-

ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2026-16)

(މި އުސޫލަށް އަމަލުކުރަން ފެށީ 4 ޖޫން 2026 ގައި)

(މި އުސޫލުގެ 22 ވަނަ މާއްދާގެ (ށ) އިން ވަނީ އުސޫލު ނަންބަރު 2023-29 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި އުސޫލަކީ، ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24) (ތައުލީމުގެ ގާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކަށް ބޭނުންވާ ދިވެހި މުވައްޒަފުން ލިބުން ދަތިވާ ދާއިރާތަކަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި އުސޫލުގެ މައިގަނޑު މަގްސަދަކީ، ރެކްރޫޓް ކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ތައުލީމީ ދާއިރާއަށް ބޭނުންވާ އަދަދަށް ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމުގައި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރާނެ އުސޫލުތައް ކަނޑައަޅައި އާންމުކުރުމެވެ.

 

3 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ

(ހ) ރެކްރޫޓްމަންޓުގެ މަސައްކަތްތައް ހިނގާ ގޮތް ބަލައި ވިލަރެސްކުރުމަށް "ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ" ގެ ނަމުގައި 5 (ފަހެއް) މެންބަރުންގެ ކޮމިޓީއެއް މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޓީއަށް މެންބަރުން އައްޔަނުކުރާއިރު ތިރީގައި ބަޔާންކޮށްފައިވާ މުވައްޒަފަކު ހިމަނައިގެން ނުވާނެއެވެ.

  1. ވަޒީފާތަކަށް ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ މިނިސްޓްރީގެ ޑިޕާޓްމަންޓް ނުވަތަ ޑިވިޜަން ނުވަތަ ސެކްށަނުގެ މުވައްޒަފުން،
  2. ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއްގެ މުވައްޒަފެއް ނުވަތަ އެފަދަ އޭޖެންސީގެ ހިއްސާދާރެއް ނުވަތަ އެފަދަ އޭޖެންސީއެއްގެ ހިއްސާދާރެއްގެ އަދި/ނުވަތަ އެފަދަ އޭޖެންސީއެއްގެ ހިންގުމުގެ އިސްމަގާމެއް އަދާކުރާ ފަރާތެއްގެ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓް" އެއް ކަމުގައިވާ މުވައްޒަފެއް.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮމިޓީ އެކުލަވައިލަންވާނީ ތިރީގައިވާ ދާއިރާތަކުން މުވައްޒަފުން ހިމަނައިގެންނެވެ.

  1. ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ތެރެއިން 2 (ދޭއް) މެންބަރުން،
  2. މިނިސްޓްރީ ނުވަތަ މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ޕަބްލިކް ސަރވިސް ރޭންކު 8 (އަށެއް) އިން ފެށިގެން މަތީގެ މުވައްޒަފުންގެ ތެރެއިން 3 (ތިނެއް) މެންބަރުން.

(ބ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަނުކުރުމަށް، ށޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ލިސްޓު ތައްޔާރުކޮށް، ޕަރމަނަންޓް ސެކްރެޓަރީ މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ކޮމިޓީއަށް މެންބަރުން އައްޔަންކުރާއިރު ކޮމިޓީގެ ޗެއަރއާއި ވައިސްޗެއަރ ކަނޑައަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް

މި އުސޫލުގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް އެކުލަވައިލާ، ވިލަރެސް ކޮމިޓީގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިޓީގެ މަސައްކަތްތައް ކުރިޔަށްގެންދާނެ ގޮތުގެ އުސޫލު އެކުލަވައިލުން.

(ށ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ހިނގާ ގޮތް ބެލުން.

(ނ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންނީ ބިދޭސީ މުވައްޒަފުންގެ ރިކްއަރމަންޓް ފާސްކުރުން.

(ރ) މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އިންޓަވިއު ޕެނަލް އެކުލަވައިލުމުގެ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތީން ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަނުން އިންޓަވިއު ޕެނަލްތައް އެކުލަވައިލުމުން، ޕެނަލްތައް އެންޑޯޒްކުރުން،

(ބ) އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ށޯޓްލިސްޓުކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުމުގެ ހުއްދަދިނުން

(ޅ) މި އުސޫލުގެ 11 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިސްޓު އެންޑޯޒުކުރުން

(ކ) އިންޓަވިއު ޕެނަލްތައް، ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން، އޭޖެންސީތަކުން އިންޓަވިއު ކުރުމަށް ހަމަޖައްސައިފައިވަނީ ކޮން ތަންތަނެއްގައި ކަމާއި، އެ ތަންތަނުގައި އިންޓަވިއުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައިފައިވާކަން ކަށަވަރުކުރުން

(އ) ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުން، ވަޒީފާ ހަމަޖެހިފައިވާ ތަންތަނަށް ފޮނުވުމުގެ ކުރިން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އަޅާނެ ފިޔަވަޅުތައް ނިންމުން

(ވ) މި އުސޫލުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އޭޖެންސީގެ އަދަދު ކަނޑައެޅުން

(މ) މި އުސޫލުގެ ދަށުން ރެކްރޫޓްކުރާ މުވައްޒަފުން، ރެކްރޫޓްކުރުމުގެ މަސައްކަތަށް ރެކްރޫޓްމަންޓް ފީގެގޮތުގައި ދޭނެ މިންވަރު ކަނޑައެޅުން

(ފ) މި އުސޫލާ އެއްގޮތަށް، ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުންގެ ވަރކް ޕާމިޓް މެނޭޖްކުރުމަށާއި ރެކްރޫޓްމަންޓާ ގުޅޭ އެހެނިހެން ހިދުމަތްތައް ހޯދުމަށް އޭޖެންސީއާ ހަވާލުކުރާ ނަމަ، އެ ހިދުމަތްތަކަށް ވަރކް ޕަރމިޓް މެނޭޖްމަންޓް ފީގެ ގޮތުގައި ދޭނެ މިންވަރު ކަނޑައެޅުން

(ދ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރެކްރޫޓްކުރުމާ މެދު ގޮތެއް ނިންމުން

(ތ) މި އުސޫލުގެ 11 ވަނަ މާއްދާގެ (ލ) ގައިވާ ފަރާތްތައް ރެކްރޫޓުކުރުމާ މެދު ގޮތެއް ނިންމުން

(ލ) ށޯޓްލިސްޓްކުރާ މީހުންނަކީ މި އުސޫލުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ކެނޑިޑޭޓުންކަން ކަށަވަރުކުރުން

(ގ) އިންޓަވިއުގައި ވަޒަންކުރާނެ ބައިތަކާއި އެ ބައިތަކަށް މާކުސް ދޭނެ މިންގަނޑު އެންޑޯޒް ކުރުން

 

5 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރެވޭނެ ގޮތްތައް

މި އުސޫލުގެ ދަށުން ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރެވޭނެ ގޮތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) ގެ ދަށުން ކެޓަގަރީ "(A)" ގެ ލައިސަންސް ދޫކޮށްފައިވާ، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް މެދުވެރިކޮށް ރެކްރޫޓްކުރުނ

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އޭޖެންސީ މެދުވެރިކޮށް ރެކްރޫޓު ނުކުރެވޭކަމަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީއަށް ފެންނަ ހިނދެއްގައި، އެ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) ގެ ދަށުން ސީދާ މިނިސްޓްރީން ރެކްރޫޓްކުރުން.

 

6 ފަންނީ ބިދޭސީ ވަޒީފާ ދޫކުރާ ފަރާތްތަކުން ރެކްރޫޓްކުރުމަށް ހޮވާ އޭޖެންސީތަކުގައި ހުންނަންޖެހޭ ށަރުތުތައް

(ހ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް ހޮވާ އޭޖެންސީތަކުގައި، އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ:

  1. ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ކެޓަގަރީ (A) ގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުން؛
  2. ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ހިދުމަތް ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މެދުނުކެނޑި ދީފައިވާ ފަރާތަކަށް ވުން؛
  3. ފާއިތުވި 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 100 (އެއްސަތޭކަ) މީހުން ރެކްރޫޓްކޮށްފައިވާ އޭޖެންސީއަކަށް ވުން؛
  4. ދައުލަތުގެ ބީލަމެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ އޭޖެންސީއަކަށް ނުވުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، މި ކަމަށް ހުޅުވައިލާ ބީލަމުގައި ކަނޑައަޅާ އިތުރު ށަރުތުތައް ފުރިހަމަވުން.

 

7 ވަނަ މާއްދާ - އޭޖެންސީގެ ޒިންމާ

ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި، ތިރީގައިވާ ޒިންމާތައް، ރެކްރޫޓުމަންޓް އޭޖެންސީތަކުން އަދާކުރަންވާނެއެވެ:

(ހ) އިންޓަވިއުއަށް ހޯދާ ފަރާތްތަކަކީ މިނިސްޓްރީން ކަނޑައަޅައިފައިވާ ތައުލީމީ ފެންވަރާއި ގާބިލުކަން ހުރި ބައެއްކަން ކަށަވަރުކުރުން؛

(ށ) މި އުސޫލުގެ ތެރެއިން މިނިސްޓްރީން އަންގާ އެންގުންތަކާއި، ހިދުމަތް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން؛

(ނ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި، އެ މީހުންގެ ފަރާތުން ނާޖާއިޒް މަންފާއަކަށް ނޭދުމާއި، އެ މަސައްކަތް ކުރުމުގައި މެދުވެރިކުރާ އިތުރު ފަރާތްތައް ވެސް އެފަދައިން އަމަލުނުކުރާކަން ކަށަވަރުކުރުން.

(ރ) އިންޓަވިއުކުރުމަށް ށަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު، މި އުސޫލުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ ފޯމާ އެއްގޮތަށް ތައްޔާރުކޮށްފައި މިނިސްޓްރީއަށް ހުށަހެޅުން.

(ބ) އިންޓަވިއުއަށް އަންނަ ފަރާތްތަކުން އިންޓަވިއުއަށް އަންނައިރު އެ މީހެއްގެ ތައުލީމީ ސެޓުފިކެޓުތަކާއި އެހެނިހެން ލިއެކިޔުންތަކުގެ އަސްލު ގެނައުމަށް އެންގުމާއި، އެ ލިޔުންތައް ގެންނަކަން ކަށަވަރުކުރުމާއި، އިންޓަވިއުއަށް އަންނަ ފަރާތްތަކުން ގެންނަ ލިޔެކިޔުންތައް އިންޓަވިއު ޕެނަލަށް ހުށަހަޅާކަން ކަށަވަރުކުރުން.

(ޅ) އިންޓަވިއު ބާއްވާނެ ތަނެއް ހަމަޖެއްސުމާއި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށޯޓްލިސްޓްކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކަށް، އިންޓަވިއުއަށް ދައުވަތުދިނުމާއި، މިކަމާ ގުޅޭ އެންމެހައި އިންތިޒާމުތައް، މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހަމަޖެއްސުން.

(ކ) ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރާ އިއުލާނުގައި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަން އެ ފަރާތްތަކަށް އެންގުމުގެ ގޮތުން އިއުލާނުގައި އެކަން ބަޔާންކުރުމާ އެކު، އެ އިއުލާނު ށާއިއުކުރުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުން.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އިއުލާނުތައް ށާއިއުކުރާ ނޫސްތަކުގެ މައުލޫމާތާއި ށާއިއުކުރާ އިއުލާނުގެ ކޮޕީ، އިއުލާނުކުރާ ތާރީހުގައި މި މިނިސްޓްރީއަށް ހުށަހެޅުމާއި، އިންޓަވިއު ހޯލުގެ ބޭރުގައި ފެންނާނެ ގޮތަށް އިއުލާނު އާންމުކުރުން.

(ވ) އަލަށް ރެކްރޫޓްކުރާ ފަރާތްތަކާއި މިހާރު ވަޒީފާގައި ތިބި ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުން ބާތިލުކުރެވޭ ހާލަތެއްގައި، އެ ފަރާތްތަކުގެ ގައުމަށް ފޮނުވައިލަންޖެހޭ މުވައްޒަފުން މާލޭގައި ތިބޭ ދުވަސްތަކުގެ ބިލުމާއި ކެއުމާއި ޓިކެޓް ހަރަދު، މިނިސްޓްރީއާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ހަމަޖެއްސުން.

(މ) ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށްގެންދާ ނަމަ، އެ ފަރާތަކާ ދެމެދު ވެވިފައިވާ އެއްބަސްވުމަކީ، މިނިސްޓްރީއާއި އޭޖެންސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ ތައާރުޒުނުވާ އެއްބަސްވުމެއްކަން ކަށަވަރުކުރުމާއި، މި އެއްބަސްވުމުގެ ކޮޕީ މިނިސްޓްރީއަށް ހުށަހެޅުން.

(ފ) ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށްގެންދާ ނަމަ، މި އުސޫލާ އެއްގޮތަށް އެ ފަރާތަކުން އަމަލުކުރަމުންދާކަން ކަށަވަރުކުރުން

(ދ) މި އުސޫލުގެ ދަށުން ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުން، އެ މުވައްޒަފެއްގެ ގައުމުން މާލެ އައުމަށް ބޭނުންވާ ޓިކެޓް ހަރަދާއި، ސްކޫލަށް ފޮނުވެންދެން އެ މުވައްޒަފަކު މާލޭގައި ހުރުމާއި، ކެއުމުގެ ހަރަދާއި ވަރކް ޕާރމިޓް މެނޭޖުކުރުމުގެ މަސައްކަތް މިނިސްޓްރީއާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ކުރިޔަށް ގެންދިއުން

(ތ) މި އުސޫލުގެ ދަށުން ވަރކް ޕާރމިޓް މެނޭޖުކުރުމަށް އޭޖެންސީއާ ހަވާލުކުރާ ނަމަ މިނިސްޓްރީއާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ވަރކް ޕާރމިޓް މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން

(ލ) މިނިސްޓްރީން ޕްރޮފެށަނަލް މުވައްޒަފުން ރެކްރޫޓްކުރުމަށް ބޭނުންވާ ގައުމުތަކުން ޕްރޮފެށަނަލް މުވައްޒަފުން ރެކްރޫޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުން

(ގ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އުސޫލުގައި ހާއްސަ އުސޫލުތަކެއް ނުވަތަ އިޖުރާތްތަކެއް ކަނޑައަޅައިފައިނުވާ ކަންކަމާ ގުޅިގެން އަމަލުކުރަންވާނީ، ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު) އާ ފުށުނާރާ ގޮތަށް ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތީންނެވެ.

 

8 ވަނަ މާއްދާ - އޭޖެންސީތައް ހޮވުން

(ހ) ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އޭޖެންސީތައް ހޮވަންވާނީ، މި އުސޫލުގެ އިތުރުން، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށެވެ.

(ށ) ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމަށް ގިނަވެގެން ހޮވަންވާނީ، 3 (ތިނެއް) އޭޖެންސީއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ތެރެއިން ބީލަމަށް ހުޅުވައިލާނެ އޭޖެންސީގެ އަދަދާއި އެއްބަސްވުމުގެ މުއްދަތު، ވިލަރެސް ކޮމިޓީން ކަނޑައަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުން

(ހ) ކޮންޓްރެކްޓް ކުރާ އޭޖެންސީއަކުން ތިންވަނަ ފަރާތެއް މެދުވެރިކޮށް ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދަން ބޭނުންވާ ނަމަ، އެ ކަން ލިޔުމުން މިނިސްޓްރީއަށް ހުށަހަޅައި އެ ކަމުގެ ހުއްދަ ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ހުށަހަޅާ އިރު، ތިރީގައިވާ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ތިންވަނަ ފަރާތަކަށް ރެކްރޫޓްކުރުމުގެ ހުއްދަ އެ ގައުމެއްގެ ސަރުކާރުން ލިބިފައިވާ ފަރާތެއްކަން އަންގައިދޭ ރަސްމީ ލިޔުން.
  2. ތިންވަނަ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީ.

 

10 ވަނަ މާއްދާ - ރެކްރޫޓްމަންޓް ފީ ނެގުން މަނާކުރުން

(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 70 ވަނަ މާއްދާގައިވާ ފަދައިން، ވަޒީފާ ހޯދައިދިނުމަށް ނުވަތަ ވަޒީފާގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް، މިނިސްޓްރީގެ ބޭނުމަށް ގެނެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ އަތުން މި އުސޫލުގެ ދަށުން އައްޔަނުކުރާ އޭޖެންސީއަކުން ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ އޭޖެންސީއަކުން ވިޔަސް ނުވަތަ ރެކްރޫޓްމަންޓުގެ މަސައްކަތްކުރާ އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ފީއެއް ނަގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރިކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީއަށް ކަށަވަރުކުރެވިއްޖެ ނަމަ، އެ އޭޖެންސީއާ އެކު ވެފައިވާ އެއްބަސްވުން އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ބާތިލުކުރެވޭނެއެވެ. އަދި މިނިސްޓްރީއާއި ރެކްރޫޓްމަންޓް އޭޖެންސީއާ ދެމެދު ވެވޭ އެއްބަސްވުމުގައި މިކަން ހިމަނަންވާނެއެވެ.

 

11 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތައް 

(ހ) ދިރާސީ އަހަރަށް ކަނޑައަޅައިފައިވާ ސްކޫލް ސްޓާފް ރިކުއަރމަންޓުގެ ތެރެއިން ބިދޭސީ މުވައްޒަފުން ބޭނުންވާ މާއްދާތަކާއި، ގްރޭޑްތަކާއި، އަދަދާއި، ސްކޫލްތައް ހިމެނޭ ގޮތަށް، ފަންނީ ބިދޭސީ މުވައްޒަފުންގެ ރިކްއަރމަންޓް ތައްޔާރުކޮށް ވިލަރެސް ކޮމިޓީއަށް ހުށަހެޅުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަންނީ ބިދޭސީ މުވައްޒަފުންގެ ރިކްއަރމަންޓް ވިލަރެސް ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، ކޮންޓްރެކްޓްކޮށްފައިވާ އޭޖެންސީތަކަށް އެންގުމާއި، މިގޮތަށް ފޮނުވޭ ލިޔުންތައް ފޮނުވިކަން ކަށަވަރުކޮށްދޭނެ ލިޔެކިޔުންތައް މިނިސްޓްރީގައި ފައިލުކުރުން.

(ނ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް މި އުސޫލާ އެއްގޮތަށް ގެންގޮސް ހިންގުމާއި، މިކަމާ ގުޅިގެން ހޯދަންޖެހޭ ހުއްދަތައް ހޯދައި ލިޔެކިޔުންތައް ބެލެހެއްޓުން.

(ރ) މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޭޖެންސީތަކުން ހުށަހަޅާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން ވިލަރެސްކުރާ ކޮމިޓީން އެންޑޯޒްކުރާ ފަރާތްތަކާ އިންޓަވިއުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން

(ބ) މި އުސޫލުގެ 15 ވަނަ މާއްދާގެ ދަށުން ވަޒީފާއަށް އައްޔަނު ނުކުރެވޭނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލައި، ބަލަހައްޓަމުން ގެންދިއުމާ އެކު، އެ ދަފުތަރުގައިވާ މީހުންގެ މައުލޫމާތު ވިލަރެސްކުރާ ކޮމިޓީއަށް ފޯރުކޮށްދިނުން

(ޅ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް ތަފާތު 3 (ތިނެއް) މުވައްޒަފުންނަށް ބަހައިލައިގެން ކުރިޔަށްގެންދިއުން:

  1. ރެކްރޫޓްކުރާ މަގާމު ހުސްކޮށް އޮތްކަން ކަށަވަރުކުރުން؛
  2. އިންޓަވިއުއިން ށޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ލިސްޓު ތައްޔާރުކުރުން؛
  3. ރެކްރޫޓްކުރާ ފަރާތަށް އޮފަރ ލެޓަރ ދޫކުރުން.

(ކ) އިންޓަވިއުކުރުމަށް މިނިސްޓްރީން ދާ އިންޓަވިއު ޕެނަލުގެ މެންބަރުންގެ ތިބުމާއި ކެއުމާއި ދަތުރުފަތުރާއި އިދާރީ އެހެނިހެން ކަންތައްތައް މިނިސްޓްރީގެ ހަރަދުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

(އ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމަކަށް ލަފައެއް ހޯދުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ގުޅިފައިވާ އޭޖެންސީގެ އެހީތެރިކަމެއް ނުހޯދުން

(ވ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކޮށްފައިވާ ހަރަދުގެ "ދަތުރު ރިޕޯޓު" ދަތުރު ނިމުމަށްފަހު އެނބުރި އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ހުށަހެޅިކަން ކަށަވަރުކުރުން

(މ) އިންޓަވިއު ޕެނަލުގެ މަސައްކަތް ނިމޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އިންޓަވިއު ޕެނަލްތަކުން ހުށަހަޅާ މި އުސޫލުގެ A2 ޖަދުވަލު 3 ވަނަ ފޯމު ފުރިހަމަކުރުމަށްފަހު ކޮންމެ މަގާމަކަށް އިންޓަވިއު ކުރެވުނު މީހުންގެ ލިސްޓެއް އެންމެ މަތިން ޕޮއިންޓް ލިބުނުގޮތަށް ތަރުތީބުކުރުމަށްފަހު ވިލަރެސް ކޮމިޓީއަށް ހުށަހެޅުމާއި، ލިސްޓް ތައްޔާރުކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިށަނުގެ މުވައްޒަފުން ވަޒީފާއަށް އައްޔަނުކުރުމުގެ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

(ފ) "މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިސްޓާ، އެއްގޮތަށް، ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދިއުން.

(ދ) ވިލަރެސް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ސެކްރެޓޭރިއެޓުގެ ހުރިހައި މަސައްކަތެއް ކުރުން.

(ތ) ށޯޓްލިސްޓުކުރުމުގައި މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތެއް ހިމެނިފައިނުވާކަން ކަށަވަރުކުރުން.

(ލ) ސްކޫލުތަކުގެ ޓީޗަރުންގެ މަގާމުތައް ފިޔަވައި ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް، މަދުވެގެން 3 (ތިނެއް) ފަހަރު އިއުލާނުކޮށް، އެ މަގާމަށް ދިވެއްސަކު ނުލިބިއްޖެ ހާލަތެއްގައި ފަންނީ ބިދޭސީއަކު ރެކްރޫޓްކުރާނީ ވިލަރެސްކުރާ ކޮމިޓީއާއި މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީން ނިންމާ ގޮތެއްގެ މަތީންނާއި ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު) (2014) ގައި ބަޔާންކޮށްފައިވާ ރެކްރޫޓްމަންޓް އުސޫލުތަކާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - އިންޓަވިއު ޕެނަލް އެކުލަވައިލުމާއި މެންބަރުނ އައްޔަންކުރުން

(ހ) ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އިންޓަވިއުކުރުމަށް މިނިސްޓްރީން އެކުލަވައިލައި ހުށަހަޅާ އިންޓަވިއު ޕެނަލް އެންޑޯޒުކުރަންވާނ،ީ ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީންނެވެ.

(ށ) އިންޓަވިއުކުރުމަށް ކުރާ ކޮންމެ ދަތުރަކަށް، އެކުލަވައިލާނީ، އައު އިންޓަވިއު ޕެނަލެކެވެ. ޕެނަލުގެ މަސައްކަތް ނިމުމުން ޕެނަލް އުވޭނެއެވެ.

(ނ) ރާއްޖެއިން ބޭރަށްދާ އިންޓަވިއު ޕެނަލުގައި، ހިމަނާނެ ފަރާތްތައް ކަނޑައެޅުމުގައި އިސްކަންދޭނީ، އެންމެ ފަހުން ރާއްޖެއިން ބޭރަށްދިއުމަށް އެކުލަވައިލެވުނު ޕެނަލުގައި ނުހިމެނޭ ފަރާތްތަކަށެވެ.

(ރ) އިންޓަވިއު ޕެނަލެއް، އެކުލެވިގެންވަނީ، ގިނަވެގެން 3 (ތިނެއް) މެންބަރުންގެ މައްޗަށެވެ.

(ބ) އިންޓަވިއު ޕެނަލަށް މެންބަރުން އައްޔަނުކުރާނީ، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

13 ވަނަ މާއްދާ - އިންޓަވިއުކުރުމުގެ އިންތިޒާމު ހަމަޖެއްސުން

(ހ) އިންޓަވިއު ޕެނަލެއް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމަންވާނ،ީ އެ އިރަކަށް ބޭނުންވާ ރިކުއަރމަންޓުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ އިތުރު އަދަދެއް އިންޓަވިއުއަށް އެދި ކުރިމަތިލައިފައިވާ ނަމައެވ

(ށ) %50 (ފަންސާސް އިންސައްތަ) އަށް ވުރެ މަދުން ކުރިމަތިލާފައިވާ ނަމަ، އިންޓަވިއު ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.

(ނ) އުސޫލުގެ 11 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ށޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ލިސްޓު އޭޖެންސީތަކަށް ފޮނުވުމުން، އެ އޭޖެންސީއަކުން ށޯޓްލިސްޓްކުރި ފަރާތްތަކާ އިންޓަވިއު ކުރެވޭނޭ އިންތިޒާމު އެ އޭޖެންސީއަކުން ހަމަޖައްސައިދޭން ވާނެއެވެ. މި ތައްޔާރީތައް ވުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރާނީ އެ އޭޖެންސީއަކުންނެވެ.

(ރ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ރެކްރޫޓްކުރާ ފަރާތްތަކުގެ އިންޓަވިއު ޕެނަލް ކަނޑައެޅުމާއި އިންޓަވިއުގެ އިދާރީ ކަންކަން ހަމަޖައްސާނީ މިނިސްޓްރީގެ ފަރާތުންނެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ރެކްރޫޓްކުރާ ހާލަތުގައި އިންޓަވިއުއަށް ތައްޔާރުވުމާއި ރެކްރޫޓްކުރުމުގެ ހަރަދު ހަމަޖައްސާނީ މިނިސްޓްރީގެ ބަޖެޓުންނެވެ.

 

14 ވަނަ މާއްދާ - ވަޒީފާއަށް އައްޔަންކުރާނެ ފަރާތްތައް ކަނޑައެޅުން

ވަޒީފާއަށް އައްޔަނުކުރާނެ ފަންނީ ބިދޭސީ މުވައްޒަފުންގެ ވަޒީފާ ހަމަޖައްސަންވާނީ، މި އުސޫލުގެ 4 ވަނަ މާއްދާގެ ފަރާތްތައް ކަނޑައެޅުން (ނ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން ޕޮއިންޓް ލިބުނު ތަރުތީބުންނެވެ. މިގޮތުން ޕޮއިންޓުގެ ގޮތުން އެއްވަރުވާ ހާލަތުގައި ވަޒީފާ ހަމަޖައްސާނެ ތަރުތީބު ކަނޑައަޅާނީ ވިލަރެސް ކޮމިޓީންނެވެ.

 

15 ވަނަ މާއްދާ - ވަޒީފާއަށް އައްޔަނުނުކުރެވޭނެ މީހުން

މި އުސޫލުގެ ދަށުން، ވަޒީފާއަށް އައްޔަނުނުކުރެވޭނެ ފަރާތްތައް ތިރީގައި މިވަނީއެވެ.

(ހ) މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް.

(ށ) ޖިންސީ ގޯނާ ނުވަތަ އަނިޔާ ނުވަތަ ފުރައްސާރަކުރުމުގެ ތުހުމަތު ކުރެވި މިނިސްޓްރީގައި ރިކޯޑުކުރެވިފައިވާ ފަރާތްތައް.

(ނ) ވަޒީފާގެ މަސައްކަތާ ގުޅޭ ސިއްރު މައުލޫމާތު ހާމަކޮށްފައިވާކަން އިދާރީ ތަހުގީގަށް ސާބިތުވެފައިވާ ފަރާތްތައް.

(ރ) އިސްލާމްދީނާއި އަގީދާއާ ތައާރުޒުވާ ވާހަކަތައް ދައްކައިފައިވާ ނުވަތަ ދަރިވަރުންނާ ނުގުޅޭ ބޭއަދަބީ ވާހަކަ ދަރިވަރުންނާ ހާމަކޮށްފައިވާކަން ސާބިތުވެފައިވާ ނުވަތަ އެފަދަ ވާހަކައެއް ދެއްކިކަމަށް ތުހުމަތުކުރެވި އިދާރީ ތަހުގީގަށް ސާބިތު ކުރެވިފައިވާ ފަރާތްތައް.

(ބ) ދިވެހިންގެ މިނިވަންކަމަށާއި އިސްތިގުލާލަށް ގައުމުގެ އަމިއްލަވަންތަކަމަށް އަސަރުކުރާ ފަދަ ވާހަކައެއް ދައްކައިފައިވާ ނުވަތަ ހަމަނުޖެހުމެއް ހިންގުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ހަރަކާތެއްގައި، ބައިވެރިވެފައިވާކަން އިދާރީ ތަހްގީގަށް ސާބިތު ކުރެވިފައިވާ ފަރާތްތައް.

(ޅ) ހުއްދަ ކޮށްފައިވާ ޗުއްޓީއަކަށްފަހު މަސައްކަތަށް ހާޒިރުނުވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ހުއްދަ ނަގައި ވަޒީފާ އަދާކުރާ ރަށުން ނުވަތަ ރާއްޖެއިން ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް

(ކ) މުވައްޒަފާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފުވުމުން ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމަށްފަހު ވަޒީފާއިން ވަކިކުރުން ނުވަތަ މަސައްކަތާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ އެންގުންތަކަށް ކިޔަމަންނުވުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް.

(އ) އެއްވެސް ސަބަބަކާހުރެ މިނިސްޓްރީގެ ބްލެކްލިސްޓުގައި ހިމަނައިފައިވާ ފަރާތްތައް

16 ވަނަ މާއްދާ - ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ރެކްރޫޓްކުރާ ފަރާތްތަކުގެ ފެންވަރު، ހ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 3 (ތިނެއް) މަސްދުވަހުގެ ޕްރޮބޭށަން މުއްދަތުގައި ކަށަވަރުކުރަންވާނެއެވެ.

(ށ) ޕްރޮބޭށަނުގައި ހުންނަ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، އެ މުވައްޒަފަކު މަސައްކަތްކުރާ ސްކޫލުގެ އިސްވެރިޔާ އެ މުވައްޒަފުގެ ކިޔަވައިދިނުމުގެ ފެންވަރު ބަލައި ކަމުނުދާ ނަމަ، ކަމުނުދާ ސަބަބުތައް ބަޔާންކޮށް، ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުގެ 15 (ފަނަރަ) ދުވަހުގެ ކުރިން، މިނިސްޓްރީއަށް އެކަން ލިޔުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ކަމުނުދާކަމަށް ސްކޫލްތަކުގެ ވެރިން ކަނޑައަޅާ މުވައްޒަފުން، ޕްރޮބޭށަނުގެ މުއްދަތު ހަމަވުމުގެ ކުރިން އަނބުރާ ގައުމަށް ފޮނުވައިލުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މުވައްޒަފުން، ވަޒީފާ އަދާކުރަން ހުރި ރަށަކުން މާލެ ގެނައުމާއި، ގައުމަށް ފޮނުވައިލުމުގެ އިންތިޒާމު، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތީން، ހަމަޖައްސާނީ މުވައްޒަފު ރެކްރޫޓްކުރި އޭޖެންސީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އޭޖެންސީއަކުންނެވެ.

 

17 ވަނަ މާއްދާ - އޮފަރ ލެޓަރ ފޮނުވުމާއި އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ހުށަހެޅުން،

(ހ) ވަޒީފާއަށް އައްޔަނުކުރާނެ ފަރާތްތައް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީން އެންޑޯޒްކުރުމުން، މި އުސޫލުގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ ވަގުތަކަށް ބޭނުންވާ ރިކުއަރމަންޓަށް ބަލައި ކެނޑިޑޭޓަށް މިނިސްޓްރީން އޮފަރ ލެޓަރ ފޮނުވަންވާނެއެވެ.

(ށ) ކެނޑިޑޭޓަށް އޮފަރ ލެޓަރ ލިބޭ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ އޮފަރ ގަބޫލުކުރިކަން އޭޖެންސީއަށް ކޮޕީކޮށް، މިނިސްޓްރީއަށް، އެންގުމާއެކު، އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ހުށަހަޅަންޖެހޭ ލިއެކިޔުންތައް 5 (ފަހެއް) ދުވަހުގެ ތެރޭގައި، އޭޖެންސީއަށް، ފޮނުވައިދިނުމަށް، ރެކްރޫޓްކުރެވޭ ފަރާތަށް އަންގަންވާނެއެވެ.

(ނ) އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ހުށަހަޅަންޖެހޭ ލިޔުންތައް ލިބޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް އެދި ވަރކްޕަރމިޓް ދޫކުރުމަށް ކަނޑައަޅައިފައިވާ ސަރުކާރުގެ އިދާރާއަށް، އޭޖެންސީން ހުށަހަޅަންވާނެއެވެ.

(ރ) ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުންގެ އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބުމުން ކެންޑިޑޭޓަށް ފޮނުވާ އެމްޕްލޯއިމަންޓް އެޕްރޫވަލް ހިމެނޭ އީމެއިލް ފޮނުވަންވާނީ، މި މިނިސްޓްރީން ކަނޑައަޅާ އީމެއިލަށް ކޮޕީކުރުމާއެކުގައެވެ

(ބ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރެކްރޫޓްކުރާ ހާލަތުގައި، ކެންޑިޑޭޓުންގެ އެމްޕްލޯއިމަންޓް އެޕްރޫވަލްއަށް ހުށަހެޅުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީންނެވެ.

 

18 ވަނަ މާއްދާ - ވަރކްޕަރމިޓް މެނޭޖްކުރުން

(ހ) މިނިސްޓްރީގެ ދަށުން މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުންގެ ވިސާ ހެއްދުމަށްޓަކައި، އިންށުއަރެންސްކުރުމާއި، ވަރކްޕަރމިޓް ފީއާއި ވިސާ ޖެހުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތަށް، އެކަމަށް ކޮންޓްރެކްޓް ކުރެވޭ އޭޖެންސީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތް އޭޖެންސީން ކުރުމަށްފަހު މިނިސްޓްރީއަށް އެ މަސައްކަތުގެ ބިލު ހުށަހެޅުމުން މިނިސްޓްރީން އެ ފައިސާ އޭޖެންސީއަށް ދައްކަންވާނެއެވެ.

 

19 ވަނަ މާއްދާ - އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުން

(ހ) އަލަށް ރެކްރޫޓްކުރާ ފަންނީ ބިދޭސީ މުވައްޒަފުން، އެ މުވައްޒަފެއްގެ ގައުމުން މާލެ އައުމަށް ބޭނުންވާ ޓިކެޓް ހަރަދާއި، އެއާޕޯޓުން ހަވާލުވެ ގެސްޓްހައުސްއަށް ގެންދިޔުމުގެ ހަރަދާއި ސްކޫލަށް ފޮނުވެންދެން މާލޭގައި ހުރުމާއި ކެއުމުގެ ހަރަދު އޭޖެންސީއާއި، މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެއްގޮތަށް، ހަމަޖައްސާނީ، އެ މުވައްޒަފަކު ރެކްރޫޓްކުރި އޭޖެންސީންނެވެ، އަދި މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ރެކްރޫޓްކުރާ ހާލަތުގައި، މިނިސްޓްރީން ކަނޑައަޅާ އޭޖެންސީއަކުންނެވެ.

(ށ) ހިދުމަތުގައި ތިބި ފަންނީ މުވައްޒަފުންގެ ތެރެއިން އެކި ސަބަބުތަކާހުރެ ގައުމަށް ފޮނުވައިލަންޖެހޭ މުވައްޒަފުންގެ ޓިކެޓް ހަރަދާއި، ގައުމަށް ފޮނުވެންދެން މާލޭގައި ހުރުމާއި ކެއުމުގެ ހަރަދު އޭޖެންސީއާއި، މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެއްގޮތަށް، ހަމަޖައްސާނީ މިނިސްޓްރީން ކަނޑައަޅާ އޭޖެންސީއަކުންނެވެ.

(ނ) ފަންނީ ބިދޭސީ މުވައްޒަފުން ސްކޫލްތަކަށް ފޮނުވުމުގެ ކުރިން، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން އެނގެންޖެހޭ މުހިންމު ކަންކަމަށް ހޭލުންތެރިކުރުމަށްޓަކައި، އަންނަނިވި ބައިތައް ހިމެނޭ އޮރިއެންޓޭށަން ޕްރޮގްރާމެއް މިނިސްޓްރީން ހިންގަންވާނެއެވެ.

  1. ރާއްޖޭގެ ސަގާފަތާއި އާދަކާދަ؛
  2. ކިޔަވައިދިނުމުގެ މިންގަނޑުތައް؛
  3. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ހެދިފައިވާ އުސޫލުތައް؛
  4. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތައް؛
  5. ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ކަމާބެހޭ ގަވާއިދުތަކާ އުސޫލުތައް؛
  6. މިނިސްޓްރީގެ ގަވާއިދުތަކާއި އުސޫލުތައް.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ރެކްރޫޓްކުރާ ހާލަތުގައި، ކެންޑިޑޭޓުން ނިސްބަތްވާ ގައުމުން މާލެ އައުމަށް ބޭނުންވާ ޓިކެޓް ހަރަދު ހަމަޖައްސާނީ މިނިސްޓްރީގެ ބަޖެޓުންނެވެ.

 

20 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މި އުސޫލާ ހިލާފުވާ އޭޖެންސީތަކާ މެދު މި މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އިދާރީ ފިޔަވަޅު އެޅުމަށްފަހު، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާ އެއްގޮތަށް އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް ސަސްޕެންޑްކުރަންޖެހޭ ފަދަ އަމަލެއް ނަމަ، އެ ގަވާއިދުގެ ދަށުން ސަސްޕެންޑް ކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި އުސޫލާ ހިލާފަށް އަމަލުކުރިކަން ސާބިތުވެއްޖެ ނަމަ، އެ ކަމެއް ކުރި މިނިސްޓްރީގެ މުވައްޒަފަކާ މެދު ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު) 2014 އާ އެއްގޮތަށް ފިޔަވަޅު އަޅަންވާނެއެވެ.

(ނ) ފަންނީ ބިދޭސީން ރެކްރޫޓް ކުރުމަށް މިނިސްޓްރީން މަސައްކަތް ހަވާލުކޮށްފައިވާ އޭޖެންސީން ނުވަތަ އެ އޭޖެންސީއާ ގުޅިފައިވާ އޭޖެންސީއަކުން ވެސް މި އުސޫލާ ހިލާފަށް އަމަލުކުރިކަމަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ، ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލައި، އެ މައްސަލައެއް ބަލައި ނިމެންދެން އެ އޭޖެންސީއެއް ވަގުތީ ގޮތުން ސަސްޕެންޑް ކުރަންވާނެއެވެ. އަދި މިގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން މަސައްކަތް ހަވާލުކޮށްފައިވާ އޭޖެންސީއާއި އެ އޭޖެންސީއާ ގުޅިފައިވާ އޭޖެންސީއަށް، ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާއެއް ނުވާނެއެވެ.

(ރ) މަސައްކަތް ހަވާލުކޮށްފައިވާ އޭޖެންސީން ނުވަތަ އެ އޭޖެންސީއާ ގުޅިފައިވާ އޭޖެންސީއަކުން ވެސް މި އުސޫލާ ހިލާފަށް އަމަލުކުރިކަން މި މިނިސްޓްރީން ބަލައި، އެކަން ސާބިތުވެއްޖެ ނަމަ، ފަންނީ ބިދޭސީން ރެކްރޫޓް ކުރުމަށް މިނިސްޓްރީއާ އެ އޭޖެންސީއަކާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރަންވާނެއެވެ. އަދި މިގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން މަސައްކަތް ހަވާލުކޮށްފައިވާ އޭޖެންސީއާއި އެ އޭޖެންސީއާ ގުޅިފައިވާ އޭޖެންސީއަށް ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީން ޒިންމާއެއް ނުވާނެއެވެ.

 

21 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި ވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނައެވެ.

(ހ) "ރެކްރޫޓްމަންޓް އޭޖެންސީ" ކަމަށް ބުނެފައި ވަނީ، މި އުސޫލުގެ ދަށުން ރެކްރޫޓްމަންޓުގެ މަސައްކަތްކުރުމަށް، ގަވާއިދު ނަންބަރު 2022-63 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު) ގެ ދަށުން އެ މަސައްކަތްކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި ވަނީ، ތައުލީމާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ވިލަރެސް ކޮމިޓީ" ކަމުގައި ބުނެފައި ވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި ވިލަރެސްކުރުމަށް މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށެވެ.

(ރ) "ތިންވަނަ ފަރާތް ނުވަތަ ގުޅިފައިވާ އޭޖެންސީ" ކަމަށް ބުނެފައި ވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ހަވާލުކުރާ އޭޖެންސީއަކުން، ރާއްޖެއިން ބޭރުގެ އެހެން އޭޖެންސީއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތަށެވެ.

(ބ) "ރެކްރޫޓްމަންޓް ފީ" ކަމަށް ބުނެފައި ވަނީ، ރެކްރޫޓްކުރާ ކޮންމެ ބިދޭސީ މުވައްޒަފަކަށް މިނިސްޓްރީން އަދާކުރާ ފައިސާއަށެވެ.

(ޅ) "ވާރކް ޕަރމިޓް ފީ" ކަމަށް ބުނެފައި އެވަނީ، އިންށުއަރެންސް، ވަރކްޕަރމިޓް ފީ، ވިސާ، ހެއްދުން، އަދި ގައުމަށް ފޮނުވައިލަންޖެހޭ ފަރާތްތައް ފޮނުވައިލުމަށް ފޯރުކޮށްދޭ ހިދުމަތުގެ ފީގެ ގޮތުގައި ދައްކާ ފައިސާއަށެވެ.

(ކ) "ސްކޫލުގެ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ވަގުތެއްގައި ސްކޫލުގެ ހިންގުމާ ހަވާލުވެ އެންމެ އިސްކޮށް ހުރި ފަރާތަށެވެ.

(އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ވ) "ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރީންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރީންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.

(މ) "ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކެވެ.

(ފ) "ހިންގުމުގެ އިސްމަގާމެއް" ކަމަށް ބުނެފައި އެވަނީ، އެޖެންސީގެ ބޯޑް އޮފް ޑިރެކްޓާރސް ނުވަތަ މެނޭޖީރިއަލް މަގާމުތަކަށެވެ.

(ދ) "ތައުލީމީ ދާއިރާ" އަކީ ދަރިވަރުންނަށް ތައުލީމާއި ތަމްރީނު ދިނުމުގެ މަސައްކަތް ކުރާ މުއައްސަސާތަކާއި ނިޒާމުތަކާއި ހިދުމަތްތަކެވެ.

 

22 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

(ހ) މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 30 އޮގަސްޓު 2023 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ އުސޫލު ނަންބަރު 2023-29 (ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ބާތިލުވީއެވެ.

 

ޖަދުވަލު 1

އިންޓަވިއު ޕެނަލް އެކުލަވައިލުމުގެ މިންގަނޑު

 

1- މިންގަނޑު ޕެނަލަށް މެންބަރުން ހޯދުން:

މިންގަނޑު ޕެނަލުގެ މެންބަރުން ހޯދުމަށް، އީމެއިލް މެދުވެރިކޮށް، އެކަމަށް، ށައުގުވެރިވާ ފަރާތްތައް މިނިސްޓްރީގައި ނުވަތަ ސްކޫލުތަކުގައި ތިބިތޯ ބަލަންވާނެއެވެ. އަދި އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ޖަވާބު ފޮނުވާނީ ލިޔުމުންނެވެ.

 

2- މިންގަނޑު ޕެނަލުގައި ހިމެނޭ މެންބަރުންގެ ށަރުތު:

(ހ) އިންޓަވިއު ޕެނަލުގައި، ހިމެނޭ މެންބަރުންގެ ކިބައިގައި، އެންމެ ދަށްވެގެން ވެސް، ލެވެލް 7 ގެ ސަނަދެއް އޮތުމާއެކު، މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތެއްގައި އަމަލީގޮތުން ކިޔަވައިދިނުމުގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ

(ށ) މާސްޓަރސް ފެންވަރުގެ ސަނަދެއް އޮތުމާއެކު، އެންމެ މަދުވެގެން ވެސް 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއްގައި އަމަލީގޮތުން ކިޔަވައިދިނުމުގައި އުޅެ ތަޖުރިބާ ލިބިފައިވުން.

 

3- އިންޓަވިއު ޕެނަލަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުން:

(ހ) އިންޓަވިއު ޕެނަލުގައި ބައިވެރިވުމަށް ށައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ޕޮއިންޓު ދޭނީ ތިރީގައިވާ ގޮތަށެވެ:

  1. ހާސިލުކޮށްފައިވާ ޑިގްރީ (ބޭނުންވާ މާއްދާ/ދާއިރާ)އިން ސަނަދަށް 15 (ފަނަރަ) ޕޮއިންޓު؛
  2. ހާސިލުކޮށްފައިވާ މާސްޓަރސް ސަނަދަށް 5 (ފަހެއް) ޕޮއިންޓު؛
  3. ތައުލީމީ ދާއިރާގައި ހިދުމަތްކުރި ކޮންމެ އަހަރަކަށް 1 (އެކެއް) ޕޮއިންޓު (ޖުމްލަ) 10 ޕޮއިންޓަށް ވުރެ އިތުރުނުވާ ގޮތަށް.

(ށ) ލިބިފައިވާ ޕޮއިންޓުން އެއްވަރުވާ ހާލަތުގައި ޕެނަލުގައި ބައިވެރިވާނެ ފަރާތެއް ކަނޑައެޅުމުގެ އިހުތިޔާރު ޑިވިޜަނަށް ލިބިގެންވެއެވެ.

 

4- އިންޓަވިއު ޕެނަލަށް މެންބަރުން ހޮވުން:

(ހ) އިންޓަވިއު ޕެނަލަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދިނުމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް ޕޮއިންޓް ދިނުމަށްފަހު ތިރީގައިވާ ދާއިރާތަކުން ކުރިމަތިލައިފައިވާ މީހުންގެ ތެރެއިން ޕެނަލުގައި ހިމަނަން ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ޕޮއިންޓް ލިބުނު އެންމެ މަތީން ތަރުތީބުކޮށް ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަނުގެ ފަރާތުން ވިލަރެސް ކޮމިޓީއަށް އެންޑޯޒުކުރުމަށް ހުށަހަޅަންވާނެއެވެ.

  1.  ޓީޗަރުން؛
  2. ލީޑިންގ ޓީޗަރުން؛
  3. ޑެޕިޔުޓީ ޕްރިންސިޕަލް/ޕްރިންސިޕަލް؛
  4. ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި އެހެނިހެން ފަންނީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ސިޔާސަތުތައް ކަނޑައެޅުމުގެ މެންޑޭޓް ހަވާލުކުރެވިފައިވާ ވުޒާރާގެ ޓެކްނިކަލް/ޕްރޮފެށަނަލް ސްޓާފެއް.

(ރ) ޓީޗަރުންގެ ތެރެއިން މީހުން ހޮވާއިރު، ދާއިރާގެ މާއްދާ ކިޔަވައިދެމުންދާ ޓީޗަރުންނަށް އިސްކަން ދޭންވާނެއެވެ.

(ނ) ލީޑިންގ ޓީޗަރުންގެ ތެރެއިން މީހުން ހޮވާއިރު، ދާއިރާގެ މާއްދާ ކިޔަވައިދެމުންދާ ނުވަތަ ސުޕަވައިޒުކުރާ ލީޑިންގ ޓީޗަރުންނަށް އިސްކަން ދޭންވާނެއެވެ.

(ބ) ޑެޕިޔުޓީ ޕްރިންސިޕަލުންގެ ތެރެއިން ނުވަތަ ޕްރިންސިޕަލުންގެ ތެރެއިން ނުވަތަ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި އެހެނިހެން ފަންނީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި ސިޔާސަތުތައް ކަނޑައެޅުމުގެ ޓެކްނިކަލް/ޕްރޮފެށަނަލް ސްޓާފުންގެ ތެރެއިން މީހަކު ހަމަޖައްސާ ނަމަ، އިންޓަވިއުގައި، އެ މުވައްޒަފު ބައިވެރިވާ މާއްދާގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައި އޮންނަންވާނެއެވެ.

 

5- އިންޓަވިއު ޕެނަލަށް ލީޑަރުން އައްޔަނުކުރުން

(ރ) އިންޓަވިއު ޕެނަލަށް ހޮވޭ މެންބަރުންގެ ތެރެއިން ކޮންމެ އިންޓަވިއު ޕެނަލެއް ލީޑުކުރާނެ ޕެނަލިސްޓެއް ކަނޑައަޅައި ހުށަހެޅުމުން ވިލަރެސް ކޮމިޓީން އެންޑޯޒްކުރަންވާނެއެވެ.

 

ޖަދުވަލު 2

ފަންނީ ބިދޭސީ މުވައްޒަފުންގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މައުލޫމާތު ހުށަހަޅާ ފޯމު

 

ޖަދުވަލު 2

A2 ފޯމު

 

އުވުނު އުސޫލު

ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓުކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-29)

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު