-

ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-96)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 17 އެޕްރީލް 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޕްލާސްޓިކް ކޮތަޅުގެ ފީ ގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު  ބެލެހެއްޓުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 8 ވަނަ ބާބު އެ ފަރާތްތަކެއްގެ މައްޗަށް ހިނގާ ފަރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ޖީ.އެސް.ޓީ .އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތައް ފިޔަވައި އެ ނޫން ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ނަގާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށް އެ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތައް ބަޔާންކުރުމާއި، ރިކޯޑު ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލު ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ރިކޯޑު ބަލަހައްޓަން ފެށުން

ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ފަށަންޖެހޭ ތާރީހުން ފެށިގެން ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން އެކަމާ ގުޅޭ ރިކޯޑުތަކާއި ލިޔެކިޔުންތައް ވިޔަފާރި ހަރަކާތްތަކުން ބަލަހައްޓަންވާނެއެވެ.

 

4 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ނަގާ އަދަދާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރިކޯޑުތައް

(ހ) ވިޔަފާރި ހަރަކާތް ހިންގާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ނަގާ އަދަދާ ގުޅޭގޮތުން، ދުވަހުން ދުވަހަށް، ތާރީހު އެނގޭ ގޮތަށް، އަންނަނިވި މައުލޫމާތު ބަލަހައްޓަންވާނެއެވެ.

  1. ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ވިއްކާ ޕްލާސްޓިކް ކޮތަޅުގެ އަދަދާއި އޭގެ އަގު؛
  2. ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުގެއަދަދު؛
  3. ހަލާކުވާ ޕްލާސްޓިކް ކޮތަޅުގެ އަދަދާއި އޭގެ އަގު؛
  4. ވިޔަފާރި ހަރަކާތުން ކަސްޓަމަރުންނަށް ވިއްކާ އަދި ހިލޭ ފޯރުކޮށްދޭޕްލާސްޓިކް ކޮތަޅަށް ނުވާ އެހެނިހެން ބާވަތުގެ ކޮތަޅުގެ އަދަދު؛
  5. ކަސްޓަމަރުން އަނބުރައި ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ވިޔަފާރި ހަރަކާތަކުން އެ ފަރާތުގެ ކަސްޓަމަރުންނަށް ވިއްކުމަށް ނުވަތަ ފޯރުކޮށްދިނުމުގެ ބޭނުމުގައި އެހެން ފަރާތަކުން ޕްލާސްޓިކް ކޮތަޅު ގަންނަ ކަމުގައި ވާނަމަ ނުވަތަ ހޯދާކަމުގައި ވާނަމަ، އެ ސަޕްލަޔަރުގެ އަންނަނިވި މައުލޫމާތު ބަލަހައްޓަންވާނެއެވެ.

  1. ސަޕްލަޔަރުގެ ނަމާއި އެޑްރެސް؛
  2. ސަޕްލަޔަރަކ ޓެކްސް ގާނޫނެއްގެ ދަށުން މ ރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްނަމަ އެ ފަރާތުގެ ޓިން؛
  3. އެ ސަޕްލަޔަރުގެ އަތުން ގަތް ޕްލާސްޓިކް ކޮތަޅުގެ އަދަދާއި، އެ ސަޕްލަޔަރުގެ އަތުން ހިލޭ ލިބުނު ޕްލާސްޓިކް ކޮތަޅުގެ އަދަދު؛
  4. އެ މުއާމަލާތާ ގުޅިގެން ސަޕްލަޔަރު ދޫކުރި ރަސީދު ނުވަތަ އިންވޮއިސްގެ ކޮޕީ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މައު ލޫމާތުގެ އިތުރުން، ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅު އިމްޕޯޓްކޮށްފައިވާނަމަ އޭގެ ތަފުސީލު ބަލަހައްޓަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަންވާނީ، ގަވާއިދު ނަންބަރު 2013-13 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) މި މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ ރިކޯޑުތައް، އިލެކްޓްރޯނިކް ފޯމެޓެއްގައި ބަލަހައްޓާނަމަ ބަލަހައްޓަންވާނީ، ގަވާއިދު ނަންބަރު 2013-13 (ޓެކްސް ނެގުމާބެހޭ އިދާރ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

5 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ގެ މައުލޫމާތު ވަކިން ބެލެހެއްޓުން

ވިޔަފާރި ހަރަކާތުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ގެ މައުލޫމާތު ބަލަހައްޓަނީ އަތުން ލިޔެގެންނަމަ، އެ މައުލޫމާތު ދުވަހުން ދުވަހަށް ރިކޯޑުކޮށް ބަލަހައްޓަންވާނީ، އެ މައުލޫމާތު ވަކިވަކިން އެނގޭނެ ގޮތަށް، އެ ފަރާތުގެ ވިޔަފާރީގެ އެހެން ރިކޯޑުތަކާ ވަކިންނެވެ.

 

6 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ

ގާނޫނާއި މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި މައު ލޫމާތުތަކާއި ލިޔެކިޔުންތައް ގާނޫނާއި ގަވާއިދުގައި ކަނޑައަޅައި ފައިވާ ގޮތަށް ބެލެހެއްޓުމަކ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ކަސްޓަމަރުންގެ އަތުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންޖެހޭ ވިޔަފާރި ހަރަކާތް ހިންގާ ފަރާތުގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - މާނަކުރުން

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) އަށެވެ.

(ށ) "ސަޕްލަޔަރު" ކަމަށް ބުނެފައި އެވަނީ، ޕްލާސްޓިކް ކޮތަޅު ވިއްކާ ނުވަތަ ހިލޭ ފޯރުކޮށްދޭ ފަރާތަށެވެ. 

(ނ) "ޓިން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ގާނޫނެއްގެ ދަށުން ރަޖިސްޓަރީ ކުރުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ޓެކްސްޕެޔަރ އައިޑެންޓިފިކޭށަން ނަންބަރަށެވެ.

 

8 ވަނަ މާއްދާ - އެހެން ގާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނI، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު މާނަކުރާނީ، އެ ގާނޫނާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ކުނި މެނޭޖުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2022-24)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު