަލައިގަތުން؛
 8. ގާނޫނީ ވަކީލުން ގަބޫލުކުރުން؛
 9. ށަރުއީ ހުކުމެއްގެ ދަށުން ނުވަތަ ގާނޫނީ އަމުރެއްގެ ދަށުން، ބަންދުކޮށްފައި ތިބޭ މީހުން ތިބޭ ކޮންމެ ތަނަކަށްވެސް ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކޮމިށަންގެ މެންބަރަކު ނުވަތަ މެންބަރުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ބަޔަކު ކޮމިށަންގެ މެންބަރަކާއެކު ނުވަތަ މެންބަރުންނާއެކު ކޮމިށަނުން ކަނޑައަޅާ ވަގުތެއްގައި ކަމާބެހޭ ފަރާތަށް ކުރިން އެންގުމަކާނުލާ ޒިޔާރަތްކުރުން.

(ށ) ކޮމިށަނުން ކުރެވޭ ތަހްގީގުތަކުގައި، މައްސަލަ ނިންމަންވާނީ، މައްސަލަ ރައްދުވާ ފަރާތުން ބުނާ އެއްޗަކަށާއި އަދި މައްސަލައިގެ ވަށައިގެންހުރި ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.

 

36 ވަނަ މާއްދާ - ކޮމިށަންގެ އެހެނިހެން ބާރުތައް

ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ކޮމިށަނަށް ލިބިގެންވެއެވެ.

(ހ) ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެހައި ސާމާނާއި، ވަސީލަތާއި، އާލާތްތައް ހޯދައި،ގެންގުޅެ، އެތަކެތީގެ ބޭނުން ހިފުން؛

(ށ) ކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހްގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި މި ގާނޫނަށް އަމަލުކުރުމުގައި ގެންގުޅޭނޭ އުސޫލުތައް އެކުލަވާލުން؛

(ނ) ކޮމިށަނުން ބެލުނު މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިޔަށް ގެންދިޔުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން.

 

37 ވަނަ މާއްދާ - އެހެން ފަރާތްތަކުން ކުރާ ތަހްގީގު

ތަހްގީގުކުރުމުގެ ގާނޫނީ ބާރުލިބިފައިވާ އެއްވެސް އިދާރާއަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފެއްގެ މައްސަލައެއް ތަހްގީގުކުރަމުން ގެންދާނަމަ، އެކަމާބެހޭ މައްލޫމާތު ކޮމިށަނަށް އެނގޭނޭ ނިޒާމެއް ކޮމިށަނުން ގާއިމް ކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - އެހެން އިދާރާއަކުން ކުރާ ތަހްގީގަކަށް ލިބިފައިވާ މައްލޫމާތު

މި ގާނޫނުގެ ދަށުން ކޮމިށަނުން ކުރަމުންގެންދާ ތަހްގީގަކަށް ބޭނުންވާ މައްލޫމާތެއް، ތަހްގީގުކުރުމުގެ ގާނޫނީ ބާރު ލިބިގެން ތަހްގީގުކުރާ މުއައްސަސާއެއްގައި ހުރި ކަމަށް ކޮމިށަނަށް ގަބޫލުކުރެވޭނަމަ، އެފަރާތަށް ލިބިފައިވާ މައްލޫމާތު ހޯދަން އެދުމާއި އެފަދަ މައްލޫމާތު ބޭނުންކުރުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - ށަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅުން ހުރި މައްސަލަ ބެލުން

ށަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅުންހުރި ފުލުހެއްގެ މައްސަލައެއް ކޮމިށަނަށް ހުށަހެޅިއްޖެނަމަ އެމައްސަލަ ބަލަންވާނީ ށަރީއަތަށް އަސަރެއްނުކުރާނޭ ގޮތެއްގެމަތިން ސިއްރު މައްސަލައެއްގެ ގޮތުގައެވެ. އަދި ށަރީއަތުގެ މަރުހަލާގައި އޮތް މައްސަލަ ށަރުއީ މަރުހަލާއިން ނުނިމެނީސް އެ މައްސަލައިގެ ރިޕޯޓު ނުވަތަ ހޯދުންތައް އާންމު ކޮށްގެންނުވާނެއެވެ.

 

40 ވަނަ މާއްދާ - ތަހްގީގާ ގުޅޭގޮތުން ލިބޭ ހެއްކާއި މައްލޫމާތު

ކޮމިށަނުން ކުރާ ތަހްގީގަކާ ގުޅިގެން ކޮމިށަނަށް ލިބޭ ހެއްކާއި މައްލޫމާތު، އެ ހެއްކާއި މައްލޫމާތު ހޯދި މައްސަލަ ނޫން އެހެން އެއްވެސް މައްސަލައެއްގައި ބޭނުމެއް ނުކުރެވޭނެއެވެ.

 

41 ވަނަ މާއްދާ - ކަނޑައެޅިފައިވާ ބާވަތްތަކުގެ ހާދިސާ ހިނގުމުން ކޮމިށަނަށް މައްލޫމާތުދިނުން

ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަން ލަސްނުކޮށް ކޮމިށަނަށް އަންގަންވާނެއެވެ.

(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ މީހަކު މަރުވުން ނުވަތަ އެފަދަ މީހަކަށް ނުރައްކާތެރި ޖިސްމާނީ އަނިޔާއެއް ލިބުން؛

(ށ) ފުލުހަކު، މީހެއްގެ ފުރާނައަށް ނުރައްކާތެރިވެދާފަދަ ހަތިޔާރެއް ގަވާއިދާ ހިލާފަށް ބޭނުންކުރުން؛

(ނ) ފުލުހަކު، ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެއްވެސް މީހަކު މަރުވުން ނުވަތަ މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުން؛

(ރ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލުން؛

(ބ) ފުލުހުންގެ ތެރޭގައި ފުލުހުންގެ ސުލޫކީ ކަންކަމުގައި ފިޔަވަޅު އެޅުން.

 

42 ވަނަ މާއްދާ - މައްސަލަ ބެލުމަށްފަހު އަމަލުކުރެވޭ ގޮތް

ކޮމިށަނުން މައްސަލައެއް ބަލާ ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) ތަހްގީގުކުރެވުނީ ފުލުހުންގެ މީހަކު ނުވަތަ ބަޔަކު ގާނޫނާއި ނުވަތަ ގަވާއިދާ ހިލާފުވެގެން ކުރެވުނު ތުހުމަތެއްގައިނަމަ، އެ ތުހުމަތަކާ ބެހޭގޮތުން ކޮމިށަނަށް ފެންނަ ގޮތާއި އަދި މައްސަލައިގައި މިނިސްޓަރު އަމަލުކުރަން ފެންނަ ގޮތެއްގެ ލަފާ މިނިސްޓަރަށް ދިނުން.

(ށ) ކޮމިށަނުން ކުރެވުނު ތަހްގީގަކާ ނުވަތަ މައްސަލައަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރުމަށް ކޮމިށަނަށް ފެންނަނަމަ އެކަން ކުރިޔަށް ގެންދިޔުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

(ނ) ކޮމިށަނުން ކުރެވުނު ތަހްގީގަކާ ގުޅިގެން، އެފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލުގެންނަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.

 

43 ވަނަ މާއްދާ - ދިފާއުވުމުގެ ފުރުސަތު

ކޮމިށަނުން ބަލައި ތަހްގީގުކުރާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތަކަށް އޭނާގެ ދިފާއުގައި ވާހަކަ ދައްކައި، ނުވަތަ ގާނޫނީ ވަކީލަކު ބޭނުންކޮށްގެން މައްސަލަ ހިނގި ގޮތް ކަމަށް އެފަރާތަކަށް ފެންނަ ގޮތެއް، ނުވަތަ އެކަމުގައި އެފަރާތަކުން އަމަލުކުރި ގޮތްކަމަށް އެފަރާތުން ބުނާ ގޮތެއް ކޮމިށަނަށް ބަޔާންކޮށްދިނުމުގެ ފުރުސަތު އެފަރާތަކަށް ދޭންވާނެއެވެ.

 

44 ވަނަ މާއްދާ - ކޮމިށަންގެ ހުށަހެޅުންތަކަށް އަމަލުކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މައްސަލައެއް ބަލައި ތަހްގީގުކުރުމަށްފަހު ކޮމިށަނުން ހުށަހަޅާ ހުށަހެޅުންތަކަށް މިނިސްޓަރު ނުވަތަ އެ ހުށަހެޅުންތައް ހުށަހެޅޭ ފަރާތަކުން އަމަލުކުރަންވާނެއެވެ. އަދި މިފަދައިން އަމަލުނުކުރާނަމަ، އަމަލުނުކުރާ ސަބަބު އެފަރާތުން ލިޔުމުން ހާމަކުރަންވާނެއެވެ.

 

45 ވަނަ މާއްދާ - އެންގުންތަކަށް ތަބާވުން

(ހ) ކޮމިށަނަށް ހާޒިރުވުމަށް، ނުވަތަ ކޮމިށަނަށް މައްލޫމާތެއް ދިނުމަށް، ނުވަތަ ކޮމިށަނަށް ލިޔުމެއް ހުށަހެޅުމަށް ނުވަތަ ކޮމިށަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުންތަކަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

(ށ) ކޮމިށަނުން ކުރަމުންގެންދާ މަސައްކަތަކާ ގުޅިގެން ހޯދުމަށް ކޮމިށަނުން އަންގާ މައްލޫމާތަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް ފިޔަވައި، ތަހްގީގުކުރުމުގެ ގާނޫނީ ބާރުލިބިގެންވާ އެހެން މުއައްސަސާއަކުން ހިންގާ ތަހްގީގެއްގައި ހިމެނޭ މައްލޫމާތެއް ނަމަ، އެފަދަ މައްލޫމާތެއް ކޮމިށަނަށް ދިނުމަށް އުޒުރުވެވިދާނެއެވެ.

(ނ) ކޮމިށަނުން ކުރަމުންގެންދާ މަސައްކަތަކާ ގުޅިގެން މައްލޫމާތެއް ދިނުމަށް ނުވަތަ ލިޔުމެއް ދިނުމަށް ކޮމިށަނުން އަންގާ މީހަކީ ނުވަތަ ފަރާތަކީ ގާނޫނީ ގޮތުން މިފަދަ މައްލޫމާތެއް ހާމަކުރުމަށް ނުވަތަ ލިޔުމެއް ދިނުމަށް އުޒުރުވެރިވެވޭނޭ ފަދަ މީހަކަށްވާނަމަ، އެ މައްލޫމާތެއް ހާމަކުރުމަށް ނުވަތަ އެ ލިޔުމެއް ދިނުމަށް އެމީހަކަށް ނުވަތަ އެފަރާތަކަށް އުޒުރުވެރިވެވިދާނެއެވެ.

 

46 ވަނަ މާއްދާ - މެންބަރުންނަށާއި މުވައްޒަފުންނަށް ދެވޭ ހިމާޔަތް

ކޮމިށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ކޮމިށަނަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގައި ގާނޫނާ ހިލާފުނުވާ ގޮތެއްގެމަތިން ކޮމިށަންގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ، ނުކޮށް ދޫކޮށްލާ ކަމަކާމެދު ދައުވާއެއް ނުއުފުލޭނެއެވެ.

 

47 ވަނަ މާއްދާ - ގަވާއިދު ހެދުން

ކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހްގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ކޮމިށަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގެންގުޅޭނޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު އެކުލަވާލާނީ ކޮމިށަނުންނެވެ.

 

48 ވަނަ މާއްދާ – ބައްދަލުވުންތައް

(ހ) ކޮމިށަންގެ ބައްދަލުވުމެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.

(ށ) ކޮމިށަންގެ ކޮންމެ ބައްދަލުވުމެއްގެވެސް ރިޔާސަތު ބަލަހައްޓާނީ، ކޮމިށަންގެ ރައީސެވެ.

(ނ) ކޮމިށަންގެ ބައްދަލުވުމަކަށް ކޮމިށަންގެ ރައީސަށް ހާޒިރު ނުވެވިއްޖެނަމަ، އެބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިށަންގެ ނާއިބުރައީސެވެ.

 (ރ) ކޮމިށަންގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ ކޮމިށަންގެ 3 (ތިނެއް) މެންބަރުންނެވެ.

 

49 ވަނަ މާއްދާ - ކޮމިށަންގެ ނިންމުންތައް

މުޅި ކޮމިށަންގެ ފެންވަރުގައި ބަލާ މައްސަލަތައް ނިންމުމުގައި، ކޮމިށަންގެ އިއްތިފާގުން އެމައްސަލަތައް ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި، ކޮމިށަންގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި، މައްސަލަތައް ނިންމާނީ، ކޮމިށަންގެ އަގްލަބިއްޔަތުންނެވެ.

 

50 ވަނަ މާއްދާ - އަހަރީ ރިޕޯޓް

(ހ) ކޮމިށަންގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓަރަށް ފޮނުވަންވާނެއެވެ.

 (ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގައިދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

 1. ކޮމިށަނަށް ހުށަހެޅުނު މައްސަލަތައް.
 2. ކޮމިށަނުން ނިންމި މައްސަލަތަކާއި، އެމައްސަލަތައް ނިންމިގޮތް.
 3. ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، ބަލަމުންގެންދާ މައްސަލަތައް.
 4. މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްލާހުކޮށް ރަނގަޅުކުރަންޖެހޭކަމަށް އެމުއްދަތުގެތެރޭގައި ކޮމިށަނުން ހުށަހެޅިކަންކަން.
 5. އިސްލާހުކުރުމަށް ހުށަހެޅި ކަންކަމުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމަލުކުރި ކަންކަމާއި، އަމަލު ނުކުރާ ކަންކަން.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް، ރައީ ސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މިނިސްޓަރަށް ފޮނުވާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، ކޮމިށަނުން އެރިޕޯޓް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

(ރ) ދިމާވާ ހާއްސަ ހާލަތެއްގައި، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާއި ގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މިނިސްޓަރަށް ހުށަހެޅުމުގެ އިހްތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - ބެލުމުގެ ބާރު ލިބިގެންވާ މައްސަލަ

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ސަރުކާރުގެ ކަމާބެހޭ ދާއިރާއަކަށް ހުށަހަޅާފައިވާ މައްސަލައެއް ފިޔަވައި، މި ގާނޫނުގެ ދަށުން ކޮމިށަނަށް މައްސަލައެއް ހުށަހެޅޭނީ އަދި ކޮމިށަނުން މައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް މައްސަލަ ބިނާވެފައިވާ ކަންތައް ހިނގާފައިވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުގެ ތާރީހެއްގައިކަމަށް ވާނަމައެވެ.

(ށ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހިނގާފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ކަމުގައިވިޔަސް، އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ކޮމިށަނުން އެމައްސަލައެއް ބެލޭނީ، އެކަމެއްގެ މައްޗަށް އެމައްސަލަ ބިނާވެފައިވާ ކަންތައް ހިނގި ތާރީހާއި އެމައްސަލައެއް ކޮމިށަނަށް ހުށަހެޅި ތާރީހާ ދެމެދު، މީލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަސް ފުރިހަމަ ނުވާނަމައެވެ.

 

52 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕޮލިސް

(ހ) ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވާ، ދުވަހުން ދުވަހަށް ހިންގާ ބަލަހައްޓާނެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ފުލުހުންގެ އެންމެ އިސް އޮފިސަރުންގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު އައްޔަނުކުރަންވާނެއެވެ.

(ށ) ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ފުލުހުންގެ އެންމެ އިސް އޮފިސަރަކީ، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެ އިސް މުވައްޒަފަކީ، ކޮމިށަނަރ އޮފް ޕޮލިސްއެވެ.

(ރ) މޯލްޑިވްސް ޕޮލިސް ސަރވިސް ހިނގަމުންދާނީ، އަދި އެސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންގެންދާނީ، ކޮމިށަނަރ އޮފް ޕޮލިސްގެ އަމުރާއި ބެލުމުގެ ދަށުންނެވެ.

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިންގުމާއި، އެސަރވިސްގެ މުވައްޒަފުންނާއި، އެސަރވިސްގެ މުވައްޒަފުންގެ މަސައްކަތާއި، އެސަރވިސްގެ ހިދްމަތުގެ ފެންވަރާމެދު ކޮމިށަނަރ އޮފް ޕޮލިސް މިނިސްޓަރަށް ޖަވާބުދާރީ ވާންވާނެއެވެ.

(ޅ) ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާގޮތާމެދު އަދި ކޮމިށަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރަށް ޖަވާބުދާރީ ވާންވާނެއެވެ.

(ކ) ކޮމިށަނަރ އޮފް ޕޮލިސްއަށް ބާރާއި އިހްތިޔާރު ލިބިގެންވަނީ، މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދާއި، ފުލުހުންގެ ދައުރަށް ނިސްބަތްވާ އެހެން ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެންވާ ދާއިރާގެ ތެރޭގައެވެ.

 

53 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު

ކޮމިށަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވާ ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުން.

(ށ) ފުލުހުންނަށް ލިބިދޭ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމަށް މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި އެކަންތައްތައް ތަންފީޒުކުރުން.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާމެދު ކުރެވޭ ށަކުވާތައް ބަލައި ތަހްގީގުކޮށް އެކަމަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކޮށް ހިންގުން.

(ރ) ފުލުހުންގެ ދައުރު އަދާކުރުމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ދަމަހައްޓައި ތަރައްގީ ކުރުމަށް ބޭނުންވާ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުމާއި ތަންފީޒުކުރުން.

(ބ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ މެދުގައި، ފުލުހުންގެ ދައުރާ އެކަށީގެންވާ ފެންވަރެއްގެ އަހްލާގީ މިންގަނޑެއް އަށަގެންނެވުމާއި ދެމެހެއްޓުން.

(ޅ) ފުލުހުންގެ ދައުރު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭނެ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮނިގަނޑު ތައްޔާރުކޮށް، އެސަރވިސްގެ މުވައްޒަފުން އިދާރީ ބައިބަޔަށް ބަހައި، އެބައިތަކަށް ވެރިން އައްޔަނުކޮށް، އެބައިތަކުން ކުރާނެ މަސައްކަތް ކަނޑައެޅުން.

(ކ) ފުލުހުންގެ ދައުރު އަދާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބޭ ބަޖެޓާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުން.

 

54 ވަނަ މާއްދާ - ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް

(ހ) ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވާ ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގައި ކޮމިށަނަރ އޮފް ޕޮލިސްއަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަނު ކުރަންވާނެއެވެ.

(ށ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަނުކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ފުލުހުންގެ ދެވަނައަށް އެންމެ އިސް އޮފިސަރަކީ، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދެވަނައަށް އެންމެ އިސް މުވައްޒަފަކީ، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.

(ރ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމަށް އެކަކަށްވުރެ ގިނަ މީހުން އައްޔަނުކުރާނަމަ، މިމާއްދާގެ (ޅ) ގައިވާ ހާލަތުގައި ކޮމިށަނަރ އޮފް ޕޮލިސް މަސްއޫލުވާ އެންމެހާ ކަންކަން ކުރުމާއި، ލިބިފައިވާ ބާރު ވަގުތީގޮތުން ހަވާލުކުރާނެ މީހަކު، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައިތިބި މީހުންގެ ތެރެއިން ކަނޑައެޅިފައި ހުންނަންވާނެއެވެ.

(ބ) ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުގައި، ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުން ބައެއްގެ ބޭނުން ހިފުމުގެ ހުއްދަ ކޮމިށަނަރ އޮފް ޕޮލިސްއަށް ދެވިދާނެއެވެ.

(ޅ) ތިރީގައި ކަނޑައަޅާފައިވާ ހާލަތްތަކުންކުރެ ހާލަތެއްގައި، މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް މަސްއޫލުވާ އެންމެހާ ކަންކަންކުރުމާއި، ލިބިފައިވާ ބާރު ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

 1. އެއްވެސް ސަބަބަކާހުރެ ކޮމިށަނަރ އޮފް ޕޮލިސް ނެތުމުން؛ ނުވަތަ
 2. ކޮމިށަނަރ އޮފް ޕޮލިސް ސަސްޕެންޑްވުމުން؛ ނުވަތަ
 3. ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވުމުން؛ ނުވަތަ
 4. އެއްވެސް ސަބަބަކާހުރެ ކޮމިށަނަރ އޮފް ޕޮލިސް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދުމުން.

 

55 ވަނަ މާއްދާ – ފުލުހުން

(ހ) ފުލުހުންގެ މަގާމުތަކާއި ރޭންކުތައް ކަނޑައަޅައި ހަމަޖައްސާނީ މިނިސްޓަރެވެ.

(ށ) މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުންނަށް ވަޒީފާދިނުމާއި މަގާމު ހަވާލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މަގާމު ދަށްކުރުމާއި މިކަންކަން ކުރާނީ ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރެވެ.

(ނ) ފުލުހުންގެ މަގާމު ނުވަތަ ވަޒީފާ އަދާކުރާތަން ކަނޑައެޅުމާއި ބަދަލުކުރުމުގެ ކަންތައްތައް ހިންގާ ބަލަހައްޓާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގައި ފުލުހެއްގެ ގޮތުގައި ހުރި ކޮންމެ މީހަކީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އައްޔަނުކޮށްފައިވާ މީހެއް ކަމުގައި ބެލެވޭނެއެވެ.

 

56 ވަނަ މާއްދާ - ސްޕެށަލް ކޮންސްޓެބްލަރީ

ފުލުހުންގެ މަގުސަދާއި، މަސްއޫލިއްޔަތާއި، ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ސްޕެށަލް ކޮންސްޓެބްލަރީގެ ނަމުގައި ހާއްސަ ފުލުހުންގެ ބަޔަކު އުފެއްދުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

(ހ) ސްޕެށަލް ކޮންސްޓެބްލަރީގައި ހިމެނޭނީ ހާއްސަ ފުލުހުންގެ ގޮތުގައި މަސައްކަތް ކުރުމަށްއެދޭ ބައެކެވެ.

(ށ) ސްޕެށަލް ކޮންސްޓެބްލަރީގެ މުވައްޒަފުންނަށް ވަޒީފާދީ، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ މި ގާނޫނުގެ ދަށުން ފުލުހުންނަށް ވަޒީފާ ދީ، ވަކިކުރުމުގައި އަމަލުކުރެވޭ ގޮތެއްގެމަތިންނެވެ.

(ނ) ސްޕެށަލް ކޮންސްޓެބްލަރީގެ މުވައްޒަފުންގެ މަގާމްތަކާއި ރޭންކްތަކާއި އެންމެހާ އިނާޔަތްތައް ކަނޑައަޅާ، ހަމަޖައްސާނީ މިނިސްޓަރެވެ.

(ރ) ސްޕެށަލް ކޮންސްޓެބްލަރީގެ މުވައްޒަފުން ވަޒީފާ އަދާކުރާ ތަންތަން ކަނޑައެޅުމާއި، ބަދަލުކުރުމުގެ ކަންތައްތައް ހިންގާ ބަލަހައްޓާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.

(ބ) ސްޕެށަލް ކޮންސްޓެބްލަރީގެ ހުރިހާ މުވައްޒަފުން މި ގާނޫނުގައި ބަޔާންކޮށްފައިވާ ފުލުހުންގެ ހުވާކުރަން ވާނެއެވެ.

(ޅ) ސްޕެށަލް ކޮންސްޓެބްލަރީގެ މުވައްޒަފުންނަށް މި ގާނޫނުގައި ފުލުހުންނަށް ލިބިގެންވާ އެންމެހާ ބާރުތަކާއި، އިހްތިޔާރުތަކާއި، ހިމާޔަތްތަކާއި ހައްގުތައް ލިބިގެންވެއެވެ.

(ކ) ސްޕެށަލް ކޮންސްޓެބްލަރީގެ މުވައްޒަފުން ވަޒީފާގައި ހަރަކާތްތެރިވާންޖެހޭނީ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ތާރީހަކުން ފެށިގެން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ މުއްދަތަކަށް މި ގާނޫނުގެ ދަށުން އެކުލަވާލެވޭ ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދުގެ ދަށުންނެވެ.

 

57 ވަނަ މާއްދާ - ތަމްރީނު ދިނުން

މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ކަންތައްތައް ހިންގާ ބަލަހައްޓާނީ ކޮމިށަނަރ އޮފް ޕޮލިސްއެވެ.

 

58 ވަނަ މާއްދާ - ފުލުހުންނަށް ށަރަފުގެ ނިށާން ދިނުން

(ހ) މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމަށް ކަނޑައަޅާނީ މިނިސްޓަރެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންނަށް ށަރަފުގެ ނިށާން ދިނުމުގެ އެންމެހާ ކަންތައްތައް ހިންގައި، ބަލަހައްޓައި އަދި އެކަންކަމާބެހޭ ގޮތުން މިނިސްޓަރަށް ލަފާދޭނެ ބޯޑެއް މިނިސްޓަރު އެކުލަވާލަންވާނެއެވެ.

 

59 ވަނަ މާއްދާ - ފުލުހުންގެ ޔުނީފޯރމާއި ށަރަފުގެ ނިށާން ހުއްދަ ނެތި ބޭނުންކުރުން

މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުގެ ދަށުން ހުއްދަ ދޭންޖެހޭ ފަރާތަކުން ހުއްދަ ލިބިގެން މެނުވީ މިމާއްދާގެ (ހ) ، އާއި (ށ) ، އަދި (ނ) ގައި ބަޔާންކޮށްފައިވާ ކަމެއް ކޮށްފި މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

(ހ) ފުލުހުން ބޭނުންކުރުމަށް ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް އުފެއްދުން ނުވަތަ ވިއްކުން ނުވަތަ ބޭނުންކުރުން.

(ށ) ފުލުހުން ބޭނުންކުރުމަށް ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް ނުވަތަ އެފަދަ އެއްޗެއްގެ ނަކަލެއް މީހަކަށް ނުވަތަ ބަޔަކަށް އޮޅުވާލުމުގެ ނިޔަތުގައި އުފެއްދުން ނުވަތަ ބޭނުންކުރުން.

(ނ) ފުލުހުން ބޭނުންކުރުމަށް ހުއްދަދީފައިވާ ރަސްމީ ޔުނީފޯމެއް ނުވަތަ ށަރަފުގެ ނިށާނެއް ބޭނުންކުރުމުގެ ހުއްދަ ނެތް މީހަކަށް ދިނުން.

 

60 ވަނަ މާއްދާ - ފުލުހުންގެ ވަޒީފާއިން އިސްތިއުފާ ދިނުން

(ހ) ކޮމިށަނަރ އޮފް ޕޮލިސްއާއި، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް ފިޔަވައި، ފުލުހުންގެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، މިނިސްޓަރަށް ލިޔުމެއް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުން މިނިސްޓަރަށް ފޮނުވިކަމުގައި ވިޔަސް އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު އެމީހެއްގެ ވާޖިބު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

(ނ) ކޮމިށަނަރ އޮފް ޕޮލިސްއާއި، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، ސަބަބު ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމެއް ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވިކަމުގައިވިޔަސް އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެމީހަކު އެމީހެއްގެ ވާޖިބު އަދާކުރުންމަތީ ދެމިހުންނަންވާނެއެވެ.

 

61 ވަނަ މާއްދާ - ށަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން

(ހ) ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ މި ގާނޫނުގެދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވި މީހެއްކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.

(ށ) ފުލުހުންގެ މީހަކު ރިޓަޔަރ ކުރެވޭނެ އަންނަނިވި ގޮތްތައް ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދުގައި ހިމަނަންވާނެއެވެ.

 1. ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމުން.
 2. ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއްމަގާމެއްގައި ހުރުމުން.
 3. ސިއްހީ ހާލަތު ތަންނުދިނުމުން.
 4. އަމިއްލަ އަށް އެދުމުން.

(ނ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ށަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހުންނަށް މި ގާނޫނުގެދަށުން ހަދާ ރިޓަޔަރމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒު ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ރ) ފުލުހެއްގެ ވަޒީފާގައި ހުރެވޭނެ އެންމެދޮށީ އުމުރަކީ 60 (ފަސްދޮޅަސް) އަހަރެވެ. މިމާއްދާއަށް އަމަލުކުރަންފަށާނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރު ދުވަސް ވުމުންނެވެ.

 

62 ވަނަ މާއްދާ - ވަޒީފާއިން ވަކިކުރުން

މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދަކާ ހިލާފުވެގެން، ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭ މީހަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް ނުލިބޭނެއެވެ.

 

63 ވަނަ މާއްދާ - ވަޒީފާއަށް ފިލުން

(ހ) ފުލުހުންގެ މީހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާން އުޅެފިނަމަ، އެމީހަކަށް މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ އަދަބުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ މީހަކު ވަޒީފާއިން ފިލިކަމަށް ބެލެވޭނީ، އެމީހަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެ، އެމީހަކާ ހަވާލުކޮށްފައިވާ ޑިއުޓީއެއް ހުއްދަނެތި ދޫކޮށް ދިއުމުން، ނުވަތަ ހުއްދަ ނުހޯދާ 14 (ސާދަ) ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުމުން، ނުވަތަ ކުއްލި ހާލަތެއްގައި، އެމީހެއްގެ މައްޗަށް ހުރި ވެރިޔަކު ކުރާ އަމުރަކާ ހިލާފަށް ވަޒީފާއަށް ނުނިކުމެ ހުރުމުން، ނުވަތަ ނުކުތުމަށް ދެކޮޅު ހެދުމުން، ނުވަތަ ދުށްމަނުންނާއި، ބަގާވާތްތެރިންނާ ކުރިމަތިލާންޖެހޭ ފަދަ އޮޕަރޭށަނަލް ހާލަތެއްގައި އެކަން އެނގި ހުރެ ފިލުމުން ނުވަތަ އަޅާނުލާ ހުރުމުންނެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންގެ މީހަކު ވަޒީފާއަށް ފިލައިގެން ދިއުމަށް ބާރުއަޅައި ނުވަތަ ހިތްވަރުދީ ނުވަތަ އެހީތެރިވެއްޖެ ކޮންމެ މީހަކު މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

 

64 ވަނަ މާއްދާ - ފުލުހުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް

ފުލުހުންގެ މުސާރައާއި އެންމެހާ އިނާޔަތްތައް ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓަރެވެ. މުސާރައާއި މާލީ އިނާޔަތްތައް ކަނޑައެޅުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ މަށްވަރާ ކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - ހިދުމަތުގައި އުޅެނިކޮށް ލިބޭ އަނިޔާ

ފުލުހުންގެ މީހަކު ހިދުމަތުގައި އުޅެނިކޮށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެނަމަ، މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހަކަށް ހައްގު ބަދަލު ލިބިދެވޭނެއެވެ.

 

66 ވަނަ މާއްދާ - ވެލްފެއަރ ފަންޑް

(ހ) ފުލުހުންގެ ވެލްފެއަރގެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ވެލްފެއަރ ފަންޑެއް އުފައްދައި، އެފަންޑުން ފުލުހުންނަށް ވެލްފެއަރގެ ކަންތައްތަކަށް ހޭދަކުރުމަށް ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، މިމާއްދާގެ (ހ) ގެ ދަށުން ވެލްފެއަރ ފަންޑު އުފައްދައި ހިންގުން ކޮމިށަނަރ އޮފް ޕޮލިސްއާ ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވެލްފެއަރ ފަންޑު ކުރިއަރުވައި، އިތުރަށް ތަރައްގީކުރުމަށްޓަކައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށާއި، އަދި ފުލުހުންގެ ވަޒީފާއިން ށަރަފުވެރިކަމާއެކު ވަކިވާ މީހުންނަށް އަމާޒުކޮށްގެން ކޯޕަރޭޓިވް އުސޫލުން ވިޔަފާރިކުރެވިދާނެއެވެ.

(ރ) މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ ވިޔަފާރިކުރުމަށްޓަކައި އުފައްދަންޖެހޭ ގާނޫނީ ށަހްސު، ޖަމްއިއްޔާ ނުވަތަ ޖަމާއަތްތައް ފުލުހުންގެ ތެރެއިން އުފެއްދުމަށް، އެކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން، ހުއްދަ ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

 

67 ވަނަ މާއްދާ - ފުލުހުންނަށް ދެވޭ އިދާރީ އަދަބު

(ހ) މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުގައި ފުލުހުން އަމަލުކުރުމަށް ކަނޑައެޅިފައިވާގޮތާ ހިލާފުވެއްޖެނަމަ، އެކުޅަ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި މި ގާނޫނުގެދަށުން ހަދާ ގަވާއިދުގެ ދަށުން އެކަމަކަށް ކަނޑައެޅިފައިވާ އިދާރީ އަދަބެއް ދެވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުގައި، ކަނޑައަޅަންވާނީ އަންނަނިވި އަދަބުތަކެވެ.

 1. ކައުންސެލިން ދިނުން.
 2. ހާއްސަ ތަމްރީން ފުރިހަމަކުރުވުން.
 3. ގާބިލްކަން އިތުރުކުރުވާ ފަދަ ހާއްސަ ކައުންސެލިން ދިނުން.
 4. ވަޒީފާ އަދާކުރާތަން ބަދަލުކުރުން.
 5. ކައިރިން ސުޕަރވައިޒްކުރެވޭ ގޮތަށް ވަޒީފާ އަދާކުރުވުން.
 6. ރޭންކު ދަށްކުރުން.
 7. ވަޒީފާއިން ވަކިކުރުން.

 (ނ) ގާނޫނާއި ގަވާއިދާ ހިލާފަށް ފުލުހުން ކުރާ އަމަލަކާމެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

68 ވަނަ މާއްދާ - ފުލުހުންނަށް ލިބިގެންވާ ހިމާޔަތް

(ހ) ފުލުހުންގެ ދައުރު އަދާކުރުމުގައި މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފުލުހަކު އޭނާގެ ރަސްމީ ހައިސިއްޔަތުން ނުބައި ނިޔަތެއް ނެތި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު އެމީހެއްގެ މައްޗަށް އެއްވެސް ދައްވާއެއް ނުއުފުލޭނެއެވެ.

(ށ) ފުލުހުންގެ ދައުރު އަދާކުރުމުގައި މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފުލުހަކު އޭނާގެ ރަސްމީ ހައިސިއްޔަތުން ނުބައި ނިޔަތެއް ނެތި ކުރާ ކަމެއްގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން ލިބޭ އެއްވެސް އަނިޔާއަކަށް ނުވަތަ ގެއްލުމަކަށް އެއަމަލުކުރި ނުވަތަ ނުކޮށް ދޫކޮށްލި ފުލުހެއް ޒިންމާދާރެއް ނުކުރެވޭނެއެވެ.

(ނ) ފުލުހުންގެ ދައުރު އަދާކުރުމުގައި އެއްވެސް ފުލުހެއް ކުރާ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަކަން ދައްކައިފި މީހަކާމެދު ފުލުހުންނަށް ލިބިދޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގެ ސަބަބުން އެމީހަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ އެމީހެއްގެ ނުވަތަ އެހެން މީހެއްގެ މިލްކަކަށް ނުވަތަ މުދަލަކަށް ލިބޭ އެންމެހާ އަނިޔާ ނުވަތަ ހާނީއްކަ ނުވަތަ ގެއްލުމަކަށް ފުރިހަމައަށް ޒިންމާވާންޖެހޭނީ އެނުކިޔަމަންތެރިކަން ދެއްކި ނުވަތަ އެގަދަފަދަކަން ދެއްކި މީހެކެވެ.

(ރ) ފުލުންހުންގެ މީހަކު އެމީހެއްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ކަމަށް ނުވާނަމަ، އެމީހަކު ވަޒީފާއިން ވަކިވުމަށްފަހުގައިވެސް އެމީހަކަށް މި މާއްދާގެ (ހ) ، (ށ) އަދި (ނ) ގެ ދަށުން ލިބިދީފައިވާ ހިމާޔަތް ލިބިގެންވެއެވެ.

 

69 ވަނަ މާއްދާ - ފުލުހުން ކުރުން މަނާ ކަންތައް

ފުލުހުންގެ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް މިމާއްދާގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ހ) ވަކި ފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެފަދަ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން.

(ށ) ވަކި ފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެކަމާމެދު އާންމު ރައްޔިތުންގެ ހިތުގައި ށައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން.

(ނ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން، ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި އަމަލީގޮތުން ބައިވެރިވުން، ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކަށް މާލީ ހޭދައެއްކުރުން.

 

70 ވަނަ މާއްދާ - ވޯޓުލުމުގެ ހައްގު

ފުލުހުންގެ ކޮންމެ މީހަކަންމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހިރައްޔިތުންނަށް ލިބިދޭ ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.

 

71 ވަނަ މާއްދާ - ސިފައިންގެ އެހީތެރިކަމަށް އެދުން

(ހ) ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ސިފައިންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ފުލުހުންނަށް ސިފައިންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.

(ށ) ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފިޔަވައި ފުލުހުންނަށް ލިބިގެންވާ ގާނޫނީ އެއްވެސް ބާރެއް ސިފައިންނަށް ބޭނުންކުރެވޭނީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެފަދަ އެހީއަކަށް މިނިސްޓަރު ލިޔުމަކުން އެދުމުންނެވެ.

(ނ) ދިމާވެފައިވާ ހާލަތަކީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ އެހީއަކަށް ލިޔުމަކުން އެދެވެންނެތް ހާލަތަކަށްވާނަމަ އެފަދަ އެހީއަކަށް އަނގަބަހުން އެދުނުކަމުގައިވީ ނަމަވެސް ވީއެންމެ އަވަހަކަށް ލިޔުމުން އެކަމަށް އެދެންވާނެއެވެ.

 

72 ވަނަ މާއްދާ - ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުން ނުވަތަ ހުރަސްއެޅުން

(ހ) ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުން ނުވަތަ ހުރަސްއެޅުން ނުވަތަ މިއިން ކަމެއް ކުރަން އުޅުމަކީ ކުށެކެވެ.

 (ށ) ތިރީގައިވާ އެއްވެސް ކަމެއް ކުރުމަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުން ނުވަތަ ހުރަސްއެޅުން ނުވަތަ މިއިން ކަމެއް ކުރަން އުޅުންކަމަށް ބެލެވޭނެއެވެ.

 1. ފުލުހުންނަށް ލިބިފައިވާ އެއްވެސް ގާނޫނީ ބާރެއް ނުވަތަ އިހްތިޔާރެއްގެ ބޭނުން ހިފުމަށް އެއްވެސް މާނައެއްގައި ހުރަސްއެޅުން ނުވަތަ ހުރަސްއެޅޭނެފަދަ ކަމެއްކުރުން، ނުވަތަ މިއިން ކަމެއް ކުރަން ރޭވުން ނުވަތަ މިއިން ކަމެއް ކުރުމުގައި ބައިވެރިވުން ނުވަތަ މިއިން ކަމެއް ކުރުމަށް ގޮވާލުން ނުވަތަ ހިތްވަރުދިނުން ނުވަތަ އެހީތެރިވެދިނުން ނުވަތަ މިއިން ކަމެއް ކުރަން އުޅުން.
 2. ފުލުހުންނަށް ލިބިފައިވާ އެއްވެސް ގާނޫނީ ބާރެއް ނުވަތަ އިހްތިޔާރެއްގެ ދަށުންކުރާ އަމުރަކަށް ނުކިޔަމަންތެރިވުން ނުވަތަ އެއަމުރު ރައްދުވާ މީހަކު އެއަމުރަށް ނުކިޔަމަންތެރިވުމަށް ގޮވާލައި، ހިތްވަރުދީ ނުވަތަ އެނޫންގޮތަކުންވެސް އެހީތެރިވެދިނުން، ނުވަތަ މިއިން ކަމެއްގައި ބައިވެރިވުން ނުވަތަ މިއިން ކަމެއް ކުރަން އުޅުން ނުވަތަ ރޭވުން.

(ނ) ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފި ނުވަތަ ހުރަސްއަޅައިފި ނުވަތަ މިއިން ކަމެއް ކުރަން މަސައްކަތްކޮށްފި ކޮންމެ މީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

73 ވަނަ މާއްދާ - ފުލުހުންގެ ދައުރު އަދާކުރަންހުރި މީހަކަށް ހަމަލާދިނުން

ފުލުހުންގެ ދައުރު އަދާކުރަންހުރި މީހަކަށް ހަމަލާދިނުން ނުވަތަ ހަމަލާދޭން މަސައްކަތް ކުރުމަކީ ކުށެކެވެ.

 

74 ވަނަ މާއްދާ - ބާތިލު އަމުރު

(ހ) މި ގާނޫނާއި މި ގާނޫނުގެދަށުން ހަދާ އެއްވެސް ގަވާއިދަކާ ހިލާފުވާ ގޮތަކަށް އެއްވެސް އަމުރެއް ކުރާނަމަ، އެއަމުރެއްގެ ހިލާފުވާ ބައެއްވާނީ ބާތިލު އެއްޗަކަށެވެ.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް މުވައްޒަފަކު، ގަސްދުގައި އެނގިހުރެ ބާތިލު އަމުރެއް ކުރުމަކީ ކުށެކެވެ.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް މުވައްޒަފަކު ބާތިލު އަމުރަކަށް ގަސްދުގައި އެނގިހުރެ ކިޔަމަންވުމަކީ ކުށެކެވެ.

 

75 ވަނަ މާއްދާ - ވަކި އަދަބެއް ކަނޑައެޅިފައި ނުވާ ކުށުގެ އަދަބު

މި ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކުށަކަށް ދެވޭނެ އަދަބަކީ 12,000 (ބާރަ ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 6 (ހައެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، ނުވަތަ 12,000 (ބާރަ ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު 6 (ހައެއް) މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.

 

76 ވަނަ މާއްދާ – މާނަ

(ހ) މިމާއްދާގެ (ށ) އާއި ހިލާފުނުވާނަމަ، މި ގާނޫނުގެ މާއްދާތައް މާނަކުރާނީ އެމާއްދާތަކުގެ އިބާރާތުން ދޭހަވާ އާންމު މާނައާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ތިރީގައިވާ ބަސްބަހާއި އިބާރާތްތައް މާނަކުރާނީ ތިރީގައިއެވާ ގޮތަށެވެ.

 1. "މިނިސްޓަރު" ގެ މާނައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއް ހިންގުމަށް ހުންނަ މިނިސްޓަރެވެ.
 2. "ފުލުހުން" ގެ މާނައަކީ ފުލުހުންގެ ހުވާ ކޮށްފައިތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނެވެ.
 3. "ކޮމިށަން" ކަމަށް ބަޔާންކޮށްފައި އެވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިށަނަށެވެ.
 4. "ފަނޑިޔާރުން" ކަމަށް ބުނެފައި އެވަނީ ށަރީއަތް ކުރުމަށްޓަކައި ގާނޫނުއަސާސީގައިވާ ގޮތުގެމަތިން އައްޔަނުކުރާ ކޮންމެ މީހަކަށެވެ.

 

77 ވަނަ މާއްދާ - އަމަލުކުރަންފަށާ ތާރީހް

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާދުވަހުން ފެށިގެންނެވެ.

 

 

 

 

ޖަދުވަލު

ފުލުހުންގެ ހުވާ

 

އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓާ، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ހުވާކުރަމެވެ. 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފުލުހުންގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-05)

 

އުވި ގާނޫނު

މި ގާނޫނުވަނީ ގާނޫނު ނަންބަރު 2020-34 (ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ދަށުން އުވާލެވިފައި

 

މި ގާނޫގެ ދަށުން ހެދިފައިވާ ގަވާއިދު

 1. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-106)
 2. ޕޮލިސް ރިކޯޑު ހާމަކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-159)
 3. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-40)
 4. ޔުނިފޯމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-46)
 5. ޕޮލިސް އިންޓެގްރިޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-39)
 6. ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-33)
 7. މާލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 558/2013)
 8. ކްރައިމް ޕްރެވެންށަން ކޮމިޓީގެ ގަވާއިދު (2013)
 9. ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދު (2013)
 10. ޕޮލިސް އިންޓަރގްރެޓީ ކޮމިށަނުން މައްސަލަތައް ބަލައި އަމަލުކުރާ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2011-46)
 11. ވަޒީފާއާބެހޭ ގަވާއިދު (މޯލްޑިވްސް ޕޮލިސް ސަރިވިސް) (ގަވާއިދު ނަންބަރު 2009-04)
 12. ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދު - 2009
 13. ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ ސާމާނާއި، ވަސީލަތާއި، އާލާތްތައް ގެންގުޅެ، ބަލަހައްޓައި، އެތަކެތީގެ ބޭނުން ހިފުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު MPS-12009-04-1)
 14. ފުލުހުންގެ އާންމު ގަވާއިދު (2009)
 15. ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު (2009)
 16. މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު އެމް.ޕީ.އެސް. 4-2009/20)
 17. ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އަދި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު (2009)
 18. ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު (2008)
 19. މަގާމުގެ ކުރިއެރުމާއި ށަރަފުގެ ނިށާން ދިނުމާއި، މަގާމު ދަށްކުރުމާބެހޭ ގަވާއިދު (2008)
 20. ފުލުހުން ރިޓަޔަރ ކުރުމާބެހޭ ގަވާއިދު (2008)
 21. ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު (2008)
 22. ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު (2008)

 

ގުޅުން ހުރި ގަވާއިދު

އިއްޒަތްތެރިންނަށާއި މުއައްސަސާތަކަށް ސެކިއުރިޓީ ދިނުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވާއިދު (2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު