ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2023-76)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ފެބުރުއަރީ 2023 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓ އަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޖީއެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގުސަދަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ޖީއެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ އަށްވަނަ ބާބުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، އެ ފަރާތްތަކުގެ މައްޗަށް އެ ގާނޫނުގެ އަށް ވަނަ ބާބު ތަންފީޒު ކުރުމަށް ބޭނުންވާ ގަވާއިދު އެކުލަވައި ލުމެވެ.
ދެވަނަ ބާބު
ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރުމާއި ފީ ނެގުން
3 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ފެށުން
ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ފަށާނީ، 18 އެޕްރީލް 2023 ގެ 00:00 އިން ފެށިގެންނެވެ.
4 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތު
(ހ) ޕޮއިންޓް އޮފް ސޭލް ގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތަކީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގެ ދެވަނަ ބާބުގެ ދަށުން އެ ކޮތަޅުން ޖީއެސް.ޓީ ލާޒިމުވާ ވަގުތެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތްތަކުގައި، ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ލާޒިމުވާ ވަގުތަކ އެ ކޮތަޅާއެކ ފޯރުކޮށްދިން މުދަލުން ނުވަތަ ހިދުމަތުން، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާއާއި ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގެ ދެވަނަ ބާބުގެ ދަށުން، ޖީއެސް.ޓީ ލާޒިމުވާ ވަގުތެވެ.
(ނ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލެއް ފޯރުކޮށްދިނުމުގައި އަދި އެ ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާކޮށްފައިވާ މުދަލެއް ނުވަތަ ހިދުމަތެއް ފޯރު ކޮށް ދިނުމުގައި ޕްލާސްޓިކް ކޮތަޅެއް ފޯރުކޮށްދިންނަމަވެސް، މި މާއްދާގެ (ށ) ރައްދުވާނެއެވެ. އަދި އެފަދަ ހާލަތެއްގައި، މި މާއްދާގެ (ށ) އަށް އަމަލުކުރުމުގައި ބަލާނީ، އެ މުދަލަކ ނުވަތަ ހިދުމަތަކ ޖީ.އެސް.ޓީ ނެގޭނެ މުދަލެއް ނުވަތަ ހިދުމަތެއްކަމުގައި ބަލައިފިނަމަ ޖީ.އެސް.ޓީ ލާޒިމުވާނެ ވަގުތަށެވެ.
5 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރުން
(ހ) ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި 2 (ދޭއް) ރުފިޔާ ނަގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީ ކަސްޓަމަރުގެ އަތުން ނެގުމަކ ވިޔަފާރި ހަރަކާތް ހިންގާ ފަރާތުގެ ގޮތުގައި މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ.
(ނ) ވިއްކާ ނުވަތަ ފޯރު ކޮށް ދޭ ޕްލާސްޓިކް ކޮތަޅަކ ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވާ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ވިއްކާ ނުވަތަ ފޯރު ކޮށް ދޭ ޕްލާސްޓިކް ކޮތަޅެއް ކަމުގައި ވިޔަސް ނުވަތަ އެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުން-ރޭޓުގައި ޖީ.އެސް.ޓީ ދައްކަންޖެހޭ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅެއް ކަމުގައި ވިޔަސް، އެ ޕްލާސްޓިކް ކޮތަޅުން، ގާނޫނާއި މި ގަވާއިދުގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެއެވެ.
ތިންވަނަ ބާބު
ފީ ގެ މައުލޫމާތު ބަޔާނުގައި ހިމެނުމާއި ފައިސާ ދެއްކުން
6 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ގެމައުލޫމާތު ޖީ.އެސް.ޓީ ބަޔާނުގައި ހިމެނުން
(ހ) ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ނަގައިފައިވާ އަދަދު ޖީ.އެސް.ޓީ ބަޔާނުގައި ހިމަނާނީ ދިވެހި ރުފިޔާއިންނެވެ.
(ށ) ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދެއްކުމަކީ އެ ވިޔަފާރި ހަރާކާތް ހިންގާ ފަރާތުގެ ގޮތުގައި މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީީކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ.
7 ވަނަ މާއްދާ - ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީ ގެ މައުލޫމާތު އިސްލާހުކުރުނ
ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީ އާ ގުޅޭ މައުލޫމާތު އިސްލާހު ކުރެވޭނީ، އެ މައުލޫމާތު ހިމަނައިފައިވާ ޖީ.އެސް.ޓީ ބަޔާން އިސްލާހުކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) އަށް އަމަލުކުރާނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 63 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2011-43 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގެ 83 ވަނަ މާއްދާއާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.
8 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ދައްކަންޖެހޭ ކަރަންސީ
ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންވާނީ ދިވެހި ރުފިޔާއިން ނެވެ.
9 ވަނަ މާއްދާ - ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީނުކޮށް ޕްލާސްޓިކް ކޮތަޅު ވިއްކުން ނުވަތަ ފޯރުކޮށްދިނުން
ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރުމަށް ހުށަހަޅަން ލާޒިމުވާ ފަރާތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީނުކޮށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ވެސް، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ރޭޓުގައި ޕްލާސްޓިކް ކޮތަޅުން ނަގަންޖެހޭ ފީ ނެގުމަށްފަހު މީރާއަށް ހަމަޔަށް އެ ފައިސާ ދައްކަންވާނެއެވެ.
ހަތަރު ވަނަ ބާބު
އާންމު މާއްދާތައް
10 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ގެ މައުލޫމާތު ހުށަނޭޅުމުގެ އަދަބު
ޕްލާސްޓިކް ކޮތަޅުގެ ފީ ގެ މައުލޫމާތު، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިގެން މީރާއަށް ހުށަނާޅާނަމަ ނުވަތަ ފޯރުކޮށް ނުދޭނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުން، ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ ފީ ގެ އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުމާއި، މައުލޫމާތު ފޯރުކޮށް ނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
11 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅުގެ ފީ ނުދެއްކުމުގެ އަދަބު
ޕްލާސްޓިކް ކޮތަޅުގެ ފީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން މީރާއަށް ދައްކަންޖެހޭ ސުންގަޑީގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 66 ވަނަ މާއްދާގެ ދަށުން، ފީ ގެ އަދަދު ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކައި އޮތް އަދަދުގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.
12 ވަނަ މާއްދާ - ގާނޫނާ ހިލާފަށް ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދެއްކުން
ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ނުޖެހޭ ކޮތަޅަކުން ފީ ނަގައިފިނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ފީ ނަގައިފިނަމަ، އެ ގޮތުން ނެގުނު ފައިސާ އެ ކަސްޓަމަރަށް އަނބުރައި ނުދޭހައި ހިނދަކު، ޖީ.އެސް.ޓީ ބަޔާނުގައި އެ ފައިސާ ހިމަނައިގެން، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ.
13 ވަނަ މާއްދާ - ކުނި މެނޭޖުކުރުމުގެ ކުރުމުގެ ހިދުމަތް ދޭ ފަރާތް
ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ށ) ގެ )3 )ވަނަ ނަންބަރުގެ ބޭނުމަށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކަކީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކެވެ.
14 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން
(ހ) ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ހިންގާ ވިޔަފާރި ހަރަކާތުން ވިއްކާ ނުވަތަ ފޯރު ކޮށް ދޭ ޕްލާސްޓިކް ކޮތަޅުން ކަސްޓަމަރުންގެ އަތުން ނަގައިފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީ ގެ އަދަދަކީ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރުކުރެވޭނެ މިންވަރަށް، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 27 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން، އަންނަނިވި ލިޔެކޔުންތައް ބަލަހައްޓަންވާނެއެވެ.
- ގަންނަ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު؛
- ހިލޭ ލިބޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު؛
- ވިއްކާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު؛
- ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު؛
- ހަލާކުވާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު؛
- ކަސްޓަމަރުން އަނބުރައި ރައްދުކުރާ ޕްލާސްޓިކް ކޮތަޅުގެ ތަފުސީލު.
15 ވަނަ މާއްދާ - ޕްލާސްޓިކް ކޮތަޅު އަނބުރައި ރައްދުކުރުން
ކަސްޓަމަރަކަށް ވިއްކި ނުވަތަ ފޯރުކޮށްދިން މުދާ، އެ ކަސްޓަމަރު އަނބުރައި ރައްދުކުރާތީ ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ޕްލާސްޓިކް ކޮތަޅު ކަސްޓަމަރު އަނބުރައި ރައްދުކުރި ނަމަވެސް، އެ ކޮތަޅާ ގުޅިގެން ޕްލާސްޓިކް ކޮތަޅު ގެ ފީ މީރާއަށް ދައްކަންވާނެއެވެ.
16 ވަނަ މާއްދާ - މުދާ އުފުލުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
އެ މުދަލެއް ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކުރުމަށް، އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅަކީ، ގާނޫނާއި މި ގަވާއިދުގެ ބޭނުމަށް، މުދާ އުފުލުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅެއް ނޫނެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކުގެ މާނަ ދީފައިވަނ އަންނަނިވި ގޮތަށެވެ.
(ހ) "މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
(ނ) ޕްލާސްޓިކް ކޮތަޅަށް ނިސްބަތްކޮށް "ފޯރުކޮށްދިނުން" ކަމުގައި ބުނެފައި އެވަނީ،ވިއްކުން ނޫން ގޮތަކަށް ޕްލާސްޓިކް ކޮތަޅު ދިނުމަށެވެ. (ނޯޓް: މި ނަންބަރުގައި (ށ) ގެ ބަދަލުގައި (ނ) ދެވިފައިވަނީ އޮޅުމަކުން ކަމަށް ބެލެވޭ)
18 ވަނަ މާއްދާ - އެހެން ގާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން
މި ގަވާއިދު ކިޔާނީ، ގާނޫނު ނަންބަރު 2022-24 (ކުނި މެނޭޖު ކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި، އެ ގާނޫނުތަކުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާ ހައި ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
19 ވަނަ މާއްދާ - ގަވާ އިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު