-

 ޕާޓްނަރށިޕްގެ ގާނޫނު

(ގާނޫނު ނަންބަރު 2011-13)

(މި ގާނޫނުން ވަނީ ގާނޫނު ނަންބަރު 1996-09 އުވާލެވިފައި)

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ)  މިއީ، ދިވެހިރާއްޖޭގައި ޕާޓްނަރށިޕް އުފެއްދުމާއި، ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޕާޓްނަރށިޕްގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – ޕާޓްނަރށިޕް

(ހ) ޕާޓްނަރށިޕަކީ، ވިޔަފާރިކުރުމުގެ މަގްސަދުގައި، ނުވަތަ އާމްދަނީ ހޯދުމަށް ވިޔަފާރީގެ އުސޫލުން މަސައްކަތެއްކުރުމުގެ މަގްސަދުގައި، ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން، ވަކި ނަމެއްގައި އުފައްދާ ވިޔަފާރި ޖަމާއަތެކެވެ.

(ށ) ޕާޓްނަރށިޕަކީ، އެ ޕާޓްނަރށިޕް އުފެދުމުން، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު އޮތް، އަދި އަމިއްލަ ނަމުގައި މުދާ ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ގާނޫނީ ށަހްސެކެވެ.

(ނ) މި ގާނޫނުގެ ދަށުން ޕާޓްނަރށިޕް ބެހިގެންވަނީ އަންނަނިވި ދެ ބާވަތަށެވެ.

  1. ޖެނެރަލް ޕާޓްނަރށިޕް؛ އަދި
  2. ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕް.

 

3 ވަނަ މާއްދާ - ޖެނެރަލް ޕާޓްނަރށިޕް

(ހ) ޖެނެރަލް ޕާޓްނަރށިޕަކީ، އެ ޕާޓްނަރށިޕްގައި ހިމެނޭ ކޮންމެ ޕާޓްނަރަކުމެ، އެ ޕާޓްނަރށިޕްގެ ދަރަންޏަށް ވަކިވަކިންނާއި އެކުގައި ޒިންމާ އުފުލަންޖެހޭ އަދި އެގޮތުން އުފުލަންޖެހޭ ޒިންމާގެ މިންވަރު ކަނޑައެޅިފައިނުވާ ޕާޓްނަރށިޕެވެ. އަދި އެ ޕާޓްނަރށިޕްގެ ކަންކަން ހިންގުމުގައި އެ ޕާޓްނަރށިޕްގެ ކޮންމެ ޕާޓްނަރަކީ އެ ޕާޓްނަރށިޕްގެ އެހެން ޕާޓްނަރުންގެ އޭޖެންޓެއްކަމުގައި ބެލެވޭނެއެވެ.

(ށ) ޖެނެރަލް ޕާޓްނަރށިޕެއްގެ ޕާޓްނަރަކަށް ވެވޭނީ ހަމައެކަނި ތަބީއީ ށަހްސަކަށެވެ.

 

4 ވަނަ މާއްދާ - ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕް

(ހ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖެނެރަލް ޕާޓްނަރށިޕާ ހިލާފަށް، އެ ޕާޓްނަރށިޕްގެ ޕާޓްނަރުންނާ ވަކިން އުފެދޭ ގާނޫނީ ށަހްސެކެވެ. އަދި އެ ޕާޓްނަރށިޕްގެ ދަރަންޏަށް އެ ޕާޓްނަރށިޕްގެ ޕާޓްނަރުން ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިގެންވެއެވެ. އަދި އެ ޒިންމާ އޮންނާނީ، ޕާޓްނަރށިޕުން އޭނާ ގަނެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ނުދައްކާ އޮތްނަމަ، އެ މިންވަރެއްގެ ނިސްބަތަށެވެ.

(ށ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ޕާޓްނަރަކަށް ވެވޭނީ ތަބީއީ ށަހްސަކަށް ނުވަތަ ގާނޫނީ ށަހްސަކަށެވެ.

 

5 ވަނަ މާއްދާ - ހާއްސަ އުސޫލުތައް ހިނގުން

ޖެނެރަލް ޕާޓްނަރށިޕާ ގުޅޭ ވަކި އުސޫލުތަކެއް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕާ ގުޅޭ ވަކި އުސޫލުތަކެއް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ޖެނެރަލް ޕާޓްނަރށިޕްގެ މައްޗަށާއި ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕްގެ މައްޗަށް ހިނގާނީ، ޕާޓްނަރށިޕާ ގުޅޭގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކެވެ.

 

ދެވަނަ ބާބު

ޕާޓްނަރށިޕް އުފެއްދުމާއި ހިންގުން

6 ވަނަ މާއްދާ - ޕާޓްނަރުންގެ އަދަދު

ޕާޓްނަރށިޕެއްގައި ތިބެވޭނީ ގިނަވެގެން 20 (ވިހި)  ޕާޓްނަރުންނަށެވެ.

 

7 ވަނަ މާއްދާ – ޕާޓްނަރށިޕްގެ މުދަލާއި ފައިސާ

(ހ) ޕާޓްނަރށިޕެއްގެ ނަމުގައި، ނުވަތަ ޕާޓްނަރށިޕަކުން ކުރާ ވިޔަފާރީގެ ބޭނުމަށް ހޯދާ އެންމެހައި މުދަލާއި، ފައިސާއާއި، އެ މުދަލާއި ފައިސާއާ ގުޅިފައިވާ އެންމެހައި ހައްގުތަކާއި މަސްލަހަތުތަކަކީ، އެ ޕާޓްނަރށިޕެއްގެ މިލްކެކެވެ.

(ށ) ޕާޓްނަރށިޕެއްގެ މުދަލާއި ފައިސާ ބޭނުންކުރަންވާނީ، އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން، ހަމައެކަނި އެ ޕާޓްނަރށިޕެއްގެ ބޭނުމަށެވެ.

 

8 ވަނަ މާއްދާ – ޕާޓްނަރށިޕްގެ ލިޔެކިޔުން ބެލެހެއްޓުން

(ހ) ކޮންމެ ޕާޓްނަރށިޕެއްގެ ލިޔެކިޔުންތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ޕާޓްނަރށިޕަކުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް، އެ  ޕާޓްނަރށިޕެއްގެ ޕާޓްނަރުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ބެލުމުގެ ފުރުސަތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެ ޕާޓްނަރށިޕްގެ އޮފީހުގައި ހަމަޖެހިފައި އޮންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ޕާޓްނަރށިޕުން ކަމެއް ނިންމުން

މި ގާނޫނުގައި ނުވަތަ ޕާޓްނަރށިޕްގެ އެއްބަސްވުމުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޕާޓްނަރށިޕުން ނިންމަންޖެހޭ ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ، އެ ޕާޓްނަރށިޕްގެ ޕާޓްނަރުންގެ އަގުލަބިއްޔަތުންނެވެ.

 

10 ވަނަ މާއްދާ - މެނޭޖިންގ ޕާޓްނަރު

(ހ) ކޮންމެ  ޕާޓްނަރށިޕެއްގައި މެނޭޖިންގ ޕާޓްނަރެއް ހުންނަންވާނެއެވެ.

(ށ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން،  ޕާޓްނަރށިޕް ހިންގައި، އެ ޕާޓްނަރށިޕްގެ ހުރިހާ ކަމެއް ބަލަހައްޓާނީ، މެނޭޖިންގ ޕާޓްނަރެވެ.

(ނ) މެނޭޖިންގ ޕާޓްނަރަކީ، އާންމު ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ތަބީއީ ށަހްސަކަށް ވާންވާނެއެވެ.

 

11 ވަނަ މާއްދާ - މެނޭޖިންގ ޕާޓްނަރުގެ މަސްއޫލިއްޔަތުތައް

މެނޭޖިންގ ޕާޓްނަރުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ޕާޓްނަރށިޕްގެ އެއްވެސް މައުލޫމާތެއް ބަދަލުވެއްޖެނަމަ، އެ މައުލޫމާތެއް 7 (ހަތެއް)  ދުވަހުގެ ތެރޭގައި ރެޖިސްޓްރާރަށް އެންގުން؛

(ށ) ޕާޓްނަރށިޕާ ގުޅޭގޮތުން ދައްކަންޖެހޭ ފީއާއި އެހެނިހެން ފައިސާ ދައްކަންޖެހޭ ގޮތުގެމަތިން ދެއްކުން؛

(ނ) ޕާޓްނަރށިޕާ ގުޅޭގޮތުން ރެޖިސްޓްރާރާއެކު ކުރަންޖެހޭ މުއާމަލާތްތައް ކުރުން؛ އަދި

(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، ޕާޓްނަރށިޕްގެ އެއްބަސްވުމުގައި، ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރުގެ މަސްއޫލިއްޔަތުކަމަށް ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ކުރުން.

 

ތިންވަނަ ބާބު

ރަޖިސްޓްރީކުރުން

12 ވަނަ މާއްދާ - ރަޖިސްޓްރީކުރަން އެދި ހުށަހެޅުން

(ހ) ޕާޓްނަރށިޕެއް އުފައްދާ ފަރާތްތަކުން، މި ގާނޫނުގައިވާ ގޮތުގެމަތިން އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށްޓަކައި، މިނިސްޓްރީން ކަނޑައަޅާ ފޯމު މެދުވެރިކޮށް ރެޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާއިރު، ޕާޓްނަރށިޕެއްގެ އެއްބަސްވުން ރެޖިސްޓްރާރަށް ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ – ރަޖިސްޓްރީކޮށްދިނުން

(ހ) ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށްދިނުމަށް އެދި މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ރެޖިސްޓްރާރަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާ ގުޅޭގޮތުން ރެޖިސްޓްރާރ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ހުށަހެޅުމެއްގައި މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށް، މި ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމަނަންވާނެއެވެ.

(ށ) ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށްދެވޭނީ، އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށްޓަކައި މި ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައިވާ ރަޖިސްޓްރީ ފީ، ދެއްކުމުންނެވެ.

 

14 ވަނަ މާއްދާ - ރަޖިސްޓްރީކުރިކަމުގެ ސެޓްފިކެޓް

މި ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށްދީފިނަމަ، އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރިކަމުގެ ސެޓްފިކެޓެއް، އެ ޕާޓްނަރށިޕެއްގެ މެނޭޖިންގ ޕާޓްނަރަށް ރެޖިސްޓްރާރ ދޫކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ޕާޓްނަރށިޕް ވުޖޫދަށްއައުން

ޕާޓްނަރށިޕް ވުޖޫދަށްއައި ތާރީހުކަމުގައި ބަލާނީ، މި ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އެ ޕާޓްނަރށިޕް ރަޖިސްޓްރީކުރިކަމުގެ ސެޓްފިކެޓް ރެޖިސްޓްރާރ ދޫކުރާ ތާރީހުކަމަށް އެ ލިޔުމުގައި ބަޔާންކުރާ ތާރީހެވެ.

 

16 ވަނަ މާއްދާ – ޕާޓްނަރށިޕްގެ އެއްބަސްވުން

(ހ) ކޮންމެ ޕާޓްނަރށިޕެއްގައިވެސް، އެ ޕާޓްނަރށިޕެއް އުފައްދާ ފަރާތްތަކުގެ މެދުގައި ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޕާޓްނަރށިޕްގެ އެންމެހައި ކަންކަން ހިންގަންވާނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިންނެވެ.

(ނ) ޕާޓްނަރށިޕްގެ އެއްބަސްވުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ޕާޓްނަރށިޕްގެ ނަން؛
  2. ޕާޓްނަރށިޕް ރަޖިސްޓްރީކުރަން ބޭނުންވާ އެޑްރެސް؛
  3. ޕާޓްނަރށިޕްގެ ބާވަތް؛
  4. ވަކި މުއްދަތަކަށް އުފައްދާ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕެއްގެ މުއްދަތު؛
  5. ޕާޓްނަރށިޕް އުފައްދާ މަގްސަދުތައް؛
  6. ޕާޓްނަރށިޕްގެ ޕާޓްނަރުންނާގުޅޭ އަންނަނިވި މައުލޫމާތު:-
    (ހހ) ޕާޓްނަރަކީ ތަބީއީ ށަހްސެއްނަމަ، ޕާޓްނަރުގެ ނަމާއި، އެޑްރެހާއި، ގައުމީ ނިސްބަތް، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓް ނަންބަރު؛
    (ށށ) ޕާޓްނަރަކީ ގާނޫނީ ށަހްސެއްނަމަ، ރަޖިސްޓްރީކޮށްފައިވާ ނަމާއި، އެޑްރެހާއި، ގައުމާއި، ރަޖިސްޓްރީ ނަންބަރު އަދި ލިޔެކިޔުން ފޮނުވާނެ އެޑްރެސް؛
  7. ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރުގެ ނަން؛
  8. ޕާޓްނަރށިޕްގެ ރައުސްމާލާއި، އެ ޕާޓްނަރށިޕެއްގެ ކޮންމެ ޕާޓްނަރެއްގެ ހިއްސާގެ މިންވަރު؛
  9. ޕާޓްނަރުންގެ މެދުގައި ފައިދާ ބަހާނެ ގޮތާއި، ދަރަންޏަށް ޒިންމާ އުފުލާނެ ގޮތް؛
  10. ޕާޓްނަރށިޕްގައި ބައިވެރިވެވޭނެ ގޮތާއި، ޕާޓްނަރށިޕުން ވަކިވެވޭނެ ގޮތާއި، ޕާޓްނަރުން ވަކިކުރެވޭނެ ގޮތް؛ އަދި
  11. ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ހުންނަންޖެހޭކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެހެނިހެން މައުލޫމާތު.

 

17 ވަނަ މާއްދާ – ރަޖިސްޓްރީވުމުގެ ކުރިން ވިޔަފާރި ނުކުރުން

(ހ) މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓްނަރށިޕަކުން، އެ ޕާޓްނަރށިޕް ރަޖިސްޓްރީކުރިކަމުގެ ސެޓްފިކެޓް ލިބުމަށް ފަހުގައި މެނުވީ، އެ ޕާޓްނަރށިޕްގެ ނަމުގައި އެއްވެސް ވިޔަފާރިއެއްކޮށް، އެއްވެސް މަސައްކަތެއްކޮށް، ނުވަތަ އެއްވެސް ހިދުމަތެއް ދީ ހަދައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަމަކަށް ޒިންމާވާނީ، އެކަމެއް ކުރި ފަރާތަކުންނެވެ.

 

ހަތަރުވަނަ ބާބު

ޕާޓްނަރށިޕްގެ ނަން

18 ވަނަ މާއްދާ – ޕާޓްނަރށިޕްގެ ނަން

(ހ) ޕާޓްނަރށިޕެއްގެ ނަމުގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ، އަންނަނިވި ބާވަތުގެ ތެރެއިން ނަމެއްގައެވެ.

  1. އެ ޕާޓްނަރށިޕެއްގެ ހުރިހާ ޕާޓްނަރުންގެ ނަން ހިމެނޭގޮތަށް އޮތް ނަމެއް؛
  2. އެ ޕާޓްނަރށިޕެއްގެ ޕާޓްނަރެއްގެ ނުވަތަ ބައެއް ޕާޓްނަރުންގެ ނަމާއެކު ކިޔޭގޮތަށް އޮތް ނަމެއް؛
  3. އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުންގެ ނަންތައް ގުޅުވައިގެން ހަދާ އެއް ނަމެއްގެ މައްޗަށް އޮތް ނަމެއް؛ ނުވަތަ
  4. އެ ޕާޓްނަރށިޕުން ކުރާ މަސައްކަތް ދޭހަވާގޮތަށް އޮތް ނަމެއް.

(ށ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ނަމުގެ ބައެއްގެ ގޮތުގައި، އެ ނަމުގެ ފަހަތުގައި "ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕް" ނުވަތަ އޭގެ ރަމްޒު ކަމުގައިވާ "ލ.ލ.ޕ" ނުވަތަ "އެލް.އެލް.ޕީ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

19 ވަނަ މާއްދާ - ޕާޓްނަރށިޕްގެ ނަން ބޭނުންކުރުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރށިޕަކުން، އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށްފައިވާ ނަން ފިޔަވައި އެހެން ނަމެއްގައި ވިޔަފާރިކޮށް، ނުވަތަ މަސައްކަތްކޮށް، ނުވަތަ ހިދުމަތް ދީ ހަދައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ)  އެހެން އޮތުމަކުން ޕާޓްނަރށިޕުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަކި ކަމެއް ކުރުމަށްޓަކައި ވަކި ވިޔަފާރި ނަމެއް ރަޖިސްޓްރީކުރުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

20 ވަނަ މާއްދާ - ރަޖިސްޓްރީކޮށްނުދެވޭނެ ނަން

(ހ) މި ގާނޫނުގެ ދަށުން ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތަކުން ޕާޓްނަރށިޕްގެ ނަން ކަމުގައި ހުށަހަޅާ ނަމަކީ ތިރީގައި ބަޔާންކޮށްފައިވާފަދަ ނަމެއްކަމުގައި ވާނަމަ، އެ ނަން ރަޖިސްޓްރީކޮށްނުދިނުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ. ނުވަތަ މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްދީފައިވާ ޕާޓްނަރށިޕެއްގެ ނަން ބަދަލުކުރުމަށް އެދެނީ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ނަމަކަށް ކަމުގައިވާނަމަ، އެ ޕާޓްނަރށިޕެއްގެ ނަން ބަދަލުކޮށްނުދިނުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

  1. އެ ނަމަކީ، ރަޖިސްޓްރީކޮށްދީފައިވާ އެހެން ޕާޓްނަރށިޕަކާ އެއް ނަމަކަށްވުން ނުވަތަ އެއްވައްތަރުގެ ނަމަކަށްވުން؛
  2. އެ ނަމަކީ، ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްއަކަށްވުން؛
  3. އެ ނަމަކީ، މުޖުތަމައުގެ އަހްލާގީ މިންގަނޑާ ހިލާފު ނަމެއްކަމުގައިވުން؛
  4. އެ ނަމަކީ، ވިޔަފާރި ނަމެއްގެ ގޮތުގައި ބޭނުންކޮށްގެންނުވާނެ ނަމެއްކަމަށް ށަރުއީ ކޯޓެއްގެ ހުކުމެއްގައި ކަނޑައަޅާފައިވާ ނަމަކަށްވުން؛
  5. އެ ނަމަކީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރިޒަރވްކޮށްފައިވާ ނަމަކަށްވުން.

(ށ) މި މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ވަކި ނަމަކީ، ރަޖިސްޓްރީކޮށްދީފައިވާ އެހެން ޕާޓްނަރށިޕަކާ އެއްވައްތަރުގެ ނަމެއްކަމުގައި ބެލެވޭނީ، އެ ނަމަކީ، އެ ދެވަނަ ޕާޓްނަރށިޕަށް ކިޔާ ނަމާ ގުޅިފައިވާލެއް ބޮޑުކަމުން، އެ ނަން އެހެން ފަރާތަކުން ބޭނުންކޮށްފިނަމަ، އެއީ އެ ޕާޓްނަރށިޕްގެ ބައެއް ކަމުގައި ބެލެވިދާނެ ކޮންމެ ނަމެކެވެ.

 

21 ވަނަ މާއްދާ - ނަން ބަދަލުކުރުމަށް އެންގުން

(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްދީފައިވާ ޕާޓްނަރށިޕެއްގެ ނަމަކީ، ނުވަތަ މި ގާނޫނުގެ ދަށުން ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ނަމަކީ، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުން ފެށިގެން (4)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ފަދަ ނަމެއްނަމަ، އެ ނަމެއް ބަދަލުކުރުމަށް އެ ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރަށް އެންގުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ޕާޓްނަރށިޕެއްގެ ނަން ބަދަލުކުރުމަށް އެ ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރަށް ރެޖިސްޓްރާރ އަންގައިފިނަމަ، އެފަދައިން އަންގާތާ 1 (އެކެއް)  މަސްދުވަހުގެ ތެރޭގައި، އެ ނަމެއް ބަދަލުކުރަންވާނެއެވެ.

(ނ) ޕާޓްނަރށިޕެއްގެ ނަން ބަދަލުކުރުމަށް މި މާއްދާގެ (ހ)  ގެ ދަށުން އެ ޕާޓްނަރށިޕްގެ މެނޭޖިންގ ޕާޓްނަރަށް ރެޖިސްޓްރާރ އަންގައިފިނަމަ، އަދި މި މާއްދާގެ (ށ)  ގެ ދަށުން ނަން ބަދަލުކުރުމަށް ދޭ މުއްދަތުގައި އެ ފަރާތުން ރެޖިސްޓްރާރުގެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެ ޕާޓްނަރށިޕެއްގެ ރަޖިސްޓްރީ ބާތިލުކުރުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

(ރ) ވަކި ފަރާތަކުން ހިންގާ ޕާޓްނަރށިޕެއްގައި ބޭނުންކުރާ ނަމަކީ، މި ގާނޫނުގެ 20 ވަނަ މާއްދާގެ (ހ)  ގެ (1)  ވަނަ ނަންބަރުން ފެށިގެން (4)  ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ފަދަ ނަމެއްކަމަށް ބަޔާންކޮށް، އެ ނަން ބަދަލުކުރުމަށް އެންގުމަށް އެދި ކޮންމެ ފަރާތަކަށްވެސް ރެޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.

(ބ) މި މާއްދާގެ (ރ)  އެހެން އޮތްނަމަވެސް، ވަކި ޕާޓްނަރށިޕެއްގެ ނަމެއް ބަދަލުކުރުމަށް އެންގުމަށް އެހެން ފަރާތަކަށް އެދެވޭނީ، އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކޮށް، އެ ޕާޓްނަރށިޕެއްގެ ނަން ބޭނުންކުރާތާ 12 (ބާރަ)  މަސްދުވަސް ފާއިތުވެފައިނުވާނަމައެވެ.

 

22 ވަނަ މާއްދާ - ނަމާގުޅޭ ގަވާއިދު ހެދުން

މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްދެވޭ ޕާޓްނަރށިޕެއްގައި ބޭނުންކުރުން ހުއްދަ ނޫން ނަންނަމާއި، ނަން ބަދަލުކުރަން އެންގޭނެ ހާލަތްތަކާއި، ނަން ރިޒަރވްކުރެވޭނެ ގޮތުގެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

 

23 ވަނަ މާއްދާ - ފައިދާއާއި ގެއްލުން ހިއްސާކުރުން

(ހ) ޖެނެރަލް ޕާޓްނަރށިޕެއްގެ ޕާޓްނަރުންގެ މެދުގައި ފައިދާ ބަހައި، ގެއްލުން ހިއްސާކުރާނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން، އެ ޕާޓްނަރަކު އެ ޕާޓްނަރށިޕެއްގެ ރައުސްމާލުގައި ހިމެނުމަށް އެއްބަސްވެފައިވާ ފައިސާގެ ނުވަތަ މުދަލުގެ ނުވަތަ އެމީހަކު ކޮށްދޭ ހިދުމަތުން ޕާޓްނަރށިޕްގައި ބައިވެރިވާ ނިސްބަތުންނެވެ.

(ށ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ޕާޓްނަރުންގެ މެދުގައި ފައިދާ ބަހާނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން، އެ ޕާޓްނަރަކު އެ ޕާޓްނަރށިޕެއްގެ ރައުސްމާލުގައި ހިމެނުމަށް އެއްބަސްވެފައިވާ ހިއްސާގެ މިންވަރުން ނުވަތަ ދަރަންޏަށް ޒިންމާވާން އެއްބަސްވެފައިވާ ނިސްބަތުންނެވެ.

(ނ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ޕާޓްނަރުން ދަރަންޏަށް ޒިންމާވާނީ، އެ ޕާޓްނަރށިޕެއްގެ ރައުސްމާލުގައި ހިމެނުމަށް އެއްބަސްވެފައިވާ ހިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ޕާޓްނަރށިޕަށް ނުދީ އޮތްކަމުގައިވާނަމަ، އެ މިންވަރަކަށެވެ. ނުވަތަ ދަރަންޏަށް ޒިންމާވާން އެއްބަސްވެފައިވާ ނިސްބަތަށެވެ.

 

ފަސްވަނަ ބާބު

ޕާޓްނަރށިޕާއި ޕާޓްނަރުންގެ ޒިންމާ

24 ވަނަ މާއްދާ - ޒިންމާގެ ދާއިރާ

(ހ) ޖެނެރަލް ޕާޓްނަރށިޕެއްގެ ކޮންމެ ޕާޓްނަރަކީ، އެ ޕާޓްނަރށިޕެއްގެ ވިޔަފާރީގެ ބޭނުމަށްޓަކައި، އެ ޕާޓްނަރށިޕެއްގެ އެހެން ޕާޓްނަރުންގެ އޭޖެންޓެކެވެ. އަދި، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު، އެ ޕާޓްނަރށިޕަކުން އާންމުކޮށް ކުރާ ވިޔަފާރީގެ ތެރޭގައި އާދައިގެމަތިން ކުރާ ކޮންމެ މުއާމަލާތަކީ، އެއަށް އެ ޕާޓްނަރށިޕެއްގެ އެހެން ޕާޓްނަރުން އަމަލުކޮށް، ޒިންމާވާންޖެހޭނެ މުއާމަލާތެކެވެ.

(ށ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ކޮންމެ ޕާޓްނަރަކީ، އެ ޕާޓްނަރށިޕެއްގެ ވިޔަފާރީގެ ބޭނުމަށްޓަކައި، މުޅި އެ ޕާޓްނަރށިޕްގެ އޭޖެންޓެކެވެ. އަދި، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު، އެ ޕާޓްނަރށިޕަކުން އާންމުކޮށް ކުރާ ވިޔަފާރީގެ ތެރޭގައި އާދައިގެމަތިން ކުރާ ކޮންމެ މުއާމަލާތަކީ، އެއަށް މުޅި އެ ޕާޓްނަރށިޕުން އަމަލުކޮށް، ޒިންމާވާންޖެހޭ މުއާމަލާތެކެވެ.

 

25 ވަނަ މާއްދާ - މަގްސަދުގެ ތެރޭގައި ނެތް ކަމެއް ކުރުން

(ހ) ޕާޓްނަރށިޕަކުން، ނުވަތަ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު، އެ  ޕާޓްނަރށިޕެއްގެ އެއްބަސްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނިފައިނުވާ ކަމެއް އެ ޕާޓްނަރށިޕެއްގެ ނަމުގައި ކޮށްގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ޕާޓްނަރށިޕަކުން ނުވަތަ ވަކި ޕާޓްނަރަކު އަމަލުކޮށްފިނަމަ، އެކަމަކަށް ޒިންމާވާނީ، އެކަމެއްކުރި ޕާޓްނަރަކު ނުވަތަ ޕާޓްނަރުންނެވެ.

 

26 ވަނަ މާއްދާ - ބާރު ނެތި އަދި ޕާޓްނަރެއްކަން ނޭނގި މުއާމަލާތްކުރުން

ޕާޓްނަރށިޕެއްގެ ޕާޓްނަރާ މީހަކު މުއާމަލާތްކުރީ އޭނާއަކީ އެ ޕާޓްނަރށިޕްގެ ޕާޓްނަރެއްކަން ނޭނގި ކަމުގައިވާނަމަ، އަދި އެ ޕާޓްނަރު ކުރި މުއާމަލާތަކީ، އޭނާއަށް ލިބިގެންވާ ބާރުގެ ދާއިރާއިންވެސް ބޭރު ކަމެއް ކަމުގައިވާނަމަ، އެ މުއާމަލާތާ ގުޅިގެން އެ ޕާޓްނަރށިޕްގެ އެހެން ޕާޓްނަރުން ނުވަތަ އެ ޕާޓްނަރށިޕް ޒިންމާވާކަށް ނުޖެހޭނެއެވެ. އެ ހާލަތުގައި އެ މުއާމަލާތަށް ޒިންމާ އުފުލާނީ، އެ ޕާޓްނަރަކު އަމިއްލަ ހައިސިއްޔަތުންނެވެ.

 

27 ވަނަ މާއްދާ - ޕާޓްނަރެއްކަން އެނގި އަދި ބާރު އޮތްކަމަށް ގަބޫލުކޮށް  މުއާމަލާތްކުރުން

ޕާޓްނަރށިޕެއްގެ ޕާޓްނަރަކު އޭނާއަށް ލިބިގެންވާ ބާރުގެ ދާއިރާއިން ބޭރުގައި އަމަލުކުރުމުގައި، މުއާމަލާތްކުރި މީހާއަށް، އޭނާއަކީ އެ ޕާޓްނަރށިޕްގެ ޕާޓްނަރެއްކަން އެނގޭ ހާލަތުގައި، އަދި އެ މުއާމަލާތްކުރުމަށް އެ ޕާޓްނަރަށް ބާރު އޮތްކަމަށްވެސް ގަބޫލުކުރެވޭ ހާލަތުގައި ކުރާ މުއާމަލާތާ ގުޅިގެން އެ ޕާޓްނަރާއި އެ ޕާޓްނަރށިޕްގެ އެހެން ޕާޓްނަރުން ނުވަތަ އެ ޕާޓްނަރށިޕް ޒިންމާވާން ޖެހޭނެއެވެ.

 

28 ވަނަ މާއްދާ - ބާރު ނެތް ޕާޓްނަރެއްކަން އެނގިހުރެ މުއާމަލާތްކުރުން

ޕާޓްނަރށިޕަކާ މުއާމަލާތްކުރާ ފަރާތަކާއެކު އެ ޕާޓްނަރށިޕްގެ ޕާޓްނަރު ހިންގި މުއާމަލާތަކީ، އެ ޕާޓްނަރަށް ބާރު ލިބިގެންވާ ދާއިރާއިން ބޭރުގައި ހިންގި މުއާމަލާތެއްކަމުގައި ވާނަމަ، އަދި އެކަން އެ ޕާޓްނަރާއެކު މުއާމަލާތްކުރި ފަރާތަށްވެސް އެނގޭނަމަ، އެ މުއާމަލާތާ ގުޅިގެން އެ ޕާޓްނަރށިޕްގެ އެހެން ޕާޓްނަރުން ނުވަތަ ޕާޓްނަރށިޕް، ޒިންމާވާކަށް ނުޖެހޭނެއެވެ.

 

29 ވަނަ މާއްދާ - ބާރު ނެތް ޕާޓްނަރެއްކަން ނޭނގި މުއާމަލާތްކުރުން

ޕާޓްނަރށިޕަކާ މުއާމަލާތްކުރާ ފަރާތަކާއެކު އެ ޕާޓްނަރށިޕްގެ ޕާޓްނަރު ހިންގި މުއާމަލާތަކީ، އެ ޕާޓްނަރަށް ބާރު ލިބިގެންވާ ދާއިރާއިން ބޭރުގައި ހިންގި މުއާމަލާތެއްކަމުގައި ވީނަމަވެސް، އެ މުއާމަލާތްކުރުމަށް އެ ޕާޓްނަރަށް ބާރު އޮތްކަމަށް އެ މުއާމަލާތްކުރާ ފަރާތަށް ގަބޫލުކުރެވޭ ހާލަތުގައި ކުރި މުއާމަލާތެއްކަމަށް ވާނަމަ، އެ މުއާމަލާތާ ގުޅިގެން އެ ޕާޓްނަރާއި އެ ޕާޓްނަރށިޕްގެ އެހެން ޕާޓްނަރުން ނުވަތަ އެ ޕާޓްނަރށިޕް ޒިންމާވާން ޖެހޭނެއެވެ.

 

30 ވަނަ މާއްދާ - ޒިންމާގެ މުއްދަތު

(ހ) ޖެނެރަލް ޕާޓްނަރށިޕެއްގެ ކޮންމެ ޕާޓްނަރަކުވެސް، އެމީހަކު އެ ޕާޓްނަރށިޕެއްގައި ހުރި މުއްދަތުގައި އެ ޕާޓްނަރށިޕަކުން ކޮށްފައިވާ މުއާމަލާތްތަކަށާއި، އެ ޕާޓްނަރށިޕެއްގެ މުއްދަތުގައި ވެފައިވާ ދަރަނިތަކަށާއި ވާޖިބުތަކަށް، އެ ޕާޓްނަރށިޕެއްގެ އެހެން ޕާޓްނަރުންނާއެކު ޖުމްލަކޮށް އަދި ވަކިން ޒިންމާވާން ވާނެއެވެ.

(ށ) ޖެނެރަލް ޕާޓްނަރށިޕެއްގައި އަލަށް ބައިވެރިވާ މީހަކު، އެމީހަކު އެ ޕާޓްނަރށިޕެއްގައި ބައިވެރިވުމުގެ ކުރިން އެ ޕާޓްނަރށިޕަކުން ކޮށްފައިވާ ކަންތައްތަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ.

(ނ) ޖެނެރަލް ޕާޓްނަރށިޕެއްގެ ޕާޓްނަރަކު އެ ޕާޓްނަރށިޕަކުން ވަކިވިނަމަވެސް، އެ ޕާޓްނަރށިޕެއްގައި އެމީހަކު ހުރި މުއްދަތުގައި އެ ޕާޓްނަރށިޕަކުން ވެފައިވާ ދަރަނިތަކާއި އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން އެމީހަކު ބަރީއައެއް ނުވާނެއެވެ.

(ރ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކުން ވެފައިވާ ދަރަނިތަކާއި އެހެން މަސްއޫލިއްޔަތުތައް އަދާކުރުމަކީ ޕާޓްނަރށިޕްގެ ޒިންމާއެކެވެ. އެކަމުގައި އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުން އަމިއްލަ ހައިސިއްޔަތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ބ) މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ޕާޓްނަރށިޕެއްގެ އެއްވެސް ޕާޓްނަރަކު، އެ ޕާޓްނަރށިޕެއްގެ ބޭނުމަކު ނޫން އެހެން ބޭނުމެއްގައި، އެ ޕާޓްނަރށިޕެއްގެ ފައިސާ އެ ޕާޓްނަރށިޕެއްގެ އެހެން ޕާޓްނަރުންގެ ހުއްދަނެތި ހަރަދުކޮށްފިނަމަ، ނުވަތަ އެއްވެސް ގާނޫނަކާ ނުވަތަ ޕާޓްނަރށިޕްގެ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފިނަމަ، އެކަމަކީ އެ ޕާޓްނަރަކު އަމިއްލައަށް ޒިންމާވާންޖެހޭ ކަމެކެވެ. އަދި އެ ޕާޓްނަރށިޕުން ނުވަތަ އެ ޕާޓްނަރށިޕްގެ އެހެން ޕާޓްނަރުން އެކަމަށް ޒިންމާވާކަށް ނުޖެހޭނެއެވެ.

(ޅ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު، އެ ޕާޓްނަރށިޕްގެ ނަމުގައި، އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއްކޮށްފި ކަމުގައިވާނަމަ، އެ ޕާޓްނަރަކީ ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު ކަމުގައިވީނަމަވެސް، އޭނާ އެކުރި އަމަލެއްގެ ޒިންމާ އޭނާގެ އަމިއްލަ ހައިސިއްޔަތުން އުފުލަންވާނެއެވެ. އަދި ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަށް ލިބިގެންވާ ވަކި ގާނޫނީ ށަހްސެއްގެ ސިފަ އެ ނިސްބަތަށް ހިފެހެއްޓިގެންވާނެއެވެ.

  1. މަކަރާއި ހީލަތް ހެދުން؛
  2. ހިޔާނާތްތެރިވުން؛
  3. ޓެކްސް ނުދެއްކުން؛
  4. އިހުމާލުވުން.

 

31 ވަނަ މާއްދާ - ޕާޓްނަރށިޕްގެ ޕާޓްނަރެއްގެ ގޮތުގައި ދެއްކުން

އެއްވެސް މީހަކު، އެމީހަކީ ޕާޓްނަރށިޕެއްގެ ޕާޓްނަރެއްކަމަށް ބަހުން ނުވަތަ އަމަލުން ނުވަތަ އެނޫންވެސް ގޮތަކުން ދައްކައިފިނަމަ، ނުވަތަ ޕާޓްނަރށިޕަކުން އެ ޕާޓްނަރށިޕެއްގައި ނުހިމެނޭ މީހެއްގެ ނަން ޕާޓްނަރށިޕްގެ ޕާޓްނަރެއްގެ ގޮތުގައި ބޭނުންކުރާކަން އެ ނަން ބޭނުންކުރެވޭ މީހާއަށް އެނގިހުރެ ފިޔަވަޅެއް ނާޅައި ހުރެއްޖެނަމަ، އެމީހަކީ އެ ޕާޓްނަރށިޕެއްގެ ޕާޓްނަރަކުކަމަށް ގަބޫލުކޮށްގެން އެ ޕާޓްނަރށިޕަކާ މުއާމަލާތްކުރި ފަރާތްތަކަށް އެ ޕާޓްނަރށިޕަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި، އެމީހަކު އެ ޕާޓްނަރށިޕެއްގެ ޕާޓްނަރެކޭ އެއްފަދައިން ޒިންމާވާން ޖެހޭނެއެވެ.

 

32 ވަނަ މާއްދާ - ޕާޓްނަރަކު މަރުވުމަށްފަހު އޭނާގެ ނަން ބޭނުންކުރުން

ޕާޓްނަރށިޕެއްގެ ޕާޓްނަރަކު މަރުވުމަށްފަހު، އެ ޕާޓްނަރށިޕެއްގެ އެހެން ޕާޓްނަރުން، އެމީހެއްގެ ނަން ހިމެނޭގޮތުން ކުރީގެ ނަމުގައި އެ ޕާޓްނަރށިޕެއްގެ ވިޔަފާރި ހިންގިކަމުގައިވީނަމަވެސް، އެ ޕާޓްނަރަކު މަރުވުމަށްފަހު އެ ޕާޓްނަރށިޕަކުން ކުރާ މުއާމަލާތުގެ ސަބަބުން އެ ޕާޓްނަރށިޕަކުންވާ ދަރަނިވެރިވުމަކަށް މަރުވި ޕާޓްނަރުގެ ވާރިސުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

ހަވަނަ ބާބު

ޕާޓްނަރށިޕެއް އެއް ބާވަތުން އަނެއް ބާވަތަށް ބަދަލުކުރުން

33 ވަނަ މާއްދާ - ޖެނެރަލް ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުކުރުން

(ހ) ޖެނެރަލް ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުކުރެވޭނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޕާޓްނަރށިޕްގެ ޕާޓްނަރުންގެ އިއްތިފާގުން އެގޮތަށް ނިންމައި، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ގޮތުގައި އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް ރެޖިސްޓްރާރަށް ހުށަހެޅުމަށްފަހު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓްރީވުމުންނެވެ.

(ށ) ޖެނެރަލް ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުކޮށް، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ގޮތުގައި އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް ރެޖިސްޓްރާރަށް ހުށަހަޅާއިރު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ޖެނެރަލް ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުކުރުމަށް އެ ޕާޓްނަރށިޕްގެ ޕާޓްނަރުން ނިންމި ނިންމުން؛
  2. ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕްގެ ޕާޓްނަރަކަށްވުމަށް އިއުތިރާޒުނުކުރާކަމަށް ބަޔާންކޮށް ޖެނެރަލް ޕާޓްނަރށިޕްގެ ކޮންމެ ޕާޓްނަރަކު ސޮއިކޮށްފައިވާ ލިޔުން؛
  3. ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕްގެ އެއްބަސްވުން؛
  4. ޖެނެރަލް ޕާޓްނަރށިޕަކުން ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް ބަޔާންކޮށް، އެ ޕާޓްނަރށިޕްގެ މުދަލެއް ރަހުނުކުރުމަކާ ނުލައި ނަގާފައިވާ ދަރަނި އަދާކުރަންޖެހޭ ފަރާތްތަކުން ސޮއިކޮށްފައިވާ ލިޔުން؛
  5. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައިވާ ގޮތުގެމަތިން، ޖެނެރަލް ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕަކަށް ބަދަލުކޮށް، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ގޮތުގައި އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް ރެޖިސްޓްރާރަށް ހުށަހެޅުމުން، އެ ޕާޓްނަރށިޕެއް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ރަޖިސްޓްރީކުރިކަމުގެ ސެޓްފިކެޓް ދޫކުރެވޭނީ، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް އުފެއްދުމަށާއި، ރަޖިސްޓްރީކުރުމަށްޓަކައި ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް އުފައްދާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭނެކަމަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާނަމައެވެ.

 

34 ވަނަ މާއްދާ - ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕަކަށް ބަދަލުކުރުން

(ހ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕަކަށް ބަދަލުކުރެވޭނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޕާޓްނަރށިޕްގެ ޕާޓްނަރުންގެ އިއްތިފާގުން އެގޮތަށް ނިންމައި، ޖެނެރަލް ޕާޓްނަރށިޕެއްގެ ގޮތުގައި އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް ރެޖިސްޓްރާރަށް ހުށަހެޅުމަށްފަހު، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓްރީވުމުންނެވެ.

(ށ) ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕަކަށް ބަދަލުކޮށް، ޖެނެރަލް ޕާޓްނަރށިޕެއްގެ ގޮތުގައި އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް ރެޖިސްޓްރާރަށް ހުށަހަޅާއިރު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕަކަށް ބަދަލުކުރުމަށް އެ ޕާޓްނަރށިޕްގެ ޕާޓްނަރުން ނިންމި ނިންމުން؛
  2. ޖެނެރަލް ޕާޓްނަރށިޕްގެ ޕާޓްނަރަކަށްވުމަށް އިއުތިރާޒުނުކުރާކަމަށް ބަޔާންކޮށް ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕްގެ ކޮންމެ ޕާޓްނަރަކު ސޮއިކޮށްފައިވާ ލިޔުން؛
  3. ޖެނެރަލް ޕާޓްނަރށިޕްގެ އެއްބަސްވުން؛
  4. މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އެހެނިހެން މައުލޫމާތު.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައިވާ ގޮތުގެމަތިން، ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕަކަށް ބަދަލުކޮށް، ޖެނެރަލް ޕާޓްނަރށިޕެއްގެ ގޮތުގައި އެ ޕާޓްނަރށިޕެއް ރަޖިސްޓްރީކުރުމަށް ރެޖިސްޓްރާރަށް ހުށަހެޅުމުން، އެ ޕާޓްނަރށިޕެއް ޖެނެރަލް ޕާޓްނަރށިޕެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ރަޖިސްޓްރީކުރިކަމުގެ ސެޓްފިކެޓް ދޫކުރެވޭނީ، ޖެނެރަލް ޕާޓްނަރށިޕެއް އުފެއްދުމަށާއި، ރަޖިސްޓްރީކުރުމަށްޓަކައި ޖެނެރަލް ޕާޓްނަރށިޕެއް އުފައްދާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭނެކަމަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވާނަމައެވެ.

 

ހަތްވަނަ ބާބު

ޕާޓްނަރށިޕްގައި ހިމެނުމާއި ވަކިވުން

35 ވަނަ މާއްދާ - އާންމު އުސޫލު

ޕާޓްނަރށިޕެއްގައި އިތުރު ޕާޓްނަރަކު ހިމަނަންވާނީ އަދި ޕާޓްނަރށިޕެއްގައި ހިމެނޭ ޕާޓްނަރަކު އެ ޕާޓްނަރށިޕަކުން ވަކިކުރަންވާނީ، އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމުގައާއި މި ގާނޫނުގައި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.

 

36 ވަނަ މާއްދާ - ޕާޓްނަރށިޕްގައި ހިމެނުން

ޕާޓްނަރށިޕެއްގެ ޕާޓްނަރަކަށް އެ ޕާޓްނަރށިޕެއްގައިވާ އެ ޕާޓްނަރެއްގެ ހިއްސާގައި އެހެން މީހަކު ބައިވެރި ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ޕާޓްނަރށިޕްގައި އާ ޕާޓްނަރަކު ހިމެނޭނީ، ޕާޓްނަރށިޕްގެ އެއްބަސްވުމުގައިވާ ގޮތުގެމަތިންނެވެ. ޕާޓްނަރށިޕެއްގައި އަލަށް މީހަކު ނުވަތަ ބަޔަކު ބައިވެރިކޮށްފިނަމަ، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުންގެ ގޮތުގައި އެމީހަކު ނުވަތަ އެބަޔަކު ހަމަޖައްސާތާ 7 (ހަތެއް)  ދުވަހުގެ ތެރޭގައި، އެމީހެއްގެ ނުވަތަ އެބައެއްގެ ނަން އެ ޕާޓްނަރށިޕެއްގެ ފަރާތުން ރެޖިސްޓްރާރަށް އަންގަންވާނެއެވެ.

 

37 ވަނަ މާއްދާ - ޕާޓްނަރށިޕުން ވަކިވުން ނުވަތަ ވަކިކުރުން

(ހ) ޕާޓްނަރށިޕްގެ ޕާޓްނަރަކަށް ޕާޓްނަރށިޕުން ވަކިވެވޭނީ ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ވަކިގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، 30 (ތިރީސް)  ދުވަހުގެ ނޯޓިސް ދިނުމަށްފަހު ޕާޓްނަރށިޕްގެ ޕާޓްނަރަކަށް ޕާޓްނަރށިޕުން ވަކިވެވިދާނެއެވެ.

(ށ) ޕާޓްނަރށިޕެއްގެ އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެނުވީ، ޕާޓްނަރުންގެ އަގުލަބިއްޔަތު ލިބިގެންނަމަވެސް، އެއްވެސް ޕާޓްނަރށިޕަކުން އެ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު ވަކިކޮށްގެން ނުވާނެއެވެ.

(ނ) މި ގާނޫނުގެ 35 ވަނަ މާއްދާއާއި މި މާއްދާގެ (ހ)  އާއި (ށ)  ގައި އެހެން އޮތްނަމަވެސް، ޕާޓްނަރށިޕްގެ ޕާޓްނަރަކު ވަކިވިކަމަށް ބަލާނީ، ޕާޓްނަރށިޕްގެ ޕާޓްނަރަކު ވަކިކުރުމަށްފަހު ނުވަތަ ވަކިވުމަށްފަހު އެކަން ރެޖިސްޓްރާރަށް ހުށަހަޅައި ރަޖިސްޓްރީކުރުމުންނެވެ.

 

އަށްވަނަ ބާބު

ޕާޓްނަރށިޕް ނިމުމަކަށް އައުން

38 ވަނަ މާއްދާ - ޕާޓްނަރށިޕް އުވާލުން

ޕާޓްނަރށިޕެއް އުވާލެވޭނީ، އެ ޕާޓްނަރށިޕެއްގެ އެއްބަސްވުމާއި، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

39 ވަނަ މާއްދާ - ޕާޓްނަރށިޕް ނިމުމަކަށް އަންނަ ހާލަތް

އަންނަނިވި ހާލަތުތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ޕާޓްނަރށިޕެއް ނިމުމަކަށް އަންނާނެއެވެ.

(ހ) ވަކި މުއްދަތަކަށް އުފައްދާފައިވާ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕެއްގެ މުއްދަތު ހަމަވުން؛

(ށ) ވަކި މަސައްކަތެއް ނުވަތަ ކަމެއް ކުރުމަށް އުފައްދާފައިވާ ޕާޓްނަރށިޕެއްނަމަ، އެ މަސައްކަތެއް ނުވަތަ އެކަމެއް ނިމުން؛

(ނ) ޕާޓްނަރށިޕްގެ އެއްބަސްވުމުގައި ބަޔާންވެފައިވާ ގޮތުގެމަތިން، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުން އެ ޕާޓްނަރށިޕެއް އުވާލުމަށް ނިންމުން؛

(ރ) ޕާޓްނަރށިޕުން ކުރަމުން އައި ވިޔަފާރި ގާނޫނަކުން މަނާވުން، ނުވަތަ އެ ބާވަތުގެ ވިޔަފާރިކުރުން އެ ޕާޓްނަރށިޕެއްގެ ޕާޓްނަރުންނަށް ގާނޫނަކުން މަނާވުން؛

(ބ) ޕާޓްނަރށިޕް އުވާލުމަށް ކޯޓަކުން އަމުރުކުރުން.

 

40 ވަނަ މާއްދާ - ކޯޓު މެދުވެރިކޮށް ޕާޓްނަރށިޕް އުވާލުން

ޕާޓްނަރށިޕްގެ ޕާޓްނަރަކު އެ ޕާޓްނަރށިޕެއް އުވާލުމަށް އެދި ކޯޓަށް ހުށަހަޅައިފިނަމަ، އަންނަނިވި ހާލަތުތަކުގައި އެ ޕާޓްނަރށިޕެއް އުވާލުމަށް ކޯޓުން އަމުރު ކުރެވިދާނެއެވެ.

(ހ) ޕާޓްނަރށިޕްގެ ޕާޓްނަރަކީ ދުނިޔެއިން މޮޔަވެފައިވާ މީހެއްކަން ސާބިތުވުން؛

(ށ) ޕާޓްނަރށިޕްގެ އެއްބަސްވުމުގެ ދަށުން، އެ ޕާޓްނަރށިޕްގެ ޕާޓްނަރަކު އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށް އޭނާ ދާއިމީ ގޮތެއްގައި ނުކުޅެދުން؛

(ނ) ޕާޓްނަރށިޕުން ހިންގާ ވިޔަފާރިއަށް ބަލާއިރު، އެ ވިޔަފާރިއަށް ގެއްލުމެއް ލިބިދާނެ ކުށެއް އެ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު ކުރުން؛

(ރ) ޕާޓްނަރށިޕްގެ ޕާޓްނަރަކު ގަސްދުގައި ނުވަތަ ތަކުރާރުކޮށް އެ ޕާޓްނަރށިޕްގެ އެއްބަސްވުމާ ހިލާފުވުން، ނުވަތަ އެ ޕާޓްނަރށިޕްގެ ވިޔަފާރީގައި އޭނާ ހިމަނައިގެން އެ ޕާޓްނަރށިޕެއްގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެހެން ޕާޓްނަރުންނަށް ދަތިވާ ގޮތަށް އަމަލުކުރުން؛

(ބ) ޕާޓްނަރށިޕްގެ ވިޔަފާރި، ގެއްލުން ނުވާގޮތަކަށް ކުރިޔަށް ގެންދެވެން ނެތުން؛

(ޅ) ޕާޓްނަރށިޕް އުވާލުމަކީ އެ މައްސަލައެއްގައި އޮތް އެންމެ އަދުލުވެރި އަދި އިންސާފުވެރި ގޮތްކަމަށް ކޯޓަށް ފެނުން.

 

ނުވަވަނަ ބާބު

އާންމު މާއްދާތައް

41 ވަނަ މާއްދާ – ޕާޓްނަރށިޕްގެ ގުޅުން ނިމުމަކަށް

އައުންޕާޓްނަރށިޕްގެ އެއްބަސްވުމުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ ޕާޓްނަރށިޕެއްގެ ޕާޓްނަރަކު މަރުވުމުން، ނުވަތަ ބަނގުރޫޓުވުމުން، އެ ޕާޓްނަރާއި އެހެން ޕާޓްނަރުންނާ ދެމެދު އޮތް ގުޅުން ނިމުމަކަށް އަންނާނެއެވެ. ނަމަވެސް، އެ ޕާޓްނަރށިޕެއްގެ ދެންތިބި ޕާޓްނަރުންގެ މެދުގައާއި ބަނގުރޫޓު ނުވެތިބި ޕާޓްނަރުންގެ މެދުގައި އެ ޕާޓްނަރށިޕެއްގެ ގުޅުން ދެމިއޮންނާނެއެވެ.

 

42 ވަނަ މާއްދާ - ހުއްދަނެތި ވިޔަފާރިކުރުން

އެއްވެސް ޕާޓްނަރށިޕެއްގެ ޕާޓްނަރަކު، އެ ޕާޓްނަރށިޕަކުން ކުރާ ވިޔަފާރިއެއް، އެ ޕާޓްނަރށިޕެއްގެ އެހެން ޕާޓްނަރުންގެ ހުއްދަނެތި އެ ޕާޓްނަރށިޕަކާ ވަކިން ކޮށްފިނަމަ، އެ ވިޔަފާރިއަކުން ލިބޭ ހުރިހާ ފައިދާއެއް އެ ޕާޓްނަރަކު ހިމެނޭ ޕާޓްނަރށިޕަށް ދޭންވާނެއެވެ.

 

43 ވަނަ މާއްދާ – ޕާޓްނަރެއްގެ ހިއްސާ ވިއްކުން

ޕާޓްނަރށިޕްގެ އެއްބަސްވުމުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ ޕާޓްނަރށިޕްގެ ޕާޓްނަރެއްގެ ހިއްސާ، އެ ޕާޓްނަރށިޕްގެ ޕާޓްނަރެއް ނޫން މީހަކަށް ވިއްކޭނީ، ނުވަތަ ބަދަލުކުރެވޭނީ، އެ ޕާޓްނަރށިޕްގެ ހުރިހާ ޕާޓްނަރުން އެކަމަށް އެއްބަސްވާނަމައެވެ.

 

44 ވަނަ މާއްދާ - ގާނޫނާ ހިލާފަށް އަމަލުކުރުން

މި ގާނޫނުގައި ވަކި ގޮތަކަށް ކުރަން ބުނެފައި އޮތްކަމެއް އެނޫން ގޮތަކަށް ކޮށްފިނަމަ، ނުވަތަ މި ގާނޫނުގައި ކޮށްގެން ނުވާނެކަމަށް ބުނެފައިވާ ކަމެއް ކޮށްފިނަމަ، އެކަމުގެ ކުޑަ ބޮޑުމިނަށް ބަލައި، އެކަމެއް ކުރި މީހަކު 5,000 (ފަސްހާސް)  ރުފިޔާއާއި 15,000 (ފަނަރަހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ރެޖިސްޓްރާރަށް ލިބިގެންވެއެވެ.

 

45 ވަނަ މާއްދާ - ޕާޓްނަރށިޕްގެ ދަފްތަރު

މި ގާނޫނުގެ ދަށުން ރަޖިސްޓްރީކުރާ ޕާޓްނަރށިޕްތަކުގެ ދަފްތަރެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރެޖިސްޓްރާރ ލިޔެ ބަލަހައްޓަންވާނެއެވެ.

 

46 ވަނަ މާއްދާ – ޖަދުވަލު

މި ގާނޫނުގައިވާ ޖަދުވަލު އެއީ، މި ގާނޫނުގެ ބައެކެވެ. މި ގާނޫނު ފުރިހަމަވާނީ އެ ޖަދުވަލު ހިމަނައިގެންނެވެ.

 

47 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް)  މަސްދުވަހުގެ ތެރޭގައި ހަދައި، މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

49 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 9/1996 (ދިވެހިރާއްޖޭގެ ޕާޓްނަރށިޕާބެހޭ ގާނޫނު)  އުވުނީއެވެ. އަދި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރށިޕްތަކަކީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޖެނެރަލް ޕާޓްނަރށިޕްތަކެއް ކަމުގައި ބެލެވޭނެއެވެ.

 

50 ވަނަ މާއްދާ - އިންތިގާލީ އުސޫލު

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ ޕާޓްނަރށިޕްތަކުން އެ ޕާޓްނަރށިޕެއްގެ ނަން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ބަދަލުކުރަންވާނެއެވެ.

 

51 ވަނަ މާއްދާ – މާނަކުރުން

މި ގާނޫނުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، މި ގާނޫނުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިއެވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ވުޒާރާއަށެވެ.

"މީހެއް" ނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ށަހްސުތަކަށާއި ގާނޫނީ ށަހްސުތަކަށެވެ.

"ރެޖިސްޓްރާރ" ކަމަށް ބުނެފައިއެވަނީ، ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކުރާ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.

"ޕާޓްނަރު" ކަމަށް ބުނެފައިއެވަނީ، ޕާޓްނަރށިޕެއްގެ ބައިވެރިއަކަށެވެ.

 

ޖަދުވަލު

 

ޕާޓްނަރށިޕާ ގުޅޭ ހިދުމަތްތަކަށް ނެގޭ ފީގެ ތާވަލު

ހިދުމަތް

ފީގެ އަދަދު

ޕާޓްނަރށިޕް ރަޖިސްޓްރީކުރުން

2,000 (ދެހާސް)  ރުފިޔާ

ޕާޓްނަރށިޕް އެއް ބާވަތުން އަނެއް ބާވަތަށް ބަދަލުކުރުން

1,000 (އެއްހާސް)  ރުފިޔާ

ޕާޓްނަރށިޕްގެ ނަން ބަދަލުކުރިކަން ރަޖިސްޓްރީކުރުން

1,000 (އެއްހާސް)  ރުފިޔާ


 

ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޕާޓްނަރށިޕްގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-13)

 

އުވާލެވުނު ގާނޫނު

ޕާޓްނަރށިޕާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު