-

ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-153)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 އޯގަސްޓް 2023 ގައި)

 

1 ވަނަ މާއްދާ - ރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2020-24 (ތައުލީމުގެ ގާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ނިޒާމު ގާއިމުކޮށް، އެ ނިޒާމުގެ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން، އެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

(ހ) މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ނިޒާމު ކަނޑައަޅައި، ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާންމު މަގުސަދުގެ ބޭނުމަށް އަންނަނިވި ކަންކަން ހާސިލުކުރުމަކީ މި ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

  1. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީން އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން؛
  2. ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅައި، އެ ފިޔަވަޅުތައް އަޅާކަން ކަށަވަރުކުރުން؛
  3. ސްކޫލުތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވާކުދިންގެ ރައްކައުތެރިކަމަށް އެކުލަވައިލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހުކުރަން އެންގުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން؛
  4. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ކުރިއެރުމަށާއި ތަރައްގީއަށް މަސައްކަތްކުރުމާއި، އުފެއްދުންތެރި ވިސްނުމާއި އީޖާދީ ވިސްނުން ގެންގުޅުމަށް ހިތްވަރުދީ އެހީތެރިވުން؛
  5. ފެންވަރު ރަނގަޅުކުރުމަށް ތާއަބަދު މަސައްކަތްކުރާ ސަގާފަތެއް ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި އުފެއްދުމަށް ބާރުއަޅައި އެހީތެރިވުން.

 

3 ވަނަ މާއްދާ - ސްކޫލްތައް

މި ގަވާއިދުގެ ބޭނުމަށް ޓަކައި ސްކޫލްތައް ކަމުގައި ބަލާނީ އަންނަނިވި ތަންތަނެވެ.

(ހ) ސަރުކާރުގެ ސްކޫލްތައް.

(ށ) އަމިއްލަ ސްކޫލްތައް.

(ނ) ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕ.ީޕ.ީޕީ) ސްކޫލްތައް.

(ރ) ކޮމިއުނިޓީ ސްކޫލްތައް.

 

4 ވަނަ މާއްދާ - ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން

މި ގަވާއިދުގެ ބޭނުމަށް ޓަކައި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ކަމުގައި ބަލާނީ، އަންނަނިވި ތަންތަނެވެ.

(ހ) ބޭބީ ނާސަރީއާއި ނާސަރީއަށް ކިޔަވައިދޭ ތަންތަން.

(ށ) ޕްރީސްކޫލާއި، ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަން.

(ނ) ޓިއުށަން ދޭ ތަންތަން.

(ރ) ގުރްއާން ކްލާސްތައް.

(ބ) ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ތައުލީމާއި ތަމްރީނުދޭ ތަންތަން.

(ޅ) 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް ދެވޭ ތައުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްގެން ހިންގ،ާ މި މާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ތަންތަން ފިޔަވައި އެ ނޫން ތަންތަނާއި ޕްރޮގްރާމްތައް.

 

5 ވަނަ މާއްދާ - ފެންވަރު ކަށަވަރުކުރުމުގެ ނިޒާމު

ދިވެހިރާއްޖޭގެ ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ ނިޒާމު އެކުލެވިގެންވަނީ ތިރީގައިވާ ކަންކަމުގެ މައްޗަށެވެ.

(ހ) ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ސްކޫލްތައް ރިވިއު ކުރުމާއި، ކިޔަވައިދޭ އެހެނިހެން ތަންތަން ބަލައި ފާސްކުރުން.

(ށ) ސްކޫލުތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ނޭށަނަލް އެސެސްމަންޓްތައް ބޭއްވުން.

(ނ) މުދައްރިސުންނަކީ ރަޖިސްޓަރީ ކުރެވި ލައިސަންސް ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން.

(ރ) ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، ހޯދުންތައް ހިއްސާކުރުން.

(ބ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

6 ވަނަ މާއްދާ - ތައުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުން

ދިވެހިރާއްޖޭގެ ސްކޫލުތަކާއި ސްކޫލް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރެވޭނީ، މި ގަވާއިދުގެ 7 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، މި ގަވާއިދުގެ ޖަދުވަލުތަކުގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) ދިވެހިރާއްޖޭގެ ސްކޫލްތައް ހިންގާ ގޮތް ބަލައި، ދެވޭ ތައުލީމުގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ "ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލު" ގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ދިވެހިރާއްޖޭގެ ސްކޫލްތައް ދާއިމީގޮތެއްގައި މޮނިޓަރކުރުމާއި ހާސިލުކުރާ މިންވަރު މަތިކުރުމުގެ ގޮތުން، ސްކޫލްތަކުގެ ފެންވަރު ކަށަވަރުކޮށް ޒިންމާކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމަނައިފައިވާ "ސްކޫލް އިމްޕްރޫވްމަންޓް ކޮލިޓީ އެށުއަރަންސް އެންޑް އެކައުންޓެބިލިޓީ ފްރޭމްވާރކް (ސިގާފް)" ގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) ސްކޫލް ތައުލީމުގެ ނިޒާމުގެ ތެރެއިން ކުދިންގެ އުނގެނުން ކުރިޔަށްދާގޮތާއި، ގައުމީ މަންހަޖު ތަންފީޒުކުރެވުން އަންނަ ގޮތާއި، ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި އެދެވޭ ކަންތައްތަކާއި ނޭދެވޭ ކަންކަން ދެނެގަތުމަށް ޓަކައި، ސްޓެންޑަރޑައިޒްޑް ޓެސްޓެއް ނުވަތަ ޓެސްޓްތަކެއް އިތުބާރުކުރެވޭ ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިޔަށް ގެންދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނައިފައިވާ "ނޭށަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ)" ގައި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓަރީކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އެ ފަރާތްތަކަށް ބޭނުންވާ ލައިސަންސް، ކަމާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ދީ، އެ ތަންތަނުގެ ފެންވަރު ކަށަވަރުކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުން

(ހ) ފެންވަރު ކަށަވަރުކުރުމަށް ހިންގާ ހަރަކާތްތަކުން ހޯދޭ ހޯދުންތަކުގެ އަލީގައި ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ތަންތަނަށާއި މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކާއި ޑިވިޒަންތަކާއި ސެކްށަންތަކަށް، ކޮލިޓީ އެށުއަރަންސް ޑިޕާޓްމަންޓުގެ ފަރާތުން އަންނަނިވި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

  1. ތައުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށް ފަންނީ ލަފާދިނުން؛
  2. ގައުމީ މަންހަޖު ތަންފީޒުވަމުންދާގޮތުގެ މައުލޫމާތ،ު ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން؛
  3. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެ ތަންތަނަށް ދޭންޖެހޭ ލަފަޔާއި އިރުށާދު ދިނުން؛
  4. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ހިންގުމާއި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިރުށާދުދިނުން؛
  5. ސްކޫލްތައް ރިވިއުކުރުމުން ފެންނަ ރަނގަޅު ކަންކަމާއި އީޖާދީ ވިސްނުންތައް، 
    އެހެނިހެން ސްކޫލުތަކާއި ހިއްސާކޮށް އާންމުކުރުން.

(ށ) ސްކޫލުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް، ސްކޫލުން ތައްޔާރުކުރަންޖެހޭ "ސްޓްރެޓީޖިކް ޕްލޭން" އާއި "ސްކޫލް އިމްޕްރޫވްމަންޓް ޕްލޭން" ތައްޔާރުކޮށް ތަންފީޒުކުރުމުގައި ތިރީގައިވާ ކަންކަމުން ލިބޭ މައުލޫމާތާއި ހޯދުންތަކުގެ އަލީގައި ކޮލިޓީ އެށުއަރަންސް ޑިޕާޓްމަންޓުގެ ފަރާތުން ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

  1. ސްކޫލް ރިވިއުގެ ހޯދުންތައް؛
  2. ސްކޫލް ސެލްފް އިވެލުއޭށަންގެ ހޯދުންތައް؛
  3. ސާނަވީ ނިންމާ އިމްތިހާނުތަކާއި، މަތީ ސާނަވީ ނިންމާ އިމްތިހާނުތަކާއި، "ނޭށަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް" ގެ ނަތީޖާތައް.

(ނ) ސްކޫލް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ފެންވަރު ކަށަވަރުކުރުމަށް ކުރެވޭ ކަންކަމަށްފަހު ހޯދޭ ހެކިތަކާ ގުޅިގެން ހިއްސާކުރާ ކަންކަމުގެ (ފީޑްބެކްގެ) އަލީގައި އިސްލާހުކުރަން ހުރި ކަންތައްތައް ފާހަގަކޮށް، އެ ކަންތައްތައް ރަނގަޅުކުރުމަށް އެންގުން.

 

8 ވަނަ މާއްދާ - ސްކޫލުތަކާއި ސްކޫލް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ފެންވަރު ކަށަވަރުކުރުމުގައި ޒިންމާވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޒިންމާތައް

ސްކޫލުތަކާއި ސްކޫލް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ފެންވަރު ކަށަވަރުކުރުމުގައި ޒިންމާވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޒިންމާތައް، ތިރީގައި މިވަނީއެވެ.

(ހ) މިނިސްޓްރީގެ ޒިންމާތައް.

  1. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނަށް، މަދުވެގެން 3 (ތިނެއް) އަހަރުން އެއްފަހަރު ޒިޔާރަތްކޮށް، އެ ތަންތަނުގެ ހާލަތު ވަޒަންކޮށް، ލަފަޔާއި އިރުށާދު ދެވޭނެ ނިޒާމެއް ގާއިމުކުރުން؛
  2. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ހާލަތު ވަޒަންކުރުމަށްފަހު ދެވޭ އިރުށާދާ އެއްގޮތަށް އެ ތަންތަނުން އަމަލުކުރޭތޯ ބަލައި މޮނިޓަރކުރުން؛
  3. ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމަށް ސްކޫލްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން؛
  4. ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ހާލަތު ދެނެގަތުމަށްފަހު ހޯދޭ ހެކީގެ އަލީގައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ތަނުގެ ފެންވަރުގައި ފޯރުކޮށްދޭކަން ކަށަވަރުކުރުމާއި، އެފަދަ މަސައްކަތްތަކަށް ބާރުއަޅައި ޒިންމާދާރުކުރުވުން؛
  5. ދިވެހިރާއްޖޭގެ ސްކޫލުތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މަސައްކަތްކުރަނީ ގާބިލު، ފެންވަރު ރަނގަޅު އަދި ކަމަށް ކަމޭހިތާ ޒިންމާދާރު މުދައްރިސުންކަން ކަށަވަރުކުރުމުގެ ގޮތުން، އެ ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ލައިސަންސް ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން؛
  6. ސްކޫލްތައް ރިވިއުކުރުމަށްފަހު ހޯދޭ މައުލޫމާތާއި ނޭށަނަލް އެސެސްމަންޓުގެ ޒަރީއާއިން ހޯދޭ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ސިގާފް (ޖަދުވަލު 1) އާއި ނޭށަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް (ޖަދުވަލު 3) ގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް ތައްޔާރުކުރުމާއި، ކަމާ ގުޅޭ ފަރާތްތަކަށް ހިއްސާކުރުމާއި އާންމުކުރުން؛ 
  7. ސްކޫލްތައް ރިވިއުކުރުމާއި، ސްކޫލުތަކާއި ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ބަލައި ފާސްކުރުމާއި، ނޭށަނަލް އެސެސްމަންޓްތަކުން ހޯދާ އެންމެހައި މައުލޫމާތާއި މުދައްރިސުން ރަޖިސްޓަރީކޮށް ލައިސަންސްދިނުމާ ގުޅޭ އެންމެހައި 
  8. ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި މުވައްޒަފުންނާއި ދަރިވަރުންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގައި އިހުމާލުވާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ ގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް މިނިސްޓްރީން އަޅަންވާނެއެވެ.

(ށ) ސްކޫލްތަކުގެ ޒިންމާތައް.

  1. ސްކޫލްތަކުން އަމަލުކުރުމަށް މިނިސްޓްރީން އެކުލަވައިލައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ސްކޫލް ހިންގުން؛
  2. ސްކޫލުގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ކަންތައްތައް ދެނެގަނ،ެ އެ ކަންތައްތައް ހާސިލުކުރުމަށް ސްކޫލް ސްޓްރެޓީޖިކް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭން ތަންފީޒުކުރުން؛
  3. ދިރާސީ ކަލަންޑަރާ އެއްގޮތަށް ސްކޫލް ސެލްފް އިވެލުއޭށަން (އެސ.ްއެސ.ްއީ) ހެދުމަށްފަހު ރިޕޯޓެއް އެކުލަވައިލައި، އެ ހޯދުންތައް، ކަމާ ގުޅުންހުރި ފަރާތަތްކާހިއްސާކުރުން؛
  4. ސްކޫލް ސެލްފް އިވެލުއޭށަނުން ހޯދުނު ކަންތައްތަކުގެ އަލީގައި، ސްކޫލުގެ ފެންވަރު ރަނގަޅުކުރުމަށް "ސްކޫލް އިމްޕްރޫވްމަންޓް ޕްލޭން" ތައްޔާރުކޮށް، އެ ޕްލޭން ތަންފީޒުކުރުން؛
  5. ސްކޫލް ރިވިއުކުރުމަށް އެއްބާރުލުން ދިނުން؛
  6. ސްކޫލް ރިވިއުކުރުމަށްފަހު ދެވޭ އިރުށާދުގެ އަލީގައި ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.

(ނ) ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގެ ޒިންމާތައް.

  1. ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުން އަމަލުކުރުމަށް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން؛
  2. ފޯރުކޮށްދޭ ތައުލީމު ނުވަތަ ތަމްރީނުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  3. ކިޔަވައިދޭ މާހައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކައުތެރި އަމާން މާހައުލެއްކަން ކަށަވަރުކުރުން؛
  4. މިނިސްޓްރީން ތަން ބަލައި ފާސްކުރުމަށްފަހު އަންގާ އެންގުންތަކާއި ދޭ ލަފަޔާއި އިރުށާދާ އެއްގޮތަށް އަމަލުކުރުން؛
  5. ތަން ބަލައި ފާސްކުރުމަށް މިނިސްޓްރީއަށް އެއްބާރުލުން ދިނުން.

 

9 ވަނަ މާއްދާ - މިނިސްޓްރީން އަންގާ އެންގުންތަކަށް ތަބާވުން

މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ވަކިކަމަކާ ގުޅިގެން މިނިސްޓްރީން އަންގާ އެންގުންތަކަކީ މި ގަވާއިދުގެ ދަށުން އަންގާ އެންގުންތަކެއް ކަމުގައި ބެލެވޭނެއެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "ސްކޫލް އިމްޕްރޫވްމަންޓް، ކޮލިޓީ އެށުއަރަންސް އެންޑް އެކައުންޓަބިލިޓީ ފްރޭމްވަރކް (ސިގާފް)" ކަމަށް ބުނެފައި އެވަނީ، ސްކޫލް ތަރައްގީކޮށް ފެންވަރު ކަށަވަރުކުރުމާއި ޒިންމާދާރުކުރުވުމަށް މިނިސްޓްރީން އެކުލަވައިލައިފައިވާ އޮނިގަނޑަށެވެ.

(ރ) "ނޭށަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް (ނާލޯ)" ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖުގައި ބަޔާންކުރާ މިންގަނޑުތައް ސްކޫލްތަކުގެ ދަރިވަރުންނަށް ހާސިލުވާ މިންވަރު ދެނެގަތުމަށް ގައުމީ ފެންވަރުގައި ދެވޭ އިމްތިހާނުތަކަށެވެ.

(ބ) "ސްކޫލް ސެލްފް އިވެލުއޭށަން" ކަމަށް ބުނެފައި އެވަނީ، ސްކޫލުންތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް، ސްކޫލްތަކުން އެ ސްކޫލެއްގެ ހާލަތު އަމިއްލަޔަށް ދެނެގަނެ ވަޒަންކުރުމަށެވެ.

(ޅ) "ސްކޫލް ރިވިއު" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކަށް ޒިޔާރަތްކޮށް ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމާއި، އެ ތަންތަނުގެ ހާލަތު ދެނެގަތުމަށެވެ.

(ކ) "ބަލައި ފާސްކުރުން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭށަނުގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކޫލުތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނަށް ޒިޔާރަތްކޮށް، އެ ތަންތަން ހިންގަނީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، އެ ތަންތަނުގެ ހާލަތު ދެނެގަތުމަށެވެ.

(އ) "ގައުމީ މަންހަޖު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް މިނިސްޓްރީން ކަނޑައަ ޅައިފައިވާ އިލްމާއި، ހުނަރާއި، ގާބިލިއްޔަތުތަކާއި، ސިފަތަކާއި އަގުތަކާއި އަހްލާގާއި ސަގާފީ ގޮތްތަކާއި އަގީދާ ހިމެނޭހެން އެކުލަވައިލައިފައިވާ ތައުލީމީ މަންހަޖަށެވެ.

(ވ) "ދިރާސީ ކަލަންޑަރު" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުގައި ކިޔަވައިދޭނެ ދުވަސްތަކާއި، ޓެސްޓްތައް ކުރިޔަށްގެންދާނެ ދުވަސްތަކާއި، މުދައްރިސުންނަށާއި ދަރިވަރުންނަށް ޗުއްޓީ ލިބޭ ދުވަސްތަކާއި، ސްކޫލްތަކުގައި ފާހަގަކުރާ މުހިންމު ދުވަސްތައް ބަޔާންކޮށް މިނިސްޓްރީން ތައްޔާރުކުރާ ކަލަންޑަރަށެވެ.

(މ) "ނާލޯ ފްރޭމްވަރކް" ކަމަށް ބުނެފައި އެވަނީ، "ނޭށަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް" އާ ގުޅޭ މުހިންމު ކަންކަން ބަޔާންކޮށްފައިވާ އޮނިގަނޑަށެވެ.

(ފ) "ކީ ސްޓޭޖް 1" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުގެ ގްރޭޑް 1 އާއި، ގްރޭޑް 2 އާއި، ގްރޭޑް 3 އަށެވެ.

(ދ) "ކީ ސްޓޭޖް 2" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުގެ ގްރޭޑް 4 އާއި، ގްރޭޑް 5 އާއި، ގްރޭޑް 6 އަށެވެ.

(ތ) "ކީ ސްޓޭޖް 3" ކަމަށް ބުނެފައި އެވަނީ، ސްކޫލްތަކުގެ ގްރޭޑް 7 އާއި ގްރޭޑް 8 އަށެވެ.

 

11 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

(މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

 

މައި ގާނޫނު

ތައުލީމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު