-

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1993-04)

 

1 ވަނަ މާއްދާ - ފެށުން

ދިވެހިރާއްޖޭގެ ތިމާވެއްޓަކީ، އަންނަންއޮތަ ޖީލުތަކަށް ހެޔޮގޮތުގައި ދަމަހައްޓައިދޭންޖެހޭ އަގުހުރި ތަރިކައެއް ކަމަށްވާތީއާއި، ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫންވެސް މިފަދަ ތަންތަނާއި، ކަނޑުތަކާއި، ޖައްވާއި، އެތަންތަނުގައިވާ ތަކެއްޗާއި، އެތަންތަނުގައި އުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ  ތަކެތި ފިޔަވައި އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާ، އެތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމަކީ، ރާއްެޖެ ދެމިއޮތުމަށާއި ރާއްޖޭގެ ކުރިއެރުމަށް ހިއްސާކޮށްދޭނެ ކަންތައްތަކެއް ކަމަށްވާތީ، މިކަންކަމުގެ މައްޗަށް ދިވެހި ސަރުކާރާއި ރައްޔިތުން ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

 

2 ވަނަ މާއްދާ - އިރުށާދުދިނުމާއި އިރުށާދުތަކަށް ހުރްމަތްތެރިކޮށް ހިތުން

އެވަގުތަކު ރާއްޖޭގެ ހާލަތު ތަންދޭ ގޮތެއްގެ މައްޗަށްބަލައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކަންތައްތައް ކުރަމުން ދެންދަންވީ ގޮތުގެ އިރުށާދު ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ދެމުން ގެންދަންވާނެއެވެ. މިގޮތުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުންދޭ އިރުށާދުތަކަށް ހުރިހާ ފަރާތަކުންވެސް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

 

3 ވަނަ މާއްދާ - ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓުން

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ސިޔާސަތު ކަނޑައަޅައި، ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުމުގައި ސަރުކާރުގެ އެހެން ފަރާތެއްގެ ކަމެއް ކަމުގައި ގާނޫނުގައި ކަނޑައެޅިފައިނުވާ ހުރިހާކަމެއް މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުން ކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ގުދްރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓޭ ތަންތަނާއި ތަކެތި

(ހ) ގުދްރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަނާއި ތަކެތި ކަނޑައަޅައި، އެތަންތަނާއި ތަކެއްޗާބެހޭ ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުންނެވެ.

(ށ) މިމާއްދާގެ (ހ) ގައިވާފަދަ ތަނެއް އެއްވެސް ފަރާތަކުން ގާއިމް ކުރެވޭނީ، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓްގައި ރަޖިސްޓްރީ ކުރުމަށްފަހު އެމިނިސްޓްރީން ކަނޑައަޅާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ - ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓެއް

(ހ) ރާއްޖޭގެ ތިމާވެއްޓަށް ފާހަގަ ކުރެވޭފަދަ ބަދަލެއް އަތުވެދާނެ އެއްވެސް ޕްރޮޖެކްޓެއް ހިންގުމުގެ ކުރިން، އެކަމަކުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް ހުށަހަޅަންވާނެއެވެ.

(ށ) މިމާއްދާހެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމާއި އުސޫލު ކަނޑައަޅާނީ، މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެނަވަޔަރަންމަންޓުންނެވެ.

 

6 ވަނަ މާއްދާ - ޕްރޮޖެކްޓް ހުއްޓުވުން

ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ ހިނދެއްގައި، އެޕްރޮޖެކްޓެއް ހުއްޓުވުމުގެ އިހްތިޔާރި މިނިސްޓްރީ އޮފް ޕްލޭނިންގް، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށް ލިބިގެން ވެއެވެ. މިގޮތުން ހުއްޓުވޭ ޕްރޮޖެކްޓަކަށް ބަދަލެއް ނުދެވޭނެއެވެ.

 

7 ވަނަ މާއްދާ - ކުންޏާއި ތެލާއި ވިހަ ތަކެތި

(ހ) ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތި އުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށެވެ. އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ، މީހުންގެ ސިއހަތަށް ގެއްލުން ނުވާގޮތަށް، އެކަށީގެންވާ ރައްކާތެރި ކަމާއެކުގައެވެ.

 

8 ވަނަ މާއްދާ - ނުރައްކާތެރި ކުނި

ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އެއްވެސް ތަނަކަށް އިންސާނުންނާއި ތިމާވެއްޓަށް ގެއްލުން ލިބޭކަހަލަ ނުރައްކާތެރި ކުނި އަޅައިގެން ނުވާނެއެވެ. އަދި މިފަދަ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ގެންދާނަމަ ގެންދަންވާނީ، އެތަކެތި ގެންދިޔުމުގެ މަދުވެގެން 3 މަސްދުވަސް ކުރިން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭށަންސަށް ލިޔެ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

9 ވަނަ މާއްދާ - ގާނޫނާ ހިލާފުވުމާއި ތިމާވެއްޓަށް ގެއްލުން ދިނުމުގެ އަދަބު

(ހ) މިގާނޫނާ ނުވަތަ މިގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދަކާ ހިލާފަށް ކުރާ ކަންތައްތަކުގެ ތެރެއިން އާއްމު ދިރިއުޅުމުގައި ދިމާވާ އާދައިގެ ކަންތައްތަކަށް ދެވޭ އަދަބަކީ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 5 (ފަހެއް) ރުފިޔާއިން ފެށިގެން 500 (ފަސްސަތޭކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މިޖޫރިމަނާ ކުރާނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުން ނުވަތަ އެމިނިސްޓްރީން އެކަށައަޅާ ގަވާއިދެއްގެ މަތިން، އެމިނިސްޓްރީން ކަނޑައަޅާ ސަރުކާރުގެ ފަރާތަކުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާފަދަ ކަންތައްތައް ފިޔަވައި މިގާނޫނާ ހިލާފަށް ކުރާ ބޮޑެތި ކަންތައްތަކަށް ދެވޭ އަދަބަކީ، އެކަމެއްގެ ކުޑަބޮޑުމިނުގެ ނިސްބަތުން އެކަމެއްކުރި ފަރާތެއް 100 (އެއްސަތޭކަ) މިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މިޖޫރިމަނާ ކުރާނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓުންނެވެ.

 

10 ވަނަ މާއްދާ - ގެއްލުމުގެ ބަދަލުހޯދުން

މިގާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވާފަދަ ކުށެއްކޮށްފިނަމަ، ނުވަތަ މިގާނޫނުގައި ބުނާފަދަ ޕްރޮޖެކްޓެއްގެ ސަބަބުން ހިނގިކަމެއް ކަމުގައި ނުވިޔަސް، ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ށަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިހްރިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - މާނަ

މިގާނޫނުގައި

(ހ) "ތިމާވެށި" ކަމުގައި ބުނެފައި އެވަނީ، އިންސާނުންނަށް އޭގެ އަސަރު ފޯރާ، އެބައި މީހުންގެ ވަށައިގެންވާ ދިރުންހުރި ހުރިހާ ތަކެއްޗަށާއި ދިރުންނެތް ހުރިހާ ތަކެއްޗަށާއި ތަންތަނަށެވެ.

(ށ) ޕްރޮޖެކްޓް ކަމުގައި ބުނެފައި އެވަނީ، ކަނޑައެޅިފައިވާ އިޖްތިމާއީ ނުވަތަ އިގްތިސާދީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި، ކުރާ ކޮންމެ މަސައްކަތަކަށެވެ.

  

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު 

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1993-04)

  

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25)
  2. ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-106)
  3. އައްޑޫ ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-105)
  4. ގުދްރަތީ ނުވަތަ ޠަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-78)
  5. ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި ގެންގުޅުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2014-169)
  6. ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-1697)
  7. ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-58)
  8. ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-15)
  9. ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-27)
  10. ބ. އަތޮޅު ހަނިފަރު ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-23)
  11. ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2011-09)
  12. އެޗް.ސީ.އެފް.ސީ އާއި، އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ބޭނުންކުރުން މެނޭޖްކޮށް ކޮންޓްރޯލް ކުރުމާބެހޭ ގަވާއިދު 2010 (ގަވާއިދު ނަންބަރު 2010-19)
  13. ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު (މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހެއް އެނގެން ނެތް)

 

ގުޅުން ހުރި ގާނޫނު/ގަވާއިދު/އުސޫލު

  1. ބަޔޯޑިގްރޭޑަބްލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނޭ މިންގަނޑުތައް - 2012
  2. ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭށަން މެށާރޒް (އޯ.އީ.ސީ.އެމް)" ގާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު (އުސޫލު ނަންބަރު 2022-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު