-

ކައުންސިލްތަކުން ށަކުވާ ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-24)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) ގެ 40 ވަނަ މާއްދާއާއި 41 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކައުންސިލްތަކުން ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގު ސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނު) ގެ ދަށުން ވެވޭ ކުލީގެ އެއްބަސްވުމަކާ ގުޅިގެން، ނުވަތަ ކުއްޔަށްދޭ ތަނަކާ ގުޅިގެން، ނުވަތަ ކުލީގެ މުއާމަލާތަކާ ގުޅޭ އެނޫންވެސް ކަމަކާ ގުޅިގެން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ށަކުވާ ބަލައިގަތުމުގައްޔާއި ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

ގަވާއިދުގެ ދަށުން، ތިރީގައިވާ ކަންކަމާ ގުޅޭގޮތުން، ކުއްޔަށް ދީފައިވާ ތަން ހިމެނޭ ކައުންސިލަށް ނުވަތަ އެ ތަނުގެ އިހްތިސާސް ލިބިގެންވާ ކައުންސިލަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ހ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނުގެ ދަށުން ވެވޭ ކުލީގެ އެއްބަސްވުމަކާ ގުޅިގެން ނުވަތަ ކުއްޔަށްދޭ ތަނަކާ ގުޅިގެން ނުވަތަ ކުލީގެ މުއާމަލާތަކާ ގުޅޭ އެނޫންވެސް ކަމަކާ ގުޅިގެން، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ހިލާފަށް ތަން ކުއްޔަށް ދީފައިވާނަމަ، ނުވަތަ ކުއްޔަށްދޭ ފަރާތުން ނުވަތަ ކުއްޔަށްހިފާ ފަރާތުން އެ ގާނޫނާއި އެ ގަވާއިދުތަކާ ހިލާފަށް އަމަލުކުރާނަމަ، އެކަމުގެ މައުލޫމާތު ލިބިފައިވާ ކޮންމެ މީހަކަށް ކައުންސިލަށް ށަކުވާ ހުށަހެޅިދާނެއެވެ.

 

4 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގައި އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކައުންސިލަށް ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ށަކުވާގެ ސިޓީއަކުން، ނުވަތަ ލިޔުމަކުން، ނުވަތަ އީމެއިލްގެ ޒަރީއާއިން، ނުވަތަ ކައުންސިލުން ށަކުވާ ހުށަހެޅުމަށް އެހެން ގޮތެއް ހަމަޖައްސައިދީފައިވާނަމަ، އެ ގޮތެއްގެ މަތީން ކައުންސިލަށް ށަކުވާ ހުށަހެޅިދާނެއެވެ.

 

5 ވަނަ މާއްދާ - ށަކުވާ އަނބުރާ ގެންދިޔުމުގައި އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ ދަށުން ކައުންސިލަށް ށަކުވާ ހުށަހެޅުމަށްފަހު، އެ ށަކުވާއާ ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމުގެ ކުރިން އެ ށަކުވާ އަނބުރާ ގެންދިއުމަށް ށަކުވާ ހުށަހެޅި ފަރާތުން ބޭނުންވާނަމަ، ވީހާވެސް އަވަހަށް ލިޔުމުން، ނުވަތަ އީމެއިލްގެ ޒަރީއާއިން، ނުވަތަ މިނޫންވެސް ގޮތަކަށް ކައުންސިލަށް އެކަން އަންގަންވާނެއެވެ.

 

6 ވަނަ މާއްދާ - ހުށަހަޅާ ށަކުވާގައި ފުރިހަމަވާންޖެހޭނެ ކަންކަން

މި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހަޅާ ށަކުވާގައި، އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

(ހ) ށަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އެ ފަރާތާ ގުޅޭނެ ފޯނު ނަންބަރު.

(ށ) ށަކުވާ ހުށަހަޅާ ސަބަބު ތަފުސީލުކޮށް ބަޔާންކުރުން.

(ނ) ށަކުވާގައި ހިމެނޭ، ކުއްޔަށް ދީފައިވާ ތަނުގެ މައުލޫމާތު.

(ރ) ށަކުވާ ރައްދުވާ ފަރާތުގެ މައުލޫމާތު.

(ބ) ށަކުވާއާ ގުޅުންހުރި ލިޔެކިޔުން.

 

7 ވަނަ މާއްދާ -- ށަކުވާ ބަލައިގަތްކަން، ށަކުވާ ހުށަހެ ޅި ފަރާތަށްއެންގުން

ދިރިއުޅުމުގެ ބޭނުމަށް ގޯތިގެދޮރު ކުއްޔަށް ދިނުމާ ގުޅޭގޮތުން ކައުންސިލަށް ށަކުވާއެއް ލިބިއްޖެނަމަ، އެ ށަކުވާ ހުށަ ހެޅި މީހާއަށް ނުވަތަ ފަރާތަކަށް އެކަން ސިޓީއަކުން ނުވަތަ އީމެއިލްގެ ޒަރީއާއިން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ށަކުވާ ބެލުން

(ހ) މި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ށަކުވާތައް ބެލުމަށް ކައުންސިލްތަކުގެމެންބަރުންނާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކޮށް، މަދުވެގެން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް، ކައުންސިލުގައި އޮންނަންވާނެއެވެ. މި ކޮމިޓީ، މި ގަވާއިދަށް އަމަލު ކުރަން ފަށާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

(ށ) މި ކޮމެޓީއަކީ، ސިޓީއެއްގައި ނަމަ، މޭޔަރު އެކުލަވައިލާ ކޮމެޓީއެކެވެ. އަދި ރަށެއްގައިނަމަ، ރަށު ކައުންސިލުގެ ރައީސް އެކުލަވައިލާ ކޮމެޓީއެކެވެ.

(ނ) ކޮމެޓީގެ މެންބަރަކު އިސްތިއުފާ ދީފިނަމަ، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި،ބަދަލުގައި މެންބަރަކު އައްޔަނު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ށަކުވާ ބެލުމުގައި އަމަލުކުރާނެ ގޮތް

(ހ) ކައުންސިލްތަކަށް ހުށަހެޅޭ ށަކުވާތައް ބެލުމުގައި ކޮމިޓީން އަމަލުކުރާނީ، ތިރީގައިވާގޮތުގެ މަތީންނެވެ.

  1. ހުށަހަޅައިފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކާއި، މަސްލަހަތު ފުށުއަރާ ފަދަ ފަރާތެއް ކޮމިޓީގައި ހިމެނޭނަމަ، އެ ށަކުވާއެއް ބެލުމުން އެ ފަރާތް ތަނާޒުލު ވާންވާނެއެވެ. 
  2. ކޮމެޓީން މައްސަލައެއް ނިންމަންވާނީ، ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
  3. ށަކުވާ ހުށަހަޅާ ފަރާތާއި، ށަކުވާ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީން ދޭންވާނެއެވެ.
  4. ކޮމިޓީގެ ބައްދަލުވުންތަކާއި، އެ ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ޔައުމިއްޔާކޮށް، އެ ޔައުމިއްޔާތައް ކައުންސިލުތަކުން ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، އެ މެންބަރަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރީންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރީންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނާ ގުޅޭ ށަކުވާ ނުވަތަ އެ މުވައްޒަފެއްގެ ވިޔަފާރީގެ ހިއްސާ އޮންނަ ތަބައީ ނުވަތަ ގާނޫނީ ށަހްސަކާ ގުޅޭ ށަކުވާއެއްނަމަ އެއީ މަސްލަހަތު ފުށުއަރާނެ ހާލަތެއް ކަމަށް ބެލެވިދާނެއެވެ.

(ނ) ކައުންސިލަށް ށަކުވާ ލިބޭތާ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ށަކުވާއާމެދު ގޮތެއް ނިންމައި، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ކައުންސިލުން ށަކުވާއެއް ބެލުމަށްފަހު، އެއްވެސް ފަރާތަކުން އިސްލާހުކުރަންޖެހޭ ކަމެއް އޮތްކަމަށް ކައުންސިލުން ނިންމާނަމަ، އެ ކަމެއް އިސްލާހުކުރުމަށް ކައުންސިލުން އަންގަންވާނެއެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ކައުންސިލު ގެ ނިންމުން ކޯޓަށް ހުށަހެޅުމާއި، ކައުންސިލު ގެ ނިންމުން ތަންފީޒުކުރުން

(ހ) މި ގަވާއިދުގެ ދަށުން ށަކުވާއެއް ބަލައިފައި، ކައުންސިލުން ނިންމާ ނިންމުމާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ، ކައުންސިލުގެ ނިންމުން ލިބޭތާ، ރަސްމީ ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ނިންމުން ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު، އެ ށަކުވާގައިވާ މަ ސްލަހަތު ހިމެނޭ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފައި ނުވާނަމަ، ކައުންސިލުގެ ނިންމުމާމެދު ށަކުވާ ހުށަހެޅުމުގެ ފުރުސަތު ދޫކޮށްލީކަމުގައި ބެލެވޭނެއެވެ.

(ނ) ކައުންސިލުން ނިންމާ ނިންމުމެއް އެއްވެސް ފަރާތަކުން ކޯޓަށް ހުށަހަޅައިފައި ނުވާ ހާލަތުގައި، އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަސް ހަމަވުމާއެކު، އެ ނިންމުން ތަންފީޒު ކޮށްފައިވޭތޯ ބަލައި، އެ ނިންމުން ތަންފީޒުކޮށްފައި ނުވާނަމަ، އެ ނިންމުން ތަންފީޒު ކުރުމަށް ޓަކައި ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދުށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ ބޭނުމަށް، އަންނަނިވި އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) "ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް، އަދި އެއްބަސްވާމުއްދަތަކަށް، ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.

(ށ) "ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ގެނައުމަށް ނުވަތަ އުނިއިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާ ގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެ މަތީންނެވެ.

(ނ) "ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކަށެވެ.

(ރ) "ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.

(ބ) "ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.

(ޅ) "ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭ ގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެން ފަރާތަކަ ށް ދިނުމަށެވެ.

(ކ) "ކައުންސިލްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭގޮތުންނެވެ.

(އ) "ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.

(ވ) "ގާނޫނު" ނުވަތަ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނު" ކަމަށްބުނެފައި އެވަނީ، ގާނޫނު ނަންބަރު 21/2021 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު) އަށެވެ.

 

މައި ގާނޫނު

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2021-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު