ތިޔަހޯއްދަވާ މައުލޫމާތެއް ނުފެނުނު
gaanoon_logo
-

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު

(ގާނޫނު ނަންބަރު 3/2010)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު" އެވެ.

 

1 ވަނަ ބާބު

ޓެކްސް ނެގުމުގެ އިދާރީ މަސައްކަތް 

2 ވަނަ މާއްދާ - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމާއި ދެމެހެއްޓުން

މި ގާނޫނުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެމް.އައި.އާރ.އޭ)" ގެ ނަމުގައި ނަންދެވިފައިވާ މިނިވަން މުސްތަގިއްލު ވަކި ގާނޫނީ ށަހްސެއް އުފެދުނީއެވެ. މިތަނަކީ މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ ތަނެކެވެ. އަދި މިތަނަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހޯދުމާއި، ލިބިގަތުމާއި، މިލްކުކުރުމާއި، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނެކެވެ.

 

3 ވަނަ މާއްދާ - އެމް.އައި.އާރ.އޭ ގެ މައިގަނޑު މަގްސަދު

އެމް.އައި.އާރ.އޭ ގެ މައިގަނޑު މަގްސަދުތަކަކީ؛

(ހ) ޓެކްސްއާބެހޭ ގާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.

(ށ) ގާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

(ނ) ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.

(ރ) އެމް.އައި.އާރ.އޭ އަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން.

(ބ) ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ގާނޫނާއި ގަވާއިދާބެހޭ ފުރިހަމަ މައުލޫމާތުދީ، އެފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ހަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުން.

(ޅ) ޓެކްސް ނެގުމާބެހޭ އިދާރީ ހަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.

(ކ) ޓެކްސްއާބެހޭ އެންމެހައި ގާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމްތައް، އޭގައި ހުންނަންވާނެ މައުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިސްލާހުތައް ގެނައުން.

(އ) ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން.

(ވ) ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.

 

4 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތާއި ބޯޑު އެކުލަވާލުމާއި ބޯޑުގެ އެހެނިހެން ކަންކަން

(ހ) އެމް.އައި.އާރ.އޭ ގެ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް  މި ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅޭ  ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެއެވެ.

(ށ) ބޯޑުގެ މަގްސަދާއި މަސްއޫލިއްޔަތު

 1. ޓެކްސްއާބެހޭ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނަށް ތަބާވުމުގައި އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން.
 2. އެމް.އައި.އާރ.އޭ ގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި އެމް.އައި.އާރ.އޭ ގެ އެންމެހައި މުވައްޒަފުންގެ މިލްކިއްޔާތާބެހޭ މައުލޫމާތު ދިރާސާކުރުމާއި އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދުން.
 3. ޓެކްސް ނެގުމާ ގުޅޭގޮތުން މިނިސްޓަރ ކަނޑައަޅާ ސިޔާސަތުތައް އެމް.އައި.އާރ.އޭ އިން ތަންފީޒުކުރެވޭތޯ ބެލުމާއި، އެމް.އައި.އާރ.އޭ ގެ މަގްސަދު ހާސިލުކުރުމަށް ގެންނަންޖެހޭ ބަދަލުތަކާބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން.
 4. އެމް.އައި.އާރ.އޭ ގެ އިދާރީ ކަންކަން ހިންގުމުގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ބޭނުންވެއްޖެ ހިނދެއްގައި، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއަށް ލަފާދިނުން.

(ނ) އެމް.އައި.އާރ.އޭ އުފައްދާތާ 60 ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަންވާނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާނީ މި ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކުރެވޭ އެމް.އައި.އާރ.އޭ ގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއެކު ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.

(ބ) ބޯޑުގެ މެންބަރުން އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ބޯޑުގެ މެންބަރުން އައްޔަންކުރަންވާނީ، އާންމުކޮށް އިއުލާނުކުރުމުން، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން، ނަން ފޮނުވުމުގައި ބޯޑަށް މެންބަރުން ބޭނުންވާ އަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ. ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް، ބޯޑަށް ބޭނުންވާ މެންބަރުންގެ އަދަދަށްވުރެ މަދުނަމަ، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.

(ޅ) ބޯޑުގެ މެންބަރުން ކަމުގައި އައްޔަންކުރާ މީހުންގައި ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

 1. މުސްލިމަކު ކަމުގައިވުން؛
 2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
 3. ބުއްދި ސަލާމަތުން ހުރުން؛
 4. އުމުރުން 18 އަހަރު ފުރިފައިވުން؛
 5. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ށަރީއަތައް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
 6. އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
 7. ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
 8. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
 9. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛
 10. މާލީ، ޓެކްސް، ވިޔަފާރިއާއި އިގްތިސާދު ނުވަތަ ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބޭހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީގޮތުން ބައިވެރިވެވޭވަރުގެ ގާބިލު ފަރާތެއްކަމުގައިވުން؛
 11. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.

(ކ) ބޯޑަށް އައްޔަންކުރެވޭ މެންބަރަކު، އެމަގާމުގައި ދެމިހުންނާނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ، އަލުން އިތުރު ދައުރަކަށް ބޯޑަށް އައްޔަންކުރެވިދާނެ މެންބަރެކެވެ.

(އ) ބޯޑުގެ މެންބަރުންގެ ތެރެއިން ޗެއަރޕަރސަންއަކާއި ޑެޕިއުޓީ ޗެއަރޕަރސަންއެއް ބޯޑުން އައްޔަންކުރަންވާނެއެވެ.

(ވ) ޗެއަރޕަރސަންއަށް ބޯޑުގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާނީ ޑެޕިއުޓީ ޗެއަރޕަރސަންއެވެ. އަދި މި ގާނޫނުން ޗެއަރޕަރސަންއަށް ލިބިގެންވާ އެންމެހައި ބާރުތައް މިހާލަތުގައި ޑެޕިއުޓީ ޗެއަރޕަރސަންއަށް ލިބިގެންވެއެވެ. 

 

5 ވަނަ މާއްދާ - ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ވަކިކުރުމާއި އިސްތިއުފާ ދިނުން

(ހ) ބޯޑުގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން، ރައީސުލްޖުމްހޫރިއްޔާއަށެވެ.

 1. ށަރުއީ ހުކުމަކުން އިފްލާސްކުރުން؛
 2. ޖިނާއީ ކުށެއް ކުރިކަން ށަރުއީ ކޯޓަކަށް ސާބިތުވެ ހުކުމްކުރުން؛
 3. މެންބަރެއްގައި ހުރުމަށް މި ގާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން؛
 4. ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން ނުވަތަ އެކަމަށް ދޭންވާ ސަމާލުކަން ނުދޭކަމަށް ބޯޑަށްފެނި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފެނުން.

(ށ) ބޯޑުގެ މެންބަރަކު ބޯޑުން އަމިއްލައަށް ވަކިވާންބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި،  އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މަގާމުން ވަކިވީއެވެ.

(ނ)  ބޯޑުގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެ މެންބަރަކު އައްޔަންކުރެވިފައިވާ މުއްދަތު ހަމަވުމުގެކުރިން ވަކިވެއްޖެނަމަ، މުއްދަތުގެ ބާކީ އޮތްބަޔަށް ގިނަވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް

ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

 

7 ވަނަ މާއްދާ - ބޯޑުގެ ޖަލްސާތައް ބޭއްވުން

(ހ) މަދުވެގެން މީލާދީ ކޮންމެ މަހަކު އެއް ފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.

(ށ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޗެއަރޕަރސަންއަށް ފެނިއްޖެ ހިނދެއްގައި ބޯޑުގެ ޖަލްސާ ބޭއްވިދާނެއެވެ.

(ނ) ޑިރެކްޓަރުން ބޯޑުގެ 4 މެންބަރުން ހަމަވެއްޖެނަމަ، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވީކަމަށް ބެލެވޭނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑުން ކަމެއް ފާސްކުރުމަށް ވޯޓު ދިނުމުގައި ބޯޑުގެ ޗެއަރޕަރސަން ބައިވެރިވެގެންނުވާނެއެވެ. ބޯޑުގެ ޗެއަރޕަރސަންއަށް ވޯޓުދެވޭނީ، މައްސަލައެއްގައި ދެކޮޅަށްލިބޭ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައެވެ.

(ބ) ބޯޑުގެ ޖަލްސާތަކުގައި ސެކްރެޓަރީކަން ކުރާނީ އެކަމަށް ޗެއަރޕަރސަން އައްޔަންކުރާ ފަރާތެކެވެ.

 

8 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން އަދި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން އައްޔަންކުރުމާއި ވަކިކުރުން އަދި މުސާރަ ކަނޑައެޅުން

(ހ) އެމް.އައި.އާރ.އޭ ގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން އާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަގާމަށް މީހުން އައްޔަންކުރަންވާނީ، އާންމުކޮށް އިއުލާނުކުރުމުން، އެ ދެމަގާމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން ނަން ފޮނުވުމުގައި އެ ދެމަގާމަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ. 

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލުޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކުން މަގާމުން ވަކިކުރެވިދާނެއެވެ.

(ނ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއަށް އެމް.އައި.އާރ.އޭ ގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަސްއޫލިއްޔަތުތައް އަދާ ކުރާނީ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއެވެ.

(ރ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

(ބ) އެމް.އައި.އާރ.އޭ ގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން  މަގާމުން އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން މަގާމުން ވަކިވީއެވެ.

(ޅ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަގާމު އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ، 45 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ ށަރުތު

މި ގާނޫނުގެ ދަށުން އައްޔަންކުރެވޭ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއަކީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތައް ކަމަށް ވާންވާނެއެވެ.

(ހ) އިގްތިސާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި  ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

(ށ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

(ނ) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.

(ރ) ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކުން ހޮވާފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.

(ބ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިށްވަތު ނުވަތަ އިހުމާލުގެ ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން.

(ކ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.

 

10 ވަނަ މާއްދާ - ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއާއި ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަސްއޫލިއްޔަތު

(ހ) މި ގާނޫނާއި އަދިވެސް ޓެކްސްއާބެހޭ އެހެން ގާނޫނެއްގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ކުރުން ލާޒިމްވާ އެންމެހައި ކަންތައްތަކާއި އެމް.އައި.އާރ.އޭ އިން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް ހިންގާނީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއެވެ.

(ށ) ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަސްއޫލިއްޔަތަކަށްވާނީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން، އެމް.އައި.އާރ.އޭ ގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ހާލަތެއްގައި ކޮމިށަނަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި އަދި ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އެހެނިހެން މަސައްކަތްތައް ކުރުމެވެ.

 

11 ވަނަ މާއްދާ - އެމް.އައި.އާރ.އޭ ގެ ބަޖެޓް

އެމް.އައި.އާރ.އޭ އަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެމް.އައި.އާރ.އޭ ގެ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް އެމް.އައި.އާރ.އޭ އިން    އެ ބަޖެޓް ފޮނުވަންވާނެއެވެ.

 

12 ވަނަ މާއްދާ - އެމް.އައި.އާރ.އޭ ގެ އިދާރާ، މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުން އަދި މުސާރަ ކަނޑައެޅުން

(ހ) އެމް.އައި.އާރ.އޭ ގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަންޖެހޭކަމަށް ފެންނަ އަދަދަކަށް، ބޯޑުގެ މަށްވަރާގެ މަތިން، އިދާރާތައް އުފެއްދުމާއި އުވާލުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއަށް ލިބިގެންވެއެވެ. މިގޮތުން އުފައްދާ އިދާރާތަކުގެ މަސްއޫލިއްޔަތަކަށް ވާނީ އެމް.އައި.އާރ.އޭ ގެ މަސްއޫލިއްޔަތްތަކުގެ ތެރެއިން ބޯޑުގެ މަށްވަރާގެ މަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ކަނޑައަޅާ މަސައްކަތްތައް ކުރުމެވެ. 

(ށ) އެމް.އައި.އާރ.އޭ ގެ އޮފިސަރުންނާއި މުވައްޒަފުން އެމީހެއްގެ ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށް އައްޔަންކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އެޖެންޓުންނާއި، އެޑްވައިޒަރުން އައްޔަންކޮށް، ވަކިކޮށް، މުސާރަ ދޭނެ މިންވަރާއި ގޮތްތައް ކަނޑައަޅައި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގެ ށަރުތުތައް އެކަށައަޅައި ހަދާނީ، ބޯޑުގެ މަށްވަރާގެ މަތިން ރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކާއި އެގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއެވެ.

(ނ) މި މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާ ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ނިންމާ ނިންމުންތައް ހުންނަންވާނީ ލިޔުމުންނެވެ.

 

13 ވަނަ މާއްދާ - އެމް.އައި.އާރ.އޭ ގެ މުވައްޒަފުންނަށް ދެވޭ ގާނޫނީ ހިމާޔަތް

އެމް.އައި.އާރ.އޭ ގެ އެންމެހައި މުވައްޒަފުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ގާނޫނީ ހިމާޔަތް ލިބިގެންވެއެވެ.

(ހ) މި ގާނޫނާއި އެއްގޮތަށް ނުވަތަ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދަކާއި އެއްގޮތަށް މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާގުޅޭ ގޮތުން ކުރެވޭ ށަރީއަތަކަށް އެމުވައްޒަފަކު ފަރުދީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ހާލަތްތަކުގައި ޒިންމާ އުފުލާނީ އެމް.އައި.އާރ.އޭ އިންނެވެ.

(ށ) މި މާއްދާގެ (ހ)  އާއި ހިލާފަށް މުވައްޒަފަކު ކުރިކަމަށް ށަރީއަތަށް ސާބިތުވާ ކޮންމެ ކުށެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި އެމް.އައި.އާރ.އޭ އިން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެއެވެ.

 

14 ވަނަ މާއްދާ - އެމް.އައި.އާރ.އޭ ގެ މުވައްޒަފުންގެ ވާޖިބުތަކާއި އެމީހުންގެ މަސައްކަތްތަކަށް ހުރަސްއެޅުންފަދަ ކަންކަންކުރުން

(ހ) އެމް.އައި.އާރ.އޭ ގެ މުވައްޒަފުން ކުރާ މަސައްކަތްތަކަކީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ އަމުރާ އެއްގޮތަށް މި ގާނޫނުގެ ދަށުން ބާރު ލިބިގެން ކުރެވޭ މަސައްކަތްތަކެކެވެ.

(ށ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއްއަޅާ، ބާރުގެ ބޭނުންކޮށް، ރިށްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިއަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވާ، އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ:

 1. 200,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން؛ ނުވަތަ
 2. 3 މަސްދުވަހާއި 36 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން؛ ނުވަތަ
 3. 200,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދެއްގެ ޖޫރިމަނާއާއެކު 3 މަސްދުވަހާއި 36 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

15 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ޓެކްސް ނެގުމާބެހޭ ގާނޫނެއްގެ ދަށުން ތައްޔާރުކުރެވިފައިވާ އެއްވެސް ލިޔުމެއް ނުވަތަ ޓެކްސް ނެގުމުގެ މަސައްކަތުގެ ތެރޭގައި ލިބޭ ނުވަތަ ހޯދާ ޓެކްސް ދައްކާ ފަރާތާބެހޭ އެއްވެސް މައުލޫމާތެއް އެމް.އައި.އާރ.އޭ ގެ އެއްވެސް މުވައްޒަފަކު ހާމަކޮށްގެންނުވާނެއެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތެއް އެމް.އައި.އާރ.އޭ ގެ މުވައްޒަފަކު  ހާމަކުރުމަކުން މި މާއްދާގެ (ހ)  އާއި ހިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.

 1. އާންމުކޮށް ލިބެންހުންނަ  މައުލޫމާތު؛
 2. އެ މައުލޫމާތެއް ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މައުލޫމާތު؛
 3. ޓެކްސް ނެގުމާބެހޭ ގާނޫނުގެ ދަށުން ހިންގޭ މަދަނީ ށަރީއަތެއްގައި ހާމަކުރެވޭ މައުލޫމާތު؛
 4. ޓެކްސް ނެގުމާބެހޭ ގާނޫނު ނުވަތަ އެނޫންވެސް ގާނޫނެއްގެ ދަށުން ހިންގޭ ޖިނާއީ ށަރީއަތެއްގައި ހާމަކުރެވޭ މައުލޫމާތު؛
 5. ޓެކްސް ނެގުމާބެހޭ ގާނޫނުތައް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އަނެއް މުވައްޒަފަކަށް އެމީހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ހާމަކުރާ މައުލޫމާތު؛
 6. ޓެކްސް ނެގުމާބެހޭ ގާނޫނުތައް މާނަކުރުމުގައި ލަފާހޯދުމަށް ހާމަކުރާ މައުލޫމާތު؛
 7. މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑަބަލް ޓެކްސް އެގްރީމަންޓެއްގެ ބޭނުމަށް ނުވަތަ އެފަދަ އެގްރީމަންޓެއްގެ ދަށުން ހާމަކުރެވޭ މައުލޫމާތު؛
 8. މި މާއްދާގެ (7)  ގައި ނުހިމެނޭ، ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގެ ނުވަތަ އިދާރާއެއްގެ ޓެކްސް ގާނޫނެއްގެ ދަށުން  އެ ގައުމަކަށް ނުވަތަ އިދާރާއަކަށް ނަގާ ޓެކްސްއަކާ ގުޅޭގޮތުން އެ ގައުމެއްގައި ނުވަތަ އިދާރާއެއްގައި ޓެކްސް ގާނޫނު ހިންގުމަށް ހުއްދަލިބިފައިވާ އޮފިށަލުންނަށް ރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ފަރާތަކާބެހޭ ގޮތުން ދޭންޖެހޭ މައުލޫމާތު؛
 9. ދިވެހި ސަރުކާރާއި އެހެން ސަރުކާރަކާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހުގީގަށްޓަކައި ހާމަކުރެވޭ މައުލޫމާތު؛
 10. މައުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭގޮތަށް ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހިމެނުމަށް ހާމަކުރާ މައުލޫމާތު.

(ނ) އެމް.އައި.އާރ.އޭ ގެ ކޮންމެ މުވައްޒަފަކުވެސް ޓެކްސް ނެގުމާބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރަން ފެށުމުގެ ކުރިން އެވަޒީފާއާގުޅޭ ސިއްރުތައް ހިފެހެއްޓުމަށްޓަކައި އިގުރާރެއްގައި ސޮއިކުރަންވާނެއެވެ.

(ރ) އެއްވެސް މީހަކު މި މާއްދާގެ (ނ)  ގައި ބުނެފައިވާ އިގުރާރާއި ހިލާފުވިކަން އެމް.އައި.އަރ.އޭ ގެ ބޯޑަށް ފެނިއްޖެ ހާލަތެއްގައި، އެ ކަމެއް ށަރީއަތުގެ މަރުހަލާއިން ވަކިގޮތެއް ނިމެންދެން އެމުވައްޒަފެއް ވަޒީފާއިން ސަސްޕެންޑްކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

(ބ) އެއްވެސް މީހަކު މި މާއްދާގެ (ނ)  ގައި ބުނެފައިވާ އިގުރާރާއި ހިލާފުވިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ އެމީހެއްގެ އަދަބަކީ:

 1. ވަޒީފާއިން ވަކިކުރުމާއެކު 100,000 ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން؛ ނުވަތަ
 2. ވަޒީފާއިން ވަކިކުރުމާއެކު 3 މަސްދުވަހާއި 24 މަސްދުވަހާއި  ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން؛ ނުވަތަ
 3. ވަޒީފާއިން ވަކިކޮށް 100,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދެއްގެ ޖޫރިމަނާއާއިއެކު 3 މަސްދުވަހާއި  24 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

(ޅ) މި މާއްދާގެ (ބ)  ގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ތާރީހުން ފެށިގެން 5 އަހަރު ފުރުމުގެ ކުރިން އެމް.އައި.އާރ.އޭ އިން ވަޒީފާއެއް އެމުވައްޒަފަކަށް ދީގެންނުވާނެއެވެ.

 

16 ވަނަ މާއްދާ - ލިޔެކިއުންތަކުގައި ސޮއިކުރުން

(ހ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ނުވަތަ އެމް.އައި.އާރ.އޭ ގެ ނަމުގައި ނެރެވޭ ކޮންމެ ލިޔުމެއްގައި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ހުއްދަ ދީފައިވާ މީހަކު ސޮއިކުރަންވާނެއެވެ. އަދި ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ހުއްދަ ދީފައިވާ މީހެއްގެ ސޮއި އޮތް ކޮންމެ ލިޔުމެއް، އަންނަނިވި ކަމެއް މެދުވެރިނުވާހާ ހިނދަކު ބެލެވޭނީ ސައްހަ އެއްޗެއް ކަމަށެވެ.

 1. އެ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އެ ލިޔުމުގައި ބުނެފައިވާ މީހާ ނޫންކަން ސާބިތުވުން، އަދި
 2. އެ ލިޔުމުގެ ކޮޕީ އަކުން ސައްހަ ނޫން ސޮއެއްކަން ސާބިތުވުން.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި އެ ސޮއި އަކީ އަތުން ކޮށްފައިވާ ނުވަތަ ޕްރިންޓް ކޮށްފައިވާ ނުވަތަ ތައްގަނޑަކުން ޖަހާފައިވާ ސޮއެއްކަމަށް ވިޔަސް އެއީ ސައްހަ ސޮއެއްކަމަށް ބެލެވޭނެއެވެ.

 

17 ވަނަ މާއްދާ - ލިޔެކިއުން ފަދަތަކެތި ރައްދުކުރުން

(ހ) ޓެކްސް ނެގުމާބެހޭ ގާނޫނެއްގެ ދަށުން ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ބާރުދޭ މީހަކު ރައްދު ކުރަންޖެހޭ އެއްވެސް ލިޔެކިއުމެއް ރައްދުކުރަންވާނީ   މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) އެއްވެސް މީހަކަށް ރައްދުކުރަންޖެހޭ ލިޔެކިއުމެއް، އެ މީހެއްގެ މަތިން ރާއްޖޭގައި ބަލައިގަތުމުގެ ބާރާއި އިހްތިޔާރު ދީފައިވާ މީހެއްގެ ނަމާއި އެޑްރެސް އެމް.އައި.އާރ.އޭ އަށް އަންގާފައިވާ ކޮންމެ މީހަކަށް ރައްދުކުރަންޖެހޭ ކޮންމެ ލިޔެކިއުމެއް އެމީހަކަށް ރައްދުކުރުމަށްޓަކައި އެ އެޑްރެހަށް ފޮނުވިދާނެއެވެ.

(ނ) ރާއްޖޭގައި ވަޒަންވެރި ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕްއަކަށް ރައްދުކުރަންޖެހޭ ލިޔެކިއުމެއް ރައްދުކުރަންވާނީ ތިރީގައިމިވާ ހަމަތަކުގެ މަތިންނެވެ.

 1. ލިޔެކިއުމެއް ރައްދު ކުރަންޖެހެނީ ކުންފުންޏަކަށް ނުވަތަ ޕާރޓްނަރށިޕަކަށް ނަމަ، ރާއްޖޭގައި ހުރި އެކުންފުނީގެ ނުވަތަ ޕާޓްނަރށިޕްގެ އެޑްރެސްކަމުގައި މި ގާނޫނުގެ ދަށުން އެންމެ ފަހުން އެމް.އައި.އާރ.އޭ އަށް އަންގާފައިވާ އެޑްރެހަށް، ނުވަތަ
 2. ކުންފުންޏެއްނަމަ ސީދާ އެކުންފުނީގެ މަސްއޫލުވާ ފަރާތް، އަދި ޕާޓްނަރށިޕްއެއްނަމަ ސީދާ އެ ޕާޓްނަރށިޕްއެއް ތަމްސީލުކުރާ ޕާޓްނަރަކަށް، ނުވަތަ
 3. ކުންފުންޏަކަށްނަމަ އެކުންފުނީގެ މަސްއޫލުވާ ފަރާތް، ނުވަތަ ޕާޓްނަރށިޕްއެއްނަމަ އެ ޕާޓްނަރށިޕްއެއް ތަމްސީލުކުރާ ޕާޓްނަރު އުޅޭކަމަށް މި ގާނޫނުގެ ދަށުން އެންމެ ފަހުން އެމް.އައި.އާރ.އޭ އަށް އަންގާފައިވާ އެޑްރެހަށް.

(ރ) ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕްއެއް ނޫން އެހެން އެއްވެސް ފަރާތަކަށް ރައްދުކުރަންޖެހޭ ލިޔެކިއުމެއް ނަމަ އެ ލިޔެކިއުމެއް  ހަވާލުކުރަންވާނީ:

 1. ސީދާ އެފަރާތަކާ، ނުވަތަ
 2. ރާއްޖޭގައި އެއްވެސް ވިޔަފާރިއެއް އެމީހަކު ހިންގިކަމަށް މި ގާނޫނުގެ ދަށުން އެމް.އައި.އާރ.އޭ އަށް އަންގާފައިވާ އެޑްރެހަށް، ނުވަތަ
 3. އެ ވިޔަފާރިއެއްގެ މަސްއޫލުވާ ފަރާތް ދިރިއުޅޭ އެޑްރެސްކަމުގައި މި ގާނޫނުގެ ދަށުން އެމް.އައި.އާރ.އޭ އަށް އެންމެފަހުން އަންގާފައިވާ އެޑްރެހަށް.

(ބ) އެއްވެސް މީހަކު މި ގާނޫނުގެ ދަށުން އެމް.އައި.އާރ.އޭ އަށް އަންގަންޖެހޭ އެޑްރެހެއް އަންގާފައިނުވާނަމަ، ރައްދުކުރަންޖެހޭ ލިޔެކިއުމެއް ރައްދުކުރެވޭނީ އެމީހަކު އެންމެފަހުން އުޅޭކަމަށް އެމް.އައި.އާރ.އޭ އަށް އެނގެންއޮތް އެޑްރެހަށެވެ.

(ޅ) މި މާއްދާގެ ދަށުން ޕޯސްޓު މެދުވެރިކޮށް ފޮނުވާ ލިޔުންތައް ފޮނުވަން ވާނީ ރަޖިސްޓްރީ ޕޯސްޓް މެދުވެރިކޮށެވެ. މިގޮތުން ފޮނުވޭ ލިޔުމެއް  އެ ލިޔުން ލިބެންޖެހޭ ފަރާތަށް ލިބުނުކަމަށް ބެލެވޭނީ އެމީހާއަށް ނުވަތަ އެފަރާތެއްގެ އެޑްރެހަށް އެ ލިޔުން ރައްދުކުރެވުމުންނެވެ.

(ކ) އެމް.އައި.އާރ.އޭ އަށް ނުވަތަ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއަށް ރައްދުކުރަންޖެހޭ އެއްވެސް ޓެކްސް ބަޔާނެއް، ނޯޓިސްއެއް، ނުވަތަ އެހެން ލިޔެކިއުމެއް ވިޔަސް ރައްދުކުރަންވާނީ، އެހެން އެޑްރެހަކަށް ބަލައިގަންނާނެކަމަށް އެމް.އައި.އާރ.އޭ އިން އެއްބަސްވެފައި ނުވާހާހިނދަކު އެމް.އައި.އާރ.އޭ ގެ މައި އޮފީހަށެވެ.

(އ) ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް އިލެކްޓްރޯނިކް ސިފައިގައި ބަލައިގަތުމާބެހޭ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކާއި އެއްގޮތަށް ހުށަހެޅޭ ލިޔެކިއުންތައް ވާނީ މި ގާނޫނުގެ ދަށުން ސައްހަ ލިޔުންތަކެއްކަމުގައެވެ.

 

18 ވަނަ މާއްދާ - އެސެސްމަންޓްސް އާއި ނޯޓިސްފަދަ ލިޔެކިއުމެއް ގައި ކުށް ހުރުން

(ހ) ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން އެމް.އައި.އާރ.އޭ އިން ދޫކުރާ "އެސެސްމަންޓެއް" ނުވަތަ އެހެން ލިޔެކިއުމެއް ވިޔަސް، ލިޔެކިއުމެއްގައި އެސެސްކުރުމަށް ކަނޑައަޅާ މީހާގެ އާންމު ނަމުން ނުވަތަ ކާކުކަން ދޭހަވާ ނަމަކުން މުހާތަބު ކުރެވިފައިވާނަމަ، އަދި ގާނޫނުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާގޮތް ނުވަތަ އެ މާނަ ދޭހަވާނަމަ، ލިޔެކިއުމެއްގައިވާ ކުށެއްގެ ސަބަބުން ނުވަތަ ލިޔެކިއުމެއް އޮންނަންވާ ގޮތަށް ނެތުމުން ނުވަތަ ލިޔެކިއުމުން ބައެއް މަދުވެފައިވުމަކުން އެފަދަ ލިޔުމެއް ސައްހަ ނޫންކަމަށް ބަލައިގެން ނުވަތަ އަމަލުނުކޮށް ދޫކޮށްލެވިދާނެކަމަށް ބަލައިގެން ނުވާނެއެވެ.

(ށ) ތިރީގައި ބަޔާންކުރެވިފައިވާ ސަބަބުތަކުންކުރެ ސަބަބަކާހުރެ އެއްވެސް މީހެއްގެ ޓެކްސް އެސެސްމަންޓް އަކަށް ބަދަލެއް ނާންނާނެއެވެ.

 1. ޓެކްސް އެސެސްކުރެވިފައިވާ މީހެއްގެ ފުރިހަމަ ނަމުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން ނުވަތަ ފައިދާ ހިސާބުކުރުމުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން، ނުވަތަ ޓެކްސް ކޮށްފައިވާ އަދަދުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން
 2. ޓެކްސް އެސެސްކުރެވިފައިވާ ފައިސާގެ އަދަދާއި ނޯޓިސްގައި ހިމެނޭ ފައިސާގެ އަދަދުގައިވާ ފަރަގެއްގެ ސަބަބުން

(ނ) މި މާއްދާގެ (ށ)  ގައި އެހެން އޮތްކަމުގައި ވިއަސް އެފަދަ ލިޔެކިއުމެއްގައި ހުރުންލާޒިމުވާ މައިގަނޑު ބައިތައް އުނިވެފައިވުން، ނުވަތަ ރައްދުކުރަންވާ ފަރާތަށް ރައްދުނުކުރެވުން ފަދަ ހާލަތެއްގައި ޓެކްސް އެސެސްމަންޓަށް ބަދަލުގެނެވިދާނެއެވެ.

 

19 ވަނަ މާއްދާ - އިލެކްޓްރޯނިކް ފޯމް

އެމް.އައި.އާރ.އޭ އަށް ބަލައިގަންނަ އަދި އެމް.އައި.އާރ.އޭ އިން އެހެންފަރާތަކަށް ފޮނުވާ ޓެކްސް ބަޔާނާއި، ނޯޓިހާއި ފޯމްތަކާއި އަދި އެހެނިހެން ލިޔެކިއުންތައް އިލެކްޓްރޯނިކް ޒަރީއާއިން ބަލައިގަނެ ނުވަތަ ފޮނުވާ ހެދުމާއިބެހޭ ގަވާއިދުތައް ތަފާތު ހާލަތްތަކުގައި ތަފާތުވާގޮތަށް ހެދުމުގެ ބާރާއި އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުގެ މައުލޫމާތު އެންގުން

(ހ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 3 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުނިތަކާބެހޭ މައުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން އެމް.އައި.އާރ.އޭ އަށް ދޭންވާނެއެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާފަހުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ކޮންމެ ކުންފުންޏަކާބެހޭ މައުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން، އެ ކުންފުންޏެއް ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެމް.އައި.އާރ.އޭ އަށް އަންގަންވާނެއެވެ.

(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއް، ދިވެހިރާއްޖޭގައި ވަޒަންވެރި ކުންފުންޏަކަށްވެއްޖެނަމަ، އެ ކުންފުންޏެއް ދިވެހިރާއްޖޭގައި ގާއިމުވާ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކާބެހޭ މައުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން އެމް.އައި.އާރ.އޭ އަށް އަންގަންވާނެއެވެ.

(ރ) މި ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއްނޫން ކޮންމެ ފަރާތަކުން ގާނޫނަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެމައުލޫމާތު އެމް.އައި.އާރ.އޭ އަށް އަންގަންވާނެއެވެ.

(ބ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ވިޔަފާރިއެއް ފަށާ ކޮންމެ ފަރާތަކުން (ކުންފުންޏަކަށް ނުވާނަމަ)  އެ ވިޔަފާރިއެއް އެ ފަރާތަކުން ފެށި ފުރަތަމަ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެމައުލޫމާތު އެމް.އައި.އާރ.އޭ އަށް އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - މަސްއޫލުވާ މީހާ

(ހ) މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ކުންފުނިތަކުންނާއި ޕާޓްނަރށިޕްތަކުން މި ގާނޫނަށް އަމަލުކުރުމުގައި ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި އެމް.އައި.އާރ.އޭ އަށް އެންގުމުގައި އަމަލުކުރާނެގޮތް ހިމަނަންވާނެއެވެ.

(ށ) އަމިއްލަ ފަރުދަކަށް ޓެކްސްއާބެހޭ ގާނޫނަށް އަމަލުކުރުމުގައި އެފަރާތެއް ތަމްސީލުކުރުމަށްޓަކައި، ސޮއިކުރުމަށްފަހު ޓެކްސް ބަޔާން ހުށަހެޅުމާއި އެއްވެސް ޓެކްސްއެއް ނުވަތަ އިންޓަރެސްޓް އެއް ދެއްކުން ނުވަތަ ގާނޫނާ ހިލާފުވެގެން ދެވޭ އެއްވެސް އަދަބަކާއި ހަވާލުވުން ފިޔަވައި ކޮންމެ ކަމަކަށްވެސް އެހެންފަރާތެއް އައްޔަންކުރެވިދާނެއެވެ.

 

22 ވަނަ މާއްދާ - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުން

(ހ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ އަށް އަންގަންޖެހޭ އެންމެހައި ފަރާތްތަކުގެ ރަޖިސްޓްރީއެއް ("ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީ")  އެމް.އައި.އާރ.އޭ ގައި ލިޔެ ބަލަހައްޓަންވާނެއެވެ.

(ށ) މި ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ އަށް އަންގަންޖެހޭ ފަރާތަކުން އަންގާފައި ވީނަމަވެސް ނުވަތަ ނޫންނަމަވެސް، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ރަޖިސްޓްރީ ފުރިހަމަ ކުރުމަށްޓަކައި، އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމަކުން މައުލޫމާތު ހުށަހެޅުމަށް އެމް.އައި.އާރ.އޭ އިން އެފަރާތަކަށް އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގެ ދަށުން އަންގާ އެންގުމެއްގައި ބަޔާންކޮށްފައިވާ ތާރީހެއްގެ ކުރިން (އަންގާ ތާރީހުން ފެށިގެން 30 ދުވަހަށްވުރެ މަދު ނޫންނަމަ)  އެއަށް އަމަލުކުރަންވާނެއެވެ.

(ރ) އެމް.އައި.އާރ.އޭ ގައި އޮންނަ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީގައިވާ އެފަދަ ފަރާތެއްގެ މައުލޫމާތަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެފަރާތެއްގެ މަސްއޫލުވާފަރާތަކުން، އެ ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން އެމް.އައި.އާރ.އޭ އަށް އަންގަންވާނެއެވެ.

 

23 ވަނަ މާއްދާ - ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރު ދޫކުރުން

(ހ) މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރެއް (ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރ – "ޓިން")  އެމް.އައި.އާރ.އޭ އިން ދޫކުރަންވާނެއެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ "ޓިން"، އެމް.އައި.އާރ.އޭ އާއިއެކު ކުރާ ކޮންމެ މުއާމަލާތެއްގައި ބޭނުންކުރަންވާނެއެވެ.

(ށ) ޓެކްސް ނެގުމާބެހޭ ގާނޫނުގެ ދަށުން އެމް.އައި.އާރ.އޭ އަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް ނުވަތަ މައުލޫމާތެއް ހުށަހަޅާއިރު، އެފަދަ ލިޔުމެއްގައި ނުވަތަ މައުލޫމާތެއްގައި އެފަރާތެއްގެ "ޓިން" ނުހިމަނާނަމަ ބެލެވޭނީ އެފަރާތަކުން ޓެކްސް ނެގުމާބެހޭ ގާނޫނުތަކާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ.

 

2 ވަނަ ބާބު

ތަހުގީގުކުރުމުގެ ބާރުތައް

24 ވަނަ މާއްދާ - ޓެކްސް ދައްކާ ފަރާތްތަކުން ލިޔެކިއުންތައް ހޯދުމުގެ ބާރު

(ހ) މި މާއްދާއަށް އަމަލުކުރެވޭނީ، ޓެކްސް ދައްކަންޖެހޭ އެއްވެސް އަހަރެއްގައި ޓެކްސް ދައްކަންޖެހޭ ފަރާތަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިއްޖެ ހިނދެއްގައެވެ.

(ށ) އެމް.އައި.އާރ.އޭ އިން މި މާއްދާގެ (ހ)  ގައި ބަޔާންކުރާ އެންގުމުގައިވާ މައުލޫމާތު ހޯދުމުގެ ބޭނުމަށް، އެންގުމަކުން، އެއެންގުމުގައި ބަޔާންކޮށްފައިވާ (30 ދުވަހަށް ވުރެ ކުރުނޫން)  މުއްދަތެއްގައި ޓެކްސް ދައްކާ ފަރާތުގެ އަތުގައި ނުވަތަ ބާރުގެ ދަށުގައިވާ ލިޔެކިއުންތައް ތިރީގައި ބަޔާންކުރެވިފައިވާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެމް.އައި.އާރ.އޭ އަށް ހުށަހެޅުމަށް އެންގިދާނެއެވެ.

 1. ޓެކްސް ދައްކާ ފަރާތަކުން އެއަހަރަކަށް ހުށަހަޅާ ޓެކްސް ބަޔާނަކީ ސައްހަ ނުވަތަ ސައްހަ ނޫން އެއްޗެއްތޯއާއި، ސައްހަ ނުވަތަ ސައްހަ ނޫން އެއްޗެއްކަމުގައިވާނަމަ، އެއީ ކިހާ މިންވަރަކަށްތޯ ހޯދުމުގެ ބޭނުމަށް، ނުވަތަ
 2. ޓެކްސް ދައްކާ ފަރާތަކުން އެއަހަރަކަށް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާނަމަ، އެއަހަރަކަށް އެފަރާތަކުން ޓެކްސް ނެގޭ ފައިދާގެ އަދަދު ހޯދުމުގެ ބޭނުމަށް.

(ނ)   މި މާއްދާގެ (ށ)  ގެ ދަށުން ހުށަހެޅޭ ލިޔެކިއުންތަކުގެ ފޮޓޯކޮޕީ ނުވަތަ އެލިޔެކިއުންތަކަކުން ބޭނުންވާ ބައިތައް އެމް.އައި.އާރ.އޭ އަށް ނެގިދާނެއެވެ.

(ރ) މި މާއްދާގެ (ށ)  ގެ ދަށުން ފޮނުވާ އެންގުމުގައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއްވެސް ލިޔެކިއުމެއް ހުށަހެޅުމާމެދު އިއުތިރާޒު ކުރާނަމަ އެކަން އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅިދާނެއެވެ.

(ބ)   އަދި މި މާއްދާގެ ދަށުން މައްސަލައެއް ހުށަހެޅުމުން ޓްރައިބިއުނަލްއިން އެ އެންގުމުގައިވާ އެއްވެސް ކަމަކީ ސައްހަކަމެއްކަމަށް ގަބޫލުކޮށްފިނަމަ އެއެންގުމާއިމެދު އަމަލުކުރެވޭނީ އެމައްސަލައަކާއިމެދު ގޮތެއް ނިންމި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައެވެ.

(ޅ) ޓެކްސް ނެގުމުގެ އެއްވެސް ގާނޫނެއްގެ ދަށުން އެމް.އައި.އާރ.އޭ އިން ކަނޑައަޅާ ޓެކްސްގެ މިންވަރާއި ގުޅިގެން އަންގާ އެންގުން ފޮނުވުމުގެ މުއްދަތު މި މާއްދާގެ (ށ)  ގެ ދަށުން އަންގާ އެންގުމާމެދު އިސްތިއުނާފަށް ހުށަހަޅާފައިވާ ހާލަތުގައި އިތުރުކުރުމަށް ގަވާއިދުތަކުގައި ބަޔާންކުރެވިދާނެއެވެ.

 

25 ވަނަ މާއްދާ - އެހެނިހެން ފަރާތްތަކުން ލިޔެކިއުންތައް ހޯދުމުގެ ބާރު

(ހ) މި މާއްދާގައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މައުލޫމާތު ހޯދުމަށް އަންގާ އެންގުން އެފަރާތަކަށް (ޓެކްސް ދައްކާ ފަރާތަށް)  ފޮނުވާފައި ވަނިކޮށް، އެމް.އައި.އާރ.އޭ އިން އެކަމާއިގުޅޭ މައުލޫމާތު ހޯދުމުގެ ބޭނުމުގައި އެންގުމަކުން އެމައުލޫމާތު އެހެން ފަރާތެއްގެ އަތުން ފޯރުކޮށްދިނުމަށް އެންގިދާނެއެވެ. ނުވަތަ އެއެންގުން ފޮނުވުނު ފަރާތް އިއުތިރާޒު ކުރާނަމަ އެފަރާތުގެ އަތުގައި ހުރި ނުވަތަ އެފަރާތުގެ ބާރުގެ ދަށުގައިވާ ލިޔެކިއުންތައް ބަލާފާސްކުރެވިދާނެއެވެ. އަދި (އެމް.އައި.އާރ.އޭ އަށް ފެންނަ ހާލަތެއްގައި)  އެފަދަ ލިޔެކިއުންތަކުގައިވާ ނުވަތަ ވެދާނެ މައުލޫމާތަކީ މިހާރު ދައްކަންޖެހޭ ޓެކްސްގެ މިންވަރާއި ނުވަތަ މާކުރިން ދައްކަންޖެހިފައިވާ ނުވަތަ ދައްކަންޖެހޭ ޓެކްސް ފަދަ އެހެން އަދަދަކާއި ގުޅުންހުރި މައުލޫމާތުތަކެއް ކަމަށްވާނަމަ އެމައުލޫމާތުތައް އެމް.އައި.އާރ.އޭ އަށް ފޮނުވުމަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމުގައި އެފަރާތަކުން ޓެކްސް ދައްކަންޖެހޭ މިންވަރާމެދު އެމް.އައި.އާރ.އޭ އިން ބަލަމުންގެންދާ ފަރާތުގެ ނަން ބަޔާންކުރަންވާނެއެވެ. އަދި ފޮނުވަންޖެހޭ (ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބޭނެގޮތް ހަދާފައިވާ)  ލިޔެކިއުންތައް ނުވަތަ ހުށަހަޅަންވާ މައުލޫމާތުތައް، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ (އެންގުމުގައިވާ ތާރީހުގެ ފަހުން 30 ދުވަހަށް ވުރެ ކުރުނޫން)  ތެރޭގައި އެމް.އައި.އާރ.އޭ އަށް ފޮނުވުމަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިއުންތަކުގެ ކޮޕީއެއް ނުވަތަ އެލިޔެކިއުންތަކުން ބޭނުންވާ ބައިތައް އެމް.އައި.އާރ.އޭ އަށް ނެގިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމެއްގައި، އެ އެންގުން ފޮނުވަންޖެހުނު ސަބަބުތަކުގެ ހުލާސާއެއް ހިމަނަންވާނެއެވެ. އަދި ފޮނުވާ އެންގުމުގެ ކޮޕީ އަކާއެކު އެ ސަބަބުތައް  ޓެކްސް ދައްކާ ފަރާތަށްވެސް ފޮނުވަންވާނެއެވެ.

 

26 ވަނަ މާއްދާ - އަނގަބަހުން ސުވާލުކުރުމަށްޓަކައި ހާޒިރުކުރުމުގެ ބާރު

އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކްސްގެ މިންވަރާމެދު މައުލޫމާތު ހޯދުމަށް އަންގާއެންގުން ޓެކްސް ދައްކާ ފަރާތަށް ފޮނުވާފައިވަނިކޮށް، ޓެކްސް ދައްކާ ފަރާތް ނުވަތަ،  އެމީހެއްގެ އަތުގައިވާ ޓެކްސް ދައްކާ މީހާގެ ޓެކްސްގެ ކަންތަކާއި ބެހޭ މައުލޫމާތު ހުރިކަމަށް އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭ އެހެން ކޮންމެ ފަރާތެއް އެމް.އައި.އާރ.އޭ އިން ފޮނުވާ އެންގުމަކުން ޓެކްސް ދައްކާ ފަރާތުގެ ޓެކްސްގެ ކަންތައްތަކާބެހޭ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އެ އެންގުމުގައި ބަޔާންކޮށްފައިވާ ތަނަކަށާއި، ވަގުތަކަށް، ހާޒިރުވުމަށް އެންގިދާނެއެވެ.

 

27 ވަނަ މާއްދާ - މި ގާނޫނުގެ 24، 25، އަދި 26 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ބާރުތަކަށް ކަނޑައެޅޭ ހުދޫދު

(ހ) އެމް.އައި.އާރ.އޭ އަށް،

 1. ޓެކްސް ދައްކާ ފަރާތް ޓެކްސް ނެގުމުގެ އެއްވެސް ގާނޫނެއްގައިވާ އެއްވެސް ކަމަކާއި ހިލާފުވެފައިވާ ކަމަށް ނުވަތަ ހިލާފުވެދާނެކަމަށް، އަދި
 2. އެފަދަ ހިލާފުވުމަކީ ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމެއް ކަމަށް، ގަބޫލުކުރެވޭ އެކަށީގެންވާ ހެކިތަކެއް ލިބިފައިނުވާނަމަ، މި ގާނޫނުގެ މާއްދާ 25 ނުވަތަ 26 ގެ ދަށުން އެއްވެސް އެންގުމެއް ފޮނުވައިގެންނުވާނެއެވެ.

(ށ) މި ގާނޫނުގެ 24، 25 ނުވަތަ 26 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ އިން އެއްވެސް ފަރާތަކަށް އެންގުމެއް ފޮނުވުމުގެ ކުރިން ސުވާލު އުފެދިފައިވާ ލިޔެކިއުންތައް ހަވާލުކުރުމަށް ނުވަތަ ލިބޭގޮތް ހެދުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި އެފަރާތުން ނުވަތަ ޓެކްސް ދައްކާ ފަރާތްކަމަށް އެންގުމުގައި ބަޔާންކުރެވިފައިވާ ފަރާތުން ދައްކަންވާ ޓެކްސްއާ ގުޅިގެން ނުނިމިވާ، އިއުތިރާޒު ކުރާ ނުވަތަ އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައަކާމެދު ކަންތައް ކުރާގޮތަކާބެހޭ ލިޔެކިއުންތަކެއް އެފަރާތުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ނ) ލިޔެކިއުންތަކުގެ އަސްލުގެ ބަދަލުގައި ކޮޕީ ހުށަހެޅިދާނެއެވެ. އެކަމަކު،

 1. އެކޮޕީތައް ވާންވާނީ ފޮޓޯއަކަށް ނުވަތަ ފެކްސް  އަކަށެވެ. އަދި
 2. އެންގުމުގައި އެގޮތަށް އަންގާފައިވާނަމަ، އެ އެންގުމުގައި ބަޔާންކޮށްފައިވާ އެއްވެސް ލިޔެކިއުމެއްގެ އަސްލު އެމް.އައި.އާރ.އޭ އިން ތަހުގީގުކުރުމަށްޓަކައި، އެ އެންގުމުގައި ބަޔާންކޮށްފައިއޮވެދާނެ (3 ދުވަހަށްވުރެ ކުރުނޫން)  މުއްދަތެއްގެ ތެރޭގައި އެމް.އައި.އާރ.އޭ އަށް ހުށަހަޅަންޖެހޭނެއެވެ.

(ރ) މި ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އެއްވެސް އެންގުމެއް، މަރުވެފައިވާ ޓެކްސް ދައްކާ މީހެއްގެ ނަމުގައި އެމީހާ މަރުވިތާ 6 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާނަމަ ނުފޮނުވޭނެއެވެ.

(ބ) މި ގާނޫނުގެ 24 ނުވަތަ 25 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކާގުޅިގެން އެއްވެސް ލިޔެކިއުމެއް،

 1. އެލިޔެކިއުމަކީ ޓެކްސް ދައްކާ ފަރާތުން އޮޅުވާލުމުގެ ސަބަބުން ޓެކްސް ގެއްލިފައިވާ ކަމަށް ނުވަތަ ގެއްލިދާނެކަމަށް އެމް.އައި.އާރ.އޭ އަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކިތައް ލިބިފައިވާ ލިޔެކިއުންތައް ފިޔަވާ މުޅި އެލިޔެކިއުމެއް އެކުލަވާލެވިފައިވަނީ އެ އެންގުން ފޮނުވުނު ތާރީހަށް ވުރެ 6 އަހަރުކުރިން ކަމުގައިވެފައިވާ؛ ނުވަތަ
 2. އޭގެ މައްޗަށް ގާނޫނީ އިމްތިޔާޒުގެ ހައްގު، މުވައްކިލުގެ އިޒްނަޔާނުލާ ނަމަވެސް ދެމެހެއްޓޭނެ؛ ނުވަތަ
 3. އެއީ ކުންފުންޏާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން އައްޔަންކޮށްފައިވާ އޮޑިޓަރެއްގެ މިލްކެއްކަމުގައިވާ، ނުވަތަ އެފަރާތުން އުފެއްދި ނުވަތަ އެފަރާތުގެ ބަދަލުގައި އެގާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން އުފައްދާފައިވާ؛ އަދި
 4. އެއީ ޓެކްސް އެޑްވައިޒަރެއްގެ މިލްކެއްކަމަށްވާ އަދި ކަމާގުޅޭ މުއާމަލާތްތަކެއް އޭގައި އެކުލެވިގެންވާ، އެއްވެސް ލިޔެކިއުމެއް އެމް.އައި.އާރ.އޭ އަށް ފޯރުކޮށްދިނުން ނުވަތަ ލިބޭނެގޮތް ހަދާދިނުން އެފަރާތަކަށް ލާޒިމެއްނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ (4)  ގައިވާ "ކަމާގުޅޭ މުއާމަލާތްތައް" ކަމަށް ބުނެފައިވަނީ ޓެކްސް އެޑްވައިޒަރަކާއި،

 1. އޭނާ އެފަރާތެއްގެ ޓެކްސްގެ ކަންކަމާބެހޭގޮތުން އައްޔަންކޮށްފައިވާ ފަރާތެއް، ނުވަތަ
 2. މިފަދަ ފަރާތެއްގެ އެހެން އެއްވެސް ޓެކްސް އެޑްވައިޒަރެއް. މީގެ ބޭނުމަކީ އެއްވެސް މައުލޫމާތެއް، ޓެކްސް ބަޔާނެއް، އަދި ހިސާބުތަކެއް ހިމެނޭ ލިޔެކިއުމެއްފިޔަވާ އެހެން އެއްވެސް ލިޔެކިއުމަކުން ނުވަތަ އެ ފަރާތަކަށް އެންގުން ފޮނުވުނު ފަރާތް (ޓެކްސް އެކައުންޓަންޓެއްގެ ހައިސިއްޔަތުން) އެފަރާތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ޓެކްސްއާގުޅޭ ކަންތައްތައް ތައްޔާރުކުރުމުގައި ނުވަތަ އެމް.އައި.އާރ.އޭ އަށް ފޮނުވުމުގައި އެހީވެދީފައިވާ އެހެނިހެން ލިޔެކިއުމަކުން، އެފަދަ  އެއްވެސް ޓެކްސްގެ މައްސަލައަކާބެހޭގޮތުން ލަފާދިނުން ނުވަތަ ލަފާހޯދުމެވެ.

(ކ) މި މާއްދާގައި؛

"ޓެކްސް އެޑްވައިޒަރަކީ" އަނެކެއްގެ ޓެކްސް ކަންތަކުގައި ލަފާދިނުމަށް އައްޔަންކޮށްފައިވާ ފަރާތެއް (އެފަރާތް އައްޔަންކުރީ އެމީހާ އަމިއްލައަށް ނުވަތަ އޭނާއަށް ޓެކްސްއާ ގުޅޭ ލަފާދޭ އެހެން އެޑްވައިޒަރެއް ކަމުގައި ވިޔަސްމެއެވެ.)

"ޓެކްސް އެކައުންޓަންޓް" އަކީ އެއްވެސް ފަރާތަކާގުޅޭގޮތުން އެއްވެސް މައުލޫމާތެއް، ހިސާބުތަކެއް، ނުވަތަ އެހެންވެސް ލިޔެކިއުމަކީ ޓެކްސްއާބެހޭ ކަމަކަށް ބޭނުންކުރެވޭނެ، ނުވަތަ ކުރުން ގާތް އެއްޗެއްކަން އޭނާއަށް އެނގޭ ލިޔެކިއުމެއް ތައްޔާރުކުރުމުގައި ނުވަތަ ފޮނުވުމުގައި އެހެން ފަރާތްތަކަކަށް އެހީތެރިވާ ނުވަތަ އެހީތެރިވެފައިވާ މީހެކެވެ. އަދި އޭނާގެ ހިދުމަތް ހޯދާބަޔަކީ އޭނާ މިގޮތަށް އެހީތެރިވެފައިވާ އެންމެންނެވެ.

 

28 ވަނަ މާއްދާ - ލިޔެކިއުންތައް އޮޅުވައިލުންފަދަ ކަންތައްތައް

(ހ) މި މާއްދާގެ (ށ)  އަދި (ނ)  އާއެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ 24 ނުވަތަ 25 ވަނަ މާއްދާގެ ދަށުން އެފަރާތަކަށް ފޮނުވާ އެންގުމަކާގުޅިގެން ފޮނުވަންޖެހޭ ނުވަތަ ބަލާފާސްކުރުމަށްޓަކައި ލިބޭނެގޮތް ހަދައިދޭންޖެހޭ ލިޔެކިއުމެއް ގަސްދުގައި އޮޅުވާލުން، ފޮރުވުން، ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ މިއިންކަމަކަށް ހުއްދަދީ ނުވަތަ މިއިންކަމެއް މެދުވެރިވާ ފަދަ ސަބަބެއްކަމުގައި ވެއްޖެނަމަ، އެފަރާތެއް ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާފަދަ ކުށެއް މީހަކު ކުރިކަމަކަށް ތިރީގައިވާ ކަންކަމުގައި ނުބެލެވޭނެއެވެ. އެމީހަކު އެކަމެއްކުރަނީ

 1. އެމް.އައި.އާރ.އޭ އިން ލިޔުމުން ހުއްދަލިބިގެން، ނުވަތަ،
 2. އެލިޔެކިއުން ފޮނުވާފަހުން ނުވަތަ އެލިޔެކިއުމެއް ބަލާފާސްކުރުމުގެ ފަހުން، ނުވަތަ
 3.   މި ގާނޫނުގެ 24، 25 އަދި 26 ވަނަ މާއްދާއާ އެއްގޮތަށް ލިޔެކިއުމެއްގެ ކޮޕީ އެއް ފޮނުވާ އަދި އޭގެ އަސްލު ބަލާފާސްކުރުމުގެ ފަހުން ކަމުގައިވާނަމައެވެ.
 4. އެ މުއްދަތެއް ނިމުމުން އެމުއްދަތާގުޅޭ ރެކޯޑްތައް  ގަވާއިދުގައި ކޮންމެ މުއްދަތަކަށްވެސް ބެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި، ނުވަތަ 
 5. އެހެން އެއްވެސް ހާލަތެއްގައި ފޮނުވާފައިވާ އެންގުމުގައިވާ ތާރީހުން ފެށިގެން 2 އަހަރު ހަމަވުމުގެ ފަހުން ކަމުގައިވެފައި އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެމީހަކަށް އެމް.އައި.އާރ.އޭ ހިތްހަމަޖެހޭ ގޮތަށް އެ އެންގުމަށް އަމަލުކުރެވިފައިނުވާކަން ލިޔުމުން އަންގާފާނުވާ ހާލަތުގައެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާފަދަ ކުށެއް މީހަކު ކޮށްފިކަން ށަރީއަތަށް ސާބިތުވެއްޖެނަމަ އެމީހެއްގެ އަދަބަކީ 250,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 މަސްދުވަހާއި 42 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ ޖޫރިމަނާއަކާއެކު 3 މަސްދުވަހާއި 42 މަސްދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

 

29 ވަނަ މާއްދާ - ލިޔެކިއުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރު

(ހ) އެމް.އައި.އާރ.އޭ ގެ މުވައްޒަފުން އިގުރާރުގައި ސޮއިކޮށްގެންހުރެ ދީފައިވާ މައުލޫމާތުގެ އަލީގައި

 1. ޓެކްސްއާ ގުޅިގެން ބޮޑުއޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރެވެމުންދާ، ކޮށްފައިވާ ނުވަތަ ކުރެވިގެން ހިނގައިދާނެ ކަމަށް ށައްކުކުރުމަށް އެކަށީގެންވާ ހެކި ހުރިކަމާމެދުގަޔާއި، އަދި
 2. މައުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމާމެދު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ގަބޫލުކުރެވޭނަމަ  ޓްރައިބިއުނަލްއިން އެމް.އައި.އާރ.އޭ އަށް އޭގައިވާ ގޮތުގެމަތިން އެތަނަކަށް، އެއަމުރު ނެރޭތާ  14 ދުވަހުގެ ތެރޭގައި ކޮންމެ ވަގުތެއްގައި، ބޭނުންވެއްޖެ ހިނދެއްގައި، އެތަނަކަށްވަދެ ފާސްކޮށް މި މާއްދާއިން ލިބިދީފައިވާ ކޮންމެ ބާރެއްގެ ބޭނުން ހިފުމުގެ އަމުރު ނެރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ އާންމު އުސޫލަށް އުނިކަމެއް އަޔަނުދީ

 1. އޮޅުވާލުމެއް ށާމިލްވާ ކޮންމެ ކުށަކީ، އެކުށް ކުރުމުން އެއްވެސް މީހަކަށް އެކަށީގެންވާ މާލީ ފައިދާއެއް ލިބުމަށް، ނުވަތަ ފުރިހަމައަށް ޓެކްސް ކަނޑައެޅުމުގައި ނުވަތަ ޓެކްސް ނެގުމުގައި އުނިކަމެއް މެދުވެރިވެދާނެ  ނުވަތަ މަގުފަހިކުރުމަށް ގަސްދު ކުރެވިފައިވާ ނުވަތަ މަގުފަހިވެދާނެކަމެއްނަމަ، މި މާއްދާގެ ބޭނުމަށް ބޮޑުއޮޅުވާލުމެއް އެކުލެވޭ ކުށެކެވެ.
 2. ކުށެއް އޭގެ ޒާތުގައި އޮޅުވާލުމެއް ށާމިލްވާކަމުގައި ނުބެލެވޭ ކަމުގައިވިޔަސް އެކަމުގައި ހިގާފައިވާ ކަންތަކުގެ ހިއްސާއެއްވާކަމުން، ނުވަތަ އެކަމެއް ފެނިއްޖެ ހާލަތެއްގައި އެކަމުގެ ސަބަބުން ފުރިހަމައަށް ޓެކްސް ކަނޑައެޅުމުގައި ނުވަތަ ޓެކްސް ނެގުމުގައި އުނިކަމެއް މެދުވެރިވެދާނެ ނުވަތަ މެދުވެރިވުން ކައިރިކަން ގަބޫލުކުރުމަށް އެކަށީގެންވާ ހެކިތައް ހުރިކަމުގައިވާނަމަ އެކުށަކީ ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ގޮތުގައި ބެލިދާނެއެވެ.

(ނ)   ޓްރައިބިއުނަލްއިން ނެރޭ އަމުރެއްގައި

 1. ހުރިހާކަމެއްގައި އިސްވެހުރި އެމް.އައި.އާރ.އޭ ގެ އޮފިސަރު (ކަމާ ހަވާލުވެހުރި އޮފިސަރު) ،
 2. އެބާރުގެ ބޭނުންކުރެވޭނީ ދުވަހެއްގެ ކޮންވަގުތެއްގައިކަން،
 3. ޓްރައިބިއުނަލްއިން ބޭނުންތެރިކަމެއް ކަމުގައި ދެކޭނަމަ، ބާރުގެ ބޭނުންކުރެވޭނީ ޔުނިފޯމުގައިހުރި ފުލުހެއްގެ ހާޒިރުގައިކަން ބަޔާންކުރަންވާނެއެވެ.

 

(ރ) މި މާއްދާގެ ދަށުން ނެރޭ އަމުރެއްގެ ބާރުގެ ދަށުން ތަންތަނަށްވަނުމުގައި ކަމާ ހަވާލުވެހުރި އޮފިސަރަށް

 1. އޭނާއާއިއެކު ގެންދިޔުން ބޭނުންތެރިކަމަށް އޭނާއަށް ފެންނަ އެހެން މީހުން ގެންދެވިދާނެއެވެ.
 2. އެތަނުން ފެންނަ އެއްޗެއް އެއީ މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާފަދަ ކުށަކާގުޅިގެން ހިނގާ ށަރީއަތެއްގެ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެކަމަށް އޭނާއަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ އެއްޗެއް ހިފައިގެންދެވިދާނެއެވެ. އަދި،
 3. އެތަނަކުން ފެންނަ އެހެން މީހަކު އަތުގައި އެފަދަ ތަކެތި ހުރެދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއްވާ ކޮންމެ މީހަކު ބަލާފާސްކުރެވިދާނެއެވެ. ނަމަވެސް، އެ އޮފިސަރަށް އޭނާއާ އެއްޖިންސުގެ މީހެއްނޫން މީހަކު ބަލާ ފާސްކުރެވިގެންނުވާނެއެވެ.

(ބ) އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ އެއްވެސް މައުލޫމާތަކީ

 1. މި މާއްދާގެ (ރ)  ގައިވާ ގޮތަށް ތަންތަނަށްވަނުމުގައި ކަމާ ހަވާލުވެހުރި އޮފިސަރަކަށް މި މާއްދާގެ (ރ) ގެ ގައި ބަޔާންކޮށްފައިވާ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއްއޮތް މައުލޫމާތު އަދި
 2. އެތަނަކުން ވާސިލުވެވެންހުރި މައުލޫމާތު، މި މާއްދާގެ (ރ) ގައި ހިމެނޭ އަތުލުމުގެ ބާރުގެ ދަށުން، ފެންނަ އަދި ކިޔަން އެނގޭނެ ގޮތަކަށް، ފަސޭހައިން ގެންދެވޭނެ، ނުވަތަ މިފަދަ ގޮތަކަށް ފަސޭހައިން ބަދަލުކުރެވޭނެގޮތަކަށް މައުލޫމާތު ހުށަހެޅުމަށް އެންގުމުގެ ބާރު ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި ހިފެހެއްޓުމާއި އަދި ނެރުމުގެ ބާރު ލިބިގެނެއް ނުވެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި "ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި" ކަމަށްބުނެފައިވަނީ،

 1. ގާނޫނީ އެޑްވައިޒަރާއި އޭނާގެ މުވައްކިލާދެމެދު ކުރެވޭ މުއާމަލާތްތައް، ނުވަތަ އެމުވައްކިލަށް ގާނޫނީ ލަފާ ލިއްބައިދޭ ގުޅުމުގައި އޭނާގެ މުވައްކިލު ތަމްސީލުކުރާ ފަރާތާދެމެދު ކުރެވޭ މުއާމަލާތްތައް،
 2. ގާނޫނީ އެޑްވައިޒަރަކާއި އޭނާގެ މުވައްކިލާއި ނުވަތަ މުވައްކިލު ތަމްސީލުކުރާމީހާ ނުވަތަ އެފަދަ ގާނޫނީ އެޑްވައިޒަރަކާއި ނުވަތަ އެފަދަ އެޑްވައިޒަރަކާއި ނުވަތަ ތަމްސީލުކުރާމީހާއާއި އެހެން މީހަކާދެމެދު ކުރެވޭ ށަރީއަތަކާއި ގުޅިގެން ނުވަތަ ށަރީއަތެއްގެ އުއްމީދުގައި ނުވަތަ އެފަދަ ށަރީއަތެއްގެ ބޭނުމަށް ކޮށްފައިވާ މުއާމަލާތުތައް؛ އަދި
 3. ގާނޫނީ ލަފާދިނުމުގެ ގޮތުން؛ ނުވަތަ ގާނޫނީ ށަރީއަތަކާ ގުޅިގެން ނުވަތަ އެފަދަ ށަރީއަތެއްގެ ބޭނުމަށް، ކޮށްފައިވާ މުއާމަލާތްތަކެއްގައި އެކުލެވޭ ނުވަތަ އޭގައި ރިއާޔަތްކޮށްފައިވާ ތަކެތި، އެތަކެތި އެމީހެއްގެ އަތުގައި ބެހެއްޓުމުގެ ހައްގުލިބިގެންވާ މީހެއްގެ އަތުގައި ހުރިކަމުގައިވާނަމައެވެ.

(އ)   ގާނޫނާއި ހިލާފު ކުށެއްގެ މަގްސަދު ކުރިއެރުވުމުގެ ނިޔަތުގައި ބަހައްޓާފައިވާ ތަކެއްޗަކީ ގާނޫނީ އިމްތިޔާޒްގެ ދަށުގައިވާ ތަކެއްޗެއްނޫނެވެ.

(ވ)   ކަމާ ހަވާލުވެހުރި އޮފިސަރު؛

 1. ތަނެއް ފާސްކުރަންފަށާ ވަގުތެއްގައި އެތަނަކާ ހަވާލުވެހުންނަ މީހާ ހާޒިރުވެހުރިނަމަ އެމީހަކަށް އޮފިސަރުގެ ނަން ޖަހާފައިވާ އަމުރުގެ ކޮޕީއެއް ދޭންވާނެއެވެ. އަދި
 2. އެވަގުތުގައި އެތަނަކާ ހަވާލުވެހުންނަ މީހާ ހާޒިރުވެނެތް ނަމަވެސް، އެމީހެއްގެ ބެލުމުގެ ދަށުގައި އެތަންވާކަމަށް އޮފިސަރަށް ފެންނަފެނުމުގައި ހީވާ މީހަކަށް އެފަދަ ކޮޕީއެއް ދޭންވާނެއެވެ.
 3. މި މާއްދާގެ  އަދި (2) ގައިވާ ގޮތަށް އެއްވެސް ކަމެއް ނުވިނަމަ، އެފަދަ ކޮޕީއެއް އެތަނަކުން ފަސޭހައިން ފެންނާނެ ތަނެއްގައި ބާއްވަންވާނެއެވެ.

(މ)   މި މާއްދާގެ ދަށުން ލިބުނު އަމުރާއެކު ތަނަކަށްވަދެ، އަދި ކަމާ ހަވާލުވެހުރި އޮފިސަރު އެއަމުރުގެ ބާރުގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިކަމުގައި ވާނަމަ، އެ އަމުރާއެކު ހިފެހެއްޓުނު ތަކެތީގެ ލިސްޓެއް ހިމަނަންވާނެއެވެ.

 

30 ވަނަ މާއްދާ - ލިޔެކިއުންތައްފަދަ ތަކެތި އަތުލުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެދަށުން ތަނަކުން އެއްޗެއް ނެގުމުގައި ކަމާ ހަވާލުވެހުރި އޮފިސަރަކު؛

 1. އެތަނަކުން އެތަކެތި ނެގުނު ތަނުގައި އުޅޭމީހަކު، ނުވަތަ
 2. އެތަކެތި ނެގުމުގެ ކުރިން އެތަކެއްޗާއި ހަވާލުވެހުރި ނުވަތަ އެތަކެތީގެ މައްޗަށް ބާރު ލިބިގެންވާ މީހަކު،

އެ ގެންދެވުނު ތަކެތީގެ ތަފްސީލު ހޯދުމަށް އެދިއްޖެ ހާލަތެއްގައި،   އެ ތަފްސީލުތައް ދޭންވާނެއެވެ.

(ށ) މި މާއްދާގައި "ކަމާ ހަވާލުވެހުރި އޮފިސަރު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 29 ވަނަ މާއްދާގައި ލިބިދޭ ބާރުގެ ދަށުން ނެރޭ އަމުރެއްގައި އެކަމުގެ އިހްތިޔާރު ލިބިދީފައިވާ ފަރާތެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާ ހަވާލުވެހުރި އޮފިސަރަކު ނަގާ އެއްޗަކީ؛

 1. ށަރީއަތެއްގައި ކުށެއްގެ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނުވަތަ
 2. ފޮރެންސިކް ތަހުލީލަކަށް ނުވަތަ ކުށެއްގެ ތަހުގީގަށް އެ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކޮޕީއަކުން ފުދޭނެ އެއްޗެއްނަމަ، އެފަދަ ކަމެއް ސާބިތުކުރުމަށް ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނެގުމަށް ނުވަތަ ފޮޓޯ ކޮޕީ ހެދުމަށް ހޭދަވާ ވަގުތަށްވުރެ އިތުރަށް އެ އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ.

 

(ރ) މި މާއްދާގެ (ޅ) ގެ ދަށުން ތިރީގައިވާ އެއްޗެއް ބެލުމުގެ ހުއްދައަށް،

 1. ކަމާ ހަވާލުވެހުރި އޮފިސަރަކު ނަގާފައިވާ އެއްޗެއް، އަދި
 2. ކުށެއްގެ ތަހުގީގަށްޓަކައި އެމް.އައި.އާރ.އޭ އިން ހިފަހައްޓާފައިވާ އެއްޗެއް.

ކަމާ ހަވާލުވެހުރި އޮފިސަރެއްގެ ފަރާތުން، އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ހަވާލުވެހުރި ނުވަތަ އެ މީހެއްގެ ބާރުގެ ދަށުގައި އެ އެއްޗެއް ވީ މީހަކު، ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެދިއްޖެނަމަ، އެމް.އައި.އާރ.އޭ ގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެކަމަށް އެދުނު މީހަކަށް އެކަން ފުރިހަމަކޮށްދޭން ވާނެއެވެ.

(ބ) މި މާއްދާގެ (ޅ) ގެ ދަށުން އެފަދަ އެއްޗެއްގެ ފޮޓޯ އެއް ނުވަތަ ކޮޕީއެއް ނެގުމަށް، ކަމާ ހަވާލުވެހުރި އޮފިސަރެއްގެ ފަރާތުން،  އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ހަވާލުވެހުރި ނުވަތަ    އެ އެއްޗެއްގެ މައްޗަށް ބާރު ލިބިގެންވާ މީހަކު ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެދިއްޖެނަމަ، އެ އޮފިސަރަކު

 1. އެމް.އައި.އާރ.އޭ ގެ އޮފިސަރެއްގެ ބެލުމުގެ ދަށުން ފޮޓޯ ނެގުމަށް ނުވަތަ ކޮޕީ ހެދުމަށް އެދުނު މީހާއަށް ފުރުސަތުދީ، ނުވަތަ
 2. ފޮޓޯ ނަގައި ނުވަތަ ކޮޕީ ހައްދައި ނުވަތަ ފޮޓޯ ނެގުމާއި ކޮޕީ ހެދުމަށް މަގުފަހިކޮށްދީ އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމެއް ފުރިހަމަކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން އެއްޗެއް ގެންދެވޭ ކަމަކާއި ހަވާލުވެހުރި އޮފިސަރަށް އެކަށީގެންވާ ސަބަބަކާއި ހެދި އެކަމަށް އުނިކަމެއް އަތުވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެ އެއްޗަކަށް ވާސިލުވުމާއި، ފޮޓޯ ނެގުމާއި، ކޮޕީ ހެއްދުމުގެ ހުއްދަ ދިނުން ލާޒިމެއް ނޫނެވެ.

 1. އެ ތަހުގީގަށް؛
 2. އެ ތަކެތި ގެންދެވުނު ތަހުގީގު ފިޔަވައި އެހެން ތަހުގީގަކަށް؛
 3. ތިރީގައިވާ ސަބަބަކުން އުފެދިދާނެ ޖިނާއީ ކުށަކަށް

         (I) އެ އޮފިސަރަކު ހަވާލުވެހުރި ތަހުގީގަށް ނުވަތަ،

         (II) މި މާއްދާގެ 2 ގައި ބަޔާންކޮށްފައިވާ ފަދަ ތަހުގީގަކަށް.

 

31 ވަނަ މާއްދާ - ކުއްޔަށް ދިނުމާ ގުޅޭ މައުލޫމާތު

(ހ) ނުއުފުލޭ މުދަލެއް ބޭނުންކުރުމާބެހޭ ތިރީގައިވާ މައުލޫމާތު ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު އެމް.އައި.އާރ.އޭ އަށް ލިބިގެންވެއެވެ.

 1. ކުއްޔަށް ހިފައިގެންއުޅޭ ނުވަތަ ބޭނުންކުރާ ކޮންމެ ބަޔަކު ނުވަތަ ކުރިން ކުއްޔަށްހިފި ނުވަތަ ބިން ބޭނުންކުރި ފަރާތަކުން، އެ ފަރާތްތަކުން އަނގަބަހުން ނުވަތަ ލިޔުމުން ވެވިފައިވާ އެއްބަސްވުންތައް ފަދަ މައުލޫމާތު އެމް.އައި.އާރ.އޭ އިން ބޭނުންވާ ގޮތަކަށް،
 2. ބިމެއް ކުއްޔަށް ހިފައިގެންއުޅޭ ނުވަތަ ކުރިން ކުއްޔަށް ހިފައިގެން އުޅުނު ފަރާތަކުން ދައްކަންޖެހޭ ކުއްޔާއި ލިބިގެންވާ އިހްތިޔާރު،
 3. ބިން ބެލެހެއްޓުން ނުވަތަ ކުލީގެ ގޮތުގައި ލިބޭ ފައިސާ އާއި ހަވާލުވާ ނުވަތަ ބިން ބޭނުންކޮށްގެން ލިބޭ އެހެނިހެން ފައިސާއާއި ހަވާލުވުމަށް ހުންނަ އެޖެންޓެއްގެ ފަރާތުން އެފަދަ ކޮންމެ މައުލޫމާތެއް،

 

(ށ) މި މާއްދާގައި "ކުލި" ގެ ތެރޭގައި ކުއްޔަށް ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުންތަކާއި އޭގެ ސަބަބުން ލިބިދޭ އިހްތިޔާރުތައްވެސް ހިމެނެއެވެ. ނަމަވެސް، މީގެތެރޭގައި ރަހުނު ކުރެވޭ ބިންބިމެއް ނުހިމެނެއެވެ. އަދި ކުއްޔަށްދެވޭ ފަރާތްވެސް މާނަ ކުރެވޭނީ  މި ބީދައިންނެވެ. ކުއްޔަށް ދެވިފައިވާ ފަރާތް ބަދަލުވެއްޖެ ހިނދެއްގައި އެ ފަރާތެއްވެސް ހިމެނޭނެއެވެ.

 

3 ވަނަ ބާބު

ލިބެންވާ ޓެކްސް ހޯދުން

32 ވަނަ މާއްދާ - ޓެކްސް ނުދެއްކުމުން ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުން

(ހ) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް މީހާ ދައްކަންޖެހޭ މުއްދަތުގެ ކުރިން ދައްކާފައި ނުވާނަމަ، ނުދައްކާއޮތް ފައިސާއެއް ހޯދުމަށްޓަކައި ކޮންމެ ޓެކްސް އަހަރަކު، އެމް.އައި.އާރ.އޭ އިން  "ކަފާލާ"  އެއްގެ ގޮތުގައި އައްޔަންކުރާ ފަރާތަކަށް ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްގެ ބިމެއްގެ ނުވަތަ އެފަދަ އެހެން މިލްކިއްޔާތެއްގެ މައްޗަށް ޖޫރިމަނާއެއް ކަނޑައަޅާ ނުދައްކާއޮތް ޖުމްލަ ޓެކްސް ހޯދުމުގެ އަމުރު ނެރެންވާނެއެވެ.

(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ނުވަތަ ތިންވަނަ ފަރާތަކުން ދައްކަންޖެހިފައިވާ ޓެކްސްއެއް، ނުވަތަ ޖޫރިމަނާއެއް، ނުވަތަ އެހެންވެސް ފައިސާ އެއް ހޯދުމަށްޓަކައި އެހެން އެއްވެސް ގޮތަކުން މަސައްކަތް ކުރެވިފައިވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން  ނެރޭ އަމުރުތައް ތަންފީޒްކުރުމަށާއި އަދި ޖޫރިމަނާ ކުރެވިފައިވާ މިލްކިއްޔާތުތައް ވިއްކާލުމާއި ބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ބޯޑުންނެވެ.

 

33 ވަނަ މާއްދާ - ލިބެންވާ ޓެކްސް ތިން ވަނަ ފަރާތަކުން ހޯދުން

 1. ޓެކްސް ދައްކަންޖެހި ނުދައްކާއޮތް އެއްވެސް ފަރާތަކުން، އެފަރާތަކުން ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެންވެސް އަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ، އަދި
 2. އެހެން ފަރާތަކުން، "ތިންވަނަ ފަރާތަކުން"، ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ދަރާފައިވާކަމަށް، ނުވަތަ އެފަރާތުން ފައިސާތަކެއް ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ދޭން އުޅޭކަމަށް ނުވަތަ އެފަރާތަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނުވަތަ ދިނުމަށް ކަނޑައެޅިފައިވާ ފައިސާއެއް އެފަދަ ފަރާތެއްގެ އަތުގައި ބެހެއްޓިފައިވާ ކަމަށް، ނުވަތަ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް އެހެން ކޮންމެވެސް ފަރާތެއްގެ އަތުން ފައިސާ ދައްކަންޖެހޭކަމަށް، ނުވަތަ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ފައިސާދެއްކުމަށް އެހެން ކޮންމެވެސް ފަރާތަކަށް ހުއްދަ ލިބިގެންވާކަމަށް، އެމް.އައި.އާރ.އޭ އަށް އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބުރަވެ ގަބޫލުކުރެވޭ ކަމަށްވާނަމަ؛
 3. އެމް.އައި.އާރ.އޭ އިން އެންގުމަކުން ތިންވަނަ ފަރާތަކަށް އެފަދަ ފައިސާއެއް ދެއްކުމަށް އެންގިދާނެއެވެ. އެފަދަ ފައިސާއެއްގެ މިންވަރު، ދައްކަންޖެހި ނުދައްކާފައިވާ ޓެކްސް، ޖޫރިމަނާއެއް އަދި އެހެންވެސް އަދަދަކަށްވުރެ ނުވަތަ މި މާއްދާގެ (2) ގައި ރިއާޔަތް ކޮށްފައިވާ އަދަދަށްވުރެ ބޮޑުވެގެންނުވާނެއެވެ.

(ށ) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަކުން ދައްކަންޖެހޭ ޓެކްސް، ޖޫރިމަނާ އަދި އެހެންވެސް އަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައި ނުވުމާގުޅިގެން އެފައިސާ ހޯދުމަށް ފިޔަވަޅެއް އަޅާފައި ވިޔަސް ނުވަތަ ނުވިޔަސް  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެންގުން ފޮނުވިފައިވާ ތިންވަނަ ފަރާތުން، އެ އެންގުން ފޮނުވާތާ 45 ދުވަހުގެ ތެރޭގައި އެ އެންގުމާ އެއްގޮތަށް އެފައިސާ ދައްކާ ހަލާސްކުރަންވާނެއެވެ. 

(ރ) މި މާއްދާގެ (ހ)  ގެ ދަށުން ފޮނުވާ އެންގުމަކާ ގުޅިގެން ފައިސާއެއް ދެއްކުމުން އެމް.އައި.އާރ.އޭ އިން އެމީހަކަށް ފައިސާ ދެއްކިކަމުގެ ރަސީދެއް ދޭންވާނެއެވެ. އަދި އެ ފައިސާ  ދެއްކި މިންވަރަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ދަރަންޏާމެދު އެމީހަކުވާ ޒިންމާއިން ބަރީއަވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން، ފޮނުވާ އެންގުމަކާއި ދެކޮޅަށް އިސްތިއުނާފުކުރާނަމަ އެ މައްސަލަ އެ އެންގުން ލިބޭތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ހުށަހެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާއި އެއްގޮތަށް އަމަލުކުރަން ފަސްޖެހުނު ފަރާތްތަކުން، ޓެކްސް، ޖޫރިމަނާ އަދި ނުދައްކާއޮތް އެހެނިހެން އަދަދުތައް ދެއްކުމަށް ޒިންމާވާންޖެހޭނެއެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި، އެފަރާތަކީ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްކަމަށް ބަލާ އެ ފައިސާ ހޯދިދާނެއެވެ.

 

34 ވަނަ މާއްދާ - ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމަށް މަދަނީގޮތުން ކޯޓުގައި ދައުވާ އުފުލުން

(ހ) އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް އަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. އެމް.އައި.އާރ.އޭ އިން މިފައިސާ ކޯޓުގައި ދައުވާކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގެ ށަރީއަތުގެ މަރުހަލާތަކުގައި،  ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދަންކަންޖެހޭ އަދަދުގެ ތަފްސީލު ހިމެނޭ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ އަދަދު ސާބިތުކުރުމަށް އޮތް ހެއްކެއްކަމުގަޔާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ށަރީއަތުގެ މަރުހަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ، ރަނގަޅު އަދަދެއް ނޫންކަމަށްވާނަމަ ނުވަތަ އެއަދަދަކާމެދު އިއުތިރާޒު ކުރާކަމަށް ވަނީނަމަ ނުވަތަ އެމައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ އެމައްސަލައެއް ނިންމާތާ 90 ދުވަހުގެތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

  

4 ވަނަ ބާބު

ޑަބަލް ޓެކްސް ނެގޭ ހާލަތްތަކުގައި ދެވޭ ލުއި

35 ވަނަ މާއްދާ - ބޭރު ގައުމުތަކާއެކު ކުރެވޭ ޑަބަލް ޓެކްސް އެގްރީމެންޓް

(ހ) ޑަބަލް ޓެކްސް ނެގޭ ހާލަތްތައް މެދުވެރިވާގޮތް ހުއްޓުވުމަށާއި ނުވަތަ ޑަބަލް ޓެކްސް ނެގޭ ހާލަތްތަކުގައި ލުއި ހޯދާދިނުމަށާއި ނުވަތަ ލިބެންވާ ޓެކްސްއެއް ހޯދައިދިނުމަށާއި ނުވަތަ މިފަދަ ގުޅުންހުރި މައްސަލަތަކުގަޔާއި، ޓެކްސް މަދުން ދެއްކުމާއި ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ހާލަތްތައް ހުއްޓުވުމަށް ނުވަތަ ޓެކްސް މަދުން ދައްކާފައިވާ ނުވަތަ  ޓެކްސް ދެއްކުމުން އެއްކިބާވުންފަދަ ހާލަތްތައް ތަހުގީގުކުރުމަށް މައުލޫމާތު ބަދަލުކުރުމުގައި ދިވެހި ސަރުކާރާއި ބޭރުގެ އެއްވެސް ގައުމެއްގެ ސަރުކާރާދެމެދު އެއްބަސްވުމަކަށް އަންނަ އިރު، އަންނަނިވި ކަންތައްތަކުގެ މައްޗަށް އެއްބަސްވެވިދާނެއެވެ.

 1. އާމްދަނީއިން ނުވަތަ ފައިދާއިން ނެގޭ ޓެކްސްއަށް ލުޔެއް ދިނުން،
 2. ދިވެހިރާއްޖޭގައި ވަޒަންވެރިވެނެތް މީހަކަށް ރާއްޖޭގައިވާ ވަސީލަތްތަކަކުން ލިބޭ އާމްދަނީއިން ޓެކްސް ނެގުން، ނުވަތަ
 3. ދިވެހިރާއްޖޭގައި ވަޒަންވެރިވެނެތް މީހަކަށް ނުވަތަ އެފަދަ ފަރާތެއްގެ އެޖެންސީ އަކަށް، ބްރާންޗްތަކަކަށް ނުވަތަ ރާއްޖޭގައި ގާއިމުކުރެވިފައިވާ ތަންތަނަށް ލިބޭ އާމްދާނީ އާއި ފައިދާ ކަނޑައެޅުން.

(ށ) މިފަދަ އެއްބަސްވުންތަކަށް ޑަބަލް ޓެކްސް ނެގުން ލުއިކޮށްދޭ އެއްބަސްވުންތަކެކޭ ބުނެވިދާނެއެވެ.

 

36 ވަނަ މާއްދާ - ކުރެޑިޓް ދެވޭ މިންވަރުތައް

(ހ) މި މާއްދާގެ ދަށުން އަމަލު ކުރެވޭނީ، ޑަބަލް ޓެކްސް ނެގޭ ހާލަތްތަކުގައި ދެވޭ ލުއިގެ އެއްބަސްވުމުގައި، އެ އެއްބަސްވުން ގާއިމުކުރެވޭ ގައުމަކުން ލިބޭ އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާ އަކުން އެ ގައުމެއްގައި ޓެކްސް ނެގޭނަމަ، ދިވެހިރާއްޖޭގައި އެފަދަ އާމްދަނީއަކުން ނުވަތަ ފައިދާއަކުން ޓެކްސް ދައްކަން ނުޖެހޭނެކަމަށް ބަޔާންކޮށްފައި ވާނަމައެވެ.

(ށ) މި މާއްދާގައި "ފޮރިން ޓެކްސް" ކަމުގައި ބުނެފައިވަނީ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ގައުމެއްގައި ޓެކްސް ނަގާ މިންވަރެވެ. އަދި "އާމްދަނީ" ގައި ފައިދާވެސް ހިމެނެއެވެ.

(ނ) އެއްވެސް އަހަރެއްގެ ޓެކްސްއިން ކުރެޑިޓް ހުއްދަކުރެވޭނީ، އާމްދަނީ ނިސްބަތްވާ ފަރާތް، އެމުއްދަތުގައި ރާއްޖޭގައި ވަޒަންވެރިވެފައިވާނަމައެވެ. އަދި އެކަން ފުރިހަމަވާނަމަ، ކުރެޑިޓް ހޯދުމަށް އެދުމުން، އެފަރާތަކުން ޓެކްސް ދައްކަންޖެހޭ މިންވަރުން ކުރެޑިޓްއަށްވާ އަދަދު އުނިކުރަންވާނެއެވެ.

(ރ) އާމްދަނީ ހިސާބު ކުރުމުގައި

 1. ފޮރިން ޓެކްސްއެއް އުނިކުރުމަށް ހުއްދަ ނުދެވޭނެއެވެ. (އެއީ ފޮރިން ޓެކްސް ނެގޭ އާމްދަނީކަމަށް ވިޔަސް ނުވަތަ އެނޫން އާމްދަނީއެއްކަމަށް ވިޔަސްމެއެވެ.)
 2. ޓެކްސް ނަގަނީ ދިވެހިރާއްޖެއިން ލިބޭ އަދަދަކަށް ބަލައިގެންނަމަ، އެ އަދަދު، ފޮރިން ޓެކްސްގެ ގޮތުގައި ޖެހޭ މިންވަރާއި އެއްފަދަ އަދަދަކަށް އިތުރު ކުރެވޭނެއެވެ.
 3. އެއްބަސްވުމުގެ ދަށުން އާމްދަނީގެ ތެރޭގައި ހިއްސާގެ ފައިދާ ހިމެނޭނަމަ، އެ އާމްދަނީއިން ހިއްސާގެ ފައިދާ އުނިކުރުމަށްފަހު ނުވަތަ ނޫންނަމަވެސް އެއިން ފޮރިން ޓެކްސް ނުދައްކާނަމަ، އެއްވެސް މިންވަރެއްގެ ކުރެޑިޓް ހުއްދަ ކުރާނަމަ ހިއްސާގެ ފައިދާއިން ނެގޭ ޓެކްސްއަށް ކުރެޑިޓް ދެވޭނަމަ ކުރެޑިޓް ކަނޑައެޅުމުގައި ފޮރިން ޓެކްސްއަށް ޖެހޭމިންވަރު އާމްދަނީއަށް އިތުރުކުރަންވާނެއެވެ.

އެކަމަކު މި މާއްދާގެ (1) ، (2)  އަދި (3)  އާއި ހިލާފަށް އާމްދަނީއަށް ލިބޭ ކުރެޑިޓްއަށްވުރެ އާމްދަނީއަށްވާ ފޮރިން ޓެކްސް އިތުރުނަމަ،   އެ އިތުރުވާ އަދަދު އުނިކުރެވޭނެއެވެ.

(ބ) މިފަދަ ހާލަތެއްގައި

 1. ޑަބަލް ޓެކްސް ނެގުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމުގައި، ވަކި ބާވަތެއްގެ ހިއްސާގެ ފައިދާ ހިމެނިފައި އެހެން ހިއްސާގެ ބާވަތްތައް ނުހިމެނި، އެ އާމްދަނީއިން ހިއްސާގެ ފައިދާ އުނިކުރުމަށްފަހު ނުވަތަ ނޫންނަމަވެސް އެއިން ފޮރިން ޓެކްސް ނުދައްކާނަމަ، އެއްވެސް މިންވަރެއްގެ ކުރެޑިޓް ހުއްދަ ކުރާނަމަ ހިއްސާގެ ފައިދާއިން ނެގޭ ޓެކްސްއަށް ކުރެޑިޓް ދެވޭނަމަ، އަދި
 2. އެފަދަ އެއްބަސްވުންތަކުގައި ހިމެނިފައިނުވާ ބާވަތެއްގެ ހިއްސާއެއް ނަމަ، އެ ހިއްސާގެ ފައިދާ ލިބުނު ކުންފުންޏަކީ ހިއްސާގެ ފައިދާ ދިން ކުންފުންޏަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ބާރު ފޯރުވޭ، ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާ އަދަދަކަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ، ކުންފުންޏެއް ނަމަ، އެއްބަސްވުން ތަކުގައި ހިމަނާފައިވާ ބާވަތްތަކުގެ ހިއްސާ އާއި އެއް އުސޫލަކުން ކުރެޑިޓް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭ އެއްވެސް އަހަރަކަށް ކުރެޑިޓް ހޯދުމަށްޓަކައި އެ އަހަރެއް ނިމޭތާ ލަސްވެގެން 2 އަހަރު ތެރޭގައި ހުށަހަޅަންވާނެއެވެ. އަދި ކުރެޑިޓް ދޭންޖެހޭ މިންވަރާއި މެދު ހިޔާލު ތަފާތުވުން އުފެދިއްޖެ ނަމަ، އިއުތިރާޒު ކުރުމާއި އެޕީލް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

(ކ) ދިވެހިރާއްޖޭގައި ނުވަތަ އެހެން ތަނެއްގައި ޓެކްސްއަށް ގެނެވޭ ބަދަލެއްގެ ސަބަބުން، އެއްބަސްވުމެއްގެ ދަށުން ދެވިފައިވާ ކުރެޑިޓް މިންވަރު އިތުރު ނުވަތަ މަދުވެއްޖެ ހާލަތެއްގައި، އެފަދަ ބަދަލެއް ރާއްޖޭގައި ނުވަތަ އެހެންތަނެއްގައި ގެންނަތާ ލަސްވެގެން 2 އަހަރު ތެރޭގައި، އެފަދަ ކުރެޑިޓް މިންވަރަށް ބަދަލު ގެނައުމަށް ޓެކްސްއާބެހޭ މި ގާނޫނު ހުރަހެއް ނާޅައެވެ.

(އ) އެއްވެސް އެއްބަސްވުމެއްގެ ދަށުން، އެއްވެސް އާމްދަނީއެއްގެ ޓެކްސްއިން، ކުރެޑިޓް ދެވޭ ފޮރިން ޓެކްސްއެއް މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން އެ އާމްދަނީއަކަށް ކަނޑައެޅޭ ޓެކްސްއަށް ވުރެ އިތުރުވެގެން ނުވާނެއެވެ. 

(ވ) އެއްވެސް ފަރާތަކަށް ކަނޑައެޅޭ ޓެކްސް ވާންޖެހޭނީ ޓެކްސް ދައްކަންޖެހޭ އަހަރަކު އެފަރާތުގެ ޖުމްލަ އާމްދަނީއިން އެފަރާތަކުން ޓެކްސް ދައްކަންޖެހޭ ރޭޓުން (މިބައިގައިވާ އެއްވެސް ކުރެޑިޓްއެއް ނުހިމަނާ)  ކަނޑައެޅޭ މިންވަރެކެވެ.

 

37 ވަނަ މާއްދާ - ޑަބަލް ޓެކްސް އެގްރީމެންޓްއަކާ ނުލައި ދެވޭ ކުރެޑިޓް

(ހ) ދިވެހިރާއްޖޭގައި އާންމުކޮށް ވަޒަންވެރިވެފައިވާ ފަރާތަކުން (އުނިކުރުމާއިއެކު ނުވަތަ އެނޫންވެސް ގޮތަކަށް)  ރާއްޖެއިން ބޭރުން ލިބުނު އެފަރާތެއްގެ އެއްވެސް އާމްދަނީއަކުން އަދި އެ އާމްދަނީއަކުން ރާއްޖޭގައިވެސް ޓެކްސް ދައްކަންޖެހޭ ފަދަ ހާލަތެއްގައި، އޯވަސީސް ޓެކްސް ދައްކާފައިވާކަން ސާބިތުކޮށްދީފިނަމަ އެފަރާތަކަށް އޯވަސީސް ޓެކްސް ދެއްކި މިންވަރަށް ނުވަތަ ރާއްޖޭގައި ޓެކްސް ނަގަންޖެހޭ މިންވަރު، މި ދެ މިންވަރުން ކުރެ ކުޑަ މިންވަރަކަށް ކުރެޑިޓް ލިބޭނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް "އޯވަސީސް ޓެކްސް" ގެ މާނައަކީ 35 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް ވެފައިނުވާ ކޮންމެ ގައުމެއްގައި ގާނޫނެއްގެ ދަށުން ނެގޭ ވިޔަފާރީގެ ފައިދާގެ ޓެކްސް ނުވަތަ އެފަދަ އެހެން ޓެކްސްއެކެވެ.

(ނ) މި މާއްދާގެ ދަށުން ކުރެޑިޓް ދޭނެ މިންވަރު ހިސާބުކުރުމުގައި މި ގާނޫނުގެ 35 ވަނަ މާއްދާއިން ޑަބަލް ޓެކްސް ނެގުމުގައި ލުއި ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރެވޭނެއެވެ. އަދި އެ މާއްދާގައި ފޮރިން ޓެކްސްއަށް ރިއާޔަތް ކޮށްފައިވާ ފަދައިން އޯވަސީސް ޓެކްސްއަށް ވެސް އަމަލުކުރެވޭނެއެވެ.

 

38 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގައި ހިމެނޭ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ މުވައްޒަފަކަށް ހާމަކުރުމަކީ  މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސިއްރު ކުރުމާއި ހިލާފުވާ ކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ)  އާއި ހިލާފުނުވާ ގޮތަށް ދިވެހިރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކުން އާމްދަނީއިން ޓެކްސް ދެއްކުމުގައި އެއްވެސް އިނާޔަތެއް ނުވަތަ ލުޔެއް ލިބިދާނެނަމަ، އެފަދަ ގައުމަކުން ޓެކްސް ދެއްކުމުގައި ލުޔެއް ހޯދުމަށް، އެ ސަރަހައްދެއްގެ ކަމާބެހޭ އޮފިސަރަކަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތު ހާމަކުރުމަކީ މި ގާނޫނުގެ 15 ވަނަ މާއްދާ އާއި ހިލާފުވާކަމެއް ނޫނެވެ.

 

5 ވަނަ ބާބު

ޓެކްސް އެޕީލް ޓްރައިބިއުނަލް

39 ވަނަ މާއްދާ - ޓްރައިބިއުނަލްއެއް ގާއިމުކުރުން

(ހ) މި ގާނޫނުގެ ދަށުން އުފައްދާ އަދި މި ގާނޫނާ އަދި އެހެންވެސް ޓެކްސްއާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއެއް މި ގާނޫނު ތަސްދީގުކުރާތާ 90 ދުވަސްގެ ތެރޭގައި އުފައްދަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެންވެސް ގާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

(ނ) ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ގަރީނާ ހޯދުމާއި، އަދި މިނޫންގޮތަކުންވެސް މައްސަލައިގެ ހަގީގަތް ހޯދާ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

 

40 ވަނަ މާއްދާ - އިސްތިއުނާފު

(ހ) މި މާއްދާގެ (ށ) ގައިވާ ހާލަތްތަކުގައި މެނުވީ ޓްރައިބިއުނަލްގެ ނިންމުންތަކަކީ އެމައްޗަށް އަމަލުކުރަންޖެހޭ އެންމެ ފަހުގެ ނިންމުންތަކެވެ.

(ށ) ޓްރައިބިއުނަލްއިން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ށަރުއީ އުސޫލުތަކާއި، ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފުވާ ގޮތަކަށްނަމަ، ނުވަތަ އެޓްރައިބިއުނަލްއަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންނަމަ، އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

 

41 ވަނަ މާއްދާ - ޓްރައިބިއުނަލް އެކުލެވިގެންވާގޮތް

(ހ)

 1. ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލްއަށް މެންބަރުން އައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަންކުރަންވާނީ އާންމުކޮށް އިއުލާންކޮށްގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔެކެވެ.
 2. ޓްރައިބިއުނަލްގެ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައީސާއި ނައިބު ރައީސް ހޮވާނީ ޓްރައިބިއުނަލްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

(ށ) ޓްރައިބިއުނަލަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން؛

 1. މަދުވެގެން އެއް މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ޓެކްސްއާބެހޭ ގާނޫނީ ތަޖުރިބާ ހާސިލުކޮށްފައިވާ، ނުވަތަ ޓެކްސް އެކައުންޓެންސީގެ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށްފައިވާ މީހަކަށެވެ.
 2. މަދުވެގެން ދެ މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ގާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލުކޮށްފައިވާ މީހުންނަށެވެ.

(ނ) ޓްރައިބިއުނަލްއަށް އައްޔަންކުރެވޭ ކޮންމެ މެންބަރެއްގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

 1. މުސްލިމަކު ކަމުގައިވުން؛
 2. ދިވެހި ރައްޔިތަކު ކަމުގައިވުން؛
 3.  ބުއްދި ސަލާމަތުންހުރުން؛
 4. އުމުރުން 18 އަހަރު ފުރިފައިވުން؛
 5. މާލީ، ޓެކްސް، ވިޔަފާރި، އާއި އިގްތިސާދު ނުވަތަ ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ގާބިލު ފަރާތެއްކަމުގައިވުން؛
 6. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
 7. އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުން؛
 8. ރިށްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
 9. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން؛
 10. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛
 11. ސިޔާސީ މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛
 12. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛
 13. ސިވިލް ސަރވިސް މުވައްޒަފެއްކަމުގައި ނުވުން؛
 14. މިނިވަން މުސްތަގިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން.

 

42 ވަނަ މާއްދާ - މެންބަރުކަމުގެ މުއްދަތު

ޓްރައިބިއުނަލްއަށް އައްޔަންކުރެވޭ މެންބަރަކު އެ މަގާމުގައި ދެމިހުންނާނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ. މި ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި އެހެން ކޮންމެ މެންބަރަކީ އަލުން ޓްރައިބިއުނަލްއަށް އައްޔަންކުރެވިދާނެ މެންބަރެކެވެ.

 

43 ވަނަ މާއްދާ - މެންބަރުންގެ މުސާރައާއި އިނާޔަތްތައް

ޓްރައިބިއުނަލްގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއާ މަށްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުންނެވެ.

 

44 ވަނަ މާއްދާ - މެންބަރުކަމުގެ މަގާމުން ވަކިކުރެވޭނެގޮތް

(ހ) ޓްރައިބިއުނަލްގެ މެންބަރަކު އޭނާގެ މަގާމުން ވަކިކުރެވޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާއަށެވެ.

 1. ށަރުއީ ހުކުމަކުން އިފްލާސްކުރެވިފައިވުން.
 2. ޖިނާއީ ކުށެއް ކުރިކަން ށަރުއީ ކޯޓަކަށް ސާބިތުވެ ހުކުމްކުރުން.
 3. މެންބަރެއްގައި ހުރުމަށް މި ގާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން.
 4. މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން.

(ށ) ޓްރައިބިއުނަލްގެ މެންބަރަކު އަމިއްލައަށް މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެމެންބަރަކު މަގާމުން ވަކިވީއެވެ.

 

45 ވަނަ މާއްދާ - މެންބަރުކަމުގެ މަގާމު ހުސްވުން

ޓްރައިބިއުނަލްގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެމެންބަރަކު އައްޔަންކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިވެއްޖެނަމަ މުއްދަތުގެ ބާކީ އޮތް ބަޔަށް ގިނަވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަންވާނެއެވެ.

 

46 ވަނަ މާއްދާ - ޓްރައިބިއުނަލް ހިންގުމަށް ބޭނުންވާނޭ ބަޖެޓާއި، އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުން

ޓްރައިބިއުނަލް ހިންގުމަށް ބޭނުންވާނޭ ބަޖެޓާއި، ޓްރައިބިއުނަލްގެ އިދާރާ ހިންގާނޭ ތަނަކާއި، އިދާރީ މުވައްޒަފުންނާއި، އަދި މިނޫންވެސް އެންމެހާ ކަންތައްތައް އެމް.އައި.އާރ.އޭ ގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން ހަމަޖައްސައިދޭންވާނެއެވެ.

 

47 ވަނަ މާއްދާ - ޓްރައިބިއުނަލްގެ ގަވާއިދު

ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލުން މައްސަލަތައް ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޓްރައިބިއުނަލްއާބެހޭ އެހެނިހެން ކަންތައްތައް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ހިމަނަންވާނެއެވެ.

 

6 ވަނަ ބާބު

އިތުރު މާއްދާތައް

48 ވަނަ މާއްދާ - ކުށް ކުރުމަށް އެހީތެރިވުން

ޓެކްސް ނެގުމާބެހޭ އެއްވެސް ގާނޫނެއްގައި ކުށެއްކަމަށް ކަނޑައެޅިފައިވާ ކަމެއް ކުރުމަށް އެހީތެރިވުން، ހިތްވަރުދިނުން، ތާއީދުކުރުން، ލަފާދިނުން، ބާރުއެޅުން، ނުވަތަ ނުފޫޒު ފޯރުވުން ފަދަ އެއްވެސްކަމެއް ކޮށްފިމީހާ މި ގާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.

 

49 ވަނަ މާއްދާ - މަސްއޫލިއްޔަތު އަދާކުރުމަށްދެވޭ މުއްދަތު އިތުރުކުރުން

ރާއްޖޭގައި ނެތުމުގެ ސަބަބުން ނުވަތަ ނުކުޅެދޭފަދަ ބައްޔަކާހުރެ ނުވަތަ ގަބޫލުކުރެވޭ އުޒުރަކާހުރެ ރާއްޖޭގައި ނެތުމުގެ ސަބަބުން މި ގާނޫނުން ދެވިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުކުރެވިއްޖެނަމަ އެމް.އައި.އާރ.އޭ އިން ނުވަތަ ގަވާއިދުތަކާއި އެއްގޮތަށް ހަދާފައިވާ ހުށަހެޅުމެއް ލުމުން ޓެކްސް އެޕީލް ޓްރައިބިއުނަލްއިން މިފަދަ ކަންކަމަށް ދެވިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. ނޫނީ ހާލަތަށް ބަލާ ލަސްވި މުއްދަތު މައާފުކޮށްދެއްވިދާނެއެވެ.

 

50 ވަނަ މާއްދާ - އެމް.އައި.އާރ.އޭ އަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް

މި ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހަޅަންވާނީ އެމް.އައި.އާރ.އޭ އިން މިކަމަށް ތައްޔާރުކޮށްފައިވާ ފޯމްތައް ބޭނުންކޮށްގެންނެވެ. އެމް.އައި.އާރ.އޭ އިން ތައްޔާރުކޮށްފައިވާ ފޯމްތަކުގައި ނޫންގޮތަކަށް ހުށަހަޅާ ލިޔުންތަކަކީ މި ގާނޫނުގެ ދަށުން ހުށަހަޅާފައިވާ ލިޔުންތަކެއްކަމަކަށް ނުބެލެވޭނެއެވެ.

 

51 ވަނަ މާއްދާ - ގަވާއިދު ހެދުމާއި ގާނޫނަށް އަމަލުކުރަން ފެށުން

(ހ) މި ގާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓަނީ އެމް.އައި.އާރ.އޭ އިންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ހަދާ ނިންމަންވާނެއެވެ.

 

52 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު:

"ހުއްދަ ދެވިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ބޭނުމަށް މީހެއްގެ ބަދަލުގައި އޭނާ ތަމްސީލުކުރުމުގެ ހުއްދަ ލިޔުމަކުން ލިބިފައިވާ މީހާއަށެވެ.

 

"ލިޔެކިއުންތައް" ކަމަށް ބުނެފައި އެވަނީ އެއްވެސް ކަހަލަ މައުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.

 

"ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ ގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަގާމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހާއަށެވެ.

 

"ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަން" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރ.އޭ ގެ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްޒޭށަންގެ މަގާމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހާއަށެވެ.

 

"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ  ޓެކްސްއާބެހޭ އެއްވެސް ގާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމަށެވެ.

 

"ޓެކްސްއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ މި ގާނޫނު އަދި ޓެކްސް ނެގުމާބެހޭ އެންމެހައި ގާނޫނުތަކަށެވެ.

 

"ބޯޑު" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ އެމް.އައި.އާރ.އޭ ގެ ޑިރެކްޓަރުންގެ ބޯޑަށެވެ.

 

"ވަޒަންވެރިވުން" ކަމަށް ބުނެފައި އެވަނީ އަމިއްލަ ފަރުދަކު ފިޔަވައި އެހެންފަރާތެއްނަމަ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އެންމެހައި ކުންފުނިތައް ނުވަތަ އެއްވެސް ގާނޫނަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދެވިފައިވާ އެންމެހާ ފަރާތްތަކަށެވެ.

 

"ވަޒަންވެރިވުން" ކަމަށް ބުނެފައި އެވަނީ އަމިއްލަ ފަރުދެއްނަމަ އެއްވެސް ފަރާތެއް ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްދުކޮށް، ނުވަތަ އާންމުކޮށް ދިރިއުޅެމުން ގެންދިޔަ، ނުވަތަ ވަގުތީ ގޮތުން ރާއްޖެއިން ބޭރަށް ދިއުން ފިޔަވައި އާދައިގެ މަތިން ދިރިއުޅުމަށެވެ. ނުވަތަ އެއްވެސް ގާނޫނަކުން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ހުއްދަ ދެވިފައިވާ އެންމެހާ އަމިއްލަ ފަރުދުންނަށެވެ.

 

(ށ) ޓެކްސް ނެގުމާބެހޭ އެއްވެސް ގާނޫނެއްގައި އެއްވެސް ބަހެއް އަދި އެއްވެސް އިބާރާތެއް އެހެން ގޮތަކަށް ބަޔާން ކުރެވިފައި ނުވާހާ ހިނދަކު މާނަ ކުރެވޭނީ މި ގާނޫނުގައި ބަޔާންކުރެވިފައިވާ ގޮތަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

 1. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 75/2021)
 2. އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް ގަވާއިދު (ގަވާއިދު ނަންބަރު 42/2021)
 3. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު (ގަވާއިދު ނަންބަރު 9/2021)
 4. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)
 5. އިލެކްޓްރޯނިކް ޒަރީއާ މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 147/2015
 6. ޓެކްސް އޭޖެންޓުންގެ ގަވާއިދު (ގަވާއިދު ނަންބަރު 36/2016)
 7. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 25/2012)
 8. ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013)
 9. ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އޮންލައިންކޮށް ހުށަހެޅުން ލާޒިމްކުރުން (ގަވާއިދު ނަންބަރު TR-2017/A13)

 

ގުޅުންހުރި އުސޫލު

ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ތެރެއިން ތަރައްގީ ނުކުރެވިހުރި ތަންތަން ތަރައްގީކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގައި އަމަލުކުރާ - 2011

 

 

 

ރިފަރެންސް

8 މާޗް 2010 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާއިން ފާސްކުޅަ "ޓެކްސް ނެގުމާބެހޭ އިދާރީ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 18 މާޗް 2010 (02 ރަބީޢުލްއާޚިރު 1431)  ގައެވެ.

ކިޔުންތެރިންގެ ޚިޔާލު

;