-

ކުނި މެނޭޖުކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-24)

(މި ގާނޫނަށް އަމަލުކުރަން ފެށީ 18 ޑިސެމްބަރު 2022 ގައި)

((މި ގާނޫނުގެ 74 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1993-04 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ  1-8 ވަނަ މާއްދާ އުވާލެވިފައި)

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި އާންމު ސިއްހަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ކުނި މެނޭޖުކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދުތައް

މި ގާނޫނުގެ މައިގަނޑު މަގްސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ކުނީގެ ސަބަބުން ތިމާވެށި ތަގައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި އާންމު ސިއްހަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރު އެޅުން؛

(ށ) ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށް ބާރު އެޅުން؛

(ނ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ، އަދި ތިމާވެއްޓަށާއި އާންމު ސިއްހަތަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ކުނި މެނޭޖުކުރާ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކުރުން؛ 

(ރ) ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ތަންތަނާއި،ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށާއި ތަންތަނާއި، އެނޫންވެސް މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ނުވަތަ ބޭނުންކުރެވޭ، ކުނި އުފެދޭ ނުވަތަ އުފައްދާ ތަންތަނުގައި އެ ތަނަކާ އެކަށީގެންވާ އަދި ތިމާވެއްޓަށާއި އާންމު ސިއްހަތަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ބައްޓަންކުރެވިފައިވާ ކުނި މެނޭޖުކުރާ ނިޒާމުތަކެއް ގާއިމުކޮށް ހިންގުމަށް މަގުފަހިކުރުން؛ 

(ބ) ރަށު ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުނުކުރެވޭ ކުނި އެކަށީގެންވާ ގޮތެއްގައި މެނޭޖުކުރުމަށް ސަރަހައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ގާއިމުކޮށް، އެ ނިޒާމުތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކުރުން؛

(ޅ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތަކާއި އިހްތިޔާރުތަކާއި، އެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުން؛

(ކ) ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ގަސްދުގައިދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛

(އ) ކުނި މެނޭޖުކުރުމުގެ ހިދުމަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން؛

(ވ) ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގުމުގައި ތިމާވެއްޓަށާއި އާންމު ސިއްހަތަށް ލިބޭ ގެއްލުންތައް ކުޑަކުރުން؛

(މ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން؛

(ފ) ކުނި މެނޭޖުކުރުމުގެ ހުރިހާ މަރުހަލާއެއްގައި ކުނި އުފައްދާ ފަރާތް ޒިންމާކުރުވުން؛

(ދ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، ކުނި އުފެއްދުމާއި މެނޭޖުކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުން ލާޒިމުކުރާ ކަންކަން ތަންފީޒުކުރެވޭނެ ގޮތްތައް ނުވަތަ އުސޫލުތައް ގާއިމުކުރުން؛ އަދި

(ތ) ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ދެމެހެއްޓެނިވި އަދި އެކަށީގެންވާ ގޮތެއްގައި ދިނުމުގެ ގޮތުން އަގު ކަނޑައެޅުމާއި އަގު ނެގޭނެ ނިޒާމެއް ގާއިމުކުރުން.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

މި ގާނޫނު ހިނގާނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.

(ހ) ހުރިހާ ބާވަތެއްގެ ކުނި އުފެއްދުމާއި މެނޭޖުކުރުން؛

(ށ) ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށާއި، ރީސައިކަލްކުރުމަށާއި، ނައްތާލުމަށްޓަކައި ގުދަން ކޮށްފައިވާ ކުންޏާއި، ބޭނުންތެރި މާއްދާތައް އިއާދަކުރުމުގެ ނުވަތަ ރީސައިކަލްކުރުމުގެ ނުވަތަ ނައްތާލުމުގެ މަރުހަލާގައިވާ ކުނި؛

(ނ) އެއްވެސް ބާވަތެއްގެ ކުނި، އެއްވެސް ސިފައެއްގައި އެއްތަނުން އަނެއްތަނަށް އުފުލުން؛

(ރ) ކުނި އިމްޕޯޓްކުރުމާއި، އެކްސްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުން؛ އަދި

(ބ) ކުނި ރިސޯސްއެއް ގޮތުގައި ބޭނުންކުރުން.

 

ދެވަނަ ބާބު

ކުނި މެނޭޖުކުރުމުގެ އަސާސްތައް

 

4 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގައި އިސްކަންދޭ ތަރުތީބާއި ކުނި މެނޭޖުކުރުމުގެ ދަރަޖަތައް

(ހ) ކުނި މެނޭޖުކުރާ ފަރާތްތަކުން، ކުނި މެނޭޖުކުރުމަށް ހިޔާރުކުރާނެ ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ތަރުތީބަށް އިސްކަންދޭންވާނެއެވެ.

  1. އުފެއްދުން ހުއްޓުވުން؛
  2. މަދުކުރުން؛
  3. އަލުން ބޭނުންކުރުން؛
  4. މަރާމާތުކުރުން؛
  5. ރީސައިކަލްކުރުން؛
  6. ބޭނުންތެރި މާއްދާތައް އުފެއްދުމާއި އިއާދަކުރުން؛
  7. ކުނި އެންދުން؛ އަދި 
  8. ކުނި ޑިސްޕޯސްކުރުން.

(ށ) މި ގާނޫނު ހިންގުމުގައި، މި މާއްދާގައި ދަރަޖަކުރެވިފައިވާ ތަރުތީބުގެ ތެރެއިން ކުނި އުފެއްދުން ހުއްޓުވުމަށް އިސްކަންދީގެން ކުނި މެނޭޖުކުރުމުގެ ކަންކަން ތަންޒީމުކުރުމަށާއި ކުރިއެރުވުމަށް،މިނިސްޓްރީއާއި އޭޖެންސީންނާއި އޮތޯރިޓީންނާއި ލޯކަލް ކައުންސިލްތަކުން ބާރު އަޅަންވާނެއެވެ.

 

ތިންވަނަ ބާބު

މުއައްސަސާތަކުގެ ދައުރު

 

5 ވަނަ މާއްދާ - ތަންފީޒީ އުސޫލުތައް

މި ގާނޫނުން ބާރު ލިބިގެން އަމަލުކުރާ ކޮންމެ ފަރާތަކުންމެ، މި ގާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމުގައި އަންނަނިވި އުސޫލުތައް ނަގަހައްޓަންވާނެއެވެ.

(ހ) ކުނި މެނޭޖުކުރުމުގެ މަސްއޫލިއްޔަތަކީ ، ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އެކި ފަންތިތަކުގައި ހަވާލުކުރެވިފައިވާ އިދާރާތަކާއި، އެކިއެކި ސިނާއަތްތަކާއި، ވިޔަފާރިތަކާއި، އަދި މުޅި މުޖުތަމައުއާއި ވަކިވަކި ފަރުދުން ހިއްސާވާންޖެހޭ ކަމެއްކަން؛

(ށ) ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވެ، އިއާދަ ނުކުރެވޭނެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮންނަ ހާލަތެއްގައި، އެކަން އިލްމީގޮތުން ފުރިހަމައަށް ސާބިތުކުރެވިފައި ނެތުމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅު އެޅުން ފަސްކުރަންޖެހޭ ސަބަބެއް ނޫންކަން؛

(ނ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމުގައި:

  1. ތަފާތު ނުކުރުން؛
  2. ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ދިނުން؛
  3. އެކަށީގެންވާ ފެންވަރުގައި ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިދުމަތް ދިނުން؛
  4. ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުން؛
  5. އިގްތިސާދީ މިންގަނޑުތަކަށް ފެތޭގޮތަށް ހިދުމަތުގެ އަގު ކަނޑައެޅުން؛
  6. ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުން؛ އަދި
  7. ރައްޔިތުންގެ ބައިވެރިވުމާއި މަށްވަރާ އޮތުން.

(ރ) ތިމާވެއްޓަށް ގެއްލުންލިބޭފަދަ އަމަލެއް ނުވަތަ ތިމާވެށި ތަގައްޔަރުވެދާނެފަދަ އަމަލެއް ކުރާ ކޮންމެ ފަރާތަކުންމެ، އެ އަމަލެއްގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އިއާދަކުރުމަށްޓަކައި، އެކަމުގެ މާލީ ޒިންމާ ފުރިހަމަގޮތުގައި އުފުލަންޖެހޭކަން؛

(ބ) ކުނި މެނޭޖުކުރުމުގައި އެ ކުނި އުފެދުނު ތަނެއްގައި މެނޭޖުކުރުމަށް އިސްކަން ދިނުން؛

(ޅ) އުފައްދާ ނުވަތަ ބޭނުންކުރާ ތަކެތީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ދައުލަތުން ކުރާ މަސައްކަތުގައި އުފެއްދުންތެރިންނާއި، ތަކެއްޗާއި ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ހިއްސާވާންޖެހޭކަމާއި، އެފަދަ ތަކެތި އުފެއްދުމާއި ރައްކާތެރިކަމާއެކު ނައްތާލުމާ ދެމެދުގައި، އެ ފަރާތްތަކުން ޒިންމާތަކެއް އުފުލަންޖެހޭކަން ދެނެގަތުން.

 

6 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ

(ހ) ކުނި މެނޭޖުކުރަންވާނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި އެ ސިޔާސަތުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލުތައް ގަވާއިދުން ގެޒެޓުކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ރ) ކުނި މެނޭޖުކުރުމާ ގުޅުންހުރި މަސައްކަތެއް ރާވާ ނުވަތަ ހިންގާ ކޮންމެ ފަރާތަކުންވިޔަސް މި މާއްދާގެ (ހ) ގެ ދަށުން އެކަށައަޅާ ސިޔާސަތުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން

މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނު ތަންފީޒުކުރާނީ، އޮތޯރިޓީންނާއި، އޭޖެންސީންނާއި ކައުންސިލްތަކުން އަދި ކުނި މެނޭޖުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އެހެނިހެން ފަރާތްތަކުންނެވެ.

 

8 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަންނަނިވި ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމާބެހޭ ގައުމީ ސިޔާސަތެއް ކަނޑައަޅައި ހިންގުން؛

(ށ) ކުނި މެނޭޖުކުރުމުގެ ސިޔާސަތު ކަނޑައެޅުމުގައި، ކަމާބެހޭ މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތަކާއި އާންމު ރައްޔިތުންގެ މަށްވަރާ ހޯދުން؛

(ނ) ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމުގެ ނިޒާމުތައް ރަށު ފެންވަރުގައި، އަދި ސަރަހައްދީ ފެންވަރުގައި ރޭވުމަށާއި ހިންގުމަށް ބާރު އަޅައި އެހީތެރިވުން؛

(ރ) ދިވެހިރާއްޖޭގައި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމާއި، ކުނި އަލުން ބޭނުންކުރުމުގެ މައްޗަށް ބިނާވެފައިވާ ސިނާއަތްތަކާއި ވިޔަފާރިތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، އެކަމަށް ހިތްވަރު ދިނުން؛

(ބ) ކުނި މެނޭޖުކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގައި ރާވައި ހިންގުން؛

(ޅ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް، މާލީ، ފަންނީ އަދި ޓެކްނޮލޮޖީގެ އެހީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން؛

(ކ) ދިވެހިރާއްޖޭގައި، ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ހަމަޖެއްސުން؛

(އ) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ސިޔާސަތެއް ކަނޑައެޅުން؛

(ވ) ކުނި މެނޭޖުކުރުމުގެ ހިދުމަތާ ގުޅޭގޮތުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ ގާބިލުކަން އިތުރުކޮށް، މާލީ އަދި ފަންނީ އެހީތެރިކަމާއި ލަފަޔާއި އިރުށާދު ދިނުން؛

(މ) ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް އެކި ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

(ފ) ކުނި މެނޭޖުކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން އެކުލަވާލަންޖެހޭ ގައުމީ މާސްޓަރ ޕްލޭން އެކުލަވާލުމާއި މުރާޖައާކުރުން؛ 

(ދ) ކުނި މެނޭޖުކުރުމާބެހޭ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ލަފަޔާއި އިރުށާދު ދިނުން؛

(ތ) ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމާގުޅޭ އެންމެހައި ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ، އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރުން؛

(ލ) ކުނި މެނޭޖުކުރުމުގެ ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުނި މެނޭޖުކުރުމާގުޅޭމަށްރޫއުތައް ކުރިއަށްދާގޮތް ބަލައި މޮނިޓަރކުރުން؛

(ގ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ތަރައްގީކުރުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަށް ފަހި މާހައުލެއް ގާއިމުކުރުން؛

(ޏ) ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތް ދިނުމާބެހޭ ގަވާއިދުތަކާއި މިންގަނޑުތައް ކަނޑައެޅުން؛

(ސ) ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ޓެސްޓުކޮށް ސެޓިފައިކުރާނެ ގަވާއިދުތަކާއި މިންގަނޑުތައް ކަނޑައެޅުން؛

(ޑ) ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރާ ސަރަހައްދުތައްކަނޑައެޅުމަށް ތިމާވެށީގެ ގޮތުން ބަލަންޖެހޭ މިންގަނޑުތައްއެކުލަވާލައި އާންމުކުރުން؛ އަދި

(ޒ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި، މިންގަނޑުތައް ހެދުން.

 

9 ވަނަ މާއްދާ - އޭޖެންސީގެ ޒިންމާތަކާއި ބާރުތައް

މި ގާނޫނުގެ ދަށުން އޭޖެންސީއަށް އަންނަނިވި ޒިންމާތަކާއި ބާރުތައް ލިބިގެންވެއެވެ.

(ހ) ކުނީގެ ސަބަބުން އާންމު ސިއްހަތަށާއި، ތިމާވެއްޓަށް ކުރަމުންދާ އަސަރުތައް ދެނެގަނެ، އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ލަފަޔާއި މަށްވަރާ ދިނުން؛

(ށ) ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކާއި ތަހްލީލުތައް ކުރުން؛

(ނ) ކުނީގެ ސަބަބުން ދިމާވާ ހާދިސާތަކާ ގުޅިގެން ތިމާވެއްޓާއި އާންމު ސިއްހަތަށް ކުރާނެ ނުވަތަ ކޮށްފާނެ އަސަރުތައް ހުއްޓުވުމަށާއި، އެފަދަ ހާދިސާއެއްގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވިޔަ ނުދިނުމަށާއި، ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި ތިމާވެއްޓަށް ކުރާ އަސަރުތައް އިއާދަކުރުމަށް ފިޔަވަޅު އެޅުން.

 

10 ވަނަ މާއްދާ - އޮތޯރިޓީގެ ޒިންމާތަކާއި ބާރުތައް

މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް އަންނަނިވި ޒިންމާތަކާއި ބާރުތައް ލިބިގެންވެއެވެ.

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެ ޒިންމާ އަދާކުރޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ބެލުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން؛

(ށ) ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކަށް ހުއްދައާއި ލައިސަންސް ދޫކުރުމާއި، އާކޮށްދިނުމާއި، ބަދަލު ގެނައުމާއި، ބާތިލުކުރުން؛

(ނ) ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ހިންގުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ތަންފީޒުކުރުމާއި އެ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ރ) ކުނި މެނޭޖުކުރާ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރަހައްދުތައް ކަނޑައެޅުމާއި، ކުނި މެނޭޖުކުރުމުގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތް ދިނުމާބެހޭ ގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުކުރުން؛

(ބ) މި ގާނޫނާއި އަދި އާންމު ހިދުމަތްތައް ދިނުމާގުޅޭ އެހެނިހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުންގެންދޭތޯ ބެލުމާއި، އެފަދަ ހިދުމަތްތައް ދިނުމުގައި ލާޒިމުކުރާ މިންގަނޑުތަކަށް އަމަލުކުރަމުންދޭތޯ ބަލައި ކަށަވަރުކުރުން؛

(ޅ) މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ހިދުމަތްތައް ހިނގަމުންދޭތޯ ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ސީދާ އޮތޯރިޓީން ނުވަތަ ވަކިކަމެއް ކުރުމަށް އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް ކުރުން؛

(ކ) އާންމު ބޭނުންތަކުގެ ހިދުމަތްތަކާބެހޭ ހާއްސަ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ހިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުމާއި، އަގު މުރާޖައާކުރުމާއި، ބަދަލު ގެނައުން؛

(އ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ތަންތަނާއި ވަސީލަތްތައް ބަލަންޖެހޭ ހާލަތެއްގައި އެފަދަ ތަންތަން ބަލައި ފާސްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ވ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ކުނި މެނޭޖުކުރުމުގެ ނިޒާމެއް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ކަށަވަރުކުރުން؛ އަދި

(މ) ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މި ގާނޫނުގެ ދަށުން އޮތޯރިޓީން ކުރަންޖެހޭކަމަށް ބަޔާންކުރާ އެންމެހައި ކަންކަން ކުރުން.

 

11 ވަނަ މާއްދާ - ކައުންސިލްތަކުގެ ޒިންމާތަކާއި ބާރުތައް

މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް އަންނަނިވި ޒިންމާތަކާއި ބާރުތައް ލިބިގެންވެއެވެ.

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލްތަކުގެ ޒިންމާތައް ކަމަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަން ރަށު އަދި ސިޓީ ފެންވަރުގައި ތަންފީޒުކުރުން؛

(ށ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ރަށު ފެންވަރުގައި ޕްލޭންކުރުމާއި، މަށްރޫއުތައް އެކުލަވާލުމާއި، މަށްރޫއުތައް ތަންފީޒުކުރުން؛

(ނ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ރަށު އަދި ސިޓީ ފެންވަރުގައި ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖެއްސުން؛

(ރ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ހޯދަންޖެހޭ މާލީ، ފަންނީ އަދި އެހެނިހެން ވަސީލަތްތައް ހޯދުން؛

(ބ) ކުނި މެނޭޖުކުރުމަށް ބޭނުންވާ ބިން އެ ރަށެއް އަދި ސިޓީއެއްގައި ކަނޑައެޅުން؛

(ޅ) ސަރުކާރުގެ ސިޔާސަތުތަކާއި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތުން ނަގާނެ އަގު ކަނޑައެޅުން؛

(ކ) ރަށު ނުވަތަ ސިޓީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ގަވާއިދާއި އުސޫލުތައް ހެދުން؛

(އ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ދެމުންދާ ގޮތް ބަލައި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް ރަށު ނުވަތަ ސިޓީ ފެންވަރުގައި އެޅުން؛

(ވ) ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ރަށު ނުވަތަ ސިޓީ ފެންވަރުގައި ރައްކާތެރިކުރުން؛

(މ) ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށު ނުވަތަ ސިޓީ ފެންވަރުގައި ރާވައި ހިންގުން؛

(ފ) ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ގައުމީ ސިޔާސަތުތައް އެކުލަވާލުމަށާއި، އެކިއެކި ތަފާސްހިސާބު އެއްކުރުމުގެ ބޭނުމަށް، ކަމާގުޅޭ މުއައްސަސާތަކަށް ގަވާއިދުން މައުލޫމާތު ފޯރުކޮށްދިނުން.

 

12 ވަނަ މާއްދާ - ފަތުރުވެރިކަމަށް އަދި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އުފެދޭ ކުނި މެނޭޖުކުރުން

(ހ) ފަތުރުވެރިކަމަށް އަދި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަކީ، އެ ރަށެއް ނުވަތަ އެ ސަރަހައްދެއްގެ ވެރިފަރާތް ނުވަތަ މެނޭޖުކުރާ ފަރާތުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުނި މެނޭޖުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފެދޭ ކުނި މެނޭޖުކުރުން

(ހ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އުފައްދާ ކުނި މެނޭޖުކުރުމަކީ އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާ ހަވާލުވެ ހުންނަ ފަރާތުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުނި މެނޭޖުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ފަޅުރަށްރަށާއި ފިނޮޅުފަދަ ތަންތަނުގައި އުފެދޭ ކުނި މެނޭޖުކުރުން

(ހ) ފަޅުރަށްރަށާއި ފިނޮޅުފަދަ ތަންތަނުގެ ކުނި މެނޭޖުކުރުމަކީ އެ ތަންތަން ވަރުވާއަށް ނުވަތަ އެނޫންވެސް ގޮތަކަށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތުގެ ޒިންމާއެކެވެ.

(ށ) ފަޅުރަށްރަށާއި ފިނޮޅުފަދަ ތަންތަނުގެ ތެރެއިން ވަރުވާއަށް ނުވަތަ އެނޫންވެސް ގޮތަކަށް ބެލެހެއްޓުމަށް ވަކި ފަރާތަކަށް ހަވާލުކޮށްފައިނުވާ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ސަބަބުން އެ ތަންތަނުގައި އުފެދޭ ކުންޏަށް ޒިންމާވާން ޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކުނި މެނޭޖުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ވައިގެ ދަތުރުފަތުރުކުރާ އުޅަނދުތަކުގައި އުފެދޭ ކުނި މެނޭޖުކުރުން

(ހ) ވައިގެ ދަތުރުފަތުރުކުރާ އުޅަނދުތަކުގައި އުފެދޭ ކުނި މެނޭޖުކުރުމަކީ އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދެއް އޮޕަރޭޓުކުރާ ފަރާތުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުނި މެނޭޖުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތައް

ކުނި މެނޭޖުކުރުމާބެހޭ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުގައި ދިވެހިސަރުކާރުން ބައިވެރިވެއްޖެ ހިނދެއްގައި، ކަމާބެހޭ ދާއިރާތަކުގެ ލަފަޔާއި އިރުށާދުގެ މަތިން މިނިސްޓްރީން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) އެފަދަ އެއްބަސްވުންތަކާއި މުއާހަދާތަކުން ދައުލަތުގެ މައްޗަށް ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން؛

(ށ) ދިވެހިރާއްޖޭގައި އެފަދަ އެއްބަސްވުންތަކާއި މުއާހަދާތައް ތަންފީޒުކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛ އަދި

(ނ) މުއާހަދާތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ ފަރާތްތަކާ މުއާމަލާތުކުރުމާއި ވިލަރެސްކުރުން.

 

ހަތަރުވަނަ ބާބު

ކުނި އުފެއްދުން މަދުކުރުން

 

17 ވަނަ މާއްދާ - ކުނި މަދުކުރުމުގެ ގައުމީ ސްޓްރެޓަޖީ

(ހ) ދިވެހިރާއްޖޭގައި ހިންގާ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް އެއްތަންކުރެވޭ ކުނީގެ މިންވަރަށް ނިސްބަތްކޮށް ކުރެވޭ އަންދާޒާތަކެއްގެ މައްޗަށް ބިނާކޮށް، ކުނި ޖަމާކުރާ މިންވަރު މަދުކުރުމުގެ ގައުމީ ސްޓްރެޓަޖީއެއް އެކުލަވާލައި، ކޮންމެ 5 (ފަހެއް) އަހަރުން އެއްފަހަރު ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މިނިސްޓަރު ކަނޑައަޅައި، އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފުރަތަމަ އެކުލަވާލާ ކުނި މަދުކުރުމުގެ ގައުމީ ސްޓްރެޓަޖީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓަރު ކަނޑައަޅައި، އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދުމަށް މައުލޫމާތު ހުށަހަޅަންޖެހޭ ގޮތާއި، ހުށަހަޅަންޖެހޭ ތާރީހް ބަޔާންކޮށް، މިނިސްޓްރީން އާންމުކޮށް އަންގައި، އިއުލާންކުރަންވާނެއެވެ. އަދި، އެ އިއުލާންގައި ބަޔާންކުރާ ގޮތުގެމަތިން މައުލޫމާތު ހުށަހަޅައި ރިޕޯޓުކުރުމަކީ، ކުނި މެނޭޖުކުރާ މަރުކަޒެއްގެ ވެރިއެއް ނުވަތަ ހިންގާ ފަރާތެއްގެ ޒިންމާއެކެވެ.

 

18 ވަނަ މާއްދާ - އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ

(ހ) ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރާ، އަދި ދިވެހިރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކުން އެ ތަކެތިން އުފެދޭ ކުންޏަށް ޒިންމާވާންވާނެއެވެ.

(ށ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ އަންނަނިވި ކަންކަން ހިމެނޭ ގޮތަށް ، މިނިސްޓްރީން ކަނޑައަޅައި، އެ ކަންކަމާގުޅޭ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

  1. އުފެއްދުންތެރިންގެ ޒިންމާ ދެމިގެންވާނެ ތަކެތި ނުވަތަ ވަކި ބާވަތެއްގެ ތަކެތި؛
  2. ވަކި އެއްޗަކާމެދު ނުވަތަ ވަކި ބާވަތެއްގެ އެއްޗަކާމެދު ދެމިގެންވާ އުފެއްދުންތެރިންގެ ޒިންމާ؛
  3. ދެމިގެންވާ ޒިންމާ އުފުލަންޖެހޭ އުފެއްދުންތެރިން؛
  4. ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ އުފައްދާ ތަކެތި ބަންދުކުރަން ބޭނުންކޮށްފައިވާ ތަކެތި؛ އަދި 
  5. ދިވެހިރާއްޖެއަށް އެތެރެކުރާ، އަދި ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަށް، އެ ތަކެތި އުފައްދާ ނުވަތަ އެތެރެކުރާ ފަރާތްތަކުން ޒިންމާވާނެ ނިޒާމު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ގަވާއިދެއް ނުވަތަ އުސޫލެއް ކަނޑައެޅުމުގެ ކުރިން ނުވަތަ ކުރިން އާންމު ކުރެވިފައިވާ ގަވާއިދަކަށް ނުވަތަ ގަވާއިދެއްގެ ބަޔަކަށް، އުސޫލެއް ނުވަތަ އުސޫލެއްގެ ބަޔަކަށް ބަދަލު ގެނައުމުގެ ކުރިން، އެކަމުގެ އަސަރުކޮށްފާނެ އުފެއްދުންތެރިންގެ މަށްވަރާ ހޯދަންވާނެއެވެ.

 

19 ވަނަ މާއްދާ - ކުނި އުފެއްދުން މަދުކުރުމަށް ބާރު އެޅުމު ގެ ގޮތުން ދެވޭ އިނާޔަތްތައް ކަނޑައެޅުން

(ހ) މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، ކުނި އުފެއްދުން މަދުކުރުމާއި، ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ހަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ދެވިދާނެ އިނާޔަތްތައް ބަޔާންކުރާ އަމަލީ ޕްލޭނެއް މިނިސްޓްރީން އެކުލަވާލައި، އެ ޕްލޭންގައި ބަޔާންކުރާ ކަންކަމަށް އަމަލުކުރަންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލީ ޕްލޭން އެކުލަވާލައި، އާންމުކުރަންވާނެއެވެ. 

(ނ) އެކްސްޕޯޓް އަދި އިމްޕޯޓް ޑިއުޓީގެ ނިޒާމުގެ ތެރެއިން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ދެވިފައިވާ ލުއިތައް، މި ގާނޫނުގެ މަގްސަދުތައް ހާސިލުވާފަދަ ގޮތަކަށް ތަންފީޒުކުރުމަށް ބާރު އެޅުމުގެ ގޮތުން، އަންނަނިވި ކަންކަމާގުޅޭ އުސޫލުތައް މިނިސްޓްރީން އެކަށައަޅައި، ތަންފީޒުކުރަންވާނެއެވެ.

  1. ކުނި މަދުކުރުމަށާއި ތިމާވެށި ތަގައްޔަރުކުރާ ތަކެއްޗަށްވުރެ އަގު ހެޔޮކޮށް ތިމާވެއްޓާ ރަށްޓެހި ތަކެތި ވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން، އިމްޕޯޓް ޑިއުޓީގެ ލުއިތައް ދެވޭނެ ބާވަތްތަކުގެ މުދާ ކަނޑައެޅުން.
  2. ކުނި މަދުކުރުމަށާއި، ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށާއި، ކުނިން ހަކަތަ އުފެއްދުމަށް އަމާޒުކޮށްގެން ހިންގާ މަށްރޫއުތައް ކުރިއެރުވުމަށާއި، އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އިމްޕޯޓް ޑިއުޓީގެ ލުއިތައް ދެވޭނެ ބާވަތްތަކުގެ މުދާ ކަނޑައެޅުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ކަންކަން ތަންފީޒުކުރުމުގައި، މި ގާނޫނުގެ މަގްސަދު ހާސިލުވަމުންދޭތޯ ބެލުމަށްޓަކައި، މި މާއްދާގެ ދަށުން ތަންފީޒުކުރާ އަމަލީ ޕްލޭނާއި ސިޔާސަތުތައް ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީން މުރާޖައާކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

ކުނި މެނޭޖުކުރުމުގެ ކަންކަން ރޭވުން

 

20 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ކުނި މެނޭޖުކުރުމާބެހޭ ގައުމީ މާސްޓަރ ޕްލޭނެއް މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި، މި ޕްލޭންގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުނި މެނޭޖުކުރުމުގެ ގައުމީ ސިޔާސަތު؛
  2. ކުނި މެނޭޖުކުރުމުގެ ގައުމީ ސިޔާސަތު ތަންފީޒުކުރާނެ ސްޓްރެޓަޖީތަކާއި، ލަނޑުދަނޑިތަކާއި، އެކްށަންތައް؛
  3. އާންމު ކުންޏާއި، ކޮންސްޓްރަކްށަން ކުންޏާއި، ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރާނެ ގޮތްތައް؛ އަދި 
  4. ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރާނެ ގޮތްތައް.

(ށ) ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭން އެކުލަވާލާތާ މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ޕްލޭން މުރާޖައާކޮށް ގެނެވޭ އިސްލާހުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ނ) ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭން އެކުލަވާލަންވާނީ އަދި އެފަދަ ޕްލޭނަކަށް ބަދަލު ގެންނަންވާނީ ، ކައުންސިލްތަކާއި، ކަމާގުޅޭ އިދާރާތަކާއި، ކުނި މެނޭޖުކުރުމުގެ ސިނާއަތުގެ ބައިވެރިންގެ މަށްވަރާއާ އެކުގައެވެ.

 

21 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭން ތަންފީޒުކުރުން

ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭން ތަންފީޒުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާނީ މިނިސްޓްރީންނެވެ. އަދި ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭނާ ގުޅިގެން އެ ޕްލޭން ތަންފީޒުކުރަންޖެހޭ އިދާރާއަކާ ހަވާލުކޮށްފައިވާ ޒިންމާތައް އެ އިދާރާއަކުން ތަންފީޒުކުރަންވާނެއެވެ. ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމަށް ތަންފީޒުކުރާ އޮޕަރޭށަނަލް ޕްލޭންތައް މެދުވެރިކޮށް ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭން ތަންފީޒުކުރެވޭކަން މިނިސްޓްރީން ކަށަވަރުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ - ރަށު ފެންވަރުގެ އަދި ސިޓީ ފެންވަރުގެ ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭން ތައްޔާރުކުރުމާއި، ފާސްކުރުން

(ހ) ކުނި މެނޭޖުކުރުމުގެ ކަންކަން ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި އިންތިޒާމުކޮށް ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫލުތައް ބަޔާންކުރާ ގައިޑްލައިނެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގައިޑްލައިން އެކުލަވާލާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެމަތިން ކުނި މެނޭޖުކުރުމުގެ ކަންކަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭނެއް، ކޮންމެ ކައުންސިލަކުން އެކުލަވާލައި ފާސްކޮށް އަމަލުކުރަންވާނެ އެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެއް އިދާރީ ދާއިރާއެއްގައި ހިމެނޭ ދެރަށެއް ނުވަތަ އެއަށްވުރެ ގިނަ ރަށުގެ ނުވަތަ ސިޓީގެ ކުނި މެނޭޖުކުރުމަށްޓަކައި އެ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން އެފަދައިން ކަނޑައެޅޭ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ އަދި ނުވަތަ ސިޓީގެ ކުނި މެނޭޖުކުރާ އޮޕަރޭށަނަލް ޕްލޭންތައް ގުޅިގެން ތަންފީޒުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ އޮޕަރޭށަނަލް ޕްލޭން ފާސްކުރާ ތާރީހުން ފެށިގެން މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ޕްލޭން މުރާޖައާކުރަންވާނެއެވެ. އަދި އެގޮތުން ކުރެވޭ މުރާޖައާއާ ގުޅިގެން އޮޕަރޭށަނަލް ޕްލޭނަށް ގެންނަ ބަދަލުތައް އާންމުކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭން ތައްޔާރުކުރަންޖެހޭ ފަރާތަކުން، އެފަދަ ޕްލޭނެއް ތައްޔާރުކުރަންވާނީ ނުވަތަ އެފަދަ ޕްލޭނަކަށް ބަދަލު ގެންނަންވާނީ އެފަދަ ޕްލޭނެއްގެ އިހްތިސާސް ހިނގާ ދާއިރާއެއްގައި ދިރިއުޅޭ ރައްޔިތުންނާއި، އެ ދާއިރާގައި ހަރަކާތްތެރިވާ ކުނި މެނޭޖުކުރުމުގެ ސިނާއަތުގެ ބައިވެރިންގެ މަށްވަރާއާ އެކުގައެވެ.

 

23 ވަނަ މާއްދާ - ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުން

(ހ) ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަކުން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަތްދޭ ފަރާތުން ތައްޔާރުކުރާ ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދުގައި، ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާނެ ގޮތުގެ ހަމަތަކާއި އުސޫލުތައް ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭންގައި ކޮންމެހެން ހިމަނަންވާނެ ކަންކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކުނި މެނޭޖުކުރުމުގެ ސަރަހައްދީ އޮޕަރޭށަނަލް ޕްލޭނަށް އަމަލުކުރަން ފަށަންވާނީ، އެފަދަ ޕްލޭނެއް ފާސްކޮށް، އޮތޯރިޓީން ލިޔުމަކުން ހުއްދަ ދިނުމުންނެވެ.

 

24 ވަނަ މާއްދާ - ސިނާއީ ކުނި މެނޭޖުކުރުމުގެ ޕްލޭން

(ހ) ރިޒޯޓުތަކުގައާއި، ޓޫރިސްޓު ހޮޓާތަކުގައާއި ސިނާއީ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައި އުފައްދާ ކުނި މެނޭޖުކުރުމުގެ ކަންކަން ހިންގާނެގޮތް ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭނެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނެއް މެނޭޖުކުރާ ފަރާތަކުން އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އޮޕަރޭށަނަލް ޕްލޭން ތަންފީޒުކުރުމަކީ އެ ތަނެއްގެ ވެރިފަރާތުގެ ނުވަތަ އެ ތަނެއް މެނޭޖުކުރާ ފަރާތެއްގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތައްޔާރުކުރާ ސިނާއީ ކުނި މެނޭޖުކުރުމުގެ އޮޕްރޭށަނަލް ޕްލޭން ވާންވާނީ ، ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓަރ ޕްލޭނާއި، ރަށު އަދި ސިޓީ ފެންވަރުގައި ނުވަތަ ސަރަހައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭނާ އެއްގޮތްވާ 
ގޮތުގެމަތިން އެކުލަވާލާ ޕްލޭނަކަށެވެ.

 

ހަވަނަ ބާބު

ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުން

 

25 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން

(ހ) އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްފޯރުކޮށްދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ލައިސަންސް ދިނުމާބެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން އެކަމަށް ދޫކުރާ އޮޕަރޭޓިންގ ލައިސަންސް ނެގުމަށްފަހު އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެންނެވެ. އަދި ލައިސަންސް ނެތި އެފަދަ ކަމެއް ކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާ

(ހ) ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން، އެ ފަރާތްތަކުން ހިދުމަތްދޭ ސަރަހައްދުގައި ހިމެނޭ އެންމެހައި ފަރާތްތަކަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި ހިދުމަތްދޭ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ އޮޕަރޭށަނަލް ޕްލޭނާއި އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް، މެދުކެނޑުމެއް ނެތި، ހިދުމަތް ފޯރުކޮށްދޭންވާނެއެވެ.

(ށ) ކުނި މެނޭޖުކުރުމުގެ ހިދުމަތް ހޯދާ ފަރާތްތަކުން ގަވާއިދުން އަގު ދައްކަމުންދާނަމަ، އެ ފަރާތްތަކުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ނ) ކުނި މެނޭޖުކުރުމުގެ ހިދުމަތާ ބެހޭގޮތުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އެންމެހައި ރިޕޯޓުތަކާއި މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ރ) މި ގާނޫނުގެ ދަށުން މިނިސްޓްރީންނާއި، އޮތޯރިޓީންނާއި، އޭޖެންސީންނާއި ކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރާ އެންމެހައި ކަންކަމަށް، އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭންވާނެއެވެ.

(ބ) ގުދުރަތީ އަދި އެނޫންވެސް ކާރިސާތަކާއި، އިމަރޖަންސީ ހާލަތްތަކުގައި ހިދުމަތަށް ބުރޫއެރުން ކުޑަކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމާއި، މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހަރުދަނާ ނިޒާމެއް އެކުލަވާލައި، ދަމަހައްޓަންވާނެއެވެ.

 

27 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކަށް ލިބިގެންވާ ބައެއް އިހްތިޔާރުތައް

(ހ) ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި، އިމާރާތްތަކާއި، މެށިނަރީއާއި އެނޫންވެސް ކަމާގުޅުންހުރި ތަކެތި ގަތުމާއި، ކުއްޔަށް ހޯދުމާއި، އުފެއްދުމާއި، މިލްކުކުރުމާއި، އަމިއްލަ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އިހްތިޔާރު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) ހިދުމަތް ދިނުމާގުޅޭ މަސައްކަތްތަކުގައި ސަރުކާރާއި ދައުލަތުގެ އިމާރާތްތަކަށާއި އަމިއްލަ މީހުންގެ ގޯތި ގެދޮރަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެވިދާނެއެވެ. އެގޮތުން ވަންނަ ވަނުމުގައި ހިދުމަތްދޭ ފަރާތުގެ މުވައްޒަފެއްކަން އެނގޭނެފަދަ އައިޑެންޓިފިކޭށަނެއް އެމީހެއްގެ ކިބައިގައި އޮންނަންވާނެއެވެ.

(ނ) އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހިދުމަތަށް ފީ ނެގުމުގައި، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތުން އަމިއްލައަށް ފީ ނަގައިގެން ނުވަތަ އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނެގިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން އަގު ނަގާނަމަ، އެކަން ކުރަންވާނީ އެ ހިދުމަތްދޭ ފަރާތާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އެހެން ބިލެއްގައި ހިމަނައިގެން ހިދުމަތަށް އަގުނެގުމަށް އިތުރު ހަރަދެއް ހިނގާނަމަ އެ ހަރަދަށް ޒިންމާވާނީ ހިދުމަތްދޭ ފަރާތުންނެވެ.

 

28 ވަނަ މާއްދާ - ހިދުމަތުން އަގުނެގުން

އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދޭ ކުނި މެނޭޖުކުރުމުގެ ތަފާތު ގިންތިތަކުގައި ހިމެނޭ ހިދުމަތްތަކަށް އަގު ނަގަންވާނީ މި ގާނޫނާއި، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

29 ވަނަ މާއްދާ - މޮނިޓަރކުރުން

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގައި އޮތޯރިޓީ ނުވަތަ އެ ފަރާތުން ކަނޑައަޅާ އެހެން ފަރާތެއް މެދުވެރިކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ތަންތަނުގެ މަސައްކަތް ބަލައި މޮނިޓަރކުރަންވާނެއެވެ.

 

ހަތްވަނަ ބާބު

ސިންގަލް-ޔޫސް ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން

 

33 ވަނަ މާއްދާ - ސިންގަލް -ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި އެތެރެކުރުމާއި ބާޒާރަށް ނެރުން

(ހ) ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމަކީ ކުށެކެވެ.

(ށ) އަދި މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކަނޑައަޅާފައިވާ ސިންގަލް -ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު، އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. 

(ރ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާއިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެފަދަ ތަކެތި ދިވެހިރާއްޖޭގައި އެހާތަނަށް އުފައްދައި ބޭނުން ނުކޮށްހުރި މިންވަރާއި އެފަދަ ތަކެތި ދިވެހިރާއްޖޭގައި ބޭނުންކުރަމުންދާ ނިސްބަތް؛
  2. އެފަދަ ތަކެތި ދިވެހިރާއްޖެއަށް އެހާތަނަށް އެތެރެކުރުމަށްފަހު ބޭނުން ނުކޮށްހުރި މިންވަރާއި އެފަދަ ތަކެތި ދިވެހިރާއްޖޭގައި ބޭނުންކުރަމުންދާ ނިސްބަތް؛ އަދި 
  3. އެފަދަ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ ބާޒާރަށް ނެރުން މަނާކުރުމުން، އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ތަކެތި ލިބެންހުރި މިންވަރު.

 

31 ވަނަ މާއްދާ - ސިންގަލް -ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރުން މަދުކުރުން

ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ބޭނުންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމާގުޅޭ ގަވާއިދެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

އަށްވަނަ ބާބު

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން

 

32 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުން ފީ ނެގުން

(ހ) ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 (ދޭއް) ރުފިޔާ ނަގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ގާނޫނުގެ ދަށުންޕްލާސްޓިކް ކޮތަޅުން ނަގާ ފީ، ތިރީގައި ބަޔާންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވެއެވެ.

  1. ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު؛
  2. ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު؛
  3. ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ".

 

33 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ލާޒިމުވުން

ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މި ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފީ ނެގުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމުވާނެއެވެ.

 

34 ވަނަ މާއްދާ - އިންވޮއިސް ނުވަތަ ރަސީދުގައި ޕްލާސްޓިކް ކޮތަޅުގެ ފީ ހިމެނުން

(ހ) ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި، އެ ފަރާތުން ކަސްޓަމަރުގެ އަތުން ނެގި ޕްލާސްޓިކް ކޮތަޅުގެ ފީގެ މިންވަރު ވަކިން އެނގޭނެހެން ހިމަނަންވާނެއެވެ.

(ށ) ޕްލާސްޓިކް ކޮތަޅުގެ ފީއިން، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ނަގާ "ގުޑްސް އެންޑް ސަރވިސަސް ޓެކްސް" އެއް ނުނެގޭނެއެވެ.

 

35 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދެއްކުން

(ހ) މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ، މީރާއަށް ދެއްކުން ލާޒިމުވެގެންވެއެވެ.

(ށ) މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން މި ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި އެ ފަރާތްތަކުގެ މައްޗަށް މި ބާބު ތަންފީޒުކުރުމަށް އެކުލަވާލަންޖެހޭ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެ ރޭގައި މީރާއިން އެކުލަވާލަންވާނެއެވެ.

(ނ) މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދައްކާނީ ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގައި އެ ފަރާތްތަކުން މީރާ އަށް ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށެވެ. އަދި މިގޮތަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖީ.އެސް.ޓީއާ ވަކިކުރެވެންވާނެއެވެ.

(ރ) މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "މޯލްޑިވްސް ގްރީން ފަންޑް" އަށެވެ.

 

36 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުން ފީ ނެގޭ މުއްދަތު

މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނަގާ މުއްދަތަކީ ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އެ ފަރާތެއްގެ ޓެކްސް ނެގޭ މުއްދަތެވެ.

 

37 ވަނަ މާއްދާ - ހުށަހަ ޅަންޖެހޭ މައުލޫމާތު

(ހ) މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، ޕްލާސްޓިކް ކޮތަޅުން ފީ ނެގޭ މުއްދަތަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ މިންވަރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރުމަށްފަހު، އެ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިގެން މީރާއަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހެޅުމުގެ ސުންގަޑިއަކީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއެވެ.

 

38 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ) ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ ފައިސާގެ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައާއި ރެކޯޑު ބެލެހެއްޓުމަށް އެކަމާގުޅޭ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މީރާގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ބާބުގެ ދަށުން ބަލަހައްޓަންޖެހޭ ރެކޯޑު ބަލަހައްޓާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.

 

39 ވަނަ މާއްދާ - ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައިވާ ގޮތުގެމަތިން އަމަލުކުރުން

މި ބާބު ކިޔާނީ، ގާނޫނު ނަންބަރު  2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އާ އެކުގައެވެ. އަދި މި ބާބުގައި ބޭނުންކޮށްފައިވާ ކޮންމެ ލަފްޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް މި ބާބުގައި ބަޔާންކޮށްފައިނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކުގައި އެ ލަފްޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

ނުވަވަނަ ބާބު

ކުނި މެނޭޖުކުރުމުގެ މަރުކަޒު ގާއިމުކުރުމާއި، ކުނި ގެންގުޅުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، އެއްތަންކުރުން

 

40 ވަނަ މާއްދާ - ކުނި މެނޭޖުކުރާ ފަރާތްތަކުގެ އާންމު ޒިންމާ

(ހ) ތިމާވެށި ތަގައްޔަރުވާ ނުވަތަ ތަގައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

(ށ) އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، ޕްރޮސެސްކުރުމަށާއި، ގުދަންކުރުމުގެ މަގްސަދުގައި ބަހައްޓާފައި ހުންނަ ނުރައްކާތެރި ކުންޏާއި، ހާއްސަ ކުނި، މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަންދުކޮށް ، ލޭބަލްކުރެވިފައިވާކަން، ކުނި މެނޭޖުކުރާ ފަރާތަކުން ކަށަވަރުކުރަންވާނެއެވެ.

(ނ) ކުނި މެނޭޖުކުރާ ފަރާތަކުން، ކުނި މެނޭޖުކުރުމުގެ ތެރޭގައި އެއްވެސް ހާދިސާއެއް ދިމާވެއްޖެނަމަ، ތިމާވެށި ތަގައްޔަރުވެއްޖެކަމަށް ނުވަތަ ތިމާވެށި ތަގައްޔަރުވެދާނެކަމަށް ބަލައި، އެ ފަރާތަކުން ލަސްނުކޮށް  ތިރީގައި ބަޔާންކުރާ ފަރާތްތަކަށް އަންގަންވާނެއެވެ.

  1. އެފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ ވަކި ކައުންސިލެއްގެ އިހްތިސާސްގެ ދާއިރާގައިވާ ތަނެއްގައިނަމަ ، އެ ކައުންސިލަށް؛
  2. އެފަދަ ހާދިސާއެއް ހިނގަން މެދުވެރިވީ ވަކި ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސް ނުހިނގާ ސަރަހައްދެއްގައިނަމަ، އެ ސަރަހައްދެއް ނިސްބަތްވާ އަތޮޅު ކައުންސިލަށް؛
  3. އެފަދަ ހާދިސާއެއް ހިނގާފައިވަނީ ނުރައްކާތެރި ކުންޏާއި، ހާއްސަ ކުނި މެނޭޖުކުރުމުގެ ހަރަކާތަކުންނަމަ،ކައުންސިލްތަކުގެ އިތުރުން އޭޖެންސީއަށް.

(ރ) އޮތޯރިޓީން ދޫކޮށްފައިވާ ކުނި މެނޭޖުކުރުމުގެ ލައިސަންސެއް ނުވަތަ ކުނި އެއްތަންކުރުމުގެ ހުއްދައެއްގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ،  އެއްވެސް ފަރާތަކުން ވިޔަފާރި އުސޫލުން، ކުނި އެއްތަންކުރުމުގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

(ބ) ކުނި އެއްތަންކުރުމުގެ ހިދުމަތް އެއް އުސޫލަކުން ދިނުމަށް މަގުފަހިކުރުމަށާއި، އެކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރު ކުރުމަށްޓަކައި، ތިރީގައި ބަޔާންކުރާ ކަންކަން ހިމެނޭގޮތަށް ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެ ޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

  1. ކުނި އުފައްދާ ފަރާތަކުން، ބައިބަޔަށް ކުނި ވަކިކުރުމުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް؛
  2. ކުނި އުފައްދާ ފަރާތަކުން، ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށާއި ތަކެއްޗަށް ކުނި އެޅުމުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް؛
  3. ކުނި އެއްތަންކުރުމަށް ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކާއި، ކުނި މެނޭޖުކުރުމުގެ ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުގެ ހައްގުތަކާއި، ޒިންމާތަކާއި، މަސްއޫލިއްޔަތުތައް.

(ޅ) ކައުންސިލެއްގެ އިހްތިސާސްގެ ދާއިރާގައި، ކުނި އެއްތަންކުރުމުގެ ހުއްދަ ނުވަތަ ކުނި މެނޭޖުކުރުމުގެ ލައިސަންސް ދޫކުރެވިފައިވާ ފަރާތަކުން ކުނި އެއްތަންކުރުމަށް ހިންގާ ހަރަކާތްތަކާ ގުޅިގެން އަޅަންޖެހޭކަމަށް އެފަދަ ކައުންސިލަކަށް ފެންނަ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެންގުމާއި، އެފަދަ ކަންކަމާ ގުޅޭގޮތުން އެހެނިހެން އިރުށާދުތައް ދިނުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ކ) ކުނި އެއްތަންކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތަކުން ނުވަތަ ކުނި މެނޭޖުކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގާނޫނާ އެއްގޮތަށް އަމަލުކުރުމާއެކު، މި މާއްދާގެ (ޅ) ގެ ދަށުން އަންގާ އެންގުންތަކަށް ތަބާވެ، ދެވޭ އިރުށާދުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުން

(ހ) އެއްވެސް ފަރާތަކުން ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ކުނި މެނޭޖުކުރުމުގެ ގޮތުން ލޭންޑްފިލްކުރުމަށް ތަނެއް ގާއިމުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

42 ވަނަ މާއްދާ - ކުނި މެނޭޖުކުރާ މަރުކަޒެއް ހިންގުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ކުނި މެނޭޖުކުރާ މަރުކަޒެއް ހިންގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

43  ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ކުނި އުފުލުން

(ހ) އޮތޯރިޓީން ދޫކޮށްފައިވާ ކުނި މެނޭޖުކުރުމުގެ ލައިސަންސެއް ނުވަތަ ކުނި އެއްތަންކުރުމުގެ ހުއްދައެއްގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ،އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ކުނި މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނެތް ފަޅުރަށްރަށާއި، ފިނޮޅާއި، ފަޅާއި ފަރުފަދަ ތަނެއްގައި އަދި އެފަދަ ތަނަކަށް ކުރާ ދަތުރުގައި އުފެދޭ ކުނި، ކުނި މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ސަރަހައްދަކަށް ހިފައިގެން އައުމަކީ ނުވަތަ ގެންދިއުމަކީ މި މާއްދާއާ ހިލާފު އަމަލެއް ނޫނެވެ.

(ނ) ރިޒޯޓުތަކުގައާއި، ޓޫރިސްޓު ހޮޓާތަކުގައާއި ސިނާއީ އެހެނިހެން މަސައްކަތްކުރާ ތަންތަނުގައި އުފެދޭ އަދި އުފައްދާ ކުނި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް އެޅުމަކީ ކުށެކެވެ.

(ރ) އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

44 ވަނަ މާއްދާ - ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން

(ހ) މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ކުނި އެތެރެކުރުމުގެ ހުއްދައަކަށް އެދުމުން އެފަދަ ހުއްދައެއް ދޫކުރަންވާނީ، މިނިސްޓްރީން ހަދައި އާންމުކޮށް ށާއިއުކުރާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

45 ވަނަ މާއްދާ - ދިވެހިރާއްޖެއިން ނުރައްކާތެރި ކުނި ބޭރުކުރުން

(ހ) މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން ނުރައްކާތެރި ކުނި ދިވެހިރާއްޖެއިން ބޭރުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ނުރައްކާތެރި ކުނި ބޭރުކުރުމުގެ ހުއްދައަކަށް އެދުމުން އެފަދަ ހުއްދައެއް ދޫކުރަންވާނީ، މިނިސްޓްރީން ހަދައި އާންމުކޮށް ށާއިއުކުރާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ މަގްސަދަށްޓަކައި، ތިރީގައި ބަޔާންކުރާ ކަންކަމާގުޅޭ މައުލޫމާތު، މިނިސްޓްރީން އާންމުކޮށް އަންގައި،އިއުލާންކުރަންވާނެއެވެ.

  1. ހުއްދައެއްގެ ދަށުން ދިވެހިރާއްޖެއިން ބޭރުކުރުން ހުއްދަކުރާ ނުރައްކާތެރި ކުނީގެ ބާވަތްތައް؛ އަދި 
  2. ދިވެހިރާއްޖެއިން ނުރައްކާތެރި ކުނި ބޭރުކުރުން މުޅިން މަނާ ގައުމުތައް.

 

46 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ކުނި އުފުލުން

(ހ) ނުރައްކާތެރި ކުންޏާއި، އެހެނިހެން ކުނީގެ ބާވަތްތައް ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކޮށް އެއްވެސް ފަރާތަކުން އުފުލަންވާނީ، ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ކުނި އުފުލޭނީ އެކަށީގެންވާ އިންށުއަރަންސްއެއް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ދިހަވަނަ ބާބު

ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި

 

47 ވަނަ މާއްދާ - ނުރައްކާތެރި ކުނި

މި ގާނޫނުގެ ދަށުން ނުރައްކާތެރި ކުނި ކަމުގައި ހިމެނޭނީ އަންނަނިވި ތަކެތިން އުފެދޭ ކުންޏެވެ.

  1. ގޮވާތަކެތި (އެކްސްޕްލޯސިވްސް)؛
  2. ހުޅުހިފާ ދިޔާތަކެތި؛
  3. ފަސޭހައިން އަލިފާންހިފާ ޒާތުގެ ހަރު ތަކެތި؛
  4. ފަސޭހައިން އަމިއްލަ ޒާތުގައި ހުޅުހިފާ ތަކެތި؛
  5. ފެނާ އެކުވުމުން ހުޅުހިފާ، ނުވަތަ ހުޅުހިފާ ޒާތުގެ ގޭހެއް އުފައްދާ ތަކެތި؛
  6. އޭގެ ޒާތުގައި ހުޅުރޯނުވިނަމަވެސް، އޮކްސިޖަން އުފެދުމުގެ ސަބަބުން އެހެން އެއްޗެއް ނުވަތަ މާއްދާއެއްގައިއަލިފާން ހިފުމަށް މަގުފަހިކޮށްދޭ ތަކެތި ނުވަތަ މާއްދާތައް؛
  7. އޯގަނިކް ޕެރޮކްސައިޑްސް؛
  8. ވިހަ މާއްދާ؛
  9. ބަލިޖައްސާ މާއްދާތައް؛
  10. ކޮރޯސިވްސް؛ އަދި 
  11. އިކޯޓޮކްސިކް މާއްދާތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތަކެތިން އުފެދޭ ނުރައްކާތެރި ކުނީގެ ލިސްޓެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. އަދި މި ލިސްޓު ގަވާއިދުން އަދާހަމަކޮށް ބަލަހައްޓައި، ލިސްޓަށް އަންނަ ބަދަލުތައް އާންމުކުރަންވާނެއެވެ.

(ނ) ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 100،00 (އެއްލައްކަ) ރުފިޔާއާއި  5،000،000 (ފަސްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން އޭޖެންސީން ނުވަތަ އޭޖެންސީން ކަނޑައަޅާ ފަރާތަކުން، އެ ފަރާތެއް ޖޫރިމަނާ ކުރުމެވެ.

(ބ) ނުރައްކާތެރި ކުނި ދިވެހިރާއްޖޭގައި ރީސައިކަލްކޮށް، ބޭނުންތެރި މާއްދާތައް އިއާދަކޮށް، އަދި އެފަދަ އެހެން ބޭނުމެއް ކުރުމަށް ޕްރޮސެސްކޮށްގެން ނުވާނެއެވެ.

 

48 ވަނަ މާއްދާ - ހާއްސަ ކުނި

މި ގާނޫނުގެ ބޭނުމަށްޓަކައި ހާއްސަ ކުންޏަކީ މި ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިސްޓްރީން އާންމުކުރާ ނުރައްކާތެރި ކުނީގެ ލިސްޓުގައި ހިމެނޭ ކުނި ފިޔަވައި، އެ ކުނި އުފުލުމާއި މެނޭޖުކުރުމުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ބާވަތްތަކުގެ ކުންޏެވެ.

 

49 ވަނަ މާއްދާ - ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރުން

ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރާ މަރުކަޒުތަކުންނާއި، އެފަދަ ކުނި މެނޭޖުކުރާ އެހެނިހެން ފަރާތްތަކުން ކުނި މެނޭޖުކުރުމުގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ނުރައްކާތެރި ކުނި އަންގައިދިނުމަށްޓަކައި، ބޭރުވުން ހުއްޓުވުމަށާއި ބޭރުވެއްޖެނަމަ ފިޔަވަޅު އެޅުމުގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ކެމިކަލް މާއްދާތަކާއި، ވެށި ތަގައްޔަރުކުރާ މާއްދާތަކާއި، ވެށި ކިލަނބު ކުރާ މާއްދާތައް އަދި ތަބީއީގޮތުން ވިހަގޭހަށް ބަދަލުވާ މާއްދާތައް ބަޔާންކުރާ ލިސްޓެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - ނުރައްކާތެރި ކުންޏާއި ހާއްސަ ކުންޏާގުޅޭ ހާދިސާއެއް މެދުވެރިވެއްޖެނަމަ ރިޕޯޓުކުރުން

މި ގާނޫނުގެ 47 އަދި 48 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ބާވަތެއްގެ ކުނި، ރިޕޯޓުކުރަންޖެހޭ މިންވަރުކަމަށް ގަވާއިދުން ކަނޑައަޅާފައިވާ މިންވަރަށް، ކުނި މެނޭޖުކުރާ މަރުކަޒަކުން ނުވަތަ އެނޫންވެސް ތަނަކުން ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުންފަދަ ހާދިސާއެއް މެދުވެރިވެއްޖެނަމަ، އެ މަރުކަޒުގެ ވެރިފަރާތުން ނުވަތަ އެ މަރުކަޒު ހިންގާ ފަރާތުން ނުވަތަ އެފަދަ މާއްދާއެއް ބޭރުވި ތަނުގެ ވެރިފަރާތުން ނުވަތަ ހާދިސާ ހިނގަން މެދުވެރިވި ތަނުގެ ޒިންމާ އެ ވަގުތެއްގައި އޮތް ފަރާތަކުން، އެ ހާދިސާ ހިނގަން މެދުވެރިވި ސަރަހައްދެއްގެ ހިންގުން ހަވާލުވެފައިވާ ކައުންސިލަށާއި، އޭޖެންސީއަށް ލަސްނުކޮށް އަންގަންވާނެއެވެ.

 

51 ވަނަ މާއްދާ - ނުރައްކާތެރި ކުންޏާއި، ހާއްސަ ކުނި ހިމެނޭ ހާދިސާއާ ގުޅިގެން ގައުމީ ފެންވަރުގައި އަމަލުކުރާނެ އެކްށަން ޕްލޭން

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި، ވެއްޓަށް ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ހާދިސާއެއްގެ ސަބަބުން ގައުމީ ފެންވަރުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ޕްލޭން، މިނިސްޓްރީން ހަދައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ނުރައްކާތެރި ކުންޏާއި، ހާއްސަ ކުންޏާބެހޭ އިންވެންޓްރީ

(ހ) މި ގާނޫނުގެ ދަށުން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސްގެ ދަށުން ހިންގާ ކުނި މެނޭޖުކުރާ މަރުކަޒުތަކުންނާއި، ކުނި މެނޭޖުކުރާ ފަރާތަކުން އެ ފަރާތަކުން ގެންގުޅޭ ނުވަތަ މެނޭޖުކުރާ ނުރައްކާތެރި ކުންޏާއި ހާއްސަ ކުނީގެ އިންވެންޓްރީއެއް، މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި،ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

އެގާރަވަނަ ބާބު

ކުނި އެޅުމާއި، ކުނީގެ ސަބަބުން ތިމާވެށި ތަގައްޔަރުވުން

 

53 ވަނަ މާއްދާ - ކުނި އެޅުން

(ހ) ކުނި އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް މެނުވީ އެއްވެސް ފަރާތަކުން ކުނި އެޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ ފަރާތަކަށް، އޭޖެންސީން ނުވަތަ އޭޖެންސީން ކަނޑައަޅާ ފަރާތަކުން 
ފިޔަވަޅު އަޅަންވާނެއެވެ.

 

54 ވަނަ މާއްދާ - އާންމު ތަންތަނުގައި ހިންގާ ހަރަކާތްތަކާ ގުޅިގެން އުފެދޭ ކުނި

އާންމުން ބައިވެރިވާގޮތަށް އާންމު ތަންތަނުގައި ނުވަތަ އާންމު ތަންތަން ހިމެނޭ ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން ހަރަކާތެއް ހިންގަންވާނީ، އެފަދަ ހަރަކާތަކާ ގުޅިގެން އުފެދޭ ކުންޏާމެދު ޒިންމާވާނެ ގޮތުގެމަތިންނެވެ. އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކުނި މެނޭޖުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ ކުނި ނައްތާލުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެންދިއުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.

 

55 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ހަރަކާތްތަކާ ގުޅިގެން ޖައްވަށް ބޭރުވާ ގޭސް ކޮންޓްރޯލްކުރުން

ކުނި އެއްތަންކުރުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، ގުދަންކުރުމާއި، ޕްރޮސެސްކުރުމާއި، ޓްރީޓްކުރުންފަދަ ހަރަކާތްތަކާ ގުޅިގެން ޖައްވަށް ބޭރުވާ ގޭހާއި މާއްދާތަކުގެ ސަބަބުން ޖައްވު ތަގައްޔަރުވިޔަ ނުދިނުމަށްޓަކައި، އެފަދަ ގޭސް ބޭރުވުން ހުއްޓުވުމަށާއި، މަދުކުރުމަށާއި، ބޭރުވުން ކޮންޓްރޯލްކުރުމަށްޓަކައި އަމަލުކުރަންޖެހޭ ގޮތާއި، ތަބާވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

56 ވަނަ މާއްދާ - ނުރައްކާތެރި ކުނީގެ ސަބަބުން ތަގައްޔަރުވެފައިވާ މާހައުލު ކަނޑައެޅުން

(ހ) ވަކި ފަރާތަކުން ހިންގާ ހަރަކާތެއްގެ ސަބަބުން، ނުރައްކާތެރި ކުނި ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ސަބަބުން، މާހައުލެއް ތަގައްޔަރުވާން މެދުވެރިވެއްޖެނަމަ، އެ ފަރާތެއްގެ ސަމާލުކަމަށް އެކަން އައުމާއެކު އެ ފަރާތަކުން، އޭޖެންސީއަށާއި، އެ މާހައުލެއް ހިމެނޭ ދާއިރާގެ ހިންގުން ހަވާލުވެފައިވާ ކައުންސިލަށް ލަސްނުކޮށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، އަމަލުކުރާނެ އުސޫލު ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ނ) މި މާއްދާގެ މަގްސަދަށްޓަކައި، ތަގައްޔަރުވެފައިވާކަމަށް އޭޖެންސީން ކަނޑައަޅާ ތަންތަނުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

57 ވަނަ މާއްދާ - ހުއްދަނޫން ގޮތުގައި ނުރައްކާތެރި ކުނި ތަންތަނަށް އެޅުން

(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތުގެމަތިން ނުވަތަ މިނޫންވެސް ގާނޫނެއްގައި ބަޔާންކުރާ ގޮތުގެމަތިން މެނުވީ،ނުރައްކާތެރި ކުންޏާއި، ކެމިކަލް މާއްދާތަކާއި، ތެލާއި، ތެލުގެ ބާވަތްތައް އެކުވެފައިވާ އެހެން އެއްޗެއް، ބިމަށް ނުވަތަ ފެންގަނޑަކަށް ނުވަތަ މޫދަށް ނުވަތަ ކަނޑަށް އެޅުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 1،000،000 (އެއްމިލިއަން) ރުފިޔާއާއި  5،000،000 (ފަސްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން އޭޖެންސީން ނުވަތަ އޭޖެންސީން ކަނޑައަޅާ ފަރާތަކުން، އެ ފަރާތެއް ޖޫރިމަނާ ކުރުމެވެ.

 

58 ވަނަ މާއްދާ - ކުއްލި ހާލަތުގައި އަމަލުކުރުން

(ހ) ކުނި މެނޭޖުކުރުމާގުޅޭ ހަރަކާތެއްގެ ސަބަބުން ނުރައްކާތެރި ކުންޏެއް ނުވަތަ ހާއްސަ ކުންޏެއް ނުވަތަ ތިމާވެށި ތަގައްޔަރުކުރާ މާއްދާއެއް ނުވަތަ ތަބީއީ ގޮތުން ވިހަ ގޭހަށް ބަދަލުވާފަދަ މާއްދާއެއް ތިމާވެ އްޓަށް ބޭރުވުން، ބަންޑުންވުން، ފެތުރުން ނުވަތަ ފޭދުމުގެ ސަބަބުން ނުވަތަ މިނޫންވެސް އަވަސް ފިޔަވަޅު އަޅަންޖެހޭނެފަދަ ހާލަތެއްކަމަށް އޭޖެންސީން ކަނޑައަޅާފައިވާ ކަމެއް މެދުވެރިވުމުން، އެކަމެއް ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ އާންމު ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތަކާއި، އެނޫންވެސް އެކަމަކާ ގުޅިގެން 
އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް ވަގުތުން އެޅުމަށް އެ ތަނެއް ހިންގާ ނުވަތަ ބަލަހައްޓާ ފަރާތަކަށް އޭޖެންސީން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އޭޖެންސީން ތިމާވެއްޓަށް ލިބުނު ގެއްލުން ބަލައި، ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ އިހްތިޔާރު އޭޖެންސީއަށް ލިބިގެންވެއެވެ.

 

ބާރަވަނަ ބާބު

ކުންޏާބެހޭ މައުލޫމާތު ބެލެހެއްޓުމާއި، ކުނީގެ އޮޑިޓުހެދުން

 

59 ވަނަ މާއްދާ - މައުލޫމާތު އެއްކުރުމާއި، ރެކޯޑު ބެލެހެއްޓުމާއި، މައުލޫމާތު ދިނުން

(ހ) އެއް އުސޫލެއްގެ މަތިން ކުނި މެނޭޖުކުރުމުގެ މައުލޫމާތާއި ރެކޯޑުތައް ބެލެހެއްޓުމަށާއި، ރިޕޯޓުކުރުމަށް ބާރު އެޅުމުގެ ގޮތުން، ކުނި މެނޭޖުކުރުމުގެ ތަފާސްހިސާބު ތައްޔާރުކުރުމާއި ، މައުލޫމާތު ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކުނި މެނޭޖުކުރުމުގެ މައުލޫމާތު އެއްކޮށް ބަލަހައްޓަންޖެހޭ ކޮންމެ ފަރާތަކުންމެ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެފަދަ ރެކޯޑުތައް ތައްޔާރުކޮށް، އެ ރެކޯޑުތައް ދަމަހައްޓަންވާނެއެވެ. އަދި، ރެކޯޑުތައް ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) ކުނި އުފެއްދުމާއި ކުނި މެނޭޖުކުރުމުގެ މައުލޫމާތެއް ނުވަތަ ތަފާސްހިސާބެއް ހުށަހެޅުމަށް އޮތޯރިޓީން އެ އެންގުމެއްގައި ބަޔާންކުރާ މައުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުމަކީ ނުވަތަ އެ މައުލޫމާތު އެހެން ފަރާތެއް މެދުވެރިކޮށް ހޯދައި ފޯރުކޮށްދިނުމަކީ އެފަދަ އެންގުމެއް ރައްދުވި ފަރާތެއްގެ ޒިންމާއެކެވެ.

 

60 ވަނަ މާއްދާ - ކުނީގެ އޮޑިޓް

މި ގާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ކުނީގެ ހާލަތު އޮތްގޮތް ހާމަކޮށްދޭ އޮޑިޓެއް މިނިސްޓްރީން ހަދައި، އަހަރަކު އެއްފަހަރު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

ތޭރަވަނަ ބާބު

ކުށާއި އަދަބު

 

61 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

އެއްވެސް ފަރާތަކުން މި ގާނޫނާއި ނުވަތަ ގަވާއިދަކާ ހިލާފުވެއްޖެނަމަ، އަންނަނިވި ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތައް އެޅިދާނެއެވެ.

(ހ) މި ގާނޫނުގެ ދަށުން އަންނަނިވި އިދާރީ ފިޔަވަޅުތައް އޮތޯރިޓީއަށް އެޅިދާނެއެވެ.

  1. އިސްލާހުކުރަންޖެހޭ ކަންކަން ކަނޑައެޅިފައިވާ މުއްދަތެއްގައި ރަނގަޅުކުރުމަށް އެންގުން؛
  2. އިންޒާރު ދިނުން؛
  3. ޖޫރިމަނާ ކުރުން؛
  4. އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރާ ހާލަތުގައި އެ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރެވޭނީ އެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ފަހުގައެވެ.

(ނ) މި ގާނޫނުގެ ދަށުން އަންނަނިވި އިދާރީ ފިޔަވަޅުތައް އޭޖެންސީއަށް އެޅިދާނެއެވެ.

  1. އާންމު ދިރިއުޅުމުގައި އުފެދޭ ކުނި، ކުނި އުކާލުމަށް ހާއްސަކޮށްފައިނުވާ ތަނަކަށް އުކައިފިނަމަ، ނަސޭހަތްދިނުމާއި، އަދި ތަކުރާރުވާނަމަ ޖޫރިމަނާ ކުރުން. 
  2. އާންމު ކުންޏާއި، ނުރައްކާތެރި ކުންޏާއި، ހާއްސަ ކުނީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ ކުނި، އެފަދަ ކުނި އުކާލުމަށް ހާއްސަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތާކަށް އެއްވެސް ފަރާތަކުން އެޅުމާއި، އަދި ކުނީގެ އެއްވެސް ބާވަތެއް ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި، ޓްރީޓްކުރުމުގެ މަސައްކަތެއް ކުރުމާއި ، އާންމު ތަންތަނުގައި ޖަމާކުރުންފަދަ ކަމެއް ކޮށްފިނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ރ) މި ގާނޫނުގެ ދަށުން އަންނަނިވި އިދާރީ ފިޔަވަޅުތައް މީރާއަށް އެޅިދާނެއެވެ. އަދި މި މާއްދާގައި ބަޔާންކުރާ ކުށަށް ޒިންމާވާނީ މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފުވި ވިޔަފާރި ހަރަކާތަކުންނެވެ.

  1. މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޕްލާސްޓިކް ކޮތަޅުން ފީ ނުނަގައި، ވިޔަފާރި ހަރަކާތަކުން ކަސްޓަމަރަކަށް ޕްލާސްޓިކް ކޮތަޅު ދިނުން؛
  2. މި ގާނޫނުގެ 35 ވަނަ މާއްދާއާ ހިލާފުވުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5،000 (ފަސްހާސް) ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައާއި، ކުށާއި އަދަބު ކަނޑައެޅުމުގައި ހިނގާނީ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އެވެ.

 

62 ވަނަ މާއްދާ - ޖިނާއީ ދައުވާކުރުން

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި، އެއްވެސް ފަރާތަކުން މި ގާނޫނާއި ނުވަތަ ގަވާއިދަކާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަހްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެއެވެ.

 

63 ވަނަ މާއްދާ - އިދާރީ އަދަބުތައް

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދެވޭނީ މި މާއްދާގައި ކަނޑައަޅާފައިވާ އިދާރީ އަދަބުތަކެވެ.

(ހ) ސިނާއީ ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ހަދަންޖެހޭ ފަރާތަކުން އެފަދަ ޕްލޭނެއް ހަދާފައި ނުވާނަމަ، 50،000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން، އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން، އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ށ) މައުލޫމާތު ދިނުމަށް އަންގާ އެންގުމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން، އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ނ) މި ގާނޫނާ ހިލާފަށް ދިވެހިރާއްޖެއަށް ކުނި އެތެރެކުރުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮށްފި ފަރާތެއް 5،000،000 (ފަސްމިލިއަން) ރުފިޔާއިން އޮތޯރިޓީން އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ރ) މި ގާނޫނާ ހިލާފަށް ނުރައްކާތެރި ކުނި ދިވެހިރާއްޖެއިން ބޭރުކުރުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ކޮށްފި ފަރާތެއް 5،000،000 (ފަސްމިލިއަން) ރުފިޔާއިން އޮތޯރިޓީން އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ބ) މި ގާނޫނާ ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 100 (އެއްސަތޭކަ) ރުފިޔާއާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ޅ) މި ގާނޫނުގެ ދަށުން ހުއްދައެއް ނުވަތަ ލައިސަންސް ހޯދަންޖެހޭ ފަރާތަކުން ހުއްދަ ނުވަތަ ލައިސަންސް ހޯދުމަކާ ނުލައި ނުވަތަ ހޯދާފައިވާ ހުއްދައެއް ނުވަތަ ލައިސަންސްއަކާ ހިލާފަށް ކަމެއް 
ކޮށްފިނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 50،000  (ފަންސާސްހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އޮތޯރިޓީން ނުވަތަ އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން، އެ ފަރާތެއް ޖޫރިމަނާ ކުރުން.

(ކ) މި ގާނޫނުގެ ދަށުން އާންމުކުރާ މަނާތަކެތީގެ ލިސްޓުގައި ހިމެނޭ އެއްވެސް އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުމާއި، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުސޫލުތަކާއި، މިންގަނޑުތަކާ ހިލާފަށް އެފަދަ އެއްޗަކާމެދު އަމަލުކުރުމަކީ ކުށެކެވެ. އަދި އެފަދަ ކަމެއް ކޮށްފި ފަރާތެއްގެ އަދަބަކީ، 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން.

(އ) މި ގާނޫނުގެ ދަށުން ޖޫރިމަނާ ކަނޑައެޅިފައިވާ އަދަބުތަކަށް ޖޫރިމަނާ ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

64 ވަނަ މާއްދާ - ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މި ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަންވާނީ އެ ކުށެއް ކުރި ތަނެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަކަށެވެ.

(ށ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވަނީ ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ނުހިމެނޭ ސަރަހައްދެއްގައިނަމަ އެފަދަ ކުށަކަށް ދައްކާ ޖޫރިމަނާގެ ފައިސާ ޖަމާކުރަންވާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "މޯލްޑިވްސް ގްރީން ފަންޑް" އަށެވެ.

 

65 ވަނަ މާއްދާ - ފިޔަވަޅު އެޅޭ ފަރާތްތަކުގެ ހައްގު

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެއްޖެކަމަށް އޮތޯރިޓީއަށް ނުވަތަ އޭޖެންސީއަށް ފެނިގެން އޮތޯރިޓީން ނުވަތަ އޭޖެންސީން ފިޔަވަޅު އަޅާ ފަރާތްތަކުގެ ތެރެއިން، އޮތޯރިޓީން ނުވަތަ އޭޖެންސީން އެޅި ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

 

ސާދަވަނަ ބާބު

އެހެނިހެން ކަންކަން

 

66 ވަނަ މާއްދާ - ކުރިން ދޫކޮށްފައިވާ ހުއްދަތައް

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުނީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް މި ގާނޫނުގެ ދަށުން ބާތިލުނުކުރާހާ ހިނދަކު އެ ހުއްދައިގެ މުއްދަތު ހަމަވަންދެން ދެމި އޮންނާނެއެވެ. އަދި އެ ހުއްދައެއްގެ މުއްދަތު ހަމަވުމަށްފަހު އަލުން އެ ހުއްދަ ދޫކުރެވޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

67 ވަނަ މާއްދާ - ކުރީގެ ގާނޫނުތަކާއި ގަވާއިދުތައް

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެކުލަވާލައި އަމަލުކުރަމުންދާ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލައި އާންމުކުރެވެންދެން އަމަލުކުރަމުން ގެންދަންވާނެއެވެ.

 

68 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގައި މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅޭގޮތުން ކުރެވޭ ށަރީއަތަކަށް އެ މުވައްޒަފަކު ފަރުދީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ. އެފަދަ ހާލަތްތަކުގައި ޒިންމާ އުފުލަންޖެހޭނީ އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއިންނެވެ.

 

69 ވަނަ މާއްދާ - ސިއްރު ހި ފެހެއްޓުން

ހިދުމަތްދޭ ފަރާތްތަކުންނާއި ދައުލަތުގެ އިދާރާތަކުން ސިއްރުގެ ގޮތުގައި އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރާ މައުލޫމާތުގެ ސިއްރުކަން ކޮންމެ ފަރާތަކުންމެ ހިފަހައްޓަންވާނެއެވެ.

 

70 ވަނަ މާއްދާ - ހިދުމަތް ދިނުމުގައި ތަފާތު ނުކުރުން

މި ގާނޫނުގެ ދަށުން ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ވަކި ފަރާތަކަށް އިސްކަންދިނުމާއި، ވަކި ފަރާތަކަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްގެން ނުވާނެއެވެ.

 

71 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތުން ދައްކަންޖެހޭ އިތުރު ފީ

މި ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ހިދުމަތްދޭ ފަރާތެއްގެ އަތުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ދައްކަންޖެހޭ ފީގެ އިތުރުން، އެހެން ފީއެއް އިތުރު ފަރާތަކަށް ނެގޭނީ އޮތޯރިޓީން ހުއްދަ ލިބިގެންނެވެ.

 

72 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި، އުސޫލުތައް ހަދާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާ ހިނދަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - އެހެން ގާނޫނުތަކާ ފުށުއެރުން

މި ގާނޫނުގައި ބަޔާންކުރާ މާއްދާއަކާ އެހެން ގާނޫނެއްގައި ކުނި މެނޭޖުކުރުމުގެ ކަމަކާގުޅޭ ގޮތުން ހިމަނާފައިވާ މާއްދާއަކާ ނުވަތަ އުސޫލަކާ ފުށުއަރާނަމަ ނުވަތަ ތައާރުޒުވާނަމަ، އެ ތައާރުޒުވާ ކަމަކާ ގުޅޭގޮތުން އަމަލުކުރުމުގައި އިސްކަންދޭންވާނީ މި ގާނޫނަށެވެ.

 

74 ވަނަ މާއްދާ - އުވާލެވޭ ގާނޫނުގެ މާއްދާތައް

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 1-8 ވަނަ މާއްދާ އުވުނީއެވެ.

 

75 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

76 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން،ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު ، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "ކުނި" ކަމަށް ބުނެފައި އެވަނީ، އުކާލާ ނުވަތަ އުކާލަން ނިންމާފައިވާ ނުވަތަ އުކާލަން ވަކި ފަރާތަކާ ހަވާލުކުރެވޭ ކޮންމެ އެއްޗަކަށެވެ.އެފަދައިން ކުނީގެ ގޮތުގައި ބަލާ އެއްޗެހީގެ ތެރޭގައި، ހަރު ތަކެއްޗާއި ދިޔާ ތަކެއްޗާއި ގޭސްވެސް ހިމެނެއެވެ.

(ށ) "ހާއްސަ ކުނި" ކަމަށް ބުނެފައި އެވަނީ، ކުނީގެ ބާވަތަށް ނުވަތަ މިންވަރަށް ބަލައި، އެ ބާވަތެއްގެ ކުނީގެ ސަބަބުން އާންމު ސިއްހަތަށް ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ ބާވަތްތަކުގެ ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.

(ނ) "ނުރައްކާތެރި ކުނި" ކަމަށް ބުނެފައި އެވަނީ، އެއްޗެއްގައި ހުންނަ ކެމިކަލް ސިފަތަކުގެ ސަބަބުން، ނުވަތަ އާންމު ސިއްހަތަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިކުރުވާފަދަ ސިފަތަކެއް ހުރުމުގެ ސަބަބުން، ނުވަތަ ގޮވާ ޒާތުގެ ސިފައެއް ހުރުމުގެ ސަބަބުން، ނުވަތަ ބަލިމަޑުކަން ފަތުރާ ޒާތުގެ ކުންޏަށް ވުމުގެ ސަބަބުން، ނުރައްކާތެރި ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.

(ރ) "ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ނުރައްކާތެރި ކުނި އަދި ހާއްސަ ކުނި ކަމަށްކަނޑައަޅާފައިވާ ކުނީގެ އެއްވެސް ބާވަތެއް މެނޭޖުކުރުމުގެ ހަރަކާތްތައް ހިންގުމަށް ހާއްސަކުރެވޭ މަރުކަޒަށެވެ.

(ބ) "ރީސައިކަލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށެވެ.

(ޅ) "ބޭނުންތެރި މާއްދާތައް އިއާދަކުރުން" ކަމަށް ބުނެފައި އެވަނީ، ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ ތެރޭގައި ތަކެތި އުފެއްދުމަށް އެއިން ބޭނުންތެރި ބައިތަކާއި މާއްދާތައް ވަކިކުރުމަށާއި، ކުނިން ހަކަތަ އުފެއްދުމަށެވެ.

(ކ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ އަތޮޅު ނުވަތަ ސިޓީ ނުވަތަ ރަށު ކައުންސިލަކަށެވެ.

(އ) "ކުނި އެޅުން" ކަމަށް ބުނެފައި އެވަނީ، ކުނި އެޅުމަށް ހުއްދަ ދީފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ފިޔަވައި އެހެން ތަނަކަށް ނުވަތަ އެއްޗަކަށް ކުނީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއް އެޅުން، އުކުން، ބޭއްވުން، އޮއްސުން، ލީކުވުން، ފޭދުން ނުވަތަ ވައްޓާލުންފަދަ ކަންކަމަށެވެ.

(ވ) "ކުނި ބައިބަޔަށް ވަކިކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި މެނޭޖުކުރުމާއި ކަމާބެހޭ އިދާރާއަކުން އަންގާ ގޮތުގެމަތިން ކުނީގައި ހިމެނޭ އެކިބައިތައް ވަކިކުރުމަށެވެ.

(މ) "ކުނި ނައްތާލުން" ކަމަށް ބުނެފައި އެވަނީ، ކުނި މެނޭޖުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހު ބާކީވާ އެއްޗެއް ރައްކާތެރިގޮތުގައި އުކާލުމަށެވެ.

(ފ) "ކުނި އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ކުންޏަށް ބަދަލުކުރުމުގެ އަމަލަށެވެ.

(ދ) "ކުނި މެނޭޖުކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި އެއްތަންކުރުމާއި، ޓްރީޓްކުރުމާއި، ބޭނުންތެރި މާއްދާތައް އިއާދަކުރުމާއި، ރީސައިކަލްކުރުމާއި، ކުނީގެ ހިދުމަތަށާއި ކުނި ނައްތާލުމަށެވެ.

(ތ) "ކުނީގެ އޮޑިޓް" ކަމަށް ބުނެފައި އެވަނީ، ވަކި ހަރަކާތަކާ ގުޅިގެން އުފެދޭ ކުނީގެ ބާވަތްތަކާއި، މިންވަރާއި، ކުނީގައި އެކުލެވޭ ސިފަތަކާއި، ބައިތައް ވަޒަންކުރުމަށެވެ.

(ލ) "އިހްތިސާސްގެ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ކައުންސިލެއްގެ އިހްތިސާސް ހިނގާ ސަރަހައްދަށެވެ.

(ގ) "އެއްތަންކުރުން" ކަމަށް ބުނެފައި އެވަނީ، އެކި ތަންތަނުގައި ހުރި ކުނި އެއްތަނަކަށް ޖަމާކުރުމަށް ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަގްސަދުގައި ވަކި ތަނަކަށް އެއްކުރާ އެއްކުރުމަށެވެ.

(ޏ) "އިމްޕޯޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގައި އެ ލަފްޒު ބޭނުންކޮށްފައިވާ މާނަ ދޭހަވާ ގޮތަށެވެ.

(ސ) "އެކްސްޕޯޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގައި އެ ލަފްޒު ބޭނުންކޮށްފައިވާ މާނަ ދޭހަވާ ގޮތަށެވެ.

(ޑ) "އަލުން ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ތެރޭގައި ހިމެނޭ ތަކެތީގެ މާއްދީ ސިފަތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، އެ ތަކެތި ކުރިން ބޭނުންކުރި ކަމަކަށް ނުވަތަ އެހެން ކަމަކަށް ބޭނުންކުރުމަށެވެ.

(ޒ) "އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ" ނުވަތަ "އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްޗެއް އުފައްދާ ނުވަތަ އެތެރެކުރާ ފަރާތަކުން، އެ އެއްޗެއްގެ ބޭނުންތެރިކަން ނެތި ކުންޏަށް ބަދަލުވުމުން އެ މެނޭޖުކުރުމުގައި އަމަލީ ގޮތުންނާއި މާލީގޮތުން އުފުލަންޖެހޭ ޒިންމާއަށެވެ.

(ޓ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، މަގުމަގާއި، އިޖުތިމާއީ ގޮތުން މީހުން އެއްވެއުޅޭ ތަންތަނަށެވެ.

(ޔ) "ކުނި މަދުކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި އުފެއްދުން ހުއްޓުމަށާއި، ކުނި ނުއުފައްދާ ނުވާ ހާލަތެއްގައި، އެ އުފައްދާ މިންވަރާއި އޭގައި އެކުލެވޭ ނުރައްކާތެރި ސިފަތައް ކުޑަކުރުމާއެކު އުކާލާ މިންވަރު މަދުކުރުމަށް ފިޔަވަޅު އެޅުމަށެވެ.

(ޕ) "ސިނާއީ ކުނި" ކަމަށް ބުނެފައި އެވަނީ، ސިނާއީ ހަރަކާތްތަކާއި،ވިޔަފާރީގެ ހަރަކާތްތަކާ ގުޅިގެން އުފެދޭ ކުންޏަށެވެ. މިފަދަ ތަންތަނުންއުކާލާ ކުނީގެ ތެރޭގައި ހުންނަ އާންމު ތަންތަނުގައި އުފައްދާބާވަތްތަކުގެ ކުނިވެސް ހިމެނޭނީ ސިނާއީ ކުނީގެ ގޮތުގައެވެ.

(ޖ) "އާންމު ކުނި" ކަމަށް ބުނެފައި އެވަނީ، ގޯތިގެދޮރުން އުފައްދާ ކުންޏާއި، އިގްތިސާދީ ހަރަކާތްތަކުން އުފައްދާ ކުނީގެ ތެރެއިން ގޯތިގެދޮރުން އުފައްދާ ކުންޏާ އެއް ސިފަތަކެއް ހުންނަ ކުންޏަށެވެ.

(ޗ) "ކޮންސްޓްރަކްށަން ކުނި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަރުހަލާތަކުގެ ތެރެއިން އުފެދޭ ނުވަތަ އުކާލެވޭ ފުނޑުގަލާއި ކޮންކްރީޓް ފަދަ ކުންޏަށެވެ.

(ހހ) "ގުދަން ކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ޓްރީޓްކުރުމުގެ ނުވަތަ ނައްތާލުމުގެ ނުވަތަ ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމުގެ މަރުހަލާ ފެށުމުގެ ކުރިން ކުނި އެއްތަނަކަށް ޖަމާކޮށްފައި ބަހައްޓާ ބެހެއްޓުމަށެވެ.

(ހށ) "ތަގައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އިންސާނުން ތައާރަފުކުރާ އެއްޗެއްގެ ސަބަބުން ގުދުރަތީ މާހައުލަށް އަންނަ ކިލަނބުކަމަށެވެ.

(ހނ) "ޓްރީޓްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުފެދޭ ތަކެތިން ތިމާވެއްޓަށް ނުވަތަ އާންމު ސިއްހަތަށް ލިބޭ ނުވަތަ ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި، އެ ތަކެތި ފަނާކުރުވާފަދަ ގޮތްތަކެއް ހިޔާރުކޮށްގެން ނުވަތަ އެނޫންވެސް ގޮތެއް ބޭނުންކޮށްގެން ކުނީގައި އެކުލެވޭ ނުރައްކާތެރި ސިފަތައް ނައްތާލުމަށް ނުވަތަ ކުނީގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

(ހރ) "ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ރީސައިކަލްކުރުމަށާއި ކުނިން ބޭނުންތެރި މާއްދާތައް އިއާދަކުރުމަށްޓަކައި ހިންގާ ހަރަކާތްތަކަށެވެ.

(ހބ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ތިމާވެއްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ހޅ)"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ތިމާވެއްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ހކ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.

(ހއ) "އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއަށެވެ.

(ހވ) "މީރާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ހމ) "ސިންގަލް-ޔޫސް ޕްލާސްޓިކް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއް އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ ނުވަތަ ފަރުމާކޮށްފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ފަރުމާކޮށްފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗަކަށެވެ.

(ހފ) "ސިންގަލް-ޔޫސް ޕްލާސްޓިކް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތެއް ބާޒާރަށް ނެރުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއްކުރުމަށްޓަކައި އުފެއްދުމަށެވެ.

(ހދ) "ސިންގަލް-ޔޫސް ޕްލާސްޓިކް ބާޒާރަށް ނެރުން" ކަމަށް ބުނެފައި އެވަނީ، އަގު އަދާކުރުން ހިމެނޭގޮތަށް ނުވަތަ އަގު އަދާކުރުމަކާ ނުލައިވިޔަސް ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން ސިންގަލް -ޔޫސް ޕްލާސްޓިކްގެ ބާވަތެއް، ޑިސްޓްރިބިއުޓް ކުރުމަށްޓަކައި ނުވަތަ ގަތުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ބާޒާރަށް ނެރުމަށެވެ.

(ހތ) "ޕްލާސްޓިކް ކޮތަޅުގެ ފީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން މި ގާނޫނުގެ ދަށުން ނަގާ އަގަށެވެ.

(ހލ) "ޕްލާސްޓިކް ކޮތަޅު" ކަމަށް ބުނެފައި އެވަނީ، މުދާ އުފުލުމަށް ބޭނުންކުރާ، ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކްވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.

(ހގ) "ޕޮއިންޓް އޮފް ސޭލް" ކަމަށް ބުނެފައި އެވަނީ، މުދާ ގަނެވިއްކުމުގެ މުއާމަލާތު ހިނގާ ތަނަށެވެ.

(ހޏ) "ކަސްޓަމަރު" ކަމަށް ބުނެފައި އެވަނީ، މުދާ ގަންނަ ފަރާތަށެވެ.

(ހސ) "ވިޔަފާރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ ، އުފުލޭ މުދާ ވިއްކުމުގައި މަސްއޫލުވާ އެންމެހައި ފަރާތްތަކަށެވެ. 

(ހޑ) "މަސް" ކަމަށް ބުނެފައި އެވަނީ، ބަންދުނުކޮށް ހުންނަ:-

  1. ކަނޑުމަހާއި ކަނޑުމަހުގެ ބައިތައް؛
  2. ފަރުމަހާއި ފަރުމަހުގެ ބައިތައް؛
  3. އެމާއި އެމުގެ ބާވަތްތައް؛ އަދި 
  4. ސީފުޑްގެ ބާވަތްތަކަށެވެ.

(ހޒ) "ލޭންޑް ފިލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނި ނައްތާލުމުގެ ގޮތުން ބިމުގައި ނުވަތަ މޫދުގައި ކުނި ވަޅުލުމަށެވެ.

(ހޓ) "ޑިސްޕޯސްކުރުން" ކަމަށް ބުނެފައި އެވަނީ، އެންމެފަހު ފިޔަވަޅެއްގެގޮތުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށެވެ.

 

އުވުނު ގާނޫނު

ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ   1-8 ވަނަ މާއްދާ 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ރަޖިސްޓަރީކުރުމާއި ބިލުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-115)
  2. ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-96)
  3. ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-76)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު