ތައުލީމުގެ ގާނޫނު
(ގާނޫނު ނަންބަރު 2020-24)
(މި ގާނޫނުގެ 45 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2012-01 އުވާލެވިފައި)
އެއްވަނަ ބައި
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) ިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "ތައުލީމުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، އިސްލާމް ދީނަށާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި، އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް، އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުން.
(ށ) އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި އެ ފަރާތްތަކުން ޒިންމާ އަދާނުކޮށްފިނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުން؛
(ނ) ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކުރުން؛
(ރ) އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ށަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމަށާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމުކުރުން ؛ އަދ
(ބ) ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ އުފެއްދުންތެރި އަދި ގާބިލު ދަރިވަރުން ބިނާކުރުމަށް މަގުފަހިކުރުން.
ދެވަނަ ބައި
ހައްގުތަކާއި ވާޖިބުތައް
3 ވަނަ މާއްދާ - އުނގެނުމުގެ ހައްގު
(ހ) ހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު، އުނގެނުމުގެ ހައްގު ލިބިގެންވެއެވެ.
(ށ) އުނގެނުމުގެ ހައްގަކީ، އޭގެ އަމިއްލަ ޒާތުގައި ވަކި އިންސާނީ ހައްގަކަށްވުމުގެ އިތުރުން، އެ ހައްގަކީ އެހެން އިންސާނީ ހައްގުތަކަށް ވާސިލުވުމަށް ކޮންމެހެން ބޭނުންވާ ހައްގެކެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި އަންނަނިވި ކަންކަން ހިމެނޭގޮތުން، އުނގެނުމުގެ ހައްގަކީ، އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއްނެތި ވަކި އުމުރަކަށް ނުވަތަ ވަކި ޖިންސެއްގެ ބަޔަކަށް ބެލުމެއްނެތި، އުމުރުދުވަހަށް ދެމިގެންދާ ހައްގެކެވެ.
- ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި، ސާނަވީ ތައުލީމު އަދި މަތީ ސާނަވީ ތައުލީމު އުނގެނުމުގެ ހައްގު؛
- ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި، ސާނަވީ ތައުލީމު އަދި މަތީ ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހަމަހަމަ ގޮތެއްގައި ލިބުމުގެ ހައްގު؛ އަދި
- ލައިފްލޯންގ ލަރނިންގއާއި ކޮންޓިނުއިންގ އެޑިޔުކޭށަންގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބުމުގެ ހައްގު.
4 ވަނަ މާއްދާ - އުނގެނުމުގެ ހައްގު އުމުރުދުވަހަށް ދެމިގެންދިޔުން
(ހ) އުނގެނުމުގެ ހައްގަކީ، އުމުރުދުވަހަށް ދެމިގެންދާ ހައްގެއްކަމުގައިވީ ހިނދު، ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ތައުލީމު ހާސިލުކޮށް ނިމުމަށް ފަހުގައިވެސް، އުނގެނުމުގެ ފުރުސަތުތައް ހުރިހާ އުމުރެއްގެ މީހުންނަށް ލިބިދެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުވެފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ ތައުލީމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.
- ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އަމާޒުކޮށް ހިންގޭ އަސާސީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް؛
- ސާނަވީ ތައުލީމު ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް އަމާޒުކޮށް ހިންގޭ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް؛ އަދި
- ލިބިފައިވާ ހުނަރުތައް އިތުރަށް ތަރައްގީކުރެވޭނެ ފުރުސަތުތައް
5 ވަނަ މާއްދާ - މަދުރަސީ ތައުލީމުގެ ނިޒާމުގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފޯރުކޮށްދިނުން
(ހ) ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމަކީ، އުނގެނުމުގެ ހައްގުގެ ބައެއްކަމުގައިވުމުގެ އިތުރުން މަސައްކަތްތެރިކަމުގެ ހައްގާވެސް ގުޅިފައިވާ ހައްގެއްކަމުގައިވާތީ، އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެވޭނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު އުނގެނުމުގެ ހައްގުވެސް ކަށަވަރުކޮށްދެވިގެން ކަމުގައިވީ ހިނދު، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު، މަދުރަސީ ތައުލީމުގެ ނިޒާމުގެ ތެރެއިން ލިބިދިނުމުގެ ހައްގު މި ގާނޫނުން ކަށަވަރުކޮށްދެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނީ، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފޯރުކޮށްދެވޭނެ ގޮތެއްގެމަތިންނެވެ.
(ނ) މަދުރަސީ ތައުލީމުގެ ނިޒާމުގައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމު ފޯރުކޮށްދިނުމުގެ ބޭނުމަކީ އަންނަނިވި ކަންކަމަށް މަގުފަހިކުރުމެވެ.
- ކުދިންގެ ތަފާތު ގާބިލިއްޔަތުތަކަށް ފުރުސަތު ހޯދައިދިނުމާއި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ތައުލީމުގެ ތެރެއިން މަސައްކަތްތެރިކަމާ ރައްޓެހި ދަރިވަރުން ބިނާކުރުން؛
- ގައުމުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ކުދިން އަހުލުވެރިކުރުން؛ އަދި
- މަސައްކަތްތެރިކަމުގެ ދާއިރާއަކީ އަގުހުރި އަދި ގައުމަށް ފައިދާހުރި ދާއިރާއެއްކަމުގައި ދުށުމުގެ ވިސްނުން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން.
6 ވަނަ މާއްދާ - އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުން
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އުނގެނުމުގެ ހައްގަށް ވާސިލުވުމަށްޓަކައި އަންނަނިވި ކަންކަން ކޮންމެ ކުޑަކުއްޖަކަށްމެ މި ގާނޫނުން ކަށަވަރުކޮށްދެއެވެ.
- ކުޑަކުއްޖެއްގެ އުމުރުން 4 (ހަތަރު) އަހަރު ފުރުނީއްސުރެ، އުމުރުން 18 ( އަށާރަ) އަހަރު ވަންދެން، ނުވަތަ ޕްރީސްކޫލުން ފެށިގެން ގްރޭޑް
12( ބާރަ) ނިމެންދެން ތައުލީމު ލިބުމުގެ ހައްގު؛ - އެއްވެސް ބާވަތެއްގެ ލާއިންސާނީ ނުވަތަ ރަހުމްކުޑަ އަދަބެއް ލިބުމުން ރައްކާތެރިވެގެންވުމުގެ ހައްގު؛
- ހަނގާކުރުންފަދަ އަމަލުތަކާއި އެކި ބާވަތުގެ ގޯނާކުރުމާއި އަނިޔާވެރިކަމުން ރައްކާތެރިވެފައިވާ އަމާން މާހައުލެއްގައި އުނގެނުމުގެ ފުރުސަތު ލިބުމުގެ ހައްގު؛
- ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަސްމީ ތައުލީމީ ނިޒާމުގައި ބައިވެރިވެ، އެ ނިޒާމުގެ ތެރެއިން ތައުލީމު ހާސިލުކުރުމުގެ ހައްގު؛
- ޒަމާނީ ޓެކްނޮލޮޖީއާއި ހާއްސަ ހުނަރު ކުރިއެރުވުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ތައުލީމީ ނިޒާމުގެ ތެރެއިން ލިބުމުގެ ހައްގާއި، ކިޔެވުމުގެ އިތުރުން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ މަގުފަހިވެފައި އޮތުމުގެ ހައްގު؛
- ކިޔެވުމުގައި، ކުއްޖާ ތަރައްގީވަމުންދާ މިންވަރު ގަވާއިދުން އެނގުމުގެ ހައްގު؛ އަދި
- ކިޔެވުމުގައި ބެލެނިވެރިންގެ އަޅާލުމާއި ދައުލަތުގެ އެހީތެރިކަން ލިބުމުގެ ހައްގު.
(ށ) އެއްވެސް ފަރާތަކުން، އެއްވެސް ކުޑަކުއްޖަކު، އުނގެނުމުގެ ހައްގުން މަހުރޫމްކޮށްގެންނުވާނެއެވެ.
7 ވަނަ މާއްދާ - ކުޑަކުދިންގެ ތައުލީމީ ނިޒާމުގެ އަމާޒު
އުނގެނުމުގެ ހައްގު ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންކުރެވިފައި އޮންނަންވާނީ، އަންނަނިވި އަސާސްތަކުގެ މައްޗަށެވެ
(ހ) ކުއްޖާގެ ވިސްނުމާއި، ށަހްސިއްޔަތާއި، ހުނަރާއި، ނަފްސާނީ އަދި ޖިސްމާނީ ކުޅެދުންތެރިކަން އެންމެ ފުޅާމިނަށް ތަރައްގީކުރުން؛
(ށ) ހުރިހާ ކުދިން ށާމިލުވާ ގޮތުގެމަތިން، އަދި ދެ ޖިންސުގެ މެދުގައި އުނގަންނައިދިނުމުގައި ތަފާތުކުރުމެއް ނޯންނާނެ ގޮތުގެމަތިން ތައުލީމުދިނުމުގެ
ސިޔާސަތުތައް ބައްޓަންކުރުން؛
(ނ) ދީނީ އަދި ގައުމީ ވާޖިބުތަކަށް އަހުލުވެރި، މުޖުތަމައުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ ގާބިލު ދަރިވަރުން އުފެއްދުމަށް މަގުފަހިކުރުން؛
(ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، ރައްޔިތުންގެ އެއްބައިވަންތަކަމާއި، ދިވެހި ގައުމިއްޔަތާއި ށަރަފު ހިފަހައްޓައި ކުރިއެރުވުން؛
(ބ) އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުން؛
(ޅ) ކުއްޖާގެ އަމިއްލަވަންތަކަމާއި ، ހުނަރާއި، ނަފްސާނީ އަދި ޖިސްމާނީ ކުޅެދުންތެރިކަން އެންމެ ފުޅާމިނަށް ތަރައްގީކުރުން؛
(ކ) އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ހައްގުތަކަށް އިހްތިރާމްކުރުން؛
(އ) ކުއްޖާގެ މައިންބަފައިންނަށާއި، ކުއްޖާގެ ސަގާފީ އަމިއްލަވަންތަކަމަށާއި، ބަހަށާއި، ގައުމުގެ އާދަކާދަތަކަށާއި، އެހެން މީހުންގެ ވިސްނުމާއި ފިކުރަށް
އިހްތިރާމްކުރުން؛
(ވ) އެހެނިހެން ނަސްލުތަކާއި އަނެކުންނާއި ތިމާއާ ހުންނަ ތަފާތުތައް ގަބޫލުކުރުމާއި، އަނެކުންނަށް އިހްތިރާމްކުރުމާއި، އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި އެކުވެރިކަން ބޭއްވުމުގެ މުހިންމުކަން ކުއްޖާގެ ކިބައިގައި އަށަގެންނެވުން؛
(މ) ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ރީތިކަމާއި ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި ތިމާވެށި ނުސާފުވާފަދަ އަމަލުތަކާއި ގުދުރަތީ ވެށި ހަލާކުވެގެންދާފަދަ އަމަލުތަކުން ދުރުހެލިވުން؛
(ފ) ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިކުރުވުމާއި، ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރަން ދަސްކޮށްދިނުން؛ އަދި
(ދ) ކުއްޖާގެ އަމިއްލަ ސާފުތާހިރުކަމާއި، ދިރިއުޅޭ ތަނާއި ވަށައިގެންވާ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުން.
8 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަކީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ ތައުލީމީ ނިޒާމަކަށް ހެދުން
(ހ) ޕްރީސްކޫލްތަކާއި ފަށާ ތައުލީމު ދޭ ސްކޫލްތަކާއި ސާނަވީ ތައުލީމު ދޭ ސްކޫލްތައް އަދި މަތީ ސާނަވީ ތައުލީމު ދޭ ސްކޫލްތަކުގައި ތަފާތުކުރުމަކާ ނުލައި، އެހެން ކުދިންނެކޭ އެއްފަދައިން ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަފާތު ކުރުމަކާ ނުލައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިދިނުންކަމުގައި ބަލާނީ، ފުރުސަތުތައް ލިބުމުގައާއި، ފުރުސަތުތަކަށް ވާސިލުވުމުގައާއި ފުރުސަތުތަކުން ނަތީޖާ ހާސިލުކުރުމުގައި ހަމަހަމަކަން އޮތުމަށެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމުކޮށްދީ، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މުއާމަލާތްކުރުމަށާއި އެކުދިންގެ ބޭނުންތައް ދެނެގަނެ ރަނގަޅު ފެންވަރުގެ ތައުލީމު ދެވޭނެ މުދައްރިސުންނާއި މުވައްޒަފުން ބިނާކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހިރާއްޖޭގެ ސްކޫލްތަކުން ފުރުސަތުދިނުމުގައި އަދި އެކުދިންނަށް ތައުލީމުދިނުމުގައި ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ ވަސީލަތްތަކާއި ހިފަހައްޓަންޖެހޭ ހަމަތައް ބަޔާންކުރާ ސިޔާސަތެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3(ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށް އިއުލާންކުރަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ސިޔާސަތު ވާންވާނީ، ކުއްޖާގެ އުމުރުގެ ވީހާވެސް ޅަފަތުގައި ކުއްޖާގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް، އަދި އެހެން ކުދިންނާ ތަފާތުކުރުމަކާ ނުލައި، އެ ނުކުޅެދުންތެރިކަމާއެކު އޭނާއަށް ތައުލީމު ހާސިލުކުރެވޭނެ އެންމެ ރަނގަޅު ފެންވަރަށް ތައުލީމު ހާސިލުކުރެވޭނެގޮތަށް ބައްޓަންކުރެވިފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) އާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކުރާ އުސޫލުތައް ނަގަހައްޓައި، އެ މުއާހަދާގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށް މަގުފަހިކޮށްދޭ ސިޔާސަތެއް ކަމުގައެވެ.
(ޅ) އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުސަތު ނުލިބޭ ގޮތަށް އަދި/ނުވަތަ އެފަދަ ކުދިންނާއި އެނޫން ކުދިންނާ ދެމެދު ހަމަހަމަކަން ގެއްލޭގޮތަށް ބައްޓަންކުރެވިފައިވާ ތައުލީމީ ނިޒާމެއް ބެލެވޭނީ ނުކުޅެދުންތެރިކަމަށް ބަލައި ތަފާތުކުރުންކަމުގައެވެ.
(ކ) ގެއްލޭގޮތަށް ބައްޓަންކުރެވިފައިވާ ތައުލީމީ ނިޒާމެއް ބެލެވޭނީ ނުކުޅެދުންތެރިކަމަށް ބަލައި ތަފާތުކުރުންކަމުގައެވެ.
9 ވަނަ މާއްދާ - ދައުލަތުގެ ވާޖިބު
މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އުނގެނުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމަކީ ދައުލަތުގެ ވާޖިބެކެވެ.
(ހ) ހުރިހާ ކުދިން ށާމިލުވާނެ ގޮތެއްގެމަތިން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ވަސީލަތްތަކާއި ފުރުސަތުތައް ފަހިކޮށްދިނުން؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރެވޭނެ ގޮތުގެމަތިން ތައުލީމު ލިބިދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަރައްގީކުރުމާއި، ކޮންމެ ކުއްޖަކަށްމެ ތައުލީމު އުނގަންނައިދެވޭނެ ގޮތް ހަމަޖެއްސުން؛
(ނ) ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އުމުރުން 18 ( އަށާރަ) އަހަރު ފުރިހަމަވަންދެން ތައުލީމު ނުވަތަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވާކަން ކަށަވަރު ކުރުން؛
(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އުމުރުން 18 ( އަށާރަ) އަހަރު ފުރުމުގެ ކުރިން މަތީ ސާނަވީ ތައުލީމު ނިންމާ ކުދިން އެ އަކުރުން އިސްތިސްނާކުރެވިދާނެއެވެ.
(ބ) ޒަމާނީ ޓެކްނޮލޮޖީއާއި، މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަރައްގީކޮށް، ހަމަހަމަ ގޮތެއްގައި ފުރުސަތު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން؛
(ޅ) ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ލޯބިކުރާ އަދި ދިވެހިބަހަށާއި ދިވެހި އާދަކާދަތަކަށް އިހްތިރާމްކުރާ ޖީލެއް ބިނާކުރުން؛
(ކ) ހަށިހެޔޮކަމާއި، ދުޅަހެޔޮކަމާއި، ކުޅިވަރުގެ ހުނަރު ދަސްކޮށްދޭ ނިޒާމެއް ތަރައްގީކޮށް، ހަމަހަމަ ގޮތެއްގައި އެ ފުރުސަތުތައް ފަހިކޮށްދިނުން؛
(އ) ގަވާއިދުން ކުދިން ސްކޫލަށް ހާޒިރުވުމަށް ބާރުއަޅައި، ތައުލީމު ފުރިހަމަނުކޮށް ސްކޫލުން ވަކިވާ ކުދިންގެ އަދަދު މަދުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
އަދި
(ވ) ތައުލީމީ ނިޒާމުގެ ތެރެއިން އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަމިއްލައަށް އިސްނަގާ އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުން.
10 ވަނަ މާއްދާ - މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާ
ކުޑަކުދިންނަށް އުނގަންނައިދިނުމާ ގުޅޭގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މަޖުބޫރު ތައުލީމު ލިބެންޖެހޭ އުމުރުގެ ކުދިން ސްކޫލަށް ވެއްދުމާއި ގަވާއިދުން ކުދިން ސްކޫލަށް ފޮނުވުން؛
(ށ) ސްކޫލަށް ދާއިރު ކުއްޖާ ހުންނަނީ ރަނގަޅު ކާނާ ލިބި، ދުޅަހެޔޮ ސިއްހަތެއްގައިކަމާއި، ހަމައަށް ނިދި ލިބިފައިކަން ކަށަވަރުކުރުން ހިމެނޭގޮތުން، ކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުން؛
(ނ) ކުދިންގެ ކިޔެވުމާގުޅޭ ކަންކަމުގައި އެކުދިންގެ މުދައްރިސުންނާއި ސްކޫލަށް އެއްބާރުލުން ދިނުން؛ އަދި
(ރ) ކުޑަކުދިންނަކީ ހީވާގި ބަޔަކަށް ހެދުމަށާއި މުޖުތަމައުގައި ޒިންމާދާރު ބަޔަކަށްވުމަށް ހިތްވަރުދީ، އެކަމަށް ބާރު އެޅުމާއި، އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ އަދި އަހުލާގު ރަނގަޅު ބައެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުން.
11 ވަނަ މާއްދާ - ކިޔަވާ ކުދިންގެ ޒިންމާ
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ މައްޗަށް އަންނަނިވި ޒިންމާތައް މަތިކުރެވިގެންވެއެވެ.
(ހ) ގަވާއިދުން ސްކޫލަށް ހާޒިރުވުން ހިމެނޭގޮތުން، ސްކޫލްތަކުގައި ގާއިމުކޮށްފައިވާ ތައުލީމީ ޕްރޮގްރާމްތަކުގައި ފުރިހަމައަށް ބައިވެރިވެ، ކިޔެވުމުގެ ފުރުސަތުތަކުގެ ފުރިހަމަ ބޭނުންހިފައި، ފަރުވާތެރިކަމާއެކު ކިޔެވުމަށް މަސައްކަތްކުރުން؛
(ށ) ސްކޫލްގެ ގަވާއިދުތަކަށް އިހްތިރާމްކޮށް، އެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަހުލާގާއި ސުލޫކު ހިފެހެއްޓުން؛
(ނ) ސްކޫލްގެ މުވައްޒަފުންނަށާއި، އެހެން ކިޔަވާ ކުދިންނަށާއި މުޖުތަމައުގެ ފަރުދުންނަށް އިހްތިރާމްކުރުން؛
(ރ) ކިޔަވާ ކުއްޖާގެ އަމަލުތައް ހުންނަ ގޮތާ ގުޅޭގޮތުން އެކުއްޖަކު ޖަވާބުދާރީވުން.
ތިންވަނަ ބާބު
ތައުލީމީ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒުކުރުން
12 ވަނަ މާއްދާ - ތައުލީމީ ސިޔާސަތު ކަނޑައެޅުން
(ހ) ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެމަތިން، އަދި މި ގާނޫނުގެ އެއްވެސް އުސޫލަކާ ހިލާފުނުވާނެ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ތައުލީމާބެހޭ
ސިޔާސަތުތައް ކަނޑައަޅާނީ، މިނިސްޓަރެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރާނީ، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުންނެވެ.
13 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތު
މި ގާނޫނުގެ ދަށުން މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި ، މަތީ ސާނަވީ އަދި ނުރަސްމީ ތައުލީމުގެ ސިޔާސަތުތައް ތަންފީޒުކުރުން؛
(ށ) ރަސްމީ ތައުލީމާއި ނުރަސްމީ ތައުލީމުގެ ފުރުސަތުތައް ހަމަހަމަކަމާއެކު ލިބިދެވޭކަން ކަށަވަރުކުރުން؛
(ނ) ރައްކާތެރި އަދި އަމާން މާހައުލެއް ސްކޫލްތަކުގައި ގާއިމުކޮށްދީ، އަމާން މާހައުލެއްގައި ތައުލީމު ހާސިލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން؛
(ރ) ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރުމާއި، އެ ތަންތަން ހިނގާގޮތް ބެލުން؛
(ބ) ދިވެހިރާއްޖޭގައި ދޭ ތައުލީމުގެ ފެންވަރު ބެލުމަށާއި، ފެންވަރު ހިފެހެއްޓުމަށާއި، ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން؛
(ޅ) ސްކޫލް ކުދިންނަށް އިމްތިހާނު ދިނުމާގުޅޭ ކަންކަން ރާވައި އިންތިޒާމުކުރުމާއި ވިލަރެސްކުރުން؛
(ކ) ގައުމީ މަންހަޖުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ސްކޫލްތަކުން ކިޔަވައިދިނުމުގެ އިތުރު ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުން؛
(އ) ގައުމީ މަންހަޖުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ސްކޫލްތައް ފިޔަވައި އެހެނިހެން ފަރާތްތަކުން ހިންގާ އިތުރު ހަރަކާތްތައް ހިންގުމުގެ އުސޫލު ކަނޑައެޅުން؛
(ވ) ތައުލީމު ދޭ ކޮންމެ މާހައުލެއްގައާއި މަންސައެއްގައި ހިންގާ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ އިޖުތިމާއީ، ރޫހާނީ އަދި ޖަޒުބާތީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިވާގޮތަށް ތައްޔާރުކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުން؛
(މ) ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅިގެން ހިންގާ ސްކޫލް ފެންވަރުގެ ތައުލީމީ ޕްރޮގްރާމްތައް ވިލަރެސްކުރުން؛
(ފ) ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން؛
(ދ) ތައުލީމުދިނުމުގައި ބައިވެރިވާން އެދޭ އަމިއްލަ ފަރާތްތަކަށް ކަނޑައެޅޭ އުސޫލުތަކާ އެއްގޮތަށް ފުރުސަތު ދިނުން؛
(ތ) ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި އެހެނިހެން ފަންނީ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން؛
(ލ) އުނގެނުމުގެ މުހިންމުކަމާއި ތައުލީމީ ސިޔާސަތުތަކަށް ބެލެނިވެރިންނާއި ރައްޔިތުން ހޭލުންތެރިކޮށް، އެ ކަންކަމުގައި ބައިވެރިކުރުވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
(ގ) ކުރިއަށް އޮންނަ ދިރާސީ އަހަރުގެ ތައުލީމީ ކަލަންޑަރު ކަނޑައެޅުން؛
(ޏ) ސަރުކާރު ސްކޫލްތަކަށް ބަޖެޓު ކަނޑައެޅުމާއި، އެ ބަޖެޓަކީ ސްކޫލްތަކުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރެވޭނެ ބަޖެޓެއްކަން ކަށަވަރުކުރުން؛
(ސ) ގާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން ލިބިދޭ ހައްގުތައް ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަށަވަރުކޮށްދިނުން؛
(ޑ) ޅަފަތުގެ ތައުލީމާއި ތަރުބިއްޔަތާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުން އަމަލުކުރާނެގޮތުގެ ގަވާއިދުތަކާއި، ބެލެނިވެރިންނަށް ބޭނުންވާނެ މައުލޫމާތާގުޅޭ ގަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުން؛ އަދި
(ޒ) މި ގާނޫނުގެ މަގްސަދު ހާސިލުވާނެ ގޮތުގެމަތިން މި ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ތަންފީޒުވަމުންދާކަން ކަށަވަރުކުރުން
ހަތަރުވަނަ ބާބު
ސްކޫލް ތައުލީމުގެ ނިޒާމު
14 ވަނަ މާއްދާ - މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުފުރާ
ދިވެހިރާއްޖޭގައި ދިރިއުޅޭ، އުމުރުން 4 (ހަތަރެއް) އަހަރުން ފެށިގެން 16 (ސޯޅަ) އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ، މަޖުބޫރު ތައުލީމު ލާޒިމުވާނެ ކުއްޖެކެވެ.
15 ވަނަ މާއްދާ - މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިންނަށް ކިޔަވައިދިނުން ލާޒިމުކުރުން
(ހ) މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކޮންމެ ކުއްޖަކު، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ކަނޑައަޅާފައިވާ ޕްރީސްކޫލް ތައުލީމުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް ތައުލީމު ހާސިލުކުރުމަށް ސްކޫލަށް ފޮނުވައި، އެކުއްޖެއްގެ އުމުރަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ ގައުމީ ތައުލީމީ ނިޒާމުގެ މަރުހަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖަކު އެކުއްޖާގެ އުމުރުން 16 ( ސޯޅަ) އަހަރު ފުރުމުގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ތައުލީމުގެ ނިޒާމު ގަބޫލުކުރާ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އެކުއްޖަކު ސްކޫލަށް ދިޔުމަށް ލާޒިމެއްނުވާނެއެވެ.
16 ވަނަ މާއްދާ - އިސްތިސްނާ ހާލަތްތައް
(ހ) ހުރިގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިސްތިސްނާއެއް ދިނުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ކުއްޖަކަށް އިސްތިސްނާއެއް ދޭންވާނީ، އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމައެވެ.
(ނ) މި މާއްދާގެ ދަށުން އިސްތިސްނާ ދޭ ހާލަތުގައިވެސް، އެ ހާލަތުގައިވާ ކުދިންނަށް މިނިސްޓްރީން ކަނޑައަޅާ ތައުލީމީ ޕްރޮގްރާމެއްގެ ދަށުން އުނގެނުމުގެ ހައްގު ލިބިދެވެންވާނެއެވެ.
17 ވަނަ މާއްދާ - ޕްރީސްކޫލް ތައުލީމު ހިލޭ ފޯރުކޮށްދިނުން
ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ޕްރީސްކޫލް ތައުލީމު ހިލޭ ފޯރުކޮށްދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭންވާނެއެވެ.
18 ވަނަ މާއްދާ - ފަށާ ތައުލީމާއި ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހިލޭ ފޯރުކޮށްދިނުން
(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ފަށާ ތައުލީމާއި ސާނަވީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދައުލަތުން ހިލޭ ފޯރުކޮށްދޭންވާނެއެވެ.
(ށ) ސާނަވީ ތައުލީމު ފުރިހަމަކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ތައުލީމު ނުވަތަ ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު، އެކަމަށް އެދޭ އަދި މިނިސްޓްރީން ކަނޑައަޅާ ވަކި ށަރުތުތަކެއް ފުރިހަމަވާ، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށްވެސް، ދައުލަތުން ހިލޭ ތަނަވަސްކޮށްދޭންވާނެއެވެ.
- މަތީ ސާނަވީ ތައުލީމު؛ ނުވަތަ
- ގްރޭޑް 10 (ދިހައެއް) ފުރިހަމަކުރުމަށްފަހު އިތުރު 2 (ދޭއް) އަހަރުދުވަހުގެ ސްކޫލް ތައުލީމު.
19 ވަނަ މާއްދާ - ބިދޭސީ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުން
(ހ) ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި، މެދުމަދުރަސީ ތައުލީމާއި ސާނަވީ ތައުލީމު އަދި މަތީ ސާނަވީ ތައުލީމު، އުނގެނުމުގެ ހައްގު ދިވެހި ކުދިންނާ އެއްފަދައިން ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ބިދޭސީ ކުއްޖަކަށް ލިބިގެންވެއެވެ. އަދި އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކުގައި ތައުލީމު އުނގެނުމުގެ ފުރުސަތު ބިދޭސީ ކުދިންނަށް ހުޅުވާލެވިފައި އޮންނަންވާނެއެވެ.
(ށ) މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް، ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް ހިލޭ ތައުލީމު ހަމަޖައްސައިދެވިދާނެއެވެ.
20 ވަނަ މާއްދާ - ހިލޭ ތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
(ހ) މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ދިވެހި ކުއްޖަކަށް ހިލޭ ތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީން ހަމަހަމަ ގޮތެއްގައި ހިލޭ ފޯރުކޮށްދޭންވާނެއެވެ.
(ނ) ކުއްޖަކު ރަށްވެހިވެފައިވާ ރަށެއްގައި މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތައުލީމު ދެވޭނެ ސްކޫލެއްގެ ހިދުމަތް ލިބެން ނެތް ހާލަތެއްގައި، އެހެން ރަށެއްގައި އެކުއްޖަކަށް އެ ތައުލީމު ލިބިދިނުމަށްޓަކައި މިނިސްޓްރީން އެކުލަވާލާ ގަވާއިދުގެ ދަށުން ހަމަޖައްސައިދޭންޖެހޭ އިންތިޒާމު، ސަރުކާރުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.
21 ވަނަ މާއްދާ - ދީނީ ތަރުބިއްޔަތު
ދިވެހިރާއްޖޭގައި ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި، ސާނަވީ ތައުލީމު އަދި މަތީ ސާނަވީ ތައުލީމު އުނގަންނައިދޭ ކޮންމެ ސްކޫލެއްގައިވެސް، ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެއެވެ.
22 ވަނަ މާއްދާ - ދީނީ ތަރުބިއްޔަތު
ދިވެހިރާއްޖޭގައި ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި، ސާނަވީ ތައުލީމު އަދި މަތީ ސާނަވީ ތައުލީމު އުނގަންނައިދޭ ކޮންމެ ސްކޫލެއްގައިވެސް، ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެއެވެ.
23 ވަނަ މާއްދާ - ދުޅަހެޔޮ ސިއްހަތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން
ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިމެނޭ އެންމެހައި މަރުހަލާތައް ކިޔަވައިދޭ ސްކޫލްތަކުގައި، ދުޅަހެޔޮ ސިއްހަތަކަށް ފަހި މާހައުލެއް ގާއިމުވެފައި އޮންނަންވާނެއެވެ. އެގޮތުން، ކޮންމެ ސްކޫލެއްގައިވެސް މަދުވެގެން އަންނަނިވި ޕްރޮގްރާމްތަކާއި ހިދުމަތްތަކާއި ވަސީލަތްތައް ލިބެންހުންނަންވާނެއެވެ.
(ހ) ކުދިންގެ އުމުރާ ގުޅޭގޮތުން ކުއްޖާގެ ސިކުނޑި ތަރައްގީވަމުންދާގޮތް ބަލައި، ކުއްޖާގެ ގާބިލިއްޔަތާ އެކަށީގެންވާ ގޮތެއްގައި އުނގަންނައިދެވޭނެފަދަ މާހައުލެއް ގާއިމުވެފައިއޮތުން؛
(ށ) ޖަޒުބާތީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭފަދަ މާހައުލެއް ގާއިމުވެފައި އޮތުމާއެކު، މިކަމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ސްކޫލްތަކުގައި ގާއިމުވެފައިހުރުން؛
(ނ) ކުދިންގެ އުމުރާއި ތަރައްގީވަމުންދާ ގާބިލިއްޔަތާ އެކަށޭނަ ގޮތެއްގައި ކިޔެވުމުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތަކާއި، އިޖުތިމާއީ ހަރަކާތްތަކާއި، ތިމާވެށްޓާ ގުޅުންހުރި ހަރަކާތްތައް އަދި ދީނީ ހަރަކާތްތައް ރާވައި ހިންގުން؛
(ރ) ހަނގާކުރުމާއި ފުރައްސާރަކުރުންފަދަ ކަންކަމާއި އެނޫންވެސް ގޯނާތަކުން ރައްކާތެރި އަދި އަމާން މާހައުލެއް ގާއިމުވެފައިއޮތުން؛
(ބ) ސްކޫލްތަކަކީ ސާފުތާހިރު ތަންތަންކަމުގައި ވުމާއެކު، ބަލިތަކުން ރައްކާތެރިކަން ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައިއޮތުން؛
(ލ) ސަރުކާރުގެ ކޮންމެ ސްކޫލަކުން ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން؛
(ކ) ދުޅަހެޔޮ އަދި ހަށިހެޔޮ ދަރިވަރުންނަށްވުމަށް އެހީތެރިވެވޭނެ ހަރަކާތްތައް ސްކޫލްތަކުގައި ހިންގުން؛
(އ) ކޮންމެ ސްކޫލަކީ އެ ސްކޫލެއްގައި އުނގެނޭ ދަރިވަރުންގެ އުމުރާގުޅޭ ކުޅިވަރު ހަރަކާތްތައް ހިންގާ ސްކޫލަކަށްވުން؛
(ވ) ދަރިވަރުންގެ ސިއްހަތު ބަލަހައްޓާ ނިޒާމެއް ގާއިމުކުރުން؛ އަދި
(މ) އެހީތެރިކަމަށް ބޭނުންވާ ދަރިވަރުން ދެނެގަނެ އެ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުން.
24 ވަަނަ މާއްދާ - މަދުރަސީ މަންހަޖާއި އިމްތިހާނު
(ހ) މި ގާނޫނުގައި ބަޔާންކުރާ ތައުލީމުދިނުމުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި މަދުރަސީ ތައުލީމުގެ ހުރިހާ މަރުހަލާތަކެއް ށާމިލުވާގޮތަށް މަދުރަސީ މަންހަޖެއް މިނިސްޓްރީން އެކުލަވާލައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަދުރަސީ މަންހަޖު އެކުލަވާލުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) ސްކޫލްތަކުގެ އެކި މަރުހަލާތަކުގައި ކިޔަވައިދޭ މާއްދާތައް އިމްތިހާނުކޮށް ވަޒަންކުރުމުގެ ގޮތުން، އާންމު އިމްތިހާނުތައް ބާއްވާނެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.
(ރ) ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުން ބައިވެރިވާ އިމްތިހާނުތަކަކީ ބައިނަލްއަގްވާމީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގެ އިމްތިހާނުތަކެއްކަމުގައި ވާންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އާންމު އިމްތިހާނުތައް ބާއްވާނެ ނިޒާމެއް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ގައި ހިމަނަންވާނެއެވެ.
25 ވަނަ މާއްދާ - ސްކޫލަށް ހާޒިރުވުން
(ހ) މަގުބޫލު ސަބަބެއް އޮވެގެން މެނުވީ، މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކޮންމެ ކުއްޖަކުވެސް ގަވާއިދުން ސްކޫލަށް ހާޒިރުވާންވާނެއެވެ.
(ށ) މަގުބޫލު ސަބަބެއް އޮވެގެން ސްކޫލަށް ހާޒިރުނުވެ ހުރެވޭނެ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ބަލި ހާލަތު ހުރިގޮތުން ސްކޫލަށް ހާޒިރުވެވެން ނެތުން؛
- ކިޔެވުމަށް ސްކޫލަށް ހާޒިރުވާންޖެހޭ ވަގުތެއްގައި ސްކޫލުން ކަނޑައަޅާ ހަރަކާތްތަކެއްގައި ބައިވެރިވާން އުޅެންޖެހުމުގެ ސަބަބުން ސްކޫލަށް ހާޒިރުވެވެން ނެތުން؛
- އެނޫންވެސް އެކަށީގެންވާ ސަބަބަކާ ހުރެ ސްކޫލަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ސްކޫލްގެ ހުއްދައާއެކު ސްކޫލަށް ހާޒިރުނުވެ ހުރުން.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި ސްކޫލަށް ހާޒިރުވުމުގެ މާނައިގެ ތެރޭގައި ސްކޫލުން ބާއްވާ އިތުރު ހަރަކާތްތަކަށް ހާޒިރުވުންވެސް ހިމެނެއެވެ.
26 ވަނަ މާއްދާ - ވަޒީފާއަދާކުރުން މަނާކުރުން
މަޖުބޫރު ތައުލީމު ލިބެންޖެހޭ އުމުރުކަމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އުމުރުގެ ކުދިން ވަޒީފާއަށް ފޮނުވައިގެން ނުވާނެއެވެ. ނަމަވެސް، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާ ހިލާފުނުވާ ގޮތުގެމަތިން ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ހޯދުމަށް ބެލެނިވެރިޔާގެ ހުއްދައާއެކު އުމުރާގުޅޭ ވަޒީފާއަކަށް ކުޑަކުއްޖަކު ދިޔުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
27 ވަނަ މާއްދާ - ލާއިންސާނީ އަދަބު ދިނުން މަނާކުރުން
ތައުދީބީ ފިޔަވަޅެއްގެ ގޮތުންވިޔަސް ނުވަތަ އެނޫން ގޮތަކުންވިޔަސް، އެއްވެސް ކުއްޖަކަށް ރަހުމްކުޑަ އަދި ލާއިންސާނީ އަދަބެއް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ލިބޭފަދަ އަދަބެއް ސްކޫލްގެ އެއްވެސް ފަރާތަކުން އެކުއްޖާއަށް ދީގެންނުވާނެއެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް، ސްކޫލްގެ އެއްވެސް ފަރާތަކުން އެކުއްޖާއަށް ދީގެންނުވާނެއެވެ. އަދި ސްކޫލްގެ ބެލުމުގެ ދަށުގައި ކުއްޖާ ވަނިކޮށް، އެހެން ފަރާތަކުން އެފަދަ ކަމެއް އެކުއްޖާއަށް ކުރިޔަދީގެންވެސް ނުވާނެއެވެ.
28 ވަނަ މާއްދާ - ލާއިންސާނީ އަދަބު ދިނުން މަނާކުރުން
(ހ) ތައުދީބީ ފިޔަވަޅެއްގެ ގޮތުންވިޔަސް ނުވަތަ އެނޫން ގޮތަކުންވިޔަސް، އެއްވެސް ކުއްޖަކަށް ރަހުމްކުޑަ އަދި ލާއިންސާނީ އަދަބެއް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ލިބޭފަދަ އަދަބެއް ސްކޫލްގެ އެއްވެސް ފަރާތަކުން އެކުއްޖާއަށް ދީގެންނުވާނެއެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާއެއް، ސްކޫލްގެ އެއްވެސް ފަރާތަކުން އެކުއްޖާއަށް ދީގެންނުވާނެއެވެ. އަދި ސްކޫލްގެ ބެލުމުގެ ދަށުގައި ކުއްޖާ ވަނިކޮށް، އެހެން ފަރާތަކުން އެފަދަ ކަމެއް އެކުއްޖާއަށް ކުރިޔަދީގެންވެސް ނުވާނެއެވެ.
(ށ) ސްކޫލްގެ ރައްކާތެރިކަމުގެ ގަވާއިދު އެކުލަވާލަންވާނީ، ސްކޫލްގައި ކިޔަވާ ކުދިންނާއި ސްކޫލްގައި ކިޔަވައިދޭ މުދައްރިސުންނާއި އެނޫންވެސް ފަރާތްތަކުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، އެއިން ފަރާތެއްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާއި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ހިމެނޭގޮތުންނެވެ.
(ނ) ުދައްރިސުންނާއި ސްކޫލްގެ އެހެނިހެން މުވައްޒަފުންގެ ސުލޫކުގެ ގަވާއިދުގައި، އެ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ދަރިވަރުންނާ ގުޅޭގޮތުން ކޮށްގެންނުވާނެ ކަންކަމާއި، ސުލޫކުގެ ގަވާއިދާ ހިލާފުވާ ހާލަތުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ސްކޫލްތަކުން އެކުލަވާލަންޖެހޭ ގަވާއިދުތަކުގައި ހިމެނެންޖެހޭ މައިގަނޑު ކަންކަން ބަޔާންކުރާ އުސޫލެއް މި ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލަންވާނެއެވެ.
ފަސްވަނަ ބާބު
ސްކޫލްތައް ހިންގުން
29 ވަނަ މާއްދާ - ސްކޫލްތައް
ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތައް ބެހިގެންވަނީ އަންނަނިވި 4 (ހަތަރެއް) ބާވަތުގެ ސްކޫލްތަކުގެ މައްޗަށެވެ.
(ހ) ސަރުކާރު ސްކޫލްތައް؛
(ށ) އަމިއްލަ ސްކޫލްތައް؛
(ނ) ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕީ.ޕީ.ޕީ) ސްކޫލްތައް؛ އަދި
(ރ) ކޮމިއުނިޓީ ސްކޫލްތައް.
30 ވަނަ މާއްދާ - ސަރުކާރު ސްކޫލްތައް
(ހ) ސަރުކާރު ސްކޫލްތައް ހިންގާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި، ސަރުކާރު ސްކޫލްތައް ގާއިމުކުރާނެ ގޮތާއި، އެފަދަ ސްކޫލްތަކަށް ނަންކިޔާނެ ގޮތާއި، ސްކޫލަށް ކުދިން ވެއްދުމުގައި އަދި ސްކޫލުން ކުދިން ވަކިކުރުމުގައި އަމަލުކުރާނެ ގޮތާއި، ސްކޫލް ހިންގާނެ ގޮތާއި، ސްކޫލަށް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނެ ގޮތާއި، އެއް ސްކޫލަށްވުރެ ގިނަ ސްކޫލް އެއްކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ސްކޫލެއް ބަންދުކުރަން ޖެހިއްޖެނަމަ އަމަލުކުރާނެ އުސޫލުތަކާއި، އެނޫންވެސް ސަރުކާރު ސްކޫލްތައް ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރަންވާނެއެވެ.
31 ވަނަ މާއްދާ - އަމިއްލަ ސްކޫލްތަކާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް
(ހ) ދިވެހިރާއްޖޭގައި އަމިއްލަ ސްކޫލްތަކާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް ހިންގަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.
(ށ) މި މާއްދާގެ ދަށުން ހަދާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ރަޖިސްޓަރީކުރުމުގެ ށަރުތުތަކާއި ކަމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް؛
- ސްކޫލްގައި ފުރިހަމަވާންޖެހޭ ވަސީލަތްތަކާއި ހިދުމަތްތައް؛
- ސްކޫލަށް ކުދިން ވެއްދުމާއި ވަކިކުރުމުގެ އުސޫލުތައް؛
- ސްކޫލަށް ވައްދާ ކުދިންގެ ފީ ކަނޑައެޅުމުގެ އުސޫލުތައް؛
- ސްކޫލްގައި ހިންގާ ޕްރޮގްރާމްތަކާގުޅޭ އުސޫލުތައް؛ އަދި
- ސްކޫލްގެ މަސްއޫލު ފަރާތްތަކުގެ ޒިންމާއާއި އެފަދަ ސްކޫލްތައް ހިންގުމާގުޅޭ އުސޫލުތައް.
32 ވަނަ މާއްދާ - އަމިއްލަ ސްކޫލްތަކާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް އަލުން ރަޖިސްޓަރީކުރުން
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ އަމިއްލަ ސްކޫލްތަކާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަލުން ރަޖިސްޓަރީކުރަންވާނެއެވެ.
ހަވަނަ ބާބު
މުދައްރިސުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުން
33 ވަނަ މާއްދާ - މުދައްރިސުންގެ ފެންވަރާއި، މުދައްރިސުންގެ ހައްގުތައް
(ހ) ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި މަސައްކަތްކުރާ މުދައްރިސުން ވާންވާނީ، ކަމަށް އެކަށޭނަ ސަނަދު ލިބިފައިވާ، ފެންވަރު ރަނގަޅު މުދައްރިސުންކަމުގައެވެ.
(ށ) ވަޒީފާއާބެހޭ ގާނޫނުން ކަށަވަރުކޮށްދޭ ކަންކަމުގެ އިތުރުން މުދައްރިސުންނަށް ލިބިދެވޭނެ އިނާޔަތްތަކާއި ރައްކާތެރިކަމާގުޅޭ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދައްރިސުންނަށް ލިބިދޭންޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަން އެ މުދައްރިސަކު މަސައްކަތްކުރާ ސްކޫލަކުން ކަށަވަރުކޮށްދޭންވާނެއެވެ.
34 ވަނަ މާއްދާ - މުދައްރިސުންގެ ޒިންމާ
މުދައްރިސުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކިޔަވާ ކުދިންގެ ހައްގުތަކަށް ރައްކާތެރިވެ، އެ ހައްގުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ށ) ކިޔަވާ ކުދިންނަށް އުނގެނުމަށް ހިތްވަރުދީ، އެ ކުދިންގެ ކިބައިން ނެރެން ބޭނުންވާ ނަތީޖާ ހާސިލުކޮށްދިނުމަށްޓަކައި ކިޔެވުމުގެ ރޫހު އާލާކުރުވަން މަސައްކަތްކުރުން؛
(ނ) ކިޔެވުމުގައި ހާސިލުކުރަންޖެހޭކަމަށް ކަނޑައެޅިފައިވާ ނަތީޖާތައް ކިޔަވާ ކުދިން ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އަމިއްލަ ހުނަރާއި އިލްމު މަތިކުރުމަށް މަސައްކަތްކުރުން؛
(ރ) ކިޔެވުމުގައި ހާސިލުކުރަންޖެހޭކަމަށް ކަނޑައެޅިފައިވާ ނަތީޖާތައް ކިޔަވާ ކުދިން ހާސިލުކުރާ މިންވަރު ގަވާއިދުން މޮނިޓަރކޮށް، ކުއްޖާ ތަރައްގީވަމުންދާ މިންވަރު ދެނެގަނެ، ކުއްޖާގެ ކިޔެވުމުގެ ފެންވަރު ވަޒަންކޮށް، ގަވާއިދުން މުރާޖައާކުރަމުން ގެންދިޔުން؛
(ބ) ކޮންމެ ދަރިވަރެއްގެ ގަދަރަށާއި ސިއްހީ ދުޅަހެޔޮކަމަށް އަޅާލުމުގެ އާދަ ގެންގުޅުމަށް ދަރިވަރުންނަށް ހިތްވަރުދީ، އެކަން ދަމަހައްޓައި ކޮންމެ ދަރިވަރެއްގެ ކިބައިގައި އެހެން މީހުންގެ ގަދަރަށާއި ސިއްހީ ދުޅަހެޔޮކަމަށް އަޅާލުމުގެ އާދަ އަށަގެންނެވުމަށް ހިތްވަރުދިނުން؛
(ޅ) ކުއްޖާ ތަރައްގީވަމުންދާ މިންވަރާއި، ކުއްޖާގެ ކިޔެވުމުގެ ފެންވަރާއި، ކުއްޖާއާގުޅޭ އެނޫންވެސް މައުލޫމާތު ބެލެނިވެރިންނާ ގަވާއިދުން ހިއްސާކުރަމުން ގެންދިއުން؛
(ކ) މުދައްރިސުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް އަމަލުކުރުން؛
(އ) އަމާން އަދި ރައްކާތެރި މާހައުލެއް ސްކޫލްގައި ދެމެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުން؛
(ވ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މުދައްރިސުންގެ މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން.
35 ވަނަ މާއްދާ - ޕްރިންސިޕަލުންގެ ޒިންމާ
ސްކޫލް ޕްރިންސިޕަލުންގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) މިނިސްޓްރީން ކަނޑައަޅާ ތައުލީމީ ސިޔާސަތުތައް ސްކޫލްތަކުގައި ތަންފީޒުކުރުމާއި، އެ ސިޔާސަތުތަކާ އެއްގޮތަށް ސްކޫލްގެ ކަންކަން ރާވައި ހިންގުން؛
(ށ) މަންހަޖުގައިވާގޮތަށް ސްކޫލްގައި ކިޔެވުން ކުރިއަށްގެންދާކަން ޔަގީންކުރުން؛
(ނ) ކުދިން ގަވާއިދުން ސްކޫލަށް ހާޒިރުކުރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް، ކަމާގުޅޭގޮތުން އެކުލަވާލާފައިވާ ސްކޫލްގެ ގަވާއިދުތަކާ އެއްގޮތަށް ކުރުން؛
(ރ) ކިޔަވާ ކުދިންގެ ކިޔެވުމާގުޅޭ ކަންކަމާއި ސްކޫލްގެ އެހެނިހެން ކަންކަމާގުޅޭ މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރުން؛
(ބ) ރައްކާތެރި އަދި ކިޔެވުމުގެ ރޫހު އާލާކުރުވަނިވި މާހައުލެއް އުފައްދައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުން؛
(ޅ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތައް ސްކޫލްގައި ތަންފީޒުކުރުން؛
(ކ) ސްކޫލް ހިންގުމުގައި ސްކޫލްގެ އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، މުދައްރިސުންނާއި ސްކޫލްގެ އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި އެ ފަރާތްތަކަށް ޕްރޮފެށަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުން؛ އަދި
(އ) ސްކޫލްގައި ކިޔަވާ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
ހަތްވަނަ ބާބު
ކިޔަވައިދޭ ތަންތަނާއި މުދައްރިސުން ރަޖިސްޓަރީކުރުން
36 ވަނަ މާއްދާ - ސްކޫލް ފިޔަވައި ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރުން
(ހ) ސްކޫލްތައް ފިޔަވައި އެނޫން ކިޔަވައިދޭ ތަންތަން ދިވެހިރާއްޖޭގައި ހިންގަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ ތަންތަން ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.
- ބޭބީ ނާސަރީއާއި ނާސަރީ؛
- ޕްރީސްކޫލާއި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން؛
- ޓިއުށަން ދޭ ތަންތަން؛
- ގުރުއާން ކްލާސްތައް؛
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކިޔަވައިދޭ ތަންތަން.
(ނ) ކިޔަވައިދޭ ތަންތަނާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކޮށްދިނުމުގެ ށަރުތުތަކާއި ކަމާގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް؛
- ކިޔަވައިދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ވަސީލަތްތަކާއި ހިދުމަތްތައް؛
- ކިޔަވައިދޭ ތަންތަނަށް ކުދިން ވެއްދުމާއި ވަކިކުރުމުގެ އުސޫލުތައް؛
- ކިޔަވައިދޭ ތަންތަނަށް ވައްދާ ކުދިންގެ ފީ ކަނޑައެޅުމުގެ އުސޫލުތައް؛
- ކިޔަވައިދޭ ތަންތަނުގައި ހިންގާ ޕްރޮގްރާމްތަކާގުޅޭ އުސޫލުތައް؛
- ކިޔަވައިދޭ ތަންތަނުގެ މަސްއޫލު ފަރާތްތަކުގެ ޒިންމާއާއި އެފަދަ ތަންތަން ހިންގުމާގުޅޭ އުސޫލުތައް؛ އަދި
- ކިޔަވައިދޭ ތަންތަނުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ އުސޫލުތައް.
(ރ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުންދިޔަ ކިޔަވައިދޭ ތަންތަން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީނުކޮށް ހިންގަމުންދިޔަ ކިޔަވައިދޭ ތަންތަން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކުރަންވާނެއެވެ.
37 ވަނަ މާއްދާ - މުދައްރިސުން ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ސްކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކޮށްގެންނުވާނެއެވެ. އަދި އެފަދައިން ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް މެނުވީ، އެއްވެސް ސްކޫލެއްގައި މުދައްރިސެއްގެ ވަޒީފާދީގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މި ގާނޫނުގެ 29 ވަނަ މާއްދާއާއި 36 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ތަންތަނުގައި ކިޔަވައިދޭ މުދައްރިސުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ރަޖިސްޓަރީވެ، ލައިސަންސް ހޯދަންވާނެއެވެ.
(ނ) މުދައްރިސުންގެ ސީދާ ބެލުމުގެ ދަށުން މަސައްކަތްކުރާ ޓްރެއިނީގެ މައްޗަކަށް މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށްޓަކައި މުދައްރިސުންގެ މާނައިގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ތަންތަނުގައި ކިޔަވައިދޭ ޓިއުޓަރުންނާއި، ތެރަޕިސްޓުންނާއި، ޓީޗަރުންނާއި، ސްކޫލްގެ ލީޑިންގ ޓީޗަރުންނާއި، ސުޕަރވައިޒަރުންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، އެކްޓިންގ ޕްރިންސިޕަލުންނާއި، ޕްރިންސިޕަލުންނާއި އެ ފެންވަރުގެ މަގާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ހިމެނެއެވެ.
38 ވަނަ މާއްދާ - މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުން
(ހ) މުދައްރިސުން ރަޖިސްޓަރީކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް، "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" ގެ ނަމުގައި މިނިސްޓްރީގައި މިނިސްޓަރު އުފައްދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، މިނިސްޓަރު އައްޔަންކުރާ ރަޖިސްޓްރާރއެވެ. އެގޮތުން، ރަޖިސްޓްރާރގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ މިނިސްޓްރީގައި މަސައްކަތްކުރާ، މިނިސްޓަރުގެ ނައިބުގެ ފެންވަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރާ ފަރާތެއްކަމުގައި ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ބޯޑު އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
- ރަޖިސްޓްރާރ؛
- އެޑިޔުކޭށަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާގެ ފަރާތެއް؛
- ކިޔަވައިދިނުމުގެ ދާއިރާގެ ފަރާތެއް؛
- ތައުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާގެ ފަރާތެއް؛ އަދި
- ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭށަނަލް ސައިކޮލޮޖީގެ ދާއިރާގެ ފަރާތެއް.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގައި މުދައްރިސުން ރަޖިސްޓަރީކޮށް، މުދައްރިސުންނަށް ލައިސަންސްދިނުމުގެ ގަވާއިދުތަކާއި އުސޫލުތައް، އެ ބޯޑުން އެކުލަވާލައި އާންމުކުރަންވާނެއެވެ.
(ބ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި މުދައްރިސުން މި ގާނޫނަށް އަމަލުކުރަން ފަށާތާ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑުގައި ރަޖިސްޓަރީކޮށް، ލައިސަންސް ހޯދަންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބޯޑުގެ މަސައްކަތްތައް ހިންގުމާގުޅޭ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
އަށްވަނަ ބާބު
ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުން
39 ވަނަ މާއްދާ - ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުން
(ހ) ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެނޫންވެސް ތަންތަން ހިންގަނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކޮށް، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ނިޒާމުގައި، ސްކޫލްތަކާއި ކިޔަވައިދޭ ތަންތަން، ގަވާއިދުން ބަލައި ފާސްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.
40 ވަނަ މާއްދާ - ފެންވަރު ހިފެހެއްޓުމާގުޅޭ ގަވާއިދު ހެދުން
މި ގާނޫނުގެ 39 ވަނަ މާއްދާގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވޭ ގަވާއިދެއް މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދަންވާނެއެވެ.
(ހ) ސްކޫލްތަކާއި ތައުލީމުދޭ ތަންތަން ހިނގަނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލާނެ އިޖުރާއަތުތައް؛
(ށ) ތައުލީމު ދޭ ތަންތަނުގެ ފެންވަރު ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނުގެ މުވައްޒަފުންނާއި ކިޔަވާކުދިންގެ ރައްކާތެރިކަމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހުކުރަން އެންގުމުގައި އަމަލުކުރާނެ އުސޫލުތައް؛
(ނ) މިނިސްޓްރީން އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، އެޅޭނެ ފިޔަވަޅުތައް.
41 ވަނަ މާއްދާ - ރަޖިސްޓަރީނުކޮށް ހިންގާ ތަންތަން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކާ ނުލައި ތައުލީމު ދޭ ތަންތަން ހިންގާކަމުގެ ށަކުވާއެއް ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ބެލުމަށްޓަކައި، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބަލައި ފާސްކުރުމަށްފަހު އެފަދަ ތަނެއް ހިންގަނީ މި ގާނޫނާ ހިލާފަށް ކަމުގައިވާނަމަ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަށް އެންގުމާއެކު، ވަގުތުން އެ ތަނެއް ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ނުވަވަނަ ބާބު
މައުލޫމާތު އެއްކުރުމާއި ރައްކާކުރުމާއި ފޯރުކޮށްދިނުން
42 ވަނަ މާއްދާ - މައުލޫމާތު ރައްކާކޮށް ބެލެހެއްޓުން
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތައުލީމީ ދާއިރާގެ އެންމެހައި މައުލޫމާތުތައް ރައްކާކޮށް ބަލަހައްޓާނެ ގޮތުގެ އުސޫލުތައް އެކުލަވާލައި، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މައުލޫމާތު ޖަމާކުރާނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.
(ށ) މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތައް ފިޔަވައި، ދިވެހިރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ ކޮންމެ އިދާރާއަކުން މައުލޫމާތު އެއްކޮށް ޖަމާކުރާނީ މިނިސްޓްރީން ކަނޑައަޅާ ފަރާތެކެވެ.
43 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުން
(ހ) ކޮންމެ އަހަރަކުވެސް ތައުލީމީ ދާއިރާގެ އަހަރީ ތަފާސްހިސާބު މިނިސްޓްރީން އާންމުކޮށް ށާއިއުކުރަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގާ ސްކޫލްތަކާއި އެނޫންވެސް ތައުލީމީ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ބޭނުންވާ ތަފާސްހިސާބު މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭންވާނެއެވެ. މިގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމަތާއި ށަހްސަށް ގެއްލުން ލިބޭނެފަދަ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
(ނ) ތައުލީމީ ދާއިރާއާ ގުޅުންހުރި އަދި ސްކޫލްތަކުގައި ހިންގާ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތާއި ތަފާސްހިސާބު އެ މަސައްކަތް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.
(ރ) ދިރާސާވެރިންނަށާއި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ ތައުލީމީ ދާއިރާގެ ތަފާސްހިސާބާއި މައުލޫމާތު މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭންވާނެއެވެ.
ދިހަވަނަ ބާބު
އާންމު މާއްދާތައް
44 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.
45 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2012-01 (ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު) އުވުނީއެވެ.
46 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުގެ ފަހުން އެންމެ އަވަހަށް ފެށޭ ދިރާސީ އަހަރު ފެށޭ ތާރީހުގައެވެ.
47 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނައެވެ.
(ހ) "ބެލެނިވެރިން" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) "ރަސްމީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖަށް ކިޔަވައިދޭ ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި ސާނަވީ ތައުލީމަށެވެ.
(ނ) "ނުރަސްމީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިޓީ ތައުލީމު ނުވަތަ މުޖުތަމައީ ތައުލީމާއި، ކޮންޓިނުއިންގ އެޑިޔުކޭށަންއާއި ލައިފްލޯންގ ލަރނިންގއާއި އެޑަލްޓް އެޑިޔުކޭށަން އަދި ސެކަންޑް ޗާންސް އެޑިޔުކޭށަންގެ މަފްހޫމުތައް ހިމެނޭގޮތުން، ރަސްމީ ތައުލީމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތައް ނުވަތަ ރަސްމީ ތައުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތައް މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ވުމަށް އެ ބަޔަކު ބޭނުންވާ ހުނަރާއި އިލްމާއި ހިޔާލާތު ނުރަސްމީ ގޮތެއްގައި އުނގެނޭ އުނގެނުމަށެވެ.
(ރ) "ލައިފްލޯންގ ލަރނިންގ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތައުލީމުގެ ނިޒާމުގެ ބޭރުން މީހަކު އަމިއްލައަށް އެމީހާގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އުނގެނޭ އުނގެނުމަށެވެ.
(ބ) "ކޮންޓިނުއިންގ އެޑިޔުކޭށަން" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތައުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު ވަކި ދާއިރާއަކުން މީހަކު ތައުލީމު އުނގެނޭ އުނގެނުމަށެވެ.
(ޅ) "ރަސްމީ ތައުލީމުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަދުރަސީ ތައުލީމު ދިނުމަށް، ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒަކަށެވެ.
(ކ) "ބައިނަލްއަގްވާމީ އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، ގިނަ ގައުމުތަކުގައި ހިންގާ އަދި ގިނަ ބަޔަކު ބަލައިގަންނަ މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ހިންގާ ސްކޫލް އިމްތިހާނުތަކަށެވެ.
(އ) "ގައުމީ އިމްތިހާނުތައް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އެގްޒެމިނޭށަން ބޯޑުން ހިންގާ އިމްތިހާނުތަކަށެވެ.
(ވ) "މަދުރަސީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް، ޕްރައިމަރީ، ސާނަވީ އަދި މަތީ ސާނަވީ ތައުލީމަށެވެ.
(މ) "ޕްރީސްކޫލް ތައުލީމު" ކަމަށް ބުނެފައި އެވަނީ، ފަށާ ތައުލީމުގެ ކުރިއަށް، އުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ތައުލީމުގެ މަރުހަލާއަށެވެ.
(ފ) "ފަށާ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 1 (އެކެއް) އިން ފެށިގެން ގްރޭޑް 6 (ހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
(ދ) "ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 7 (ހަތެއް) އިން ފެށިގެން ގްރޭޑް 10 (ދިހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
(ތ) "މަތީ ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 11 (އެގާރަ) އިން ފެށިގެން ގްރޭޑް 12 (ބާރަ) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
(ލ) "މަޖުބޫރު ތައުލީމު" ކަމަށް ބުނެފައި އެވަނީ، މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިންނަށް މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ދިނުމަށް ލާޒިމުކުރާ ތައުލީމަށެވެ.
(ގ) "މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އުމުރުފުރާގެ ކުދިންނަށެވެ.
(ޏ) "ސްކޫލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިންގާ ޕްރީސްކޫލްތަކާއި ފަށާ ތައުލީމާއި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ދޭ ތަންތަނަށެވެ.
(ސ) "ސްކޫލްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ސްކޫލްގައި ވަޒީފާދީފައިވާ ސްކޫލްގެ އިސްވެރިޔާއާއި މުދައްރިސުން އަދި އެހެނިހެން ހުރިހާ މުވައްޒަފުންނަށެވެ.
(ޑ) "މަންހަޖު" ކަމަށް ބުނެފައި އެވަނީ، ވަކި މާއްދާއަކުން އިމްތިހާނަކަށް ތައްޔާރުވުމަށްޓަކައި އުނގަންނައިދިނުމަށް ކަނޑައަޅާފައިވާ މައުލޫމާތާއި ހުނަރަށެވެ.
(ޒ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ޓ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ޔ) "މުދައްރިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިންގާ ޕްރީސްކޫލްތަކާއި ފަށާ ތައުލީމާއި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމަށް ކިޔަވާ ކުދިންނަށް އުނގަންނައިދިނުމަށްޓަކައި ވަޒީފާދީފައިވާ މީހަކަށެވެ.
(ޕ) "ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ރަޖިސްޓަރީކޮށް ކިޔަވައިދިނުމުގެ ލައިސަންސް ދީ، މުދައްރިސުންގެ އަހުލާގީ، ފަންނީ އަދި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމަށް މި ގާނޫނުގެ ދަށުން އުފައްދާ ބޯޑަށެވެ.
(ޖ) "ޕްރިންސިޕަލް" ކަމަށް ބުނެފައި އެވަނީ، ސަރުކާރު ނުވަތަ އަމިއްލަ ސްކޫލެއްގައި، އެ ސްކޫލް ހިންގުމާ ހަވާލުވެހުރި އެންމެ އިސް ފަރާތަށެވެ.
(ޗ) "ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އާއި، އެނޫންވެސް ކުޑަކުދިންގެ ހައްގުތަކާއި، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނާއި ތައުލީމާ ގުޅޭގޮތުން އަމަލުކުރެވޭ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެ މުއާހަދާތަކުގެ ޕްރޮޓޮކޯލްތައް ހިމެނޭ ގޮތުންނެވެ.
(ހހ) "ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕީ.ޕީ.ޕީ) ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި ހިދުމަތްދޭ އަމިއްލަ ފަރާތްތަކާ ދެމެދު ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި އެއްބަސްވެވިފައިވާ އަގެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކަށެވެ.
(ށށ) "ކޮމިއުނިޓީ ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި މުޖުތަމައާ ގުޅިގެން ހިންގާ ސްކޫލްތަކަށެވެ.
(ނނ) "ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް (LKG, UKG) ގެ ކުރިން ފުރިހަމަ ކުރާ ތައުލީމީ މަރުހަލާއަށެވެ.
(ރރ) "ޓިއުށަން ދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ތައުލީމުދޭ ސްކޫލް ނުވަތަ މަދަރުސާތަކުންދޭ ފިލާވަޅުތައް އޮޅުންފިލުވައިދީ، ދަސްކޮށްދިނުމަށް ހިންގާ ކްލާސްތަކަށެވެ. ޓިއުށަން ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދިންނަށް ޓިއުށަން ދޭނަމައެވެ.
(ބބ) "ގުރުއާން ކްލާސްތައް" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ދަރިވަރުންނަށް ގުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކަށެވެ. އެގޮތުން، ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދޭނަމައެވެ.
އުވުވުނު ގާނޫނު
ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-01)
މި ގާނޫނުގެ ދަށުން ހެދުނު ގަވާއިދާއި އުސޫލު
- ސަރުކާރު ސްކޫލުތައް ފިޔަވައި އެހެނިހެން ސްކޫލުތައް ރަޖިސްޓަރީކުރުމާއި ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 20234-12)
- ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-29)
- ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-153)
- ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-146)
- މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-137)
- މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު (އުސޫލު ނަންބަރު 2023-20)
- ސުކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރުމާއި ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-165)
- ހުރިހާ ދަރިވަރުން ށާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު (އެހެނިހެން ނަންބަރު 2021-11-10)
ގުޅުންހުރި އުސޫލު/ސްޓޭންޑަރޑް
މޯލްޑިވްސް ނޭށަނަލް ޕްރޮފެށަނަލް ސްޓޭންޑަރޑްސް ފޯ ޓީޗަރސް - (އެހެނިހެން ނަންބަރު 2023-10)
ކިޔުންތެރިންގެ ހިޔާލު